ބައްދަލުވުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮއްލަމުން ލާމިހް އަޅައިގެން ހުރި ގަދަ ރަތް ކުލައިގެ ޓައި ރަނގަޅުކޮއްލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ގަމީހާއި އޮފީސް ފަޓުލޫނުގެ އިތުރުން އޮފް އަރުވާލާފައިވާ ބޫޓުން އެއީ ކިހާ މުހިއްމު ބައްދަލުވުމެއްކަން މީހަކު ބަލާލައިފިނަމަ އިނގޭނެއެވެ. ލާމިހްގެ މޫނުމަތިން ތާޒާ ކަން ފެންނައިރު ކުރިންސުރެ ތައްޔާރުވެގެން ހުރިކަން ހާމަވެއެވެ. ހުރިހާ ކަމެއްވެސް ބޭނުންވާ ގޮތަށް ނިމުމަށް ދުއާ ކޮއްލަމުން ލާމިހް ދޮރު ހުޅުވާލިއެވެ. ބޮޑު މޭޒު ވަށައިގެން އޮފީހުގެ އިސްވެރިން ތިބި އިރުު އެންމެންގެވެސް ނަޒަރު ލާމިހް އަށް ހުއްޓުނެވެ. ހިނިތުންވެލަމުން ލާމިހް ގޮސް އޭނާގެ ގޮނޑީގައި އިށީނުމާއެކު ބައްދަލުވުން ފެށުނެވެ.
މަސައްކަތުގައި އިން ހުސެން އަށް ލާމިހް އަންނަތަން ފެނުމާއެކު ކުރަން އިން ކަންތައް ހުއްޓާލިއެވެ. ލާމިހް ގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެންނަ އިރު ބައްދަލުވުމުގައި ކަންތައްވީ ރަނގަަޅަށް ނޫންކަން ހުސެން އަށް ވިސްނުނެވެ. ” ކޮބާ ކިހިނެއްވީ…” ލާމިހް އައިސް ކެބިން ގެ ބޭރުގައި މަޑުކޮއްލުމާއެކު ހުސެން އަހާލިއެވެ. ދެ ކޮނޑު ހިއްލާލަމުން ލާމިހް ދެ ފަރާތަށް ބޯ ތަޅުވާލިއެވެ. ” ނުވާނެ އެހެނެއް.. ” ހުސެން ގަބޫލްނުކުރެވިފައި އިން ހެން ބުނެލިއެވެ. ކޯހުގައި ވެސް އެންމެ މަތިން ފާސްވީ ލާމިހް ކަން ހުސެން އަށް އިނގޭތީއެވެ. ލާމިހް ގެ މޫނަށް ބަލަހައްޓައިން އިން ހުސެން އަށް އެ ތުންފަތްމައްޗަށް ވެރިވި ލާނެތް ހިނިތުންވުން ފެނުމުން އިން ތަނުން ތެދުވިއެވެ. ” ކޮންގްރޭޑްސް މޭން.. ކެއުން އޮންނަންވާނެ.. ދެން އޮފީހުގެ މެނޭޖަރަކަށް ވީމަ އަހަރެން މަސައްކަތް ކުރަން ޖެހޭނީ ލާމީގެ ދަށުން ދޯ..” ލާމިހްގެ ގައިގައި ބައްދާލަމުން ހުސެން ބުނެލިއެވެ. ” އެހެނޭ ކިޔާފަ އަހަރެން ބަދަލެއްނުވާނެކަން ހުސެން އަށް އިނގެއެއްނު.. ” ލާމިހް ހިތުގައި ވާ ގޮތް ހާމަކުރިއެވެ. އޮފީހުގައި ހަބަރު ފެތުރެން ފެށުމާއެކު މުވަޒަފުންގެ މަރުހަބާ ގެ ބަސްތަށް ލާމިހް އަށް ލިބިގެންދިޔައެވެ. ކޮންމެ މީހެއްވެސް ލާމިހް ބަލައިގަތީ އިހްތިރާމާ އެކުގައެވެ.
