
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.
ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. އެހެން ހުރެފައި އަނެއްކާ ވެސް އޭނަގެ މޫނު ލޯގަނޑާއި އިހުނަށްވުރެ ކައިރިކޮށްލުމަށްފަހު ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ބޭރުފުށުން އަނިޔާގެ ނިޝާނެއް ނެތެވެ. އެހެނަސް އޭނަގެ ސިކުނޑިއަށް ވަނީ ސިހުން ގެނުވާފައެވެ. މިރޭގެ ބަކީ އޮތް ވަގުތުތަކުގައި އޭނައަށް ނުނިދޭނެކަން ޝާޢާއަށް ޔަޤީން ވެއެވެ. އޭނަގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވެފައިވާތީއެވެ. ހުވަފެނުން ފެނުނު ކަންތައް އިހުސާސްކުރެވޭހެން އަދި ވެސް އޭނައަށް ހީވެއެވެ. އެމީހާގެ ބާރުގެ ދަށުގައި އޭނަ ހަފުސްވަމުން ދިޔަ މަންޒަރު ސިފަވާން ފެށުމުން އޭނަގެ މެޔަށް ފިނިވެގެން ދިޔަ އެވެ.
”ކިހިނެއްތަ އަހަންނަށް މިވަނީ؟، ނަތިންގް މޭކް ސެންސް… އެހުރިހާ ކަމަކީ ހުވަފެނެކޭ ބުނަން ހާދަ ދައްޗޭ…” އެނދުގައި ގޮސް އިށީން ޝާޢާ އޭނަގެ އަމިއްލަ ނަފުސާއި ސުވާލުކުރަން ފެށިއެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް އޭނަގެ ސުވާލުތަކަށް ޖަވާބު ނުލިބޭނެކަން ޝާޢާއަށް އިނގެއެވެ. އެކަނިމާއެކަނި ވިސްނަން ފެށުމުން ގާތުގައި މީހަކުވާކަމުގެ އިހުސާސް ކުރެވެން ފެށުމުން ޝާޢާ ގަސްދުކުރީ ކޮޓަރިން ނިކުންނާށެވެ. އޭރުން ވެސް އޭނަގެ އެކަނިވެރިކަމަށް ނިމުމެއް ނާންނާނެކަން ޝާޢާއަށް އެނގުނީ މުޅި ގޭތެރެއަށް ވެރިވެފައި އޮތް މަރުގެ ހަމަހިމޭންކަމުންނެވެ. ނަމަވެސް އަނބުރާލާފައި ކޮޓަރިއަށް ވަންނަން އޭނަ ބޭނުމެއް ނުވިއެވެ. ކޮޓަރީގައި ހުންނައިރު މީހަކު އޭނައަށް ފާރަލާކަމުގެ އިހުސާސްކުރެވޭތީއެވެ. ސިހުން ލިބެނީ ވެސް އެހެންވެއެވެ.
ކޮޓަރީގެ ދޮރު ލައްޕާލަން އުޅުނު ޝާޢާ ސިއްސައިގެން ދިޔައީ މުޅި މާހައުލުގެ ތެރެއަށް ކުއްލިއަކަށް ވެރިވެގެން ދިޔަ އަޑާއެކުއެވެ. އޭނައަށް ހަޅޭއްލަވައިނުގަނެވުނީ ވެސް ކިރިޔާއެވެ. ހިތާއި ނޭވާގެ ހިނގުން ހަމައަކަށް އަޅުވަން ޝާޢާ މަސައްކަތްކުރިއެވެ. އޭރު އޭނައަށް ލިބިފައިވަނީ ހައިރާންކަމެވެ. އެއީ ކޮން އަޑެއްކަން ޝާޢާއަށް އެނގެއެވެ.
ބޮޑުކޮޓަރިއަށް ނިކުމެވެން ހުންނަ ހަނި ކޮރިޑޯން ސިއްރު ފިޔަވަޅުތަކެއްގައި ދިޔަ ޝާޢާގެ ހިއްސުތައް ވަނީ މާހައުލަށް ހުޝިޔާރުވެފައެވެ. އޭނަގެ ހިތް ވެސް އަވަސްވެފައިވަނީ ބިރުގަންނަ ވަރަށެވެ. ގެއަށް ވަގަކު ވަންނަނީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެރިއެވެ. ކޮރިޑޯގެ ކޮޅާއި ހަމައަށް ދެވުމާއެކު ހިތް ނުތަނަވަސްކަމުގައިވާ ހާލު އޭނަ މަންޒަރު ފެނޭތޯ ބެލިއެވެ. އެއާއެކު އޭނައަށް ލިބިފައިވި ހައިރާންކަން އިތުރުވެ ދެލޯބޮޑުވެއްޖެއެވެ. ދަންވަރުގެ ވަގުތުގައި ގެއިން ނިކުތް ޖާބިރު ފެނިފައެވެ.
ޝާޢާ އޭނައަށް ފާރަލާން ހުރިކަމެއް ޖާބިރަކަށް ނޭގެއެވެ. އެއަށްވުރެ އޭނަ ހުރީ ކަމަކަށް އަވަސްވެފައެވެ.
ޝާޢާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނީ ބޭރުން ދޮރު ތަޅުލި އަޑު ވެސް އިވިފައެވެ. ފެންޑާއިން ޖާބިރުގެ ފިޔަވަޅުތަކުގެ އަނޑު ހިނދިގެން ދަންދެން ފާރާނިވާވެގެން ހުރެފައި ޝާޢާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. އެކުޑަދޮރުން ގޭގެ ގޯތިތެރެ ރީއްޗަށް ފެންނާނެއެވެ.
ކުޑަކޮށް ފަރުދާ އެއްފަރާތް ކޮށްލަމުން ޝާޢާ ބޭރަށް އަވަސް ނަޒަރެއް ދިނެވެ. ގޯއްޗަށް އަލިކަން ފެތުރޭހެން ހުރި ހަމައެކަނި ބޮކި އޮތީ ނިއްވާލާފައެވެ. އެހެނަސް ދީފައި އޮތް ހަނދުވަރުގެ އަލިން ކޮންމެވެސް ވަރަކަށް މަންޒަރުތައް ވަކިކުރެވޭހާ ވެއެވެ. ޝާޢާ ބަލަން ހުއްޓާ ޖާބިރު ނެގީ ބަދިގެ ކައިރީގައި ބަހައްޓާފައި ހުރި ކުކުޅު ކޮއްޓެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. ހައިރާންކަމެއްގެ ތެރޭގައިވި ޝާޢާއަށް ވާނުވާއެއް ނޭގުނެވެ. ދަންވަރުގެ އެގަޑީގައި ޖާބިރު ކުރަން އުޅޭ ކަމަކާ މެދު އޭނަގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ޚިޔާލުތަކުން އެމުނެމުން އައި ސުވާލުތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލެވިފައި ވަނިކޮށް މައި ދޮރާއި އަރާހަމަވި ޖާބިރު އޭނަގެ ފިޔަވަޅުތަަކަށް ހުއްޓުމެއް ގެނައިތަން ފެނުނެވެ. އެއާއެކު އޭނަ ބަލާލީ ސީދާ ކުޑަދޮރާ ދިމާއަށެވެ. ހީވީ ޝާޢާ ކުރަމުން ދިޔަ ކަންތަކުގެ ހިލަން އޭނައަށް ވިހެންނެވެ. ނަމަވެސް އެއްވެސް ކަމެއް ފާހަގަވެ ޖާބިރަށް ޝައްކުވުމުގެ ކުރިން ޝާޢާ ކުޑަދޮރުގެ ފޮތިގަނޑުން ދޫކޮށްލަމުން އެއްފަރާތަކަށް ޖެހިލިއެވެ.
*****
ހަމަހިމޭންކަމާއި އަނދިރިކަން ވެރިވެފައި އޮތް ގޯތިތެރެއަށް ބަލަން ހުރި ޖާބިރަށް އެތާނގައި ނުފެންނަ މަހުލޫޤަކު ހުރިކަން އިހުސާސްކުރެވުނެވެ. އެއީ ވާޤިދުކަން އޭނައަށް އެނގުނީ އިރުކޮޅެއް ފަހުން އޭނަގެ ލޯކުރިމައްޗަށް ފާޅުވުމުންނެވެ.
”ތީ ރަގަޅުކަމެއް ނޫން…” ޖާބިރަށް ނަސޭހަތްތެރިވާ ފަދައަކުން ވާޤިދު ބުންޏެވެ. އެއާއެކު ޖާބިރު ގާތަށް އައީ ރުޅިއެވެ. ވާޤިދަށް އޭނައާ ދިމާއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު ހެއްޔެވެ؟ އޭނައަކީ ސާހިބު މީހާ އެވެ. ކޮންމެ ހާލަތެއްގައި ވެސް އޭނައަށް ޤަދަރުކުރަން ޖެހޭނެއެވެ.
”ކަލެއަށް ބަސްބުނުމުގެ ހުއްދަ ދިނީ ކާކު؟…” ރުޅިވެރިކަމާއެކު ޖާބިރު އެހި އެވެ.
”ޝައިތާނުންގެ މަދަދު ހޯދުމަކީ ހައްލެއް ނޫން…” ޖާބިރު ހިނގަމުން އެދަނީ ކިހާ އަނދިރިމަގަކުން ކަން އަންގައިދޭން ވާޤިދު ބޭނުން ވިއެވެ. އޭނަގެ ސާހިބު މީހާއަށް ހެވާއި ނުބައިގެ ފަރަޤު ވަކިކޮށްދޭން ވެސް މެއެވެ. އަނެއްކޮޅުން މުސްލިމަކަށްވުމުން އޭނައަށް އޮތް ޒިންމާއެއް ވެސް ވެއެވެ. ސިހުރުހާހޫރަކީ ކިހާ ނުބައި އެއްޗެއްކަން ޖާބިރަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ އެއީ ނަޖިސްކަމާއި މުޑުދާރުކަން އެކުލެވިފައިވާ ކަމެކެވެ. މީހާގެ ނަފުސު ނުތާހިރުކޮށްލާ ކަމެކެވެ. ޝައިތާނުންގެ ރުހުން ހޯދަން މުޅި ނަފުސު ކިލަނބުކޮށްލަ އެވެ. އެމީހުންގެ މަދަދަށް އެދެން ތިމާމީހާ ޤުރުބާން ވަނީއެވެ. ދެދުނިޔޭން ވެސް ގެއްލިގެންދާ ހާލުގައެވެ.
”ކަލޭ މަށާ ޖަދަލުކުރަން އުޅޭނެކަމެއް ނެތް، ކަލެއަށް ހަމައެކަނި ބަރޯސާވެވޭކަށް ނެތް… ކަލޭގެ ފިނޑިކަން އަހަންނަށް ވަނީ ފެނިފައި… އެމީހުންގެ ކުރިމަތީގައި ކަލޭ އެކައްޗަކަށް ވެސް ނުވޭ… ބުނަން، އިތުރަށް މަށަށް ހުރަސް އަޅަން ނޫޅޭތި… އަހަރެން މިދަނީ އަހަރެންގެ ޢާއިލާއަށް އޮތް މުސީބާތުން މިންޖުވާން، އެކަން ކުރަން ކޮންމެކަމެއް ވެސް އަހަރެން ކުރާނަން…” ޖާބިރުގެ ބުނެލިއެވެ.
”ޝައިތާނުންނަކީ ދޮގަހަދާ މަކަރުވެރިންތަކެއް…” ނުރައްކާތައް ހާމަކުރަން ވާޤިދު ބޭނުން ވިއެވެ. ބާރަށްޓަކައި ޖާބިރު އެހުރީ އަނދުވަޅަކަށް ވެއްޓެން ތައްޔާރަށެވެ. އެއީ ސަލާމަތްނުވެވޭނެކަމެކެވެ. ޝައިތާނުންގެ ބޭނުންތައް ފުދުމާއެކު ނިކަމެތި މީހާގެ މައްޗަށް ގަދަވެގެންދާނެއެވެ. އެއީ ޝައިތާނުންގެ ތެރޭގައި އޮންނަ އުސޫލެވެ. އިންސާނުންނާ މެދު އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކޮށްފާނެއެވެ. ހަމައެއާއެކު ޖާބިރު ޝައިތާނުންނާއި ހަދާ އިޤުރާރުނާމާއަށް ދުވަހަކު އެމީހުން ބޯނުލަނބާނައެވެ. އެކަމަށް ތަބާވާކަމުގެ ދަޅަ ދައްކާނެއެވެ. ނަމަވެސް ފުރުސަތު ލިބުމާއެކު ހުރިހާ މަންޒަރެއް ބަދަލުވާނެއެވެ.
”އެވެސް ހަމަ ކެލޭމެންގެ ތެރެއިން ބަޔެއް، ހަމަ ކެލޭމެންގެ މަކަރުވެރިކަން ހުންނާނެ ދޯ؟…” މަލާމާތުގެ ރާގަކަށް ޖާބިރު ބުނެލިއެވެ. ”މިކަމުގައި ހަމަހަމަކަން އޮންނާނެ، ޝައިތާނުން ބޭނުންވާކަންތައް އަހަރެން ކޮށްދޭނީ އަހަރެން ބޭނުންވާކަންތައް ފުދުމުން…”
ޖާބިރު ހުރީ ބާރަށް ފެންބޮވައިގަނެފައެވެ. އެއީ އަބަދު ވެސް އޭނަގެ އާދައެކެވެ. ކަށީގައި ހިފާފައި ހުރި ކަމެކެވެ. ވާޤިދުގެ އިންޒާރުތައް އޭނަ އަޑު ނޭހީ އެހެންވެއެވެ. އޭގެ އިތުރުން އޭނަގެ ޢާއިލާ ރައްކާތެރިކުރަން ވެސް އޭނަ ބޭނުމެވެ. އޭނަގެ ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުން އެއީ އޭނަ ދުވަހަކު ދެކެން ބޭނުންވާ މަންޒަރެއް ނޫނެނެވެ.
”އެމީހުނަށް ވުރެން ވެސް ބާރުވެރި ބަޔެއްގެ މަދަދު އަހަންނަށް ލިބިދާނެކަން އަހަރެން ހާމަކުރާނަން…” ޖާބިރު ބުންޏެވެ. މާޔޫސްވެފައިވާ ހާލު ވާޤިދަށް ހުރެވުނީއެވެ. ޖާބިރު ހުއްޓުވަން އޭނައަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އޭނަ އިތުރު ފިޔަވަޅެއް ވެސް ކުރިއަށް އަޅައިފިނަމަ އޭނަގެ މައްޗަށް އަނިޔާވެރިވާން ޖާބިރު ފަހެއް ވެސް ނުޖެހޭނެއެވެ. ހާލާކުގެ ތެރެއަށް ޖާބިރު ވެއްޓިގެންދާ މަންޒަރު ބަލަން ވާޤިދަށް ހުރެވުނެވެ.
*****
މުޅި ތަނުން ފެންނަނީ ވީރާނާ ކަމެވެ. ތަރުތީބުކަމެއް ނެތި ހެދިފައިވާ ވިނަތަކުން ސިފަވނީ ޖަންގެއްޔެކެވެ. ފެންނަން ހުރި ތެޅިގަލުން ރާނާފައިވި ގެތަކުގެ ފުރާޅު ވެސް ވަނީ ދަބަރަށް ވެފައެވެ. ބައެއް ގެތަކުގެ ފާރުތައް ސުންނާފަތިވެ ބިމާ ހަމަވެފައި ވެއެވެ. މިއިން ޒަމާނެއްގައި ވެސް އެތާނގައި ދިރުމެއް ނުވާކަން ބަލާލާ ކޮންމެ ދިމާއަކުން ވެސް ހާމަވެއެވެ. ނާމަންކަމާއި ބިރުވެރިކަމުގެ މިސާލެކެވެ. އެއީ މުޅި ރަށުން ވެސް ފަޅު ގޯތިތައް އެންމެ ގިނަ ސަރަހައްދެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް އެއިން ސަރަހައްދަކުން ނުވެއެވެ. ރަށުގެ ރައްޔިތުންގެ މެދުގައި އެސަރަހައްދާއި މެދު ބިރުވެރިކަން އުފެދިފައި ވާތީ އެވެ. އެއީ ރޫޚާނީ ހާއްޔެކޭ ވެސް ބުނެ އުޅެއެވެ. ސިހުރުވެރިންގެ މެހެފިލޭ ވެސް މެއެވެ. ފަޅުކަން ވެރިވެފައި އޮތް މަގުން ހިނގާފައި ދިޔަ ޖާބިރު ގޮސް ގެއެއްގެ އިމުގެ ތެރެއަށް ވަނެވެ. އެއަށްފަހު އޭނަ ބަލާލީ ޖައްވަށެވެ. އޭރު ހަނދުވަނީ މެދު އުޑުގަ އެވެ.
ވިރާނާވެފައި ހުރި ގެއަށް ވަދެވުމާއެކު ޖާބިރު އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް އޭނަގެ ހަށިގަނޑުގައިވި އަންނައުނުތައް ހަށިގަނޑާ ވަކިކުރިއެވެ. އެއަށްފަހު މުޑުދާރުކަން އެކުލެވިފައިވި ތަޅުންގަނޑުމަތީގައި އޭނަ އިށީނެވެ. އޭނައާއި ކުރިމައްޗަށް ވާހެން އަލިފާންރޯކުރަން ކުޑަ ބެރެއް ހުއްޓެވެ. އެބެރުގެ ވަށައިގެން ވަށްބުރަކަށް ވާހެން ކުރަހާފައިވާ ނިޝާންތައް ހާމަކޮށްދެނީ ދަޅު ފަޅާފައިވި މަހުލޫގެއްގެ ސޫރައާއެވެ. އެތަނަށް ޖާބިރު އާނޫންކަން އޭނަގެ ހަރަކާތްތަކުން އެނގެއެވެ. އޭނަގެ މަސައްކަތް ފެށުމުގެ ކުރިން ފުރަތަމަ ވެސް އޭނަ ގެނެސްފައި ހުރި ކޮތަޅުތަކުގެ ތެރޭން ފާޑުފަޑުގެ ”ހަންޑި” މާތަކެއް ނެގިއެވެ. އޭގައި މީރުވަހެއް ނުވެއެވެ. މުޅި މާހައުލަށް ތައައްޔަރުކަން ގެނުވާ ފަދަ ނުބައި ވަހެއް އެމާތައް އެއްކޮށްލުމުން ވެރިވިއެވެ. އެމާތަކާ އެއްކޮށް ޖާބިރު އޭނަގެ ކުރިމަތީ ހުރި ބެރުގެ ތެރެއަށް އަޅާލީ މަހާއި ކައްޓާ ވަކިވާންކައިރިވެފައި ހުރި މުޅަ ޖަނަވާރެއްގެ ކަށިތަކެކެވެ. އޭގައި އެއްޗެހިތަކެއް ލިޔެފައި ވިއެވެ.
އަލިފާންގަނޑު ރޯކޮށްލުމާއެކު މުޅިތަނަށް އަލިކަން ވެރިވިއެވެ. އަނދަމުން ދިޔަ އަލިފާންގަނޑަށް ބަލަން ހުރި ޖާބިރު އޭނަ ގެނައި ކޮއްޓަށް ބަލާލިއެވެ. ތުންތަޅުވަމުން ކޮށި ހުޅުވާލުމަށްފަހު ހުޝިޔާރުކަމާއެކު އޭނަގެ އަތުގައި އޮތް ވަޅިން ކުކުޅުގެ ކަރު ބުރިކޮށްލިއެވެ. އެއާއެކު ޖާބިރުގެ މޫނާއި ގަޔަށް ލޭގެ ކަނިތައް ދިޔަ އެވެ.
މަރަށް ތެޅެމުން ދިޔަ ކުކުޅުގެ އަޑު މުޅި ތަނުގައި ހިފާލާފައި އޮތެވެ. އޭރު ގިނަ އަދަދެއްގެ ލޭވެސް ތަޅުގަނޑު މައްޗަށް ފައިބާފައި ހުއްޓެވެ. އެލޭ މުޅި މޫނާއި ގައިގައި އުނގުޅާލަމުން ޖާބިރު ކިޔެވެލި ކިޔަވަންފެށިއެވެ. އޭނަ ކުރިކަންތައް ކުރީ ނަފުސަށް އިތުރު ނުތާހިރުކަމެއް ގެންނާށެވެ. ޝައިތާނުންގެ ފުރިހަމަ ރުހުން އޭނައަށް ލިބޭނީ އޭރުންނެވެ. އަލިފާންގަނޑު ކުރިމަތީގައި އިނދެ ދެފަރާތަށް ހޫރެމުން ދިޔަ ޖާބިރުގެ ލޯވަނީ މެރިފައެވެ. އެގޮތުގައި ވަގުތު ފާއިތުވެގެން ދިޔަ ތަނާ ބޯވަމުން އައި ދުންގަނޑެއް ފާޅުވި އެވެ. އެދުންގަނޑުގައި ސޫރަޖެހެން ފެށީ ޖާބިރުގެ ކުރިމައްޗަށް ހުއްޓުމާއެކުގަ އެވެ. އެއީ އިސްކޮޅުން ދިގު، ހަށިގަނޑުން ބިޔަ މަހުލޫޤެކެވެ. އޭގެ ހަށިގަނޑުގެ ހަމުގައި އެކުލެވިފައިވަނީ ހަރުފައާއި ނަންނުގަތީގައި ހުންނަ ފަދަ ހަރު ހަންގަނޑެކެވެ. ބައެއް ތަންތަނުން ހުޅުނބުވެސް ފަޅާފައި ހުއްޓެވެ. މޫނުގެ ސިފަ ވަރަށް ވެސް ހުތުރެވެ. މޫނުގެ ހަންގަނޑު އަރިމަތިން ފައިބައިގެން ގޮސް ކޮނޑުކަށިގަނޑާހަމައަށް ފައިބާފައި ވެއެވެ. ލޯވެސް ވަނީ ހަމާއެކު ތިރިއަށް ސޮހިފައެވެ. ބޮލުގައި ދެދަޅުފަޅާފައިވިއިރު އެއްދަޅުވަނީ މެދާއި ހިސާބުން ބިންދައިގެން ގޮސްފައެވެ. މުޅި ތަން އެއްވަސްވެފައިވީ ކުނިވަހަކުންނެވެ. އެއާއެކު ޖާބިރު ލޯހުޅުވާލިއެވެ. އެއަށްފަހު ފެންނަން ހުރި މަހުލޫޤަށް ކުރިނީސް ކުރަމުން އެންމެފަހުން ސަޖިދަ ވެސް ކުރިއެވެ.
ޖާބިރުގެ އަމަލުތަކާމެދު ރުހިފައި ހުރިކަން އެމަހުލޫޤުގެ މޫނުން ހާމަވެފައެވެ.
”ކަލޭގެ ބޭނުމަކީ ކޮބާ؟…” ބަރު އަޑަކެވެ. ޖާބިރު އަދަބުވެރިކަން ދައްކާހާލު ސަޖިދައިން ތެދުވެ އިށީނެވެ. އޮރިޔާން ހާލުގައިވިއެއްކަމަކު އޭނަ އެކަމާ މެދު ކުޑަކޮށް ވެސް ލަދުގަންނަހެނެއް ހިޔެއް ނުވެއެވެ.
”މިނިކަމެތި އަޅާގެ ޢާއިލާވަނީ ނުރައްކަލުގައި…” ޖާބިރު ބުނެލިއެވެ. ދީނުން ބޭރުވަމުން ދިޔަ ކަން ވެސް ޖާބިރަށް ރޭކާނުލައެވެ. ނޫނީ އޭނަގެ ޖާހިލުކަމާއި ޝައިތާނީ ކަމުގެ ސަބަބުން ފަރުވާލެއް ނެތީއެވެ. ކުރިމަތީ ހުރި ޝައިތާނާއަށް ޖާބިރު އަޅުކަންކުރާ ކަހަލައެވެ.
”ކަލެއަށް އަހަރެން އެހީތެރިވެދިންނަމަ ލިބޭނެ މަންފާއަކީ ކޮބާ؟…” ޖާބިރަށް ބަލާލަމުން މަހުލޫޤު ސުވާލުކުރިއެވެ. ބޮޑާކަމާއި ކިބުރުވެރިކަން އޭތީގެ އަޑުން ފާޅުވެއެވެ.
ދެވަނަ ވިސްނުމަކަށް ދިއުމެއް ނެތި ކޮންމެ ޝަރުތަކާ ޖާބިރު ރުހި ޤަބޫލުވިއެވެ. އެއީ ކަންވާންޖެހޭނެ ގޮތެވެ. ޝައިތާނާގެ ހުރިހާ އެދުމަކަށް އާނ ބަސް ދޭން ޖެހޭނެއެވެ. އެހެންނޫންނަމަ އެމީހެއްގެ ބޭނުން ފުރިހަމަނުވާނެއެވެ. ޝައިތާނާ ރުޅިއައިސް ގެއްލުން ދޭން ވެސް ފަހެއް ނުޖެހޭނެއެވެ.
”ކަލޭ ބޭނުންވަނީ އެ ޙާޠިބުގެ މައްޗަށް ގަދަވެގެންނަންތަ؟… އަހަރެން ކަލޭ ބޭނުން ކަންތައް ފުރިހަމަކޮށްދޭނަން… އެ ޙާޠިބު އެއީ އަހަރުމެންގެ ތެރެއިން ނަފްރަތު އަމާޒުވާ އެއްޗެއް، އޭނަ ރަސްދަރިފަސްކޮޅުން އައިސްފައި ހުރީމަ އެކަމާ ބޮޑާވެގަނެގެން އުޅެނީ… އެމީހުންގެ ސިފަތަކުގައި އައިބުކަމެއް ނެތީމައި އެކަމަށް ވެސް… އެކަމަކު އެއީ އަހަރުމެންގެ ހަޤީޤީ ނަސްލެއްކަމުގައި އަހަރުމެން ނުބަލަން، އެމީހުނަށް ވުރެ އަހަރުމެން މާ ބާރުގަދަވާނެ… އަހަރެން ކަލޭ އެދޭ ކަންތައް ފުރިހަމަކޮށްދޭނަން، ކަލޭގެ ޢާއިލާއަށް ރައްކާތެރިކަން ދޭނަން… އެކަމަކު އަހަރެން އެދޭ ކޮންމެ ކަމަކަށް ކަލޭ ޖެހޭނީ ރުހި ގަބޫލުވާން…”
ޝައިތާނާ އޭނަގެ ބޭނުން ފާޅުނުކުރަނީސް ޖާބިރު އެކަމަށް އެއްބަސް ވެއްޖެއެވެ. އޭނަގެ ދުޝްމަނުންގެ ފުށުން ސަލާމަތްވެދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އެހެނަސް އިތުރު ދަންމަޅިއެއް ކަރަށް މަހާލެވުނުކަމެއް ޖާބިރަކަށް ރޭކާނުލިއެވެ. ޝައިތާނަގެ ވިސްނުން ހުރި މިސްރާބެއް ވެސް މެއެވެ.
ޝައިތާނާގެ ތުންފަތަށް ވެރިވެގެން އައި ކާމިޔާބީގެ ހިނިތުންވުމާއެކު އެދެމެދުގައި ކުރެވުނު މުޢާމަލާތުގެ އިޤުރާރުގައި ސިއްކަ ޖެހުނެވެ. ހެދުނު ގޯސް އޭރު ވެސް ޖާބިރަކަށް ރޭކާ ނުލައެވެ. ޝައިތާނާގެ ނުފޫޒުގައި އޭނަ ހައްޔަރުވެފައި ވީތީއެވެ. ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ގޯހެއް އޭނައަށް ހެދިއްޖެކަމުގެ ކުޑަ ވެސް ހިލަމެއް ނުވި އެވެ. އެއަށްވުރެ އޭނައަށް ލިބުނު ކާމިޔާބީއާމެދު ހިތުގައި އުފެދިފައިވި އުފާވެރިކަން ބޮޑެވެ.
*****
ބޮޑުކޮޓަރީގައި އިން ޝާޢާގެ ސިކުނޑި ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދިޔަ އެވެ. އޭނަގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. ދެގަޑިއިރަށް ވުރެ ގިނަ އިރު ވެގެން ދިޔަ އިރު ވެސް ޖާބިރުގެ ޚަބަރެއް ނުވެއެވެ. ދަންވަރުގަޑީގައި ޖާބިރު ބޭރަށް ދާން ޖެހުނު ސަބަބެއް ވިސްނާވިސްނާ ޝާޢާއަށް ނޭގުނެވެ.
”ކާފަ ކީއްވެތަ އެކުކުޅުކޮށި ހިފައިގެން ދިޔައީ؟… މި ދަންވަރު ގަޑީގައި ކާފަ ދާނީ ކޮންތަނަކަށްތަ؟…” ޝާޢާ ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނަގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ހާސްކަން ލިބިފައި ވަނިކޮށް ކާފަގެ އާދަޔާ ޚިލާފު އަމަލުން އުފެދުނު ސުވާލުތައް އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ.
ފަތިސް ނަމާދަށް ގޮވިއިރު ވެސް ޝާޢާ އިނީ ބޮޑުކޮޓަރީގައެވެ. އޭރު ވެސް ޖާބިރު ނާދެއެވެ. ޝާޢާ ނަމާދުކޮށްލައިގެން ނިކުތް އިރު ބޭރު ގޯތީގައި ހުންނަ ފެން އިސްކުރަށް ދޫކޮށްލެވިފައިވާ އަޑު އިވެއެވެ. އަވަސްއަވަހަށް ގޮސް ބަލާލި އިރު ގަސްތަކަށް ފެންދޭން ގެންގުޅޭ ހޮޅިގަނޑުން ކާފަ ހުރީ ގަޔަށް ފެންއަޅާށެވެ. ބަލާބެލުމަށް މޫދުން އައިސް ލޮނުގެ އަސަރު ފިލުވަަނީއެވެ. އަނެއްކާ ވެސް ޝާޢާއަށް ލިބުނީ ހައިރާންކަމެވެ. ކާފަ ދަންވަރު ބޭރުގައި އުޅެފައި އެއައީ މޫދަށް ގޮސްފައި ހެއްޔެވެ؟ މިއީ މީހުން މޫދަށް ދާގަޑި ހެއްޔެވެ؟ ގަޑި ބަލާލިއިރު ފަސްގަޑި ބައި ވީއެވެ.
ޖާބިރު ފެން އިސްކުރަށް ބާރުކޮށްލި މަންޒަރު ފެނި ޝާޢާ ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އަވަސްއަވަހަށް ގޮސް ބޮޑުކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އެއަށްފަހު ޖާބިރުކޮށްފާނެ ސުވާލުތަކަށް ތައްޔާރުވެލިއެވެ.
ގޭގެ ދޮރުހުޅުވާލާފައި ވަން ޖާބިރަށް ޝާޢާ ފެނި ލިބުނީ ސިހުމެވެ. ނަމަވެސް އޭނަގެ މޫނުމަތިން އެކަން ހާމަވިޔަކަ ނުދިނެވެ. ޝާޢާއަށް އޭނަ ވަގުތުން ހިނިތުންވެލިއެވެ.
”ނަމާދުކޮށްފިންތަ؟…” ޖާބިރު އަހާލިއެވެ. އެއާއެކު ޝާޢާ ބޯޖަހާލިއެވެ.
”ކާފަ ތިއައީ މޫދުންތަ؟…” ނުބައްދަލު ގަޑިއާ މެދު އުފެދިފައިވި ސުވާލު ޝާޢާ ކޮށްލިއެވެ.
”އާނ… ފަތިސް ނަމާދަށް ހޭލެވުނުއިރު ގައިގަ ރިއްސާފަ ހުރީމަ ނަމާދުކޮށްލައިގެން މޫދަށް ގޮސްފަ މިއައީ…” ޖާބިރު ހެދި ބުހުތާން ދޮގު ޝާޢާއަށް ބޭޒާރުވިކަމެއް ޖާބިރަކަށް ނޭގެއެވެ. ރޭހަތަރުދަން ޝާޢާ ހޭދަކުރީ ޖާބިރުގެ އިންތިޒާރުގައިކަމެއް ވެސް މެއެވެ.
ކާފަ ދޮގު ހެދުމުން ޝާޢާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް އިތުރު ސުވާލެއް ވެސް ނުކުރެވެނީސް ކާފަ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅެއް ވަންދެން ސޯފާގައި އިދެފައި ޝާޢާ ތެދުވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނިކުމެލިއެވެ.
*****
ފަތިހުގެ ފިނިކަމުގެ ސައިލު ފަޒާގައި އޮޅާލެވިފައި ވިއެވެ. ގަސްގަހަށް ގޯނާކުރަމުން އައިސް ހަށިގަނޑުގައި ބީހިލި ފިނި ރޯޅިއާއެކު ޝާޢާގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ވަގުތުން ދެއަތް ގެނެސް މެދުހަށީގައި ހުރަސްކޮށްލަމުން އޭނަ ކުރިއަށް ހިނގައިގެންފިއެވެ. އޭރު އާދުވަހަށް އަރައިގެން އައި އިރުގެ އަލިކަން ދުނިޔެއަށް ވާސިލުވާން ފަށައިފިއެވެ. ޝާޢާ ގޮސް ފުރަތަމަ ވެސް ހުއްޓުނީ ބަދިގެ ކައިރިއަށެވެ. އެތާނގައި ކުކުޅުކޮއްޓެއްކީއްކުރަން އޭތި ހުރިކަމުގެ ނިޝާނެއް ވެސް ނެތެވެ.
”ވަޓް ޑިޑް ހީ ޑޫ ވިތް އިޓް؟… މީހަކަށް ދޭން ގެނައި އެއްޗެއްތަ އެއީ؟… އެކަމަކު ދަންވަރު ގަޑީގައި ހިފައިގެން ދިޔައީ ކީއްވެތަ؟، އަނެއްކޮޅުން ކާފަގެ ރައްޓެހިންނެއް ވެސް ކައިރި ހިސާބެއްގައެއް ނޫޅޭނެ…” ޝާޢާއަށް ވިސްނާލެވުނެވެ. އޭނަ މުޅި ގޯތި ވެސް ހޯދާ ބެލިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެއްމެފަހުން ބަލި ޤަބޫލުކުރަމުން އެތެރެއަށް ވަންނަން ދާން އުޅުނު ޝާޢާގެ ސަމާލުކަން ހުއްޓުނީ އޭނަގެ ލޮލުގައި އަޅައިގަތް ތަފާތު މަންޒަރަކުންނެވެ.
މީގެ ކުރިން އެއީ އޭނައަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. ލިބުނު ހައިރާންކަމާއެކު ޝާޢާ މިސްރާބުޖެހީ ގޭގެ މައިދޮރާއި ދިމާއަށެވެ. އަދި ބޯގަންވިލާގަސް ކައިރިއަށް ހުއްޓިލަމުން އެގަހަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ގަހުގެ ފަތްތަކާއި މާތައް މޯޅިވެ ބޮޑުބައެއް އޮތީ ބިންމައްޗަށް ފައިބާފައެވެ. އަނަރޫފަކަން ގަހަށް ލިބިފައިވާއިރު ވަނީ ދިރުން ގެއްލިފައެވެ. ގަހުގެ މައި މޫތަކާއި ދިމާލުން ވެސް ކަޅުކުލައެއް ފެންނަން ހުއްޓެވެ. ސުވާލު އުފެދިފައިވާ ހާލު ގަހަށް ބަލަން ހުއްޓާ ޝާޢާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނައަށް ގޮވާލި އަޑަށެވެ. ހަމަހިމޭން މާހައުލުގެ ތެރޭން ކުއްލިއަކަށް އަޑު އައުމުން އޭނަ ބިރު ވެސް ގަތެވެ.
”މި ހެނދުނާ ބޭރަށް ނިކުމެގެން ކީއްތަތިކުރަނީ؟…” ފެންޑާއަށް ނިކުތް ޖާބިރު ސުވާލުކުރިއެވެ. އޭނަ ހުރީ ފެންވަރާ އިހުގެ މުންޑާއި ގަމީސް ބަދަލުކޮށްގެންނެވެ.
”މާމަ ނިކުންނަން ވާއިރަށް ކުނިކަހަން ވެގެން…” ޖާބިރު އޭނަގެ ހަރަކާތްތައް ބަލަން ހުރީ ކިހާ އިރެއް ވަންދެންކަން ނޭގޭތީ ޝާޢާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އޭނައާއި ޖާބިރުގެ ނަޒަރު ބައްދަލުވިތަނާ އޭނަ ހިނިތުންވެލައިފިއެވެ.
”ކާފައަށް ސައިތައްޓެއް ހަދައިދެންތަ؟…” ޖާބިރުގެ ދުވަސް އަބަދުވެސް ހޫނު ސައިތައްޓަކުން ފަށާތީ ޝާޢާ އަހާލިއެވެ. ޖާބިރާ މެދު ހިތުގައި ކިތަންމެ ގިނަ ސުވާލެއް އުފެދިފައިވިކަމުގައި ވިޔަސް ބޭރުފުށުން އެކަން ޝާޢާ ސިއްރުކުރިއެވެ. އަދި އޭނަގެ އަމަލުތައް ވެސް ބައްޓަންކުރަމުން ދިޔައީ އެފަދައިންނެވެ.
ޖާބިރަށް ވުރެ ކުރިން ޝާޢާ ގޮސް ބަދިގެއަށް ވަދެ ފެން ހޫނުކުރާ ޖަގަށް ފެން އަޅައި ކަރަންޓު ޖައްސާލިއެވެ. ފެން ކެކެންދެން ޝާޢާ އިރުއިރުކޮޅާ ޖާބިރަށް ބަލާލައެވެ. އެމޫނުމަތިން އޭނައަށް ކަމެއް ފާހަގަކުރެވޭތީއެވެ. ފާއިތުވެދިޔަ ދުވަސްތަކަށް ވުރެން ބޮޑަށް ފެންނަނީ ކަމަކާމެދު ހިތްހަމަޖެހިފައިވާ ތަނެވެ. އެބަދަލު އައިސްފައި އެވަނީ ވެސް ކުއްލިޔަކަށެވެ. ވިސްނޭވަރަކަށް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް އިތުރަށް ވަދެވޭ ކަހަލައެވެ. ޚިޔާލުތަކުގެ ތެރެއަށް ޝާޢާ ގެއްލެމުން ދިޔަ ދަނޑިވަޅުގައި ޖާބިރު ގޮވާލި އަޑު އިވުނެވެ.
”ފެންޖަގު ކެކުނު އަޑެއްނު އެއިވުނީ؟…” ޝާޢާއަށް ބަލަން ކާމޭޒު ދޮށުގައި އިން ޖާބިރު ވާހަކަދެއްކިއެވެ. ޝާޢާ ބަދަލުތަކެއް އައިސްފިކަން ޖާބިރަށް ނަގައިގަނެވުނީ ދެނެވެ. ”ދަރިފުޅު ކޮންކަމަކާތަ ތި ވިސްނަނީ؟…”
”ނުވިސްނަން…” ނުތަނަވަސްކަމުގެ ހިނިތުންވުމެއް ރައްދުކުރަމުން ޝާޢާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އޭނަ ގެނައި ޖޯޑަށް ފެންއަޅައި އޭގެ ތެރެއަށް ސައިފަތް ޕެކެޓެއް ލިއެވެ. ފެންގަނޑުގެ ތެރެއަށް ސައިފަތުގެ ކުލަ ފޭދިގެން ދިއުމާއެކު ރަގަޅަށް ގިރާލިއެވެ. އެއަށްފަހު ސައިޖޯޑު ގެންގޮސް ޖާބިރާއި ކުރިމައްޗަށް ވާހެން މޭޒު މަތީ ބެހެއްޓިއެވެ.
ޝުކުރުގެ ހިނިތުންވުމެއް ޝާޢާއަށް ދެމުން ޖާބިރު ހޫނުއަރައަރާ ހުރި ސައިޖޯޑަށް ފުމެލަމުން ކޯވަރެއް ބޯލިއެވެ.
ބަދިގެއިން ނިކުމެގެން ދިއުމުގެ ބަދަލުގައި ޝާޢާ ގޮނޑިއެއް ދަމާލަމުން އޭގައި އިށީނެވެ. ޖާބިރު ރަގަޅު މޫޑެއްގައި ވާތަން ފެނި ދުރުދުރުން އޭނަގެ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ މަސައްކަތްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނައަށް ވާހަކަދެއްކުމުގެ ފުރުސަތު ނުލިބެނީސް ޖާބިރު ސުވާލެއްކޮށްލިއެވެ.
