Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 7

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
January 20, 2018 16 Mins Read
28 Comments

“ސުބުހާނައްﷲ.. އަޝްވާ އެކަނިވީމަ ފަލަ ކުލަބަށް އެހެންމީހުންވެސް ވައްދަން ދޯ ތިއުޅެނީ” އެވަގުތު އެތަނަށް އައި ކާއިންއަށް މޭޒުމަތި ފެނުމުން ހައިރާން ކަމާއި އެކީ ބުނެލިއެވެ. އޭނާއަށް ހުރިހާ އެއްޗެއް ހުސްނުވާނެތީ ކާއިން އައުމުން ޝަނުމް އޭނާއާއި އެކީ ބައިވެރިވެލުމަށް ދައުވަތު ދިނެވެ. ޝަނުމް ކާއިން ކެއުމުގައި ބައިވެރިކުރުވި ނަމަވެސް އަޝްވާ ކާއިން އެތަނަށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޝަނުމް ހުންނަ ތަންތަނުގައި ކާއިން އޭނާއަށް ކުރާ މަލާމާތް އިތުރުވާތީއެވެ. އަދި މިހާރު ޝަނުމްއާއި ކާއިންގެ އޮންނަ ގުޅުން ރަގަޅުވަމުން ދާތީއެވެ. އެއީ ކޮންމެހެން ރައްޓެހިވެގެން ކާއިން އުފައްދަމުންދާ ގުޅުމެއް ނޫން ކަން އަޝްވާ އަށް އެގެޔެވެ. ކާއިންގެ ބޭނުމަކީ އަޝްވާއަށް އޭނާއަކީ ޝަނުމްއަށްވުރެ ރަގަޅު މީހެއްކަން ސާތިބުކޮށްދިނުމެވެ.

“ޝަނުމް ގާލްފުރެންޑު އަހަރަމެންނަށް ނުދައްކަމެއްނު އަދި… ކޮން ނަމެއް ކިޔާ ކުއްޖެއްތަ ގެންގުޅެނީ” ނުސީދާކޮށް ނަމަވެސް އަޝްވާ ދެރަކޮށްލުމުގެ ނިޔަތުގައި ކާއިން ބުނެލިއެވެ.

“ގާލް ފުރެންޑެއް ނުހުރޭ އަދި. ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު މިކުރަނީ” ފަހު ޖުމްލަ ބުނުމުގެ ކުރިން އަޝްވާއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“އޭރުވެސް ބުނީމެއްނު ކާއިންހެން ނޫނޭ އެހެން މީހުން އުޅެނީ.. ” މޫނުން ޖެހިގެން އިން ކާއިންއާއި ދިމާލަށް ވައްތަރެއް ޖައްސާލަމުން އަޝްވާ ބުނެލިއެވެ.

“ލައިކް ވާ ކުއްޖެއް އެބަ ހުރިދޯ އެހެންވީމަ، ކޮން ނަމެއްތަ ކިޔަނީ ތިކުއްޖަކަށް” ސަމާސާ ގޮތަކަށް ހީލަމުން ކާއިން އަހާލިއެވެ.

“އެކުއްޖެއް ލިބުނު ދުވަހަކުން ނަން ބުނާނަން. އެހެންނޫނީ މީހުންގެ އެސްފީނާ ޖެހިދާނެއެއްނު” އަޝްވާގެ ނަން ހާމަ ނުކުރުމަށް ސަމާސާ ރާގަކަށް ޝަނުމް ބަހަނާއެއް ދައްކާލިއެވެ.

“ތިދުވަހަކުން ޝަނުމް ދެކެ ލައިކްވާ ކުދިން ކުދިންގެ ހިތް ހަލާކުވާނެ ދޯ” އަޝްވާ އޭނާގެ ފައިގައި ވިކައިގަތުމުން ހުނުން ކޮންޓުރޯލް ނުވެގެން ކާއިން އަނގަމަތީގައި އަތް އެޅިއެވެ.

“އަހަރެން ދެކެ ލައިކްވާ ކުދިން ކުދިންނޭ ކިޔާވަރުގެ ބައިވަރު ކުދިން ތިބި ކަމެއް ނުދެނަހުރިން” ކުޑަކޮށް ލޯ ކުޑަކޮށްލަމުން ޝަނުމް ބުނެލިއެވެ. އޭރު އަޝްވާ ލަދުން އިސްޖަހައިގެން އިނީ އޭނާގެ އަތުން ކާއިންއަށް މޭޒުގެ ދަށުން ހަމަލާ ދެމުންނެވެ.

“އެއް ކުއްޖެއްގެ ނަން މިހާރުވެސް ބުނެފާނަން…”

7

ކާއިންއަށް ބުނެވުނީ އެހާ ހިސާބަށެވެ. ދެން އިވުނީ އައްދިއްޔޯ އޭ ކިޔައި ބާރަށް ގޮވައިގަތް އަޑެވެ.

“ކާއިން ތަނަކަށް ތަދުވީތަ. ހިނގާ ގޮސް ކޮޓަރީގަ އޮށޯވެލަން” ކާއިންގެ އަނގަ ބަންދުކުރާނެ ގޮތެއް ހޯދަން އަޝްވާއަށް މަޖުބޫރުވިއެވެ. އެހެންނޫނީ ޝަނުމް ކުރިމަތީ އޭނާ ބޭޒާރުވެގެން ހިނގައިދާނެއެވެ.

“މިހާރު ރަގަޅު ވެއްޖެހެން ހީވަނީ… އައްދިއްޔޯއި” ކާއިންއަށް އިތުރު ބަހެއް ބުނަން ފުރުސަތު ނުދީ އަޝްވާ ކާއިންގެ ބުރަކަށީގައި ފިރުމާލާކަމަށް ހަދައިގެން ބާރަށް ވިކާލިއެވެ.

“ދެންވެސް ލަސްނުކޮށް އާދެބަލަ” ކާއިން އަތުގައި އޮތް ސަމްސާ ނަގަމުން އަޝްވާ ބުނެލިއެވެ. އަދި ކާއިންގެ އަތުގައި ހިފައި ތެދުކުރުވަމުން ކޮއްޕަމުން ކަހަލަ ގޮތަކަށް ގޮސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.

“ކާއިން، އެއްމެ ދުވަހަކު ސަމާސާ ނުކޮށް ހުއްޓަސް ކާއިން ގައިން އެއްބައި އުނިނުވާނެއޭ” އަޝްވާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަރެން މިއުޅެނީ އަޝްވާއަށް އެހީވެދޭކަށްނު. މިހާރުވެސް ޝަނުމް ފެންނައިރަށް ލަދުން ގޮސް މީހާ ހަލާކުވާވަރު ތިވަނީ.. ” ކާއިން ބުނެލިއެވެ.

“އަހަންނާއި ދިމާލަށް ފަލައޭ ކިޔައިގެން ކޮން އެހީއެއްތަ ވެވޭނީ. އަހަންނަށް ހީވަނީ ކާއިން ޖެލަސްވަނީހެން އަހަރެން ދެކެ ލޯބިވާ މީހެއް ލިބިދާނެތީ.. ކާއިންއެއްނު ބުނީ ދުވަހަކުވެސް އަހަންނާއި އިންނާނެ މީހަކު ނުވާނޭ” އަޝްވާ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“ޗެރީ އާއި ދިމާލަށް އަހަރެން ފަލައޭ ކިޔަސް ޗެރީ ދެކެ ހަގީގީ ލޯބިވާ މީހެއް ނަމަ ފަލަވުމަކީ އެއްވެސް މައްސަލައަކަށް ވެގެން  ނުވާނެ. މީހެއް ތިމާ ދެކެ ލޯބިވަމޭ ބުންޏަސް ބަލާތި އެމީހެއް އެލޯބިވަނީ ތިމާގެ ސޫރަ ދެކެ ތޯ ނޫނީ ތިމާގެ ނަފުސު ދެކެތޯ.. ސަބަބަކީ ރީތިކަމަކީ ދުވަހަކުވެސް ދާއިމަށް ލިބޭނެ ނިއުމަތެއް ނޫން. އެޔާއި ހިލާފަށް ނަފުސު ދެކެ ލޯބިވާ މީހެއް ކޮންމެ ހާލެއްގައި ތިމާ އުޅުނަސް އަބަދަށް އެލޯބި ވާނެ. ޗެރީ ތީ އަހަރެންގެ އެއްމެ ގާތް އެކަކު. ޗެރީއަށް ދެރައެއް ލިބޭތަން ދެކުމަކީ އަހަންނަށް ބަލަން ކުޅަދާނެ މަންޒަރެއް ނޫން. ޔޫ އާރ މައި ފެވްރިޓު ގާލް” އަޝްވާގެ އިސްތަށިގަނޑު ހާވާލަމުން ކާއިން ބުނެލިއެވެ. ހިތުގައި އަޝްވާއަށް ވާ އަޅާލުން ހާމަކޮށްލަމުންނެވެ.

“ހީވޭތަ ޝަނުމްއަށް އަހަރެން ކަމުދާނެހެން” އިރުކޮޅަކު ވިސްނަން އިދެފައި އަޝްވާ އަހާލިއެވެ.

“ހަމަ އެސުވާލުކޮށްފި އެއްނު އަނެއްކާވެސް. ޗެރީ އަހަރެންނަށް އަނިޔާނުކޮށް ހުރިނަމަ ތިސުވާލުގެ ޖަވާބު ޝަނުމްގެ ދުލުން ލިބުނީސް” އަޝްވާ ވިކި ތަނުގައި ފިރުމާލަމުން ކާއިން ބުނެލިއެވެ.

“ބިރުގަތީ.. ޝަނުމް ހިތްހަމަނުޖެހިއްޖެނަމަ އަހަރެން ވަރަށް ދެރަވާނެ” އިސްޖަހާލަމުން އަޝްވާ ބުނެލިއެވެ.

“ޝަނުމްއަށް ޗެރީ ކަމުނުގޮސްފިއްޔާ އަހަރެންވެސް މިހިރީނު. އައި ވިލް ލަވް ޔޫ އިނގޭ” އަޝްވާގެ ކޮނޑުގައި ހިފައި ސަމާސާ ރާގަކަށް ކާއިން ބުނެލިއެވެ.

“އެންޑް އައި ވިލް ހޭޓު ޔޫ… ހިނގާ ދާން.. ޝަނުމް ހުންނާނެ އެކަނިވެފަ” ކާއިންގެ އަތުގައި ހިފައި ތެދުކުރުވަމުން އަޝްވާ ބުނެލިއެވެ.

“ތިން މަސް ނުވޭ.. އެހާ އަވަހަށް އަހަރެންނަށް ކިޔަނީ އަޝްވާކަން ހަނދާން ނެތުނީތަ” ޝައިމްގެ ޕާޓީ އޮތްރޭގެ ފަހުން ކާއިން އަޝްވާއަށް ޗެރީގެ ނަމުން މުހާތަބުނުކޮށް ހުރެފައި މިރޭ އަނެއްކާވެސް އެނަމުން ކިޔަން ފެށުމުން އަޝްވާ ބުނެލިއެވެ.

