ލާމިހް މެން އުޅޭ ބަޔަށް ލިފްޓް މަޑުކޮއްލުމާއެކު ތިން މީހުން ނުކުތެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލާމިހް އީރަމް އާއި ހަނާއަށް ބަލާލިއެވެ. “އެތެރެއަތް ވަންނަންވީނުން..” ލާމިހް އެހެން ބުނުމާއެކު ހަނާ ބަލާލީ އީރަމްއަށެވެ. “އެހެން ފަހަރަކުން ދޯ..” އީރަމް ހިނިތުންވެލަމުން އެހެން ބުނުމާއެކު ހަނާ ވެސް އެއްބަސްވެލިއެވެ. “އޯކޭ..މިތާ މަޑުކޮއްލައްޗޭ..އެބަ އަންނަން..ވަރަށް އަވަސްވާނެ..” ލާމިހް ދޮރު ހުޅުވާލި އަޑަށް ސޯފާގައި އިން ލޫނާ ބޯ އަރިކޮއްލާ ބޭރު ބަލާލިއެވެ. ދެ އަންހެން ކުދިން ތިބި އިރު ދެކުދިންވެސް ތިބީ ވާހަކައެއްގައެވެ. “ކީއްވެ ބޭރުގަ އެތިބީ..ލާމީގެ ފްރެންޑްސް އެއް ނޫންތަ އެެއީ..” ލޫނާ އަހާލިއެވެ. އަންހެން ދެކުދިން ތިބުމާއެކު ލޫނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އެގެއަށް ހުސެން ގެ އިތުރުން އެހެން އެއްވެސް އެކުވެރިއެއް ލާމިހް ނުގެނެއެވެ. އަނެއްކޮޅުން އަންހެންކުދިން ގާތް އެކުވެރިން ގޮތުގައި ލާމިހްގެ ހުންނަކަން ލޫނާއަށް ފުރަތަމަ ގަބޫލެއްވެސް ނުކުރެވުނެވެ. “ދާންވެގެން އެ އުޅެނީ..އެހެން ރެއަކުން ދޮންތައަށް އިންޓްރޯ ކޮއްދޭނަން..” ލާމިހް އެހެން ބުނެ ހިނގައިގަތީ ކޮޓަރިއަށެެވެ. އެނދުމަތީ އޮތް ސައިކަލު ތަޅުދަނޑި އާއި ވޮލެޓް ނަގަމުން ހިނގައިގަތީ އަވަހަށް ނުކުންނާށެވެ. “ޓެރަސްގަ ތި ކުރާ ކަންތައް ނިމުނީތަ..” ލޫނާ ނުކުތް ލާމިހްއަށް ބަލާލިއެވެ. “ހުސެން އާއި ހައި އެބަތިބި..ހައި މެރީ ކުރަން އާނއެކޭ ބުނީ..” ލާމިހް ލޫނާ އަށް ކަންތައްވީ ގޮތް ކިޔައިދިނެވެ. “އަސްލުތަ..އަލްހަމްދުލިއްލާލި..ހުސެން ކައިރީ ބުނޭ ޕާޓީ ކުރިން ދޮންތަ އަށް ވަކިން ހާއްސަ ކެއުމެއް ދޭން ވާނެއޭ..ހުސެން ކަހަލަ ކުދިން މިހާރު މަދުވާނެ..ރައްޓެހިވެގެން އުޅުމުގެ ބޭނުމަކީ ކޮބާ..ހުސެން އެ ނިންމީ އެންމެ ރަނގަޅު ގޮތް..” ލޫނާ ހުސެން ގެ ނިންމުމަށް ތާއިދު ކުރިއެވެ. “ހެހެހެ..ދެން ދޮންތަ ތިވަރަށް ހުސެން އަށް ތައުރީފު ނުކުރިޔަސް ކާންދޭނެއޭ..” ލާމިހް ހެމުން ބުނެެލިއެވެ. “އެކަމަކު ދޮންތަ ތިބުނީ ހަމަ ރަނގަޅު ވާހަކައެއް..” ލާމިހް ދޮރު ހުޅުވާލަމުން ބުނެލިއެވެ. “ހިނގާދާން..ހުސެން މެން މިއިން އިރަކު ހިޔެއް ނުވޭ ދެން އެ ޓެރަސް އިން ފައިބާނެހެންނެއް..އެ ދެމީހުންނާ ދެން ވާހަކަދެއްކޭ ވަރު ވާނީ މާދަންކަންނޭނގެ..” ލާމިހް އެހެން ބުނެ ތިރިއަށްދާން ލިފްޓްއަށް އެރުމުން ހަނާއާއި އީރަމްވެސް ލާމިހްގެ ވާހަކައަށް އެއްބަސްވިއެވެ.
