އާދިލް ގެ ލޮލަށް ބަލަހައްޓައިން އިން ނަދާ ހިނިތުންވެލަމުން އިސްޖަހާލިއެވެ. އަދި އެހާމެ އަވަހަށް މޫނުމައްޗަށް ވެރިވި ކުލަވަރު ފޮރުވާލަމުން މާކިން އަށް ބަލާލިއެވެ. ” މާކިން.. ކިހިނެއްތަ… އަޑު އެހިން މާލެއަށް ދާ ވާހަކަ..” ނަދާ ގެ ސުވާލަށް މާކިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” އާން.. އެކޮޅަށް ބަދަލުވާން މިއުޅެނީ..” މާކިން އާދިލް ގެ މޫނަށް ބަލާލަމުން އެއްބުމަ އަރުވާލީ އަނގައިން ނުބުނެ ހުރުމުންނެވެ. އެ މަންޒަރު ނަދާ ގެ ސަމާލުކަން ހޯދިއެވެ. އޭރު އެއިން ކޮންމެ މީހެއްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ނަދާ އާއި ޖެހިގެން ނަޝްވާ އިނެވެ. ހީވަނީ ކޮންމެ މީހެއްގެ މޫނުމަތިން ކަންތައްތަކެއް ދެނެގަންނަން އުޅޭހެނެވެ. ” އާދިލް.. ހާދަ ދުރުންނޭ ތިއުޅެނީ މިހާރު.. ކުރިން ފެނުނީމަ ގޮވާލާނެ.. މިހާރު ފެނުނަސް ނުފެންނަ ކަމަށް ހަދާލާފަ ދަނީ..” ނަދާ ސަމާސާ އަކަށް ނަމަވެސް އެބުނީ އެހިތުގައ ޝަކުވާއެވެ. މާކިން ގެ ބަދަލުގައި އާދިލް އޭނާ އަށް ގޮވާލިނަަމަ އުފާވީސްކަން ޔަގީނެވެ. އާދިލް ގެ ހިތުގެ ތެޅުން ކުއްލިއަކަށް ބާރުވިހެން ހީވިއެވެ. ނަދާ ގެ މޫނަށް ބަލަހައްޓައިން ހުރި އިރު ބުނާނެ އެއްވެސް އެއްޗެއް އެވަގުތު ސިކުނޑިއަކަށް ނައެވެ. ނަދާ ގެ ކުރިމަތީ އެހާ ޖެހިލުންވަނީ ކީއްވެހެއްޔެވެ. އާދިލް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މާކިން އަށް ވެސް ވަކި ކަންތައްކުރަންވީ ގޮތެއް ނޭނގުނެވެ. ކަރުކެހިލަމުން އާދިލް ކުޑަކޮށް ކެއްސާލިއެވެ. ” އެހެނެއް ނޫން… ނަދާ ވާހަކަ ނުދައްކާތީ އަސްލު ނުކެރެނީ..” އާދިލް ގެ ޖަވާބު އިވުމާއެކު މާކިން އާއި ނަޝްވާ ގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ދެން މި ފެށުމެއް ކަމަށް ބަލާ ދޯ އާދިލް… ދަނީ އިނގޭ..” ނަދާ މެންނާ ދުރަށް ހިނގައިގަތް މާކިން އާދިލް ގެ ކޮނޑުގައި ޖަހާލިއެވެ. ” ނަދާ މާ ގަދަ އެއްނު.. އާދިލް ތިއުޅެނީ އަންހެން ކުއްޖެއް އުޅޭހެން.. ތަންކޮޅެއް ކެރިގެން ނަދާ އާއި ވާހަކަ ދައްކަބަލަ..” އާދިލް އުޅޭގޮތުން މާކިން މަލާމަތް ކޮއްލިއެވެ. ބޭނުމަކަށް ވީ ދިމާކޮށްގެން ނަމަވެސް އާދިލް ލައްވާ ނަދާ އާއި ގާތް ގުޅުމެއް އުފެއްދުމެވެ. ދެފަރާތަށް ބޯތަޅުވާލަމުން އާދިލް ހީލި އަޑު އިވުނެވެ.
