
އުމުރަށްވެސް އެކީގައި ވާނަމޭ…..18
ލުފްޝާން ރުޅި ކޮންޓްރޯލް ކުރުމުގެ ގޮތުން މައްޗަށް ބަލައިލަމުން ފުން ނޭވާއެއް ލިއެވެ. އަދި މަޑުމަޑުން ލޯމަރާލިއެވެ.
ހެނދުނު ސައިބޮއެ ނިމިގެން ތަށި ހިފައިގެން ފަރީނާ ތެދުވިއެވެ. އޭރު ނުހާ އިނީ އަދި ނުނިމިއެވެ. ތަށިދޮންނަން ސިންކް ކައިރީގައި މަޑުކޮށްލަމުން ފަރީނާ ނުހާ ގާތު އަހާލިއެވެ. ” ނުހާ..އަހަރެން ބުނީމެއްނު ދޯ މިރޭ ޝާމިލް ގެންނާނަމޭ….ނުހާވެސް މިރޭ ލުފްޝާން ގެނައްޗޭ..އޭރުން ވަރަށް މަޖާ ވާނެދޯ…” ސައިތަށިން ސައިފޮދެއް ބޮއެލުމަށްފަހު ތަށި މޭޒުމަތީގައި ބަހައްޓަމުން ނުހާ ފަރީނާއާއި ދިމާލަށް ބަލައިލިއެވެ. ” ހޫމމ..ކުރިންވެސް ހިތަށް އެރި ތިހެން…އެހެން ނޫނީ ފަރީ ޝާމިލް ގެނައިމަ އަހަރެން ހުންނަން ޖެހޭނީ އެކަންޏެއްނު…” ނުހާ ނުލަފާ ފާޑަކަށް ހީލިއެވެ. ނުހާ އެހެން ބުނުމުން ފަރީނާގެ އަނގައަށް ގޮތެއް ހަދާލިއެވެ. ” އެކަމަކު…ގެނެސް ކީއްކުރާނީ؟…” ފަރީނާ ތަށި ފޮހެލަމުން ބުނެލިއެވެ. ސައިބޮއެ ނިންމާލާފައި ތަށިތައް ހިފައިގެން ނުހާ ތެދުވިއެވެ. “ކުރާނެ ކަންތައް ހުންނާނެ….އެންމެ ފަހަރަކުވެސް ޝާމިލް މިގެއަށް ގެނެސްބަލަ….ފަރީ…އެއްޗެއް އަހާލަންތަ؟…” ނުހާ ވަރަށް ނޫންކަމަށް ހަދާފައި ބުންޏެވެ. ނުހާ ތަށިދޮންނަން ތަންދެމުން ފަރީނާ އާއެކޭ ބުނެލިއެވެ. “ފަރީ…ޝާމިލްދެކެ ލޯބިވޭތަ؟….” ކުއްލިއަކަށް ނުހާގެ ފަރާތުން އެކަހަލަ ސުވާލެއް އަތުވެދާނެ ކަމަކަށް ފަރީނާ ހުރީ އެއްގޮތަކަށްވެސް އުއްމީދުކޮށްގެންނެއް ނޫނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ މާޔޫސްކަމަކަށެވެ. ކުރެވެމުން ދިޔަ އިޙްސާސްތައް ފޮރުވުމަށްޓަކައި ނުހާއަށް ފުރަގަސް ދިނެވެ. ނުހާ ވަކިވަރަކަށް ހީލިއެވެ. “އައްދެ މީހާދަ ލަދުރަކި ކުއްޖެކޭދޯ…އޯކޭ…ޖަވާބު ލިބިއްޖެ….” މިހެން ބުނެފައި ނުހާ ހިނގައިގަތެވެ. ނުހާ ދިޔުމުން ފަރީނާއަށް ހުރެވުނީ އިރުކޮޅެއް ވަންދެން ގަބުވެފައެވެ. ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ފަރީނާ ހިނގައިގަތީ ޒާހިދާގެ ކޮޓަރި އާއި ދިމާލަށްށެވެ.