ބްރިޖު އަޅާ ސަރަހައްދު ފެންނާނެހެން ހަދާފައިވާ ސިޑިބަރިި މަތީ އިށީނދެލި ތިން މީހުން އަތުގައި ވެސް ޖޫގޯއެއް އޮތެވެ. އެތަނުގައި ގިނައި ލޯބިވެރިންނޭ ބުނެފި ނަމަ އެއި ދޮގަކަށް ނުވާނެއެވެ. “މީހުން ބުނާނެ ދޯ ލާމީ ހާދަ ކާމިޔާބޭ..ދެ އަންހެން ކުދިން ގޮވައިން އިނީމަ..” ހަނާ ލާމިހްގެ ކައިރީ އިނދެ ބުނެލި އެއްޗަކުން ޖެހިގެން އިން އީރަމް ހޭން ފަށައިފިއެވެ. “އާން..ދެން މީހުންނަށް އެހެން ހީވުން އެއީ ވެސް ހާދަ ބޮޑު ވަރެކޭ..” އަތުގައި އޮތް ޖޫގާ އަށް ބަލާލަމުން ލާމިހް ބުނެލިއެވެ. “ދެން ލާމީ ވެސް ޕްރޮޕޯސް ކުރަންވީނު..” ހަނާ އެހެން ބުނުމާއެކު އީރަމް ކުރިއަށް ޖެހިލާ ލާމިހްގެ މޫނަށް ބަލާލިއެވެ. ހަނާ އެބުނީ ލާމިހް ކާކަށް ޕްރޮޕޯސް ކުރާވާހަކަހެއްޔެވެ. އެކަމަކު ލާމިހް ލޯބިވާ ނުވަތަ ގަޔާވާ ކުއްޖެއް ނުހުންނަ ވާހަކަ ބުނި ހަނދާންް އީރަމްވިއެވެ. “ކާކަށް..” އިހްތިޔާރަކާ ނުލާ އީރަމް އަށް އަވަހަށް އެހެން އަހާލެވުމުން ލަދުވެސް ގަނެއްޖެއެވެ. ހަނާ ވެސް އީރަމް ގެ މޫނަށް ބަލާލަމުން ދެން ބަލާލީ ލާމިހްއަށެވެ. އޭރު ލާމިހްގެ ނަޒަރު ސީދާވެފައިހުރީ އީރަމްގެ މޫނަށެވެ. “އެ ތެދެއް…ކާކަށްތަ..” ލާމިހް ވެސް އެ ސުވާލު ހަނާއާއި ކޮއްލިއެވެ. “ނޭނގޭ..ހަމަ ލާމީ އަށް އިނގޭނީ..” ހަނާ ނޭނގޭ ކަމަށް ހަދާލިއެވެ. ލާމިހް ނުބުނި ކަމުގައި ވީނަމަވެސް އީރަމް އާއި މެދު ގާތް ގޮތެއް ފެށުނީއްސުރެވެސް ބަހައްޓާކަން ހަނާ އަށް އިނގެއެވެ. އީރަމް އަށް ނޭނިނަމަވެސް އެހިތުން ލާމިހް އަށް ޖާގައެއް ވާކަން ހަނާ އަށް އިނގެއެވެ. ކައިރީ ދެގޮތެއް ނުވެ ހާލު ބަލާ އަޅާލާ އަހްލާގު ރަނގަޅު ޒުވާނެއް ހުރެއްޖެނަމަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ވެސް އެ ޒުވާނަކަށް ދެވޭނެކަން ޔަގީނެވެ. އީރަމް ލާމިހް އަށް ބަލާލީ ލޯ ހަނިކޮއްލަމުންނެވެ. ލާމިހް ކަމެއް ސިއްރު ކުރަނީބާއެވެ. ވާހަކަދައްކަން ތިބުމަށް ފަހު ގެއަށް ދާން ތެދުވި އިރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް އުފާވެރިކަންފެނެއެވެ.
