ބިކަޙާލު

- by - 2- December 7, 2017

            ގޮތްނޭނގޭ އިޙްސާސެއް ސަމާ ވަށައިގެން އެނބުރެމުން އެދަނީ ސަމާއަށް ކޮންއެއްޗެއް ސާބިތުކޮއްދޭން ބާވައެވެ؟ ސަމާގެ އުފާވެރި މަލަމަތި ކިލަނބު ކޮއްލުމަށް، ނޭނގުމަކުންވިޔަސް މަސައްކަތް ކުރަމުން އެދަނީ ކީއްވެހެއްޔެވެ؟ ރޭގަނޑުގެ އަރާމު ނިދިން ސަމާ މަޙުރޫމުކޮށްލައި، އިތުރު ތުރާތަކެއް އޭނާއަށް ވަމުންދަނީ މަރާ ހަނގުރާމަ ކުރާ ކަހަލަ ވޭންތަކާއެކުގައެވެ. އެހެނެއްކަމަކު ސަމާ، އޭނާއަށް ވަމުންދާ ގޮތްތަކުގެ ހަޤީޤީ ސިއްރު ހޯދައިގެން މެނުވީ ސަމާގެ ހަޔާތުގެ ސޮފުޙާތައް ގުނަންފަށާކަށް ޙިޔާލެއް ނުކުރައެވެ.

ސަމާގެއުމުރުން ތިން އަހަރުގައި އޭނާގެ މަންމަ ވަނީ މިދުނިޔެއިން ވަކިވެފައެވެ. ނަމަވެސް މަންމައެއްގެ ލޯބިން ސަމާ މަހުރޫމް ކުރަން ނޭދޭތީ ސަމާގެ މަންމަ ވަނީ ސަމާއަށް މަންމައެއްގެ ލޯބި ދިނުމަށް ބަލިއެނދުގައި އޭނާގެ އެއްބަނޑު ޝާމިލާ ގާތުގައި ވަސީއްޔަތް ކޮށްފައެވެ. އެގޮތުގެމަތިން މަންމައެއްގެ ލޯބި ދީގެން ސަމާ ބޮޑުކުރިއިރު އެކަމުގެ ފުރިހަމަ ހެކި ސަމާގެ މޫރުތި އަޙްލާޤުން ކަށަވަރު ކޮށްދެއެވެ. މާލޭގެ ކުޑަތަންކޮޅެއްގައި ދިރިއުޅެމުން އަޔަސް ސަމާގެ ދިރިއުޅުމުން އެކަން ފެންނާކަށްނެތެވެ. އުފާވެރި ދިރިއުޅުމެއްގައި ޒުވާނާގެ މުޅި ހަޔާތް ފިޔަޖަހަމުން އައީ ބަދުނަސީބަކީ ކޮބައިކަންވެސް ނޭނގޭހައި ގޮތަކަށެވެ.

ކޮންމެޔަކަސް އުފާވެރި ދިރިއުޅުމެއްގައި ދިރިއުޅެމުން އައި ސަމާ މިހާރު ކޮބައިތޯއެވެ؟ އެމީހަކަށްޓަކައި ފަޙްރުވެރިވާ ސަމާ ދުވަސްތައް ގުނަމުންއެދަނީ މިއަދު ފުރާނައެއްނެތް މަސްގަނޑާއިއެކު ބިމުން ހަފޫޓު އަޑީގައެވެ. އިސާހިތަކު ސަމާ ނިޔާވީތާއެވެ! އުފާވެރި ދިރިއުޅުމެއްގައި ހަޔާތް ވޭތުކުރަމުން އައި ސަމާއާ ބައްދަލު ކުރީ އަނެއްކާ ކޮންފަދަ ބޮޑު ކޮޅިގަނޑަކާ ބާވައެވެ؟ މީގެދެއަހަރު ފަހަތަށް ޖެލިލަމާ ހެއްޔެއް؟

” ނުވިސްނުނަސް އެކަހަލަ ކަޓު ކަމެއް މަށެއްނުކުރާނަން… ނައިންގަ ގުޅާނަން އޯކޭ! ” ސަމާ ބޭރު ޖޯލީގައި އިށީންނަމުން ފައިހާގެ ފޯނުކޯލްގެ ޖަވާބުގައި ބުނަމުން ދިޔައެވެ. ހަވީރުވުމުން ސަމާ އަބަދުވެސް އުޅޭނީ ރޭގަނޑުގައި ކުރާނެކަމެއް ރާވާށެވެ. އެގޮތުން މިއަދު އެރޭވީ ފައިހާއާއެކު ޑިނާއަކަށް ބޭރަށްދާށެވެ. ޝާމިލާގާތުގައި ސަމާ މިވާހަކަ ބުނުމަށްފަހު ދިޔައީ ފެންވަރާށެވެ. ހޮނިހިރުދުވަސްކަމުން މާބޮޑު މަސައްކަތްތަކެއް ކުރާކަށް ސަމާއަކަށް ނުޖެހެއެވެ. ސަބަބަކީ ހުކުރުދުވަހު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަމާ ކޮށް، ނިންމާލުމަށްފަހު ހަފުތާއަށް ތައްޔާރުވާތީއެވެ. އަށްގަޑި ތިރީހުގައި ސަމާ ތައްޔާރުވުމަށްފަހު ޓެކްސީއަށް އެރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސަމާގެ އިންތިޒާރުގައި ފައިހާ މަޑުކޮށްގެން އިނީ ގޭގައެވެ. ސަމާއައުމުން ކާންދިޔުމަށް ރެސްޓޯރެންޓަކަށް ދިޔައެވެ. ތަނަށްވަދެ ހަމަޖެހިލީ ކާނެއެއްޗަކަށް އޯޑަރު ދީފައެވެ. ސަމާއަށް އެންމެމީރު ކޮއްތު ރޮއްޓަށެވެ. ނާއުއްމީދުވެފައިވާ ޙާލުވެސް ސަމާ މަސައްކަތް ކުރަމުން ދަނީ މުޅިންވެސް ތަފާތު މަންޒަރުތަކެއް ދައްކަމުންނެވެ. ފިނިބުއިމުން ފެށި ޑިނާ ކުރިއަށްދިޔައީ މަޖާ ހިނިތުންކުރުވާ ވާހަކަތައް ދެމީހުން ދައްކައި ހެމުންނެވެ. ކޮށިއަރާ ނުދަނީ ހަމަކިރިޔާއެވެ.

ސަމާގެ ރީތި މޫނަށް ބަލަމުން އެދަނީ ކާކުހެއްޔެވެ؟ އޭނާ ސަމާގެ މަންޒަރުތަކަށް ގެއްލިފައި އެހުރީ ކީއްވެހެއްޔެވެ؟ ސަމާގެ ކުރިމަތިން ދުރުގައި ހުރި މޭޒުކާރިން ސަމާގެ ފަރި ހަރަކާތްތަކައް ކަޅި ހުއްޓިފައިއެވަނީ ޒުވާނެކެވެ. ހުއްޓުމެއްނެތި އެޒުވާނާ ސަމާއަށް ބަލަމުންދާތީ ފައިހާގެ ސަމާލުކަމަށް މިކަންއައެވެ. “އޭތް…އޭތް!! ބަލާލަބަލަ… ދަންނަންތަ؟ ހާދަ ވަރަކަށޭ އެބަލަނީ ….” ފައިހާ ސަމާއަށް އަންގައިދެމުން ބުންޏެވެ. “ކާކުތަ؟ މަށެއް ނުދަންނަން…! އެބުނާހެން ހާދަވަރަކަށޭ ދޯ! ” ސަމާ ސިއްރުސިއްރުން ބުންޏެވެ. ސަމާގެ ހިތުގައި އެޒުވާނާ ކުރަހާލިއެވެ. ހީވަނީ ފަރުވާއަކަށް އެދޭހެންނެވެ. މާނޫން ކަމަށް ހެދިގެން ހުއްޓަސް ހީވަނީ އަދި ކާމިޔާބުވާނެހެންނެވެ. ސަމާގެ ހިތުގައި މިއިޙުސާސްތައް ދައުރުވަމުން ދިޔައެވެ.