އާނާ އަށް ފިލާވަޅު ބުނެދިނުމުގައި އިން ލޫނާ އެތަށް ފަހަރަކު ކިޔައިދީގެންވެސް އާނާ އަށް އެއްޗެއް އޮޅުންފިލި ކަމަކަށް ނުވިއެވެ. އެވަގުތު އާނާގެ ކޮޓަރީ ދޮރުމަތިން ހުރަސްކޮއްލި ލާމިހް ލޫނާ ގެ ލޮލުގައި އަޅައިގަތެވެ. ލާމިހް އަށް އަޑުއިވޭނެ ވަރަށް ގޮވާލުމާއެކު ދެން ފެނުނީ ލާމިހް އައިސް އެ ކޮޓަރިއަށް ވަތް ތަނެވެ. ” ވަޒީފާ ހަމަޖެހުނުތަ..” ލޫނާ އަވަސް އަރުވާލާފައި އެހިއެވެ. ” އާން.. އިރާދަކުރެއްވިއްޔާ ތިކަން ވެއްޖެ..” ލާމިހް އާނާ ގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. ” އަވަހަށް ދޭ މަންމަ މެން ކައިރީ ބުނަން.. ވަރަށް އުފާވާނެ އޭރުން..” ލޫނާ ގެ މޫނުމަތިން ވެސް އުފާވެފައި އިންކަން އިނގެއެެވެ. ” އެނީ ހޯމް ވޯކްސް ހަދަނީތަ..” ކަރުގައި އަޅާފައިވާ ޓައި ނަގަމުން ލާމިހް އަހާލިއެވެ. ” ކޮންއިރެއް އެނީ އަށް މި ކިޔައިދޭތާ… ޓިއުޝަން އަކަށް ދާން ވެސް އެއްބަހެއްނުވި..” ލޫނާ ގެ އަޑުން ވެސް ކަންބޮޑުވެފައިވާކަން އިނގެއެވެ. ” އެނީ އަށް މެތްްސް ނޭނގެއޭ މަންމީ..” އާނާ ބޮޑާހާކަލަމުން ބުންޏެވެ. ” ލާމީ ބަލައިދީބަ ގެއަށް އައިސް ޓިއުޝަން ނަގައިދޭ މީހެއް ވޭތޯ..” ލޫނާ ގެ އެދުމަށް ލާމިހް ގެ ސިކުނޑިއަށް ވެރިވީ އީރަމް ގެ ނަމެވެ. އެ ހިޔާލުން ސިކުނޑިން ނެރެލީ އެކަން ނުވާނެކަން އިނގޭތީއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތު މޫދު ފެންނާނެހެން އިށީނދެގެން އިން އީރަމް ހަނާ ގެ އުނގުގައި އިން މީޝާގެ ރީތި ފޮޓޯއެއް ނެގޭތޯ އުޅެއެވެ. ދެމީހުން ބޭރަށް ދާން ނުކުންނަމުން ބޭނުންވީ މީޝާވެސް ގޮވައިން ނުކުންނާށެވެ. ބަނޑުހައިވެގެން ނުވަތަ ބަލިވެގެން ނޫނީ މީޝާ އަކީ މާ ބޮޑަށް ރޮއެ ހަދާ ކުއްޖަކަށް ނުވުމުން ގެންގުޅެން ފަސޭހައެވެ. ” ލާމީ ގެ ޖޮބް ހަމަޖެހިއްޖެ ދޯ.. ” ވާހަކައިގެ ތެރެއިން ހަނާ ބުނެލިއެވެ. ” އެހެންތަ..” ފޯނުން ފޮޓޯތަށް ބަލަންއިނދެ އީރަމް އެހެން ބުނެލިއިރު އެއްވެސް ޝައުގުވެރިކަމެއް ނެތްކަހަލައެވެ. ” އާން.. ދެން ކީއްވެތަ އީމް ލާމީ އާއި ދުރުން ތި އުޅެނީ… ” ހަނާ އަބަދުވެސް ކުރާ ސުވާލު ތަކުރާރު ކޮއްލިއެވެ. ” އީމް ލޯތްބެއް ނުވޭތަ ލާމީ ދެކެ.. ލާމީ އަކަށްނު ތި މަޑުކުރަނީ… ” ހަނާ އެެހެން ބުނުމާއެކު އީރަމް ފޯނު ތިރިކޮއްލަމުން އެ މޫނަށް ބަލާލިއެވެ. ” ހަނާ އަށް ހީވޭތަ ލާމީ އަހަރެން ދެކެ އަދިވެސް ލޯބިވާނެޔޭ… މާލެ އައިފަހުން އެކަަހަލަ ވާހަކަ އެއް ލާމީ ނުދައްކާ.. އެހެން ނޫނަސް ލާމީ ލޯބިވާ އެހެން އަންހެންކުއްޖެއް ވެސް ހުރެދާނެ.. ރައްޓެހިވެގެންވެސް އުޅެފާނެ.. ހަނާ މެން ކައިރީ ލާމީ އެކަހަލަ ވާހަކައެއް ނުދެއްކިޔަސް ނޭނގުމެއްގެ ތެރޭގައި ލާމި އަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން.. ” އީރަމް ފުރަތަމަ ފަހަރަށް އެހިތުގައި ވާ އެއްޗެއް ހާމަ ކުރިއެވެ. ހަނާ ވިސްނާލުމާއެކު އީރަމް އެ ބުނި ވާހަކައިގެ ތެދުކަން އިހްސާސް ވިއެވެ. “އެކަމަކު ލާމީ އަދިވެސް އީމް ދެކެ ލޯބިވަންޏާ އޯ..” މީޝާ މަސަލަސް ކޮއްލަމުން ހަނާ އަހާލިއެވެ. ހަނާ ގެ ސުވާލުން އީރަމް މަޑުޖެހުނެވެ. އެހެން ކަންތައްވެއްޖެ ނަމަ ކިތަންމެހާވެސް ރަނގަޅެވެ. އެ ދުވަހަކުން އީރަމް ވެސް ލާމިހް ދެކެ ލޯބިވާކަން ހާމަ ކުރާނެއެެވެ. ” ނޭނގެ..” އީރަމް މީޝާ އުރާލަން އަތް ދިއްކޮަލަމުން ބުނެލިއެވެ.
ލާމިހް އައިތާ ދެމަސް ފާއިތުވެ ދިޔައިރުވެސް އީރަމް އާއި މާ ބޮޑު ގުޅުމެއް ނޯވެއެވެ. އޮފީހުގެ މަސައްކަތްތަށް ދެގުނަ އިތުރުވެގެން ދިޔުންވީ އީރަމް ގެ ހިޔާލުތަކުން ދުރުވުމަށް ލާމިހް އަށް ލިބުނު ފުރުސަތަކަށެވެ. ހުސެން އާއި ބައްދަލުކޮއްލަން އެގެއަށް ދާއިރު ބައެއް ދުވަސްދުވަހު ލާމިހް އަށް އީރަމް ފެނެއެވެ. ހިނިތުންވުންތަކަކާއި އެކަކު އަނެކަކު ހާލު އޮޅުންފިލުވުން ފިޔަވާ އިތުރު ވާހަކަތަކެއް އެ ދެމެދުގައި ނުދެކެވެއެވެ.
