
އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 7 ވަނަ ބައި
” ނޫން… ދުވަހަކުވެސް ދުވަހަކުވެސް ނުބުނާނެ އެއްޗެއް…. ރުޅި ބަހެއް ނުބުނާނެ މަށާ ދިމާލަށް ދުވަހަކުވެސް…” ސޯފީއަށް ބަލާލަމުން މާނިޝް ބުނެލިއެވެ.
” ހައްދާލާފަ ދޯ ބަހައްޓަނީ…. ލޯބި ނުވަނީއެ.. ލޯބިވާނަމަ އަހާ ސުވާލުކުރާނެ.. ކާކު ބޭނުންވާނީ އެހެން އަންހެނުން ގާތަށް ދާން… ކިހިނެތް އޭނައަށް އެނގެނީ މާޓިން އެހެން މިހެއްގާތަށް ނުދާކަން……” ސޯފީގެ ވާހަކަތަކުން މާނިޝްގެ ނާރުތައް ފުއްޕާލިއެވެ.
” އޭނަ އަހަންނަށް އިތުބާރު ކުރާނެ.. އެއީ އަޅުވެރި ދީންވެރި އަންހެންކުއްޖެއް،،، ” މާނިޝް ރާޔާއަށް ތައުރީފްކުރަންފެށިއެވެ.
” އެހާ ދީންވެރި ކުއްޖެއް ވިއްޔާ މާނިޝް މިތާކު ނުހުރީސް… އޭނަ އާއި އެކު ނަމާދަށް އަރާ ހުރީހީ……..” އެޖުމުލައިން މާނިޝްއަށް ހަނދާނެއް އާވިއެވެ.
” ނަމާދަށް ގޮވައިފިއްޔާ ތީ މަގޭ އަތްބެއްނޫން…….” އެއީ މާނިޝް ރާޔާއަށް ބުނި އެއްޗެކެވެ.
” އޭނަ ދުވަހަކުވެސް ނަމާދުކުރާކަށް ނުބުނާނެ.. އަހަރެން އެހެން ބުނީމަ………” މާނިޝް މަޑުމަޑުން ބުނެލިއެވެ.
ސޯފީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާޔާ އާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ސޯފީއަކަށް ނޭނގުނެވެ.
ގަޑިން ބާރަ ޖަހައިފިއެވެ. ފެންވަރައިގެން ނުކުމެ ރީތިވެލައިގެން ރާޔާ އެނދުމަތީ އިށީނެވެ. މާނިޝްއަށް އެންމެ މީރުވަސްދުވާ ރޯޔަލް ޖަހައިގެންނެވެ. ގިނައިރު ވަމުންދާވަރަކަށް ސެންޓްގެ ވަސް ކެނޑެމުންދެއެވެ. މޫނުގައިވާ ތާޒާކަން ގެއްލެމުންދާތީ އިރުއިރުކޮޅުން މޫނުދޮވެ ފުއްޖަހާލައެވެ. ރާޔާއަށް ހީވަނީ ދެންމެ ދެންމެ މާނިޝް އަތުވެދާނެހެންނެވެ. މާނިޝްގެ އުފާތަކަށް ހިތް އެދި އެދި އިންނަތާ ތިންގަޑިއިރުވީއެވެ، މިޝްއަލް ހޭލައިފިއެވެ. ބުއްދިނުމަށްފަހު ނިންދަވާފައި ބޭއްވިތަނުން މީޝަމް ހޭލިއެވެ. ރާޔާވެސް ނިންޖަށް ބަލިވާންފެށިއެވެ. މީޝަމް ގޮވައިގެން އެނދުގައި ޖައްސާލަން އުޅެފައިވެސް ނިދި ދާނެތީ އޭނާ އިނީއެވެ. ފިރިމީހާގެ އިންތިޒާރުގައެވެ. މާންއަށް އެދޭތީއެވެ. ރެއިންގެ ހިތުގެ ތެޅުން މާންއަށް ނީވެނީ ކިއްވެ ހެއްޔެވެ؟ ރެއިން މާންއަށްޓަކައި އަބަދުވެސް ހުންނާނެކަން މާންއަށް ނޭނގެނީހެއްޔެވެ؟މާން އަންނާނެ ބާވައެވެ؟ ރެއިން ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދޭނެބާވައެވެ؟ ލޯބި ލިބުމަށް ހިތްއެދެމުންދާ ވަރަކުން ފިނިވަމުންދިޔަ ރެއިންގެ ހިތައް ތަދުވަމުންދެއެވެ.