ރެސްޓޯރެންޓަށް އައި ބޭނުން ފުދުމުން ސަމާއާ ފައިހާ ގެއަށް ދިޔުމަށް އަވަސްވެގަތީ ހައިރާން ކަމާއެކުގައެވެ. ކިޔުންތެރިންނޭވެ! ސަމާވެސް ހަޔާތުގެ ބައިވެރިއެއް ބޭނުންވެފައިވާކަން އިނގިއްޖެ ނޫންތޯއެވެ؟ ހަޔާތުގެ ދުވަސްތައް އިތުރަށް ގުނަން އޮތީ ހަޔާތުގެ ސޮފުޙާތަކުގައި ރީތި ކުލަތަކުން ކުލަޖައްސުވައިދޭނެ ބައިވެރިޔަކާއެކުގައި ކަމުން ސަމާވެސް އުއްމީދުކުރީ އެފަދައިންނެވެ. ހިތުގައި ލޯބީގެ ޖަޒުބާތެއް އުފައްދައިދޭ ފުރިހަމަ ސިސްޓަމެކެވެ. ނަމަވެސް ސަމާ މިސިސްޓަމް ސްޓާޓް ކުރާނީ ކިހިނަކުން ބާވައެވެ؟

މާލޭގެ ހަލަބޮލިވެށީގެ ސަބަބުން ސަމާ ހުންނަނީ މާލެމަތިން ފޫހިވެފައެވެ. ދުއްވާއެއްޗެއްގެ އަޑު ކަނޑާލާނެ ވަގުތެއް މިހެން ނުދެއެވެ. ވާހަކަ ފޮތެއް ހިފައިގެން ބެލްކަނީ ޖޯލީގައި ސަމާ ޙިޔާލަކަށް ގެއްލިަފއި އިނެވެ. މެންދުރު ކަށްކަން ޖެހޭތީ ހަނޑޫ ކިލޯއެއް ގަތުމަށް ސަމާ ފިހާރައަށް ދިޔައީ ހަނދާންނެތިގެން ރުފިޔާ ނުލައެވެ. މެންދުރުގެ ހޫނުވަގުތު ކަމުން ފިހާރަވަނީ ފުރިފައެވެ. ސަމާއަށް ރުފިޔާ ނުލައި އާދެވުނުކަން އިނގުނީ ފިހާރަ ސޭޓު ރުފިޔާ ދޭށޭ ބުނެ ހަޅޭލަވައި އަޑުގަދަ ކުރުމުން ނެވެ. ހަޅޭކުގެ އަޑު ކެނޑުނީ ރީތި އަޑެއްގެ ވެރިޔަކު ސޭޓާ ހަމަޖެހޭށޭ ބުނުމުންނެވެ. ފަސް ރުފިޔާ ސޭޓަށް އޭނާ ދިނީ އެއްވެސް ދަހިވެތިކަމަކާ ނުލައެވެ. ސަމާ އަވަހަށް ފިހާރައިން ނިކުމެ، ގެޔާ ދިމާލަށް މިސްރާބު ޖެއްސެވެ. ” މަޑު ކޮށްބަލަ…” އެމީހަކު ސަމާއަށް ގޮވާލަމުން ބުންޏެވެ. ” އަހަރެން ނުދަންނަ މީހުންނަކައް ވާހަކައެއް ނުދައްކަން. ” ސަމާ ފަހަތަށް ބަލާލުމަކާ ނުަލއި ހުރެ ބުންޏެވެ. ” ބަލަ ނުދަންނަކަންވެސް އިނގޭނީ ފަހަތް ބަލާލީމައެއްނުން…” ސަމާގެ ބަހުގެ ހަމަލާޔަށް ރައްދުދެމުން ޒުވާނާ ބުންޏެވެ. މަޑުމަޑުން ރަކި ގޮތަކަށް ސަމާ ފަހަތްބަލާލިއެވެ. ސަމާގެ ހިތް ކަތިލި ކަހަލައެވެ. ތޫނު ނަޒަރު ވިރުވާލި ފަދައެވެ. އިސްތަށިގަނޑުގައި ހުޅު ހިފި ކަހަލައެވެ. ނާރުތަކުގެ ލޭ ގަނޑުކޮށް ހުއްޓުވާލި ކަހަލައެވެ. މުޅި ހަށިގަނޑު ފިނި ކޮއްލި ފަދައެވެ. ސަމާގެ ހައިރާންކަން އިތުރުވީ އެއީ ކާކުކަން އިނގުނީމައެވެ. ” ހެލޯ އާ ޔޫ އޯކޭ؟…” އިނގިރޭސި ލަފުޒުތަކުން ސަމާއަށް މަލާމާތުގެ ރާގުން ޒުވާނާ ބަސްތައް އަމުނާލީ އޭނާގެ ރީތި ނަން ހާމަކުރަމުންނެވެ. ” މަށަކީ ޝާހިލް… ވަރަށް ބޮޑަށް ސޮރީ އެދުވަހު ފާޑަކަށް ބެލުނީތީ… ހަމަ ރީތިކަމުން އިނގޭ ” ޝާހިލް އިތުރަށް ބުނަމުން ދިޔައެވެ. ބަސް ހުއްޓިފައިވާ ސަމާ ހިނިތުންވުން އިތުރުވެ އޭނާގެ ހިތުގައި މޮހޮރެއް ޖެހި ކަހަލައެވެ. މިކުރު ބައްދަލުވުން ނިމުނީ ސަމާގެ ފޯނު ނަންބަރު ޝާހިލް ހޯދައިފައެވެ.

” ސަމާ ހާދަ ލަސްވީ… އަނެއްކާ ކިހިނެއްވީ ހާދަވަރަކަށް ގުޅައިފީމެ…” ޝާމިލާ ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ. ތެދެކެވެ. ޝާމިލާގެ ހަޔާތުގައި ކަންބޮޑުވެ ސަމާ ލޯމަތިން ހިނދުކޮޅަކަށް ގެއްލިގެން ދިޔަ ފުރަތަމަ ފަހަރަކީ މީއެވެ. ކަންތައްވީގޮތް ކުރު ގޮތަކަށް ސަމާ ކިޔައިދިނީ އޭނާގެ މަތިވެރި އަޙްލާޤުގެ ސަބަބުން ވަރަށް ތެދުވެރިކަމާއެކުގައެވެ. ރެސްޓޯރެންޓުން ސަމާގެ ނަލަ ހަރަކާތްތަކަށް ބަލައި ޝިކާރަކޮށް ސަމާގެ އުއްމީދާއެކު ޝާހިލް ސަމާ އަތުލައިގަތީތާއެވެ. ފައިހާއަށް މިކަން ހާމަކުރަމުން ސަމާ ދިޔައީ ރީތި ޅެންބައިތު ތަކުން ލަވަކިޔަމުންނެވެ.

ދުވަސްތައް ފާއިތުވެ ދަނީއެވެ. އެއްދުވަހެއްގެ ހަވީރެވެ. ޝާހިލްގެ ފޯންކޯލެއްގެ އިންތިޒާރުގައި ސަމާ އިނީ އުއްމީދު އާލާވެވިފައެވެ. ކިޔުންތެރިންނޭވެ! މިހިސާބުން މަޑުކޮށްލަމާތޯއެވެ..! ސަމާގެ ހިތުގައި ޝާހިލްއާ ދޭތެރޭގައިވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ސަމާގެ އަމަލުތަކުންނާއި ބަސްމަގުން ހާމަވަނީ ކޮންކަމެއްތޯއެވެ؟ އަނެއްކާ އެއީ މީހާ ބަދަލުކޮށްލުވާ ބާރުގަދަ ޖަޒުބާތުބާވައެވެ. އާދެ “ލޯބި” ބާވައެވެ. ފުރަތަމަ ނަޒަރުން މީހަކުދެކެ ލޯބިވެވިދާނެތޯ މިއީ ސުވާލު އުފެދޭކަމެކެވެ. މީހަކު ދަސްވުމަށް ދުވަސްކޮޅެއް ނަގާއުޅެއެއްނުން ތޯއެވެ؟ ނަމަވެސް ސަމާގެ މިނިންމުންތަށް ބަލާލަމާ ހެއްޔެއް؟….

ސަމާގެ މާޔޫސްކަން ފިލައިގެން ދިޔައީ ޝާހިލް ގުޅީމައެވެ. ބައިގަޑިއިރުގެ ފޯންކޯލުގައި ދެމީހުން ހީސަމާސާ ކުރީ އުފަލާއި ލޯތްބާއެކުގައެވެ. ކުރިޔަށް އޮތް ހުކުރުދުވަހު ޑޭޓަކަށް ދިޔުމަށް ޝާހިލް ސަމާގެ ގާތުގައި އެއްސެވެ. ސަމާގެ ޖަވާބު ކިޔުންތެރިންނަށް އިނގޭނެކަމުގައި ހީކުރަމެވެ. ކޮންތާކަށްތޯ ދަނީ ޝާހިލް އެހުމުން ސަމާ ބުނީ ފުރަތަމަ ބައްދަލުވި ރެސްޓޯރެންޓަށެވެ. ހުކުރުދުވަހުގެ ވަގުތުތައް ގުނަން ފަށައިފިއެވެ. ސަމާއާ ހަވާލުވެފައިވާ ބުރަ މަސައްކަތްތަކާއެކުގައި ކުރިއަށް ދަނީ ޝާމިލާއަށް އެހީވަމުންނެވެ. ސަމާ ކުރިއަށް ވުރެ އުފާވެރިކަމާއެކު ދިރިއުޅޭކަން ޝާމިލާ ފާހަގަކުރެއެވެ.