ގޭތެރެއަށް ވަދެގެން އައި އީރަމްގެ ލޮލުގައި ސޯފާއަތް ދެފައިނަގައިގެން އިން ޖަނާ އަޅައިގަތެވެ. ލައިގެން އިން ސޯޓު ކުރުކަމުން ފައިގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. ގަޔަށް ދޫ ޓީޝާޓްއެއް ލައިން އިން އިރު އިސްތަށިގަނޑު ވަނީ ކުޑަކޮށް ހޭވިފައެވެ. ބައްޕަ އަށް ފެންނަ ހިސާބުގައި ކުރު އެއްޗެހި ލައިން އުޅެން ޖަނާ އަށް ކެރޭހެއްޔެވެ. ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒު މަތީ ކަރުދާސްތަކެއްގެ އިތުރުން ގަލަމެއްވެސް އޮތެވެ. “ކިހިނެއްވެފަ ތި އިނީ..މީ ކޮންހާ އެއްޗިއްސެއް..” އީރަމް އައިސް ޖަނާ ގާތުގައި އިށީންނަމުން އަހާލިއެވެ. “މީ މަންމަގެ ކަންތަކެއްނު..ޖޮބަކަށް ދާށޯ ގޭގަ ނީނދެ…އެހެން ނޫނީ ކިޔަވާށޯ..” ޖަނާގެ މޫނުމަތިން ހިތްހަމަ ނުޖެހިފައި އިންކަން އިނގެއެވެ. “މަންމަ އެ ބުނީ ރަނގަޅު ވާހަކައެއްނު..ޖާން އަށް އެއިޓީން ވީމަ އެދެން ލީގަލީ ބޮޑުވިއްޔޭ..ބޭރަށް ނުކުމެ އުޅުނީމައެއްނު ކަންތައްތައް ދަސްވާނީވެސް..އެހެން ނުނަސް މިހާރުވެސް ބޭރަށް ގޮސް ވަގުތުތަށް ތި ހުސްކޮއްލަނީ ރައްޓެހިންނާ އެކީ..” ޖަނާ އަށް ވިސްނޭނެހެން މަޑުމައިތިރިކަމާއެކު އީރަމް ބުނެލިއެވެ. “ދެން ޖޮބަކަށް އެޕްލައި ކުރަންތަ ތިއުޅެނީ..” ކުރިމަތީ ހުރި ކަަރުދާސްތަކަށް ބަލާލަމުން އީރަމް އަހާލިއެވެ. “ނޯޕް..ކިޔަވަން ދިޔަޔަސް ޖޮބަކަށް ނުދެވޭނެ..ކޮލެޖަށް އެޕްލައި ކުރަންވެގެން ނެގި ފޯމްސް ތީ..” ޖަނާ ގަލަން ނަގަމުން ބުނެލިއެވެ. “އީމް މި ފިލް ކޮއްްދޭންވީނު..” ގަަލަމުގައި ހިފަމުން އީރަމް ހުރިހާ ސަމާލިކަމެއް އަތުގައި އޮތް ފޯމަށް ދިނެވެ.