*****************************
މާނިޝް އާއި އޭނާގެ ގްރޫޕްތިބީ މަސްތުވާއެއްޗެހީގެ އަވައިގައި ޖެހިފައެވެ. ކޮޓަރި ތެރޭގެ އެތަންމިތާ ބިއްޖެހިފައެވެ. މާނިޝް އަބަދުވެސް ބޭނުންކުރަނީ ވަރަށް ކުޑަމިންވަރަކަށެވެ. ހާޑުކޮށް ޖައްސައިފިނަމަ އޭނާ އެއަށް ހޭނި ރާޔާއަށް ފަޅާ އަރާފާނެތީއެވެ. މާނިޝްއަށް ލޯހުޅުވާލެވުނުއިރު އެއްވެސް މީހަކު ހޭވެރިކަމެއް ނެތެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލިއެވެ. އަވަސް އަވަހަށް ތައްޔާރުވެ ގަޑިބަލާލި އިރު ގަޑިން ފަތިހު ފަހެއް ޖަހަނީއެވެ. އޭނާ ހަނދާންވީ ރާޔާ މަތިންނެވެ. އިންތިޒާރުކުރުމަށް ބުނެވުނު ހަނދާންވިއެވެ. ނަމަވެސް މާލަސްވެއްޖެއެވެ.
ކޮޓަރި ދޮރު ހުޅުވާލުމާއި އެކު އެނދުމަތީ އިށީންދެއިން ރާޔާ ފެނުނެވެ. މާނިޝް ފެނުމާއި އެކު ރާޔާ ކޮޅަށް ތެދުވިއެވެ. އަދި ލަދުރަކި ގޮތަކަށް ހީލިއެވެ. މާނިޝް ހަޤީޤަތުގައިވެސް ދެރަވެއްޖެއެވެ. ރާޔާގެ މޫނުމަތިން އަދިވެސް ތާޒާކަމާއި އުފާވެރިކަން ފެންނަން ހުއްޓެވެ. އޭނާ ޝަކުވާނުކުރާނެކަން މާނިޝްއަށް ޔަޤީންވީ މޫނުމަތިން ފެންނަ އުފާވެރިކަމުންނެވެ. މާނިޝް ހުރީ ކޮޓަރި ދޮރުމަތީގައެވެ. ރާޔާ ހުރީ އެނދުކައިރީ ކޮޅަށެވެ. އޭނާ ލައިފައިވަނީ ކައިވެނީގެ ފުރަތަމަރޭ މާނިޝް ގަނެދިން ރަތްކުލައިގެ ނައިޓީއެވެ. މާނިޝް ހަނދާންވީ އެރޭގެ ލޯބިލޯބި ވަގުތުތަކެވެ
” ނުނިދަންތަ އަދިވެސް؟ ” މަޑުމަޑުން މާނިޝްއަހާލިއެވެ.
ރާޔާ ބޯޖަހާލަމުން އިސްޖަހާލިއެވެ.
” ކީއްވެ މިހާ ލަސްވީމަވެސް ނުނިދާ ތިހުރީ؟ ދެން ނިދާލި ނަމަ…. ” އެތެރެއަށް ވަންނަމުން މާނިޝް މަޑުމަޑުން ބުނެލިއެވެ. ދޮރުލެއްޕުމަށްފަހު އޭނާ ހުއްޓުނެވެ.
” އެއީ… އެއީ… މާން ބުނީމެއްނު މިރޭ އަންނާނަމޭ… އިންތިޒާރު ކުރައްޗޭ! އެހެންވެގެން… ” ރާޔާ ހިނިތުންވެލަމުން ބުނެލިއެވެ.
މާނިޝްގެ ހިތައް ތަދުވިއެވެ. އޭނާ އިސްޖަހާލިއެވެ. އަދި ލޯބިވެތި ނަޒަރަކުން ބަލާލަމުން އަތުތެރެއަށް އަންނާށޭ ބުނާކަހަލަ ގޮތަކަށް ދެއަތް އުފުލާލިއެވެ.
ހެވިފައި ރާޔާ ބާރު ފިޔަވަޅުތަކެއްގައި އައިސް މާނިޝްގެ ގައިގައި އޮޅުލައިގަތެވެ.
ރާޔާގެ ބުރަކަށީގައި މާނިޝް ފިރުމާލިއެވެ. ރާޔާގެ ހިއްސުތައް ދިރިގަތެވެ. ރާޔާ މާނިޝްގެ މޫނަށް ބަލާލިއެވެ.
” މިހާރު ހޭލަން އުޅޭނެ ހެން ހީވަނީ….. ” ލަސްލަހުން ރާޔާ ބުނެލިއެވެ.