”ކަމަކާމެދު ފިކުރު ބޮޑުވެފައި ހުރިހެން ހީވަނީ، ކާފައާއި ތިކަމެއް ހިއްސާނުކުރާނަންތަ؟…” ޖާބިރު އެހިއެވެ. އޭނައަށް ޝާޢާގެ ނުތަނަވަސްކަން ދޭހަ ކުރެވުނީ ހަދީޖާ އޭނައާއި ހިއްސާކޮށްފައި އޮތް ވާހަކައިގެ މައްޗަށް ބުރަވުމުންނެވެ. އެއާއެކު ހަދީޖާ ބުނެފައި އޮތް ވާހަކަތައް މަތިން އޭނަ ހަނދާން ވިއެވެ. އެކަންތައް ޝާޢާ އާއި ހިއްސާކުރާނެ ގޮތަކާމެދު ޖާބިރަށް ވިސްނާލަން ޖެހުނެވެ. ޔޫނުސްއާއި ޝާޢާގެ ގުޅުން ބަދަހިވެގެން ދިއުން އެއީ ހުއްދަދެވޭނެކަމެއް ނޫނެވެ. އޭގެ އާޚިރު ނަތީޖާ ނިކުމެގެންދާނެ ގޮތް އޭނައަށް ކިތަންމެހާ ވެސް ރަގަޅަށް އެނގައެވެ. އަދުއްވުންގެ ކަންފަތާ ހަމައަށް އެޚަބަރު ދަތުރުކުރާ ހިސާބުން ޔޫނުސް ނުރައްކަލަށް ހުށަހެޅިގެން ދާނެއެވެ. ޔޫނުސްގެ ހަށިރައްކަލަށް އޭނައަށް ކުރެވޭނެ މާކަ ބޮޑު ކަމެއް ވެސް ނެތެވެ. އޭނަގެ ފުރިހަމަ ސަމާލުކަމާއި އަހައްމިޔަތު ދެވިފައި އޮތީ ޝާޢާއަށް ކަމުގައި ވީތީއެވެ. އެރާސްތާއިން އޭނަގެ ފައި ކުޑަކޮށް ވެސް ކައްސާލާކަށް އޭނަ ނޭދެއެވެ. އޭނައަށް މުހިންމީ ހަމައެކަނި ޝާޢާ އެވެ.
”ދަރިފުޅު މިހާރު އޮފީހަށް ދަނީ ކޮން ފިރިހެންކުއްޖަކާ އެކުތަ؟…” އިރުކޮޅެއް ކުރިން ކުރިމަތިވި ސުވާލަށް ޝާޢާއަށް ޖަވާބު ނުދެވެނީސް އިތުރު ސުވާލެއް ކުރިމަތި ވިއެވެ. އެއާއެކު ޝާޢާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޖާބިރަށް އޭނައާއި ޔޫނުސްއާއި ދެމެދު އޮތް ގުޅުމާ މެދު ޝައްކު އުފެދުނީ ބާވައޭ ވެސް ޝާޢާގެ ހިތަށް އެރިއެވެ. އެހާ އަވަހަށް ޔޫނުސްގެ ނަން ގެނެވިދާނެކަމަކަށް އޭނަ ހީކޮށްފައި ވެސް ނެތެވެ. އޭނަ ނިންމާފައި އޮތީ ދުވަސްކޮޅެއް ފަހުން ޔޫނުސްގެ ވާހަކަ ކާފައާއި މާމަ ގާތު ހިއްސާކުރާށެވެ. އެކަމަށް ތައްޔާރުނުވެވިގެން އުޅެނިކޮށް ކުއްލިޔަކަށް އެކަމާއި ކުރިމަތިލާން ޖެހުމުން ޝާޢާއަށް އިދެވުނީ ދޭނެ ޖަވާބެއް ނޭގި ހުއްޓުންއަރާފައެވެ.
ޝާޢާއަށް އައިސްފައިވި ބަދަލުން ހަދީޖާގެ ވާހަކައިގެ ތެދުކަން ޖާބިރަށް ޔަޤީން ކުރެވުނެވެ. ދުވަސްތަކަށް ފަހު އޭނަގެ ހިތަށް ލިބިފައި އޮތް ހަމަޖެހުމަށް ވެސް އެކަމުގެ ސަބަބުން ބުރޫ އެރިއެވެ. ޔޫނުސް ވެގެން ދިޔައީ ޖާބިރަށް އޮތް ބޮޑު ބޮލު ރިހުމަކަށެވެ. އެކަންތަކާ ހުރެ އޭނައާއި ޝާޢާގެ ގުޅުން ހީނަރުވާކަށް ޖާބިރު ބޭނުމެއް ނުވިއެވެ. ހަމައެއާއެކު ޝާޢާއަށް ހިތްދަތިކަމެއް ލިބޭކަށް ވެސް މެއެވެ. ނަމަވެސް އޭނައަށް އޮތީ ފަހުގެ ނިންމުން ނިންމަންޖެހިފައެވެ. އެއީ ހުރިހާ އެންމެންގެ ވެސް މަންފާއަށްޓަކައެވެ. މައްސަލަގަނޑުތައް ހިނދި އަމާންކަން ލިބުމާއެކު ޔޫނުސަށް ވުރެން ރަގަޅު ކުދިން ޝާޢާއަށް ލިބިދާނެއެވެ.
”ކާފާ އަހަންނާއި ޔޫނުސްގެ ދެމެދުގައި އޮންނަނީ ހަމައެކަނި އެކުވެރިކަމޭ… މިދުވަސްކޮޅު އައިޝާ ބަލިވެ އުޅޭތީ އަހަރެން ބަލާ ޔޫނުސް އަންނަނީ… ކާފަ ތިހީކުރާ ފަދަ ކަމެއް ނޯވެޔޭ…” ޖާބިރުގެ މޫނުމަތިން ފެންނަމުން ދިޔަ ޝުޢޫރުތަކާއި ވާހަކަދެއްކުމުގެ ރާގުން ތެދު ހާމަކޮށްފިނަމަ ހިތްހަމަނުޖެހުން އަމަޒުވެދަނެތީ ޝާޢާއަށް ޖެހުނީ ދޮގު ހަދާށެވެ. އޭރު ވެސް އޭނަގެ ޒަމީރު ވިސްނައިދެމުން ދިޔައީ އަނެއްކާ ވެސް އެސުވާލުތަކާއި އޭނަ ކުރިމަތިލާންޖެހިދާނެ ކަމެވެ. ގިނަ ދުވަސްތަކެއް ވަންދެން އޭނައަށް އެކަން ސިއްރު ނުކުރެވިދާނެކަމެވެ. ޔޫނުސް އޭނަގެ ކާފައާއި މާމައާއި ބައްދަލުކުރަން ބޭނުން ވެއްޖެނަމަ އިތުރު ހާސްކަމެއް ލިބޭނެކަމެވެ.
ޝާޢާއަށް ވިސްނައިނުގަނެވުނު ކަމެއް ވިއެވެ. ޔޫނުސްއާ މެދު ކާފަ ހިތްހަމަނުޖެހެނީ ހެއްޔެވެ؟ ކާފަގެ ޝޫޢޫރުތަކުން ބުނެދެނީ އެވާހަކައެވެ. ނަމަވެސް އެއީ ކީއްވެގެން ހެއްޔެވެ؟ ޔޫނުސްއަކީ ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެކެވެ. ޤަދަރުވެރި ޢާއިލާއަކުން އައިސްފައިވާ ރަގަޅު އަހުލާގެއްގެ ވެރިއެކެވެ. އެފަދަ ރަގަޅު ބައިވެރިޔަކު އޭނަގެ ނަސީބުގައި ލިޔެވިފައިވުމުން އެކަމާއި މެދު އުފާވާން ޖެހޭނެ ނޫން ހެއްޔެވެ؟ ނަމަވެސް ކާފަގެ އަމަލުތަކާއި ވާހަކަތަކުން ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ.
ޝާޢާ އޭނަގެ މޫނުމަތީގައި ދޮގު ހެދުމުން ޖާބިރު ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ޔޫނުސްއާ ޖެހި ޝާޢާ ހަލާކުވަމުން އަންނަ ކަމުގެ ނިޝާނެއްކަމުގައި އޭނަ އެކަންތައް ނެގިއެވެ. އެއާއެކު އެކަމަށް ހައްލެއް ގެންނަން ޖާބިރު ގަސްދުކުރިއެވެ. އޭރުން ޢާއިލާ ތެރޭގައި މައްސަލަގަނޑެއް ހިލިގެން ވެސް ނުދާނެއެވެ. އޭނަގެ ބޮލުގެ ރިހުމަށް ފަސޭހަކަމާއެކު ހައްލެއް ވެސް ލިބޭނެއެވެ. ޖާބިރު އިތުރަށް އެމައުޟޫޢުއަށް ނުގޮސް ފަރުޖައްސާލީ އޭނަގެ ސިކުނޑީގައި ރޭވުނު ކަންތަކަށް އަމަލުކުރަން ހިތުލައިގެންނެވެ.
”ކޮބާތަ ރޭގަ ކާފަ ގެނައި ކުކުޅު؟… ފަތިހު ނިކުތް އިރު ނެތް ފެންނާކަށް…” މައުޟޫޢު ބަދަލުކޮށްލަމުން ޝާޢާ ބުނެލިއެވެ. އެއާއެކު ސައިޖޯޑުން ކޯވަރެއް ބޯން އުޅުނު ޖާބިރު ކޮށިނޭރީ ވެސް ކިރިޔާއެވެ. ކުއްލިޔަކަށް ޝާޢާ އެވާހަކަ ގެނައުމުންނެވެ. ދޭނެ ޖަވަބަކާ މެދު އަވަސްއަވަހަށް ވިސްނާލަމުން އޭނަ މޫނުމައްޗަށް ހައިރާންކަން ގެނައެވެ.
”ނެތޭ؟… ފަތިސްނަމާދަށް ކާފަ ދިޔައިރު ކޮށީގައި އިން އެސޮރު…” ޖޯޑު މޭޒުމަތީ ބަހައްޓަމުން ޖާބިރު ބުނެލިއެވެ. އަދި އަވަސްއަވަހަށް ގޮނޑިން ތެދުވަމުން ހިނގައިގަތީ ބަދިގެއިން ނިކުތުމަށެވެ. ޖާބިރުގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން އިން ޝާޢާއަށް ބުނާނެއެއްޗެއް ވެސް ނޭގުނެވެ. ޖާބިރުގެ ދޮގު ހެދުމުގެ ހުނަރަށް ތަޢުރީފު ހައްޤެވެ. އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށްފަހު ޝާޢާ ބޭރަށް ނިކުތް އިރު ޖާބިރު ގޯތިތެރޭގައި އަތްފުނާއަޅަނީއެވެ. އޭނަގެ އަމަލުތަކުން ހީވަނީ ކުކުޅުކޮށި ގެއްލިގެން އުޅެނީ ހެންނެވެ.
”ޔަޤީނޭ ފަތިސްނަމާދަށް ދިޔަ ގަޑީގަ ހަނދާން ނެތިވެ ބޭރު ދޮރު ތަޅުނުލާ ދެވުމުން ފުރުސަތު ބަލާފަ މިތާ ކަންމަތީގަ މިއުޅޭ އާވާރާ ގުރޫފު މީހުން އޭތި ނެގީކަން… މިދެން ކިހާ ބޮޑު ބަލާއެއް!!!… މިހާރު ގޭގައި ހުންނަ އެއްޗެހި ވެސް ވަގަށް ނަގަން ފެށީއޭ!…” ހައިރާންވެ އަންތަރީސްވެފައި ޝާޢާއަށް ހުރެވުނެވެ. ޖާބިރުގެ ހުނަރަށް އެވޯޑު ދިނުން ހައްގެވެ. އެހާވެސް ކުޅަދާނަ ވިއްޔާއެވެ. ޝާޢާގެ ލޮލުގައި ފޮތިކޮޅެއް ބަންނަން ޖާބިރުކުރަމުން ދިޔަ މަސައްކަތް ފެނަށްވަމުން ދިޔަކަމެއް އޭނައަށް ނޭގެއެވެ. އެހެނީ ޝާޢާ ވަނީ ހުރިހާ މަންޒަރެއް ލޮލުންދެކެއަތުންހިފާފަ އެވެ. ޖާބިރު ކަންތައްކުރަމުން ދިޔަ ގޮތުން އިތުރު ޝައްކުތަކެއް ޝާޢާގެ ހިތުގައި އުފަން ވިއެވެ. އޭނައަށް ނޭގޭ ކަޅު ސިއްރެއް ހުރިހާ ކަމެއްގެ ނިވަލުގައި ފޮރުވިފައިވާ ކަމެވެ.
*****
ދުވަހުގެ ހަތަރުދަން ބަތޫލް ހޭދަކުރީ ގޭގެ ހަތަރުފާރުތެރޭގައެވެ. އެހުރިހާ ވަގުތެއްގައި ވެސް އޭނަ ހުންނަނީ ގޭގެ މާހައުލަށް ދެކަންފަތް ހުޅުވާލައިގެންނެވެ. މާމައާއި ކާފައަށް އޭނަ ފާރަލަމުން ދިޔައީ ނުހަނު ސިއްރުންނެވެ. އޭރު އޭނަގެ ހިތުގައި އިންދާލެވުނު ޝައްކުގެ އޮށަށް މޫއެރި، މޫތަކުގެ ބާރު ދިޔައީ ގަދަވަމުންނެވެ.
އިރުއޮއްސި އަނދިރިކަން ފާޅުވަމުން އައި ވަގުތެވެ. ޝާޢާ އޮތީ ގޭގެ ބޭރު ޖޯލީގައެވެ. މިއަދު ވެދިޔަ ކަންތަކާ މެދު އޭނަ ވިސްނަން އޮތީ އަނބުގަހުގެ އޮފިތަކުގެ ތެރޭން ފުރޭނިގެން ގޮސް ފެންނަން އޮތް އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ގަދަ ރަތްކުލިން ރަންގުވެފައި އޮތް އުދަރެހުގެ ކުލަތަކަށް އޭރު ވަނީ ފަނޑުކަން ވެރިވާން ފަށައިފިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭން ޝާޢާ މަސައްކަތްކުރިއެވެ. އޭނަ އެންމެފަހުން ނިންމީ ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާށެވެ. އެސުވާލުތަކަށް އޭނަ ކިތަންމެ ވަރަކަށް ޖަވާބު ހޯދަން އުޅުނަސް ކާމިޔާބު ނުކުރެވޭނެތީއެވެ. އެސުވާލުތަކުގެ ޖަވާބު ލިބެން އޮތީ އެންމެ ފަރާތެއްގެ ފުށުންނެވެ. ނަމަވެސް ހެނދުނު ވެދިޔަ ކަންތަކަށް ފަހު އެއީ ވުން ނާދިރުކަމެކެވެ. ވިސްނާވިސްނާ އޭނަގެ ބޯގޮއްވުމުގެ ބަދަލުގައި ހުރިހާ ކަމެއް ނުވާކަމަކަށް ހަދައި ހަނދާން ނައްތާލުން މާ ބޮޑަށް ވެސް ބުއްދިވެރި ވާނެއެވެ.
މުޅި ގޯއްޗަށް އަނދިރިކަން ވެރިވެފައި އޮތް ވަގުތެވެ. މަޢުރިބު ނަމާދުކުރަން ކޮޓަރިއަށް ދާން އުޅުނު ޝާޢާއަށް ކުއްލިޔަކަށް އަދަޔާ ހިލާފަށް ހޫނުކަން އެކުލެވިގެންވި ރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހިލާފައި ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އެވެސް ނުހަނު ގާތުންނެވެ. ސިހިފައި ޝާޢާއަށް ވަށައިގެން ހޯދާލެވުނެވެ. އެއީ ދުވަހަކު ވެސް ކުރިމަތިވި ކަމަކަށް ނުވާތީއެވެ. ވަށައިގެން އޮތް އަނދިރިކަން ސައިލެއްހެން އައިސް އޭނަ ވަށާލުމުން ފާޑުފާޑުގެ ވަސްވާސްތަކުން ހިތްފުރެން ފެށުމާއެކު ޝާޢާ ގަތީ ބިރެވެ. އޭނަ ފިޔަވަޅުތައް ބާރުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. މައިގެއަށް ވަދެވުނުއިރު އޭނަ ހުރީ އުދާސްކަމެއްގެ ތެރޭގައެވެ. ހީވަނީ ނަފުސަށް ހަމަޖެހުމެއް ނުލިބިގެން އުޅޭހެންނެވެ.
ފާޚަނާއަށް ވަދެ ވުޟޫކުރަން އުޅުމުން ބޮލުގައި ރިއްސަން ފެށިއެވެ. އެކަމަށް ކެތްކޮށްލައިގެން ވުޟޫކޮށްގެން ފާޚަނާއިން ނިކުތެވެ. ނަމަވެސް އޭނައަށް ނަމާދެއް ނުކުރެވުނެވެ. ކުއްލިޔަކަށް ބޮލަށް އަރައިގެން އެދާ ތޫނު ތަދާއެކު މޫނު މައްޗަށް އެނބުރުން އަރައިގެން ދާތީއެވެ. އެއިން ކޮންމެ ފަހަރަކު އޭނައަށް ޖެހެނީ ހަށަން މޮހެލާށެވެ. އެންމެފަހުން އަނބުރައިގަނެގެން ވެއްޓިދާނެހެން ހީވާން ފެށުމުން ޝާޢާ ގޮސް އެނދުގައި އިށީނެވެ. ދެން ވާންފެށި ގޮތުން އޭނަ ބިރުގަންނަން ފެށިއެވެ. ހަށިގަނޑަށް ހޫނުކަމެއް ސަވާރުވާތީއެވެ. އޭރު ވެސް ބޮލުގެ ރިހުމަށް ލުޔެއް ނުލިބެއެވެ. ބަައެއްފަހަރު ހަމަހޭ ވެސް ނެތިގެން ދާހާ ވެއެވެ. އެވޭނެއްގައި ވަނިކޮށް ޝާޢާއަށް ބިރުވެރި މަންޒަރެއް ވެސް ފެންނަން ފެށިއެވެ. ބޮލުގެ ރިހުން ގަދަވެ އެއީ ހަގީގަތެއްކަމެއް ބިލާހެއްކަމެއް ވައްކެއް ނުކުރެވުނެވެ. ނަމަވެސް އޭނަގެ ހިތަށް ސިހުން ލިބުނެވެ.
އޭނަގެ ޖިސްމަށް މީހަކު އަތްގަދަކުރަން އުޅޭކަހަލައެވެ. ނަމަވެސް އެމީހަކު ކައިރިވާން ކުރާ ކޮންމެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ނުކުރެވި ބޭކާރުވެގެން ދެއެވެ. ޝާޢާއަށް ނުވިސްނުނުކަމުގައި ވިޔަސް އެއީ އޭނަ ވޫޟޫމަތީގައި ހުރުމުގެ ސަބަބުން އޭނައަށް ދެއްވާފައިވި ރަހުމަތެކެވެ. ނަމަވެސް އެހެނިހެން ގޮތްގޮތުން ޝާޢާއަށް ނުފޫޒު ފޯރުވުމުގައި ޝައިތާނާ ކާމިޔާބު ހޯދިއެވެ.
ވޭނީ ސަކަރާތެއްގައި އެތައް އިރެއްވަންދެން ޝާޢާ ހޭދަކުރީ އޭނަ ފަހު ނޭވާވަޅަށް އެޅިގެން ހިނގައިދާނެހެން ހީވެފައި ވަނިކޮށެވެ. އެފަދަ ރިހުމެއް އޭނަގެ މުޅި ހަޔާތުގައި ވެސް އިހުސާސްވެފައި ނެތެވެ. ޝާޢާއަށް ކިރިޔާ ވެސް ލުޔެއް ލިބުނީ އިޝާ ނަމާދަށް ގޮވި ފަހުންނެވެ. ނަމަވެސް ކޮޅަށް ތެދުވާނެހާ ހަކަތަ ނެތުމުން ޝާޢާއަށް އެނދުގައި އޮވެވުނީއެވެ. އޭރު ވާންވެފައިވި އޭނަގެ ސިކުނޑިއަށް ލުޔެއް ލިބެމުން ދިޔަ އެވެ. އެހެނަސް ހިތަށް އައިސްފައިވި ސިހުމަށް ލުޔެއް ނުލިބުނެވެ.
