
އެކުގައިވާން އެދެމޭ… 3
“އެކަމު.. އައި.. އަހަރެން ކިހިނެތެް ވިޝޫ ނެތްތާކު އުޅޭނީ؟..” ކުއްލިއަކަށް ޒައިދު ވިޝާގެ ކޮނޑުގައި މޫނު ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ވިޝާއާއި ހަވާލުކުރިއެވެ. އޭރު ވިޝާހުރީ ހައިރާންވެގެން ހިރިލަންވެސް ނޭނގިފައެވެ. ޒައިދުއަށްވެފައި މިހުރީ ކިހިނެތްބާއޭ ހިތައް އަރާ ހާލު ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޒައިދުގެ މަޑު ރުއިމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެެވެ. ހަރަކާތެއް ނެތިފައި ހުރިއިރު އޭނާއެކޭ ޖަހާފައި ހުރި ބުދެކޭ އެއްގޮތެވެ.
” ވިޝޫ.. އައި.. މަށަކަށް ނޫޅެވޭނެ ވިޝޫ ނެތްތާކު..” ވިޝާއަށް އެސްފިޔަ ޖަހާލަންވެސް ހަނދާންވީ ޒައިދު އޭނާގެ ކޮނޑުން ބޯ ހިއްލާލުމަށްފަހު ލޯ ފޮހެލުމުންނެވެ. އޭނާގެ ދެލޮލާއި މޫނުމަތީގައިވާ ހިތާމަވެރިކަން ވިޝާގެ ހިތާއިވެސް ކުޅެލިއެވެ. އެކަމަކު ޒުމާއާއި ޒާއްތަ ދެރަ ނުވާ މިންވަރަކަށް ޒައިދު ދެރަވާންވީ ސަބަބެއް ވިޝާއަކަށް ނުވިސްނުނެވެ. އަނެއްކޮޅުން ޒައިދުގެ މަޖާ، ސަމާސާ މިޒާޖާއިއެކު ފިޔަވައި މިއަދު ނޫނީ އޭނާއަށް ޒައިދުއެއް ނުފެނެއެވެ. ވިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ޒަ.. ޒައިދު ކީއްވެ.. ތަ.. ތި ރޮނީ؟..” ވިޝާއަށް ވާހަކަ ދެއްކުނީވެސް ފާޑަކަށެވެ. ވިޝާ އެހެން ބުނެލުމާއިއެކު ޒައިދު ވިޝާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
” ވިޝޫ.. މަ.. މަށަކަށްވެސް ކުރިއަކުން ނޭނގޭ އަސްލު.. އެކަމު.. ވިޝޫ.. އެއްކޮށް އަހަރެމެން ދޫކޮށްލާފަ ދާތީ.. އިޓްސް ސޯ މަޗް ޕެއިން.. މިހާރު މި އެނގުނީ އަސްލު މަ.. ވިޝޫ އައި ރިއަލައިޒްޑް ދެޓެް އައި.. …. ” ” ވިޝޫ އަވަސްކޮށްލާ.. ބައްޕަ ގުޅައިފި..” ޒައިދު ބުނަން އުޅުނު ވާހަކަ ނުބުނެވެނީސް ބޭރުން ޒުމާގެ އަޑު އިވުމާއިއެކު ވިޝާ ކުއްލިއަކަށް ތެޅިގަންނަމުން ޒައިދުގެ ކޮޓަރިން ނުކުތެވެ.