އޮފީހުން ނުކުމެގެން ލާމިހް އާއި ހުސެން އައިސް ވަނީ އޮފީސް ކައިރީ ހުރި ކެފޭއަށެވެ. އޯޑަަަަރު ދިނިމަށްފަހު ލާމިހް މިފާއިތުވެދިޔަ ދުވަސްތަކުގައި އެހިތަށް އުނދަގޫ ކުރަމުންދިޔަ ކަންތައް ހުސެން އާއި ހިއްސާ ކޮއްލިއެވެ. “އީމް ކައިރީ ދެން ބުނަންވީނުން ތި ވާހަކަ..ސިއްރު ކޮއްގެން ހުއްޓާ ދެން އީމް ގެއްލޭނީ ލާމީ އަށް..” ހުސެން ލަފާދިނެވެ. “އަވަހެއް ނޫންތަ އެކަަހަލަ ވާހަކައެއް ދައްކާކަށް..މި ވާހަކަ ދައްކައިން އީމް ހިތްހަމަނުޖެހިގެން ވާހަކަ ދެއްކުން ހުއްޓާލައިފިއްޔާ ވަރަށް ކަޑަވާނެ..” ލާމިހް ގެ މޫނުމަތިން މާޔޫސްކަންފާޅުވިއެވެ. “މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެއެއްނު އީމް ޑިވޯސްކުރިތާ ވެސްް.. އެހެން ނޫނަސް ބުނީމަ ދޯ އޭނަ ހިތުގަ އޮތް އެއްޗެއްވެސް އިނގޭނީ..” ދެމީހުން ދޭތެރޭގައި ވެސް ދެކެވެމުން ދިޔައީ ލާމިހް އީރަމްދެކެ ލޯބިވެ އެވާހަކަ ބުނާނެ ގޮތަކާ މެދުގައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ލާމިހްގެ ހިތުން އީރަމް އަށް ހާއްސަ ޖާގައެއް ދެވުންވީ އެކަމާ ހުސެން ހައިރާންވާޖެހޭ ވަރުގެ ކަމަކަށް ނޫނެވެ. ފުރަތަމަ ފެނިލުމާއެކު އީރަމް ލާމިހްގެ ހިތާއި ކުޅެލައިފިއެވެ. ކޮންމެ ގޮތެއްވިނަމަވެސް ލާމިހް ނިންމީ އީރަމްއަށް އެހިތުގައި ވާ އެއްޗެއް ކިޔައިދޭށެވެ.
އޮފީސް ނިމގެން ގެއަށް ވަތް އީރަމް ކޮޓަރިއަށް ވަދެ ތާޒާވެލައިން ނުކުތީ އެއްޗެހި ބަދަލުކޮއްލައިންނެވެ. ގަދަ ނޫ ކުލައިގެ ޖީންސް މަތިން އަތްދިގު ގަޔަށް ދޫ ޓީޝާޓެއް ލައިގެން ހުރި އިރު އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫ ކޮއްލާފައެވެ. އޮފީސް ނިމުނު ގަޑީ ލާމިހް ގުޅުމަށް ފަހު އެދުނީ ހަވީރު ގަޑީ ބައްދަލުކުރުމަށެވެ. ކީއްކުރަންތޯ އެހުމުން ހަމަ ދުއްވާލަން ކަމުގައި ބުނުމުން އީރަމް އެއްބަސްވީ ގެއަށް އައިސް ވެސް ކުރާނެ ވަކި ކަމެއް ނެތުމުންނެވެ. ކާގެއަށް ވަދެ ޖޫސްތައްޓެއް އަޅައިން އިންދާ ސަލްމާއަައިސް ވަނެވެ. ޖަނާ ފެންނަން ނެތުމުން އީރަމް އެވާހަކަ އަހާލަން އުޅެފައި ވެސް ފަސްެޖެހެވުނެވެ. ސަލްމާ ލައިގެން ހުރި