ސުކޫލުން ގެއަށް އައިސް އެއްޗެހި ބަދަލުކޮއްލަމުން އީރަމް ސޯފާގައި އިށީނދެލިއެވެ. އެޔާއެކު ޖަނާ ވެސް ކޮޓަރިން ބޯ ދިއްކޮއްލީ އީރަމް ގެއަށް އައިކަން އެނގުމުންނެވެ. ” މިއަދު ކޮލެޖަށް ނުދާ ދުވަހެއްތަ..” ޖަނާ އައިސް ކައިރީގައި އިށީނުމާއެކު އީރަމް އަހާލިއެވެ. ” މި ހަފްތާ ބަންދު.. އަންނަ ހަފްތާގައި ޓެސްޓްތަށް ފެށޭނެ.. ” ޖަނާ އީރަމް އަށް ކޮލެޖްގެ ކަންތައް ކިޔައިދިނެވެ. އެންމެ ފަހު ސެމިސްޓާރ އަށް ވުމުން އީރަމް ޖަނާ އަށް ނަސޭހަތްތެރިވީ ރަނގަޅަށް ކިޔެވުމަށެެވެ. ހަނާގެ ފޯނެއް އައުުމުން އީރަމް ފޯނު ނެގިއެވެ. ހަނާ އެދުނީ ރޭގަނޑޫ އަށެއް ޖަހާއިރަށް އެގެއަށް އައުމަށެވެ. ” އެއި ކީއްކުރަން.. ކަމެއް އޮތީތަ..” އީރަމް ބޭނުންވީ އެގެއަށް އޭނާ ގެންދަން އުޅޭ ސަބަބު އޮޅުންފިލުވާށެެވެ. ” ދެން އައިމަ އިނގޭނެއެއްނު.. ” ހަނާ ނުބުނާނެކަން އެނގުމުން އީރަމް އިތުރު ސުވާލެއް ނުކުރެއެވެ.
ގޭގެ ބެލްޖަހާލުމާއެކު ހައިފާ ދޮރުހުޅުވާލިއެވެ. ” ލަހުން ދޯ މިއާދެވުނީ.. ” ލައިގެން ހުރި ބޫޓު ބާލަމުން އެތެރެއަށް ވަތް އީރަމް ސިޓިންގްރޫމަށް ނަޒަރު ހިންގާލުމާއެކު ހުއްޓުން އެރިއެވެ. ސޯފާގައި އިން ލާމިހް ގެ ނަޒަރު ސީދާވެފައި ހުރީ އީރަމް އަށެވެ. ގަދަ ބުރައުން ކުލައިގެ އަބާޔާ ހެދުމާއި ކަޅު ކުލައިގެ ޝޯލުގައި އީރަމް ފެނުމުން ލާމިހް ގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ. ދެމީހުންގެ ނަޒަރު ހިނދުކޮޅަކަށްނަމަވެސް ސީދާ ވުމުން އީރަމް އަށް އުނދަގޫވިއެވެ. ލާމިހް ގެ މޫނުން ނަޒަރު ވަކިކޮއްލުމާއެކު ކުރިމަތީ ހުރި މޭޒުގައި އަތުރާލެވިފައިވާ ޕިއްޒާ ފޮށިތަށް އީރަމް ގެ ލޮލުގައި އަޅައިގަތެވެ. ހައިފާ ގެ ފަަހަތުން ގޮސް އީރަމް ހަނާ އާއި ފަޒަލް ކައިރީ އިށީނެވެ. ” އީމް އެ އައީނުން.. ދެން ނުކަޔެއް ނީނދެވޭނެ.. ” ފަޒަލް އެހެން ބުނުމާއެކު ހަނާ ފަޒަލް ގެ ބުރަކަށީގައި ޖަހާލިއެވެ. ” ސާބަސް.. ތިވަރަށް ކާތިއޭ ފަލަވަނީ.. އެންމެ ޕިއްޒާ ފޮއްްޗެއް ކެވޭނީ މިރޭ..” ހަނާ ގެ ވާހަކައިން އެންމެންގެ ހުނުމުގެ އަޑު