ތަނަށްވެރިވެފައިވަނީ އުއްބައްތީގެ ފަޑު އަލިކަމެވެ. ރީތި މިޔުޒިކެއް ނޫނީ ކަންފަތްތަކަށް އިވޭކަށްނެތެވެ. ދެމީހުން ދެމީހުންގެ މޫނަށް ބެލުން ނޫން ހަރަކާތެއް ތަނަކުން ފެންނާކަށް ނެތެވެ. މިއީ ޕްރޮޕޯސް ކުރުމުގެ އަލާމަތްތައް ނޫންތޯއެވެ؟ ތަފާތު ރަހަތަކުން އަނގަތައްވަނީ މީރުކޮށްލެވިފައެވެ. ޝާހިލްގެ ހިތުގެ އެންމެފުންމިނުން ސަމާދެކެވާ ލޯބި ބަޔާން ކޮށްލީ މަކަރުވެރި ގޮތަކަށެވެ. ސަމާ އެލޯތްބަށް މަރުޙަބާ ކިޔަމުންދިޔައީ އުފާވެރި ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރާލަމުންނެވެ. ޒަވާޖީ ޙަޔާތަކަށް ދަތުރުކުރުމަށް ދެމީހުންވެސް ތިބީ ލޯބީގެ ބަލިކަށި ނަވަކަށް އަރައި ތައްޔާރުވެގެންނެވެ.

ސަމާގެ ހިތުގައިވާ އާދޭސް ޝާމިލާއަށް ވަރަށް ބޮޑަށް އިނގެއެވެ. ވޭތުވިޔަ ދުވަސްތަކުގައި ސަމާގެ އެކަނިވެރިކަމުން ސަމާއަށް ލިބޭނެ ފަރުވާއަކީ ސަމާ މީހަކާ އިނުންކަމުގައިވެސް ޝާމިލާ ޤަބޫލުކުރެއެވެ. ކޮންމެޔަކަސް ސަމާއާ ޝާމިލާ ބެލްކަނީގައި ތިބެގެން ދައްކަމުން އެދަނީ ސަމާ މީހަކާ އިންނަން އުޅޭވާހަކައެވެ. ސަމާ ވަރަށް ރަނގަޅަށް ޝާހިލް ތައާރަފް ކޮށްދިނެވެ. ” ހޫން…އެހެންވިޔަސް ހެޔޮ! މަންމަ ބޭނުން ދަރިފުޅާއި ޝާހިލް އެކީ ބައްދަލު ކޮށްލަން. ” ޝާމިލާގެ ވާހަކަތަކުގައި ކުލަޖެހި ހެމުން ބުންޏެވެ. ސަމާގެ ޖަވާބުގައި އެންމެ ރަނގަޅު ކަމަށް ޝާމިލާ ކައިރީގައި ބުންޏެވެ. ސަމާގެ މޫނުން އޭނާ މިކަމަށް ވަރަށް ގަޔާވާކަން އިނގުމުން ޝާމިލާވެސް ހުންނަނީ ވަރަށް ރުހި ޤަބޫލު ވެފައެވެ. ޝާމިލާގެ ވާހަކަތަށް ޙިއްސާކުރާ އޭނާ ލޯބިވާ ފިރިމީހާ މިއަދު ދުނިޔޭގައެއް ނެތެވެ. މިހެންވުމުންވެސް ސަމާގެ ކައިވެންޏަށް ޝާމިލާ ޖެހޭނީ އެއްބަސްވަންތާއެވެ.

” މަންމަވެސް އޯކޭ!… ދެން ޝާހިލް އަންނަހަފުތާގައި ކޯޓަށް ފޯމުލާތި… މި ވީކްގައި އެންގޭޖް ކުރާނީ !….” ސަމާ ވަރަށް އުއްމީދާއެކު ޝާހިލް ގާތުގައި ބުނަމުން ދިޔައެވެ. ” މަންމަ އެކަނި؟ ދެންކޮބާ އެހެން މީހުން؟ ” ޝާހިލް އަޖައިބުވެ ސަމާގެ ގާތުގައި އެއްސެވެ. ” އަހަރެން ވަރަށް ކުޑައިރު ބައްޕަ މަންމަ ވަރިކޮށްފަ ދިޔައީ.. ދިޔަ ތަނެއްވެސް ނޭނގެ.. މަންމަ ވަނީ މަރުވެފަ. ޝާމިލާ ދައްތަ އަހަރެން ބެލީ .. އަހަރެން މަންމަކިޔަނީ ޝާމިލާ ދައްތައަށް. ދެންތިބި މީހުން އެނަމާ ބޯޓު ހާދިސާގައި މަރުވީ… އެހެންވެ ޝާމިލާ ދައްތަ މާލެ ބަދަލުވި ފަހަރު އަހަރެން ގޮވައިގެން އައީ.. ” ގިސްލަމުން ސަމާ އޭނާގެ އާއިލާއަށްވީ ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. ” ސަމާތީ ހުވަދުއަތޮޅު ތިނަދޫ ކުއްޖެއްދޯ… ދެން ނުރޮއެ ހުއްޓާލާ ވަރަށް ބޮޑަށް ސޮރީ…. ނަސީބެއްނުން ދައްތަ އެފަހަރު ސަމާ މާލޭގެނައިކަން… އެހެންނޫންނަމަ އަހަރެންނާ ދިމާވެސް ނުވީސް ” ހަމްދަރުދީ ފާޅުކުރަމުން ޝާހިލްގެ ލޯބިވާ ސަމާއަށް ހިތްވަރު ދެމުން ބައްދާލިއެވެ.

ދެމީހުން ވަރަށް ވަރުގަދަ ގޮށަކުން ގޮއްޖެހުމަށް ތައްޔާރުވެއްޖެވެ. ކުޑަ ބައްދަލުވުމުގެ ތެރޭގައި ދެމީހުން އެންގޭޖްވެ ނިންމިއްޖެވެ. ދެމީހުންގެ ލޯބިވެސް އުމުރާ އެއްވަރަށް ވަނީ ކޮންޓްރޯލްކުރެވިފައެވެ. މީރު ސައިން ކަރުތެރެ ތެތްކޮލުމާއެކު ވާހަކަ މަޖިލީހަކަށް ބަދަލުވެއްޖެވެ. ދެމީހުން އެކަކު އަނެކަކަށް ދިމާވެފައިވާ މަޖާ ހެއްވާ ވާހަކަތަަށް ކިޔައިދެމުން ދިޔައެވެ.

ވިދިގެން އައި ހަފުތާގެ ދުވަސްތައް ގުނަމުންއައީ ކޯޓުން ކައިވެނި ކޮށްދޭނެ ތާރީޚެއް ކަޑައަޅައި ނިމިގެންނެވެ. އުފާވެރި މަންޒަރުތަކެއް މެނުވީ އެކުޑަ ކުޑަ އާއިލާ ތެރޭގައި ނެތެވެ. ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ޙާސިލްވިހެންނެވެ .ކައިވެންޏަށް ވާންޖެހޭ ފުރިހަމަ ތައްޔާރީތަށްވެ ނިމިއްޖެވެ. ނިދާ ކޮޓަރިވެސް ވީއެންމެ ރީއްޗަކަށް ވަނީ ފުރިހަމަ ކޮށްފައެވެ. ” ކައިވެނިކޮއްގެން ރަށަށްދާ ޙިޔާލު ޝާހިލް ނުކުރޭތަ؟ ” ބުރަ މަސައްކަތުގެ ތެރޭން ވާނުވާ ހޯދުމަށް ސަމާގާތުގައި ޝާމިލާ އެއްސެވެ. “ހޫން… އަދި ނުކުރެ… މަށަށް ރަނގަޅީ ރަށަށްދާ ޙިޔާލު ކުރިއްޔާ…އޭރުން ދައްތަވެސް ރަށަށް ވަޒީފާއަށް ބަދަލުވާނީ..” ފޮނި އުއްމީދުތަކެއް ދެކެމުން އަންނަ ސަމާ ޝާމިލާގެ ސުވާލަށް ޖަވާބުދެމުން ބުންޏެވެ. ދޭތެރެ ދޭތެރޭން ޝާހިލްވެސް ސަމާއަށް އެހީވުމަށް ގެއަށް އާދެއެވެ.” ރީތި ދޯ އަހަރެންގެ ޑެކަރޭޝަން!!…” ސަމާ ޝާހިލްގެ އަތުގައި ހިފާ ކުރިއަށް ދަމުން އެއްސެވެ.” މަގޭ ސަމާއަށް ވުރެން ރީއްޗެއް ނޫން..” ސަމާސާ ރާގަކަށް ޝާހިލް ޖަވާބުދިނެވެ.

