އިތުރަށް މަޑު ކުރުމެއްނެތި ލުފްޝާން ހިނގައިގަތެވެ. ލުފްޝާން އާއި ދިމާލަށް ބަލަހައްޓައިގެން ޒާހިދާ ހުރީ ނުލަފާ ފާޑަކަށް ހެވިފައެވެ.
“ފަރީ…ފަރީ…” ޒާހިދާ ގެއަށް ވަންނަމުން ފަރީނާއަށް ގޮވަމުން ދިޔައެވެ. ފަރީނާ ސިޓިންގރޫމްގައި އިންތަން ފެނިފައި ޒާހިދާ ގޮސް ފަރީނާގެ ގާތުގައި ޖައްސާލިއެވެ. “ކިހިނެއްވީ؟..މާހެވިފަ..ނުބައި ކަމެއް ކޮށްފައި ނޫނީ މިޒާހިދައްތަ ނުހޭނެ…” ފަރީނާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ފަރީނާ މިހެން ބުނުމުން ޒާހިދާ ފަރީނާއާއި ދިމާލަށް ކަޅި އަޅާލިއެވެ. ” މާބާރަށް ވާހަކަ ނުދައްކާ..ކޮބާ ނުހާ؟….” މާހަޢުލަށް ނަޒަރު ހިންގާލަމުން މަޑުމަޑުން ޒާހިދާ އަހާލިއެވެ. ފަރީނާ ސޯފާ މައްޗަށް އެއްފައި އަރުވަމުން ޒާހިދާ އާއި ދިމާލަށް ބަލައިލިއެވެ. ” ނިދަން ވަދެއްޖެ… އަނެއްކާ ކިހިނެއްވީ؟…” ޒާހިދާ ފަރީނާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. ” ޒާހިދައްތަ މިއައީ ލުފްޝާން ގާތުގައި ސަޕްރައިޒްގެ ވާހަކަ ދައްކާފަ…އޭނަ ބުނީ ވިސްނާލާނަމޭ….ދެން ފަރީ އެ ޝާމިލް މިގެއަށް ގެންނަން ފަށާބަލަ..ގެނެސް ނިކަން ގާތްކޮށްލާ ކާންދީ ހަދާބަލަ…” ޝާމިލްގެ ނަން އިވުނަސް ފަރީނާގެ ހިތް ބާރުބާރަށް ތެޅޭހެން ހީވެއެވެ. ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވާހެން ފަރީނާއަށް އިޙްސާސް ކުރެވެއެވެ. “ކީކޭ..ޝާމިލް އޭ..އަހަންނަކަށް ނުކެރޭނެ…” ފަރީނާއަށް އިނދެވުނީ މުޅިންހެން އެހެން ދުނިޔެއެއްގައެވެ. ޒާހިދާ ފަރީނާގެ ކޮނޑުގައި ޖަހާލިއެވެ. ” އެޔޯ…ކީއްވެ ނުކެރެންވީ….ތިހެން އުޅެފަ އަނެއްކާ ޝާމިލް ދެކެއެއް ނޫން ލޯބިވާނީކީ…” ޒާހިދާގެ އެ ޖުމްލައިން ފަރީނާގެ އެންމެ ހިމަ ނާރުތަކާވެސް ކުޅެލިފަދައެވެ. ނޭވާ އަވަސްވިއެވެ. ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. “ނޫން… އަހަރެން…ޝާމިލް ދެކެ ލޯބިވަނީއޭ…ނޫން..އަހަރެން ލޯބި..ވަނީ..ލުފްޝާން..