” ދެޓް އައި ލަވް ޔޫ ވިޝޫ..” ކޮޓަރީގެ ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ޒައިދު މަޑުމަޑުން އެހެން ބުނެލިއިރު އޭނާގެ ލޮލުގައި ހިތާމަވެރިކަމުގެ އެތައް ހާސް އަސަރުތަކެއް ފޮރުވިފައިވެއެވެ. ޒައިދު ފުން ނޭވާއެއް ދޫކޮށްލަމުން ލޯ މަރާލިއެވެ. ވިޝާ ދެކެ ލޯބިވުމަކީ އޭނާވެސް ބޭނުންވި ގޮތެއް ނޫނެވެ. ތިމާއަށްވުރެ ދޮށީ އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމަކީ ޒައިދުއަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޭނާގެ ރައްޓެއްސަކުވެސް އެގޮތަށް ކުއްޖަކާއި ރައްޓެހިވުމުންވެސް އޭނާ އެތައް މަލާމާތެއް ކުރިއެވެ. ނަމަވެސް ލޯތްބަކީ އެއަށްވުރެ ވަރުގަދަ އެއްޗެކެވެ. ވިޝާއަށްޓަކައި ޒައިދުގެ ހިތުގައި ލޯބި އުފެދުނީ ކޮން އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިހާރު އޭނާއަށް އެއަންހެން ކުއްޖާ ދެކެ ލޯބި ވެވިއްޖެކަމެވެ. ކިތަންމެ ވަރަކަށް އެކަން ގަބޫލު ކުރަން ބޭނުން ނުވިއަސް ވިޝާއާއި ނުލާ އުޅުމަށް އޭނާގެ ހިތް އެއްބަސް ނުވާނެކަމެވެ. އެހެންނަމަވެސް ތަގްދީރު އޭނާގެ އިހުސާސްތައް ވިޝާއަށް ހާމަކޮށްދިނުމަށް ތަނެއް ނުދިނެވެ. ޒައިދު އެނދުމަތީގައި އިށީނދެލުމަށްފަހު ދެއަތުން މޫނު ފޮރުވާލިއެވެ.
ވިޝާ ބޯޓަށް އެރިއިރު ޒުމާއާއި ޒާހިރާވެސް އޭނާ ފުރުވާލަން ގޮނޑުދޮށަށް އައިސް ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރިކަމާއިއެކު، ވިޝާގެ ލޮލުގައިވެސް ކަރުނަތައް ވިދަ ވިދާ ހުއްޓެވެ. އޭގެ އިތުރުން މިއަދު ޒައިދުގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން އޭނާގެ ހިތްވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. ޒައިދު އޭނާގެ ގާތުގައި ބުނަން އުޅުނީ ކީކޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަން ހިތައް އެރިޔަސް ވިޝާއަށް ބޯ ހޫރާލެވެއެވެ. އޭނާ އަދި އެކަހަލަ ކަމަކަށް ތައްޔާރު ނުވާއިރު ޒައިދު ފަދަ އުމުރުން ހަގު ކުއްޖަކާއިއެކު އެފަދަ ގުޅުމެއް ބާއްވާނީ ކިހިނެތްހެއްޔެވެ؟ ޒައިދުގެ ދުލުން އެ އަގުހުރި ޖުމްލަ ބޭރު ނުވަނީސް އެތަނުން ސަލާމަތްވެގެން އާދެވުނީތީ ވިޝާ ކިތަންމެހާވެސް އުފާވެއެވެ. ނަމަވެސް.. ޒައިދުގެ މޫނުމަތީގައިވާ ކުލަވަރު ހަނދާނަށް އައުމުން އޭނާގެ ހިތް ހަމްދަރުދީއިން ފުރެއެވެ. ބޯޓު ނައްޓާލުމާއިއެކު ވިޝާ ނުހަނު އަސަރާއިއެކު އުޅެ ބޮޑުވި ރަށާއި ދިމާއަށް ބަލާލީ ވަދާއީ ގޮތަކަށެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އިތުރު ކުލަތަކެއް ވެރިވެ، ހިތް ބާރު ބާރަށް ތެޅިގަތީ ގޮނޑުދޮށުގައި ހުރި ގަހެއްގައި ލެނގިލައިގެން ހިތާމަވެރި ގޮތަކަށް ހުރި ޒައިދު ފެނުމުންނެވެ. އަވަސް އަވަަހަށް ފުން ނޭވާއެއް ލަމުން އަނެއް ފަރާތަށް އެނބުރުނު އިރު ވިޝާގެ ޚިޔާލުގައިވަނީ ޒައިދުގެ ހިތާމަވެރި މޫނެވެ. ނަމަވެސް އޭނާ އަޒުމް ކަނޑައެޅިއެވެ. މަންމަގެ އެދުން ފުރިހަމަ ނުކޮށްދެވެނީސް އޭނާ އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. ޒައިދުއަށްވެސް ޖެހޭނީ އެހިތުގައިވާ ލޯބި ނެރެ އެއްލާލާށެވެ.
