ދިހައެއް ( ފަހު ބައި )
2028ވަނަ އަހަރު
ރިޒުވީން ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް އެކިއެކި ޤައުމުތުކުގެ ފުލުހުންނާއި ބައިނަލް އަޤްވާމީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުންގެ އިތުރުން ޑރ.ހެންރީއާއި އޭނާގެ ބައިވެރިން ވެސް ދަނީ ރިޒުވީން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ރިޒުވީން ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. ރިޒުވީން ވީ ތަނެއް ދަންނަ މީހަކު ހުރިކަމަށް ވެސް ނުވެއެވެ. ރިޒުވީން ގެއްލުމަށް ފަހުގައި ނަބީޙާއި ސޯފީ ތިބެނީ އަބަދުހެން ހިތާމަކުރުމުގައެވެ. މަޖާކޮށް ހަދާ އުފަލުގައި ހޭދަކޮށްލި ސިކުންތެއްހާ އިރު ވެސް ނެތެވެ. އެ މީހުންގެ ވިޔަފާރި ވެސް އެއަށް ފަހުގައި ހުންނަނީ ހުއްޓިފައެވެ. ނަބީޙު މުޅި ދުވަސް ހޭދަކުރަނީ އަޅުކަންކުރުމާއި ދުޢާކުރުމުގަވެ. އޭނާގެ ގެއްލިފައިވާ އެންމެ ގާތް އެކުވެރިޔާ ހެޔޮ ހާލުގައި ލެހެއްޓެވުމަށް އެދިއެދިއެވެ. އަވަސް މުސްތަޤުބަލެއްގައި ފެންނާނެކަމުގެ އުންމީދުގައެވެ. ޑރ.ހެންރީގެ ކިބައިން ރިޒުވީނާއި އަޝްރަފު ރައްކާތެރިކުރުމަށް އެދެމުންނެވެ.
ޝަޙާގެ މަރަށް ފަހު ގެ މުޅިން ފަޅުވެއްޖެއެވެ. ގޭ ތެރޭގައި އަޑުގަދަކުރަމުން ދުވާ އަނގަގަދަ މިތުރު ދުނިޔެ ދޫކޮށް ދިޔައީއެވެ. ޝަޙާގެ މަރުގެ ޙަޤީޤަތް ހޯދާ އެ މަރަށް އިންސާފު ހޯދުމަށް އެދި އޭނާގެ ޢާއިލާ މީހުންނާއި ނަބީޙާއި ކުޅުދުއްފުށީގައި އުޅޭ ވަރަށް ގިނަ ރައްޔިތުން ދަނީ ޝަރުޢީ ކޯޓުތަކާއި ފުލުހުންގެ އިދާރާގައި އެދެމުންނެވެ. ފުލުހުންގެ އިދާރާއިން ބުނަމުން ދިޔައީ ޝަޙާގެ މަރުގެ ތަޙުޤީޤުކުރަމުންދާކަމަށެވެ. ޝަޙާގެ މަރަކީ އާދައިގެ މަރެއް ނޫންކަމާއި އެއީ ކޮށްފައިވާ ޤަތުލެއްކަމާއި އަދި ޤާތިލް ހޯދާނެކަމަށް ވެސް ‘ޕްރެސް ކޮންފެރެންސް’ އެއްގައި ކުޅުދުއްފުށީގައި ހުންނަ ކޮމިޝަނަރު، އަލީފު ބުނެފައިވެއެވެ. އެހެން ނަމަވެސް އަދި ޝަޙާގެ މަރާ ބެހޭގޮތުން ފުލުހުން އެއްވެސް ކަމެއް އަންގާފައި ނެތް އިރު ބައެއް ބާރުގަދަ ބޭފުޅުންގެ ސަބަބުން ޝަޙާގެ މަރުގެ ޙަޤީޤަތް އެދެވޭ ގޮތެއްގައި ފުލުހުންނަކަށް ތަޙުޤީޤެއް ނުކުރެވެއެވެ. ޝަޙާގެ މަރަށް އަދި އިންސާފު ނުލިބި އޮތްއިރު އޭނާ މަރާލި މީހުންނަށް އޭނާ ދިނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ދުނިޔޭގެ ބާރާއި ވަގުތީ މޮޅުގެ ދަހިވެތިކަމުގައި އެ މީހުން ޝަޙާ މަރާލީއެވެ. ފަހު ޒަމާނުގައި ބާރުތައް ލިބޭނީ އެ ބާރުތަކާ އެންމެ އެކަށީގެންނުވާ، މީހުންގެ މަޞްލަޙަތަށް ވުރެ އަމިއްލަ އެދުން ބޮޑު މީހުންނަށް ކަމަށް މީގެ 14އެއްހާ ޤަރުނު ކުރިން މާތް ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅު އެ ޒަމާނަށް އައުމުން ދިމާނުވެ ހުންނާނެ ހެއްޔެވެ؟ ޝަޙާ މަރާލުމުގެ ފަހަތުގައި ޑރ.ހެންރީއާއި އަނޫރާ ވީ ކަމުގައި ވިޔަސް ރަށު ތެރޭގައި އަޑުތައް ފެތުރެމުން ދިޔައީ ޝަޙާގެ މަރުގެ ފަހަތުގައި ވެސް ރިޒުވީންގެ އަތެއްވާ ކަމުގައި ކިޔައިގެންނެވެ. ކޮންމެއަކަސް އެ އަޑުތަކަށް ރައްދުދެމުން ރިޒުވީން އެ ފަދަ ކަމެއް ނުކުރާނެކަމަށް ޝަޙާގެ ޢާއިލާ އެންމެން ޤަބޫލުކުރާކަމަށް ޝަޙާގެ ދޮންބެ ޝާއިން ވަނީ ނޫސްވެރި މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ޑރ.ހެންރީގެ އެދުމުގެ މަތިން ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނާއި އެމެރިކާގެ ރައީސް ރެޝްފޯޑާއި ހުޝިޔާރު ވަގު ޒޫމް، ޑރ.ހެންރީގެ އިންތިޒާރުގައި ނޮޅިވަރަންފަރުގައި ހުންނަ އޭނާ ހިންގާ މަރުކަޒުގެ އެންމެ މަތީބުރީގެ ކޮޓަރިއެއްގައި ތިއްބެވެ. އިރުކޮޅެއް ފަހުން ޑރ.ހެންރީ އެ ކޮޓަރިއަށް ވަދެގެން އައިސް ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ފަހަތުން ހަށިގަނޑުން ބިޔަ ކަޅު ފިރިހެނެއް ވެސް ވަނެވެ. ޑރ.ހެންރީގެ ފަހަތުން އެ ފިރިހެނާ އައިސް ޑރ.ހެންރީ ކައިރީގައި ކޮޅަށް ހުއްޓުނީއެވެ. ދެން އޭނާގެ ޖީބުން ރިމޯޓެއް ނެގުމަށް ފަހު ރިމޯޓުގެ ސުވިޗަކަށް ފިއްތާލަމުން އެ މީހުންގެ ކުރިމައްޗަށް ސުކްރީނެއް ހުޅުވުނެވެ. އެއަށް ފަހު އެންމެންނަށް ސުކްރީން ފެންނާނެ ގޮތަށް އެ ފިރިހެނާ އެއް ފަރާތަކަށް ޖެހިލިއެވެ. ސުކްރީނުން ދައްކަމުން ދިޔައީ ދުނިޔޭގެ ސެޓެލައިޓް މެޕެކެވެ. އެހެން ޗާޓު މެޕުތަކާ ޚިލާފަށް އެ މެޕުގައި ދުނިޔޭގެ އެކި ތަންކޮޅުތަކުގައި ރޯ ވެފައި ހުއްޓެވެ. ރަނގަޅަށް ބަލާލުމުން އެ ތަންކޮޅުތަކަކީ މުސްލިމުން ގިނަ ޤައުމުތަކާއި މުސްލިމުން މަދު ނަމަވެސް އެ ޤައުމެއްގައި މުސްލިމުން ގިނަ ސަރަހައްދުތަކެވެ. އެ މެޕަކީ މީގެ ކުރިން އަޝްރަފު ސުކްރީނަކުން ޑރ.ހެންރީގެ މަޤްޞަދުކަމުގައި ރިޒުވީނަށް ދެއްކި މެޕެވެ. “މިއީ އަހަރެން ކުރަން މި އުޅޭ ކަމަކީ.. ދި އިސް މައި ޕްލޭން.. އެހެން ވިޔަސް އެ ސޮރު ހޯދުމުގައި ކަލޭމެން އަހަންނަށް އެހީވާނަމަ ކަލޭމެންނަށް ވެސް ކަލޭމެންގެ ހިއްސާ ލިބިގެންދާނެ.. ޕްރެސިޑެންޓް ރެޝްފޯޑަށް އުމުރު ދުވަހުގެ ވެރިކަމާއި ކަލޭގެ ވާދަވެރިންގެ ކުއްލި މަރު.. މޯލްޑިވްސްގެ ޑިފެންސް މިނިސްޓަރ ނުޢުމާނަށް އާދަޔާ ޚިލާފު މޮޅު ހަތިޔާރުތައް.. އަދި ޒޫމް.. ކަލެއަށް ވެސް ފަސޭހަކަމާއެކު ކަލޭގެ ވަގު ޑީލްތައް ނިންމާލެވޭނެ ތަނަވަސް މަގުތައް.. އެހެންވީމާ އަހަރެންނަށް އެ ސޮރު ހޯދައިދޭން ބައިވެރިވާން އެއްބަސްތަ.؟” ޑރ.ހެންރީ އޭނާގެ ރޭވުން އެންމެނަށް ކިޔައިދިނެވެ. އެއަށް ފަހުގައި އަޝްރަފުގެ ބާރުތައް ވެސް ޑރ.ހެންރީ އެ މީހުންނަށް ކިޔައިދިނެވެ. އެ އެންމެން ވެސް އަޝްރަފު ހޯދުމުގައި އޭނާއާ ބައިވެރިވާން އެއްބަސްވިއެވެ. އެއީ އަޝްރަފު ލިބުމަށް ފަހު، އެ ރޮބޯޓުގެ އެހީގައި އެއިން ކޮންމެ މީހެއް ވެސް އެ މީހަކު ބޭނުންވާ ކަންތައް ފުރިހަމަކުރުމަށެވެ. އިންސާނިއްޔަތަށް ވުރެ އެ ބައެއްގެ އެދުން އިސްކުރީއެވެ.
