ދިހައެއް ( ސާދަވަނަ ބައި )
2025/2026ވަނަ އަހަރު
2025ވަނަ އަހަރުގެ ބޮޑު ތިލަދުންމަތީގެ ‘އެންމެ ޒުވާން އުފެއްދުންތެރިޔާ’ ގެ އިނާމު ލިބުނު ފަރާތުގެ ގޮތުގައި ރިޒުވީންގެ ނަން ދިރާގު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގޮވުމުން އިނާމު ބަލާ ރިޒުވީން ސުޓޭޖު މައްޗަށް އަރައި އޭނާއާ ސަލާމްކުރިއެވެ. ދެން ސުޓޭޖްމަތީގައި ހުރި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނާ ސަލާމްކުރިއެވެ. ނުޢުމާން، ރިޒުވީންގެ އަތަށް އިނާމު ‘ޓްރޮފީ’ ދިނެވެ. ‘ޓްރޮފީ’ ގައި ހިފުމަށް ފަހު ޙަފުލާއަށް އައިސް ތިބި މީހުންނާ ދިމާލަށް ރިޒުވީން ބަލާލިއެވެ. އެ މީހުންގެ ތެރެއިން ރިޒުވީންގެ ލޮލުގައި އަޅައިގަތީ ޢާދިލް ސަރ (ވެގެން ހުރި ޑރ.ހެންރީ) އެވެ. އޭނާ އިނީ އެންމެ ފަހަތުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައެވެ. ގޮނޑިން ތެދުވެ ޢާދިލް ސަރ (ޑރ.ހެންރީ) ޙަފުލާ ދޫކޮށް ބޭރަށް ނުކުތެވެ. ރިޒުވީން ސުޓޭޖުމަތިން ތިރިއަށް ފައިބައި ރަތް ދޫލަ މަތިން ހިނގައިފައި ގޮސް ކުރިން ވެސް އޭނާ އިށީނދެ އިން ގޮނޑީގައި އިށީނެވެ. އިށީނުުމަށް ފަހު ދޮރާ ދިމާލަށް ބަލާލިއެވެ. ދޮރު ކައިރީގައި ޢާދިލް ސަރ (ޑރ.ހެންރީ) ފޯނުން މީހަކަށް ގުޅައިގެން ހުއްޓެވެ. ދެން ރިޒުވީން ބަލާލީ ޝަޙާއާ ދިމާލަށެވެ. ޝަޙާ ވެސް އިނީ ޢާދިލް ސަރ (ޑރ.ހެންރީ) އާ ދިމާލަށް ބަލާށެވެ. ދެން ޝަޙާ ވެސް ބަލާލީ ރިޒުވީނުގެ މޫނަށެވެ. ހިނދުކޮޅަކަށް ދެ ކުދިން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލަން އިނުމަށް ފަހު އަނެއްކާ ވެސް ދޮރާ ދިމާލަށް ބަލާލިއެވެ. ޢާދިލް ސަރ (ޑރ.ހެންރީ) ދޮރު ކައިރިއަކު ނެތެވެ. “އޭނ. އެބަ އަންނަން..” ޝަޙާ އަތަށް ‘ޓްރޮފީ’ ދީފައި ރިޒުވީން ބޭރަށް ނުކުތެވެ.
