ބޮޑުވަޅިއެއް ހިފައިގެން ކާގެއިން ނިކުމެގެން އައި ރާހިލް ފެނުމާއެކު އަލީނާއަށް ސިއްސައިގެން ގޮސް ސަރަންފީއިން ތެދުވެވުނެވެ. އޭރު އެ ކުޑަކުޑަ ކުއްޖާގެ ހިތް ނެގިނެގިފާ ޖެހެމުންދިޔައިރު މުޅި މީހާވަނީ ހާސްވެފައެވެ. އެހާއަވަހަށް މުޅިމީހާ ދާހިތްލާލާފައި ވާއިރު ދެފައިކޮޅު ތުރުތުރު އަޅާހެންވެސް ހީވެއެވެ. ރާހިލް ވިހަ ހިނިތުންވުމަކާއެކު ވަޅިދިއްކޮށްގެން ހުރެގެން މަޑުމަޑުން އަލީނާ އާ ދިމާއަށް ހިނގަމުން އަންނަންފެށިއެވެ.

އަލީނާއަށް ބޭއިޙްތިޔާރުގައި ފަހަތަށް ޖެހެވެންފެށުނެވެ. “ނާނާހް. ކިހިނެތްވެ ތިފަހަތަށް ޖެހެނީ..؟ހެހެ މަ ކަލޭ މަރާލަފާނެތީތަ؟؟” ރާހިލް ތުންފުޅިއަޑު ގޮއްވަމުން ހިނގަމުން އައިސް އަލީނާ އާ ކައިރިވަމުން ބުނެލިއެވެ. އޭރު އަލީނާއަށް ފަހަތަށް ޖެހެވެމުންގޮސް ފާރުގާ ލައްވެއްޖެއެވެ. އިސްކޮޅުން ދިގު ބޮޑު ފިރިހެނަކާ ފާރާ ދޭތެރޭ ކުޑަކުޑަ އަލީނާ ފިތިފައި ހުރިއިރު ބަލާބެލުމަށް ސިފަވަނީ ސިންގާއެއްގެ ދަށުވެފައި އޮތް ކުޑަކުޑަ ގުރައެއް ހެންނެވެ. ރާހިލް ގުދުވެލުމަށްފަހު، އެއްއަތުން އަލީނާގެ ކޮލުގައި ހިފައި އަނެއް އަތުގައި އޮތް ބޮޑުވަޅި އަލީނާގެ ލޮލާ ކައިރިކޮށްލިއިރު އަލީނާ ހުރީ ބިރުން ޗުއްޕުވެސް ބުނަން ނުކެރިފައެވެ. އޭރު އަލީނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. “މަންޖަށް އިގޭތަ؟؟ މަންޖާ ހެދި މަށަށް ދިރިއުޅުމެއް ނުފެނުނީ.. މަންޖެއާ ހެދި މަށަށް މަގޭ އަންހެނުން ގެއްލުނީ..ހަނދާންވޭތަ..؟؟ ނުވޭދޯ…؟؟” ރާހިލް ދަތްކުނޑިވިކަވިކާފައި އެދައްކާ ވާހަކަ އަލީނާގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނާއަށް އެއްފަހަރު އޭނާގެ ލޮލާ ކައިރިވަމުންދާ ވަޅިއަށް އަދި އެނެއްފަހަރު ރާހިލްގެ މޫނަށް ވައްކަޅިން ބެލެމުންދިޔައިރު ދެންމެ ދެންމެ އެވަޅި އޭނާގެ ލޮލަށް ހެރިދާނެތީ އޭނާ ހުރީ ބިރުން ސިހިސިހިއެވެ. ރާހިލް ކުއްލިއަކަށް އަލީނާގެ މޫނު އަނބުރާލުމަށްފަހު އަލީނާގެ ކަނދުރާގައި ވަޅިޖެއްސިއެވެ. އަދި ނުލަފާ ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ. އަދި އަލީނާގެ ކުޑަކުޑަ ކަންފަތާ އޭނާގެ އަނގަކައިރި ކޮށްލުމަށްފަހު “އޭރު މަންޖެ ވަރަށް ކުޑަ..އެކަމަކު ތިއީ މަގޭ ދިރިއުޅުމަށް އެޅުނު ސުންޕާއެއް” ވައިއަޑަކުން ރާހިލް އަލީނާ ކަންފަތްކައިރީ އެހެން ބުނުމަށްފަހު ދުރައްޖެހިލާ ތެދުވެ ހިންދެމިލުމަށްފަހު މޯޅިއަކަށް ދެމިލިގޮތުން ހީވަނީ އަލީނާއަށް ޖެއްސުމަށް ވައްތަރެއްޖައްސާލިހެންނެވެ. އަދި ހޯނު ޗުއްޗުއް ތަޅާހެން ޗުއްޗުއް ތަޅަމުން އަނެއްކާ އަލީނާއާ ދިމާއަށް ގުދުވެ އަތުގައި އޮތް ވަޅި ނަގައި އަލީނާގެ ބޮލަށްހަރާލަން އަންމަޅާލުމަށްފަހު ކުއްލިއަކަށް އަލީނާގެ ބޯމަތިން ފާރަށް ހަމަލާއެއް އަރުވާލިއެވެ. އެވަގުތު އަލީނާއަށް ބިރުން ސިހިފައި ލޯމަރާލެވުނު އިރު ގަޔަށް ހީސްލެވި، ޕުއްޕުވެސް ލެވިއްޖެއެވެ. ރާހިލްއަށް ނުބައިވަސްދުވަންފެށުމުން ތިރިއަށް ބަލާލިއިރު އަލީނާގެ ފައިކައިރިން ހީސްކޯރު ދެމިގެން ދާތަން ފެނުމުން ހިނިއަތުވެއްޖެއެވެ. މިގޮތަށް އަލީނާއަށް އަނިޔާކުރެވެމުން އޭނާގެ ހިތަށް ބުނެދެން ނޭނގޭކަހަލަ ހަމަޖެހުމެއް ލިބެއެވެ. އަދި ނުލަފާ ވައްތަރަކަށް ހެމުންހެމުން ގޮސް ކާގޭގައި ވަޅި ބާއްވާފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. ރާހިލް ދިޔުމާއެކު އަލީނާއަށް ރޮމުން ހުރިތަނަށް ތިރިވެވުނެވެ.

