Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (އެކާވީސްވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
March 21, 2018 10 Mins Read
54 Comments

“..މިކިޔަނީ އިލްހާމްއަށް އަންހެން ދަރިޔަކު ލިބުނޭ! އެދަރިޔަކީ ނިހާއެއް ނޫނޭ!..” އިބްރާހީމްބެ ބުންޏެވެ.

އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ނިކާލަކަށް ނޫނެވެ. މަރުޖީނާ އަނެއްކާވެސް އެދިމާއަށް އަންނާތީ އޭނާ ފަހަތުން ހަލުވި ފިޔަވަޅުތައް އަޅަމުން އައި ޞަފިއްޔާއަށްވެސް އިބްރާހީމްބެ ބުނި އެއްޗެއް ސާފުކޮށް އިވުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ހުއްޓުން އެރީ ކުއްލިއަކަށެވެ.

“..އިލްހާމްއަށް ލިބުނު އަންހެންދަރި މިދުނިޔެއަށް ފުރަތަމަ ނޭވާލީންސުރެން އިބްރީސްގެ ބާރުތައް މަޑުމަޑުން ލިބެމުން އައީ!” އިބްރާހީމްބެ އިތުރަށް ބުނެލިއެވެ. “..އެ ދަރިޔަކު މި ދުނިޔެއަށް އުފަންވިތާ އެތައް އަހަރުތަކެއް ވެއްޖެ! އެކަމަކު އިބްރީސްގެ ބާރުތައް ލިބެމުން އައީ ވަރަށް މަޑުމަޑުންކަމަށްވާތީ މިހާ ދުވަހު ކަސްތޮޅުން ސަލާމަތްނުވެވިފަ ހުރީ! ސަބްރީނާއަށް މާކުރިން ވެސް އެނގިފައި އޮތީ އިލްހާމްއަށް އަންހެންދަރިޔަކު ލިބިއްޖެނަމަ އިބްރީސް ކޮންމެވެސް ދުވަހަކުން ސަލާމަތްވާނެކަން! އިބްރީސް ކަސްތޮޅު އަޅުވާފައި ހުރީ އަންދާނުލެވިގެނެއް ނޫން! އިލްހާމްގެ އަންހެން ދަރިޔަށް އިބްރީސްގެ އާއިލާއިން ދުއްތުރާ ކުރާނެތީ އިބްރީސްގެ ހުރިހާ ބާރެއް އަތުލައި މި ގޯތި ތެރޭގައި އޭނާ ހައްޔަރުކޮށްފައި އެހުރީ!..”

“..މާތްކަލާކޯ! އިލްހާމްގެ އަންހެން ދަރިޔެކޭ!..” މަރުޖީނާގެ ބޮޑު މޫނުގެ ދެފަރާތުގައި އަތް ޖައްސާލަމުން ނިކަން ބާރަށް ބުނެލިއެވެ.

މަރުޖީނާގެ އަޑަށް އެންމެންނަށް އެދިމާއަށް ބަލާލެވުނުއިރު ހުއްޓުން އަރާފައި ހުރި އިލްހާމްގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އަޔެވެ. ޞަފިއްޔާ މަތިން ހަނދާންވެފައި ދެލޯ ބޮޑުކޮށްލަމުން ފަސް އެނބުރި ބަލާލެވުނެވެ. ހިލަ ބުދެއް ފަދައިން ހުއްޓުން އަރާފައި ހުރި ޞަފިއްޔާ ފެނުމާއެކު އިލްހާމްގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ޞަފިއްޔާއަށް އިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެފައި ހުރިވަރު އެ މޫނުމަތިން ފާޅުކަންބޮޑު ގޮތެއްގައި ހާމަވަމުން ދިޔައެވެ. ފުރަތަމަ ފެނިލުމުންވެސް ޞަފިއްޔާ އަށް އިބްރާހިމްބެ ބުނި ވާހަކަ އިވިއްޖެކަން އިލްހާމްއަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

“..ޞަފިއްޔާއަށް އަޑު އިވުނުތަ؟ އިލްހާމްގެ އަންހެން ދަރިޔަކު ދުނިޔޭގައި އެބަހުއްޓޯ!..” މަރުޖީނާ ވާހަކަ ދައްކަންފެށީ އަޖައިބު އަންތަރީސްވެފައި ހުރެއެވެ. “..ޞަފިއްޔާ އެކިޔާ އެއްޗެއް ޤަބޫލުކުރެވޭތަ؟ މަށަށް މިފެންނަނީ ހުވަފެނެއްތަ؟ މާތް ކަލާކޯ! ޞަފިއްޔާ! އޭ ޞަފިއްޔާ!..”

ޞަފިއްޔާގެ ކަންފަތަށް މަރުޖީނާގެ އަޑު ފޯރާހެނެއް ހިޔެއް ނުވެއެވެ. އޭނާ ދެއަތުން އަނގަމަތި ނިވާކޮށްގެން ހުރެ އިލްހާމްއަށް ބަލަމުން ދިޔައީ ގަބުވެފައި ހުރެއެވެ. ޞަފިއްޔާ އަނގައިން ނުބުނެ ހުރުމުން ޞަފިއްޔާގެ ދެކޮނޑުގައި ހިފައި މަރުޖީނާ ތަޅުވައިގަތެވެ. އޭނާއަށް ހޭވެރިކަންވެ ލަސް ހިނގުމެއްގައި އިލްހާމްއާ ދިމާއަށް އަންނަން ފެށިއިރު އެ ދެލޮލުގައި ވިދުމެއް ހުއްޓެވެ.

ނަޒީލް ކަންބޮޑުވެފައި ހުރިއިރު ނިކާލް ހުރީ ހަޤީޤަތް ޤަބޫލުކުރަން އުނދަގޫވެފައެވެ. ބައްޕަގެ އިތުރު ދަރިޔަކު ހުރެދާނެކަމަކަށް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ. ބައްޕަގެ މިޒާޖު ހުންނަ ގޮތުން ކިތަންމެ ހަރުކަށިކޮށް ވާހަކަ ދައްކާ އަޑުގަދަކޮށް ޒުވާބުކޮށް ހެދި ނަމަވެސް ބައްޕައަކީ މަންމަ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ބައްޕައެއް މަންމަޔަކަށް ބޭވަފަވާތެރިއެއް ނުވާނެއެވެ. ބައްޕަ ބަދުނާމުކުރަން އިބްރާހީމްބެ ވާހަކައެއް ހެދީ ކަންނޭގެއެވެ. އަމިއްލަ އަގެއް ނެތް މީހަކަށް އެހެން މީހެއްގެ އަގެއް ވެސް މުހިއްމެއް ނުވާނެއެވެ. އެފަދަ މީހުން ބަލާނީ ފުރުޞަތެއް ލިބޭ އިރަށް އެހެން މީހުންގެ އަބުރާއި އިއްޒަތްވެސް ވެއްޔާ މޮޑެލެވޭތޯއެވެ. ކުޑަ އަންހެން ކުއްޖެއްގެ ދިރިއުޅުން ނަގާލި މީހެއް ކޮންމެ ފަދަ ވާހަކައެއް ދައްކަންވެސް ފަހަކަށް ނުޖެހޭނެއެވެ. އިބްރާހިމްބެ ކުޑަ އަންހެން ކުއްޖަކާ ބެހި، އެކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާތީ ނިކާލްގެ ނަޒަރުގައި އިބްރާހިމްބެޔަކީ އިތުބާރު ހިފޭ މީހެއް ނޫނެވެ.