” އަހަރެން ލަހުން އައީމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟ ” މާނިޝް ރާޔާގެ ދަތްދޮޅީގައި ހިފާލަމުން ކުޑަކޮށް ގުދުވެލަމުން ބުނެލިއެވެ. ރާޔާ ބޯޖަހާލިއެވެ.
” ހޫމް… ކީއްކުރަން އެއްޗެއް ބުނަންވީ؟ ކޮންމެ ރެއަކުވެސް އަންނަނީ ހަމަ ހެނދުނުއެއްނު….އެކަމަކު އެނގޭ މާން މެން މަސައްކަތްކުރަނީ ރޭގަނޑުކަން…ދުވާލު ގޭގަ އުޅެމެއްނު……..” މާނިޝްގެ ގަމީހުގެ ގޮށްތައް ނައްޓަމުން ރާޔާ ވަރަށް ލޯބިން ވާހަކަދެއްކިއެވެ. މާނިޝް މަޑުމަޑުން ރާޔާގެ މޫނުގައި ފިރުމާލިއެވެ. ރާޔާ ލަދުރަކި ކަމާއި އެކު މާނިޝްގެ ލޮލަށް ބަލަމުންދިޔައެވެ. މާނިޝް ބޭނުންވީ ލޯބިކޮއްލާށެވެ. ރާޔާ އިސްޖަހާލީ އެ ލޮލުން އެފަދަ އައްޔެއް ފެނުމުންނެވެ.
************************
އެއްދުވަހު ރަނގަޅަށް ހުރިއްޔާ އަނެއް ދެ ދުވަހު ލޮލަކަށް ނުފެންނާނެއެވެ. އެއްދުވަހު އަނގައިން ބުނިއްޔާ ގިނަވާނީ ވާހަކަ ނުދައްކާ ދުވަސްދުވަހެވެ. ރާޔާއަށް ލިބެނީ ހިތްދަތިކަމެވެ. މާނިޝްގެ އުޅުން ހުންނަ ގޮތަކުން ރާޔާއަށް މަޑުން ހުރެވޭގޮތެއް ނުވިއެވެ.
” މާން އަހަންނަށް ވަގުތު ނުދިނަސް މިތިބަ ދެކުދިންނަށް ވަގުތު ދޭން ޖެހޭނެއެއްނު.. މަސްދުވަހުގެ ތެރޭގައި އެއިން ކުއްޖެއްގެ ކޮލުގަވެސް ކޮއްޓާލާފަ ނުހުންނާނެ.. އަހަރެން ކައިރީ އެންމެ ސިކުންތެއްގަ މަޑުނުކުރިޔަސް މިކުދިންގެ ހައްޤުގައިވެސް އެކުދިންނަށް ފުރިހަމައަށް ބައްޕައެއްގެ ލޯބިދީ… އަހަރެން އާދޭސް ކުރަން… ” ރާޔާގެ ރުއިމުގެ އަޑަށް ކުޑަކުޑަ މިޝްއަލް ކޮޓަރިން ނުކުމެ މަޑުމަޑުން ސިޓިންގ ރޫމަށް ނުކުތެވެ. އެމަންޒަރު ފެނުނީ މާނިޝްއަށެވެ. އޭނާގެ މޫނުމަތިން ހައިރާންވުމުގެ ކުލަވަރު ފެނުމުން ރާޔާ ފަސްއެނބުރި ބަލާލިއެވެ.
” މިޝްއަލްއަށް ހިނގޭތަ މިހާރު؟ “
” މާންއަކަށް ނޭނގޭނެ އަހަރެމެންގެ އެއްވެސް ކަމެއް! އެކުދިން ފިރުކޭ ކަމެއް އަދި ހިނގޭ ކަމެއް ދުވެވޭ ކަމެއް… އެއްވެސް ކަމެއް ނޭނގޭނެ.” މިޝްއަލްއަށް ބަލަމުން ރާޔާ ބުނެލިއެވެ. މާނިޝް އަތްދިއްކޮއްލުމުން މަޑުމަޑުން މިޝްއަލް އަންނަންފެށިއެވެ. ނަމަވެސް އެކުޑަކުޑަ ކުއްޖާފުޅު މާނިޝްގެ މޫނަށް ބަލަމުން ދިޔައީ ނުދަންނަފަދަ ގޮތަކަށެވެ. ރާޔާގެ ކައިރިއަށް އައިސް މިޝްއަލް ހުއްޓުނެވެ. މާނިޝްއަށް ބަލާލެވުނީ ރާޔާއަށެވެ.
