ދިހައެއް ( ހަތްވަނަ ބައި )
“މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނަން އެންގުމަށް މި މެޗުގެ ޝަރަފުވެރި މެހުމާން ޢާދިލް އިބްރާހިމްގެ އަރިހުން އެދެން..” މުބާރާތުގެ މެޗުތައް ހުށައަޅައިދޭ ނައުހާ މިހެން އެންގުމާއެކު ޢާދިލް ސަރ މައިކު ނެގިއެވެ. “މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޖަލާލުއްދީން ކެމްޕަސް ޓީމްގެ ޖާރޒީ ނަމްބަރު 10، ރިޒުވީން އަޙުމަދު ޢުޝާމް..” ރިޒުވީންގެ ނަން ޢާދިލް ސަރ ބުނުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމު ބަލާ ރިޒުވީން ސްޓޭޖް މައްޗަށް އެރިއެވެ. އަދި ގޮސް އިނާމުގައި ހިފިއެވެ. ‘ފޮޓޯގުރާފަރ’، ފޮޓޯ ނަގާ ނިމެންދެން ޢާދިލް ސަރއާއެކު ރިޒުވީން ފޮޓޮއަށް ހުއްޓިލައިގެން ހުއްޓެވެ. ‘ފޮޓޯގުރާފަރ’ ފޮޓޯ ނަގާ ނިމުމުން ރިޒުވީން ސަލާމްކުރަން ޢާދިލް ސަރއަށް އަތް ދިއްކޮށްލިއެވެ. “ވެލް ޕުލެއިޑު ރިޒުވީން..” ޢާދިލް ސަރ ސަލާމްކުރަން ރިޒުވީންގެ އަތުގައި ހިފުމަށް ފަހު ބުންޏެވެ. “ޝުކުރިއްޔާ ސަރ..” އެއަށްފަހު އިނާމު ހިފައިގެން ސްޓޭޖް މަތިން ފައިބައި ޝަޙާއާއި ނަބީހުގެ ކައިރިއަށް ރިޒުވީން ދިޔައެވެ. “ނަބީ.. ހިނގާބަލަ އަވަހަށް ގެއަށް ދާން..” ނަބީހުގެ ކަންފަތް ކައިރީގައި ވަރަށް ސިއްރުން ރިޒުވީން ބުންޏެވެ.
“ޢާދިލް ސަރ ހުރި ތަނެއް އަހަރެންނަށް ދައްކާށޭ..” މިއީ ރިޒުވީން އެހެން ބުނި ބާރަވަނަ ފަހަރެވެ. ނަމަވެސް ގަޑި އަދިވެސް ރިޒުވީން އެދޭގޮތަށް މަސައްކަތެއް ނުކުރެއެވެ. ރިޒުވީން އަވަސްއަވަހަށް ދެ ފަރާތަށް ހިނގާލަހިނގާލަ ހުއްޓެވެ. ނަބީހު ސޯފާގައި އިށީނދެ އިނީއެވެ. “އަހަރެންނަށް ހީވަނީ ތި ގަޑި މަސައްކަތް ތި ކުރަނީ ރަނގަޅަކަށް ނޫންހެން.. ޢާދިލް ސަރ ހަމަ ސަލާމަތުން ހުރީހެން.. ކެމްޕަހުގެ ޓީޗަރުންނާއި ސުޓާފުންވެސް އޭނާ ބޭރުގައޭ ވީ ބުނީވެސް ވަރަށް ޔަގީންކަން އޮވެފަ ބުނާ ކަހަލަ ގޮތަކަށްނު.. އަޅެ ދޮގެއްތަ.؟” ނަބީހު ޤަބޫލުކުރީ އެ ގޮތަށެވެ. “ޢާދިލް ސަރ ފެނުނީމަ އަހަރެން ހިތަށް ވެސް ތިހެން އަރަން ފެށި.. މި ގަޑި އަދި މީ އެހާ މޮޅު ގަޑިއެއް ނޫނޭ.. ނުބައި ކޮށޭ އެ ދެއްކީ.. އަހަރެންގެ ކޮމާންޑުތަކަށް މަސައްކަތްކުރަނީ ވެސް ހިތަށްއެރިއްޔާ.. އެހެންވިޔަސް ވިސްނާބަލަ.. މި ގަޑިން ދައްކާފަ ހުރި ބައެއް ކަންކަން އެބަހުރި ދިމާވެފަ.. ޝަޙާ ރޭގަނޑު ގަޑީގަ ކިޔާ ލަވަތައް.. ޝަހާ ލަވަ ކިޔާ ހިތްވާކަން އެނގުނީ ގަޑީގެ ސަބަބުން.. ޝަޙާގެ ބެސްޓީއަކަށް އޭނާ ދެކެނީ އޭނަގެ ލަވަފޮތް.. މި ކަންކަން އެނގެނީ މި ގަޑި އަހަރެމެނަށް ދެއްކީމަ.. ޝަޙާގެ ކަންކަން އައީ ދިމާވަމުން.. ގަޑި ރަނގަޅަށް މަސައްކަތް ނުކުރާނަމަ އެހެންވެސް ވެގެންނުވާނެ..” ގަޑި ލިބުމަށް ފަހު ދިމާވި ބައެއް ކަންކަން ރިޒުވީން ފާހަގަކުރަން ފެށިއެވެ. ހިނދުކޮޅަކު ރިޒުވީނާއި ނަބީހު ހިމޭންކަމާއެކު ތިއްބެވެ. “ހެޔޮނުވާނެ ޢާދިލް ސަރ ހުރި ތަނެއް ދައްކަބަލަ..” މި ފަހަރު ރިޒުވީނަށް ބުނެވުނީ ވަރަށް ބާރަށެވެ. ރިޒުވީންގެ ރުޅި ގަދަވެއްޖެއެވެ. ގަޑިއަށް އިތުބާރުކުރަން ބޭނުންވިޔަސް އައިސްފައި ހުރި ރުޅީގެ ސަބަބުން ބޭއިޚުތިޔާރުގައި ރިޒުވީނަށް ގަޑި ނަގައި އެއްލައިލެވުނެވެ. ގަޑި ވެއްޓުމުގެ ކުރިން ނަބީހު ގަޑީގައި ހިފިއެވެ. ދެން ރިޒުވީނާއި ނަބީހަށް މީހަކު ރޯ އަޑު އިވެން ފެށިއެވެ. ދެ ކުދިން އެކިއެކި ފަރާތްފަރާތަށް ބެލިއިރު ވެސް މީހަކު ނުފެނެއެވެ. ރުއިމުގެ އަޑު ނުހުއްޓުނެވެ.
ރިޒުވީންގެ ހަނދާނަށް އައީ އޭނާގެ ކުޑައިރު އޭނާގެ ބައްޕައާއެކު މަޖާކުރަން ތިބި ވަގުތެއްގެ ހަނދާނެވެ. “ރިޒުވީގެ ކާރަކީ ބައްޕައޭ.. މާ ބާރަށް ދުވާނެ..” ރިޒުވީންގެ ބައްޕަ ޢުޝާމް އޭނާ ކޮނޑަށް އަރުވަމުން ބުންޏެވެ. ރިޒުވީން ކޮނޑަށް އަރުވާފައި ޢުޝާމްގެ އަނގައިން ބޫންބޫން ލައްވާލިއެވެ. އެއަށް ފަހު ވަށައިގެން ދުވަން ފެށިއެވެ. އެ ވަގުތު ރިޒުވީންގެ ކައިރިއަށް ހިނިއައެވެ. އިރުކޮޅަކުން ރިޒުވީނަށް މާ ބާރަށް ހެވެން ފެށުނެވެ. ރިޒުވީން އެ ތަނުގައި ހުރި ސޯފާއެއް މަތީ ބާންދަމުން ރިޒުވީންގެ ކޮލުގައި ޢުޝާމް ހިފާލިއެވެ. “ބައްޕާ.! ތަދުވެޔޭ ރިޒުވީއަށް..” ވަރަށް ތުއި ރާގަކަށް ރިޒުވީން ބުންޏެވެ. “އެ ބައްޕަ ލޯބިން ކޮށްލި ކަމެކޭ..” ރިޒުވީންގެ ކޮލަށް ދޮނެއް ދެމުން ޢުޝާމް ބުންޏެވެ. “ބައްޕާ.. މިއަދު ކުލާހުގަ މިސް ބުނި އެންމެން ވެސް މަރުވާނޭ.. އެއީ ތެދެއްތަ.؟” އެ މައުސޫމް ކުޑަކުޑަ ރިޒުވީން އޭނާގެ ބައްޕަގެ ގާތުގައި އަހާލިއެވެ. “އާނ ދަރިފުޅާ.. އެންމެން ވެސް މަރުވާނެ.. މި ދުނިޔޭގަ އެކަކުވެސް އަބަދަކު ނުތިބޭނެ..” ރިޒުވީނަށް ޢުޝާމް ވިސްނައިދިނެވެ. “ތި ބުނީ ބައްޕަ ވެސް މަރުވާނެޔޭތަ.؟” ރިޒުވީން މިހެން ބުނުމުން ޢުޝާމް އޭނާގެ ގައިގައި ބައްދާލިއެވެ. “ލައްބަ.. ބައްޕަ ވެސް މަރުވާނެ.. ދަރިފުޅު ވެސް ވާނެ..” ޢުޝާމް ބުންޏެވެ. “ބައްޕަ މަރުވީމަ ރިޒުވީ ހާދަ އެކަނިވާނޭ..” ރިޒުވީން ފެށީ ރޯށެވެ. “ދަރިފުޅު ނުވާނެ އެކަންޏެއް.. ބައްޕަ މަރުވެގެން ދަމުން ދާނީ ދަރިފުޅަށް ބެސްޓް ބަޑީއެއް ހޯދާ ދީފަޔޭ.. ބައްޕަ ދަރިފުޅަށް އެހީވާހެން އޭނަ ދަރިފުޅަށް އެހީވާނެ.. ދަރިފުޅާއެކު އަބަދު ހުންނާނެ..” ރިޒުވީންގެ ލޮލުން ކަރުނަތައް ފުހެމުން ޢުޝާމް ބުންޏެވެ.