ޞަފިއްޔާ ކައިރިވަމުން އައިވަރަކަށް އިލްހާމްގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނާ ދިޔައީ ޞަފިއްޔާއަށް ދޭނެ ޖަވާބަކާމެދު ވިސްނަމުންނެވެ. ޞަފިއްޔާއާ އިނުމުގެ ކުރިންނާއި ފަހުންވެސް އިލްހާމް އުޅެފައިވާ ވިޔާނުދާ އުޅުމުގެ ސަބަބުން ސީދާ އޭނާގެ ދަރިޔަކު އެހެން މީހަކަށް ލިބިފައެއް ނުވާނޭ ބުނާކަށް ނޭގެއެވެ. އޭނާ ވަނީ ސަފީނާ ނޫން އެތަކެއް އަންހެނުންނެއް އޭނާގެ ޝިކާރަޔަކަށް ހަދައިފައެވެ. ޒުވާން ދުވަސްވަރު ނަގާލެވުނީ އެތަކެއް މަލަކުން ފޮނި ބޮއެ އަލާފިލުވަމުންނެވެ. ބައެއްފަހަރު އެމީހުންގެ އިޒްނަޔާ، ރުހުމާއެކުގައެވެ. އަނެއްބައިފަހަރު ހުއްދަވެސް ހޯދުމެއް ނެތިއެވެ. ވީމާ ޔަޤީންކަމެއްނެތް ހާލުގައި އޭނާގެ ދަރިޔަކު ނުހުންނާނެޔޭ ބުނެ އޮޅުވާލިޔަސް އިބްރާހީމްބެ އެ ދަރިޔެއްގެ ވަނަވަރު ކިޔާލާނެއެވެ. އެ ކުއްޖެއްގެ މަޢުލޫމާތުވެސް އިބްރާހިމްބެ އޮންނާނީ ހޯދާފައިކަން ކަށަވަރެވެ. އިލްހާމްގެ ކަރަށް މަހާލި މަޅިން ސަލާމަތްވާން ބުނާނެ އެއްޗެއް ވިސްނަމުން ދިޔަވަރަކަށް އޭނާގެ ހާސްކަންވީ ބޮޑެވެ. ހުރިހާ ގޯހެއް ހަދަމުން އެދަނީ އިބްރާހީމްބެއެވެ. އޭނާ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައި، އެންމެންގެތެރޭ އެ ވާހަކަ އެ ދެއްކީ ހާސްކަމާ ނުތަނަވަސްކަން އުފެއްދުމުގެ މަގްޞަދުގައެވެ.

ނިހާ ހުރީ އެތެރެ އެތެރެއިން ހީލަ ހީލައެވެ. އިލްހާމްގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމާއި ހާސްކަމުން އޭނާއަށް ލިބެމުން ދިޔައީ ބަޔާންކުރަންދަތި އުފަލެކެވެ. ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު އުފަލެއް ލިބި ހިނި އަންނަގޮތްވުމުން އޭނާ އަނގަމަތީ އަތް އަޅާލައިގެން ހުއްޓެވެ. އިބްރީސް އޭނާއާ އަވަލީ ހަމަ ރަނގަޅަކަށެވެ. އުފާކުރުން ހައްޤެވެ. މިހާރު އަވާލާފައިހުރި ވަރަށް ވުރެން ބޮޑަށް އަވަލައި އިލްހާމްގެ ހުރިހާ ހަޤީޤަތެއް ބޭޒާރުވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާ ހިތަށް އަރުވަން ނުވާވަރު އެއްޗެހި އަރާ ފައިބަމުން ދިޔައީ އިލްހާމްއަށް ދެރަ ނިކަމެތި ގޮތް ވުމަށް އެދެވޭލެއް ބޮޑުކަމުންނެވެ.

“..އެއީ ތެދެއްތަ؟..” ޞަފިއްޔާގެ ފެންކަޅިވެފައިވާ ދެލޮލުން އިލްހާމްއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އިލްހާމްގެ މޫނުމަތީގައިވާ ކަންބޮޑުވުން ފެނި ޞަފިއްޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅުމުން ދިޔައެވެ. އިބްރާހީމްބެ އެ ދެއްކި ވާހަކާގައި ކޮންމެވެސް ހަޤީޤަތެއްވެޔޭ އޭނާގެ ހިތްބުނާ ކަހަލައެވެ.

“..މީހަކު ދައްކާހާ ވާހަކައެއް ޞަފިއްޔާ ޤަބޫލުކުރާތި! މިހުރީ ތި ހުރިހާ ނުބައެއްވެސް ހަދާމީހަކީ!..” އިލްހާމް ހަމަޖެހިލަން މަސައްކަތްކުރަމުން އިބްރާހިމްބެއާ ދިމާއަށް ކަޅިއަޅާލިއެވެ. އެވަގުތު އިބްރާހީމްބެގެ ތުންފަތް މައްޗަށް ވެރިކޮށްގެން ހުރި ކެހިވެރި ހިނިތުންވުން ފެނިފައި އޭނާގެ ބޮލަށް ރުޅި ސަވާރުވިއެވެ. އޭނާ އެއްޗެއް ނުބުނެ ހުރުމުން އައިސްފައި ހުރި ހިނި ނިކަން ދެކިބަލާށެވެ. މީނާ ހީކުރަނީ އަނގަ ބައްދާލައި ބޭޒާރުކޮށްލުމުގައި ކާމިޔާބުވާނެކަމަށް ހެއްޔެވެ؟ ހަމަހިލާ އިލްހާމް އެކަން ކާމިޔާބު ވިޔަކަ ނުދޭނެއެވެ. އޭނާއަށް އާދެވުނު ރުޅީގައި ދެ ދަތްޕިލައަށް ބާރުކޮށްލެވުނީ ދަތްތައް މުގުރިގެންދާހާ ބާރަށެވެ. އިބްރާހީމްބެ އިލްހާމްއަށް ބަލާލިއިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ.

“..ހުރި ލަދުހަޔާތް ކުޑަކަން! ކަލެޔަށް ތިޔަށްވުރެ ބޮޑު ދޮގެއް ހަދަން ނުކެރުނީތަ؟..” އިލްހާމް ހަޅޭލަވައިގަތެވެ. “..މަށަށް ލިބިފަހުރި އަންހެން ދަރިޔަކު މި ދުނިޔެއަކު ނުހުންނާނެ! މަމީކީ ކަލެޔެއްނޫނޭ! ސިހުރުހާހޫރަ ހަދައިގެން މީހުންގެ ގަޔަށް އަރަމުން ދުވާކަށް! ކަލެޔަށް ވަރިހަމަވާނެ ބާލިޣުނުވާ ކުޑަކުއްޖަކަސް! ނަހަލާލަށް ދަރިޔެއް ލިބުނަސް ލިބޭނީ ތިފާޑަށް ތެޅޭ ހައިވާނުންނަށް! ތީކީ މަގޭ ފެންވަރެއް އަދި ފިތުރަތެއްވެސް ނޫން! އަންހެންދަރިޔެއް ކީއްކުރަން އެހެން ބަނޑަކަށް ފިރިހެން ދަރިޔަކުވެސް ނުހުންނާނެ! މަގޭ ހުންނާނީ ހަމައެކަނި ދެ ފިރިހެން ކުދިން! މިތިބީ ކަލޭގެ ކުރިމަތީ.. މަގޭ ނަޒީލް އާ ނިކާލް! އަޑު އިވިއްޖެތަ؟..”

“..ކިތަންމެ ރަނގަޅަށްވެސް އަޑު އިވިއްޖެ! ކަލެޔަށް އަންހެން ދަރިޔަކު ލިބުނު!..” އިބްރާހީމްބެ ސާބިތުކަމާއެކު ބުނެލިއެވެ. “..ކަލޭ ހީކުރީތަ މަ މިތަނަށް އައިސް އަނގައެއް އޮތީމަ ތަޅުވަނީއޭ! ކަލެޔަށް އަންހެން ދަރިޔަކު ނުލިބޭނަމަ އިބްރީސް މިނިވަންވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ!..”

