Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ހަވަނަ ބައި )

Ushe Level 110 Stories
August 6, 2017 5 Mins Read
4 Comments

އަހަރު: 2025 – ކ. މާލޭގައި

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތައް ވަނީ ފެންބޮޑުވެފައެވެ. ޗަކަ ފެންގަނޑެއް ހެދިފައި ނުވާ މަގެއް ނެތެވެ. މަގުތަކުގައި ޖަހައިފައި ހުރި ގާތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. ހިނގާބިނގާވެ އަދި ދުއްވާހަދާ ވަރަށް ވުރެ ވެސް މަގުތަކުގެ ހާލަތު ދަށެވެ. މިއީ ވިއްސާރަމޫސުމުގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، ކ.މާލޭގެ ހާލަތެވެ. ބޭސް ކޮތަޅެއް ހިފައިގެން ޢާދިލް ހުރީ ބޭސް ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. ބޯކޮށް ވެހެމުންދާ ވާރޭ ހުއްޓައިލަންދެނެވެ. ނޫނީ އެ ބޯ ވާރޭގައި އޭނާ ގެންގޮސްދޭނެ ހުސް ‘ޓެކްސީ’ އެއް ލިބެންދެނެވެ. އަވަސް ރަހުމަތެއްގައި ވާރޭ ހުއްޓާކަށް ނޫޅުނެވެ. ފަސޭހަ ރަހުމަތެއްގައި ހުސް ‘ޓެކްސީ’ އެއް އަތުވާނެ ގޮތެއް ވެސް ނުވިއެވެ. ޢާދިލް އޭނާގެ ޖީބުން ފޯނު ނަގައި އޭނާގެ އަންހެނުންނަށް ގުޅިއެވެ. “ހަލޯ.. އާދެވޭކަށް ނޫޅޭތަ.؟” ޢާދިލްގެ އަންހެނުން ސަމީރާ ފޯނު ނަގައި ވާހަކަދައްކަން ފެށިއެވެ. “މި ވެހޭ ވާރޭގަނޑު ހުއްޓާކަށް ނޫޅުނު ވިއްޔާ.. ސަމީރާ.! މަންމަ ކޮބައި.؟” މަންމަގެ ކައިރީގައި ސަމީރާ ހުއްޓަސް ޢާދިލް ހުރީ މަންމައާމެދު ކަންބޮޑުވެފައެވެ. “މަންމަ ނިދައިފި.. އަހަރެން މި އިނީ މަންމަ ކައިރީގަ.. ޢާދިލް ނައިސްގެން ނުނިދިފަ މި އިނީ.. ކޮބައި ކުރަން ދިޔަ ކަންތައް ކުރެވިއްޖެތަ.؟ ވާރޭގެ ސަބަބުން އެ ކަން ވެސް ނުކުރެވުނުބާ.؟” ސަމީރާގެ އަޑުން ވެސް ނިދި އައިސްފައި ހުރިކަން އެނގެއެވެ. “ނޫނޭ.! ބޭސް ނަގައި ނިމިއްޖެ.. އާދީއްތަ ދުވަހުގެ ފުލައިޓުން ދާން ޓިކެޓު ވެސް ހަމަޖެހިއްޖެ.. އެ ހުރިހާ އެއްޗެއް ހިފައިގެން މި ހުރީ.. ވީހާވެސް އަވަހަކަށް ދެވޭތޯ ބަލާނަން..” ޢާދިލް ބުންޏެވެ. “އަވަހަށް އާދޭ.. މި ފިނީގައި ކެތްވާ ވަރެއްނޫން.. ލޯބިވާގެ ބީހިލުން އިހުސާސްކޮށްނުލާތާ ވެސް ދުވަސްތަކެއް ވެއްޖެ..” ނިދީގެ އަސަރާއެކު ސަމިރާ އެ ފަދަ ވާހަކަތަކެއްދައްކަން ފެށުމުން ޢާދިލަށް ވެސް އެހެން ކަހަލަ އަސަރުތަކެއް ކުރިއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ކެރިގަނޑު ހުއްޓަންދެން ސަމީރާއާއެކު ފޯނުން ލޯބީގެ މާތައް ފޮޅުވަން ޢާދިލް އެ ތަނުގައި ހުއްޓެވެ.