ލުއިލުއި ފިޔަވަޅު ތަކެއްގައި ހިނގާލާފައި ގޮސް ފަރީނާ ޒާހިދާގެ ކޮޓަރިއަށް ވަނެވެ. އޭރު ޒާހިދާ އޮތީ އެނދުމަތީގައި ފޮތެއް ހިފައިގެން އޮށޯވެލައިގެންނެވެ. ފަރީނާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމުން ޒާހިދާއަށް ކޮންމެވެސް ގޯސްވީކަން އެނގުނެވެ. އަވަސް އަވަހަށް ފޮތް ބާއްވަމުން އެނދުން ތެދުވެ އަހާލިއެވެ. ” ފަރީ ކިހިނެއްވީ އަނެއްކާ؟..” ޒާހިދާ ފަރީނާގެ ކައިރިއަށް އައިސް ހުއްޓުނެވެ. ފަރީނާ ހުރީ ދެއަތަށް މޮޑެލަމޮޑެލައެވެ. ބުނަން އައި ވާހަކަ ޒާހިދާ ގާތު ބުނާނެ ގޮތެއް ނޭނގޭތީއެވެ. ފަރީނާ އެއްޗެކޭ ނުބުނެ ހުރުމުން ޒާހިދާ ފަރީނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “ފަރީ…ކިހިނެއްވެފަތަ ތިހުންނަނީ ފާޑަކަށް ގަބުވެފަ..ބުނެބަލަ…” ފަރީނާ ޒާހިދާގެ ލޮލަށް ބަލައިލިއެވެ. “ޒާހިދައްތާ…ޝާ..ޝާމިލް..” ފަރީނާއަށް ހިންދިރުވާލެވުނެވެ. ޒާހިދާ ވާނުވާ ނޭނގުމުން އަނެއްކާވެސް ވަރަށް ބާރަށް ފަރީނާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ” ޝާމިލް ކިހިނެއްވީތަ؟..ކީކޭތަ ތިކިޔަނީ؟…” “އަހަރެން…ޝާމިލް…އަހަންނަށް ޝާމިލް… އަހަންނަށް ޝާމިލްދެކެ ލޯބިވެވިއްޖެ…” ފަރީނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައި ގަތެވެ. ފަރީނާގެ އެބަސްތަކުން ޒާހިދާއަށް ހީވީ އޭނާގެ ގައިގައި މީހަކު އަލިފާން ޖެއްސި ހެންނެވެ. ފަރީނާގެ ދެކޮނޑުގައި ހިފާ ޒާހިދާ އާއި ދުރަށް ކޮށްޕާލިއެވެ. ” ފަރީނާ….ފަރީނާއަށް އިނގޭތަ ތިކިޔޭ އެއްޗެއް…” ޒާހިދާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޝާމިލް ދެކެ ލޯބިވާ ވާހަކަ ބުނެފިއްޔާ މިގޮތަށް ކަންތައް ވާނެކަން ފަރީނާއަށް ކުރިންވެސް އެނގުނެވެ. ފަރީނާ ރޮމުން ދިޔައެވެ. ” އާން އަހަންނަށް ޝާމިލް ދެކެ ލޯބިވެވިއްޖެ… އެހެންވެ ކަންތައްތައް ގޯސް ނުވަނީސް އަވަހަށް ޒާހިދައްތަ ގާތު މިބުނީ…” ފަރީނާ އެހެން ބުނަމުން ޒާހިދާގެ އަތުގައި ހިފާލިއެވެ. ޒާހިދާ ދެލޯބޮޑުކޮށްލަމުން ފަރީނާގެ އަތް ފޮޅުވާލިއެވެ. “އަތް ނުލާ…. އަހަންނަށް ކުރިންވެސް ޝައްކުވިއޭ…އަދި މިފަރީނާ ޝާމިލްދެކެ…” ޒާހިދާ ބުނަން އުޅުން ޖުމްލަ ފުރިހަމަ ކުރަންވެސް އޭނާ ބޭނުން ނުވި ކަހަލައެވެ. ޒާހިދާ ފަރީނާގެ ކައިރިއަށް އައިސް ހުއްޓުނެވެ. “ބުނަންތަ ރަނގަޅު ވާހަކަ އެއް…ފަރީނާ ޖެހޭނީ ލުފްޝާން އާއި އިންނަން…ޝާމިލް އާއި އިނދެގެން އެއްވެސް އުފަލެއް ފަރީނާ އަކަށްވެސް އަދި އަހަންނަކަށްވެސް ނުލިބޭނެ…..” ފަރީނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްއަތުން ފުހެލިއެވެ. “އެއީ ކީއްވެ… އަދި އެއްވެސް ކަމެއް ގޯހެއްވެސް ނުވޭ…. ދެން އަހަރެން ބޭނުމެއް ނޫން ނުހާ އާއި ލުފްޝާން ދުރުކުރާކަށް..އެދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވޭ… ހަމަ އެގޮތަށް އަހަންނަށް ހަމަ ޔަޤީން ޝާމިލްވެސް އަހަރެން ދެކެ ލޯބިވާކަން… އަދި އަހަރެންވެސް މިހާރު ޝާމިލްދެކެ ވަރަށް ލޯބިވޭ…” ފަރީނާއަށް ބުނެވުނީ ހަމަ އެކަނި މިހާ ހިސާބަށްށެވެ. ޒާހިދާ ހަޅޭއްލަވައިގަތެވެ. “ހުއްޓާލާ…ކޮން ލޯތްބެއްތަ؟….މި ޒަމާނަކު ތިޔަ ބުނާ ލޯތްބެއްގެ ބާރެއް ނުހިނގާނެ… މިހާރު ހުރިހާވެސް އެއްޗަކީ ފައިސާއޭ…” ޒާހިދާގެ އަތުގެ އިނގިލިތައް ފަރީނާގެ ލޯ ކުރިމަތީގައި ތަޅުވާލިއެވެ. ފަރީނާއަށް ޒާހިދާ އާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ” ޒާހިދައްތައަށް އެނޫން އެއްޗެއް ހަމަ ނުފެންނަނީތަ؟… އަބަދުވެސް ޒާހިދައްތަގެ ހިތާއި ސިކުނޑީގަ ތިވަނީ ފައިސާ، މުދާ، ގެ…. ބަލަ ލޯބިވެސް އެއީ އޮންނަ އެއްޗެކޭ…” ޒާހިދާ ނުލަފާ ފާޑަކަށް ހީލިއެވެ. “ހެހެހެ….އާން….ތިހެން ބުނާ މީހާ ފުރަތަމަ ވިސްނާލަބަލަ…..ކޮންމެހެން އަހަންނަށް ލޯބި ދަސްކޮށްދޭން އުޅޭނެ ކަމެއްނެތް…. ބަލަ ފަރީނާ އެއް ނޫންތަ ފައިސާގެ ބޭނުމުގަ ފިރިހެނަކާއި އެއްކޮށް އެއްދާން ކުރީ….” ޒާހިދާ އެހެން ބުނުމުން ފަރީނާގެ ގައިން ހީބިހި ނަގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގުމުން ދޫބަންދުވި ކަހަލައެވެ. ޒާހިދާ އަނެއްކާވެސް ޖަހާލީ ނުލަފާ ޒާތުގެ ހިނިގަނޑެކެވެ. ” ކީއްވެ އަނގަ ބަންދުވީ….މިހާރު ކޮބާ ތިބުނާ ލޯބި…ބުނަންތަ ރަނގަޅު ވާހަކައެއް… ދެން ވެސް އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ… އެހެން ނޫނީ ފަރީނާ އަށް ފައިސާ އާއި ލޯބި ތެރެއިން އެކައްޗެއްވެސް ނުލިބި ހުރެދާނެ…އަހަރެންގެ ރޭވުން ކާމިޔާބު ވިޔަދީ….