“..ފާޑުފާޑު ވާހަކަ ހަދައިހަދައިގެން ދައްކަންއުޅޭނެ ކަމެއް ނެތް..” އިލްހާމް ކުރިޔަށް ވުރެން ބާރަށް ފެލިގަތެވެ. “..ކަލޭ ލައްވާ މިކަން ކުރުވަން އުޅެވުނު ކަން އެއީ މަގޭ މޮޔަކަން! ދެންވެސް ބޭކާރު އަނގައަރުވަން ނޫޅެ މިތަނުން ރައްކާވޭ! ކަލޭގެ އެހީތެރިކަމެއް ދެން އަހަރުމެން ބޭނުމެއްނޫން!..”

“..ކަލެޔަށް މަގޭ އެހީތެރިކަން ބޭނުންވާނެ! ކަލޭ ތި ހީކުރާހާ ގިނަ ވަގުތެއް ނެތް! ކަލޭގެ ދަރިންގެ ސަލާމަތަ..” އިބްރާހީމްބެ އަށް ބުނެވުނީ އެހިސާބަށެވެ.

“..ރައްކާވާށޭ!..” ނިކާލް ހަޅޭލަވައިގަތެވެ. “..ބައްޕަ އެ ބުނި އެއްޗެއް ކަލެޔަށް ނީވުނީތަ! ނޫނީ ކަލޭ ބީރީތަ! ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދާންއުޅޭ! ކަލޭ ތި ދައްކާ ވާހަކަ ގަބޫލުކުރާނެ އެކަކު ވެސް މިތާކު ނެތް!..”

ނިހާ ދިޔައީ ސިހިގެންނެވެ. އިލްހާމްއަށް ނިކާލް ކުރާ “ކަނު” އިތުބާރު ފެނިފައި ނިހާގެ ތަލިން ކުޅު ހިކޭ ގޮތްވިއެވެ. ނިކާލްގެ ސިކުނޑީގައި ތެތްކަމެއްވެސް ނެތީ ހެއްޔެވެ؟ އިލްހާމްގެ މޫނުމަތީގައި އެވާ ހާސްކަމާއި ކަންބޮޑުވުންވެސް އޭނާއަށް ނުފެންނަނީ ހެއްޔެވެ؟ ނޫނީ އިލްހާމް އެކޭ އެއްފަދައިން އެ ސިއްރު ވަންހަނާކުރަން ޚުދު ނިކާލްވެސް ބޭނުންވަނީ ހެއްޔެވެ؟

އިބްރާހީމްބެ ނިހާއަށް ބަލާލިއެވެ. އެޔަށްފަހު އިންޝާއާ ދިމާއަށް ބަލާލިއެވެ. އެ ދެ މީހުންނަށް ޖެހިފައިވާ މުސީބާތުން ސަލާމަތް ކޮށްދިނުމަށް އޭނާ ކިތަންމެހާވެސް ބޭނުމެވެ. ފަހަރުގައި މިރޭ އެކަމުން މިންޖު ނުވެއްޖެނަމަ އެ މީހުންނަށް ދެރަ ގޮތެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގޭގެ ވެރިންނާ ދެކޮޅަށް، އެމީހުންގެ ނުރުހުމުގައި އޭނާއަށް ކޮށްދެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ އިލްހާމް ހާރުވާލެވުމުން ލިބުނު އުފަލާއިއެކު އޭނާ އެތަނުން ދިޔުމަށް ހިނގައިގެތެވެ.

“..ނޫން! ނޫން!..” މަޑުމަޑުން ހުރި އިންޝާ އިބްރާހީމްބެ ފައި ބުޑަށް ވެއްޓިގަތީ ރޮމުންނެވެ. “..މިހާރު ތިންރޭ ވެއްޖެ މަށަށް އެ ޖިންނި އުނދަގޫ ކުރާތާ! ނަޒީލްގެ ސިފަޖެހިގެން އައިސް މަށަށް އަނިޔާކޮށް ގަދަކަމުން މަގޭ ގަޔަށް އަރާ މަ ރޮލާކައި ހުސް ކޮށްފި! ހެޔޮނުވާނެ.. މަ ސަލާމަތް ކޮށްދީ! އޭތީގެ ކިބައިން ސަލާމަތް ނުވެއްޖެއްޔާ މިރޭ މަށަށް ހަދާލާނެ ގޮތެއްވެސް ނޭނގޭ! ރޭގައިވެސް މަ ނިދާފައި އޮއްވާ މިގެޔަށް ގެނެސްގެން ދީފައި ހުރި އަނިޔާ މިހިރަ ފެންނަނީ!..”

އިންޝާ އޭނާ ލައިގެން ހުރި ދޫ ކުރުތާ ހެދުމުގެ އަތްކުރި އޮޅާލަމުން ދެއަތުގެ މުލައްދަނޑީގައި ނޫފައި ގަނެފައި ހުރި ޒަހަމުތައް ދައްކާލިއެވެ. އެދޮން ހަންގަނޑުގައި ކަނޑާ ނެގިފައި ހުރި ވަކީގެ ނިޝާންތައް ފެނުމާއެކު ނަޒީލް ބާރަކަށް އައިސް އިންޝާގެ އަތުގައި ހިފާލިއެވެ. އެ ޒަހަމްތައް މަތީ ނަޒީލަށް ފިރުމާލެވުނުއިރު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

“..އިބްރާހީމްބޭ..” ދަނޑިވަޅުގެ ބޭނުންހިފައި ނިހާ އިބްރާހީމްބެގެ އަތުގައި ހިފައިގަތެވެ. އިބްރީސްގެ ކިބައިން އޭނާއާއި އިންޝާ ސަލާމަތްކޮށްދިނުމަށް އެދި ރޮއެފައި އާދޭސްކުރިއެވެ. ނިހާގެ ހާލު ފެނި ނިކާލްގެ ހިތަށް ބުނޭދޭން ނޭނގޭ ކަހަލަ އަސަރެއްކުރިއެވެ. އިބްރާހީމްބެއަށް އިތުބާރުކުރަން ހެޔޮ ނުވާނެކަމަށާއި އޭނާ ނޫން އެހެން ފަންޑިތަވެރިއެއް ހޯދައިގެން ވިޔަސް އެކަމުން ސަލާމަތްކޮށް ދޭނެކަމަށް ބުނެ، ނިހާއަށް ޔަޤީންކަންދީ ހަމައަކަށް އެޅުވުމަށް ނިކާލް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނިހާއަށާއި އިންޝާއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެމީހުން ބޭނުންވީ ވަގުތުން ވަގުތަށް އިބްރާހީމްބެ ލައްވާ ފަންޑިތަ ހަދުވާށެވެ. އިބްރާހީމްބެ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އިބްރީސްގެ ކިބައިން އެމީހުން ސަލާމަތްވާން ބޭނުންވާކަމަށް ބުންޏެވެ. އިބްރީސްގެ  ބާރާއި، އަނިޔާވެރިކަން އަދި ރަހުމުކުޑަކަންވެސް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކަށް ތިބީ ޚުދު އެމީހުން ކަމުގައި ބުނެ ގިސްލަ ގިސްލާފައި ރުޔެވެ.