މިޒަމާނުގައި އެންމެ ޅަ އުމުރުގެ ކުދިން ލާ އުޅޭކަހަލަ ބާރު ޖީންސްއާއި އަތް ދިގު ޓޮޕް އެ އުމުރުގެ މީހަކާއި ނުވެސް ގުޅެއެވެ. މޫނުގައި ފައުންޑޭޝަން އުގުޅާފައިވާ ގޮތުން ހަމުގެ ކުލައާއި ނުގުޅެއެވެ. ލޯ އަނދުނުން ފަވާލެވިފައިވާ އިރު ތުންފަތުގައި ގަދަ ރަތް ކުލަ ޖައްސާފައިވެއެވެ. ބޮލުގައި ކަޅު ކުލައިގެ ޝޯލެއް އޮޅާލެވިފައިވެއެވެ. ސަލްމާ ވަނުމާއެކު ދުވި ސެންޓްގެ ވަސް ގަދަކަމުން އީރަމް ނޭވާ ހިފަހައްޓާލިއެވެ. “ކޮންތާކަށް ދާންވެގެން ތިއުޅެނީ..” މޭޒުމަތީ އޮތް ކުޑަ ދަބަހަށް ބަލާލަމުން ސަލްމާ އަހާލިއެވެ. “ރައްޓެހި ކުއްޖަކާ އެކީ ބޭރަށް ގޮސްލަން..” ޖެހިލުންވެފައި އިނދެ އީރަމް ޖަވާބުދިނެވެ.” ކައިރީ ހުރި ގޮނޑި ދަމާލަމުން ސަލްމާ އިށީނުމާއެކު އިން ތަނުން ތެދުވެގެން ދާންވެސް އީރަމްގެ ހިތަށް އެރިއެވެ. އީރަމް ގެ މޫނަށް ބަލަން އިނުމަށް ފަހު ސަލްމާ ކަރުކެހިލިއެވެ. “ބުނަން އީރަމް.. ކަލޭގެ ބައްޕައާއި އިނީ މާލޭ މީހެއް ވީމަ މަށައް ވަރަށް ފަސޭހަ ވާނެކަމަށް ހީކޮށް.. ޒާހިރުު ދެކެ ލޯބިވެސް ވޭ.. އެކަމަކު މި ގެ ގަނޑު ހަދާލެވޭހާ ފެންވަރެއްވެސް ނެތް.. މީގެ ފަހުން އީރަމް ޖެހޭނެ މި ގޭގައި ހުންނަންޏާ ކޮންމެވެސް ވަރަކަށް ހަރަދު ކުރަން..މުސާރައިން ވަކިވަރެއް ދޭން ޖެހޭނެ..” ސަލްމާ އަޑު އެއްވަރެއްގައި ހިފެހެއްޓޭތޯ ބެލިއެވެ. ކަމެއް ނުވަތަ އެއްޗެއް ބޭނުންވެއްޖެނަމަ އެއީ ސަލްމާގެ އާދައެވެ. އީރަމް އާއި ވާހަކަދައްކާނީވެސް މަޑުމައިތިރިކޮށެވެ. ސަލްމާ އެހެން ބުނުމާއެކު އީރަމްގެ ހިތަށް އެކި އެއްޗެހި އެއްފަަހަރާ އަރައިންގެން ދިޔައެވެ. ބައްޕަ އޭނާ ކައިރީ ގެއަށް ރުފިޔާ ދޭން ޖެހޭ ވާހަކަ ނުބުނާއިރު ސަލްމާ އެހެން ބުނި ސަބަބަކީ ކޮބާހެއްޔެވެ. ހަގީގަތަކީ މިހާރު އާއިލާ މީހެން ކައިރީ އުޅުމެކޭ ދުރު ބައެއް ކައިރީ އުޅުުމާ މާ ބޮޑު ތަފާތެއް ނެތް ކަމެވެ. ސަލްމާ އެހެން ބުނުމުން އީރަމް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުންޏެވެ. ސަލްމާ ދިއުމާއެކު ލާމިހްގެ މެސެޖެއް ފޯނެއް އައެވެ. ތަށި ދޮވެލަމުން އީރަމް ހިނގައިގަތީ ނުކުންނާށެވެ.
