“ޝަޙާ.. އައި ލަވް ޔޫ.. ވިލް ޔޫ ބީ މައި ގާލްފުރެންޑް.؟” ޝަޙާއަށް އަނގޮޓި ދިއްކޮށްލަމުން ރިޒުވީން ބުންޏެވެ. އެ އިރު ވެސް ރިޒުވީންގެ ފުރަގަހުން ޝަޙާއާއި ރިޒުވީން އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ މަންޒަރުތައް ސުކްރީނުން ދައްކަމުން ދިޔައެވެ. “ޔެސް.. ޔޫ އިޑިއަޓް.. ޔެސް.. އައި ލަވް ޔޫ ޓޫ ރިޒުވީ..” ޝަޙާގެ ޖަވާބަކީ އާނއެކެވެ. ރިޒުވީނަށް ހިނިތުންވެވުނެވެ. ތިމާގެ ހިތް އެދޭ ފަރާތް ވެސް ތިމާއަށް އޭނާގެ ހިތް ދީފައިވާކަން އެނގުމުން ކުރެވޭ އުފާވެރި އިހުސާސް ރިޒުވީނަށް ކުރެވުނެވެ. ދެން ޝަޙާގެ ކަށި އިނގިލީގައި ރިޒުވީން އަނގޮޓި އަޅުވައިދިނެވެ. އަނގޮޓި އަޅުވައިދިނުމަށް ފަހު ކުޑަކަކޫޖަހައިގެން އިން ރިޒުވީން ކޮޅަށް ތެދުވެފައި ޝަޙާގެ ކޮލަށް ދޮނެއް ދިނެވެ. ދެން ޝަޙާ، ރިޒުވީންގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. ހިނދުކޮޅެއް ފަހުން ތުންފަތް ދުރުކޮށްލިއެވެ. “ރިޒުވީގެ ސުމާޓު ގަޑިން މި ސުކްރީން ހުޅުވީ ކިހިނެއް.؟” ޝަޙާ އެހިއެވެ. “އަޝްރަފުގެ އެހީގައޭނު..” ޝަޙާ އެ ސުވާލުކުރުމުން ރިޒުވީން ހައިރާންވިއެވެ. އެ ވަގުތު ރިޒުވީންގެ ސުމާޓު ގަޑި ވައިބްރޭޓްވާން ފެށިއެވެ. “ޔާ.. އައި ފޮގޮޓް އެބައުޓް ހިމް.. އަބަދުވެސް ގަޑީގެ އެތެރޭގަތަ އެ ގޮލާ އޮންނަނީ..” ޝަޙާ ވާހަކަދައްކާ ރާގުގަނޑު ވެސް ތަފާތުވެއްޖެކަން ރިޒުވީނަށް ފާހަގަކުރެވުނެވެ. އަދި އޭނާގެ އިސްތަށިގަނޑުގެ ކުލައަށް ވެސް އެ ރޭ ތަފާތުތަކެއް އައިސްފައި ހުރިކަން ރިޒުވީނަށް ފާހަގަވިއެވެ. “ޝަޙާ ބޭނުންތަ އަޝްރަފު ދެކިލަން މި ވަގުތު..؟” ރިޒުވީން އެހިއެވެ. “އޮފްކޯސް.. އައި ހެވެންޓް ސީން ހިމް ޔެޓް..” ޝަޙާ މި ފަހަރު ބުނި އެއްޗަކުން ޙަޤީޤަތުގައި ވެސް ގޯހެއް އުޅޭހެން ރިޒުވީނަށް ހީވާން ފެށިއެވެ. އެއީ ކިތަންމެ ފަހަރަކު ވެސް ޝަޙާއަށް ހުންނާނީ އަޝްރަފު ފެނިފައެވެ. އިރު ކޮޅެއް ފަހުން ރިޒުވީންގެ ފޯނު ރިންގްވާން ފެށުމުން އޭނާގެ ޖީބުން ފޯނު ނަގައި ބެލިއިރު ގުޅަނީ ޝަޙާގެ ދޮންބެ ޝާއިނެވެ. “ޝަޙާގެ ދޮންބެ އެބަ ގުޅާ.. ވެއިޓް..” މިހެން ބުނެފައި ރިޒުވީން ޝަޙާއާ ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު ފޯނު ނެގިއެވެ. “ހެލޯ.. ރިޒުވީ.. ޝަޙާ ކޮބައިތަ.؟” ޝާއިން ވާހަކަދައްކަމުން ދިޔައީ ވަރަށް ހާސްވެފައި ހުރެގެންކަން ޝާއިން ވާހަކަދެއްކި ރާގުން ރިޒުވީނަށް ފާހަގަވިއެވެ. “ލައްބަ.. އޭނަ އެބަހުރި މި ތަނުގައި އަހަރެން ގާތުގަ..” ރިޒުވީން ބުންޏެވެ. “އައި ނޯ އިޓް ވިލް ސައުންޑް ވިއާޑް.. އެހެންވިޔަސް އަހަރެން މި ހުރީ ޝަޙާގެ މަރުވެފައިވާ ހަށިގަނޑު އުރައިގެން..” ޝާއިން ފެށީ ރޯށެވެ. “ކަށުކަމާކެމީގެ މަސައްކަތް ފަށާ..” މިހެން ބުނެފައި ރިޒުވީން ފޯނު ބޭއްވިއެވެ. ދެން ރިޒުވީން ގޮސް އެ ތަނުގައި ހުރި ޝަޙާގެ ކަރުގައި ލޯބިން ހިފާލިއެވެ. ކަރުގައި ހިފާލުމާއެކު އެ މީހަކު މާސްކެއް އަޅައިގެން ހުރިކަން ރިޒުވީނަށް އެނގުނެވެ. ދެން އަޅައިގެން ހުރި މާސްކު ރިޒުވީން ދަމައިގަތެވެ. އެ ތަނުގައި ހުރީ ޝަޙާއެއް ނޫނެވެ. ޝަޙާގެ ސިފައިގެ މާސްކެއް އަޅައިގެން ޑރ.ހެންރީގެ ލޯބިވެރިޔާ އަނޫރާއެވެ. އަނޫރާ ވަގުތުން ދުއްވާގަނެފައި އެ ގެއިން ބޭރަށް ނުކުތެވެ. އާންމު ގޮތެއްގައި ރިޒުވީނަކީ ރުޅި މަޑު ކުއްޖަކަސް އެ ވަގުތު އޭނާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. “އައި އޭމް ގޮއިން ޓު ކިލް ދެޓް ބިޗް..” ރިޒުވީން ބުންޏެވެ.