ދިގު އެހެނަސް އަމާން ދަތުރަކަށްފަހު ވިޝާމެންނަށް މާލެ އާދެވުނީ އެރޭގެ ދަންވަރު 3 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. ބޯޓުން ފޭބުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ވިޝާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީ އުމުުރުގެ ދެން އޮތްބައި ހޭދަކުރަން ޖެހޭނީ މިތާއޭ ހިތައް އަރާ ހާލުގައެވެ. ކޮނޑުގައިވާ އަތްދަބަހުން ފެންފުޅިއެއް ނަގާ ކުޑަގޮތަކަށް މޫނު ދޮވެލުމަށްފަހު ތަންކޮޅެއް ދުރުގައި އޭނާ މަޑުކޮށްލީ ހަސަނު އެއްޗެހިތައް ބާލާ ނިމެންދެންނެވެ. ޖެހެމުންދާ މަޑު މަޑު ވައިރޯޅީގެ ސަބަބުން، ދަތުރުމަތީގެ ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފިލަމުންދާއިރު ވަށައިގެން އުޅޭ މީހުންތަކުގެ ނަޒަރު އެ ސާދާ އަންހެންކުއްޖާއަށް ހުއްޓޭލެއްވެސް މަދެއް ނޫނެވެ.
ވިޝާގެ ފޮއްޓާއި، އަދި ގެނައި އެހެނިހެން ސާމާނު ބޭލުމުން ހަސަނު އޭނާ ގޮވައިގެން ޓެކްސީއެއްގައި ވިޝާ ހުންނަން ހަމަޖެހުނު އެޕާޓްމެންޓަށް ދިޔައެވެ. މީގެ ދެތިން އަހަރު ކުރިން ހަސަނާއި އެކުގައި ޒުމާމެން މާލެ އައި އިރު ވިޝާވެސް އައިސްފައިވާތީ މާލޭގެ މާހައުލު ފެނިގެން އޭނާ މާބޮޑަށް ހައިރާނެއް ނުވެއެވެ. އެހެންނަމަވެސް އެކަނި އުޅެން ޖެހުމުން ވާނެ ގޮތެއް ނޭނގޭތީ ވިޝާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވެއެވެ.
” ކޮއްކޯ.. އެގެ ހުންނާނީ މައްޗަންގޯޅި ސަހަރާ އާއި ހިސާބުގައި.. ގޯޅިގަނޑެއްތެރެއިން ލާފައި ވަދެވޭނީ.. ރިޔާޒު ބުނި އެ ގޯޅިގަނޑު ފުދޭވަރަކަށް އަމާން ވާނެ ކަމަށް..” ހަސަނު ކާރުގެ ކުރީ ސީޓުގައި އިނދެގެން ވިޝާއަށް އެގޭގެ މަޢުލޫމާތުތައް ދެމުން ދިޔައެވެ. އެމީހުން ދަތުރު ކުރަމުން ދިޔައީ މއ. ވައިޓް ކޮރަލްއަށް ދިއުމަށެވެ.
ހަސަނު ބުނި ގޯޅިގަނޑާއި ހަމައަށް ދިޔައިރު ރިޔާޒު އެދިމާ މަގުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. ވިޝާ ފެނުމުން ކުޑަ ހިނިތުންވެލުމަކާއިއެކު ސަލާމްކޮށްލަމުން އަތުގައި އޮތް ތަޅުދަނޑިފަތި ދިނުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށީ ހަސަނާއިއެވެ.
” ހަސަންބޭ.. އެގެއަކީ އެއްކޮށްވެސް ކުއްޔަށް ދީފައި ހުންނަ ގެއެއް.. މި މަންޖެއެއް މިދިން އެޕާޓްމެންޓް އެކަނި އެއް ކޮޓަރީގެ ތަނަކަށް ހުންނާނީ.. ދެން ހަސަންބެ ބުނި ގޮތަށް ހުންނާނެ އެމަންޖެ ފޮނުވި ލާރިއަށް އެނދަކާއި، ގޮދަޑިއަކާ އަލަމާރިއެއް ގަނެފަ.. ދެން އަދި އަހަރެމެން ގޭގަ ހުރި ކުޑަ އައިސް އަލަމާރިއެއްވެސް ލައިފަ ހުންނާނީ.. އޭ ބޭނުން ނުކުރެވިފަ ހުރި އެއްޗެއް.. ދެން ތެލި ތަށި ގެނައި ވާހަކަ ބުނީމެއްނު..” ރިޔާޒު ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ހެޔޮކަމުން ވިޝާއަށް އެތައް ފަހަރަކު ހިތާއި ހިތުން ޝުކުރުވެރި ވެލެވުނެވެ.