ދެކެ…” ފަރީނާގެ ހިތާއި ސިކުނޑިވަނީ މުޅިން އެހެން ދިމާލެއްގައެވެ. އަނގައިން ބޭރުވީ މުޅިން ތަފާތު ބަސްތަކެކެވެ. ފަރީނާ އެކަން ޤަބޫލު ކުރަން ދެކޮޅުހެދިކަމުގައި ވިޔަސް ފަރީނާއަށް ޝާމިލް ދެކެ ލޯބިވެވިއްޖެއެވެ. ޝާމިލްގެ ހިތްހެޔޮކަމާއި އޯގާތެރިކަން މިއަދު ފަރީނާގެ ހިތް ގޮވަމުން ދެއެވެ. އެހެންނަމަވެސް މިކަންކަމާ ދެކޮޅުހަދަން މަޖުބޫރު ކުރުވަނީ ޒާހިދާގެ ވިހަ ބަސް ތަކުން ކަމެއް ފަރީނާ ނުދެނަހުއްޓެވެ. “ޒާހިދައްތާ..އަހަރެން މިދަނީ ދެން ނިދަން…” އިތުރަށް އަނގައިން ބުނެގެން ފަރީނާ ޒާހިދާގެ ކުރިމަތީގައި ބޭޒާރުވެދާނެހެން ފަރީނާއަށް ހީވިއެވެ. ބާރު ފިޔަވަޅު ތަކެއްގައިގޮސް އޭނާގެ ކޮޓަރިއަށް ވަނެއެވެ. ޒާހިދާ ފަރީނާއަށް ވަމުންދިޔަ ގޮތް ގާތުން ފެނިފައި އޭނަ އާއި މެދު ޝައްކު ކުރެވުނެވެ. މަޑުމަޑުން ސޯފާއިން ކޮޅަށް ތެދުވެވުނެވެ. “އަނެއްކާ ފަރީ ޝާމިލްދެކެ…ނޫން…އަހަންނަށް ވެގެންވަންޏާ އެހެންވިޔަކަ ނުދޭނަން…އެހެންވެއްޖެއްޔާ މަށަށް ކޮން މޮޅެއް އޮތީ….” ޒާހިދާ ތުން ފިއްތާލިއެވެ. އަދި ރުޅިވެރި ނަޒަރަކުން ފަރީނާގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލިއެވެ.
“ދަރިފުޅާ އާދެބަލަ….” ކިޔަން އިން ނޫސް ލައްޕާލަމުން ގެއަށް ވަދެގެން އައި ލުފްޝާން ފެނިފައި ފައްތާހް ގޮވާލިއެވެ. ލުފްޝާން ހީލަމުން ގޮސް ފައްތާހް ކައިރީގައި އިށީނެވެ. “ކީކޭ ބައްޕާ…” ފައްތާހް ލުފްޝާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. “އެއީ ތެދެއްތަ…ދަރިފުޅު އަންނަ ހަފްތާއިން ފެށިގެން އޮފީހަށް ޖޮއިން ކުރަނީތަ؟…މިއަދު ހާފިޒް ގެ ވާހަކައިން އެނގުނީ…ބައްޕަ ގާތު ނުވެސް ބުނަމެއްނު..” “އާން…މެރީ ކުރުމުގެ ކުރިން އޮފީހަށް ވަދެ ހަމަ ޖެހިލަން ވެގެން ކަމަށް…..އެހެން ނޫނަސް މިހާރުދެން މާ ފްރީކޮށްނު މިއުޅެވެނީ….ދެން ވަރަށް ބޮޑަށް ސޮރީ..ބައްޕަ ގާތު އެންމެ ކުރިން ނުބުނެވުނީމަ…” ފައްތާހް ބޯ ހޫރާލަމުން ހީލިއެވެ. “ހެހެ..އެއީ ބައްޕަ އެހެން ބުނި އެއްޗެއް ނޫން…ކޮބާ ނުހާ މިހާރު ކިހިނެއް…” “އިންޝާﷲ ވަރަށް ރަނގަޅު…އެކަމަކު…” ލުފްޝާން ބޯދަށަށް ޖަހާލިއެވެ. “އެކަމަކު ކިހިނެއްވީ؟..” ފައްތާހް ލުފްޝާންގެ ބުރަކަށީގައި ފިރުމާލިއެވެ. ލުފްޝާން އިތުރު އެއްޗެކޭ ނުބުނެ އުޅެނިކޮށް ފައްތާހްގެ ފޯން ރިންގުވިއެވެ. ” އާން ހުސެންބެ..ކީކޭ..” ފައްތާހް ފޯނުން ވާހަކަ ދައްކަން ފެށުމުން ލުފްޝާން ކޮޅަށް ތެދުވަމުން އަތުގެ ހަރަކާތުން ފައްތާހް ގާތުގައި ދަނީއޭ ބުނެލިއެވެ.