****
ރިޒުވީން ބޭރަށް ނުކުތުމާއެކު ފެނުނީ ޢާދިލް ސަރއަށް ވެގެން ހުރި ޑރ.ހެންރީ ގޯޅިއަކަށް ލަނބާލާ ތަނެވެ. ރިޒުވީން ބާރު ހިނގުމެއްގައި ގޮސް އެ ގޯޅިއަށް އެޅިއެވެ. ގޯޅި އަޅައި ބަލައިލިއިރު ޑރ.ހެންރީ ހުރީ ޒުވާނުންގެ މަރުކަޒު ކައިރީ ހުއްޓިލައިގެންނެވެ. އޭނާ ހުރީ ޒުވާނުންގެ މަރުކަޒު ކައިރީ ބަހައްޓާފައި ހުންނަ ޓީވީއާ ދިމާލަށް ބަލާށެވެ. ރިޒުވީން ވެސް އެހާ ހަމައަށް ގޮސް ޓީވީއާ ދިމާލަށް ބަލާލިއެވެ. ޓީވީއިން ދައްކަމުން ދިޔައީ 2025ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭ ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއެވެ. ނަތީޖާތަކާ ދިމާލަށް ރިޒުވީން ރަނގަޅަށް ބަލާލިއެވެ. ނަތީޖާ ދައްކާގޮތުން އެންމެ ކުރީގަ އުޅެނީ އިދިކޮޅު މައި ޕާޓީގެ ކެންޑިޑޭޓް ރެޝްފޯޑު ބުލަޑެވެ. ރެޝްފޯޑަކީ ޑރ.ހެންރީގެ ބަފައިބެއެވެ.
“ޑޮކްޓަރ ހެންރީ..” ރިޒުވީން ގޮސް ޑރ.ހެންރީ ކައިރީ މަޑުކޮށްލިއެވެ.
“ޑޮކްޓަރ ހެންރީ؟ އެ ކާކު.؟” ޑރ.ހެންރީ ނުދެނެ ހުރިކަމަށް ހެދިފައި ބުންޏެވެ. އޭނާ ހުރީ ވެސް ޢާދިލް ސަރގެ ސިފައިގައެވެ.
“އައި ނޯ އިޓްސް ޔޫ.. ޔޫ އާ ޑޮކްޓަރ ހެންރީ މޯގަން.. އެމެރިކާގެ އިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރެޝްފޯޑު ބުލަޑުގެ ދަނބިދަރި.. ސުޓާ ލެބޯރަޓަރީގެ ވެރި ފަރާތް.. ޢާދިލް ސަރގެ ސިފަޔަށް ބަދަލުވެގެން ތިޔަ ހުރީ ޑޮކްޓަރު ހެންރީ..” ރިޒުވީން ބުންޏެވެ.
“އޯ.. ސޯ ޔޫ ގޮޓް މީ.. ރިޒުވީން އަޙުމަދު ޢުޝާމް.. ދެން ކޮންކޮން ކަންތަކެއް އެނގެނީ.؟” ޑރ.ހެންރީ އެހިއެވެ.
“ވަރަށް ގިނަ ކަންތައްތައް.. ޢާދިލް ސަރ ހައްޔަރުކުރިކަން.. މިހާރު ސަރ ފިލައިގެން ގޮސްފިކަން.. ފިލައިގެން ދިޔައީ ކޮންތާކަށްކަން ވެސް އެނގޭ.. ހެންރީ ތިޔަ ހުރިހާ ސަކަރާތެއް ތިޔަ ޖަހަނީ އަހަރެންގެ ބައްޕަގެ އީޖާދެއް ހޯދަންކަން ވެސް އެނގޭ..” ރިޒުވީން ބުންޏެވެ. ރިޒުވީނަށް އެ ހުރިހާ ކަމެއް އެނގޭތީ ޑރ.ހެންރީ ހައިރާންވިއެވެ. އެހެނަސް ރިޒުވީންގެ ބައްޕަހެން އޭނާ ވެސް ތޫނުފިލި ވާނެކަމަށް ޑރ.ހެންރީ ޤަބޫލުކުރެއެވެ.
“ތިޔަ ހުރިހާ ކަމެއް ރިޒުވީނަށް އެނގުނީ ކިހިނެއް.؟” ޑރ.ހެންރީ އެހިއެވެ.
“އަހަރެންނަށް ވެސް ހޯދޭނެ ގޮތްގޮތް ހުންނާނެ.. ޕުލީސް ޑޯންޓް އަންޑަރެސްޓިމޭޓް މީ..” ޑރ.ހެންރީ ގާތު ގަޑީގެ ވާހަކަ ބުނުން ބުއްދިވެރި ނުވާނެކަން ރިޒުވީން ދަނެއެވެ. “އެހެން ވިޔަސް އެ އީޖާދުގަ ކޮން މޮޅުކަމެއް އުޅޭތީ ތިޔަ އުޅެނީ.؟” ރިޒުވީން އެހިއެވެ.