 ޝެހެނާ ގެއަށް އައިއިރު އަލީނާ ފާރުކައިރީ އުޑުފައިން އިށީނދެލައިގެން އިންތަންފެނުނެވެ. އޭނާ އަލީނާ ކައިރިއަށް އައިސް ވީކީއްތޯ އަހާލަންވެގެން އަނގަ ހުޅުވާލިއިރު ކައިރީގައި ހީސްކޯރެއް ދެމިފައިވާތަން ފެނުނެވެ. އަދި އެވަގުތު ޕުއްޕު ވަސްވެސް ދުވަންފެށިއެވެ. އެވަގުތު ޝެހެނާގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. އަލީނާ ފާހާނައަށް ދާން ބޭނުންމިއްޔާ ގިފިލިހުރީ ދުރަކު ނޫންވިއްޔާއެވެ. ކޮންމެހެން ސިޓީން ރޫމަށް ފާހާނާ ކުރާކަށް ނުޖެހެއެވެ. އަދިވެސް އަލީނާ އިނީ ނެގިމަޑުވެފައެވެ. އޭރު އެ ލޮލުގައި ކަރުނައިގެ އަސަރު ކޮންމެސް ވަރަކަށް ހުރިނަމަވެސް ޝެހެނާ ހީކުރީ އެއީ ޕުއްޕުލައިގަޑީގައި އަންނަ ވޭންވަރުން ލޮލުން އަންނަ ކަރުނަކަމަށެވެ.

“މިކާޅު ކައިރީ ކަމަކު ބުނާއިރަށް މަށަށް އުނދަގުލެއް ނޫނީ ނުކުރާނެ. ގައިމު ބޮޑު ސިންގާ އަންހެނެއްވިއްޔަ.. ގިފިއްޔަށް ދާންވެދާނެތީ..މިތާ އިނދެގެން ގުއި ރެނީ.. ލަދުކުޑަ..” ޝެހެނާކައިރިއަށް އައިސްފަ ހުރި ރުޅިން އަލީނާގެ ބޮލު އިސްތަށިގަނޑުގައި ހިފައި އެއްޗެހި ކިޔަމުން އަލީނާ ދަމާފައި ގެންގޮސް ގިފިއްޔަށް ވެއްދިއެވެ. އަލީނާ އޭނާގެ މަންމަގެ ހާލާމެދު ކިތަންމެވަރަށް ވިސްނިއަސް ބައެއް ފަހަރަށް މަންމަ އެގޮތަށް އަނިޔާކުރާތީ އަލީނާގެ ޅަ ހިތުގައި ޝެހެނާ އާ ދޭތެރޭ ޝަކުވާ އުފެދިފައިވެއެވެ. މަންމައަށް އޭނާގެ ހާލު ބަޔާންކޮށްދޭނީ ކިހިނެތްބާއެވެ. މިއަދުހާ ބިރުގަތް، ދެރަވި، ދުވަހެއް އަލީނާގެ ހަޔާތަކަށް އަދި ނާދެއެވެ. އަލީނާއަށް ގިސްލަ ގިސްލާފައި ރުއިން ނޫންކަމެއް ނުކުރެވުނެވެ. ކާޓުންތަކުގައި ވާހެން ކޮންމެސް މީހަކު އައިސް އޭނަ ގެންދާނެ ނަމައޭ އޭނާގެ ހިތަށްއަރަމުން ދިޔައެވެ. އޭނާ ވަރަށްފަހުން ބެލި ސިންދްރެއްލާ ކާޓޫންގައި ޕަރީއެއް އައިސް ސިންދްރެއްލާއަށް އެހީވެދޭގޮތަށް، ކޮންމެސް ޕަރީއަކަށް އޭނާ މިގޮތަށް ރޯތަންފެނި އޭނާއަށް އެހީވެދޭނެ ނަމައެވެ. ގިފިލިތެރޭގައި ވަޅުކައިރީ ރޯން އިން އަލީނާއަށް ކަރުމައްޗަށް ނަގައި، މަތި ހާމައަށް އޮތް އުޑާ ދިމާއަށް ބަލާލެވުނެވެ.  އޭރު ކަރުނައިން ފުރފައިވާ އެ ދެ ލޮލުގައިވަނީ އާދޭހުގެ ކުލަވަރެކެވެ.