“ވަރަށް އުދަގޫ އަޝްވާއޭ ކިޔަން. އަސްރާރު ބޭބެ ކައިރީ ބުނަން ވެއްޖެ ނަން ބަދަލުކުރަން އުޅޭށޭ” ކާއިން ހެވިފައި ބުނެލިއެވެ.

ކާއިން އާއި އަޝްވާ ވާހަކަ ދެއްކި ގޮތުން އެކުއްޖަކީ އަޝްވާ ބާއޭ ޝަނުމްގެ ހިތަށް އަރަމުން ދިޔައެވެ. އެހެންވާނެ ނަމަ ދެމީހުންގެ ހިޔާލު އެއްގޮތްވެ ޝަނުމްއަށް އޭނާ އަޝްވާ ދެކެ ވާ ލޯބި ހުށަހަޅަން ފަސޭހަވެގެން ދާނެއެވެ.

“އަހަރަމެން މާ ލަސްވީ ދޯ” ޝަނުމްގެ ހުސްވެފައިވާ ތައްޓަށް ކަޅިއެއް އެއްލާލަމުން ކާއިން ބުނެލިއެވެ.

“އާން ދެން ނިމުނީމި.. އަޝްވާ ދަނީއޭ..” އަޝްވާއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އިތުރު ބަހެއް ނުބުނެ ޝަނުމް ދިޔައެވެ.

ޝަނުމް ދިޔަ މަންޒަރު ބަލަން އަޝްވާއަށް ހުރެވުނެވެ.

“އަން މީގެން މަސްކޮޅެއް ކާލަބަ” ފިހެފައި އިން ފަރުމަހުން އެތިކޮޅެއް ނައްޓައި ކާއިންގެ އަގަޔަށް ލަވަމުން އަޝްވާ އަހާލިއެވެ.

“ހާދަ ކުޅިއޭ” ކާއިން ކައިރީގައި ހުރި ފެންތަށިން ފޮދެއް ބޯލަމުން ބުނެލިއެވެ.

“ހިޔެއް ނުވޭ ޝަނުމްއަށް ދުވަހަކުވެސް އަހަރެން ކަމުދާނެހެން. ކާކު ބޭނުންވާނީ މިހާ ނުބައި ކޮށް ކައްކާ މީހެއް” ނިތްކުރިމަތީ އަތް އަޅައިލައިގެން އަޝްވާ ގޮނޑީގައި އިށީނެވެ.

“އޭނައަށް އަޝްވާ ކަމުނުދިޔުމަކީ އޭނަގެ މޮޔަކަން. ހުރިހާ އެއްޗެއްވެސް ވަރަށް މީރު، ހަމައެކަނި ތަންކޮޅެއް ކުޅީ.. މިވަރަށް ކައްކައިގެން ޝަނުމްއަށް އަޝްވާ ފާހަގަވާ ވަރު ނުވިއްޔާ އަހަރެން ގޮސް ޝަނުމް ކައިރީ އަޝްވާ ލޯބިވާ ވާހަކަ ބުނާނަން. ތިހާ ވަރަށް ހާސްވެގެން ނޫޅޭ” ފުރަތަމަ އެޅި ބަތް ތަށި ހުސްކޮށްލުމަށްފަހު ދެވަނަ ފަހަރަށް ތައްޓަށް ބަތް އެޅިއެވެ. ދުވަސްކޮށްލާފައި ދިވެހި މީރު ކެއުމެއް ސުފުރާމަތިން ފެނުމުން މީހާ ހުރީ ކުޅު ދިޔާވެފައެވެ.

“ޝަނުމް ކައިރީ އަހަރެންގެ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އަހަރެން ތިހާ ދީވާނާވާ ހިސާބަށް ނުދޭ..

” ކާއިންއާއި ދިމާލަށް އިގިލި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ. އޭނާއަށް ޝަނުމް ކަމުދިޔަ ނަމަވެސް އެއީ ލޯބިކަމެއް ޔަގީންކޮށް ބުނަން އަޝްވާ ބިރުގަނެއެވެ. އެގޭހާވެސް އެއްޗަކީ އޭނާއަށް ޝަނުމްގެ ސޫރައާއި މިޒާޖު ކަމުދާ ކަމެވެ. އަދި ޝަނުމް އާއި ވާހަކަ ދައްކައި އެކުގައި ވަގުތު ހޭދަކުރަން ބޭނުން ކަމެވެ.


 

ޑިޔުޓީ ނިންމާލުމަށްފަހު ޝަނުމްއަށް ގެޔަށް އާދެވުނީ ވެހެމުންދާ ވާރެއާއި ތެމިގެންނެވެ. ގޭގެ ދޮރޯއްޓާއި ހަމައަށް އައުމަށްފަހު ބޫޓު ބާލުމަށްފަހު ޝަނުމް އެތެރެއަށް ވަންއިރު ލައިގެން ހުރި ޔުނީފޯރމުން ފެންތިކި ޖަހަމުން ދިޔައެވެ.

“ޝަނޫ” އީޝް ދުވެފައި އައިސް ބައްދާލީ ދޮރުކުރިމަތީ ހުރި ޝަނުމްގެ ފައިގައެވެ.

ޝަނުމްއާއި އެކީ ގިނަ ވަގުތު ހޭދަކުރެވޭތީ، އީޝް މިހާރު ޝަނުމް ކައިރިއަށް ދާން ވަރަށް ފޯރި ހުރެއެވެ. މިއީ އަސްރާރު ކުރާ އެއްމެ ފަހު ވިޔަފާރި ދަތުރަށް ވުމުން އިއްޔެ އަސްރާރު ދިޔައީ އޭނާއާއި އެކު ހަފީޒާވެސް ގޮވައިގެންނެވެ. އަޝްވިން މިދުވަސްކޮޅު އޮތް ކޮންފަރެންސެއްގައި ބައިވެރިވުމަށް މިއަދު ހެނދުނު މެލޭޝިޔާއަށް ފުރައިފިއެވެ. މަލަކާއާއި ޝައިމްގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅުކަމުން އެމީހުން އުޅެނީ ގިނަ ވަގުތު އެކަންޏެވެ. އެހެންކަމުން ގޭތެރޭގައި އަޝްވާ އާއި އެކީ ގިނަވަގުތު ދެން އުޅޭނީ ޝަނުމް އެކަންޏެވެ.

އީޝް އައިސް އޭނާ ގައިގައި ބައްދާލުމުން ޝަނުމް އީޝް ދުރުކުރުވަން އުޅުނީ ފިނިވެގެން ރޯގާޖެހިދާނެތީއެވެ.

“އީޝް ޝަނުމް ހޯދާތާ ކޮންއިރެއް.. ކާން އިން އިރުވެސް މިކިޔަނީ ޝަނޫ ކޮބައިހޭ” އަޝްވާ އީޝް އުރާލަމުން ބުނެލިއެވެ.

“ތެދެއްތަ ދޫންޏާ.. ބޭބެ އެބަ އަންނަން ވަރަށް އަވަހަށް ފެންވަރާލައިގެން އީޝްއާއި އެކީ މަޖާކޮށްލަން އިނގޭ” އީޝްގެ ކޮލުގައި ހިފާލަމުން ޝަނުމް ބުނެލިއެވެ.

ޝަނުމް އެބަޔަށް އައީ އޭނާ އިސްތިރިކުރަން ދިން އެއްޗެހި ބަލާކަމުން އެ އެއްޗެހި ހިފައިގެން އޭނާގެ ކޮޓަރިއަށް ގޮސް ތާޒާވެލިއެވެ. ވިއްސާރަ ކަމުން ބޭރަށް ނުނިކުމޭވީ އިޝާ ނަމާދު ކޮޓަރީގައި ކުރިއެވެ.

ނަމާދުން ފައިބައި ޝަނުމް ނިވިފައި އޮތް ފޯނު ޗާޖަށް ޖަހާލައި ހުޅުވާލިއެވެ. އެވަގުތު ފުލު ފުލުގައި އޭނާއަށް މެސެޖު އަންނަން ފެއްޓިއެވެ. ކާކުކަން ނޭނގޭ ނަންބަރަކުން އޭނާއަށް އެތައް ތައުރީފެއް އަދި އެތައް ސުވާލެއް ކޮށްފައި ހުއްޓެވެ. އެއީ ކާކުތޯ ބަލަން އެހާ ޝައުގުވެރިކަމެއް ނެތުމުން ޝަނުމް މެސެޖު ކިޔާލުމަށްފަހު އަޝްވާއާއި އެކީ ކާން އެބަޔަށް ދިޔައެވެ.

ޝަނުމް އަށް ކާން ހެދުމަށްފަހު އަޝްވާ ބެލީ އީޝްއަށް ކާން ދެވޭތޯއެވެ. އެއްމެ ފަހުން ހުން އައިފަހުން އީޝްއަށް ކާންދޭން ވަރަށް އުދަގޫވެއްޖެއެވެ. ކުރިން ކާންދިން އެއްވެސް އެއްޗެއް މިހާރު ކަމަކު ނުދެއެވެ.

ޝަނުމް އައުމުން އީޝް ގޮނޑީގައި ބޭންދުމަށްފަހު އަޝްވާ ޝަނުމްއަށް ޖޫސްތަށި އަޅާދޭން ތެދުވިއެވެ.  ޝަނުމް އީޝް އުރާލައިގެން ގޮސް އުނގުގައި ބައިންދައި މޭޒުމަތީ ހުރި ތަށިން ކެރެޓު ކޮޅެއް ލަވައިދިނެވެ. ކެރެޓު ހުރީ ފެނުގައި މަޑުކޮށްފައި ކަމުން އީޝްއަށް އެހަފައިގަންނަން އުދަގުލަކަށް ނުވިއެވެ.

“ރޭ ކެރެޓު ދޭން އުޅުނީމަ ބޮޑާ ހޭކީ.. އެކަމަކު ބަލާބަ ހުރި ފޯރިއެއް މިހާރު” ދެވަނަ ފަހަރަށް ކެރެޓު ކޮޅެއް ދޭން އީޝް އަތް ދިއްކޮށްލުމުން އަޝްވާ ބުނެލިއެވެ.

“މިއީ ބޭބެގެ ބަސްއަހާ ކުއްޖެއް ދޯ.. ” ޝަނުމް އީޝްގެ ބޮލަށް ބޮސްދިނެވެ. އަޝްވާހެން ޝަނުމްއަކީ ވެސް ކުޑަކުދިންނަށް ވަރަށް ގަޔާވާ މީހެކެވެ. ހިތް އެދޭ ބައިވެރިއާއި އެކު އުފާވެރި ދިރިއުޅުމެއް ފަށަން ޝަނުމް ބޭނުމެވެ. އެދި އެބައިވެރިއަކީ ކުރިމަތީ ހުރި އަޝްވާއަށް ވާނެ ކަމާއި މެދު އޭނާގެ ހިތް ދެބަސްވާ ތަނެއް ނުފެނެއެވެ. ބައިވެރިއެއްގެ ކިބައިން ޝަނުމް ބޭނުންވާ ހުރިހާ ސިފައެއް އަޝްވާގެ ފަރާތުން ފެނެއެވެ. ގެވެށި ސާދާ ހިތްހެޔޮ ކަމެވެ. އެގެޔަށް ބަދަލުވެގެން މިފާއިތު ކުޑަ ދުވަސްކޮޅު ތެރޭ އަޝްވާ އޭނާއަށް ބަހައްޓާ އަޅާލުން އެއީ ޝަނުމްއަށް އަޝްވާއަށް ހިތް ދެވެމުން ދާ އެއް ސަބަބެވެ.  ފަލަވުމުން މީހާގެ ރީތިކަން ގެއްލެއޭ މީހުން ބުންޏަސް ޝަނުމްއަށް ފެންނަމުން ދަނީ ރީތި ކަމާއި ފަރިކަމެވެ.

