“ނޯ އައި ޑޯންޓް ލަވް ހިމް، ބައްޕާ!” އެ އަންހެން ކުއްޖަކު ބުނެލި އަޑަށް ޝަރަފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެ އަޑުގެ ވެރިޔާގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔަ ހިނދު އޭނަގެ ނޭވާވެސް ހުއްޓުމަކަށް އައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފަސްއެނބުރި ބަލާލިއެވެ. އެ ހިނދު އޭނައަށް ހީވީ އޭނަގެ މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ހެންނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މީގެ އެތައް އަހަރެއް ކުރިން ފެނިފައިވި ސޫރަކަން ޔަޤީންވީ ހިނދު އޭނައަށް ހިތާހިތުން އެ ނަން ކިޔާލެވުނެވެ.
“އަފާފް…” ހިތުތެރެއިން އެ އަޑު އައި ހިނދު ޝަރަފަށް އަފާފާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. އެތައް އަހަރެއް ފަހުން ފެނުނުއިރު އަފާފްވަނީ އިސްކޮޅުން ދިގުވެފައިކަމަށްވިޔަސް އެ ސޫރައިން ފެންނަމުން ދިޔައީ އެންމެ ފުރަތަމަ ދުވަހުވެސް ޝަރަފަށް ފެނުނު މައުސޫމްކަމެވެ. ފުޅާކޮށް އޮތް ކަޅުކުލައިގެ ދިގު ހެދުމަކާއި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން ހުރިއިރު އަނެއްކާވެސް އަފާފަށް ތަފާތު ނަޒަރަކުން ބަލަން ޝަރަފަށް މަޖުބޫރުވިއެވެ. އޭނައަށް އިވިފައިވާ އަޑުތަކުން އަފާފަކީ މުއްސަނދި އަދި ‘މިނިވަން’ ޚިޔާލުތަކެއްގެ ވެރި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަން ޝަރަފަށް ޔަޤީންވިއެވެ. ބޭނުން ގޮތަކަށް ހެދުން އެޅުމުގެ މިނިވަންކަން ލިބިފައިވަނިކޮށް ވެސް އަފާފް އެފަދަ ގޮތަކަށް ހެދުން އަޅަން ޚިޔާރުކުރީ ކީއްވެބާއޭ ޝަރަފްގެ ހިތަށް އެރިއެވެ. އެ ސުވާލުގެ ޖަވާބު ނޭނގުނެއްކަމަކު އަފާފް ޚިޔާރު ކުރި ގޮތުގެ ސަބަބުން އޭނަގެ ހިތުގައި އަފާފަށް ދެވިފައިވި ޤަދަރު އިތުރުވެގެން ދިޔައެވެ.
ޝަރަފް ބަލަބަލާ ހުއްޓާ އަފާފް ފޯނުން ވާހަކަ ދައްކަމުން އޭނައާއި ފަސް ފިޔަވަޅެއްހާ ދުރުގައި ހުރެފައި އޭނައަށް އެއްލި ކަޅިއަކުން ބަލާލަމުން އެ ޕޭވްމެންޓުން ފޭބިއެވެ. އަދި ޕޭވްމެންޓާއި ދުރު ހިސާބަކުން އޭނަ ފަހަނަޅައި ގޮސް އަނެއްކާވެސް ޕޭވްމެންޓަށް އަރައި ފޯނުން ވާހަކަ ދެއްކިއެވެ.
“ބައްޕާ…..ބައްޕަ އަހަރެންގެ ކައިވެންޏާމެދު އެހާ ބޮޑަށް ކަންބޮޑުވާނެކަމެއްނެތް. އަދި އެހެންނޫނަސް އަހަރެން މީހަކާ އިންނަން އަހަންނަށް މާ އަވަސް. ކޮމްޕެނީގެ ކަންތައް މުޅިން ސެޓްލް ވަންދެން އަހަރެން ބޭނުމެއްނޫން މެރީ ކުރާކަށް.” އަފާފް ކުރިއަށް ދަމުން ދެއްކި ވާހަކަ އޭނަގެ ފަހަތުން ހިނގައިގަތް ޝަރަފަށް ވެސް އިވުނެވެ. އެ ވާހަކަތަކާމެދު ޝަރަފަށް ވިސްނެން ފެށިތާ މާ ގިނައިރެއްނުވެ އަފާފް ދެންވެސް ވާހަކަ ދެއްކިއެވެ.
“މެރީ ނުކުރިޔަސް ބައްޕައަށް އާދެވޭނެއެއްނު މި ދަތުރުތަކުގަ އަހަންނާއެކީ؟ އަސްލު އަހަރެން ބޭނުމެއްނޫން އެކަނި ދަތުރުކުރާކަށް. ބައްޕަ ކައިރި އެހާވަރަށް އެދެވުނީ އެހެންވެ. މެލްބަންއަށް އައީ މިތާނގަ ބޮޑުދައްތަ ހުންނާތީ. އެކަމަކު ބޮޑުދައްތަ އަހަރެން އިމްތިޙާންތައް ހައްދަން ސިޑްނީއަށް ފޮނުވީ އެކަނި ޓެކްސީއެއްގަ! އަމިއްލައަށް ދަތުރުކުރަން ދަސްކުރަންވާނެއޭ ކިޔާފަ.” އަފާފް ޝަކުވާގެ ރާގަކަށް ކިޔައިދިން އަޑު ޝަރަފަށް އިވުނެވެ. އެއާއެކު ޝަރަފަށް ވެސް އަފާފްގެ އެ ‘ބޮޑުދައްތަ’އެއް ދެކެ ނުރުހުންވެވުނެވެ. އަފާފް އެހެން ފޮނުވާކަށް ވެސް ނުވާނެނޫންހޭ ހިތަށްއެރީ އަފާފަކީ އޭނަގެ އަމިއްލަ މީހެއްހެން ހީވާ ދަރަޖައަކަށެވެ. އޭނައަށް މި އިޙްޞާޞް ކުރެވެނީ ދުވަހަކުވެސް އަންހެން ކުއްޖަކާމެދު އިޙްޞާޞްވެފައިވާ ގޮތަކަށް ނޫންކަން އެނގުންވި ހިނދު ޝަރަފަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އެ ހިނދު އޭނަގެ ކުރިމަތިން އިތުރު މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވުމުން ޝަރަފަށް ސަމާލުވެ ކުރިމައްޗަށް ބަލާލެވުނެވެ. އޭރު ކައިރީގައި ހުރި ގޯޅިއަކުން މެދު ޢުމުރުގެ އޮސްޓްރޭލިޔާގެ ފިރިހެނަކު ނިކުމެގެން އައިސް އަފާފްގެ ފަހަތުން ހިނގާފައިދަނީއެވެ.