ރިޒުވީން ނުކުމެ ބަލާލިއިރު އަނޫރާ ދުވެފައި ދާތަން ރިޒުވީނަށް ފެނުނެވެ. އަނޫރާގެ ފަހަތުން ރިޒުވީން ވެސް ދުއްވާގަތީއެވެ. ދުވަމުންދުވަމުން ގޮސް ދުއްވާ ގިނަ އުޅަނދުތަކެއް ހުރި މަގަކަށް އާދެވުނެވެ. އެ މަގުގައި ހުރި ކާރެއްގެ މައްޗަށް އެރުމަށް ފަހު އަނޫރާ ފަހަތް ބަލާލިއިރު ރިޒުވީން އެހެން ގޯޅިއަކަށް ލަނބާލީއެވެ. އަނޫރާ ހީކުރީ ރިޒުވީނަށް އޭނާ ގެއްލުނީކަމަށެވެ. ދެން އެ ކާރުން އެހެން ކާރެއްގެ މައްޗަށް އަނޫރާ ފުންމާލިއެވެ. އެއަށް ފަހުގައި އެއް އުޅަނދުން އަނެއް އުޅަނދަށް އަނޫރާ ފުންމަމުން ގޮސް އެ މަގުގެ އެންމެ ހުޅަނގަށް ދިޔައެވެ. އަނޫރާއަށް އެހާ ހަމައަށް އާދެވުމާއެކު ރިޒުވީން ގޯޅިއަކުން އައިސް އަނޫރާ ގައިގައި ބައްދާގަތެވެ. އަނޫރާއަށް ހެދުނީ ޅަ އެއްޗެކެވެ. ރިޒުވީން އެއިރު އެހެން ގޯޅިއަކަށް ލަނބާލީ އަނޫރާ ނުފެނުނީމައެއް ނޫނެވެ. އަނޫރާ އެ މަގުގެ އެންމެ ހުޅަނގަށް އަންނާނޭކަމަށް ބަލައިފައި ކުރު ރާސްތާއެއް ނެގީއެވެ. އަވަހަށް ރަށުން ފައިބަން ބޭނުންވެފައި ހުރި ވަރުން އަނޫރާއަށް އެވަރު ނުވިސްނުނީއެވެ. އަނޫރާއަށް ވުރެ ބޮޑަށް ކުޅުދުއްފުށީގެ މަގުތައް ހިތުދަސްވެފައި އެ މަގުތަކުގައި އުޅުމަށް ރިޒުވީން މާ ކުޅަދާނައެވެ. “ހީ އިސް ފޯސިން މީ.. ހެޔޮނުވާނެ.. މި ނުލަފާ ޝަހުވާނީ މީހާގަނޑުގެ ކިބައިން އަހަރެން ސަލާމަތްކުރޭ..” ގޯޅިއެއްގެ ކަންމަތީ ފުލުހަކު ހުއްޓާ އަނޫރާއަށް ފެނުމުން ހަޅޭއްލަވައިގަތެވެ. ފުލުސް މީހާގެ އިތުރުން އެ މަގުގައި ތިބި އެހެން މީހުން ވެސް ރިޒުވީނާއި އަނޫރާއާ ދިމާލަށް ބަލަން ފެށިއެވެ. “ޑްރަގް ޑީލްކުރި މައްސަލައިގައި ހައްޔަރުކުރި ރިޒުވީން ދޯ އެހެރީ.. ޖަލުން މިނިވަންވުމާއެކު މަގުމަތީގައި އަންހެންކުދިންނާ ފޮށެން ފެށީ.. ހަމައިގަބާ އޭނާ އެ ހުރީ ވެސް..” މަގުމަތީގައި ތިބި މީހުންގެ ތެރެއިން މީހަކު ބުނި އަޑު ރިޒުވީނަށް އިވުނެވެ. ދެން ރިޒުވީން އަނޫރާ ދޫކޮށްލިއެވެ. އަނޫރާ ވަގުތުން ދުއްވައިގަތީއެވެ. “އޭނާ އަހަންނާ ދުރުކުރޭ..” އެ ތަނުގައި ހުރި ފުލުސް މީހާ ގޮސް ރިޒުވީންގެ އަތުގައި ހިފުމާއެކު ރިޒުވީން ބުންޏެވެ. އެހެން ބުނުމަށް ފަހު ރިޒުވީން، އެ މީހާ ހޫރާލިއެވެ. ހުރާލުމާއެކު އެ މީހާ މާ ދުރަށް ގޮސް އެ ތަނުގައި ހުރި ފުލެޓެއްގެ ފުރާޅު މައްޗަށް ވެއްޓުނެވެ. މަގުމަތީގައި ތިބި މީހުން އެ މަންޒަރު ފެނުމުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. މީހަކު އެހާ ދުރަށް ހޫރާލުމަކީ އާދައިގެ އިންސާނަކަށް ކުރެވޭނޭކަމެއް ނޫން ވިއްޔާއެވެ. “އަނޫރާ މި ވަގުތު ހުރި ތަނެއް ދައްކަބަލަ..” ރިޒުވީން މިހެން ބުނެފައި އޭނާ އަޅައިގެން ހުރި ސުމާޓު ގަޑިއަށް ބަލާލިއެވެ. ގަޑީގެ ޑިސްޕުލޭއިން ސަމުގާއެއް ދެއްކިއެވެ. ސަމުގާގެ ކަށިގަނޑު ހުރީ ރަށުގެ އުތުރު ގޮނޑުދޮށަށެވެ.