މެންދުރުގެ އަވިގަދަ ވަގުތުގައި ކުޑައެއް ނަގައިގެން ޒާހިދާ ފުދޭވަރެއްގެ ބާރު ހިނގުމެއްގައި ގެއާ ދިމާލަށް ދިޔައެވެ. ކުއްލިއަކަށް ޒާހިދާގެ ހިނގުމަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް މީހަކު އައިސް ހުއްޓުމުންނެވެ. އޭނާ ފެނުމުން ޒާހިދާގެ ދެލޯ ދިޔައީ އިންތިހާއަށް ބޮޑުވެގެންނެވެ. ” ވާފިރު…” ޒާހިދާއަށް މަޑުމަޑުން ބުނެލެވުނެވެ. ޒާހިދާގެ ކުރިމަތީގައި ވާފިރު ހުރީ ވަރަށް ނުލަފާ ފާޑަކަށް ހެވިފައެވެ. “ކިހިނެއްވީ؟..އަހަރެން ފެނިފަ ހާދަ ބިރެއް ތިގަތީ…އަހަރެން ފެންނަނީ ފުރޭތައެއްގެ ސިފައެއްގަތަ ޒާހިދާ…” އެހެން ބުނަމުން މޫނުމަތީގައި އަމިއްލައަށް އަތް ކާއްތާލިއެވެ. ޒާހިދާ އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. “ކަލޭ……އެމީހުން ހައްޔަރު ވިއިރުވެސް ކަލޭ ކީއްވެ ސަލާމަތުން ތިހުރީ…” ވާފިރު ޒާހިދާ އާއި ދިމާލަށް ބަލައިލިގޮތުން ޒާހިދާ ބިރުވެސް ގަތެވެ. އެހެންނަމަވެސް ހަމަޖެހޭ ގޮތް ދައްކާލިއެވެ. ” އެހެންވީމަ ތީގެ މާނަ އަކީ ޒާހިދާއޭ ދޯ އަހަރެމެންގެ ގޭންގޭ ކިޔައިގެ ފާޑުފާޑު ވާހަކަ ދައްކައިގެން ރިޕޯޓް ކުރީ….” ޒާހިދާގެ ނިތްކުރިމަތިން އޮށްދާ އޮހޮރެން ފެށިއެވެ. ހާސްވާ ގޮތްވިއެވެ. “ނޫން..ނޫން..އަހަންނެއް ނޫން…” އަތުން މޫނުމަތި ފުހެލަމުން ޒާހިދާ ބެލީ އެތަނުން ހިނގައިގަނެވޭތޯއެވެ. ހިނގައިގަތެއް ކަމަކު އޭނާގެ ފިޔަވަޅަށް ހުއްޓުން އެރީ ވާފިރުގެ އަޑުންނެވެ. ” ކަލޭ ތިކުރީ އަހަންނަށް ވަރަށް ގެއްލުން ދޭނެ ކަމެއް…އަހަންނަށް އެންމެ ގިނައިން ފައިސާ ލިބެން އޮތްގޮތް ކަލޭ ތި ބަންދުކުރީ… ކަލޭ އަހަރެންގެ ގޭންގް ހައްޔަރު ކުރުވީ…މައުލޫމާތަށްޓަކައި ދަންނަވަން..ނަސީބަކުން އަހަރެން ނެގެޓިވްވީ..އެހެންވެ އަހަރެން ސަލާމަތްވީ…ކަލެއަކަށް ނުޖެހޭ އަހަރެމެން ޖައްސާ ވާހަކަ ބުނާކަށް… ބުނަންތަ ވާހަކައެއް…އެއްވެސް ޙާލެއްގައި ހީނުކުރާތި ކަލެއަށް ތިކުރެވުނީ މާމޮޅުކަމެކޭ…. އަހަންނަށް..