” ރިޔާޒު.. ތިވަރުން އެ މަންޖެއަށް އުޅެވޭނެ.. އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް..” ހަސަނު ހިނިތުންވެލަމަުން ވިޝާއަށް ތައުރީފްކޮށްލީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
” ޝުކުރިއްޔާ ބޭބޭ.. ތި ހެޔޮކަން ހަނދާނެއް ނުނެތޭނެ..” ވިޝާ ރިޔާޒަށް ޝުކުރުވެރިވިއެވެ.
ވިޝާގެ އެޕާޓްމެންޓް ހުރީ އެގޭގެ ދެވަނަ ފްލޯރގައި ކަމުން އެތަން ދައްކާލުމަށްފަހު ރިޔާޒު ދިއުމުން ހަސަނު ވިޝާގެ އެއްޗެހިތައް އެތަނަށް ވައްދައިދިނެވެ.
” ކޮއްކޯ.. ބޭބެ ދެން ގޮސްލަނީ.. ނޭނގެ ދެން އާދެވޭނެ ކަމެއް.. މާދަމާވެސް ބޯޓް ފުރާފާނެ.. ރަނގަޅަށް އުޅޭތި..” ހަސަނު ވިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތުމުން ވިޝާ ކުޑަކޮށް ފެންކަޅިވިއެވެ. ދެން އޭނާއަށް އޭނާގެ ގާތް އެކަކުވެސް ނުފެންނާނެއެވެ. ހަޔާތުގެ ކުރިއަށް ހުރި ލަނޑުދަނޑިތައް ކަޑައްތު ކުރަން ޖެހޭނީ އެކަނިމާ އެކަންޏެވެ. ހުރިހާވެސް ދުއާއަކީ އޭނާގެ ދޮންބެ އަވަސް މުސްތަގްބަލެއްގައި ދިމާވެ، އެ ދޮންބެގެ ހިމާޔަތް ލިބުމެވެ.
މަންމައާއި ޒުމާމެންގެ ހިޔާލުތައް ވެރިވާން ފެށުމުން ވިޝާ އަވަސް އަވަހަށް އޭނާގެ އެޕާޓްމެންޓަށް ވަނީ އިތުރަށް ދެރަވާން ބޭނުން ނުވެގެންނެވެ. އެތެރެއަށް ވަދެ ފަރާތް ފަރާތް ބަލާލީ އޭނާގެ ދިރިއުޅުމުގެ ހުރިހާވެސް ބައިވެރިޔާ ކަމުގައިވި އެ އެކަނިވެރި މާހައުލަށް ހޭނިލުމުގެ މަގްސަދުގައެވެ. އެކަކު އުޅެލަން ރަނގަޅު، ސާފު ތާހިރު އަދި ހިތްފަސޭހަ ތަނެކެވެ. ފުރަތަމަ ދޮރުން ވަނުމާއިއެކު ވަދެވުނީ ބަދިގެ ބަޔަށެވެ. އެތަންކޮޅު މާބޮޑު ނޫނަސް، އެއްފަރާތުގައި ކުޑަ ގޭސްއުނދުނަކާއި ކަބަޑު ސެޓެއް ބަހައްޓާފައި ހުއްޓެވެ. ކައިރީގައި ހުރި ކުޑަ ލަކުޑި މޭޒެއްގައި އައިސް އަލަމާރިވެސް ބަހައްޓާފައި ހުއްޓެވެ. އަދި އެތަނުގައި ކުޑަ މޭޒަކާއި ގޮނޑީއެއް ބެހެއްޓޭހާ ޖާގަ އޮތުމުން ވިޝާ ގަސްދުކުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން އެތަނަށް މޭޒަކާއި ގޮނޑިއެއްވެސް ހޯދުމަށެވެ. އެތަން ބަލާލުމަށްފަހު ދެން ވިޝާ ވަދެގެން ދިޔައީ ކޮޓަރި ތެރެއަށެވެ. ކޮޓަރިއާއި ފާހާނާވެސް ފުދޭ ވަރަކަށް ކުޑަ ނަަމަވެސް ހިތްފަސޭހައެވެ. މަޑު ފެހިކުލަ ލެވިފައިވާ ކޮޓަރީގެ އެއްފަރާތުގައި ސިންގަލް އެނދު ބަހައްޓާފައި ހުރިއިރު، އެނދާއި ދިމާއިން ކޮޓަރީގެ ކަނުގައި ދެދޮރުފަތް ލީ އަލަމާރިއެއްވެސް ހުއްޓެވެ. ހަމަ އެއާއިއެކު ވިޝާ ހީކުރި ގޮތާއި ހިލާފަށް ކުދިން ކިޔަވަން ގެންގުޅޭ ކަހަލަ ކުޑަވަރެއްގެ މޭޒެއްވެސް އެތާހުއްޓެވެ. ގަދަ ފެހިކުލައިގެ ދޮރުފޮތިން ނިވާކޮށްލާފައިވާ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލުމުން ޖެހިގެން ހުރިގޭ ފުރާޅާއި އެކުގައި ޗާނދަނީ މަގުވެސް ހިސާބަކަށް ފެނުމުން ވިޝާގެ ހިތް އިތުރަށް ހަމަޖެހުނެވެ. އެހެންކަމުން ފާހާނާއަށް ފެންވަރާ ސާމާނު ލުމަށްފަހު ކުޑަގޮތަކަށް ގައި ދޮވެލައިގެން ނިދަން ތައްޔާރުވެގެން ނުކުމެ، އިއްތިފާގުން ގެނެވިފައި އޮތް ގަދަ ފެހިކުލައިގެ ބެޑް ޝީޓް އެނދުގައި އަޅާލުމަށްފަު އިށީނދެލީ ހިނިތުންވެލމަުންވެ.
