ގަޑިން ރޭގަނޑު އަށްގަޑި ފަނަރަވަނީއެވެ. އަތިރިމަތީގައި ފަރީނާ ހުރީ ހަށަމް ބަނދެލައިގެންނެވެ. ރާޅުފަށުގެ އަޑުން މުޅި މާޙައުލަށްވަނީ ރީތި ފުރިހަމަ މިޔުޒިކެއްގެ އަޑު ގުގުމާލާފައެވެ. އިރުއިރުކޮޅާ ޝާމިލް އާދޭތޯ ދެފަރާތަށް ބަލައިލެވެއެވެ. ރާޅުފަށުގައި ހުސްފަޔާ ހިނގާލުމަށް ފަރީނާގެ ހިތް އެދުނެވެ. ފައިވާން އަތުން ހިފައިގެން ގޮސް އެއްގަމަށް އެރީ ގަހެއްގެ ކައިރީގައި ބެހެއްޓުމަށްށެވެ. ގަސް ކައިރީގައި ފައިވާން ބެހެއްޓުމަށްޓަކައި ގުދުވެލިތަނާ މީހަކު ވާހަކަ ދައްކާއަޑު އިވުނެވެ. އެއަޑު އިވުމުން ސިހިފައި ދެފަރާތަށް ބަލައިލެވުނެވެ. އެއީ ފިރިހެނަކާއި އަންހެނެއްގެ ވާހަކަ ދެއްކުމުގެ އަޑުކަން ފަރީނާއަށް ޔަޤީނެވެ. އެއަޑު ތަކަކީ ފަރީނާ ފުދޭވަރަކަށް ދަންނަ އަޑުތަކަކަށް ވާތީ އެއަޑު އަންނަ ދިމާ ހޯދަން ފެށިއެވެ. ވަކި ހިސާބަކަށް ހިނގާލެވުނުތަނަކާ އަތިރިމަތީގެ ވެލިގަނޑު މަތީގައި އަންހެނަކާއި ފިރިހެނަކު އިށީންދެލައިގެން ތިއްބާ ފެނުނެވެ. އަންހެން ކުއްޖާއިނީ ފިރިހެން ކުއްޖާގެ ކޮނޑުގައި ބޯ އަޅާލައިގެންކަން ފަހަތުން އެނގެއެވެ. އެހެންނަމަވެސް އެއީ ކޮން ބައެއްކަން މާސާފުވާ ގޮތަކަށް ނުފެނެވެ.އެހެންކަމުން މާބޮޑު ފަރުވާލެއް ނުބަހައްޓާ ފަރީނާ އަނބުރާލާފައި ދާން ހިނގައިގަތެވެ. “ލުފްޝާން..އަހަރެން ދެން ކިހިނެއް ހަދާނީ…” ފަރީނާގެ ފިޔަވަޅަށް ހުއްޓުން އެރީ ނުހާގެ އަޑު އިވުމުންނެވެ. ދެލޯބޮޑުކޮށްލަމުން އަނެއްކާވެސް އެމީހުންނާއި ދިމާލަށް ބަލައިލެވުނެވެ. ޔަޤީންކޮށްލުމަށެވެ. ” ނުހާ..” ފަރީނާއަށް މަޑުމަޑުން ބުނެލެވުނެވެ. ބޮނދަމުން ކަހަލަ ގޮތަކަށް އެބައެއްގެ މޫނު ފެނޭތޯ އެއްފަރާތެއްގައި ހުރި މަގޫ ގަސްތަކެއްގެ ފަހަތަށް ވަދެ ފިލިއެވެ. އެތަނުން ހަމަ ރަނގަޅަށްވެސް ނުހާގެ މޫނު ފެނުނެވެ. ލުފްޝާންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ނުހާ ރޮމުން ދިޔައެވެ. “ނުހާ..ކީއްވެ އެރޮނީ..އަނެއްކާ ކިހިނެއްވީބާ؟..” ފަރީނާގެ ހިތަށް އެވަގުތު އެތަކެއް ސުވާލުތަކެއް އަރާފައިބަމުން ދިޔައެވެ. އަވަސް އަވަހަށް ފޯން ނަގާ ޝާމިލްއަށް މެސެޖެއް ކޮށްލިއެވެ. އަދި ފޯން ސައިލެންޓަށް ލަމުން ނުހާމެން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން މަޑުކޮށްލިއެވެ.