“ރިޒުވީ ކޮން ޚިޔާލެއްގަ..؟” ރިޒުވީންގެ އަތުގައި ނަބީހު ވިކާލިއެވެ. “އައްދިއްޔޯ.. ހަމަ ކަމެއް ހަނދާންވީ..” ނަބީހު ސްމާޓް ގަޑި ރިޒުވީނަށް ދިނުމުން އޭނާގެ އަތުގައި އެޅިއެވެ. އެއިރު ވެސް މީހަކު ރޯ އަޑު ގޭ ތެރެއިން އިވެމުން ދިޔައެވެ. “އެ ކާކުގެ ރޯ އަޑެއް އެ އިވެނީ..؟” ނަބީހުގެ ކަންފަތަށް އުނދަގޫވާން ފެށުމުން ބުންޏެވެ. “ސޮރީ..” ރިޒުވީން މިހެން ބުނުމާއެކު ރުއިމުގެ އަޑު ހުއްޓުނެވެ. “އޭ.. ރިޒުވީއަށް އަނެއްކާ ގަޑިއާ ބެހޭ ކަމެއްތަ ހަނދާންވީ.؟” ހައިރާންވެފައި ހުރެ ނަބީހު އަހާލިއެވެ. “ނޫން.. އަހަރެން ސޮރީ ބުނީ ރުޅި އައިސްފަ ގަޑި އެއްލައިލެވުނީމަ.. މި ގަޑިއަށް އިތުބާރު ނުކުރެވުނީމަ.. ބައްޕަ ކުރި މަސައްކަތަށް ޝައްކުކުރެވުނީމަ.. މި ގަޑިއަކީ އަހަރެންގެ ބައްޕަ އަހަރެންނަށްޓަކައި އަހަރެންނަށް އެހީވުމަށްޓަކައި ހެދި ގަޑިއެއްކަމަށް އަހަރެން ޤަބޫލުކުރަނީ..” ރިޒުވީން ނިންމީ ގަޑި ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ. “އަދި އެހެން ކަމެއް ވެސް ވިސްނިއްޖެ.. އެއީ ދިހައެއް..” ރިޒުވީނަށް ކުއްލިއަކަށް އިތުރު ކަމެއް ހަނދާންވެގެން ބުންޏެވެ. “ދިހައެކޭ.؟” ރިޒުވީން ބުނި އެއްޗެއް ނަބީހަށް ދޭހައެއް ނުވިއެވެ. “އާނ.. ދިހައެއް.. މި ގަޑި ކޮމާންޑުތަކަށް މަސައްކަތްކުރަނީ ދުވާލަކު ދިހަ ފަހަރު.. ހަނދާންވޭތަ ޝަޙާއާ ބެހޭގޮތުން ކަންކަން ހޯދުމަށް އަހަރެމެން ގަޑިއަށް ކޮމާންޑުތައް ކުރަން ތިބި ރޭ.. އެގާރަވަނަ ފަހަރު އަހަރެންގެ ކޮމާންޑަކަށް ގަޑި މަސައްކަތެއް ނުކުރޭ.. އަދި މިއަދު މެޗުގަ އަހަރެންނަށް ސުކޯ ކުރެވުނީ ގަޑީގެ ސަބަބުން.. އަހަރެންނަށް ފެނުން ބޯޅަ ކައިރިން ގަޑިން ދިއްލޭ އަލިގަނޑު.. އަހަރެން މަޑުމަޑުން ދާގަނޑަށް ވެއްޓޭށޭ ބުނެފަ އެއްލީވެސް.. ދިހަ ފަހަރު ދާގަނޑުގެ ތެރެއަށް ބޯޅަ ވެއްޓުނު.. އެގާރަވަނަ ފަހަރު ނުވި..” ރިޒުވީންގެ ވާހަކަތައް އަޑުއަހަން ނަބީހު އިނެވެ. އެއަށް ފަހު ގަޑިއާ ދިމާލަށް ނަބީހު ބަލައިލިއެވެ. “އާނ.. ރިޒުވީން ބަލާބަލަ.. ގަޑީގަ ކުރާހަފަ އިނީވެސް ވަށް ބޮޅެއް ތެރޭގައި ދިހައެއް..”