ކުއްލިޔަކަށް އިވިގެން ދިޔައީ ފޯނު ރިންގްވާން ފެށި އަޑެވެ. ހަށިގަނޑަށް ކޮޅަށް ތެދުވާނެ ހަކަތަ ލިބުމާއެކު ޝާޢާ އެނދުން ތެދުވުނެވެ. އޭރު އޭނަ ވުޟޫކުރަން ފާޚަނާއަށް ވަންނަމުން ރީތިވާމޭޒުމަތީ ބޭއްވި ގޮތަށް ފޯނު އޮތެވެ. ނަމަވެސް ފޯނު ނެގުމާއެކު އެއަށް އައިސްފައި ހުރި މިސްކޯލުތަކުގެ އަދަދު ފެނި ލޯބޮޑުކޮށްލެވުނެވެ. އޭނައަށް މީގެ ކުރިން ފޯނުގެ ރިންގުގެ އަޑު ނީވުނީ ކީއްވެގެން ހެއްޔެވެ؟
”ހަލޯ، ޝާ ބިޒީ ވަގުތެއްގަތަ މިގުޅުނީ ފޯނަށް ޖަވާބު ނުދިނީ؟…” ޔޫނުސް އަހާލިއެވެ. ޔޫނުސްގެ ޢާއިލީ ފަރާތެއްގެ ކައިވެނި ހަފްލާއަށް ތައްޔާރުވުމުގައި ބުރަކޮށް އުޅުމުގެ ސަބަބުން، ޔޫނުސްއަށް ޝާޢާއަށް ގުޅާލަން ހުސް ވަގުތެއްވީ އަދިކިރިޔާއެވެ.
”ނޫނޭ ފޯނަށް ކުޑަ މައްސަލައެއް ދިމާވެގެން އުޅޭތީ…” ޝާޢާ ބުނެލިއެވެ.
”މިރޭ އަންނާނަން ދޯ ޕާޓީއަށް؟… އަހަރެން ވަރަށް ބޭނުން ފެމިލީ މީހުންނަށް ޝާ ތަޢާރަފްކޮށްލަދޭން، އެކަމަކު ޝާ ބޭނުމިއްޔާ…” ޔޫނުސް އުއްމީދީ ރާގެއްގައި ބުނެލިއެވެ. އެކަމަށް އާނ ބަސް ދިނުމާމެދު ޝާޢާއަށް ވިސްނާލަން ޖެހުނެވެ. މިއަދު ކާފައާއި ދެކެވުނު ވާހަކަތަކުގެ ސަބަބުންނެވެ. ހުރިހާ ކަމަކަށް ރިއާޔަތްކޮށްލަމުން އެކަމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނުވިސްނުނެވެ. ނަމަވެސް ކަމެއް އުނިކުރުމަށްފަހުގައެވެ. އޭރުން އޭނަ ހަފްލާއަށް ދާނީ ހަމައެކަނި ޔޫނުސްގެ އެކުވެރިޔެއްގެ ހައިސިއްޔަތުންނެވެ. ރަށުތެރެއަށް ތަފާތު ވާހަކަތައް ވިހެއުމުގެ ފުރުސަތުތައް ވެސް ހަނިކުރެވިދާނެއެވެ.
”ޕާޓީއަށް ގޮސްދާނަން އެކަމަކު ޔޫނުސްގެ ފެމިލީ މީހުންނަށް ތަޢާރަފުކޮށްދޭނީ އަދި ތަންކޮޅެއް ފަހުން…” ޝާޢާ ބުނެލިއެވެ. ޝާޢާގެ އެހެށަހެޅުމާއި މެދު ވެސް ޔޫނުސް ޤަބޫލުވިއެވެ. އޭނަ ޝާޢާއާއި ވަކިވެލީ ގަޑި ކިޔާލުމަށްފަހުގައެވެ. އޭގެ ކުރިން އޭނަ ޝާޢާ ދެކެ ވާ ލޯބި ފަށުވި ބަސްތަކުގެ ޒަރިއްޔާއިން އިއްވާލަ ދިނެވެ.
ފޯނުކޯލު ނިންމާލިއިރު ޝާޢާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބިފައި ވިއެވެ. ފޯނު ހިފައިގެން ގޮސް އޭނަ އެނދުގައި އިށީނެވެ. ޔޫނުސްގެ ހުރިހާ ކޯލްތަކެއް މިސްވެފައި އިނީ އޭނަގެ ބޮލުގެ ރިހުން ގަދަވި ގަޑީގައެވެ. ޝާޢާއަށް ނުވިސްނުނު ކަމަކީ އެފަދަ ވޭނެއް ތަހައްމަލުކުރަން ޖެހުނު ސަބަބެވެ. އޭނައަކީ މީގެ ކުރިން ބޮލުގައި ރިއްސައިގެން އުޅުނު މީހެއް ވެސް ނޫނެވެ. އެސުވާލަށް ޖަވާބު ހޯދަން ޝާޢާ ގަސްދުކުރީ ޑޮކްޓަރަށް ދައްކާށެވެ. އޭނަގެ ސަމާލުކަމަށް ނައިސް ވެސް ސިއްހީ މައްސަލައެއް ހުރެދާނެ އެވެ.
*****
ޕާޓީއަށް ދާ ގަޑި ކައިރިވުމުން ޝާޢާ ފެންވަރަން ފާޚަނާއަށް ވަނެވެ. ޝަވަރު ދޮށުގައި ހުއްޓިލަމުން ޝަވަރަށް ދޫކޮށްލުމާއެކު އޮހިގެން އައި ފިނި ފެނުން ސިކުނޑިއާއި ޖިސްމަށް ފިނިކަން ގެނެސްދިނެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވިތަނާ ކުއްލިޔަކަށް އަނެއްކާ ވެސް ބޮލާއެކު ހަށިގަނޑުގެ ވާތްފަރާތަށް ތޫނު ތަދެއް އަރަން ފެށިއެވެ. މިފަހަރު ތަދު އިހުނަށްވުރެ ގަދައެވެ. ވެއްޓިދާނެހެން ހީވާން ފެށުމާއެކު ޝާޢާއަށް އަވަސްއަވަހަށް މަދަދަށް އެދި އަތްދިއްކޮށްލެވުނީ މޫނުދޮންނަތައްޓަށެވެ. އެއް އަތުން މޫނުދޮންނަ ތަށީގައި ހިފަހައްޓާލަމުން އަނެއް އަތުން ނިތްކުރީގައި ޝާޢާއަށް އަތް ހިންގާލެވުނެވެ. އެވަގުތު އޭނައަށް އިސްއުފުލާ ކުރިމަތީ ކުރި ލޯގަނޑަށް ބަލާލެވުމާއެކު މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.
އޭނަގެ ފުރަގަހުން ފެންނަމުން ދިޔައީ ހިޔަންޏެކެވެ. މޫނުބަލާ ލޯގަނޑުން ރީއްޗަށް އެމަންޒަރު ފެނެއެވެ. ހިތުގައި އުފެދިގެން އައި ނުތަނަވަސްކަމާއެކު ޝާޢާއަށް ނިކަން އަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ހިތުގައި ސުވާލުތައް އުފެދުމުންނެވެ. ފަސްއެނބުރި ބަލާލެވުމާއެކު ޝާޢާއަށް ލިބުނީ އިތުރު ހާސްކަމާއި ހައިރާންކަމެކެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ލޯކުރިމަތިން ހިޔަނި ގެއްލުމުންނެވެ. ބިރުވެރިކަން އުފެދިގެން އައުމާއެކު ޝާޢާ އަވަސްވެގަތީ ފާޚަނާއިން ނިކުންނާށެވެ. އިތުރު މިނެޓަކަށް ވެސް އެތާނގައި ހުންނަން ބޭނުންނުވާތީއެވެ.
އަވަސްއަވަހަށް ފާޚަނާގެ ފާރުގައި ހަރުކުރެވިފައިވި ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ނަގައި ހަށިގަނޑުގައި އޮޅާލަމުން ދޮރުގެ ތަޅުގައި ހިފާލިއެވެ. ހަމަ އެވަގުތު ހޫނުކަމެއް އެކުލެވިގެންވި ރޯޅިއެއް އޭނަގެ ގައިގައި ބީހިލާފައި ދިޔައެވެ. އެފަދަ ކަމެއް އޭނައަށް ފުރަތަމަ އިހުސާސްކުރެވުނީ އިރާކޮޅުގެ ވަގުތުގައެވެ. ބޮލުގެ ރިހުން ވެސް ގަދަވެފައިވުމާއި ހިތުގައި އުފެދިފައިވި ބިރުވެރިކަމާއެކު ޝާޢާ އިހުނަށްވުރެ އޭނަގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ނަމަވެސް އޭނައަށް ފާޚަނާއިން ބޭރަށް ފިޔަވަޅެއް އެޅުނުތަނާ ހީވީ ހަށިގަނޑަށް ބާރެއް އަރައިގެން ދިޔަ ހެންނެވެ. ވޭނައި ތަދުގެ އިހުސާސްކުރެވުނު ހިނދު އޭނަގެ މޫނުމައްޗަށް އަނދިރިކަން ވެރިވެ އާރާއިބާރު ނެތިގެން ދިޔަ އޭނަގެ ހަށިގަނޑު ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ. ލޯ ވެސް މެރުނު ހިނދު ޝާޢާއަށް އޭނަގެ ކައިރީގައި ހަށިގަނޑުން ބިޔަ މީހަކު ހުރި ފަދަ އިހުސާސެއް ކުރެވުނެވެ.
*****
ޝާޢާ ބަލާ ގޭދޮށަށް އައިސްފައި ހުރި ޔޫނުސް އަނެއްކާ ވެސް ޝާޢާއަށް ގުޅަން މަސައްކަތްކުރިއެވެ. މިހާރު އޭނަ އެކަން ތަކުރާރުކުރަމުން ދާތާ ކިތަންމެ އިރެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބެނީ އެއްޖަވާބެކެވެ. އޭރު ޝާޢާގެ ޚަބަރެއް ނުވުމުން އޭނަގެ ކެތެތްެރިކަން ކޮޅުންލައިފިއެވެ. ފޯނު ފަޓުލުނޫގެ ޖީބަށް ލަމުން ޔޫނުސް ބަލާލީ ފެންނަން ހުރި ދޮރާއްޓަށެވެ. އޭނަ އިނީ ދެފިކުރެއްގެ މަތީގައެވެ. ވިސްނަން ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ސައިކަލުގެ ހަރުޖައްސާލަމުން އޭނަ ސީޓު މަތިން ތެދުވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން އޭނަ ކުރިއަށް ހިނގައިގަތެވެ. ޝާޢާއާ މެދު ހިތުގައި އުފެދިފައިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނަން އޭނަ ހުރީ ބޭނުންވެފައެވެ. އެކަން ކުރެވެން އޮތީ އެންމެ ގޮތަކުންނެވެ.
*****
ޓީވީން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަން ތިބި ޖާބިރާއި ހަދީޖާއަށް އެކީއެއްފަހަރާ މައިދޮރާއި ދިމާއަށް ބަލާލެވުނީ ސަލާން ގޮވާލި އަޑަށެވެ. ސަލާމުގެ ޖަވާބު ބަލައިގަންނަމުން ހަދީޖާ އޭނަ އިން ސޯފާއިން ތެދުވެލަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނައަށް ފެންޑާގައި ހުރި ޒުވާނަކު ފެނުމާއެކު ލިބުނީ ހައިރާންކަމެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން ހަދީޖާއަށް އެޒުވާނާއަކީ ކާކުކަން ދެނެގަންނަން ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. އެހެނަސް ސުވާލު އުފެދުނީ އެގަޑީގައި ޔޫނުސް އެގެއަށް އައުމުންނެވެ.
އެހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބިގެން ދިޔައީ ޔޫނުސް އައި ބޭނުން އޭނައަށް ވިސްނައިގަނެވުމުންނެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވީ ވެސް އެސަބަބާ ހުރެއެވެ.
ހަދީޖާއަށް ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ހާސްކަން ފާޅުވެއެވެ. އޭނަ ނަފުސު ހަމައަކަށް އަޅުވަން ހަށިފުރާނޭވާއެއް ދޫކޮށްލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތްކުރިއެވެ. އޮޅުންފިލުވަން އުޅޭ މަޢުލޫމާތުގެ ޒާތުން ހާޖަރާ ހީކޮށްފާނެ އެއްޗަކާ މެދު އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެނަސް ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާ ބީދައިން ޔޫނުސްއަށް ޖެހުނީ އެކަމާއި ކުރިމަތިލާށެވެ. ޝާޢާއަކީ އަބަދު ވެސް ފޯނު އަތަށް ލައިގެން އުޅޭ ކުއްޖެކެވެ. އޭނަ އެހާ ގިނައިން ގުޅުމުން ވެސް ޝާޢާ ފޯނަށް ޖަވާބު ނުދޭނީ ބޮޑުކަމެއް ދިމާވުމުންނެވެ. ޝާޢާގެ ހާލު ނޭގެނީސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
”ކީއްކުރާ ކުއްޖެއް؟…” ހަދީޖާ އަހާލިއެވެ. އޭނަ ވާހަކަދެއްކީވެސް ރާގަކަށެވެ.
”ޝާޢާ…” ޔޫނުސް އެންމެފަހުން ބުނެލިއެވެ. އޭނަގެ އަޑުގައި ޖެހިލުންވުން އެކުލެވިފައި ވިއެވެ.
”ކީއްކުރަން ޝާޢާ ހޯދަން ތިޔައީ؟…” ޔޫނުސްއަށް ބަލަން ހުރެ ހަދީޖާ އެހި އެވެ. ހަދީޖާގެ ވާހަކަދެއްކުމުގެ ރާގުގައި އެކުލެވިގެންވި ހިތްހަމަނުޖެހުން ޔޫނުސްއަށް ފާހަގަކުރެވުނެވެ. އޭގެ ސަބަބުން އޭނަގެ ވާހަކައާއިގެން ކުރިއަށް ދާން އިތުރަށް އުނދަގޫވިއެވެ. އެމީހުންގެ ހިތުގައި އުފެދިގެންދާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަށް ޖެހުނީ ރޭވުންތެރިކަމާއެކު ފަރުމާ ކުރާށެވެ. އޭނައާއި ޝާޢާގެ ގުޅުމާމެދު ޝައްކު ނުއުފެދޭނެ ފަދައަކުންނެވެ.
”އޮފީހުން ބާއްވާ ހަފްލާއަކަށް ދާން ޖެހިފަ އޮތީމަ… ޝާ ބުނީ ބަލާ އައިސްދެއްޗޭ، މިހާރު ވަރަށް ގިނަ އިރު ވެއްޖެ ބޭރުގައި ހުންނަތާ ވެސް…… ގުޅީމަ ފޯނަށް ޖަވާބެއް ނުދޭ…” ޔޫނުސް ބުނެލިއެވެ. ޔޫނުސްއަށް ސަމާލުކަން ދީގެން ހުރި ހަދީޖާއަށް ކުއްލިއަކަށް ޝާޢާ މަތިން ވިސްނާލެވުނެވެ. އިޝާ ނަމާދުގެ ވަގުތުގައި އޭނަ ކޮޓަރީގައި ވަނިކޮށް ޝާޢާ ވަނީ ހަފްލާއަކަށް ދާންޖެހޭ ވާހަކަ ބުނެފައެވެ. އޭގެ އިތުރު ތަފުސީލެއް ޝާޢާ ނުދެއެވެ. އޭގެ ފަހުން ގަޑިއިރުތަކެއް ފާއިތުވެގެން ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ވީކީ ނޫނެވެ. ސުވާލު އުފެދިގެން ދިއުމާއެކު ހަދީޖާ އަވަސްވެގަތީ ޝާޢާގެ ކޮޓަރިއަށް ދިއުމަށެވެ. ނަމަވެސް ދިއުމުގެ ކުރިން އޭނަ ޔޫނުސްއަށް ބަލާލިއެވެ.
”މަޑުކޮށްލާ…”
ޔޫނުސްއަށް އެތެރެއަށް ވަނުމުގެ ދަޢުވަތެއް ވެސް ހަދީޖާ ނުދިނެވެ. އޭނަ ބުނަންވާ އެއްޗެއް ބުނެލުމަށް ފަހު ހަދީޖާ އެތެރެއަށް ވަދެގެން ދިޔައީ އެވެ. ޔޫނުސް ވެސް މަޑުކޮށްލީ ފެންޑާގައެވެ. ފަނޑުއަލިކަމުގެ ތެރޭން ފެންނަމުން ދިޔަ ގަސްތަކަށް ސަމާލުކަން ދީގެން އޭނަ ހުއްޓުވެ.
*****
”ދަރިފުޅާ…”
ޝާޢާގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ހަދީޖާ ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އޭނަ އަނެއްކާ ވެސް ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އަދިވެސް ދެތިން ފަހަރު ތަކުރާރުކޮށްލުމުން ވެސް ޝާޢާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެއާއެކު ހަދީޖާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނައަށް ޝާޢަގެ ފަރާތުން ފެނިފައިވާ ސިފައަކަށް ނުވީތީއެވެ. ހާސްކަން ހިތަށް ވެރިވީ ވެސް އެހެން ވެއެވެ.
އަވަސްއަވަހަށް ހަދީޖާ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އަލަމާރިތެރޭން ގޭގެ ތަޅުދަނޑިފަތި ހޯދާލިއެވެ. އެއަށްފަހު ތަޅުދަނޑިފަތި ހިފައިގެން އޭނަ މިސްރާބުޖެހީ ޝާޢާގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު ވެސް ޖާބިރު އިނީ ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމުގެ އަވާގައި ޖެހިފައެވެ. އޭނައަށް ހަދީޖާގެ އަވަސް ހަރާކަތްތައް ވެސް ފާހަގަނުކުރެވުނީ އެސަބަބާ ހުރެއެވެ.
ތަޅުދަނޑި ފަތިން އޭނަ ފާހަގަކޮށްލި ތަޅުދަނޑިނަގައި ތަޅަށް ކޮއްޕާލިއެވެ. އަދި އަނބުރާލުމާއެކު ތަޅުހުޅުވިގެން ދިޔަ އަޑުއިވުނެވެ. އެއީ ހަދީޖާގެ ހިތަށް ކުޑަވިޔަސް ލުއިކަމެއް ގެނެސްދިން ކަމެކެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ހުރިހާކަމެއް ބަދަލުވެގެން ދިޔަ އެވެ. މަގޭ ދަރިޔޭ ކިޔައި ހަދީޖާއަށް ރޮވިއްޖެއެވެ. އޭނައަށް ވެއްޓިފައި އޮތް ޝާޢާއާ ދިމާއަށް ދެވުނު ގޮތެއް ވެސް ނޭގުނެވެ.
މޭމަތިން ތުވާލިގަނޑު ސޮހިގެން ގޮސް ޝާޢާގެ އައުރަ ފެނެއެވެ. ހަދީޖާ ފުރަތަމަ ވެސް އުޅުނީ ޝާޢާގެ ހަށިގަނޑުގައި ތުވާލި އޮޅައި ނިވާކުރާށެވެ. އޭނައަށް ޝާޢާގެ ވާއަތު ހިކަނދިމަސްގަނޑުން ފެންނަން ހުރި ރަތްކުލައިގެ ނިޝާން ފެނުމާއެކު ދެލޯބޮޑުވެގެން ދިޔައެވެ. ފަރުވާތެރިކަމާއެކު ބަލާލުމުން އެއީ އަތުގެ އިނގިލިތަކުގެ ނިޝާންތަކެއްކަން އެނގެއެވެ. ބިރުވެރިކަމާއި ހާސްކަން އައިސް ބޯސައިލެއް ފަދައިން ހަދީޖާ ވަށާލީ ދެނެވެ. އޭނަ ބިރުން އުޅުނު ދުވަސް ކުލިމަތިލައިފިކަމުގެ އަލާމާތްތައް ހަދީޖާއަށް ފެނުނެވެ. އަވަސްއަވަހަށް ޖާބިރަށް ގޮވަން އުޅެފައި ވެސް އެޚިޔާލު ހިނދުކޮޅަކަށް ވިޔަސް މަޑުޖައްސާލަން ޖެހުނީ ޝާޢާ އޮތް ހާލަތުގެ ގޮތުންނެވެ.