ކޯޓަށް ޙާޒިރުވެ ކައިވެނީގެ މަޖިލީޙުގައި ދެމީހުން ހަމަޖެހެލިއެވެ. ކަންދިމާކުރި ގޮތުން މިއަދު އެވަގުތަށް ކައިވެނި ކޮށްދިނުމަށް ތާވަލުކުރެވިފައިވަނީ ސަމާމެން އެކަންޏެވެ. ކުޑަކޮށް ހާސްވިނަމަވެސް ދެމީހުން ތިބީ ކެތްމަދުވެ ލަސްވެފައެވެ. ބިސްމިނުގެ ބަރަކާތުންފެށި މަޖިލީސް ނިމުނީ ޝާހިލް އަނބި ޤަބޫލުކޮއްފީމޭ ބުނިހިސާބުންނެވެ. އެންމެފަހުން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށްވެ، ސަމާގެ ޙަޔާތުގެ މިސްރާބު ބަދަލުވެއްޖެވެ. ސަމާމެންނަށް މަރުޙަބާ ކިޔުމަށް ސަމާގެ ރަޙްމަތްތެރިންތިބީ ގޭގައި މަޝްއޫލުވެފައެވެ. ކައިވެނި ކުރި ހަފްލާ ފާހަގަކޮށް، އުފާފާޅުކުރުން ނިމުމަކަށްއައީ ދެމީހުން ވަރުބަލިކޮށްލުވާފައެވެ. ރޭގަނޑުގެ ދަންވަޤުތުކަމުން ސަމާމެން ނިދުމަށް އަވަސްވެގަތެވެ.

ދުވަސްތައް ގުނަމުން ދެއެވެ. ދެމަފިރިންވެސް ފަރިވެފޮޅެމުން އަންނަ ފިނިފެންމަލެއް ފަދައިން އަންނަނީ ފަރިވެފޮޅެމުންނެވެ. ދެމީހުންގެ ލޯބި ފާޅުވަނީ ކުރެހުންތެރިޔަކު ކުރަހަމުންއަންނަ މަންޒަރުތަކެއް ފަދައިންނެވެ. ” ސަމާ! މާލޭގައި އުޅުމަށްވުރެއް މަށަށް ރަނގަޅީ ރަށަށް ދިޔުން…ކުއްޖަކު ލިބުނީމަ މިކޮޅަށް ބަދަލުވާނީ… އެންމެ ރަނގަޅުތަ؟ ” ޝާހިލް އޭނާގެ އަނބިމީހާގާތުގައި އެއްސެވެ. ” މިވާހަކަ ތަންކޮޅެއް ކުރިން މަ ދައްކަން އުޅުނިން.. ވަގުތުނުވީ” ޝާހިލް އިތުރަށް ބުނަމުން ގެންދިޔައެވެ. ސަމާ މިވާހަކަތައް އަޑުއެހީ ރަށަށް ބަދަލުވާކަން އެނގުމުން ވަރަށް ގަޔާވެގެންނެވެ. ސަމާ އުއްމީދުކުރީ ދާން މިއުޅެނީ ތިނަދޫއަށް ކަމަށެވެ. ނަމަވެސް ބަދަލުވާ މަންޒިލަކީ ސަމާގެ ރަށް ނޫންކަން އިނގުނީ ޝާހިލް އިތުރަށް ކިޔާދިނުމުންނެވެ. ސަމާގެ މޫނުނަށް ހިތާމައިގެ ކުލަވަރު ޖެހުނު ކަހަލައެވެ. އެއީ ދައްތަ ޝާމިލާއަށް ތިނަދޫ ނޫން އެހެން ރަށަކަށް ނުދެވޭނެތީ ، ދައްތައާއި ވަކިވެދާން ޖެހުމުންނެވެ. އެހެނެއްކަމަކު ސަމާ ޝާހިލްގެ މިއެދުމަކާ ދެކޮޅެއް ނުހަދައެވެ. އަލަތު ފިރިމީހާގެ ފުރަތަމަ އެދުން ފުއްދުމުގެ ބޭނުމުގައެވެ. މިކަމަށް ސަމާ ދިނީ ޝާހިލް ހެއްވާލި ޖަވާބެކެވެ.
މާޔޫސްވެ ދެރަވެއްޖެވެ. އުފާވެރި ކަރުނަތިކިތައް ފާއްދާލަމުން ދައްތަ ޝާމިލާ، ސަމާ ގަޔާ ދުރެއްނުކޮށްލިއެވެ. ވަކިވެދާންޖެހުމުން ކަންބޮޑުވާލެއް ބޮޑުވެދާނެތީއެވެ. ދެމީހުންވެސް ރޮނީއެވެ. ” ކީއްވެ؟ޝާހިލްގެ ރަށަށް؟…. އެކަމު ހާދައަވަހަކަށް..” ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އަތުން ފޮހެލަމުން ޝާމިލާ އެއްސެވެ. “ނޭނގެ! މަވެސް ހީކުރީ ރަށަށް ކަމަށް..! އެކަމަކަމު ޝާހިލްބުނީ އޭނަ ރަށަށޯ!!… ނ.ވެލިދޫ… ” ވާނުވާނޭނގި ސަމާ ޖަވާބުދިނެވެ. ” އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.. ވަރަށް މިސްވާނެދޯ! ” ދެމީހުންއެކީގައި ބުނަމުން ދިޔައެވެ.

ވެލިދޫއަށް ދިޔުމަށް ބޯޓުފުރައިފިއެވެ. ކަނޑުހީވަނީ އަޅާލެވިފައިވާ ދޫލައެއް ހެންނެވެ. އެހާވެސް މަޑެވެ. ބާރަ ގަޑިރުގެ ކުރުދަތުރު ނިންމާލީ ދަތުރުކުރަމުން ދިޔަ މަންޒިލަށް ބޯޓު ބަނދަރު ކުރުމުންނެވެ. ޝާހިލްއާ ސަމާ ރަށައް ފައިބެއްޖެވެ. ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. އެންމެންވެސް ތިބެނީ އާގަމު ވެފައެވެ. ހީވަނީ ޒަމާނަކުވެސް ނުފެންނަ އެއްޗެއް ފެނުނުހެންނެވެ. ޝާހާދުގެ ކަލިމަތައްވެސް ގޮވާއަޑު ދަނީ އިވުމުންނެވެ. އިތުރަށް މަންޒަރު ބަދަލުވެގެން ދިޔައީ ބަނދަރުގައި އިރުތަކެއް ނުވަނީސް ޝާހިލް ސަމާ ގޮވައިގެން ރަށުތެރެއަށް ވަނުމުންނެވެ. ހީވަނީ ސަމާ ފޮރުވާހެންނެވެ. ” މިރަށު މީހުން ހާދަ ތަފާތޭދޯ! މާލޭގައި އުޅުމުން ވާނުވާ ނުވެސް އިނގޭ..!!! ގެ ވަރަށް ދުރުތަ؟ މީހުން ހާދަ ބަލައޭ ޝާހިލް ” އުފާވެރި މޫނު ދައްކަމުން ސަމާ އަހަމުން ދިޔައެވެ. ” މާ ވާހަކަ ގިނަނުކުރޭ… ގެއާއި ވަރަށް ކައިރިވެއްޖެ ” ތަފާތުގޮތަކަށް ޝާހިލް ޖަވާބުދިނެވެ. ނަމަވެސް ސަމާއަށް މިކަންފާހަގައެއް ނުކުރެވުނެއެވެ. ދަތުރުގެ ވަރުބަލިކަމުންވެސް ވެދާނެއެވެ.