ކެރިގަނޑު ހުއްޓުމާއެކު ޢާދިލް އޭނާގެ ފޯނު ޖީބަށްލިއެވެ. އެ އިރު ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. އެހާ ދަންވި އިރު ވެސް މަގުމަތިން މީހުންނާއި ދުއްވާ އެއްޗެހި މަދެއްނުވެއެވެ. ލައިގެންހުރި ފަޓުލޫނުގެ ފައިކުރި، ކަކުލާ ހަމައަށް އޮޅައިފައި ހިނގައިގަތެވެ. ހެދިފައިވާ ފެންގަނޑު އޭނާގެ ފައިގެ ކަށިމައްޗާ ހަމައަށް އަރައެވެ. އަވަހަށް ދާން ބޭނުންވިޔަސް ޢާދިލަށް ދެވެނީ ފިނިހަކައެއްގެ ދުވެލީގައެވެ. މަގުތައް ފުރިބާރުވެފައިވާލެއް ބޮޑުކަމުންނެވެ. ބައެއް މަގުތައް އަލުން މަރާމާތުކުރުމަށް ބަންދުކޮށްފައިވާތީއެވެ. އަދި އެއީ ކޮންކޮން މަގުތަކެއްކަމެއް ޢާދިލަށް ނޭނގޭތީވެ، މަގަކަށް އަރައި ދެވެން ނެތުމުން އަނބުރާލައިފައި އެހެން މަގަކަށް ދާންޖެހުނު ފަހަރު ވެސް މަދެއްނޫނެވެ. ހިނގާފައިދިޔުން ނޫން ގޮތެއް ވެސް ނެތެވެ. މި މެންދަން ވަގުތު ބަހުގެ ޚިދުމަތެއް ނުލިބޭނެއެވެ. ބާރައިގެ ފަހުން ‘ޓެކްސީ’ ދުއްވާމީހުންގެ އަތުން، ސަރުކާރުން ފީތަކެއް ނަގަން ފެށި ފަހުން އެ މީހުން ވެސް ދަތުރުތަކަށް އާންމު ގޮތެއްގައި ނުކުމެ ނޫޅެއެވެ. ‘ޓެކްސީ’ އެއް ފެނުނަސް އެ ވާނީ މާ ކުރިން ދަތުރެއް ނަގާފައިވާ ‘ޓެކްސީ’ އަކަށެވެ. ހުޅުމާލެއަށް ދާ ‘ބުރިޖް’ އާ ހަމައަށް ޢާދިލަށް އާދެވުމުން ފޯނު ނަގައި ގަޑި ބަލައިލިއެވެ. ގަޑިން ތިނެއްޖަހަން އުޅެނީއެވެ. އަނެއްކާ ވެސް ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ‘ބްރިޖް’ ގައި ހިޔާކޮށްފައި ހުންނަ ތަނެއްގައި ޢާދިލް މަޑުކުރިއެވެ. “ބޮޑު އުނދަގުލެއް.. ބުނެލާފައި ވެހޭނަމައޭ ހިތަށްއަރާ..” ޢާދިލް ސިނގިރޭޓެއް ނަގައި ބޯން ފެށިއެވެ.

އިރުކޮޅެއް ފަހުން ޢާދިލް މަޑުކޮށްގެން ހުރި ތަނަށް ކާރެއް އައިސް މަޑުކޮށްލިއެވެ. ދެން ކާރު ދުއްވަން އިން މީހާ، ކާރުގެ ކުޑަދޮރެއްގެ ލޯގަނޑު ހުޅުވާލިއެވެ. “ޢާދިލް.. މިއޮއް ދަންގަޑީގަ މި ތަނުގަ ކިއެއް ތިޔަ ކުރަނީ..” ކާރު ދުއްވަން އިނީ ޢާދިލްގެ މަދަރުސީ ދައުރުގެ ރަޙުމަތްތެރިޔެކެވެ. “ނިދާ.. ނަސީބެއްނު ދިމާވިކަން.. އަހަރެންގެ އަންހެނުންގެ ފުލެޓާ ހަމައަށް ގެންގޮސްދެވިދާނެތަ.؟” ޢާދިލް ގެންގޮސްދިނުމަށް އެދުމުން ނިދާ އާއެކޭ ބުނެފައި އޭނާގެ ކާރަށް ޢާދިލް އެރުވިއެވެ. އެ އަށް ފަހު ނިދާ ކާރު އިސްޓާޓްކޮށްލިއެވެ. އަދި ‘ބްރިޖް’ މަތިން ދުއްވާލައިފައި ގޮސް ހުޅުމާލެއަށް ވަނެވެ.