*********
އެންމެ ފަހު އިމްތިހާނު ނިންމާފައި ނުކުތް މައިރާ ގެ ތުންފަތްމަތީގައި ހުވަފެނީ ހިނިތުންވުމެއް ވެއެވެ. ކުރިއަށް ކަންތައްވާން ބޭނުންވާ ގޮތް އެ ސިކުޑީގައި ރާވައި ނިންމާލަން މިނެޓެއްވެސް ނެނގިހެނެއް ހިޔެއްނުވެއެވެ. ގެއަށް ގޮސް ބައްޕަ ކައިރީ އޭނާ ކިޔަވަން ފޮނުވަން އެދޭނީއެވެ. އޭރުން އީވާން ގެ ހިތުގައި އޭނާއަށްޓަކާވާ ލޯބީގެ ތެދުވެރިކަން ވެސް އެނގިގެންހިނގައިދާނެއެވެ. ލޯބިވާ ނަމަ މައިރާ ކިޔަވައިގެން އެނބުރިއަންނަން ދެން އީވާން އޭނާ އަށް އިންތިޒާރު ކުރާނެއެވެ. ބައްޕަމެންގެ އެދުމަށް ނަމަވެސް އުމުރުން އެންމެ ވިހި އަހަރުގައި އޭނާ ކަައިވެންޏެއް ނުކުރާނެއެވެ. ފުރަތަމަ މައިރާގެ މަގްސަދަކީ ކިޔެވުމެވެ. އެއަށް ފަހު މީހުން ބަލައިގަންނަ މީހަކަށްވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމެވެ. މާލޭ އަށް އުފަން މުއްސަނދި އާއިލާއެއްގައި ހުރި ހަމަ އެކަނި އަންހެންކުއްޖާ އަށް ވުމުން އެކަމުގެ ބޮޑާ ކަމެއް މައިރާގެ ނެތެވެ. އޭނާ ވިސްނާ ގޮތް ތަފާތެވެ. އޭނާ ގެ ކޮންމެ އެދުމެއް އާއިލާއިން ފުރިހަމަ ކޮއްދޭނެކަން ޔަގީނެވެ. ފުން ވިސްނުމެއްގައި ގޭޓު ކުރިމަތީ ހުއްޓުނު މައިރާ ސިހިގެން ދިޔައި ފަަހަތުން އައި އަންހެންކުއްޖާ އޭނާ ގެ އަތުގައި ޖެހިގަތުމުންނެވެ. ” އެލީ.. ” މައިރާ ތަންކޮޅެއް ބާރަށް އެއަންހެންކުއްޖާގެ ނަމުން ގޮވާލިއެވެ. ” ޔެސް ބެސްޓީ… ފައިނަލީ.. ދަ ސްޓްރެސް އިސް އޯވާ…” އެލީޝާ ފުންނޭވާއެއް ލަމުން ބުނެލިއެވެ. ލައިގެެން ހުރި ދޫ ޓޮޕް ގެ އަތްކުރި އޮޅާލަމުން އެލީޝާ މައިރާ ގެ އަތުގައި އަތް އަޅުވާލިއެވެ. ” ކޮބާ ޔާން..” އެންމެ ގާތްކޮށް ދެން އުޅޭ ޔާނާ އެލީޝާ އާއި އެކު ނައުމުން މައިރާ ސުވާލުކޮއްލިއެވެ. ” ޓޮއިލެޓަށޭ ކިޔާފަ ދިޔައީ..” އެލީޝާ އޮޅުންފިލުވައިދިނެވެ. މާގިނައިރެއްނުވެ ގަދަ ބްރައުން ކުލައިގެ ދިގު ހެދުމެއް ލައިން ހުރި އަންހެންކުއްޖެއް މައިރާމެން ކައިރިއަށް އައިސް ހުއްޓުނެވެ. އަޅާފައިވާ ކަޅު ޝޯލްގެ އިތުރުން މައިރާ އާއި އެލީޝާ އަށް ވުރެ އެ އަންހެންކުއްޖާ އިސްކޮޅުން ދިގެވެ. ” މި އައިނުން.. ހިނގާ ގެއަށް ދާން އަވަހަށް…” ތިންއަންހެންކުދިން ގޭޓުން ނުކުތީ އެކު އެކީގައެވެ.