މަގުމަތިން ބައިސްކަލެއް ޖަހާގަތުމަށް ފަހު އެ ބައިސްކަލުގައި ރިޒުވީން ދުއްވާފައި ދިޔައީ ރަށުގެ އުތުރު ގޮނޑުދޮށަށެވެ. ގޮނޑުދޮށާ ހަމައަށް އާދެވުމުން ރިޒުވީން ބައިސްކަލު އެއްލައިލިއެވެ. އަނޫރާއަށް ވެސް ގޮނޑުދޮށާ ހަމައަށް އާދެވުނީ ހަމަ އެވަގުތެވެ. ދެ ކުދިންނަށް ވެސް އެކަކު އަނެކަކު ފެނި ހަތަރު ކަޅި ހަމަވިއެވެ. ދެން އަނޫރާ އޭނާ ލައިގެން ހުރި ‘ބޯލް ގައުން’ ހެދުން ބާލައި އެއްލައިލިއެވެ. މަތިން ލައިގެން ހުރި ގަޔަށް ބާރު ހުދު ކުލައިގެ ބޮޑީ ސޫޓާއި ތރިން ލައިގެން ހުރި ނޫ ކުލައިގެ ޖިންސު ފޮތީގެ ކުރު ސޯޓުގެ ސަބަބުން އަނޫރާގެ ހަށިގަނޑުގެ ބައްޓަމާއި ވަނާތައް ރަނގަޅަށް ފެންނާން ހުއްޓެވެ. ދެން އެހެން ހުރެފައި އަނުރާ ލައިގެން ހުރި ސޯޓުގެ ޖީބުން ބަށި ބޯޅައެއް ނެގިއެވެ. ބޯޅަ ނެގުމަށް ފަހު އަނޫރާ އެ ބޯޅަ މޫދާ ދިމާލަށް އެއްލައިލިއެވެ. އެއްލައިލުމާއެކު ބޯޅަ ދެ ފަޅިވެފައި އޭގެ ތެރެއިން ނުކުތީ ހަތަރެސްކަނުގެ އެއްޗެކެވެ. އެ އެއްޗެއް ނިއުޅެމުން ގޮސް ސާފިން ބޯޑަކަށް ބަދަލުވިއެވެ. އަނޫރާ ކުއްލިއަކަށް ފުންމާލާފައި އެ ބޯޑުގެ މައްޗަށް އެރިއެވެ. އެ ބޯޑު މޫދުގައި ކޭއްތުމާއެކު ވަރަށް ހަލުވި ދުވެއްޔެއްގައި އަނޫރާ ގޮވައިގެން ގޮސްފިއެވެ. “އަޝްރަފު.. ނުކުންނަ ވަގުތު ޖެހިއްޖެ.. އަހަންނަށް ވެސް މޫދު ހުރަސް ކުރެވޭނެ ގޮތެއް ހަދައިދީ..” ރިޒުވީން މިހެން ބުނުމާއެކު އަޝްރަފު ސުމާޓު ގަޑީގެ ބޭރަށް ނުކުތެވެ. އެއަށް ފަހުގައި އޭނާގެ ދެ އަތް ހޫނުކޮށްލިއެވެ. ދެން ދެ އަތުން އައްޔެއް ފޮނުވާލުމާއެކު އެ އަލިން މޫދު ސައިކަލެއް ހެދުނެވެ. ރިޒުވީން ގޮސް އެ ސައިކަލަށް އެރިއެވެ. އަޝްރަފު އަނެއްކާ ވެސް ގަޑީގެ އެތެރެއަށް ވަނީއެވެ. ރިޒުވީން އެ ސައިކަލު އިސްޓާޓުކޮށްފައި މޫދު މަތީގައި ދުއްވަން ފެށިއެވެ. އެ ސައިކަލުގެ ދުވެލި ވެސް ވަރަށް ހަލުވިއެވެ.