އެ ބައްދަލުވުމަށް ފަހު އެ މަރުކަޒުގައި މަސައްކަތްކުރާ ސައިންޓިސްޓުންނާ ބައްދަލުކުރާން ޒޫމް ބޭނުންވިއެވެ. އަދި އެ ކަމުގެ ހުއްދަ ޑރ.ހެންރީ ޒޫމަށް ދިނެވެ. އެހެންވެ ފަހަރަކު ސައިންޓިސްޓަކާ ބައްދަލުކޮށް އެ މީހުން ކުރާ މަސައްކަތްތައް ޒޫމް އޮޅުން ފިލުވަމުން ދިޔައެވެ. އެ ގޮތަށް ފަހަރަކު ސައިންޓިސްޓަކާ ބައްދަލުކުރަމުން ގޮސް ޑރ.ސާއިދާއި ޑރ.ރޯން ތިބި ކޮޓަރިއަށް ދިޔައެވެ. އެއިރު އެ ދެ މީހުން ތިބީ ކޮންމެ ވެސް ކަހަލަ އީޖާދެއް އުފެއްދުމުގެ މަސައްކަތުގައެވެ. “ޑޮކްޓަރު ސާއިދު.. ޑޮކްޓަރު ރޯން..” މަސައްކަތުގައި މަސްއޫލުވެފައި ތިބި ދެ ސައިންޓުންނަށް ޒޫމް އެ ތަނުގައި ހުރިކަން ރެއަކާލީ އޭނާ ގޮވާލުމުންނެވެ. ދެން ޑރ.ސާއިދު އެ ތަނުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއާ ދިމާލަށް ބަލާލިއެވެ. “އެ ކެމެރާއިން ވޮޗަރުންނަށް މި ކޮޓަރީގައި ހިނގާ މަންޒަރުތައް ނޫން އެހެން މަންޒަރެއް ފެންނަ ގޮތަށް ހަދާ..” ޑރ.ސާއިދު މިހެން ބުނުމާއެކު ސީސީޓީވީ ކެމެރާއިން ވޮޗަރުންނަށް ފެންނަމުން ދިޔައީ އަޝްރަފު އެ ކެމެރާއިން ދައްކާ މަންޒަރުތަކެވެ. އެ ތަނުގައި ޑރ.ސާއިދާއި ޑރ.ރޯންގެ ސިފައިގައި ތިބީ ރިޒުވީނާއި ޢާދިލް ސަރއެވެ. ރިޒުވީނާއި ޢާދިލް ސަރ ވެސް އަޅައިގެން ހުރި މާސްކު ނެގިއެވެ. “ކޮބައި.؟ މަސައްކަތް ކުރިޔަށް ދޭތަ.؟” ޒޫމް އެހިއެވެ. ޑރ.ހެންރީގެ ރޭވުމުގައި ޒޫމް ބައިވެރިވީ ރިޒުވީނާއި ޢާދިލް ސަރގެ އެދުމުގެ މަތިންނެވެ. އެއީ ޑރ.ހެންރީ ބަލިކުރުމަށްޓަކައި އެ މީހުން ރޭވި ރޭވުން ކާމިޔާބުކުރުމަށެވެ. “ޔެސް.. ވަރަށް އަވަހަށް މި އުފައްދަން އުޅޭ ރޮބޯޓު ނިމިގެންދާނެ..” ޢާދިލް ސަރ ބުންޏެވެ. “އާނ.. މި ނޫން މޮޅު ގޮތެއް ނެތް.. ހެންރީ ބަލިކުރަން އެންމެ ބުއްދިވެރި ގޮތަކީ އޭނާ މޮޅުވަމުންދާކަމަށް އޭނާ ހީވާ ގޮތަށް ކަންތައްތައް ކުރުން.. ފައިނަލް ލެގާ ޖެހެންދެން ގޭމް އޭނާއަށް ދޫކޮށްގެން ކުޅުން..” ރިޒުވީން ބުންޏެވެ.
އަނެއް ދުވަހުގެ އިރު އެރުމާއެކު ޑރ.ހެންރީގެ ރޭވުމުގެ ދަށުން އެންމެން މަސައްކަތްކުރަން ފެށިއެވެ. އެ ގޮތުން ޑރ.ހެންރީވަނީ ފުލުހުންނަށާއި ނޫސްވެރިންނަށް ވީޑިއޯ މެސެޖެއް ފޮނުވައިފައެވެ. އެ ވީޑިއޯގައި ތިބީ ޑރ.ހެންރީއާއި ޢާދިލް ސަރގެ ސިފައިގައި ހުރި މީހެކެވެ. ރިޒުވީން އުޅެނީ އެނާގެ ގޭގައި ކަމުގައި ޑރ.ހެންރީ ބުންޏެވެ. ފުލުހުން ރިޒުވީންގެ ގެ ފިޔަވައި ހުރިހާ ތަނެއްގައި އޭނާ ހޯދަމުންދާކަން ޑރ.ހެންރީ ފާހަގަކުރިއެވެ. ރިޒުވީނާއި ނަބީޙު ގުޅިގެން ޓެރަރިސްޓް ހަރަކާތެއް ރާވައިގެން އުޅޭކަމަށް ވެސް ބުންޏެވެ. “އެހެން މި ބުނާން ޖެހުނު ސަބަބަކީ ވަރަށް ކުރިން ވެސް އެ ކަހަލަ ކަމެއް އެ ދެ ކުދިން ރާވާފައިވަނީ.. އަދި އެ ކުދިން ވަނީ އަޅުގަނޑުގެ އެހީއަށް ވެސް އެދިފައި…” ޢާދިލް ސަރގެ ސިފައިގައި ހުރި މީހާ ބުންޏެވެ. އަދި ޑރ.ހެންރީ އުފެއްދި ‘ވޮއިސް-ޓެކްނޮލޮޖީ’ ގެ އެހީގައި އެ މީހެއްގެ އަޑު ވެސް ހުރީ ޢާދިލް ސަރގެ އަޑު ހުންނަ ގޮތަށެވެ. އެހެންވުމުން މީހުން ހީކުރާނީ ވެސް އެއީ ޢާދިލް ސަރ ކަމަށެވެ. މި ވީޑިއޯ މެސެޖުތައް ނޫސްވެރިންނަށް ލިބުމާއެކު އެ މީހުންގެ ޗެނަލްތަކާއި އޮންލައިން ސައިޓުތަކުގެ އިތުރުން ސޯޝަލް މީޑިއާގައި އާންމުކުރިއެވެ. އަދި މި ވީޑިއޯ ފުލުހުންނަށް ލިބުމާއެކު ސިފައިންނާ ގުޅިގެން ދިރާސާތަކެއް ކޮށް، އެކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދިވެހިން ސިފައިންގެ ފަރާތުން ދިފާޢީ ވަޒީރު ނުޢުމާނާއި ފުލުހުންގެ އިދާރާއިން ފުލުސް ކޮމިޝަނަރ އަލީފު ނޫސްވެރިންނާ ބައްދަލުކުރުމަށް އެ ދުވަހުގެ ހަވީރު ހަމަޖެއްސިއެވެ. ހަވީރު ވުމާއެކު އެ ‘ޕްރެސް ކޮންފެރެންސް’ އަށް ކުޅުދުއްފުއްޓާއި ދިވެހިރާއްޖޭގެ އިތުރުން ބޭރުގެ ބައެއް މައި މީޑިއާތަކުގެ ނޫސްވެރިން ވެސް ގޮސް ތިއްބެވެ. “ޢާދިލް ސަރއަށް ރިޒުވީން ކޮށްފައިވާ ފޯނު ކޯލުގެ ރެކޯޑިންތައް އަޑުއެހުމަށް ފަހު އެނގުނީ އެއީ ތެދެއްކަން.. އޭނާ ޢާދިލް ސަރގެ ކިބައިން އެ ކަންކަމަށް އެދިފައިވޭ.. އެހެންވިޔަސް އެ ކަމުގައި ނަބީޙުގެ އަތެއްވާ ކަމުގެ ހެއްކެއް އަދި ނުލިބޭ.. އެހެންވިޔަސް ރިޒުވީން އޭނާގެ ރޭވުންތައް ކާމިޔާބުކުރަން ނުރައްކާތެރި ހަތިޔާރެއް އުފައްދައިގެން އޭނާގެ ގޭގައި އުޅޭކަމަށް ޑރ.ހެންރީއާއި ޢާދިލް ސަރވަނީ ތުހުތަމުކޮށްފައި.. އެހެންވީމާ ރިޒުވީން ވަގުތުން ހައްޔަރުކުރަން އެބަ ޖެހޭ.. އަދި މި ކަމުގައި އަޅުގަނޑުމެންނަށް ޔޫއެސް އާމީގެ އެހީ ބޭނުންވާތީ ޔޫއެސްގެ ރައީސްއާ ވާހަކަދައްކަމުން މި ދަނީ.. ވަރަށް ބޮޑަށް ވެސް ބާރުގަދަ މިލިޓަރީއެއް ބޭނުންވޭ.. ދިވެހިން އަދި އެމެރިކާ ގުޅިގެން މަސައްކަތްކުރާނަމަ ކާމިޔާބުކުރަން ފަސޭހަވާނެ.. ރިޒުވީން ފަދަ ކުއްޖެއްގެ ސަބަބުން ގެއްލުން ލިބެން އޮތީ ހަމައެކަނި ކުޅުދުއްފުއްޓަކަށް ނޫން.. ރާއްޖެއަކަށް ނޫން.. މުޅި ދުނިޔެއަށް..” ނޫސްވެރިންނާ ބައްދަލުކުރަމުން ނުޢުމާން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހުގައި ނުޢުމާން ކުޅުދުއްފުށީގައި ހުންނަ ‘ގެސްޓް ހައުސް’ އެއްގެ ކޮޓަރިއަކަށް ދިޔައެވެ. އެ ކޮޓަރިއަށް ވަންއިރު ކޮޓަރީގައި ޑރ.ހެންރީއާއި ރެޝްފޯޑު ތިއްބެވެ. “އޭނާ ގޭގައި ނެތިއްޔާ ކިހިނެއް ހަދާނީ.؟” ނުޢުމާން އެހިއެވެ. “އެ ގޭގަ ކޮންމެސް އެއްޗެއް ވާނެ.. ރޮބޯޓު ސޮރުގެ އެހީގަ އެއޮށް ހުރިހާ ފޯނުތަކާއި އުފެއްދުންތައް ހަދާން ސިއްރު ތަނެއް ބޭނުންވާނެ.. މައިގަނޑު ބޭނުމަކީ އޭނާ ބަދުނާމުކޮށްލުން.. ވީ ކޭން ފުރޭމް ހިމް ޓޫ.. އަހަރެންގެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރޭ.. މާދަމާ ހެނދުނު ޔޫއެސް އާމީ ބޯޓެއް މި ކޮޅަށް އަންނަ ގޮތަށް އޮތީ ހަމަޖެހިފައި..” ޑރ.ހެންރީ ބުންޏެވެ.