ކާރުގެ ކުޑަދޮރަކުން ހުޅުމާލޭގެ ބޮޑެތި ޢިމާރާތްތަކާ ދިމާލަށް ބަލަހައްޓައިގެން ޢާދިލް އިނެވެ. ޢާދިލްގެ އަންހެނުންގެ ‘ފުލެޓް’ ފަހަނައަޅާ ދިޔަ އިރު ވެސް ނިދާ ކާރެއް ނުހުއްޓުވިއެވެ. ދުއްވާފައި ގޮސް އެހެން މަގަކަށް އެޅީއެވެ. “ނިދާ.. އެ ފުލެޓް އެ ދިޔައީ އޭ.. ދެން ކާރު ހުއްޓުވާ.. މި ހިސާބުން އަހަރެން ހިނގާފައި ގޮސްދާނަން..” ޢާދިލް މިހެން ބުނި ނަމަވެސް ނިދާ ކާރެއް ނުހުއްޓުވިއެވެ. ދުއްވާފައި ގޮސް އަނބުރާ ‘ބްރިޖް’ އާ ހަމައަށް އައިސް ހުއްޓުނީއެވެ. “ނިދާ.. މޮޔަވީތަ.؟ މާލޭ ޒުވާނުންގެ ސްޓައިލަށް ނައިސް ވާން ފެށީތަ.؟” ނިދާ އެ ގޮތަށް ކަންތައް ކުރުމުން ޢާދިލް ރުޅިއައިސްގެން ބުންޏެވެ. ނުބައި ފާޑަކަށް ހިނިގަނޑެއްޖަހާލައިފައި ކާރުގެ ފަހަތު ބަރިއަށް ނިދާ ފުންމާލިއެވެ. އެއަށް ފަހު ޢާދިލްގެ ކުރިމައްޗަށް ވާގޮތަށް އޭނާގެ އުނގު މަތީގައި އިށީނެވެ. ދެން ނިދާގެ މޫނުމަތިން އަޅައިގެން ހުރި ‘މާސްކު’ އޭނާ ނެގިއެވެ. “ޝިޓް.. އަނޫރާ..! ޔޫ..؟” ކާރު ދުއްވަން އިނީ ނިދާގެ މޫނުގެ ‘މާސްކް’ އެއް އަޅައިގެން އަނޫރާ ކިޔާ ރީތި އިންޑިއާ އަންހެން ކުއްޖެކެވެ. ދެން ޢާދިލްގެ ތުންފަތުގައި އަނޫރާ އޭނާގެ ތުންފަތް ޖައްސާލިއެވެ. “ސޮރީ ބޭބްސް..” އަނުރާ އޭނާގެ ތުންފަތް ޢާދިލްގެ ތުންފަތުން ދުރުކޮށްލުމަށް ފަހު ޢާދިލްގެ އަތަށް ‘އިންޖެކްޝަން’ އެއް ހަރަމުން ބުންޏެވެ. ‘އިންޖެކްޝަން’ ޖެހުމާއެކު ޢާދިލް ހޭ ނެތިއްޖެއެވެ.