މިބުނީ މިވާފިރަށް ދެރައެއް ދީފައި ކަލެއަކަށް ވެސް މޮޅެއް ނުލިބޭނެ…ދުވަހަކުވެސް ނުލިބޭނެ…” ވާފިރު އަތުގައި އޮތް ފޯން ޒާހިދާއަށް ދައްކާލުމަށް ފަހު ވާފިރު ހިނގައިގަތެވެ. ވާފިރު ދިޔަގޮތަށްގޮސް ގޯޅި އަޅަންދެންވެސް ޒާހިދާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
ކޮމްޕިޔުޓަރު ދޮށުގައި އިނަސް ޝާމިލް އިނީ އެހެން ޙިޔާލަކަށް ގެއްލިފައެވެ. އެހެންނޫނީ އޮފީހުގެ މަސައްކަތެއް ވިއްޔާ ޝާމިލް އަކީ އެކަމެއް ކުރާ ހިތުން ފަރުވާ ބަހައްޓައިގެން އެމަސައްކަތެއް ކުރާ ކުއްޖެކެވެ. އެހެންނަމަވެސް މިއަދު އޭނާއަށް އެމަސައްކަތްތައް ވެސް ވީ ފޫހި އެއްޗަކަށްށެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ޖީބުން ފޯން ނެގިއެވެ. އޭނާއަށް ދިމާވެގެން އުޅޭ ކަމަށް ކުޑަ ނަމަވެސް ޙައްލެއް ލިބޭތޯ ނުހާއަށް ގުޅާލިއެވެ. ކުޑަ އިރުކޮޅަކު ރިންގް ވުމަށް ފަހު ނުހާ ފޯން ނެގިއެވެ. ” ހަލޯ..ޝާމިލް….އަނެއްކާ ކިހިނެއްވީ..ހާދަ ލަސްކޮށްލާފަ ތިގުޅީ…” އޮށޯވެ އޮވެފައި ޝާމިލް ގުޅުމުން އެނދުން ތެދުވިއެވެ. އެހާ ދަން ގަޑިއެއްގައި ގުޅުމުން ނުހާ ހާސްވިއެވެ. “އާން..ސޮރީ އަސްލު މިގަޑީގަ އުނދަގު ކުރެވުނީމަ…ދެން އިނގޭނު ކީއްވެކަން…..” ވެގެން އުޅޭ ގޮތް އެނގުމުން ނުހާ ގާތަށް ކުޑަކޮށް ހިނިއައެވެ. ” ހެހެހެ…ހޫމމމ..މިކިޔާ އިޝްޤީ ބަލި ދޯ…..” ނުހާ ދިމާކޮށްލުމުން ކުސްތަޅަމުން ކަހަލަ ގޮތަކަށް ޝާމިލް ބުނެލިއެވެ. ” އާނއެކޭ… ދެން އަހަރެން ކިހިނެއްތަ ހަދާނީ ފަރީ އާއި ދިމާކުރަން…ރޭގަ ބުނި މިރޭ މީޓް ކުރާނަމޭ.. އެހެންވެ މަ އިނިން ގުޅަށްދެންވެސް…މިރޭވެސް ނުގުޅާ….އަޅޭ..ނުހާ…ބުނެބަލަ ދެން ކިހިނެއްތަ ހަދާނީ… އަހަރެން ފަރީ ދެކެ ވަރަށް ވަރަށް ވެޔޭ….އޭނަ ގާތު މިވާހަކަ ބުނަންވީތަ؟..” ޝާމިލްގެ ވާހަކަތައް ހުރިގޮތުން ނުހާ ގާތަށް ހިނިއާދެއެވެ. ” ޝާމިލް…ހާދަވަރަކަށްށޭދޯ…އޭތް ތިއެއް ނޫނޭ…ފަރީ މިއަދު ބުނި މާދަމާރޭ ޝާމިލް މިގެއަށް ގެންނަ ވާހަކަ….ޝާމިލް ގާތަކު ނުބުނޭތަ؟…” ނުހާ އެހެން ބުނުމުން ޝާމިލްއަށް ހުރެވުނުތަންވެސް ނޭނގުނެވެ. “އަސްލުވެސް…ފަރީ އަހަރެންގެ ވާހަކަ ދައްކާތަ؟