“އޭ މަންޖެ މަޑުކޮށްބަލަ!” އެ މީހާ އިނގިރޭސި ބަހުން ވާހަކަ ދެއްކި ރާގުންނާއި އޭނަގެ އަޑު ހުރި ގޮތުން އޭނަ ހުރީ ބޮއިގެންކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. އޭނަގެ ވާހަކައިގެ ރާގުން ވީ ފޫއްސާއެކީ ޝަރަފްގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އެމީހާއަށްވުރެ ކުރީގައި ހުރި އަފާފް އަވަސްއަވަހަށް ފޯނު ކަނޑާލަމުން އޭނަގެ ފިޔަވަޅުތައް އަވަސްކުރިކަން ޝަރަފަށް އެނގުނެވެ. އެއާއެކު އެ ފިރިހެން މީހާގެ ވެސް ފިޔަވަޅުތައް އިހުނަށްވުރެ އަވަސްވީ މަންޒަރު ފެނިފައި ޝަރަފް ދިގު ފިޔަވަޅުތައް އަޅަން ފެށީ އެމީހަކު ބިމަށް ތިރިކޮށްލުމުގެ ނިޔަތުގައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެމީހާއާ ހަމަވީތަނާހެން ދެވަނަ ވިސްނުމެއްވެސް ނެތި ޝަރަފް އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލިއެވެ. އެއާއެކު އެމީހާގެ ނޭފަތުން އައި ލެއާއިއެކީ އޭނަ ބިންމައްޗަށް ވެއްޓެން ދިޔައެވެ. ބިންމަތީގައި އެމީހާ ޖެހުނު އަޑާއެކީ ޝަރަފާއި ފިޔަވަޅުތަކެއްހާ ދުރުގައި ހުރި އަފާފް ފަސްއެނބުރި އެދިމާލަށް ބަލާލިއެވެ. އަފާފާއި އޭނަގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ޝަރަފްގެ ހިތް ހުއްޓުމަކަށްއައެވެ. ޖެހިލުންވުމަކާއެކީގައި ވެސް އޭނައަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވެން އުޅުނެވެ. އެއްފަހަރާ އެތައް ވާހަކައެއް ދައްކަން ބޭނުންވީއިރު އަފާފްގެ މޫނުމަތިން ފެނުނު ބިރުވެރިކަން ފެނިފައި އަފާފް އޭނަގެ އަތުތެރެއަށް ވެސް ގެންނަން ބޭނުންވިއެވެ. އަފާފް ހުއްޓުން އަރާފައި އެއްފަހަރު ބިންމަތީގައި ވެއްޓިފައި އޮތް މީހާއަށް އަނެއްފަހަރު ޝަރަފަށް ބަލާލިއެވެ. އޭނައަށް ބެލިއިރު އޭނަގެ އަތުގައި ހުރި ޓެޓޫއަށް އަފާފް ވަކިން ބެލިކަން އޭނައަށް އެނގުންވިއެވެ. އެއާއެކު އަފާފްގެ މޫނުމަތިން އިތުރު ޖެހިލުންކަމެއް ޝަރަފަށް ފެނުނެވެ. އަފާފް އޭނައަށް ޖެހިލުންވީކަން އެނގުނު ހިނދު ޝަރަފް އޭނައާއި ދިމާލަށް ފިޔަވަޅެއް އަޅާލީ އޭނައަށް ބިރުގަންނަން ނުޖެހޭކަން އެންގުމަށެވެ. އެހެނަސް އަފާފް އެ ފުރުޞަތު ދިނުމެއްނެތި ކުއްލިއަކަށް އޭނައަށް ފަސްދީފައި ދުރަށްދާން ދުއްވައިގަތެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ ހިތަށް ލިބުނު ސިހުމާއެކީ އަފާފްގެ ނަން ވައި އަޑުން ކިޔާލެވުނެވެ. އަފާފްގެ ފަހަތުން ދާން އަނެއްކާވެސް ފިޔަވަޅެއް އަޅާލި ވަގުތު އަފާފް ގޮސް ކައިރީގައި ހުރި ގެއަކަށް ވަތްތަން ފެނިފައި ޝަރަފްގެ އަނގައިން އާހެއްގެ އަޑު ނިކުތެވެ. އޭނަ އެހާ ލޯތްބާއެކީ ރައްކާތެރިކުރަން އުޅުނު ފަރާތް ޚުދު އޭނައަކީ ނުރައްކަލެއްކަމަށް ދެކުނުހެން ހީވި ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ. ބިންމަތީގައި ވެއްޓިފައި އޮތް މީހާއަށް ބަލާލުމަށްފަހު ޝަރަފް އޭނަގެ އަތުގައިވި ޓެޓޫއަށް ބަލާލީ އަފާފް ވެސް ބަލާލިފަދަ ނަޒަރަކުންނެވެ. އޭނަ އަނިޔާވެރިއެއްގެ ގޮތުގައި އަފާފަށް ފެންނަން މެދުވެރި ކުރުވީ ކޮން ސަބަބުތަކެއްކަން ނަގައިގަނެވުނު ހިނދު އޭނަ އޭނައަށް ނުވިނަމައޭ ޝަރަފްގެ ހިތަށްއެރިއެވެ. އިރުކޮޅެއްވަންދެން ހުރިތާ ހުރުމަށްފަހު ޝަރަފް ކުރިއަށް ހިނގައިގަތީ އޭނަ ދެންމެ ވައްޓާލި މީހާގެ މަތިން ހަނދާން ނައްތާލަމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަފާފް ދެންމެ ވަތް ދެބުރީގެ ގެ ކައިރީގައި ޝަރަފަށް މަޑުކޮށްލެވުނެވެ. އޭނަ އެގެއަށް ބަލާލީ އެތެރެއަށް ދާން ހިތް ގޮވާލުމުންނެވެ. އެހެނަސް ބަންދުކޮށްފައިވި ދޮރަށް ބަލަން ހުރެފައި އެއީ ރަނގަޅު ނިންމުމަކަށް ނުވާނެކަމަށް ނިންމަމުން ޝަރަފް އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
އެރޭ ގެއަށް ގޮސްފައިވެސް ކުރި ކޮންމެ ކަމެއްގެ ތެރެއިން ވެސް އޭނައަށް ސިފަވަމުން ދިޔައީ އެރޭގެ ޙާދިސާއެވެ. ފެންވަރައިގެން ރޭގަނޑު ކައިގެން އައިސް ގޭގެ ތަނަވަސް ސިޓިންގް ރޫމުގެ ސޯފާގައި އޭނަ ގެއްލިފައި އިންނަން ފެށުމުން ޝިނާޒް ވާހަކަ ދެއްކިއެވެ.
