އެ އަޑުގެ ސަބަބުން ޝަރަފާއި ޝިނާޒް ވެސް ދިޔައީ ސިހިގެންނެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލުމާއެކު ދެމީހުންގެ ވެސް ލޯ ބޮޑުވިއެވެ. ދޮރު ކުރިމަތީގައި ވެއްޓިފައި އޮތީ އެމީހުންގެ ބައްޕަ ނޫން ދެވަނަ މީހެއްނޫނެވެ. ބައްޕަ މޭމަތީގައި އަތް އަޅައިގެން ވޭނުގައި އޮތްއިރު ކައިރީގައި ވެއްޓިފައި ތިބީ ބައްޕަ ކޮތަޅެއް ފުރާލައިގެން ގަނެގެން އައި ޝިނާޒާއި ޝަރަފަށް މީރު ވައްތަރެއްގެ ކޮފީ ދަޅުތަކެވެ. ފެންނަމުން ދިޔަ މަންޒަރުގެ ބިރުވެރިކަމުން ދެބެއިންނަށް ވެސް ސިކުންތުކޮޅެއް ވަންދެން ތިބިގޮތަށް ތިބެވުނެވެ. އެއަށްފަހު ދެމީހުން ވެސް ބައްޕާއޭ ކިޔައި ބައްޕަގެ ކައިރިއަށް ދިޔައެވެ. ވަމުން ދިޔައީ ކީއްކަން އަންދާޒާ ކުރެވުނު ތަނާހެން ޝިނާޒް ވަގުތުން ޝަރަފްގާތު އެމްބިއުލާންސަށް ގުޅުމަށް އެދުނެވެ.
އޭގެ މާގިނައިރެއްނުވެ ޝިނާޒާއި ޝަރަފް އެމްބިއުލާންސްގައި ބައްޕަ ގޮވައިގެން ގޮސް ތިބީ ހޮސްޕިޓަލުގައެވެ. އެމްބިއުލާންސް އައުމުގެ ކުރިން ޝަރަފް އެމީހުންގެ ދޮންތައަށް ވެސް ޚަބަރު ދިނީތީ ޝަބާވެސް އިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް އައެވެ. ޑޮކްޓަރުން ބައްޕަ ބަލާފައި އެންގި ގޮތުގައި ބައްޕައަށް ހާޓް އެޓޭކެއް ޖެހުނީއެވެ. ބައްޕަ މުޅިން ރަނގަޅު ކުރުމަށްޓަކައި ވަގުތުން އޮޕަރޭޝަނެއް ކުރަންޖެހޭ ވާހަކަވެސް ޑޮކްޓަރުން ބުންޏެވެ. ޝަބާ ވަގުތުން އެވާހަކަ ވަލީދަށް އެންގިއެވެ. އަދި ޝަބާއާއި ވަލީދު މިހާތަނަށް ރައްކާ ކޮށްފަ ހުރި ފައިސާއާއި ވަލީދުގެ ބޭބެއެއްގެ އަތުން ދަރަންޏަށް ހޯދި ފައިސާގެ ބޭނުން ކޮށްގެން ބައްޕަގެ ފަރުވާއަށްޓަކައި ލާރި ދެއްކިއެވެ. އެއާއެކު މާ ގިނައިރެއްނުވެ ބައްޕަ އޮޕަރޭޝަނަށްޓަކައި ތިއޭޓަރަށް ވެއްދުނެވެ. ތިއޭޓަރަށް ވެއްދީއްސުރެ ޝަބާ ދުޢާ ކުރުމުގެ ތެރޭގައި އިންއިރު ޝަރަފާއި ޝިނާޒް ކަންބޮޑުވުމެއްގެ ތެރޭގައި ތިއްބެވެ.
ކަންދިމާކުރި ގޮތުން އެމީހުންގެ ބައްޕައަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބުވިއެވެ. އެހެނަސް އެދުވަހަށްފަހު އެ ބައްޕައަކީ ކުރިންހެން އުޅެވޭނެ މީހެއް ނޫންކަމަށް ޑޮކްޓަރުން ބުންޏެވެ. އެހާ ބުރަކޮށް މަސައްކަތް ކޮށްފިނަމަ އަނެއްކާވެސް ޙާލަތު ދަށަށް ހިނގައިދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދިނެވެ. އެހެންކަމުން ގިނަ ވަގުތު އަރާމު ކުރުމަށްވެސް ލަފާ ދިނެވެ.
އެދުވަސްވެގެންދާނީ އޭނަގެ ޙަޔާތަށް ބޮޑު އިންޤިލާބެއް ގެންނާނެ ދުވަހެއްކަމަށް ޝަރަފް ހިއެއްނުކުރެއެވެ. ނަމަވެސް ބައްޕަ ވަޒީފާ ދޫކޮށްލަން ޖެހުނު ހިސާބުން ހުރިހާ ކަމެއް އެ ފުށްމިފުށަށް ޖެހެން ފެށިއެވެ. ބައްޕަ ބަލިވީ ދުވަސްފަހުން މަންމައާއި ބައްޕަގެ ދެމެދުގައި ހިނގާ އަރައިރުންތައްވީ ގިނައެވެ. ބައްޕަ ބަލިވެގެން އޮޕަރޭޝަން ކުރި ދުވަހުވެސް މަންމަ މަސައްކަތް ކުރާ ގޭގައި ހުއްޓާ ގުޅާގުޅާ ވެސް މަންމަ ފޯނެއް ނުނެގިއެވެ. އަރައިރުންތައް ފެށިގެން ދިޔައީ އެދުވަހު މަންމަ ހޮސްޕިޓަލަށް ނައީ ކީއްވެކަމާމެދު ސުވާލުކުރެވުނު ހިސާބުންނެވެ. އެއަށްފަހު މަންމަ އެ މަސައްކަތް ކުރާ ގޭގައި ފަހަކަށް އައިސް މާ ގިނައިރު ހޭދަކުރެވޭ ވާހަކަ ވެސް އަރައިރުންތަކުގެ ތެރޭގައި ދެކެވެން ފެށިއެވެ.
“ކަލެއަކަށް ނޭނގޭނެ މީހަކަށް ޝައްކުކުރުން ނޫން އެހެން ކަމެއް ކުރާކަށް! ބަލަ މަ އެގޭގަ ގިނަ ވަގުތު ހޭދަކުރަނީ އެގޭގެ ކޮޓަރިއެއްގަހެން ކަލެއަށް ހީވަނީތަ؟! ކަލެއަށް މަސައްކަތް ނުކުރެވޭތީ އިތުރަށް ލާރި ހޯދަންވެގެން މަ ގިނަވަގުތު މަސައްކަތުގަ ހޭދަކުރަން މިވަނީ ޖެހިފަ. އެކަމަކު ހުރިހާ ބަދުބަހެއް މި ލިބެނީ މަށަށް!” އެއްދުވަހު ވަރުދާ ޝިނާޒާއި ޝަރަފް ވެސް ތިއްބާ ދެއްކި ވާހަކައިން މަންމައާއި ބައްޕަގެ ދެމެދުގައި ހިނގަނީ އާދައިގެ ޒުވާބުތަކެއް ނޫންކަން ދެމީހުންނަށް ވެސް އެނގުނެވެ. އެ ޒުވާބުތަކުގެ ހިތިކަން އިޙްޞާޞް ކުރެވިގެން ދިޔަދިޔަހެން ޝިނާޒާއި ޝަރަފްވެސް ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. އެންމެ ފުރަތަމަ ދުވަހު ސްކޫލުން ގެއަށް ދިޔުމުގެ ބަދަލުގައި ވަކި ހިސާބަކުން ޝިނާޒްގެ އެކުވެރިންނާއެކީ އޭގެތެރެއިން އެކުވެރިއެއްގެ ގެއަކަށް ދިޔަ ދުވަހު އެއީ މާ ބޮޑު ކަމެއްކަމުގައި ޝަރަފް ނުދެކެއެވެ. ނަމަވެސް އެ ގެއަށް ވަދެވުނު ދުވަހަކީ އޭނަ އަނދިރިގަނޑަކަށްފަހު އަނދިރިގަނޑަކަށް ގެނބިގެންދިޔުމުގެ ފެށުންކަން އޭނަ ނުދެނެހުއްޓެވެ.