….ދެން ކީކޭ ކީ؟؟..” ނުހާ ހެމުން ވާހަކަ ދައްކަމުން ދިޔައިރު އަނެއްކޮޅުން ލުފްޝާން ނުނިދިގެން ނުހާއަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ގުޅާ ކޮންމެ ފަހަރަކުވެސް ނުހާ ކޯލް ވެއިޓިންގ ގައި އިންނާތީ ލުފްޝާންގެ ހިތަށް އެތައް ސުވާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. ” ނުހާ ކާކަށް މިގަޑީގަ ގުޅާނީ؟..އޭނަގެ އެއްވެސް ރައްޓެއްސެއްވެސް ނުހުންނާނެ…އެހެންނޫނަސް ރައްޓެއްސަކަސް މިއޮށް ދަންގަޑީގަ ގުޅާނީ ކާކު؟…” ފޯން ހިފައިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ލުފްޝާން ހުއްޓެވެ. ފަޅަން ފަށާފައި ހުރި ތުނބުޅީގައި އަތް ކާއްތާލަމުން ފޯންގައި ޝާމިލްގެ ނަމްބަރު ޖެހިއެވެ. ” ނޫން…އަހަރެން ނުހާއަށް ޝައްކު ކުރާކަށް ބޭނުމެއް ނޫން….އެކަމަކުވެސް…ކުރެވެމުން މިދާ ކުންހީތައްވެސް ބޭރު ކޮށްލެވޭނީ ޝާމިލް އަށް އެއްފަހަރު ނަމަވެސް ގުޅާލައިގެން…..” ތެޅެމުން ދިޔަ ހިތަކާއި އެކު ޝާމިލްއަށް ޑައިލް ކޮށްލިއެވެ. ކޯލް ވެއިޓިންގ އެރިތަން ފެނުމުން އެއައި ރުޅީގައި ފޯން ފިސްކޮށްލަންވެސް ލުފްޝާންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން ފުން ނޭވާއެއް ލަމުން މައްޗަށް ބަލައިލިއެވެ. އަދި މަޑުމަޑުން ލޯމަރާލިއެވެ.
-ނުނިމޭ-

23

7 Comments

  1. އަހުމަދު

    March 23, 2013 at 9:22 am

    ވަރަށް ސަޅި

    • xee

      March 23, 2013 at 11:56 pm

      ވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އިނގެ އަހުމަދު…..

  2. ނަޝާ

    March 23, 2013 at 9:36 am

    ހާދަ ކުރޭ.. ދިގު ކޮށްބަ ޕްލީޒް..

    • xee

      March 23, 2013 at 11:55 pm

      ނެކްސް ޓައިމް އިންޝާﷲ އިނގެ ނަޝާ….

  3. shixu

    March 25, 2013 at 3:36 pm

    ހާދަ ލަހުންނޭ އަނެއް ބައި އަންނަނީ

    • xee

      March 25, 2013 at 7:25 pm

      ސޮރީ ލަހުން އަޕް ކުރެވޭތީ…..

  4. layaa

    April 17, 2015 at 4:33 pm

    xee is the best

Comments are closed.