    އަހަރު 2025 – ހދ. ކުޅުދުއްފުށީގައި

ޢާދިލް ސަރ ގޮނޑިއެއްގައި ބަނދެވިފައިވާ މަންޒަރު ފެނުމަށް ފަހު ރިޒުވީނާއި ނަބީހު ޙަޤީޤަތުގައި އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ޢާދިލް ސަރއަށް ޖެހިފައިވާ މުސީބާތުން އޭނާ ސަލާމަތްކޮށްދޭށެވެ. ނަބީހު، ކެމްޕަހުގެ އިސް ވެރިޔަކާ ވާހަކަދެއްކުމުން ބުނީ ޢާދިލް ސަރ އޭނާގެ މަންމަ ކައިރީގައި ސަލާމަތުން ހުރި ކަމަށެވެ. މަރިޔަމް މިސްގެ ވާހަކަތައް ވެސް ހުރީ މި ފަދަ ގޮތަކަށެވެ. ދެ ކުދިން ވެސް ޢާދިލް ސަރގެ ކަންތައްތައް މި މީސްމީހުންގެ ގާތުން އޮޅުންފިލުވީ ވަރަށް ނުސީދާކޮށް އަހައިގެންނެވެ. ޢާދިލް ސަރ ގޮނޑިއެއްގައި ބަނދެވިފައިވާ ތަން ދެ ކުދިންނަށް ފެނުނުކަން އެއިން އެކަކަށް ވެސް ނާންގައެވެ. އެއަށް ފަހު ދެ ކުދިންނަށް ވެސް އިހުސާސްކުރެވުނީ މި ތަނުގައި އެ ދެ ކުދިންނަށް އިތުބާރުކުރެވޭ ވަރުގެ ބަޔަކު ނެތްކަމެވެ. ގަޑީގެ އެ މޮޅެތި ސިފަތަކާއި ޢާދިލް ސަރއަށް ވީގޮތް ސިއްރުކުރަން ދެ ކުދިން ނިންމިއެވެ.

ދުވަސްތައް ފާއިތުވަމުން އެއް މަސް ދުވަސް ވޭތުވެއްޖެއެވެ. ކޮންމެ ދުވަހަކު އެއް ފަހަރު ނަމަވެސް ޢާދިލް ސަރގެ ހާލަތު ރިޒުވީނާއި ނަބީހު ބަލައެވެ. ޢާދިލް ސަރ އަދިވެސް އިނީ އެ ގޮނޑީގައި ބަނދެވިފައެވެ. ކޮންމެވެސް ޒުވާން ރީތި އަންހެނަކު އައިސް ގަޑިންގަޑިއަށް އޭނާއަށް ކާންދެއެވެ. ފެންނަފެނުމުން އެއީ ދިވެއްސެއްހެން ހިޔެއްނުވެއެވެ. ޢާދިލް ސަރގެ ކަންކަން އެ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓައެވެ. ޢާދިލް ސަރގެ ސަލާމަތަށް އެދި ދެ ކުދިން ﷲގެ ޙަޟްރަތަށް ދުޢާކުރެއެވެ. ކޮންމެއަކަސް އެއީ ކިޔަވާ ދެ ކުދިންނަށްވުމުން އެ ދެ ކުދިންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ކުޅުދުއްފުށީގައި ބޭއްވޭ ފޯރިގަދަ “ކުޅުދުއްފުށި އިންޓަރ ކޮލެޖް ބާސްކެޓް ޗެމްޕިއަންޝިޕް” މުބާރާތް ވެސް ފެށިއްޖެއެވެ. މި މުބާރާތުގައި އެ ރަށުގައި ކިޔަވައިދޭ ފަސް ކޮލެޖުން ވެސް ބައިވެރިވިއެވެ. އެއީ ޔެސް ކޮލެޖާއި އެމްއައި ކޮލެޖާއި ވިލާ ކޮލެޖާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ(ކުޅުދުއްފުށީ ކެމްޕަސް)އާއި ޖަލާލުއްދީން ކެމްޕަހެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކޮލެޖަކީ ހަތަރު ތަށްޓާއެކު ވިލާ ކޮލެޖެވެ. ދެން ޤައުމީ ޔުނިވާސިޓީއާއި އެމްއައި ކޮލެޖަށް ތަށްޓެކެވެ. ޔެސް ކޮލެޖާއި ޖަލާލުއްދީން ކެމްޕަހަކަށް އަދި ތަށްޓެއް ނުލިބެއެވެ. މި ފަހަރު ވެސް ފުރަތަމަ މެޗުން ޔެސް ކޮލެޖް ބަލިކޮށްފައި އެ މެޗް ކާމިޔާބުކުރީ ވިލާ ކޮލެޖެވެ. ދެ ވަނަ މެޗު އޮތީ އެ ދުވަހުގެ ހަވީރެވެ. އެއީ އެމްއައި ކޮލެޖާއި ޖަލާލުއްދީން ކެމްޕަސް ޓީމާއެވެ. މެޗުގައި ޖަލާލުއްދީން ޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން 40-42ގެ ސުކޯއަކުން ޖަލާލުއްދީން ޓީމް އެ މެޗުން ބަލިވިއެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ކުޅުމަށް ރިޒުވީނެއް ނާރުވައެވެ. ނަމަވެސް އަންނަ މެޗަށް ރިޒުވީން އެރުވުމުގެ ހުއްދަ ޓީމުގެ ޑަކްޓަރު ދިނެވެ. ޑަކްޓަރުގެ އެހީއަކަށް މި ފަހަރު ގެންދިޔައީ ޝަޙާއެވެ. ރިޒުވީންގެ ‘ފިޓުނަސް’ ކަންތައް ޝަޙާ ވަރަށް ރަނގަޅަށް ބަލައެވެ.