އަލަމާރިން އޭނަ ގެނައި ޝާޢާގެ ހެދުންތައް ލައްވައި ނިމުމާއެކު ޖާބިރަށް ހަދީޖާ ގޮވާލީ ނުހަނު ބާާރަށެވެ. އޭރު ވެސް ހަދީޖާއަށް ރޮވެމުން ދިޔައެވެ.
ޓީވީއަށް ގެއްލިފައި އިން ޖާބިރަށް ހޭވެރިކަންވީ ދެނެވެ. ހަދީޖާގެ އަޑަށް އޭނައަށް ސޯފާއިން ވަގުތުން ތެދުވެވުނެވެ. އޭނައަށް އެފަދަ ގޮތަކަށް ހަދީޖާ ހަޅޭއްލެވި އަޑުއިވުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެދުވަސްތަކުހެ ހަނދާންތައް އެހަޅޭކާއި ގުޅިގެން ދިއުމާއެކު ޖާބިރަށް އަވަހަށް ހިނގައިގަނެވުނެވެ.
ބޭރުގައި ހުރި ޔޫނުސްއަށް ވެސް އަޑުއިވުނެވެ. އޭނައަށް ކައިރިވެލެވުނީ މައިދޮރާއެވެ. އެވަގުތު ކޮޓަރިއަކަށް ގޮސް ވަން ޖާބިރު އޭނައަށް ފެނުނެވެ. އޭނައަށް ހަދީޖާގެ ރުއިމިގެ އަޑު ވެސް އިވުނެވެ. ހިތުގައި އުފެދިގެން ދިޔަ ސުވާލުތަކުގެ ސަމުގާ ގޮސް ޝާޢާއަށް ހުއްޓުމާއެކު ޔޫނުސްގެ ހިތް އަވަސްވެލިއެވެ. އެތެރެއަށް އޭނައަށް ވަދެވުނީ ވެސް އެހެންވެއެވެ. ހާސްކަން ލިބުނު ވަރުންނެވެ.
*****
”ޝާޢާ…” ކޮޓަރިއަށް ވަން ޖާބިރު ފެނި ޝާޢާ ގާތަށް ތިރިވެ އިން ހަދީޖާ ރޮވިފައިވި އަޑަކުން ބުނެލިއެވެ. ހަދީޖާ އޭރު ދިޔައީ ޝާޢަގެ މޫނުގައި ފެންލަމުންނެވެ. އެކަމަކު ޝާޢާއަށް އެކަމުގެ އަސަރުކުރާ ހެނެއް ހިޔެއް ނުވެއެވެ. ހިމޭންކަމާއެކު ލޯމަރައިގެން އޮތް އިރު ނޭވާގެ ހިނގުން ނިކަން ލަހެވެ.
ޝާޢާ ފެނި ޖާބިރަށް ހުރެވުނު ތަންވެސް ހަނދާން ނެތުނު ކަހަލައެވެ. ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ އައިސް ހުރީ ޝާޢާ ގާތުގައެވެ. އޭނައަށް ވެސް ނުބައެއް އުޅޭކަމުގެ ހިލަން ވެއްޖެއެވެ.
”ޖާބިރު…” ހަދީޖާ ވާހަކަދައްކަން އުޅުނެވެ. ރޮވުމުގެ ސަބަބުން އޭނައަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ.
ހަދީޖާ ގާތަށް ކުޑަކަކޫ މައްޗަށް ޖާބިރު ތިރިވެލިއެވެ. އަދި ހަދީޖާގެ ކޮނޑުގައި އޭނަ އަތްބާއްވާލިއެވެ. އެއާއެކު ކަރުނަތަކާ ހަނގުރާމަކުރަމުން ދިޔަ ހަދީޖާގެ ނަޒަރު ގޮސް ޖާބިރަށް ހުއްޓުނެވެ. އެދެލޮލުން ހަދީޖާގެ އިހުސާސްތައް ޖާބިރަށް ނަގައިގަނެވުނެވެ. އޭނައާއި އަހަން އުޅުނު ސުވާލުތައް ވެސް މެއެވެ. އެހެނަސް ދޭނެ ޖަވާބެއް އޭނައަކަށް ނޭގުނެވެ. ޚުދު އޭނަ ވެސް އެހުރީ ސުވާލުމާކުތަކެއްގެ ތެރޭގައި ވިއްޔާއެވެ. އޭނައަށް ޝާޢާގެ ފުރިހަމަ ރައްކާތެރިކަން ޔަޤީންވެފައި ވަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ އަދުއްވުން މާރިދުގެ މައްޗަށް ގަދަވެގަތީ ހެއްޔެވެ؟ އެހެން ކަންތައްވިކަމުގައި ވިޔަސް އެޖިންނީންތައް ޝާޢާގެ މައްޗަށް އަތްގަދަކުރީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ފަންޑިތައިގެ ބާރު ކެނޑިގެން ދިޔައީ ހެއްޔެވެ؟ އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިފައި އޮތް ދުވަހަށް އިރުއަރަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށީ ހެއްޔެވެ؟
”ކިހިނެއް؟…” ހަދީޖާއަށް އަހަލެވުނެވެ. ”ބުނީމެއްނު ޝާޢާ ރައްކާތެރިކުރާނަމޭ، ދެން ކީއްވެ؟…” ހިތްދަތިކަން ހަދީޖާގެ އަޑުގައި ވިއެވެ. އޭނަ ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
”އިހަށް ތިސުވާލުތައް ނުކޮށްބަލަ، މި މަންޖެ އެނދަށް ލާންވީ…” ޖާބިރު ބުނެލިއެވެ. އެއަށްފަހު އޭނަ ޝާޢާ އަތްދަނޑިމައްޗަށް އުފުލަން އުޅުނެވެ. އޭނަގެ ހަށިގަނޑުގައި މިހާރު އެކަމަށް ހަކަތަ ނެތްކަން ޖާބިރަށް ތަސައްވަރުކުރެވުނީ އެވަގުތުއެވެ.
ސުވާލު އުފެދިފައި ކޮޓަރީގެ ދޮރުމަތީ ހުރި ޔޫނުސް ހަދީޖާއަށް ފެނުނީ އެދަނޑިވަޅުގައެވެ. ނުރުހެވުނުކަމުގައި ވިޔަސް ޔޫނުސްގެ އެހީއަށް އެމީހުން އެތިބީ ބޭނުންވެފައެވެ. އޭނައަށް ގޮވާލެވުނީ ވެސް އެހެންވެއެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކުގައި އައި ޔޫނުސް ލުއި ފަތެއް ހެން ޝާޢާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. އޭނަގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނެއެވެ.
ލޯމަރަލާލައިގެން އޮތް ޝާޢާއަށް ޔޫނުސް ބަލާލިއެވެ. ނިއްކުރިން ތަންގަނޑެއް ދުޅަވެފައި ވާއިރު މޫނަށް ވަނީ ހުދުކަމެއް ސަވާރުވެފައެވެ. ލަސްކަން ވެރިވެފައިވި ޝާޢާގެ ނޭވާގެ ހިނގުން އިހުސާސްކުރެވި ޝާޢާ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޔޫނުސް ބޭނުން ވިއެވެ. އޭރުން ޝާޢާއަށް ރަގަޅު ފަރުވާއެއް ލިބޭނެ ވިއްޔާ އެވެ. އެފަދަ ހާލަތެއް މެދުވެރިވާން ޖެހުނު ސަބަބު ވެސް ހޯދައިގަނެވޭނެ ވިއްޔާ އެވެ.
ޝާޢާ އެނދުގައި ބާއްވަމުން އިރުކޮޅެއް ވަންދެން އެމޫނަށް ޔޫނުސް ބަލާލިއެވެ. އެއަށްފަހު އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ގާތުގައި ތިބި ހަދީޖާއާއި ޖާބިރަށެވެ.
”އެމްބިއުލާންސަށް މިގުޅާލަނީ…” ޝާޢާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ޔޫނުސް ބުނެލިއެވެ. އަދި އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގައި އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އެކަމަކު އޭގެ ކުރިން ޔޫނުސްއަށް ޖާބިރު ހުރަސް އެޅި އެވެ.
”ގުޅާނެ ކަމެއް ނެތް… ހާދީޖާ، ދޭބަލަ ފިނިފެން ތަށްޓެއް ހިފައިގެން އަންނަން…” ހަދީޖާއާއި ނަޒަރު ސީދާކޮށްލަމުން ޖާބިރު ވާހަކަދެއްކިއެވެ. ހައިރާންވެ އަންތަރީސްވެފައި ޔޫނުސްއަށް ހުރެވުނެވެ. ފަހުން އޭނަ ހިތްހަމަ ވެސް ނުޖެހުނެވެ. ޝާޢާގެ ހާލަތާ މެދު އެމީހުން ފިކުރުބޮޑުނުވަނީ ހެއްޔެވެ؟ ޝާޢާއަށް ބޭނުންވަނީ ސިއްހީފަރުވާކަން ނޭގެނީ ހެއްޔެވެ؟ ހާލަތުގެ ނާޒުކުކަން ހަނދާންކޮށްދޭން ޔޫނުސް މަސައްކަތްކުރިއެއްކަމަކު އެއަޑު ޖާބިރަށް ނީވޭ ކަހަލައެވެ. އޭނަ ޝާޢާގެ މަގަތުގައި އިށީދެ ހިމޭންކަމުގެ ދުލުން ކިޔަވަން ފެށިއެވެ. އަދި ޔޫނުސްއަށް ޝައްކެއް ނުވާނެހާ ސިއްރުން ޝާޢާގެ މޫނަށް ފުމެލިއެވެ.
ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އާދެވުމުން ޔޫނުސް ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނަ ނަފުސު ކޮންޓްރޯލްކުރަން އުޅޭ ހާލު ޖާބިރުމެންގެ ނުރުހުމުގައި ވެސް އެމްބިއުލާންސަށް ގުޅަން އުޅުނެވެ. އޭނަ ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލަން އުޅުނު ތަނާ ޝާޢާގެ ހަށިގަނޑަށް ވަރުގަނޑެއް އަރައި ލޯހުޅުވާލިއެވެ. އެއީ ހަދީޖާ ވެސް ފިނިފެންތަށި ހިފައިގެންއައި ވަގުތެވެ.
”ފެންތަށި…” ޖާބިރު ބުނެލިއެވެ. އެއާއެކު ހަދީޖާ ގޮސް ޖާބިރު އަތަށް ފެންތަށިދިނެވެ.
ޖާބިރު ފެންތައްޓަށް ފުމެލިއެވެ. އަދި ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ޝާޢާ ގާތު ތަށިން ފެންބުއިމަށް އެދުނެވެ. ދެލޯބޮޑުކޮށްލައިގެން ކޮޓަރިތެރެ ހޯދަމުން ދިޔަ ޝާޢާއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނަގެ ވަށައިގެން މީހުން ތިބި ކަމެއް ވެސް ޝާޢާއަށް ރޭކާއެއް ނުލައެވެ.
އަނެއްކާ ވެސް ޖާބިރު އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. ތިންވަނަ ފަހަރަށް އޭނަ ބުނެލީ ޝާޢާގެ އަތުގައި ހިފާލަމުންނެވެ.
ޖާބިރާއި ހަތަރިކަޅި ހަމަކޮށްލި ޝާޢާގެ ތުންފަތުގައި ޖާބިރު ފެންތަށިޖައްސާލިއެވެ. އެއާއެކު ދެ ކޯވަރު ޝާޢާ ބޯލިއެވެ. އޭނަގެ ހަށްޓަށް އަރާފައިވި ހޫނުކަން ފިލައި ފިނިކަމުގެ ރާހަތު ލިބުނީ ދެނެވެ. ލަސްލަހުން ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ހަށިގަނޑަށް ލުއިވެފައިވާ ހާލުގައެވެ.
މަންޒަރު ބަލަން ހުރި ޔޫނުސްއަށް ހައިރާންކަން ލިބިފައި ވިއެވެ. ޝާޢާ ހޭއެރުމުން އޭނަގެ ހިތަށް ކުޑަ ވިޔަސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭގެ ފަހުން ވެދިޔަ ކަންތަކުން އޭނަގެ ސިކުނޑިވީ ސުވާލުމާކެއްގެ ތެރޭގައެވެ.
”އަޅުގަނޑަށް ފެންނަނީ ޝާޢާ ހޮސްޕިޓަލަށް ގެންދަން…” މާހައުލު ހަމައަކަށް އެޅިފައިވުމުން ޔޫނުސް ބުނެލިއެވެ.
”ޝާޢާ ހޭއަރައިފިއެއްނު… ދެން ޔޫނުސް ވެސް ދިއުން ރަގަޅުވާނީ… ހިޔެއް ނުވޭ ޝާޢާއަށް ހަފުލާއަށް ދެވޭނެހެނެއް…” ހާޖަރާ އުޅުނީ ޔޫނުސް އެތަނުން ފޮނުވާލާށެވެ. އެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. ދެކޮޅު ހަދަން ބޭނުންވިއެއް ކަމަކު އޭނައަށް އެބާރު ލިބިފައި ނުވާތީ ޖެހުނީ ހަދީޖާގެ ބަސް ޤަބޫލުކުރާށެވެ.
ދާން ހިނގައިގެންފައި ވެސް ޔޫނުސްއަށް ހުއްޓެވުނެެވެ. އޭރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައި ވަނީ ފުންނިންޖެއްގައި އޮތް ޝާޢާ އަށެވެ. ޝާޢާގެ މަގަތުގައި އިށީންދެލައިގެން ތިބި ހަދީޖާއާއި ޖާބިރަށް އެކަން ފާހަގަ ނުކުރެވުނީ އެމީހުންގެ ސަމާލުކަން ޝާޢާއަށް ދެވިފައިވުމުންނެވެ. ޝާޢާ ހޭއަރަންދެން މަޑުކުރަން ޔޫނުސްގެ ހިތް އެދުނެވެ. ޝާޢާ މެދު ކަންބޮޑުވެފައި ވީތީއެވެ. ނަމަވެސް އޭނަ މަޑުކުރާނީ ކޮން ހައިސިއްޔަތަކުން ބާވައޭ އޭނަގެ ޒަމީރު ސުވާލު އުފެއްދިއެވެ. އެއާއެކު މާޔޫސްވެފައިވާ ހާލު ޔޫސުން އަވަސްވެގަތީ އެތަނުން ދާށެވެ.
ގޯތި ތެރެއަށް ނިކުމެވުމާއެކު ޔޫނުސް އޭނަގެ ފޯނު ނަގައި އައިޝާއަށް ގުޅައިލިއެވެ. އޭނަގެ މަޤުސަދުކަމުގައިވީ އައިޝާގެ ފަރާތުން ޝާޢާގެ ހާލު އޮޅުންފިލުވުމެވެ. އައިޝާއަކީ ޝާޢާގެ ޒަމާންވީ އެކުވެރިޔާއަށް ވުމުން އެއީ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. ޔޫނުސް ފޯނުކޯލު ކަނޑާލިއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީ އައިޝާ އޭނައަށް ދިން ޔަޤީންކަމުގެ ސަބަބުންނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ސައިކަލަށް އަރައި ދުއްވާލީ އޭނަގެ މަންޒިލަށް ދިއުމަށެވެ.
*****
ޝާޢާގެ އަތްތިލައިގައި ފިރުމަމުން ދިޔަ ހަދީޖާ ޖާބިރަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އޭނަ ޖާބިރުގެ މޫނަށް ބަލަމުން އަނެއްކާ ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޖާބިރަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭގޭކަން އޭނަގެ މޫނުމަތިން ހާމަކޮށްދެއެވެ.
”ޖާބިރު، ތިހެން ހިމޭނުން ނީދެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ!، ތި ހެމޭންކަމުން އަަހަރެން ބިރުގަނޭ… ޝާޢާއަށް އެހެން ދިމާވާންވީ ކީއްވެތަ؟، އެމީހުންނަށް ޝާޢާއާ ހަމައަށް ވާސިލުނުވެވޭނެކަމުގެ ޔަޤީންކަން ޖާބިރު ދިނީމެއްނު، އެކަމަކު މިރޭ މިހެން މިދިމާވީ ކީއްވެ؟، އެއީ އެމީހުން ދިން އިންޒާރެއްތަ؟… ޖާބިރު… މި ސުވާލުތަކަށް ޖަވާބުދީބަލަ!…”
ހާސްކަންވެރިވެފައިވި އަޑަކުން ހަދީޖާ ބުންޏެވެ. އޭނަ ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖާބިރުގެ ހިމޭންކަމުން ހަދީޖާއަށް ރޮވެން ކައިރިވެފައި ވިއެވެ. މިހުރިހާ ދުވަހު ފިލަން އުޅުނު ހަޤީޤަތާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ޝާޢާ އެމީހުންނާ ވަކިވެގެންދާކަށް ހަދީޖާގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. އެއީ އޭނަގެ ހިތުގެ ހަމަޖެހުމެވެ. ފިނިކަމެވެ.
”ޖާބިރު…” ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވި ހަދީޖާއަށް މިފަހަރު ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި ޖާބިރު އެނދުން ތެދުވެލަމުން ގޮސް ހުއްޓުނީ ކުޑަދޮރު ގާތަށެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމަށްފަހު ގޯއްޗަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަގުތު ކުޑަތަންވަމުންދާ ކަމުގެ ހިލަންތަކާ އެކުގައެވެ.
”ހެޔޮނުވާނެ ޖަވާބެއް ދީބަލަ، ޖާބިރު ދެރައެއް ނުވޭތަ ޝާޢާއަށް ކުރިމަތިވެދާނެ ގޮތަކާ މެދު؟… އެމީހުންގެ އަނިޔާތަކުގެ ތެރޭގައި ޝާޢާ ހަފުސްވާން ދޫކުރަންތަ ޖާބިރު ބޭނުމީ؟… އެއީތަ ޖާބިރު އެދޭ ގޮތަކީ؟… އެހެންވެތަ ކަމެއް ނުކޮށް ތިހުންނަނީ؟…. ޖާބިރު ކުރިކަންތަކުގެ ސަބަބުން މިއަދު މިދުވަސް ދެކެން މިޖެހުނީ!… އަހަރެންގެ ދެއަންހެން ދަރިން ވެސް ނިކަމެތި ގޮތުގައި މަރުވެގެން ދިޔައީ… މިއަދު ޝާޢާއަށް އެވަނީ އެކަމާ ކުރިމަތިލާން ޖެހިފައި… ބަދަލު ނުހިފެނީސް އެމީހުން ހުއްޓައެއް ނުލާނެ، ދީފައިވާ އިންޒާރުތަކުން އެކަން ސާބިތުވޭ… ޝާޢާއަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން ދުވަހަކު ވެސް ޖާބިރަށް މަޢާފެއް ނުކުރާނަން…”
ހަދީޖާ ގާތަށް ރުޅިއައެވެ. އޭނަގެ ހިތުގައި މިހުރިހާ ދުވަހު ވަންހަނާ ކުރެވިފައިވި އުދާސްތައް ކުއްލިއަކަށް ބޭރުކޮށްލެވުނެވެ. މާޒީގެ ހިތި ދުވަސްތައް އޭރު އޭނަގެ ލޯކުރިމަތީގައި އިއާދަ ވަމުން ދިޔަ އެވެ. ރޫހާނީ ބާރުތަކާ އެމީހުންނާ ދެމެދު ބަދަލުހިފުމުގެ ހަނގުރާމައެއް ފެށިގެން ދިޔަ ގޮތެވެ. އެކަމުގެ ތެރޭގައި އޭނަގެ ދެއަންހެން ދަރިންނާއި، ދަނބިދަރިފުޅު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނު ހިތްދަތި ވަގުތުކޮޅެވެ. ކުރިމަތިވި ގަދަ ތުފާނުގެ ކެރީގެ ހަމަލާތަކުގެ ބާރުތައް ހިނދިގެން ދިޔަ ހިނދު ކުރިމަތިލާން ޖެހުނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއެވެ. ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ ޢާއިލާ ބަރުބާދުވެގެން ދިޔައީ އެވެ. ހުރިހާ އުފަލަކުން މަހުރޫމުވީ އެވެ. ކުރިމަތިލާން ޖެހުނު އަނދިރިކަމާއި، ހިތްދަތިކަމާ ހަނގުރާމަކުރަން ބާރެއްކަމުގައިވީ ހަމައެކަނި ޝާޢާ އެވެ. މާމަދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދޭން ބޭނުންވީތީއެވެ. މާޒީގެ އަނދިރިކަމުން އެދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭން ބޭނުންވީތީއެވެ. ނަމަވެސް އޭނަ ކުރިހާ މަސައްކަތެއް މިއަދު އެވަނީ ފެނުފުލުން ގޮސްފައެވެ. ޖާބިރު އޭނައަށް ދިން ބަހުގެ ޔަޤީންކަން ވެސް ގެއްލި ޖާބިރުގެ މައްޗަށް އޮތް އިތުބާރު ވެސް ނެތިގެން ދިޔައީއެވެ. އޭނަގެ ހިތުގައިވި އުދާސްތައް ވެސް ބޭރުކޮށްލެވުނު މައިގަނޑު ސަބަބަކީ އެއީއެވެ. ޖާބިރު އެދުވަހު އޭނައަށް ލިބިފައިވި ބާރުގެ ސަބަބުން ބޮޑާ ނުވިނަމަ މިއަދު އޭނަގެ ދިރިއުޅުން އެހާލަތަށް ނުދިޔައީހެވެ. އޭނަގެ ދަރިން ސައްހަސަލާމަތާއެކު ލެހެއްޓެވީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމު ނުވީހެވެ.