ޖެހިގެން އައި ދުވަހު ފަތިސްވުމާއެކު އެމެރިކާގެ ރައީސް ރެޝްފޯޑުގެ އަމުރަށް އެމެރިކާގެ ސިފައިން އަރުވައިގެން ށ.ނޫމާރާ ކައިރީގައި އޮތް ދަނގަޑު ބޯޓެއް ތިލަދުންމަތީ އަތޮޅުގެ ތެރެއަށް ވަނެއެވެ. އެ ދަނގަޑު ބޯޓުގެ ކައްޕި (ކެޕްޓަން)، އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރުގެ އެންގި ގޮތަށް އަވަސް ދުވެލީގައި ގޮސް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގެ ދެކުނު ފަރާތުގެ ފަޅު ބޭރުގައި ހުރި ހިލަ ގާތަކާ ދިމާލަށް ބޯޓު ގާތްކޮށްލިއެވެ. ގާތް ކޮށްލުމާއެކު ސިފައިންތައް ބޯޓުން ފައިބައި އެ ރަށަށް އަރަން ފެށިއެވެ. އެމެރިކާ ސިފައިންތައް އެ ރަށަށް އެރުމަށް ފަހު ސަފުތަކުގައި ހިނގައިގަތީ އެ ރަށު ކައުންސިލަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ދިވެހި ސިފައިން އެ މީހުންގެ އިންތިޒާރުގައި ރަށުގެ ބޮޑު މިސްކިތް ހުރި ހިސާބުން ބޮޑު މަގުގައި ތިބޭނެކަން އެނގޭތީ އެ ދިމާލަށް ދިޔުމަށެވެ. ސަފުތަކުގައި އެމެރިކާ ސިފައިން އެ ދިމާލަށް ދިޔައިރު ހީކުރި ގޮތާ އެއްގޮތަށް އެ މީހުންގެ އިންތިޒާރުގައި ކައުންސިލަރުންނާއި ސަރުކާރުގެ އިސްވެރިން އަދި ދިވެހި ސިފައިން ވެސް ތިއްބެވެ. އެ އެންމެން ފެނުމާއެކު އެމެރިކާ ސިފައިން މަޑުކުރިއެވެ. އެއަށް ފަހު އެ ތަނުގައި ތިބި ދިވެހި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ދިފާޢީ ވަޒީރު ނުޢުމާނުގެ އިރުޝާދުގެ ދަށުން ސިފައިން ގޮސް ރަށުގެ އެންމެ އުތުރުގައިވާ ‘ރޯ ހައުސް’ ތަކުގެ ފުލެޓުބަރި ވަށައިލިއެވެ. ދެން ނުޢުމާން، ސިފައިންގެ އިސް ކޮމާންޑަރުގެ އަތަށް ލައުޑު ސުޕީކަރެއް ދިނެވެ. “ރިޒުވީން، ކަލޭ ތިޔަ ގެންގުޅޭ އީޖާދަކީ އިންސާނިއްޔަތަށް ބިރުހުރި ހަތިޔާރެއް.. އެ ހަތިޔާރު އަހަރެމެންނާ ހަވާލުކުރޭ..! ތިޔަ ގޭ ތެރެއިން ނުކުމެ އަހަރެމެންނަށް އަމާންދީ އަހަރެމެންގެ ބެލުމުގެ ދަށަށް ރިޒުވީން އައުމަށް ގޮވާލަން..” އިސްކޮމާންޑަރުގެ އަޑަށް އެ ގެއިން ނަބީޙު ނުކުތެވެ. ސާބިތުކަމާއެކު ހިނގާފައި އައިސް ސިފައިން ގޭ ތެރެއަށް ވަނުމުގެ ހުއްދަދިނެވެ. އަދި ހުއްދަދެމުން ވެސް ރިޒުވީން އެ ގޭގެ ތެރެއިން ނުފެންނާނެކަމުގެ ޔަޤީންކަން ނަބީޙު ދިނެވެ. އެހެން ވިޔަސް ނުޢުމާނާއި އިސް ކޮމާންޑަރާއި އަދި ބައެއް ސިފައިން އެ ގޭ ތެރެއަށް ވަނީއެވެ. އެއް ބައި ސިފައިން ބޭރުގައި މަޑުކުރީ ރިޒުވީން ގޭ ތެރޭގައިވާނަމަ، ނުކުމެ ދުއްވައިގަންނަން މަސައްކަތްކޮށްފާނެތީއެވެ.
“ރިޒުވީން ނެތަސް ހަތިޔާރުތަކެއް ފެނިދާނެ.. މުޅި މި ގެ ބަލާ ހާވާ..” ވަރަށް ބާރު އަޑަކުން ސިފައިންނަށް ނުޢުމާން އަމުރުކުރިއެވެ. އޭނާ އަމުރުކުރުމާއެކު އެއް ބައި ސިފައިންތައް މަތީ ބުރިއަށް އެރިއެވެ. އަނެއް ބައި ސިފައިންތައް ސިޓިން ރޫމް ބަލަން ފެށިއެވެ. ނުޢުމާން އެ ބުނާ ކަހަލަ ހަތިޔާރު ފަދަ އެއްޗެއް ފެނޭތޯއެވެ. އެހެން ނަމަވެސް ހޯދާހޯދާ އެ ފަދަ އެއްވެސް އެއްޗެއް ސިފައިންނަކަށް ނުފެނުނެވެ. ނުޢުމާން މަޑުމަޑުން ހުރެގެން މުޅި އެ ސިޓިން ރޫމުގެ އެކި ދިމާދިމާލަށް އޭނާގެ ނަޒަރު ހިންގާލިއެވެ. އެހެން ހުއްޓާ ނުޢުމާންގެ ލޮލުގައި އަޅައިގަތީ ރިޒުވީނާއި އޭނާގެ ބައްޕަ އަދި އަލިބެ ހިމެނޭ ޢާއިލީ ފޮޓޯގަނޑަށެވެ. ނުޢުމާން ގޮސް އެ ފޮޓޯގަނޑު ނެގިއެވެ. ފޮޓޯގަނޑު ނަގައި ބަލާލިއިރު ފާރުގައި ކޯޑު ޖަހާ ލޮކެއް ހަރުކޮށްފައި ހުއްޓާ ފެނުނެވެ. “މި ލޮކުގެ ކޯޑު ބުނެދީ މިހާރު..” ނުޢުމާން ހަރު އަޑުން އެތައް ފަހަރު ބުނި ނަމަވެސް ނަބީޙުގެ ޖަވާބަކަށް ވީ އޭނާއަށް ކޯޑު ނޭނގޭކަމަށެވެ. ދެން ނުޢުމާން އެ ކޯޑު ޖަހާ ލޮކާ ދިމާލަށް ބަލަމުން ވިސްނަން ހުއްޓެވެ. ނުޢުމާން އެހެން ވިސްނަން ހުރެފައި ލޮކުގައި ’10’ ޖެހިއެވެ. ލޮކުގައިވާ ސުކްރީނުން މަދުވެގެން ފަސް ޑިޖިޓު ހަމަކުރަން އެންގިއެވެ. ދެން ނުޢުމާން ލޮކުގައި ޖެހީ ‘00010’ އެވެ. އެ ގޮތަށް އޭނާ ޖެހުމާއެކު ތަޅަންގަނޑުގައި ޖަހާފައި ހުރި މުށިގަނޑުތަކުގެ ތެރެއިން މުށިގަނޑެއް ކެހިގެން ދިޔައެވެ. މުށިގަނޑު ކެހުމާއެކު ނުޢުމާން ގޮސް އެ ތަނުގެ ތިރިއަށް ފޭބިއެވެ. ނުޢުމާން އެހާ ފަސޭހައިން ކޯޑު ދިމާކުރުމުން ނަބީޙު ހުރީ ހައިރާންވެފައެވެ. ނުޢުމާންގެ ފަހަތުން އިސް ކޮމާންޑަރު ފިޔަވައި ދެން ހުރި ސިފައިން ވެސް ތިރިއަށް ފޭބިއެވެ. އިސް ކޮމާންޑަރު ހުރީ ނަބީޙާއެކު މަތީގައެވެ. އެ މީހުންނާއެކު ނަބީޙު ތިރިއަށް ފޭބުމުގެ ހުއްދައެއް އިސް ކޮމާންޑަރު ނުދިނެވެ. އެ މީހުން އެ ތަން ބަލާ ނިމެންދެން ނަބީޙު ހުންނަން ޖެހޭނީ މަތީގައި ކަމަށާއި ނަބީޙު ތިރިއަށް ފައިބަން އުޅެފިނަމަ ހިފަހައްޓާނެކަމަށް އިސް ކޮމާންޑަރު ބުންޏެވެ. އެހެންވެ ނަބީޙު ތިރިއަށް ނުފައިބައި މަތީގައި މަޑުކުރީއެވެ. އިރުކޮޅެއް ފަހުން ނުޢުމާނާއި ސިފައިން މައްޗަށް އެރީ ބަޑިތަކާއި ބޮންތަކަކާއެކުއެވެ. އެ އެންމެންވެގެން ރިޒުވީން ‘ފުރޭމް’ ކުރަން ރޭވީކަން ނަބީޙަށް ވިސްނުނެވެ. “ނަބީޙު.. މި އެއްވެސް ކަމެއް ރިޒުވީން ކުރާކަން ނަބީޙު ދެނެހުރިންތަ.؟” ނުޢުމާން އެހިއެވެ. ނަބީޙު އޭނާގެ ބޯ ހޫރުވާލީ އޭނާއަށް ނޭނގޭކަން އެންގުމަށެވެ. “މި ކަމާމެދު އެއްޗެއް ބުނަން ބޭނުންތޯ.؟” ނުޢުމާން އެހިއެވެ. ނަބީޙު އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުރީއެވެ. “މައްސަލައެއް ނެތް.. ތަޅަންގަނޑު ދަށުން ސިއްރު ތަނެއް ގެންގުޅުމާއި އެ ތަނުގެ ތެރެއިން މި ހަތިޔާރުތައް ފެނުމުން ރިޒުވީނަކީ ހަމަ ޓެރަރިސްޓެއްކަން ހާމަ މިވީ..” މިހެން ބުނެފައި ސިފައިންނާއެކު ނުޢުމާން އެ ތަނުން ގޮސްފިއެވެ.
