ވަގުތު އައިސް ޖެހިއްޖެކަން އެޒުވާނާއަށް ވަގުތުން ނަގައިގަނެވުނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އެޒުވާނާ އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވެލިއެވެ. އަދި ހަށިގަނޑުގައި ހަރުލާފައި ހުރި ވެލިތައް އަވަސްއަވަހަށް ފޮޅާލިއެވެ. އޭރު ލުއި ފިޔަވަޅުތަކެއްގައި އައި މެދު އުމުރުގެ އަންހެންމިހާ އެޒުވާނާއި އަރާހަމަކުރަނީ އެވެ.
”ދަރިފުޅު ވާނީ މިތާނގައިކަން އެނގޭތީވެ މަންމަ މިއައީ… ވަގުތު އައިސް ޖެހިއްޖެކަން އެބައިނގޭ ދޯ؟…” ބަރްކާ އޭނަގެ ފިރިހެންދަރިފުޅުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެނީ ހުރި ހަމައެކަނި ފިރިހެންދަރިފުޅާއި މެދު ކަންބޮޑުވެފައިވާ މިންވަރެވެ.
”ޒިޔަޒަން…” ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވާލަމުން ބަރްކާ ގޮވާލިއެވެ. އަދި އޭނައާއި ދާދި އެއް އިސްކޮޅެއް ލިބިފައިވާ ޒިޔަޒަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާއެކު މެދުއުޑުން ފާޅުވަމުން އައި ހަނދާއި ވަކިވެގެން އައި ޒިޔަޒަންގެ ނަޒަރު ހުއްޓުނީ އޭނަގެ މަންމަ އަށެވެ.
”ދަރިފުޅު ނެތިގެން ބައްޕަ މިހާރު ހޯދާނެ… އެމީހުންނާއެކު ދަރިފުޅު ދާން ބައްޕަ ބޭނުންވޭ… ތިހެން މިތަނަށް އައިސް ހުރީމަ ކަމަކުނުދާނެެ، ބައްޕަ ދަރިފުޅު ދެކެ ހިތްހަމަނުޖެހެންތަ ބޭނުންވަނީ؟…” ބަރްކާ ބޭނުންވީ އޭނަގެ ދަރިފުޅަށް ވިސްނައިދޭށެވެ. ޒިޔަޒަންގެ އަމަލުތަކުން ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މިހާރު ވެސް ޒިޔަޒަން އެދަނީ ފާޅުގައި ޚާތިބުގެ ނިންމުމާއި ދެކޮޅުހަދަމުންކަން އެނގޭތީވެއެވެ.
”އަނެއްކާ އެމީހުންގެ ތެރެއަށް ދާން ބައްޕަ ބޭނުންވާއިރު މަންމަ އެކަމަށް އެއްބާރުލުން ތިދެނީ ކީއްވެތަ؟… ކުރިން ކަންތައް ވެދިޔަ ގޮތް މަތިން އެހާ އަވަހަށް ހަނދާން ނެތުނީތަ؟، އެހާދިސާ ހިނގިއިރު އަހަރެން ކުޑަކަމުގައި ވިޔަސް ކަންތައް ވެދިޔަ ގޮތް ހަނދާން އެބަހުރި. އެދުވަހު އަހަރެންގެ ދޮންބެއާއި ކޮއްކޮ މިދުނިޔެ ދޫކޮށް ދިޔައީ… އަނެއްކާ ވެސް އިންސީންގެ ތެރެއަށް ދިއުމުގެ ބޭނުމަކީ ކޮބާތަ؟… އެމީހުންނަށް ވެސް އަހަރުމެނަށް ގެއްލުން ދިނުމުގެ ޤާބިލުކަން ލިބިފައިވެއެއްނު؟… ދެން ވެސް އެކަމަށް މަންމަ އެއްބާރުލުން ތިދެނީ ކީއްވެ؟…” ޒިޔަޒަން އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކުރަމުން ވާހަކަދެއްކިއެވެ. ބަދަލުހިފުމުގެ ރޫހުގައި ބައްޕަ އަޅާފާނެ ކަތި ފިޔަވަޅަކާ މެދު އޭނަ ކަންބޮޑު ވެއެވެ. އޭނަގެ ޢާއިލާގެ އިތުރު މެންބަރަކަށް ގެއްލުމެއް ވާތަން ދެކޭކަށް އޭނަގެ ހިތެއް ނޭދެއެވެ. ހަމައެއާއެކު މަންމަ ހިތާމަކުރާތަން އަލުން ދުށުމަށް ވެސް އޭނަ ބޭނުމެއް ނުވެއެވެ.
”ދަރިފުޅު ބޭނުމެއް ނުވޭތަ ބަދަލު ހިފާކަށް؟… އެމީހުން ކުރި ކަންތަކުގެ އަޖުމަ އެމީހުނަށް ލިބެންޖެހޭނެ! އިންސާފު ހޯދައިދެވޭނީ އޭރުން…” ބަރްކާގެ ވާހަކަދެއްކުމުގެ ރާގު ކުއްލިޔަކަށް ބަދަލުވެގެން ދިޔަ އެވެ. އޭނަގެ އަޑުގައި ހަކުރަށިކަމާއި ހިތާމަވެރިކަން ވެސް އެކުލެވިފައި ވިއެވެ.
ޒިޔަޒަން އޭނަގެ މަންމައަށް ބަލާލީ އެޖުމްލަ އޭނަގެ މަންމަގެ ދުލުން ނިކުތްކަމުގައި ވިޔަސް އެއީ އޭނަގެ ބައްޕަގެ ލަފުޒުތަކެއްކަން އެނގޭތީއެވެ. އިންސީންގެ ދުނިޔެއަށް އަނބުރާދިއުމާމެދު އޭނަގެ މަންމަގެ ވިސްނުން ހުރީ މުޅިން ތަފާތު ގޮތަކަށެވެ. އެކަމުގެ ސަބަބުން އަނެއްކާ ވެސް ނުރައްކާތެރި ކުޅިގަނޑެއް ފެށިގެން ހިނގައިދާނެތީއެވެ. އޭގެ އަގު މައުސޫމް ފުރާނަތަކަކުން އަދާކުރަން ޖެހިދާނެތީއެވެ.
”މަންމާ…” ބަރްކާގެ އެސްފިޔަތައް ފޫދުއްވާލާފައި ފައިބައިގެން އައި ކަރުނަތައް ފެނި ޒިޔަޒަންއަށް ގޮވާލެވުނެވެ. އެހިނދު ކަރުނައިން ފުސްވެފައިވާ ދެލޮލުން ބަރްކާ ބަލާލިއެވެ.
”މަންމައަށް ކަމެއްކޮށްދޭން ބޭނުން ކަމުގައިވަނީނަމަ ދަރިފުޅުގެ ބައްޕަގެ އެދުން ފުރިހަމަކޮށްދީ…” ޒިޔަޒަންގެ އަތްތިލައިގައި ހިފާލަމުން ބަރްކާ ބުނެލިއެވެ. ”ދަރިފުޅު އެކަމާއި ދެކޮޅު ހަދައިފިނަމަ ބައްޕަ ރުޅިއަންނާނެވަރު ރަގަޅަށް އެނގޭނެ… މަންމަ ބޭނުމެއް ނޫން ތި ދެބަފައިންގެ ދެމެދުގައި ރުޅިވެރިކަން އުފެދޭކަށް…”
މަންމަގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާކަށް ޒިޔަޒަންއަކަށް ނުކެރުނެވެ. އޭއާއެކު ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ޒިޔަޒަން ބޯޖަހާލިއެވެ. ނުތަނަވަސްކަން ވެރިވެފައިވި ބަރްކާގެ ހިތަށް ޒިޔަޒަން ދިން ޔަޤީންކަމާއެކު ހަމަޖެހުން ލިބިގެން ދިޔަ އެވެ. އެހެނަސް އޭނަގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. އެހެނީ ޒިޔަޒަން ދިން އިންޒާރުތަކަކީ ހަނދާންނައްތާލެވޭނެ ކަމަކަށް ނުވާތީއެވެ. އިންސީންގެ ދުނިޔެއަށް އަނބުރާ ދިއުމުގެ ނަތީޖާ އަބަދުވެސް ގޯސްވާތީއެވެ.
*****
ކުޑަދޮރުގެ ދާރައަށް ލެނގިލައިގެން ހުރި ޝާޢާ އޭނަގެ ލޮލުން ފައިބައިގެންދާ ކަރުނަތައް އިރުއިރުކޮޅާ ފޮހެލައެވެ. ހާމަވެގެން ދިޔަ ހަޤީޤަތާއެކު އޭނަގެ މޫނުމަތިން ސިހުމާއި ބިރުވެރިކަމުގެ ލިސާންތައް ވެސް ފާޅުވަމުން ދިޔަ އެވެ. ޝާޢާގެ ހަރަކާތްތަކަށް ބަލަން ސޯފާގައި އިން ހަދީޖާ ތެދުވެލިއެވެ. އޭރު ވެސް ޖައުފަރު އިނީ އިސްތިރިކޮށްލައިގެންނެވެ. އޭނަގެ ސިކުނޑިވަނީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. ޝާޢާއަށް ރައްކާތެރިކަން ދޭން ކުރި ކަންތަކުގެ ނަތީޖާ ނުފެންނާތީއެވެ. މިއަދު ޝާޢާއަށް ދިވާމި ހާދިސާތަކުން އެކަމަށް ހެކިދޭތީއެވެ. އެވަގުތު ވާޤިދު ދެއްކި ވާހަކަތައް ވެސް ޖާބިރު ސިކުނޑީގައި ތަކުރާރުވާން ފެއްޓިއެވެ. ޝައިތާނާއަށް އިތުބާރުކުރެވުން އެއީ އޭނައަށް އެޅުނު ޅައެއްޗެއް ބާވައެވެ.
”ޝާޢާ…” އޯގާތެރިކަމާއެކު ޝާޢާގެ ބުރަކަށީގައި ފިރުމާލަމުން ހަދީޖާ ބުނެލިއެވެ. ޖާބިރާއި ދެކޮޅަށް ޝާޢާއަށް ހަޤީޤަތް ހާމަކުރީ ހަދީޖާއެވެ. އިތުރަށް ޝާޢާއަށް ކަންތައްތައް ސިއްރުކުރުމުގެ ނަތީޖާ ރަގަޅު ނުވާނެކަން އޭނައަށް އެނގޭތީއެވެ. ކިތަންމެ ބޮޑު ސިހުމެއް ލިބުނުކަމުގައި ވިޔަސް ކޮންމެވެސް އެއްދުވަހަކުން އެހަޤީޤަތާއި ކުރިމަތިލާން ޖެހޭނެކަން އޭނައަށް އެގެއެވެ. ދުނިއުމުރަށް އެއްވެސް ކަމެއް ސިއްރުނުކުރެވޭނެތީއެވެ.
ޝާޢާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އޭނައަށް ހަދީޖާގެ ވާހަކަތައް ވެސް އަޑު ނީވޭ ކަހަލައެވެ. އިތުރު އެއްވެސް ކަމަކަށް ސަމާލުކަން ދެވޭވަރަށް ވުރެ އޭނަގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑު ބޮޑެވެ. ބޮލުގެ ނާރުތަކަށް ވާންވެފައިވާއިރު ތޫނު ރިހުމެއް ވެސް އުފެދިފައި ވެއެވެ. އޭނައަށް ދިމާވެފައިވާ ހާދިސާތަކާއި، ފެންނަ ބިރުވެރި ހުވަފެންތަކުގެ ފަހަތުގައި އެފަދަ ބިރުވެރިކަމެއް ފޮރުވިފައި އޮވެދާނެކަމަކަށް އޭނައަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ހަމައެއާއެކު އޭނަގެ މައިންބަފައިންގެ ނިމުން އައި ހިތްދަތި މަންޒަރު ސިފަވެގެންދާ ކޮންމެ ފަހަރަކު އޭނަގެ މޭގައި އިތުރު ވޭނެއް އުފަންވެގެން ދެއެވެ. ނާމާންކަމާއި ބިރުވެރިކަން ވެސް އޭނަގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
”ދަރިފުޅާ…” ހަދީޖާގެ އަޑަށް މިފަހަރު ޝާޢާ ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ޖިސްމަށް އޭރު ފާޑެއްގެ ބިރުވެރިކަމެއް ވެރިވަމުން ދިޔަ އެވެ. އޭގެ ސަބަބުން ހިތުގެ ވިންދު ވެސް ނުހަނު އަވަސްވެފައި ވިއެވެ. ކުއްލިއަކަށް އޭނަގެ މޫނުމައްޗަށް އަނދިރިވެގެން ދިއުމާއެކު ޝާޢާ އަރިއަޅާލިއެވެ.
ޖާބިރަށް ގޮވާލަމުން ވެއްޓެން ދިޔަ ޝާޢާގެ ހަށިގަނޑު ކޮންޓްރޯލް ކުރެވޭތޯ ހަދީޖާ މަސައްކަތް ކުރިއެވެ. ނަމަވެސް މުސްކުޅިވެ ހަށިގަނޑު ބަލިކަށިވެފައި ވުމުގެ ސަބަބުން އޭނައަށް ކާމިޔާބެއް ނުލިބުނެވެ.
*****
ހާތިބު އޭނަގެ ލަޝްކަރަށް އިރުޝާދުދީ ދިންމާލުމަށްފަހު އެނބުރިލިވަގުތު ބަރްކާ އާއެކުގައި ހުރި ޒިޔަޒަން ފެނި ހިނިތުންވެލެވުނެވެ. ޒިޔަޒަންއަށް ވިސްނަދޭން ބަރްކާ ފޮނުވުނުވުން އެއީ ރަގަޅު ޚިޔާލެއްކަން ކުރިން ވެސް އޭަނައަށް އެނގެއެވެ. ބަރްކާގެ ވާހަކަތަކަށް ޒިޔަޒަން ކިޔަމަންތެރިވާތީ އެވެ.
”ވަގުތު އައިސް ޖެހޭއިރަށް ހުރިހާކަމެއް ނިންމާތި…” ހާތިބުގެ އެންމެ ގާތް ރަހުމަތްތެރިޔާ ސަލްމާންއަށް ބަލާލަމުން ހާތިބު ވާހަކަދެއްކިއެވެ. އަދި އޭނަ އަވަސްވެގަތީ ޒިޔަޒަން ގާތަށް ދިއުމަށެވެ. އޭރު ވަށައިގެންވި މާހައުލުގެ ތެރޭން ފެންނަނީ ޢީދެއް އައިސްފއިވާ ކަމުގެ ލިސާންތަކެވެ. އަހަރުދުވަހުގެ އިންތިޒާރަށް ފަހު އިންސާފު ލިބޭތީ އެކަމުގެ އުފާފާޅުކުރަމަށް ތައްޔާރުވަމުންދާ ތަނެވެ.
ހާތިބު އެއީ ޖިންނީންގެ ތެރެއިން ޝާޙީ ޢާއިލާއަކުން އައިސްފައިވާ ރަސްދަރިކަލެކެވެ. އޭނަގެ ބައްޕަ ނިޔާވުމަށްފަހު ރަސްކަމުގެ ތަހުތު ލިބިފައިވަނީ އޭނަ އަށެވެ. އޭނައަށްފަހު އޭނަގެ ތަހުތު ލިބެން އޭނަ އެންމެ ބޭނުންވީ ދެލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރި އޭނަގެ ދަރިފުޅު ވިލްދާނަށެވެ. ނަމަވެސް އެދަރިފުޅުގެ ނިމުން އައި ކުއްލިޔަކަށެވެ. އޭނައަށް ސިހުން ގެނުވާފައެވެ. އަދިވެސް އެކަމުގެ ހިތި ރަހަ އޭނަގެ އަރުތެރެއިން ފިލައިގެން ނުދެއެވެ. ނަމަވެސް އެކަމުގައި ޝާމިލުވި އެންމެންގެ ފަރާތުން މިރޭ އޭނަ ބަދަލު ހިފާނެއެވެ.
”ދަރިފުޅުގެ އިންތިޒާރުގައި ބައްޕަ ހުންނަތާ ކޮން އިރެއް…” ޒިޔަޒަން އާއި އަރާހަމަކުރަމުން ހާތިބު ބުނެލިއެވެ. ޒިޔަޒަން އޭނަގެ ބައްޕައަށް ބަލާލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.
ބަރްކާއާއި ހާތިބު ބަދަލުކޮށްލި ނަޒަރާއެކު އޭނަ އަވަސްވެގަތީ ދެބަފައިންނަށް ވަގުތުދީފައި ބޮޑު ހަފުލާއަށް ތައްޔާރުވަމުން އައި އަންހެންވެރިންނަށް އިރުޝާދު ދިނުމަށެވެ. ބަރްކާ ދިއުމާއެކު ހާތިބު އިޝާރާތް ކޮށްލީ ނިކަ ގަހެއްގެ ދަށުގައި ހުރި އަށްޓަކަށެވެ. މުޅި އެހިސާބުގަނޑަށް ބަލާލިކަމުގައި ވިޔަސް ފެންނަމުން ދިޔައީ ތަފާތު ދުނިޔެއެކެވެ. އިންސީންގެ ދުނިޔެއާއި އެތައް ގުނައަކަށް ތަފާތުވިކަމުގައި ވިޔަސް އެއްގޮތް ކަންތަކެއް ހުއްޓެވެ. ގެދޮރުތަކަށް އެމީހުން ބޭނުންކުރަނީ ބިޔަ ގަސްތަކެވެ. އެބައިގަނޑުގެ މެދުގައި ވެސް އެއްބައިވަންތަކަން ވެއެވެ. ތަފާތު ނަސްލުތަކުން އައިސްފައިވިކަމުގައި ވިޔަސް މެއެވެ.
ހާތިބުއާއި ޒިޔަޒަން ގޮސް އަށީގައި އިށީނުމާއެކު ކަންވާރުތަކެއްގައި ހުރި ލުއި ބުއިންތަކެއް އެމީހުނަށް ގެނެސްދެވުނެވެ. ހާތިބު ދެތިން ކޯވަރު ބޯލިއިރުގައި ވެސް ޒިޔަޒަން އިނީ ފުން ވިސްނުމެއްގައެވެ.
”ދަރިފުޅުގެ ވިސްނުން ވެސް ތިހުންނަނީ މަންމަ ފަދައިން… ތިހެން ވިސްނަންޏާ މިމީހުންގެ ތެރޭން ޒިޔަޒަންއަށް ލިބެންޖެހޭ ޤަދަރާއި އިއްޒަތެއް ނުލިބޭނެ، ތިއީ ފުރާ ފުރިހަމަވެފައި ހުރި ފިރިހެނެއް، އުޅުމާއި ވިސްނުމުން ވެސް އެކަން ދައްކަންވީ… ބައްޕަ ބޭނުމެއް ނޫން އެހެން މީހުންގެ ނަޒަރުގައި ޒިޔަޒަން ފިނޑިއަކަށް ވާކަށް، ތީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރި، ޒިޔަޒަންއާ އަހަރެންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ… އުއްމީދަކީ ޒިޔަޒަން ބައްޕަ ބުނާ ފަދަ ދަރިއަކަށް ވުން…” ހާތިބު ވާހަކަދެއްކިއެވެ. އޭނައަށް އެއްގޮތަކަށް ވެސް ޒިޔަޒަންގެ ވިސްނުން ކަމަކު ނުދެއެވެ.
”ދަރިފުޅު ބޭނުމެއް ނުވޭތަ ބަދަލު ހިފާކަށް؟… އެދުވަހު ޒިޔަޒަންގެ ބޭބެއާއި ކޮއްކޮ ނިޔާވީ އެއިންސީންގެ ސަބަބުން… އެކަމަކުގެ އަގު އެމީހުން އަދާކުރަން ޖެހޭނެ، ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަހަރެން އިންތިޒާރުކޮށްފިން، ތަންކޮޅެއް ކުރިން ވެސް އެމީހުނަށް ހަމަލާދޭން އުޅުނިން އެކަމަކު އެޖާބިރުގެ ބާރުގަދަކަމުން ކާމިޔާބު ނުކުރެވުނީ… އެކަމަކު މިހާރު އޭނަގެ ބާރު އެވަނީ ކެނޑިފައި… މީ އަހަރުމެންގެ ފަހަރު.. އަހަރުމެންނާ އެކު ޒިޔަޒަން ދާން ބައްޕަ ބޭނުން!…”
”އިންސާނުންނަކީ މަކަރުވެރިބައެއް… އެމީހުން އަބަދުވެސް އިސްކުރާނީ އަމިއްލަ އެދުން… އެމީހުން ކުރާ ކަންތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެދުން ހާސިލުވަނިކޮށް އެނިމުނީ… އެފަދަ ބަޔަކާ މެދު އަހަރުމެން ހަމްދަރުދީ ވާކަށް ނުޖެހޭނެ…”
ޒިޔަޒަންއަށް އޭނަގެ މަންމަގެ ވިސްނުމުގެ ނުބައި ނުފޫޒު ފޯރާފައިވާކަން ހާތިބުއަށް ފާހަގަކުރެވިފައިވާތާ ކިތަންމެ ދުވަހެކެވެ. ބަރްކާ އަކީ ވެސް ސުލްހައަށް އިސްކަންދޭ މީހެކެވެ. ލޭއޮހޮރުވުމާއި ބަދަލުހިފުން އެއީ ބަރްކާ ވެސް ބޭނުންވާކަމެއް ނޫނެވެ. ބަރްކާގެ އެފިޔަވަޅުތަކުގެ މަތިން އެއްގޮތަކަށް ވެސް ޒިޔަޒަން ހިނގުމުގެ ފުރުސަތު ދޭކަށް ހާތިބު ބޭނުމެއް ނޫނެވެ. އަނިޔާވެރި ދުނިޔެއެއްގައި އޯގާތެރި ހިތެއްގެ ވެރިޔަކަށް ދިރިއެއް ނޫޅެވޭނެއެވެ. ހަމައެއާއެކު އިސްވެރިން ހޮވުމުގައި ޖިންނީންނަކީ ބާރުވެރިކަމާއި ހައިބަތަށް އަހައްމިއްޔަތުކަން ދޭ ބައެވެ. ކަންމިހެން އޮތް އިރު އުޅުމާއި އަމަލުން ޒިޔަޒަން އެކަން ދައްކަން އެބަޖެހެއެވެ. އޭނަ އަބަދުވެސް ޒިޔަޒަން ދެކެ ހިތްހަމަނުޖެހެނީ އޭނަ ޒިޔަޒަންއާ މެދު ދެކެމުން އަންނަ އުއްމީދުތަކާއި ހިލާފުވެގެންދާތީއެވެ.
*****
ބާރުވާންފެށި ރޯޅިތަކާއެކު އިސާހިތަކު އުޑުމަތި ހިސާރުކޮށްލި ބަނަ ވިލާތަކަކުންނެވެ. ފަޒާގެ ތެރޭގައި އުފެދިފައި އޮތް ބޫން އަޑުފަށްގަނޑާއެކު އަންނަން އުޅޭ ތޫފާނުގެ އިންޒާރުދެމުން ދިޔަ އެވެ. އެތައް އިރެއް ވަަންދެން ދެމުން ދިޔަ އިންޒާރުތަކަށް ނިމުން ގެންނަމުން އައި ކެރީގެ ހަމަލާއާއެކު ޖައްވުގެ ތެރެއަށް ފެތުރެން ފެށީ ހޮނު ގުގުރީގެ އަޑުފަށްގަނޑެވެ. ބިޔަ ގަސްތައް ވެސް ރޯޅިތަކުގެ ހަމަލާތަކުގެ ޝިކާރައަށް ވަމުން ދިޔަ އިރު ކެރީގެ ހަމަލާތައް ވެސް ބާރުވަމުން ދިޔަ އެވެ.
