ހެނދުނު ނުވައެއް ޖެހިއިރު އެންމެން ތިބީ އެއް ނަމްބަރު ޖެޓީ ކައިރީގައެވެ. ހުޅުމާލެ ދިއުމަށްޓަކައި ހާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިވާން، އާރާވް ކައިލް އަދި ކައިލް ގެ ބައްޕަ އިލްޔާސް އަވަދިނެތި ލޯންޗަށް އެއްޗެހި އެރުވުމުގައި އުޅުނެވެ. މަރިޔަމްގެ ގޮނޑީގައި ހިފަހައްޓައިގެން އަރުޝީ ހުރިއިރު އިސްޖަހާލައިގެން ހުރީ ބަލަން ބޭނުން ނުވާ ދިމާއަކަށް ބެލިދާނެތީއެވެ. ލޯންޗުގައި ހުރި އާރާވް ރައިހާނާއަށް ގޮވާލާފައި އަރަން އަންނަން ބުނުމުން ދެންތިބި މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ ރައިހާނާ އަތުގައި ހިފާފައި އެރުވުމަށްފަހު ދެން އެރުވީ ނަޒްމާއެވެ. މަރިޔަމް އަރުވަން ކައިލްއާއި ޒިވާންވެގެން ގޮނޑިހިއްލަން ފެށުމުން އާރާވް އެކަން މަނާކުރިއެވެ. އަދި ލޯންޗުން ފައިބައިގެން އައިސް މަރިޔަމް އަތްދަނޑިމައްޗަށް ލައިގެން ލޯންޗަށް އެރިއެވެ. މިމަންޒަރު ފެނި އަރުޝީގެ ލޯ ފެންކަޅިވިއެވެ. ކައިސަން ހުރިނަމަ ކައިސަން ވެސް ކަންތައް ކުރާނީ ހަމަ މިފަދަ ގޮތަކަށެވެ. އާރާވްގެ މިއަމަލަކީ އެތާ ތިބި އެންމެންގެވެސް ހިތުގެ އެންމެ ފުންމިނަށް އަސަރުކުރި އަމަލެކެވެ. ހާއްސަކޮށް ރައިހާނާ އަމިއްލަ ދަރިފުޅާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވިއެވެ.
މުޅި ދަތުރުގައިވެސް އަރުޝީ ހޭދަކުރީ ނުތަނަވަސް ވެރިކަމެއްގައެވެ. މުޅި ދަތުރުގަވެސް އާރާވް އެންމެ ފަހަރަކުވެސް އަރުޝީއަށް ބަލައެއް ނުލައެވެ. އަރުޝީ ހީލުމުންވެސް އެނބުރުނީ އަނެއް ފަރާތަށެވެ. އެންމެނަށް ޕިކް ފައިން ބެހިއިރުވެސް އަރުޝީއަށް އެކަތިވެސް ދިއްކޮށްނުލައެވެ. މިފަދަ އެތައްކަމަކުން އާރާވް އަރުޝީ ދެރަކުރިއެވެ. އާރާވްގެ ހާލަކީތޯއެވެ. އަރުޝީވާ ދެރައަށްވުރެ އަތެއް ގުނައެއް ދެރަ އާރާވް ވެއެވެ. އެމޫނަށް ބަލާލަން ކިތަންމެ ބޭނުންވިޔަސްވެސް މިއަދު ބެލޭކަށް ނެތެވެ. އެލޯބި ހަނދާން ނައްތާލަން ބޭނުންފަހުން އާރާވް ޖެހޭނީ މިގޮތަށް އުޅޭށެވެ. މިނޫން ގޮތެއް ނެތެވެ. ނަމަވެސް ކަންތައް މިކުރެވެނީ ރަނގަޅަށް ހެއްޔެވެ. މިއަދު އާރާވް އަރުޝީ އާއި މެދު ކަންތައްކުރާ ގޮތުން އަރުޝީ ހިތުގައި ޖެހޭނެކަން ޔަގީނެވެ. ހިތުގެ އިހްސާސްތައް ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވާން ފެށުމުން އާރާވް އޭނާގެ ކަޅު އައިނު ނަގާ ލޮލުގައި އަޅާލީ ދެއްކުންތެރި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުންނެވެ.