ހަވީރުގެ ހިތްފަސޭހަވަގުތެވެ. ރަސްމާދޫ އަތިރިހޭރީގައި ތަންތަންކޮޅުގައި އަންހެންވެރިން ރޯނު ވެށުމާއި ފަންގި ވިނުމުގައި މަޞްއޫލުވެގެން އުޅޭތަން ފެނެއެވެ. ކަމަނަމެންގެ ގޯތިދޮށުގައި ހަދާފައި ހުރި އަށްޓެއްގައި ކަމަނަ ރޯނުވަށަން އިންއިރު ކައިރީގައި ހުރި އަނދަރާދަ ގޮނޑިއެއްގައި މެހެނާ ބޮނބި ފިދަން އިނެވެ.

“މިއަދު ވަރަށް އަލީނާ މަތިން ހަނދާންވާދުވަހެއް.” ބޮނބިފިދަން އިން މެހެނާ ކަމަނަ އާ މުހާތަބުކޮށް ބުނެލިއެވެ. “އާނ.. މަވެސް އެކޮއި މަތިން ވަރަށް ހަނދާންވޭ. އަނެއްކާ އިނގުރައިދޫ މީހަކު އައިސް ކުރިންދުވަހު ދެއްކި ވާހަކައަކުން އެ ކޮއިގެ ހާލެއް ބަލާލަން އެ ރަށަށް ދާންވީއޭވެސް އެބަ ހިތަށް އަރާ. މި ފަހަރު ފަން ވިއްކުނީމަ ލިބޭ ލާރިކޮޅުން އެރަށަށް ދާން ވީ ތޯއްޗެ” ކަމަނަ މެހެނާގެ ޖުމްލައާއި ވިއްދާ ބުނެލިއެވެ. މެހެނާއަށް ކަމަނަ އެ ދައްކަނީ ކޮން ވާހަކައެއްކަން އިނގެއެވެ. އިނގުރައިދޫމީހަކު ރަސްމާދޫއަށް އައިކަން އިނގިއްޖެއްޔާ މެހެނާވެސް އެ ބައެއްގެ ކައިރިން ޝެހެނާމެންގެ ހާލު އަހުވާލު އޮޅުންފިލުވައެވެ. އެގޮތުން އޭނާއަށްވެސް ވަނީ ޝެހެނާ އަލީނާ ލައްވާ ބުރަކޮށް މަސައްކަތްކުރުވާ ޙަބަރު ލިބިފައެވެ.