ލިފްޓް ފަސްވަނަ ބަޔަށް ހުއްޓުމާއި އެކު ތިން ކުދިން ވެސް ނުކުތީ ހެމުންނެވެ. ބެލް ޖެއްސުމުގެ ބަދަލުގައި ދަބަހުން ތަޅުދަނޑި ނަގަމުން މައިރާ އެޕާޓްމަންޓްގެ ދޮރު ހުޅުވާލިއެވެ. ވާހަކައިގެ ސަބަބުން އެތެރެއަށް ވަތް އެލީޝާ އަށް ފައިވާން ހަރުގަނޑު ކައިރީ އޮތް ބުޅާ ނުފެނެއެވެ. ޔާނާ ގެ ފަހަތުން ވަދެ ދޮރު ލައްޕާލި އެލީޝާ އަށް ބުޅާ ފެނުމާއެކު ހީވީ ބޮޑު ބިރެއްފެނުނުހެންނެވެ. ހަޅޭކުގެ އަޑާއެކު ޔާނާ އަށް ކަންފަތުގައި އަތް އަޅާލެވުނެވެ. މައިރާވެސް ސިހިފައި ފަސް އެނބުރި ބަލާލިއިރު އެލީޝާ ދުވެފައި އައިސް އޭނާގެ ފުރަގަހަށް ވަންނަނީއެވެ. ” ޕްލީޒް މައި.. އެ ބުޅާގަނޑު މިތަނުން ގެންދޭ… ޕްލީސް..” އެލީޝާ އާދޭހާއެކު އެހެން ބުނިއިރު ޔާނާ ހުރީ އަދިވެސް ކަންފަތުގައި އަތް އަޅައިގެންނެވެ. ” އެލީ.. ކުރިން ދުވަހު ވެސް ބުނީމެއްނު.. ފްލަފް ނުކުރާނެއޭ ކަމެއް.. ކިހާ ބަސްއަހައިގެން އެ އޮތީ..” މައިރާ އެލީޝާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ޔާނާ ތިރިވެލަމުން ބުޅަލުގެ ގައިގައި ފިރުމާލިއެވެ. ” ސޯ ކިއުޓް..” ޔާނާ ހިނިތުންވެލަމުން އެހެން ބުނުމާއެކު ޔާނާ އަނގައަށް ވައްތަރެއްޖައްސާލިއެވެ. ކުއްލިއަކަށް ބުޅާ ތެދުވެ އެލީޝާ އާއި ދިމާއަށް އަންނަން ފެށުމުން އެލީޝާ ދުވެފައިގޮސް ވަނީ މައިރާގެ ކޮޓަރިއަަށެވެ. އެ މަންޒަރު ބަލަން ތިބި ޔާނާ އާއި މައިރާގެ ހުނުމުގެ އަޑު ސިޓިންގްރޫމަށް ފެތުރިގެން ދިޔައެވެ. ” ކިހިނެއްތަ ވެގެން މިއުޅެނީ..” ކޮޓަރިން ބޭރަށް ބޯދިއްކޮލަމުން ސަލީމާ އަހާލިއެވެ. ” މަންމާ.. އެލީ ފްލަފް ދެކެ ބިރުން..” މައިރާ ސަލީމާ އަށް ކަންތައްވީގޮތް ކިޔައިދިނެވެ. ” އިމްތިހާނު ފަސޭހަތަ؟ ” ސަލްމާގެ ސުވާލަށް ހިނިތުންވެލަމުން މައިރާ ބޯޖަހާލިއެވެ. މައިރާގެ ކިޔެވުމުގެ ކަންތަކާ ސަލީމާ ކަންބޮޑުވާކަށް ނުޖެހެއެވެ. ކުޑައިރުއްސުރެ ވެސް މައިރާ ކިޔެވުމަށް ލޯބިކުރެއެވެ. ކުލާހުން އެންމެ މަތިން ފާސްވާ އެކަކީ މައިރާއެވެ. ” ޔާނާ ވެސް އެބަހުރިންދޯ” މައިރާގެ ފަަހަތުގައި ހުރި ޔާނާ އަށް ބަލާލަމުން ސަލީމާ ހިނިތުންވެލިއެވެ. “އިރުކޮޅަކުން ޔާނާ މެންގޮވައިން ސައިބޯން ނުކުންނައްޗޭ…” ސަލީމާ ކާގެއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