” ޔާ ﷲ.. މިއަޅާއަށް ހިތްވަރު ދެއްވާދޭވެ..” އެކަނިވެރިކަން އިހްސާސް ކުރެވުމުން ވިޝާ މަދަދަށް އެދުނީ އެކަމަށް އެންމެ އެކަށީގެންވާ ފަރާތުގެ ހަޟްރަތުންނެވެ. ފަނޑު ހިނިތުންވުމަކާއިއެކު އެނދުގައި އޮށޯވެލަމުން އޭނާ ލޯ މަރާލީ އެތައް އެތައް އުންމީދުތަކަކާއި ހުވަފެންތަކަކާއި އެކުގައެވެ.
މާލެ ބަދަލުވިތާ ހަފްތާއެއް ވީއިރު ވިޝާގެ ހާލަތު އާންމު ގޮަތަކަށް ބަދަލުވެއްޖެއެވެ. ގޭގެ މަތީ ބައިގައި އުޅޭ ވިޝާމެން އުމުރުގެ އަންހެން ކުއްޖެއް ގާތުގައި އަހައިގެން ގެއާއި ކައިރި ފިހާރަތަކާއި އެހެނިހެން ބޭނުން ޖެހޭނެ ތަންތަން ދަސްކުރަންވެސް އޭނާ ނެގީ ދެތިން ދުވަހެވެ. ގޭ ކައިރީގައި ހުންނަ ފިހާރައިން ނޫސް ގަނެގެން ކޮންމެ ދުވަހަކުވެސް ރަނގަޅު ވަޒީފާއެއް އިއުލާން ކުރިތޯ ބަލަމުން، ގޭގެ ހާލަތު ރަނގަޅު ކުރަމުން އަދި ހަމަ އެއާއިއެކު މާލޭގެ ތަންތަން ދަސްކުރަމުން އެންމެ ބުރަކޮށް އުޅެމުން ދިޔައިރުވެސް އެންމެ ދުވަހެއްވެސް ވައްޓާނުލާ އޭނާ ޒުމާމެންނަށް ގުޅައެވެ. ނަމަވެސް އެމީހުންނާއި ގުޅިއަސް ޒައިދުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ ތާނގައި ޒައިދު ގުޅުމުން އޭނާ ފޯނުވެސް ނުނަގައެވެ. އެއީ ވިޝާގެ ހަމަ އެކަނި ބޭނުމަކީ ޒައިދުގެ ހިތުގައި އޭނާއާއި މެދު ވާ އިހުސާސްތައް އެހިތުން ދުރުކުރުން ކަމުގައިވާތީއެވެ.