“މަށަށް ފެންނަނީ އަލީނާ މިކޮޅަށް ގެނެސް މަދަރުސާއަށް ލާން. މި އަހަރު އަލީނާއަށް ހަ އަހަރު ފުރޭނެ ވިއްޔަ. ޝެހެނާވެސް އަލީނާ އެކޮޅުގައި ބަހައްޓައިގެން ކިޔަވައިދޭކަމެއްވެސް ނޭނގޭ. އަހަރެން ފިރާގު ކައިރީ ބުނެގެން އަލީނާ ބެލުމުގެ ޚަރަދު ހަމަޖައްސަފާނަން” ފިރާޤަކީ މެހެނާގެ ފިރިމީހާއެވެ. މެހެނާ މީހަކާ އިންފަހުން، ލޯބި ލޯބި ފިރިހެންކުއްޖެއްވެސް ލިބިފައި ހުރެއެވެ. ނަމަކީ ހައިކަލް އެވެ. ހައިކަލްއަކީ ޝެހެނާގެ ރިފުޝާނުއާ އެއް އުމުރުގެ ކުއްޖެކެވެ. މެހެނާއަކީ އަލީނާ ކުޑައިރުވެސް އަލީނާ ގެންގުޅުނު މީހަކަށްވާތީ، އަލީނާގެ ކިޔަމަންތެރިކަމާ އެހުންނަ ބަސްއަހާ މިޒާޖުގެ ސަބަބުން ހައިކަލް ގެންގުޅެމުން އަލީނާ ގެންގުޅެން އުނދަގޫ ނުވާނެކަން މެހެނާއަށް އިނގެއެވެ. މެހެނާގެ ހިޔާލަށް ކަމަނައަށްވެސް ތާއީދުކުރެވުނެވެ. އަދި ދެން އިނގުރައިދޫއަށް ދެވޭ ދުވަހަކުން ޝެހެނާ ކައިރީ ބުނެގެން އަލީނާ ގޮވައިގެން އަންނަން ގަސްދުކުރިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރުގެ ދުވަހަކެވެ. ރޭ ހަތަރު ދަމު ވަރަށް ބޯކޮށް ވާރޭ ވެހުމަށްފަހު، ހެނދުނުވީއިރު ވާރޭ ތުނިކޮށްލާފައި އޮތްނަމަވެސް އުޑުމަތި އުޑުމަތި އޮތީ ބަނަކޮށެވެ. ގޯތި ތެރޭގައި ޖޭމުއަޅާ ފުރިފައިހުރި ޖޭމުގަސް ވަޔާ ހެލިލާއިރު އެގަހުގައި ހުރި ފަތްތަކުން ފެންތިކި ބުރަމުން ގަސްދޮށަށް ފައިބަމުން ދެއެވެ. އަލީނާ، ބަދިގެތެރޭން އުސްގޮނޑިއެއް ޖޭމު ގަސްދޮށުގައި ބަހައްޓައިގެން، އަތްފޯރާ ގޮތްޕަކުން ޖޭމު ބިންނަން ހުރި އިރު ގޮނޑި ކައިރީގައި ތިން އަހަރުގެ ރެޔާން ކަރުމައްޗަށް ޖަހައިގެން އަލީނާ ކުރާކަންތައް ބަލަންހުއްޓެވެ. އަލީނާއަށް ވަރަށް ހާލުން ޖޭމެއް ބިނދެވޭއިރަށް އޭނާގެ ކޮއްކޮ އަތަށް ޖޭމު ދިއްކޮށްލާ މަންޒަރާއި ރެޔާން އޭގައި ހިފައި ކާލައި މަންޒަރު ފެނުމުން އެދެބެން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ދައްކުވައިދެއެވެ. ކުއްލިއަކަށް ގޭތެރެއިން ވަރަށް ބާރު އަޑުފައްގަނޑަކާއެކު ޝެހެނާގެ ރުއިމުގެ ހަޅޭކުގެ އަޑު އިވިގެން ދިޔުމުން އަލީނާ އާއި ރެޔާންވެސް ސިއްސައިގެން ގޮސް ގެޔާ ދިމާއަށް ބަލާލެވުނެވެ. އަލީނާ ގޮނޑިންފައިބާ ދުވަމުން ދުވަމުން ގޮސް ގޭތެރެއަށް ވަތް އިރު ފެނުނު މަންޒަރަކުން މޭގަނޑު އަގަޔަށް ނައީ ކިރިޔާއެވެ. އޭރު އަލީނާގެ ފަހަތުން ރެޔާންވެސް ގޭތެރެއަށް ވަންނަނީއެވެ.

…………………………………………………………………………………………………………………………………………………………..

(ތިރީހަކަށް މިނެޓް ކުރިން)