“އެ އީޖާދުގެ އެހީގައި އަހަރެންނަށް މުޅި ދުނިޔޭގެ އެންމެ ބާރުގަދަ ސައިންޓިސްޓަށް ވެވޭނެ.. ސޮރީ.. އެންމެ ބާރުގަދަ މީހަކަށް ވެވޭނެ..” ޑރ.ހެންރީ ބުންޏެވެ.
“އެއީ ދުނިޔޭގެ އެކިއެކި ތަންތަނަށް ހަމަލާ ދޭން ތަ؟” ރިޒުވީން އަށްޑިހައަށް ނާރާ ހުރީ ކިރިޔާއެވެެ.
“ދުނިޔޭގެ ކޮންމެކޮންމެ ތަނަކަށް ހަމަލާ ދޭކަށް އަހަރެން ނޫޅެން.. އަހަރެން ހަމަލާ ދޭން މި މަސައްކަތްކުރަނީ އަހަރެންގެ އަތުން އަހަރެންގެ ޢާއިލާ އަތުލި މީހުން ތިބި ތަންތަނަށް..” ޑރ.ހެންރީ އެހެން ބުނަމުން އޭނާގެ އަތް މުށްކެވިއެވެ. ޑރ.ހެންރީ އެހެން ބުނުމުން އޭނާގެ މަޤްޞަދަކީ ބަދަލުހިފުން ކަމުގައި ރިޒުވީނަށް ވިސްނުނެވެ.
“އެހެން ވިޔަސް އެ އީޖާދުގަ ކޮން މޮޅު ސިފައެއް ހުރެގެން ތިޔަ އުޅެނީ.؟ އެ އީޖާދުގެ އެހީގައި ކަލޭ ދުނިޔޭގެ އެންމެ ބާރުގަދަ މީހާއަށް ވެވޭނީ ކިހިނެއް؟” ރިޒުވީން އެހިއެވެ.
“އޫޕްސް.. ޔޫ ޑޯންޓް ހޭވް އެނީ އައިޑިއާ އެބައުޓް ދެޓް؟ ޢުޝާމްގެ އިންވެންޝަނަކީ ދުނިޔޭގެ ފުރަތަމަ ދިހަ އާޓިފިޝިއަލް އިންޓަލިޖެންޓް ސުމާޓް ރޮބޯޓް.. އެ ރޮބޯޓުތައް ހުންނާނީ އިންސާނުން ތިބޭ ގޮތަށް.. އެކަމަކު ވަރަށް ކުދި ވާނެ..” އެ އީޖާދަކީ ކޮބައިކަން ޑރ.ހެންރީ ކިޔައިދިނެވެ.
“ތިޔަ ހޯދާ ކުޑަ ސޮރަކީ އެ ތަނުން އެއް ރޮބޯޓުތަ؟” ރިޒުވީން އެހިއެވެ.
“އާނ.. މި ހޯދާ ކުޑަ ސޮރަކީ.. ދަ ޓެންތް ރޮބޯޓް.. އޭނާ އަނެއް ނުވަ ރޮބޯޓު މަރާލީ.. ނަމަވެސް ދިހަވަނަ ރޮބޯޓް މަރުނުވާކަން އަހަރެމެންނަށް އެނގުމާއެކު އެ ސޮރު ހޯދުމުގެ މަސައްކަތް އަހަރެމެން ފަށައިފިން.. މިހާރު އަހަރެމެންނަށް ޔަޤީން އެ ސޮރު ހުރީ މި ރަށުގައިކަން.. ކޮންމެ ވެސް ބަޔެއްގެ ހިމާޔަތުގައިކަން..” ޑރ. ހެންރީ ކިޔައިދިނެވެ. ޢުޝާމްގެ އީޖާދަކީ ހަމަ އަޝްރަފެވެ. އަޝްރަފަކީ އެ ބުނާ ‘ޓެންތް ރޮބޯޓް’ އެވެ.
