ދިހައެއް ( ފަސްވަނަ ބައި )
ރިޒުވީނާއި އެ ޒުވާން އަންހެން ކުއްޖާ، އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބެވެ. އެކަކުގެ ކަޅިން ފެންނަނީ އަނެކާގެ މޫނެވެ. ދެ ކުދިންނަށް ވެސް ތިބެވުނީ، އެކަކު އަނެކާގެ އަތުގައި ހިފަހައްޓައިގެންނެވެ. “ބޭސް އަޅާ ނިމިއްޖެތަ..؟” ހަސްފަތާލުގައި އުޅޭ މަސައްކަތު މީހަކު، ބޭސް އަޅައިދޭ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށް ފަހު ބޯ ދިއްކޮށްލަމުން ބުންޏެވެ. ސިއްސައިގެން ގޮސްފައި، އެ ކުއްޖާ އަނެއް ފަރާތަށް އެނބުރުނެވެ. “ލައްބަ..” އެ ކުއްޖާ އެހެން ބުނީ މަޑުމަޑު އަޑަކުންނެވެ. އެ ކުއްޖާގެ އަޑު ވެސް ވަރަށް ރީތިކަން ރިޒުވީނަށް ފާހަގަކޮށްލެވުނެވެ. ދެން އެ ކުއްޖާ ހިނގާފައި ގޮސް އެ ކޮޓަރިން ބޭރަށް ނުކުތުމުން، ރިޒުވީން ވެސް އެ ކޮޓަރިން ބޭރަށް ނުކުތެވެ. އެއަށް ފަހު، އެ އަންހެން ކުއްޖާ ހިނގާފައި ދާ ތަން ބަލަން ރިޒުވީން އެތާ ކޮޅަށް ހުއްޓެވެ. ކުއްލިއަކަށް އެ ކުއްޖާގެ ކުރިމައްޗަށް މީހަކު އެރުމުން، އެ ކުއްޖާ ހުއްޓުނެވެ. “ޝަޙާ.. މި ތަނުގައި ކޮން ކަމެއް..؟” އެ ކުއްޖާގެ ކުރިމައްޗަށް އެރީ ނަބީހެވެ. ދުރުގައި ހުރި ރިޒުވީން ވެސް، އެ ދެ ކުދިން ކައިރިއަށް އައިސްފިއެވެ. “އަހަރެން އައިސް މި އުޅެނީ ޓްރެއިންގ ކުލާސްތަކަށް.. ނަބީހު ކީއްކުރަނީތަ..؟” ޝަޙާ ނަބީހާ ވާހަކަދައްކަން ފެށިއެވެ. “އަހަރެން މި އައީ ރިޒުވީންގެ އަތަށް ގޮތެއްވީކަން އެނގުމުން..” ނަބީހު ބުންޏެވެ. “ރިޒުވީން.. ހައި..!” ރިޒުވީނާ ދިމާއަށް ބަލައިލާފައި، ޝަޙާ އަތް ހޫރުވާލިއެވެ. “ހައި..!” ރިޒުވީން ވެސް އަތް ހޫރުވާލަމުން ބުންޏެވެ. “ނަބީހު، އަހަރެން ދެން ދިޔައީ އޭ.. ރިޒުވީން.. ނައިސް ޓު މީޓް ޔޫ.. ބާއީ..” މިހެން ބުނުމަށް ފަހު، ލަދުރަކި ގޮތަކަށް ރިޒުވީނާ ދިމާއަށް ޝަޙާ ބަލައިލިއެވެ. އެއަށް ފަހު ފަރި ހިނގުމެއްގައި، ޝަޙާ އެތަނުން ގޮސްފިއެވެ. “އެއީ ކޮން ކުއްޖެއް..؟” ރިޒުވީން އަހާލިއެވެ. “އެއީ ޝަޙާއެއްނު.. ރިޒުވީއަކަށް ނޭނގޭތަ..؟” ނަބީހު ހިނގައިގަތެވެ. “އާނ.. އަދި އަހަރެންނަށް ތި ކުއްޖަކު މި ފެނުނީ ވެސް..” ރިޒުވީން ވެސް ނަބީހާއެކު ހިނގައިގަތެވެ. “ސާބަސް.. ތިން އަހަރުވީއިރު ވެސް އަދިވެސް ގިނަ މީހުން ނޭނގޭ ދޯ..” ނަބީހު ބުންޏެވެ. “އެޔެއް ނޫނޭ.. އެ ކޮންތާކު އުޅޭ ކުއްޖެއް.. އެހެންޏާ ހޮސްޕިޓަލަކުން ވެސް ނުފެނޭ ވިއްޔާ.. އެއީ ކޮން ކުއްޖެއްކަން ބުނެބަލަ..” ޝަޙާއާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވާލަން ރިޒުވީން ބޭނުންވިއެވެ. “މިއަދު އޭނަ ޓްރެއިނިންގ ކުލާހަކަށް އެއައީ.. އޭނާ ވެސް ކިޔަވަނީ އަހަރެމެން ކެމްޕަހުގަ.. އެއީ ނަރސިން ޑިޕްލޮމާ ކުލާހުގެ ކުއްޖެއް.. އަހަރެމެންގެ ރޯ ހައުސް ކައިރީ ހުންނަ ރޯ ހައުސެއްގަ އުޅޭނީ.. ރިޒުވީން ކީއްކުރަން އެހާ ވަރަކުން އެ ކާކުތޯ ތި ބަލަނީ.. އަނެއްކާ އެ ކުއްޖާ ކަމުދިއައީތަ..؟” ނަބީހު ރިޒުވީނާ ދިމާކޮށްލިއެވެ. “ނޯ.. ޝީ އިސް ނޮޓް މައި ޓައިޕް.. އަހަރެންނަކާ ނުގުޅޭ.. ބުރުގާ ވެސް ނާޅާ.. ވަރަށް ފޮނި ތުއި ގޮތެއް ހުންނަނީ ވެސް.. އަދި ލައިގެން ހުރި ޔުނީފޯމް ވެސް ހުރީ އެހާ ބާރުކޮށް..” ރިޒުވީނަށް ޝަޙާ ކަމުނުދާކަމަށް ހެދެންވެގެން ބުންޏެވެ. “ހޫނ.. އަހަރެން ވެސް ދަރިން ހޯދީއޭ މީ.. ހެހެހެ.. މި ބުނީ އައި އޭމް ކިޑިން އޭ..” ނަބީހު އިތުރަށް މަޖާވިއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން، ފަތިސްނަމާދުގެ ބަންގިއަށް ރީޒުވީނާއި ނަބީހު ހޭލުމަށް ފަހު ފެންވަރާ ރީތިވިއެވެ. އަދި ފަތިސްނަމާދުކޮށް، ﷲ ތަޢާލާގެ ޙަޟުރަތަށް ދުޢާކޮށް ޒިކުރުކުރިއެވެ. އެއަށް ފަހު ކެމްޕަހަށް ދާން އެ ކުއްޖަކު، އެ ކުއްޖެއްގެ ދަބަސް އަޅުވައިގެން ދެ ކުދިން ވެސް ގެއިން ބޭރަށް ނުކުތެވެ. ދެން ހިނގާފައި ގޮސް ކެމްޕަހަށް އައިސް އެ ކުދިންގެ ކިލާހަށް ވަނީއެވެ. މަރިޔަމް މިސް އައިސް ކިލާހަށް ވަނުމުން، ހުރިހާ ކުދިން ކޮޅަށް ތެދުވިއެވެ. މަރިޔަމް މިސް، ސަލާންގޮވުމަށް ފަހު އިށީނުމުގެ ހުއްދަ ދިނުމުން ހުރިހާ ކުދިން އިށީނެވެ. މަރިޔަމް މިސް، ކޮންމެ ކުއްޖެއްގެ ކައިރިއަށް ވަކިވަކިން ގޮސް އެ ކުދިން ކުރި މަސައްކަތްތައް ބެލިއެވެ. ” ހުރިހާ ކުދިން މަސައްކަތް ނިންމައިގެން އައިމަ، ވަރަށް ރަނގަޅު.. އެކަމަކު އަދިވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންތައްތައް އެބަ ހުރި.. ކޮންމެ ކުއްޖަކު ވެސް، އެ ކުއްޖަކު ރަނގަޅު ކުރަންވީ ކަންތައްތައް މިސްް ދެންމެ އެ ކުއްޖެއްގެ ގާތުގައި ބުނެދިނިން.. އެހެންވީމާ މާދަމާ އެ ކަންކަން ރަނގަޅުކޮށްގެން އެ ކުއްޖެއްގެ ޓެބް ގެންނަންވީ..” މަރިޔަމް މިސް މިހެން ބުނުމާއެކު، ކިލާސް ނިމޭ ރަނގަބީލު ޖެހުނެވެ. ކެމްޕަހުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ކެމްޕަހުގެ ފަރާތުން ‘ޓެބްލެޓް’ އެއް ދެއެވެ.