”އަހަރެން ހީކުރީ ޖާބިރަށް ކުރެވުނު ކުށުގެ އިހުސާސްކުރެވިއްޖެކަމަށް، އެކަމަށް ބަރޯސާވެ އަހަރެން ޖާބިރަށް މަޢާފުދިނީ ވެސް، އެއީ އަހަންނަށް ކުރަން ހާދަ އުނދަގޫވި ކަމެކޭ، ޖާބިރު ކުރި ކަންތައް ހަނދާންނައްތާލައި އިތުރު ފުރުސަތެއް ދިނީ އާދޭސްކުރިވަރުން… އެކަމަކު މިއަދު އެނގިއްޖެ އަހަންނަށް ހެދުނީ ގޯހެއްކަން، އަދިވެސް ތި ހިލަ ހިތަކަށް ބަދަލެއް ނާދޭ… ނުވެސް އަންނާނެ!…” ކުރެހިފައިވާ އަޑަކުން ހަދީޖާއަށް ބުނެވުނެވެ. ހަދީޖާގެ ބަސްތަކުން އޭރު އަސަރުކޮށްފައިވި ޖާބިރު ވާހަކަދައްކަން ފެއްޓިއެވެ.
”ހަދީޖާ، ކޮންމެފަހަރަކު އަހަންނަށް އެކަންތައް ތަކުރާރުކޮށް ހަނދާންކޮށްނުދިނަސް އަހަރެންގެ ކުށް ޤަބޫލުކުރަމޭ… ނުވިސްނުނު ކަމުގައި ވިޔަސް އެދުވަހު އަހަރެން މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު އެޖިންނީންގެ ނުފޫޒުގެ ދަށުން ސަލާމަތްކުރަން… އެދަރިފުޅަށް ހިމާޔަތްދޭން… އެނގިހުރެ އަހަރެންގެ ދަރިއަކަށް އަހަރެން ގެއްލުމެއްނުދޭނަން…”
ޖާބިރަށް އޭނަގެ ދިފާއުގައި ބުނެވުނެވެ. އެއަޑުގައި މޮޅިވެރިކަން ވިއެވެ.
”ދޮގު ހަދައިގެން ތިހިތަށް ތަސައްލީއެއް ހޯދަދޭން އުޅުނަސް ހަޤީޤަތެއް ބަދަލެއް ނުވާނެ… އަހަރުމެންގެ ދަރީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ޖާބިރު!… ޖާބިރު އެދުވަހު ކުރި ކަންތަކުގެ ސަޒާ މިއަދާ ޖެހެންދެން ވެސް ލިބެމުން މިދަނީ… ރޫޚާނީ ބާރުތަކާ ދެމެދު ހަނގުރާމައެއް ފެށުނީ ވެސް ހަމަ ޖާބިރުގެ ސަބަބުން!… ތިމާގެ ބާރު ދައްކަން ކުރި ކަންތަކުގެ އަޖުމަ މިލިބެނީ…” ހަދީޖާ ގާތަށް މިފަހަރު އައީ ރުޅިއެވެ. ހަޤީޤަތް އޮޅުވާލަން ޖާބިރު މަސައްކަތްކުރީތީއެވެ.
ހިތްހަމަނުޖެހުމާއެކު ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔަ އެވެ. އެމަންޒަރު ބަލަން ހުރި ޖާބިރުގެ މޫނުން މާޔޫސްކަން ފެންނަން ހުއްޓެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލީ ނަފުސަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނަގެ ނަޒަރު ގޮސް ޝާޢާ ބައްދަލުވުމާއެކު އަނެއްކާ ވެސް އޭނަގެ ސިކުނޑިއަށް ވެރިވެގެން އައީ ހާސްކަމެވެ. ޝާޢާއަށް ދިމާވި ހާލަތު މެދުވެރިވާން ޖެހުނު ސަބަބު އޭނައަށް ވިސްނައިނުގަނެވުނީތީއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟ އޭނައަށް ގޯހެއް ހެދުނީ ހެއްޔެވެ؟ ނަމަވެސް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޖާބިރު ނިކުމެގެން ދިޔައީ އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އޭނައަށް ރައްކާތެރިކަމުގެ ވިޔަވަޅު ވެސް އެޅޭނީ އޭރުންތާއެވެ. ނިކުމެގެން ދިއުމުގެ ކުރިން އޭނަ ހަދީޖާ ވީތަނެއް ބަލާލިއެވެ. އެދެމެދުގައި އަރައިރުންވުންތައް އުފެދިފައިވިކަމުގައި ވިޔަސް ހަދީޖާގެ ހާލު އޮޅުން ފިލުވާލަން އޭނަ ބޭނުންވިއެވެ. ޖާބިރު ކޮޓަރިއަށް ވަން އިރު ހަދީޖާ އިނީ އެނދުގައެވެ. ދޮރަށް ފުރަގަސް ދީގެން އިން އިރު ހަދީޖާގެ އަތުގައި އޮތް ފޮޓޯ އަލަބަމް ޖާބިރުގެ ލޮލުގައި އަޅައިގަތީ ހަދީޖާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަން ގެނައި ހަރަކާތާއެކު އަލްބަމް އެނދުމަތީ ބޭއްވުމުންނެވެ. އެތެރެއަށް ވަންނަން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލީ ހަދީޖާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. މިވަގުތު އޭނަގެ މޫނު ވެސް ދެކެން ހަދީޖާ ބޭނުންނުވާނެކަން އެނގޭތީއެވެ.
*****
ގޯތިތެރެއަށް ޖާބިރަށް ނިކުމެވޭއިރަށް އޭނައަށް ވާޤިދުގެ ހިލަން ވިއެވެ. ހީވީ ޖާބިރުގެ އިންތިޒާރުގައި ހުރި ހެންނެވެ. އޭނަ ޖާބިރުގެ ކުރިމައްޗަށް ފާޅުވެގެން އައި ހިނދު ވާޤިދަށް އަނިޔާތަކެއް ލިބިފައިވިކަން ޖާބިރަށް ފާހަގަކުރެވުނެވެ. އެމޫނުގެ އެއްފަޅީގައި ފިހުމުގެ އަސަރުތަކެއްވިއިރު އެނިޝާންތައް ކަނދުރާއިން ފެށިގެން ގޮސް ނިވާވަނީ ކޮނޑުކަށިގަނޑާ ދިމާލުންނެވެ. އެދެލޮލުން ވޭނުގެ އަސަރުތައް ވެސް ވެއެވެ.
”ކަލޭގެ ބެލުމުގެ ދަށުގައި ވަނިކޮށް އެމީހުންގެ ނުފޫޒު ޝާޢާގެ މައްޗަށް ފޯރީ ކިހިނެއް؟… ކަލެއާއި އަހަރެން ހަވާލުކުރި ވަޒީފާ އަދާނުކުރެވުނީ ކީއްވެ؟… ކަލޭ ތިއުޅެނީ އަހަންނަށް މަކަރު ހަދަންތަ؟… ކަލޭގެ ވަފާތެރިކަން އޮތީ އެ ޙާތިބުއާއެކު ދޯ؟… އެހެންވެ ފަރުދާގެ ފުރަގަހުން އަހަންނަށް ހަމަލާދޭންތަ ތިވިންސަނީ؟… ބުނަން، ކަލޭ މަށަށް އޮޅުވާލަން އުޅެފިއްޔާ އެންމެ ފުރަތަމަ ވެސް އެކަމުގެ ސަޒާ ލިބޭނީ ކަލެއަށް، ކަލޭގެ ވަސްވެސް މިދުނިޔެ މަތިން ފޮހެލުމަކީ މަށަށް އުނދަގޫކަމެއް ނޫންކަން ހަނދާންކުރާތި!….” ވާޤިދަށް ދިމާވިކަންތަކާ މެދު ސުވާލުއުފެދުނުކަމުގައި ވިޔަސް ޖާބިރު އިސްކުރީ ރުޅިވެރިކަމެވެ. އޭރު އޭނައަށް އިންޒާރުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފިއެވެ. ވަގުތު އެދަނީ ކުޑަތަންވަމުން ކަމެވެ. ވާޤިދަށް ލިބިފައިވި އަނިޔާ ތަކަކީ އެކަމުގެ ހެއްކެކެވެ. ނަމަވެސް ވާޤިދުގެ ވަފާތެރިކަމާ މެދު އޭނަ ސުވާލު އުފެއްދިއެވެ. ޖިންނީންނަކީ އަބަދު ވެސް ދޮގުހަދާ އޮޅުވާލާ ބަޔެކެވެ. އެމީހުން އަބަދުވެސް ހިފާނީ މޮޅުވާ ކޮޅެއްގައެވެ. ވަފާތެރިކަން އެއީ އެނަސްލުގެ މީހުން ދަންނަ އެއްޗެއް ނޫނެވެ.
”އަހަރެން ކުރިން ވެސް ބުނީމެއްނު ޝައިތާނުންގެ މަދަދަށް އެދުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކޭ، އެމީހުން އަބަދުވެސް އިސްކަން ދޭނީ އަމިއްލަ އެދުމަށޭ…” ވާޤިދު ބުންޏެވެ. ލިބިފައިވި ޒަހަމްތަކުގެ ފުންކަމުން އޭނައަށް ކޮޅަށް ހުރެވެނީ ވެސް އުނދަގުލުންނެވެ.
”ކަލޭ ތިބުނަން އުޅޭ އެއްޗެއް ނިކަން ސާފު އިބާރާތުން ބުނެބަލަ… ކަލެއަށް ތިވަރު ކުރީ ކޮންބައެއްތަ؟… ޙާތިބުގެ މީހުންތަ؟…” ޖާބިރު އަމުރުކުރި އެވެ. ވާޤިދުގެ ވާހަކައިގެ މިސްރާބާ މެދު އޭނަ ނުރުހުނެވެ. އޭނަގެ ފުރިހަމަ އިތުބާރު އޭނަގެ އެކުވެރިންގެ މައްޗަށް އޮތީތީއެވެ. މާރިދުން ވަނީ އޭނައަށް އެހީވާނަނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ. އެދެމެދުގައި އުފެދުނު އިޤުރާރުނާމާއާ ހިލާފެއް ނުވާނެއެވެ.
”ޝާޢާއަށް ގޯނާ ކުރަނީ ޝައިތާނުން… އެމީހުންނާއެކު އުފެދުނު އެއްބަސްވުމުގެ ދަށުން ޝާޢާ ވަނީ އެމީހުނަށް ހިބައިން ދެވިފައި… އެމީހުންގެ ބާރު ދެން ޝާޢާގެ މައްޗަށް އޮންނާނީ… އަހަރެން ޝާޢާގެ ދިފާއުގައި ތެދުވަން އުޅުމުން ލިބުނު ޒަހަމްތައް މިއީ…” ވާޤިދު ތެދު ހާމަކުރުމާއެކު ޖާބިރަށް ހުއްޓުމެއް އައެވެ. އޭނަ ވާޤިދަށް ބަލަން ހުރީ ޤަބޫލުކުރަަން ދަތިވެފައިވި ހާލުގައެވެ.
”ކަލޭ ދޮގު ހަދަން ވެސް ފެށީތަ؟… އަހަރެން މީ މޮޔައެއްތަ އަހަންނާ އެމީހުނާ ދެމެދު އުފެދުނު އެއްބަސްވުމުގައި ޝާޢާ ހިމަނަން؟….” ޖާބިރު ހުރީ އެވާހަކަތައް ޤަބޫލުކުރާ ފަދަ ވިސްނުމެއްގައެއް ނޫނެވެ. އޭނައަށް ހީވީ ވާޤިދު އޭނަގެ ވިސްނުން ފަސާދަކުރަން މަސައްކަތްކުރަނީ ކަމަށެވެ. އޭނައާއި ޝައިތާނުންނާ ދެމެދު ދެބަސްވުމެއް އުފައްދަން ކަމަށެވެ. އެކަމަށް އެންމެ ބޭނުންވާ އުކުޅުތައް ބޭނުންކުރަން ވެސް ވާޤިދު ދަސްކޮށްފައިވާކަމަށް އޭނައަށް ޔަޤީން ކުރެވުނެވެ.
”ނޭގުމެއްގެ ތެރޭގައި ވިޔަސް އެކަން ވަނީ ކުރެވިފައި… ވިސްނާލަބަލަ… ޖާބިރުގެ ހުއްދައިގެ މަތިން އެމާރިދަށް ގޭގެ އޮޅިން އެތެރެއަށް ވެސް ވަދެވުނީ… ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވުނީ ވެސް… މިއީ އަދި ފެށުން… ޙާތިބުމެންގެ ލަޝްކަރުގެ ބާރު ވެސް ވަނީ ގަދަވެފައި… އެމީހުން ވެސް އެބައާދޭ ބަދަލު ހިފަން… ޖާބިރު ހަށިރައްކަލަށް ހެދި ހުރިހާ ފަންޑިތައެއްގެ ބާރު މިރޭ މެންދަމަށް ކެނޑިގެންދާނެ… އެވަގުތަށް އެމީހުން އެދަނީ އިންތިޒާރުކުރަމުން…” ވާޤިދު ތެދު ހާމަކުރިއެވެ. އަދި އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ އިންޒާރު ޖާބިރަށް ދިނެވެ.
”ކަލޭ ތިއުޅެނީ އަހަރެން ބިރުގަންނުވަންތަ؟… އެކަމެއް ނުވާނެ… އެޚާތިބަށް އެންމެ ތަންކޮޅެއް ވެސް އަހަރެން ދުލެއްނުދޭނަން، އެއްފަހަރު އަހަރެން ވަނީ އަހަރެންގެ ބާރު އޭނައަށް ސާބިތުކޮށްދީފައި… މިފަހަރު ވެސް އެކަން ސާބިތުކޮށްދޭނަން… އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ… ކަލޭ ތިހަދާ ދޮގުތައް ވެސް އަހަރެން ޤަބޫލެއްނުކުރާނަން، ކަލޭ ބަލަން ހުންނާތި، އެޙާތިބުގެ މައްޗަށް ގަދަވެގަތުމަށް ޝައިތާނުން އަހަންނަށް މަދަދުފޯރުކޮށްދޭނެ، އެމީހުން ވަނީ އެކަމަށް ވަޢުދުވެފައި…” ޖާބިރު އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ.
ޖާބިރު އޭނަގެ ވާހަތަކައް ޤަބޫލުނުކުރާނެކަން ވާޤިދަށް ޔަޤީންކުރެވުނީ ދެނެވެ. ޖާބިރު ވިސްނުން ޝައިތާނުން އެވަނީ ފަސާދަކޮށްލާފައެވެ. އެމީހުންގެ ނުފޫޒު ވަނީ ޖާބިރުގެ މައްޗަށް ގަދަވެފައެވެ. އޭގެ ސަބަބުން ލޯކުރިމަތިން ހަޤީޤަތް ފެންނަމުން ދިޔަ ކަމުގައި ވިޔަސް ޖާބިރަށް އެކަން ދޭހައެއް ނުކުރެވެެއެވެ. ޖާބިރުގެ ކަރަށް ދަންމަޅިއެއް މެހި އެދަނީ ބާރުވަމުންނެވެ. އެކަން ފަހުމުކުރެވޭ ހިނދު އޮންނާނީ ވަގުތު ފާއިތުވެ ނިމިފައެވެ.
*****
”ދަރިފުޅާ، މާމައަށް މަޢާފްކޮށްދީ…މާމަ މަސައްކަތްކޮށްފިން ދަރިފުޅު ރައްކާތެރިކުރަން، އެކަމަކު މިއަދު އެނގިއްޖެ އެކަމުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަން… ދަރިފުޅަށް ހަޤީޤަތް ވެސް ފޮރުވަން މަސައްކަތްކުރިން، އެކަމަކު އެކަން ދެން ކާމިޔާބުނުކުރެވޭނެކަން ވެސް އެނގިއްޖެ… ދަރިފުޅުގެ މުސްތަޤުބަލު ވަނީ އަނދިރިކަމެއްގެ ތެރޭގައި… އަބަދުވެސް ދަރިފުޅަށް ފެންނަ ހުވަފެންތަކުގެ ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެ… އެއީ ދަރިފުޅަށް ލިބެމުން އައި އިންޒާރުތަކެއް… ކާފައަށް ކުރެވުނު ކުށްތަކަށް ދަރިފުޅު އަގު އަދާކުރާކަށް މާމަ ބޭނުމެއް ނޫން……” ނިދީގައި އޮތް ޝާޢާގެ ބޮލުގައި ލޯތްބާއެކު ފިރުމަމުން ހަދީޖާ ވާހަކަދެއްކިއެވެ. ރުއިމުގެ ސަބަބުން އޭނަގެ އަޑު ވަނީ ކުރެހިގެން ގޮސްފައެވެ.