*****
ޝާޢާ ބާއްވާފައި އޮތް އެނދުގެ އަރިމަތީގައި އިށީންދެލައިގެން ތިބި ޖައުފަރާއި ހަދީޖާއަށް ކުއްލި ސިހުމެއް ގެނުވީ އިވުނު ބާރު ގުގުރީގެ އަޑުން ކޮޓަރީގެ ކުޑަދޮރަށް އައި ލޮޅުމާއެކު ތަޅައިގެން ދިޔަ އަޑުފަށްގަނޑަށެވެ. ސިހުން ލިބިފައި އިން ހަަދީޖާއަށް ބަލާލެވުނީ ޖައުފަރަށެވެ. ޖައުފަރު ވެސް އެމަންޒަރު ބަލަން އިނދެފައި ކޮޅަށް ތެދުވުނެވެ. އަދި ތަޅުންގަނޑު މައްޗަށް އެޅިފައި ހުރި ބިއްލޫރިކޮޅުތަކަށް ސަމާލުވަމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. ބޭރުގައި އުފެދިފައި އޮތް ތޫފާނުގެ ބިރުވެރިކަން އޭނައަށް ތަސައްވަރު ކުރެވުނީ ދެނެވެ. ގަސްތަކުގެ ތެރޭން ފުރީނެގެން ގޮސް ފެންނަން އޮތް އުޑަށް އޭނަ ސަމާލުކަން ދިނެވެ. އޭރު ވިދުންތަކުން އިރުއިރުކޮޅާ އުޑުމަތި އަލިކޮށްލައެވެ. އެއީ އާދައިގެ ތޫފާނެއް ނޫންކަން އޭނައަށް ވަގުތުން ދޭހަވިއެވެ. އޭނައަށް ވާޤިދުގެ އަޑު ވެސް އިވުނީ އެދަނޑިވަޅުގައެވެ.
”އެމީހުން އެއަންނަނީ!…” ވާޤިދުގެ އަޑު އައީ ޖައުފަރާ ނުހަނު ގާތުންނެވެ. އަޑު އައި ދިމާއަށް ސަމާލުވެލުމާއެކު އޭނަގެ ނުހަނު ގާތުން ވާޤިދު ފާޅުވެގެން ދިޔަ އެވެ. އެމޫނުން އޭނައަށް އިންޒާރުގެ ކުލަވަރުތައް ފެނުނެވެ.
”ޖާބިރު!!!…” ކުއްލިއަކަށް އިވިގެން ދިޔައީ ހަދީޖާގެ އަޑެވެ. ފަސްއެނބުރި ބަލާލުމާއެކު ޖާބިރަށް ފެނުނު މަންޒަރާއެކު އޭނަގެ މޭގަނޑަށް ފިނިވެގެން ދިޔަ އެވެ. އެނދުގައި އޮތް ޝާޢާ ގަދަ ވޭނެއް ތަހައްމަލު ކުރާ އުސޫލުން ތެޅިފޮޅެނީ އެވެ.
”ކިހިނެއްތަ މިވަނީ؟…” ބިރުވެރިކަން ވެރިވެފައިވި އަޑަކުން ހަދީޖާ ސުވާލުކުރިއެވެ. ޝާޢާއަށް ވަމުން އައި ގޮތްތައް ފެނި ހަދީޖާ ހުރީ ބިރުގަނެފައެވެ. ހަމައެއާއެކު އޭނަގެ ލޮލުން ކަރުނަ ވެސް ފާޅުވަމުން ދިޔައެވެ.
ތެޅިފޮޅެމުން ދިޔަ ޝާޢާގެ ގާތަށް ޖެހިލުމަށްފަހު ޝާޢާގެ ނިއްކުރީގައި އަތުގެ ފުށަށް ޖައްސާލަމުން ޖާބިރު އެއްޗެހިތަކެއް ކިޔަން ފެށިއެވެ. ނަމަވެސް އޭގެ އަސަރެއް ޝާޢާއަށް ކުރާހެނެއް ހިޔެއް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާގެ އަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ނިކުންނަން ފެށިއެވެ. އެހަޅޭކުގެ އަޑު ބޮޑަށް ވައްތަރުވެގެން ދިޔައީ ފިރިހެނަކާއެވެ. ލިބުނު ކުއްލި ސިހުމާއެކު ޖާބިރަށް ބަލާލެވުނީ ޝާޢާގެ މޫނަށެވެ. އޭނައަށް ލިބިފައިވި ނުތަނަވަސްކަން ރީއްޗަށް ޖާބިރުގެ މޫނުން ފާޅުވާން ހުއްޓެވެ.
ގޯތިތެރޭން އިވިގެން ދިޔަ ބާރުއަޑުފަށްގަނޑާއެކު މެދު ގޯތީގައި ހުރި އަނބުގަހަށް ހޮނު އެޅި މަންޒަރު ކުޑަދޮރުން ފެނިގެން ދިޔަ އައެވެ. އެއާއެކު މުޅި ތަނަށް ލޮޅުން އަރައިގެން ދިޔަ ހެން ވެސް ހީވިއެވެ.
”ޖާބިރު ކިހިނެއްތަ މިވަނީ؟…” ހާދީޖާއަށް އަހާލެވުނެވެ.
ތެޅިފޮޅެމުން ދިޔަ ޝާޢާ އަށާއި ބޭރުން އިވެމުން އައި އަޑުފަށްގަނޑާއެކު ޖާބިރު ހުރީ ސިކުނޑި ސުމަކަށް ދާން ކައިރިވެފައެވެ. ހަދަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ. ކުރިމަތިވެފައި އޮތް ދެނުރައްކަލާ އޭނައަށް އެއްފަހަރާ ކުރިމައްޗެއް ނުލެވޭނެއެވެ. ވާޤިދުގެ މައްޗަށް އަނިޔާވެރިވެފައިވާ މިންވަރާ ހުރެ އޭނައަށް މަކަރުހަދާފާނެކަމުގެ ބިރު ވެސް އެބަ އޮތެވެ. ވާޤިދު އޭނަގެ ނަސްލާ ކުރިމަތިލައި އިންސާނަކަށް އަމިއްލަ ފުރާނަ ޤުރުބާން ކޮށްފާނެކަމާމެދު އޭނައަށް ޝައްކެވެ. ކުރިމަތިލާން ޖެހިފައިވިމަނީ ކާމިޔާބު ނުކުރެވޭނެ ހަނގުރާމައެއްކަން ޖާބިރަށް ރޭކާލީ ދެނެވެ. ނަމަވެސް އޭނަގެ ފުރާނައިން އަތްދޮވެލަން ޖެހުނުކަމުގައި ވިޔަސް ޝާޢާއަށް ސަލާމަތާއި ރައްކާތެރިކަން ދޭން މަސައްކަތްކުރާނެއެވެ. ނުބައި މާރިދުންގެ ވަކިތަކުގެ ތެރޭގައި ޝާޢާ ހައްޔަރުވެގެންދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެއާއެކު އޭނަގެ ފަހު ކިޔެވެލިކިޔަވަން ފެށީ ޝާޢާއަށް ރައްކާތެރިކަން ދޭން ވެގެންނެވެ.
ބާރުވައިރޯޅިއާއެކު ހީވީ ކޮޓަރި ތެރެއަށް ނަގޫރޯޅިއެއް އަރައިގެން ދިޔަ ހެންނެވެ. މާޒީގެ ބިރުވެރި ހަނދާންތައް ތަކުރާރުވަމުންދާހެން ހަދީޖާއަށް ހީވެއެވެ. އެވެސް މިފަދަ ތޫފާނީ ރެއެކެވެ. ތޫފާނާއެކު އައި ބިރުވެރިކަން މިއަދާ ޖެހެންދެން ވެސް އޭނަގެ ހިތުގެ ތެރޭގައި ބިންވަޅު ނެގިފައި ވެއެވެ. އެބިރުވެރިކަން އަނެއްކާ ވެސް ތަކުރާރުވާން އުޅޭ ފަދައެވެ. ހަދީޖާގެ ދެލޯ ފުރިގެން ދިޔައީ ވޭނީ ކަރުނަތަކުންނެވެ. އޭނަގެ ޢާއިލާގެ ނިމުން އައިސް ޖެހުނީ ބާވައެވެ!
”ކަލޭ ކިތަންމެވަރަކަށް މަސައްކަތްކުރިޔަސް ކާމިޔާބެއް ނުވާނެ!…” އިވުނު ބާރު އަޑާއެކު ފަސްއެނބުރި ބަލާލީ ޖާބިރަށް ހާބިތުއާއެކު އައިސްފައި އޮތް ބޮޑު ލަޝްކަރު ފެނުނެވެ. ތަފާތު ސިފަތަކުގައި ތިބި ބިރުވެރި މަހުލޫޤުންތަކަކެވެ. އާދައިގެ އިންސާނަކަށް އެމަންޒަރު ފެނުނުނަމަ ކުއްލި ސިހުމާއެކު މީހާ ހުއްޓުމަކަށް އަންނާނެއެވެ.
ލަޝްކަރުގެ ފުރަތަމަ ހަމަލާ އަމާޒުވީ ވެސް ވާޤިދަށެވެ. ވާޤިދު ވެސް އަމިއްލަ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރިއެވެ. އެހެނަސް ބޮޑު ހަޅުތާޅުގަނޑަކަށް ފަހު ވޭނީ ހަޅޭކެއްގެ އަޑާއެކު، ހަށިގަނޑާއި ބޯ ވަކިވެގެން ދިޔަ ވާޤިދުގެ ފުރާނަ ނެތް މަސްގަނޑު ބިންމައްޗަށް ވެއްޓުނެވެ. މުޅި ތަނަށް ލޭގެ ކޯރެއް ފެތުރިގެން ދިޔަ އެވެ. އެމަންޒަރު ފެނުނީ ހަމައެކަނި ޖާބިރަށެވެ. ހަދީޖާއަށް ފެނުނީ އަލިފާންކަނިތަކެއް ބުރައިގެން ދިޔަ މަންޒަރާއި ބާރު ހަޅޭކެއްގެ އަޑު އެކަންޏެވެ.
ދެވަނަ ހަމަލާ އަމާޒުވެގެން ދިޔައީ ހަދީޖާާ އަށެވެ. އެހިނދު ޖާބިރަށް ހަޅޭއްލަވައިގަނެވުނެވެ. ފަންޑިތައިގެ ބާރުން ޖިންނީންނަށް ގެއްލުންދޭން މަސައްކަތްކުރިއެވެ. އެއާއެކު ހަދީޖާއަށް ގެއްލުން ދޭން މަސައްކަތްކުރި ޖިންނީގެ ގައިގައި ހުޅުރޯވެގެން ދިޔައެވެ. ބިރުވެރި ހަޅޭކެއްގެ އަޑާއެކު އޭތި ބިންމައްޗަށް ވެއްޓި މަރަށް ތެޅެން ފެށިއެވެ. މިމަންޒަރު ފެނި ޖިންނިތައް ލައްވަން ފެށީ ވަލުޖަނަވާރުތައް ރުޅިއައުމުން އަރުތެރިން ނެރޭ ފަދަ އަޑުތަކެކެވެ. އެސޮރުމެންގެ ތެރޭގައި ޖާބިރާ މެދު ރުޅިވެރިކަން އުފެދިގެން ދިޔަ އެވެ.
ބިންމައްޗަށް ވެއްޓިފައި އޮތް ހަދީޖާގެ ގާތަށް ދިއުމަށް ޖާބިރު އަވަސްވެގަތެވެ. އޭރު ޝާޢާ އެކަނިކޮށްލެވިއްޖެކަމެއް ޖާބިރަށް ރޭކާ ނުލިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ސަމާލުކަން ދެވިފައިވީ ހަދީޖާއަށް ވިއްޔާއެވެ. އެދަނޑިވަޅުގެ ބޭނުން ހިފަން ހާތިބު އިޝާރާތް ކޮށްލީ އޭނަގެ ދަރިފުޅު ޒިޔަޒަން އަށެވެ. އަދި ޒިޔަޒަންގެ ހަށިރައްކަލަށްޓަކައި އޭނަގެ އެންމެ ބާރުގަދަ ދެ ހަށިފާރަވެރިންނަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު ޖާބިރާއި ކުރިމަތިލާން ނިކުތީ ހުދު ހާތިބެވެ. އޭނަގެ ދެލޮލުން ބަދަލު ހިފުމުގެ ރޫހު ފާޅުވަމުން ދިޔަ އެވެ.
ޝާޢާ އޮތް އެނދާއި އަރާހަމަކޮށްލި ޒިޔަޒަން ފުން ނަޒަރަކުން ޝާޢާއަށް ބަލާލިއެވެ. އޭރު އޭނަ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ އިންސީންގެ ދުނިޔެއަށް އައުމުގެ ކުރިން އޭނަގެ ބައްޕަ ދެއްކި ވާހަކަތަކާ މެދުގައެވެ. އެއީ އޭނަގެ ވިސްނުން ހުރި ގޮތާ މެދު ބައްޕަ ހިތްހަމަނުޖެހިގެން ދެއްކި ވާހަކަތަކެއްކަން ޒިޔަޒަންއަށް އިނގެއެވެ. އިންސީންނާ މެދު ރަގަޅު ނަޒަރިއްޔާތަކުން ދެކެން އޭނަގެ ބައްޕަ ބޭނުމެއް ނުވެއެވެ. އެހެނީ އެމީހުންގެ ފުށުން ކުރިމަތިލާން ޖެހުނު ފޫނުބެދޭ ވަރުގެ ގެއްލުންތަކުގެ ސަބަބުންނެވެ. އިންސީންނަކީ ހަމްދަރުދީ ލިބެންޖެހޭ ބަޔެއް ނޫންކަމެވެ. އެމީހުންގެ ސަބަބުން ޒިޔަޒަންގެ ޢާއިލާއަށް ލިބުނު ދެރައާއި ހިތާމަތަކެވެ. ފައިތިލަ ސާބިތުކުރަން ޒިޔަޒަން އެވާހަކަތާމެދު ވިސްނާލިއެވެ.
”ކަލޭ ފަހު ވަގުތު މިއީ… ކަލޭ އާއި ކަލޭގެ އަންހެނުން މަރުވެގެންދާނެ އިހާނެތި ގޮތް ކަލޭގެ ކާފަ ދަރިއަށް މިރޭ ފެންނާނެ…” ޝާޢާއަށް އިޝާރާތްކޮށްލަމުން ހާތިބު ބުނެލިއެވެ. އެއަށްފަހު އޭނަ ގެނައި ހަރަކާތާއެކު ވޭނީ ހަޅޭކެއްގެ އަޑާއެކު ޝާޢާ ދެލޯ ހުޅުވާލިއެވެ. އޭނަގެ ބޮލަށް ބަރުވެފައިވާވަރުން ފުރަތަމަ ވަށައިގެންވި މާހައުލު ދެނެގަންނަން އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނައަށް ގޮވާލެވުނީ ޖާބިރަށެވެ. ބިންމައްޗަށް ވެއްޓިފައި އޮތް މާމަ ފެނުމުން މާމަގެ ގާތަށް ވެސް ދާން ޝާޢާ ބޭނުން ވިއެވެ. ނަމަވެސް އޭނަ އެނދުން ތެދުވާން އުޅުނެއްކަމަކު އޭނަގެ ހަށިގަނޑަށް އަމިއްލަ ބާރެއް ނުފޯރުވުނެވެ. ހީވަނީ ނުފެންނަ ބާރަކުން އޭނަ ހިފަހައްޓަން މަސައްކަތްކުރާހެންނެވެ.
ކޮޓަރިއަށް އައިސްފައިވާ ލޮޅުންތަކާއި ކާފަގެ މޫނުން ފެންނަމުން އައި ބިރުވެރިކަމުގެ އަސަރުތަކުން ޝާޢާއަށް ކޮޓަރިތެރޭގައި ތަމްސީލުވަމުން އަންނަ ކަންތައްތައް ދެނެގަންނަން އިރުކޮޅެއް ނެގި އެވެ. އެއާއެކު އޭނަގެ ހިއްސުތަކުގެ މައްޗަށް ވެރިވެގެން ދިޔައީ ބިރުވެރިކަމާއި ސިހުމެވެ. ހިތުގެ ވިންދު އަވަސްވެ ނޭވާވެސް ފުންވެގެން ދިޔަ އެވެ.
”ދަރިފުޅާ… ކާފައަށް މަޢާފުކުރޭ…” ޖާބިރުގެ އަޑު ޝާޢާގެ ކަންފަތާ ހަމައަށް ފޯރިއެވެ. ޝާޢާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަންފެށިއެވެ. އޭނަ އިހުނަށްވުރެ ބޮޑަށް ތެދުވާން މަސައްކަތްކުރިއެވެ. އެހެނަސް ހަށިގަނޑުން ހަކަތަ ހުސްވާން ކައިރިވިއިރުވެސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ.
މުސްކުޅިވެ ގައިގެބާރު ދެރަވެ ބަލިކަށިވެފައިވުމުގެ ސަބަބުން ޖާބިރަށް އޭނަގެ ދިފާއުގައި ކުރެވުނު މާކަ ބޮޑު ކަމެއް ނެތެވެ. ނުވީތާކަށް އޭނަ ހަށިރައްކަލަށް ހަދާފައި ހުރި ކަންތަކުގެ ބާރު ކެނޑި އޭނަ ވީ ނުރައްކަލަށް ހުށަހެޅިފައެވެ. ޝައިތާނުންގެ މަދަދަށް އެދެވުނުކަމުގައި ވިޔަސް އާހިރުގައި އެޖައްބާރުންތައް އޭނައަށް ދިނީ ކެއްސެވެ. ގޮތް ހުސްވެ ބަލިކަށިވެފައިވުމުން ޖާބިރު ބޭނުންނުވިކަމުގައި ވިޔަސް އޭނައަށް އާދޭސްކުރެވުނެވެ. އެއީ އިންސާނީ ތަބީއަތެވެ. އާރާއި ބާރު ލިބިފައިވާ ދަނޑިވަޅުގައި ތިމާގެ ބާރާއި މެދު ފަހުރުވެރިވާނެވެ. ނަމަވެސް ބާރު ގެއްލި ބިކަވާ ދަނޑިވަޅުގައި ތިމާގެ ނަފުސުގެ ނިކަމެތިކަން ތަސައްވަރުކުރެވޭނެއެވެ. އަނެކުންގެ މަދަދަށް އެދި އާދޭސް ކުރެވޭނެއެވެ. އަނިޔާވެރިވެވުނު މީހުންގެ ގާތުން ވެސް މެއެވެ.
”ކަލޭ އާދޭސް ތިކުރަނީ އަހަރެންގެ ހަމްދަރުދީ ލިބޭނެ ކަމަށްތަ؟…” ހާތިބު މަލާމަތުގެ ހުނުމުގެ އަޑަކާއެކު ބުނެލިއެވެ. ”ކަލޭ ނިކަން ދެކިބަލަ، މަގޭ ފިރިހެންދަރި ކަލޭ ގާތު އާދޭސްކުރި ފަދައިން މިއަދު ކަލޭ ވެސް ތިދަނީ އާދޭސްކުރަމުން… އެދުވަހު ކަލޭ އޭނަގެ އާދޭސްތަކުގެ އަޑު އެހިންތަ؟… ނާހަމެއްނު… މިއަދު ކަލެއަށް ތިކުރިމަތިވާ ކަންތަކަކީ ކަލެއަށް ހައްގު ކަންތަކެއް!…” ހާތިބު އިއްވާލިއެވެ.
ހާތިބު އަތުން ކޮށްލި އިޝާރާތާއެކު ހަތަރެސްފައި ޖަހައިގެން ތިބި ޖިންނީންތަކެއް ނުހަނު ހަލުވި މިނުގައި މިސްރާބު ޖެހީ ހަދީޖާއާ ދިމާއަށެވެ. އެސޮރުމެންގެ ގައިގައި ވަނީ މުޅިން ކެހެރި ފަޅާފައެވެ. ބޮލުން ދަޅުތަކެއް ނިކުމެފައިވާއިރު ނިގުލެއް ވެސް ވިއެވެ. އަނގައިގައިވާ ތޫނު ދަތްތަކުގެ ތެރޭން ދަވަތަކެއް ވެސް ފައިބައެވެ. ޝިކާރައަކަށް ތައްޔާރުވެތިބި އުސޫލުން، ހަދީޖާ ވަށާލައިގެން ތިބީ ހާތިބުގެ އިތުރު އިރުޝާދަކަށް ސަމާލުވެއެވެ. މިމަންޒަރު ފެނުނު ޖާާބިރު ކުރިއަށް ދާން މަސައްކަތްކުރިކަމުގައި ވިޔަސް ކާމިޔާބެއް ނުލިބުނެވެ. އެއާއެކު އޭނައަށް އަނެއްކާ ވެސް އާދޭސްކޮށްލެވުނެވެ. ރަހުމުކުރުމަށް އެދި ބުނެލެވުނެވެ.
ޝާޢާއަށް ވެސް ހާތިބުގެ އިޒުނައާއެކު ޖަނަވާރުތަކެއްގެ ވަކިތަކުގެ ދަށުވެ މިފަނާވަނިވި ދުނިޔެ ދޫކޮށް ދިޔަ ހަދީޖާގެ ބިރުވެރި މަރު ސިފަވެގެން ދިޔަ އެވެ. ފެނުނު މަންޒަރާއެކު މުޅި މީހާއަށް ލިބުނު ޝޮކާއެކު ޝާޢާގެ މުޅި ހަށިގަނޑު ހުއްޓުމަކަށް އައެވެ. އޭނަގެ ދެލޮލުން ފައިބައިގެން އައި ހޫނު ކަރުނައައާއެކު މުޅި ތަން ފުސްވެގެން ދިޔަ އިރު ވެސް އޭނަގެ ސިކުނޑި ދިޔައީ އެކަންތައް ތެދު ކުރަން މަސައްކަތްކުރަމުންނެވެ. ޖިންނީންގެ ނުބައި ކުޅިވަރުގަނޑެއްގެ ތެރޭގައި އޭނަ ބަނދެވިފައިވާކަމާއި އެކަމުގައި ހުރި ބިރުވެރިކަން ރަގަޅަށް ތަސައްވަރު ކުރެވުނީ ވެސް ދެނެވެ. ދެލޯ މަރާލި ޝާޢާގެ ދުލުން ވޭނީ އާހަކާއެކު ގިސްލުމުގެ އަޑު ބޭރުވެގެން ދިޔަ އެވެ. އޭނަގެ ހިތުގައި އެޅި ވޭނާއެކު މޭގެ ތެރޭގައި ހައިޖާންގަނޑެއް އުފެދުނެވެ.