“އެ ސޮރުގެ ވެރި ފަރާތުގެ ކޮންމެ އަމުރަކަށް ކިޔަމަންވާނެ.. ކޮންމެ ކަމެއް ކުރުމުގެ ބާރު އެ ސޮރުގެ ކިބައިގައި ހުރޭ.. 24 ގަޑިއިރު ތެރޭ ދިހަ ކަންތައް ކޮށްދޭނެ.. ދިހަވަނަ ކަންތައް ކޮށްދެވުމާއެކު އެ ސޮރުގެ ބާރު ހުސްވާނެ.. ދެން އެ ސޮރަށް ކަމެއް ކޮށްދެވޭނީ އެ ދުވަހުގެ ރޭ ބާރައިގެ ފަހުން.. އެ ސޮރުގެ ވެރިއަކީ އަދިވެސް ޢުޝާމް.. އެހެން ވިޔަސް އަހަރެންނަށް އެ ސޮރު ލިބުމުން އެ ސޮރުގެ ސެޓިން ބަދަލުކުރާނަން..”ޑރ.ހެންރީ ކިޔައިދިނުމުން ރިޒުވީނަށް މަންޒަރު ސާފުވެއްޖެއެވެ. ހުރިހާ ސުވާލެއްގެ ޖަވާބު މި ލިބުނީއެވެ. މި ވަމުންދާ ގޮތް ސިކުނޑިއަށް އަދި މި ނަގައިގަނެވުނީއެވެ. “ކޮންކަމަކާ ތިޔަ ވިސްނަނީ.؟” ރިޒުވީން އެއްޗެކޭ ނުބުނެ މަޑުން ހުރުމުން ޑރ.ހެންރީ އަހާލިއެވެ. ދެން ވެސް ރިޒުވީން އެއްޗެކޭ ނުބުންޏެވެެ. އެހެން ހުރެފައި ދުއްވައިގަތީއެވެ. ރިޒުވީންގެ ފަހަތުން ދާކަށް ޑރ.ހެންރީއެއް ނޫޅުނެވެ. އޭގެ ބަދަލުގައި ޑރ.ހެންރީ ބަލާލީ ޓީވީއާ ދިމާލަށެވެ. 350 އެލެކްޓޯރަލް ވޯޓާއެކު ސާފު އަޤުލަބިއްޔަތު ވެސް ލިބިގެން އެމެރިކާގެ އިންތިޚާބު ކާމިޔާބުކުރީ ރެޝްފޯޑު ބުލަޑެވެ.
***
ދުވެފައި ގޮސް ރިޒުވީން ވަނީ ‘އޭޑީކޭ’ ހަސްފަތާލަށެވެ. ޝަޙާގެ ބައްޕަ އިދުރީސް ބާއްވާފައި އޮތް ކޮޓަރިއާ ހަމައަށް ދިޔައެވެ. އެއަށް ފަހު، އޭނާގެ ފޯނު ނަގައި ނަބީޙަށް ގުޅިއެވެ. “ނަބީ.. އަހަރެން މި ހިރީ ޝަޙާގެ ބައްޕަ ބާއްވާފައި އޮތް ކޮޓަރީގައި.. ޝަޙާ ގޮވައިގެން އަވަހަށް އާދެބަލަ.. އަހަރެންނަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެ..” މިހެން ބުނެފައި ރިޒުވީން ފޯނު ބޭއްވިއެވެ. ދެން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އިދުރީސް އަދިވެސް އޮތީ ކޯމާގައެވެ. ރިޒުވީން ކޮޓަރިތެރެއަށް ވަނުމަށް ފަހު، ގޮނޑިއެއްގައި އިށީނެވެ. ގޮނޑީގައި އިށީނނުމަށް ފަހު ރިޒުވީން އޭނާގެ ގަޑިއާ ދިމާލަށް ބަލައިލިއެވެ. ގަޑިން ބާރަ ޖަހައިފިއެވެ. އާ އަހަރު ފެށުމުން ހަވާ އަރުވާ އަޑު އިވެއެވެ. 1 ޖަނަވަރީއަކީ ރިޒުވީނަށް ވަރަށް މުހިންމު ދުވަހެކެވެ. އެއީ ހަމައެކަނި އާ އަހަރެއް ފެށޭ ދުވަހަށް ވާތީއެއް ނޫނެވެ. 1 ޖަނަވަރީއަކީ ރިޒުވީންގެ އުފަންދުވަހެވެ. ބާރަޖެހުމާއެކު ރިޒުވީނަށް 18 އަހަރު ފުރިގެން ދިޔައީއެވެ. އަދި އޭނާގެ ޙަޔާތުގެ އެންމެ މުހިންމު ކަންތައް ވެސް މި އެނގިގެން ދިޔައީ 1 ޖަނަވަރީއެއްގައެވެ.