އެންމެ ފުރަތަމަ ދުވަހުވެސް ޝިނާޒްގެ އެހުރިހާ އެކުވެރިންނާ ބެހޭގޮތުން ވެސް ޝަރަފަށް އެނގުނު އެއްކަމަކީ އެ އެންމެންނަކީ ވެސް ސިނގިރޭޓި ބޯ މީހުންކަމެވެ. ފުރަތަމަ ދުވަހު އެމީހުން ބޯންތިބެ ޝަރަފާއި ޝިނާޒާއެކީ ފިލްމެއް ބަލަން ތިބިއިރު ޝަރަފްގެ ހިތަށް އުނދަގުލެއްވިއެވެ. މި ދެވެނީ ރަނގަޅު މިޞްރާބަކުން ނޫންކަމަށްބުނެ އޭނަގެ ހިތް އިންޒާރެއް ދެމުން ދިޔަ ފަދައެވެ. ފިލްމު ބަލަން އިންއިރު ގޭގެ ފިހާރައިގައި އެކަނިމާއެކަނި ހުންނާނެ ބައްޕަގެ މަތިން ވެސް ޝަރަފް ހަނދާންވަމުން ދިޔައީ މާ ބޮޑަށެވެ. އެދުވަހުގެ ފިލްމަށްފަހު އެ އެކުވެރިޔާގެ ގެއިން ނިކުމެ ޝަރަފަށް އެންމެ ފުރަތަމަވެސް ބައްޕަގެ ވާހަކަ ޝިނާޒްގާތު ބުނެވުނީ އެހެންވެއެވެ.
“ކަމޯން ޝަރަފް! ބައްޕައަށް ވަކި ކަމެއްވާނީއެއްނޫން އެކަނި ފިހާރައިގަ ހުއްޓޭ ކިޔާފަ. އެހެންނޫނަސް އަދި އެހާ ގިނައިރެއްނުވެއެއްނު އަހަރުމެން ސްކޫލުން ނިމުނުތާ؟ އަދި އެންމެ ގަޑިއިރެއް ހިނގީ އިތުރަށް. އިޓްސް ނޯ ބިގް ޑީލް!” ޝިނާޒް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހެން ބުނެ އޭނަގެ ބައިސްކަލަށް އަރައި ދުއްވާލިއެވެ. ބޭބެގެ އެ ބަސްތަކާމެދު ޝަރަފަށް ވިސްނުނެވެ. އެންމެ ގަޑިއިރަކަށް އެމީހުންގެ ބަލި ބައްޕަ އެކަނިވެރިކުރުމަކީ އޭނައަށްވުރެ ދޮށީ މީހަކު އެއީ މާ ބޮޑު ކަމެއްކަމުގައި ނުދެކޭނަމަ، އޭނަ ބޮޑު ކަމެއްގެ ގޮތުގައި ދެކެންވީ ކީއްވެތޯ ހިތަށްއެރިއެވެ.
އެދުވަހު ހިތަށްވެރިވި އެ ޚިޔާލު ޝިނާޒްގެ ފަހަތުން އޭނަ ކުރާ ކޮންމެ ކަމެއް ކުރަން ޝަރަފަށް ބާރު އެޅިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނަ ޝިނާޒްގެ އެކުވެރިންނާއެކީ ހޭދަކުރާ ވަގުތުތައް ގިނަވަމުން ދިޔައެވެ. ފަހުން ފަހުން އައިސް ރޭގަނޑު މަންމައާއި ބައްޕަގެ ޒުވާބުތައް ހޫނުވެގެންދާ ވަގުތުވެސް ޝަރަފާއި ޝިނާޒް އެ އެކުވެރިޔާގެ ގެއަށް ދިޔުން އާދައަކަށް ހަދާލިއެވެ. އެ އެކުވެރިޔާގެ މައިންބަފައިން އެކުވެރިޔާއަށް ދީފައިވާ މިނިވަންކަމެއްގެ ސަބަބުން ބަންދު ކޮޓަރިއެއްގެ ތެރޭގައި ކުރެވޭ އެއްވެސް ކަމަކާމެދު އެކުވެރިޔާއާއި ސުވާލުކުރާނެކަމުގެ ބިރުވެރިކަމެއް ނޯވެއެވެ. އެހެންކަމުން ޝިނާޒާއި ޝަރަފަށް ވެސް ނުހަނު އަވަހަށް އެ އެކުވެރިޔާގެ ނުބައި އާދަތަކުގެ ތެރެއަށް ވަދެވުނެވެ. ދުވަހުން ދުވަހަށް އެމީހުން ބަލަމުން ދިޔަ ފިލްމުތަކުގައި އެކުލެވިގެންވި ނޭދެވޭ މަންޒަރުތައް ގިނަވަމުން ދިޔައެވެ. ޝަރަފް އޭގެ ކުރިން ފިލްމެއް ބަލާނަމަ އެކަނި ހުއްޓަކަސް ހިތުގެ ތެރެއިން އަންނަ އަޑެއްގެ ސަބަބުން އޭނައަށް އެފަދަ މަންޒަރެއް އަންނައިރަށް ޗެނަލް ބަދަލުކޮށްލެވެއެވެ. އެ ބަންދު ކޮޓަރީގެ ތެރޭގައި ވެސް އެންމެ ފުރަތަމަ އެފަދަ މަންޒަރެއް ފެނުނު ދުވަހު ޝަރަފަށް ދުރު ބެލެން ފެށިއެވެ. އެހެނަސް އޭނަގެ ކައިރީގައި ތިބި އޭނައަށް ވުރެ ދޮށީ މީހުން ސަމާސާކޮށް ހީހީފައި އެ ބަލަމުން ދިޔަ ގޮތުން އޭނައަށް ލިބުނީ ޙައިރާންކަމެކެވެ. މިއީ ގޯސްކަމެއް ނޫންތޯ ހިތަށްއެރިއެއްކަމަކު އެ ސުވާލާމެދު ވިސްނާނެ ވަގުތެއް ޝަރަފަކަށް ނުލިބުނެވެ. އޭގެ ކުރިން ޝައިޠާނާ އޭނަގެ ހިތް ވަސްވާސްތަކުން ފުރައި އޭނަގެ ވަށައިގެންވި މީހުން ކުރަމުން ދިޔަ ކަންތައް އޭނައަށްޓަކައި ޒީނަތްތެރިކުރިއެވެ. އެއާއެކު މާ ގިނަ ދުވަހެއްނުވެ އޭނަވެސް އޭނަގެ އާ ‘އެކުވެރިންގެ’ އެ އާދަތަކަށް ދެވިހިފިއެވެ. ލޮލުން ބަލާ އެއްޗަކާމެދު ވިސްނަން އިންކާރު ކުރިފަހުން ދެން އެހެނިހެން ފާފަތަކަށް އަރައިގަންނަން ޝަރަފަށް ނުހަނު ފަސޭހަވިއެވެ. ފަހުން ފަހުން އައިސް އޭނަ ވެސް ސިނގިރޭޓީގެ އަޖަލު ބަލާލަން ބޭނުންވެގެން ގޮސް އެއަށް ވެސް ދެވިހިފިއެވެ. އޭގެ މަސްތުގައި އޭނައަށް ބައްޕަ ކައިރީގައި ދޮގު ހަދައިގެން ވެސް ލާރި ހޯދެން ފެށިއެވެ. އޭނަގެ ސިކުނޑި ފުރިފައިވީ ލަދު ޙަޔާތް ކުޑަކަމާއި އަނިޔާވެރި ކަމުގެ ޚިޔާލުތަކުންނެވެ. ޝިނާޒްގެ އެކުވެރިޔާ ފިލްމުތަކެއްގެ އިތުރުން ރެސްލިންގް މެޗުތައް ވެސް ބަލާތީ އެއިން ވެސް ޝަރަފްގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ މެޗުތައް ބަލަން ފެށިފަހުން ޝަރަފަށް އަބަދުވެސް ހުރެވެނީ ރުޅިވެރިކަމެއްގެ ތެރޭގައެވެ. އޭނަ ނުރުހުންވާ ކޮންމެ ފަހަރަކު ހަޅޭއްލަވައި އޭނަ ރުޅިއަރުވާ މީހެއްގެ ގަޔަށް އެތިފަހަރެއް ވީއްލަން ބޭނުންވެއެވެ. މި ދުނިޔޭގައި އޭނަ ނޫނަސް މީހުން ތިބިކަމާއި އެމީހުންނަށްޓަކައި އަޅާލާން ޖެހޭކަން އޭނަ ހަނދާން ނެތުނެވެ. އޭނައަށް އަބަދުހެން ވިސްނެމުން ދިޔައީ އޭނަގެ އަމިއްލަ އެދުމެއް ފުރިހަމަ ކުރާނެ ގޮތަކާއި މެދުގައެވެ. މީހަކަށް އަނިޔާއެއް ދީގެންވެސް އަދި ހައްދުތައް ފަހަނަޅައި ގޮސްގެން ވިޔަސްމެއެވެ.