ޝާޢާގެ ކައިރީގައި ސަމާލުވެލައިގެން ހުރި ޒިޔަޒަންއަށް ޝާޢާގެ ވޭނީ ގިސްލުމުގެ އަޑާއެކު ބަލާލެވުނެވެ. ބާރަށް ރޮމުން ދިޔަ ޝާޢާ ހީވަނީ ގަދަ ވޭނެއް ތަހައްމަލުކުރަމުންދާ ހެންނެވެ. ހިލަހިތެއްގެ ވެރިއަކަށް ވެސް އެކަރުނަތަކާއި އުދާސްތަކުން އަސަރުނުކޮށް ނުދާނެއެވެ. އިރުކޮޅަކަށް ވިޔަސް ޒިޔަޒަންގެ ހިތަށް ވެސް އެރުއިމުގެ ސަބަބުން އަސަރުކުރިއެވެ. ނަމަވެސް ހިތުގައި އުފެދުނު ހަމްދަރުދީގެ މައްޗަށް އޭނަ ބާރުފޯރުވިއެވެ. އެހެންނޫންނަމަ ހަޤީޤީ މަޤްޞަދުން އޭނަގެ ހިތް ދީލައިލާނެތީ އެވެ. ފާޅު ނުކުރިކަމުގައި ވިޔަސް ބައްޕަގެ ރަހުމުކުޑަކަށް ފެނި ޒިޔަޒަންއަށް ޝޮކެއް ލިބިފައި ވިއެވެ.
މުޅި ތަނަށް ލޭގެ ކޯރެއް ފެތުރިފައި އޮތެވެ. އޭރުވެސް މިނިކާ ޖަނަވާރުތަކެއްގެ ސިފައިގައި ތިބި ޖިންނީންގެގެ ހަމަލާތައް ހަދީޖާގެ ފުރާނަނެތް މަސްގަނޑަށް އަމާޒުވެފައި ވެއެވެ. ވާރެއާއެކުވެ އިވެމުން ދިޔަ ޝާޢާގެ ރުއިމުގެ އަޑު ނޫން އަޑެއް ކޮޓަރީގައި ނުވެއެވެ. ޖާބިރު ވެސް ހަށިގަނޑުގެ ވަރު ދޫވެ ދެކަކޫ މައްޗަށް ތިރިވެވުނު ގޮތަށް އިނީ މުޅި މީހާ ހިމޭންވެފައެވެ. އޭނަގެ ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ.
ޖާބިރު ނިކަަމެތިވެފައިވާތަން ފެނި ހާބިތަށް ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން އޭނަގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުމުން ފާޅުކޮށްދެއެވެ. ހާތިބު، އިސްޖެހިފައި އިން ޖާބިރުގެ ބޮލުގެ ފުއްކިބައިގައި ހިފައި އިސްއުފުލުވާލިއެވެ. ޖާބިރާއި ހަތަރުކަޅި ބައްދަލުވި ހިނދު އޭނައަށް އެދެލޮލުން ބިރުވެރިކަން ފެނުނެވެ. ހަމައެއާއެކު އެބިރުވެރިކަމުގެ ފަހަތުގައި ފޮރުވިފައިވި ހަޤީޤީ ސަބަބު ވެސް މެއެވެ. އެއާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުން ވިއެވެ. އޭނަ ދެން ބަލާލީ ޝާޢާ އަށެވެ.
”މިއަދު ކަލެއަށް ތިލިބެނި ހައްގު ސަޒާތަކެއް، ކަލޭ ވަރަށް މަސައްކަތް ކުރީމެއްނު އަހަރުމެންގެ ފަރަތުން ކަލޭގެ ކާފަ ދަރި ސަލާމަތްކުރަން، އެކަމަކު ދެން ކަލެއަށް އެކަމެއް ހާސިލެއް ނުކުރެވޭނެ، އޭނަގެ ނިމުން އަންނާނީ އަހަރުމެންގެ ފަރާތުން އަނިޔާ ލިބޭ ހާލުގައި ތެޅިތެޅި އޮވެ…” ޖާބިރުގެ ކަރުގައި ހިފާ ބާރުކޮށްލަމުން ހާބިތު ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ. އަދި ލުއި ފަތެއް ބިންމަތިން އުފުއްލާލާ ބީދައިން ޖާބިރުގެ ހަށިގަނޑު މައްޗަށް އުފުއްލާލިއެވެ. ކަރަށް ބާރުވަމުން ދިޔަ އިނގިލިތަކާއެކު ނޭވޭނުލެވިގެން ޖާބިރު ތެޅިފޮޅެން ފެށިއެވެ.
ޖާބިރުގެ ފުރާނަ ހުސްވެދާނެހެން ހީވެ މޫނުމައްޗަށް އަނދިރިވިތަނާ ހާތިބު ލުއެއް ދިނެވެ. އެއަށްފަހު ދެލޯމަރާލައިގެން އޮވެ ރޮމުން ދިޔަ ޝާޢާގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން ޖާބިރު އޭނަގެ ނިމުމާއި ކުރިމަތިލިތަން ދައްކާލިއެވެ.
ކުއްލިޔަކަށް ބާރުވި އިނގިލިތަކާއެކު ނޭވާ ހާސްވެ ޖާބިރު ތެޅިފޮޅެން ފެށިއެވެ. ނޭވާ ހޮޅިން ހުސްވި ހިނދު އޭނަގެ އަނގަ ހުޅިވި ދޫވެސް ބޭރު ވެފައި ވި އެވެ. ދެލޮލުގެ ކަޅި އަރާފައިވިއިރު އޭނަގެ މޫނުގެ ކުލަވަރު ހުދުވެފައި ވި އެވެ. ހަރަކާތްތައް ހުއްޓި މުޅި މީހާއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެއާއެކު ޖާބިރުގެ ހަށިގަނޑުން ހާތިބު ދޫކޮށްލިއެވެ.
ރޮވެމުން ދިޔަ ޝާޢާގެ މޫނަށް އަނދިރިވަމުން ދިޔަ އެވެ. އޭނަގެ ލޯ މެރެމުން ދިޔަ ހިނދު ގާތަށް މީހަކު ހުއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާއެކު އެސްފިޔަތަކަށް ބަރުވެފައިވުމުން އޭނައަށް އެއްވެސް ކަމެއް ރަގަޅަށް ފަހުމެއް ނުވިއެވެ.
*****
ކަންވެ ނިމެންދެން ސިއްރުން ހުރިހާކަމެއް ބަލަން އިފުރީތު ހުރީ ގޭގެ މެދުގޯތީގައި ހުރި އަނބުގަހުން ގޮފިގަނޑެއްގައެވެ. އެސޮރުގެ މޫނުމަތިން ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ފެނިގެން ދިޔައީ ހާތިބުއާއެކު އައިސް ތިބި ބައިގަނޑު ޝާޢާއާއެކު ގެއްލުމުންނެވެ. އިރުކޮޅެއް ވަންދެން އެމަންޒަރު ބަލަން ހުރެފައި އޭނަ ވައިގެ ތެރެއަށް ގެއްލުނީ އަޒުމެއްގެ މަތީގައި ހުރެއެވެ.
*****
ކުރިމަތިވެފައިވި ގަދަ ތޫފާން ހަމަހިމޭން ވެގެން ދިޔައީ ފަތިސް ވީ ފަހުންނެވެ. ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ވަނީ ފެން ބޮޑުވެފައެވެ. ހަމައެއާއެކު ގަދަ ވައިގެ ސަބަބުން ގެތަކަށް އެކިވަރުގެ ގެއްލުންތައް ވެފައި ވެއެވެ. އިރު ފެނުން ތޮޅެލުމާއެކު ރަށުގެ ރަށްވެހިންތައް އަވަސްވެގަތީ ތޫފާނުން ލިބުނު ގެއްލުންތަކުގެ ތަފާސްތައް އެއްކުރާށެވެ.
ހެނދުނުހެނދުނާ ހޭލައިގެން ހައްވާފުޅު އުޅުނީ ގޯއްޗަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމުގަ އެވެ. އޭނަ ހައްދާފައި އޮތް ބަގީޗާ ބިމާ ހަމަވެފައިވާތަން ފެނި އިރުކޮޅެއް ވަންދެން އެދިމާއަށް ބަލަހައްޓައިގެން ހުރެވުނީ މާޔޫސް ކަމާއެކުގައެވެ. މަރުވެފައި ހުރި ބަގީޗާ ގަސްތަކާއި އޭނަގެ ނަޒަރު ވަކިވެގެން ގޮސް ހުއްޓުނީ ކުރިމައްޗަށް ހުރި ”މަރިޔާދު” ގެއަށެވެ. އެގެއަށް އާދަޔާ ޚިލާފަށް ތޫފާނުގެ ގެއްލުން ލިބިފައިވާ ފަދައެވެ. ގޯތީގައިވާ އަނބުގަހަށް ހޮނުއަޅާފައިވިއިރު މައިދޮރާށިި މައްޗަށް އަރުވާފައި އޮތް ބޯގަންވިލާ ގަސް އޮތީ ބިމާ ހަމަވެފައެވެ. އެގޭގެ މައިދޮރާށި ވެސް އޮތީ ވެއްޓިފައެވެ. ހަދީޖާއަކީ ހައްވާފުޅުގެ ގާތް އެކުވެރިޔަކަށް ވާތީ ޚަބަރުދަބަރު އޮޅުން ފިލުވަން އޭނަ އަވަސްވެގަތެވެ.
ގޯތި ތެރެއަށް ނަޒަރު ހިންގަމުން ކުރިއަށް ދިޔަ ހައްވާފުޅުގެ ހިތުގައި ސުވާލުތަކެއް އުފެދިފައި ވިއެވެ. ހަދީޖާއާއި ޖާބިރު ކޮބާ ބާވައެވެ. އެދެމަފިރިންނަކީ ކޮންމެ ދުވަހަކު ފަތިހާ ހޭލާ ދެމަފިރިންނެވެ. ނަމަވެސް މިއަދު ކަންތައް މިވަނީ ދިމާ އޭގެ އިދިކޮޅަށެވެ. ހަމައެއާއެކު ހެނދުނު އޮފީހަށް ދާން ތެދުވާ ޝާޢާގެ ހިލަމެއް ވެސް ނުވެއެވެ. ހައިރާންކަމާއެކު އަމިއްލަ ހިތާ ސުވާލުކުރަމުން ގޮސް ހައްވާފުޅު ގޭގެ މައިދޮރުގައި ޓަކިދޭން އަތް ހިއްލާލިއެވެ. ޓަކިދޭން އޭނަ ދޮރުގައި އަތް ޖައްސާލުމާއެކު ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއެކު އޭނައަށް ލިބިފައިވި ހައިރާންކަން އިތުރުވެގެން ދިޔަ އެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ގޭތެރެއިން ވާހެނެއް ހިޔެއް ނުވެއެވެ. އޭގެ ސަބަބުން ހިސާބަކަށް ހައްވާފުޅު ބިރުވެސް ގަތެވެ. އެއީ ދުވަހަކު ވީ ކަމަކަށް ނުވާތީއެވެ.
”ހަދީޖާ؟… ޖާބިރު؟…” އެތެރެއަށް ވަންނަމުން ހައްވާފުޅު ގޮވާލިއެވެ. އޭނަ ދެތިން ފަހަރު ގޮވާލިކަމުގައި ވިޔަސް ޖަވާބެއް ނުލިބުނެވެ. މުޅި ގެއަށް ނަޒަރު ހިންގާލުމާއެކު އޭނައަށް ހާސްކަމެއް ލިބުނެވެ. މުޅިތަނުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ހީވަނީ ކުޑަވަރެއްގެ ނަގޫރޯޅިއެއް އަރާފައިވާހެންނެވެ.
”ސުބުހާނައްﷲ… ކިހިނެއް ވެފަތަ މިއޮތީ؟…” ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ދެމުން ހައްވާފުޅު އޭނަގެ ހިތާއި ސުވާލުކޮށްލިއެވެ. އޭރު އޭނަ ހުރީ ރަގަޅަށް ވެސް ބިރުގެންފައެވެ. ފެންނަމުން ދިޔަ މަންޒަރުތަކުގެ އަސްލު ނަގަންވީ ކިހިނެއްކަން ނޭގޭތީއެވެ. ރޭ ވަގުންތަކެއްގެ ހަމަލާއެއް ޖާބިރުމެނަށް އަމާޒުވީ ހެއްޔެވެ؟
”ހާދީޖާ…”
ކަންބޮޑުވެފައި ހުރި އަޑަކުން ހައްވާފުޅު ގޮވާލިއެވެ. އަދި ބިންމައްޗަށް އެޅިފައި ހުރި ބިއްލޫރި ކޮޅުތަކަށް ސަމާލުވަމުން ހިނގައިގަތީ ހަދީޖާގެ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް އޭނަގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ ޝާޢާގެ ކޮޓަރިއާއި ހަރާހަމަވި ހިސާބުންނެވެ. އެކޮޓަރީގެ ދޮރުފަތުގެ ދަށުން ދެމިގެން ގޮސްފައިވާ ލޭގެ ކޯރު ފެނި އޭނައަށް އަނގަމަތީ އަތްއަޅާ ލެވުނީ ބޭއިހްތިޔާރުގައެވެ. ހުރިފިޔަވަޅުމަތީ ގަނޑުވެފައި އޭނައަށް ހުރެވުނެވެ. އޭނަގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދި އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ތެޅިތެޅި އޮތް ހިތުގެ މައްޗަށް ބާރުފޯރުވާ ހާލުގައި އޭނަ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލުމަށްފަހު އެތެރެއަށް ކޮއްޕާލި އެވެ. އެހިނދު އޭނައަށް ފެނުނު މަންޒަރާއެކު އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ހަދީޖާ އޮތް ހާލު ފެނި އޭނައަށް ވިސްނަން ގިނައިރަކު ކޮޅަކަށް ވެސް ނުހުރެވުނެވެ. މޫނުމައްޗަށް އަނދިރިވެ އޭނަ ހޭނެތިގެން ވެއްޓިއްޖެ އެވެ.
*****
ފަތުއަޑު ކިޔާފައި ރަށުތެރެއަށް ފެތިރުގެން ގޮސްފައި ވަނީ ހަދީޖާ އާއި ޖާބިރުގެ ގަތުލުގެ ވާހަކައެވެ. ހައިރާންކުރުވަނިވި ސުވާލުތަކުގެ ފުންޏެއް އުފައްދާލާފަ އެވެ. ރާއްޖޭގެ މީޑިއާ ތަކުގެ ފަލަ ސުރުހީތަކަށް ވެސް ލަސްތަކެއް ނުވެ އެޚަބަރު އެރިއިރު ރަށަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ހަދީޖާއާއި ޖާބިރު މަރުން ރަށުގެ ގިނަ ބަޔަކަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމައެއާއެކު ހަދީޖާއަށް ލިބިފައިވި ޒަހަމްތަކާމެދު ވިސްނަންވީ ކިހިނެއްކަމާމެދު ސިކުނޑިތަކަށް ނުކުޅެފިދައިވާ ކަހަލަ އެވެ. މަންޒަރު ފެނުނު މީހުން ވެސް ތިބީ ޝޮކެއްގައެވެ. އެފަދަ ރަހުމުކުޑަ ގޮތަކަށް އިންސާނަކު މަރާލަން އަނެއް އިންސާނަކަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ރުޅިވެރިއަމަލެއް ހިންގަން އެދެމަފިރިން ކުރީ ކޮންކުށެއް ހެއްޔެވެ؟ ހަމައެއާއެކު ވާނުވާ ނޭގި ޝާޢާ ގެއްލުނު ޚަބަރުން ވެސް މުޅި ރަށް ބިރުގަންނަވާލައިފި އެވެ.
*****
ރަށުގައި ހިނގައިގެން އުޅޭ ކަންތަކުގެ ހިލަން ޔޫނުސްއަށް ވީ އައިޝާގެ ފޯނުކޯލުންނެވެ. އޭރު ޔޫނުސް އުޅުނީ ގޭގެ ބަދިގޭގެ ފުރާޅަށް ލިބިފައިވި ގެއްލުމެއް މަންމަގެ އުދުމުގެ މަތިން މަރާމާތު ކުރާށެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު އޭނަ ކުރަން ހުރި މަސައްކަތް މަޑުޖައްސާލުމަށްފަހު ފޯނުނަގައި ހަލޯއޭ ބުނެލި އެވެ. ބިރުވެރި ޚަބަރެއް ލިބެން އުޅޭ ކަމުގެ ހިލަން އޭނައަށް ވީ އައިޝާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ރޮމުން ގިސްލަމުން އައިޝާ ކަންތައް ވެގެން އުޅޭ ގޮތް ސާފުކޮށްދިނުމާއެކު ޔޫނުސްގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވި ކަހަލައެވެ. މޭގެ ތެރޭގައި އޮތް ހިތުގެ ތެޅުން އަވަސްވި ހިނދު ބިރުވެރިކަން އޭނަގެ މުޅި ޖިސްމަށް ފޭދި ނިމިއްޖެ އެވެ. ނިކަން ހަލުވިމިނުގައި ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އޭނަ ދުއްވައިގަތީ ސައިކަލުގެ ތަޅުދަނޑި ނަގަން ކޮޓަރިއަށެވެ. ދިޔަތާ އިރުކޮޅެއް ވެސް ނުވަނީސް ދެން ފެނުނީ ސައިކަލަށް އަރައި ސްޓާޓްކޮށްލުމަށް ފަހު ދުއްވާލިތަނެވެ.
ދަރިފުޅުގެ ހަރަކާތްތަކަށް ބަލަން ހުރި ޝާހިދާއަށް ލިބިފައިވީ ހައިރާންކަމެވެ. އޭނަ ގޮވާލުމުން ވެސް ޔޫނުސް މަޑުނުކޮށް ދިއުމާއެކު އޭނަ ހުރީ ސުވާލުމާކުތަކެއްގެ ތެރެއަށް ގެއްލިފަ އެވެ. އެހެން ހުންނަތާ އިރުކޮޅެއްވީ ފަހުން ގޭގެ ގޭޓު ލައްޕާލެވުނު އަޑަށް ޝާހިދާގެ ނަޒަރު އެދިމާއަށް ދަތުރުކޮށްފި އެވެ.
”ވަރުގަދަ އަޑެއް އަރައިގެން އެބައުޅޭ…” ޝާހިދާ ފެންނައިރަށް އޭނަގެ ފިރިމީހާ ހުސޭން ވާހަކަދެއްކިއެވެ. ”ޔޫނުސް އޮފީހުގަ އުޅޭ އަންހެންކުއްޖެއްގެ ކާފައާއި މާމާ ރޭ މަރާލައިގެން މުޅި ރަށް ހަލަބޮލިވެފައި އޮތީ، މިހާރު ފުލުހުން ވެސް އައިސް މުޅި ހިސާބުގަނޑު ބަންދުކޮށްގެން އެމީހުންގެ ތަހުގީގު ފަށައިގެން އެބައުޅޭ…”
ހުސޭން މައުލޫމާތު ސާފުކޮށް ދިނެވެ. އަދި އޭނައަށް ތުންތުން މަތިން އިވިފައިވާ ހާދިސާގެ މައުލޫމާތު ވެސް ދޭން ފެށިއެވެ.
”އަންހެން ކުއްޖާ ވެސް ގެއްލިގެން އުޅެނީ… މީހުންް އެބަކިޔާ އޭނަ ރަހީނުކުރީ އޭ ވެސް… އޭނަގެ މާމަގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތައް ވެސް ލިބިފައިވޭ، މަންޒަރު ދުށް މީހަކު ބުނީ ބޮޑަށް ވައްތަރީ ކަތިވަޅިއެއް ފަދަ އެއްޗަކުން ހަމަލާދީފައިވާކަމަށް، ދެން އޭނަގެ ކާފާ ކަރު ބިންދާލާފަޔޯ އޮތީ……..” ހުސޭން ވާހަކަ ދައްކަމުން ގޮސް އަސްކަނީގައި ހުރި އުނދޯލީގައި އިށީނެވެ.
”ކީކޭ ދެން ބުނާނީ، މިހާރު މިއުޅޭ ގުރޫޕުތަކުގެ މީހުންގެ އިންސާނިއްޔަތުކަމެއް ވެސް ނުހުރޭ… ވައްކަންކުރަން ވަދެ ކޮންމެ ފަދަ ޖަރީމާއެއް ވެސް ހިންގަން އެމީހުން ފަސްނުޖެހޭނެކަން އަންގަދީފި…” ހުސޭން ދެފަރާތަށް ބޯހޫރާލަމުން ވާހަކަދެއްކި އެވެ.
*****
ޔޫނުސް އޭނަގެ ސައިކަލު މަޑުކޮށްލީ މީހުން އެއްވެފައި ތިބި ހިސާބައި ތަންކޮޅެއް ދުރަށެވެ. ސައިކަލުގެ ހަރުޖައްސާލަމުން އަވަސްއަވަހަށް ތަޅުދަނޑި ނަގައިގެން އޭނަ މިސްރާބު ޖެހީ އެއްވެފައި ތިބި މީހުންތަކާ ދިމާއަށެވެ. އެބައިގަނޑުގެ ތެރޭން ފުރޭނިގެން ގޮސް އޭނަގެ ނަޒަރު ހުއްޓުނީ މީހުނާ އެއްފަރާތްވެލައިގެން ހުރި އައިޝާއާ އެވެ. އޭރު އައިޝާގެ ގާތުގައި އޭނަގެ ގާތް ރަހުމަތްތެރިންނާއެކު އޭނަގެ މައިންބަފައިން ވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ސިހުމެވެ.
”ވަޓް ހެޕެންޑް؟…” ފިޔަވަޅުތަކުގެ މިސްރާބު އައިޝާމެން ތިބި ދިމާއަށް ބަދަލުކޮށްލަމުން ޔޫނުސް ސުވާލުކުރީ އައިޝާއާ އެވެ. އޭރު ވެސް އައިޝާ ދިޔައީ ރޮމުންނެވެ. ޔޫނުސް ފެންނައިރަށް އޭނަ ޔޫނުސްގެ ގައިގައި ބައްދާލަމުން އިތުރަށް ރޮއިގަތެވެ. ޝާޢާއަށް ވީނުވީއެއް ނޭގުނުތާ އިހާނެތިކޮށް މަރާލެވިފައިވާ ޝާޢާގެ ކާފާއާއި މާމަގެ ވާހަކަ އައިޝާ ކިޔައިދިނީ ގިސްލަމުންނެވެ. ހާދިސާގެ ފުންމިން އެނގުނު ވަރަކަށް ޔޫނުސްގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔަ އެވެ. ދެލޯ މަރާބާރުކޮށްލެވުނު ހިނދު އޭނަގެ ހިތުގެ ދުލުން ޝާޢާއަށް ގޮވާލެވުނެވެ. ހިތުގައި ގަދަ ވޭނެއް އުފެދިގެން އައީ އެދަނޑިވަޅުގައެވެ. ޝާޢާއަށް ޓަކައި އޭނަގެ ހިތް ރޯލިއެވެ. ޝާޢާ ވާނީ ކޮން ހާލެއްގައިކަމެއް ވެސް އެނގެނީކީ ނޫން ވިއްޔާއެވެ. އެމައުސޫމް އަންހެންކުއްޖާއާ މެދުގައި ޔޫނުސްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޝާޢާއަށް ގެއްލުމެއް ވާކަށް އޭނަގެ ހިތެއް ނޭދެއެވެ.