މާ އިރުތަކެއް ނުވަނީސް ރިޒުވީންމެންގެ ގޭގައި ތަޅަންގަނޑު ދަށުން ސިއްރު ތަނެއް ހަދައިގެން އުޅޭ ޚަބަރާއި އަދި އެ ތަނުން ބަޑިއާއި ބޮން ފަދަ ހަތިޔާރުތައް ސިފައިންނަށް ފެނުނުކަމުގެ ޚަބަރު ވަނީ މީޑިއާ ތެރޭގައި ފެތުރިފައެވެ. މި ޚަބަރުތައް ފެތުރުމާއެކު ވަކީން ޙާއްޞަކޮށް މީހުން ރިޒުވީންދެކެ ނަފުރަތުކުރަން ފަށައިފިއެވެ. އޭގެ ފަހުން ނަބީޙާއި ސޯފީއަށް މަގުމައްޗަށް ވެސް ނުކުމެ އުޅެވޭ ވަރެއް ނުވެއެވެ. ނުކުތުމާއެކު މީހުންގެ ބަދު ބަސްތަކާއި ދެރަ ބަސްތައް ކަންފަތުގައި ޖެހެއެވެ. ރިޒުވީން ނުފެނި އިތުރު ހަފުތާއެއް ވޭތުވިއިރު މީޑިއާ ތެރޭގައި ރިޒުވީނޭ ކިޔައިގެން ދޮގު ޚަބަރުތަކެއް ފެތުރެމުންދާތީ ނަބީޙު ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެއްވެސް ކަމެއް ނުކޮށް ގިނަ ވަގުތު ގޭގައި އިންނަނީއެވެ. ދެން އަޅުކަންކުރުމާއި ދުޢާކުރުން ކުރިއަށްވުރެ އިތުރުކުރީއެވެ. ރިޒުވީނާއި އަޝްރަފު ހެޔޮ ހާލުގައި ތިބެމެ ޑރ.ހެންރީގެ ނުބައި ރޭވުންތަކުން އެ މީހުން މިންޖުކޮށްދިނުމަށް އެދެމުންނެވެ.
ރިޒުވީންގެ ޚަބަރެއްނުވެ އިތުރު ހަފުތާއެއް ވޭތުމުން ޑރ.ހެންރީ ރޭވުމާ އެއްގޮތަށް ކުޅުދުއްފުށީގައި ހުންނަ މޭވާއާއި ތަރުކާރީގެ ބާޒާރާ ދިމާލަށާއި އިރުމަތީ އަވަށުގައި ހުންނަ ފުލެޓު ބަރިތަކަށް ބޮމުގެ ހަމަލާތަކެއް ދިނެވެ. މުޅި ތާރީޚުގައި ވެސް ކުޅުދުއްފުށްޓަށް އަދި ދިވެހިރާއްޖެއަށް ވެސް މި ފަދަ ހަމަލާއެއް ދިން އެއީ ފުރަތަމަ ފަހަރެވެ. އެ ހަމަލާތަކާއެކު ޔޫޓިއުބުގައި ވީޑިއޯއެއް އާންމުވިއެވެ. އެ ވީޑިއޯގައި ތިބެނީ ކަޅުކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުންނެވެ. “ރިޒުވީން.. ކަލޭ އަމާންދޭންވީ އަހަރެމެންނަށް.. ކަލޭ ޤައުމުގެ ފުލުހުންނަކަށް ނޫން.. ވަގުތުން އަހަރެމެންނާ އަމިއްލަ ނަފުސު ހަވާލުވޭ.. އެހެން ނޫންނަމަ ކަލޭގެ ކުޅުދުއްފުށި ދެ ފަޅި ކޮށްލާނަން..” އެ ވީޑިއޯގައި ތިބި ދެ ފިރިހެނުންކުރެ އެކަކު ބުންޏެވެ. ފަހުން މި ވީޑިއޯ ވަނީ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގައި ވެސް އާންމުވެފައެވެ. މި ވީޑިއޯގެ ސަބަބުން މީހުންގެ ހިތްތަކުގައި އިތުރު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެއަށް ފަހުގައި ވެސް އިތުރު ދެ ހަމަލާއެއް ވެސް ވަނީ ކުޅުދުއްފުށްޓަށް ދީފައެވެ. މި ފަހަރު ހަމަލާދިނީ ‘އޭޑީކޭ ހޮސްޕިޓަލް’ އަށާއި މަދުރަސާތަކުގެ ކުދިން އަރުވައިގެން ދިޔަ ބަހަކަށެވެ. ދިފާޢީ ވަޒީރު ނުޢުމާން މީޑިއާތަކަށް އެ މީހުން ކުރާ ތަޙުޤީޤުތަކުގެ މަޢުލޫމާތުދެމުން މި ހަމާލާތަކުގެ ފަހަތުގައި ވެސް ވަނީ ރިޒުވީން ކަމަށާއި ޔޫޓިއުބުގައި އާންމުވި މޫނު ނިވާކޮށްފައި ތިބި ފިރިހެނުންގެ ވީޑިއޯއަކީ ވެސް ރިޒުވީން ރާވައިގެން އާންމުކުރި ވީޑިއޯއެއް ކަމަށް ބެލެވޭކަމަށް ބުންޏެވެ. “އޭނާ އެ ގޮތަށް ކަންތައް ކުރުމުން މީހުން ހިތުގައި އިތުރު ސުވާލުތައް އުފެދޭނެކަން އެނގޭތީވެ އެ ގޮތަށް ވީޑިއޯއެއް އެ އާންމުކޮށްލީ..” މަޢުލޫމާތު ދެމުން ނުޢުމާން ބުންޏެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތު ފިހާރަތަކުން ކުޑަ ވިޔަފާރިއެއް ކުރަންޖެހޭ ކަމަށް ޑރ.ހެންރީ ގާތުގައި ބުނެފައި ނޮޅިވަރަންފަރުން ކުޅުދުއްފުށްޓަށް ދާން ޑރ.ސާއިދާއި ޑރ.ރޯން ފުރިއެވެ. އެ ދެ ސައިންޓިސްޓުންގެ ސިފައިގައި އެއިރު ވެސް ތިބީ ރިޒުވީނާއި ޢާދިލް ސަރއެވެ. އަޝްރަފު ހޯދުމުގެ ކަންތަކުގައި ޑރ.ހެންރީ މާ ބޮޑަށް މަސްއޫލުވެ އުޅޭތީ އެ ދެ މީހުން އަނބުރާ ނޮޅިވަރަންފަރަށް އާދޭތޯ ޑރ.ހެންރީ ބަލަން ނޫޅޭނެކަން އެ ދެ މީހުންނަށް އެނގެއެވެ. ކުޅުދުއްފުށްޓަށް އެރުމަށް ފަހު ފެނުނީ އެ ރަށަށް އުފަން، ރަށްދެކެ ލޯބިވާ ދަރިއަކަށް ބަލަން ފަސޭހަ މަންޒަރުތަކެއް ނޫނެވެ. ކުލުނެއް ހުރި ކޮންމެ އިންސާނަކަށް ވެސް ބަލަން ފަސޭހަވާނެ މަންޒަރުތަކެއް ނޫނެވެ. ރަށުގެ ބޮޑު ބައެއް އޮތީ ސުންނާފަތިކޮށްލާފައެވެ. މަގުތައް ފުރިފައިވަނީ ހަށިގަނޑުގެ ބައިބައި އަނދާފައި ހުރި މީހުންނާއި ޒަޚަމްވެފައިވާ މީހުން އުފުލައިގެން ދުއްވާ އެމްބިއުލޭންސް، ކާރު، ވޭން ފަދަ އުޅަނދުތަކުންނެވެ. ބައެއް މީހުން އެ ފަދަ މީހުން އުރައިލައިގެން ހިނގާފައި ދާ މަންޒަރު ވެސް ފެނެއެވެ. ހަށިގަނޑުގެ ބައެއް ގުނަވަން ނެތް މީހުންނާ ވެސް ދިމާވެއެވެ. ރިޒުވީން ކުޅުދުއްފުށީގައި އުޅުނު ހަ އަހަރުގައި ވެސް މިހާ ހިތްދަތި މަންޒަރެއް ދެކެފައި ނެތެވެ. މި ފަދަ ހިތްދަތި މަންޒަރުތައް ބަލަމުން ދަނިކޮށް މަގުމަތީގައި ރޯން ތިބި ކުޑަ ދެ އަންހެން ކުދިންނާ ދިމާވިއެވެ. “ތި ކުދިން ރޮނީ ތީ ކީއްވެތަ.؟” އެ ކުދިންގެ ގާތުގައި ރިޒުވީން އެހިއެވެ. ޑރ.ސާއިދުގެ ސިފައިގައި ރިޒުވީން ހުރުމުން އެ ކުދިންނަކަށް އެއީ ރިޒުވީން ކަން ނޭނގުނެވެ. “ނު ރޯންވީ ސަބަބެއް އެބަ އޮތްތަ.؟ ދިން ހަމާލާގައި އަހަރެމެންގެ ގެ ހަލާކުވީ.. އުޅޭނެ ތަނެއް ނެތް.. ގެއާއެކު މަންމަ ވެސް ދިޔައީ.. ދޮންބެ ވެސް ދިޔައީ.. އަހަރެމެން މިއީ ނަހަލާލު ދެ ކުދިން.. ބައްޕައެއް ނޭނގޭ.. ކާކު ކައިރިއަށް ދާނީ..؟ ހަމަލާތަކުން އެހެން މީހުންނަށް ލިބުނު ބޮޑެތި ގެއްލުންތަކާ ހެދި އަހަރުންނަށް އެހީވާނެ މީހަކު ނުވެގެން މި އުޅެނީ.. އެހީއަކަށް އެދެން މީހަކު ގާތަށް ސަލާންޖަހަން ދާއިރަށް އެހީވުމުގެ ބަދަލުގައި މި ދައްކަނީ ހަމަލާތަކުން އެ މީހުންނަށް ލިބުނު ގެއްލުމުގެ ވާހަކަ.. ކަލޭ މަންމަ ފިރިހެނުން ކައިރިއަށް ވަންއިރު ދަރިއަކު އަންނާނެ ކަމަކަށް ހިތަކަށް ނާރައޭ ކިޔައިފަ އެއްޗެސް ވެސް ގޮވާ..” އެ ތަނުން ބޮޑަށް ހުރި ކުއްޖާ ރޮމުން ބުންޏެވެ. ދެން ހުރި ޅަ ކުއްޖާ ވެސް ގިސްލަ ގިސްލާފައި ރޮނީއެވެ. އެ ކުދިންގެ ހާލު ހިތަށް އަރުވާފައި ރިޒުވީންގެ ލޮލުން ވެސް ކަރުނަ ފޭބިއެވެ. އެ ދެ ކުދިންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެ ކުދިންގެ މަންމަކުރި ކުށްތަކުގެ އަދަބު މި ލިބެނީ އެ ކުދިންނަށް ހެއްޔެވެ؟ ރަށާއި ރަށުގެ ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއް ކުރިމަތިވި ދުވަހު އެކަކު އަނެކަކަށް އެހީވުމުގެ ބަދަލުގައި ކޮންމެ ފަރުދަކު ވެސް މި ދުވަނީ އެ މީހެއްގެ އަމިއްލަ ގެއްލުންތައް ފޫބެއްދޭތޯއެވެ. އެހީއެއް ވިޔަސް މި ވަނީ ތިމާއާ ކޮންމެ ވެސް ކަހަލަ ގާތް ގުޅުމެއް އޮންނަ މީހަކަށެވެ. އާންމު ފަރުދުންގެ ކަންތައް މި ގޮތަށް ހުރިއިރު އަދި މި ހުރިހާ ހަމަލާތަކެއްގެ ފަހަތުގައި އުޅޭ ނުލަފާ މީހާގަނޑު މިނިވަންކަމާއެކު އުފަލުގައި އުޅެނީއެވެ. ފައިސާގެ ދަހިވެތިކަން އިތުރުވެގެން ގޮސް އިންސާފާއި ޙައްޤުތައް ވެސް ވިޔަފާރިއަކަށް ހަދައިފިއެވެ. އެ ދެ ކުދިން ގޮވައިގެން ރިޒުވީނާއި ޢާދިލް ސަރ ދިޔައީ ޝަޙާމެންގެ ގެއަށެވެ.