އެހެންނޫނީ އަހަންނަށް މަޖުބޫރު ވެދާނެ ޝާމިލްގާތު ފަރީނާގެ ހަޤީޤަތް ކިޔައިދޭން…އޭރުން ފަރީނާއަށް ލޯބިވެސް ގެއްލުނީ….” ފަރީނާއަށް ޒާހިދާ އެއީ ކޮންކަހަލަ މީހެއްކަން ހަމަ ރަނގަޅަށްވެސް އެނގެއެވެ. އޭނާ ބުނެފި ކަމެއް ކުރާނެއެވެ. އެހެންކަމުން އިތުރު އެއްޗެކޭ ނުބުނެ ބާރު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާ ކޮޓަރިން ނުކުމެ ވަރަށް ބާރަށް ދޮރު ޖެހިއެވެ. ފަރީނާ ދިޔުމުން ޒާހިދާގެ ބުމަ ގޮށް ޖަހާލިއެވެ. ” ހުއް..އަދި އެބަ މަށަށް ރުޅި ބާލައެއްނު… ފަރީނާއަށް ހަމަ ޖެހޭނީ ލުފްޝާން އާއި އިންނަން…. ނުހާއަށް ޖެހޭނީ ލުފްޝާން އާއި ދުރަށް ދާން…” ޒާހިދާ ހިނިގަނޑެއް ޖަހާލިއެވެ.
“ހަލޯ…ލުފްޝާން…ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ނުހާ ލުފްޝާން އަށް ގުޅާލިއެވެ. ” ނުހާ ރޭގަ ކީއްވެ ފޯން ނުނެގީ….” ލުފްޝާންއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެވެ. ” ވަރަށް ވަރަށް ބޮޑަށް ސޮރީ….އެއީ ޝާމިލް ގުޅާފަ ހުރީމަ…އެފަކީރު ފަރީނާ މަތިން ހަނދާންވާ ވަރުން ނުނިދިގެން ގުޅީ…” ނުހާ ކުޑަކޮށް ހީލިއެވެ. “ދެން ފަރީނާ އަކަށްނު ޝާމިލް ގުޅާނީ….ނުހާއަކަށް ނޫނެއްނު…” ލުފްޝާން ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ އަޑުން ހަމަ ރަނގަޅަވެސް ހާމަވެއެވެ. ނުހާ އަށް އެކަން ވަރަށް ރަނގަޅަށް ފާހަގަ ކުރިއެވެ. ” އައްދެ ލުފްޝާން ރުޅި އައީތަ؟… ވަރަށް ބޮޑަށް ސޮރީއޭ… ޝާމިލް ފަރީނާއަށް ޕްރޮޕޯސް ކުރާނެ ރަނގަޅު ގޮތެއް ހޯދާލަން ވެގެން ގުޅީ… ދެން ތި ރުޅި މަޑުކޮށްބަލަ…ޕްލީޒް…ފަހުން ޝާމިލް ފޯން ބޭއްވީމަ އުޅުނިން ލުފްޝާން އަށް ގުޅަން.. އެކަމަކު ދެން މާލަސް ވެފަ ހުރީމަ ނުގުޅީ….”‘ ނުހާ ތެދުތެދަށް ކިޔައިދިނެވެ. ލުފްޝާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. “އޯކޭ ދެން… އަސްލު ކީއްވެ މިގަޑީގަ ތިގުޅީ…މިބުނީ މާހެނދުނަކާ…” ނުހާ ހީލަމުން ބުނެލިއެވެ. ” ރޭގަ ތިއަޑު ނީވުނީމަ ހަމަ އަޑު އަހާލަން ވެގެން…ހެހެހެ.. އަސްލު ގުޅާލީ މިރޭ އާދެވޭނެހޭ އަހާލަން ވެގެން…” ގޮނޑިން ތެދުވެގެން ގޮސް އެނދުމަތީގައި ނުހާ އިށީންދެލިއެވެ. “އާން ކީއްވެ ނުދެވެންވީ…..ކިހާއިރަކު؟…” ލުފްޝާން އާއި ނުހާ އެތައް އިރެއް ވަންދެން ފޯނުން ވާހަކަ ދެއްކިއެވެ.