އަހަރަކަށްވުރެ ގިނަ ދުވަހުގެ ހޫނު ޒުވާބުތަކަށްފަހު ވަރުދާ ޢައްބާސް ކައިރިން ވަރިއަށް އެދުނީ، އެކަމާމެދު ވެސް އަޅާލާވަރުގެ ކުލުނެއް އޮންނާނެވަރަށްވުރެ ޝަރަފްގެ ހިތް ހަރުވީ ފަހުންނެވެ. އެކަން ހިނގިއިރު އޭނަ ގޭގައި ހުއްޓެވެ. މަންމަ ރުޅިވެރި ބަސްތަކާއެކީ އެ އެދުނު އެދުމުގެ ސަބަބުން ބައްޕަ އޮހޮރި ކަރުނަތައް އޭނަ ދުށްޓެވެ. ބައްޕަގެ ކަރުނަތައް ފެނިފައި ޝަރަފްގެ ހިތް މަޑުވެގެން ދާން އުޅުނެއްކަމަކު އޭނަ އަވަސްއަވަހަށް އެ އިޙްޞާޞް މަތިން ހަނދާން ނައްތާލިއެވެ. އެއަށްފަހު މި މީހުން ނިންމާ ނިންމުމެއް މި މީހުން ނިންމާނެ ނޫންހޭ އޭނަގެ އަމިއްލަ އެދުމުން ފުރިފައިވި ނަފްސު އޭނަގާތު ބުނެލައިފިއެވެ. އޭރުވެސް އޭނަވީ ގެއިން ނިކުމެގެން ގޮސް އޭނަގެ ދެވިހިފުންތަކުގެ ތެރެއަށް ޣަރަޤުވެގެންދާން ކެތްމަދުވެފައެވެ. މަންމައާއި ބައްޕަގެ ވަރީގެ ފަހަތުގައިވީ ކާކުގެ ކުށެއްތޯ ދެނެގަތުމުގެ ޝައުޤެއްވެސް އޭނަގެ ހިތުގައި ނެތެވެ. މި ވަރީގެ ސަބަބުން އޭނަގެ މުސްތަޤްބަލަށް ކުރާނީ ކޮން އަސަރެއްތޯ ވިސްނަން ބޭނުންވާ ވަރަށްވުރެ ވެސް އޭނަގެ ސިކުނޑިވަނީ ނުކުޅެދިފައެވެ. އޭނަ ހަމަ އެ ވަގުތުންވަގުތަށް ވެސް ގެއިން ނިކުމެގެން ދިޔައީ ޙަޤީޤަތަށް ފިލަންކަން ޚުދު އޭނައަށް ވެސް ނޭނގެއެވެ. އެހެނެއްކަމަކު އޭނައަށް ހީވެފައި އޮތީ އޭނައަށް ގެއިން ނިކުމެގެން އާދެވުނީ އޭނައަށް ލިބިފައިވި ‘މިނިވަންކަމެއްގެ’ ސަބަބުން ކަމެވެ.
ވަރިއަށްފަހު ޢިއްދައިގެ މުއްދަތުގައި ވަރުދާ ޢައްބާސްގެ ގޭގައި ހުއްޓެވެ. އެ 3 މަސްވެގެން ދިޔައީ ގޭގެ ތެރޭގައި ހިމޭން ދުވަސްތަކަށެވެ. ޝިނާޒާއި ޝަރަފް އެކަކު އަނެކަކާ ދައްކާ ވާހަކަތަކެއް ނޫނީ އެގޭގެ ތެރޭގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދޭތެރެއަކުން ޝަބާ އައިސް ރޮއިރޮއިފައި މަންމަ ގާތު އެހެން ނަހަދާށޭ ކިޔައި ނަޞޭޙަތްތެރި ވެފައި ހިނގައިދެއެވެ. އެހެނަސް އެ ނަޞޭޙަތްތަކުން އަންނަ އެއްވެސް ބަދަލެއް ނުފެނެއެވެ.
ވަރުދާ އޭނަ މަސައްކަތް ކުރާ ގޭގެ ވެރިމީހާއާއި އިންނަން އުޅޭ ވާހަކަ އިވެން ފެށީ ޢިއްދައިގެ މުއްދަތުގެ ތެރޭގައެވެ. މި ވާހަކަ ޝަރަފްގެ ކަންފަތާއި ހަމައަށް ފޯރީ ޝިނާޒްގެ ފަރާތުންނެވެ.
“ޝަރަފް ޔޫ ވޯންޓް ބިލީވް ދިސް! މަންމަ މެރީކުރަން އުޅެނީ އެއްކަލަ ބިޒްނަސްމޭން ރަމީޒްއާ. އެއްކަލަ…… މާރވަލަސް ޝޮޕްސްގެ ވެރިޔާ. މައި ގޯޑް! މަ ހުރީ ވިސްނަ ވިސްނާ މަންމައާ ބައްޕަ ވަކިވީމަ މަ ދާނީ ކާކު ކައިރިއަށްތޯ. މިހާރު ޔަޤީންވެއްޖެ ދާނީ މަންމަ ކައިރިއަށްކަން!” ޝިނާޒް އެއްދުވަހު ސްކޫލުން ގެއަށް އައި މަގުމަތީގައި ބައިސްކަލުމަތިން އެހެން ބުނެލިއިރު އޭނަގެ ހުރިހާ ދަތްތައް ފެނެއެވެ.
“އެއީ ކީއްވެ މަންމަ ކައިރިއަށް ދާންވީ؟” ޝަރަފަށް އޭނަގެ ބައިސްކަލު ދުއްވަމުން އެހެން އަހާލީ އަމިއްލަ ޚިޔާލުތަކެއްގައި ހުރެއެވެ. ޝިނާޒް ވިސްނިހެން އޭނަ ނުވިސްނިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތް ލެނބިފައިވީ ބައްޕަގެ ކޮޅަށެވެ. އެއީ އެމީހުންގެ ޢާއިލާ ރޫޅުމަށް އެދުނު މީހަކީ މަންމައަށްވެފައި އެދުވަހު ބައްޕަގެ ލޮލުން ފެނުނު ކަރުނަތަކެއްގެ ސަބަބުން ކަންނޭނގެއެވެ.