ގޭގެ ދޮރުގެ ރަނގަބީލުވާ އަޑު އިވެގެން ޝާއިން ދޮރު ހުޅުވާ ބަލާލިއިރު ބޭރުގައި ތިބީ ނުދަންނަ ދެ ބީރައްޓެހިންނެވެ. އަދި އެ ދެ މީހުންނާއެކު ކުޑަ ދެ އަންހެން ކުދިން ވެސް ތިއްބެވެ. އެ ދެ ކުދިން ފެނުމުން އެއީ ކޮން ކުދިންނެއްކަން ޝާއިނަށް އެނގުނެވެ. އެއީ އެ ރަށުގައި ހަށި ވިއްކަމުން ދުވާ އަޝްފާގެ ނަހަލާލު ދެ ކުދިންނެވެ. “ތިއީ ކޮން ބަޔެއް.؟ އަދި މި ދެ ކުދިން ގޮވައިގެން ތިއައީ ކޮންކަމަކުތޯ.؟ އެ ކުދިންގެ މަންމަ ކޮބައިތަ.؟” ޝާއިން އެހިއެވެ. “ކުރީ ރޭ ދިން ހަމަލާގައި އެ ކުދިންގެ މަންމައާއި ދޮންބެ ވީ މަރުވެފަ.. ގެ ވެސް ގޮވައިގެން ހަލާކުވީ.. އެ ކުދިންނަށް އަޅާލާނެ މީހަކު ނެތް.. އުޅޭނެ ގެއެއް ނެތް.. ޝާއިންގެ ކިބައިން އެދެން މި އައީ މި ދެ ކުދިން ބަހައްޓާދިނުމަށް..” ވާހަކަދެއްކި ބީރައްޓެހި މީހާގެ އަޑު ޖެހުމުން އެއީ ރިޒުވީންކަން ޝާއިނަށް އެނގުނެވެ. “ރިޒުވީ ދޯ.؟” ޝާއިން އެހިއެވެ.
“އެންމެ ހިނދުކޮޅަކު ވެސް ހީނުކުރަން މި މީހެއްގެ ކަންތައް މިހާ މައްޗަށް ދާނެހެން.. ރޮބޯޓެއް ހޯދަން ދަހިވެފަ ހުރި ވަރުން މުޅި ރަށް ހަލާކުކޮށްލީ..” ރިޒުވީން ވާހަކަދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ. ރިޒުވީނާއި ޝާއިން ތިބީ މަތީބުރީގައި ހުރި ޝަޙާގެ ކޮޓަރީގައެވެ. ރިޒުވީން ގޮސް ކޮޓަރީގެ މޭޒުމަތީގައި ހުރި ޝަޙާއާއި ރިޒުވީނުގެ ފޮޓޯގަނޑެއް ނެގިއެވެ. “ހެންރީ އިންސާފުގެ ކުރިމައްޗަށް ގެންނާނަން.. މިއީ އަހަރެން ޝަޙާއަށް ކުރާ ވައުދެއް..” އެ ފޮޓޯގަނޑާ ދިމާލަށް ބަލަމުން ރިޒުވީން ބުންޏެވެ. އެއިރު އޭނާގެ ލޮލުން އިތުރަށް ކަރުނަ ފައިބަމުން ދިޔައެވެ. “އިދުރީސް ބޭބެއާއި ޝަރީފާ ދައިތަ ކޮބައި.؟” ރިޒުވީން އެހިއެވެ. “ބައްޕައާއި މަންމަ ވިޔަފާރި ދަތުރަކު އައްޑުއަށް ގޮސްވީ.. މިހާރު މަހެއްހާ ދުވަސްވެދާނެ ދިޔަތާ.. ރަށަށް ދިން ހަމަލާތައް އިވިގެން އިއްޔެ ގުޅި.. ރިޒުވީން ފެނިއްޖެތޯ ބަލަން ދޭތެރެއަކުން ގުޅާލާނެ.. ރިޒުވީނޭ ކިޔައިގެން ފެތުރެމުންދާ އަޑުތަކުގެ ސަބަބުން އަހަރެމެން އެންމެން މި ތިބީ ވަރަށް ދެރަވެފަ..” ޝާއިން ބުންޏެވެ. ދެން ތިރިން ޢާދިލް ސަރ ގޮވާ އަޑު އިވުމުން ދެ ކުދިން ތިރިއަށް ފޭބިއެވެ. އެއިރު ކުޑަ ދެ އަންހެން ކުދިން، އައިނީއާއި ނިޔާ، ޓީވީއިން ކާޓޫން ބަލަން ތިއްބެވެ. “ޒޫމް ގުޅައިފި.. ނަބީޙު ހައްޔަރުކޮށްފި.. ރިޒުވީން އަމާން ނުދޭނަމަ އަދި އަޝްރަފު އެ މީހުންނަށް ހަވާލު ނުކޮށްފިނަމަ ނަބީޙު މަރާލާނެކަމުގެ އިންޒާރު އޭނާ ދިން.. އަދި އިތުރު ހަމަލާއެއް މި ގެއަށާއި އަހަރެންގެ ގެއަށް ދޭނަމޭ ވެސް ބުނި..” މާޔޫސްވެފައި ހުރެ ޢާދިލް ސަރ ބުންޏެވެ. “އަހަރެން މި ދަނީ އަމާންދޭން.. އަދި އަޝްރަފު ވެސް އޭނާއަށް ހަވާލުކުރަން.. އެ ނޫން ގޮތެއް ނެތް.. އަޝްރަފު ނުލިބެންޏާ އެ މީހުން އެ ތިބީ ކޮންމެ ފަދަ ކަމެއް ވެސް ކުރާން ތައްޔާރަށް..” ރިޒުވީން ބުންޏެވެ. “ނޫން.. ރިޒުވީ.. އޭނާގެ އަތަށް އަޝްރަފު ލިބުމުން ހާލަތު އިތުރަށް ގޯސްވާނެ..” ޝާއިން ރޯން ފެށިއެވެ. އައިނީއާއި ނިޔާއާއި ޝާއިންގެ އަންހެނުން އަޒުމާ ވެސް ރޯން ފެށިއެވެ. ޢާދިލް ސަރ ވެސް ހުރީ މާޔޫސްވެފައެވެ. “އަހަރެންނަށް އިތުބާރުކުރޭ.. އެއީ އަހަރެންގެ ބައްޕަގެ ޤާތިލުން.. ޝާޙާގެ ޤާތިލުން.. މި ތިބި ކުދިންގެ މަންމަގެ ޤާތިލުން.. އަދިވެސް އެތައް ބައެއްގެ ޤާތިލުން.. އެ މީހުން އިންސާފުގެ ކުރިމައްޗަށް އަންނާނެ..” އެ މީހުންނަށް އަޝްރަފު ދީގެން އިންސާފު ލިބެން އޮތީ ކިހިނަކުން ކަމެއް ޝާއިންމެނަކަށް ނުވިސްނެވެ. “އަޒޫ.. މި ދެ ކުދިންނާ ވާތި.. މި ދެ ކުދިންގެ ބޭނުންތައް ފުއްދަައިދޭތި..” މިހެން ބުނެފައި ރިޒުވީން ބޭރަށް ނުކުތީ މާސްކު ނާޅައެވެ. ރިޒުވީންގެ އަސްލު ސިފައިގައެވެ.
ރިޒުވީން ފެނުމާއެކު މަގުމަތީގައި ތިބި ބަޔަކު ގޮސް ރިޒުވީން ހިފެހެއްޓިއެވެ. “އަހަރެމެންނަށް ބޮޑު އަނިޔާއެއް ދިން އަނިޔާވެރިޔާ މި ހުރީ.. ހިނގާ މި ކަލޭގެ ފުލުހުންނާ ހަވާލުކުރަން ދާން..” އެ ތަނުން އެކަކު ބުންޏެވެ. ދެން އެ މީހުން ރިޒުވީން ފުލުހުންގެ އިދާރާއަށް ގެންދިޔައީ މަގުމަތީގައި ދަމާފައެވެ. މަގުމަތިން ރިޒުވީން ފެންނަ ކޮންމެ މީހަކު އޭނާއަށް ބަދު ބަސްތައް ބުންޏެވެ. ބައެއް މީހުން އެއްޗެހި ވެސް އުކިއެވެ. މަގުމަތީގައި ރިޒުވީން ދަމާފައި ގޮސް އެ މީހުން އޭނާ ފުލުހުންގެ އިދާރާ ތެރެއަށް ވެއްދިއެވެ. އެއިރު އިދާރާ ތެރޭގައި ނުޢުމާން ހުއްޓެވެ. “ވެލްޑަން.. ގުޑް ޖޮބް.. އަވަހަށް ތިޔަ ކަލޭގެ އަހަރުންނާ ހަވާލުކުރޭ..” ރިޒުވީން ގޮވައިގެން ބަޔަކު އައި ތަން ފެނުމާއެކު ނުޢުމާން ބުންޏެވެ. “އަހަރެމެންނަށް ވީ އިނާމު ލިބޭނެ ދޯ.؟” އެ ތަނުން މީހަކު އެހިއެވެ. “އާނ.. ލިބޭނެ.. ތި އެންމެންގެ ފޯނު ނަމްބަރު ނޯޓުކޮށްލާފަ ދޭ.. އިނާމު ހަވާލުކުރަން މި ކޮޅުން ގުޅާނަން..” އިނާމު ލިބޭ ވާހަކަ ނުޢުމާން ބުނުމުން އެ މީހުން އުފަލުން ނަށަން ފެށިއެވެ. ރިޒުވީން ހިފަހައްޓައިގެން ގެނައީ ކަމެއް ނެތިފަ ތިބި މަގުމަތިވެފައިވާ މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ހަތަރު ޒުވާނުންނެވެ. އިނާމާއެކު އެއްބުރުން އެ އެންމެން މުއްސަނދިވީއެވެ. ރިޒުވީންގެ ދެ އަތް ފުރަގަހަށް ލުމަށް ފަހު ދެ އަތުގައި ބިޑި އެޅުވިއެވެ. އެއަށް ފަހުގައި އޭނާ އެ ތަނުގައި ހުރި ކުށްވެރިންނާ ސުވާލުކުރާ ކޮޓަރިއަށް ވެއްދިއެވެ.