” ބައްޕަ…” އަތްދިއްކޮއްލަމުން މިޝްއަލް ބުނެލުމުން ރާޔާ މިޝްއަލް އުރާލިއެވެ.
” އާނ ދޫނި.. އެއީ ދަރިފުޅުގެ ބައްޕަ……. އަވަހަށް ދޭ ބައްޕަ ކައިރިއަށް!” މިޝްއަލް އިނީ ބަލާށެވެ. މާނިޝް ރާޔާގެ އަތުގައި އިން މިޝްއަލް އުރާލިއެވެ. އަދި ދެކޮލަށް ދޮންދޭންފެށިއެވެ. މިޝްއަލް ހުރީ ވަރަށް އުފާވެފައެވެ. ސަކަރާތްޖަހާ ހިތްވެފައެވެ. ބައްޕައާއި އެކު މުޅިދުވަސް ހޭދަކޮއްލާހިތްވެފައެވެ. ނަމަވެސް އެދަރިފުޅުގެ ހިތް ހަލާކު ކޮއްލީ މާނިޝްއަށް އައި ފޯންކޯލަކުންނެވެ. ފޯން ބަލާލުމަށްފަހު މިޝްއަލް ގޮނޑިއެއްގައި ބައިންދާފައި މާނިޝް އަވަސް އަވަހަށް ނުކުތެވެ. މިޝްއަލްގެ މައުސޫމު ލޯބިލޯބި މޫނުމަތިން ދެރަވެފައި ހުރިކަން ފާހަގަކުރެވި ރާޔާ ފެންކަޅިވިއެވެ. އޭނާ މިޝްއަލްގެ ގައިގައި ބައްދާލިއެވެ.
މާޒީވެދާ ކޮންމެ ދުވަހަކީ ރާޔާއަށް ބަނަ ދުވަހެކެވެ. ރާޔާގެ ހިތް ވިރެމުންދެއެވެ. އޭނާބޭނުންވި އުފާވެރި ދިރިއުޅުން އޭނާއަށް ނުލިބުނީތީ ހިތާމަކުރެއެވެ. އެހެނަސް އަދިވެސް މާނިޝްދެކެ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. މާނިޝްދެކެ ރުޅިއެއް ނާދެވެއެވެ.
ދެކުދިން ނިންދަވާފައި ރާޔާ ޖައްސާލިއެވެ. ނިދިނިދި އޮއްވާ މާނިޝްގެ ބީހުމުގެ އަސަރު ހަށިގަނޑަށް ވެރިވާންފެށިއެވެ. ލޯހުޅުވާލި އިރު ދާދި ގާތުގައި މާނިޝް އޮތެވެ. ރާޔާ ތަންކޮޅެއް ރަނގަޅަށް ބަލާލިއެވެ. މާނިޝް އޮތީ ރާޔާ އާއި ދާދި ގާތުގައެވެ.
” މާން…. ކިހިނެތްވީ؟ ” ރާޔާ އާދައިގެ ގޮތަކަށް އަހާލިއެވެ.
މާނިޝްޖަވާބެއް ނުދީ އޮތެވެ. ރާޔާއަށް ލޯމަރާލެވުނެވެ. އުފަލުން ހިތް ފުރުނު ކަހަލައެވެ. ރާޔާ މާނިޝް އާއި ދިމާއަށް އެނބުރުނެވެ. އަދި މާނިޝްގެ ކަނދުރާ ދަށުގައި މޫނު ޖައްސާލިއެވެ. ގެއަށް ނުވަދެ ކިތަންމެ ދުވަހަކު އުޅެފަ ގެއަށް އަޔަސް ރާޔާ އަބަދުވެސް މާނިޝްއަށް މަރުހަބާ ކިޔައެވެ. އެއީ ފިރިމީހާ ހިތްއެދޭ ގޮތެއްކަން ރާޔާއަށް އެނގެއެވެ. ރާޔާގެ ބޭނުންތައް މާނިޝްއަށް އިހުސާސް ނުވިޔަސް ރާޔާ އަކީ ފިރިމީހާގެ އިހްސާސްތައް ދަންނަ އަތްބެކެވެ.
*********************************
ރާޔާ އުޅެނީ އެއްޗެހި ދޮންނާށެވެ. ދެ ކުދިން ސިޓިންގ ރޫމްގައި ކުޅެން ތިއްބެވެ. މާނިޝްގެ ޖީންސް ތަކުގެ ޖީބުތަކުން އެއްޗެހި ނަގާ ޖީބުތައް ހުސްކުރަމުން ރާޔާ ދެކުދިންނަށް ބަލަމުންދެއެވެ. އެކުދިންނާއި ސަމާސާ ކުރަމުންނެވެ. ޖީބަކުން ނެގުނު އެއްޗަކަށް އޭނާ ބަލަމުންދިޔައެވެ.