ރާހިލް ބޭރުން ގެއަށް އައިސް ވަތްއިރު އަލީނާ އާ ރެޔާންގެ ޖޭމުގަސްދޮށުގައި ތިބިތަން ފެނުނެވެ. އޭނާ ގޭތެރެއަށް ވަދެ ޝެހެނާ ކޮބާތޯ ބަލާލިރު ނިދާފައި އޮތް ރިފުޝާން ކައިރީ ނިދާފައި އޮތެވެ. ބަލާބެލުމަށް ރިފުޝާން ނިންދަވަން އޮއްވާ ޝެހެނާއަށް ނިދުނީއެވެ. ނޫނީ ޝެހެނާ އަދިވެސް ނިދާ ނުހޭލަނީއެވެ. މި ގަޑީގައި ޝެހެނާ ނިދާފައި އޮންނާކަށް ރާހިލް ބޭނުމެއް ނޫނެވެ. އެހެންވެ ހިތްހަމަނުޖެހިފަ ހިނގާލާފައި އައިސް ޝެހެނާއަށް ގޮވަން ހިތަށް އަރާފައި ކުއްލިއަކަށް ހިޔާލުބަދަލުވެގެން ރާހިލް ޝެހެނާއަށް ބަލަހައްޓައިގެން ހުރެ އެނދުގައިރީ އިށީނދެއްޖެއެވެ. އަދި މަޑުމަޑުން ޝެހެނާގެ މޫނުގައި ފިރުމާލާފިއެވެ. ރިފުޝާން ލިބުނުފަހުން ރާހިލްއަށް ޝެހެނާގެ ގައިގާ ލޯބިން ފިރުމާލެވުނު ދުވަހެއް ރާހިލް ހަނދާނަކަށް ނާދެއެވެ. ރާހިލްގެ ބީހުމަށް ޝެހެނާއަށް ހޭލެވިއްޖެއެވެ. އަދި އެއާއެކު ފުއްމައިގެން ތެދުވެވިއްޖެއެވެ. ޝެހެނާގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. ރާހިލް މަޑުމަޑުން ތެދުވެފައި ޝެހެނާގެ ކޮނޑުގައި ހިފާލުމަށްފަހު ގަޔާކައިރިކޮށްލަން އުޅުމުން ޝެހެނާ ފޮޅުވިގަންފާ ދުރައްޖެހިލިއެވެ.

“ހާދަ ތުޔެއް ތިވަނީ. މަ ނޫޅެން ތި އަންހެނާ ރީތިވެގެންނެއް. މަ މިއުޅެނީ ކަމެއް ބޭނުންވާތީ.” ރާހިލްކައިރިއަށް ރުޅިއައިސް ޝެހެނާގެ އަތުގައި ހިފައި ލުއްކެއްޖަހާލުމަށްފަހު އިސްތަށިގަނޑުގައި ހިފާ ކައިރިކޮށްލަމުން ބުނެލިއެވެ. ޝެހެނާވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ. “މަށަށް. އިނގޭ ތިއުޅެނީ ކޮންކަމެއް ބޭނުންވެގެންކަން. ތިޔީ ފިރިހެނުންގެ ވައްތަރު” ޝެހެނާއަމިއްލަ ދިފާއުގައި ރާހިލްގެ އަތް އޭނަގެ ބޮލުން ނައްޓުވަން މަސައްކަތްކުރަމުން ދަތްކުނޑިވިކާލަމުން ބުނެލިއެވެ. “ހެހެހެހެ..ދެން އިނގެންޏާ އެކަން ކޮށްދޭންވީނު..ކޮން ގަދައެއް ހަދާކަށްތަ؟؟” ރާހިލް ނުލަފާރާގަކަށް ހިނގަނޑެއް ޖަހާލަމުން ބުނެލިއެވެ.  “ޗި..” ޝެހެނާވެސް އޭނާގެ ރުންކުރުގޮތަކަށް ދެރަނުވާންވެގެން ބުނެލި އެންމެ ލަފްޒަކުން ރާހިލްގެ ރުޅިގަނޑަށް ޕެޓްރޯލް އެޅިކަހަލައެވެ. “ޗި އޭ؟؟ ޗި ކަން އަންގާލަންވީތަ؟؟ ހުރެބަލަ ނިކަން ޗި ކަން އަންގާލާނަން..” ރާހިލް އައި ރުޅީގައި ޝެހެނާ ގުޅަވަތަށް ބިންމައްޗަށް ވައްޓާލިއެވެ. އަދި އައިގޮތަށް އައިސް ލުއިފަތެއްހެން ޝެހެނާ އުފުއްލާލާފައި ފިލައިން ހަދާފައިހުރި ކޮޓަރީގެ ކުޑަދޮރާދިމާއަށް ހޫރާލުމާއެކު ޝެހެނާއަށް ހަޅޭލަވާގަނެވުނެވެ. ޝެހެނާ ފިލާގަނޑުގައި ޖެހިފައި ފިލާގަނޑާއެކު ކޮޓަރިން ބޭރަށް އަނެއް ފަރާތަށް ވެއްޓުނެވެ. “ތިޔޮތީ ޗި ކަން އަންގާލާފަ” ރާހިލް އެހެންބުނުމަށްފަހު ގިފިއްޔާ ދިމާއަށް ދިޔައެވެ. ފިލާގަނޑުމަތީ ވެއްޓިފައި އޮތް ޝެހެނާގެ ހަމަހޭވެރިކަން އޮތް ހެންނެއް ހިޔެއްނުވެއެވެ. އޭރު އޭނާގެ ނިތްކުރިމައްޗާ އަނގަމަތި ފަޅާގެންގޮސްފައި އޮތްއިރު ފިލާގަނޑުމަތިން ލޭކޯރު ދެމެމުންދެއެވެ.