އަނެއް ދުވަހު، ފަތިސްވުމާއެކު ރިޒުވީނާއި ނަބީހު ފަތިސްނަމާދުކޮށްގެން ދިޔައީ ރަށުގެ ރަސްމީ ބާސްކެޓް ކޯޓަށެވެ. އެއީ އެ ދުވަހުގެ ހެނދުނު ޖަލާލުއްދީން ޓީމާ ވިލާ ކޮލެޖުގެ މެޗު އޮތީމައެވެ. ނަބީހު ގޮސް ސަޕޯޓަރުންގެ މެދުގައި އިށީނެވެ. އެ މެޗު ބަލާކަށް މާ ގިނަ ބަޔަކު ނާދެއެވެ. ވާނީވެސް އެހެނެވެ. މިހާރުއްސުރެ ވެސް ގިނަ ބަޔަކު ތިބޭނީ ވިލާ ކޮލެޖު މޮޅެވީކަމަށް ނިންމައިގެންނެވެ. ރިޒުވީނާއި އޭނާގެ ޓީމު، އެ ދުވަހުގެ މެޗަށް ނުކުތީ ބަޔަކު ސިއްސައިގެންދާވަރުގެ ނަތީޖާއެއް ނެރުމުގެ އުއްމީދުގައެވެ. އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު ރިޒުވީނަށް އޭނާގެ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑެވެ. ހިތްތިރިވުމުގެ ނަތީޖާ ފޮނިވާނެކަން ގައިމެވެ. ކޮންމެއަކަސް ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު ވިލާ ކޮލެޖު އޮތީ 08-30ގެ ބޮޑު ފަރަގަކުން ކުރީގައެވެ. ތިންވަނަ ކުއާޓަރުގައި ޖަލާލުއްދީން ކުޅުން ރަނގަޅުކުރި ނަމަވެސް ނަތީޖާ އަނބުރައެއް ނުލެވުނެވެ. ތިންވަނަ ކުއާޓަރު ނިންމާލިއިރު ސުކޯއަކީ 12-31 އެވެ. ހަތަރުވަނަ ކުއާޓާ ފަށާ ކުޅެމުންދަނިކޮށް ރިޒުވީންގެ އަތަށް ބޯޅައެށް ލިބުނެވެ. “އޭ މި ފަހަރު ބާސްކެޓަށް..” ވަރަށް މަޑުން މިހެން ބުނެފައި ރިޒުވީން، ބާސްކެޓް ދާގަނޑާ ދިމާއަށް ބޯޅަ އެއްލިއެވެ. ބޯޅަ ގޮސް ވެއްޓުނީ ހަމަ ދާގަނޑު ތެރެއިންނެވެ. އެހާ ދުރުން އަދި މި ފަހަރުގެ މުބާރާތުގައި ކުޅުންތެރިޔަކު ސުކޯއެއް ނުކުރެއެވެ. ބަލަން ތިބި އެންމެންހެން އަތްޖަހަން ފަށައިފިއެވެ. ރިޒުވީން ވެސް ހުރީ ހައިރާންވެފައެވެ. އެއީ އޭނާގެ ގަޑީގެ ޖާދުލެއްކަން ރިޒުވީން ޔަޤީންކުރިއެވެ. އެއީ އެހެންޏާ ވެސް ގަޑިން އެޅޭ އަލިގަނޑު ބޯޅަ ކައިރިން ރިޒުވީނަށް ފެނުމުންނެވެ. އެހެން މީހުންނަށް އެ ކަން ފާހަގަނުވީއެވެ. މި ގޮތަށް ދުރުން 10 ފަހަރު ބޯޅަ ދާގަނޑުގެ ތެރެޔަށްލާ ސުކޯ 32-31 އަކަށް ސުކޯ ޖަލާލުއްދީން ކޮޅަށް ރިޒުވީން އަނބުރާލިއެވެ. 11ވަނަ ފަހަރު ލިބުނު ބޯޅަ ދާގަނޑާ ހަމައަކަށް ނުފޯރިއެވެ. ނަސީބަކުން ރިޒުވީންމެންގެ ޓީމުގެ އަފްރާހު ބޯޅަ އަތުލައިފައި ކޮއްޓަމުން ގޮސް ސުކޯ ކުރިއެވެ. މެޗު ނިންމާލީ 33-31ގެ ސުކޯއަކުން ޖަލާލުއްދީން ކެމްޕަސް ޓީމް މޮޅުވެގެންނެވެ.