” މީ…. މަސްތުވާ އެއްޗެހިބާ؟ ” ރާޔާ ހިތާހިތާ ކިޔާލިއެވެ.
” ނޫން… މާންގެ ޖީބުން ކީއްވެ ؟ ނުވާނެ.. މި އެއަކަށް ނުވާނެ.. މާން ކިއްކުރަން ގެންގުޅެންވީ؟ ” ރާޔާ ކިޔަމުންދެއެވެ.
ރާޔާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
” ކީއްވެތަ މަށަށް މި ރޮވެނީ؟ މީ އެ އެއް ނޫނޭ… ނޫން…” ރާޔާއަށް ސޯފާމައްޗަށް ތިރިވެވުމުން ދެކުދިން އައިސް މަންމަ އޭ ކިޔަންފެށިއެވެ.
************************
” ކޮބާ މާޓިން އެއް ޕެކް މަދޭ…” އެޑަމް ތިން ހަތަރު ފަހަރު ގުނަމުން ބުނެލިއެވެ.
” އަނެއްކާ….. މަ އެރޭ ލީ ޖީންސްގަ ވެސް އޮވެދާނެ……….. ” ހަނދާންކޮއްލަމުން މާނިޝް ބުނެލިއެވެ.
” ވައިފްއަށް ބަސްޓް ވިއްޔާ؟” ސޯފީ ހާސްވެފައި ބުނެލިއެވެ. މާނިޝްއަށް ބަލާލަމުންނެވ
” ނުވާނެ ބަސްޓެއް… މަ އެބަ އަންނަން…….” މާނިޝް ވަރަށް ބާރަށް ނުކުތެވެ.
މާނިޝް ގެއަށް ވަތް އިރު ރާޔާ އާދައިގެ ގޮތަކަށް އުޅެއެވެ. މަޑުމަޑުންނެވެ. ދުމެއް ހެން ކޮޓަރިއަށް ވަތް މާނިޝް ރާޔާއަށް ފެނުނެވެ. ދޮންނަން ނަގާފައި ހުރި އެއްޗެހި ހާކަނިކޮށްވެސް ފެނުނެވެ. މާނިޝްގެ މޫނުމަތިން ހާސްކަންވެސް ރާޔާއަށް ފާހަގަވިއެވެ.
” މިތަ ތި ހޯދަނީ؟ ” އެ ޕެކެޓް ދައްކާލަމުން ރާޔާ ބުނެލިއެވެ. މާނިޝްއަށް ހުއްޓެވުނެވެ.
ރާޔާއަށް ބަލަން ހުރެވުނެވެ. ރާޔާގެ ލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދެއެވެ. މާނިޝް އަތްދިއްކޮއްލިއެވެ. އެ ދޭށޭ ބުނާފަދަ ގޮތަކަށެވެ. ރާޔާ ބޯހޫރާލަމުން ފަހަތަށް އަތްލިއެވެ.
” ކީއްވެ؟ މާން…. މީތަ އަހަންނާ މި ދެކުދިން ދެކެ މާން ވީ ލޯތްބަކީ… އަހަރެން މާންއަށް ކުރި އިތުބާރާ ޤަދަރާ އިހުތިރާމާ….. މީތަ؟ މި ދިރިއުޅުމަށްޓަކައި، މި ދިރިއުޅުން ބިނާކުރުމަށްޓަކައި އަހަރެން މިއުޅޭ ޙާލުން ލޯބީގެ ބަދަލުގައި މާންއަށް ދޭން އިނގުނު އެއްޗަކީ މީތަ؟ ޝަކުވާ ނުކޮށް ޝައްކު ނުކޮށް އުޅުނީމަ މީތަ މާންއަށް ކުރަން އެނގުނު ކަމަކީ؟ ބުނެބަލަ… ޖަވާބު ދީބަލަ! ” ބާރު ބާރަށް ރާޔާ ބުނަމުން ދިޔައެވެ. ރާޔާގެ ހިތް އެވަނީ ފުނޑުފުނޑު ވެފައެވެ. ސިޓިންގ ރޫމްގައި ތިބި ދެކުދިން ރާޔާއަށް ބަލަމުންދެއެވެ.