“..އެހެންވީމަ ކޮންގޮތަކަށް ތި ނިންމީ!..” ނިކާލްއާއި އިލްހާމްއާ ދިމާއަށް ބަލާލަމުން، ހިތްހަމަނުޖެހިފައި ހުރެ އިބްރާހިމްބެ ބުންޏެވެ. “..މަށަކަށް ވަގުތެއް ނެތް! މަ ދައްކާ ވާހަކަ ޤަބޫލުކުރިޔަސް ނުކުރިޔަސް މަ ބުނާނީ ކަން އޮތްގޮތަށް! ކުރިޔަށް އޮތް ތަނުގައިވެސް ބުނާނީ ކަން ހިނގައިފައިވާ ގޮތަށް! ފަންޑިތަހަދަން ކަލޭމެންނަށް މަނޫން އެހެން މީހަކު ހޯދައިގެން ގެނެވިދާނެ! ކޮންމެ މީހަކު ގެނަޔަސް، އިބްރީސްއާ ބެހޭ ހުރިހާ ކަމެއް ހޯދަން އެންމެ މަދުވެގެންވެސް ދުވަހެއް ބޭކާރުވާނެ! އޭރުންވެސް ތީގެ ހުރިހާ ހަސްކާއެއް ފެންނާނީ މި ތިބަ ދެ މަންޖެއިންނަށް! އެމީހަކުވެސް ބުނާނީ ހަމަ މަ ބުނިހެން! އިލްހާމްއަށް އަންހެންދަރިޔަކު ލިބުނު! އެއީ ކަމުގެ ހަޤީޤަތް! ދުނބުރިއެއް އަނބަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އެޔެއް އަނބަކަށް ނުވާނެ! އެހެންވީމަ ތި އާއިލީ ޑުރާމާ މަޑުޖައްސާލާފަ މަ ކަންތައް ކުރަންވީ ގޮތެއް ބުނޭ!..”

“..މަ ބޭނުން މަގޭ އިންޝާ ސަލާމަތްކުރަން..” ނަޒީލް އިންޝާ ގަޔާލާ ބޮނޑިކޮށްލަމުން ބުންޏެވެ. “..ބައްޕައާ ނިކާލް މިކަމާ ދެކޮޅަސް މަ ބޭނުމީ މަގޭ އަންހެނުން މިކަމުން ސަލާމަތްކުރަން! ބައްޕަގެ އަންހެން ދަރިޔަކު ހުރިތޯ ނެތްތޯ ބެލުން މަށަކަށް މުހިންމެއް ނޫން! ތީން އެކެއްގެ އެއްބާރުލުން ނުލިބުނަސް މިރޭ މިކަން ކުރަން މަގޭ އެހީތެރިކަން ލިބޭނެ!..”

“..މަވެސް މިހުރީ ތި ފަންޑިތަ ހެދުމުގައި އެހީވާން ތައްޔާރަށް!..” ފައިރޫޒްވެސް ނަޒީލްގެ ވާހަކައާ އެއްބައިވެލިއެވެ. އިލްހާމްގެ އާއިލީ މައްސަލަގަނޑު ތެރެއަށް ނުވަނުމަށް ފައިރޫޒް އެއްޗެއް ނުބުނެ ހުރި ނަމަވެސް ނިހާ އެކަމުން ވީހާވެސް އަވަހަކަށް ސަލާމަތްކުރުމަށް އޭނާ ބޭނުމެވެ.

ނިކާލަށް ބަލާލެވުނީ އިލްހާމްއާ ދިމާއަށެވެ. އިލްހާމް ހުރީ ހަދަންވީ ގޮތެއް ނޭގިފައެވެ. އެކަމަށް ހުރަސްއަޅައިގެން އިންޝާއަށް ގެއްލުމެއް ލިބިއްޖެނަމަ ނަޒީލް އޭނާއަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. ނިހާއަށް ގޮތެއް ވެއްޖެނަމަ ނިކާލްގެ ހިތްވެސް އޭނާގެ މައްޗަށް ކަޅު ވެގެން ހިނގައިދާނެއެވެ. އިބްރީސްގެ ކިބައިން ރައްކާތެރިވެ ސަލާމަތް ހޯދުމުގައި ލަސްނުކޮށް ފިޔަވަޅު އެޅުމަށް ޚުދު މަންމަވެސް ވަނީ ނަސޭހަތްތެރިވެފައެވެ. އޭގައިވެސް ކޮންމެވެސް ހިކުމަތެއް އޮންނާނެއެވެ. އިލްހާމް ގޮތުގައި ހުރެ ބޯހަރުކަން އިސްކޮށްގެން އެ އާއިލާއަށް އިބްރީސްގެ ފަރާތުން ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އެޅޭނީ ޚުދު އޭނާގެ ބޮލުގައެވެ. އެހެން އެކަންވާކަށް އިލްހާމް ނޭދެއެވެ. ނަމަވެސް އިބްރާހީމްބެ ލައްވާ ފަންޑިތަ ހަދުވައިގެން ފެންމަތިވެދާނެ ހަޤީޤަތަކުން އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް ނިކާލްއާ ޞަފިއްޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދިފައި ނުވާކަމެއް ނޭނގެއެވެ. އިލްހާމްއަށް ގޮތެއް ނިންމަން އުނދަގޫވެ ހަތަރު ފަރާތުން ބެދެމުން އައިސް ގޮތް ހުސްވި ކަހަލަ އިޙްސާސެއް ކުރެވުނެވެ.

“..އެންމެ ރަނގަޅު..” އިލްހާމްގެ ވިސްނުމަށް އިތުރު ގޮތެއް ނައުމުން އެންމެފަހުން އެއްބަސްވީ މަޖުބޫރުވެގެންނެވެ. “..މަށޭ ކިޔައިގެން ދޮގު ވާހަކަ ނުދައްކާ ކަލޭގެ މަސައްކަތައިގެން ކުރިޔަށްދޭ! އަދި ބުނަން ކަލޭ ތިކުރާ އެއްވެސް ކަމަކުން މަގޭ ދަރިޔަކަށް ގެއްލުމެއް ލިބިގެން ނުވާނެ! އިންޝާއާއި ނިހާއަށްވެސް ހާނިކައެއް ލިބިގެން ނުވާނެ! އެކަހަލަ ކަމެއް ވެއްޖިއްޔާ މަށަކީ ނުބައި މީހެއްކަން ކަލެޔަށް އަންގާލާނަން!..”

އިލްހާމް ދިނީ އިންޒާރެކެވެ. އެ އިންޒާރަކީ ދަރިންގެ ކުރިމަތީގައި އޭނާގެ ހުރި “ޠާހިރުކަން” ދެއްކުމަށް ބޭނުންކުރި އުކުޅެއްކަން އިބްރާހީމްބެއަށް އެނގެއެވެ.

“..މަ ދައްކަން ބޭނުން ވާހަކައެއް މަ ދައްކާނަން! ޤަބޫލުކުރުމާއި ނުކުރުން އެއީ ކަލޭމެންގެ އަތްމަތީ އޮތް ކަމެއް!..” އިބްރާހީމްބެ ބުނެލިއެވެ.

އެހާ ހިސާބަށް ދިޔައިރު ނިކާލްއާ ޞަފިއްޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއްވަނީ އުފެދިފައެވެ. އިބްރާހީމްބެ އެހާ ސާބިތުކަމާއެކު އެ ދައްކާ ވާހަކަތަކުގެ ސަބަބުން އިލްހާމްއަށް އެމީހުން ކުރާ އިތުބާރުގައި ކޫރުންއަޅުވާލިއެވެ. އެހެނަސް އާއިލީ މަޞްލަހަތަށްޓަކައި އެވަގުތު ހަނު ހުރުން އެއީ އެންމެ މޮޅު ގޮތް ކަމަށް ނިންމާ އިލްހާމްއާ އިތުރު ސުވާލެއް ނުކޮށް ދެމީހުން ވެސް ފަރުޖައްސާލީއެވެ.