”ކޮންމެވެސް އެއްދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގެން ޖެހޭނެ… އެވަގުތު އައިސް ޖެހެނީ… މާމައަށް އެނގޭ ދަރިފުޅަށް އެހުރިހާކަމެއް ޤަބޫލުކުރަން ފަސޭހައެއް ނުވާނެކަން… އެކަމަކު ވެސް ޖެހޭނީ ހަޤީޤަތާ ކުރިމަތިލާން، އަހަރުމެންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް މާތްﷲ މިދުނިޔޭގައި ލައްވާފައިވާ މަހުލޫޤުންތަކެއް… ޖިންނީންގެ އުނދަގޫ ވެސް ބައެއްފަހަރު އިންސާނުންނަށް ފޯރާ، އޭގެ ސަބަބުން ބައެއްފަހަރު މޮޔަވެސް ވޭ… ޖިންނީންގެ ފުށުން ސަލާމަތްވުމަކީ ވެސް ފަސޭހަކަމެއް ނޫން، ގިނަ ފަހަރު އެޖިންނީންތައް އިންސާނުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެދޭ، އިންސާނުންގެ ފުރާނަ ދުއްވާލުމަކީ ވެސް ޖިންނީންނަށް ނުހަނު ފަސޭހަކަމެއް… ދަރިފުޅާ… ދަރިފުޅުގެ މަންމައާއި ބައްޕަ ވެސް ނިމިދިޔައީ ޖިންނީންގެ އަނިޔާވެރި ހަމަލާތަކެއްގެ ސަބަބުން… މިއަދު ދަރިފުޅަށް ވެސް ތިވަނީ އެހާލަތު ކުރިމަތިވެފައި… އެމީހުނަށް ކުރިމަތިވި ކަންތަކުގެ ބަދަލު ހިފަން ބޭނުންވަނީ ދަރިފުޅުގެ ފުށުން… ދަރިފުޅުގެ ކާފައަށް އެމީހުން ދޭން ބޭނުންވާ ރައްދަކީ އެއީ……. ”
ނިދީގެ ސަބަބުން ޝާޢާއަށް އޭނަގެ ވާހަތައް ފަހުމުނުވިކަމުގައި ވިޔަސް ހިތަށް ލުއިކަމެއް ގެނެސްދޭން ހަދީޖާ މާޒީގެ ބައެއް ސަފުހާތަކަށް އަލިއަޅުވާލަމުން ދިޔަ އެވެ. އެއަށްފަހު އޭނަ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
”ހަދީޖާ…” ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓުނު ޖާބިރަށް ހަދީޖާގެ ވާހަކަތައް އަޑުއިވުމުން ގޮވާލެވުނީ ހިތްހަމަނުޖެހުމާއެކުގައެވެ. އެއީ ޝާޢާއަށް އެއްގޮތަކަށް ވެސް އެނގެން އޭނަ ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެއީ އާއިލާގެ އަނދިރި ސިއްރެވެ. އެކަމުން ޝާޢާ ރައްކާތެރިކުރަން އޭނަ ބޭނުން ވެއެވެ. ޝާޢާއަށް އެކަންތައް ބަރުދާސްތުނުކުރެވޭނެތީއެވެ. ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
”ކޮންމެވެސް އެއްދުވަހަކުން ޝާޢާއަށް ވެސް ހަޤީޤަތް އެނގޭނެ… މިހާރު އެދުވަސް އައިސް މިވަނީ ޖެހިފައި… ތޭވީސް އަހަރު ވަންދެން ހަޤީޤަތަށް ފިލަން މަސައްކަތްކުރެވިއްޖެ….” ޖާބިރާ ކުރިމަތިލަމުން ހަދީޖާ ބުންޏެވެ. އޭނަގެ އަޑުން ޖާބިރާ މެދު ނުރުހިފައިވި މިންވަރު ހާމަކޮށްދެއެވެ.
”ތިކޮންކަމެއްތަ މިހާރު ފަށައިގެން ތިއުޅެނީ؟… އެއްވެސްކަމެއް ޝާޢާއަށް އެނގޭކަށް ނުޖެހޭ… ހަދީޖާ ވެސް މާބޮޑަށް ކަންތަކާމެދު ވިސްނައި ހާސްވަނީ…” ޖާބިރު ބޭނުންވީ ހަދީޖާގެ ހާސްކަމަށް ނިމުމެއް ގެންނާށެވެ. އޭނަ ހަދީޖާގެ ގާތަށް ހުއްޓިލަމުން ކޮނޑުގައި އަތްތިލަ ބާއްވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޖާބިރުގެ އަތް ހަދީޖާ ފޮޅުވާލިއެވެ. އޭނަ ހުރީ ޖާބިރު ދެކެ ނުހަނު ރުޅި އައިސްފައެވެ.
”އޮޅުވާލަން އުޅޭނެކަމެއް ނެތް…” ހަދީޖާ އަޑަށް ބާރުލަމުން ބުނެލިއެވެ. ޖާބިރުގެ ކަށީގައި ހިފާފައި ހުރި ދޮގުހެދުމުގެ އާދައާ މެދު އޭނަ ނުރުހުނެވެ. ”ހުރިހާކަމެއް މިވަނީ ޖާބިރާ ހެދި… އަހަރެންގެ މުޅި ޢާއިލާ ބަރުބާދުކޮށްލީ މީހަކީތީ… ހަނދާން ނައްތާލަން އުޅުނު ބިރުވެރިކަމާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ ހަމަ ޖާބިރާ ހެދި!….”
”ކީއްތަވާނީ އަހަރެން މިދައްކާ ވާހަކަތައް އެއްފަހަރު ވިޔަސް އަޑު އެހިއްޔާ!، އަހަރެން ބުނެފީމެއްނު ޝާޢާއަށް ދެރަގޮތެއް ނުވާނެޔޭ… ދެން ކީއްވެ އެކަން ޤަބޫލުކުރަން ނޫޅެނީ… ކޮންމެކަމަކާ މެދު ވެސް އެންމެ ގޯސްކޮށްތަ ވިސްނަން ޖެހެނީ؟…” ޖާބިރަށް ބުނެވުނީ އަޑު ހަރުކޮށެވެ. އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ދާން ތައްޔާރުވީއެވެ.
”ކިހިނެއް އަހަރެން ޤަބޫލުކުރާނީ؟…” ހަދީޖާ އެހި އެވެ.
ނިދަން އޮތްކަމަށް ހެދިގެން އޮތް ޝާޢާއަށް ހުރިހާ ވާހަކަތައް އަޑުއިވެމުން ދިޔަ އެވެ. ހާމަވަމުން ދިޔަ ހަޤީޤަތާއެކު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވާން ފަށައިފިއެވެ. މުޅި މީހާއަށް ފިނިކަމެއް ވެރިވެފައި ވިއެވެ. މިހުރިހާ ދުވަހު ތަކުރާރުވަމުން އައި މަންޒަރުތަކުގެ ކޮޅުތައް ގުޅި އޭނައަށް ކަމެއް އަންގައިދޭން އުޅުނެވެ. އެކަނިވާ ވަގުތު އޭނައަށް ކުރެވޭ އިހުސާސްތަކެވެ. ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތަކެވެ. މިރޭ އިރާކޮޅު އޭނައަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ހޫނުކަމެވެ. ބޮލަށް އެރި ތޫނު ތަދެވެ. ފާޚަނާގައި ހުއްޓާ އޭނައަށް ފެނުނު ހިޔަންޏެވެ. އެކަމާ ހުރެ އުފެދުނު ބިރުވެރިކަމާއެކު ފާޚަނާއިން ނިކުންނަން އުޅުނު ހިނދު އޭނައަށް ކުރިމަތިވި ހާދިސާއެވެ. ބޮލަން އެނބުރުން އަރައި ވެއްޓެން ދިޔަ ހިނދު އޭނައަށް ފެނުނު އަނދިރި މީހާއެވެ. އޭނަގެ ހަށިގަނޑަށް އަރައިގެން ދިޔަ އާދަޔާ ޚިލާފު ބާރާއި ތަދެވެ. އެއާއެކު ޝާޢާއަށް އޭނަގެ ހަށިގަނޑުން ރިހުމެއްގެ އިހުސާސްކުރެވެން ފެށުނެވެ.
”ޝާޢާއަށް ހަޤީޤަތް އެނގުން ދެން ރަގަޅުވާނީ… ކިތައް އަހަރުވަންދެން އަހަރުމެން އެކަންތައް ސިއްރުކުރަން އުޅުނީ؟… ކިތައް ދޮގު ހެދުނީ؟… އެކުއްޖާއަށް މިއަދު ހުރިހާ ކަމެއް އެނގުމުގެ ހައްގު އެބައޮތް… އޭނަގެ މައިންބަފައިންގެ މަރުގެ ހަގީގަތް ވެސް…. ކުރިމަތިވާން އުޅޭ އަނދިރި ދުވަސްތަކުގެ ހިލަން ވާން ޖެހޭނެ…. ދެން އިތުރަށް މިކަންތައް ސިއްރުނުވާނެކަން ޖާބިރަށް ހަމަ ނޭގެނީތަ؟… މިއަދު ޖާބިރު ތިވަނީ އަހަރުމެންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމުގައި ނާކާމިޔާބުވެފައި…”
ހަދީޖާ ބުނެލިއެވެ. އެއާއެކު ހިތްހަމަނުޖެހިފައިވި ޖާބިރު ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ހަދީޖާއަށް އޭނަ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވުނީތީއެވެ. އޭނަ ވަނީ ކުރެވުނު ކުށްތަކަށް ހަދީޖާ ގާތުން މަޢާފަށް އެދި އާދޭސްކޮށްފައެވެ. އޭނަ މިހުރިހާ ދުވަހު މަސައްކަތްކުރީ ވެސް ހަދީޖާ އެދުނު ފަދައިން ޝާޢާގެ ރައްކާތެރިކަން ޔަޤީންކޮށް ދިނުމަށެވެ. އެވެސް ހަދީޖާގެ މަޢާފް އޭނައަށް ލިބޭތޯ އެވެ. ނަމަވެސް ހުރިހާ އަހަރެއް ވަންދެން އޭނަވި ޤުރުބާނީތަކުގެ އަގެއް ވެސް އާހިރުގައި ނެތެވެ. އޭނައަށް ހާސްކަން ލިބިފައިވި ދުވަހު ތުހުމަތުގެ އިނގިލި ދިއްއެކުރެވެނީ އޭނަ އަށެވެ. ޝާޢާއަށް ދެރަގޮތެއް ވާން އޭނަ ދުވަހަކު ބޭނުންވާނެ ހެއްޔެވެ؟
”ހަދީޖާއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟… އަހަރެން ބުނެފީމެއްނު ޝާޢާއަށް އެއްވެސް ކަމެއް އެނގުން މުހިންމެއް ނޫނޭ!، ދޭން ކީއްވެތަ އެޚިޔާލު ދޫކޮށްލަން ބޭނުންނުވެފައި ތިހުންނަނީ؟… ޝާޢާއަށް އަހަރެން ފުރިހަމަ ރައްކާތެރިކަން ދޭނަން!… މިވާހަކަ މިހާހިސާބުން ނިންމާލަން އުޅޭ…”
ޖާބިރަށް ބުނެވުނެވެ. އޭނަގެ އަޑު އިހުނަށްވުރެ ބާރެވެ. ހަދީޖާއަށް ކަމެއް ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. އޭނަ ފުންނޭވާތަކެއް ދޫކޮށްލީ ރުޅީގެ ބާރުވެރިކަން މުޅި ސިކުޑިއަށް ވެރިވެގަތުމުގެ ފުރުސަތު ނުދިނުމަށެވެ.
”ޖާބިރު ކިތަންމެ ރުޅި އަޔަސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ، އެކަން މިހާރު ޖާބިރަށް ހާމަވެއްޖެހެން މަށަށް ހީވަނީ…” އިތުރަށް ޒުވާބުގަނޑު ހޫނުވެދާނެތީ ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭނަ ރުޅިގަދަވެފައިވީ ގެންފައި ހުރި ބިރާއި ކުރިމަތިލާނެ ގޮތެއް ނޭގި ނަފުސު ބަލިކަށިވެފައި ވުމުންނެވެ. އޭނަގެ ދިލަ ހިތަށް ފަރުވާއެއކްމަުގައި ފެނުނީ ޖާބިރާ މެދު ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކޮށްލުމެވެ. ޖާބިރު އެދުވަހު މަސްލަހަތަށް ބެލިނަމަ މިއަދު މިހާލަތަށް ދާން ނުޖެހުނީހެވެ. އޭނަގެ ޢާއިލާއަށް އުފަލުގައި ދުވަސްތައް ވޭތުކޮށްލުމުގެ ނަސީބު ލިބުނީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމުނުވީހެވެ. ހަމައެއާއެކު ޖަައްބާރުންގެ އުނދަގޫތައް ވެސް ޝާޢާއަށް ކުރިމަތިނުވީހެވެ. ހަދީޖާ އެންމެ ބޮޑަށް ހާސްވެ ބިރުގަންނަނީ އެކަންތަކާއެވެ. ޝާޢާ އެބިރުވެރިކަމާ ކުރިމަތިލާނެ ގޮތެއް ނޭގޭތީއެވެ. އެފަކީރަށް އަންނަން އުޅޭ ބަނަ ދުވަސްތަކުގެ ހިލަމެއް ވެސް ނުވެއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ސިލްސިލާގެ ފެށުން ކައިރިވަމުން އަންނަ ކަން ވެސް މެއެވެ.
ހަދީޖާގެ ފަހަތުން ދާން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލިއެވެ. މިވަގުތަށް އެންމެ ރަގަޅު ވާނީ ހަދީޖާއަށް އޭނައާއި ކުރިމަތިލާން ނުޖެހުމުންނެވެ. ހަދީޖާގެ ރުޅިވެރިކަމުގެ ބަސްތައް އޭނައަށް އަމާޒުވާ ސަބަބު ވެސް ޖާބިރަށް އެނގުނެވެ. ކުއްލިއަކަށް ދިމާވި ކާރިސާއާ ކުރިމަތިލާން ހަދީޖާގެ ސިކުނޑި އިހުތިޔާރުކުރި މަގަކީ ރުޅިވެރިކަމެވެ. އެކަމުން ހިނދުކޮޅަކަށް ވިޔަސް ހާސްކަމަށް ފަރުވާއެއްލިބިދާނެތީއެވެ.
ހަށިފުރާ ނޭވާތަކެއް ދޫކޮށްލަމުން ސިކުނޑިއަށް ލުއިކަން އިހުސާސްކުރެވުނެވެ. ޖާބިރު އައިސް ޝާޢާގެ މަގަތުން އެނދުގައި އިށީންދެލުމަށްފަހު ލޯތްބާއެކު ޝާޢާގެ ބޮލުގައި ފިރުމާލިއެވެ. އެދެލޮލުން ޝާޢާދެކެ ވާލޯތްބާއި އޯގާތެރިކަން ފާޅުވެއެވެ.
”ދަރިފުޅާ، ކާފަ ވައުދުން ދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭނަން ކަމުގައި، ކާފަގެ ފަހު ނޭވާއާ ހަމައަށް ވެސް އެކަން ހާސިލުކުރަން މަސައްކަތްކުރާނަން… މިއީ ވައުދެއް….” ޖާބިރު ބުނެލިއެވެ. އަދި އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ނިކުމެގެން ދިޔަ އެވެ.
*****
ކޮޓަރީގެ ދޮރު ލެއްޕި ހަމަހިމޭންކަން ވެރިވުމާއެކު ޝާޢާއަށް އަވަސްއަވަހަށް ލޯހުޅުވާލެވުނެވެ. އޭރު އޭނަ ހުރީ ނޭވާ އަވަސްވެފައެވެ. ނިއްކުރީގައި ދަލުގެ އަސަރުވިއިރު އަދިވެސް އޭނަގެ ސިކުނޑި ދިޔައީ އިވުނު ހަޤީޤަތް ދޭހަކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއިރު އޭނަގެ ދެލޮލުން ބިރުވެރިކަން ރަމްޒުކޮށްދެއެވެ. ބިރާއި ހާސްކަމާއި ހުރެ އޭނައަށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އިހުސާސެއް ވެސް ނުކުރެވުނެވެ.
ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރި ފެނި ޝާޢާގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވާން ފެށިއެވެ. ކަންފަތުގައި ގުގުމަމުން އައި ޖުމްލަތަކުން އޭނަގެ ވިސްނުމަށް ސިފަވަމުން އައީ ބިރުވެރި ޚިޔާލުތަކެވެ. ވާނީވެސް އެހެންތާއެވެ. ނޭގި ހުއްޓާ ކުރިމަތިލާން ޖެހިފައިވަނީ ދިރިއުޅުމުގައި ވެސް ކުރިމަތިވެދާނެ ކަމަށް ހީވެސް ކޮށްލެވިފައިވިކަމެއް ނޫން ވިއްޔާއެވެ. އުޅެބޮޑުވަމުން އައި ދުވަސްވަރު އޭނަ ހީކުރީ ޖިންނި ވާހަކަތަކަކީ ބިލާހެއް ކަމަށެވެ. އެއީ މުސްކުޅިން ކުޑަކުދިން ބިރުގަންނަވާލަން ދައްކާ ފުލޯކުވާހަކައެއް ކަމަށެވެ. ޒަމާނީ ވިސްނުމުގެ ސަބަބުން އެކަން ޔަޤީން ވެސް ކުރެވުނެވެ. އެހެނަސް މިއަދު އެވިސްނުމަށް އެވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ. ހަޤީޤަތަށް އޭނަގެ ލޯހުޅުވާލަން އެވަނީ މަޖުބޫރުވެފައެވެ. ޖިންނީންނަކީ އުޅޭ މަހުލޫޤުންތަކެއްކަން ޤަބޫލުކުރަން އެވަނީ ޖެހިފައެވެ. އޭނައަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ކަންތަކުގެ ފަހަތުގައިވާ ސަބަބުތަކަށް އޮތް ހަމައެކަނި އެކަށޭނެ ޖަވާބަކީ ވެސް އެއީ ކަމުގައި ވާތީއެވެ. ނުވަތަ އޭނަގެ ނަފުސާނީ ބައްޔެއް ހުންނަނީއެވެ.
ނަފުސާނީ ބަލީގެ ގޮތުން އޭނައަށް ނުފެންނަ މަންޒަރުތައް ފެންނަނީއެވެ. އަމިއްލަ ސިކުނޑީގައި މީހުންދައްކާ ވާހަކަތައް އަތުރާލެވި އެއީ ތެދުކަމުގައި އޭނަގެ ކަންފަތަށް އިވެނީއެވެ.
”އޯހަ ގޯޑް…” އެނދުން ތެދުވުނު ޝާޢާއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހީވަނީ އޭނަގެ ސިކުނޑިތަކުގެ ނާރުތައް ފިތިބާރުވަމުން އަންނަހެންނެވެ. އޭގެ ސަބަބުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު ތަނާ ކުއްލި ސިހުމާއެކު ހުއްޓެވުނީ ރީތިވާމޭޒުގެ ލޯގަނޑުން އޭނަގެ ލޮލުގައި އަޅަައިގަތް މަންޒަރެއްގެ ސަބަބުންނެވެ. އަވަސްއަވަހަށް ލޯގަނޑާއި ކައިރިވެލުމަށްފަހު ހެދުމުގެ ކުރުއަތްކޮޅު ހިއްލާލަމުން އޭނަގެ ހިކަނދިމަސްގަނޑަށް އަވަސް ނަޒަރެއް ދެވުނެވެ. އެއާއެކު އޭނަގެ ދެލޯބޮޑުވެގެން ދިޔަ އެވެ. އަތްތިލައެއްގެ ނިޝާނުގެ އަސަރު އެވަނީ ފެންނާށެވެ.
ކުއްލިއަކަށް ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ބިރުވެރިކަމުގެ ތޫފާނެއް އޭނަގެ މޭގެތެރޭގައި އުފެދިފައި ވިއެވެ. ނޭވާލާން ވެސް އޭނައަށް ދަތިވެފައިވިއިރު މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނަގެ ލޮލަށް އެފެންނަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިރޭގެ އިރާކޮޅު އޭނައަށް ދިމާވި ހާދިސާގެ ތެދުކަން ބަޔާންކޮށްދޭ ވަރުގަދަ ހެއްކެކެވެ. ފަހަތަށް ޖެހެވެމުން ދިޔަ ޝާޢާއަށް ހުއްޓުމެއް އައީ އެނދުގެ ފައިލާކޮޅުގައި އޭނަގެ ފައި އަޅައިގަތުމުންނެވެ. އެކަމުން ވެސް އޭނަ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް އާދަޔާ ޚިލާފުކަމަކާ ކުރިމަތިލާން ނުޖެހުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނަގެ ހިތަށް ލިބުނެވެ. އެހެނަސް އެކަނި ކޮޓަރީގައި ހުންނަންވުމުން އޭނަ ބިރުގަންނަ ގޮތް ވިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުގައި މީހަކު އޭނައަށް ފާރަލައި ބަލަމުންދާހެން ވެސް ހީވާން ފެއްޓިއެވެ. އަދިވެސް އޭނަގެ ކަންފަތުގައި ރަނގަބީލެއްހެން ތަކުރާރުވަމުން އައި ޖުމްލަތަކުން އެކަންތައް އޭނައަށް ޔަޤީންކުރެވެއެވެ. ޖިންނީންނަކީ ޢައިބުވުމުގެ ބާރު ލިބިފައިވި މަހުލޫގުންތަކެކެވެ. އެޚިޔާލާއެކު ވެސް ޝާޢާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން ކޮޓަރިން ނިކުންނަން ދިޔައީ އޭނައަށް ރައްކާތެރިކަން ލިބޭނެކަމުގެ އުއްމީދުގައެވެ. އެކަނި ހުންނަން ވެއްޖެކަމުގައި ވަނީނަމަ އޭނައަށް މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އާދެވިފައިވި ހާލަތުގެ ގޮތުން އޭނައަށް ހުރިހާ ކަމަކާއިމެދުގައި ވެސް ވިސްނެނީ އެންމެ ނުބައި ގޮތުގައެވެ. ވާނީވެސް އެހެންނޫންތާއެވެ. އެއީ އިންސާނީ ޠަބީއަތުގައި ލައްވާފައިވާ ގޮތެވެ.