އިވުނެވެ. ކޯކް އަޅަން ތަށިތަށް ބަލާ ހައިފާ ތެދުވުމުން އީރަމް ވެސް ހައިފާގެ ފަހަތުން ކާގެއަށް ހިނގައިގަތެވެ. ” ކޮންކަމެއް ސެލެބްރޭޓް ކުރަނީ..” އީރަމް ތަށިތަށް ނަގަމުން ހައިފާ ކައިރީ އަހާލިއެވެ. ” ލާމީ ޖޮބް ހަމަޖެހުނީމަ ކާންދޭން ބުނެފަ އޮތީ.. އެކަމަކު މީޝް އެކަނި ގޭގަ ބާއްވާފަ އެންމެންނަށް ނުދެވޭނެތީ ލާމީ ބުނީ ގެއަށް ގެންނާނީ އޭ..މަންމަ އަށް ވެސް އުނދަގޫވާނެއެއްނު ރޭގަނޑު މިގެއަށް އަންނަން.. ދެން އީމް ގެ ވާހަކަ ދެއްކީމަ އީމް ވެސް ގެނައި މި..” ހައިފާ އީރަމް އަށް ބަލާލަމުން ބުނެލިއެެވެ. އެރޭގެ ބޮޑުބައި ހޭދަވެގެން ދިޔައިރު ލާމިހްގެ މަޖާ ވާހަކަތަކުން އީރަމް ވެސް އިނީ ހީހީ ވަރުބަލިވެފައެވެ. ގެއަށް ދާ ވަގުތު އައިސް ޖެހުމުން އީރަމް އާއި އެކު ލާމިހް ވެސް ތިރިއަށް ފޭބިއެވެ. “ގެއަށް ލައިދެންތަ.. މިހާ ލަސް ވީމަ އެކަނި ދާކަށް ނުވާނެ..” ލާމިހް ގެ އަޑު އިވުމުން އީރަމް އެ މޫނަށް ބަލާލިއެވެ. ނޫނެކޭ ބުނެދި ނަމަ ލާމިހް ދެކޭނެ ގޮތް އިނގޭތީ އީރަމް އެއްބަސްވިއެވެ. ސައިކަލުގައި އިން އީރަމް ބެލީ ލާމިހްގެ ގައިގައި ނުޖެހި ވޭތީއެވެ. ” އީމް ޓިއުޝަން ނަަގައިދެންތަ…” ލާމިހް ސައިކަލް ދުއްވަމުން ވާހަކަ އެއް ފެށުމުގެ ގޮތުން އަހާލިއެވެ. ” ނޫން ކިހިނެއްވީ..” އީރަމް ވެސް ސުވާލެއްކޮއްލިއެެވެ. އާނާ ގެ ވާހަކަތަކުން އީރަމް އަށް ވެސް އާނާއަށް ހިސާބު ފިލާވާޅުތަކުގެ ވާހަކަ ލާމިހް އާއި ހިއްސާ ކުރިއެވެ. ޓިއުޝަން ނަގައިދޭން ގޭގެއަށް ދިއުން އެއީ އީރަމް މާ ގަޔާވާ ކަމެއް ނޫނެވެ. އަމުދުން ކުލާހުގައި ކިޔަވައިދޭ ދަރިވަރެއްގެ ގެޔަށް ދާށެވެ. ނަމަވެސް ލާމިހް ޓިއުޝަން ނަގައިދެވޭނެތޯ އެހުމުން އީރަމް އަށް އާއެކޭ ބުނެވުނީ އިތުރު ވިސްނުމަކާ ނުލައެެވެ. ލާމިހް ކަމަކަށް އެދުމުން ދެކޮޅުހެދޭނެހެއްޔެވެ. ގެ ކައިރިއަށް ސައިކަލު މަޑުކޮއްލުމުން އީރަމް ސައިކަލުން ފޭބިއެވެ. ” ކޮންމެ ދުވަހަކަ ނުދެވިދާނެ.. އެކަމަކު ހަފްތާގެ ދެދުވަސް ނޫނީ ތިން ދުވަހު ދެވިދާނެ.. ދެން ލާމީ ބޭނުމިއްޔާ ގަޑި