“ފަރީ ހާދަ މަޑަކުން ތި އިންނަނީ….” ޝާމިލް އިނީ ފަރީނާ އާއި ދާދި ގާތުގައެވެ. އޭގެ އަނެއް ފަރާތުގައި ސޯފާގައި ލުފްޝާން އާއި ނުހާ އިނެވެ. ޒާހިދާ ހުރީ އެމީހުންނަށް ނުފެންނަ ގޮތަށް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހާށެވެ. ނުހާ އާއި ލުފްޝާން އިނީ އެދެމީހުންގެ އަމިއްލައަށް ވާހަކަ ދައްކަން ހެވިފައެވެ.
ޝާމިލް އަނެއްކާވެސް މަޑުމަޑުން ފަރީނާ ގާތު އަހާލިއެވެ. “ފަރީ…ކޮންމެވެސް ކަމެއް ވެފަދޯ މިރޭ ތިއިނީ…އަހަރެން ކައިރީގަ އަންނާށޭ ކިޔާފަ ހާދަ މަޑަކުން ތިއިންނަނީ…ފަރީ ތިގޮތަށް އިންނަންޏާ އަހަރެން ދަނީ…” މިހެން ބުނަމުން ޝާމިލް ކޮޅަށް ތެދުވަން އުޅުނެވެ. އެހެންނަމަވެސް ފަރީނާ ޝާމިލްގެ އަތުގައި ހިފަހައްޓާލިއެވެ. ” ނޫން…ޝާމިލް ނުދޭ…” ފަރީނާއަށް މިހެން ބުނެވުނީ ބޭއިޙްތިޔާރުގައެވެ. ފަރީނާއަށް ޝާމިލްގެ ލޮލަށް ބަލައިލެވުނެވެ. “ޝާމިލް….އަހަންނަށް މަޢާފް ކުރޭ… އަހަރެން ލައްވާ ޒާހިދައްތަ ކުރުވަން އުޅޭ ކަންތައް އަހަރެން ޝާމިލްއަށް ކިތަންމެހާވެސް ރަނގަޅަކަށް ކިޔައިދޭން ބޭނުން… އެކަމަކު އަހަންނަށް މަޖުބޫރު މިގޮތަށް ކަންތައް ކުރަން…. އަހަރެން ޝާމިލް އަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން…” “ފަރީ..ފަރީީ…” ފަރީނާ ސިހިގެން ދިޔައީ ޝާމިލްގެ އަޑަށްށެވެ. ” ކިހިނެއްވީތަ ފަރީ؟…” ފަރީނާ އެއްވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލިއެވެ.