“ސީރިއަސްލީ ބްރޯ! ބްރޯ ބޭނުމެއްނުވޭތަ މުއްސަނދި ދިރިއުޅުމެއް؟ އަހަރުމެން ކިހާ ދުވަހެއްވެއްޖެ މިހާރު ބަތާއި ގަރުދިޔަ ކައިގެން ބައިސްކަލު ދުއްވާތާ؟ ބައްޕަ ކައިރީގަ ހުރިއްޔާ ދެންވެސް އުޅޭނީ މިހެން. ދުވަސްކޮޅަކުން މިހާވަރު ވެސް ވާނެ ކަމެއް ނޭނގޭ. މަންމަ ކައިރިއަށް ދިޔައިއްޔާ މި ލިބެން އުޅޭ ދޮންބައްޕަގެ ފަރާތުން ވަރަށް ބައިވަރު އެއްޗެހި ލިބޭނެ. އެއްޗެއް ނުލިބުނަސް އެޓްލީސްޓް ބޮޑު ގެއެއްގަ އުޅުމުގެ ފުރުޞަތު ލިބޭނެއެއްނު؟ އޯ ގޯޑް އަދި އަހަރެން އަޑުއެހިން އެހެން ޤައުމުތަކުގަ ވެސް އެ ރަމީޒްގެ ގެތަށް ހުންނަ ވާހަކަ. ވީ ހޭވް ގޮޓް ޓު ގޯ ވިތް މަންމާ، ޝަރަފް.” ޝިނާޒް އެހެން ބުނެލުމުން ޝަރަފްގެ ހިތުގައި ވެސް މުއްސަނދި ދިރިއުޅުމެއްގެ އެދުން އުފަންވެގެން ދިޔައެވެ. އެހެނަސް ދެންވެސް އޭނަގެ ހިތުގައި ހަމަނުޖެހުމެއް ވިއެވެ. ވަކި މީހެއްގެ ކޮޅު ނަގަން މިއުޅެނީ ހަރުދަނާ ސަބަބެއް ނެތިކަން އެނގުންވުމުންނެވެ. އޭނަގެ ހިތްހަމަޖެހިގެން ދިޔައީ އެރޭ ދޮންތައާއި ޝިނާޒާއި ދެމެދު ދެކެވިގެން ދިޔަ ވާހަކަތަކެއްގެ ތެރެއިންނެވެ.
“ޝިނާޒް، ޝަރަފް……އަޑުއަހާ! ދޮންތައަށް އެނގޭ ތި ދެކުދިންނަށް ނޭނގޭކަން މަންމައާ ބައްޕަ ދެމެދު މި ހިނގާ ކަންތައްތަކެއްގެ ފަހަތުގައި އޮތް ސަބަބު. އެކަމަކު ދޮންތައަށް އެނގޭ. ހުރިހާ ވާހަކައެއް ކިޔައިދޭން ދޮންތަ ބޭނުމެއްނޫން. ބުނެލަން ބޭނުމީ މީގަ ބައްޕަގެ އެއްވެސް ކުށެއްނެތޭ. އެހެންވީމަ އަހަރުމެން އެންމެން ވެސް މިޙާލަތުގަ ބައްޕައަށް ހިތްވަރުލައިދޭން ދޮންތައަށް ފެންނަނީ. ބައްޕަ އުޅެނީ ވެސް ވަރަށް ބަލިވެ. އަހަރުމެން އެންމެ ބޭނުންވި ދުވަހު އަހަރުމެން ދޫކޮށްލި މީހެއްގެ ފަހަތުން ދިޔުމަށްވުރެ އެ ބައްޕަ ބެލުން މާ ރަނގަޅު.” ޝަބާ އެއްރެއަކު ޢައްބާސްގެ ގެއަށް ގޮސް އެގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝިނާޒާއި ޝަރަފް ބައިތިއްބައިގެން ވާހަކަ ދެއްކިއެވެ. ޝަބާ ދެއްކި ވާހަކަތަކަށް ޝަރަފަށް އެއްޗެކޭ ބުނާކަށް ނޭނގުނެވެ. އޭނައަށް އެ ވާހަކަތައް ހިތުގެ އަޑިން ޤަބޫލު ކުރެވުނީ އެދުވަހު ބައްޕަގެ ލޮލުން ފެނުނު ކަރުނަތަކެއްގެ މަތިން ހަނދާންވުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަ ދޮންތަގެ ބަސްތައް ޤަބޫލުކޮށް ބައްޕަ ކައިރީގައި މަޑުކުރަން ބޭނުންވިއެވެ. އެހެނަސް…….
“އަހަރުމެންނަކަށް ހިއެއްނުވޭ ބައްޕަގެ ކުށެއްނެތްހެނެއް. ބައްޕަވެސް މަންމަގެ ބޮލުގަ ކިތައް އިލްޒާމް އެޅުވި؟ މަންމަ އަހަރުމެންނަށްޓަކައި މަސައްކަތް ކުރަން ދިޔައިމަ ވެސް އޭގެ ތެރެއިން މައްސަލަ އުފެއްދީ ބައްޕަ. މަންމައާއި ބައްޕަގެ ދެމެދުގަ ހިނގި ހުރިހާ ޒުވާބެއްގަހެން ބައްޕަ ޒުވާބު ފެށި ހަނދާން އަހަރެންވަނީ…….މީގަ މަށަށް ފެންނަނީ ހަމަ ބައްޕަގެ ކުށް. ބައްޕައަށް މަންމަ ރަނގަޅަށް ނުބެލުނީމަ މަންމަ ބައްޕައާ ވަކިވެގެން އެ ދިޔައީ. މަންމަ ހެދީ ހަމަ ރަނގަޅަށް.” ދަހިވެތިކަމުން ފުރިފައިވި ހިތަކާއެކީ ޝިނާޒް ދެއްކި ވާހަކަތައް ޝަރަފަށް އިވިގެން ދިޔަދިޔަހެން އޭނަގެ މުޅި ނަޒަރިއްޔާތުވެސް ބަދަލުވާން ފެށީ އޭނަގެ ހިތުގައި ވެސް އޮތް އެފަދަ ދަހިވެތިކަމެއްގެ ސަބަބުންނެވެ. ހަމަ އަސްލުވެސް މަންމަގެ ކުށަކީ ކޮބައިތޯ ހިތަށްއެރީ ޚުދު އޭނަގެ އިޚްތިޔާރުން ވެސް ބޭރުގައިކަން އޭނައަށް ނޭނގެއެވެ. ޝިނާޒް ދެއްކި ވާހަކަތަކަށްފަހު ވެސް ދޮންތަ އެތައް ވާހަކައެއް ދެއްކުމުން ވެސް އޭނައާއި ޝިނާޒްގެ ވެސް ޚިޔާލު ބަދަލުނުވީ މަންމައާއި އެކީގައި ދާން ހިތުގައި އޮތް އެދުމެއްގެ ސަބަބުންކަން އެދެމީހުންނަކަށް ވެސް ނޭނގެއެވެ.
ޢިއްދަ ފުރިހަމަވާން ގާތްވަމުން ދިޔަދިޔަހެން ޝިނާޒް މަންމައާއި ގިނަގިނައިން ވާހަކަ ދައްކަން ފެށީ މަންމައާއި އޭނައާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށެވެ. ޝަރަފަށް ވެސް ޝިނާޒްގެ ޢަމަލުތައް ނަކަލުކުރެވުނީ ވަކި މަންމަދެކެ ވާ ލޯތްބެއްގެ ސަބަބުންނެއް ނޫނެވެ. އޭނައަށް މަންމައަށް އެހީވެވެމުން ދިޔައީ މުއްސަނދި މުސްތަޤްބަލެއްގެ އެދުމުގައެވެ. މަންމަ އެއްދުވަހު ބައްޕަގެ ކުރިމަތީގައި ޝިނާޒާއި ޝަރަފް އުޅޭނީ ތިމަންނައާއި އެކީގައިތޯ އަހާލުމުން ޝިނާޒް ނުހަނު ފަސޭހައިން އާނއެކޭ ބުންޏެވެ. އެހެނަސް ޝަރަފަށް ޖަވާބެއް ދެވުމުގެ ކުރިން ކާމޭޒު ދޮށުގައި ބޭސްކޮތަޅެއް ހިފައިގެން ބޭސްކާން އިން އޭނަގެ ބައްޕައަށް ބަލާލެވުނެވެ. ބައްޕަ ވެސް އޭރު ހިތާމަވެރި މޫނަކާއެކީ އޭނައަށް ބަލަން އިން ގޮތުން އަނެއްކާވެސް ޝަރަފްގެ ހިތް މަޑުވާން ފެށިއެވެ. އެހެނަސް އެވަގުތު ޝިނާޒް އޭނަގެ އަތުގައި ކޮއްޓާލުމުން އޭނައަށް މަންމައަށް ބަލާލަމުން އާނއެކޭ ބުނެލެވުނީ މާ ބޮޑު ވިސްނުމެއް ނެތިއެވެ.