ކުޑަގެއެއް ނަމަވެސް ޝާހިލް ސަމާ ވެއްދި ކޮޓަރި ކުޑައެއްނޫނެވެ. އުއްމީދު އާލާވެފައި ހުންނަނީ އުފާވެރި ދިރިއުޅުމެއްގައި މިތަނުގައި އުޅެވޭނެކަމުގައި ހީވާތީއެވެ. ކޮޓަރިތެރެއަށް ނަޒަރު ހުއްޓިފައިވާ ސަމާ އިރުކޮޅަކުން ރޯންފަށައިފިއެވެ. އުއްމީދުތަކަށް ޕެޓްރޯލްއަޅައި އަންދާލިފަދައެވެ. ކުރިމަގުގެ ބިއްލޫރިގަނޑަށް ބަޑިޖަހައި ފޫއަޅުވާލި ކަހަލައެވެ. ނިކަމެތި އިންސާނަކު ބިމަށް ހަތްފަހަރު ނަގައި ޖެހިކަހަލައެވެ. ޒަމާނަކުވެސް އުފަލެއް ނުލިބޭނެ ފަދަ ބިރުވެރި ހުވަފެނެއް ކަހަލަެވެ. މިއިޙްސާސްތައް ސަމާއަށް ކުރިމަތިވީ އޭނާ ލޯބިވާގެ ސަޕްރައިޒްގެ ސަބަބުންނެވެ.

” ކަލޭ ތިޔައިނީ ވަރިކޮށްފަ!… ”މީހާގެ ހަޤީޤީ ކުލަޖެހި، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިންގުމަށް މަސައްކަތްކުރުމަށް ރާވާފައިވާ ޝާހިލް އެއްވެސް ރަޙްމެއްނެތި ސަމާގެ ކަންކަށީގައި ޖަހައި ބުންޏެވެ. ސަމާ މިއަޑުއެހީ އޭނާގެ ބޮލަށް މީހަކު ބަޑީގެ ވަޒަނެއް އަރުވާލި ކަހަލަ އިޙްސާސަކާއި އެކުގައެވެ. ސަމާ ހިތާމަކުރަން ޖެހުނީ އޭނާ އެއްމަސް ދުވަސްވެސް ނުވަނީސް ވަރިކުރީމައެވެ. އެއްވެސް ހާލެއްގައި ޝާހިލްގެ އަސްލު އިނގިގެންނެއް ނޫނެވެ. ކުރިންވެސް ބަޔާންކުރި ފަދައިން ސަމާއަށް ވަނީ ލޯބީގެބަލިކަށި ސިސްޓަމެއް ސްޓާޓު ކުރެވިފައެވެ. ކަންތައްމިވީ މިފަދައިން ނޫންތޯއެވެ؟ ނިކަމެތި ސަމާ ވަރިކޮއްލުމަށްފަހު ބޭރުން ދޮރު ތަޅުލައި ޝާހިލް ރައްކާވެއްޖެވެ. އެހެނެއްކަމަކު ސަމާ ޝާހިލްއަށް ކުރާ އިންތިޒާރު ފަނޑެއް ނުކޮށްލައެވެ. ޝާހިލް އަކީ މީގެކުރިންވެސް މީހަކާ އިނދެވަރިކޮށްފައިވާ މީހެކެވެ. އަލަތު އިނބިމީހާއަށްވެސް އެތަކެއް އަނިޔާއެއްދީ ފިލައިގެން އުޅޭ އަނިޔާވެރިއެކެވެ. އެތަކެއް އަންހެންކުދިންގެ ދިރިއުޅުމަށް ވިހަލައި އުޅުނު ހަރުފައެކެވެ. މަސްތުގެ ދުނިޔޭގައި ހޭކެނޑިގެން އުޅޭ ފާފަވެރިއެކެވެ. ކަނު ލޯތްބެއްގެ ސަބަބުން ޝާހިލްގެ މަޅީގައި ސަމާ ޖެހުނީ ކޮންފަދަ އިމްތިޙާނެއް ކުރިމަތި ކުރުވަންބާވައޭ ހިތަށް އަރައެވެ.

އަނދިރިކަން ކޮޓަރިތެރެއަށް ވެރިވެ، ބިރުވެރިކަން ފާޅުވާން ފަށައިފިއެވެ. ހަގަޑިއިރު ސަމާ ކޮޓަރިތެރޭގައި އިނީ އޭނާގެ އެކަނިވެރިކަމާއެކުގައެވެ. ޝާހިލް އަންނާނެ ވަގުތަކަށް ދަހިވެތިވެފައެވެ. ސަމާގެ އިސްއުފުއްލާލީ ތަޅުގައި މީހަކު ހިފުމުންނެވެ. ޝާހިލް އައުމުން އެއްވެސް ބިރެއްނެތި ސަމާ އޭނާގެ ހަށިގަނޑުގައި ނިކަމެތިކަމާއެކުގައި ބައްދާލިއެވެ. ބައްދާލި ބައްދާލުން އިތުރަށް ވެގެންދިޔައީ ޝާހިލް ރުޅިގަދަވި ކަމަކަށެވެ. ބާރުގަދަ ދެއަތުން ސަމާ ފަހަތަށް ކޮއްޕާލީ ޝާހިލްގެ އަނިޔާވެރިކަން އިތުރަށް ދައްކަމުންނެވެ. ބަދު ނަސީބު މުޅި ހަޔާތުގެ މަށްޗައް ވެރިވުމުން ސަމާ މިއަދު އެވަނީ މިނިކާވަގަކާ ޖެހިފައެވެ. ލޯބީގެ ބަލިކަށި ނަވަކަށް އަރައި ކުރި ދަތުރު މަނިޒިލަށް ނުދެވެނީސް ބޮޑު ކޮޅިގަނޑަކާއި ޖެހުނީއެވެ. ފެންނަހާ މީހަކަށް ހިތްކަޔައި ލޯބީގެ ބަގީޗާއަށް މާބޫރު ވަދެ މަލުން ފޮނި ބުއިމަށް މިފަހަރު ސަމާ ފުރުސަތު މިދިނީ މަސްތުގެ ދުނިޔޭގައި ގެނބެމުން އަންނަ އަނިޔާވެރިއަކަށެވެ. އިސާހިތަކު މަކަރުވެރި މަޅިއެއްގައި ސަމާޖެހި ހައްޔަރުވެއްޖެވެ.

ހުއްޓުމެއްނެތި ސަމާގެ ލޮލުގައި ޖަމާވަމުންދާ ވޭންގަދަ ކަރުނަތައް އޮހޮރަމުން ދަނީ އަޑުންއަޑު ނަގައި ވެއްޓި އޮވެގެންނެވެ. އެހެންދެމަފިރިން ނަމަ ސަމާގެ މިދަތުރުގައި ތިބޭނީ ” ހަނީމޫން ” ގައި ނޫންތޯއެވެ؟ ކޮންމެއަކަސް ބަނަ ވިލާގަނޑު ސަމާގެ ހަޔާތުގެ މައްޗަށް ނަގައި އަދި އެވިލާގަނޑުން ހޮނުއަޅައި، ވެހޭހައި ފެނުގެ ސަބަބުން ސަމާގެ ޙަޔާތުގެ ސޮފުހާތައް ދަނީ ތެއްމާލަމުންނެވެ. ބައެއްފަހަރު އިރައިގެންވެސް ދެއެވެ. މިކެހިވެރި ހިޔަނިން ސަމާ ސަލާމަތްވާނެ ހަމަ އެއްވެސް މަގެއްނެތެވެ. ރަޙުމެއް ހަމްދަރުދީގެ ކަންފުޅެއްވެސް ނެތް ހިތެއްގެވެރިއަކު މިއަދު ސަމާ ގެންގުޅެމުން އެދަނީ ފަންސޫރަކުން ލިޔެފައިވާ އިބާރާތެއް ފޮހެލައި ފަދައިންނެވެ.

މުސްތަޤުބަލުން ލިބޭނެ ފައިދާ ވަޒަންކުރަމުން ދިޔަ ސަމާ ކަންތައްތަކާ ވިސްނަމުން އެދަނީ ބަނޑުހައި ހޫނުކަންމަތީގައެވެ. ސަމާގެ ރުއިމަކަށްކުޑަވެސް ހުއްޓުމެއް ނާދެއެވެ. ސަމާގެ ހަނދާނަށް އަންނަނީ ލޯބިވާ ދައްތަ ޝާމިލާ އަބަދުވެސް ބުނާ އިބާރާތެއްގެ މަތިންނެވެ. އެއީ ” ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ” މިހެން ބުނާތީއެވެ. ދުވަހަކުވެސް އުފަލެއް ނުލިބޭފަދަ ބަލިމަޑުކަމެއް ސަމާއާ ކުރިމަތިވެ ސަމާދަނީ ތަހައްމަލު ކުރަމުންނެވެ. ހާލުވެސް ބަލާލާނެ ފަރުދެއް ދުނިޔޭގައި އުޅޭކަމަކަށްވެސް ވަނީ ނުވެފައެވެ. މަކަރުވެރި ހުށައެޅުމަކުން ހުށައެޅި ލޯބިވަނީ ސަމާގެ ބަލިކަށި ސިސްޓަމަށް ވައިރަހާއެކު އަރައި އޮޅުވާލެވިފައެވެ. އިންސާނިޔަތުކަމެއް ނެތް އަމަލުތަކެއްގެ ސަބަބުން ސަމާގެ ހަށިގަނޑުވަނީ ޒަހަމްކޮއްލެވިފައެވެ. ހަށިގަނޑުން އަޅަމުންދާ ވޭންވެފައިވަނީ މާލޭގައި ދުއްވާ އެއްޗެހީގެ އަޑުތައް ކަމުގައިވެފައެވެ. ހުއްޓުމެއްނެތި ހިތުގައި ޖަހަމުންދާ ވިންދު ހުންނަނީ ދެންވާނީ ކިހިނެއްކަން ނޭނގުމުން އުއްމީދު ގެއްލިފައެވެ.