ލޯގަނޑު ކުރިމަތީގައި ހުރެގެން ޝާމިލްއަށް ވެވުނު ވަރަކުން ރީތި ވެލިއެވެ. ބޮލުގެ ހެއަރސްޓައިލް ވެސް މިރޭ އެހެން ގޮތަކަށް ބަދަލުކޮށްލިއެވެ. ގައިން މީރުވަސް ދުއްވާލުމަށްޓަކައި ސެންޓު ފުޅި ނަގާ ޖަހާލިއެވެ. އަނގައިން މަޑުމަޑުން ލަވައެއްވެސް ކިޔާލަމުންނެވެ. ފަރީނާ އާއި އެކަނި ބައްދަލުކޮށްލެވޭތީ ޝާމިލް ހުރީ އިންތިހާއަށް އުފާވެފައެވެ. އިރުކޮޅަކުން ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ. ފަރީނާގެ މެސެޖެއްކަން އެނގުމުން އަނގައިގައި ހުރި ހުރިހާ ދަތެއް ފެނުނެވެ. މަޑުމަޑުން މެސެޖް ކިޔާލިއެވެ. “ޝާމިލް..ވަރަށް ބޮޑަށް ސޮރީ..މިރޭ ކުޑަކަމެއް ޖެހިގެން ބިޒީވީ..ދެން މިރެއަކު ނޫން ދޯ..މާދަމާރޭ އިނގެ..” މެސެޖް ކިޔާލުމާއިއެކު ވަގުތުން ޝާމިލްގެ މޫނުމަތީގެ އުޖާލާކަން ގެއްލިގެން ދިޔައެވެ. ދެއަތް އެލުވާލައިގެން ހުރެ ގޮސް އެނދުމަތީގައި އިށީންދެލިއެވެ. ކުރެވުނު ހުރިހާ އުއްމީދެއް ފެނަށް ދިޔަ ކަހަލައެވެ.
“ނުހާ..ދެން ނުރޮއެބަލަ..ޕްލީޒް..އަހަންނަށްޓަކައި ނަމަވެސް ހުއްޓާލަބަލަ…” ލުފްޝާން ނުހާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ލުފްޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމުގެ ކުލަވަރެއެވެ. ނުހާ އާއި ވާހަކަ ދައްކައިގެން ހަމައަކަށް އެޅުވުން ނޫން ގޮތެއް ލުފްޝާން އަކަށްވެސް ނެތެވެ. “ލުފްޝާން..އަހަރެން ނުރޯން ވަރަށް މަސައްކަތް ކުރަމޭ..އެކަމަކު ކުއްލިއަކަށް އެއީ އަހަރެންގެ މަންމަނޫންކަން އެނގުނީމަ އަހަރެން ހާދަ ދެރައެއްވެޔޭ…އަހަރެން މިއީ އޭނަގެ ދޮންދަރިއެއް ކަމަށްވީމަ ކަންނޭނގެ އަހަރެން ދެކެ އެމަންމަ އެހާ ރުޅި އަންނަނީދޯ…” ކުޑަކުއްޖަކު ފަދައިން ރޮމުން ނުހާ ވާހަކަ ދައްކަމުން ދިޔައެވެ. ނުހާގެ ޖުމްލައިން ފަރީނާގެ ދެލޯ ބޮޑުވެގެން ދިިޔައެވެ. ” ކިހިނެއް ނުހާއަށް ޒާހިދައްތަ އެއީ އޭނަގެ ދޮންމަންމަކަން އެނގުނީ…” ޝައުޤުން ފުރިފައިވީ ގޮތަކަށް އަނެއްކާވެސް ފަރީނާ ނުހާމެންނާ ދިމާލަށް ބަލައިލިއެވެ. ލުފްޝާން ނުހާގެ މޫނުގައި ދެއަތުން ވަރަށް ލޯބިން ހިފާލަމުން ނުހާގެ މޫނުގައި ބީހެމުން ދިޔަ ކަރުނަތައް ފުހެލަދިނެވެ. ” ނުހާ..ދޮގު ނުހަދާ ބުނައްޗޭ..އަދިވެސް ނުހާގެ މަންމަ ކުރިން ކަންތައް ކުރި ގޮތައްތަ މިހާރު ނުހާއާއި ދޭތެރޭ ކަންތައް ކުރަނީ..” ނުހާ ލުފްޝާންގެ ދެލޮލަށް ބަލައިލިއެވެ. އެދެލޮލުން ނުހާ އާއި މެދު ވިސްނާވަރު ހާމަވެއެވެ. “ނޫން..