ވަރުދާ އާ ޙަޔާތެއް ފަށައި އާ ގެއަކަށް ބަދަލުވުމަށްޓަކައި ހެދުންތައް ފޮށްޓައް އަޅަން ފެށި ދުވަސްވެގެން ދިޔައީ ޢައްބާސް ވަރަށް ބަލިވި ދުވަހަކަށެވެ. އެދުވަހު ހެނދުނުއްސުރެ ބައްޕަ ކޮޓަރިން ވެސް ނުނިކުތްއިރު އެ ކޮޓަރި ތެރެއިން މުޅިންހެން އިވެމުން ދިޔައީ ކެއްސުމުގެ އަޑެވެ. ޝިނާޒް އެކަމާމެދު މާ ބޮޑު އަޅައެއްނުލިއެއްކަމަކު ޝަރަފަށް ދޭތެރެ ދޭތެރެއިން އެ ދޮރާއި ދިމާލަށް ބެލެމުން ދިޔައެވެ. އޭނަ އަމިއްލަ ހެދުންތައް ފޮށްޓައް އަޅަމުން ދަނިކޮށް އޭނަގެ ބައެއް ހެދުންތައް ހުރީ ބައްޕަގެ ކޮޓަރީގައިކަން އެނގުންވެ ޝަރަފް އެ ކޮޓަރިއަށް ދާންޖެހުނެވެ. އޭނަ އެ ކޮޓަރިއަށް ވަންއިރު ބައްޕަ އޮތީ ގަދަ ނިދީގައެވެ. އޭނަ އުޅުނީ ބައްޕައަށް އަޅާލުމެއްނެތި އެ އަލަމާރީގައިވި އޭނަގެ ތިން ގަމީސް ނަގައިގެން އެ ކޮޓަރިން ނިކުންނާށެވެ. އެހެނަސް ނިކުންނަން ދިޔަ މަގުމަތީގައި ނޭނގޭ ސަބަބަކާހުރެ އޭނައަށް އެނބުރި ބައްޕައަށް ބަލާލެވުނެވެ. އަދި ބައްޕަގެ ކައިރިއަށް ގޮސް ބައްޕަގެ ނިއްކުރީގައި އަތް ޖައްސާލެވުނީ އޭނަގެ ކުޑައިރުގެ ހަނދާނެއް އާވެފައެވެ. ބައްޕަވެސް އޭނަ ދުވާލު ގަޑީގައި ނިދަން އޮތިއްޔާ އައިސް ހުން އައީތޯ ކިޔައި އޭނަގެ ނިއްކުރީގައި އަތްޖައްސާ ހަނދާނެވެ. އަދި އޭނަވެސް ސަމާސާއެއްގެ ގޮތުން އެހެން ހަދާގޮތެވެ. ބައްޕަ އެދުވަހު އޮތީ ވަރަށް ގަދަޔަށް ހުންއައިސްފަކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ. ބައްޕައަށްޓަކައި ހިތުގައި ޙަމްދަރުދީއެއް އުފެދުނު ވަގުތު ބައްޕަގެ ދެލޯ ހަނިކޮށް ހުޅުވިގެން ދިޔައެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޝަރަފަށް ވަގުތުން އޭނަގެ އަތް ނަގާލަމުން ބައްޕައަށް ފަސްދީފައި ދާން ހިނގައިގަނެވުނެވެ. އޭނަގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައީ ބައްޕަ އޭނަގެ ނަމުން ގޮވާލި އަޑަށެވެ.
“ދަރިފުޅު މަޑުކޮށްލާ ބައްޕަ ކައިރި.” ބައްޕަ ކުރެހިފައިވި އަޑަކުން އެހެން ބުނެލުމުން ޝަރަފްގެ ހިތަށް ލޮޅުމެއްއައެވެ. އެހެނަސް ހަމަ އެވަގުތު ބޭރުން އޭނައަށް ޝިނާޒްގެ އަޑު އިވުނެވެ.
“ޝަރަފް!! އަވަސްކޮށްލާ ޓެކްސީ އައިއްސި!” ޝިނާޒް ހާސްވެފައިވި އަޑަކުން އެހެން ބުނެލި އަޑަށް މިފަހަރު ވެސް ޝަރަފަށް އާނއެކޭ ބުނެލެވުނީ އަވަސްވެފައިވި ހިތެއްގެ ސަބަބުން މާ ބޮޑު ވިސްނުމެއްނެތިއެވެ. އަދި ބައްޕައަށް ބަލާލުމެއްވެސް ނެތި އޭނަ ހިނގައިގަތީ ހިތު ލަފަޔަށް ޝިނާޒް ބައްޕަ ނުބައި ކުރި ގޮތުގެ މަތިން ހަނދާން ކޮށްލަމުންނެވެ.
އެދުވަހު ގެއަށް އައި ޓެކްސީގައި ޝަރަފާއި ޝިނާޒަށް ދެވުނީ އެމީހުން މީގެ ހަފްތާތަކެއް ކުރިން ޚިޔާލަށް ވެސް ގެނައި ވަރަށްވުރެ ތަނަވަސް ދިރިއުޅުމެއްގެ ތެރެއަށެވެ. އެމީހުންނަށް ދެވުނު ގެ އެމީހުން ހީކުރިވަރަށް ވުރެ ވެސް ބޮޑެވެ. އެމީހުންގެ އާ ދޮންބައްޕަ ރަމީޒް އެމީހުން ހީކުރިވަރަށްވުރެ އެމީހުންނަށް ރަނގަޅެވެ. އަދި ދޮންބައްޕަވެގެން ދިޔައީ އެމީހުން ހީކުރިވަރަށްވުރެ ވެސް މުއްސަނދި މަހުޖަނަކަށެވެ. ރާއްޖޭގައި ހިންގާ އެތައް ފިހާރައަކާއި ރިސޯޓްތަކެއްގެ އިތުރުން ދޮންބައްޕަގެ ވިޔަފާރިތައް ބޭރު ޤައުމުތަކުގައި ވެސް ހުންނަކަން އެނގުނު ދުވަހު ޝަރަފާއި ޝިނާޒަށް ވެސް ތިބެވުނީ އާގަމަވެފައެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ދޮންބައްޕަގެ ކުރީގެ ކައިވެނިން ލިބިފައި ތިބި 4 ކުދިން އެ ވިޔަފާރިތަކާއި ދެކޮޅެވެ. އެ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނަކީ ވެސް އަމިއްލަ ޒަވާޖީ ޙަޔާތްތައް ފަށައިގެން ފުދޭވަރަކަށް ދީންވެރިކޮށް އުޅޭ ބައެކެވެ. ދީންވެރީ ކިހާ ވަރަކަށްކަން ދެނެގަންނަން ޝިނާޒާއި ޝަރަފަށް ދަތިވިއެވެ. އެ އަންހެން ކުދިން ބައެއް ދުވަސްދުވަހު މުޅިން ދިގު ހެދުން ލާއިރު އަނެއްބައި ދުވަސްދުވަހު ތަންކޮޅެއް ކުރު ހެދުން ލައިގެން ދާ މަންޒަރު ވެސް އެމީހުންނަށް ފެނިފައިވެއެވެ. ޝިނާޒާއި ޝަރަފް ނަމާދު ނުކުރާތީ އެމީހުންނާއި ދިމާލަށް އެއްޗެހި ގޮވާއިރު އެމީހުން ވެސް ނަމާދު ވަގުތު ފާއިތުވާން ގާތްވެފައިވަނިކޮށް ނަމާދު ކުރާތަން ޝަރަފަށް ފެނިފައިވެއެވެ. މިފަދަ މަންޒަރުތަކެއްގެ ސަބަބުންނާއި، އޭނަ ދެވިހިފާފައިވި ފާފަތަކެއްގެ ސަބަބުން ޝަރަފް ދީނާއިމެދު ދެކޭ ގޮތްވެސް ބަދަލުވާން ފެށިއެވެ. އެހެންނޫނަސް އޭނަ ވަކި ދީނަކަށް އުޅެންވީ ކީއްވެތޯ ހިތަށް އަރަން ފެށީ ޝިނާޒްގެ ފަރާތުން ވެސް އެފަދަ ޚިޔާލުތައް އިވި ސޯޝަލް މީޑިޔާއަށް ވެސް ވަދެވުނު ފަހުންނެވެ. އެއީ އެއްގޮތަކަށް ވެސް ފޮތްތަކެއް ކިޔައިގެން އޭނަ އޭނަގެ ވިސްނުން ބޭނުން ކޮށްގެން ކުރި ފުން ދިރާސާއެއްގެ ސަބަބުން އޭނައަށް ނިންމުނު ނިންމުމެއް ނޫނެވެ.