އިތުރުކޮއްލަދެވިދާނެ..” އީރަމް ލާމިހް ގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ” އީމް ގެ ނަމްބަރު ދޭންވީނުން..” ލާމިހް ފޯނު ނަގަމުން ބުނެލިއެވެ. ލާމިހް އަށް ނަމްބަރު ދޭން އީރަމް ފަސްޖެހެންވީ ސަބަބެއް ނޭނގުނުމަމަވެސް އީރަމް އެދުނީ ލޫނާގެ ނަމްބަރު އޭނާ އަށް ދިނުމަށެވެ. ” އޭރުން ފަސޭހަ ވާނެ ގަޑި ހަމަޖައްސަން..” އީރަމް ނަމްބަރު ނުދޭނެކަން އެނގުމުން ލާމިހް ގެ ހިތަށް ތަދުވިއެވެ. ” އޯކޭ.. އީމް ބޭނުންގޮތެއް..” ލޫނާ ގެ ނަމްބަރު ދިނުމަށް ފަހު ލާމިހް ގޮސް ލޯމަތިން ގެއްލުމާއެކު އީރަމް އެތެރެއަށް ވަނެވެ.
ލޫނާގެ އެދުމުުގެމަތިން ގަޑިން ހަތެއްޖެހި އިރު އީރަމް އިނީ ލާމިހް މެން ގޭގައެވެ. ” ލާމީ ބުނި އާނާގެ މިސް އެއީ ކުރީގެ ކްލޯޒް ފްރެންޑެކޭ… ” މޭޒު ކައިރީ އިން އީރަމް ގެ ކުރިމަތީ އިށީންނަމުން ލޫނާ ބުނެލިއެވެ. އީރަމް ގެ މޫނު އެހާ ކައިރިން ފެނުމުން ލޫނާ އަށް ކޮންމެވެސް ތާކުން އެ މޫނު ފެނުނު ހަނދާނެއްވިއެވެ. ” ހޫމް.. ” އީރަމް ހިނިތުންވެލިއެވެ. ލާމިހް ގޭގައި ނޫޅެނީބާއެވެ. ވަކިން ކޮޓަރިއެއްގައި އިންނަން ލިބުނުކަން ނަސީބެކޭ އީރަމްގެ ހިތަށް އެރިއެވެ. ” އީރަމް ދޯ” ނަން ޔަގީންކުރުމުގެ ގޮތުން ލޫނާ އަހާލިއެވެ. އާންމުކޮށް އާނާ ސުކޫލަށް ގެންގޮސް ގެޔަށް ގެނެސްދީ ހަދަނީ ރާމިޒްއެވެ. އާނާ ގެ ޓީޗަރާއި ވާހަކަދައްކާލާނެ ފުރުސަތެއް ލިބުމުން ލޫނާ އިނީ ހިތްހަމަޖެހިފައެވެ. ފޮތްތަށް ހިފައިން އައިސް ވަތް އާނާ ވެސް ހައިރާންވީ އޭނާ އަށް ކިޔަވައިދޭ މިސް ކުރިމަތިން ފެނުުމުންނެވެ. ހަމަ އެއާއި އެއްވަރަށް އާނާ އުފާވެސް ވިއެވެ. އެކަކު އަނެކަކަށް އެނގޭތީ އާނާ އަށް ކިޔަވައިދޭން އީރަމް އަށް ވެސް ފަސޭހަވާނެތާއެވެ. ކުލާހުގެ އެހެން ކުދިންނަށް އެ ވާހަކަ ސިއްރުކޮއްދޭން އީރަމް އެދުނީ މަސްލަަހަތަށްޓަކައެވެ. އާނާ އާއި އީރަމް އަށް ވަގުތު ދެމުން ބޭރަށް ނުކުތް ލޫނާ އަށް މުހިންމުވީ ލާމިހް އާއި ވާހަކަދެއްކުމެވެ. އީރަމް އެއީ އޭނާގެ ކޮއްކޮއަށް ވަރަށް ހާއްސަ ފަރާތެއްކަން ލޫނާގެ ހިތް ބުނެލިއެވެ.