މިހާރު ކުރިއާއި ވަރަށް ތަފާތު..ވަރަށް ރަނގަޅު….އެކަމަކު..” ނުހާ އިސްދަށަށް ޖަހާލިއެވެ. “އެކަމަކު ކިހިނެއްވީ..” ލުފްޝާން އޯގާތެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައެވެ. “އެކަމަކު..މަންމަ ކީއްވެ މިހާ ދުވަސްވީއިރުވެސް އެސިޓީ އަހަންނަށް ނުދެއްކީ… ” ނުހާގެ ޝަކުވާއަކަށް ވީ ޒާހިދާ އެސިޓީ ނުހާއަށް ނުދައްކާ ފޮރުވުމުންނެވެ. “ވެދާނެއެއްނު ނުހާގެ ބައްޕަ އެބުނާ ވަސިއްޔަތުގެ ވާހަކަ ބުނެފައި އިނީމަކަމަށް…” ލުފްޝާން ކުޑައިރުކޮޅަކު ވިސްނަން އިނުމަށްފަހު ބުނެލިއެވެ. “ކީއްވެ ތިހެން ތިބުނީ..” ނުހާއަށް ލުފްޝާން އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ލުފްޝާން ނުހާގެ ދެއަތުގައި ހިފާލިއެވެ. “މިބުނީ…އެވަސިއްޔަތުގައި އޮތީ ނުހާގެ ނަން މައްޗަށް ތިގޭ ރަޖިސްޓްރީ ކުރި ވާހަކަ…އެކަމަކު ނުހާގެ ދޮންމަންމަ ބޭނުން ނުވަނީ ކަންނޭނގެ އެކަން ނުހާއަށް އެނގެން.. އެނގިއްޖެދޯ މިބުނި އެއްޗެއް…” ނުހާއަށް ޤަބޫލުކުރަން އުނދަގޫވިނަމަވެސް ލުފްޝާން ބުނި ވާހަކަ އާއި ދެކޮޅު ހެދޭކަށްވެސް ނެތެވެ. ނުހާ ދެރަވެފައި އިނުމުން ލުފްޝާން ބުނެލިއެވެ. “ދެން ތިހެން ދެރަވެފަ ނުހުންނާތި…އެކަމާވެސް އެހާވަރަށް ނުވިސްނައްޗޭ ޕްލީޒް…” ނުހާމެން އެތަނުން ތެދުވަން އުޅޭހެން ހީވުމުން ފަރީނާ ސިއްރުސިއްރު އަވަސް އަވަހަށް އެތަނުން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
ނުހާ ތެދުވެ ގައިން ވެލިފޮޅާލާފައި ހިނގައިގަތެވެ. ލުފްޝާން އެއްލިއަތުން ނުހާގެ އަތުގައި ހިފިއެވެ. “ނުހާ…އެހަށް މަޑުކޮށްބަލަ…” ލުފްޝާން އެހެން ބުނުމުން ނުހާ މަޑުކޮށްލިއެވެ. ލުފްޝާން ނުހާގެ ދެއަތުގައި ހިފާލިއެވެ. ” ނުހާއަށް ތިހުރިހާ ކަމެއް އެނގުނުކަން ނުހާގެ ދޮންމަންމަ އަދި ފަރީނާއަށް ވެސް އެނގުނަ ނުދެއްޗޭ… ހަމަ ކުރިންވެސް އުޅުން ގޮތަށް ހަމަ ނޯރމަލްކޮން އުޅޭނީ އިނގެ…” ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އުނހު..ތިގޮތެއް ކަމަކު ނުދޭ…ދަތްކޮޅު ވެރުނީތަ؟..ދަތް ނުދައްކަން ތިހުންނަނީ…” ސަމާސާ ގޮތަކަށް އެހެން ބުނުމުން ރަކިގޮތަކަށް ނުހާ ހީލިއެވެ. “ޔާ ދެޓްސް ވަޓް އައި ވޯންޓެޑް..” ލުފްޝާން ނުހާގެ ކޮލުގައި ހިފާ ތަޅުވާލިއެވެ.
“ހަމަ އަސްލުވެސް ޒާހިދައްތާ…ނުހާއަށް އެނގިއްޖެ…އަހަންނަކަށްވެސް ނޭނގެ ކިހިނެއް ކަމެއް އެނގުނީކީ…އެހެންވެދޯ މިއަދު އެހާ ފާޑަކަށް ހުރީ..ޒާހިދައްތަ އަކަށް އެކަމެއް ފާހަގައެއް ނުކުރެވޭތަ؟..” ފަރީނާ ޒާހިދާ ގާތު ނުހާމެންގެ ވާހަކަތައް އަޑު އަހާފައި އައިސް އެވާހަކަތައް އަލިފުން ޔާއަށް ކިޔައިދިނެވެ. ޒާހިދާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމަށްވުރެ ބޮޑަށް މާޔޫސް ކަމެވެ. “ދެން..ކިހިނެއް ހަދާނީ…އެހުސޭނުބެ އަތުގައި އެވަސިއްޔަތް އޮތްކަން ނުހާ އަށް އެނގިއްޖެއްޔާ އޭނަ އެހޯދަން އުޅޭނެ…ޒާހިދައްތަ މިއޮށް ހުރިހާ ދުވަހު މިއުޅެނީ އެކަން ސިއްރުކޮށްގެން….ފަރީނާ ދެން ކިހިނެއް ހަދާނީ…” ޒާހިދާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނެވެ. މުޅިގައި ފިނިވެގެން ތުރުތުރު އަޅާހެންވެސް ހީވެއެވެ. ފަރީނާ ޒާހިދާގެ ކޮނޑުގައި އަތްލަމުން ބުންޏެވެ. “އެބައޮތް ގޮތެއް….ނުހާ ދިޔުމުގެ ކުރިން އަހަރެމެން އެވަސިއްޔަތް ބަލައިދާނީ…..” ޒާހިދާ ފަރީނާގެ އަތް ކޮނޑުމަތިން ނެގިއެވެ. ” ޒާހިދައްތަ ކިތައް ފަހަރު ތިގޮތަށް ވިސްނައިފިން.. އެކަމަކު އެހުސޭނުބެ އަކީ މާބޯބޮޑު މީހެއް… ކޮންމެ ކޮންމެ މީހަކު އަތަކަށް ނުދޭނެ…އޭނައަށް ޒާހިދައްތަ އެނގޭނެއެއްނު…” ތުން ފިއްތާލަމުން ޒާހިދާ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. “ތިހެން ވިއްޔާ ތިކިޔާ ހުސޭނުބެ އެންމެ ފަހުން މިގެއަށް އައީ ކޮން އިރަކު…” ފަރީނާ އެހެން ބުނުމުން ފަރުވާ ކުޑްގޮތަކަށް ޒާހިދާ އަހާލިއެވެ. މޭޒުގައި އުޅަނބޮށި ވިއްދާލާފައި ނިތްކުރީގައި އަތް ޖައްސާލިއެވެ. ” ނުހާގެ ބައްޕަ ނިޔާވިފަހުން ދުވަސްކޮޅެއް ވަންދެން މިގެއަށް އައި…ކިހިނެއްވީ…” ފަރީނާ އެއްމިޔަކަނަށް ހީލަމުން ބުނެލިއެވެ. ” ތީގެ މާނައަކީ ނުހާ ބޮޑުވި ފަހަކުން މިގެއަކަށް ނާދޭދޯ…އެހެންވީމަ އޭނައަކަށް ނޭނގޭނެދޯ ނުހާ ވަކިކުރާކަށްވެސް…ދެން..” ނުލަފާ ފާޑަކަށް ހީލަމުން ޒާހިދާ އާއި ދިމާލަށް ފަރީނާ އެއްބުމަ އަރުވާލިއެވެ. ފަރީނާ އެބުނި އެއްޗެއް މާގިނަ އިރުތަކެއްް ނުވަނީސް ޒާހިދާއަށް ނަގައިގަނެވުނެވެ. “ދެން ތިބުނީ ނުހާއަށް ވެގެން ފަރީއޭ ދޯ ދާނީ..