ދީނާއި އެހާ ދުރުވެފައިވަނިކޮށް އެއަށްވުރެ ވެސް ދުރުވާން ޝަރަފަށް އިތުރު ޢުޒުރެއް ލިބިގެން ދިޔައީ އެއްދުވަހު ދޮންބައްޕަ ކޮށްލި ސުވާލަކުންނެވެ.
“ދޮންބައްޕަގެ ކުދިން ބޭރު ޤައުމުތަކުގައި ދޮންބައްޕަ ހިންގާ ވިޔަފާރިތަކާ ދެކޮޅު. ތި ދެކުދިން ދޮންބައްޕައަށް އެހީވެދީފާނަންތަ އެ ވިޔަފާރިތައް ހިންގަން؟” އެއްދުވަހު ކާމޭޒުދޮށުގައި ރަމީޒް ހަމައެކަނި ޝަރަފްގެ ދެބެއިންނާ ކޮށްލި ސުވާލުން އެދެމީހުންގެ މޫނުމައްޗަށް ވެސް އުޖާލާކަން ވެރިވެގެން ދިޔައެވެ. އެމީހުން އެއަށް ވަގުތުން އާނބަސް ބުނީ އެއީ ކޮންކަހަލަ ވިޔަފާރިއެއްތޯ ވެސް އެހުމެއްނެތިއެވެ. ކޮންމެ ސަބަބަކާހުރެ ދޮންބައްޕަގެ ދަރިން އެ ވިޔަފާރިއާއި ދެކޮޅުވިޔަސް އެ ވިޔަފާރިން އެމީހުންނަށް ފައިދާ ވާނެކަން ޔަޤީންވީތީވެއެވެ. އޭގެ މަސްތަކެއް ފަހުން ޝަރަފާއި ޝިނާޒް އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި އެމީހުންގެ ދޮންބައްޕައާއެކީ ދަތުރު ފެށިއެވެ. އެ ދަތުރު ކުރަން ކުރީކޮޅު ނިންމިފައި އޮތީ މަންމައާއި ވެސް އެކީގައެވެ. އެހެނަސް އެންމެ ފަހު ވަގުތު މަންމަ ދާން ބޭނުންނުވާ ވާހަކަ ދޮންބައްޕަ ބުންޏެވެ. ފުރަން އޮތް ދުވަހު މަންމަ ގޭގައި ވެސް ނެތެވެ. އެކަމާމެދު ޝަރަފް ހިސާބަކަށް ކަންބޮޑުވިއެއްކަމަކު މަންމަ ފިހާރައަކަށް ގޮސްފައިވީތާއޭ އޭނަގެ ހިތް ބުންޏެވެ. އޭނަ ފުރައިގެން ދިޔައީ އޮސްޓްރޭލިޔާއަށް ގޮސް މަންމައަށް ގުޅަން ނިންމަމުންނެވެ. އެހެނަސް ފުރައިގެން ދިޔަ ގޮތަށް އޭނަގެ ޙަޔާތް ބަދަލުވެގެން ދިޔަދިޔަހެން އޭނައަށް އެކަމަށްޓަކައި ފުރުޞަތެއް ވެސް ނުލިބުނެވެ.
އޮސްޓްރޭލިޔާއަށް ދެވުނު ފުރަތަމަ ދުވަހުވެސް ރަމީޒް ޝަރަފްމެން ގެންދިޔައީ އޭނަ ހިންގާ ބާރއެއްގެ ތެރެއަށެވެ. ހަމަ އެދުވަހު އޭނަ ހިންގާ ވިޔަފާރިއަކީ އެއީކަން ޝަރަފްމެންނަށް އެންގިއެވެ. އަދި އަޖުމަ ބެލުމުގެ ބަހަނާގައި އެ ޅަ ޢުމުރުގައި ވެސް ޝަރަފްމެންނަށް ބުއިންތަކެއް ދެވުނެވެ. އެދުވަހު ޝަރަފާއި ޝިނާޒް މޭނުބައި ކުރިއެއްކަމަކު ފަހުން ފަހުން އައިސް އެއީ އެމީހުންނަށް މީރު އެއްޗަކަށްވިއެވެ. އެއަށްފަހު އެމީހުން އުޅެމުން ދިޔައީ ރަމީޒްގެ އަތްދަށުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަމީޒް އެމީހުން ސްކޫލަށް ލައި ރަނގަޅަށް ކިޔަވާށޭ ބުނުމުން އެމީހުން އެކަން ކުރީ ކޮންމެ ރެއަކު ރަމީޒްގެ ފަރާތުން ލިބޭނެ ‘ހަދިޔާ’އެއްގެ އުއްމީދުގައެވެ. އޭނަ މުޅިންހެން ޝަރަފްމެން ކޮންޓްރޯލްކުރަނީއެއް ނޫންކަން ސާބިތުކުރުމަށްޓަކައި އޭނަ ޝަރަފްމެންނަށް ހިސާބެއްގެ މިނިވަންކަމެއްވެސް ދިނެވެ. މިގޮތުން ކޮންމެ މަހަކު އޭނަ ޝަރަފްމެންނަށް ވަކި ވަރަކަށް ފައިސާ ދެއެވެ. އެ ފައިސާގެ އިތުރުން ވެސް ރަމީޒް ޝަރަފްމެންނަށް ބުއިންތަކެއް ދޭތީ ޝަރަފާއި ޝިނާޒްވެގެން އެ ފައިސާއިން އެމީހުންގެ އެހެނިހެން ބޭނުންތައް ފުއްދަމުން ދިޔައެވެ. މިގޮތުން ބާރތަކުގެ ތެރެއިން ފެންނަ ބައެއް މީހުންގެ ހުންނަ ފަދަ ބިޔަ ހަށިގަނޑެއް ބޭނުންވީތީ އެފަދަ ހަށިގަނޑެއް ބިނާކުރަން ފެށީ ދެމީހުން އެކީގައެވެ.
އެތައް މަސްތަކެއް ވަންދެން ބަރުތައް އުފުލައި، ހަށިގަނޑު ތިރިން މައްޗަށް އުފުލައި އެތައް ކަސްރަތެއް ކުރުމަށްފަހު 21 އަހަރުގެ ޝަރަފް ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓި ހުރިއިރު މުޅި މީހާވަނީ ބަދަލުވެފައެވެ. އަތުގެ ފަލަމަސްގަނޑު އެތައް ގުނައެއް ފަލަވެފައިވީއިރު އޭނަގެ ބާމަތިވެސް ވަނީ ފުޅާވެފައެވެ. އެހާ ހިސާބަށް ދިޔައިރު މޮޅު ކަމެއްގެ ގޮތުގައި ދެކިގެން ޝިނާޒާއި އެކީގައި އެއްދުވަހު ގޮސް އޭނަގެ ފުޅާވަމުން ދިޔަ އަތުގައި ޖެހި ޓެޓޫވެސް ވިއެވެ. އޭނަ ލައިގެން ހުރި ކަޅުކުލައިގެ ގަންޖުފަރާސް އޭނަގެ ގަޔަށް ހިފިފައި އޮތް އިރު އެރޭ ޖިމްގައި ހިންގި ޙަރަކާތްތަކެއްގެ ސަބަބުން މީހާ ހުރީ ދާހިއްލައި މާ ނޭވާ ލެވިފައެވެ. އެހެނަސް އޭނަގެ ލޮލަށް ބަލާލި މީހަކަށް ފެންނާނީ ސާބިތުކަމެވެ. ޝިނާޒް އޭނަގެ ހަށިގަނޑު ބިނާ ކުރީ ހަމައެކަނި ރީއްޗަކަށް ވިޔަސް ޝަރަފް އެކަމަށްޓަކައި އުފުލި ކޮންމެ ބުރައެއްގެ ފަހަތުގައި އޭނަގެ ތަޙައްމަލުކުރި ހިތި ދުވަސްތަކެއްގެ ހަނދާންތައްވިއެވެ. ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިގެން ހުރިއިރު މިއަދު އެއްވެސް މީހަކަށް އޭނަ ބަލި ނުކުރެވޭނެކަމަށް އޭނައަށް ޔަޤީން ކުރެވުނެވެ. އޭނައަށް އަނިޔާ ކުރި މީހުންނަށް ބަދަލުގައި އެފަދަ އަނިޔާތަކެއްގެ ދޭން އޭނަވީ ކެތްމަދުވެފައެވެ.