…………………………………………………………………………………………………………………………………………………………..

އަލީނާއަށާ ރެޔާންއަށް ގޭތެރެއަށް ވަދެވުމާއެކު ފެނުނު މަންޒަރުން ރޮމުން އައިސް މަންމައަށް ގޮވަންފެށިއެވެ. އަލީނާ އޭނަގެ މަންމައަށް ގޮވާގޮވާވެސް މަންމަގެ ހަބަރެއް ނުވުމުން ހަނދާނެގޮތް ހުސްވިއެވެ. އަދި ދުވަމުން ދުވަމުން ބޭރަށް ނިކުމެ މީހެއްގެ ހިލަމެއްވޭތޯ ބަލާލިއެވެ. އެގެއަކީ މީހުން ނޫޅޭ ހިސާބުގަނޑުގައި ހުންނަ ގެއެއްކަމުން އަލީނާ ދުވަމުން ދުވަމުން ޖެހިގެންހުރި ގޯޅިން ލަބާލާއިގެން އެންމެ ކައިރީ މީހުން އުޅޭ ގެއަކަށް މިސްރާބުޖެހިއެވެ. އޭނާއަށް އެގެއަށް ވަދެވުނުގޮތެއްވެސް ނޭނގުނެވެ. “ދައްތާ..ދައްތާ.. މަންމަ.. މަންމަ އަށް ކޮންމެސް ކަމެއްވެއްޖެ..” މަހުރީނާ ހަނޑޫ ފުނޑަން ހުއްޓާ އަލީނާ ދުވަމުން އައިސް މާނޭވާލަމުން މަހުރީނާގެ ހެދުމުގެ ފަސްބައިގާ ހިފާ ދަމަމުން ބުނެލިގޮތުން ފާޑަކަށް ޖެހިލުންވެފައި، ޝެހެނާއަށް ވީ ކީތޯ ބަލާލަން އަވަހަށް ދިޔައެވެ.  އެކުޑަ އަންހެންކުއްޖާ ދުވެފައި ރޮމުން އަންނާނީ ވަރަށް ބޮޑުކަމެއްވީމާކަން އޭނާ ދެނެގަތެވެ.