މުޅި ކޯޓުވަނީ ޖަލާލުއްދީން ސަޕޯޓަރުންގެ އަޑުން ގުގުމާލައިފައެވެ. އިވެމުންދިޔައީ “ރިޒުވީ.. ރިޒުވީ..” މި އަޑެވެ. ޝަޙާ ވެސް އުފަލުން ގޮސް ރިޒުވީންގެ ގައިގައި ބައްދާގަތެވެ. ޓީމު އެންމެންހެން ރިޒުވީނަށް ތަޢުރީފުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމުދޭން އެ މެޗުގެ ޝަރަފުވެރި މެހުމާން ސްޓޭޖަށް އެރިއެވެ. ޝަރަފުވެރި މެހުމާން ފެނުމުން ރިޒުވީނާއި ނަބީހު ހައިރާންވިއެވެ. ޝަރަފުވެރި މެހުމާނަކީ އިތުރު އެހެން މީހެއް ނޫނެވެ. އެއީ އެ ދެ ކުދިންނަށް ކިޔަވައިދިން ޢާދިލް ސަރއެވެ. ގޮނޑިއެއްގައި ބަނދެވިފައި ވަނިކޮށް ރޭގައި ވެސް ދުށް ޢާދިލް ސަރއެވެ. އެހާ އަވަހަށް އޭނާ ސަލާމަތްވެގެން އައީ ހެއްޔެވެ؟ ނުނީ ގަޑިން އެ ދެއްކީ ނުބައިކޮށް ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ބާރަ ވަނަބައި)

Next

ބީހުން….(8)

Next
August 6, 2017

ބީހުން….(8)

Previews
August 5, 2017

ހިތުގެ މިލްކުވެރިޔާ (ބާރަ ވަނަބައި)

4 Comments!

  1. Adha? says:
    August 6, 2017 at 2:16 pm

    Nice❤

    1. Ushe says:
      August 7, 2017 at 1:21 pm

      Thanks ?

  2. Abdulla says:
    August 6, 2017 at 5:00 pm

    V v reethi story eh..a

    1. Ushe says:
      August 7, 2017 at 1:22 pm

      Thanks ?

Comments are closed.

Next Episodeދިހައެއް ( ހަތްވަނަ ބައި )←


All Right Reserved!