ހަލުވި ދުވެލީގައި ރިޒުވީން މޫދު ސައިކަލުގައި ދުއްވަމުން ދަނިކޮށް އަނޫރާ ފެނުނެވެ. އެ ސާފިން ބޯޑު މަތީގައި އަނޫރާ ދުއްވަމުން ދިޔައީ ހދ.ނޮޅިވަރަންފަރާ ދިމާލަށެވެ. ރިޒުވީން އެ ރަށާ ދިމާލަށް ބަލައިލިއެވެ. ގަޑިން ބާރަ ޖަހައި 25 ޑިސެމްބަރަށް ތާރީޚު ބަދަލުވިކަން އެ ރަށާ ދިމާލަށް ބަލާލުމުން އެނގެއެވެ. އެ ރަށުގައި ތިބި ކްރިސްޓިއަން ފަތުރުވެރިން ކްރިސްމަސް ފާހަގަކުރުމަށްޓަކައި ހަވާ އަރުވަމުންދާ މަންޒަރު އެ ރަށް ކައިރިން ފެނެއެވެ. އެ ރަށުގެ ގޮނޑުދޮށުގައި ސާފިން ބޯޑު ބީހުމާއެކު އަނޫރާ ރަށު ތެރެއަށް ދުއްވާގަތީ ގޮނޑުދޮށުގައި ސާފިން ބޯޑު ބާއްވާފައެވެ. ރިޒުވީން ވެސް މޫދު ސައިކަލުން ގޮނޑުދޮށަށް ފުންމާލާފައި ރަށު ތެރެއަށް ދުއްވާގަތީއެވެ. ރަށު ތެރެއަށް ދިޔުމާއެކު ރިޒުވީނަށް އާދެވުނީ ހާހެއްހާ ކުރިސްޓިއަނުން ޖަމާވެފައިވާ ޕާޓީއެއްގެ ތެރެއަށެވެ. އެކި ދިމާތަކަށް ނަޒަރު ހިންގާ ބެލިއިރު ވެސް އެ ތަނަށް އެއްވެފައިވާ ބައިގަނޑުގެ ތެރެއިން ރިޒުވީނަށް އަނޫރާއެއް ނުފެނުނެވެ. ދެން ރިޒުވީން ބަލައިލީ އޭނާ އަޅައިގެން ހުރި ސުމާޓު ގަޑިއާ ދިމާލަށެވެ. ގަޑީގެ ޑިސްޕްލޭއިން އެއިރު ވެސް ސަމުގާ ދައްކައެވެ. ސަމުގާގެ ކަށިގަނޑު ހުރީ އެ ރަށުގެ އިރުމަތީގައި އޮންނަ ‘މެޑިކަލް ރިސާޗު ސެންޓަރ’ މަރުކަޒަށެވެ. ރަށުގެ އިރުމަތި ފަރާތުގެ ބިން ދިވެހި ދަޢުލަތުން ދޫކޮށްފައިވަނީ އެމެރިކާ ބަޔަކަށް މިފަދަ މަރުކަޒެއް އެ ބިމުގައި ހިންގުމަށެވެ. އެއީ ވެސް ޑރ.ހެންރީގެ ދަށުން މަސައްކަތްކުރާ ބައެއްހެން ހީވެއެވެ. ރަށުގެ އެހެން އަވަށްތައް ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް އިޓަލީ ކުންފުންނަކަށެވެ. ރިޒުވީން އެ މަރުކަޒާ ދިމާލަށް ދުއްވައިގަތެވެ.