އުސްމިން ނޭނގޭހައި ފުންވަޅުގަނޑަކަށް ވެއްޓިފައިވާ ސަމާ އެތެރެހައްޓަށް ކާއެއްޗެއް ނުލާތާ ބަރާބަރު ހަތަރުދުވަސް ފުރާފުރިހަމަ ވެއްޖެވެ. ކުށަކީ ކޮބައިތޯއެވެ؟ މިހާރު ސަމާއަށް ދުނިޔެ ދަސްވެއްޖެވެ. ކަންތައްވަމުން އައީ ކިހިނެއްކަން ޒުވާނާގެ ބަލި ސިކުނޑިން ވިސްނަންފަށައިފިއެވެ. އަމިއްލަ ނަފްސަށް މައާފުކުރާށޭ ބުނެ ސަމާދަނީ ލަދުވެތިވަމުންނެވެ. ރެޔާދުވާލު ސަމާއަށް ކުރިމަތިވަމުން އަންނަ ތުރާތަކުގެ ސިއްރަކީ މިއީބާއޭ ސަމާ އަންނަނީ ހިތާއި ސުވާލުކުރަމުންނެވެ. ހެއްދެވި ފަރާތަށް ވަކީލުކުރުންނޫން ކަމެއް ކުރެވެން ނެތް ސަމާ އިންނަނީ ދެއަތް ފަހަތައް ބަނދެ ހޮޅިދަނޑިއާލައި އެއްސިފައެވެ. ސަމާ މިއަދު ފަތަމުން އެދަނީ މައުސޫމް ލޮލުން އޮހޮރަމުން އަންނަ ކަރުނައިގެ ކޯރުގައެވެ.

ދައްތަ ޝާމިލާއަށް ސަަމާއާ ފޯނުން ބައްދަލުކުރެވޭނެ ގޮތެއްވަނީ ނުވެފައެވެ. ނަމަވެސް މަކަރުވެރި ޝާހިލް އަންނަނީ ދޮގުވާހަކަތަށް ދައްކަމުން ޝާމިލާގެ ހިތްހަމަ ޖައްސައިދެމުންނެވެ. ސަލާމަތުގެ އަށްސޭރިއަކަށް އަތްހޫރަމުންދާ ސަމާ ރޭގަނޑުގެ ވަޤުތުތައް ގުނަމުންދަނީ ކަރަންޓުގެ އެހީއައި ނުލައި ހޫނާއި ހިރަފުހުގެ ތެރޭގައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ލިބިދާނެ އަނިޔާއެއްގެ ބިރުން، ވާނުވާނޭނގިފައިވާ ސަމާ ހުންނަނީ ތަންފީޒުކުރަމުންދާ އަދަބުން މިންޖުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން ސަމާވަނީ މަރުގެ އެތިފަހަރަށް މަރުހަބާކިޔައި ތައްޔާރުވެފައެވެ.

އެއްދުވަހެއްގެ ރެއެކެވެ. ޝާހިލް ކޮޓަރިތެރެއަށް ވަދެ ތަޅުލިއެވެ. ކުރިން ބޭއިންތިހާ ލޯބިވި ސަމާ މިއަދު ބިރުން ފަހަތަށް ޖެހެމުން އެދަނީ ލިބިދާނެ ޒަހަމަކަށް ނުބަލައެވެ. ޝާހިލްގެ އަތުން ކާއެއްޗެއް ފެނުމުން ސަމާގެ ދަހިވެތިކަން ދިޔައީ ގާދޫ ކަނޑުން ބޭރުވެގެންނެވެ. ހީވަނީ ދުވަހަކުވެސް ކާއެއްޗެއް ނުފެންނަ މީހެއްހެންނެވެ. ވާނީވެސް އެހެންތާއެވެ. ކާއެއްޗެއް ނުކާތައި މިހާރު ހަފުތާއެއް ވަނީއެވެ. ސަމާ ހީވަނީ މޭލި ބޮއެފައިވާ ގަބުރެއް ހެންނެވެ. ހިކިކަމުން އިލޮއްޓެއް ފަދައެވެ. އެހާވެސް ހިކިވެ ހުތުރުވެފައެވެ. މިތަކެތި ކާށޭބުނުމުން ބަނޑަށްޖެހިފައިވާ ސަމާ ދެކޮޅުހެދިއެވެ. އެއީ އަނިޔާވެރި ޝާހިލްގެ ބުނުމަކަށް ވާތީއެވެ. އެހެންނަމަވެސް ޝާހިލް ގަދަކަމުން ސަމާއަށް ކާންދޭން ފެށިއެވެ. އަނިޔާލިބެމުންދާކަން ހާމަކުރަމުން ސަމާ ގަދަހަދައި ނުކަންދަނީ މަސައްކަތްކުރަމުންނެވެ. ވާނީވެސް މިހެންތާއެވެ. މިފަދައިން އަނިޔާލިބުމަށްވުރެއް ނުކައިހުރެ ދުނިޔޭންވަކިވިއްޔާ މާފަސޭހަ ވާނާނެއެވެ. މަރުވާނީ އެއްފަހަރު ނޫންތޯއެވެ؟ ” ދޫނިގަނޑު ދުނިޔޭގައި އިނީމައެއްނުން މަށައްވެސް އުފާ ލިބޭނީ. ” މަލާމާތުގެ ކެހިވެރި ރާގުތަކުން ސަމާއަށް އަންގަމުން ޝާހިލް ބުންޏެވެ.

ކާންދިނުމުގެ ހަނގުރާމައަށްފަހު ސަމާއަށް ދެންލިބުނީ އެއަށްވުރެން ރަޙްމުކުޑަ އަނިޔާއެކެވެ. ޝާހިލްގެ މުޑުދާރު ހަށިގަނޑުން ސަމާގެ ހަށިގަނޑަށް އަރައިގަނެ އޭނާގެ އިއްފަތްތެރިކަން ނަގާލި އަނިޔާއެވެ. މިހަމަލާ ދިނުމަށްފަހު ޝާހިލް ނިކުމެގެންދިޔައީ ދެންވެސް މިފަދަ އަނިޔާއެއްދޭނެކަމުގެ އިންޒާރު އޭނާގެ ކޮޅުފައިން ސަމާގެ އަރިކަށީގައި ޖަހައި އަންގައިދެމުންނެވެ. ޒަމާނަކުވެސް ތަހައްމަލު ނުކުރާފަދަ ވޭނެއް ސަމާ އެހިނދު އުފުލިއެވެ. އޮތްތަނުން ތެދުވާނެ ހިތްވަރެއްވެސް ނެތް ސަމާ ވަނީ ބާކީވެ އެކަހެރިވެފައެވެ. ގުދުރަތުގެ ރީތި އަލި ލޮލަށް އެޅޭނެ ދުވަހެއްގެ އިންތިޒާރުގައިވާ ސަމާގެ ލޯވަނީ ކަރުނަތިކިތަކުން ލޯތެރެ ބަންދުކޮށް ހިސޯރުކޮށްފައެވެ. ހީވަނީ ލޮލުގެ ފަރުވާއަކީ ކަރުނަ ހެންނެވެ.

އަނދިރި ކޮޓަރިތެރެއިން ސަމާގެ ބަލިކަށި އަތުގައި ޖެހުނީ ގަލަމެކެވެ. އެގަލަމުގެ ކުލަ ޔަޤީންކޮއްލާނެހާވެސް އަލިކަމެއް ފެންނާކަށް ނެތެވެ. މަޑުވަޔާއެކު ބީހެމުންދާ ތުނި ކަރުދާސްކޮޅެއް ސަމާގެ އަތުގައި ޖެހުނީ އަލިކަމެއް ފޯރާފައިވާ ހިސާބަކާއެކުގައެވެ. އެއީ ދޮރުގެ ތަޅުން އެތެރެއަށް އަރަމުންދާ އައްޔެވެ. ގަނޑަކާއި ގަލަމަކުން ކުރާނީ ކީހެއްޔެވެ. ނަމަވެސް އޭނާގެ އިޙްސާސްތައް ގަލަމުގެ އެހީގައި ފާޅުކޮށްލާނަމޭ ހިތައި އެގަލަމުގެ ދެލިން ކުޑަ ކަރުދާސްކޮޅު ފުރާލީ އަސަރުގަދަ ޅެންބަސް ތަކަކުންނެވެ.