ޝަނުމްއާއި އަޝްވާ ކައިގެން އީޝް ގޮވައިގެން ސިޓިންރޫމަށް ދިޔައެވެ. އަޝްވާ އުޅުނީ އީޝް ނިންދަވާށެވެ. އެހެންނަމަވެސް އެވަގުތު ހިންދުގެ ފޯނެއް އައުމުން އީޝް ޝަނުމްއާއި ހަވާލުކުރުމަށްފަހު ކޮޓަރިއަށް ދިޔައެވެ.

 

ހިންދު ގުޅީ އޭނާ ހަދަން އުޅޭ ކޯހަށް ފޯމު ހުށަހަޅަން އޭނާ އާއި އެކީ ކޮލެޖަށް ދެވޭނެތޯ ބެލުމަށެވެ. އަދި އަޝްވިން  މާލެ އަންނާނެ ދުވަހެއް ބެލުމަށެވެ.

އަޝްވާ ދިޔުމުން އީޝް ނުނިދަން ވެގެން ޝަނުމްގެ އަތުން ވީއްލިގެން ސިޓިންރޫމް ތެރޭ ދުވަން ފެށިއެވެ. ޝަނުމް  ހެވިފައި ހުރެ އީޝް ޖައްސަމުން ދާ މަޖާ ވައްތަރުތައް ބަލަން ހުއްޓެވެ. އެވަގުތު ޓީވީއިން ދައްކަމުން ދިޔަ އިސްތިހާރަކުން ލަވައެއް ކިޔަން ފެއްޓުމުން ކުޑަކުޑަ ހަށިގަނޑަށް ބަނޑިތަކެއް ލައްވަމުން ދިޔައެވެ. ދެތިން ފަހަރު ވެއްޓުނު ނަމަވެސް އަނެއްކާވެސް ތެދުވެފައި ފައްޓަނީއެވެ.

“ޝަނުމް” ހިންދުއާއި ވާހަކަ ދައްކުމަށްފަހު އަޝްވާ ސިޓިންރޫމަށް އައިސް ޝަނުމްއަށް ގޮވާލިއެވެ.

“އަހަރަމެންނާއި އެކީ މާދަމާ ވިލިގިއްޔަށް ދާނަންތަ” ޝަނުމް އޭނާއަށް ބަލާލުމުން އަޝްވާ އަހާލިއެވެ.

ހިންދުއާއި ރީމް ވިލިގިއްޔަށް ދާން ކިޔާތީ އަޝްވާ އެޔައީ އެކަމަށް އެއްބަސްވެގެންނެވެ.

“ކޮން ބައެއް ދަނީ… މާދަމާ ވަރަށް ބިޒީކޮށް ދާނެހެން ހީވަނީ.. ހުސްވަގުތެއް ލިބޭނީ ހެނދުނު އެކަނި” ޝަނުމް ބުނެލިއެވެ.

“ހެނދުނު ދާން ކަމަށް ނިންމައިގެން މިއައީ، އެހެންވީމަ ދެވޭނެއެއްނު. ރީމް އާއި ހިންދު ވެސް ދާނެ. މިގެއިން ދާނީ އަހަންނާއި އީޝް…..” އަޝްވާ ބަލާލީ އީޝް ހުރި ދިމާލަށެވެ. މީގެ ހިނދުކޮޅެއް ކުރިން އޭނާ އެތާގައި ބަހައްޓާފަ ދިޔަ އީޝް މިހާރަކު ނެތެވެ. އަޝްވާ އަވަސް ނަޒަރެއް ސިޓިންރޫމަށް ހިންގާލިއެވެ.

“ކޮންތާކަށްތަ އީޝް ދިޔައީ.. ދޮންބެމެން އައީތަ” އަޝްވާ ކުޑަކޮށް ހާސްވެފައި އަހާލިއެވެ.

“ނޫން. އެއްވެސް މީހެއް ނާދޭ.. ދެންމެ އީޝް އުޅުނު މިތާ” އީޝް ހުރި ދިމާލަށް އިގިލި ދިއްކޮށްލަމުން ޝަނުމްވެސް ބުނެލީ ހާސްކަންމަތީގައެވެ.

“ދަރިފުޅާ.. އީޝް” އަޝްވާ އީޝްގެ ނަމުން ގޮވަމުން އީޝް ހޯދަމުން ދިޔައެވެ. ނަމަވެސް އީޝްގެ އެއްވެސް ހިލަމެއް ފެންނަމުން ނުދެއެވެ. އެކިތަންތަން ހޯދަމުން ގޮސް އަޝްވާއަށް ބަލާލެވުނީ ހުޅުވާފައި ހުރި ގޭގެ މައި ދޮރެވެ. އެއާއި އެކު ހަރަކާތްތައް އަވަސްވެ ހަލުވި ހިނގުމެއްގައި ބޭރަށް ބަލާލެވުނެވެ. އީޝްއަކީ ތުއްތު ކުއްޖެއް ކަމުން ޝައުގުވެރިކަން ކޮންމެ ދިމާލަކަށްވެސް ހުރެދާނެކަން އެނގޭތީއެވެ.

“ޝަނުމް ކީއްވެތަ ދޮރު ހުޅުވާފަ ބެހެއްޓީ” އަޝްވާގެ ހާސްކަމުގެ ތެރެއިން އިސްކުރެވުނީ ރުޅިއެވެ. އޭނާ ފުރާނަ ފަދައިން ލޯބިވާ އީޝްއަށް ގެއްލުމެއް ވާތަން ދެކެން ކެތްނުވާނެކަން ކަށަވަރެވެ.

“އަހަރެނަށް ދޮރު ލައްޕަން ހަނދާން ނެތުނީ” ޝަނުމްވެސް ދެރަވެއްޖެއެވެ. އީޝް ހަމައެހާ ހަލަނިވީބާއޭ ހިތަށް އެރިއެވެ.

އަޝްވާ  ތިރީގައިވާ ބައިތައް ބަލަން ދިޔައިރު ޝަނުމް މައްޗަށް ޓެރަސް ބަލާލަން ދިޔައެވެ. އީޝްގެ ލަސް އަދި ކުރު ފިޔަވަޅުތަކާއި އެކީ މާދުރަށް ނުދެވޭނެކަން ޔަގީނެވެ.

އިރުކޮޅެއް ފަހުން އަޝްވާ ދުވެފައި މައްޗަށް އޭނާ އަށް އީޝް ނުފެނުމުން ޝަނުމްއަށް ފެންނާނެކަމަށް ބަލާފައެވެ.

“އީޝް..” އަޝްވާ ކައިރީ އީޝް ނެތުމުން ޝަނުމްއަށް މަޑުމަޑުން ކިޔާލެވުނެވެ.

އަޝްވާ ހަތަރުވަނަ ފަހަރަށް ގެ އެއްކޮށްހެން ހޯދާލިއެވެ. އީޝްގެ އަތް ނުފޯރާނެކަން އެނގޭ ހާލުވެސް ލައްޕާފައި ހުރި ކޮޓަރީގެ ދޮރުތައްވެސް ހުޅުވާފައެވެ.

“ޝައިމްމެން އީޝް ނުގެންދާނެތަ” ޝަނުމްވެސް ދިޔައީ އަޝްވާ އާއި އެކީ އެކިތަންތަން ބަލަމުންނެވެ.

“ދޮންބެ ދިޔައީ މަލަކާއާއި އެކީ ހުޅުމާލެއަށް. މާދަމާ އެމީހުން މިކޮޅަށް އަންނާނީ” އާޝްވާއަށް ލިބެމުންދާ ހާސްކަން އޭނާގެ ތުރުތުރު އަޅަމުންދާ އަޑުން ފާހަގަވަމުން ދިޔައެވެ.

ނަސީބު ކަން ދިމާކުރި ގޮތުން އެތަނަށް އެވަގުތު ކާއިން އައެވެ. ތަނުގައި ވި ނުތަނަވަސްކަމުން އޭނާ ވެގެން އުޅޭ ގޮތް އެހުމުން އަޝްވާ ވީ ގޮތް ކިޔާދޭން ފެށިއެވެ. އަދި އީޝް ހޯދުމަށް ތަކުރާރުކޮށް އެދެން ފެށިއެވެ.

“އަޝްވާ އަހަންނަށް މާފުކުރޭ.. އީޝްއަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވުނީމަ” އަޝްވާގެ މިލާފައިވާ މޫނަށް ބަލަމުން ޝަނުމް ބުނެލިއެވެ.

“ޝަނުމްއާއި ހެދި މިހެންވީ… އަހަރެން އީޝް ޝަނުމްއާއި ހަވާލުކޮށްފަ ދިޔައީ ޝަނުމްއަށް އީޝް ބެލޭނެ ކަމަށް ހީކޮށް…. އެކަމަކު ދޮރު ހުޅުވާލަ ލައްޕަން ނޭނގޭ މީހަކަށް ކިހިނެތް އެނގޭނީ ކުޑަކުއްޖަކަށް ދޭންވާ ސަމާލުކަން ދޭން” ހަޔާތުގައި ފުރަތަމަ ފަހަރަށް އަޝްވާގެ ރުޅިވެރިކަން ފެނިގެން ދިޔައެވެ. އޭރު ލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ އީޝްއާއި ހެދި ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

“ޒުވާބުނުކޮށް ހިނގާ އަދިވެސް އީޝް ފެނޭތޯ  އުޅެމާ” ކާއިން އަޝްވާގެ ކޮނޑުގެ ހިފާލަމުން ބުނެލިއެވެ. އަޝްވާ ކާއިންއާއި އެކީ އަދިވެސް އެއްފަހަރު އީޝް ބޭރުގައި ވީތޯ ބެލުމަށް ދާން ހިނގައިގަތެވެ.

“އަޝްވާ” އަޝްވާމެންނަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނު ތަނާ ޝަނުމް ގޮވާލިއެވެ. އަޝްވާ އެއަޑު ނީވޭ ކަމަށް ހަދައިލައިގެން ދާން އުޅުނު ކަމުގައި ވިޔަސް ދެވަނަ ފަހަރަށް ޝަނުމް ގޮވާލުމުން ފަހަތް ބަލާލިއެވެ. އޭރު ޝަނުމް ކުރިމައްޗަށް އިގިލި ދިއްކޮށްލައިގެން އެދިމާ ބަލަހައްޓައިގެން ހުއްޓެވެ.