މާލޭގައި ދެހަފްތާ ވެގެން ދިޔައިރު ވިޝާ ތަފާތު ހަތަރު އޮފީހަކަށް ސިޓީވެސް ލައިފިއެވެ. އެކައުންޓުގައި ހުރި ތިރީސް ހާސް ރުފިޔާ ހުސްވުމުގެ ކުރިން މަހުގެ މުސާރަ ލިބުމުން މާބޮޑަށް ދަތި ނުވިޔަސް ޗުއްޓީގައި ބާކީ އޮތީ 25 ދުވަސް ކަމުން އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް މާލެއިން ވަޒީފާއަކަށް ދާށެވެ. އޭނާ ސިޓީ ލީ ސަރުކާރު ދެ އޮފީހަކާއި އަމިއްލަ ދެ އޮފީހަކަށެވެ. ހަގީގަތަށް ބުނާނަމަ ސަރުކާރު އޮފީސްތަކަށްވުރެ އަމިއްލަ އޮފީސްތަކުގައި މުސާރަ ބޮޑުވުމުން އެ އޮފީސްތައް ވިޝާއަށް މާ ކަމުދެއެވެ. ރަނގަޅު ތައުލީމީ ފެންވަރެއް ލިބިފައިވުމުން އަމިއްލަ އޮފީހަކުން 10000 ރުފިޔާގެ މުސާރަ ހުށައަޅާފައި އޮތް އެސިސްޓެންޓް މެނޭޖަރެެއްގެ ވަޒީފާއަށްވެސް ޝަރުތު ހަމަވާތީ އެ ވަޒީފާއަށްވެސް ކުރިމަތިލިއެވެ. ވިޝާގެ ނަސީބު ރަނގަޅުކަމުން ހަތަރު ދުވަހުގެ ތެރޭގައި އެ ވަޒީފާގެ އިންޓަވިއުއަށްވެސް ގުޅިއެވެ. މާތް ﷲ ގެ އިރާދަ ފުޅުން މާ ބޮޑު އުނދަގުލަކާއި ނުލާ އެ ވަޒީފާ ވިޝާއަށް ހަމަޖެހުމުން އޭނާއަށް އުފަލުންގޮސް ރޮވުނެވެ. ޒާހިރާއާއި ގުޅާ ރަށުގައި ހުރި ވަޒީފާއިން ކެނޑުމަށް ސިޓީ ލައިދޭން ބުނިއިރުވެސް ވިޝާއަށް އުފަލުންގޮސް ވާހަކަވެސް ދެއްކުނީ އުނދަގުލުންނެވެ.
ވިޝާ އޭނާގެ އާ ވަޒީފާއަށް ފުރަތަމަ ނުކުންނަން ޖެހުނީ އޭނާ މާލެ ދިޔަތާ ތިންވަނަ ހަފްތާގެ ތެރޭގައެވެ. އެދުވަހަށް އާ ހެދުމަކާއި، ޝޯލްއަކާއި ގަނެ ނުހަނު ބޮޑަށް ތައްޔާރުވީއިރުވެސް އޭނާގެ ހިތުގައި ނުތަނަވަސްކަން ވެރިވެފައި ވެއެވެ. އެދުވަހުގެ ފަތިހު ފަތިހާއި ހޭލަައިގެން ސައި ކައްކާ، ސައި ބޮއި ހަދާލައިގެން ތައްޔާރުވެ ނިމުނު އިރުވެސް ގަޑި ޖެހެން ހިތައްވެސް ނާރައެވެ. ހެނދުނު 9 ޖަހާއިރު ދާން ޖެހޭ އޮފީހަށް ދާން 8 ޖެހިއިރު އޭނާ އެހުރީ ތައްޔާރުވެ ނިމިގެންނެވެ. ވިޝާ ދާން ޖެހޭ އޮފީހަށް އަދި ފުރަތަމަ ފަހަރަށްވެސް ގޮސްފައި ނުވުމުން އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ވަނީ ދެގުނައަށް އިތުރުވެފައެވެ. ވާނީވެސް އެހެންނެވެ. އިންޓަވިއުއަށް ގެންދިޔައިރުވެސް އަދި ގެންދިޔައީ އެކުންފުނީގެ އެހެން ބްރާންޗަކަށެވެ. ނުތަނަވަސްކަން ކުޑަވީހީވެސް އެތަނަށް ގެންދިޔަ ނަމައެއް ނޫންހެއްޔެވެ؟ ކޮންމެއަކަސް ﷲ އަށް ވަކީލު ކޮށްލުމަށްފަހު ވިޝާ ގެއިން ނުކުތީ ހިނގާލާފައި އެހިސާބަށް ދެވޭހާ ވަގުތު އޮއްވައެވެ. އެ އޮފީހަކީ ގަލޮޅުގައި ހުންނަ އޮފީހެއްކަމުން އެހިސާބަށް 15 މިނެޓެއްހާއިރު ތެރޭގައި ދެވިދާނެއެވެ.