“ޑޫޑް ކިހިނެއްތަވީ؟ ޖިމުން އައީއްސުރެ ތިހުންނަނީ ނެގިމަޑުވެފަ. އަނެއްކާ މާ ހާޑުކޮށް ޖެއްސީމަ މާ ބޮޑަށް ބަލިވީތަ؟” ޝިނާޒް އެތާ ފާރުގައި ހަރުކުރެވިފައިވި ޓީވީއިން ދައްކަމުން ދިޔަ ފިލްމުގެ އަޑު މަޑުކުރަމުން އަހާލިއެވެ.
“ބަލިވުމަކީ މަ ދަންނަ ކަމެއްނޫންކަން ޝިނާޒަށް އެނގެއެއްނު؟ މިރޭ ދިމާވި ކަމަކާހެދި އަސްލު މިއުޅެނީ ހިތްހަމަ ނުޖެހިގެން.” ޝަރަފް ބުންޏެވެ. އެއާއެކު ޝިނާޒް ކިހިނެއްވީތޯ އަހާލިއެވެ. ޝަރަފް ވަގުތުން ހުރިހާ ވާހަކައެއް ސީދަލަށް އޭނަގެ ބޭބެއަށް ކިޔައިދިނީ، އެހާތަނަށް އައިއިރު ވެސް އޭނަގެ ގާތް މީހަކަށް ހުރީ ޝިނާޒް ކަމަށްވާތީވެއެވެ. އޭނަ ހީކުރީ ޝިނާޒްގެ ފަރާތުން އޭނަ ހިތްހަމަޖެހޭނެ ފަދަ ވާހަކަތައް އިވޭނެކަމަށެވެ. އެހެނަސް…….
“ވޯހް! ދެޓް އަފާފް ހުސެއިން؟! އޭނަ މިހާރު ވަރަށް ހޮޓްތަ؟” ޝިނާޒް ފޯރިއާއެކީ ކޮށްލި ސުވާލުން ޝަރަފްގެ ނިތަށް ރޫގިނަވެ އޭނަ ހިތްހަމަނުޖެހުނެވެ. އަންހެން ކުދިންނާމެދު އެ ފަދައިން ވާހަކަ ދެއްކުމަކީ ފަހަކަށް އައިސް ޝިނާޒާއި ޝަރަފްގެ ވެސް އާދައެކެވެ. މިހާތަނަށް އައިއިރު ޝަރަފް ވެސް އެފަދަ ގޮތަކަށް ވާހަކަ ދެއްކިއިރު އެއްވެސް އުނދަގުލެއް ވެފައެއްނެތެވެ. އެހެނަސް އަފާފާއިމެދު އެފަދަ ބަހެއް ބުނެލުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތް އިންތިހާއަށް ނުރުހުންވިއެވެ.
“ބްރޯ ތިއަށްވުރެ ރީއްޗަށް ވާހަކަ ދެއްކިދާނެދޯ؟ އެއީ އެކަހަލަ ކުއްޖެއްނޫން.” ޝަރަފަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެހެން ބުނެލިއިރު ‘އެކަހަލަ ކުއްޖެއް’ އޭނަ މާނަ ކުރާ ގޮތް ޚުދު އޭނައަކަށް ވެސް ސާފެއް ނުވިއެވެ.
“ވަޓް؟! ރީއްޗަށޭ؟ އެކަހަލަ ކުއްޖެއްނޫނޭ؟ ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް ޝަރަފް؟” ޝިނާޒަށް ލިބުނު ޝޮކާއެކީ އޭނަ އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ.
“އައި ޑޯންޓް ނޯ……އައި ރެސްޕެކްޓް ހާރ. ވަރަށް ތަފާތު ކުއްޖެއް އެއީ. އެހާ ޒުވާން ޢުމުރުގަ ވެސް ދިގު ހެދުމެއް ލައިގެން ހުރް…..” ޝަރަފްގެ ވާހަކަ ފުރިހަމަ ނުވަނީސް ޝިނާޒް އޯކަތްދަމާކަމަށް ހެދުނެވެ.