އާދައިގެ މަތިން އަމިއްލަ ނަފްސާއި ވާހަކަ ދައްކަން ހުރުމަށްފަހު ޝަރަފް އޭނަ ގެނައި ޓީޝާޓު ގަޔަށް މަހާލަމުން އޭނަގެ ފެންފުޅި ދަބަހަށް އަޅައި ޖިމުން ނިކުންނަން ދިޔައެވެ. އެރޭ ޝިނާޒް ފަރުވާ ކުޑަކަމުން އޭނަ ޖިމަށް ނާންނާތީ ޝަރަފް ގެއަށް ދާންޖެހުނީ އެކަންޏެވެ. ގެ ހުންނަނީ ޖިމާއި ނުހަނު ކައިރީގައި ކަމަށްވުމުން ޝަރަފް ޖިމުން ނިކުމެ ގެއަށް ދާން ހިނގައިގަތީ ފައިމަގުގައެވެ. ދާހިއްލަމުން ދިޔަ އޭނަގެ ހަށިގަނޑުގައި ތެތްފިނިކަން އެކުލެވިފައިވި ވައިރޯޅިއެއް ބީހިލުމުން ޝަރަފަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭނައަށް މާ ދުރަކަށް ނުދެވެނީސް ފުރަގަހުން އިވުނު އަންހެން ކުއްޖެއްގެ އަޑުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ނޯ އައި ޑޯންޓް ލަވް ހިމް، ބައްޕާ!” އެ އަންހެން ކުއްޖަކު ބުނެލި އަޑަށް ޝަރަފްގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Assalaam’alaikum. mi baives anekkaa lasvee varah bodah avadhinethi veema. adhi kommehen ves jana mihaa hisaabah genesdheyn beynunveethee. In Sha Allah next part thursday ga avahah genesdheveytho masakkaiy kuraanan 🙂
kuree baige comment thakah balaafa anekkaaves jana bunelan beynunvany jana aa vaahaka dhakkan beynun vaa ukhtheh hurinama mi page ah msg eh kollaashey. In Sha Allah jana reply kuraanan.
https://www.facebook.com/Asr-1445208739121696
fb ga noolhey nama jana ge number ah edhi 7997991 ah viber in msg eh kollun edhen. ey esfiya admin. admin ge faraathun thiya ukhthegge number libey irah jana msg kuraanan In Sha Allah 🙂
Masha Allah vvvv salhi mi vaahaka
Alhamdhulillah! (All praise and thanks belong to Allah) 🙂
masha Allah the best..?
Alhamdhulillah! 🙂 <3
Ma Sha Allah… mi vaahaka kiyalaafa vrh hih hama jehey… jazaak’Allah khairan…ukhthaage massah kathugai Allah barakaai lahvaashi.. Ameen..
Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! Alhamdhulillah! 🙂
Maasha allah v salhi
Ly??
Alhamdhulillah! 🙂 Love you too sis <3
Hama waaouhh…Masha Allah..?
And JazakAllah Khairan for this beautiful part..❤❤
Alhamdhulillah! 😀 Baarakallah Laki <3 <3
Masha allah masha allah
You are best writer
Keep it up……….
Alhamdhulillah! adhi best writer akah nuvey ingey jana ge nazarun. adhives rangalhu kuran jehey kanthah eba huri. hehe…Jazaakillah Khairan for the support 🙂
FB Post:
It’s a wonder how some ayahs can serve as a powerful reminder every single time you come across it. This one ayah in Suratul Hadid is one of those ayahs that seem like a new reminder to me whenever I come across it.
قَالُوا بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّـهِ وَغَرَّكُم بِاللَّـهِ الْغَرُورُ
“….. They will say, “Yes, but you afflicted yourselves and awaited [misfortune for us] and doubted, and wishful thinking deluded you until there came the command of Allah. And the Deceiver deceived you concerning Allah.” Suratul Hadid
This ayah actually describes a scene on Judgement Day where the believers and some hypocrites (people who claimed to believe but actually didn’t) are walking towards Jannah on the Siraath. When suddenly a wall is dropped between the believers and the hypocrites and the hypocrites are not able to move forward. So at that point, the hypocrites will be in shock because they really thought they would get to Jannah. So they ask the believers on the other side of the wall about why they were not on that side. And the part of the ayah that I shared is the response of the believers.
In this ayah, the believers describe the step by step process through which a person gets further and further away from Allah. The first thing that they mention is that the hypocrites had put themselves in fitnah. (فَتَنتُمْ أَنفُسَكُمْ ).They put themselves in questionable circumstances. They hung around with people they knew were messed up. Then the next thing that the believers mention is that the hypocrites procrastinated (وَتَرَبَّصْتُمْ). They knew that they should fix themselves and change the company that they were in but they kept putting it off. They kept saying that they will change later, thinking that they could put the brakes on their temptations whenever they liked. But things kept getting worse. And as the believers mention, they started developing doubts (وَارْتَبْتُمْ). They started developing doubts especially about deen because they wanted to justify the sins that they were doing. Because it was only the deen that was stopping them from fulfilling their desires so having doubts about deen made them feel more comfortable with doing sins. And finally, as the believers mention, false hopes had deluded them (وَغَرَّتْكُمُ الْأَمَانِيُّ). This means that they lost all interest in having higher aspirations like gaining the pleasure of Allah and getting to Jannatul Firdaus. And as a result, their hearts became occupied with this life. They started hoping that the things of this temporary world can bring them a pleasure that they could not have in the remembrance of Allah.
This is a process that each and every single one of us may go through. Perhaps right now we are at a stage where we have put ourselves in fitnah. We have habits that we know will take us away from the remembrance of Allah. And perhaps we have moved onto the next stage and have started thinking that we can quit later. And maybe some of us have reached the stage where we have started to develop doubts. And some of us have gone even further where the only things that concerns are the things of this worldly life.
May Allah save us from this no matter which stage of this process that we are in and may He make us of those who are on the right side of the wall on Judgement Day. Ameen!
https://www.youtube.com/watch?v=DNC3y9rJI9c
aameen
Alhugadu Jana ah friend vaanvrgen 7997991 gulhin gulhyma buni Jana ah num finuvaanamey but Jana ge khabaru nuvey.
jana ah mihaathanah fonuvaafa huri hurihaa number thakah jana msg fonuvaifin. Ham ge number adhi jana ah nulibeny kanneynge. ahaafa balaalaanan ingey ham 🙂 sorry for the delay
Varah furihama??
Alhamdhulillah! <3 🙂
FB Post (Dhivehi):
އެންމެ އާޔަތެއް އެތައް ފަހަރަކު އިވުނަސް އެއީ މުޅިން އާ ޒިކުރެއްހެން ހީވެގެންދާ ހީވުމަކީ އަޖާއިބެކެވެ. ސޫރަތުލް ޙަދީދްގެ މި އާޔަތަކީ ކިތަންމެ ފަހަރެއްގެ މަތިން އެ އާޔަތް އަޑުއަހާފައިވިޔަސް އެއިން ލިބޭ ފިލާވަޅުތަކަކީ މުޅިން އާ ފިލާވަޅުތަކެއްހެން އަޅުގަނޑަށް ހީވާ އާޔަތެކެވެ.