ގޭގެ ސޯފާގައި އިން ޒާހިރުއަށް ގެއަށް ވަދެގެން އައި އީރަމް ފެނުމުން ސޯފާގައި މަޑުކޮއްލަދޭން އެދުނެވެ. ކިޔަމަންތެރިކަމާއެކު އީރަމް އިށީނުމާއެކުު ސަލްމާ ޓީވީ ނިވާލިއެވެ. ކާގޭޭގައި އިން ޖަނާ ވެސް ކާން އިން ބަތްތައްޓަށް ވުރެ ސަމާލުކަން ހުއްޓުނީ ޒާހިރުއަށެވެ. ” ބައްޕަ ވާހަކައެއް ދައްކާލަން ވެގެން..” ޒާހިރު ގެ މޫނަށް ބަލާލަމުން އީރަމް ބޯ ޖަހާލިއެވެ. ” އީރަމް ކަޔާން އާއި ގުޅެންވީނުން…” ޒާހިރު އަށް އެވާހަކަ ފައްޓާނެ ގޮތެއް ނޭނގުމުން ސީދާ ބުނަން ބޭނުންވާ އެތި ބުނެލިއެވެ. ޒާހިރު ބުނި ބަސް ގަބޫލް ނުކުރެވިފައި އިން އީރަމް ގެ މޫނު ހުދުގެންދިޔައެވެ. ޖަނާ ވެސް ނޭވާ ހިފަހައްޓާލީ އުއްމީދު ނުކޮށް ހުއްޓާ އެކަހަލަ ވާހަކައެއް އަޑު އިވުމުންނެވެ. ” ކަޔާން އަށް ވުރެ އީރަމް އަށް އެކަށޭނެ މީހެއް ކޮބާ.. މަށަށް ޔަގީން ކަޔާން ވެސް މި ކައިވެންޏަށް ދެކޮޅެއް ނުހަދާނެކަން..” ސަލްމާ އާދައިގެ މަތިން އެކަމުގައި ބަސް ބުނެލިއެވެ. ޒާހިރުގެ މޫނުން ސަލްމާގެ މޫނަށް އީރަމް ބަލާލިއެވެ. ނާއިލް އާއި ކައިވެނި ކުރީ ބައްޕަ އެކަމަށް ބާރު އެޅުމުންނެވެ. އަނެއްކާވެސް އަމިއްލަ އުފާތަށް ގުރުބާންކޮއްލުމަށް ފަހު ބައްޕަގެ ހިތްހަމަޖައްސައިދޭންވީހެއްޔެވެ. ދެން ހުރީ ލާމިހް އެވެ. އެހިތުގައި ލާމިހް ގެ ނަން ވާއިރު ކަޔާން އާއި ގުޅިގެން އުޅޭނީ ކިހިނެއްހެއްޔެވެ. އީރަމް އިން ތަން ތެދުވުމުން ޒާހިރު އީރަމް ހުއްޓުވިއެވެ. ” ވިސްނާލާފަ އީރަމް ދެކޭ ގޮތެއް ބުނާތި.. ކަޔާން އީރަމް އުފަލުގަ ގެންގުޅޭނެކަން ޔަގީން.. ލަތީފް ވެސް މިކަމާ އުފަލުން އެއްބަސް ވާނެ..” ޒާހިރު ގެ ވާހަކަ ނިމުމާއެކު އީރަމް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. މިވީ ކިހިނެއްހެއްޔެވެ. އެނދުގައި އިށީނދެލަމުން އީރަމް އަށް ދެން ކަންތައްކުރާނެ ގޮތެއް ނޭގުނެވެ. ލާމިހް ގެ އެހީ އަށް އެދެންވީހެއްޔެވެ. އީރަމް ސިހިގެން ދިޔައީ ދުވެފައި އައިސް ޖަނާ ކޮޓަރިއަށް ވަދެ ތަޅުލުމުންނެވެ. ” އިއު… ބޭބެ އެ ދެއްކި ވާހަކައެއް.. އީމް ހާސްނުވޭ.. ތިކަމެއް ނުވާނެ.. ކަޔާން އާއި އީމް ނުވެސް ގުޅޭ..” ޖަނާ އީރަމް ކައިރީ އިށީންނަމުން ބުުނެލިއެެވެ. ” ދެން ކިހިނެތް ހަދާނީ.. ކަޔާން އަށް މިވާހަކަ އަޑު އިވިއްޖެއްޔާ ނޭނގެ ދެން ކަންތައް ވާނެ ގޮތެއްވެސް.. ހީކޮއްފާނެ އަހަރެން ބޭނުންވެގެންނޭ..” އީރަމް ގެ މޫނުމަތިން ހާސްކަމާއި އެއްވަރަށް ދެރަވެފައިއިން ކަން ވެސް އިނގެއެވެ.