“ޝަރަފް…..މަ މި ބުނާ ވާހަކަ އަޑުއަހައިގެން ތި މީހެއްގެ މަތިން ހަނދާން ނައްތާލާ. ވަރަށް ބޯރިންގް މީހަކަށް ތިވާނީ. އެއްވެސް ދުވަހަކު ޖޯކެއް ނުކިޔާ ހުނުމަކީ ވެސް ޙަރާންކަމެއްކަމަށް ދެކޭ މީހަކަށްވާނީ. ދޮންބައްޕަގެ އަންހެން ކުދިން މަތިން ހަނދާން ނެތުނީތަ؟” ޝިނާޒް އަހާލިއެވެ. ޝިނާޒް އެބުނީ ތެދެކޭ ޝަރަފްގެ ހިތަށް ހިނދުކޮޅަކަށް އެރިއެވެ. އަފާފް އެފަދަ ސިފައެއްގައި ހުރުމުން ޙަޤީޤަތުގައި އޭނަ ވެސް ވާންޖެހެނީ ފޫއްސެވެ. އެހެން ނޫނަސް ފުރާވަރުގައި ވެވޭ ލޯބީގެ މަތިން ހަނދާން ހުންނަނީ ކާކު ހެއްޔެވެ؟ އެހެނަސް އަފާފް ދޮންބައްޕަގެ އަންހެން ކުދިންހެން ނުވާނެކަމަށް ޝަރަފްގެ ހިތް ބުނީ އެންމެ ކުރީއްސުރެ ވެސް އަފާފަށްޓަކައި ހިތުގައި ދެވިފައި އޮތް މަޤާމެއްގެ ސަބަބުންނެވެ. ނޭނގި ނަމަވެސް އަފާފްގެ ނަން ހަމަ އެ މަޤާމުގައި އެގޮތުގައި އޮތެވެ. އޭނައަށް ނޭނގުނު ކަމަކީ އެ އިޙްޞާޞަކީ ވެސް އޭނައަށްޓަކައި އިމްތިޙާނެއްކަމެވެ. އަދި އެ އިޙްޞާޞް ރަނގަޅު ގޮތުގައި ބަލަހައްޓައިފިނަމަ އެއިން ވެސް އޭނައަށް ހިދާޔަތް އިތުރުވެގެން ދާނެ ކަމެވެ.
އެރޭ ޝިނާޒް އާދައިގެ މަތިން ފުޅިއެއް ދިއްކޮށްލުމުން ޝަރަފަށް އިންކާރު ކުރަން ޖެއްސީވެސް އޭނަގެ ހިތުތެރޭގައި އަފާފަށްޓަކައިވި އެ އިޙްޞާޞެވެ. އޭނަ ކޮންމެ ރެއަކު މަސްތުވަނީ އޭނަގެ ޙަޔާތުގައި އޭނަ ވަކިން ޚާއްޞަކޮށް އުފާވާންވީ އެހެން ސަބަބެއް ނުފެނުމުން ޙަޤީޤަތާއި ދުރަށް ދާށެވެ. އެހެނަސް އެރޭ އޭނައަށް ފެނިފައިވި ސޫރައިގެ ސަބަބުން އޭނަ އެރޭ ހަމައިން ނެއްޓޭކަށް ބޭނުމެއްނުވިއެވެ. އަދި އަމުދުން އަފާފަށް އަނިޔާއެއްދޭން އުޅުނު މީހަކު ކުރާ ކަމެއް އޭނަ ކުރާކަށް ބޭނުމެއްނުވިއެވެ. އެރޭ އޭނަގެ އަތުގައި ހުރި ޓެޓޫއަށް ބަލަބަލާފައި އޭތި ފިލުވަން ކުރެވިދާނެ ކަންތައް ނެޓުން ސާޗްކުރެވެން ފެށީވެސް ހަމަ އަފާފް ނުތަނަވަސްވެފައިވި މިންވަރު ހިތަށް ގެނެވުނު ވަރުންނެވެ. އެ ޓެޓޫއާ އެކީގައި އޭނައަށް އަފާފާއެކީ އުފާވެރި ދިރިއުޅުމެއް އުޅޭތަން ސިފަކުރަން ދަތިވީތީވެއެވެ. އެރޭ ނިދަން އޮށޯތުމުން ވެސް ޝަރަފްގެ ލޮލަށް ނިންޖެއްނައެވެ. އަފާފާއި އޭނަގެ މުސްތަޤްބަލު ޚިޔާލު ކުރެވެމުން ދިޔަދިޔަހެން މިހާ ހިސާބުން އޭނަގެ މުޅި ޙަޔާތް ބަދަލުވާނެހެން އޭނައަށް ހީވަމުން ދިޔައެވެ. އެކަން އިތުރަށް ޔަޤީންވެގެން ދިޔައީ އޭގެ އަނެއްދުވަހު އަފާފްގެ ގެއަށް ދާން އޭނައަށް ހިތާހިތުން ނިންމާލެވުމުންނެވެ. އެހެނަސް ދެން ކަންތައްވެގެން ދިޔައީ އޭނަ ހިވެސް ނުކުރާ ފަދައަކުންނެވެ. އޮށޯވެފައި އޮތްވާ ލަސްލަހުން އޭނަ ގައިން ހޫނުއަރުވަން ފެށިއެވެ. ކުރީކޮޅު އޭނަ ހީކުރީ އެއީ ހޫނު ރެއަކަށްވީތީ ވާގޮތެއްކަމަށެވެ. އެހެނަސް އޭސީ ގަދަ ކޮށްލުމުން ވެސް އޭނަ ދާހިއްލާ މިންވަރުވީ އިތުރެވެ. އެނދުމަތީގައި އެނބުރެމުން ދަނިކޮށް ބޮލުގައި ގަދަ ރިހުމެއްވެސް އުފެދިގެން ދިޔައެވެ. އޭނައަށް ނޭނގޭ ސަބަބަކާހުރެ އެވަގުތު އޭނަ މާ ބޮޑަށް ޝިނާޒް އޭނައަށް ދިއްކޮށްލި ފުޅީގެ މަތިން ހަނދާންވިއެވެ. އެނދުން ފައިބައިގެން ދެވެން އުޅުނީ އެ ފުޅި ހޯދަން ކަންނޭނގެއެވެ. އެހެނަސް އެނދުން ފައިބައި ކޮޅަށް ތެދުވުނު ތަނާހެން އޭނަގެ ބޮލަށް އެނބުރުން އަރައި އެކި މީހުންގެ އަޑުތައް އުނދަގޫވާވަރަށް އޭނައަށް އިވެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނައަށް ވީނުވީއެއް ނޭނގި އޭނަ ހޭނެތިގެން ވެއްޓުނެވެ.