“އީޝް” އަޝްވާއަށް ލިބުނު އުފަލެއް ހާމަކުރަން ދަތިވާނެއެވެ. ސިޓިންރޫމުގައި ހުރި އަލަމާރީގެ ތިރީ ވަށްގަނޑުން އީޝްގެ ފައި ފެންނަން އޮތެވެ. އަޝްވާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެދޮރު ހުޅުވާލިއެވެ. އޭރު އީޝް ކުޅޭ އެއްޗެއް ނަގައިގެން އެއްވެސް ހާސްކަމެއް ނެތި އަލަމާރި ތެރޭގައި އިށީދެގެންނެވެ. އަދި އަޝްވާ ފެނުމާއި އެކު އޭނާ އަތުގައި އޮތް ކުޅޭ ކުޅާ މާ ދިއްކޮށްލީ މައުނަވީ ހިނިތުންވުމަކާއި އެކީގައެވެ. އަޝްވާގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލާލިއެވެ. ނަމަވެސް މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. އަޝްވާ އީޝް އުރާލައި ވަރަށް ލޯބިން ނުހަނު އޯގާތެރިކަމާއި އެކީ ބައްދާލިއެވެ. އީޝް ހެވިފައި ހުރެ އަޝްވާ ގައިގައި ބައްދައިގަތެވެ. އަދި  އެމަންޒަރު ބަލަން ތިބި ޝަނުމްއާއި ކާއިންއަށް ލޯބިލޯބި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ޝަނޫ.. އާދޭ އާދޭ” އަޝްވާ އީޝް އުރާލައިގެން އޭނާ ކޮޓަރިއަށް ދާން އުޅުމުން އީޝް އަތުން ހަނާއަޅަމުން ގޮވާލިއެވެ. ޝަނުމް ކިތައްމެ ދާން ބޭނުން ވިޔަސް ދެންމެ އަޝްވާ އޭނާއާއި ވާހަކަ ދެއްކިގޮތުން ދާން ނުކެރުނެވެ. ޝަނުމްއަށްވެސް ކުށްވެރި ކުރެވެނީ އޭނާގެ ފަރުވާކުޑަކަމެވެ. އީޝް އަލަމާރި ތެރެއަށް ނުވަދެ ބޭރަށް ނުކެމެގެން ދިޔަ ނަމަ ވެދާނެ ގޮތަކާއި މެދުގައެވެ.

ކާއިން ޝަނުމްއަށް ބަލާލުމަށްފަހު އަޝްވާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ. އަޝްވާއަށް އީޝް ގައިގައި ބައްދައިގެން ހުރި ގޮތުން ހީވަނީ ދުވަހަކުވެސް ދޫނުކުރާނެހެންނެވެ.

“އީޝް.. ވަރަށް މޮޅު އިނގޭ.. ތާތި އަކީ ރޮބެޓެއްނޫންކަން ސާބިތުކޮށްދީފި” ކާއިން ހިނގާފައި އައިސް ހުއްޓިލީ އަޝްވާގެ ފުރަގަހުގައެވެ. އަދި އީޝް ކޮލުގައި ހިފާލަމުން މަޖާވެލާފައި އެހެން ބުނެލިއެވެ.

“ކާކުތަ ބުނީ އަހަންނަކީ ރޮބެޓެކޭ.. އަހަރެން ހިތްވަރުގަދަ ވިޔަސް ރޮވޭ ކަންތައް ދިމާވީމަ ރޮއެފަ ހުންނާނީ. ކާއިންގެ ބޭކާރު މަލާމާތަށް ރުއިމަކީ ބޭކާރު ކަމެއް” އަޝްވާ  އީޝް ގޮވައިގެން އައިސް އެނދުގައި ބާއްވާލިއެވެ. އަދި ނިދަން ތަންމަތި ހެޔޮވަރުކޮށްލިއެވެ. މިއީ އާންމުކޮށް އީޝް ނިދާ ގަޑިކަމުން އުރާލައިގެން ނެތަސް ނިދޭނެއެވެ.

“ދައްތަގެ ދޫނި ދެން އެހެން ދައްތަ ބިރުނުގަންނަވައްޗޭ އިނގޭ.. ވަރަށް ލޯބިވޭ.. އަވަހަށް ހިނގާ ޝަހާދަތް ކިޔައިގެން ނިދަމާ” އަޝްވާ އީޝްގެ ނިތްކުރިއަށް ބޮސްދީ ލޯބިކޮށްލިއެވެ. އަދި ޝަހާދަތް ކިޔައިދީ އީޝްގެ ކުޑަ ބާލީސް އީޝް އަތަށް ދިނެވެ.

“ރޮއެފީމެއްނު ކޮންމެ ގޮތެއް ވިޔަސް. އަހަރެން ހަމަ އަސްލަށްވެސް ހީކުރީ ޗެރީއަށް ރޯން ނޭނގޭނެ ކަމަށް.. މިރޭ އެކަންތައް އެކަނި ނޫން ތަފާތީ..ޝަނުމްއާއި ދިމާލަށް ހަޅޭތްލަވަލީމެއްނު.. ގަދަ އިނގޭ” ކާއިން ހެމުން ބުނެލިއެވެ.

“އެވާހަކަ ބަހައްޓާފަ ބުނެބަލަ ކީއްވެޔޯ ކާއިން މިގެޔަށް އައިސްގެން ތިއުޅެނީ.. ދޮންބެމެން ހުޅުމާލެއަށް ދިޔަ ވާހަކަ ނުބުނޭތަ” އަޝްވާ ބުނެލިއެވެ.

“ނޫން ބުނި މާދަމާއޭ އާދެވޭ ވަރުވާނީ. އަހަރެން އެކަނި އުޅެންޖެހޭތީ ފޫހިވެގެން މިއައީ.. ކޮން ކަމެއްތަ އޮތީ ދެން” ކާއިން އޭނާ އައި ބޭނުން ބުނެލިއެވެ.

“ނެތް ކަމެއް. އަހަރެން އުޅުނީ އީޝް ނިންދަވާފަ ޝަނުމްއާއި އެކަނި ވާހަކަ ދައްކާލަން ކަމަށް. ދެން ނުވެސް ކެރޭނެ” އަޝްވާ ފޫހި ގޮތަކަށް ބުނެލިއެވެ.

“ތިހެންވީރުން ދެލޯބިވެރިންނަށް ފުރުސަތު ދެމުން އަހަރެން ގޮސްލާނަން” ކާއިން އެގެޔަށް އައީ އޭނާ އެކަނި ވަކިން ކޮޓަރިއެއްގައި އުޅޭތީއެއް ނޫނެވެ. މިހާރު އޭނާގެ މައިންބަފައިންގެ މެދުގައި އެތައް މައްސަލައެއް ޖެހިފައި އޮތުމުން އަޝްވާއާއި އެކަން ހިއްސާކޮށްލުމަށެވެ.

“ކާއިން.. މާދަން ހެނދުނު އަންނައްޗޭ އަހަރަމެންނާއި އެކީ ވިލިގެއްޔަށް ދާން” ދޮރުން ނިކުންނަމުން ދިޔަ ކާއިންއަށް ގޮވާލަމުން އަޝްވާ ބުނެލިއެވެ. ކާއިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު ދިޔައެވެ.

އީޝް ނިދުމުން އަޝްވާ ބޭރަށް ނިކުތީ ޝަނުމް ހުރިތޯ ބަލާލުމަށެވެ. އެބައިގައި ނެތުމުން ތިރީ ބަޔަށް ދިޔައިރު އެތާގައިވެސް ނެތެވެ. ދެން ހުންނާނީ ޓެރެސްގައި ކަމަށް އުއްމީދުކޮށްގެން ދިޔައިރު ޝަނުމް އިނީ ޓެރަހުގައި އިން ދެމީހުންގެ ޖާގައިގެ ކުޑަ އުދޯލީގައެވެ.

އަޝްވާ މަޑު ހިނގުމެއްގައި ގޮސް ޝަނުމްއާއި ޖެހިގެން ހުރި ހުސްޖާގައި އިށީނެވެ.

“ވަރަށް ބޮޑަށް ސޮރީ” ޝަނުމް އަޝްވާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“އަހަރެން ކަންނޭނގެ މާފަށް އެދެންޖެހޭނީ، ހަގީގަތް ބަލާނުލާ ހަޅޭތްލެވުނީމަ” އަޝްވާ ބުނެލިއެވެ.

“ނޫން. ދޮރުލައްޕާ ހުރި ނަމަ އަޝްވާ އެހާ ހާސްވާކަށް ނުޖެހުނީހެއްނު” ޝަނުމް އަޝްވާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“އީޝްވެސް ހަލަނިވީ މާބޮޑަށް.. ” އަޝްވާ ޝަނުމް ކުށްވެރިކުރާކަށް ބޭނުމެއް ނޫނެވެ.

“އަޝްވާ ވަރަށް ލޯބިވޭ ދޯ އީޝް ދެކެ.. ކޮބާ އީޝްގެ މަންމަ” އެއް ގެޔެއްގައި އުޅުނަސް އީޝްގެ މަންމަގެ ވާހަކައެއް މިހާތަނަށް އަޑުއިވިފައެއް ނެތެވެ.

“ލިއު ދައްތައާއި ބޭބެ ޑިވޯސްވީ އީޝް މިދުނިޔެއަށް އައުމާއި އެކީ. ލިއު ދައްތަ ބޭނުމެއް ނުވޭ ދަރިއެއް ހޯދާކަށް. އެބަނޑުން އުފަންވިޔަސް އީޝްއަކީ ހަމައެކަނި ބޭބެގެ ދަރިއެއް. މިއަދާއި ހަމައަށް އީޝްއަށް އެހުރިހާ ލޯތްބެއް ދެމުންދަނީ ބޭބެ” އަޝްވާ ބުނެލިއެވެ.

“އަޝްވިން އެކަންޏެއް ނޫންކަންނޭނގެ އީޝްއަށް ބޭނުންވާ ލޯބި ދެނީ. އަޝްވާ ވެސް ތިހިރީއެއްނު. މަންމައެއްގެ ފަރާތުން ފެންނަ ހުރިހާ ސިފައެއް އަހަންނަށް އަޝްވާގެ ފަރާތުން އެބަ ފެނޭ” ޝަނުމް ބުނެލިއެވެ. އަޝްވާ އޭނާއަށް މާފުކުރުމުން ހިތްހަމަޖެހިފައި ހުރެއެވެ.

“އަހަންނަކަށް ނޭނގެ މަންމައެއްގެ ލޯތްބަކީ ކޯއްޗެއް ކަމެއް. އަހަރެން މިމަސައްކަތް ކުރަނީ އަހަރެންގެ ވިސްނުމުގައި ވާ ގޮތަށް އެލޯބިން އީޝް މަހުރޫމް ނުކުރެވޭތޯ. ” އަޝްވާއަކީ އީޝްގެ މަންމަގެ މަގާމަށް ދުވަހަކުވެސް އާދެވޭނެ ފަރާތެއް ނޫން ކަމުގައި ވިޔަސް އަޝްވާ އުއްމީދުކުރަނީ އޭނާއަށް މަންމައެއްގެ ކުލުނާއި ލޯބި އީޝްއަށް ދެވޭނެ ކަމަށެވެ. މިރޭ އަޝްވާއަށް ވީވަރު ފެނިފައި އެހިތުގައި އުފެދުނު ތަދަކީ ކޮންމެ މައެއްގެވެސް އިހުސާސަށް ވާނެއެވެ. އީޝްގެ ހަރަކާތްތައް ބަލަން އަޝްވާއަށް ފޫހި ކަމެއް ނެތި ހުރެވިދާނެއެވެ. އީޝް ލޯބިން ހިނިތުންވެލާއިރު އޭނާގެ މޭ ލޯބިން ފުރިގެން ބަންޑުންވާ ހިސާބަށް ދެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އީޝް އޭނާގެ ދުއާގައި ހިމެނެއެވެ. ދެރަވާ ކަމެއް ވިޔަސް އީޝް އުރާލުމުން އެހިޔާލުތައް ނެތިގެން ދެއެވެ.