ވަރަށް ބާރަށް ދުވެފައި ގޮސް ރިޒުވީން އެ މަރުކަޒާ ދިމާލަށް ދިޔައެވެ. އެ މަރުކަޒަކީ ހަ ބުރީގެ ދިގު އިމާރަތަކަށްވެފައި އިމާރާތުގެ ފުޅާމިން ވެސް ކުޑައެއްނޫނެވެ. އިމާރާތް ވަށައިގެން ފާރެއް ރާނާފައި ހުއްޓެވެ. އެ ފާރުގައި ނޫ ކުލައިގެ އިނގިރޭސި އަކުރުތަކުން މަރުކަޒަށް ދީފައިވާ ނަން ‘ސްޓާ ލެބްސް މެޑިކަލް ރިސާޗު ސެންޓަރ – ނޮޅިވަރަންފަރު މޯލްޑިވްސް ބްރާންޗު’ ލިޔެފައިވެއެވެ. ބޭރު ފާރުން އެތެރެއަށް ވަންނަން ހުރި ދޮރޯށިން ރިޒުވީން އެތެރެއަށް ވަނެވެ. މަރުކަޒުގެ އިމާރާތުގެ ތިރީ ބުރި ހަދާފައިވަނީ ދަގަނޑު ފާރަކުންނެވެ. އިމާރާތުގެ ތެރެއަށް ވަންނާނެ ދޮރެއް ފެންނާން ނެތުމުން ހިއްސެއް ނެތް ބުދެއްހެން ރިޒުވީން އިމާރާތާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ލެޓް ހިމް ކަމް އިންސައިޑް..” މަރުކަޒުގެ އެތެރެއިން މީހަކު މިހެން ބުނާ އަޑު ރިޒުވީނަށް އިވުނެވެ. އިރުކޮޅެއް ފަހުން ދަގަނޑު ފާރު ދެ ފަރާތަށް ކެހި އެތެރެއަށް ވަންނާން ދޮރެއް ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވުމާއެކު ރިޒުވީން އެ ދޮރުން މަރުކަޒުގެ އެތެރެއަށް ވަނީއެވެ. އެތެރެއަށް ވަނުމާއެކު ކަޅުކުލައިގެ ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި ހަށިގަނޑުން ބިޔަ ދޮން ފިރިހެނަކު ރިޒުވީންގެ ގާތަށް އައެވެ. “އަނޫރާ މެޑަމް ބުނީ ކަލޭ ގޮވައިގެން އެ މީހުން ތިބި ހޯލަށް ގެންދިއުމަށް.. އެހެންވީމާ އަހަރެން ފަހަތުން އާދޭ..” އެ މީހަކު ރިޒުވީނާ ވާހަކަދެއްކީ ފަރިތަކަމާއެކު ދިވެހިބަހުންނެވެ. އެހެން ނަމަވެސް ފެންނަ ފެނުމުން އެ މީހަކީ ދިވެއްސެއްހެން ހީނުވެއެވެ. ދެން އެ މީހާ ގޮސް އެ ތަނުގައި ހުރި ލިފްޓަކަށް އެރިއެވެ. ރިޒުވީން ވެސް އެ މީހާގެ ފަހަތުން ގޮސް އެ ލިފްޓަށް އެރީއެވެ. ލިފްޓަށް އެރުމާއެކު އެ މީހާ، މަރުކަޒުގެ ހަތަރުވަނަ ބުރިއަށް ދިޔުމަށް ލިފުޓަގައި އިން ‘4’ ބަޓަނަށް ފިއްތާލިއެވެ. މަރުކަޒުގެ ހަތަރުވަނަ ބުރިއަށް ދިޔުމާއެކު ލިފްޓުގެ ދޮރު ހުޅުވުނެވެ. ލިފްޓުން ބޭރަށް ނުކުތުމާއެކު ވަދެވުނީ ހުސް ހޯލަކަށެވެ. އެ ތަނުގައި އަނޫރާއާއެކު ހަށިގަނޑުން ބިޔަ އެހެން ހަތަރު ފިރިހެނަކު ތިއްބެވެ. އަނޫރާ ފެނުމާއެކު ރިޒުވީން ގޮސް އަނޫރާގެ ކަރުގައި ހިފިއެވެ. “ރިޒުވީގެ ލޮލުން އުދާސްތައް އެބަ ހާމަވޭ.. ލޯބިވާ ފަރާތަށް ރިޒުވީން އޭނާ ދެކެ ލޯބިވާކަން ބުނުމުގެ ކުރީން ދުނިޔެ ދޫކޮށް ދިޔައީ ވިއްޔާ..” އަނޫރާ ހެމުން ބުންޏެވެ. “އިންސާނަކު މަރާލުމަށް ފަހުގައި ވެސް.. ބޮޑު ފާފައެއް ކޮށްފައި ވެސް ހިތަކަށް އެއްވެސް އެއްޗެއް ނާރާ ދޯ.؟ ނުލަފާ ވިޔަސް ބޮޑު ވަރު..” ރިޒުވީން ބުންޏެވެ. ރިޒުވީން ރުޅިގަދަ ކޮށްފައި ހިތްވަރު އެލުވާލުމަކީ އަނޫރާ ބޭނުންވި ގޮތެވެ. “ޑިޑް ޔޫ ކިސްޑް ހާ.؟” އިބިލީހުގެ ހިނިގަނޑަކާއެކު އަނޫރާ އެހިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި އަނުރާގެ ކަރުގައި ކުރިއަށްވުރެ ބާރަށް ރިޒުވީން ހިފާލިއެވެ. “ޔޫ އާ ރިގްރެޓިން ދެޓް ޔޫ ކުޑްނޮޓް ކިސް ހާ.. އެ ގޮލާ ކަމަށް ހިތައި ކުރެވުނީ ވެސް އަހަންނާ ވިއްޔާ.. ބަޓް ޑޫ އައި ލުކް ބޭޑް.. އަހަރެންނަކީ ވެސް ކިސްކުރާކަށް ހުތުރު އަންހެނެއްނޫނޭ..” އަނޫރާ ދައްކަމުން ދިޔަ ވިޔާނުދާ ވާހަކައިގެ ސަބަބުން