ޝަރަފަށް ދެން ހޭލެވުނުއިރު އޭނައަށް އޮވެވުނީ ހޮސްޕިޓަލެއްގެ އެނދުމަތީގައެވެ. ލަސްލަހުން ލޯ ހުޅުވާލިއިރު އޭނަގެ ދެފަރާތުގައި ދޮންބައްޕައާއި ޝިނާޒް ތިއްބެވެ.
“ދެންވެސް ނުބޮއި ހުންނަން ނުއުޅޭތި އަންހެން ކުއްޖެކޭ ކިޔާފަ!” އެންމެ ފުރަތަމަ ވެސް އިވިގެން ދިޔައީ ދޮންބައްޕަގެ އެ ހަރުކަށި ބަސްތަކެވެ. ނުބޮއި ހުރެގެން ޝަރަފަށް ކުރެވުނީ ބޮޑު ކުށެއްހެން ހީވާ ފަދައަކުންނެވެ.
“ބްރޯ……ދެން މިހާ ހިސާބަށް އައިއްސަ ކުއްލިއަކަށް އެ ކަންތައް ދޫކޮށްލަން ބޭނުންވިޔަސް ދުލެއް ނުވާނެއޭ. ވަރަށް މަސައްކަތުން ޑޮކްޓަރުންނަށް ޝަރަފް ސަލާމަތް ކުރެވިފަ ތި އޮތީ. އެހާ ހެވީކޮށް ޑްރިންކް ކޮށްފަ ދެން ޑްރިންކް ނުކުރީމަ މިކަހަލަ ކަންތައް ދިމާވާނެ.” ޝިނާޒްގެ އެ ބަސްތަކަށް ފަހު އަނެއްކާވެސް ދޮންބައްޕަގެ ހަރުކަށި ބަސްތައް އިވުނެއްކަމަކު ޝަރަފަށް އެއަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް ވިސްނެމުން ދިޔައީ ޝިނާޒް ބުނި ބަސްތަކާއިމެދުގައެވެ. ރޭ އޭނައަށް ބެލުނީ ޙަޤީޤަތަކަށް ނުވާނެ ހުވަފެންތަކެއް ހެއްޔެވެ؟ އޭނައަށް ދެން ދުވަހަކުވެސް އޭނަގެ ދެވިހިފުންތަކުން ސަލާމަތް ނުވެވޭނީ ހެއްޔެވެ؟ އެ ސުވާލު ޝަރަފްގެ ހިތްދަތި ކުރުވިއެވެ. އެ ސުވާލަކީ އޭނަ އެއްއިރެއްގައި ވެސް އުފައްދާފައިވި ސުވާލެއް ނޫނެވެ. އެހެނަސް މިއަދު އޭނައަށް އެ ސުވާލުގެ ޖަވާބު މުހިއްމުވިއެވެ. އޭނައާއި އޭނަ ހުވަފެންތަކުން ދެކޭ އުފާވެރި މުސްތަޤްބަލުގެ ހުރަހަކަށް އޭނަގެ ދެވިހިފުން ވެދާނެކަމުގެ ބިރު ހީވީތީވެއެވެ.
އެ ބިރުގެ ސަބަބުން ޝަރަފް ދުވަސްކޮޅަކަށް ހިމޭންވިއެވެ. ނުބުއިމުން ވާގޮތް އެނގި ހުރެވެސް އޭނަ ދެންވެސް ބޯން އިންކާރު ކުރެވެމުން ދިޔައީ އަދިވެސް އަފާފާއި ބައްދަލުކުރަން ހިތުގައި އޮތް އެދުމެއްގެ ސަބަބުންނެވެ. އޭރުވެސް އޭނަ ހުރީ ހޮސްޕިޓަލުން ނިކުމެވުނުހާ އަވަހަކަށް އަފާފާއި ބައްދަލުކުރަން ދާށެވެ. އެހެނަސް ނުބުއިމުން އޭނަގެ ޙާލަތް ދަށްވަމުން ދިޔަ ގޮތުން އެންމެ ފަހުން އެހެން ބުއިމެއްގެ ތެރެއަށް އެތިފޮދެއް އަޅައިގެން ބޯން ޝަރަފަށް އެއްބަސްވެވުނެވެ. ހޮސްޕިޓަލުން ނިކުންނަން އޮތް ދުވަހު ޝަރަފަށް ހުރެވުނީ އަނެއްކާވެސް ރަނގަޅަށް ދެވިހިފިފައެވެ. އޭނަ ހަމަ އެދުވަހު އަފާފް އެރޭ ވަތް ގެއަށް ދިޔައީ އެކަމާމެދު ހިތާމަކުރާ ޙާލުގައެވެ. އޭނަގެ ހިތް އިތުރަށް ދެރަވެގެން ދިޔައީ އެގޭގެ ބެލް އަޅުވައި އަފާފާމެދު ސުވާލުކޮށްލުމުން ލިބުނު ޖަވާބުންނެވެ.