” އާނ…. މިއީ އިއްޔެ އަކު މިޔަދަކު އަހަރެން ކުރަމުން އަންނަ ކަމެއް ނޫނޭ… ރާޔާ އާއި އިނުމުގެ ކުރިންވެސް އަހަރެން ކުރަމުން އަންނަ ކަމެއް މީ………” މާނިޝް އެހެން ބުނުމުން ރާޔާއަށް ހުއްޓުމެއް ލިބުނެވެ. މާނިޝްވެސް ހުރީ ހުއްޓުމެއްގައެވެ.
” އަހަރެން ރާޔާދެކެ ލޯބިވަން… އަދިވެސް ވަރަށް ބޮޑަށް ލޯބިވަން….” ރާޔާ ފުރަގަސްދިނީ މާނިޝްގެ އެ ޖުމުލައިންނެވެ.
” ނޫން މާން.. ތިވެވެނީ ލޯތްބެއް ނޫން……. މާންދެކެ ލޯބިވަނީ އަހަރެން… މި ދިރިއުޅުން އާރާސްތުކުރަންވެސް ބޭނުންވަނީ އަހަރެން……” ރާޔާ އެހެން ބުނުން މާނިޝް ރާޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ. ރާޔާއަށް ލޯމަރާލެވުނެވެ.
” އަހަރެން ކައިވެންޏަށްފަހު އެކަމުން އެއްކޮށްހެން ދުރުވިން…….. އެ އޮފީހުން ކަނޑާލީވެސް މީގެ ޕެކްތަކެއް ފެނުމުން.. ” ރާޔާ ސިހިފައި ބަލާލިއެވެ. އެކަންވެސް ސިއްރުކުރީއެވެ. ރާޔާގެހިތައް ތަދުވިއެވެ.
” އަހަރެން އޭގެ ފަހުން އުޅުނީ ގުރޫޕަކާއި އެކު އެކަމުގެ ވިޔަފާރިކުރަން.. ވަރަށް ގިނަ ރުފިޔާ ލިބޭ…………” މާނިޝްގެ ޖުމުލަތަކުން ރާޔާގެ ހިތް ރޮއްވަމުންދެއެވެ.
” ވިޔަފާރިކުރުމާއި އެކު މިހާރު….. މިހާރު އަނެއްކާވެސް ބޭނުންކުރެވޭ އެބަ………….” އެ ގޮތެއްނެތް ޖުމުލަތަކުން ރާޔާގެ ހަށިން ފުރާނަ ދާހެން ހީވަމުން ދިޔައެވެ.
” ދެން ހެޔޮ މާން… ދެން ހެޔޮ.. ތި ޖުމުލަ ތަކުގެ އަޑުއަހާކަށް އަހަންނަކަށް ދެނެއް ކެތެއް ނުވާނެ… އަހަރެން ކެތްކޮށްކޮށް ވަރުބަލިވެއްޖެ.. ހިތާމަކޮށްކޮށް ހިތް ފާރުވެއްޖެ.. މި ދެކުދިންނަށްޓަކައި އުފާވެރިކަން ދެއްކުމަށް އަހަންނަށް މަޖުބޫރު.. އެކަމަކު……… މާންގެ ހިތުގަ އެންމެ ކުޑަމިނުން މި ދިރިއުޅުމާއި މެދުގަ އެއްވެސް ޤަދަރެއް ނެތް.. އަހަންނަށް ކިހިނެތް ބުނެވޭނީ މި ކުދިންގާތު ބައްޕައަކީ…………..” ރާޔާގެ ޖުމުލަ މެދުކަނޑާލީ މާނިޝްއެވެ.
” ކޮންމެހެން އެކުދިން ކައިރީ ބުނާކަށް ނުޖެހޭނެ އަހަންނަކީ ފަތްބޯ މީހެކޭ… ދުންބޯ މީހެކޭ .. ތެޔޮބޯ މިހެކޭ.. ރާބޯ މީހެކޭ …ޑީލަރެކޭ…. އެކުދިންނަށް އަންގާކަށް ނުޖެހޭނެ…..” މާނިޝް ރުޅިއައިސްފިއެވެ. ރާޔާ އިތުރަށް ދެރަވިއެވެ.
” މާން ތިހެން ހޯދާ ފައިސާ އަކުން އަހަރެން ބޭނުމެއް ނުވޭ ކުޑަމިންވަރެއްވެސް… ޙަލާލު ގޮތުގަ ހޯދާ ފައިސާ ބޭނުންވަނީ……” ރާޔާ ކަރުނަ ފޮހެލަމުން ބުނެލިއެވެ.
މާނިޝް ރާޔާ އާއި ދިމާއަށް އަންނަންފެށިއެވެ. ދާދި ގާތުގައި ހުއްޓި ރާޔާގެ މުށުތެރޭގައިވާ ޕެކެޓް ނެގުމަށްފަހު ބުނެލިއެވެ.