ރިޒުވީން ދިޔައީ ރުޅިގަދަވުމުންނެވެ. އަދި މާ ބާރަށް އަނޫރާގެ ކަރުގައި ރިޒުވީން ހިފިއެވެ. އަނޫރާ ވަށައިގެން ތިބި ފިރިހެނުން ރިޒުވީނާ ދިމާލަށް ފިސްތޯލަ ދިއްކުރިއެވެ. “ނޯ.. ޕުޓް ޔުއަރ ގަންސް ޑައުން.. ލެޓް ހިމް ކިލް މީ.. އޭރުން އަހަރުންނާ ކަލެއާ އެއްވެސް ތަފާތެއް ނުހުންނާނެ ރިޒުވީން.. އަހަރެން ބޭނުމީ ވެސް އެ ގޮތް.. ކިލް މީ.. ކަމޯން ރިޒުވީން..” އަނޫރާ މިހެން ބުނުމާއެކު ރިޒުވީން އަނޫރާގެ ކަރުން އަތް ދޫކޮށްލިއެވެ. “އަހަރެންނަކީ ކަލޭމެންނެއް ނޫން.. އިންސާނަކު ޤަތުލުކުރާކަށް..” ރިޒުވީން ބުންޏެވެ. ދެން އަނޫރާ އޭނާ ވަށައިގެން ތިބި ފިރިހެނުން ރިޒުވީން ގައިގައި ތެޅުމަށް އަމުރުކުރިއެވެ. “އެ މީހުންނަށް އަހަރެން ގާތަށް ނާދެވޭ ގޮތް ހަދާ..” ރިޒުވީން މިހެން ބުނުމާއެކު އޭނާ ވަށައިގެން ދިފާޢީ ފަށަލައެއް ހުޅުވުނެވެ. އެ ފަށަލައާ ހަމައަށް އެއިން މީހަކު އެރުމާއެކު އެ މީހެއްގެ ގައިގައި ކަރަންޓު ޖެހިގެން ދަނީ ދުރަށް ވިއްސައިގެންނެވެ. “ހަނދާންނެތުނީ ދޯ.؟ އަޝްރަފުގެ ވެރިޔަކީ އަހަރެން.. އަޝްރަފު.. އަހަރެން ދާ ތަނަކަށް އަހަރެންގެ ވަށައިގެން މި ފަށަލަ ދާންޖެހޭނެ..” ރިޒުވީން މިހެން ބުނެފައި މަރުކަޒުގެ އެންމެ ތިރިއަށް ފައިބައި އެ މަރުކަޒުން ބޭރަށް ނުކުތެވެ. އެއަށް ފަހުގައި އެ ރަށުގެ އިރުމަތި ގޮނޑުދޮށާ ދިމާލަށް ދުއްވައިގަތެވެ. ރިޒުވީން ދުވަމުން ދާ ވަރަކަށް އޭނާގެ ވަށައިގެން އެ ދިފާޢީ ފަށަލަ ވެސް ދެއެވެ. ގޮނޑުދޮށާ ހަމައަށް އާދެވުމާއެކު ރިޒުވީން ފަހަތް ބަލާލިއެވެ. އޭނާގެ ފަހަތުން އެކަކު ވެސް ނާންނަކަން އެނގުމުން ވަރުބަލިކަން ފިލުވާލުމަށްޓަކައި ގޮނޑުދޮށުގައި އިށީނެވެ. އިށީނުމަށް ފަހުގައި ރިޒުވީން ރޯން ފެށިއެވެ. ދެރަ ނުވާންވީ ސަބަބެއް ނެތެވެ. ކުޑައިރުއްސުރެން އެ ދުވަހާ ހަމައަށް ވެސް ހިތާމައިގެ ކަނޑުގައި ރިޒުވީން ދަނީ ފަތަމުންނެވެ. އެ ކަނޑުގެ އޮއިގަނޑުގައި އޭނާ ލޯބިވާ ފަހަރަކު މީހަކު ދަނީ ގެނބެމުންނެވެ. ނޫނީ އޮޔާއެކު އެނާއާ ދުރަށް ގެންދަނީއެވެ. ފުރަތަމަ އޭނާގެ މަންމައެވެ. ދެން ބައްޕައެވެ. އެއަށް ފަހުގައި އަލިބެއެވެ. އެންމެ ފަހުން ޝަޙާއެވެ. ވެ ނިމޭނީ ތަޤްދީރުގައި ލިޔެފައިވާ ގޮތަކަށް ނޫން ހެއްޔެވެ؟ އެ ހިތާމައިގެ ކަނޑަކީ ރިޒުވީންގެ ތަޤްދީރެވެ. މީހަކު ހިނގާފައި އަންނަ އަޑު އިވުމުން ރިޒުވީން ރުއިން ހުއްޓާލާފައި ކޮޅަށް ތެދުވެ އެ ފަރާތަށް ބަލާލިއެވެ. “ޢާދިލް ސަރގެ ސިފައިގެ މާސްކެއް އަޅައިގެން ތިޔަ އުޅެނީ ޑރ.ހެންރީ ދޯ.؟” ޢާދިލް ސަރ އެ ރަށުން ފެނުމުން ރިޒުވީން ހީކުރީ އެއީ ޑރ.ހެންރީކަމަށެވެ. “ނޫން.. މިއީ ހަމަ ރިޒުވީންގެ ޢާދިލް ސަރ.. އަޝްރަފު ގާތު ވެސް އަހާބަލަ..” ޢާދިލް ސަރ ބުންޏެވެ. “އަޝްރަފު ބުނެބަލަ..” ރިޒުވީން އެހުމާއެކު ސުމާޓު ގަޑީގެ އެތެރެއިން އަޝްރަފު އާނއެކޭ ބުނި އަޑު އިވުނެވެ. “އަހަރެން ވަށައިގެންވާ ދިފާޢީ ފަށަލަ ނައްތާލާ..” ރިޒުވީން ބުންޏެވެ. ދެން އަޝްރަފު އެ ދިފާޢީ ފަށަލަ ނައްތާލިއެވެ. އެއަށް ފަހު ރިޒުވީން ގޮސް ޢާދިލް ސަރގެ ކަރުގައި މަޑުމަޑުން ހިފިއެވެ. ރިޒުވީނަށް ހިފުނީ އިންސާނެއްގެ އަސްލު ހަމުގައިކަން ރިޒުވީނަށް އިހުސާސްވިއެވެ. “ޢާދިލް ސަރ..” ޢާދިލް ސަރގެ ގައިގައި ރިޒުވީން ބައްދާލައި ރޯން ފެށިއެވެ.