“އަފާފް އަނބުރާ ރާއްޖެއަށް ގޮއްސި. ދެން މެލްބަންއަށް ނާންނާނެހެން ހީވަނީ.” އެގޭގެ ދޮރު ހުޅުވާލި މެދު ޢުމުރުގެ އަންހެން މީހާ ބުންޏެވެ. އެވާހަކަ އިވިފައި ޝަރަފް ހުރިތަނަށް ތިރިވާން ބޭނުންވިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އޭނަގެ އިޙްޞާޞްތައް އަފާފާއި ޙިއްޞާ ކުރުމުން އޭނަގެ ދެވިހިފުންތަކުން ސަލާމަތް ކޮށްދޭނެ މީހެއްކަމުގައި އަފާފްވާނެ ކަމަށެވެ. އެހެނަސް އެފަދަ އެހީތެރިކަމުގެ އަތެއް އޭނައަށް ދިއްކޮށްލާނެ މީހެއް ދެން ނެތްކަން އެނގުންވުމުން އޭނަގެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު ނިވޭ ގޮތްވިއެވެ. ހަމަ އެއާއެކު އޭނަ އިހުނަށްވުރެ ވެސް ބޮޑަށް އެ މަސްތުގެ ތެރޭގައި ޣަރަޤުވެގަންނަން ބޭނުންވިއެވެ. އެ ދުވާލު ގަޑީގައި ވެސް ގެއަށް ގޮސް އޭނަ ހުރިތާހުރެ ދުވަހަކުވެސް ހުސް ނުކުރެވޭ ވަރަށް ފުޅިތައް ހުސްކުރީ، އޭނައަށް އެހީވެދެއްވާނެ ފަރާތެއް އަބަދުވެސް އޭނަ ބައްލަވައިވޮޑިގެންވިކަން ނޭނގިއެވެ. ދުވާލު ގަޑީގައި ވަޒީފާއަށާއި ޔުނިވާރސިޓީއަށް ގޮސް ކޮންމެ ރެއަކު ބާރތަކުގައި ވަގުތުތައް ހޭދަކޮށް އެއްވެސް ކަމަކާނުލާ ވެސް މީހުން ތަޅައި ތިރި ކުރަމުން ދިޔައީ، އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވި ޙަޤީޤީ ސަބަބު ނޭނގިއެވެ. ޝިނާޒާއެކީގައި ހޭދަކުރާ ކޮންމެ ވަގުތެއްގައިހެން ލަދު ކުޑަ މަންޒަރުތައް ބަލައި މަސްތުގެ ޙާލުގައި ހެމުން މިއީ އޭނައަށް ކޮންޓްރޯލް ނުކުރެވޭނެ އެދުންތަކެއް ކަމަށް ނިންމީ، ކޮންމެ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތެއްވާކަން ނޭނގިއެވެ.
އެހާ ހިސާބަށް ކަންތައް ދިޔައިރުވެސް ޝަރަފް އަންހެން ކުއްޖަކާ ގާތްވެ، ރައްޓެހިވާން ޚިޔާލުކޮށްފައެއް ނުވެއެވެ. އެފަދަ ޚިޔާލެއް ގެންނަ ކޮންމެ ފަހަރަކު އަފާފް މަތިން ހަނދާންވާ ވަރުންނެވެ. އޭނަ އުޅޭ ‘ހިމޭން’ ދިރިއުޅުމުގެ ސަބަބުން އެއްވެސް އަންހެން ކުއްޖަކު އޭނައާއި ރައްޓެހިވާންވެސް އެދިފައެއްނުވެއެވެ. މި ކަންތައް ބަދަލުވެގެން ދިޔައީ އެއްރެއަކު އެގެއަށް އައި ދޮންބައްޕަގެ އެކުވެރިއަކަށް ޝަރަފް ފެނުމުންނެވެ. އެމީހާއަށް ޝަރަފްގެ ހަށިގަނޑު ހެދިފައިވި ގޮތް ކަމުދިޔަވަރުން ޝަރަފް އެމީހާ ހިންގަން އުޅޭ ޕްރޮޑަކްޓެއްގެ އެމްބެސެޑާއަކަށް ހަދަން ބޭނުންވިއެވެ. ދިރިއުޅުމަށްވެފައިވި ފޫއްސެއްގެ ސަބަބުން ޝަރަފް ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް ޝިނާޒާއި ދޮންބައްޕަ ކިޔުނުވަރުން އޭނަ އެންމެ ފަހުން އެއްބަސްވިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ މެލްބަންގެ މަގުތަކުން ފެންނަމުން ދިޔަ ބެނާތަކުން ޝަރަފްގެ ފޮޓޯ ފެންނަން ފެށިއެވެ. މަސްތަކެއްފަހުން ޝަރަފްގެ ފޮޓޯ އޮސްޓްރޭލިޔާގެ މަޝްހޫރު މަޖައްލާއަކަށް އެރީ ގިނަ ޢަދަދެއްގެ އަންހެން ކުދިންގެ މެދުގައި އޭނަގެ ވާހަކަ ދެކެވެން ފެށުމުންނެވެ. އެއަށްފަހު ޝަރަފަށް ހިމޭނުން ބާރއެއްގައި ވެސް ހުރެވޭ ގޮތެއްނުވެއެވެ. އެތައް އަންހެން ކުދިންނެއް އޭނަގެ ކައިރިއަށް އައިސް އޭނަގެ ‘ހިތް އަތުލަން’ މަސައްކަތް ކުރަމުން ދިޔައީތީވެއެވެ. އެހެނަސް އޭގެއިން އެއްވެސް އަންހެން ކުއްޖަކަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޝަރަފް އަބަދުވެސް އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ހުންނަ ހުރުމުގެ ސަބަބުންނެވެ. އެހެނަސް އެއްރެއަކު ކޮންމެވެސް އެއް އަންހެން ކުއްޖަކު ޝަރަފް މަސްތުވެފައި ވަނިކޮށް އައިސް ދެއްކި ވާހަކައަކުން އޭނައަށް އެ ދިމާލަށް ބަލާލެވުނެވެ.
“ޝަރަފް……ނުބަލާނަންތަ އަފާފްއާ ދިމާލަށް؟” ކްލަބެއްގެ ބާރ ގެ ކައިރީގައި ޝަރަފް އިންދާ ފަހަތުން ކޮށްލެވުނު ސުވާލުން އޭނައަށް ބަލާލެވުނެވެ. ކައިރީގައި އަންހެން ކުއްޖެއް ހުރިކަން އެނގުނެއްކަމަކު އެވަގުތު އޭނައަށް މަންޒަރު ފެންނަމުން ދިޔައީ ފުސްކޮށެވެ.