”މީހުން ބުނަނީ ޝާ ރަހީނުކުރީއޯ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އައިޝާ ބުނެލިއެވެ. އޭނަ ހުރީ އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް ދިމާވި ހިތްދަތި ހާދިސާ ޤަބޫލުކުރަން ނުހަނު އުނދަގޫ ވެފައެވެ. އެހެނަސް ހަމަ ލޮލަށް ފެންނަން ހުރި ހަޤީޤަތްތައް ދޮގުކުރާނީ ފަހެ ކިހިނެއް ހެއްޔެވެެ؟
”ތިހެން ވިސްނާކަށް ނުވާނު، އެމީހުންގެ އަތްދަށުން ޝާ ފިލާ ވެސް ފާނެއެއްނު…” ޔޫނުސް ބޭނުންވީ އެގޮތް ޤަބޫލުކުރާށެވެ. ފަހަރެއްގައި ވެސް ރަހުމުކުޑަ ބައެއްގެ އަތްދަށުވެ ޝާޢާ ހަފުސްވާކަށް އޭނަ ބޭނުމެއް ނޫނެވެ. އުއްމީދުގެ ފަހުގެ ވާފަށުގައި އޭނަ ހިފަހައްޓާލައިގެން ހުރީ ދޫކުރަން ނޭދޭ ހާލުގައެވެ. ތަކުރާރުކޮށް އޭނަގެ ހިތަށް ވިސްނައިދިނީ ޝާޢާ ހެޔޮހާލުގައިވަނިކޮށް އޭނައާއި ބައްދަލުކުރާނެކަމަށެވެ. އެއަތުގެ ހިމާޔަތާއި ރައްކާތެރިކަން ޝާޢާއަށް ދިނުމަށެވެ. ހުރިހާ އުދާސްތަކެއް ދިރުވާލަން ޔޫނުސް މަސައްކަތްކުރި އެވެ.
”އަހަރެން ވެސް ބޭނުންވަނީ ތިހެން ވާން… އެކަމަކު… އެކަމަކު އެފަދަ ބައެއްގެ އަތްދަށުން ސަލާމަތްވެވިދާނެތަ… އެއީ އިންސާނުންގެ ދަރަޖައަށް ފެތޭނެ ބައެއް ނޫން، ކީއްވެތަ މި ފަދަ ދެރަ ގޮތެއް ވާންވީ؟؟؟…” އައިޝާއަށް ބުނެލެވުނެވެ.
*****
ޝާޢާއަށް ހޭލެވުނީ އާދަޔާ ޚިލާފު ފިނިކަމެއް އިހުސާސް ކުރެވެން ފެށުމުންނެވެ. ލަސްލަހުން ހުޅުވާލި ދެލޮލާއެކު ވަށައިގެންވި މާހައުލަށް ސަމާލުކަން ދޭން އޭނަ މަސައްކަތް ކުރިއެވެ. އޭރު ވެސް އޭނަގެ ބޮލުގައި ތޫނު ރިހުމެއް އުފެދިފައި ވިއެވެ. ތެދުވާނެހާ ހަކަތެއް ނެތް ހާލު ޝާޢާ ބިންމަތީ އޮށޯވެލައިގެން އޮވެ ކަޅި ހިންގަން ފެށި އެވެ. މުޅި ހިސާބަށް ފެތުރިފައި ވަނީ އަނދިރިކަމެވެ. އެއަނދިރީގެ ތެރެއަށް ދެލޯ ހުޅުވައި ސަމާލުވެލުމުން ތަންކޮޅެއް ދުރުން ފާނޫޒުތަކެއްގެ ފަނޑު އަލި ފާޅުވެ އެވެ.
ހިތްވަރުކޮށްލަމުން ތެދުވާން އުޅުމާއެކު ފައިގައި ހިލިހިލާތަކެއް ޖަހާފައިވާކަން ޝާޢާއަށް އިހުސާސްކުރެވުނެވެ. ލިބުނު ހައިރާންކަމާއި ސިހުމާއެކު ކުއްލިޔަކަށް އޭނަގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔަ އެވެ. އިސާހިތަކުގެ އޭނަގެ މުޅި ވުޖޫދަށް އައި ތޫފާނާ ކުރިމަތިލާން ޖެހުނެވެ. އެ ހިނދު އޭނަގެ ލޮލުގެ ކުރިމަތީން މަންޒަރުތަކެއް ސިފަވާން ފެށިއެވެ. އެތައް ހާސް ޓަނުގެ ބަރުދަނާއެކު އޭނަގެ ސިކުނޑިއަށް ވެރިވެގަތް ނާމާން ހަޤީޤަތާއެކު ޝާޢާއަށް ރޮވިއްޖެ އެވެ. ދެލޯމަރާ ބާރުކޮށްލި ހިނދު އޭނައަށް ސިފަވެގެން ދިޔައީ މާމަގެ ނިމުން އައި ގޮތެވެ. އެއަށްފަހު ކާފަގެ ނިމުން އައި ގޮތެވެ. މިހުރިހާ ދުވަހު ދޮގު ކުރަމުން އައި ޖިންނީންނަކީ ހަޤީޤަތެއްކަމާއި، އެކަމާ އޭނައަށް ކުރިމަތިލާން ޖެހުނީ ހިތްދަތިކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ. ތުރުތުރުލަމުން ދިޔަ ޝާޢާގެ ތުންފަތުގެ ތެރޭން ވޭނީ ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔަ އެވެ. ވިސްނަން ބޭނުންނުވިކަމުގައި ވިޔަސް އޭނަގެ ސިކުނޑީގައި ތަކުރާރުވަނީ އެންމެ މަންޒަރެކެވެ. މާމަގެ ހަޅޭކުގެ އަޑު ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލާފައި ވިއެވެ. ކާފަގެ އާދޭސްތަކުގެ އަޑު ވެސް މެއެވެ.
ހަކަތަ ހުސްވެގެން ދިޔަ މީހަކު ފަދައިން ޝާޢާ ބިންމައްޗަށް ދެމިފައި އޮތެވެ. ހިތާއި ޖިސްމުގައި ވަނީ ފުން ރިހުމެއް އުފެދިފައެވެ. އެއީ ދުނިއުމުރަށް ފަސޭހަވުމެއް ނެތް ފާރުގަނޑުތަކަކުން އަޅާނެ ވޭނެކެވެ. ހަޤީޤަތާ އެކަނިމާއެކަނި ކުރިމަތިލާނެ ހިތްވަރެއް ވެސް އޭނަގެ ހަށިގަނޑަކު ނުވެއެވެ. އެހެން އޮތް އިރު ޝާޢާގެ ދުލަށް އައީ ޔޫނުސްގެ ނަމެވެ. ޔޫނުސްގެ މަދަދަށް އެދި ޝާޢާއަށް ގޮވާލެވުނީ ރުއިމަކާއެކުގަ އެވެ.
*****
މުޅި މާހައުލުގެ ތެރޭން ފެންނަނީ އުފާފާޅުކުރުމުގެ ރަސްމިއްޔާތުތައް ކުރިއަށްދާތަނެވެ. އެކި ނަސްލުގެ ޖިންނިޝައިތާނުން މަސްތުކަމާއެކު މަޖާނަގަމުން ދިޔައީ އެމީހުނަށް ލިބުނު ކާމިޔާބުގެ މައްޗަށެވެ. ޝާހީ މީހުން ތިބުމަށް ހާއްސަކުރެވިފައިވާ މެހެފިލުގައި ހާތިބުގެ ދެމަފިރިންގެ އިތުރުން ޒިޔަޒަން ވެސް އިނެވެ. ވަށައިގެންވި މާހައުލުގެ އުފާވެރިކަން ފެންނަނީ ހަމައެކަނި ހާތިބުގެ މޫނުމަތިންނެވެ. ބަރްކާގެ ފަރާތުން ހަމަހިމޭންކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. ޒިޔަޒަން ވެސް އިނީ ހިމޭންވެފައެވެ. އޭނަ އަދިވެސް ހުރީ ކުރެވުނު ކަންތަކަކީ ރަގަޅުކަމެއް ކަމާ މެދު ސުވާލު އުފެދިފައެވެ. ކިތަންމެ ނުބައި މީހާގެ މައްޗަށް ވެސް ރަހުމުކުރުމަށް އޭނަގެ މަންމަ އޮތީ ވިސްނައިދީފައެވެ. އެހެނަސް ބައްޕަގެ ފަރާތުން އޭނައަށް ފެނުނީ މުޅިން ތަފާތު ސިފައެކެވެ. ރަހުމުގެ ކަންފުޅެއް ވެސް ބައްޕަގެ ދެލޮލުން އޭނައަށް ނުފެނުނެވެ. އެއިންސީންގެ ފުރާނައަށް ފެންބޮވައިގެންފައި ހުރި މިންވަރު ނޫން އެހެން އެއްޗެއް ވެސް އޭނައަށް ނުފެނުނެވެ. ބައްޕަގެ ކުރިމަތީގައި އެއްވެސް ފުރާނައެއްގެ އަގު ނުވާކަން ޒިޔަޒަންއަށް މިހާރު ވަނީ އެނގި ހާމަވެފައެވެ. ބައްޕަ ބޭނުންވަނީ، ބައްޕަގެ އެސިފަ އޭނަގެ ފަރާތުން ވެސް ދުށުމަށެވެ. އެހެނަސް ބައްޕަ އެދޭފަދަ މީހަކަށް އޭނައަށް ވެވިދާނެ ހެއްޔެވެ؟
*****
ބަރްކާގެ ހިތުގައިވި ސުވާލުތަކާއެކު އޭނަ ހާތިބާއި ކުރިމަތިލީ ހަފްލާ ނިމި އެމީހުންގެ ގަނޑުވަރަށް އާދެވުނު ފަހުންނެވެ. އެއީ މާސިންގާ ނިކަގަހެއްގެ މަތީގައި ފަރުމާކުރެވިފައިވާ ތަނެކެވެ. ޝާހީކަމާއި ހައިބަތު ކަޅިހިންގާލާ ކޮންމެ ދިމާއަކުން ވެސް ފެނެއެވެ.
”ކީއްކުރަންތަ އެއިންސި އަހަރުމެންގެ ތެރެއަށް ގެނެސްގެން ތިއުޅެނީ؟… އެފަދަ ކަމެއް ހާތިބު ކޮށްފާނެ ކަމާމެދު އަހަރެން މިހިރީ އަޖައިބުވެ އަންތަރީސްވެފައި… މިއީ އެމީހުން އަންނަން ޖެހޭ ތަނެއް ނޫން، މިހަޤީޤަތާ ކުރިމަތި ލުމުގެ ޤާބިލިއްޔަތުކަމެއް އިންސީންގެ ބަލިކަށި ސިކުނޑިއާއި ނަފުސަށް ލިބިގެން ނުވޭ…” ހާތިބުގެ ސިކުނޑީގައި ރޭވިފައި އޮތް ކަންތައް އޮޅުން ފިލުވަން ބަރްކާ ސުވާލުކުރި އެވެ.
”ބަރްކާ އެއިންސިއާއި މެދު ހަމްދަރުދީ ވަނީތަ؟، ވެ ދިޔަ ހުރިހާ ކަމަކަށް ފަހު ވެސް ތި ހިތުގައި އެމީހުނަށް ރުޅިވެރިކަމެއް ނުވޭތަ؟… އަހަރުމެންގެ ދަރީގެ ނިމުން އައީ އެމީހުންނާ ހެދި، އެކަމަކު ވެސް ބަރްކާއަށް އެކަމެއް ނުވިސްނޭ… ބަރްކާގެ ތި ފީކަޅާ ވިސްނުން އެ ޒިޔަޒަންއަށް ވެސް ލިބިފައި ވަނީ، އޭނައަށް ލިބެންޖެހޭ ޤަދަރު ނުލިބެނީ ވެސް ބަރްކާގެ ސަބަބުން…” ބަރްކާއާ މެދު ހާތިބު ނުރުހުނެވެ.
”ހާތިބު ބޭނުންވީ ބަދަލު ހިފާކަށެއްނު… މިހާރު ބަދަލު ހިފިއްޖެއެއްނު… މިކުޅިގަނޑުގެ ތެރެއަށް ކުށެއް ނެތް އިންސިއަކު ވައްދަން ތިއުޅެނީ ކީއްކުރަން… ކުރިކަމެއް ކުރީ ޖާބިރުމެނެއްނު، އެމީހުނަށް އެކަމުގެ ސަޒާ ލިބިއްޖެއެއްނު، ނުވީތާކަށް އެކަމުގައި ކިތައް ކުށެއްނެތް ފުރާނަތަކެއްގެ ނިމުންއައީ؟……” އިތުރު ލޭއޮހޮރުވުންގަނޑެއް ހިނގަން ބޭނުން ނުވާތީ ބަރްކާ ބުނެލިއެވެ. ”އެއިންސި ހޯދަން އެމީހުން މަސައްކަތްކުރާނެކަމެއް ނޭގޭތަ؟…”
”ކުށެއްނެތޭ؟؟؟… އެއިންސި އެއީ އަހަރުމެންގެ ފިރިހެންދަރިފުޅު މަރާލުމުގައި ޖައުފަރަށް ވާގިދީ އެހީވެދިން ނުލަފާ ފަންޑިތަވެރިޔާގެ ލޭ… އެހުރިހާ އެންމެން އެއީ އަހަރެންގެ ދުޝްމަނުން، އަހަރެންގެ ކޮންމެ ދުޝަމަނެއްގެ ފަރާތުން ބަދަލު ހިފާނަން، ބަރްކާ ބޭނުންވަނީ އެއިންސިއާއި މެދު ކަންތައް ވާނެ ގޮތް އެނގޭކަށެއްނު… އެހެން ވެއްޖެއްޔާ އަޑު އަހާ… އަހަރެން ބޭނުން ވަނީ އޭނަ ދިގުދެމިގެންދާ ވޭނެއްގައި މަރުވެގެންދާން، އޭނަ ދިރިއުޅުން ނަރަކައަށް ހަދާލަން…. އޭނަ މަރަށް ތެޅޭތަން ދެކެން އަހަރެން ބޭނުމީ…” ރުޅިވެރިކަމާއެކު ބަރްކާއާ ދިމާއަށް ހާތިބު ހަޅޭއްލަވައިގަތެވެ. އަދި ހޫނު އެތިފަހަރެއް ބަރްކާގެ ކަންކަށިމައްޗަށް ވީއްލާލީ ބަރްކާގެ ވިސްނުން ބަދަލުކުރުމުގެ އިންޒާރެއްގެ ގޮތުގަ އެވެ.
”މީގެ ފަހުން މަގޭ ނިންމުމަކަށް ފާޑުކިޔަން ހިތަށް ވެސް ނާރުވާތި… ކަލޭގެ ނުފޫޒުން ޒިޔަޒަން ވެސް ހަލާކުވެފަ އެހެރީ…” ދަތްތަކަށް ބާރުލަމުން ހާތިބު އިއްވާލި އެވެ. ލިބުނު ހޫނު ހަމަލާގެ ސަބަބުން ބަސްހުއްޓި ދެލޯބޮޑުވެފައިވި ބަރްކާއަށް ހުރެވުނީ އެވެ. ކޯތާފަތުގައި ފިރުމާލި ހިނދު ހާތިބުގެ ބަދަލު ހިފުމުގެ ރޫހު ގޮސްފައިވާ ދަރަޖަ ފެނި އޭނަ ހުރީ ބިރުގެންފަ އެވެ.
****
އެކަހެރި މާހައުލެއްގައި ގޮނޑުދޮށިގައި ޒިޔަޒަން އިށީންދެލައިގެން އިން އިރު ރާޅުފަށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ފިނިކަން އޭނަގެ ފަޔަށް އިހުސާސްކުރެވެމުން ދިޔަ އެވެ. އުޑުގައި މިރޭ އާދަޔާ ޚިލާފަށް ވިލާތައް ގިނަވުމުން ދީފައި އޮތީ މިލަ ހަނދުވަރެކެވެ. ރޯޅިތައް ވެސް އެހެނިހެންރޭތަކާއި އަޅާބަލާއިރު މަދެވެ. ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ޒިޔަޒަން އޭނަގެ ބިޔަ ހަށިގަނޑު ދޮންވެލިގަނޑު މައްޗަށް ދޫކޮށްލިއެވެ. އުޑަށް އޭނަގެ ނަޒަރު އަމާޒުވެފައިވިއިރު ކަމަކާމެދު ފުންކޮށް ވިސްނަމުން ދާކަން އޭނަގެ މޫނަށް އަރާފައިބަމުންދާ ޝުއޫރުތަކުން ހެކި ވެއެވެ. ތަފާތު ޚިޔާލުތަކުގައި ކުރިފަޅައިގެން ގޮސް އޭނަގެ ސަމާލުކަން ޝާޢާއަށް ހުއްޓެން ގިނަ އިރެއް ނުނެގި އެވެ. އެނިކަމެތި އިންސާނާއާ މެދު އޭނައަށް ހަމްދަރުދީ ވެވުނީތީ ހިތާ ސުވާލުކޮށްލެވުނެވެ. އެވޭނީ ރުއިމުގެ އަޑު އޭނަގެ ކަންފަތުގައި ހަރުލާފައިވަނީ ކީއްވެ ހެއްޔެވެ؟ އެޚިޔާލުތަކުން އެކަނި ވެސް އޭނަގެ ހިތަށް އުނދަގޫވެފައިވީ ކީއްވެ ހެއްޔެވެ؟
”ބައްޕަ ކީއްކުރަންތަ އޭނަ މިތަނަށް ގެނެސްގެން އެއުޅެނީ؟……” ޒިޔަޒަންއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. އެހެން ވިސްނަން އޮއްވާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު ޒިޔަޒަން އޭނަގެ ހަށިގަނޑު ތެދުކޮށްލަމުން ފަސްއެނބުރި ބަލާލައިފިއެވެ. އޭރު އޭނަގެ އެންމެ ގާތް އެކުވެރިޔާ ރަޒާން އޭނަގެ ލޯބިވެރިޔާ އީވާއާއެކު ހީސަމާސާކުރަމުން އެދިމާއަށް އާދެއެވެ. ދެޒުވާނުންގެ ހަރަކާތްތަކުން ވެސް އެދެމެދުގައިވާ ލޯބި ހާމަކޮށްދެ އެވެ.
”ހަފްލާ ނިމުނުތަނާ ޒިޔަޒަންއަށް ކިހިނެއްތަވީ؟، ގެއްލުނު ގޮތަށް މި ފެނުނީ އަދިކިރިޔާ…” ރަޒާންއާއެކު އައި އިވާ ވެސް ޒިޔަޒަން ގާތު ގޮނޑުދޮށުގައި އިށީނެވެ.
”އަހަރެން އަޑުއެހިން ގެނެސްގެން އެއުޅޭ އިންސި ވަރަށް ރީތި ވާހަކަ، ތެދެއްތަ އެއީ؟…” އީވާ މިރޭ ހަފްލާގެ ތެރެއިން އޭނަގެ ކަންފަތާ ހަމައަށް ފޯރި ވާހަކައެއް ހިއްސާކޮށްލިއެވެ. އީވާގެ ވާހަކަދެއްކުމުގެ ރާގުން ވެސް ގެނެވުނު އިންސިއާ މެދު އޭނަ ޝައުގުވެރިވެފައިވާކަން ހާމަވެއެވެ. ވާނީ ވެސް އެހެންތާ އެވެ. އޭނަގެ އުމުރުން އެހާ ހިސާބަށް އައިއިރު އެފަދަ ކަމެއް ދުވަހަކު ނުފެނެއެވެ. އެމީހުންގެ ދުނިޔެއަށް މިނުނީ އިންސާނަކު ގެނެވިފައެއްނުވެއެވެ. އެކަމާ މެދު ބައިގަނޑުގެ މެދުގައި އުފެދިފައިވާ ސުވާލުތައް އީވާގެ ދުލުކުރީގައި ވެސް ވިއެވެ. ހަމަ އެފަދައިން އެސުވާލުތައް ޚުދު ޒިޔަޒަންގެ ހިތުގައި ވެސް ބުރުޖަހަމުން ދިޔަ އެވެ.
”ޔަޤީނުން ވެސް މަގޭ އީވާއަށް ވުރެ ރީއްޗެއް ނުވާނެ…… ޒިޔަޒަން، އޭ… ކިހިނެއްވަފަތަ ތީނީ… އަނެއްކާ އެއިންސީގެ ޖާދޫގައި ޖެހުނީތަ؟، އެހެންވެތަ ފާޑަކަށް ތީނީ؟… އޭނައާ މެދު ފިކުރުބޮޑުވެފަ ދޯ؟…” އީވާއަށް ތަޢުރީފުކޮށްލަމުން ރަޒާންގެ ޖުމްލަ ނިންމާލީ ޒިޔަޒަންއާ ދިމާކޮށްލަމުންނެވެ. މިރޭ ޒިޔަޒަންގެ ފަރާތުން އޭނައަށް ފެންނަނީ ހިމޭންކަމެވެ. އެކަމާމެދު ވިސްނަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގުނެވެ.
”ތިދެން ކޮންވާހަކައެއްތަ ތިދައްކަނީ؟…” ޒިޔަޒަން ބުނެލިއެވެ. އިތުރަށް އެ މައުޟޫޢުއަށް ވާހަކަދައްކަން އޭނަ ހިތްހަމަނުޖެހޭ ކަހަލައެވެ.
”ޔަޤީނޭ މީނައަށް ކަމެއްވީކަން…” ރަޒާން އިތުރަށް ދިމާކޮށްލަން ބުނެލިއެވެ. އެއާއެކު ހިސާބަކަށް ހިތްހަމަޖުނެހިފައި ހުރި ޒިޔަޒަން ބަލާލުމާއެކު ރަޒާންގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. އީވާ ވެސް ރަޒާންގެ ފަހަތުން ހީގަތެވެ.
”ޒިޔަޒަންއަށް ތިވީ ގޮތެއް ދޯ…” ރަޒާން ހުނުމުގެ ތެރޭން ބުނެލިއެވެ. ޒިޔަޒަން އެއްޗެއް ނުބުނެ އަނެއްކާ ވެސް ހިމޭންކަން ޚިޔާރުކުރުމުން ޒިޔަޒަންއަށް ކަމެއް ވެއްޖެކަން ރަޒާންއަށް ދޭހަ ވިއެވެ. އޭނަ ހުނުން ކޮންޓްރޯލްކޮށްލަމުން ޒިޔަޒަންއާ މިފަހަރު ސުވާލުކޮށްލީ ސީރިޔަސްކަން އަޑަށް ގެންނަމުންނެވެ.
ފުންނޭވާއެއް ދޫކޮށްލި ޒިޔަޒަން ކަންތައް ހިނގާ ދިޔަ ގޮތުގެ ތަފުސީލު ރަޒާންއާއި ހިއްސާކުރިއެވެ. ކަނުލާ އަޑުއަހަން ތިބި އީވާއާއި ރަޒާންގެ މޫނުން ވެސް ހައިރާންކަން ފާޅު ވިއެވެ.
”ބައްޕަ އެހުރީ ބަދަލު ހިފުމުގެ ރޫހުން ފޯވެފައި، ހެވާއި ނުބައި ވަކިކުރަން ނޭގޭ ހިސާބަށް ގޮސްފައި، ބައްޕަ ބޭނުންވަނީ އަހަރެން ވެސް ބައްޕަ ފަދައިންވުމަށް… އެކަމަކު އެއީ އަހަންނަށް ވާނެކަމެއް ނޫން…” ޒިޔަޒަން ބުނެލިއެވެ.
”އިންސާނުންގެ ފަރާތުން ޒިޔަޒަންގެ ބައްޕައަށް ލިބުނީ ފޫނުބެދޭ ވަރުގެ ގެއްލުމެއް، އެމީހުންގެ ސަބަބުން ޒިޔަޒަންގެ ބޭބެ މަރުވެގެން ދިޔައީ… އެހެންވެ އެފަދަ ކަމެއް ޒިޔަޒަންގެ ބައްޕަގެ ފަރާތުން އެފެންނަނީ…” ހާތިބުގެ ޠަބީޢަތަށް އެކަހަލަ ބަދަލެއް އަންނަން ޖެހުނު ސަބަބު ރަޒާން އޮޅުންފިލުވާލަދިނެވެ.