“އެ ރޮބޯޓު ސޮރު ކޮބައިތަ.؟” ނުޢުމާން އެހިއެވެ. ރިޒުވީން އޭނާ އަޅައިގެން ހުރި ސުމާޓު ގަޑި އެހެން މީހުންނަށް ފެންނަ ގޮތަށް ހަދާ އެ ގަޑީގެ އެތެރެއިން އަޝްރަފު ނުކުތުމަށް ބުންޏެވެ. ދެން ރިޒުވީންގެ ވާތް އަތާ ދިމާލުން އައްޔެއް އެޅި ސުމާޓު ގަޑިއެއް ފާޅުވިއެވެ. ގަޑި ފާޅުވުމަށް ފަހު އެ ގަޑީގެ އެތެރެއިން އަޝްރަފު ނުކުތެވެ. “އަޝްރަފު ދެން ކަންތައް ކުރާނީ ހެންރީ ބުނާ ގޮތަށް..” ރިޒުވީން ބުންޏެވެ. ނުޢުމާން ވަގުތުން އަޝްރަފު ގައިގައި ހިފައިގަތެވެ. “ކަލޭގެ ޝަރީޢަތް އަންނަ ހަފުތާއަށް ތާވަލުކުރާނަން.. މި ގަޑީގަ މި ދަނީ ހެންރީއަށް މި ސޮރު ދޭން..” މިހެން ބުނެފައި ނުޢުމާން އެ ކޮޓަރިން ބޭރަށް ނުކުތެވެ. އެއަށް ފަހުގައި ރިޒުވީން ނުލަފާ ގޮތަކަށް ހިނިތުންވިއެވެ.
އަޝްރަފު ހިފައިގެން ނުޢުމާން ދިޔައީ ޑރ.ހެންރީ ގާތަށެވެ. ޑރ.ހެންރީއާއި އަނޫރާ ތިބީ ‘ގެސްޓް ހައުސް’ އެއްގެ ކޮޓަރިއެއްގައެވެ. ޑރ.ހެންރީގެ އަތަށް އަޝްރަފު ދިނުމާއެކު އޭނާ ގޮސް އަޝްރަފު ބިއްލޫރި ފޮށިގަނޑެއް ތެރެއަށް ލިއެވެ. “ކަލޭގެ ހިތް އަހަންނަށް ދައްކަންވީ..” ޑރ.ހެންރީ މިހެން ބުނުމާއެކު އަޝްރަފު އޭނާގެ މޭގަނޑު ހުޅުވައި އޭނާގެ ހިތް ދައްކާލިއެވެ. “އަޅުގަނޑު، ހެންރީއަށް މި ހިތް މި ދެއްކީ ރިޒުވީން އަޅުގަނޑު ގާތު ހެންރީ ބުނާ ގޮތަށް ހަދަން އެދުނީމާ..” އަޝްރަފުގެ ލޮލުން ކަރުނަ ފާބައި ތަން ފެނުމުން އެ އެންމެން ހޭން ފެށިއެވެ. ދެން އަޝްރަފުގެ ހިތުގެ ‘ސެޓިން’ ތައް ޑރ.ހެންރީ ބަދަލުކުރީއެވެ. “ދެން އޮތީ އަޖުމަ ބަލާލުން.. އަޝްރަފު ސޮރާ.. މި ކޮޓަރީގެ ފަންކާ އަހަރެންގެ ޖީބަށް ލެވޭ ވަރަށް ކުޑަކޮށްދީ..” ޑރ.ހެންރީ މިހެން ބުނުމާއެކު އަޝްރަފު އޭނާގެ ދެ އަތް ހޫނުކޮށްލުމަށް ފަހު ދެ އަތުން އައްޔެއް ފަންކާއާ ދިމާލަށް ދޫކޮށްލިއެވެ. ދެން ފަންކާ އެނބުރުން ހުއްޓިފައި އެ ފަންކާ ޑރ.ހެންރީ ބޭނުންވާ ގޮތަށް ކުޑަވިއެވެ. ޑރ.ހެންރީގެ އަމުރާ އެއްގޮތަށް އަޝްރަފު މަސައްކަތްކުރީއެވެ. އަޝްރަފުގެ އާ ވެރިޔަކީ ޑރ.ހެންރީއެވެ.
ރިޒުވީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީޢަތްތައް ހިނގާ ނިމެންދެން ރިޒުވީން، ކުނބުރުދޫ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުން އަމުރު ނެރުމުން ރިޒުވީން އެ ޖަލުގައި ބަންދުކޮށްފައި ބެހެއްޓީއެވެ. ކޮންމެ ދުވަހެއްގެ އެއް ފަހަރު ރިޒުވީނާ ބައްދަލުކުރުމުގެ ހުއްދަ އޭނާގެ ޢާއިލާއާއި ގާތް މީހުންނަށް ދީފައިވެއެވެ. އެ ގޮތުން ބައްދަލުކުރަން ދާ ފަހަރަކު ވާހަކަދައްކަން ތިބެވެނީ އެންމެ ގިނަވެގެން ގަޑިއިރެއްހާ ވަގުތެވެ. ރިޒުވީނާ ވާހަކަދައްކާލަން ބޭނުންވެގެން ނަބީޙާއި ޑރ.ސާއިދު ޖަލަށް ގޮސް ތިއްބެވެ. ޑރ.ސާއިދުގެ ސިފައިގައި ގޮސް ހުރީ ޒޫމެވެ. ނަބީޙު ވާހަކަދައްކާ ނިމި ކޮޓަރިން ބޭރަށް ނުކުތުމުން ޒޫމް، ރިޒުވީނާ ވާހަކަދައްކަން ކޮޓަރި ތެރެއަށް ވަނެވެ. ކޮޓަރި ތެރެއަށް ވަނުމަށް ފަހު އިށީނދެފައި ފޯނު ނަގައި ކަންފަތުގައި ފޯނު ޖެއްސިއެވެ. ކުރިމަތީގައި ބޮޑު ލޯގަނޑެއް ހުރިއިރު ލޯގަނޑުގެ އެ ފަރާތުން ރިޒުވީން ފެނެއެވެ. ރިޒުވީން ވެސް ހުރީ އޭނާގެ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. ލޯގަނޑުގެ އެއް ފަރާތުން ދައްކާ ވާހަކަތައް އަނެއް ފަރާތަކަށް ނުއިވޭނެއެވެ. އެހެންވުމުން ދެ ފަރާތުން ވެސް ވާހަކަދައްކަން ޖެހެނީ ފޯނު މެދުވެރިކޮށެވެ. “އަޝްރަފު ލިބުމުން ޑރ.ހެންރީ ކަންތައް ކުރީ އަހަރެމެން ބޭނުންވި ގޮތަށްތަ.؟ އޭނާއަށް އެއްވެސް ކަމެއް ޝައްކުވިތަ.؟” ރިޒުވީން އެހިއެވެ. “އާނ.. އަޖުމަ ބަލާލަން އެއް ފަހަރު އަމުރެއް ކޮށްފި.. އެ އަމުރާ އެއްގޮތަށް އެ އަޝްރަފު މަސައްކަތް ވެސް ކުރި.. ދެން މިހާރު އޭނަ އަތުގަ ބާކީ މި އޮތީ އެންމެ އަމުރެއްތާ.. އަދި އާނ.. ކަންތައްތައް ދަނީ ހަމަ އަހަރެމެން ބޭނުންވާ ގޮތަށް.. ހެންރީ ހީކުރަނީ އެއީ ހަމަ އަސްލު އަޝްރަފު ކަމަށް..” ޒޫމް ބުންޏެވެ. ނުޢުމާން އަތަށް ރިޒުވީން ދިނީ އަސްލު އަޝްރަފެއް ނޫނެވެ. އެއީ އަދި އެހެން އަޝްރަފެކެވެ. އެއީ ޑރ.ހެންރީގެ ނޮޅިވަރަންފަރު މަރުކަޒުގައި ރިޒުވީނާއި ޢާދިލް ސަރ އެހެން ސައިންޓިސްޓުންގެ ސިފައިގައި އެ ތަނުގައި ތިބިގެން ހެދި އެހެން ރޮބޯޓެކެވެ. އެ މަރުކަޒުގައި ރިޒުވީންމެން ސިފަ ބަދަލުކޮށްގެން އުޅުނީ ވެސް ހަމަ އެހެން ރޮބޯޓެއް ހަދަންވެގެންނެވެ. ދުރާލާ ތައްޔާރުވެގެން ޑރ.ހެންރީ ބަލިކުރުމަށެވެ. އެ ރޮބޯޓު ވެސް ހުންނަނީ ހަމަ އަޝްރަފު ހުންނަ ގޮތަކަށެވެ. މޫނާއި ހަށިގަނޑާއި ލައިގެން ހުރި ހެދުމާއި އެއްވެސް ސިފައެއްގައި ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ މި ރޮބޯޓު ތިން ވަނަ އަމުރާއެކު އެކަށް ފުނޑުފުނޑުވެގެން ދާނީއެވެ. “އާނ.. ރަނގަޅު.. ޝިކާރަވެރިޔާގެ ތީރުގެ ޝިކާރައަކަށް މި ވީ ހަމަ ޚުދު އެ ޝިކާރަވެރިޔާ..” ރިޒުވީން ބުންޏެވެ.