“ޝަރަފް އައިމް ސޯ ސޮރީ….މި ހުރިހާ ދުވަހު ޝަރަފްއާ ދުރުގަ ހުރެވުނު ކަމަށްޓަކައި. ދެން ނުދާނަން ޝަރަފްއާ ދުރަށް. އައި ޕްރޯމިސް.” އެ އަންހެން ކުއްޖާ ގިސްލުމެއްގެ ތެރެއިން އެހެން ބުނެލި އަޑަށް ޝަރަފްގެ ހިތް ޖަޒުބާތުން ފުރިގެންއައެވެ. ލޮލަށް ކަރުނަތައް ޖަމާވީ އަފާފް އަނބުރާ އައިކަމުގެ އުފާވެރިކަމުންނެވެ. އެ އަންހެން ކުއްޖާ އޭނަގެ މޫނުގައި ދެއަތުން ހިފަހައްޓައި އިތުރަށް ގާތްވިކަން ޝަރަފަށް އިޙްޞާޞްވިއެވެ. އެއަށްފަހު ދެން ވީނުވީއެއް ޝަރަފަކަށް ސާފެއްނުވިއެއްކަމަކު މުޅި އެ ވަގުތުގައި އޭނަގެ ސިކުނޑި ތެރޭގައިވީ އަފާފްގެ ސޫރައެވެ.
މުޅި އެރެއަކީ އޭނައަށް ދައްކާލެވުނު ދަޅައެއްކަން ޝަރަފަށް އެނގުންވީ އޭގެ އަނެއްދުވަހު ހޭލެވުމުންނެވެ. ހިނިތުންވުމަކާއެކީ އޭނަގެ ކައިރިއަށް ބަލާލި ވަގުތު ކައިރިން އޭނަ އުއްމީދު ކުރި ސޫރަ ނޫން އެހެން ސޫރައެއް ފެނިގެން ދިޔުމުން އޭނައަށް ފުންމައިގެން ތެދުވެވުނެވެ. ހަމަ އެ ވަގުތުން ވަގުތަށް އެ އަންހެން ކުއްޖާ ހޭލައްވައިގެން ކުރެވުނު ސުވާލުތަކާއި ޝިނާޒާއި މި ވާހަކަ ޙިއްޞާ ކުރުމުން އޭނަ ދެއްކި ވާހަކަތަކުން ޝަރަފަށް ވީގޮތް ނަގައިގަނެވުނެވެ. ‘ހަނާ’ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ބުނިގޮތުގައި އޭނަ އެއްގޮތަކަށް ވެސް ޝަރަފާއި ދެއްކި ވާހަކައިގައި އަފާފެކޭ ނުކިޔައެވެ. އޭނަ ކިޔުނީ އޭނަގެ އަމިއްލަ ނަމެވެ. ޝިނާޒް ބުނި ގޮތުގައި އެއީ ދޮގަކެވެ. އެހެނީ ހަނާ ޝަރަފާއި ވާހަކަ ދެއްކިއިރު ޝިނާޒް އެތާނގައި ހުއްޓެވެ.
“ދެން ކީއްވެތަ ޝިނާޒް މަ ހޭނޭރުވީ؟؟ މިއިން މަށަށް ކުރާނެ އަސަރު ނޭނގެނީތަ؟ ހާދަ އުއްމީދެއް ކުރީމޭ އެއީ އަފާފްކަމަށް……އެކަމަކު…” ޝަރަފް ގެއަށް ގޮސް ރުޅިވެރިކަމާއެކީ ފެށި ވާހަކަ ނިމުނީ މާޔޫސްކަމުގެ ތެރެއަށެވެ.
“ތިހެންވެ އަހަރެން ނުހުއްޓުވީ. ކިހާ ދުވަހެއް ތި އަފާފެކޭ ކިޔައިގެން އުޅޭތާ. މޫވް އޮން އޯލްރެޑީ! ހަނާ މާ ރަނގަޅުވާނެ ޝަރަފްއަށް. ދެން އެންމެ ފަހަރަކު ދޮގެއް ހަދާލިޔަސް!” ޝިނާޒް ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. ޝަރަފް އެ ވާހަކައަށް ޗޮއްކަނޑާލަމުން ސޯފާއަށް ވެއްޓިގަނެ އޭނަގެ ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލީ ކުރެވުނު ކަމަކާމެދު ހިތާމަ ކުރެވުނު ވަރުންނެވެ. ޝިނާޒް ފުން ނޭވައެއް ދޫކޮށްފައި ދާން އުޅުނު ވަގުތު އޭނަ ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުން ދެބުމަ ކައިރިކޮށް ފަސްއެނބުރި ބަލާލިއެވެ.
“ބައި ދަ ވޭ……އަހަރެން އަޑުއެހިން ހަނާ ޝަރަފްގެ ކައިރިއަށް އައުމުގެ ކުރިން ދެއްކި ވާހަކަތައް. ހީވަނީ އަފާފާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަންހެނެއްހެން. ނޭނގޭ ކިހިނެއްކަމެއް ވެސް އޭނައަށް އަފާފް އެނގެނީ. އެކަމަކު އޭނައާއި އެކީގަ ވާހަކަ ދެއްކި ފިރިހެނުންވެސް ހަމަ އަފާފާއި ވަރަށް ދެކޮޅު. އެމީހުން އެ ދައްކަނީ އެހެން އަފާފަކާމެދުގައޭ ބުނެވޭކަށް ވެސް ނެތް. އަފާފް ހުސެއިނޭ ހަމަ ކިޔަމުން ދިޔައީ.” ޝިނާޒް ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން ޝަރަފަށް އިސްއުފުލައި ބަލާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Assalaam’alaikum. mi bai faharegga shauquveri nuvedhaane adhives maazy nunimeythy. varah bodah dhigudhemigendhaakan jana ahves faahanga eba vey. dhen huri baithah rangalhu kureveytho masakkaiy kuranan In Sha Allah. next part in maazy nimeyne In Sha Allah. ebai saturday ga 🙂
Maa shaa allah v furihama story eh v inthizaaru kurevey mi story ah
Alhamdhulillah! (All praise and thanks belong to Allah) 😀
Ma sha Allah
🙂
Grt work jana..☺
Alhamdhulillah! 😀
Maasha Allah..v.v furihama.. waiting
Alhamdhulillah! next part saturday ga 🙂
Maasha Allah….. vvvv reethi
Alhamdhulillah! 🙂
Varah reethi mi bai vex
Alhamdhulillah! 🙂
V salhi.maa lahee update vaaleh…
dho yyyy? 🙁 jana ves varah hiyhama nujehey massala eh thy. masakkaiy kuraanan avas kureveytho In Sha Allah. Alhamdhulillah! 🙂
Maasha Allah story v reethi??