މާލޭގެ މަގުތަކުގައި ދުއްވަމުން ދިޔައިރު ލާމިހް އަށް ވިސްނެމުންދިޔައީ ފަހަތުގައި އިން އީރަމް ކައިރީ އެ ހިތުގައި ވާ އެއްޗެއް ބުނާނެގޮތަކާމެދުގައެވެ. މިހާރު އެ ދެމެދުގައިވާ ގާތް ގުޅުމަށް ލާމިހްގެ ސަބަބުން ބަދަލެއް އަންނަން ބޭނުމެއްނޫނެވެ. “ލާމީ..އޭތް..” އީރަމް ދެއްކި ވާހަކައަށް ލާމިހްގެ ފަރާތުން ޖަވާބެއް ނުލިބުމުން އީރަމް ގޮވާލިއެވެ. “ކީކޭ..” ލާމިހް އަހާލިއެވެ. “ކިހިނެއްވެފަތަ ތި އިންނަނީ..ސައިކަލަށް އެރީއްސުރެ ވާހަަކަނުދައްކާ..އާ ޔޫ އޯކޭ..” އީރަމް ގެ ސުވާލަށް ލާމިހް އާނއެކޭ ބުނެލިއެވެ. “ތާކު މަޑުކޮއްލަން ވީ ދޯ..” ލާމިހް އެހެން ބުނެ މިސްރާބު ޖެހީ އާރޓިފިޝަލް ބީޗަށެވެ.
ހުސް ގޮނޑިއެއްގައި އިށީންނަމުން އީރަމް ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. އިރު އޮއްސެން މާގިނަ ވަގުތެއްނެތުމުން މޫދަށް އެރި ތިބި މީހުންވެސް އެއްގަމަށް އަރަން އަވަސްވެގަތެވެ. އެތަނުގައި ކުޑަކުދިން ގޮވައިން ތިބި ގިނަ މީހުން ވެސް ތަން ދޫކޮށް ހިނގައިގަތީ އަވަހަށް ގެއަށް ދެވޭތޯއެވެ. އީރަމްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އިން ލާމިހް ފުން ނޭވާއެއް ދޫކޮއްލީ ބުނަން އުޅޭ ވާހަކައިގެ ގޮތުން ކަންނޭނގެއެވެ. “އީމް..” ލާމިހް ގޮވާލުމާއެކު ހިނިތުން ވެލަމުން އީރަމް އެނބުރި ބަލާލީ ލާމިހްގެ މޫނަށެވެ. އެ މޫނުމަތިން ސީރިއަސްކަން ފެންނައިރު އެ ލޮލަށް ބަލާލުމުން އެކަނިވެސް އީރަމް ގެ ހިތަށް އެނގުންވެލައިން ދިޔައެވެ. ލާމިހް ގެ ފަރާތުން މި އަންނަ ބަދަލުތަކުން އީރަމް ބައެއް ފަހަރު ބިރުވެސް ގަނެއެވެ. ލާމިހް ގެ މޫނުން ނަޒަރު ވަކިކޮއްލީ ބަލަހައްޓައިން އިންނަން އުނދަގޫވުމުންނެވެ. “ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން އަސްލު އީމް މި ގެނައި..” ލާމިހް މޫދަށް ބަލާލަމުން ބުނެލިއެވެ. “އަވަހަށް ބުނޭ..” އީރަމް ހިނިތުންވެލިއިރު ލާމިހް ބުނަން އެއުޅެނީ ކީކޭ ކަމާ މެދު ކުޑަކޮށް ވެސް ވިސްނައެއްނުލެވުނެވެ. ” އައި..އައި ތިންކް..ނޯ..އައި ނޯ ތެޓް އައި ރިއަލީ ލައިކް ޔޫ..” ލާމިހް އެހެން ބުނިއިރުވެސް އަޑުގައި ވާ މަޑުމައިތިރިކަމާ އޯގާތެރިކަމުން އީރަމް ހިތުގެ ވިންދު އަވަސްވިއެވެ. ލޯބިވާ ވާހަކަ ބުނަންް ޖެހިލުންވުމުން ގަޔާވާވާހަކަ ލާމިހް ބުނީ މިވަގުތު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވުމުންނެވެ. ލާމިހްގެ މޫނަށް ބަލަހައްޓައިން އިން އީރަމް އަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. “މި ވާހަކަ ބުނެގެން ދެމީހުންގެ ފްރެންޑްޝިޕް އަށް ބަދަލެއް އަންނާކަށް ބޭނުމެއްނޫން..