ޝަޙާ މަރުވުމުން އޭނާގެ ކަށުކަމާކެމީގެ ކަންކަމުގައި ޝާއިނާއި ނަބީޙުގެ އިތުރުން އެ ދެ ކުދިންގެ ޢާއިލާގެ އެންމެން ވެސް އުޅުނެވެ. އަނެއް ދުވަހުގެ މެންދުރު ނަމާދަށް ފަހު ޝަޙާގެ މައްޗަށް ކަށުނަމާދު ކުރިއެވެ. އެއަށް ފަހުގައި މައްޔިތާ ވަޅުލިއެވެ. އޭގެ ފަހުން ހަފުތާއެއްހާ ދުވަސްވީއިރު ވެސް ރިޒުވީންގެ ޚަބަރެއް ނުވެއެވެ. އޭނާ ހޯދުމަށްޓަކައި ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގެ ފުލުހުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށްވަނީ ރިޒުވީން ގެއްލިގެން ހޯދަމުންދާކަން އަންގާފައެވެ. އަދި ރިޒުވީން ހޯދައިގެން ގެނެސްދޭ ނޫނީ ހުރި ތަނެއް ބުނެދޭ ފަރާތަކަށް 70000 ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 800000 ދިވެހި ރުފިޔާ) ގެ އިނާމެއް ދޭ ގޮތަށް ދިވެހި ދަޢުލަތުން ވަނީ ހަމަޖައްސާފައެވެ. ރިޒުވީން ހޯދުމުގެ މަސައްކަތް ޑރ.ހެންރީއާއި އޭނާގެ ބައިވެރިން ވެސް ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް ރިޒުވީން ވީ ތަނެއް އަދި އެކަކަށް ވެސް ނޭނގެއެވެ. މަސްތުވާތަކެތީގެ ވަބާގައި ރިޒުވީން މަރުވެގެން ދިޔައީއޭ ކިޔައިގެން އަދި ރިޒުވީނޭ ކިޔައިގެން އެހެނިހެން އަޑުތައް ވެސް ދަނީ ރަށުތެރޭގައި ފެތުރެމުންނެވެ.