”އެހުރިހާ އެންމެން މަރާލި އިރުގައި ކީއްކުރަންތަ އަހަރުމެންގެ ތެރެއަށް އޭނަ ގެެނެސްފައި އެހުރީ… އޭނައަށް އަނިޔާކޮށް މަރާލަންތަ؟…” ވިސްނަން އިން އީވާ ބުނެލިއެވެ. އޭނައަށް ހަޖަމުނުކުރެވިގެން އެއުޅެނީ އެކަމެވެ.
”އާނ، ދެން އިތުރު ކޮންކަމެއް؟…” ޒިޔަޒަންއަށް ބުނެވުނެވެ.
*****
ކަރުހިއްކައިގެންފައިވި ޝާޢާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ބަނޑުހައިހޫނުކަން ވެސް އޭނައަށް އިހުސާސްކުރެވެމުން ދިޔަ އެވެ. ހަށިގަނޑުގައި ހުރި ހަކަތައެއް އޭނަ ބޭނުންކުރަމުން ދިޔައީ ފައިގައި ޖަހާފައި ހުރި ހިލިހިލާތަކުން މިންޖުވުމަށެވެ. ނަމަވެސް އެކަމުން ހަށިގަނޑަށް އިތުރު ވޭންތަކެއް މެނުވީ ނުލިބުނެވެ. އޭރު އޭނަގެ ފައިން ލޭވެސް ހިލިއްޖެއެވެ. ގޮތްހުސްވެ ބަލިކަށިވުމުން ޝާޢާއަށް އަނެއްކާ ވެސް ރޮވުނެވެ. އޭނަގެ އެވޭނީ ގިސްލުންތައް އަޑުއަހާނެ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ. ރޫހާނީ ދަންތުރައެއްގައި ޖެހި އަމިއްލަ ނަފުސު ހަފުސްވަމުން ދިޔަ ހިނދު ޝާޢާއަށް ހެއްދެވި ފަރާތުގެ މަދަދަށް އެދެވުނެވެ. އެބިރުވެރިކަމާއި ނާމާންކަމުން އޭނަ މިންޖުކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެއަނިޔާވެރިކަމުން އޭނައަށް ހިމާޔަތެއް ދެއްވުމަށް އެދި ވެސް މެއެވެ.
ބިންމަތީގައި ކުރުގެޅިގެން އޮތް ޝާޢާއަށް ރޮވެމުން ދިޔަ އެވެ. އޭރު ވެސް އޭނަގެ ބޮލުގައި ގަދައަށް ރިއްސައެވެ. ހަށިގަނޑަށް ބޭނުންވާ ފެނާއި ހަކަތަ ނުލިބުމުން މީހާ ވަނީ ބަލިކަށިވެފައެވެ. ނުވީތާކަށް އަނދިރީގެ ސަބަބުން އޭނަ އޮތީ ސިހިސިހިއެވެ. އެއަނދިރީގެ ތެރޭން ފާޅުވެގެން އައިސްދާނެ ބިރުވެރި މަހުލޫގެއްގެ ޝިކާރައަކަށް އޭނަ ވެދާނެތީއެވެ. އޭނައަށް އާދެވިފައި އެވަނީ އެފަދަ ނާމާން ކިއްލާއަކަށް ވިއްޔާއެވެ.
*****
ނުނިދިފައި އޮތް ޒިޔަޒަން އޭނަގެ ދާން ދޫކޮށް ކޮޓަރިން ނިކުމެވެން ހުރި ބެލްކަނިއަށް ނިކުމެލީ އޭނަގެ ނަފުސަށް ލުޔެއް ހޯދައިދޭށެވެ. ރޭގަނޑުގެ ހަމަހިމޭން މާހައުލުގެ ތެރެއަށް އޭނަގެ ސިކުނޑި ދޫކޮށްލެވިފައި ވަނިކޮށް ވައިރޯޅިތަކުގެ އެހީގައި އޭނަގެ ކަންފަތާ ހަމައަށް އަޑެއް ފޯރިހެން ހީވިއެވެ. އެކަމަށް އޭނަ ފުރަތަމަ ސަމާލުކަމެއް ނުދިނެވެ. އެހެނަސް ދެވަނަ ފަހަރަށް އެއަޑު ކަންފަތުގައި ޖެހުނީ ގިސްލުމެއް ފަދައިންނެވެ. ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވުމާއެކު އަޑު އަންނަނީ ކޮންތަނަކުންކަން ޒިޔަޒަންއަށް ނަގައިގަނެވުނެވެ. އެދިމާއަށް އޭނަ ބަލަހައްޓައިގެން ހުރީ ދެޚިޔާލެއްގެ މަތީ ހުރެއެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އޭނަ ގަސްދުކުރީ އަނބުރާލާފައި ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ކުރިއަށް އަޅާލި ފިޔަވަޅާއެކު އޭނަގެ ހިތް ގޮވާލީ މުޅިން އެހެންކަމަކަށެވެ. އެއާއެކު މިފަހަރު ޒިޔަޒަންއަށް އިޖާބަދެވުނީ އޭނަގެ ހިތަށެވެ. އެވޭނީ ގިސްލުމަށް އޭނައަށް ބީރު ކަންފަތެއް ނުދެވުނެވެ.
*****
ގައިދީން ތިބުމަށް ހަމަޖެހިފައިވާ ތަނަށް ޒިޔަޒަން އައިއިރު އެތަނުގެ ދޮރުފާރަވެރިންނަށް ތިބި ޖިންނީންނަށް ވަނީ ނިދިފައެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ޒިޔަޒަން ވަށައިގެން ހޯދާލީ އެއްވެސް އެއްޗެއްގެ ހިލަމެއް ވޭތޯއެވެ. އެކަން ޔަޤީންކޮށްލުމަށްފަހު ދުންގަނޑެއް ފަދައިން ވައިގެ ތެރެއަށް ޒިޔަޒަން ގެއްލިގެން ދިޔަ އެވެ. އޭގެ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ހުރީ ދަގަނޑުތަކުން ފަރުމާކުރެވިފައިވި ދޮރުގެ އަނެއްފަރާތުގައެވެ.
ކުރިއަށް އަޅަމުން ދިޔަ ކޮަންމެ ފިޔަވަޅަކާއެކު އިވެމުން އައި ރުއިމުގެ އަޑު ގަދަވަމުން ދާ ހެން ހީވިއެވެ. ޝާޢާ ހައްޔަރުކުރެވިފައިވާ ގޮޅިއާއި ޒިޔަޒަން އަރާހަމަކޮށްލިއެވެ. އޭރު މެދުކެނޑުމެއް ނެތި ގިސްލުމުގެ އަޑު އިވެއެވެ. އެއަޑުގައި އެކުލެވިފައިވީ މީގެ ކުރީން ޒިޔަޒަންއަށް އަޑު އިވިފައި ނުވާ ޖަޒުބާތުތަކެކެވެ. ހުއްޓުން އަރާފައި އޭނައަށް ހުރެވުނީ ވެސް އެހެންވެއެވެ.
އެތާ ހުރި ފާނޫޒު ހިފައިގެން ޒިޔަޒަން ކުރިއަށް ހިނގައިގަތުމާއެކު މުޅި ތަނުގައި ރަސްކަން ކުރަމުން އައި އަނދިރިކަން ފޫއަޅުވާލަމުން ދިޔަ އެވެ. ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމާއެކު ޝާޢާ ފުރަތަމަ ގަތީ ބިރެވެ. ވަރުބަލިވެފައިވާ ހާލުގައި ވެސް އޭނަ މަސައްކަތްކުރީ އެއަޑާއި ވީހާ ވެސް ދުރަށް ދާށެވެ. ބޮލަށް އެނބުރުން އަރާފައިވުމާއެކު އޭނައަށް ރަގަޅަށް ތަނެއްދޮރެއް ވަކިނުކުރެވުނެވެ. ނަމަވެސް ދުރުން އައެއްޔެއް ކައިރިވަމުންދާކަން އޭނައަށް އިހުސާސްކުރެވުނެވެ. އެއަލި ކައިރިވަމުން ދިޔަ ވަރަށް އޭނައަށް މީހެއްގެ ސިފަ ސޫރަވާން ފެށިއެވެ. އިސާހިތަކު އެސޫރަ މީހަކަށް ބަދަލުވެއްޖެއެވެ. ދެލޯހުޅާ ރަގަޅަށް އެމީހާއަށް ޝާޢާ ބަލާލިއެވެ. އެއްވެސް އައިބުކަމެއް ނުވާ ފުރިހަމަ ސޫރައެކެވެ. ކުރިމަތީ ހުރި ޒުވާނާއާއި ޝާޢާގެ ނަޒަރު ބައްދަލުވި ހިނދު އޭނަގެ ހިތަށް ކުޑަ ވިޔަސް ހަމަޖެހުމެއް ލިބުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެޒުވާނާގެ ދެލޮލުން އޭނައަށް ފެނުނީ އޯގާތެރިކަމެވެ. ހަމަހިމޭންކަމާއެކު ޝާޢާއަށް ބަލަން އޮވެވުނީ އެހެން ވެއެވެ. އެޒުވާނާގެ ފަރާތުން އޭނައަށް ނުރައްކަލެއް ވެދާނެ ކަމަކަށް އޭނައަށް ހިޔެއް ނުކުރެވުނެވެ. އޭނައަށް ހީކުރެވުނީ އެއީ އޭނަ ފަދައިން އިންސާނެއް ކަމަށެވެ. އޭނަ ސަލާމަތްކުރަން އައީ ކަމަށެވެ.
ވަރުދެރެވެފައިވާ އަޑަކުން ޝާޢާ އެއްޗެއް ބުނަން އުޅުނެވެ. އެހެނަސް ކަރުތެރެ އިންތިހާއަށް ހިކިފައި ވުމާއެކު އޭނައަށް ރަގަޅަށް ވާހަކައެއް ނުދެކެވުނެވެ. ޝާޢާ ކައިރިއަށް ކުޑަކަކޫ މައްޗަށް ތިރިވި ޒިޔަޒަން އޭނަގެ އަތުގައި އޮތް ފާނޫޒުން ޝާޢާގެ މޫނަށް އަލިކޮށްލިއެވެ. ޒިޔަޒަންގެ އެހަރަކާތުން ޝާޢާއަށް އުނދަގޫވިކަން އޭނައަށް ރޭކާލީ ޝާޢާ އޭނަގެ ލޯކުރިމައްޗަށް އަތް ހުރަސްކޮށްލުމުންނެވެ. އެވަގުތު ވެސް ޝާޢާ އެއްޗެއް ބުނަން އުޅުނެވެ. ޒިޔަޒަން ސަމާލުވެ ހުއްޓާ އަނެއްކާ ވެސް ޝާޢާ ވާހަކަދެއްކިއެވެ.
”ފެ…ފެ…ފެ…ން…” ވައިއަޑަކުން ޝާޢާ ބުނެލިއެވެ. އެއާއެކު ޝާޢާ އޮތް ހާލު ޒިޔަޒެންއަށް ރޭކާލައިފިއެވެ. އަތުގައި އޮތް ފާނޫޒު ބިންމަތީގައި ބަހައްޓަމުން އޭނަ އަވަސްވެގަތީ ޝާޢާއަށް ފެން ގެނެސްދިނުމަށެވެ. ބޮލަށް އެނބުރުން އަރާފައި އޮތް ޝާޢާ ލޯމަރާލުމަށްފަހު ހުޅުވާލި ހިނދު އޭނަގެ ކައިރީގައި ހުރި ޒުވާނާ ފެންނަން ނެތުމުން ގަތީ ބިރެވެ. ދެވަނަ ސިކުންތުގައި އޭނަގެ ކުރިމަތިން ފާޅުވުމާއެކު އަމިއްލަ ހާލާ މެދު ވެސް ވިސްނާލެވުމެއް ނެތި ޝާޢާއަށް ތެޅިގަނެވުނީ ބިރުންނެވެ. ޝާޢާ ބޭނުންވީ ދުރަށް ދާށެވެ. އޭނަގެ ލޯ ހަޤީޤަތަށް ހުޅުވުނީތީ އެވެ.
ޝާޢާއަށް އައި ކުއްލި ބަދަލު ފެނި ޒިޔަޒަން ހުރީ ހަދަންވީ ކިހިނެއްކަން ނޭގިފައެވެ. އޭނަ ޝާޢާއަށް އެހީވާން އުޅެގެން ޝާޢާ ބިރުން ހަޅޭއްލަވައިގަނެފިނަމަ ދޮރުފާރަވެރިންނަށް ތިބި މީހުނަށް ހޭލެވިދާނެއެވެ. އޭރުން އޭނައަށް ޝާޢާއަށް އެހީއެއް ނުވެވޭނެއެވެ. ފުންނޭވާއެއް ދޫކޮށްލި ޒިޔަޒަން ޝާޢާއަށް ފެންނާނެހެން ދިއްކޮށްލީ އޭނަގެ އަތުގައި އޮތް ދަގަނޑު ފެންޖަގާއި ތައްޓެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
”އަހަރެން މިއައީ އެހީވާން، އަނިޔާ ކުރާކަށެއް ނޫން…” ޝާޢާއަށް އިވުނީ އޯގާތެރިއަޑެކެވެ. އޭނައަށް ޤަބޫލުނުކުރެވިފައިވާ ހާލު ބަލަން އޮވެވުނެވެ. ޖިންނީންގެ ތެރޭގައި ވެސް ރަގަޅު ބަޔަކު އުޅޭ ހެއްޔެވެ؟
ޒިޔަޒަން ފަރުވާތެރިކަމާއެކު ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަނެއްކާ ވެސް ޝާޢާ ތެޅިގަތެވެ. އޭނައަށް ޒިޔަޒަންގެ ވާހަކަތަކަށް ޤަބޫލުނުކުރެވުނީކަން ޒިޔަޒަންއަށް ނަގައިގަނެވުނެވެ. ވާނީ ވެސް އެހެންތާއެވެ. ޝާޢާއަށް ފުރަތަމަ ވެސް ފެނިފައިވަނީ ޖިންނީންގެ ޖައްބާރުކަމާއި ޖާހިލުކަމެވެ. އެއަށްވުރެ އިތުރު ސިފައަކަށް ޝާޢާއަށް އުއްމީދެއް ވެސް ނުކުރެވޭނެއެވެ. އެކަމަށް އޭނަ ޝާޢާ ކުއްވެރިއެއް ނުކުރާނެ އެވެ.
”ފެން…” ޒިޔަޒަން އޭނަގެ އަތުގައި އޮތް ތަށި ދިއްކޮށްލަމުން ބުނެލިއެވެ. އެއްފަހަރު ޒިޔަޒަންއަށް އަދި އަނެއްފަހަރު ފެންތައްޓަށް ޝާޢާ ބަލާލިއެވެ. ދެފިކުރެގައިވާ ހާލު ލަސްލަހުން އޭނަގެ އަތް ތަށްޓާއި ދިމާއަށް ދިއްކޮށްލެވުނެވެ. އެހެނަސް ހަށިގަނޑުގައި ހަކަތަ ނެތުމުން އޭނަގެ އަތުން ބާރު ދޫވެ ވެއްޓުނީއެވެ. މިމަންޒަރު ބަލަން ހުރި ޒިޔަޒަންގެ ދެލޮލުން ހަމްދަރުދީ ފާޅުވިއެވެ.
”އަހަރެން އެހީވެދީފާނަން…” ޒިޔަޒަން ބުނެލިއެވެ. ޝާޢާގެ ހިތް ނޭދުނުކަމުގައި ވިޔަސް އެއަޑުގައިވާ ޖަޒުބާތުތަކުގައި އޭނަގެ ނަފުސު ހައްޔަރުވިއެވެ. މީހާއަށް ހިމޭންކަން ވެރިވީ އެހެންވެއެވެ. ޒިޔަޒަން ކުޑަކަކޫ މައްޗަށް ތިރިވެލަމުން ޝާޢާ ތުދެވާން އެހީވެދިނެވެ. އަދި ތުނބުގައި ފެންތަށި ޖައްސާލިއެވެ. އެއާއެކު ޝާޢާއަށް އެއްނޭވާއިން ފެންތަށި ހުސްކޮށްލެވުނީ ފެންބޮވައިގަނެފައި ހުރިވަރުންވެ. ފެނުގެ ފިނިކަން އަރުގެ ތެރެއަށް ސަވާރުވި ހިނދު ހަށިގަނޑަށް އަރާމެއް ލިބުނުކަން އޭނައަށް އިހުސާސްކުރެވުނެވެ. ފެންތަށި ހުސްވުމާއެކު އޭނައަށް ބަލާލެވުނީ ޒިޔަޒަން އަށެވެ. ޝާޢާގެ ދުލުން ލަފުޒުތަކެއް ބޭރުނުވިކަމުގައި ވިޔަސް ބުނަން އުޅުނު ޖުމުލަ ޒިޔަޒަންއަށް ދޭހަވި ކަހަލައެވެ. އޭނަ އަނެއްކާ ވެސް ތައްޓަށް ފެންއަޅާލަމުން ޝާޢާގެ ތުނބުގައި ޖައްސާލަ ދިނެވެ.
ޖިސްމަށް ލިބުނު ފިނިކަމާއެކު ޝާޢާއަށް ނިދުނީއެވެ. އޭނަ ނިދެމުން ދިޔަ އިރު ކައިރީގައި ހުރި ޒުވާނާއަށް ޝުކުރުވެރިވާކަން އޭނަގެ މޫނުމަތިން ހާމަވެއެވެ. އެއަނިޔާވެރިކަމުގެ ތެރޭން ފުރަތަމަ ފަހަރަށް ޝާޢާއަށް އޯގާތެރިކަން އިހުސާސްކުރެވުނެވެ. މެރެމުން ދިޔަ ދެލޮލުން އަދި ވެސް އެއްފަހަރު އެޒުވާނާއަށް ޝާޢާ ބަލާލިއެވެ. އެއީ ރީތި ސިފައެއްގެ ވެރިއެކެވެ. އެމޫނުމަތިން ފެންނަނީ ހިތްތިރިކަމާއި އޯގާތެރިކަމެވެ. އެއީ މަދުން ނުފެންނަ ސިފަ އެކެވެ.
ނިދިފައި އޮތް ޝާޢާއަށް ޒިޔަޒަން ބަލާލިއެވެ. ކައިރީގައި ހުރި ފާނޫޒުގެ އަލި ޝާޢާގެ މޫނަށް އެޅިފައި ވާއިރު އެމޫނުގެ ރީތިކަން ޒިޔަޒަންއަށް ފާހަގަ ކުރެވިގެން ދިޔަ އެވެ. އީވާ ބުނި ފަދައިން ޝާޢާއަށް ތަފާތު ރީތިކަމެއް ލިބިފައި ވެއެވެ. ޒިޔަޒަން ބަލަން ހުރިއިރު އޭނައަށް ވިސްނެމުން ދިޔައީ ޝާޢާއަށް ވެދާނެ ގޮތަކާ މެދުގައެވެ. އެރީތިކަން ޝާޢާއަށް ވިހައަކަށް ވެދާނެއެވެ. ވަކިން ހާއްސަ ގޮތެއްގައި އެމީހުންގެ ދުނިޔޭގަ އެވެ.
އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ޒިޔަޒަން އަވަސް ވެގަތީ އެތަނުން ދިއުމަށެވެ. ފާނުޒު އެހުރިތަނުގައި ބެހެއްޓުމަށްފަހު އޭނަ ގެނައި އެއްޗެހި ހިފައިގެން ޒިޔަޒަން ގެއްލުނެވެ.
*****
ހެނދުނުގެ ވަގުތެވެ. ނިދީގައި އޮތް ޝާޢާ ސިއްސައިގެން ދިޔައީ އޭނަގެ މޫނަށް ދިޔާ އެއްޗެއް އޮއްސާލިކަމުގެ އިހުސާސާއެކުގައެވެ. ފުންމައިގެންފައި ދެލޯ ހުޅުވާލަމުން އޭނަ ނޭވާލާން މަސައްކަތްކުރިއެވެ. އޭރު އޭނަގެ ނޭވާ އުފުރިގެންދާން ކައިރިވެއްޖެއެވެ. ހަށިގަނޑަށް އަޅާލެވުނު އެއްޗަށް ޝާޢާގެ ސަމާލުކަން ދެވުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޅާލެވުނު އެއްޗެއްގެ ސަބަބުން މުޅި ހަށިގަނޑުން ދުވަން ފެށީ މުޅަ ވަހެކެވެ. ހަމުން ދިލަ ވެސް ނަގަން ފެށި އެވެ.
ޝާޢާއަށް ބިރުވެރިކަމާއެކު ވަށައިގެން ހޯދާލެވުނެވެ. އޭރު އޭނައާއި ކުރިމައްޗަށް ވާހެން ތިބީ އިސްކޮޅުން ދިގު މާރިދުންނެވެ. އެކަކުގެ މުޅި ގައިގައި ހުޅުނބުތަކެއް ފަޅާފައި ވާއިރު އަނެކަކުގެ މުޅި ގައިގައި ހުރީ ކެހެރި ފަޅާފަ އެވެ. އެމީހުންގެ ބޮލުން ދަޅުތަކެއް ނިކުމެފައި ވިއިރު މޫނުން ފެންނަނީ ރަތް އަނގުރުކޮޅެއް ފަދަ ދެލޯ އެކަންޏެވެ. ޝާޢާއަށް ބިރުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ފަހަތަށް ޖެހިލެވުނުއިރު މުޅި މީހާ ބިރުން ގޮސް ތުރުތުރު އަޅައެވެ. އޭނަގެ ހިތް ވެސް މޭކަށިގަނޑު ފަޅާލާފައި ނިކުންނަން ތައްޔާރުވެފައިވާ ކަހަލަ އެވެ.
”ކަލޭ ކިތަންމެ ބާރަށް ހަޅޭއްލެވިކަމުގައި ވިޔަސް މަދަދުވެރިވާކަށް އެއްވެސް މީހަކު ނާންނާނެ…” ރުޅިވެރިއަޑަކުން ހާތިބު ބުނެލިއަޑު އިވުނެވެ. އެއަޑަށް ޝާޢާ ސަމާލުވެލުމާއެކު އިސްކޮޅުން ދިގު މީހަކު އައިސް ހުއްޓުނުތަން ފެނެއެވެ. އޭނައަށް އެސޫރައާއި އަޑު ދުވަހަކު ވެސް ނޯޅޭނެއެވެ. އެއީ އޭނަގެ މާމައާއި ކާފަގެ ޤާތިލެވެ. ޝާޢާގެ ހިތުގައި ރުޅިވެރިކަމުގެ ވިންދު ޖަހާލިއެވެ. ނަމަވެސް އެެހެން ހުރިހާ ޖަޒުބާތުތަކަށްވުރެ ކުރި ހޯދީ ބިރުވެރިކަމެވެ. ޝާޢާ ހާތިބުއަށް ބަލަން ހުއްޓާ އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެ އެވެ.