ހުޅުމާލޭގައި އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ޒިވާން ގަނެފައިވާ ގެއެއްގައެވެ. އެގޭގައި ތިން ކޮޓަރި ހުންނައިރު އެއްކޮޓާރި ހުރިހާ އަންހެން ކުދިންނަށް ދިނުމަށްފަހު އަނެއްކޮޓަރި ހުރިހާ ފިރިހެނުންނަށެވެ. ދެން ހުރި ކޮޓަރި ހާއްސަކުރެވުނީ ނަޒްމާ އާއި ރައިހާނާ އަދި ރައިހާނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސައިހާނާގެ އިތުރުން މަރިޔަމް އަށެވެ.
ދެވުމާއެކު އެންމެ ފުރަތަމަވެސް ގޭން ބޭރުގައި އޮންނަ ހިތްގައިމު ފެހިވިނގަނޑުމަތީގައި ހެނދުނުގެ ސައި ކުރިއަށް ދިޔައެވެ. އެއަށްފަހު ފިރިހެންވެރިން ފުޓުބޯޅާ ކުޅެން ދިއުމުން އަންހެންވެރިން މެންދުރަށް ކެއްކުމައިގެން އުޅެން ފެށިއެވެ. އެކީގައި ކައްކާލުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އެދުވަހު އަރުޝީއަށް އެނގުނެވެ. އެކަކު ފިޔާ ކޮށަމުން ދިޔައިރު އެހެން މީހަކު ތަރުކާރީ ކޮށްމުން ދިޔައެވެ. އެކަކު ހަނޑޫ ދޮންނަމުން ދިޔައިރު އަނެކަކު މަސްކޮށާ މީރުކުރަމުންދެއެވެ. އެހުރިހާ ކަމެއް ކުރަމުން ދިޔައިރުވެސް މޮޅެތި ވާހަކަ ދައްކަމުން ދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.
މެންދުރު ނަމާދު ވަގުތުވީއިރު ހުރިހާ އެއްޗެއް ހުރީ ކެކި ނިމިފައެވެ. މަސްބަތާއި ރިހާކުރާ ޑެވިލްޑް ޗިކަންގެ އިތުރުން ފިހުނުމަހާއި ރޮއްޓެވެ. ފޮނި އެއްޗަކަށް ޕިރިނީ ހަދާފައި ހުރިއިރު ބޯން އެކި ވައްތަރުގެ ޖޫސް ހުއްޓެވެ. މެންދުރު ނަމާދަށް ހުރިހާ ފިރިހެން ވެރިން މިސްކިތަށް ދިއުމުން ހުރިހާ އަންހެންވެރިން ނަމާދުކުރީ އެއްޖަމާއަތެއްގައި ގޭގައެވެ. މެންދުރު އަނބުރާ ދޭއްޖެހިއިރު އެންމެން ތިބީ ހުޅުމާލޭ ބާބަކިއު ހަދާ ދިމާލުގެ ބީޗުގައެވެ.
ރިހާނީ އާއި ކައިލް ޔަލާ ގޮވައިގެން މޫދަށް އެރި މަޖާ ކުރާ މަންޒަރު ބަލަން ދޮންވެލި ގަނޑުމަތީގައި އިން އަރުޝީ އިނީ ހެވިފައެވެ. އަނެއްކޮޅުގައި ސައިހާނާ އާއި ރައިހާނާ ވެގެން މަރިޔަމްގެ ގައި ދޮންވެލިން މޮޑޭތަން ފެނިވެސް އަރުޝީއަށް ލިބެނީ އެތައް އުފަލެކެވެ. މޫދުގެ ތަންކޮޅެއް ފުން ހިސާބެއްގައި ޒިވާން އާއި އާރާވްގެ އިތުރުން ސައިހާނާގެ ފިރިހެން ދަރިފުޅު ޔައިޝްެވެސް މަޖާ ނެގުމުގައި އުޅުނެވެ. ކައިރީގައި