ކިލާހަށް ފަހު ރިޒުވީނާއި ނަބީހު ދިޔައީ ކެމްޕަހުގެ ކެންޓީނަށެވެ. ދެ ކުދިންކުރެ ކޮންމެ ކުއްޖަކު ވެސް ބަތްކާތަށްޓެއް ނެގުމަށް ފަހު، އެ ތަށްޓަށް ‘ބާރގަރ’އެއް ލިއެވެ. ދެން ފެންބޯތަށްޓެއް ނަގާ، އެ ތަނުގައި ހުރި މެޝިނަކުން ‘އައިސް ކޮފީ’ އެޅިއެވެ. އެއަށް ފަހު ދެ ކުދިން ކައުންޓަރަށް ގޮސް، އެ ތަކެތީގެ އަގު ދެއްކިއެވެ. “ވަރަށް ބަނޑުހައި..” ކާން އިށީނދެފައި ނަބީހު ބުންޏެވެ. ދެން ނަބީހު، އޭނާގެ ތަށީގައި އޮތް ‘ބާރގަރ’ ނެގުމަށް ފަހު ކާން ފެށިއެވެ. “ނަބީހު.. ރިޒުވީން.. ހައި..” އެ ވަގުތު ޝަޙާ އެ ތަނަށް އައިސް، ރިޒުވީނާއި ނަބީހުގެ ކައިރީ މަޑުކޮށްލިއެވެ. “ޔެސް..” ވާހަކަދެއްކީ ރިޒުވީނެވެ. ނަބީހު އިނީ ‘ބާރގަރ’ ކެވޭތޯއެވެ. “އޯ.. ބާރގަރ.. މައި ފޭވަރިޓް..” ‘ބާރގަރ’ ތަށި ފެނިފައި ޝަޙާ ބުންޏެވެ. “ދެން ޖޮއިން އަސް.. ބާރގަރ ކާން..” ރިޒުވީން އެދުނެވެ. ” ނޯ، ތެންކްސް.. އަސްލު މި އައީ ޝާއިން ދޮންބެ ބުނެގެން، ނަބީހަށް ދަޢުވަތު ދޭން.. ދޮންބެއާއި އަޒޫގެ ކައިވެނި ޕާޓީއަށް.. މިރޭ ފުޓުބޯޅަ ސްޓޭޑިއަމްގައި.. ރިޒުވީން ވެސް އަންނަންވާނެ..” ނަބީހުގެ އަތަށް ދަޢުވަތުކާޑެއް ދީފައި ޝަޙާ ގޮސްފިއެވެ.