އޮފީހުގެ އެތެރެއަށް ފުރަތަމަ ފިޔަވަޅު އެޅިއިރު ވިޝާއަށް ވަނީ ކޮންމެވެސް ވަރަކަށް ހިތްވަރު ލިބިފައެވެ. މަޑުމަޑުންގޮސް ރިސެޕްޝަނުގައި ހުއްޓިލިއިރު އެތަނުގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. ކަޅު އިސްތަށިގަނޑު މައްޗަށް އައްސާލާފައި، ނަމްބަރު އައިނެއް އަޅާލާފައި އިންއިރު ފެންނަ ފެނުމަށް އެއީ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ.
“އެކްސް ކިއުޒް.. މީ އަލަށް އައި ކުއްޖޖ..” ” އޯހް.. ޔަހ.. ވިޝާ ދޯ.. މީ ލިމްނާ އިނގޭ.. އިހަށް އިށީނދެލާ.. ވިޝާގެ ކެބިންއަށް ގެންގޮސްދޭން އަންނާނެ ޑިރެކްޓަރ ދީމާ..” ވިޝާގެ ސުވާލު ފުރިހަމަ ނުކުރެވެނީސް ލިމްނާ ހިތްހެޔޮ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކުމުން ވިޝާގެ ހިތްހަމަ ޖެހުނެވެ.
” އޯކޭ.. ތޭންކްސް..” ވިޝާ ހިނިތުންވެލަމަުން ކުރިމަތީގައި ހުރި ސޯފާގައި އިށީނދެލުމަށްފަހު ވަށައިގެން ނަޒަރު ހިންގާލިއެވެ. ރިސެޕްޝަނުގެ ކުރިމައްޗަށް އެއް ކެބިން ހުރެފައި، ޖެހިގެން ހުރި ތަނުގައި ޖަހާޅާފައި އިނީ “ކޮފީ ރޫމް”އެވެ. އެއާއި ވިދިގެން ދެން ހުރީ މައްޗަށް ދާން ސިޑިއެކެވެ. ވިޝާއަށް އޮފީހުގެ ތެރެއިން ލިމްނާ ފިޔަވައި ދެން ފެނުނީ މަސައްކަތު ދެމީހެކެވެ. އަދި އެންމެން އޮފީހަށް ނާންނަނީ ކަންނޭނގެއެވެ.
” ހެލޯ.. ތީ ދޯ ވިޝާ.. އަސްލު ވިޝާ ބޮސްގެ ކެބިންގައި އިންނަން ޖެހޭތީ އަޅުގަނޑުު ރިސީވް ކުރަން މިއައީ އިނގޭ.. ހެހެ.. އޯކޭ ފުރަތަމަ ހިނގާ ހުރިހާ ތަނެއް ބަލާލަން ދޯ..” ވިޝާއަށް އެއީ ދީމާކަން އެނގުނީ އޭނާ އައިސް ވާހަކަ ދައްކަން ފެށި ގޮތުންނެވެ. ބްރައުން ކުަލއިގެ ޝޯލްއަކާއި، ނުހަނު ރަސްމީ ފާޑުގެ ބްރައުން ގަމީސް ޓޮޕާއިއެކު ހުރިއިރު ދީމާ ފެންނަނީ ރަސްމީ ގޮތަކަށެވެ. ނަމަވެސް އޭނާގެ ފަރާތުންވެސް ފެނުނު ގާތްކަމުގެ ސަބަބުން ވިޝާ ހިނިތުންވެލައިގެން އޭނާއާއި އެކު ހިނގައިގަތީ ހަމަޖެހިލައިގެންނެވެ.