” އަހަރެން ނުދޭނަމޭ އެންމެ ރުފިޔާއެއްވެސް… ކުލީ ކޮޓަރިން ލިބޭ ފައިސާއިން ޚަރަދުކޮށްގެން އުޅެވޭތޯ ބަލާ… އަހަރެން މިދަނީ…….” މާނިޝް ފަސްއެނބުރު ވަގުތު ރާޔާއަށް އޯކާ ދެމެވުނެވެ. އޭނާ ދުވެފައި ފާޚާނާއަށް ވަނެވެ. ހޮޑުލެވިގެން ބަލާލި އިރު ފަހަތުގައި މާނިޝް ހުއްޓެވެ.
.” ބަނޑުބޮޑީތަ؟ ” މާނިޝް މަޑުމަޑުން އަހާލިއެވެ. ރާޔާ ދެރަވެލާފައި ބުނެލިއެވެ.
” ނޭނގެ… ” ރާޔާ ފާޚާނާއިން ނުކުމެ މެޝިނުގައި ހުރި އެއްޗެހި ނަގަން ފެށިއެވެ.
” ފެންތަށި ބޯލައިގެން ދޭ ޑޮކްޓަރަށް ދައްކަން… އަހަރެން މަޑުކުރާނަން ކުދިން ކައިރި…….” ފެންތައްޓެއް ދިއްކޮއްލަމުން މާނިޝް ބުނެލިއެވެ. އެފަދަ އޯގާތެރި ޖުމުލައަކަށް ރާޔާ އެދޭތާ ކޮންދުވަހެއް ހެއްޔެވެ؟ އެފަދައިން ދަރިން ހިމާޔަތް ކޮއްދިނުމަށް އެހިތް އެދެމުންދާތާ ކޮންދުވަހެއް ހެއްޔެވެ؟ މާނިޝްއަކީ ކޮންމެ ކަހަލަ މީހަކަސް މާނިޝްދެކެ ވެވިފައިވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ.
ޑޮކްޓަރަށް ދައްކާފަ އައި އިރުވެސް މާނިޝް އިނެވެ. ކުދިންނާއި އެކުއެވެ.
” ކީކޭ ބުނީ؟ ” މާނިޝް ތެދުވަމުން އަހާލިއެވެ.
” ބަނޑުބޮޑު…….” ރާޔާ މަޑުމަޑުން ބުނެލިއެވެ. މާނިޝްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ، ރާޔާ ،މަޑުމަޑުން އައިސް ދެކުދިން ކައިރީ އިށީނެވެ. ދެއަހަރު ފަހުން އަނެއްކާވެސް ބަލިވެ އިނުމުން ރާޔާ ދެރަވިއެވެ. ބައްޕައެއްގެ ފުރިހަމަ ލޯބި ނުލިބި ބޮޑުވަމުން އަންނަ ދެކުދިން ފަދައިން ތިންވަނަ ދަރިފުޅު ވުމަކަށް އޭނާ ބޭނުމެއް ނޫނެވެ. ރާޔާއަށް ރޮވެން ފެށިއެވެ. މާނިޝް ސޯފާއަށް ވެޑުވިފައި އޮތެވެ.
” ކިއްވެ ތިރޮނީ؟ ” މާނިޝް މަޑުމަޑުން ބުނެލިއެވެ.
” މިޔަދު ނޫންކަމެއް ނޭނގެ މާން ފުލުހުން ގެންދާނީ… އަހަރެން ކިހިނެތް އެކަނި އުޅޭނީ؟ މިޙާލައިގެން އަހަންނަށް ކިހިނެތް ކުދިން ބެލޭނީ؟ ” ރާޔާގެ އަޑު ކަރުގައި ތާށިވިއެވެ. ރާޔާ ބޭނުންވަނީ މާނިޝްގެ މޭމަތިން ހިމާޔަތް ހޯދުމަށެވެ. ނަމަވެސް މާނިޝް އެފުރުސަތެއް ނުދިނެވެ.
” އަހަރެން މިޔަދު ބަލާނަން ގޭގަ ގެންގުޅޭ ކުއްޖަކު ލިބޭތޯ… ތިހެން އެކަންޏަކު ނޫޅެވޭނެ… އަހަރެންނަކަށް ގެއަކު ނުވެސް ހުރެވޭނެ އަބަދަކު… ” ރާޔާއަށް ބަލާލަމުން މާނިޝް ބުނެލިއެވެ.