އީޝްގެ ވާހަކަދެއްކުމުން އަޝްވާއަށް ގިސްލެވޭ ގޮތް ވިއެވެ. މިރޭ ދިމާވި ކަންތައް ތަކުރާރު ވެދާނެ ކަމަށް ހިތް ބިރުގަންނަން ފެށިއެވެ.

ޝަނުމް ދިޔައީ އަޝްވާގެ ހަރަކާތްތައް ރަގަޅަށް ބަލަމުންނެވެ. ލޮލުން ހިލާލި ކަރުނަތައް ވެރި އަޝްވާގެ ކޯތާފަތް ތެންމާލިއެވެ. ޝަނުމް އަޝްވާގެ އަތްތިލާގައި މަޑުމަޑުން ހިފާލިއެވެ. އަދި އަޝްވާ އޭނާއަށް ބަލާލަމުން ދެކޮޅަށް ބޯހޫރުވާލީ ނުރޯށޭ ބުނާ ފަދައަކުންނެވެ. އަޝްވާ ކަރުނައިގެ ތެރެއިން ގަދަކަމުން ހިނިތުންވެލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ.

އަޝްވާއަށް ހަމަޖެހެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ.

“ކޮން ދުވަހަކުން އަޝްވާ ބޭބީއެއް ހޯދަނީ” ޝަނުމް އަހާލިއެވެ.

“އަދި މީހަކާއި އިނދެގެންނު ބޭބީއެއް ހޯދާނީ.. ޝަނުމް ކޮން ދުވަހަކުން ބޭބީއެއް ހޯދަނީ” ސަމާސާ ރާގަކަށް އަޝްވާ ބުނެލިއެވެ.

“އަހަރެންވެސް މީހަކާއި އިނދެވުނު ދުވަހަކުން.. އަހަރެން ވަރަށް ބޭނުން އަމިއްލަ ދިރިއުޅުމެއް ފަށަން” ޝަނުމް އޭނާގެ ހިޔާލު ބުނެލިއެވެ.

“ގާލް ފުރެންޑެއް ހުރޭތަ” ޝަނުމް އެހެން ބުނުމުން ނަގާނެ މާނައެއް ނޭނގޭތީ އަޝްވާ އަހާލިއެވެ.

“ނޫން..އަހަން ނުކެރިގެން މިހުންނަނީ” އެހެން ބުނެ ޝަނުމް އަޝްވާ އަތުން ދޫކޮށްލިއެވެ.

ދެމީހުން އެކަކު އަނެއްކެ މޫނަށް ބަލާލިއެވެ. ދުލުން ބަޔާންކުރަން ބޭނުންވާ ވާހަކަތައް ބެލުމަކުން ކިޔައި ދެވޭނެ ނަމައޭ ހިތަށް އަރުވަމުންނެވެ. ހިތުގައި އަނެކަކަށްޓަކައި ޖަހަމުންދާ ވިންދުގެ އިހްސާސް ކިޔައިދޭން ބޭނުމެވެ. ފޮރުވައިގެން އުޅޭ ޖަޒުބާތުތައް އިއްވާލަން ބޭނުމެވެ.

ވާރޭގެ ތިކިތައް ބަރުކޮށްފައި އޮތް ވިލާގަނޑުން އައިސް ދެމީހުންގެ ހުރުހަކަށް ވިއެވެ. ޝަނުމްއަށް ދުރަށް ބަލާލެވުނު އިރު އަޝްވާއަށް އިސްޖެހުނީ ލަދުގަތްވަރުންނެވެ. ވެހެމުންދާ ވާރޭގެ މަތިން ދެމީހުންގެ ހަނދާން ކުޑަކޮށް ނެތުނެވެ. ޖަހާލި ގުގުރިއާއިއެކު އަޝްވާ އިންތަނުން ތެދުވީ އެޔަށް ބިރަކަށް ނޫނެވެ. މިރޭ އެއްމެ ފަހު ފަހަރަށް ޝަނުމްއަށް ބަލާލުމަށްފަހު އަޝްވާ މަޑު ހިނގުމެއްގައި އެތަނުން ދިޔައިރު ޝަނުމްގެ ނަޒަރުން އޭނާ ވަކިނުވެއެވެ

ގައި ހިއްކާލުމަށްފަހު ނިދާ ހެނދުން ލައިގެން އަޝްވާ އީޝް ކައިރީ އޮށޯތެވެ. ޝަނުމްގެ ހިޔާލުތަކުން އޭނާގެ ސިކުޑި ބަރުކުރަމުންދާ ވަރަކަށް ނިދި އޭނާއާއި ދުރަށް ދަމުން ދިޔައެވެ.


 

އޭގެ އަނެއް ދުވަސްވެސް ވެގެން ދިޔައީ ވިއްސާރަ ދުވަހަކަށެވެ. އެހެން ކަމުން ވިލިގިއްޔަށް ދިޔުން އެހެން ދުވަހަކަށް ފަސްކޮށްލާފަ އަޝްވާއަށް އެހީވެ ދިނުމަށް ރީމްއާއި ހިންދު ހެނދުނު ހެނދުނާއި އެގެޔަށް އައެވެ. ތިން މީހުންނަށް އެކަނި ގެ ލިބިފައި އޮތުމުން ވަރަށް ގިނަ ކަންތައް ކުރަން ރާވާފައި އޮތެވެ.

ހެނދުނު ބޮޑު ނާސްތާއަކަށް ފަހު ތިން މީހުން އަޝްވާގެ ކޮޓަރީގައި އެކި ސަކަރާތުގައި އުޅުނެވެ. އީޝް ނަދީމާއާއި ހަވާލު ކުރުމަށްފަހު ރީމް އުޅުނީ ހިންދުއާއި އަޝްވާ ހައްލާލައިގެން އޭނާ އެއްމެ ފަހުން ގަތް މޭކަޕް ސާމާނުތައް ޓެސްޓުކުރުމުގައެވެ. އަޝްވާއާއި ހިންދުއަކީ މޭކަޕާއި ދުރުގައި އުޅޭ މީހުންނަށް ވުމުން އާބަސް ހޯދުން ވީ އުދަގޫ ކަމަކަށެވެ. ރީމް އެއްމެ ފަހުން ކުރު ނުކުރުމުން އަޝްވާ އައިސް ގޮނޑީގައި އިށީދެ އޭނާގެ މޫނު ދައްކާލިއެވެ.

“ރުޅި މޫނު ހަދައިގެން ހުއްޓަސް ރީއްޗެއް ނުވާނޭ.. ” އަޝްވާ ތުން ދިއްކޮށްގެން ހުރިތަން ބަލަން ހުރެފައި ރީމް ބުނެލިއެވެ.

“އެހާ ބޮޑަކަށް ނޫން އިނގޭ.. ކުޑަ ކުޑަ ލިޕްސްޓިކް ކޮޅެއް އެކަނި” އަޝްވާ ހީލާފައި ބުންޏެވެ.

އަޝްވާ އެހެން ބުންޏަސް ރީމް އޭނާ ގެނައި މޭކަޕު ދަބަހުގައި ތިބި ހުރިހާ އެއްޗެއްގެ އަސަރު އަޝްވާގެ މޫނަށް ކުރުވިއެވެ. އަދި އަޝްވާ ވަރަށް ރީއްޗަށް ފުނާ އަޅުވައި ފަން ބޯ އިސްތަށިން ހުޅިއެއް ޖަހާލިއެވެ.

“އާދޭ.. ވަރަށް ލޯބިކޮށްލާފަ ތިހިރީ” އަޝްވާ އަތުގައި ހިފައިގެން ގޮސް ރީމް ލޯގަނޑު ކުރިމައްޗަށް ގެނައެވެ. އަޝްވާއަށް ދެލޯ ބޮޑުކޮށްލެވުނީ އޭނާއަށް ކޮށްލާފައި ހުރިވަރު ފެނުމުންނެވެ. ރުޅި އައިސްގެން ރީމް ގައިގައި ޖަހަން އަތް އުފުލާލިއެވެ.

“އަހަރެން ހީވަނީ މޮޔައެއްހެން، އެކަމަކު އިސްތަށިގަނޑު ވަރަށް ރީތިކޮށްލާފަ ތިހިރީ” އަޝްވާ އަތް އިސްކުރުމުން ރީމް ޖެހިލީ ފަހަތަށެވެ.އަޝްވާ އަދި އެއްފަހަރު އޭނާގެ ސޫރައަށް ބަލާލިއެވެ.

“މަޑުކުރޭ… އަހަރެން ބޭނުން އެއްޗެއް ޓުރައި  ކޮށްލަން” އަޝްވާ އޭނާގެ އަލަމާރިއާއި ދިމާލަށް ހިނގައިގަތީ އެއްޗެއް ހަނދާންވުމުންނެވެ.

“ތިއޯ” އަލަމާރި ހުޅުވާލާފައި އަޝްވާ ކޮށްލި ކަމަކުން ރީމްއާއި ހިންދު ދިޔައީ ހައިރާންވެގެންނެވެ.

“އަޅެ ރީއްޗެއް ނޫންތަ.. އަހަރެންނާއި ނުގުޅޭތަ” އަޝްވާ އަލަމާރި ތެރެއިން ނެގީ ކުޑަ ބާލީހެކެވެ. އަދި އެ ހެދުން ދަށަށް ލައި ބަނޑުބޮޑު މީހެއް ކަމަށް ހެދިލިއެވެ.

“ކީއްވެ އެއްޗެއްކޭ ބުނުނީ.. އަހަރެން ހުތުރީތަ ބަނޑުބޮޑުވީމަ” ހިންދުއާއި ރީމްއަށް ހެވެން ފެށުމުން އަޝްވާ ކަންބޮޑުވާ ރާގަކަށް އަހާލިއެވެ.

“ނޫން… ވަރަށް ރީތި. އަބަދުވެސް ތީތި ހެދުން ދަށަށް ލައިގެން އުޅެންވީނު” އަޝްވާ އެފަދަ ކަމެއް ނުކުރާތާ އެތައް ދުވަހެއް ފާއިތުވުމުން ރީމްއާއި ހިންދު ހީކޮށްގެން ތިބީ އެހިޔާލު ދޫކޮށްލީ ކަމަށެވެ. އެކަމަކު މިވީ ކިހިނެތް ހެއްޔެވެ؟

“ރީމް ހަނދާންވޭތަ އަޝްވާގެ ކުރީގައި ގެންގުޅުނު ހަސްބެންޑުގެ ނަން.. ” ކުރީގެ ހަނދާންތައް އާކުރަމުން ހިންދު މަޖާވެލަފައި ބުނެލިއެވެ.