މަހުރީނާ އައި އިރު ޝެހެނާއޮތީ ހޭނެތިފައިކަމުން އަވަސްއަވަހަށް ފެންފޮދެއްގެނެސް ޝެހެނާގެ މޫނުގައި ހާކަމުން ދަނިކޮށް ނަސީބަކުން ޝެހެނާ ހޭއަރާފިއެވެ. ހޭއެރުމާއެކު ޝެހެނާ ތެދުވަންއުޅުނުއިރު އުނަގަނޑަށް ތަދުވެފައި ހުރުމުގެ ސަބަބުން ހަށިގަޑު ހިއްލާވެސް ނުލެވުނެވެ. އޭނައިގެ މައިބަދައިގައި އެއްވެސް ވަރެއްނެތްހެން ހީވިއެވެ. އަދި ރޮމުން ކުކުރަމުން މަހުރީނާ ކައިރީ އެވާހަކަ ބުނެވުނުއިރު ޝެހެނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މަހުރީނާއަކީ ބޭސްވެރިކަމުގެ ރޮނގުން ކޮންމެސްވަރެއްގެ ތަޖްރިބާލިބިފައިހުރި މީހެއްކަމުން، ޝެހެނާގެ އުނަގަނޑުއެވަނީ ބިންދިފައިކަން ދެނެގަތެވެ. އަދި އޭނާ ޝެހެނާ ބަންޑުން ބޭއްވުމަށްފަހު ކޮށްލިކަމުން ކަށިތައް ހަމަޖެހި، ފާޑެއްގެ އަޑެއްގޮވުމާއެކު ޝެހެނާއަށް ހަޅޭލަވާގަނެވުނުއިރު ހީވަނީ މާބަނޑުމީހަކު ވިހަންވެގެން ހަޅޭއްލަވާގެންހެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝެހެނާގެ އުނަގަނޑަށް ފަސޭހަވެގެންދިޔަގޮތުން އަރާމުވިއެވެ.. އަދި މަހުރީނާގެ އެހީގައި ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ. މިހުރިހާ މަންޒަރެއް ބަލަން އަލީނާ އާއި ރެޔާން އެތާ ކައިރީގައި ރޯލަރޯލަ ތިއްބެވެ. މަހުރީނާ ގެއަށްގޮސް ބޭސްގަނޑެއް ހަދައިގެން ޝެހެނާގެ އުނގަނޑުގަ އާއި ބޮލުގަ އަޅާދުމުންވީކީއްތޯ އަހާލުމާއެކު ޝެހެނާއަށް ރޮމުން ގިސްލެވެމުން ދިޔައެވެ. އަދި އޭނާ ވަރަށް އަސަރާއެކު އެރަށުގައި އޭނާ އުޅެމުން އަންނަ ދަތިހާލު ކިޔައިދީ ނިމުނުއިރު މަހްރީނާ އިނީ ކޮސްވެފައެވެ. އޭރު އޭނާއަށްވެސް ހުރި ރޮވިފައެވެ. އެރަށުގައި އެންމެންނާ ވަކިން އެފަކީރު އެހާ ދުވަސްވަންދެން ކެތްކޮށްލީ ކިހިނެތްބާއެވެ. ރަށުތެރޭ ޝެހެނާ އަކީ ގޯސްމީހެއްކަމަށް އަޑުފެތުރިފަވާއިރު އެގޭގެ ހަތަރުފަރާތު ފާރުގެ އެތެރޭގައި ހިނގަމުންދާ ކަންތައްތައް އެ ރަށުމީހުންނަށް އެއޮތީ ނޭނގިފައެވެ. މިއީ މިހާރުގެ މުޖުތަމައުގައި އާއްމު ކަމެކެވެ. ގެވެށި އަނިޔާތައް ގިނަވަމުންދާއިރު ގިނަފަހަރަށް އެކަން އިނގޭބަޔަކު ވަރަށް މަދުވާނެއެވެ. ބަޔަކަށް އިނގުނަސް އޮންނާނީ ސިއްރުކޮށްފައެވެ. ނޫނީ ކަމެއްގެ ހަގީގަތްބަލާނުލާ ނުބައިގޮތަކަށް އަޑުފެތުރިގެންދާއިރު ދެންހުރިމީހާއަށް އެއިވުނު އަޑުތަކަކީ ކިހާތެދުމައުލޫމާތެއްކަން ބަލާނުލާ އަނެއްމީހާއަށް އެމައުލޫމާތު ދޭއިރު ހީވާނީ ހަމަ އަމިއްލަ އަށް ލޮލުން ފެނި އަތުން ހިފައިގެން ވާހަކަ ދައްކާހެންނެވެ. މިއީ މި މުޖުތަމަޢުގައި ހިނގަމުންދާ ވަރަށް ދެރަކަމެކެވެ.

“އެކޮއި.. މަށަށް ފެންނަނީ ތިޔަ ސޮރު ކައިރިން ވަރިވާން..” މަހްރީނާ އޭނާގެ ހިޔާލުހުރިގޮތް ހުށަހެޅިއެވެ. ޝެހެނާވެސް އެކަމާ ވިސްނައެވެ. ނަމަވެސް އޭނާ މަންމަމެން އޭނާއާ ދިމާއަށް ކިޔާފާނެ އެއްޗަކާ ދޭތެރޭ ވިސްނާލާފައި މިހާރު އެ ހުންނަނީ ވަރިނުވާންވެގެންނެވެ.

ގޯތިތެރެއަށް ވަދެގެން އައި ކަމަނަމެން ފެނިފައި އަލީނާގެ މޫނު އުޖާލާވެގެންދިޔައެވެ. އަދި ދުވަމުން އައިސް އޭނާ މާމަ ގައިގާ ބައްދާލިއެވެ. އެހާދުވަސްކޮށްލާފައި ކަމަނައަށްވެސް އަލީނާފެނުމުން އުފަލުން އުރާލިއެވެ. އެވަގުތު ކަމަނަގެ ފަހަތުން އައި މެހެނާގެ އަތުގައި އިން ހައިކަލް ފެނުމުން އަލީނާ ބިންމައްޗަށް ފޭބުމަށްފަހު ހައިކަލް އާ ދިމާއަށް ބަލަންފެށިއެވެ.