މައިރާ މެން ކޮޓަރިއަށް ވަތް އިރު އެލީޝާ އިނީ ރީތިވާ މޭޒުކައިރީގައެވެ. ކޮޓަރީގެ މެދުގައި ސިންގަލް އެނދެއް ބެހެއްޓިފައިވާއިރު އެއްފަރާތުގައި އަލަމާރި އެއް ބެހެއްޓިފައިވެއެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް ފާރުކައިރީ ރީތިވާ މޭޒެއް ވާއިރު އެއާއި ޖެހިގެންވާ ފޮތް ހަރުގަނޑު ފުރިފައިވާނީ އެކި ކަހަލަ ވާހަކަ ފޮތްތަކުންނެވެ. ހުރިހާ ފަރުނީޗަރެއްވެސް އެކަތި އެނެއްކާ ނުހަނު ގުޅެއެވެ. މުޅި ކޮޓަރި ތެރެވެސް ޒީނަތްތެރި ކުރެވިފައިވަނީ ހުދުކުލައާއި މަޑު ފިޔާތޮށިކުލަ ބޭނުންކޮށްގެންނެވެ. ރީތިވާ މޭޒުމަތީ ހުރި އެކި ކަހަލަ ސާމާނާއި ލިޕްސްޓިކް ތަށް ފެނުމުން އެލީޝާގެ ލޮލުލައި ތަފާތު ވިދުމެއްވެއެވެ. ކޮންމެ އެއްޗެއް ވެސް ބަަލާލުމުގެ ޝައުގުވެރިކަން އެ މޫނުމަތިން ފެނެއެވެ. މައިރާ ގެ ކޮޓަރިއެކޭ ކުޑަވަރެއްގެ ފިހާރައެކޭ އެއްވަރޭ އެލީޝާގެ ހިތަށް އެރިއެވެ. އަލަމާރީގައި މަދު ނުވާނެ ވަރަށް ހެދުން ހުރެއެވެ. މައިންބަފައިންނާ ދުރުގައި ހުރުމުގެ އިތުރުން އެލީޝާ ކިޔެވުމަށް އައިސް ހުންނަނީ ކުދިން ބައިތިއްބާ ގެއެއްގައެެވެ. މައިރާ އެކޭ އެއްފަދައިން މުއްސަނދިި އާއިލާ އެއް އޭނާ އަށް ވެސް ލިބުނު ނަމައޭ އެތަށް ފަހަރަކު އެލީޝާގެ ހިތަށް އަރައެވެ. ” ވާވް.. ” އެއްފަރާތުގައި އޮތް އަތުގަ އަޅާ އެތި ލޮލުގައި އަޅައިގަތުމާއެކު އެލީޝާ އަށް ބުނެލެވުނެވެ. ކިތަންމެހާވެސް ފުރިހަމައެވެ. އެނދުމަތީގައި އޮތް އޭސީ ރިމޯޓުން ފިނި ގަދަ ކޮއްލަމުން މައިރާ އާއި ޔާނާ ވެއްޓިގަތީ އެނދުމައްޗަށެވެ. މައިރާގެ މިޒާޖާއި އެއްގޮތްކަމެއް ހުންނަނީ ޔާނާގެއެވެ. އެ ދެކުދިންގެ ހިޔާލާއި ގިނަ ފަހަރު ދެކޮޅު ހަދަން ޖެހެނީ އެލީޝާ އަށެވެ. އެހެންނަމަވެސް އެ ތަފާތު ތަކާއި އެކުވެސް އެ އެކުވެރިކަމަކީ ތިން ކުދިންނަށް ވެސް އިންތިހާ އުފާ ލިބިގެންދާކަމެކެވެ. މާޔޫސް ވާ ވަގުތު ތަކުގައި ހިތަށް ހަމަޖެހުން ގެނުވަނީ އެ އެކުވެރިކަމެވެ. ” އެލީ ބޭނުމިއްޔާ އޯކޭ ގެންދިޔަސް..” އެލީޝާ ގެ ހަރަކާތްތަަކަށް ބަލަން އޮތް މައިރާ ބުނެލިއެވެ. ” އަސްލުތަ.. ތެންކްޔޫ…” އެލީޝާގެ ނިކަން ބޮޑަށް ހިނިތުންވެލަމުން އައިސް މައިރާ އާއި ޔާނާ ގެ ގާތުގައި އިށީނދެލިއެވެ. ގެއަށް ވަދެގެން އައި ގަޑި ޒިއަމް އާއި ޒަކްވާންގެ ތެރެއިން އެކަކުވެސް ފެންނަން