”ކަލޭ ރުޔަކަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ… ކަލޭގެ ނިމުން އަންނަންދެން ތިހެން ކިތަންމެ ކަރުނައެއް އަޅަން ޖެހޭނެ!… ކަލޭގެ މުސްތަޤުބަލުގައި ވަނީ ކެކުޅުން، އެކަން ކަލެއަށް ކުރިއަށް ހުރި ދުވަސްތަކުގައި ފެނިގެންދާނެ… ކަަލޭވެގެންދާނީ އަހަރުމެންގެ މުނިފޫހިފިލުވުމުގެ ވަސީލަތަކަށް… އަހަރެން ބޭނުންވިނަމަ ކަލޭގެ ޢާއިލާ މީހުންނާއެކު ކަލޭ މަރާލެވުނީސް، އެކަމަކު އެހާ ފަސޭހައިން ކަލޭ މަރުވުމުގެ ފުރުސަތު ދޭކަށް އަހަަރެން ބޭނުމެއް ނޫން… ޖައުފަރު ކަލޭ ސަލާމަތްކުރަން ވަރަށް މަސައްކަތްކުރި، އެކަމަކު މިހާރު އަހަންނަށް މިއޮތީ ކާމިޔާބުވެފައި…” މަލާމާތުގެ ރާގަކަށް ހާތިބު ބުނެލިއެވެ. އޭނަގެ މަގުސަދެއްކަމުގައިވީ ޝާޢާގެ ހިތުގައި ބިރުވެރިކަމާއި ގިލަން ވެރިކަން އުފެއްދުމެވެ. ހާތިބުގެ އެމަގުސަދު ފުރިހަމަ ވެސް ވިއެވެ. އެއާއެކު އޭނަގެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
”ކަލޭގެ ލޯކުރިމަތިން ކަލޭ ލޯބިވާ އެންމެންގެ ނިމުން އަންނާނެ…” ޝާޢާއަށް ބަލަން ހުރެ ހާތިބު ބުނެލިއެވެ. އެޖުމްލަ އޭނަ އަމާޒުކުރީ ހަމައެކަނި ހަދީޖާއާއި ޖާބިރަކަށް ނޫނެނެވެ. ހާތިބުގެ ޖުމްލައިގައިވި މާނަ ޝާޢާއަށް ދޭހަކުރެވުމާއެކު ގިސްލެވިފައިވާ އަޑަކުން އޭނައަށް ނޫނެކޭ ބުނެވުނެވެ. އޭރު އޭނައަށް ބާރަށް ރޮވިއްޖެ އެވެ.
*****
”ނޫން…” ގިސްލުމުގެ ތެރޭން ޝާޢާއަށް ބުނެލެވުނެވެ. އޭނަގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. އަނިޔާވެރިންގެ ފަރާތުން ރަހުމުގެ ކަންފުޅެއް ވެސް ޝާޢާއަކަށް ނުފެނުނެވެ. އޭނަގެ ރުއިމުގެ އަޑު އިތުރަށް ގަދެވެގެން ދިޔައީ ވެސް އެސަބަބާ ހުރެއެވެ. އޭރު އޭނަގެ ހިތުގައި ޔޫނުސްއާ މެދު ބިރުވެރިކަން އުފެދިފައި ވިއެވެ. ހާތިބު ފާޅުގައި އޭނައަށް އިންޒާރު ދެމުން އެދިޔައީ ޔޫނުސްއަށް ގެއްލުން ދީފާނެ ކަމަށެވެ. ގޮތްހުސްވެފައިވާ ހާލު ރަހުމުކުރުމަށް އެދި ޝާޢާ އާދޭސް ކުރިއެވެ.
”ބަދަލު ހިފަން ބޭނުންވާ ކަމުގައި ވާނަމަ އަހަރެން މިހުރީނު، އަހަރެންގެ ފަރާތުން ބަދަލު ހިފާ… އަހަރެން އެކަމުގައި ޝަކުވާއެއް ނުކުރާނަން… އާދޭސްކުރަން… ޔޫނުސްގެ އެއްވެސް ކުށެއް ނުވޭ… ހެޔުނުވާނެ އޭނަ ދޫކޮށްލާ…” ޝާޢާ އޭނަގެ ދެއަތް ޖޯޑުކޮށްލުމަށްފަހު ހާތިބު ގާތު އާދޭސް ކުރިއެވެ. އޭނަގެ އަޑު ދިޔައީ ކުރެހިގެންނެވެ.
”ކަލޭ އާދޭސްކުރިޔަސް އަހަރެންގެ ނިންމުން ބަދަލެއް ނުކުރާނަން، ކަލޭގެ ބައްޕައާއި ކަލޭގެ ކާފަގެ ސަބަބުން އަހަރެންގެ ޢާއިލާއަށް ކުރިމަތިވި ހިތާމަތަކުން އަދިއަދަށްދާން ވެސް އަރައިނުގަނެވޭ، ކަލޭގެ ތިއާދޭސްތަކުން އަހަރެން ފިރިހެންދަރިފުޅު އަނބުރާ ހޯދައިދެވޭނެތަ؟… ކަލޭމެން އިންސާނުންތީ ހަމްދަރުދީ ހައްގުވެގެންވާ ބަޔެއް ނޫން…” ހާތިބު ހަޅޭއްލަވައިގަތެވެ. އޭނަގެ ހިތަށް ޝާޢާގެ ކަރުނަތަކާއި، ގިސްލުމާއި، އާދޭސްތަކުން ކުޑަ ވެސް އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑުގެ ބާރު ގަދައެވެ. އެރުޅީގެ ސަބަބުން އޭނަގެ ވިސްނުން ވެސް މުޅިން ހެން ވަނީ ބަދަލުވެފައެވެ. އޭނައަށް ހެވާއި ނުބައި ވަކިކުރަން ވެސް ނޭގޭ ކަހަލައެވެ. ބަދަލުހިފުމުގެ ރޫހު އޭނަގެ މުޅި ނަފުސުގެ މައްޗަށް އަތްގަދަކޮށްފި އެވެ.
”ކަލޭ ބަލަން ހުންނަނާތި ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުވެގެންދާތަން، ފަހަރަކު މީހަކަށްފަހު ކަލޭ ލޯބިވާ އެންމެންގެ ނިމުން އަންނާނެ، އެވެސް ވޭން ދެނިވި ގޮތުގައި…”
ހާތިބު އޭނަގެ ފަހުގެ ނިންމުން އިއްވާލުމަށްފަހު ނިކުމެގެން ދާން ފެށުމުން ޝާޢާއަށް ތެޅިގަނެވުނެވެ. ހާތިބުގެ ފަހަތުން އާދޭސްކުރަމުން ދާން އޭނަ ދެތުވުނު ހިނދު ހާތިބުގެ ހަށިފާރައަށް ހުރި މަހުލޫގުގެ ހަމަލާ އަމާޒުވެގެން ދިޔައީ ޝާއާގެ މެދުހައްޓަށެވެ. އެއާއެކު ވޭނީ ހަޅޭކެއްގެ އަޑާއެކު ޝާޢާ މޫނު ވަތަށް ބިންމައްޗަށް ވެއްޓުނެވެ. ބަނޑުގައި އުފެދުނު ގަދަ ރިހުމާއެކު އޭނައަށް ނޭވާލުން ވެސް ވީ ދަތިކަމަކަށެވެ. ކުރުގެޅިގެން އޮތް އިރު އޭނަ ތަހައްމަލުކުރަމުން ދިޔަ ވޭނުގެ އަސަރު އާހުތަކުން އަންގައި ދިނެވެ.
*****
ތިން ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ފުލުހުން ޝާޢާ ހޯދުމަށް ކުރި މަސައްކަތަށް އަލިމަގެއް ނުލިބުނެވެ. ރަށާއި ޖެހިގެން ހުރި ރަށްތައް ބަލާ ހޯދިއިރު ވެސް ނަތީޖާއެއް ނުނެރެވުނެވެ. ހަމައެއާއެކު ޖާބިރުމެނަށް ހަމަލާ ދިން ބަޔަކާއި ދޭން ޖެހުނު ސަބަބާ މެދު ވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައި ވިއެވެ. އެކަމާއި ގުޅިގެން ރަށަށް ފާޑުފާޑުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ. އެއްބަޔަކު އެކަން ސިހުރާ ވެސް ގުޅުވިއެވެ. އެވަގުތު އެމީހަކު ހިތަށް އެރި ގޮތަކަށް ރަށުތެރޭގައި ވާހަކަ ދެކެވި ކުރިފަޅަމުން ދިޔަ އެވެ.
ޔޫނުސް ވެސް މިހާރަކަށް އައިސް ހުންނަނީ ހިމޭން ވެފައެވެ. ޝާޢާގެ ޚަބަރެއް ނުވާތީ އޭނަގެ ހުންނަނީ ވިސްނުންތަކެއްގެ ތެރެއަށް ގެއްލިފައެވެ. ޝާޢާ ދެން ދުވަހަކު ވެސް ނުފެނިދާނެކަމުގެ ބިރު އެހިތުގައި ވެއެވެ. ޤަބޫލުކުރަން ހިތް އިންކާރުކުރިކަމުގައި ވިޔަސް މެއެވެ. އެހާ އަވަހަށް އޭނަގެ ލޯބީގެ ބާބުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިއުމުން ޔޫނުސްގެ ސިކުނޑިވީ ޝޮކެއްގެ ތެރޭގައެވެ. ހަމައެއާއެކު ރަށު ތެރޭގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ވެސް އޭނަގެ ސަމާލުކަން ހުއްޓެއެވެ. އޭގެ ސަބަބުން އޭނައަށް ލިބޭ ނުތަނަވަސްކަން އިތުރުވެއެވެ. ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް ފުނިޖެހިފައި ވެއެވެ.
*****
އުދާސީ ދުނިޔެއަކަށް ގެނބިފައިވި ޝާޢާ ސިއްސައިގެން ދިޔައީ މީހެއްގެ ހިލަން ވުމުންނެވެ. އޭނަ ބަލާލިއިރު ތަބެއް ހިފައިގެން މީހަކު އާދެއެވެ. އޭނަގެ ހަރަކާތްތަކުން އެއީ އަންހެނެއްކަން އެނގެއެވެ. އޭނަ އިސް ޝާޢާ އާއި އަރާހަމަކުރަމުން އަތުގައި ހުރި ތަބައް ބިންމަތީގައި ބަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޝާޢާ އެއަށް ބަލާލިއެވެ. އޭގައި ހުރި ކާއެއްޗިއްސެވެ. މީގެ ކުރިން ދުވަހަކު ވެސް ޝާޢާއަށް ފެނިފައިވާ އެއްޗިއްސެއް ނޫނެވެ. އެއްފަހަރު ތަބައް އަދި އަނެއްފަހަރު އެގެނައި އަންހެނާއަށް ޝާޢާ ބަލާލިއެވެ.
”ތި ކާންވީ، ގަޑިއެއްހާ އިރުތެރޭ ތިބަލާ އަންނާނަން، އެހާއިރަށް ކަލޭ ކެޔަސް ނުކެޔަސް ތި ގެންދާނަން، އޭގެ ފަހުން ކަލޭ ހުންނަންޖެހޭނީ މާދަމާއާ ހަމައަށް ނުކާ، ކަލެއަށް ދުވާލެއްގެ މައްޗަށް ކާނާ ލިބޭނީ އެންމެ ފަހަރަކު…” އަމުރުވެރިރާގެއްގައި އަންހެންމީހާ ބުނެލިއެވެ. އޭނަގެ އަޑުގައި ހަރުކަށިކަން ވިއެވެ. އޭނަ އިތުރު އެއްޗެއް ބުނުމެއް ނެތި ނިކުމެގެން ދިޔަ އެވެ. އެމީހުންގެ ނަޒަރުގައި ޝާޢާގެ އެއްވެސް އަގެއް ނެތެވެ. ހިތުހުރި ގޮތަކަށް ކަންތައް ކުރަން ކެރެނީ އެހެންވެ އެވެ.
ބަނޑުހައިވެ ހާންތިވެފައިވުމުން ކާއެއްޗިއްސަށް ސަމާލުކަމެއް ދިނުމެއް ނެތި ޝާޢާ ކާން ފެށިއެވެ. އޭގައި އޭނައަށް ދިނީ ތަފާތު ރަހައެކެވެ. ނަމަވެސް އެރަހަތަކަށް ސަމާލުކަން ދިނުމަށްވުރެ ބަނޑުފުރާނަ މުއްތިކުރަން އޭނަ ބޭނުން ވިއެވެ. ކައި ނިމުމާއެކު ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ހަކަތައެއް ލިބުނެވެ. އެހެނަސް ހިތާމަތަކުގެ ސަބަބުން އޭނަގެ ސިކުނޑިވީ ވަރުބަލިވެފައެވެ. ނުވީތާކަށް ޔޫނުސްއާ މެދު ފިކުރުބޮޑުވެފައިވުމުން އޭނަގެ ބޮލަށް ވަނީ ބަރުވެފައެވެ. ޔޫނުސްއަށް ދެރަ ގޮތެއް ވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެއެވެ. އިތުރު ހިތްދަތިކަމަކާ ކުރިމަތިލުމުގެ ބާރެއް އޭނަގެ ނިކަމެތި ހަށިގަނޑަކު ނުވެއެވެ. އޭނަ އެވަނީ މުޅިން ބިކަވެ ބަލިކަށި ވެފައެވެ.
އަމިއްލަ އުދާސްތަކުގައި ހައްޔަރުވެފައި ވަނިކޮށް އެއްކަލަ އަންހެން މީހާ ވަދެގެން އަންނަތަން ފެނުނެވެ. އޭނަގެ އަތުގައި މިފަހަރު އޮތީ ހިމަ ދިގު ފެންޖަގެކެވެ. އޭނަ ފެންޖަގު ގެނެސް ޝާޢާގެ އަތް ފޯރާ ހިސާބުގައި ބެހެއްޓުމަށްފަހު ނިމިފައި ހުރި ތަށިތައް ހިފައިގެން ނިކުންނަން މިސްރާބު ޖެހިއެވެ.
އަނެއްކާ ވެސް އެކަނިވެރިކަމާއި ހާސްކަން އައިސް ޝާޢާ ވަށާލައި ހާސްކުރުވަން ފެށިއެވެ. އޭނަ ބިންމަތީގައި އޮށޯވެލައިގެން އޮތް އިރު އެފަދަ ބަދުނަސީބަކާއި އޭނައަށް ކުރިމަތިލާން ޖެހުނު ސަބަބާ މެދު ވިސްނަމުން ދިޔަ އެވެ. މާމާ އޭނައަށް ކިޔައިދިން ގޮތުގައި އޭނަގެ ބޮޑުދައިތައާއި ނުލަފާ ޖިންނިއެއް އަވަލުމުން، ބޮޑުދައިތަ ސަލާމަތްކުރަން ހެދި ފަންޑިތައިގެ ބާރުން އަވަލައިގެން އުޅުނު ޖިންނި އަންދާލީއެވެ. އެހެދި ފަންޑިތަ އެންމެފަހުން ވިހަވެ ބޮޑު ކުރިމަތިލުމެއް ފެށިގެން ދިޔައީ އެވެ. އެކަމުގައި ބޮޑުދައިތައާއި އޭނަގެ މައިންބަފައިން ވެސް މަރުވީއެވެ. ކާފަގެ ފަންޑިތައިގެ ބާރުން އޭނައާއި މާމައަށް ވަގުތީ ރައްކާތެރިކަމެއް ލިބުނެވެ. އެހެނަސް މިއަދު އެބާރު ކެނޑި އެމީހުން ވެސް ނުރައްކަލަށް ހުށަހެޅުނީއެވެ. މިހުރިހާ ކަމެއްގައި ވެސް ކުއްވެރިވަނީ ޖިންނީންނެވެ.
*****
ޒިޔަޒަންގެ ޚަބަރެއް މިއަދު އެއްވެސް ގޮތަކަށް ނުވުމުން އޭނަގެ އެކުވެރިޔާ ރަޒާން އޭނައާއި ބައްދަލުކުރަން އެގެއަށް ދިޔަ އެވެ. ރަޒާން ޝާހީ ގަނޑުވަރަށް ވަން އިރު ފުރަތަމަ ވެސް ބައްދަލުވީ ބަރްކާއާ އެވެ. ރަޒާން ހިނިތުންވެލަމުން ބަރްކާއާއި ސުވާލުކޮށްލީ ޒިޔަޒަންވީ ތަނެއް އޮޅުން ފިލުވާލުމަށެވެ. އެއާއެކު ބަރްކާ ބުނެލީ ޒިޔަޒަން ވީ ކޮޓަރީގައި ކަމަށެވެ.
”ޒިޔަޒަން، ކަލެއަށް ކިހިނެއް ވެގެންތަ ތިއުޅެނީ؟… މިއަދު ގެއިން ވެސް ބޭރަށް ނުނިކުންނާނަމޭ ހިތާތަ ތިއޮންނަނީ؟…” ޒިޔަޒަންގެ ކޮޓަރިއަށް ވަން ރަޒާން ވާހަކަދެއްކީ އެނދުގައި އޮށޯވެލައިގެން އޮތް ޒިޔަޒަން އާއެވެ. ރަޒާންގެ އަޑަށް ޒިޔަޒަން ކޮޓަރީގެ ދޮރާދިމާއަށް ބަލާލިއެވެ.
”މިއަދު ތަނަކަށް ދާހިތް ނުވާތީ މިތޮއީ…” އެނދުން ތެދުވާ ފަދަ ޚިޔާލެއް ޒިޔަޒަންގެ ނެތެވެ.
”އަނެއްކާ ކިހިނެއްވީތަ؟…” ރަޒާން ޒިޔަޒަންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
”ނޭގޭ…” ރަޒާންގެ ސުވާލަށް ދޭނެ ޖަވާބެއް ޚުދު ޒިޔަޒަންއަކަށް ވެސް ނޭގުނެވެ. އެވަގުތު އޭނައަށް އޭނަގެ ހިތާއި ވެސް އެސުވާލުކޮށްލެވުނެވެ. އޭނައަށް ވެގެން އެއުޅެނީ ކިހިނެއް ހެއްޔެވެ؟
”ނޭގެޔޭ؟… ތިދެން އަޖައިބެއް ދޯ…” ރަޒާން އައިސް އެނދުގެ ފޭޑީގައި އިށީނެވެ. އަދި ޒިޔަޒަންގެ މޫނަށް ނަޒަރު ހިންގާލީ އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ”އަދިވެސް އެކަމާ މެދުތަ ތި ވިސްނަނީ؟… މިހާރު ޔަޤީން ކުރެވިއްޖެ ޒިޔަޒަން ތީ ލޭއޮހޮރުވުންތައް ހަޖަމުނުކުރެވޭނެ މީހެއްކަން…”
”ޒިޔަޒަން ހިތްހަމަނުޖެހުނަސް އެކަމެއް ބަދަލެއް ނުކުރެވޭނެ… އެމީހުނަށް އެލިބުނީ ހައްޤުވެގެންވާ ސަޒާ… ޒިޔަޒަން ވެސް އެމީހުންދެކެ ރުޅި އަންނާކަން ނު ވީ؟… ކޮންފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިންސާނުންގެ ސަބަބުން…” ރަޒާން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ޒިޔަޒަން އެއާ ވިދިގެން އެއްޗެކޭ ނުބުންޏެވެ.
”މިހާރު އެކަން ވެސް އެނިމުނީއެއްނު…” ރަޒާން ބުނެލިއެވެ.
”ނިމޭނެތަ؟…” ޒިިޔަޒަން ސުވާލުކުރިއެވެ. އެއާއެކު ރަޒާންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔަ އެވެ.
”ކީއްވެތަ އެއިންސި އަހަރުމެންގެ ތެރެއަށް ގެނެވިފައިވަނީ؟، އޭނަ މަރާލުމުގެ ބަދަލުގައި ދިރިހުރުމުގެ ފުރުސަތު ދެވިފައިވަނީ ކީއްވެ؟… ބައްޕަގެ ހިތުން އަދިވެސް ބަދަލު ހިފުމުގެ ރޫހު ފިލައިގެން ނުދޭ، އެކަމުގެ ދިރިހުރި މިސާލެއް އެއިންސިއަކީ…” ޒިޔަޒަން ބުނެލިއެވެ. އޭނައަށް ވަރަށް ރަގަޅަށް އޭނަގެ ބައްޕަ ދަސްވެފައިވާ ކަހަލައެވެ. އިންސާނުންނާ މެދު ބައްޕަގެ ހިތުގައިވާ ރުޅިވެރިކަން ދެމެހެއްޓުމަށް ސަބަބެއް ބޭނުންވެއެވެ.
”އަހަންނަކަށް ނޭގޭ އޭނަ ގެނެވިފައިވަނީ ކީއްވެގެންކަމެއް، އެކަމަކު އެނގޭހާ ވެސް އެއްޗަކީ އޭނަ ދުނިޔޭގައި ގިނަ ދުވަހު ހުރުމުގެ ފުރުސަތެއް ޒިޔަޒަންގެ ބައްޕަ ނުދޭނެކަން… އެކަން ޒިޔަޒަންއަށް ވެސް އެނގެއެއްނު…” ރަޒާންގެ ޖުމްލައާއެކު ޒިޔަޒަންގެ ހިތަށް ގޮތެއް ވިކަން ގައިމެވެ. ހައްޓަށް ލުޔެއް ހޯދަދޭން ފުންނޭވާތަކެއް އޭނަ ދޫކޮށްލިއެވެ.
”އެހެންނޫނަސް ކުއްލިޔަކަށް ޒިޔަޒަން އެއިންސިއާ މެދު ޝައުޤުވެރިކަން އުފެދިގެން ތިއުޅެނީ ކީއްވެ؟…” ޒިޔަޒަންގެ މޫނުގެ ޝުއޫރުތަކަށް ސަމާލުވެލަމުން ރަޒާން އަހާލިއެވެ.
”އޭނައާ މެދު އަހަރެން ޝައުޤުވެރިއެއް ނުވަން، އަހަރެން ކަންބޮޑުވަނީ ބައްޕަ ދެކެ…” ކުއްލިއަކަށް ޒިޔަޒަން އެނދުން ތެދުވުނެވެ. އަދި ރަޒާންއަށް ފުރަގަސް ދެމުން ހިނގައިގަތީ ބެލްކަނިއާއި ދިމާއަށެވެ. ޒިޔަޒަންގެ ހަރަކާތްތަކުން ނަގަންވީ މާނަ ނޭގިފައިވި ރަޒާން ވެސް ޒިޔަޒަންގެ ފަހަތުން ހިނގައިގަތެވެ.
”ދެން މިވާހަކަތައް ހުއްޓާލާފައި ހިނގާބަލަ އަހަންނާއެކު… މިއަދު އީވާ ގޮވައިގެން މިތާ ކައިރި މިއޮންނަ ފަޅު ރަށަށް ދާން ވެގެން މިއުޅެނީ…” ރަޒާން މައުޟޫޢު ބަދަލުކޮށްލަން ބުނެލިއެވެ. އިތުރަށް އިންސީންގެ ވާހަކަ ޒިޔަޒަން ގާތު ދައްކަން އޭނަ ބޭނުމެއް ނުވެއެވެ. ޒިޔަޒަންގެ ވިސްނުން ބައްޓަންވެފައިވި ނަޒަރިއްޔާތު އޭނައަށް ނޭގޭތީއެވެ. އެކަމާމެދު އޭނަ ހުރީ ހިސާބަކަށް ކަންބޮޑު ވެސް ވެފައެވެ. ނަމަވެސް މިވަގުތަށް އެކަން އޭނަ އޮއްބާލީ ފަހުން ޒިޔަޒަންއާއި ހަމަހިމޭން މާހައުލެއްގައި އެވާހަކަދައްކާލުމަށް ގަސްދުކޮށްފަ އެވެ.