********

ކުރީ ރެޔެކޭ އެއްފަދައިން އެންމެ ފުރަތަމަ ކަމަކަށް މިރޭވެސް ނިހާ ވަށައިގެން އިބްރާހިމްބެ ފުރިހަމަނުވާ ބުރެއް އަޅާލިއެވެ. އިންޝާއާއި ނަޒީލް ވަށައިގެންވެސް ވަކިވަކިން ހަމަ އެކަހަލަ ދެ ބުރު އަޅާ ލެވުނެވެ. ނަމަވެސް އެ ދެމަފިރިން ވަށައިގެން އެޅުނު ބުރުތައް ހުރީ ފުރިހަމަކޮށްފައެވެ. އެޔަށްފަހު ފައިރޫޒްއާއި ނިކާލް އަދި ޞައްތާރުގެ އިތުރުން އިލްހާމް ނިހާގެ ހަތަރެސްފަޔާ ދިމާލުގައި އިށީނީ ނިހާ ބުރުން ބޭރުވުމަށް ކޮށްފާނެ ކަމަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

“..ރޭގަ ތި ދެމަފިރިންނަށް ބާރު ފޯރުވުމުގައި އިބްރީސްއަށް ކާމިޔާބުވި ސަބަބުވެސް މަ މިއައީ ހޯދައިގެން! އެ ގޮތަށް ބާރު ފޯރުވުނީ ކުރިންވެސް ތި ދެމަފިރިންނަށް އޭތީގެ އުނދަގޫ ފޯރާފައި ހުރުމުން! އެހެންވެ ކޮންމެހެނަކުން މިރޭ ބުރެއްގެ ތެރޭގައި ބަހައްޓަން މި ނިންމީ! ބުރު ތެރޭގައި ތިއްބަސް އުނދަގުލެއްވުމަކީ އެކަށީގެންވާ ކަމެއް! ކިތަންމެ އުނދަގުލެއްވިޔަސް ބުރުން ބޭރަށް ނުނިކުންނާތި! ނިހާ ކައިރީ ތިތިބި  އެންމެންވެސް އެކަމަށް ސަމާލުވެ ތިބޭތި!..” ފަންޑިތަ ފެށުމުގެ ކުރިން އިބްރާހީމްބެ  އެންމެނަށް ނަސޭހަތްތެރިވީ ހުށިޔާރުވެތިބުމަށެވެ.

ޤުރުޢާން ކިޔެވުމަށްޓަކާ އިބްރާހިމްބެ ހަތް މީހަކު ގެނައެވެ. ނިހާ އޮށޯވެލައިގެން އޮތް ބުރުގެ ވަށައިގެން އެމީހުން އިށީންދެ އެތުރެލުމަށްފަހު ކިޔެވުމައިގެން ކުރިޔަށް ދާންފެށިއެވެ. ޤުރުޢާން ކިޔެވުމުގެ އަޑު ސިޓިންގ ރޫމްގެ ހަތަރު ފަރާތުން ގުގުމަން ފެށުމާއެކު ސިޓިންގ ރޫމްގައި ހުރި ކުޑަދޮރު ތަކުގެ ދޮރު ފޮތިތައް ވަޔާ ވިހުރުވެންފެށިއެވެ. އެ ތަނުގައި “ބޫން” ކިޔާފައި ވައިގެ އަޑުފަށްގަނޑު ގަދަވަމުން ދިޔުމާއެކު މޭޒުތަކުގެ މަތީގައި ހުރި ބައެއް ތަކެތި ވިއްސައިގެން ދިޔައެވެ. އެންމެ ޗޭނުގަނޑެއްގެ އެހީގައި ހުރި ޗާންދަލިޔާވެސް އެނބުރެމުން ދިޔަލެއް ބާރުކަމާ އަވަސްކަމުން ހީވީ ދެންމެ ދެންމެ ލުހިގެން އައިސް ވެއްޓި ޖެހިދާނެހެންނެވެ. އެތަނަށް ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭ ކަހަލައެވެ. ކުއްލިއަކަށް އެ ޗާންދަލިޔާ ފަންގިފިލައިން ލުހިގެން އައިސް ބިން މައްޗަށް ޖެހި ފުޅިތޮށިތައް އެކި ދިމަ ދިމާއަށް ބުރަ ބުރައިގެން ދިޔައެވެ. އިބްރާހީމްބެ ދުރާލާ ވިސްނާ އެ ދިމާލުގައި އެއްވެސް ބުރެއް ނޭޅިކަން އެއީ ހަމަ ނަސީބެކެވެ. އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ކިޔެވުން ކުރިޔަށް ގެންދިޔުމަށް އިބްރާހީމްބެ އިރުޝާދުދީފައި ވާތީ އެހާޖާނުގަނޑު ތެރެއިންވެސް ކިޔެވުމުގެ އަޑަށް އެއްވެސް ބަދަލެއް ނާދެއެވެ.

ސިޓިންގ ރޫމްތެރޭ އުފެދުނު ކޮޅިގަނޑު މައިތިރިވިއެވެ. އިބްރާހީމްބެގެ ތުންފަތްމަތިން ފާޅުވީ ކާމިޔާބު ހިނިތުންވުމެކެވެ. އޭނާ އުންމީދު ކުރިގޮތަށް  ހުއްޓުމެއް ނެތި ކިޔަވަމުން ގެންދިޔަ ޤުރުއާނުގެ ކުރިމަތީގައި އިބްރީސްއަށް ހަތިޔާރު ބަހައްޓަން ޖެހުނީއެވެ. މަޑުމަޑުން ނިހާގެ މެދު ހަށި ތަޅުމުން އުފުލެން ފެށިއެވެ. އޭނާގެ ދެލޮލުގެ ކަޅި ގެއްލި އަނގައިން ބިރުވެރި އަޑެއް ނެރެންފެށިއެވެ. ނިހާގެ ކަރުދޮށުގައި ހުރި ހުރިހާ ނާރުތަކެއް ފުއްޕާލައި ކަރަން ވާން އަރުވާލަމުން ތަޅުންމައްޗަށް ޖެހުނު ބާރުމިނުގައި ފުންމައިގެން ތެދުވަން އުޅުނެވެ. ނަމަވެސް ނިކާލްމެން ނިހާ އޮބިއަޅާ ހިފެހެއްޓީ ފިސާރި ހުށިޔާރުކަމާއެކުގައެވެ.

“..އެންމެންގެ ދުވަސް ދުއްވާލާނަން! އެންމެންގެ ދުވަސް ދުއްވާލާނަން!..” ނިހާ ބަރު އަޑަކުން ތަކުރާރު ކުރަމުން ގެންދިޔައެވެ.

އިންޝާގެ ބަނޑުތެރެޔަށް ފެތުރުނު ތޫނު ތަދުންގެ ސަބަބުން އަޅާ ވޭނަށް އޭނާ ކެތްކުރަމުން ގެންދިޔައީ ކުރުގެޅިލައިގެން އޮވެއެވެ. ނަޒީލް އިންޝާއަށް ބަލަހައްޓައިގެން ހުރި އިރު އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާންހުއްޓެވެ. ނިހާގެ ހަށިގަނޑަށް އިބްރީސް ވަދެއްޖެކަން ޔަޤީންވުމާއެކު އިބްރާހީމްބެ ނިހާ އޮތް ބުރު ފުރިހަމަކުރުމަށްފަހު ބުރު ތެރޭގައި ތިބި އެންމެން ބުރުން ބޭރަށް ނެރުނެވެ. އެއަށްފަހު ޤުރުއާން ކިޔެވުމުގައި މަސްއޫލުވެ ތިބި މީހުންނަށް އިޝާރާތްކޮށް ކިޔެވުން ހުއްޓާލުމަށް އެންގިއެވެ.  ޤުރުޢާނުގެ އަޑު ކެނޑިގެން ދިޔުމާއެކު ނިހާ ފުންމައިގެން ތެދުވެ ދެ ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ. ދެ އަތްތިލަ މުއްކަވާ ބާރުކޮށްލަމުން ހަށިގަނޑު ތުރުތުރު އަޅައިގެންދާ ވަރަށް މުޅި ހަށިގަނޑަށް ވާން އަރުވާލިއިރު ހަށިގަނޑުގެ ހުރިހާ ނާރުތައް ހުރީ ފުއްޕާލައިފައެވެ.