قَالُوا بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّـهِ وَغَرَّكُم بِاللَّـهِ الْغَرُورُ
“….އެއުރެން (އެބަހީ: مؤمن ން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ފިތުނަވެރިކޮށް، ހަލާކުކުރީމުއެވެ. އަދި ތިޔަބައިމީހުން انتظار ކުރީމުއެވެ. އަދި ތިޔަބައިމީހުން شك ކުރީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ” ސޫރަތުލް ޙަދީދް، 14
މި އާޔަތްތަކަކީ ޤިޔާމަތް ދުވަހު ވެގެންދާނެ ކަމެއް ސިފަކުރެވޭ އާޔަތްތަކެވެ. މުއުމިނުންތަކާއި ބައެއް މުނާފިޤުން ސިރާތުމަގުން ހިނގާފައި ސުވަރުގެއަށް ދާ މަންޒަރެވެ. އެމީހުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް މުއުމިނުންނާއި މުނާފިޤުންގެ ދެމެދުގައި ފާރެއް ލެވިގެން ދެއެވެ. އެ ހިނދު މުނާފިޤުން ވަރަށް ޙައިރާންވެއެވެ. އެއީ އެމީހުން ހީކޮށްގެން ތިބީ އެމީހުންނަށް ސުވަރުގެއަށް ދެވޭނެކަމަށެވެ. އެހެންކަމުން އެމީހުން ފާރުގެ އަނެއްފަރާތުގައި ނުވީ ސަބަބާމެދު އެމީހުން މުއުމިނުންނާއި ސުވާލުކުރެއެވެ. އަޅުގަނޑު މި ޙިއްޞާކުރި އާޔަތުގެ ބަޔަކީ މުއުމިނުން މުނާފިޤުންނަށް ދިން ޖަވާބެވެ.
މި އާޔަތުގައި މުއުމިނުން ސިފަކޮށްދީފައިވަނީ މީހަކު ﷲ ގެ ހަނދުމައިން ދުރުވެގެންދާން މެދުވެރިވާ އެކިއެކި ހަރުފަތްތަކެވެ. މިގޮތުން މުއުމިނުން ސިފަކުރާ ފުރަތަމަ ކަމަކީ މުނާފިޤުން އެމީހުންގެ އަމިއްލަ ނަފްސުތައް ފިތުނަވެރިކަމުގެ ތެރެއަށް އެއްލާލި ވާހަކައެވެ. (فَتَنتُمْ أَنفُسَكُمْ) އެމީހުން ދަނެ ތިބެ ގޯސް މީހުންނާއެކީ އެމީހުން ވަގުތު ހޭދަކުރިއެވެ. އެމީހުން ދަނެ ތިބެ ނޭދެވޭ ޢަމަލުތައް ހިނގާ މާޙައުލުތަކަށް ގޮސް ހެދިއެވެ. ދެވަނަ ކަމަކަށް މުއުމިނުން ސިފަކޮށްދޭ ކަމަކީ މުނާފިޤުން ތައުބާވުން ލަސްކުރަމުން ދިޔަ ވާހަކައެވެ. (وَتَرَبَّصْتُمْ). އެމީހުން އެ ގެންގުޅޭ އެކުވެރިން ދޫކޮށް އެމީހުން ދާ މާޙައުލުތަކާ ދުރުވާން ޖެހޭކަން އެނގި ތިބެ ވެސް އެމީހުން އެކަން ފަހުން ކުރާނެކަމަށް ބުނަމުން ދިޔައެވެ. އެމީހުންގެ ނޭދެވޭ އެދުންތައް އެމީހުން ބޭނުން އިރަކުން އެމީހުންނަށް ހިފެހެއްޓިދާނެކަމަށް އެމީހުން ހީކުރިއެވެ. އެހެނަސް ކަންތައް ވަމުން ދިޔައީ ގޯހުން ގޯހަށެވެ. މުއުމިނުން ސިފަކުރާ ފަދައިން ދެން އެމީހުން ފެށީ ޝައްކު ކުރާށެވެ. (وَارْتَبْتُمْ) ވަކިން ޚާއްޞަކޮށް ދީނާއިމެދު އެމީހުން ޝައްކު ކުރިއެވެ. އެއީ އެމީހުންގެ ނޭދެވޭ އެދުންތައް ފުރިހަމަ ކުރުމަށް ހުރަހަކަށްވި ހަމައެކަނި އެއްޗަކީ ދީން ކަމަށްވީތީވެއެވެ. ދީނާއިމެދު ޝައްކުކުރުމުން ފާފަތަކާއިގެން ކުރިއަށް ދިޔުމަށް އެމީހުންނަށް ބަހަނާއެއް ލިބެމުން ދިޔައެވެ. އެންމެ ފަހުން މުއުމިނުން ސިފަކުރާނެހެން އެމީހުން ދޮގު އުއްމީދުތަކުން އެމީހުން ހެއްލިގެން ދިޔައެވެ. (وَغَرَّتْكُمُ الْأَمَانِيُّ). މީގެ މާނައަކީ ދުނިޔޭގެ އެދުމުން އެމީހުންގެ ހިތްތައް ފުރިގެން ދިޔުމެވެ. ﷲ ގެ ރުހިވޮޑިގަތުން ހޯދުމާއި ސުވަރުގޭގެ މަތީ މަޤާމުތައް ހޯދުން ފަދަ މަތިވެރި އެދުންތައް އެމީހުންގެ ހިތްތަކުން ނެތި ދިޔުމުންނެވެ. ﷲ ގެ ހަނދުމައިން އެމީހުންނަށް ނުލިބޭނެ ފަދަ ހިތްހަމަޖެހުމެއް މި ފަނާވަނިވި ދުނިޔޭގެ ކަންތައް ޙާޞިލުކުރުމުން ލިބޭނެކަމަށް އެމީހުން ހީކުރިއެވެ.
މި ހަތަރު ކަންތައްތަކަކީ އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވެދާނެ ގޮތެކެވެ. ފަހަރެއްގައި އަހަރުމެންގެ ތެރެއިން ބައެއްމީހުން މި ދުވަސްކޮޅު ވަނީ ފިތުނައިގެ ތެރެއަށް ވަންނަން ފެށިފައެވެ. އަހަރުމެންނަށް އެނގިގެން އަހަރުމެން ﷲ ގެ ހަނދުމައިން ދުރުކުރުވާ ފަދަ އާދަތައް އަހަރުމެންގެ ކިބައިގައި ހުރެދާނެއެވެ. އަދި އަހަރުމެންގެ ތެރެއިން ބައެއްމީހުން އެކަންތައްތަކުން ދުރުވާން ލަސްކުރަމުން އެބަ ގެންދަމެވެ. އެހެންނޫނީ އަހަރުމެން ވަނީ އެއަށްވުރެ ވެސް ކުރިއަށް ގޮސް އަހަރުމެންގެ ފާފަތަކެއްގެ ސަބަބުން ޝައްކުވެސް ކުރަން ފަށާފައެވެ. އަދި ބައެއްމީހުން ވަނީ އެއަށްވުރެ ވެސް ކުރިއަށް ގޮސް ހަމައެކަނި ދުނިޔޭގެ އެދުންތަކުން ހިތްތައް ފުރިފައެވެ.
އަހަރުމެންވަނީ މި ހަރުފަތްތަކުގެ ތެރެއިން ކޮންމެ ހަރުފަތެއްގައި ކަމަށްވިޔަސް މާތް ﷲ އަޅަމެން މިކަމުން ސަލާމަތްކުރައްވާށި! އަދި އަޅަމެންނަކީ ޤިޔާމަތްދުވަހު އެ ފާރުގެ ރަނގަޅު ފަރާތުގައި ވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!.
آمين
Jana… kothalhun vettifai thibee eh noon vettifai othy noony baivaru ehchihi vejjihyaa verifai hunnaany dho dhirey ehchihi noony vettifaeh nueh thibeyne dho dhen adhi eh kuh eba oiy singiret ge ajalu balaa vaahaka ajuma balaany.. mee alhugandah faahaga kurevunu than thankolhu ok jana… vaahaka hama v salhi