“އާން.. އިމްޔާން ކިޔާ ކުއްޖެއް ދޯ ގެންގުޅުނީ.. ދެން އެދެމީހުންގެ ދަރިއަށް ކިޔަނީ ލައިޝް ނޫނީ ޝައިލް.. އެދެމީހުންގެ ވެޑިންއެއްނު މަލަކާއާއި ޝައިމް ބޭއްވީ” އަޝްވާ މީގެ އެތައް އަހަރެއް ކުރިން ގެންގުޅުނު ހިޔާލީ ދިރިއުޅުން ރީމް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އޭރު ތިން މީހުން މުސްތަގުބަލާއި މެދު ވާހަކަ ދައްކަން ފައްޓައިފިނަމަ އަޝްވާ އޭނާ ގެންގުޅޭ ހިޔާލީ މީހުންގެ ވާހަކަތައް ނުދައްކާ ދުވަހެއް ނުދާނެއެވެ. ތަފާތަކީ އެވާހަކަ މިއަދު ނުދެއްކިޔަސް އަޝްވާ ބޭނުންވަނީ އެކަހަލަ އުފާވެރި ދިރިއުޅުމެއް ކަމެވެ. ހިޔާލުގައި އުޅުނު އިމްޔާން ފަދަ މީހެއް އަޝްވާއަށް ހަގީގީ ދުނިޔެއިން ފެނިއްޖެ ކަމެވެ. އަދި އެލޯބި ހޯދަން ބޭނުންކަމެވެ.

ތިން މީހުން އަޝްވާއާއި ބެހޭ ގޮތުން ވާހަކަ ދައްކަން ތިއްބާ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އަޝްވާ ގޮސް ދޮރުހުޅުވާލީ އެއީ ނަދީމާ ކަމަށް ހީކޮށެވެ. ނަމަވެސް ދޮރު ކުރިމަތީ ހުރީ ކާއިންއެވެ.

އަޝްވާ ދޮރު ހުޅުވާލުމުން ވާހަކަ ދައްކަން ހުޅުވާލި އަނގަ ނުލެއްޕިފައި ކާއިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޝްވާ ގެ ބޮނޑުވެފައިވާ ބަނޑަށް އެއްފަހަރު އަނެއްފަހަރު އަޝްވާގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް އަޝްވާގެ ބަނޑަށް ގެއްލިފައި ހުރީ ހައިރާންވެފައެވެ.

“އަހަންނަށް އަނެއްކާ ޓައިމް ޓުރެވެލް ކުރެވުނީތަ” ކާއިން ހައިރާންކަންމަތީ އަހާލިއެވެ.

“އައްދިއްޔޯ” އަޝްވާ ކާއިންގެ މޭމަތީ އަތް އަޅާލަމުން ކޮއްޕާލިއެވެ.

“ކާއިން ޕުލީސް އެއްވެސް އެއްޗެކޭ ނުބުނާތީ.. ކާއިން ކުރާ އެއްވެސް ސުވާލަކަށް އަހަރެން ދޭނެ ޖަވާބެއް ނެތް” އަޝްވާ ހަމަ ރަގަޅަށްވެސް ލަދުގަނެއްޖެއެވެ. ކާއިން ދިމާކުރާނެ ކަން ޔަގީނެވެ.

 

އަޝްވާ ބުނިހެން ކާއިންގެ ބަހުގެ މަލާމާތެއް ނުކުރެއެވެ. ހެމުން ހެމުން އޭނާގެ ފޯނުނަގައި އަޝްވާގެ ފޮޓޯއެއް ނަގާލިއެވެ. އަޝްވާ ކާއިންގެ ފޯނު ޖަހައިގަންނަން އުޅުމުން ކާއިން ދުވެފައި ދިޔައީ އަޝްވާއަށް އަތުނުވުމަށެވެ. އަޝްވާ ކާއިންގެ ފަހަތުން ދުވަމުން ގޮސް ގެއިން ނުކުންނަ ދޮރޯށިން ނިކުމެގެން ދިޔައިރު އެމަންޒަރު ބަލަން ޝަނުމް ތިރީ ސިޑިމަތީ ހުރި ކަމެއް ނޭނގެއެވެ.

“ކާއިން މަޖަލެއް ނޫން އިނގޭ. ހަމަ މިހާރު ތި ފޮޓޯ ޑިލީޓު ކުރޭ.. އެހެންނޫނީ..” އަޝްވާ ބުނެލީ އެހިސާބަށެވެ. އެހެންނޫނީ ހަދާނެ ވަކި ގޮތެއް ނުވިސްނުމުންނެވެ.

“އެހެންނޫނީ ކީއްކުރާނީ” ޓެރަހުގެ ފާރުގައި ލެގިލަމުން ކާއިން ބުނެލިއެވެ.

“އެހެންނޫނީ ..” އަޝްވާ ކާއިންގެ މޭގައި ބާރަށް ޖަހަން ފެށިއެވެ. ތަދުނުވާވަރަށް ބާރަށެވެ.

“ބަނޑުބޮޑުވީމަ ތިހެން އުޅޭކަށް ނުވާނެ.. ދަރިފުޅަށް ގޯސް އާދަތައް ދަސްވެދާނެ” ކާއިން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“ކާއިން ތިހާ ކަންބޮޑުވާން ކާއިންގެ ދަރިއެއް ނޫން ދޯ މިއީ” ލަގުދަންފައި ވަރުން އަޝްވާއަށް އޭނައަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާވެސް ނުލެވެއެވެ.

“އޯކޭ އަހަރެންގެ ބޭބީއެއް ނޫން ތިއީ.. އެކަމަކު ދުވަހަކުވެސް އަހަރެންގެ ބޭބީއެއް މިބަނޑުން އުފަންނުވާނެތަ.. ހަމައެކަނި ޝަނުމްއަށްތަ އެފުރުސަތު އޮތީ” ކާއިން ގޮތް ދޫކޮށް އަޝްވާ އަތަށް ފޯނު ދިނެވެ. އަޝްވާ ކާއިން ނެގި ފޮޓޯ ޑިލީޓް ކޮށްލިއެވެ.

“އާން.. ޝަނުމް އާއި ދެމީހުން މެރީކޮށްގެން ބައިވަރު ކުދިން ހޯދާނަން” އަޝްވާގެ ހިޔާލަށް އައީ ރޭގައި ޝަނުމްއާއި ދެކެވުނު ވާހަކަތަކެވެ.

“މުޅިން ކަޑައެއްނު ތިހެންވީމަ. ޝަނުމްގެ ބޭބީސް އެހާ ރީއްޗެއް ނުވާނެ.. އަހަރެންގެ ކުދިން ވަރަށް ރީތިވާނެ. މަޖާވާނެ” ކާއިން އަޝްވާ އާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

“އާން ކާއިންގެ ކުދިން ވަރަށް ރީތިވާނެ ކަން ޔަގީން. އެކަމަކު ކާއިން ގޮތަށް މަޖަލުގައި ހައްދުފަހަނަޅައި ދިޔުމުން ކަމަކު ނުދޭ” އަޝްވާ ބުނެލިއެވެ. އޭނާއަށް ޝަނުމްއަށްވުރެ ކާއިން ސިފައިގެ ގޮތުން ރީއްޗެވެ. އެހެންނަމަވެސް މިޒާޖާއި އަހުލާގުގައި ކާއިންއަށް ދުވަހަކުވެސް ޝަނުމްއާއި އެއް ފެންވަރަކަށް ނާދެވޭނެކަން ޔަގީނެވެ.

ޓެރަސްގައި ވާހަކަ ދައްކަން ތިބުމަށްފަހު އަޝްވާ ކާއިން ގޮވައިގެން ސައިދޭން ދިޔައެވެ. ކާއިން ދިރިއުޅެނީ އެކަނި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމުން އެގެޔަށް އަންނަ ފަހަރު ފަހަރު އަޝްވާ ކާއިންއަށް ކާންދީ ހަދައެވެ. ޝައިމްގެ އެދުމާއި އެކީގަޔާއި ކާއިންއާއި އަޝްވާގެ ގުޅުން ރަގަޅުވަމުން ދާތީއެވެ.


 

ޝަނުމް އެބަޔަށް އައީ އޭނާ ޔުނީފޯރމު އިސްތިރިކޮށްދޭން އަޝްވާ ކައިރީ އެދުމަށެވެ. އަޝްވާ ކާއިންއާއި އެކީ ދިޔަތަން ފެނި ޝަނުމް އަޝްވާ އަންނަން ވާއިރަށް ސޯފާގައި މަޑުކޮށްލިއެވެ. ކާއިން އާއި އަޝްވާ އެހާ ގާތްކޮށް އުޅޭތީ ޝަނުމްއަށް އުދަގޫތަކެއް ވިޔަސް އެކަން މާ ބޮޑު ކަމަކަށް ނުހެދުމަށް މަސައްކަތް ކުރެއެވެ.

“ޝަނުމް… ކީއްވެ މާ އެކަނިވެފަ ތިއިނީ” ރީމް އަށް ޝަނުމް އެކަނި އިންތަން ފެނި އަހާލިއެވެ.

“އަޝްވާ އަންނަން ދެން މިއިނީ.. ޑިޔުޓީއަށް ދާ ގަޑި ޖެހޭތީ ޔުނިފޯރމު އިސްތިރިކޮށްލަ ދޭން ބުނަންވެގެން” ރީމްއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޝަނުމް ބުނެލިއެވެ.

“ޝަނުމް ދޭ ތައްޔާރުވެލަން. އަހަރެން އެބަ އަންނަން އިސްތިރިކޮށްގެން ތި ކޮޓަރިއަށް” ރީމް ބުނެލިއެވެ.

ޝަނުމް ދިޔުމުން ރީމް އަޝްވާގެ ކޮޓަރިއަށް ދިޔައެވެ. ދޮވެފައި ހުރި އަންނައުނުތައް ބައި ވަކި ނުކޮށް ހުރީ އަޝްވާގެ ކޮޓަރީގައި ބަހައްޓާފައެވެ. ރީމް އެތަނުން ޝަނުމްގެ ޔުނީފޯރމު ނަގައިގެން އިސްތިރިކުރުމާއިގެން އުޅުނެވެ.

“ޝަނުމް އައީތަ” ރީމް ހުރީ ޝަނުމް ފެނުމަށް ކެތްމަދުވެފައިކަން އެނގި ހިންދު އަހާލިއެވެ.

“ނަސީބެއް އަޝްވާ ކާއިންގެ ފަހަތުން ދިޔަކަން. އެހެންނޫނީ އަހަންނަށް މިކަން ކުރަން ނުލިބުނީހެއްނު” ރީމް އަކީ ހިތުގައި އޮންނަ އެއްޗެއް ބުނުމަށް ފަސްޖެހޭ މީހެއް ނޫނެވެ.

“ރީމްއަށް އެއްމެ ކުޑަ މިނުން ތިކަން ކުރަން އެބަ ލިބެއެއްނު. އަހަރެން ފެންނަ އިރަށް އަޝްވިން ހުންނަނީ ރުޅިއައިސް ރަތްވެފަ” ހިންދު އައިސް ރީމް ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ.