ރިޒުވީނާއި ނަބީހު ތިބީ ރިޒުވީންގެ ކޮޓަރީގެ އެނދުގައި އިށީނދެލައިގެންނެވެ. ގަޑިން ބާރަ ޖަހަންދެން އިންތިޒާރުގައެވެ. ދެ ކުދިން ހީކުރި ގޮތަށް ވާނެކަމުގެ އުއްމީދުގައެވެ. ގަޑިން ބާރަ ޖެހުމާއެކު ރިޒުވީން ކޮޅަށް ތެދުވިއެވެ. ދެ ލޯ މަރާލުމަށް ފަހު ބިސްމި ކިޔާލިއެވެ. ދެން ދެ ލޯ ހުޅުވައިލިއެވެ. “އަހަރެންނަށް ޢާދިލް ސަރ ހުރި ތަނެއް ދައްކާބަލަ..” ރިޒުވީން މިހެން ބުނުމާއެކު ގަޑި ‘ވައިބްރޭޓް’ވެފައި އައްޔެއް އެޅިގެން ދިޔައެވެ. ދެން އެއްކަލަ ބޮޑު ސުކްރީން ހުޅުވުނެވެ. ޢާދިލް ސަރ އިނީ ހަމަ އެ ގޮޑީގައި ބަނދެވިފައެވެ. “ދެން މިއަދު އަހަރެންނާ ސަލާން ކުރީ ކާކު.؟” މި ވާގޮތެއް ސާފުކުރަން ރިޒުވީނާއި ނަބީހު ކޮންމެހެން ވެސް ބޭނުންވެއެވެ. ގަޑިން މީހެއްގެ ފޮޓޮއެއް ދައްކާލިއެވެ. ފޮޓޯގެ ތިރީގައި މައުލޫމާތެއް ލިޔެފައި ހުއްޓެވެ. “ނަން.. ޑޮކްޓަރު ހެންރީ މޯރގަން.. ޤައުމު.. ޔުނައިޓެޑް ސުޓޭޓަސް އޮފް އެމެރިކާ.. އުމުރު.. ސާޅީސްތިނެއް.. އުފަންވީ 14 އޮކުޓޯބަރުގަ..” ރިޒުވީން އެ މަޢުލޫމާތުކޮޅު ކިޔާލިއެވެ. “އެ ކިހިނެއް ވާކަމެއް..؟” ރިޒުވީނާއި ނަބީހު އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. ދެން ސްރީނުން ވީޑިއޯއެއް ހުޅުވިގެން ދިޔައެވެ. ވީޑިއޯއިން ފެންނަމުން ދިޔައީ ކުރިން ފޮޓޯއިން ފެނުނު މީހާއެވެ #. ޑރ.ހެންރީއެވެ. އޭނާ ގޮސް މޭޒުމަތީގައި އޮތް މާސްކެއް ނެގިއެވެ. ދެން އޭނާގެ މޫނުމަތީގައި އެ މާސްކް އެޅިއެވެ. އެ މާސްކު އެޅުމުން އޭނާ ފެނުނީ ޢާދިލް ސަރގެ ސިފައިގައެވެ.
(ނުނިމޭ)
10 Comments
Comments are closed.
Vvv salhi❤❤❤
Thanks ?
Hmm vvvvvvvv salhi..
Thanks ?
Vvvvvvv rythi… Thafaathu????
Yeah. Thanks ?
Vvv molhu saabas
Eheh. Thank you ??
Unique kohlachey ehen strys aa…varah reethi mi part ves??
Nice❤