”ދެލޯބިވެރިން ދާތަނަކަށް އަހަރެން ގެންދަނީ ކީއްކުރަން؟… ތިދެމީހުން ތިބޭނީ އަމިއްލަ ދުނިޔެއެއްގައި، އަހަރެން ހުންނާނީ ބާކީވެފައި…” ޒިޔަޒަން ބުނެލިއެވެ.
”ބާކީ ނުވާނެއެއްނު ޒިޔަޒަން ވެސް ތިހެން ހުސްހަށިބަޔަށް ނުހުރެ ކުއްޖަކާ ރައްޓެހިވެއްޖެއްޔާ… މިހާރު ވެސް އެތިބަ ނޫކަށިފުރައިގެ ޒުވާނުން ތިބެނީ ޒިޔަޒަން ފެނި އަނބުރައިގަންނަން ކައިރިވެފަ، އެއިން މީހަކާ ކައިރިވެލާއިރަށް ޒިޔަޒަންގެ އެކަނިވެރިކަން ފިލުވާލަދޭނެ…” ރަޒާން ވާހަކަދެއްކިއެވެ.
”އަނެއްކާ ފެށީދޯ… ރަޒާން ނުބުންޏަސް އަހަރެން ވެސް މީހަކާ ރައްޓެހިވާނަމޭ، އެކަމަކު އަދި އެދުވަހެއް ނާދޭ…” ރަޒާންގެ ކޮނޑުގައި ޖަހާލުމަށްފަހު ޒިޔަޒަން ބުންޏެވެ.
”ތިހެން ކިޔާތާ މިހާރު މިވީ ކިތައް އަހަރު، އަހަރުމެން މަރުވެގެންދާއިރު ވެސް ތި ދުވަސް އަންނާނެކަމެއް ނޭގޭ…” ސާމާސާ ރާގަކަށް ރަޒާން ބުނެލިއެވެ. އޭނަ ޒިޔަޒަންއާ ވާހަކަދައްކަން އެތައް އިރެއް ވަންދެން ހުއްޓެވެ. އޭނަ އެންމެފަހުން ދިޔައީ ޒިޔަޒަންގެ ފަރާތުން ދަތުރުގައި ބައިވެރިވެދާނެ ކަމުގެ ޝައުޤުވެރިކަން ނުލިބުނީތީއެވެ.
ރަޒާން ދިއުމާއެކު ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. ވަކަރުން ފަރުމާކުރެވިފައިވާ ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން ޒިޔަޒަން ބަލާލީ ގައިދީން ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށެވެ. އެހިނދު ރަޒާން ބުނި ޖުމްލަ އޭނަގެ ސިކުނޑީގައި ކޮއްޓާލައިފިއެވެ. މިފަހަރު ވެސް އޭނައަށް އެސުވާލު ހިތާކޮށްލެވުނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު އޭނަ ދިޔަ އެވެ.
*****
އިރުއޮއްސި އަނދިރިވުމާއެކު ޝާޢާ އޮތް ގޮޅި ތެރެއަށް ބޭރުތެރެއިން އެޅިފައި ހުރި އަލި ފަނޑުވެ އަނެއްކާ ވެސް އަނދިރިވެއްޖެ އެވެ. ފާރުގައި ލެނގިލުމަށްފަހު އޭނަގެ ދެފައި ގެނެސް މޭގައި ޖައްސާލައިގެން ޝާޢާ އިނެވެ. އެހެން އިންދާ ގިނަ އިރުތަކެއް ނުވެ ދުރުން ފާނޫޒެއް ދިއްލާލުމާއެކު ފަނޑުފަނޑު އަލިކަމެއް ފެތުރިގެން ދިޔަ އެވެ.
****
ރޭގަނޑުގެ ވަގުތެވެ. ސުފުރާމަތީގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔަ އިރު ހާތިބުގެ ފަޅުކަން އިހުސާސްކުރެވި މަންމައާއި ޒިޔަޒަން ސުވާލުކޮށްލިއެވެ. އޭނައަށް މަންމަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާހަގަކުރެވުނެވެ. އެއާއެކު ބައްޕަވީ ތަނަކާ މެދު ހިތުގައި ސުވާލު އުފެދިއްޖެއެވެ.
”ބައްޕަ ވީ ކޮޓަރީގަ، އިރުކޮޅަކުން އަންނާނެ…” ހަމަޖެހޭކަން ދައްކަމުން ބަރްކާ ބުނެލި އެވެ. އަދި ޒިޔަޒަންއަށް ހިނިތުންވެލިއެވެ. ބަރްކާއަށް ސަމާލުކަން ހުއްޓާލަައިގެން އިން ޒިޔަޒަންއަށް އެއީ ދޮގެއްކަން ނަގައިގަންނަން ގިނަ ވަގުތެއް ނުނެގި އެވެ.
”މަންމަ ކީއްކުރަންތަ ދޮގު ތިހަދަނީ؟… އިރާކޮޅު ބައްޕަ ދިޔަ ގޮތަށް ގެއަކަށް ނާދޭ… ބައްޕަ ދިޔަ ތަނެއްގެ ސަބަބުން މަންމަ ކަންބޮޑުވެފައިވާތަން އަހަންނަށް އެބަފެނޭ….” ޒިޔަޒަން ބުނެލިއެވެ. ބަރްކާ ހާމަކުރަން ނޫޅުނުކަމުގައި ވިޔަސް އެމޫނުން ޒިޔަޒަންއަށް ހުރިހާ ވާހަކަތަކެއް ކިޔައި ދީފިއެވެ. އެހުރިހާކަމަކަށް އިތުރު ބާރެެއް ދިނީ ބަރްކާގެ ހިމޭންކަމެވެ.
”ބައްޕަ އުޅެނީ ކީއްކުރަންތަ؟…” ޒިޔަޒަން ކަންބޮޑުވެފައިވާ އަޑަކުން އެހި އެވެ. ބައްޕަ އަނބުރާ އިންސީންގެ ދުނިޔެއަށް ދާން ޖެހުނު ސަބަބެއް އޭނައަކަށް ނޭގުނެވެ.
”ބަދަލު ހިފަން…” ބަރްކާ ބުނެލިއެވެ.
”އެކަމުގައި ޝާމިލުވި އެންމެނަށް އަދަބުލިބިއްޖެއެއްނު…” ޒިޔަޒަންއަށް ހައިރާންކަން ލިބުނެވެ.
”ޒިޔަޒަންގެ ބައްޕަ ބޭނުންވަނީ އެއިންސިއަށް އަދަބުދޭން…” ބަރްކާ ބުނަން އުޅުނު އެއްޗެއް ޒިޔަޒަންއަކަށް ދޭހައެއް ނުވިއެވެ.
”ކިހިނެއް؟…” ޒިޔަޒަން އެހި އެވެ.
”އޭނަ ލޯބިވާ އެންމެން މަރާލައިގެން…” ބަރްކާގެ ޖުމްލައާއެކު ޒިޔަޒަން ހުއްޓުން އެރިއެވެ. އޭނައަށް ބަލަން އިދެވުނީ ޤަބޫލުނުކުރެވިފައިވާ ހާލުގައެވެ. އޭނަގެ ބައްޕަގެ ބަދަލުހިފުމުގެ ރޫހު އެދަރަޖައަށް ދިޔައީ ހެއްޔެވެ؟
”މަންމަ ތިހުންނަނީ އެކަމަށް ފުރުސަތު ދީގެންތަ؟… މަންމަގެ ކުރިމަތީގައި ވެސް މިހާރު ފުރާނައިގެ އަގެއް ނުހުންނަނީތަ؟… މަންމައެއް ނޫންތަ އަހަންނަށް ބުނެދިނީ ކިތަންމެ ބޮޑު ކުށެއް ކުރެވުނު މީހަކަށް ވެސް މަޢާފުކުރުން ހައްގުވެގެން ވެޔޭ… ކޮންމެ ފަދަ ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް އެމީހުންގެ ދަރަޖައަށް ވެއްޓި އަމިއްލަ ނަފުސު އަނދިރީގެ ތެރެއަށް ހުށަނާޅާށޭ، އޭގެފަހުން މުޅިމީހާ ޝައިތާނީ ވަސްވާހުގައި ބަނދެވިގެންދާނެއޭ… ދެން ކީއްވެ ބައްޕަ އަނދިރީގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު މަންމަ ދިނީ؟…. ބައްޕަގެ ރުޅިވެރިކަން އެދަރަޖައަށް ދިޔަ އިރު ކީއްވެ މަންމަ ހިމޭނުން ތިހުންނަނީ؟… އިތުރު ލޭއޮހުރުވުން ތަކަކަށް ފުރުސަތު ތިދެނީ ކީއްވެ؟… މިހާރު މިކަންތައް މުނިފޫހިފިލުވާ ފަދަ ކުޅިގަނޑަކަށް ބަދަލު ވެއްޖެ…” ޒިޔަޒަން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.
”މަންމަ ބުނާ އެއްޗެއް ދަރިފުޅުގެ ބައްޕަ އަހާނެތަ؟… މަންމަ ވެސް ބޭނުމެއް ނޫން މިކުޅިގަނޑު އިތުރަށް ދިގުލައިގެން ދާކަށް، މިހާރު ވެސް އެކަމުގައި އެތައް ބަޔަކު މަރުވެއްޖެ، ގިނައީ ކުށެއް ނެތް މީހުން… އެޖަރީމާ ހިންގި ދެމީހުން މިހާރު ތިބީ ފަސްގަނޑު ދަށުގައި… އެކަމަކު ދަރިފުޅުގެ ބައްޕަ ބޭނުން ވަނީ އެމީހުންނާ ލޭގެ ގުޅުން ހުންނަ ކޮންމެ މީހެއްގެ ފަރާތުން ބަދަލު ހިފަން… ލޭއޮހުރުވުން އެއީ އެކަމަށް މީހާ ދެވިހިފާއެއްޗެއް، ސަބަބެއް ނެތަސް މީހާގެ ހިއްސުތައް ލޭއޮހޮރުވުން ކުރިއަށް ގެންދަން ސަބަބުތައް ދައްކާނެ، ޒިޔަޒަންގެ ބައްޕައަށް ވެސް އެވަނީ އެހެން… މަންމަ ފިކުރުބޮޑުވެފައިވާ މިންވަރެއް ޒިޔަޒަންއަކަށް ނޭގޭނެ…” ވާހަކަދައްކަމުން ގޮސް ބަރްކާއަށް ރޮވުނެވެ. އޭނަގެ ލޯބިވާ ފިރިމީހާ މިހާރު އެވަނީ ތާއަބަދަށް އޭނައަށް ގެއްލިފަ އެވެ. ހާތިބުގެ ނަފުސު އެވަނީ އަނދިރީގެ ތެރޭގައި ހައްޔަރުވެފައެވެ. ހާތިބަށް އޭނަ މަދަދު ފޯރުކޮށްދޭން ކުރިހާ މަސައްކަތެއް ދިޔައި ފެނަށެވެ. އެކަމާ ހުރެ އޭނައަށް އެވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ.
*****
ދުވަސްތަކަކަށް ފަހު އޮފީހަށް ނިކުތުމުން ކުރަން ގިނަ މަސައްކަތްތައް ހުރުމުން ޔޫނުސް މަޑުކޮށްލައިގެން ހުރީ ހުރިހާ މަސައްކަތެއް ނިންމާލާފައި ދިއުމަށެވެ. އޮފީހުގެ އެންމެން ގޮސް ހުސްވިއިރު ވެސް ޔޫނުސް ގެއަށް ނުގޮސް އިނެވެ. މަސައްކަތުގައި ޝާމިލުވުމުން ކުޑަ ހިނދުކޮޅަކަށް ވިޔަސް އޭނައަށް ޝާޢާގެ ހަނދާންތަކާ ދުރަށް ދެވުނެވެ.
މަސައްކަތުގެ ތެރެއަށް ގެއްލިފައި އިން ޔޫނުސް ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ. އޭނަ އަވަސްއަވަހަށް މޭޒުމަތީ އޮތް ފޯނަށް ނަޒަރެއް ދިނެވެ. ގުޅަނީ މަންމަ އެވެ. އެއާއެކު ޔޫނުސްއަށް ގަޑިއަށް ސަމާލުކަން ދެވުނެވެ. އޭރު ގަޑިން އަށެއްޖަހައި ބޮޑު ވެއްޖެއެވެ. މަންމަ އެގުޅަނީ އޭނަ ނައިސް ލަސްވެގެންކަން ޔޫނުސްއަށް އެނގުނެވެ.
”މަންމާ، މި ދަނީ…”
ޔޫނުސް ފޯނުނަގަމުން ބުނެލިއެވެ. އަދި ފޯނުކޯލް ކުރުކޮށްލިއެވެ. އެއަށްފަހު ކުރަން ހުރި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވުމާއެކު، ވަރުބަލިވެފައިވާ އޭނަގެ ހަށިގަނޑަށް ލުޔެއް ހޯދަދޭން ޔޫނުސް އެވަގުތަށް މަސައްކަތް ނިންމާލިއެވެ. އަދި މޭޒުމަތީ ހުރި ފައިލުތައް އެހުރިތަންތަނަށް ލުމަށްފަހު ކޮމްޕިއުޓަރު ނިއްވާލަމުން އޭނަ އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޮފީސް ތަޅުލުމަށްފަހު ޔޫނުސް މިސްރާބުޖެހީ ސައިކަލު ޕާރކްކުރެވިފައިވާ ސަރަހައްދާއިދިމާއަށެވެ. އޭރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
ކުރިއަށް ހިނގަމުން ދިޔަ ޔޫނުސްއަށް ހުއްޓެވުނީ ކުއްލިޔަކަށް އޭނަގެ ކުރިމަތިން ހުރަސް ކަނޑާލި ކަޅު ބުޅަލެއްގެ ސަބަބުންނެވެ. އެބުޅާ ފެނި އޭނައަށް ސިހުން ލިބުނެވެ. އެއީ އާންމުކޮށް ފެންނަ ބުޅާ ތަކާއި ޚިލާފަށް ހަށިގަނޑުން ބޮޑު އެއްޗެވެ. އެސޮރު ވަކި ހިސާބަކަށް ގޮސް މަޑުކޮށްލަމުން ޔޫނުސްއަށް ބަލަން އޮވެ އަޑުލައްވާލިއެވެ. މިމަންޒަރު ބަލަން ހުރި ޔޫނުސް އޭނަގެ ސަމާލުކަން އެ އަދަޔާ ޚިލާފު ބުޅަލާއި ވަކިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.
ޔޫނުސް ދިޔަ ދިމާއަށް ބަލަން އޮތް ބުޅާ ކުއްލިޔަކަށް ގެއްލުނެވެ.
ސައިކަލަށް އަރައި ސްޓާޓްކޮށްލަން އުޅުނު ޔޫނުސްއަށް ޖެހިލި ވައިރޯޅިތަކާއެކު އަޑެއް އިވުނުހެން ހީވިއެވެ. އެއަޑު ބޮޑަށް ވައްތަަރުވީ އަންހެނަކާއެވެ. އޭނަ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ހީވި ގޮތެއް ކަމަށް ނިންމަމުން ޔޫނުސް ސައިކަލު ދުއްވާލަން އުޅުނު ހިނދު އަނެއްކާ ވެސް އެއަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް މިފަހަރު ވަރަށް ވެސް ގާތުންނެވެ. ސިއްސައިގެން ދިޔަ ޔޫނުސްއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަގެ ވަށައިގެން އޮތް ހަމަހިމޭންކަން ދެކެ އޭނަ ބިރުގަތީ ދެނެވެ. އަވަސްއަވަހަށް ސައިކަލު ދުއްވާލީ ހިތަށް ވަން ބިރުވެރިކަމެއްގެ ސަބަބުންނެވެ. އޭރު ވެސް އޭނައަށް ވިސްނެމުން ދިޔައީ އެއަޑާއި މެދުގައެވެ. އެއީ އޭނައަށް ހީވި ހީވުމެއް ހެއްޔެވެ؟ ސިކުނޑި ބުރަހެލިވެފައިވިކަމުގެ ނިޝާނެއް ހެއްޔެވެ؟
ސައިކަލު ދުއްވަމުން ދިޔަ ޔޫނުސްއަށް ކުއްލިޔަކަށް ބުރަކި ޖައްސާލެވުނީ ސައިކަލުގެ ކުރިމައްޗަށް އެރި ބުޅަލުގެ ސަބަބުންނެވެ. ކުއްލިޔަކަށް ބުރަކިޖައްސަން ޖެހުމުން އޭނަ ވިިއްސައިގެން ނުދިޔައީ ވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމާއި ނުތަނަވަސްކަމާއެކު ޔޫނުސް ބުޅަލަށް ބަލާލިއެވެ. އެއީ އޭނައަށް މީގެ އިރުކޮޅެއް ކުރިން ފެނުނު ބުޅަލާ ދާދި އެއްގޮތް ބުޅަލެކެވެ. އެސޮރު އޮތީ މަގު މެދުގައެވެ. ޔޫނުސްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ޔޫނުސް އަޑެއް ލައްވާލުމުން ވެސް އެސޮރު ބިރެއް ނުގަތްތާ އޮތްތަކުން ގުޑާ ވެސް ނުލިއެވެ. އެއާއީ ހިލާފަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ޔޫނުސްގެ ހިތަށެވެ. އެބުޅާ އޭނައާ ދިމާއަށް ބަލަން އޮތީ މީހަކު ބިރުނުގަންނަ ގޮތަކަށް ނޫން ވިއްޔާއެވެ. ޔޫނުސް އަނެއްކާ ވެސް އަޑެއް ގޮއްވާލިއެވެ. މިފަހަރު ވެސް ހަރަކާތެއް ނުކުރިއެވެ. އެއީ މާކަ ބޮޑު މައްސަލައަކަށް ނުހަދާ ޔޫނުސް ސައިކަލު ދުއްވާލަން އުޅުނެވެ. އެއާއެކު އޭނަގެ ކަންފަތާ ނުހަނު ގާތުން ހީލުމެއްގެ އަޑު އިވުނެވެ. އެއަޑު ވައްތަރީ ޝާޢާ އެވެ. ލިބުނު ސިހުމާއެކު ޔޫނުސްއަށް ވަށައިގެން ހޯދާލެވުނެވެ. މިފަހަރު ވެސް ޔޫނުސްއަކަށް އެއްވެސް މީހަކު ނުފެނުނެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނަ މަގަށް ބަލާލިއިރު ކުރިން ފެނުނު ބުޅަލެއް ވެސް މިހާރަކު ނެތެވެ.
ކުރިމަތިވެގެން މިއުޅެނީ ރަގަޅު ކަމަކާ ނޫންކަން ޔޫނުސްއަށް ރޭކާލީ ދެނެވެ. ތަފާތު މީހުންގެ ތުންތުންމަތިން އޭނައަށް އިވިފައިވާ އަޑުތަކުންނެވެ. މީހަކު ގޮވާހެން އިހުސާސްކުރެވުމާއި ބުޅާތައް ފެނުމެވެ. އެއީ ޖިންނީންގެ އުނދަގުލުގެ ސަބަބުން ފޯރާ އުނދަގޫތަކެވެ. ޔޫނުސް އަވަސް އަވަހަށް ސައިކަލު ދުއްވާލަން އަވަސްވެގަތެވެ. ހާސްވެ ކަންބޮޑުވެ ބިރުގަތުމުގެ ސަބަބުން ކުރަން އެންމެ މުހިންމު ކަންތައް އޭނަގެ ސިކުނޑިން ކައްސާލިއެވެ. ޖިންނީންގެ އުނދަގުލުން ސަލާމަތްވުމަށް މާތް ރަސްކަލާނގެ ވާގިއާއި މަދަދަށް އެދި ކީރިތި ޤުރުއާނުގެ އެހީގައި ރައްކާތެރިކަން ހޯދުމަށެވެ. ނަމަވެސް ޔޫނުސްއަށް ހެދުނު ގޯސް ވެގެން ދިޔައީ ޖިންނީންނަށް އޭނަގެ ފަހަތުން އައުމަށް ދެވުނު ދައުވަތަކެވެ. އެއާއެކު ޔޫނުސްއަށް ފާރަލަމުން ދިޔަ ޖިންނީންގެ ބައިގަނޑު އޭނަގެ ފަހަތުން ދުއްވައިގަނެފިއެވެ.
އެއްވެސް ދިރޭ ފުރާނައެއް، އަލިކަމެއް ނުވާ ތާރުމަގުން ދުއްވަމުން ދިޔަ ޔޫނުސްގެ މޫނުން ބިރުވެރިކަން ފެނެއެވެ. އިހުނަށްވުރެ ބާރަށް ސައިކަލު ދުއްވާލީ ހުށަހެޅިފައިވާ ނުރައްކަލުން ސަލާމަތްވުމަށެވެ. އޭރު ވެސް އޭނައަށް ވިސްނެމުން ދިޔައީ އެފަދަ ކަމަކާ ކުރިމަތިލާން އޭނައަށް ޖެހުނު ސަބަބެވެ. ނޭގުމެއްގެ ތެރޭން ޖިންނިއަކަށް ގޯނާއެއް ކުރެވުނީ ބާވައެވެ!
ކުއްލިޔަކަށް ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލައިގެން ދިޔައީ ބުޅާތަކެއް ހޭރިގަތްއަޑެވެ. އެއަޑާއެކު ކުރިމަތިން ހިޔަންޏެއް ވެސް ހުރަސް ކަނޑާލިހެން ހީވިއެވެ. ލިބުނު ސިހުމާއެކު ޔޫނުސްގެ އަތުން ސައިކަލުގެ ކޮންޓްރޯލް ދޫވެގެން ގޮސް ބާރު ސްޕީޑްގައި އޭނަ ތާރުގަނޑުގެ މައްޗަށް ވެއްޓުނެވެ. ހުރިހާ ކަމެއް ވެސް ހިނގީ ދާދި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް ވުމުން ޔޫނުސްއަށް ކުރެވުނު ކަމެއް ނެތެވެ.
ޔޫނުސް ދުއްވަން އިން ސައިކަލު ގޮސް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހުމާއެކު އެތައް ފޫޓަކަށް ވިއްސައިގެން ދިޔަ ޔޫނުސް ގޮސް ޖެހުނީ ތާރުގަނޑު މަތީގަ އެވެ. އެހިނދު ޔޫނުސްގެ ވޭނީ ހަޅޭކުގެ އަޑުން ފަޒާގެ ހަމަހިމޭންކަން މުގުރާލައިފިއެވެ. ޔޫނުސް އަޅައިގެން ހުރި ހެލްމެޓުގެ ސަބަބުން ބޮލަށް އަނިޔާއެއް ނުވިކަމުގައި ވިޔަސް ބާރު ސްޕީޑުގައި ތާރުގަނޑުމަތީ ޖެހުމުން ހަށިގަނޑުގެ އެތަން މިތަނުން މަށައިގެން ދިޔަ އެވެ. ނުވީތާކަށް ތާރުގަނޑުގައި އޭނަގެ އަތް ޖެހުނު ގޮތަކުން އަތަށް ވެސް ތޫނު ތަދެއް އެރިއެވެ. ހަށިގަނޑަށް ލިބުނު ކުއްލި ލޮޅުމާއެކު ޔޫނުސް އޮތީ ހިރިލަން ވެސް ނޭގިފައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގައި އޭނަ ވަނިކޮށް ކައިރިއަށް މީހަކު ހުއްޓުނު ހެން ވެސް ހީވިއެވެ. ނަމަވެސް އޭނަ އޮތީ ތަންދޮރު ވަކިކުރޭ ފަދަ ހާލެތައެއްގައެއް ނޫނެނެވެ. އޭނަގެ ގައިގިއި މީހަކު އަތްލިކަމުގެ އިހުސާސް ކުރެވުނު ހެން ވެސް ހީވި އެވެ. އެއާއެކު އޭނަގެ ލޯމެރުނީ ކޮންއިރަކު ކިހިނެއްކަމެއް ޔޫނުސް އަކަށް ނޭގުނެވެ.