Alhamdhulillah! 🙂 <3
Maasha allah story hama habeys…it’s my favourite stry. Thanks jana for this fabulous story.
Alhamdhulillah! if you think this is your favourite, try going through some stories of the Quran aakko 🙂 eyrun favourite badhaluvegen dhaanekan yageen. hehe…jana eba khiyaalu kuran mi vaahakaige therein Quranuge vaahaka thakuge reethikan highlight kureveytho In Sha Allah. aslu e vaahaka thakun inspire vegen varah gina thanthankolhu jana vaahakaiga ves himanan. they are truly amazing and beautiful 😀 especially how Allah tells us stories in the Quran. <3
FB Post:
Too often we tend to think we need to depend on someone else in order for our lives to change. We feel that we can’t leave the harmful addictions that we have without a helping hand. We seem to be convinced that we can ONLY make tawba if there is someone to show us the way.
When we make these assumptions, we don’t even realize that there is someone in full view of all of our circumstances. We don’t realize that there is someone Who will help us the moment we sincerely turn to Him. We don’t realize that He is the One Who could make the impossible, possible in the blink of an eye if we just asked. We don’t realize that there is someone Who Appreciates and Loves us more than any human being can. And that is the One and Only Allah.
So even if you don’t have anyone around you, you have no reason to grieve. Because you have the company of the One Who has been taking care of you all along. And at the end of the day, it is only He Who can save you from sins and increase you in guidance.
“…Whoever relies on Allah, then He is sufficient for him….” Surah At-Talaaq, ayah 3
FB Post (Dhivehi)
އަހަރުމެންގެ ޙަޔާތް ބަދަލުވެގެން ދާނީ ހަމައެކަނި އެހެން މީހަކަށް ބަރޯސާވެގެންހެން ހީވާ ފަހަރު ވަރަށް ގިނައިން އާދެއެވެ. އަހަރުމެން ދެވިހިފާފައިވާ ފާފަތަކުން ދުރުވެވޭނީ އެހީތެރިކަމުގެ އަތެއް ލިބިގެންހެން އަހަރުމެންނަށް ހީވެއެވެ. އަދި އަހަރުމެންނަށް ތައުބާވެވޭނެ ހަމައެކަނި ގޮތަކީ އެހެން މީހަކު އަހަރުމެންނަށް މަގު ދެއްކުމުންހެން އަހަރުމެންނަށް ހީވާ ފަދައެވެ.
މި ހީތަށް ކުރަމުން ދާއިރު އަހަރުމެންނަށް ނޭނގޭ ކަމަކީ އަހަރުމެންގެ ހުރިހާ ޙާލަތެއް އެންމެ ފުރިހަމައަށް ބައްލަވާ ވޮޑިގެންވާ ފަރާތެއް ވާކަމެވެ. އަހަރުމެން އެފަރާތަށް ތައުބާވެގަންނަ ހިނދުކޮޅުގައި ވެސް އެ ފަރާތުގެ އެހީ ލިބޭނެ ފަރާތެއް ވާކަމެވެ. އަހަރުމެން އެ ފަރާތަށް އެދިއްޖެނަމަ އަހަރުމެންނަށް ނާދިރު ކަމެއްހެން ހީވާ ކަމެއް އެސްފިޔަ ޖަހާލާ ހިނދުކޮޅެއްގެ ތެރޭގައި ޙަޤީޤަތަކަށް ބަދަލު ކުރައްވާނެ ފަރާތެއް ވާކަމެވެ. އެއްވެސް އިންސާނަކަށްވުރެ ބޮޑަށް އަހަރުމެން ރަނގަޅުވާން އަޅާ ކޮންމެ ފިޔަވަޅެއް ބަލައިގަނެ އަހަރުމެންދެކެ ލޯބިވެވޮޑިގެންވާ ފަރާތެއް ވާކަމެވެ. އެއީ އެއްކައުވަންތަ ﷲ ނޫން އެހެން ފަރާތެއް ނޫނެވެ.
ވީމާ ތިބާގެ ވަށައިގެން އެއްވެސް މީހަކު ނެތަސް ތިބާ ހިތާމަކުރަންވީ ސަބަބެއްނެތެވެ. އެހެނީ ތިބާގެ ކަންތައް މިހާތަނަށް ވެސް ބެލެހެއްޓެވި ރަސްކަލާނގެ އެކަލާނގެ ޢިލްމުފުޅުން ތިބާއާއެކީގައި ވޮޑިގެންވެއެވެ. ތިބާއަށް އެހެންމީހަކު އެހީވިޔަސް އަދި ނުވިޔަސް ތިބާ ފާފަތަކުން ސަލާމަތްކޮށް ހިދާޔަތް އިތުރު ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ އެކަލާނގެއެވެ.
“އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ”
ސޫރަތުއްޠަލާޤް، 3
Aslu vrh shauquveri kamaaeky kiyaalevun ingey…
Vrhh nice Masha Allah ??
Masha Allah! Allahumma baarik laki.. dear jana.. warah hinhama jehey vaahakaya medhu.. may reward u for the effort.. liyumuge mistakes thah feney madhun namaves.. warah kiyaahithun mikiyanee.. jana ge komme vaahaka evves kiyan
maasha allah <3