ގެސްޓް ހައުސްގެ ކޮޓަރި ކައިރީ ބެލްކަނީއަށް ނުކުމެފައި ޑރ.ހެންރީ ބޭރަށް ބަލައިލިއެވެ. އެއީ އިރު އޮއްސެމުން ދިޔަ ވަގުތެވެ. އުނޑުމަތީގައި ވިލާތައް ގިނަ ދުވަހަކަށް ވެފައި އިރުގެ ދަޅައިން ގަދަ ރީނދުލާއި ރަތްކުލައެއް މުޅި އުދަރެހަށް ފެތުރިފައިވެއެވެ. އިރު އޮއްސޭ ނަމާދުގެ ބަންގީގެ އަޑު އިވުމުން ޑރ.ހެންރީ އެނބުރި ކޮޓަރިއަށް ވަނެވެ. އޭނާ ބުނި ވަގުތަށް ޒޫމާއި ނުޢުމާނާއި ރެޝްފޯޑު އައިސް ތިއްބެވެ. “މިއަދު އެންމެ ފުރަތަމަ އަހަރެންނަށް އަހަރެންގެ ޙިއްޞާ ލިބޭނީ.. އެއަށް ފަހުގައި ކަލޭމެނަށް ވެސް ކަލޭމެން ބޭނުންވާ ކަންތައް ކުރުމަށް މި ސޮރަށް އަމުރުކުރަން ފުރުސަތު ދޭނަން.. އެހެންވީމާ އަޝްރަފޫ.. އަހަރެންނަށް މުޅި މައްކާ ގޮއްވާލެވޭ ވަރުގެ ބޮމެއް ހަދައިދީ..” ޑރ.ހެންރީ ބުންޏެވެ. ދެން އެ އަޝްރަފު އޭނާގެ ދެ އަތް، އެއް އަތް އަނެއް އަތުގައި ކާއްތަލުމަށް ފަހު އައްޔެއް ދޫކޮށްލިއެވެ. އެ އަލިން ކުޑަކުޑަ ގާކޮޅެއް ހެދުނެވެ. “އެ ގާކޮޅަކީ ބޮމެއް.. އެ ބޮން އެއްލާލުމުން މައްކާ ގޮވާނެ..” އެ ތަނުގައި ހުރި އަޝްރަފު ބުންޏެވެ. ޒޫމް ހުރީ ހިތް ނުތަނަވަސް ވެފައެވެ. ބޭނުންވާ ގޮތަށް ކަންތައްވުމުގެ ކުރިން މައްކާ ގޮއްވާލާނީއޭ ހިތަށްއަރަން ފެށިއެވެ. “ދެން ތިޔަ ގާކޮޅު މައްކާއަށް ދިމާލަށް އެއްލާބަލަ..” ޑރ.ހެންރީ ބުންޏެވެ. އެނާ މިހެން ބުނުމާއެކު ޒޫމަށް ފުން ނޭވާއެއް ލެވުނެވެ. މައްކާ ގޮއްވާލަން އުޅުމުގެ ކުރިން ޑރ.ހެންރީއަށް ތިންވަނަ އަމުރުކުރެވުނީމައެވެ. އަޝްރަފު އެ ގާކޮޅު އެއްލާލަން މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އަޝްރަފަށް ގާކޮޅު އެއްލާލެވޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް އޭނާގެ ހަށިގަނޑު ވިރެން ފެށިއެވެ. ވިރެމުން ގޮސް ކަޅު އަޅިއަށް ވެގެން ދިޔައެވެ. ޑރ.ހެންރީ އޭނާގެ ބޮލުގައި ދެ އަތް އެޅުމަށް ފަހު ކުޑަކަކޫ ޖަހައިލިއެވެ. އެއޮށް މަސައްކަތުން މިދިޔަ ހަ އަހަރު ދުވަހު ކުލަ ޖައްސަމުން ދިޔަ ރީތި މަންޒަރު ނިމިނިމި އޮއްވާ މީހަކު އައިސް އޭނާގެ ކުރެހުން ހަޑިކޮށްލީއެވެ. “ރިޒުވީން.. އައި އަންޑަރެސްޓިމޭޓް ޔޫ.. އެ ސޮރު ދިނުމުގެ ކުރިން އޭނާ އެ ސޮރަށް ކޮންމެ ވެސް ގޮތެއް ހަދައިފި..” ޑރ.ހެންރީ ރުޅި ގަދަވިއެވެ. ‘ޓެމްޕެރޭޗަރު’ ހޫނުވަމުން ގޮސް ހުރީ އަށްޑިހައަށް އަރައިފައެވެ. “ތިޔަ ކުރަން އުޅުން ކަމެއް ނުވިއޭނު.. މޮޅު ރޮބޯޓެކޭ ކިޔައި އަހަރުން ގާތުގަ ފޮނި ކަނޑާފަ.. އެހެންވިޔަސް އަހަރެން ހިތަށްއަރާ ކަލޭ.، މުސްލިމުންނާ ދޭތެރޭ ތިޔަ އޮންނަނީ ކޮން ހަސަދައެއްބާ.؟ އެ މީހުންގެ ދުވަސް ދުއްވާލަން ހިފައިގެން ތިޔަ އުޅެނީ..” މަލާމާތުގެ ރާގުން ޒޫމް ބުންޏެވެ. ޒޫމް މިހެން ބުނުމުން ޑރ.ހެންރީގެ ރުޅި އިތުރަށް ގަދަވިއެވެ. ހީވަނީ ‘ޓެމްޕެރޭޗަރު’ ސަތޭކައަށް އެރީ ހެންނެވެ. ޑރ.ހެންރީ ގޮސް ޒޫމްގެ ކަރުގައި ހިފިއެވެ. “އަޑުއަހާ.. އެއީ އެ މުސްލިމުން އަހަރެންގެ މައިންބަފައިންނާ އަހަރެންނާ ވަކިކުރީތީވެ.. މުސްލިމް ޓެރަރިސްޓް ޖަމާޢަތުން ހިންގި އޮޕަރޭޝަނެއްގެ ދަށުން އަހަރެންގެ މައިންބަފައިން އަރައިގެން ހުރި ފުލައިޓު ގޮއްވާލީ.. އަހަރެން އަދިވެސް ހަނދާން އެބަހުރި އެ ދުވަސް.. އެއަށް ފަހުގައި އަހަރެން ބެލީ އަހަރެންގެ ބޮޑުދައިތައާއި ބޮޑުބޭބެ.. އެ ދެ މީހުން ވެސް އަހަރެން ކުރިމަތީ ބަޑި ޖަހާ މަރާލީ.. އަހަރެންގެ އަސްލު ނަމަކީ ޙާރިޝް ޢަބްދުﷲ.. އަހަރެންނަކީ ކުރިން މުސްލިމެއް.. މަންމައަކީ ސީރިޔާ މީހަކަށް ވުމުން އެ ދުވަސްވަރު އުޅުނީ ސީރިޔާގަ.. ހަމަ އެ ދުވަސްވަރު ސީރިޔާ ހަމަނުޖެހުން ގިނަވެ އެ ޤައުމު ތެރޭގަ ލޭ އޮހޮރުން ގިނަވި.. އެ ހަމަނުޖެހުމުގައި އަހަރެންގެ ބޮޑުބޭބެއާއި ބޮޑުދައިތަ މަރާލީ.. އަހަރެންނަށް މުސްލިމުން ފަރާތުން ފެނުނީ އަނިޔާވެރިކަން.. އެހެންވެ އަހަރެން ފުރަތަމަ އަހަރެންގެ ނަމާއި ދީން ބަދަލުކުރީ.. އެވަރުން ވެސް ހިތްހަމައެއް ނުޖެހުނު.. ހަމަ ބަދަލުހިފަން ބޭނުންވި.. އެއަށް ފަހުގައި މުސްލިމުންނަށް ދޭ ގިނަ ހަމަލާތަކަކީ އަހަރެން ދޭ ހަމަލާތަކެއް.. އެ އަނިޔާވެރި ބައިގަނޑު މި ދުނިޔޭގައި އުޅުމުގެ ޙައްޤެއް ނެތް.. ހަމައެކަނި ދޭ ހަމަލާތަކެއް ނޫން.. ބާރުގަދަ މީހަކަށް ވުމަށް ފަހުގައި މުސްލިމު ޢިލްމުވެރިންނާއި ސައިންޓިސްޓުން އަހަރެންގެ ގުލާނުންނަށް ހެދިން.. އެ ގޮތަށް ގުލާންކޮށްގެން ގެންގުޅުނު މީހެއް އެ ޑޮކްޓަރު ޢުޝާމަކީ.. އޭނާ ހެދި ރޮބޯޓެއް އެއީ..” ޑރ.ހެންރީ ކިޔައިދިނެވެ. ޑރ.ހެންރީ އޭނާގެ އަތް ޒޫމުގެ ކަރުން ދޫކޮށްލިއެވެ. “ކުޅުދުއްފުށްޓަށް ވެސް ހަމަލާދިން މައިގަނޑު ސަބަބަކީ ތިޔަކީ ދޯ..؟ އަޝްރަފު ހޯދުމެއް ނޫން ދޯ..؟” ޒޫމް އެހިއެވެ. “އާނ.. އެއީ މި ކުޅުދުއްފުށީގައި އުޅޭ މުސްލިމުން ހާލުގަ އުޅޭތަން ފެނުމުން އަހަރެންނަށް ވަރަށް ހިތްހަމަޖެހޭ.. އެ މުސްލިމު އެއްޗެހިންނަށް އެންމެ ޙައްޤު ގޮތް އެއީ.. އަދި ކުޅުދުއްފުށީގައި އުފެދުނު އެންމެ މޮޅު ޑޮކްޓަރު.. ސައިންޓިސްޓް.. އެ ޢުޝާމް މި ދެ އަތުން މަރާލި ދުވަހު އެންމެ ހިތްހަމަ ޖެހުނީ.. އޭނާގެ ދަރި މަރާލައިގެން އަދި މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ..” ޑރ.ހެންރީ އޭނާގެ ދަތްކުނޑި ވިކާލަމުން ބުންޏެވެ. އެއަށް ފަހު ޒޫމް ހޭން ފެށިއެވެ. އަދި އޭނާ ލައިގެން ހުރި ގަމީހު ޖީބުގައި އަޅުވާފައި އިން ގަލަން އެ މީހުންނަށް ދައްކަމުން ދޫ ބޭރަށް ނެރި ވައްތަރު ޖައްސަން ފެށިއެވެ. ޑރ.ހެންރީ ދައްކަމުން ދިޔަ ވާހަކަތައް ޒޫމް ރެކޯޑުކުރީއެވެ. ކުޅުދުއްފުއްޓަށާއި އެހެން މުސްލިމު ޤައުމުތަކަށް ވެސް ހަމަލާދިންކަމަށާއި އަދި ރިޒުވީންގެ ބައްޕަ މަރާލިކަމަށް ޑރ.ހެންރީ އިޢުތިރާފުވީއެވެ. ޑރ.ހެންރީ ދެއްކި ވާހަކަތަކުގެ ވީޑިއޯ ރެކޯޑިން ވަގުތުން މުޅި ދުނިޔެއަށް ފެނުނީއެވެ. އޭނާ ކޮށްފައިވާ ފާފަތައް އެންމެނަށް އެނގި ބޭޒާރުވީއެވެ. އިރުތަކެއް ނުވަނީސް އެ ކޮޓަރިއަށް ފުލުހުން ވަދެ ޑރ.ހެންރީގެ ދެ އަތުގައި ބިޑި އެޅުވިއެވެ. ޑރ.ހެންރީގެ އިތުރުން ނުޢުމާން އަތުގައި ވެސް ބިޑި އެޅުވިއެވެ. ރެޝްފޯޑު އަތުގައި ބިޑި ނޭޅުވި ނަމަވެސް ފުލުހުން ގޮސް އޭނާ ހިފެހެއްޓިއެވެ. އަދި އެމެރިކާއަށް ރެޝްފޯޑު ފޮނުވާލިއެވެ.