“..ކަލޭމެންނަށް މަށަށް ކިތަންމެ އަނިޔާއެއްކުރެވުނަސް މަ އަންދާލުން އެއީ ކަލޭމެންނަށް ވާނެކަމެއް ނޫން!..” ނިހާ ބިރުވެރި އަޑަކުން ފެލިގަތެވެ. “..މަ ކަލޭ ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދޭނަން!..” ނިހާ ނުލަފާ އަޑަކުން ހީގަތެވެ.

“..ކަލޭ ގާތުން އޮޅުން ފިލުވަންޖެހޭ އެއްޗެއް ނެތް..” އިބްރާހީމްބެ ފަހުރުވެރިކަމާއެކު ޖަވާބު ދިނެވެ. “..މަށަށް ހުރިހާ އެއްޗެއްވެސް އެނގޭ.. ކަލެޔާ މަ ކުރަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް! ކަލޭ އިސްލާމްވާން ބޭނުންތޯ! ނުވަތަ ނޫންތޯ!..”

“..އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭނަމޭ!..” ނިހާ ކުރިޔަށްވުރެ ބާރަށް ފެލިގަތެވެ.

“..ކަލޭ އިސްލާމްވާން ބޭނުންތަ؟ ނޫނީ އަންދާލައި އަޅިޔަށް ހަދާލަންވީތަ؟..” އިބްރާހީމްބެ އަނެއްކާވެސް  އެހިއެވެ.

“..ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ! މަމީ ކަލޭ ތި ހީކުރާ ކަހަލަ އިފުރީތެއް ނޫނޭ! މަ މިދުނިޔެއިން ނައްތާލެވޭނީ އެންމެ މީހަކަށް! އޭނާގެ އެހީއާ ނުލާ ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ!..” ނިހާ ހެމުންހެމުން ހަތަރު މޮށްގަނޑު ޖަހާ ބުރު ވަށާ އެނބުރެން ފެށިއެވެ.

“..މަށަށް ތިކަން އެނގެޔޭ! އެމީހަކީ ކަލޭގެ އަމައެއްނު! ކަލޭގެ އަމަޔަކީ އިންސާނެއްކަމާއި ކަލެޔަކީ އިންސިޔަކާ ޖިންނިއެއް ކުރި ފާހިޝް އަމަލަކުން މިދުނިޔެއަށް ފާވެފަހުރި އިފްރީތެއްކަން! ކަލޭގެ އަމާ މިހާރު މިދުނިޔޭގައި ނެތްކަންވެސް މަށަށް އެނގެޔޭ..” އިބްރާހީމްއަށް އިބްރީސްއާ ބެހޭ ގޮތުން އެނގިފައި ހުރި މަޢުލޫމާތުތައް ކިޔަން ފެށިއެވެ.

ލަމްޙާ ނެތް ދުނިޔެއެއްގައި އިލްހާމްއަށް ލިބޭ އަންހެންދަރި އިބްރީސްއަށް ހިބައިން ދިނުމަށް އިޤްރާރުވެވުނު ހަނދާނެއް ސަބްރީނާ ނެތެވެ. އެ ކަހަލަ އިޤްރާރުނާމާއެއް ވެވުނުކަން އޭނާ ހަނދާނަށް އައީވެސް ލަމްޙާ މިދުނިޔެއިން ނެތިކޮށްލި ފަހުންނެވެ. އަބަދުވެސް ސަބްރީނާ ހިތުގެ އެންމެ ފުންމިނުން އިލްހާމް ދެކެ ލޯބިވިއެވެ. ލަމްޙާ މަރާލީވެސް އިލްހާމްއަށް ހަޤީޤަތް އެނގި އޭނާއަށް ނަފްރަތުކޮށްފާނެތީ، ހުރިހާ ކަމެއް ވަންހަނާކުރުމުގެ ބޭނުމުގައެވެ. އިބްރީސް ކަސްތޮޅު އަޅުވަން ނިންމީވެސް އިލްހާމްގެ ދިރިއުޅުމަށް އަތުވެދާނެ ތޫފާނަކުން އޭނާ ސަލާމަތްކުރާށެވެ. އެކަމުގައި ސަބްރީނާއަށް އެހީތެރިވެދިނީ އިބްރީސްގެ މަންމައެވެ. އިބްރީސްގެ ބާރުތައް އަތުލައި ކަސްތޮޅު އެޅުވުމަށްފަހު އެގޯތި ތެރޭގައި ހައްޔަރުކުރުމަށް އެހީތެރިވެދިން ސިހުރުވެރިޔަކީވެސް އެއީއެވެ. އެއީ ސަބްރީނާގެ އެންމެ ގާތް އެކުވެރިޔާ އަދި އިބްރީސްގެ މަންމަ ޝަހުދިއްޔާއެވެ.

“..ކަލޭގެ ބަފަޔަކީ ޖިންނީންގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއް! އެހެންވީމަ ކަލޭ ނެތް ދުނިޔެއެއްގައި ކަލެޔަށް ލިބެން އޮތް އެއްޗެއްވެސް ވާރުތަވާނީ ކަލޭގެ ބައްޕަގެ އެންމެ ދޮށްޓަށް ދެން ހުރި ދަރިޔަކަށް! ކަލޭ މިދުނިޔޭން ނައްތާލުމަކުން އެ ބުނާ އަންހެން ކުއްޖަކަށް ވަކި ސަލާމަތެއް ނެތް! ކަލޭ މި ދުނިޔޭގައި ބަހައްޓާފައި ތިހުރީ އެ އަންހެންދަރިއަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރަން!..” އިބްރާހީމްބެ ދައްކަމުން ދިޔަ ވާހަކަތައް އެތަނުގައި ތިބި އެންމެން ކަނުލާ އަހަމުން ދިޔައިރު ނިހާ ދިޔައީ އަޑުގަދަކޮށް ބާރަށް ހެމުން މަލާމާތް ކުރުމުގެ ގޮތުން ވައްތަރުޖައްސަމުންނެވެ.

އިބްރީސް ކަސްތޮޅު އެޅެވުނުތާ އެތައް އަހަރެއް ފަހުން އިލްހާމްއަށް އަންހެން ދަރިޔަކު ލިބުނެވެ. އެ އަންހެންދަރި ދުނިޔެއަށް އުފަންވީންސުރެން އިބްރީސްއަށް މަޑުމަޑުން އޭނާގެ ބާރުތައް ލިބެމުން އަޔެވެ. އިބްރީސް މިނިވަންވެގެން ދިޔައިރު ހަޤީޤަތުގައި އޭނާއަށް ހުރިހާ ބާރުތަކެއް ފުރިހަމައަށް ލިބިފައެއް ނުވެއެވެ. އިބްރީސްގެ އަސްލު ސިފައަށް ބަދަލުވުމުގެ ކުޅަދާނަކަންވެސް އޭނާއަކަށް ނުލިބެއެވެ. އުޅެން ޖެހުނީ އޮލަ ދުންގަނޑެއްގެ ސިފައިގައެވެ. އިބްރީސްއަކީ އިންސާނީ ނަސްލުވެސް ހިއްސާކުރާ ޖިންނިއަކަށްވާތީ ގެއްލިފައިވާ ބާރުތައް ލިބޭނެ ގޮތެއް އޮތެވެ. އެއީ އިންސާނަކާއެކު ޖިންސީ ގުޅުން ހިންގުމެވެ. އޭރުން އިންސާނުންގެ ހަށިގަނޑުގައިވާ ބާރުތައް އިބްރީސްއަށް ލިބި އޭނާ ފުރިހަމަވާނެ ބާރު ލިބިގެންދެއެވެ. އެ މަޤުޞަދު ހާސިލުކުރުމަށް ނަޒީލްގެ ހަށިގަނޑު މެދުވެރިޔަކަށް ހެދީ އޭރު އިބްރީސްއަށް އަސްލު ސިފަ ޖެހުމުގެ ބާރު ލިބިފައި ނުވާތީއެވެ.