އިން ޔައިޝްގެ އަންހެނުން ޖަނާން ވާހަކަ ދެއްކިއެއް ކަމަކު އަރުޝީވަނީ ކުރިމަތިން ފެންނަމުންދިޔަ ކަންތައްތަކަށް ގެއްލިފައެވެ. އިރުކޮޅަކުން ޔައިޝް އައިސް ޖަނާން ގެންދިއުމުން އަރުޝީ އެކަނިވިއެވެ. އެވަގުތުވެސް ހިތަށް ފެންނަމުން ދިޔައީ ކައިސަން އާއި އެެކު މޫދުގައިހޭދަކުރެވުނު އުފާވެރި ވަގުތުތައް މަތިންނެވެ. އާރާވް މޫދުން އަރައިގެން އަންނަތަން ފެނުނީ މިފަދަ ހިޔާލުތަކަކަށް ގެއްލިފައި އިންދައެވެ. އަވަހަށް އަނެއްކޮޅަށް މޫނު އަނބުރާލައި ދުރު ބަލަން ފެށީ އާރާވްގެ ހަރަކާތް ތަކަށް ބަލަން ބޭނުން ނުވާތީއެވެ. އެހެން އިރުކޮޅަކު އިނދެފައި އާރާވް ކުރާކަމެއް ބަލާލަވެގެން އަނެއް ފަރާތަށް އެނބުރުނު އިރު އާރާވް ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. އާރާވް ހޯދާ އެއްޗެއް އަރުޝީއަށް އެނގުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ތެދުވެގެން އާރާވް ކައިރިއަށް ގޮސް ފެން ހޯދަނީހެއްޔޭ އަހާލިއެވެ. ނަމަވެސް އާރާވް ބަހެއްވެސް ނުބުނެ ފެން ހޯދުމައިގެން ކުރިއަށް ދިޔައެވެ. އާރާވްގެ މިއަމަލުން އަރުޝީ ހިތުޖެހުނެއް ކަމަކު ފެން ހުރީ ކޮތަޅުން ފެން ފުޅިއެއް ނަގާ ތައްޓަކަށް ފެން އެޅުމަށްފަހު އާރާވް އަށް ދިއްކޮށްލިއެވެ. އެވަގުތު އަރުޝީގެ މޫނަށް އާރާވް އަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. އެހިނދު ހިތުގައި އުފެދުނު ރިހުން ބޮޑުވެ ލޯ ފެންކަޅިވެގެން ދިޔައެވެ. މިމަންޒަރު އަރުޝީއަށް ފެނުނު ނަމަވެސް ހީކުރީ ލޮލުގައި ލޮނުފެން ޖެހުމުން ވެފައި ހުރި ގޮތެއް ކަމަށެވެ. އާރާވް އިތުރަށް އެތާ މަޑުނުކޮށް މޫދާ ދިމާއަށް ހިނގައިގަތީ ފެންވެސް ނުބޮއެވެ. ހިތަށް ކުރާ އަސަރުން މޭގައި އަތް އަޅާލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ.
އާރާވް ދިޔަ ދިމާއަށް ބަލަންހުރި އަރުޝީގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އާރާވް އެހާ ފަރުވާކުޑަކޮށް އަރުޝީއާއި މެދު ކަންތައް ކުރަނީ އަރުޝީގެ ކޮންކުށެއް އޮވެގެން ހެއްޔެވެ. އަދި އާރާވް އެގޮތަށް ކަންތައް ކުރާ ކޮންމެ ފަހަރަކު އަރުޝީގެ ހިތުގައި ރިއްސަނީ ކީއްވެ ހެއްޔެވެ. ލޮލުން ކަރުނަ އައިކަންވެސް އެނގުނީ ކޯތާފަތް ތެމުމުންނެވެ. އަތުން ކަރުނަތައް ފޮހެލާ ކަރުނައިން ތެމިފައިވާ އަތަށްވެސް ބަލާލެވުނީ ހައިރާންވެފައި ހުރެއެވެ. އެވަގުތު