“ދިސް ވުޑް ބީ ބެސްޓުް ބާތުޑޭ އެވާ.. އެންމެ ޒުވާން އުފެއްދުންތެރިޔާ..” ‘ޓްރޮފީ’ ރިޒުވީންގެ އަތަށް ދެމުން ޝަޙާ ބުންޏެވެ. “ހެޕީ ނިއު އިޔާ.. އެންޑް ހެޕި ބާތުޑޭ ރިޒުވީ..” ކުޑަކަކޫޖެހުމަށް ފަހު ރިޒުވީންގެ އަތުގައި ނަބީޙު ހިފިއެވެ. ނަބީޙުގެ އަތުން އަތް ދަމައިގަތުމަށް ފަހު ރިޒުވީން ކޮޅަށް ތެދުވިއެވެ. އަދި ‘ޓްރޮފީ’ އަނބުރާ ޝަޙާގެ އަތަށް ދިނެވެ.
“އަހަރެންނަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެ.. އަހަރެންނަށް އެނގޭ އަޝްރަފު ވީ ކޮންތާކުކަން.. އަދި ބައްޕަގެ އަނެއް އީޖާދަކީ ކޮބައިކަން ވެސް..” ރިޒުވީން ބުންޏެވެ.
“ޑރ.ހެންރީ ދޯ ކިޔައިދިނީީ..” ޝަޙާ ބުންޏެވެ.
“އަދި ޑރ.ހެންރީއަކަށް ވެސް ނޭނގޭ އަޝްރަފުވީ ކޮންތަނަކު ކަމެއް.؟” ރިޒުވީން ބުންޏެވެ..
“ތިޔަހެން ވިއްޔާ އަޝްރަފުވީ ކޮންތާކު.؟” ނަބީޙު އެހިއެވެ.
“ބެސްޓް ބާތުޑޭއަށް ވާނީ އަހަރެންގެ ގާތް އެންމެން ވެސް އުފަލުން ތިބީމަ.. ޝަޙާގެ ބައްޕަ ކޯމާގައި އޮތުމުން ޝަޙާ ތިޔަ ހުރީ އުފަލުންނެއް ނޫން.. ދޯ ޝަޙާ.؟” ރިޒުވީން ގޮސް އިދުރީހުގެ އަތުގައި ހިފިއެވެ.
“ތިޔަކީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން..” ނަބީޙު ބުންޏެވެ.
“އަހަރެންގެ އުފަންދުވަހުގެ ހަދިޔާއަކަށް ބޭނުމީ ޝަޙާގެ އުފާވެރިކަން.. އަހަރެން ބޭނުމީ އިދުރީސް ކޯމާއިން ހޭއެރަން..” ރިޒުވީން މިހެން ބުނުމާއެކު އޭނާގެ ސުމާޓް ގަޑިން ރަތް އައްޔެއް އެޅުނެވެ. އެ އަލި ގޮސް އިދުރީހުގެ ގައިގެ ތެރެއަށް ވަނެވެ. އެއަށް ފަހު އިދުރީސް ކުއްލިއަކަށް ތެދުވެފައި ކެއްސައިގަތެވެ.