ކޮޓަރިން ނިކުތް ޝާޢާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ފެންޑާއަށް ނިކުމެވޭ ދޮރުކުރިމަތީ މޭމަތީ އަތްހުރަސްކޮށްލައިގެން ބޭރު ބަލަން ހުރި ޖާބިރެވެ. ޖާބިރު ހުރި ގޮތުން އޭނަ ހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގުނެވެ. އޭނައަށް ޝާޢާގެ ކޮޓރީގެ ދޮރު ހުޅުވުނުހެން ހީވެގެން ނިކަން އަވަހަށް ފަސްއެނބުރި ބަލާލައިފިއެވެ.
ޝާޢާއާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު ޖާބިރަށް ލިބިގެން ދިޔައީ އެދެލޮލުން އޭނައަށް ފެނުނު ނުތަނަވަސްކަމާއެކުގައެވެ. ސުވާލު އުފެދިގެން ދިއުމާއެކު ޖާބިރަށް ހިނގައިގަނެވުނީ ޝާޢާ ގާތަށް ދިއުމަށެވެ. ޝާޢާގެ ފުށުން ނޫނީ ޖަވާބު ނުލިބޭނެ ސުވާލުތަކެއް އޭރު އޭނައަށް އުނދަގޫކުރަމުން ދިޔަ އެވެ. ނަމަވެސް އެއީ އެކަމަށް ރަގަޅު ވަގުތެއް ބާވައޭ ވެސް އޭނަގެ ހިތް ސުވާލު އުފައްދާލިއެވެ. އެހިނދު އޭނަަގެ ސިކުނޑި ރަގަޅު ގޮތް ބުނެދިނެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ ނާޒުކު ވަގުތުކޮޅަކަށް ވުމުން އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. އޭނަގެ ދުޝްމަނުން އެވަނީ އޭނައާއި ދެކޮޅަށް ވަރުގަދަ ހަނގުރާމަކަށް ނިކުމެފައެވެ. އެހަނގުރާމައިގައި އޭނައާއި ދެކޮޅަށް ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް ޝާޢާއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން މެނުވީ އޭނައަށް ކުރިއެރުމެއް ލިބޭކަށް ނެތެވެ.
”ދަރިފުޅާ، މިހާރު ރަގަޅުތަ؟… ދަރިފުޅު ނުކައި އުޅޭތީދޯ އަނބުރައިގަތީ؟… މިހާރު އެއްވެސްކަހަލަ އުނދަގުލެއްވޭތަ؟…” ހިތުގައި އުފެދިފއިވި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައިވި ޖާބިރު ވާހަކަދެއްކީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ. ޝާޢާއަށް އޭނަގެ އަޑުން ކަމަކާ މެދު ޝައްކު ނުއުފެދޭނެހެންނެވެ. އެއްވެސްކަމެއް ގޯހުންގޯހަށް ގޮސްފައިވިކަމުގެ ހިލަން ޝާޢާއަށް ވުމުގެ ފުރުސަތު ޖާބިރު ނުދިނެވެ.
”ހަދީޖާ، ޝާޢާއަށް ދޭން ކާއެއްޗެއް ގެނެސްބަލަ…” ކޮޓަރީގައި އުޅުނު ހަދީޖާއަށް ބާރަށް ގޮވާލަމުން ޖާބިރު ބުނެލިއެވެ. ޝާޢާއަށް ހައިކަމުގެ އިހުސާސްކުރެވިގެން އައީ ދެނެވެ. އޭނަގެ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާހުރެ އޭނަގެ ހިއްސުތައް ވެސް ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ.
ޝާޢާ ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުންނަން ފެށުމުން ޖާބިރަށް ހައިރާންކަމެއް ލިބިގެން ދިޔަ އެވެ. އެއީ ޝާޢާގެ ފުށުން އޭނައަށް އަލަށް ފެނިގެން ދިޔަ ކަމަކަށް ވީީތީއެވެ. ހީވަނީ ފިކުރުބޮޑުވެފައިވިހެންނެވެ.
”އަދިވެސް ބޮލުގައި ރިއްސަނީދޯ؟… އެހެންވެއްޖެއްޔާ ކޮޅަށް ނުހުރެ އާދެބަލަ ސޯފާގައި އިށީންނަން…” ސޯފާއަށް އިޝާރާތްކުރަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަ ހިނިތުންވެލިއެއްކަމަކު ޝާޢާއަށް އައިސްފައިވި ބަދަލުތަކުން އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ޖާބިރު އެދުނު ފަދައިން ޝާޢާ ގޮސް ސޯފާގައި އިށީނެވެ. އެއީ ހަދީޖާ ވެސް އަވަސްއަރުވާލައިގެން ކޮޓަރިން ނިކުތް ވަގުތެވެ. އޭނައަށް ޝާޢާ ފެނުމާއެކު އެމޫނުމަތިން ފާޅުވެގެން އައީ ހަމްދަރުދީއެވެ. ކުރިމަތިވެދާނެ ކަމަކާ މެދު އޭނަ ބިރުގެންފައި ހުރި މިންވަރު އެކަމުން ވެސް ރަމްޒުކޮށްދެއެވެ.
ހަދީޖާގެ މާޔޫސްކަން ފާހަގަކުރެވުނު ޖާބިރު ހަދީޖާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލީ ޝާޢާއަށް ކަންތައް ސިއްރުކުރަން ބޭނުންވީތީއެވެ. ޝާޢާއަށް ވަމުންދާ ކަންތަކާ މެދު ޝައްކުކުރެވި ސުވާލުއުފެދިގެން ދާކަށް އޭނަ ނޭދެއެވެ. އޭނައަށް އެސުވާލުތަކަށް ޖަވާބެއްދޭން ވެސް ނޭގޭނެއެވެ. ހަމައެއާއެކު ޝާޢާއަށް ލިބިގެންދާނެ ނުތަނަވަސްކަމާއި ބިރުވެރިކަން ވެސް ދެކެން އޭނަ ބޭނުމެއް ނޫނެވެ.
ޖާބިރަށް ނޭގުނުކަމީ ސިއްރުން ކަންތައް ބަލަމުން ދިޔަ ޝާޢާއަށް ހަޤީޤަތް ބޭޒާރު ވެއްޖެކަމެވެ. ޖާބިރުގެ ކޮންމެ އަމަލަކީ އެކަމަށް ބާރުދެމުން އައި ވަރުގަދަ ހެކިތަކެކެވެ. އޭގެ ސަބަބުން ޝާޢާއަށް ލިބިފައިވި އުދާސްކަން ވެސް އެމޫނުމަތިން ފެންނަން ފަށައިފިއެވެ.
”ހަދީޖާ ދޭބަލަ ޝާޢާއަށް ދޭން ކާއެއްޗެއް ހިފައިގެން އަންނަން…” ހާދީޖާ އައިސް އެމީހުންނާއި އަރާހަމަކުރުމުން ޖާބިރު ބުނެލިއެވެ. ޖާބިރާއި މެދު ނުރުހިފައިވިއެއްކަމަކު، ހަދީޖާ އެހުށަހެޅުމާއިގެން ކުރިއަށް ދިޔައީ ޝާޢާގެ ހަށިގަނޑު ވަރުބަލިވެ، ހައިކަމުގެ އިހުސާސްކުރެވޭނެ މިންވަރު އޭނައަށް އަންދާޒާ ކޮށްލެވުމުންނެވެ. އޭނަ ބަދިގެއަށް ދިއުމަށް މިސްރާބުޖެހި ހިނދު ހުއްޓެވުނީ ޝާޢާ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ.
”ކާފަ ބުނީމެއްނު އަހަންނަށް ހުވަފެންތަކެއް ފެންނަނަމަ ބުނައްޗޭ، ދުވަސްކޮޅަކަށް އެކަން ތަކުރާރުނުވެ އަނެއްކާ ވެސް ފެންނަން ފަށައިފި، އެކަމަކު ކުރިއަށް ވުރެ އަސްލާ އެއްގޮތްކަމަށް އިހުސާސްކުރެވެނީ… އެއީ ކީއްވެތަ؟… ނިދުމުގެ ކުރިން ކިޔަން ކާފަ ދިން ދުޢާތައް ވެސް އަހަރެން ކިޔަން، އެކަމަކު ވެސް ބިރުވެރި ހުވަފެންތައް ފެނޭ… ކޮންމެ ރެޔަކު ވެސް ހޭލެވެނީ ފަތިސްނަމާދު ވަގުތާއި ދިމާކޮށް… ކާފާ… ކީއްވެގެންތަ އަހަންނަށް އެފަދަ ބިރުވެރި ހުވަފެންތައް ފެންނަނީ؟…”
ޝާޢާ ބޭނުންވީ ތެދެވެ. އޭނައަށް އެކަންތައް ކުރިމަތިވާ ސަބަބު އެނގޭށެވެ. މީގެ އިރުކޮޅެއް ކުރިން ޖާބިރާއި ހަދީޖާއާ ދެމެދު ހިނގި ދެބަސްވުމުން އޭނައަށް އެނގުނުހާ ވެސް އެއްޗަކީ ޖިންނިއެއްގެ އުނދަގޫ ފޯރިކަމެވެ. އެކަމުގެ ތެރޭގައި ފުރާނަތައް ގެއްލިގެން ދިޔަ ކަމެވެ. އެހެނަސް، އެކަން ހިނގަން މެދުވެރިވި ސަބަބުބަތަކާއި، އެކަންތަކުގެ އާހިރު ނަތީޖާ އެފަދަ ހިތިގޮތަކަށް ނިކުތްނަން ޖެހުނު މައިގަނޑު ސަބަބެއް ނޭގުނެވެ. އެކަންތައް އަދިވެސް ވަނީ މާޒީގެ ތެރޭގައި ސިއްރުކުރެވިފައެވެ. މިހާރު ކަންތައް ގޮސްފައި އޮތް ހާލަތުން އެއީ އޭނައަށް އެނގުން ލާޒިމު ކަމެކެވެ. އޭނަގެ މަންމައާއި ބައްޕައަށް ކުރިމަތިލާންޖެހުނު ކަންތައް ވެސް އޭނައަށް އެނގެން ޖެހޭނެއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަނދިރީގައި އޭނަ ބެހެއްޓިއްޖެއެވެ. ހަޤީޤަތް ހާމަވެފައިވި ހިނދު އޭނައަށް ހުރިހާކަމެއްގެ މައުލޫމާތު ލިބެންޖެހޭނެއެވެ.
ބަދަލުހިފުމުގެ ކޯޅުންގަނޑެއް ޖިންނީންނާ މެދު އުފެދިގެން އައީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ފަހަތުގައި އޮތް ސިއްރުތަކަކީ ކޮބައި ހެއްޔެވެ؟ އެކަމުގައި އޭނަގެ މައިންބަފައިން ޝިކާރައަކަށްވީ ކީއްވެގެން ހެއްޔެވެ؟ ޖިންނީންތަކެއްގެ އުނދަގޫ އޭނައަށް ފޯރަން ޖެހިފައިވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ މާމަގެ ހިތުގައި ކާފައާ މެދު އުފެދިފައިވި ރުޅީގެ އަސްލަކީ ކޮބާ ހެއްޔެވެ؟
ހައްތާ ވެސް ސުވާލުތަކެވެ. ޝާޢާއަށް ޔަޤީންކުރެވުނުކަމަކީ ބޮޑު ކަންތައްގަނޑެއް ހިނގާފައި އޮތް ކަމެވެ. އެކަމުގެ ތެރޭގައި އޭނަގެ މައިންބަފައިން ވެސް މިފަނާވަނިވި ދުނިޔެ ދޫކޮށްދާން ޖެހުނީއެވެ. ޅައިރުގެ ދުވަސްތަކުގައި އޭނަ މައިންބަފައިންގެ ލޯބިން މަހުރޫމްކޮށްލާފައެވެ. ކިތަންމެހާ ވެސް ގިނަ ސަބަބުތަކާ ހުރެ އޭނައަށް ހަޤީޤަތް އެނގުން ލާޒިމެވެ. ނަމަވެސް ސުވާލަކީ އޭނައަށް އެކަމާއި ކުރިމަތިލެވިދާނެ ހެއްޔެވެ؟
ކުއްލިއަކަށް ކުރިމަތިވި ސުވާލަށް ދޭނެ ޖަވާބެއް ނޭގިފައި ޖާބިރަށް ހުރެވުނެވެ. ސޯފާގައި އިށީންނަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލުމަށްފަހު އޭނަ ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލިއެވެ. ޝާޢާ ވެސް އިސްއުފުލާ ޖާބިރަށް ބަލާލިއެވެ. އެދެލޮލުގައި ވަނީ މުޅިން އެހެން ޝުއޫރުތަކެކެވެ. ހާސްކަން ޖާބިރުގެ ހިތަށް ވެރިވާންފެށީ ދެނެވެ. މިހުރިހާ ދުވަހު ޝާޢާގެ ފަރާތުން ކުރިމަތިލާން ނުޖެހުނު ސުވާލެއް އަމާޒުވީތީއެވެ.
”ކާފަ ކުރިން ވެސް ބުނީމެއްނު ހުވަފެނަކީ ބިލާހެކޭ… ދެން ކީއްވެތަ ދަރިފުޅު އެކަންތަކާ މެދު ވިސްނަނީ؟…” ޖާބިރު އުޅުނީ ޝާޢާގެ ސުވާލު އޮއްބާލާށެވެ. އެގޮތް ޝާޢާއަކަށް ކަމަކު ނުދިޔައެވެ.
”ތިކަން އެނގެޔޭ… އެކަމަކު އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަނީ ކީއްވެތަ؟… ހުވަފެނުގައި އަހަންނަށް އިންޒާރުތައް ދެވެނީ ކީއްވެތަ؟… ސަލާމަތްވާން އުޅުނަސް އެކަން ކާމިޔާބުނުކުރެވެނީ ކީއްވެތަ؟… ހުވަފެން އަސްލާއި އެއްގޮތް ވަނީ ކީއްވެތަ؟…” ޝާޢާ އެހި އެވެ.
ޖާބިރުގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާޢާއަށް އެފަދަ ކުއްލި ބަދަލެއް އަންނަންޖެހޭނީ ގޯހެއް އުޅޭކަމުގެ ހިލަން ވުމުންނެވެ. އެއީ ޝާޢާއަށް ދިމާވި ހާދިސާގެ ސަބަބުން ކުރިމަތިވިކަންތައްތަކެއް ހެއްޔެވެ؟ ޝާޢާ އެއުޅެނީ އެހާދިސާގެ އަސްލު ހޯދަން ހެއްޔެވެ؟
”ދަރިފުޅު ބޮލުގައި ރިއްސާތީތަ ތިއުޅޭނީ؟، ބަލާފަ ހީވަނީ އެހެން، ކާއެއްޗިއްސާއެކު މާމަ ބޭސް ގެނެސްދޭނަން، މަޑުކޮށްލައްޗޭ……” ޖަވާބުދޭން ޖާބިރު ނުކުޅެދިފައިވިތަން ފެނި ހަދީޖާ މަޢުޞޫއު ބަދަލުކޮށްލިއެވެ. އޭނަ ވެސް އުޅުނީ ޝާޢާގެ ހިތަށް ދޮގު ތަސައްލީތަކެއް ހޯދައިދޭށެވެ. ކުއްލިއަކަށް މާމަގެ ވިސްނުން ބަދަލުވުމުން ޝާޢާއަށް ހައިރާންކަން ލިބުނެވެ. މާމައަށް އޭނައާއި ކުރިމަތިލާން ކެރެނީ އޭނަ ނިދާފައި އޮތްވާ އެކަނި ހެއްޔެވެ؟ އެއީ އެއްވެސްކަމެއް އޭނައަށް ދޭހަނުވާނެކަމުގެ ޔަޤީންކަމާއެކުގައި ކުރި ކަމެއް ހެއްޔެވެ؟
”އަހަރެން ނޫޅެމޭ ބޮލުގައި ރިއްސާތީއެއް… ކީއްވެތަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭން ނޫޅެނީ؟… އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟…” ފުރަތަމަ ފަހަރަށް ޝާޢާއަށް އަޑު އިސްކުރެވުނެވެ. އޭރު އޭނަ އިނީ ރޮވެން ކައިރިވެފައެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޯފަޅައިގެން ދާން ވެސް ކައިރިވެފައެވެ.
”ދަރިފުޅަށް އެއްވެސްކަމެއް ސިއްރުކުރާކަށް އަހަރުމެން ނޫޅެން…” ޖާބިރު ބުނެލިއެވެ.
”ދޮގު… ހުސް ދޮގު… އަހަންނަށް އަޑުއިވުނޭ ކާފައާއި މާމަ ދެއްކި ވާހަކަތައް… އަހަންނަށް މިރޭ އިރާކޮޅު ދިމާވި ހާދިސާއަށް އެކަމުން ޖަވާބުލިބޭ…” ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު ޝާޢާއަށް ބުނެވުނެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި ފުރަތަމަ ކަރުނަތިކި ފައިބައިގެން ދިޔަ އެވެ.
ސިހުން ލިބިފައިވި ހާލު ޖާބިރާއި ހަދީޖާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ބޮޑު ކޮޓަރިއަށް ދެން ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ.
*****
ދަންވަރަށް ފާޅުކަން ބޮޑު ކަމާއެކު ހަނދު ފެންނަމުން ދިޔަ އެވެ. އޭގެ ރިހި އަލި މުޅި ސަރަހައްދަށް ފެތުރިފައިވާއިރު ލަސް ހަރަކާތްތަކާއެކު ވިލާކޮޅުތައް އުޑުގައި ދަތުރުކުރަމުން ދިޔަ އެވެ. ބޮޑެތި ރާޅުތައް ފަރުމައްޗަށް ބިންދާލާ އަޑާއި ބާނީތައް ފޮނުތައް އުފައްދާލާފައި ގޮނޑުދޮށަށް ބީއްސާލާ އަޑު ފަޒާގައި އޮތީ ގުގުމާލާފަ އެވެ. ކަނޑުން އަންނަ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެއް އިހުސާސްކޮށްދެ އެވެ. ރަށުގެ ދެކުނު ތުނޑީގެ މަޑު ދޮންވެލިގަނޑު މަތީ އިށީންދެލައިގެން އިން ޒުވާނާގެ މަޑުއަޅިކުލައަށްދާ ކަޅި ގޮސް ހުއްޓިފައިވަނީ ފެންނަން އޮތް މޫދަށެވެ. ދޮންވެލިގަނޑުގައި އަތްވިއްދާލެވިފައިވިއިރު ކޮނޑާހަމައަށް ދިގުކޮށްލެވިފައި އޮތް ފަން އިސްތަށިގަނޑު ރޯޅިތަކާ އެއްހަމައެއްގައި ހަރަކާތްކުރަމުން ދިޔަ އެވެ. ހުސްގަޔާ އިންއިރު އެޒުވާނާއަށް ވައިރޯޅިތަކުގެ ފިނިކަން ވެސް އިހުސާސްނުކުރެވޭ ކަހަލައެވެ. އެތައް އިރެއް ފާއިތުވެދިޔަ ފަހުން އެޒުވާނާ އިސްއުފުލާ ބަލާލީ ހަނދަށެވެ. އޭރު ހަނދު ވަނީ މެދު އުޑުގަ އެވެ.
ކުއްލިއަކަށް ފަހަތުން ފެންނަން އޮތް ކުރެދި އަދި މަގޫގަސްތަކުގެ ތެރެއިން ހިލަމެއްވިކަމުގެ އިހުސާސާއެކު އެޒުވާނާގެ ނަޒަރު ހަނދާއި ވަކިވެގެން ގޮސް ގަސްކަރައާއި ދިމާއަށް ހުއްޓުނެވެ.
(ނުނިމޭ)
One Comment
Comments are closed.
V ufaa vehje up kohdhinyma