ރޭގަނޑުވުމުން ޕާޓީއަށް ދާން ރިޒުވީނާއި ނަބީހު ތައްޔާރުވިއެވެ. ދެ ކުދިން ވެސް މަތިން ލީ ހުދު ކުލައިގެ އަތް ދިގު ގަމީހެކެވެ. ދެ ކުދިން ވެސް ހުރީ ގަމީހުގެ އަތްކުރި، އެ ކުދިންގެ އަތުގެ އުޅަބޮށްޓާއި ހަމައަށް އޮޅާފައެވެ. އަދި ރަތް ކުލައިގެ ޓައީއެއް އަޅައިގެންނެވެ. ތިރިން ލީ ރަތް ކުލައިގެ ‘ސްކިނީ’އެކެވެ. އެއީ ޕާޓީގެ ‘ޑްރެސިންގް ކޯޑް’އަކަށް އެދިފައިވާ ކުލަތަކެވެ. ރީތިވެލައިގެން ދެ ކުދިން ދިޔައީ ޖަލާލުއްދީން ކެމްޕަހުގެ ކުރިމައްޗަށް ހުރި ‘ބަސް ސްޓޮޕް’ ކައިރިއަށެވެ. ބަސް އައިސް އެ ތަނަށް ހުއްޓުމުން، ދެ ކުދިން ބަހަށް އެރިއެވެ. ދަތުރުކޮށްފައި އައިސް ބަސް މަޑުކުރީ ‘މޯލްޑިވްސް ނޯތް ޒޯން ފުޓްބޯލް ސްޓޭޑިއަމް’ ކައިރިއަށެވެ.
އަޒޫއާއި ޝަޙާގެ ދޮންބެ، ޝާއިންގެ ކައިވެނި ޕާޓީއަށް ރަށުގެ އެންމެންހެން ގޮސް ތިއްބެވެ. މުޅި ތަން ވަނީ ރަތާއި ހުދު ކުލައިން ޒީނަތްތެރިކޮށްފައެވެ. ދިއްލާފައިވާ އެކިއެކި ކުލަކުލައިގެ ބޮކިތަކުގެ ފަނޑު އަލިން ޕާޓީގެ ރީތިކަން އިތުރަށް ފުރިހަމަވެއެވެ. އެކި ޒާތްޒާތުގެ ކެއުމާއި ބުއިން، އެތާގައި ހުރި މޭޒުތަކުގެ މަތީގައި އަތުރާލާފައި ހުއްޓެވެ. ސްޕެގެޓީއާއި ނޫޑުލީހާއި ޕާސްތާއާއި ބިރިޔާނީއާއި މަސްބަތެވެ. އަދި ޕިރިނިއާއި ޗޮކޮލެޓް ޕަފާއި ކުޅުދުއްފުށީ ހާލުފޮޅިއެވެ. އާފަލާއި މޭބިސްކަދުރާއި ދޮންކޭލެވެ. ފެންޓާއާއި ކޯކާއި އެނާރޖީ ޑްރިންކެވެ. މިހެން ގޮސް އެތައްއެތައް ވައްތަރެކެވެ. ރިޒުވީނާއި ނަބީހު އެ ކުދިންގެ ތަށްޓަށް ބިރިޔާނި އަޅާ، އެ ތަނުގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި ދެ ކުދިން ވެސް އިށީނެވެ. ޝަޙާއަށް ރިޒުވީނާއި ނަބީހު ފެނިގެން، އެ ދެ ކުދިންގެ ކައިރިއަށް ގޮސް އޭނާ ވެސް ގޮނޑިއެއްގައި އިށީނެވެ. “އޭ.. ހަނާ ބުނީ ނަބީހު މި ގަޑީގަ އައިސްބަލާށޭ..” ޝަޙާ ބުންޏެވެ. “ބޮޑު ކަމެއް.. އެ ކީއްކުރާށޯ..؟” ފޫހިކަމާއެކު ނަބީހު އަހާލިއެވެ. “ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަ އޮތިއްޔޯ..” ޝަޙާ ޖަވާބު ދިނެވެ. “ބުނޭ.. ކާލައިގެން އެބަ ދަމޭ..” ނަބީހު ބުންޏެވެ. “މިހާރު ވެސް އޭނާ އެ އިނީ ލަސްވެފައޭ..” ޝަޙާ މިހެން ބުނުމާއެކު ޝާޙާގެ އަތަށް ބިރިޔާނި ތަށި ދީފައި ނަބީހު ގޮސްފިއެވެ. އެއަށް ފަހު، ރިޒުވީނާއި ޝަޙާ އެކަކު އަނެކަކަށް ބަލަމުން ހޭން ފެށިއެވެ. ހަނާއަކީ ނަބީހު ރީތިވެގެން އޭނާއާ ރައްޓެހިވާ ހިތުން މޮޔަވެފައި ހުންނަ ކުއްޖެކެވެ. ކިޔަވަނީ ހަމަ ޖަލާލުއްދީން ކެމްޕަހުގައެވެ. ހަނާއާ ގުޅޭކަށް ނަބީހު ބޭނުމެއް ނުވެއެވެ. “ހަނާ ހުންނަނީ ނަބީއާ ހުރެ ހާދަ ވަރެއް ވެފަޔޭ.” ރިޒުވީން ހެމުން ބުންޏެވެ. “އާއެކޭ.. ނަބީހު ވެސް އުޅޭހެން ހީވޭ..” ޝަޙާ ވެސް ބުނީ ހެމުންނެވެ. “އާނ… ހަނާ ހަމަ ބުނާއިރަށް ދޭ ވިއްޔާ.. އެކަމަކު އޭނާ ނޫޅޭ ރައްޓެހިވާކަށް…” ރިޒުވީން ހުނުން ހުއްޓާލާފައި ބުންޏެވެ. “ހޫނ.. ބިރިޔާނީ ވަރަށް މީރު..” ޝަޙާ ބިރިޔާނީ ކޮޅެއް ކާލިއެވެ. އެއަށް ފަހު ވަރަށް އަސަރުގަދަ ގޮތަކަށް، ރިޒުވީނާ ދިމާއަށް ބަލާލިއެވެ. ރިޒުވީނަށް ވެސް ޝަޙާއަށް ނުބަލާ ނުހުރެވެއެވެ. “ރިޒުވީން.. އައިނު ނާޅާ ހުންނަ އިރު އަދި މާ ހޭންޑްސަމް..” ޝަޙާއަށް ރިޒުވީން ކަމުދާކަން ކޮންމެވެސް ގޮތަކަށް އަންގަން ބޭނުންވިއެވެ. “އެކަމަކު މިރޭ ޝަޙާ ހީވަނީ ފުށްގަހު ގުރައެއްހެން..” ރިޒުވީން ޝަޙާއާ ދިމާކުރަން ފެށީއެވެ. “އާނ… އަހަރެން ދެން މިއީ ވަރަށް ހުތުރު މީހެއްނު.. ރިޒުވީންމެންހާ ރީއްޗެއް ނޫން ވިއްޔާ..” ޝަޙާ ދެރަވާކަމަށް ހެދިފައި ބުންޏެވެ. “އެ މަޖަލަކަށް ބުނި އެއްޗެއް.. ރަތް ކުލަ ޝަޙާއާ ވަރަށް ގުޅޭ.. ވަރަށް ރީތި ތި ހެދުމުގަ..” ޙަޤީޤަތުގައި ވެސް މިރޭ ރިޒުވީނަށް ޝަޙާ ފެންނަނީ ޕަރީއެއްގެ ގޮތުގައެވެ. އެހައި ވެސް ރީއްޗެވެ. ނަބީހަށް އާދެވުނު އިރު ރިޒުވީނާއި ޝަޙާ އިނީ ބިރިޔާނީ ތަށި ހުސްކޮށްލައިގެން އެކިއެކި މަޖާ ވާހަކަތައްދައްކާށެވެ. ދެން ޝަޙާއާ ސަލާންރުމަށް ފަހު ރިޒުވީނާއި ނަބީހު އެ ތަނުން ނުކުތެވެ.