ހިތްވެސް ތެޅެމުން ދިޔައީ ފުދޭވަރަކަށް ބާރުމިނެއްގައެވެ. ހިތުގައި އަތް އަޅާލެވުނުއިރު ހަމަ ރަނގަޅަށްވެސް އަރުޝީއަށް ރޮވިއްޖެއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ގެއާ ދިމާއަށް ދުއްވައިގަތެވެ. ރިހާނީ އަށް މިމަންޒަރު ފެނި ކައިރީގައި ހުރި ކައިލް އަށް ދައްކާލެވުނެވެ. އެވަގުތު ކައިލް އަށް ބަލާލެވުނީ ރާޅުޖަހާ ހިސާބުގައި ލައިގެން ހުރި ޕޮކެޓް ޖީންސް ޝޯޓްގެ ދެ ޖީބަށް އަތް ޖަހާލައިގެން ފައިގެ ބޮޑުވާ އިނގިލިން ވެލިގަނޑާ ކުޅެކުޅެ ހުރި އާރާވް އަށެވެ. އެވަގުތު ކޮންމެވެސް ކަމެއް ވެއްޖެކަން ރިހާނީއަށްވެސް ކައިލް އަށް ވެސް އެނގިގެން ދިޔައެވެ.
” އާރާވް އަރުޝީދެކެ ލޯބިވޭދޯ” ކައިލް އާރާވް އަށް ބަލަން ހުރި ގޮތުން ޝައްކެއްގެ މަތީގައި ހުރެ ރިހާނީއަށް އަހާލެވުނެވެ. ކައިލް ރިހާނީއަށް ހައިރާންކަމާއެކު ބަލާލީ ރިހާނީ އަށް އެހާ ފަސޭހައިން އެނގިގެން ދިޔައިމައެވެ. ބަލަން ހުރިގޮތުން އެނގުނީ ކިހިނެއްހޭ އަހާލި ކަހަލައެވެ.
” އާރާވްގެ އަރުޝީއަށް ބަލާގޮތުން އެކަން ވަރަށް ރަނގަޅަށް ސާފުވެއްޖެެ.. ކައިލް ވެސް އަހަންނަށް ބަލަނީ އެގިޮތައްނު ” ރިހާނީ ހީލަމުން މިހެން ބުނުމުން ކަިއލް އަށްވެސް ހެވުނެވެ. އަދި ރިހާނީގެ ކޮލުގައި ފިރުމާލަމުން އެވާހަކަ އިތުރު އެއްވެސް މީހެއް ކައިރީގައި ހާއްސަކޮށް އަރުޝީ ކައިރީގައި ނުދެއްކުމަށް ނަސޭހަތްތެރިވިއެވެ.
ގެއަށްދާން ތައްޔަރުވި ވަގުތު އަރުޝީ ނެތްކަން އެންމެނަށް އެނގުނީ މަރިޔަމް އަރުޝީ ކޮބައިތޯ އެހުމުންނެވެ. ” އަނެއްކާ ކޮބައިބާ އަރުޝީ.. އޭނައަކަށް ނޭނގޭނެ ހުޅުމާލޭގަ ހިނގާކަށްވެސް… އަދި ދެވަނަ ފަހަރަށް ކަންނޭނގެ އެއައީވެސް.. ” އަރުޝީ ފެނޭތޯ ދެކޮޅު ހޯދަމުން އާރާވް އަށް ބުނެވުނެވެ. ނަމަވެސް ދެވަަނަ ސިކުންތުގައި ބުނެވުނު އެއްޗަކާ މެދު ހައިރާންވިއެވެ. އާރާވް އަށް އެނގެނީ ކިހިނެއްހެއްޔެވެ.
” އާރާވް އަށް ކިހިނެއް އެނގެނީ” ޒިވާން ކޮށްލީ އާރާވްގެ ހިތުގައި އޮތް ސުވާލެެވެ.
” ނޭނގެ.. ހަމަ ހީވީ” ހަމަޖެހޭ ގޮތް ދައްކަމުން އާރާވް ބުންޏެވެ. އޭރު އެންމެވެގެން އަރުޝީއަށް ގޮވާ އަރުޝީ ފެނޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެންމެން ކަންބޮޑުވާން ފެށީ އެތާ ކައިރި އެއްވެސް ހިސާބަކުންވެސް އަރުޝީ ނުފެނުމުންނެވެ. ކައިލް އާއި ރިހާނީވެގެން އަރުޝީ ދުވެފައި ދިޔަ ދިމާލުގެ ހުރިހާ ހިސާބެއްވެސް ބެލިއެވެ. ނަމަވެސް އަރުޝީ ފެންނަގޮތެއް ނުވިއެވެ. މަރިޔަމްވެސް ރޯވަރުން އެތާ ތިބި އެހެން މީހުން ހައްތަހާ ކަންބޮޑުވާން ފެށިއެވެ.