“..ކަލޭގެ މަންމަ ދުނިޔޭގައި ނެތަސް މަށަށް ކަލޭގެ ދުވަސް ދުއްވައިލެވިދާނެ..” އިބްރާހީމްބެ ބުންޏެވެ. “..އެހެންވީމަ ފަހުފަހަރަށް މި އަހަނީ ކަލޭ ބޭނުންވަނީ ކޮން ގޮތެއް.. އިސްލާމްވާންތަ؟ ނޫނީ ނެތިފަނާ ކޮށްލަންވީތަ؟..”

“..ކަލެޔަކަށް އެއްކަމެއްވެސް ނުވާނެ!..” އިބްރީސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

“..ތިޔެއް ދައްކާލާނަމޭ!..” އިބްރާހީމް މަޑުމަޑުން ބުނެލިއެވެ.

އިބްރާހީމްބެ ދިޔައީ އިލްހާމް ކައިރިއަށެވެ. އިބްރީސް މިދުނިޔެއިން ނެތިކޮށްލުމުގެ ކުރިން އިލްހާމްގެ ހުއްދައެއް ހޯދުމަށެވެ. އިބްރީސް ނެތި ދިޔަޔަސް އިލްހާމްގެ އަންހެން ދަރިޔަށް އެއްވެސް ސަލާމަތެއް ނެތްކަން ބުނެދީ އިންޒާރު ދިނުމަށެވެ.

“..މަގޭ ދަރިޔަކު ނުހުންނާނޭ!..” އިބްރާހީމްބެ ހުއްދައަށް އެދުމާއެކު އިލްހާމް ހަޅޭލަވައިގަތެވެ. “..ކަލޭ ތި ކުރާ ކަމެއް ކޮށްބަލަ!..”

އިލްހާމްގެ ޖަވާބު ލިބުމުން އިބްރާހީމްބެ ހިނިތުންވެލުމަށްފަހު އިތުރަށް ވިސްނާލުމަށް އެދުނެވެ. އިލްހާމް ދިނީ ކުރިންވެސް ދިން ޖަވާބެވެ. އިބްރާހީމްބެގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ ކިޔަވަން ގެނައި މީހުންތައް ފޮނުވާލިއެވެ. އޭރުވެސް ނިހާ އަތްޖަހައި ފުމެ ދުވަމުން މަންމަ މަރުވެފައިވާ ވާހަކަ އިބްރާހީމްބެއަށް ހަނދާންކޮށްދެމުން ދިޔައެވެ.

“..މަންމަ ވީ މަރުވެފަޔޯ!..” ނިހާ އުފާފާޅުކުރަމުން ދިޔައެވެ. “..މަންމަ ނެތިސް އެއްކަމެއްވެސް ނުވާނެޔޯ!..”

“..ކަލޭގެ މަންމަ ދުނިޔޭގައި ނެތަސް ހެވޭ! ބޯގަންވިލާ ގަހުގެ ބުޑުން ކަލޭ އަންދާލެވިދާނެ ބާރެއްވާކަން ހަނދާންނެތުނީތަ!..”

އިބްރާހީމްބެގެ ވާހަކަތައް އަޑު އިވިފައި ނިހާ ހުއްޓުން އެރިއެވެ. އިބްރާހީމްބެއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އެ ހަދަން އުޅޭ އެތިފަހަރު އޭނާއަށް އެނގިއްޖެހެންނެވެ. އިބްރީސް މިހުރިހާ ދުވަހު ހައްޔަރުގައި ހުރި ތަނުން އޭނާ ނެތިކޮށްލެވޭނެފަދަ ހަތިޔާރެއްވާކަން ހަނދާނަށް އައުމާއެކު އެ މޫނުމަތިން ބިރުވެރިކަން ފާޅުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށް އިބްރާހީމްބެއަށް ބަލަމުން ހަޅޭލަވައިގަތެވެ.

އިބްރާހީމްބެ ނިކާލަށް ގޮވާލައިފައި ފަކީރާއަކާއި ބައްތިތަކެއް ހޯދައިގެން ގެނައުމަށް އެދުނެވެ. އެތަކެތި ހިފައިގެން ބޯގަންވިލާ ގަސް ކައިރިޔަށް ދިޔުމަށް ބުނީ ނިހާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލާލަމުންނެވެ. އިބްރީސް ނެތިކޮށްލެވޭނެފަދަ ހަތިޔާރެއް އެތަނުގައި ވާނޭކަމަށް އިބްރާހީމްބެ ބުނުމާއެކު ނިހާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންދިޔައެވެ. އިބްރާހީމްބެމެން ގެއިން ނުކުތުމަށް ހިނގައި ގަތުމާއިއެކު ނިހާ ބިރުން ތެޅިފޮޅެން ފެށިއެވެ. އަދި ކަރު ބުޑުން ބިރުވެރި ތޫލި އަޑެއްނެރެމުން ހޭރެންފެށީ ބުރުން ބޭރުވާން މަސައްކަތްކުރަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

މިހަޔާތް އަލިކޮށްލި ނޫރު 4

Next

ޝީން (ބާވީސް ވަނަބައި)

Next
March 22, 2018

ޝީން (ބާވީސް ވަނަބައި)

Previews
March 21, 2018

މިހަޔާތް އަލިކޮށްލި ނޫރު 4

54 Comments!

  1. nishan says:
    March 21, 2018 at 10:18 pm

    Hello guys! Mi part vs kamudhaane kamah unmeedhu kuran 🙂 mistake eh vaanama faahaga kohla dheythi! Next part Sunday ga in Shaa Allah!
    My Facebook page: please do follow

    https://facebook.com/nishanstories/

  2. Kiyaa says:
    March 21, 2018 at 10:33 pm

    Mi partvx v reethi
    Avahah upkohlabala anehpartvx

    1. nishan says:
      March 21, 2018 at 11:29 pm

      Thanks kiyaa ?
      Next part Sunday ga!

  3. Friends says:
    March 21, 2018 at 10:36 pm

    Brw dhen vehje dhw ilhaam ge anhen dhari ge hagiygah ingen.stry nice.

    1. nishan says:
      March 21, 2018 at 11:30 pm

      Hehe adhi e dhareege hageegai Vs engeyne! Kuda inthizaareh kohlan jeheyni.
      Thank you friend ?

  4. Aif says:
    March 21, 2018 at 10:43 pm

    Omg dis story is so scary now.. nuves nidheyne mirey.. ??????????? u r an awesome writer ?????

    1. beauty says:
      March 21, 2018 at 11:30 pm

      Aaey dheloa maraaliyas sifavey

    2. nishan says:
      March 21, 2018 at 11:32 pm

      Thank you Aif ??

  5. Saadhu says:
    March 21, 2018 at 10:44 pm

    Alhey nisan vahaka nimeneetha.v furihama.kiyaa hivanee.

    1. nishan says:
      March 21, 2018 at 11:33 pm

      Nooney adhi nimen gaai Vs nuvey!
      Thanks saadhu ?