“ޑޮކްޓަރަކަށް ނުގޮވާތި އަދި..” ނަބީޙާއި ޝަޙާއާ ދިމާލަށް ރިޒުވީން އޭނާގެ އަތްތިލަ ދައްކާލަމުން ބުންޏެވެ. އިރުކޮޅަކުން އިދުރީސް ކެއްސުން ހުއްޓާލިއެވެ.
“ޔެސް ދިސް އިސް ދަ ބެސްޓް ބާތުޑޭ އެވާ.. އިދުރީސް ބޭބޭ.. ނަބީ.. ޝަޙާ.. ބައްޕަގެ އަނެއް އީޖާދަކީ ވެސް ހަމަ އަހަރެންގެ ސުމާޓު ގަޑި.. އަދި އަޝްރަފަކީ އާދައިގެ ކުޑަކުއްޖެއް ނޫން.. އަޝްރަފަކީ ވެސް އަދި މި ގަޑިއަކީ ވެސް ބައްޕަގެ އީޖާދު..” ރިޒުވީން އެ ދެއްކި ވާހަކައެއް ނަބީޙާއި ޝަޙާއަކަށް ނުވިސްނުނެވެ. އިދުރީސް ވެސް އެއްޗެކޭ ނުބުނެ މަޑުން އިނީއެވެ.
“އަޝްރަފު.. އައި ނޯ ޔޫ އާ ދަ ޓެންތް ރޮބޯޓް.. އަދި އަހަރެންނަށް އެނގޭ އަޝްރަފު ތިޔަ އޮތީ މި ސުމާޓު ގަޑީގެ ތެރޭގައިކަން ވެސް.. ތިޔަ ދައްކާ އަނދިރި ތަނަކީ މި ގަޑީގެ އެތެރެ.. އަދި އަހަރެންގެ މި ކޮމާންޑްތައް ފުރިހަމަ ތި ކޮށްދެނީ ވެސް އަޝްރަފުކަން އެނގޭ..” ރިޒުވީން މިހެން ބުނުމާއެކު އެހެންޏާ އެޅޭ އައްޔަށްވުރެ އަލި ގަދަ އައްޔެއް އެޅުނެވެ. ހިނދުކޮޅެއް ތެރޭގައި އެ އަލި ފަނޑުވިއެވެ. ދެން ސުމާޓު ގަޑީގެ ޑިސްޕްލޭ ތެރެއިން ވަރަށް ކުޑަކުއްޖަކު ނުކުތެވެ. ޑިސްޕްލޭ ތެރެއިން ނުކުތުމަށް ފަހު އެ ކުއްޖާ ޑިސްޕްލޭ މަތީގައި ކޮޅަށް ހުއްޓުނެވެ. އެ ކުއްޖާގެ އިސްކޮޅަކީ އާދައިގެ ‘ސެލޯ’ ގަލަމެއްގައި ހުންނަ ދިގުމިނެވެ. ނަބީޙު، އެ ކުރުކުރު ކުއްޖާއާ ގާތްވެލުމަށް ފަހު، އެ ކުއްޖާގެ މޫނާ ދިމާލަށް ރަނގަޅަށް ބަލައިލިއެވެ. “އަޝްރަފު..” ނަބީޙުގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.
(ނުނިމޭ)
7 Comments
Comments are closed.
Wow… Amazing… Want read the next part soon
Nice
Story kuriah dhaa goi varah reethi…
Alhe dhen avahah aneh part up kohdheebala.. plx plx plx… mihaaru keh vaneekee noon aneh part kiyaa hithun..
Comment jehuny reply ga ?
when next part…waiting..waiting
RREEEEEECHEY