“ކުޑަދައްތާ.. ކުޑަދައްތައަށް ކޮއްކޮ އެއް ލިބުނީތަ؟؟” އަލީނާ ލޯބިކޮށް ބުނެލިގޮތުން މެހެނާއާއި ކަމަނަ ކައިރިއަށް ހިނިއައެވެ. “އާން..އެއީ ކުޑަދައިތަގެ ކޮއްކޮ. އަލީނާ ކުރި ސުވާލުގެ ޖަވާބު ދިނީ މެހެނާގެ ފަހަތުން އައި ފިރާޤުއެވެ. އޭނަވެސް ހުރީ ހިނިއައިސްފައެވެ. އޭރު ހަސަނުވެސް ގެއަށް ވަދެގެން އަންނަތަން ފެނުނެވެ.  ކަމަނަ އަލީނާ ކައިރީ މަންމަ ކޮބާތޯ އެހުމުން އަލީނާ ކަމަނަގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ދިޔައެވެ. މިއަދު މާމަމެން އައީމަ އަލީނާ އެހުރީ ވަރަށް އުފާވެފައެވެ.

ރެޔާން އަށާއި ރިފުޝަންއަށް ކާންދޭންއިން ޝެހެނާއަށް އަލީނާއާއެކު ވަދެގެން އައި ކަމަނަމެން ފެނުނީމާ އަވަސްއަވަހަށް ކާގެ ތެރެއިން ނިކުމެ ސިޓިންރޫމު ގޮނޑިތައް ހުސްކޮށްލިއެވެ. އަދި ދަތްކޮޅު އަތަށް ލައިގެން ކަމަނަމެންގެ ހާލުއަހުވާލު އަހައި އޮޅުންފިލުވާލިއިރު ޝެހެނާގެ މޫނުމަތީން ހިތާމަކުރާކަމުގެ އެއްވެސް ނިޝާނެއްވެސް ނުފެނުނެވެ. ކަމަނަމެން ތިބީ ޝެހެނާއޭ ކިޔައިގެން އިވިފައިހުރި އަޑުތަކުން ޝެހެނާދެކެ ހިތްހަމަނުޖެހިފަކަމަށްވީނަމަވެސް އެކަން މޫނުމަތިން ނުދައްކާތިބީ އަލީނާ ގެންދެވޭނީ ޝެހެނާގެ ރުހުން ލިބިގެންކަމަށްވާތީއެވެ.

ދޯނީގެ ރިޔާ ނެގުމާއެކުހެން ކަނބުޖަހަމުން އިނގުރައިދޫ ފަޅުން ދޯނި ނެރެފިއެވެ. ދޯނީގެ ހީވާގި ހަތަރު ފިރިހެނުން ފަލިޖަހަމުން ޖަހަމުން ދެއެވެ. އަލީނާ އޭނަގެ މާމަގެ އުނގުތެރޭގައި އިންއިރު ފަލިޖަހަމުންދާ މީހުންގެ ހުނަރުވެރި ހަރަކާތްތަކަށް ބަލަންއިންއިރު އޭނަގެ ވިސްނުންގޮސް ގުޅިފައިވަނީ އިނގުރައިދޫގައި މަންމަ އެކަނި އުޅޭނޭ ހާލަކާމެދުގައެވެ. މާމަމެން އޭނާ ކިޔަވަން ރަސްމާދޫއަށް ގެންދަން އުޅޭވާހަކަ އަޑުއިވުނުއިރު އޭނައަށް އުފާވިއިރު ދެވަނަ ސިކުންތުގައި، މަންމަ ދޫކޮށް ދާންޖެހުމުން ދެރަވިއެވެ. އެކަމަކު މިހާރު އޭނާ ބޭނުންވަނީ ކުޑަދައްތަ ބުނިހެން ކިޔަވައިގެން މޮޅުވާށެވެ. އޭރުން އޭނާއަށް މަންމަ އެ ޖަންގަލިން ސަލާމަތްކުރާނެ މޮޅެތި ގޮތްތަށް ދަސްވާނެއެވެ. ރާހިލްގެ ކިބައިން ބަދަލުހިފޭނެއެވެ. ރާހިލްއަކީ އޭނަގެ ދޮންބައްޕައެއްކަމަކަށް އަލީނާ ގަބޫލެއް ނުކުރެއެވެ. ވާނީވެސް އެހެންތާއެވެ. އެކުޑަކުޑަހިތުގައި ރާހިލްއާ ދޭތެރޭ ނަފްރަތުގެ ހުޅުގަނޑު ރޯވެފައިވަނީ ވަރަށްވެސް ފުނަށެވެ.

(ނުނިމޭ)

7

3 Comments

 1. sul

  February 22, 2014 at 11:55 pm

  Myge anebai v avaha update kohbala plssss

 2. kada

  March 1, 2015 at 10:07 am

  sahaadheh nuwaa kanthah kuran noolhibala!

 3. zaee

  September 15, 2016 at 12:33 am

  Neyngeni dho vaahakaliyan

Comments are closed.