ސަމާގެ ކުރު އިބާރަތްތައް އިތުރަށް ތަފްސީލު ކޮށްލަމާތޯއެވެ. ސަމާބުނަމުން އެދިޔައީ އޭނާއަކީ ދުނިޔޭން ބާކިވެ، ބިކަޙާލުގައި ޖެހިފާވައިވާ މީހެއްކަމަށެވެ. އެތަކެއް ވޭނަކާއި ކެކުޅުންތަކެއް ކެތްތެރިކަމާއެކު އުފުލަން ޖެހިފައިވާ މީހެއްކަމަށެވެ. ޝާހިލް ފެނުނު ފުރަތަމަ ނަޒަރުން ސަމާ ހީކުރީ އެއީ މުޅި ޙަޔާތުގެ ފަލްސަފާކަމުގައެވެ. ޝާހިލްގެ ދަޅަތަކަށް ހެއްލި ރުހެވުނު ކަމަށެވެ. ސަމާގެ ހިތަށް އަނިޔާލިބި ހިނގުމަށްވެސް ނުކުޅެދުނުކަމަށެވެ. އަދި އެއީ ލޯބިވުމުން ދިން ގިލަނުވެރިކަމެއްނަމަ އެކުށުގެ ސަޒާ ތަންފީޒު ކުރަމުންދާ އަދަބުން ފުދޭކަމަށެވެ. މުޅިދުވަހު ޖެހިފައިވަނީ އަނދިރީގެ ތެރޭގައި ރޯންކަމަށެވެ. އެއްވެސް އަގެއްނެތިފައިވާ ހަމްދަރުދީއެއްގެ ސަބަބުން އަނިޔާލިބޭ ކަމަށެވެ. ހާލުބަލާލާނެ އެއްވެސް އިންސާނަކު ނުވާ ހަލަބޮލި ދުނިޔޭގައި އުޅެން ޖެހިފައިވާ ކަމަށެވެ. ނިކަމެތި ސަމާ ގެނބިގެންވާ ހާލު ފަތަމުން އެދަނީ އޭނާ އޮހޮރަމުންދާ ކަރުނައިގެ ތެރޭގަކަމަށެވެ. ކެހިވެރި ހިޔަނީގެ ތެރޭގައި ފޮރުވިފައިވާ ސިޙުރެއް ޖެހި ހިތާމައިގެ ތެރޭގައިކަމަށެވެ. މިދުނިޔޭން ވަކިވާ ހިނދު ވޭންލިބޭނެ ވަރު އަންދާޒާ ކުރާކަމަށެވެ. ސަމާގެ ވަސިއްޔަތަކީ އޭނާގެ މަރުގެ ޖަނާޒާގައިވެސް ޝާހިލް ބައިވެރި ނުވުމަށެވެ. މާނަފުން އަސަރުގަދަ ޅެންބައިތުން ސަމާގެ އިޙްސާސްތައް ބަޔާން ކޮއްފައިވާ ކަރުދާސްކޮޅު ސަމާގެ މުށުތެރޭގައި ބޮނޑިކޮށްލައި މޫނުމަތީގައި އަތްއެޅުމަށްފަހު ރޯން ފެށިއެވެ.

ޒަވާޖީ ޙަޔާތެއްފެށުމުގެ އުއްމީދާއެކު ލޯބީގެ ބަލިކަށި ނަވަކަށް އަރައި، ކުރިދަތުރު މާސިންގާ ކަނޑުގެ ތެރެއަށް ޣަރަޤުވެގެންދިޔަ ފަދަ މުސީބާތާއި ޖެހި ސަމާދަނީ ހިކިފަސް ބިމަކާ ދިމާލަށް ފަތަމުންނެވެ. އިތުރަށް ސަމާ ކަނޑުގެ އަޑިއަށް ގަންބަމުން ދާހެންވެސް އޭނާއަށް ހީވަމުންދެއެވެ. ޝާހިލް ސަމާގެންގުޅޭ ގޮތުގެ މިސާލަކީ މީހަކު އަނަރޫފުވެފައިވާ ބަލި ބުޅާގަނޑެއް ގެންގުޅޭގޮތުގެ މިސާލެވެ. ސަމާގެ މޭގަނޑު އޭނާގެ ދިފާއީ އައްޑަނައަކަށް ހަދައި ޝާހިލްގެ ގާތުން ސަލާމަތް ވެވޭތޯދަނީ މަސައްކަތްކުރަމުންނެވެ. މާތްކަނލާގެ އޯގާތެރި ރަޙްމަތްފުޅުން ސަމާ އަނިޔާއިން މިންޖުކުރައްވާނީ ކޮންދުވަހަކު ބާއޭ ހިތައް އަރާނޫންތޯއެވެ؟ ސަމާގެ އެވޭންތަކުން ސަލާމަތްވިގޮތް ބަލާލަމާތޯއެވެ…!

މަރުވެފައިވާ ބުޅަލެއް ދަމައި ކޫއްތަމުން ގެންދާ އުސޫލުން ޝާއިލް ސަމާގެ ދެފައިގައި ހިފައި ދަމަމުން ފާޙާނާއަށް ވެއްދީ އެއްދުވަހެއްގެ ދަންވަރެވެ. ވާންމިއުޅެނީ ކީއްކަން ސަމާއަށް ނޭނގުމުން ސަމާ ދިޔައީ މަތިވެރި ކަލިމަތަކުން ދޫ ތެތްކޮށްލަމުންނެވެ. ސަމާގެ ލޯވަނީ މުޑުދާރު މަންޒަރުތަކުން ކަސްތޮޅު އެޅިފައެވެ. ގަދަފަދަ ފިރިހެނަކު ކުށެއްނެތް އިންސާނެއްގެ ހަށިގަނޑުގައި ތަޅައި ހަދަމުން އެދަނީ އެއްވެސް ޙައްޤެއް އޮވެގެންނެއް ނޫނެވެ. ޝާހިލްގެ ހިތް ފުރުމުން ނިކުމެގެން ދިޔައީ އަދި އަންނާނެކަމުގެ ބިރުވެރިކަން ސަމާގެ ހިތުގައި އުފަށްދުވާފައެވެ. ވެލިދޫގައި މީހެއް ނެތީބާއެވެ؟ މީހަކަށް އަނިޔާއެއް ލިބޭކަންވެސް ހިތަށް ނާރަނީ ބާއެވެ؟ ޝާހިލްކަހަލަ މީހަކު އަންހެން ކުއްޖަކު ގޮވައިގެން އައުމުން އޭނާ ކަންތައްކުރާނެ ގޮތަކަށް ފާރަވެސް ލާން ނުކެރެނީ ބާއެވެ؟ އެހެންނަމަވެސް ރަށުގެ އަހުލުވެރިން ހީކޮށްގެން ތިބީ ޝާހިލް މާލެގޮސް އެއައީ އިސްލާހުވެގެން ކަމަށެވެ. ރައްޔިތުން މިހެން ހީކުރީ ސަމާފަދަ ކުއްޖަކު ޝާހިލްގެ އަތުގައި ހިފައިގެން ހުރި މަންޒަރު މުޅި ރަށަށް ކުރެހިވެގެން ދިޔައީތީއެވެ.