ނެތުމުން ޔާނާ ސުވާލު އުފެދޭގޮތްވިއެވެ. އެހެންނޫންނަމަ ޒަކްވާން މިހާރު ކޮންމެވެސް ޖެއްސުމެއް ކުރާނެއެވެ. ” މައި ގެ ދޮންބެމެން ގޭގަ ނޫޅޭ ދުވަހެއްތަ..” ޔާނާ ގެ ސުވާލުން މައިރާއަށް ވެސް މިއަދު ޒަކްވާންގެ އުނދަގުލެއް ނުވާކަން ފާހަގަވިއެވެ. ” ވެދާނެ… އެހެންނޫނީ އަދިވެސް ނިދާފަަކަންނޭގެ.. އެކަމު ދޮންބެ މިގަޑީގަ ވާނީ އޮފީހުގަ.. ހިނގާ ސައިބޯން ދާން.. ވަރަށް ހައި ވެއްޖެ…” މައިރާ ގެ އެދުމަށް ތިން ކުދިންވެސް އަވަސްވެގަތީ ސައިބުއިމަށެވެ.
އިޝާ ނަމާދު ކޮއްލައިން އައިސް ޖައްސާލުމާއެކު މާކިން އަށް ނިދިއްޖެއެވެ. ދެން ހޭލެވުނީ ކޮޓަރީ ދޮރުގައި ތަޅާ އަޑަށެވެ. ކަންފަތްމަތީގައި ބާލިސް އަޅަމުން މާކިން ލޯ މަރާލީ ތެދުވާހިތް ނެތުމުންނެވެ. މާއިޝް ގޭމް ކުޅެން އޭނާ ހޯދަނީ ކަން ޔަގީނެވެ. ” ދޮންބޭ… ދޮރު ހުޅުވަބަލަ…” މިންހާ ގެ އަޑު އިވުމާއެކު މާކިން އެނދުން ތެދުވިއެވެ. ދޮރު ހުޅުވާލުމާއެކު މިންހާ ފަރުވާތެރިކަމާއެކު މާކިން ގެ މޫނަށް ބަލާލިއެވެ. ހަރުވާޅު ހެދުމާއި އަޅައިން ހުރި ބުރުގާގެ ސަބަބުން މިންހާ ފެންނަނީ އުމުރަށް ވުރެވެސް ކުޑަކޮށެވެ. ” ބައްޕަ އަތުވެއްޖެ ދެންމެ..” މިންހާ ގެ އަޑުން އުފާ ވެފައި ހުރިކަން އިނގެއެވެ. ” މަންމަ ބުނެގެން ކާން ގޮވަން މިއައީ.. ދޮންބެ އަންނަން ދެން ބައްޕަ ވެސް އެބައިން ކާން ނުފަށާ..” މިންހާ އެހެން ބުނެ ދިއުމާއެކު މާއިން ފުން ނޭވާ އެއް ދޫކޮއްލިއެވެ. މިރޭ އޭނާ ބޭނުންވާގޮތް ބައްޕަ އާއި ހިއްސާކުރާނެއެވެ. މާލެ ދާން ބޭނުންނުވާކަން ހާމަ ކުރުމުން މަންމަ އެކޭ އެއްފަދައިން ބައްޕަ އެކަމަށް މަޖުބޫރެއް ނުކުރާނެއޭ މާކިން ގެ ހިތް ބުނެލިއެވެ.
8 Comments
Comments are closed.
Reethi..ekamu maa lahee up kohdhey leh..ehnve hadhaan nethifa kudha koh huhnanee aneh baan vee goi..ragalhu kohlaa ne kamah uhmeedhu kuran
Aneh part konirakun
Reethi?????
Nice ❤️??.. Plxx next part avahah genesdhehchey… Keep it up
v.nice..waiting 4 next part.. avaskohllahchey??
Neynge kieh ve kamehen varah olhey neynge mi vaa gotheh.. Ekam story varah reethi
Wow v reeti
Vvv rythi konn dhuvass thakehga mivaahaka geness dheniii avahah nereh chey aneh baiii