.

(ނުނިމޭ)

(ކުރިއަށް ދެން އޮތީ ވާހަކައިގެ ފަހު ބައި)

3

8 Comments

 1. މސއ

  August 21, 2017 at 7:16 pm

  ފަހުބައި ވެސް މިރޭ ގެނެސްދީބަލަ

 2. asasv

  August 21, 2017 at 8:23 pm

  yes miree genesdheveetho balaaaba v arah reethi

 3. Kamana

  August 21, 2017 at 9:24 pm

  Whatttt???? Fahubaey.. ekam adhi ninmaakah nuvey. Adhives dhigu kurevidhaane. Eyrah salhi vaanee. Dhen alhe balamaadho nimey iru vaa gotheh. Waitinggggg…..

 4. Reet

  August 21, 2017 at 9:35 pm

  V reethi ekamaku dhivahi vaahaka ah English bass beynun nukuriya v rangalhu

 5. NAAZ

  August 21, 2017 at 9:50 pm

  Alhey nimuneetha…v reethi mi vaahaka❤️❤️❤️❤️.haadha avahah thininmaalanee

 6. hi

  August 22, 2017 at 10:44 pm

  hi

 7. hi

  August 22, 2017 at 10:52 pm

  why?

 8. HGF

  August 23, 2017 at 1:37 pm

  loved this part <3

Comments are closed.