ހިންދު އެގަޔަށް އަންނަން އެއްބަސްވީ އަޝްވިން ނޫޅޭނެއޭ އަޝްވާ ބުނުމުންނެވެ. އެދުވަހު ކުލިނިކުގައި ފުރަތަމަ ފަހަރަށް އަޝްވިން ދެކެވާ ލޯތްބަށް އިއުތިރާފުވުމުންވެސް އަޝްވިންގެ ފަރާތުން ލިބުނު ފަރުވާ ކުޑަކަމަށް ހިންދުއަށް ނުވިސްނޭ ދުވަހެއް ނުދެއެވެ. އެވަޒީފާއިން ވަކި ވުމަށްފަހު އެހެން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަން ފަށައިފައިވާ އިރު އަޝްވިންއަށް އޭނާ ނެތްކަންވެސް އިހުސާސްނުވަނީ ހެއްޔެވެ؟

ހިންދު ވަޒީފާއިން ވަކިވީ މިސަބަބަށްޓަކައި އެކަންޏެއް ނޫނެވެ. މަންމަމެން އޭނާއަށް ދިން ހިތި ފޯނު ކޯލަށްފަހު ހިންދުއަށް އޭނާގެ ހިތާއި ދެކޮޅަށް އަޝްވިންއާއި ދުރަށްދާން މަޖުބުރޫ ވެއްޖެ ކަހަލައެވެ. އަޝްވިން ދެއްކި ހުރަސްތަކުގެ އިތުރުން މައިންބަފައިންގެ ނިންމުންތަކުން ހިންދުގެ މުސްތަގުބަލާއި ދޭތެރޭ ކުރެވުނު ހުރިހާ ފޮނި އުއްމީދެއް ވެއްޔާއި މޮޑެވިއްޖެއެވެ.

ރީމް ޝަނުމްގެ ޔުނީފޯރމު އިސްތިރިކޮށްގެން އެކޮޓަރިއަށް ދިޔައެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން ޖަވާބެއް ނުލިބުމުން ރީމް އެތެރެއަށް ވަނެވެ. ބޮޑު ކޮޓަރިވަނީ ވަރަށް ރަގަޅަށް ތަރުތީބު ކުރެވިފައެވެ. މަދު ފަރުނީޗަރާއި އެކު ކޮޓަރީގެ ސާދާކަން އިތުރުވެގެން ދިޔައީ ބިތުގައި ހުރި ހުދުކުލައާއި ފަރުމާކޮށްފައިވާ ގޮތުންނެވެ. ކުއީން ސައިޒުގެ މަޑު ނޫކަލެއްގެ އެނދާއި އެޔާއި ޖެހިގެން ހުރި ބޮޑު އަލަމާރިއަށް ރީމް އަވަސް ނަޒަރެއް ހިންގާލިއެވެ. މަޑު ހިނގުމެއްގައި ގޮސް ރީމް ހުއްޓިލީ ޝަނުމްގެ ރީތިވާ މޭޒު ކައިރިގައެވެ.

“ރީމް” ފާހަނައިން ނިކުތް ޝަނުމް ރީމްގެ ނަމުން ގޮވާލުމުން ރީމް ފަހަތަށް ބަލާލިއެވެ.

“އިސްތިރިކޮށްގެން ދޯ ތިއައީ. ގެނޭ އަހަރެން އަތަށް” ޝަނުމް އައިސް ރީމް އަތުން ޔުނީފޯރމު ނެގިއެވެ. އަދި އެހިފައިގެން ފާހަނައަށް ވަދެ ގަމީސް ބަދަލުކޮށްގެން އައެވެ.

ޝަނުމް ފާހަނައިން ނިކުތްއިރުވެސް ރީމް އެކޮޓަރީގައި ހުރުމުން ޝަނުމް ރީމް އަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ޝަނުމް ކީއްވެޔޯ އެމް އެން ޑީ އެފަށް ވަންނަން ގަސްދުކުރީ” ޝަނުމް އައިސް ރީތިވާ މޭޒުކައިރިއަށް ހުއްޓިލުމުން ރީމް އަހާލިއެވެ.

“މީ އެއްމެ ކުރާ ހިތްވާ މަސައްކަތްވީމަ މިދާއިރާއަށް ނިކުތީ.. ރީމް ކުރަނީ ކޮން ކަހަލަ މަސައްކަތެއް” ޝަނުމް އިސްތަށިގަނޑު ރަގަޅު ކުރަމުން އަހާލިއެވެ.

“އަހަރެން އަދާކުރަނީ އެޑްމިން އޮފިސާރ އެއްގެ މަގާމް.. ޑިގްރީ ނިމެންވާ އިރަށް އެޗް އާރު ދާއިރާއިން ވަޒީފާއެއް ލިބޭތޯ މިއުޅެނީ” ރީމް ޝަނުމްއަށް ބަލާލަމުން ބުނެލިއެވެ.

ފަން އިސްތަށިގަނޑު އަތުގެ އިނގިލިތަކުން އެއް ފަރާތަކަށް ފުނާއަޅަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއި އެކީގައެވެ.

“އަހަރެން މިވަރަށް އިސްތަށިގަނޑު ރަގަޅުކުރަން އުޅޭތީ ދޯ ތި ބަލަނީ” ރީމް އޭނާއަށް ބަލަން ހުރުމުން ޝަނުމް ބުނެލިއެވެ. ރީމް ދެކޮޅަށް ބޯ ހޫރުވާލަމުން ނޫނެކޭ ބުނެލީ ކުޑަކޮށް ހެވިފައި ހުރެއެވެ.

“ކޮންމެ ކޮންމެ ގޮތަކަށް އިސްތަށިގަނޑު ބަހައްޓައިގެން އަހަންނަށް ކަމަކު ނުދާނެ.. އެކުގައި އުޅޭމީހުން ބައެއް ފަހަރު ދިމާކުރާނެ އަންހެނެއް ހެއްޔޭ ކިޔާފަވެސް..” ޝަނުމް ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ޝަނުމް ގޮށް ނައްޓާފައެއްނު ތިހިރީ” ޝަނުމް އޭނާއާއި ދިމާލަށް އެބުރުނު ވަގުތު ޝަނުމްގެ ގަމީހުގެ މޭމަތީ އިން ގޮށް ނައްޓާފައި ހުރިތަން ފެނި ރީމް އިގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޝަނުމް އަތުގައި ހޭކި ކުރީމް ތުވާލިން ފުހެލުމަށްފަހު ގޮށް އަޅުވަން އުޅުނެވެ. ނަމަވެސް ގޮށުގައި ހިފާލުމާއި އެކު އަތަށް އައެވެ. ޝަނުމް ފުން ނޭވާއެއް ލުމަށްފަހު އަލާމާރީގެ ދޮރުފަތް ހުޅުވާ އޭނާ ގެންގުޅޭ ބަރަނީއާއި ގޮށް އަޅާފައި ހުންނަ ކުޑަ ފޮށިގަނޑު ނެގިއެވެ.

“ޝަނުމް އަމިއްލައަށް ތިކަމެއް ނުވާނެއެއްނު.. ގެނޭ އަހަރެން އަތަށް” ޝަނުމް ތިނޯހަށް ބަރަނި ލައްވައި ގޮށް ހަރުކުރަން އުޅުމުން ރީމް ބުނެލިއެވެ. ޝަނުމް އުޅުނީ ނޫނެކޭ ބުނާށެވެ. ނަމަވެސް އޭގެކުރިން ރީމް އޭނާ އަތުން ތިނޯހާއި ގޮށް އަތުލިއެވެ.

“އަހަންނަށް އެނގެއޭ ގޮށް ހަރުކުރަން” އިސްއުފުލައި ޝަނުމްގެ މޫނަށް ބަލާލިލ ވަގުތު ޝަނުމް އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތުން ރީމް ހެވިފައި ބުނެލިއެވެ. ޝަނުމް ރީމްއަށް ބަލަހައްޓައިގެން ހުރީ ރީމް އޭނާއާއި އެހާ ކައިރިވުމުން އުދަގޫވެފައެވެ. ނަމަވެސް ރީމް އިސްނެގުމުން ދެކޮޅު ހަދަން ބޭނުންނުވީއެވެ.

ޝަނުމް އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތުން ރީމްއަށްވެސް އުދަގޫތަކެއް ވިއެވެ. އެހެންނަމަވެސް އެއީ ޝަނުމްއަށް ވާ ފަދަ އިހުސާސަކާއި މުޅިން ތަފާތު އިހުސާސެކެވެ. ހިތް އެދޭ ބައިވެރިޔާއާއި އެހާ ކައިވުމުން ހިތުގެ ވިންދު އިހުނަށް ވުރެ އަވަސްވިއެވެ. އަދި ޝަނުމް ބަލަހައްޓައިގެން ހުރި ގޮތުން ލަދުގަންނަ ގޮތް ވިއެވެ.

“ކަތުރެއް އެބައޮތްތަ” ރީމް ބުނެލީ ޝަނުމްއަށް އަޑުއިވޭ ވަރަށް މަޑުންނެވެ.

“ގެނޭ އަހަރެން އަތަށް” ޝަނުމް ރީމް އަތުން ރޮނދި ފަށް އަތުލިއެވެ. ޝަނުމްއަށް ރީމްގެ އަތް ފިނިވެފައިވާ ވަރު އިހުސާސްކުރެވުނެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަތުގައި ހުރި ބާރެއް ލާފައި ރޮނދިފަށް ކަނޑާލަން ހިފާލިއެވެ. ޝަނުމް ރޮނދިފަށުގައި ހިފާލި ބާރު މިނުގައި ގޮސް އަތް ޖެހުނީ ކުރިމަތީ ހުރި ރީމްގެ ނޭފަތުގައެވެ.

ކުއްލިއަކަށް ވެރިވި ތަދުން ރީމްއަށް އެއްޗެއް ނުބުނެވުނަސް އަވަހަށް ނޭފަތް މަތީ އަތް އަޅާލެވުނެވެ.

“ވަރަށް ބާރަށް ދޯ ޖެހުނީ.. އައި އޭމް ސޮރީ” ޝަނުމް ރީމްއަށް ބަލާލަމުން ބުނެލިއެވެ. ނޭފަތުގައި ހުންނަ ނާޒުކު ކަށިގަނޑަށް އެފަދަ ކުއްލި އަދި ބާރު ތަދެއް އެރުމުން ރީމްގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

“ރީމް.. ލޭ  އާދޭތަ” ޝަނުމް ރީމްގެ ނޭފަތް މަތިން އަތް ނަގާލިއެވެ. ނޭނގި ނަމަވެސް އެފަދަ އަނިޔާއެއް ދެވުނީތީ ޝަނުމް ދެރަވިއެވެ.

“އެއީ އެވަރު ކަމެއް ނޫން.. ޝަނުމް ޑިޔުޓީއަށް ދޭ.. އަހަރެން ގޮސްދާނަން މިތާ ބޭސް އަޅާލަން” އަޅަމުން ދިޔަ ވޭނާއިއެކު ރީމްއަށް އެތާގައި ހުރުމަށް ކުޅަދާނަނުވިއެވެ. ރީމް ދާން ހިނގައިގަތުން ޝަނުމް ރީމްއަށް ގޮވާލުމުން ބަހެއް ނުބުނެ ހިނިތުންވެފައި ދިޔައީ އެހެންވެއެވެ.