” އަސްލު ކޮމްޕެނީގެ މައި އޮފީސް ވީމަ ތަންކޮޅެއް މުވައްޒަފުން ގިނަ ދޯ.. އެކަމު އެންމެންވެސް ވަރަށް އެކުވެރިވާނެ.. ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގަ އިންނާނެ ކޮފީ ބުއިން.. ދެންން އަޅުގަނޑުމެންގެ ބޮސް ދޯ.. އޮފީހަށް އައިމަ ވިޝާއާއި ބައްދަލު ވާނެ.. އަންނާނެ 10 ޖަހާލާ ހާއިރު.. ބޮސްވެސް ވަރަށް ފްރެންޑްލީ ވެފަ ހުރިހާ ކުދިންނާއި ގުޅޭނެ.. އެކަމު ތަންކޮޅެއް ސްޓްރިކްޓް ވާނެ.. އޯކޭ ދެން ދިޔައްޔޭ.. ހޭވް އަ ގުޑް ޓައިމް..” ދީމާ ވިޝާގެ ކެބިން ދައްކާލުމަށްފަހު ދިއުމުން ވިޝާ އެތެރެއަށް ވަނެވެ. ވިޝާ އޭނާގެ ކެބިންއަށް ވަން އިރު އެތާ ހުރީ ތިން މޭޒެވެ. އެސިސްޓެންޓް މެނޭޖަރ ޖަހާލާފައި އިން ޓެގްކޮޅެއް ބަހައްޓާފައި ހުރީ މެނޭޖަރ ޖަހާފައި ހުރި މޭޒާއި ކުރިމައްޗަށް ވާގޮތަށް ހުރި މޭޒުގައެވެ. އޭގެ އިތުރަށް ހުރި މޭޒުގައި ބަހައްޓާފައި ހުރީ އޯނަރ ޖަހާފައި އިން ޓެގްކޮޅެކެވެ. އެ މޭޒުން އެއްވެސް ލިޔެ ކިޔުމެއް ފެންނަން ނެތުމުން ކުޑަކޮށް ހައިރާންވި ނަމަވެސް ވިޝާ މާބޮޑަށް އެކަމާއި އަޅައެއް ނުލައެވެ. ބިއްލޫރި ބިއްތަކަކުން ވާ އެކެބިންގައި އިންނަ އިރު އޮފީހުގެ ގްރައުންޑުގެ ބައެއް އޮންނަނީ ހާމައަށް ފެންނާނެށެވެ. އުންމީދު ކުރިވަރަށްވުރެ ހިތްފަސޭހަ މާހައުލަކަށްވުމުން ހިތްހަމަޖެހިފައި އިން ވިޝާ އޭނާގެ މޭޒުމަތީގައިވާ ލިޔުންތައް ބަލަންފެށީ އޭނާގެ ވެރިޔާގެ އިންތިޒާރުގައި އިނދެއެވެ.
” ޝާޔާ.. މިބުނީނުން މިއަދު ބިޒީ ވާނެއޭ.. އާ ކުއްޖަކު ގެނެސް….. އަނނ.. އަނނ ފަހުން ގުޅާނަން..” އަވަސް އަރުވާލާފައި ކެބިންގެ ތެރެއަށް ވަދެގެން އައި އާލިކްގެ ފައި ހުރި ފިޔަވަޅު މަތީގައި ހުއްޓުނީ އޭނާގެ ކެބިންގައި ލިޔުންތަކެއް ބަލަން އިން ހޫރު ޕަރީއެއް ފަދަ ޒުވާން އަންހެން ކުއްޖާ ފެނުމުންނެވެ. އަޅި ކުލަަކަށްދާ ޖިލްބާބަކާއިއެކު، ކަޅާއި އަޅި ކުލައިންވާ ޝޯލްއެއް އަޅާލައިގެން އިން ދޮން އަންހެން ކުއްޖާ ފެނުމުން ކަންފަތުގައި ޖަހައިގެން ހުރި ފޯނު މަޑުމަޑުން ތިރިކޮށްލިއިރުވެސް އެސް ފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިވާ ފަދައިން އާލިކްއަށް އެމަންޒަރު ބަލަން ހުރެވުނީ އާޝޯޚްވެފައެވެ. ތިރިކޮށްލެވިފައިވާ ދިގު އެސްފިޔަތަކާއިއެކު، މަޑުރަތްކުލައިގެ ތުންފަތާއި އަދި އަތުގެ ހިމަ ދިގު އިނގިލިތަކަށް ދާންދެން އާލިކްގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ސުކުންތުކޮޅެއްގެ ތެރޭގައި އާލިކްގެ ސިކުނޑި އޭނާގެ ހަގީގީ ދުނިޔެއާއި ގުޅުމުން ފޫހިކަމާއިއެކު ބޯ ހޫރާލަމުން އެތެރެއަށްވަނީ ބޮޑާކަމާއިއެކުގައެވެ.
ނުނިމޭ
4 Comments!
Comments are closed.
wow v v nice, waiting 4 d next
mihaaru mi site ga tha mivaahaka up kuraneeee …. haadha gina dhuvass kohlaaa fa thifeni ly…… hope dhen lass nukoh hurihaa part eh kiyaalan libeyne kamah unmeedhu kuran
mi vaahaka mee evves site egga nimunu vaahaka eh nun.. komme site egga ves fashaane.. vaki hisaabakah dhiyaima huttaalafaane dhen anekkaaa…
neyge moya vefa thibenee