އެންމެން ފަހުން ޒިވާންގެ އެދުމުގެ މަތިން ހުރިހާ އަންހެންވެރިން ގެއަށް ފޮނުވާލުމަށްފަހު ޒިވާން، އާރާވް އާއި ކައިލްގެ އިތުރުން ޔައިޝް އަރުޝީ ހޯދުމައިގެން އުޅުނެވެ. އާރާވް ހީވަނީ މޮޔައެއްހެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް އަރުޝީ ހޯދުން ހުއްޓައެއް ނުލައެވެ. ހަތަރު މީހުން އެކި ދިމާލުގައި އުޅުމަށްފަހު އެއްތަންވި ވަގުތު އެއްވެސް މީހަކަށް އަރުޝީ ނުފެންނަކަން އެނގުމުން އާރާވްގެ ހިތްވަރު އެލުނު ކަހަލައެވެ.
” މިހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން.. ” ރޮވިފައިވާ ކުރަކި އަޑަކުން މިހެން ބުނުމުން ޒިވާން އާއި ޔައިޝް ހައިރާންވެފައި އާރާވް އާއި ދިމާއަށް ބަލާލިއެވެ.
” އެކީއްވެ އާރާވްގެ ސަބަބުން.. އާރާވް އެއްޗެކޭ ބުނީތަ އަރުޝީއާއި ދިމާއަށް” ހިތްހަމަނުޖެހުން އެކުލެވިފައިވާ އަޑަކުން ޒިވާން މިހެން ބުނުމުން އާރާވް ކުށްވެރިއަކު ފަދައިން އިސްޖަހާލިއެވެ. ހުރިހާ ކަމެއް ހަމަވީއޭ ހިތަށް އަރާ ކައިލްވެސް ހުރީ ދެންވާނެ ގޮތަކާމެދު ޖެހިލުންވެފައެވެ. ޒިވާން ފޯނަށް ރައިހާނާ ގުޅީ އިތުރަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށެވެ. ރައިހާނާ ގުޅާފައި އަރުޝީ ގޭގައި ހުރި ވާހަކަ ބުނުމުން ޒިވާން އަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އަދި ފޯނު ކަނޑާލުމަށްފަހު ދެން ތިބި މީހުން ކައިރީގައިވެސް އަރުޝީ ސަލާމަތުން ގޭގައި ހުރި ވާހަކަ ބުންޏެވެ.
” އާރާވް ކީކޭތަ ބުނަން އުޅުނީ” ކަމެއް ހަނދާންވެގެން އަހާލާ ފަދަ ގޮތަކަށް ޒިވާން އަހާލިއެވެ.
” ދެން ތިހުރިހާ ވާހަކައެއް ފަހަށް ބަހައްޓާފަ ހިނގާ އަވަހަށް ގެއަށް ދެވޭތޯ ބަލަން.. އިރުކޮޅަކުން އަސުރު ނަމާދަށް ބަންގިވެސް ގޮވާނެ..” ވާހަކަ އޮޅުވާލުމުގެ މަގްސަދުގައި ކައިލް މިހެން ބުނުމުން ދެންތިބި މީހުންވެސް ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. އެންމެން ހަމަ ޖެހިފައި ތިބިއިރުވެސް އާރާވްގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެތައް ކަމެއް އާރާވް ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