*****
ޔޫނުސް އަންނާނެ އިރެއްގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި އިން ޝާހިދާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެއެވެ. ފާރުގައި ހުރި ގަޑިއަށް އޭނަގެ ނަޒަރު ސީދާވެގެން ދިޔަ އެވެ. ދިހައެއް ޖަހަން ކައިރިވަނީ އެވެ. އޭނަ ފިކުރުބޮޑުވެފައިވާ ހާލު ޔޫނުސްގެ ފޯނަށް ގުޅަން މަސައްކަތްކުރިއެވެ.
”ތިޔަ ގުޅުއްވި ފޯނު މިވަގުތު ވަނީ ނިއްވާލާފައި، ފަހުން ގުޅުއްވުން އެދެން…”
ޔޫނުސްގެ ފޯނަށް ޝާހިދާ ގުޅާ ކޮންމެ ފަހަރަކު އިވެނީ އެންމެ ޖުމްލައެކެވެ. އެއާއެކު އޭނަ ހާސްވާން ފެށިއެވެ. އެއީ ޔޫނުސްގެ ފަރާތުން މިއިން ދުވަހަކު އޭނައަށް ފެނިފައިވާ ކަމެއް ނޫނެވެ. ޔޫނުސް ގެއަށް އަންނާނަމޭ ބުނިތާ ވެސް ދެގަޑިއިރު ފާއިތުވެގެން ދިޔައީ އެވެ. ނުވީތާކަށް ޔޫނުސްގެ ފޯނު ވެސް އޮތީ ނިއްވާލާފައެވެ. ޝާހިދާގެ ހިތް ބިރުގަންނަން ފެށީ ޔޫނުސްއަށް ކަމެއްވީ ހިތާއެވެ. އޭނަ ކޮޓަރީގައިވި ހުސޭނަށް ގޮވަން އަވަސްވެގަތެވެ.
*****
ކާމޭޒުދޮށުގައި މިރޭ ހިނގާދިޔަ ކަންތަކަށް ފަހު ސިކުނޑި ހަމަޖައްސާލަން ޒިޔަޒަން އައިސް ހުރީ ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ކުޅި އަށެވެ. އޭނަ އެތާނގައި އެކަނިވެފައި އިން އިރު ތަފާތު ނަސްލުތަކުގެ ޖިންނިންތައް ދުރުދުރުން ހޭލަމޭލަވަމުންދާތަން ފެނެއެވެ. އެވެސް ޖިންނީން ގެދޮރުވެރިވެފައިވާ ތަނެކެވެ. ގެތަކާއި މުނިފޫހިފިލުވުމުގެ މައިދާންތައް އެތާނގައި ވެއެވެ. އެއީ އިންސީންގެ ލޯތަކަށް ފޮރުވިފައިވާ މުޅިން ތަފާތު ދުނިޔެއެވެ.
ޒިޔަޒަން އެތާނގައި އިންދާ ކުއްލިޔަކަށް އުދަރެހުން އަލިތަކެއް ފާޅުވުވިތަން ފެނުނެވެ. އޭގެ މާނަ ނަގައިގަންނަން ޒިޔަޒަންއަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. އޭނަގެ ވަށައިގެން ވާހާ ޖިންނީންތައް އެމީހުން ކުރަން ތިބިކަމެއް ދޫކޮށްލުމަށްފަހު އަވަސްވެގަތީ ކަންބެލުމަށެވެ. މުޅި ހިސާބުގަނޑު ފަޅުވިއިރު ވެސް ޒިޔަޒަން އެތާނގައި އިނެވެ. އޭނައަށް ސަބަބު އެނގޭތީއެވެ. ނަމަވެސް ގިނައިރަކު އޭނައަށް ނުހުރެވުނެވެ.
*****
ޚަބަރު ހުސްވެފައި އޮތް ޔޫނުސްގެ ބޮލުގެ ފުއްކިބައިގައި ހިފައި ބިންމަތީ ދަމަމުން އައި ހާތިބުގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނެއެވެ. ވަށައިގެން ތިބި އެއްވެސް ޖިންނިއަކަށް ސަމާލުކަން ދިނުމެއް ނެތި ހާތިބު މިސްރާބުޖެހީ ގައިދީން ތިބުމަށް ހަމަޖެހިފައިވާ ބަޔަށެވެ. ބައިގަނޑުގެ ތެރޭން ހާތިބަށް ބަލަން ހުރި ޒިޔަޒަން ކުއްލިޔަކަށް ގެއްލުނެވެ.
*****
”މަންމާ… ތިހެން ކޮޓަރީގައި ހުއްޓަކަސް ބައްޕަ ކުރަން އެއުޅޭ ކަންތަކެއް ނުހުއްޓުވޭނެ، ބައްޕަ އައިއްސި ކޮންމެވެސް އިންސިއަކު ގޮވައިގެން… އަހަރުމެން އެއްޗެކޭ ނުބުނާކަމުގައި ވާނަމަ ބައްޕަ އޭނައާ މެދު ކަންތައްކުރާނެ ގޮތް މަންމައަށް ރަގަޅަށް އެނގެއެއްނު… އޭރުން އޭނަގެ މަރުގެ ޒިންމާ އަހަރުމެންގެ ބޮލުގައި ވެސް އެޅޭނެ. އެމަރާލާ މީހާގެ ލޭ އަހަރުމެންގެ އަތުގައި ވެސް ހޭކޭނެ، ބައްޕައަށް ވިސްނައިދޭން ތިބި ބަޔަކީ އަހަރުމެން، އެއްޗެއް ނުބުނެ ތިބެން ވެއްޖެއްޔާ ލަސްވެދާނެ، އެއީ އިންސާނުން ކަމުގައި ވިޔަސް އެމީހުންގެ ވެސް ކޮންމެވެސް ވަރެއްގެ އަގެއް ހުންނަަން ޖެހޭނެ، އެމީހުންގެ ވެސް ދިރިއުޅުމެއް ވޭ، އެއީ ހަމަ ކޮންމެވެސް ބައެއްގެ ދަރިއެއް، އެދަރީގެ ކުއްލި މަރުން އެމައިންބަފައިންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްކަން އެންމެ ރަގަޅަށް އެނގޭނެ އެކަކު މަންމައަކީ…” އެނދުގައި އިށީންދެލައިގެން އިން ބަރްކާގެ އަތުގައި ހިފާލަމުން ބިންމަތީގައި އިށީން ޒިޔަޒަން ބުނެލިއެވެ.
”މަންމައަށް އެނގޭ، އެކަމަކު އަހަރުމެންނަށް ހާތިބު ނުހުއްޓުވޭނެ… ދަރިފުޅު ހީކުރަނީތަ ބަދަލު ހިފުން އެއީ މަންމަ ވެސް ބޭނުންވާ ގޮތް ކަމުގައި؟، އެހެން ވެއްޖެއްޔާ އެއީ ކުށްހީއެއް، މަންމަގެ ދަރިފުޅާއި މެދު ކަންތައްވީ ބޭއިންސާފުން، އެކަމުގައި ޝާމިލުވި މީހުނަށް އަދަބުލިބެން މަންމަ ނުހަނު ބޭނުންވި، ލިބުނު ހިތާމައާއި ވޭނުގެ ބަދަލު ބޭނުންވި… އެއީ ރުޅީގެ ސަބަބުން މީހާއަށް އަންނަ ބަދަލުތައް، އެރުޅި ކޮންޓްރޯލް ނުކުރެވިއްޖެ ކަމުގައި ވާނަމަ މީހާ ހަލާކުވެގެންދާނެ… އެއްއިރެއްގައި މަންމަ ވެސް ބޭނުންވި އެރުޅީގެ މައްޗަށް އަމަލުކުރަން، އެކަމަކު މަންމައަށް ފަހުން ވިސްނުނު ބަދަލުހިފައި ލޭއޮހޮރުވިޔަސް މަންމަގެ ދަރިފުޅު އަނބުރާ ނާންނާނެކަން، އިތުރު ހައިޖާންގަނޑެއް ހިނގައި ބޮޑު ހަނގުރާމައެއް ފެށުން ނޫންކަމެއް ނުވާނެކަން… އެހެންވެ މަންމަ އިސްކުރީ ސުލްހަ… އެކަމަކު ހާތިބުއަށް އެކަން ކަމަކު ނުދިޔަ، އޭނަ ބޭނުންވީ މަރަށް މަރު… ކޮންމެ ފަދަ ހާލަތެއްގައި ވެސް އޭނަ އެކަން ހާސިލުކުރާނެ… އެއިންސީންގެ މައްޗަށް މިހާރު ވަނީ އޭނަގެ ބާރު…”
ބަރްކާގެ ލޮލުން ފޭބި ކަރުނަ ތިކި ގޮސް ވެއްޓުނީ ޒިޔަޒަންގެ އަތްތިލައިގައެވެ. އެހިނދު ޒިޔަޒަންއަށް އޭނަގެ މަންމަގެ މޫނަށް ބަލާލެވުނެވެ. ދެލޮލުން އޭނައަށް ފެނުނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އެއީ ބައްޕައާ މެދު މަންމަގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ލިސާންތަކެކެވެ.
”ތިބުނީ އެމީހުން މަރުވާން ދޫކޮށްލަން ވީއޭތަ؟…” ޒިޔަޒަން އަހާލިއެވެ. އެސުވާލަށް ބަރްކާ ޖަވާބެއް ނުދިނެވެ.
*****
އެއްޗެއް ބިންމަތީގައި ޖެހުނު އަޑަށް ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އޭނައަށް ފުރަތަމަ ވެސް ފެނުނީ ހާތިބެވެ. އެއަށްފަހު އޭނަގެ ދެފަރާތަށް ވާގޮތަށް މަޑުކޮށްލައިގެން ތިބި ދެ މާރިދުންނެވެ. އެއިން ކޮންމެ މާރިދެއްގެ އަތުގައި އަލިފާން ރޯކުރެވިފައިވާ ދަނޑިކޮޅުތަކެއް ވެއެވެ. އޭގެ އެހީގައި މުޅިތަނަށް އަލިކަން ފެތުރިފައި އޮތެވެ.
ޝާޢާގެ ނަޒަރު ބިންމައްޗަށް ދަތުރުކުރުމާއެކު އޭނަގެ މޭގަނޑު އަނގަޔަށް އައެވެ. ލެއިން ކަޅިވެފައި އޮތް ޔޫނުސް އާއި ދިމާއަށް އޭނައަށް ދުއްވައިގަނެވުނީ ބޭއިހުތިޔާރުގައެވެ. ނަމަވެސް އޭނައަށް ޔޫނުސްއާއި ހަމައަށް ދެވޭ ގޮތެއް ނުވިއެވެ. ފައިގައި ހަރުކުރެވިފައިވި ހިލިހިލާއަށް ބާރުވުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ.
”ޔޫނުސް…”
ރޮވިފައިވި އަޑަކުން ޝާޢާއަށް ގޮވާލެވުނެވެ. ބަލިޤަބޫލުކުރަން ބޭނުންނުވާ ހާލު ޝާޢާ އޭނަގެ ބަނޑު ބިންމަތީގައި އަޅަމުން، ޔޫނުސްއާ ދިމާއަށް އޭނަގެ އަތް ދިއްކޮށްލުމުން ކިރިޔާ އޭނަގެ އިނގިލިތަކުގެ ކުރި ޔޫނުސްގެ އަތުގައި ޖެހުނުކަމެވެ. އޭރު ޝާޢާއަށް ރޮވެމުން ދިޔަ އެވެ. އޭނަ އިތުރަށް ޔޫނުސްއާއި ކައިރިވާން އުޅުމުން ހިލިހިލާގެ ސަބަބުން ފައިތިއަށް ވާންވެ ތަދުވާން ފެށި އެވެ. ނަމަވެސް އެވޭނަށް ޝާޢާ ސަމާލުކަން ދޭކަށް ބޭނުމެއް ނުވި އެވެ. އޭނަ ބޭނުންވީ ޔޫނުސް ގާތަށް ދިއުމަށެވެ.
ޝާޢާ ކުރަމުން ދިޔަ މަސައްކަތް ފެނި ހާތިބުގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އޭނަ ޔޫނުސްގެ ގައިގައި އަތްލާން އުޅުމާއެކު ޝާޢާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
”ހެޔޮނުވާނެ ތިހެން ނަހަދާ… އާދޭސްކުރަން… ޔޫނުސް…” ޝާޢާގެ އަރުބެދި އޭނައަށް ވާހަކައެއް ވެސް ނުދެކެވުނެވެ. ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން ޝާޢާ ހާތިބުއަށް ބަލާލިއެވެ.
ހާތިބުގެ އަތްތިލަ ޔޫނުސްގެ ގައިގައި ޖައްސާލުމާއެކު ހާތިބުގެ ބާރުގެ ދަށުން ޔޫނުސްގެ ހަށިގަނޑު މިންޖުވެގެން ދިޔަ އެވެ. އަދި ފުންނޭވާއަކާއެކު އޭނަ ލޯހުޅުވާން މަސައްކަތް ކުރިއެވެ. އޭރު އޭނަގެ ހަށިގަނޑުގައި އުފެދިފައިވާ ރިހުމާއި ތަދުތައް އިހުސާސްކުރެވެން ވެސް ފަށައިފިއެވެ. ޔޫނުސް ލޯހުޅުވާލުމުން އޭނައަށް މަންޒަރު ފެނުނީ ވަރަށް ވެސް ފުސްކޮށެވެ. ލޯ ބޮޑަށް ހުޅުވައި ސަމާލުވެލުމުން ވެސް ފެނުމަށް ކުރިއެރުމެއް ނައެވެ. އޭނައަށް މިހާރު ހީވަނީ ކޮންމެ މަންޒަރެއްގެ ދެގުނަ ފެންނަ ހެންނެވެ. އޭނައަށް ރަގަޅަށް އެއްވެސް ކަމެއް ވެސް ނަގައެއް ނުގަނެވުނެވެ. ގިނަފަހަރަށް ލޯކުރިމަތިން އިފުރީތުތަކެއް ވެސް ފެންނަހެން އޭނައަށް ހީވެއެވެ. ނަމަވެސް އެއީ އޭނަގެ ފެނުމަށް އައިސްފައި ހުރި ބަދަލުގެ ސަބަބުންކަމެއް ނުވަތަ ހަޤީޤަތެއް ކަން ވަކިކުރާކަށް ޔޫނުސްއަކަށް ނޭގުނެވެ. ނުވީތާކަށް ހަށިގަނޑުގައި އަޅާވޭނުން ފަރާތަކަށް ހިރިނުލެވެއެވެ. އޭނައަށް ހީވަނީ އޭނަ މަރުވަނީ ހެންެނެވެ.
”ޔޫނުސް…”
ވޭނުގައި ވަނިކޮށް ޝާޢާގެ އަޑު ކަންފަތުގައި ޖެހުނުހެން ޔޫނުސްއަށް ހީވިއެވެ. އޭނަ އެއަޑަށް ސަމާލުވާން އުޅުނަސް ހަށިގަނޑުގައި އުފެދިފައިވާ ރިހުމާއި ކެކުޅުން ބަރުދާސްތުކުރަން ދަތިވެފައި ވެއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ޔޫނުސްގެ އަހަރުތެރޭން ވޭނީ އާހްތަކެއް ނުކުތެވެ.
މަންޒަރު ބަލަން އޮތް ޝާޢާގެ ހިތަށް އިތުރަށް އަސަރުކުރިއެވެ. ޔޫނުސްއަށް އަނިޔާ ލިބިފައިވާ ދަރަޖަ ފެނިފައެވެ. ހިތުގެ ކޮންމެ ވެސް ހިސާބަކުން އަމިއްލަ ނަފުސު އެކަމުގައި ކުށްވެރިކުރެވުނެވެ. އޭނައާއި ޔޫނުސްއާ ދެމެދު ގުޅުމެއް ނުވިނަމަ މިއަދު ޔޫނުސްއަށް އެހާލު ނުޖެހުނީހެވެ. އޭނަގެ ބަދުނަސީބުގެ ކަޅު ވިލާގަނޑުން މިއަދު ޔޫނުސްގެ ދިރިއުޅުން އެވަނީ ބަނަވެ އަލިކަން ނެތިގެން ގޮސްފަ އެވެ.
”ޔޫނުސް…” ރުއިމުގެ ތެރޭން ޝާޢާ ގޮވާލިއެވެ. އަދި އިތުރަށް ޔޫނުސްއާއި ގާތްވާން މަސައްކަތްކުރިއެވެ. އެހެނަސް އޭނައަށް ކާމިޔާބު ނުލިބުނީ ހާތިބު ކުއްލިޔަކަށް ޔޫނުސްގެ ބޮލުގެ ފުއްކިބައިގައި ހިފާ މައްޗަށް އުފުއްލާލުމުންނެވެ. އެވަގުތު ހަށިގަނޑަށް އައި ކުއްލި ލޮޅުމާއެކު ޔޫނުސް ވޭނުން ފުރިގެންވި އަޑަކުން ހަޅޭއްލަވައިގަތެވެ.
”ޔޫނުސް…” ވޭން ބަރުދާސްތުކުރަމުން ދިޔަ ހާލު ޔޫނުސްއަށް ޝާޢާގެ އަޑު އިވުނުހެން ހީވިއެވެ. އޭނަ އެއަޑަށް ސަމާލުވާން އުޅުނު ހިނދު ފުރަގަހުން ތޫނު އެއްޗެއް ހަރާލި ފަދަ އިހުސާސަކާއެކު މުޅި ހަށިގަނޑުގައި ވޭނުގެ ހައިޖާންގަނޑެއް އުފައްދާލި އެވެ. ޔޫނުސްގެ ކަރުން ވެސް ލޭ ފައިބައިގެން ދިޔަ ހިނދު، ޔޫނުސްއަށް ހަމަލާދޭން ބޭނުންކުރި ދިގު ހަންޖަރު ނެގުމަށްފަހު ޔޫނުސްގެ ހަށިގަނޑުން ހާތިބު ދޫކޮށްލިއެވެ.
ދެލޯބޮޑުވެފައިވި ޝާޢާ ރޮމުންރޮމުން ތެޅިގަތީ ޔޫނުސްގެ ގާތަށް ދިއުމަށެވެ. އެކަމަކު އޭނައަށް ކާމިޔާބެއް ނުވިއެވެ. އަތް ދިއްކޮށްލި ކަމުގައި ވިޔަސް ޔޫނުސްއާ ހަމައަށް ނުފޯރި އެވެ.
މަރަށް ތެޅެމުން ދިޔަ ޔޫނުސް ފެނި ޝާޢާގެ ހިތް ފަޅައިގެން ދާހާ ވިއެވެ. އެމަންޒަރު ނުބަލަން ވެގެން ދެލޯމަރާ މޫނު އެއްފަރާތަކަށް އަނބުރާލި އިރު އޭނަގެ ބަޑިފަޅައިގެން ގޮސް ފިއެވެ. ގިސްލަގިސްލާފައި ރޮވުން ނޫންކަމެއް ނުކުރެވުނެވެ.
އެތައް އިރެއް ވަންދެން މަރަށް ތެޅުމަށްފަހު އެންމެފަހުން މިކެހިވެރި، އަނިޔާވެރި ދުނިޔެއަށް ޔޫނުސް އަލްވަދާއު ކިޔައި ފިއެވެ. އެތައް އަނިޔާއަކާއި ވޭނެއް ތަހައްމަލު ކުރުމަށްފަހު އެފުރާނަ އޭގެ ވެރިފަރާތާ ބައްދަލުކުރީ އެވެ. ޔޫނުސްގެ ހަށިގަނޑުގެ ހަރަކާތް ކެނޑުނު ހިނދު، އެހަށިގަނޑުން ފޭބި ލެއިން މުޅި ހިސާބުގަނޑު ކަޅިވެފައި ވިއެވެ.
ހިތްވަރުކުރަމުން ޔޫނުސްއާ ދިމާއަށް ބަލާލި ޝާޢާއަށް ހަރަކާތްކެނޑިފައި އޮތް ޔޫނުސް ފެނި ހަޅޭއްލަވައިގަނެވުނެވެ. އޭރު ޔޫނުސްގެ ގައިން ފޭބި ލެއިން ދެމެމުން އައި ކޯރު ޝާޢާ ހަމައަށް ފޯރައިފި އެވެ. ޤަބޫލުކުރަން ދަތިވެފައިވި ހާލު ޝާޢާއަށް ޔޫނުސްއަށް ގޮވާލެވުނެވެ. އެހެނަސް ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެވަގުތު ޝާޢާގެ ހިތަށް ކުރި އަސަރާއި އެޅި ވޭން ބަޔާންކޮށްދެވޭނެހެނެއް ހިޔެއް ނުވެއެވެ.
ދިރުން ގޮސްފައިވި ޔޫނުސްއަށް ޝާޢާ ބަލަން ހުއްޓާ، ހާތިބު ޔޫނުސްގެ ފުރާނަ ނެތް މަސްގަނޑުގައި ކޮޅު ފައިން ޖަހާ ކޮއްޕާލި އެވެ. އާރެއް ބާރެއް ނެތް ޔޫނުސްގެ މަސްގަނޑު ފުރޮޅިލާފައި ކުރިއަށް ދިޔަ އެވެ.
ހިތާމައާއި ކެކުޅުމުގެ ތެރޭން ހާތިބަށް ބަލާލި ޝާޢާގެ ދެލޮލުގެ ތެރޭގައި ރުޅިވެރިކަން ފަރުދާވެފައި ވިއެވެ. އޭނަގެ ހިތް ރޮމުން ދިޔަ ހާލު ހާތިބަށް ލަޢުނަތްލެއްވުމަށް އެދި ދުޢާކުރެވުނެވެ.
”އޭނަ ގެންދޭ…” ހާތިބު އަމުރުކޮށްލުމާއެކު އެތަނަށް އައީ ހިމަތޮޅި ހަށިގަނޑެއްލިބިފައިވި މަހުލޫޤެކެވެ. އޭތީގެ ބުރަކަށިން ދެވަރު ފަޅާފައި ވިއިރު ވަރުތައް ވައްތަރީ ވާލުގެ ފިޔައާއެވެ. އޭތީގެ ހަތެރެސްފައިގެ ނިޔަފަތިތައް ނުހަނު ދިގެނެވެ. މޫނު ވަނީ ދިގު ބައްޓަމަކަށެވެ. އަނގައިގައި ހުރި ތޫނު ދަތްތައް ބޭރަށް ނިކުމެފައި ވެއެވެ.
”ނޫން…”
އޭތީގެ ނަޖިސް އަތުން ޔޫނުސްގެ ހަށިގަނޑުގައި ހިފެހެއްޓުމާއެކު ޝާޢާ ހަޅޭއްލަވައިގަތެވެ. ޝާޢާ އެގޮތުގެ މަތީން ހަޅޭއްލަވަމުން ދަނިކޮށް އެމަހުލޫޤު މައްޗަށް އުދުއްސައިގެންފި އެވެ.
(ނުނިމޭ)