ސަމާ ހޭދަކުރަމުންދާ ކޮންމެ ސިކުންތަކީ ބިކަޙާލުގައި އޭނާ އުޅެންޖެހިފައިވާ ވަޤުތުތަކެކެވެ. ދުނިޔޭގެ ވާޖިބު ކައުނުގައިވާ ޙަލްޤުތަކާއެކު އަދާކުރަމުންދަނީ އެއްވެސް ފިކުރެއް ނެތިއެވެ. އުފަލުގައި އުޅޭމީހުން އުޅޭނެގޮތުގެ މަންޒަރު ހިޔާލުން ބެލުމަށް ފާޙާނަތެރޭގައި އޮށޯވެގެންއޮތް ސަމާ ސަލާމަތް ކުރުމަށް ދުނިޔެއަށް ކުޅެދޭނަމަ، ސަލާމަތްކޮށްދިނީހެވެ. ނަމަވެސް ދުނިޔޭގެއި ޖެހޭ މުސީބާތްތަކުން ސަލާމަތްކުރުމަށް ބަޔަކު ލައްވަވާފައިވާތީ ދުނިޔެ މިކަމަށް އުޒުރުވެރިވަމުން ދިޔައީ ދުނިޔޭގެ ބުރުޖެހުމުގެ ފުރިހަމަ ވާޖިބާއެކުގައެވެ. މީހެއްގެ ހިލަމެއްނެތް ކަނުއަނދިރީގެ ތެރޭން ސަމާ ސަލާމަތްކުރުމަށް މީހަކު އިސްހުރިކަން ހީވީ ސަމާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް އެނިކަމެތި ނަފުސަށް ކެތްނުކުރެވިގެންނެވެ. ފުރާނަ ހަށިގަނޑާ ވަކިވާނީ ވަރަށްވެސް ކެތްނުކުރެވިގެންނެވެ. ދެެން ސަލާމަތްވާނެއް އިތުރު ދޮރެއްނެތްނަމަ ފުރާނަޔަށް ޖެހޭނީ ތަގުދީރާއެއްގޮތަށް ހަށިގަނޑާއި ވަކިވެގެންދާށެވެ. ރަޙްމެއްނެތް ހިތެއްގެ ވެރިޔަކު ދީފައިވާ އަނިޔާއިން މާތްކަނލާގެ ސަމާ ސަލާމަތްކުރައްވައިފިއެވެ. އިސާހިތަކު ސަމާ އަނިޔާވެރި ދުނިޔޭން ވަކިވެ ފަނާވުމެއް ނުވާ ބިމަށް ދަތުރު ނިންމާލައިއެވެ.

ވިދިގެންއައި ދުވަހު ކޮންތިޔަކަށް އިރު އަރައި ފުރިހަމަވީ ޝާހިލްގެ ގޭގެތެރޭގައި ސަމާގެ ފުރާނަނެތް މަސްގަނޑާއެކުގައެވެ. ޝާހިލްއަށް ސަމާފެނުމުން މަކަރުވެރިގޮތަކަށް މަންޒަރު ބަދަލުކޮއްލިއެވެ. ނަމަވެސް އެކަމުގެ ފައިދާއެއް ނުވާނެކަން އިނގުނީ ރަށުގެ މީހުންނަށް މިކަމަކީ ސީދާ ޝާހިލްގެ ޖަރީމާއެއްކަން އިނގޭނެތީއެވެ. ކޮންމެޔަކަސް ޝާހިލް ފިލައިގެން ރަށުން ބޭރުވެއްޖެވެ. އުފާވެރި ދިރިއުޅުމެއްގައި ނިޔަނެތިގޮތަކަށް ދިރިއުޅެމުން އައި ސަމާ މިއަދު ބިމުން ހަފޫޓުއަޑީގައި ފުރާނައެއްނެތް މަސްގަނޑަކާއެކު ދުވަސްތައްގުނަމުން އެދަނީ ކިހިނެއްވެގެންކަން ކިޔުންތެރިންނަށް މިހާރު އިނގިއްޖެ ނޫންތޯއެވެ؟ ސަމާއާ ބައްދަލުކުރީ ކޮންކަހަލަ ކޮޅިގަނޑެއްކަންވެސް އިނގިއްޖެ ނޫންތޯއެވެ؟ ފަނާވުމެއްނުވާ ބިކަޙާލުގައި ނޫންހެއްޔެވެ؟ މިއަދު މިޙާދިސާ ވަނީ ދުނިޔޭގައި އިންސާފުން މަޙްރޫމުވެ ނިމިފައިވާ މައްސަލެއްގެ ގޮތުގައި ޖިނާޢީ ކޯޓުތަކުގައި ފައިލްކުރެވިފައެވެ. އެހެންނަމަވެސް ކިޔުންތެރިންނަށް ސަމާގެ ޤާތިލަކީ ކާކުކަން އިނގޭނެކަމަށް ޔަޤީންކުރަމެވެ. ދައުލަތުންވަނީ ޝާހިލްގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދަޢުވާ ކޮއްފައެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކުން ވަނީ އެކަށީގެންވާ ވަރަށް ޝާހިލްއާ ދެކޮޅަށް ހެކިލިބިފައިނުވުމުން މިމައްސަލަ ޝާހިލްގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައެވެ. ލިބިފައިވާ ނާކާމިޔާބީގައި ހިފައި ޝާމިލާ އުއްމީދު ކަނޑާލީ އިންސާފު ދެއްވާނެ ދުވަހެއް އެކަނލާގެ ކަނޑައަޅުއްވައިިފައިވާތީއެވެ.

ތެދެކެވެ! ކެހިވެރި ދުނިޔޭން އިންސާފު ނުލިބުނަސް ހިތާމަކުރަންޖެހޭނެ އެއްވެސް ސަބަބެއްނެތެވެ. ހަޤީޤީ އިންސާފު ލިބޭނެ ދުވަސް ގާތްވެފައިވާތީ އެކަމުގެ އުފާ ދުނިޔޭގައި ހުރިއިރު ސަމާވެސް ވަނީ ޙާސިލުކޮށްފައެވެ. މިއަދު އިންސާފުން އެއްކިބާވެ ކިތައް، ކިއްތައް މައްސަލަ ނިމިފައި އެކަމުގެ ހިތާމަ އަދިވެސް އުފުލާ މީހުން އުޅޭނެބާވައެވެ. ދެން ޖެހޭނީ އިންސާފު ލިބޭ ދުވަހަށް ކެތްތެރިވެގެން ތިބޭށެވެ.

ސަމާގެ ހަޔާތުން ދުނިޔެއަށް ލިބުނު ފިލާވަޅަކީ ލޮލަށް ފެންނަފެނުމަކީ ހަޤީޤަތްކަމުގައި ދެކިގެން ނުވާނެކަމެވެ. ޙަޔާތަށް އެހެން ފަރާތަކަށް ދަޢުވަތު ދިނުމުގައި ފަރުވާތެރިވާން ޖެހޭނެކަމެވެ. ލޯބިވާ ކޮންމެ މީހަކީ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ނުނިންމުމެވެ. ޙަޔާތުގެ ފޮނިމީރުކަން ލިބޭނީ ބުއްދީގެ ބޭނުންކޮށްގެން ކަމާއި އަދި ވަކީން ޙާއްސަކޮށް ޒަވާޖީ ޙަޔާތަކަށް ތައްޔާރުވާންވާނީ ވަރަށް ވިސްނުމަށް ފަހުގައި ކަމެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫން ކަމުގައި ދެކިގެންނެވެ. އެހެން ނޫންތޯއެވެ؟ ދުނިޔޭގައި ސަމާ ކަށިކުބުރު ވެޔޮތަކުން ކަރަށް ހެރިފައިވާ ބިކަޙާލުގެ ހަންޖަރު މަޙްޝަރުދުވަހުން ވެގެންދާނީ ގަތާލެވިފައިވާ މަރުޙަބާއަކަށެވެ. ސަމާ ދުނިޔޭގައި އެޅި ކޮންމެ ވޭނެއް އެދުވަހުން ވެގެންދާނީ އިންސާފު ލިބިގެންވާ އުފާވެރި ދިރުމެއްކަމުގައެވެ. މާތްﷲ ސަމާ ސުވަރުގޭގައި ލަހައްޓަވާށިެވެ. މިއީ އަޅުގަނޑުމެންގެވެސް ދުޢާއެވެ. ސަމާ ދުނިޔޭގައި ދުވަސްތައް ގުނަމުންއެއައީ ކޮންފަދަ ބިކަޙާލުގައި ކަން ކިޔުންތެރިންދެން ވަޒަންކޮއްލަމާތޯއެވެ!

(ނިމުނީ)

ނޯޓް: މިއީ އެސްފިޔަ ވާހަކަ މެގެޒިންއަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ ކުށްފިލުވައިދިނީ ނ.ވެލިދޫ ހާފީޒާ (ދިވެހި މުދައްރިސެއް) މިވާހަކަ ބިނާވެފައިވާ ލަވަކަމުގައިވާ “ބިކަޙާލު” ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=fOhsx1ImioM

2

ShaYan YoOsuf

writer since 2010 “ love all, trust few, forgive once “

You may also like...

54 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Mi vaahaka vrah reethi..
    Aslu v madu inge vaahaka upload kuraaleh.. Keep increasing your writings you can do it and you have that talent too.. 💜

    ⚠Report!
  2. Dhuvas gadakah fahu vaahaka eh 😍😍
    Mi vaahaka vvv salhi inge keep it up.. Waiting for your upcoming stories 😘

    ⚠Report!

Leave a Reply

Your email address will not be published.