ގެއަށް އާދެވުމާއެކު ނަބީހު ސޮފާ މަތީގައި އޮށޯތެވެ. އޮށޯވެ މާ ގިނަ އިރުތަކެއް ނުވަނީސް ނަބީހަށް ނިދިއްޖެއެވެ. ރިޒުވީން އޭނާގެ ފޯނުން، ބައްޕައާއެކުގައި ނަގާފައި ހުރި ފޮޓޯތައް ބަލަން ސޮފާއެއްގައި އިށީނދެ އިނެވެ. “ބައްޕައާއެކު ހޭދަކޮށްލެވުނު ވަގުތުތައް ލޯ މަތިން އަދި އެއް ފަހަރު ވިޔަސް ފެންނާނެނަމަ..”ހަމައެކަނި އޭނާގެ ނަފުސަށް އިވޭހާ މަޑުން ރިޒުވީން ބުންޏެވެ. އިރުކޮޅަކުން ރިޒުވީންގެ އަތުގައި އޮތް ގަޑި، ވައިބްރޭޓްވެފައި އެއްކަލަ ލޭޒަރ ސްކްރީން ހުޅުވުނެވެ. ސްކްރީނުން ފެންނަމުންދިޔައީ ރިޒުވީން ވަރަށް ކުޑައިރު، އޭނާއާއެކު އޭނާގެ ބައްޕަ ކުޅެމުންދާ މަންޒަރެވެ. އެހެން ނަމަވެސް، ގަޑީގެ ސްޓޯރޭޖްގައި ނެތް އެއްޗެއް ހުޅުވުނު ގޮތެއް ރިޒުވީނަށް ވިސްނަން ދަތިވިއެވެ. ރިޒުވީން ކުޑައިރު، މިފަދަ ވީޑިއޯއެއް ރެކޯޑްކޮށްފައި ނެތްކަމަށް އޭނާގެ ބައްޕަ ބުނި ހަނދާން ވެސް ވެއެވެ. އެހެންކަމުން އެ ގަޑި އިތުރަށް ދެނެގަންނަން ރިޒުވީން ބޭނުންވިއެވެ. “އަހަރެން ބޭނުން މި ވަގުތު ޝަޙާ ކުރާ ކަމެއް ބަލާލަން..” ރިޒުވީން ކުޑަކޮށް ވިސްނާލުމަށް ފަހު ބުންޏެވެ. އޭނާ މިހެން ބުނުމާއެކު ލޭޒަރ ސްކްރީނުން ޝަޙާ ކުރާ ކަންތައް ދައްކަން ފެށިއެވެ. ސްކްރީންގެ އެއް ކަނަކުން، ޝަޙާ މި ވަގުތު ހުރި ‘ލޮކޭޝަން’ ދައްކައެވެ. ޝަޙާ ފެނުމުން ރިޒުވީންގެ މޫނު، ފޮޅިފައި ހިނިތުންވެވުނެވެ. ހަމައެކަނި އެހެން ވެގެނެއް ނޫނެވެ. މިހާ މޮޅު ގަޑިއެއް ހެދީތީވެ، އޭނާގެ ބައްޕައާ މެދު ފަޚުރުވެރި ވެސް ވަމުންނެވެ. ޢާދިލް ސަރގެ ހާލު ކިހިނެއްތޯއާއި އޭނާގެ މަންމަގެ ހާލު ބަލާލަން ވެސް ރިޒުވީން ބޭނުންވިއެވެ. ޢާދިލް ސަރ ހުރި ތަނެއް ދައްކާލަން ރިޒުވީން އެދުމުން ސްކްރީނުން ޢާދިލް ސަރ ދައްކާލިއެވެ. ރިޒުވީނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ސްކްރީނުން ދައްކާގޮތުން ޢާދިލް ސަރ ހުރީ ރާއްޖޭން ބޭރަކު ނޫނެވެ. އޭނާ ހުރީ ރާއްޖޭގައެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް ‘ކ.މާލެ’ގައެވެ. ރިޒުވީން ނަބީހަށް ގޮވާ އެ މަންޒަރު އޭނާއަށް ދެއްކިއެވެ. ޢާދިލް ސަރ އިނީ ގޮނޑިއެއްގައި ބަނދެފައެވެ.
8 Comments
Comments are closed.
Wow??…. Alhugandu gavaidhun mi story kiyan.. Mi part kiyaafa comment nukoh keiy nukurevigen mi kohlii???… Varah varah rythi mi part vess… Waiting for next part
Thanks ?
Kiyuntherin, story adhi nunimey. Ha vana bai maadhamaa.. Insha Allah ?
woh.. so interesting.. i think aadhil ah gadyge knmes hageegatheh igeyne.. anyways keep it up
Kuriah huri baithah kiyaalumun engigendhaane hama aadhil sir ge role es. Thanks ?
Salhi ey slhi ey
Ahah. Thanks ?
mi vaahaka liyefa mi ee kithah aharuge kuhjjehttha ?