  6. Xee says:
    March 21, 2018 at 10:50 pm

    Vrh reeethiii? wen next part

    1. nishan says:
      March 21, 2018 at 11:34 pm

      Next part Sunday ga!
      Thanks Xee ?

  7. NAAZ says:
    March 21, 2018 at 10:52 pm

    Masha Allah v furihama v kiyaahithun mikiyane mivaahaka….

    1. nishan says:
      March 21, 2018 at 11:35 pm

      Thank you NAAZ ?

  8. Fathun says:
    March 21, 2018 at 10:59 pm

    Varah reethi nimenee tha mi vaahaka ves

    1. nishan says:
      March 21, 2018 at 11:36 pm

      Story ninmaalan veetha ? Hehe adhi nimen gaai vs nuvey.
      Thanks faathun ?

  9. Mal says:
    March 21, 2018 at 11:04 pm

    Story salhi..? n nishan aky boy eh dhw?

    1. nishan says:
      March 21, 2018 at 11:37 pm

      Yes Mal I am a boy!
      Thank you ?

  10. leen says:
    March 21, 2018 at 11:14 pm

    mi part vx v habeys ???& kaaku baa ilham ge anhen dhariyakee……

    1. nishan says:
      March 21, 2018 at 11:38 pm

      Kaaku hen heevani? 😉
      Adhi Kuda inthizaareh kohlan jeheyne thi suvaal javaabah.
      Thanks leen ?

  11. Laara says:
    March 22, 2018 at 12:13 am

    Alhe. V interesting.. ur great.

    1. nishan says:
      March 22, 2018 at 7:22 am

      Thank you!

  12. noora says:
    March 22, 2018 at 7:58 am

    meehaku bunaa ibaaraatheh koma koalhi ehga genna iru furathama thi jahanee kon thiki thakeh? e ee kuh gotheh. thiki nujahaa hama fashaanee..
    vaahakaige shaug verikan hifehettumah varah kulhadhaana liyun theri eh thee.. keep it up

    1. nishan says:
      March 22, 2018 at 11:52 am

      Egothah dot thah jeheni enme furathama vaahaka liyan feshi irun sure egotha dot jahaigen liyan aadha vefa hureema! Ehenve now auto in Hama dot jeheni!! Thanks noora ?
      Ekan rangalhu kuran masahkai kuraanan!!

  13. Hawwi says:
    March 22, 2018 at 8:08 am

    Ma sha allah .. mee mihaaru misite no.1 story’s thakuge therein eh story… ?? keep it up nishaan. Waiting for the Sunday..?

    1. nishan says:
      March 22, 2018 at 11:53 am

      Thank you v much hawwi 😀 ?

  14. Shann says:
    March 22, 2018 at 8:10 am

    Mee haadha molhu story ekey… Havany hama hagygy story eh hen

    1. nishan says:
      March 22, 2018 at 11:54 am

      Thank you shann ?
      Vaahaka gai bodu vaani hiyaali Bai!

  15. Eyslee says:
    March 22, 2018 at 8:52 am

    Woww.. story nimen ulheneetha? Varah reethi miadhuge part ves. Next part kiyaa hithun kehmadhuvefa. Thankolheh dhigukoh genesdhehchey next part. Waiting waiting eagerly?? love this story

    1. nishan says:
      March 22, 2018 at 11:58 am

      Story adhi nimen gaathe nuve! Adhi eba huri kiyaa dheyn jehey lahka vaahaka hehe.
      Dhigu koh genes dheynan next part 🙂
      Thank you eyslee ?

  16. R@! says:
    March 22, 2018 at 11:53 am

    Masha Allah v furihama ?

    1. nishan says:
      March 22, 2018 at 11:58 am

      Thank you Rai ??

  17. Nisha says:
    March 22, 2018 at 1:01 pm

    Varah reethi ..
    Loved it ❤❤

    1. nishan says:
      March 22, 2018 at 2:18 pm

      Thank you Nisha ??

  18. ssannwa?❤? says:
    March 22, 2018 at 1:20 pm

    Hmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm reeehchey

    1. nishan says:
      March 22, 2018 at 2:23 pm

      Thank you ??

  19. Shamy says:
    March 22, 2018 at 1:33 pm

    This is a very nice story. i love to read this story. Next bayah intizaaru mikurani. Hope eh part ga eh anhen dariyaki kaaku kan egene kan. 😀 😀

    1. nishan says:
      March 22, 2018 at 2:19 pm

      Hehe let’s see dw anhen dhari aki kaaku Kan engeytho 😉
      Thank you shamy ?

  20. Meee says:
    March 22, 2018 at 2:12 pm

    Story nice but mahsala aky maa lahee up kuraaleh ….kiyaa hithun maruvaa varu vefa huhtaa vihya up thikohdheny…..but stry v salhi Hama

    1. nishan says:
      March 22, 2018 at 2:21 pm

      Story Hama liyevey Varun upload koh dhemun midhani! Liyumah ehkoh hus vegen nuhureveythi las vanee kudakoh!
      Thank you
      ??

  21. Vanganaa says:
    March 22, 2018 at 3:22 pm

    I realy like this story.mi part ves vvvv reethi?hope next part will be more nice..??

    1. nishan says:
      March 22, 2018 at 6:03 pm

      Thank you ??

  22. chumpu says:
    March 22, 2018 at 8:40 pm

    V v v furihama.. Sunday he inthixaar ga mihiry.. E ilham hunnaane dhw foari bust kollyma .. Dhogu hadhaa golaeh viyyaa dhw e kmme fadha bodu dhogeh hadhan vx ilham fahaka nujeheyne…pis pis pis..adu gadha meehaa fuh ginavaaney bunaa beedhain ilham vx aga fey kurany…. Hahaha.. V v kiyaahiyvaa vaahaka eh mee

    1. nishan says:
      March 23, 2018 at 10:30 am

      Ilham bust kohlan ehaa faseyha eh nuvaane dw 😉 konmes molhu ehche kiyalaane kanneyge! Adu gadha meeeha Hama ruh Gina vaani! Thank you chumpu ?

  23. Eyra says:
    March 23, 2018 at 7:09 am

    Varah reethi, ilhaam ah vaagotheh dho, hihi

    1. nishan says:
      March 23, 2018 at 10:31 am

      Thanks eyra ??

  24. hunakko says:
    March 23, 2018 at 11:12 am

    Vrh reethi story eh,,Sunday ah waiting,,nishan u r the besr

    1. nishan says:
      March 23, 2018 at 1:56 pm

      Thank you hunakko ???

  25. Ruhoo says:
    March 23, 2018 at 12:07 pm

    Nice story

    1. nishan says:
      March 23, 2018 at 1:57 pm

      Thank you ruhoo ?

  26. Laara_Official says:
    March 23, 2018 at 4:39 pm

    Chaaa.
    Nishan …. mibaaa vx vrh chaaaa ngeiii
    Inthizaaru kuramey hih edhey nxt part ah
    Ehenkamu dhen ilham ge dhari akee kaaku bunan vejje ehnu ?

    1. nishan says:
      March 23, 2018 at 5:56 pm

      Thanks you ?
      Adhi engeyne ekan vs inthizaar kohla!

  27. Muha says:
    March 24, 2018 at 6:50 pm

    Wow for a moment there I though ibrees would turn out to be sabreena ge dhari eh kamah haha. Mi sihuru people ulhei goiy gandun neingeine viyya dho. Anyways great episode as usual Nishan. Waiting for the next episode hama keiy madhu vefa. Haadha ufalekei vany upload vefa indha fenuneema hehe

    1. nishan says:
      March 24, 2018 at 9:30 pm

      Thank you so much muha! ?

Comments are closed.

Next Episodeވަންހަނާ (ބާވީސްވަނަބައި)←


All Right Reserved!