ރީމް ދިޔުމުން އަވަހަށް ތައްޔާރުވެލައިގެން ޑިޔުޓީއަށް ދިޔުމުގެ ކުރިން ޝަނުމް މަތީ ބަޔަށް ދިޔައީ ރީމްގެ ހާލު ބަލާލުމަށެވެ.

ސިޓިންރޫމުގައި ރީމް ފެންނަން ނެތުމުން ޝަނުމް ދިޔައީ ބަދިގޭގައި އުޅޭތޯ ބަލާލުމަށެވެ. އެހެންނަމަވެސް އޭނާއަށް ފެނުނީ އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ. އަދި ހިތަށް ފަސޭހަ މަންޒަރެއްވެސް ނޫނެވެ. އަޝްވާ އާއި ކާޢިން ސަކަރާތް ޖަހަމުން ކާއިން އަޝްވާގެ އަތުގައި ހިފައި އޭނާ ކައިރިއަށް ގެނައިތަން ފެނިފައި ޝަނުމްގެ ހިތަށް ބަޔާންކުރަން ދަތި އުނދަގޫތަކެއް ވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ކާއިންއާއި އަޝްވާގެ ގުޅުމަށް ޝައްކުތަކެއް ކުރެވެން ފެށުނެވެ.

ޝަނުމް އައީ ރީމްގެ ހާލު ބަލަލާން ކަމުގައި ވިޔަސް ޝަނުމް ހިތުގައި ފުރަތަމަ ފަހަރަށް ލޯބީގެ ކޫރުމެއް އެޅިގެން ދިޔައެވެ. އޭގެ ވޭން މާބޮޑު ނުވަނީސް ޝަނުމް އެތަނުން ދިޔައީ ސިކުޑިން އެއީ މާބޮޑު ކަމެއް ނޫންކަން އޭނާގެ ހިތަށް ވިސްނައިދެމުންނެވެ.

ކާއިންއަށް ސައިދިނުމަށްފަހު އަޝްވާ މޭޒުމަތިން ތަށިތައް ނަގަން އުޅުނު ވަގުތު ކާއިން ކޮށްލި ސަމާސާއަކުން އަޝްވާ ކާއިންގެ ގަޔަށް ފެންތަށި އަޅާލިއެވެ. ކާއިން އޭގެ ބަދަލު ހިފަން އުޅުނީ ފެން ޖަގު އަޝްވާގެ ބޮލަށް އަޅައިލައިގެންނެވެ. އެހެންނަމަވެސް އަޝްވާ ހުރި އެޔަށް ވުރެ މާބޮޑަށް ހުޝިޔާރުވެގެން ކަމުން އެކަމުން ސަލާމަތްވީއެވެ. އަޝްވާ ކާއިންއާއި ދުރަށް ދާން އުޅުމުން ކާއިން އަޝްވާ ދަމާފައި އޭނާ ކައިރިއަށް ގެނައީ ކާއިންއަށް އެވަގުތު އެތަނަށް އައި ޝަނުމް ފެނުމުންނެވެ.

އަޝްވާ ޝަނުމްއާއި ހެދި ދީވާނާވަމުންދާ ހާލު ކާއިން އެހެން ކަންތައް ކުރީ އަޝްވާ އުފަލުގައި ގެންގުޅެވޭނެ ކަމާއި  މެދު ޝަނުމްއަށް އިތުބާރު ނުކުރެވޭތީއެވެ.  ރޭގައި އަޝްވާއަށް ވެފައި ހުރިވަރު ފެނިފައި އެފަދަ ކަމެއް ތަކުރާރުވާން ކާއިން ބޭނުމެއް ނޫނެވެ. އަޝްވާއަކީ ޝައިމްގެ ކޮއްކޮއަށްވެފައި އަޝްވާއާއި ދޭތެރޭ އޭނާއަށް ވެސް ރަހުމް ކުރެވެން ފެށިއްޖެއެވެ. ދެމީހުންގެ ދޭތެރޭ ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދެމީހުންގެ ގުޅުން ނޭނގި ނަމަވެސް ދިޔައީ ރަގަޅުވަމުންނެވެ. އަޝްވާވެސް ކާއިން ދެކެ ކިތައްމެ ރުޅިއެއް އަޔަސް ކާއިންއަށް އަޅާލަނީ ގާތް ރަހުމަތްތެރިއެއް ފަދައިންނެވެ.

ކާއިންއާއި ދެމީހުން ސަކަރާތް ޖެހުމުގައި އުޅުމަށްފަހު އަޝްވާ ކޮޓަރިއަށް ދިޔައެވެ. އޭރު ރީމްއާއި ހިންދު ތިބީ އެނދުގައި ވާހަކަ ދައްކާށެވެ.

“އަޝްވާ ހިނގާ ބަލަ މިއަދު ހަވީރު ފިހާރައަށް ދާން.. އަހަރެން ބޭނުން މިފަހަރު އީދަށް ހެދުން ފަހަން ހިންދު އަތަށް ދޭން މިއުޅެނީ” އަޝްވާ އައުމުން މައުޟޫ ބަދަލުކޮށްލަމުން ރީމް ބުނެލިއެވެ.

“ތިހެން ބުނީމައޭ ހަނދާންމިވީ.. އަހަރެން އެބަ ޖެހޭ އޮފީހަށް ދާން ހެދުން ގަންނަން ދާންވެސް. ބައްޕަ ބުނީ ކުޑަ ދުވަސްކޮޅެއް ތެރޭ އޮފީހަށް ނުކުންނަން ޖެހޭނެއޭ” އަޝްވާ އައިސް ރީމްމެން ކައިރީ އިށީދެލަމުން ބުނެލިއެވެ.

ހިންދުއާއި ރީމްއަށް އެކަކު އަނެކަށް ބަލާލެވުނެވެ. އަޝްވާ ދެއްކި ވާހަކައަށްފަހު ރީމް ބުމަ އަރުވާލީ ސިއްރުން އެއްޗެއް ބުނާ ފަދައަކުންނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކައިއާ…..10

Next

ލޯބި އަހަރެނަވާނަމޭ (ކިޔުނަތެރިންނަށް)

Next
January 20, 2018

ލޯބި އަހަރެނަވާނަމޭ (ކިޔުނަތެރިންނަށް)

Previews
January 20, 2018

ކައިއާ…..10

28 Comments!

  1. Mal. says:
    January 20, 2018 at 5:09 pm

    Wowww.. marooo.. v v loabi…??❤❤

  2. Mal. says:
    January 20, 2018 at 7:24 pm

    Reem ah kaneyge dhw shanum libeyny.. ae eyna aky kuran hithah aruvaa kameh kuraa myhakah vaathy.. dhw marooo.. v hyvey..???

    1. maroon says:
      January 21, 2018 at 1:54 am

      Thanku mal ❤ kameh kuran hithah eru viyas what if she finds about shanum and ashwa

  3. maroon says:
    January 20, 2018 at 8:08 pm

    Salaam hurihaa kudhinna. Baivaru kudhinge edhumakah 7th vana bai mi genesdhiny. Alot of you are deciding couples to be. Kon bayeh hen thi kudhinna heevany gulheny mi story nimey iru. Always welcome your views and comments. Tc . Good night
    ??? loves

  4. maikko says:
    January 20, 2018 at 8:38 pm

    alheyyyy mibai ves varavh varah varah reethi …….waiting for the next part maroon ???☺

    1. maroon says:
      January 21, 2018 at 7:18 am

      Thanku maikko. ?

  5. Pinky shifoo says:
    January 20, 2018 at 8:44 pm

    Alhey maroon ur soooooo good… Ehaa dhigukoh genesdhinyma varah varah ufaavey ????.. Mi part vx hama fabulous… Just I’m speechless ?????.. Mihaaru varah confuse vehje couples thah ??.. Hehehe… Waiting for next part.. Mee varah varah reethi vaahaka eh ❤️❤️? n varah kiyaalaahithun kiyaa vaahaka eh ?????..

    1. maroon says:
      January 21, 2018 at 7:18 am

      Yh mi part dhiguvy. Readers r lucky. Ekyhve yoa confuse vy
      Thanku pinky shifoo ??

  6. Blu.. says:
    January 20, 2018 at 8:48 pm

    Wow varah salhi.. Shanum n ashawa hen heevany.. Balamaa dhw dhen kihinehtho vany.. ?

    1. maroon says:
      January 21, 2018 at 7:16 am

      Thanku blu.. yh thihen ves vedhaane

  7. Maa says:
    January 20, 2018 at 8:51 pm

    Reem and shanum… hindhu and ashvin …Kaain and ashva

    1. maroon says:
      January 21, 2018 at 7:16 am

      Thanku maa ? thats a way too

  8. Maa says:
    January 20, 2018 at 8:54 pm

    Tomorrow morning ga ves up kohla dheythi ingey maroonnnn…. plzzzz

  9. Lily says:
    January 20, 2018 at 8:57 pm

    Varah reethi…knorakun dhnn inn part up khdheyni??????

    1. maroon says:
      January 21, 2018 at 1:27 am

      Thanku lily ?

    2. maroon says:
      January 21, 2018 at 7:15 am

      In sha Allah today

  10. Xxxx says:
    January 21, 2018 at 1:51 am

    Wooooowww ???? v.nice

    1. maroon says:
      January 21, 2018 at 7:14 am

      Thanku xxxx ?

  11. shaan says:
    January 21, 2018 at 8:40 am

    V v reethi n keep it up?????

    1. maroon says:
      January 21, 2018 at 1:56 pm

      Thanku shaan ?

  12. Zuam says:
    January 21, 2018 at 10:10 am

    Varah reethi❤

    1. maroon says:
      January 21, 2018 at 1:57 pm

      Thanku zuam ?

  13. Alky says:
    January 21, 2018 at 12:49 pm

    Ashwa and kaain..reem and shanum..hindhu nd ashwin

    1. maroon says:
      January 21, 2018 at 1:57 pm

      Dhw.. thanku alky ?

  14. Mysh says:
    January 21, 2018 at 12:50 pm

    Ashwa aai kaain gulhuvyma rythi vaany

    1. maroon says:
      January 21, 2018 at 1:57 pm

      Heevey thihen ves ? thanku mysh

  15. 1x00 says:
    January 21, 2018 at 3:21 pm

    I am speechless..varah varah reethi ?
    Keep up the good work ?
    But i want to ask u sumthing..vaahaka liyumaky maroon job eh gothah kuraa kameh tha?? Aslu mihen mi ehy knme dhuvahaku part eh up kohlaathy..?
    Ekm varah ufaavey knme dhuvahaku ves up kohlaathy..adhi ehaa dhigu koh ?
    Cant wait..?

    1. maroon says:
      January 21, 2018 at 4:04 pm

      Thanku 1×100
      No i have real job. And have other hobbies too. And i really would enjoy this as a job ?…
      ?? thanku again

Comments are closed.


All Right Reserved!