އެމެރިކާގެ އެއިރުގެ ޤާނޫނުގެ ދަށުން ޤާނޫނު ހަދާ މަޖިލީހުގެ އަޤްލަބިއްޔަތު ލިބިގެން ރައީސުލް ޖުމްހޫރިއްޔާ ހޮވަން ކުއްލި އަވަސް އިންތިޚާބެއް ބޭއްވިއެވެ. އެ އިންތިޚާބުގައި ލަދުވެތި ނަތީޖާއަކާއެކު ރެޝްފޯޑު ބަލިވެ، އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅުން ނުކުތް ކެންޑިޑޭޓުންގެ ތެރެއިން އެބިގެއިލް މިޗެލްއެވެ. އެއީ އެމެރިކާގެ ވެރިކަމަށް އަންހެނަކު ހޮވުނު ފުރަތަމަ ފަހަރު ވެސްމެއެވެ. އެބިގެއިލްގެ ހުވައަށް ފަހު ރެޝްފޯޑުގެ މައްޗަށް ކޮށްފައިވާ ޝަރީޢަތްތައް ފެށި، ބައެއް ކުށްތައް އޭނާގެ މައްޗަށް ސާބިތު ވެސް ވިއެވެ. ޑރ.ހެންރީ އޭނާގެ ކުށްތަކަށް އިޢުތިރާފުވުމާ ގުޅިގެން އޭނާއަށް ވަނީ ދިވެހިރާއްޖޭއިން މަރުގެ ޙުކުމް ތަންފީޒުކޮށްފައެވެ. ނުޢުމާންގެ މައްޗަށް ވެސް ވަނީ ކޮރަޕްސަނާއި ވައްކަމުގެ އިތުރުން ކުޅުދުއްފުށްޓަށް ހަމަލާދިނުމުގައި ބައިވެރިވިކަމަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ޙުކުމެއްކޮށްފައެވެ. އަނޫރާ ވެސް އެ ހަމަލާތަކުގައި ބައިވެރިވިކަން ފަޅާއަރާ އޭނާއަށް ވެސް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއްކޮށްފައެވެ.
ހެންރީގެ އިޢުތިރާފަށް ފަހު، ރިޒުވީނަކީ ކުށެއްނެތް ކުއްޖެއްކަން ސާބިތުވީއެވެ. އެހެންވުމުން ރިޒުވީން ޖަލުން މިނިވަންކުރިއެވެ. އަދި ނޮޅިވަރަންފަރުގައި ޑރ.ހެންރީ ހިންގަމުން އައި މަރުކަޒު ހިންގަން ހަވާލުކުރީ ވެސް ރިޒުވީނަށެވެ. އަހަރު ދުވަހުގެ ތެރޭގައި އެ މަރުކަޒުން އުފައްދާ ބޭސްތައް ވިއްކާނެ ބޭސް ފިހާރައެއް ބޮޑު ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހަ ރަށުގައި ހުޅުވިއެވެ. އަދި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އާއި ދިއްދޫގައި ވެސް ރިޒުވީންގެ އަމިއްލަ ހަސްފަތާލެއް ހުޅުވިއެވެ. ނަބީޙާއި ޝާއިންވެގެން އަލުން ރެސްޓޯރެންތަކުގެ ވިޔަފާރި ފެށިއެވެ. ނަބީޙު އުޅެނީ ޝާއިންގެ އަންހެނުން އަޒުމާގެ ކޮއްކޮ އަލީފާއާ އިނދެގެން އެ މީހުންގެ ގޭގައެވެ. މަގުމަތިން ރިޒުވީނަށް ދިމާވި ކުޑަ ދެ އަންހެން ކުދިން، އައިނީއާއި ނިޔާ ބަލަނީ ރިޒުވީނެވެ. ރިޒުވީން މަސައްކަތުގައި ބުރަވެ އުޅޭ ވަގުތުތަކުގައި އެ ކުދިންނަށް ކާންދީ، މަދަރުސާއަށް ލާ ކަންތައް ކޮށްދެނީ ސޯފީއެވެ. ރިޒުވީންގެ ހިތްހެޔޮކަމުގެ ސަބަބުން އެ ކުދިން، ރިޒުވީނަށް ބައްޕަ ކިޔަން ފެށިއެވެ. މިހާރު ރިޒުވީންގެ ހުރިހާ ވެސް އުފަލަކީ އެ ދެ ކުދިންގެ ހިނިތުންވުމެވެ. ހުރިހާ ވެސް ދުޢާއަކީ އެ ދެ ކުދިންގެ ބޭނުންތަކެވެ. ރިޒުވީން ވެސް އެ ދެ ކުދިން ދެކެނީ އަމިއްލަ ދަރިން ގޮތުގައެވެ.
“އެކެއް.. ދެއެއް.. ތިނެއް.. ހަތަރެއް.. ފަހެއް.. ހައެއް.. ހަތެއް.. އަށެއް.. ނުވައެއް.. ދިހައެއް.. އާނ.. އޯކޭ.. މި ދަނީ ހޯދަން..” ރިޒުވީން އޭނާގެ ލޯ ހުޅުވާލިއެވެ. އައިނީއާއި ނިޔާއާއެކު ރިޒުވީން ފިލާ ޕަޗަސް ކުޅެންވެގެން ދިހައަކާ ހަމައަށް ގުނީއެވެ. ރިޒުވީން ލޯ ހުޅުވާލިއިރު ދެ ކުދިން ވެސް ފެންނާކަށް ނެތެވެ. ރިޒުވީން ގޮސް ސޯފާގެ ދަށް ބަލާލިއެވެ. އެ ތަނުގައި އެ ދެ ކުދިންނެއް ނެތެވެ. ދެން ގޮސް ބަލާލީ އަލަމާރި އެތެރެއެވެ. އަލަމާރި އެތެރެއަކު ވެސް ނެތެވެ. ކުއްލިއަކަށް އައިނީ ރިޒުވީންގެ ކޮނޑުގައި އޮޅުލައިގަތެވެ. ދެން އޭނާގެ ބޮލުގައި ޕަޗަސް ކީއެވެ. “ޔެސް.. ބައްޕައަށް ޕަޗަސް ކީޔޯ..” އެ ވަގުތު ރިޒުވީނަށް ކުޑަކުޑަ ނިޔާ ވެސް ފެނުނެވެ. އައިނީ، ރިޒުވީނަށް ޕަޗަސް ގޮވީމަ ނިޔާއަށް މަޖާވެގެން ނަށަނީއެވެ. ރިޒުވީން، އައިނީ ކޮނޑުން ބޭލުމަށް ފަހު ސޯފާގައި ބޭންދިއެވެ. ދެން ނިޔާ ވެސް ސޯފާ ބޭންދުމަށް ފަހު ދެ ކުދިންގެ ކޮލަށް ރިޒުވީން ދޮނެއް ދިނެވެ. “ބައްޕަ ލަވް ޔޫ ބޯތް..” ރިޒުވީން ބުންޏެވެ. އެއަށް ފަހު ދެ ކުދިން އުރާލައިގެން ރިޒުވީން މަތީބުރިއަށް އަރައި ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމަށް ފަހު، އެ ކުއްޖެއްގެ އެނދުގައި ދެ ކުދިން ބޭއްވިއެވެ. ދެ ކުދިން ނިދުމުން ރިޒުވީން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނުކުތުމުގެ ކުރިން ކޮޓަރީގެ އަލިގަދަ ބޮކި ނިއްވާލައި ނިދާ ބޮކި ދިއްލިއެވެ. ދެން އަނެއްކާ ވެސް ދެ ކުދިންނާ ދިމާލަށް ރިޒުވީން ބަލާލިއެވެ. ދެ ކުދިން ވެސް އޮތީ ގަދަ ނިދީގައެވެ. ރިޒުވީން ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލިއެވެ. ދެން ތިރިއަށް ފާބައި ސިޓިން ރޫމުގެ ސޯފާގައި ރިޒުވީން އިށީނެވެ. “އަޝްރަފު.. މިރޭ ވެސް..” ރިޒުވީން މިހެން ބުނުމާއެކު އޭނާ އަޅައިގެން ހުރި ނަމްބަރު އައިނުން އައްޔެއް ނުކުމެގެން ގޮސް އެ އަލިން ޝަޙާގެ ސިފައިގެ ކުއްޖެއް ހެދުނެވެ. ރިޒުވީން ގޮސް އެ ކުއްޖާގެ އަތުގައި ހިފިއެވެ. އަތުގައި ހިފުމަށް ފަހު ރިޒުވީނާ ގާތްކޮށްލިއެވެ. ކޮންމެ ރެއެއްގައި މި ޝަޙާއާއެކު ހުންނަ ހިނދުކޮޅުގައި ޙަޤީޤަތުގައި ވެސް އަސްލު ޝަޙާ މަރުވެފައިވާކަން ރިޒުވީން ހަނދާން ނެތެއެވެ. ‘ސޮފްޓް މިއުޒިކް’ ރާގެއް ފަހަތުން ޖެހެމުން ދާއިރު ޝަޙާ ސިފައިގެ ކުއްޖާއާއެކު ރިޒުވީން ‘ސްލޯ ކަޕްލް ޑާންސް’ އަކަށް ނަށަން ފެށިއެވެ.
(ނިމުނީ)
11 Comments!
Comments are closed.
Yey me first
Nice story eh ummeedhu kuran adhi ithuru vaahaka eh kiyaalan libeyne kamah
Thanks ?
nimuny dhw.. haadha avahey ekam… vrh rythi.. ummeedhu kuran mikahala new stry eh kuriah oi thaaga kiyan libeyne kamah.. sooo interesting end.. loved it.. i love these kinda stries so much
Thanks ?
Molhu hiyaaleh
Yeah. Thanks ?
Wow it was nice
Thanks
X-Force
Thafaath…. obiness to the max
Thanks ?