އެކަމަކު އީރަމް ކައިރީ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުގައިި ހުންނަން ބޭނުން..ޔޫ މޭކް މައީ ހާާރޓް ހެޕީ..އެކަމަކު އީމް ބޭނުންނުވަންޏާ މީ ހަމަ ނުދައްކާ ވާހަކައެއް..” ލާމިހް އަށް އެވާހަކަތަށް ދެއްކުނީ ވަރަށް ހިތްވަރު ކޮއްގެންނެވެ. “އަހަރެން..އަމް….ނޭނގެ ބުނަންވީ ކީކޭ ކަމެއް..” އަތުގައި އޮތް ފޯނާއި ކުޅެމުން އީރަމް އެހެން ބުނި އިރު ހާސްވެފައި އިންކަން ލާމިހް އަށް ނަގައިގަނެވުނެވެ. “ފަހުން އީމް ބޭނުންވާގޮތް ބުންޏަސް އެންމެ ރަނގަޅު..އީމް ބޭނުންވެގެން މި ވާހަކަ ދައްކާނެ އިރަކަށް އަހަރެން މަޑުކުރާނަން..” ލާމިހް ހިނިތުންވެލަމުން ބުންޏެވެ. ލާމިހް އަށް ބަލާލަމުން ހިނިތުންވެލި އީރަމް ބޯ ޖަހާލިއެވެ.
ގެއަށް ވަދެވުމާއެކު ކޮޓަރި އަށް ވަދެ އީރަމް ދޮރު ތަޅުލިއެވެ. ލާމިހް އެބުނި ވާހަކަ ހިތަށް އެރުމާއެކު ހަދާނެ ވަކި ގޮތެއް ނޭނގުނެވެ. އެނދުމަތީ އޮތް ފޯނު ނަގަމުން ނާއިލް އަށް ގުޅާލިއެވެ. ފޯނު ނިވާލާފައި ވާކަން އެނގުމާއެކު އީރަމް އެނދުގައި އިށީނެވެ. ނާއިލް ގެ ހަބަރެއް ނުވަނީ ކީއްވެ ހެއްޔެވެ. އެންމެ ފަަހަރަކުނަމަވެސް ގުޅާލާނަމައެވެ. ނާއިލްގެ ކައިރީ ވުމަށް އެހިތް އަދިވެސް ބޭނުންވަނީ ކީއްވެ ހެއްޔެވެ. ނާއިލް ގެ ފޯނަށް ނުގުޅޭނީ ނަމްބަރު ބަދަލުކުރީމައެއްނޫންހެއްޔެވެ. ނާއިލްގެ ހަނދާންތަކާއެކު ލާމިހްގެ ރީތި މޫނާއި ހިނިތުންވުމުން އީރަމްއަށް ސިފަވެގެންދިޔައެވެ. އިތުރު މީހަކަށް އެހިތް ދޭން ފަސްޖެހެވެެންވީ ސަބަބަކީ ކޮބާހެއްޔެވެ. ހިޔާލު ތަށް ގިނަވުމާއެކު އީރަމްގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.
11 Comments
Comments are closed.
Yeyy me first dhw..story nice
Yaayy ? hehe Thankyou Marsh ?
Eem gandaa.. Adhivx e naailu as medhu visnan jeheytha.. you got such a loving boy?i wish I have someone like laami ? vrh salhi mi baivx ??
Insha Allah u will get that someone. ❤️
Thanks Gorgeous ?
Thanks seym ?
Say yes eem
hehe ?
Hope you all will enjoy reading this part too.. ??
Nytsss ??
Oohh vvvv dhuvass fahunn mi vaahaka mikiyaa levunii hama jehigenn vvvv rythi ???
Thank you ♥️
its a beautiful story… but chapters are tooo short…