މިމަންޖެވެސް ހާދަ ބޯ ރަނގަޅުވެއްޖޭދޯ މިހާރު…” ޒާހިދާ ފަރީނާގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ދެންދަނީ އިނގެ..ބާއި..ލަވް ޔޫ..” ނުހާ މެންގޭ ދޮރުމައްޗަށް ލާފައި ލުފްޝާން ހިނގައިގަތެވެ. ލުފްޝާން ހިގައިގަތުމާއިއެކުހެން ހީލަމުން ނުހާ ގެއަށް ވަނެވެ. ތަންވަޅު ބަލާފައި ޒާހިދާ ލުފްޝާންގެ ފަހަތުން ހިގައިގަތެވެ. “ލުފްޝާން މަޑުކޮށްބަލަ…” ފޯނާ ކުޅެމުން ދަނިކޮށް މީހަކު ގޮވާލުމާއި އެކު ފޯން ޖީބަށް ލަމުން ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުން ޒާހިދާ އަންނަތަން ފެނުމުން ލުފްޝާންގެ މޫޑު ފާޑަކަށް ކުނިކޮށްލެވުނެވެ. “ލުފްޝާން..ކުޑަ ވާހަކައެއް ދައްކާލަން ވެގެން..ވަގުތުކޮޅެއް ދެވިދާނެތަ؟..” ޒާހިދާ ލުފްޝާން އާއި އަރާ ހަމަ ވުމުން ބުންޏެވެ. ފަރުވާ ކުޑަގޮތަކަށް ލުފްޝާން ބުނެލިއެވެ. “ހޫމމ..ބުނެބަލަ..” “އަންނަ އަންގާރަ އެއީ ނުހާގެ އުފަންދުވަހެއްނު… އެހެން ވީމަ މަންމަ އާއި ފަރީނާ މިގަސްތުކުރަނީ އެރޭ ބާރަ ޖަހާއިރު ނުހާއަށް ކުޑަވަރެއްގެ ނަމަވެސް ސަޕްރައިޒް އެއް ދޭން ވެގެން…ދެން އެރޭ ލުފްޝާން ވެސް އަންނަން ވީނު…އޭރުން ނުހާ ވަރަށް އުފާވާނެ..” ޒާހިދާ އެހެން ބުނުމުން ލުފްޝާން ކުޑަކޮށް ވިސްނާލިއެވެ. “ނުހާ އެބުނަނީ އަނެއްކާ ތެދެއްތަ؟..ޒާހިދާ ހަމަ ރަނގަޅަށްވެސް ބަދަލުވީތަ؟..އެކަމަކު ހާދަ ޤަބޫލު ނުކުރެވޭ…” “ލުފްޝާން..ކީކޭ މިކަމާ މެދު ބުނަނީ…” ލުފްޝާން އެއްޗެކޭ ނުބުނެ ހުރުމުން ޒާހިދާ ލުފްޝާން އަށް ގޮވާލިއެވެ. ” އާން.. ރަނގަޅު ޙިޔާލެއް…ދެން އަހަރެން ތިކަމާ ވިސްނާލާފަ އަންގާލާނަން…އޯކޭދޯ….މިވަގުތު އެހަށް ދިޔައީ އިނގެ…” ޒާހިދާ ހިނިތުންވެލިއެވެ. “މަންމަގެ މައްސަލައެއްނެތް…” އިތުރަށް މަޑު ކުރުމެއް ނެތި ލުފްޝާން ހިނގައިގަތެވެ. ލުފްޝާން އާއި ދިމާލަށް ބަލަހައްޓައިގެން ޒާހިދާ ހުރީ ނުލަފާ ފާޑަކަށް ހެވިފައެވެ.
-ނުނިމޭ-

18