ރޮއެގެން ވާނެ ކަމެއްނެތް ކަން އީރަމް ހިތްވަރު ކުރިއެވެ. ” ކަޔާން ގެ ނަމްބަރު ދީބަ..” ކުއްލިއަކަށް އިނދެފައި ޖަނާ ބުނެލިއެެވެ. ” އެއީ ކީއްކުރަން..” ޖަނާ ކޮންމެކަހަލަ ކަމެއްވެސް ކޮއްފާނެކަން އިނގޭތީ އީރަމް އަހާލިއެވެ. ” ޓްރަސްޓް މީ.. އީމް ނުޖެހޭނެ ކަޔާން އާއި މެރީކުރާކަށް..” ޖަނާ އަށް އިތުބާރުކުރަމުން އީރަމް ކަޔާންގެ ނަމްބަރު ޖަނާ ގެ ފޯނުގައި ސޭވްކޮއްލަ ދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Salaam Loves.. <3
Mibai vs vrh kiyaa hithun kiyaane kameh heekuran.. and pls forgive me mistakes huriyya.. kiyaalaakah time eh nulibunu up kurumuge kurin.. anyways enjoyy.. loves to all <3 <3
Can forgive for mistakes but for the delay sorry
Can never forgive
v reethi mi part ves thankolhe lahee up kohla dheyle….
Thanks aki ?
Will upload the next part soon ?
Me first dhw…. V v reathi… Next part up kuraany koan irakun
Thanks sharoo.. ?
On MONDAY. ?
Boring mihaaru MI story …
Kyve boring ee ?
Maa las vanee up kuraaleh…. nice story.. vvvv wait kurevey story eh mee
Thanks eem ?
Next part avahah up kohladheynan ?
miharu story lahun update vaathi so sad, jana and kayan gulheyni dhw. eyrun eem and laami. waiting for the next part varah reethi
Keehvve baa eem gulhun kandaalee eyru?? Waiting waiting!! V reeethi ❤
Plx seym eem nd kayaan nuves gulhey plx e demyy hun nugulhuvaathi
Vvvv rythi???
Varah varah loabi
Hope dhen ohbai avahah up vey thow
Mi story mihaaru varah foohi
Cox up vumuge evves hama eh lamaeh nethi hithah eri dhuvahakun kuraathy. Varah fooohi
Mi story haadha reehchey.. ? nxt part thankolheh avahaa up khladhehchey.. Can’t wait to read it.. Mihaa reethi story eh ehaa lahun up kuryma kiyaa hithun gos moya vaany?? anyways, waiting ??
Thanks all for the comments. ♥️ Next part will be updated in a few hours ??