އަސުރު ނަމާދުކޮށްލައިގެން ތައްޔާރުވެގެން ދެން އެންމެން ދިޔައީ ހުޅުމާލެ ސެންޓަރްލް ޕާކަށެވެ. ހުރިހާ ބޮޑެތި މީހުން ހިލަ ގޮނޑިތައް މަތީގައި އިށީނދެ ތިބިއިރު ޒިވާން އާއި ޔައިޝް ފޮޓޯ ނެގުމުގައި އުޅުނެވެ. ރިހާނީއާއި ކައިލް ޔަލާ ގޮވައިގެން މަޖާކުރުމުގައި އުޅުނުއިރު އަރުޝީ ހުރީ ބްރިޖް މަތީގައި ހުއްޓިލައިގެން ކުޑަ ކުޑަ ޔަލާ އުޅޭގޮތް ބަލަން ހުއްޓެވެ. އާރާވް އައިސް ކައިރީ ހުއްޓުނީ އަރުޝީ އެހެން ހުއްޓައެވެ.
” ކީކޭ ހިތަށް އަރައިގެން ތަ މިއަދު އެއްވެސް މީހެއް ކައިރީ ނުބުނެ ދިޔައީ..” ރުންކުރު ގޮތަށް އާރާވް މިހެން ބުނިއަޑަށް އަރުޝީ ސިހިފައި ބަލާލިއެވެ. މޫނުމަތިން ކިތަންމެ ހަމަޖެހޭ ގޮތް ދެއްކިޔަސް އާރާވް ވާހަކަ ދެއްކިގޮތުން ރުޅިއައިސްފައި ހުރިކަން އަރުޝީއަށް އެނގިގެން ދިޔައެވެ.
” ނޭނގޭ ތިކިޔާ އެއްޗެއް” އަރުޝީގެ ޖަވާބު އިވި އާރާވްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. އެހެން މީހަކަށް ނުފެންނާނެ ހެން އަރުޝީ އަތުގެ މުލައްދަނޑީގައި ހިފައިގެން ތަންކޮޅެއް ދުރު ހިސާބަކު ގޮސް ހުއްޓުނެވެ.
އަރުޝީ ވެސް އިތުރަށް ގަދަނުހެދިއެއް ކަމަކު އާރާވްގެ މިހަރަކާތުން ރުޅިއައެވެ.
” ތަދުވެޔޭ މަށައް… އާރާވްގ އަކާ ނުޖެހޭނެ އަހަރެން ގަޔަށް އަތްލާކަށް ” ރުޅި އައިސް ރަތްވެފައި އާރާވްގެ އަތް ފޮޅުވާލަމުން އަރުޝީ ބުންޏެވެ.

-ނުނިމޭ-

12

10 Comments

 1. sem

  August 5, 2017 at 6:58 pm

  Wow finally

 2. maroon

  August 5, 2017 at 7:00 pm

  Wow dear.. v inthizaaru kurevijje… and its awesome… ?

 3. Anonymous

  August 5, 2017 at 7:03 pm

  I first

 4. Fary

  August 5, 2017 at 9:10 pm

  Vara boda wait veygey story a vara nala when next part

 5. Xxxx

  August 5, 2017 at 9:34 pm

  Wooow.v..nice dear.. waiting 4 next part???????

 6. Adha?

  August 5, 2017 at 10:00 pm

  Varah loabi mi part ves axxa…? nd i missed this story..
  Waitingss❤❤❤❤

 7. Shifu

  August 5, 2017 at 10:49 pm

  V asaru kohfi v reethi

 8. Sidhu

  August 5, 2017 at 11:06 pm

  V salhi when next part

 9. Shai

  August 6, 2017 at 5:35 pm

  Thanks love ❤️❤️ Ahahhaha surprised to see my name ????

 10. Shahoo

  August 6, 2017 at 8:59 pm

  Maasha allah varah reethi??. Wen next part?

Comments are closed.