” ދެން ދަނީ… އެކުދިންނަށް ބަލާތި… ” މާނިޝް ހިނގައިގަތް ވަގުތު މީޝަމްގެ އަޑު އިވުނެވެ
” ބައްޕަ އާދޭ….. އާދޭ…” މާނިޝްގެ ފައިގައި ކަސްތޮޅުއެޅުނުފަދައެވެ. ހުއްޓުމަށްފަހު ހީލަމުން ބުނެލިއެވެ.
” ބައްޕަ އަންނާނަމޭ… އިނގޭ…….” މާނިޝް ދާތަން ބަލަން ދެކުދިންވެސް ތިބީ ހަމަހިމޭނުންނެވެ،
ޖެހިގެން އައި ދުވަހެވެ. ރާޔާ އާއި އެކު ފާތުން އިނީ ސޯފާގައެވެ
” އަހަންނަށް މި ފުރުސަތުދިނީ ރައްޓެހި ކުއްޖެއް.. ރޭގަނޑު އެގާރަޖަހަންދެންނޯ ބުނީ މަސައްކަތް ކުރަންޖެހޭނީ… ދެހާސްރުފިޔާ މަހަކު ލިބޭނެޔޭވެސްބުނި………” ފާތުން އެހެން ބުނުމުން ރާޔާ ހީލިއެވެ.
” އެހެން އެކަން ނިމިފަ އޮތިއްޔާ އެގޮތަށް މަސައްކަތްކުރިމަ ރަނގަޅުވާނެ….” ރާޔާ ބުނެލިއެވެ.
އޭގެފަހުން ކޮންމެ ދުވަހަކުވެސް ފާތުން އައިސް ގޭތެރެގެ ހުރިހާ ކަމެއް ކޮއްދެއެވެ.ނަސީބު ރަނގަޅުކަމުން ރާޔާ ކުރިފަހަރަށްވުރެން ޙާލަތު ރަނގަޅެވެ. އާއްމުކޮށް ހޮޑުލައެއްވެސް ނަހަދައެވެ. ދުވަހެއް ދުވަހަކަށް ރާޔާގެ ބަނޑުވެސް ބޮޑުވަމުން އާދެއެވެ. މާނިޝްގެ ހަޤީޤަތް އެނގުމުން މިހާރު އަދި ވަކީން ގެއަށް އައިސް ނޫޅެއެވެ. މާނިޝް ގެއަށް އަންނާނެ އިރަކަށް ހިތުގެ އަޑިން ރާޔާ އިންތިޒާރުކުރެއެވެ.އެކަމަކު ދެދުވަސް ތިންދުވަސް ވަންދެންވެސް ގެއަށް ނައިސް އެބައުޅެއެވެ. ރާޔާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.
” މާން އަހަންނަކަށް މާން ދޫކޮށެއް ނުލެވޭނެ މާން ބޭނުންހާ ގޮތަކަށް އުޅޭކަށް.. މީގެ ކުރިން ޝަކުވާއެއް ނުކުރަމެއްނު…..ޝައްކެއްވެސް ނުކުރަމެއްނު.. އެކަމަކު ދީނާ ޚިލާފްވާ މަގަށް އެޅީމަ އަހަންނަކަށް އެއްޗެއް ނުބުނެ އެއްވެސް ނުހުރެވޭނެ.. އަހަރެން މާންއަށްޓަކައި ދެކުނު ފޮނި ހުވަފެންތަކުގައި ޖައްސައިދޭން ފެނުނީ ތިކުލަތަ؟ …….އެކުދިންނަށް ވަގުތު ދޭންޖެހޭނެ މާން…… އަދި މިހާރު އަހަންނަށްވެސް މާންގެ އަޅާލުމާ ލޯބި ބޭނުން………..” މަޑުމައިތިރި ރާގެއްގައި ރާޔާ ބުނަމުންދިޔައެވެ. މާނިޝް އިނީ އެނދުގައި އިށީންދެލައިންނެވެ. ރާޔާ އިނީ މާނިޝްގެ ކައިރީގައެވެ.
” އެކަމަކު އަހަންނަކަށް މިކަމުން ދުރެއް ނުވެވޭނެ…..’
” ދުރުވެވޭނެ…. ޕްލީޒްމާން…. އަހަންނަށްޓަކައި… މި ދަރީންނަށްޓަކައި… މާން ބޭނުންތަ އަހަރެމެން ނިކަމެތިވެ ބިކަވާން؟ މާން ބޭނުންތަ މި ކުޑަކުޑަ އާއިލާ ހިތާމައިގެ ކަނޑަކަށް ދޫކޮއްލަން………..” ރާޔާ މަސައްކަތްކުރީ ލޯތްބާއި އެކު ވިސްނައިދޭށެވެ.