” އަހަރެން އެބަ އަންނަން…” ލުފްޝާން ގާތުގައި ނުހާ އެހެން ބުނަމުން ތެދުވެ ބަދިގެއާ ދިމާލަށް ދިޔައެވެ. ނުހާގެ ފަހަތުން ޝާމިލްވެސް ހިނގައިގަތުމަށް ތެދުވިއެވެ. ” ނުހާ..ފެން ތަށްޓެއް ލިބިދާނެތަ؟..” ނުހާ ހީލަމުން އަތުގެ އިޝާރާތުން އޭނަ އާއި އެކު އައުމަށް އެދުނެވެ. ނުހާ އާއި ޝާމިލް ދިޔަހެން ހީނުވެ ޒާހިދާ ތަންވަޅު ބަލާފައި ލުފްޝާން އާއި ފަރީނާގެ ކައިރީގައި ސޯފާގައި އިށީންނެވެ. ” ކޭކު ލިބޭނެ ބަރާބަރު އެގާރަގަޑި ސާޅީސް ފަހެއްގަ…ލުފްޝާން ވެސް އެގަޑީގަ އަންނަން އެހަށް ދާން ވީނު… ” މަކަރުވެރި ގޮތަކަށް ޒާހިދާ ލުފްޝާން އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ފަރީނާ އިނީ ފާޑަކަށް ޒާހިދާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަނގަ މަޑުލައިގެން އިންނަން ޒާހިދާ ވަނީ ފަރީނާއަށް މަޖުބޫރުކޮށްފައެވެ. އެހެން ނޫންނަމަ މިރޭ ޒާިހާގެ އެރޭވުން ކާމިޔާބު ވިޔަކަ ނުދޭނެއެވެ. ޒާހިދާ އެހެން ބުނުމުން ލުފްޝާން ހީލިއެވެ. އެއީ ފުރަތަމަ ފަހަރަށްވެސް ލުފްޝާން ޒާހިދާ އާއި ދިމާލަށް ބަލައިލާފައި ހީލި ފަހަރެވެ. ” އެހެންވިއްޔާ އަހަރެން އެބަ އަންނަން ނުހާ ގާތު ގެއަށް ދާ ވާހަކަ ބުނެފަ…” އެހެން ބުނަމުން ލުފްޝާން އެތަނުން ތެދުވިއެވެ.
“އަހަރެން ކޮންމެހެން މިތަނަށް މިއައީ ފެންބޯކަށް ނޫން…އަޅެ ނުހާ..އަހަރެން ހަމަ ފަރީ ގާތު ލޯބިވާ ވާހަކަ ބުނަންވީތަ؟..އެކަމަކު ކިހިނެއްތަ ބުނާނީ…” ނުހާގެ ފަހަތުން ދަމުން ޝާމިލް ބުނެލިއެވެ. ނުހާ ޝާމިލްގެ ކޮނޑުގައި ޖަހާލިއެވެ. “މީ ހަމަ ފައްކާ އަންހެނެއް…ހޫމމ..އަހަރެން ބުނާގޮތަށް ހަދާބަލަ..ކެރޭނެތަ.. އޭނާގެ ކުރިމަތީގަ އެއްފައި މައްޗަށް އިށީންދެފަ ބުނެބަލަ އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ….އަހަންނާ އިންނާނަންތަ؟…ހަމަ ދިވެހި ފަށުވި އިބާރާތުން…ހެހެހެ…އަޅެ..ޓްރައި ކޮށްބަލަ…” ނުހާ އެހެން ބުނުމުން ޝާމިލް ރަކިގޮތަކަށް ހީލަމުން ނުހާގެ ކުރިމަތީގައި އިށީންދެލިއެވެ. ބޯކަހާލަމުން އޭނާގެ ޑައިލޮގް ޖެއްސިއެވެ. “އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ.. އަހަންނާ އިންނަން ކެރޭނެތަ؟..” ނުހާގެ އަތުގައި ހިފާލަމުން ޝާމިލް ނުހާއާއި ދިމާލަށް ބަލައިލިއެވެ. ނުހާ ހީލިއެވެ.
ބަދިގެއަށް ވަންނަން އައި ލުފްޝާންއަށް ނުހާއާއި ޝާމިލް ފެނިފައި އޭނާގެ ފިޔަވަޅަށް ހުއްޓުން އެރި ކަހަލައެވެ. ދެން ފިޔަވަޅު އަޅަންވީ ކުރިއަށް ކަމެއް ނޫނީ ފަހަތަށް ކަމެއް ލުފްޝާން އަކަށް ނޭނގުނެވެ.
-ނުނިމޭ-