އުމުރަށްވެސް އެކީގައި ވާނަމޭ…..9
ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ފަރީނާ ވަނީ ގެއަށްށެވެ. މޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ކޮނޑުގައި އަޅުވާފައި ހުރި ކުޑަ ހޭންޑް ބޭގް ސޯފާ މައްޗަށް ހޫރާލަމުން ޒާހިދާއަށް ވަރަށް ބާރަށް ގޮވިއެވެ. ޒާހިދާ ކޮޓަރިން ދުވެފައި ކަހަލަ ގޮތަކަށް އައެވެ. ” ކިހިނެއްވީ ތިހާ ބާރަށް ތިހަޅޭއްލަވަނީ…” ޒާހިދާގެ ދެލޯ އިނީ ނިތްކުރީގައެވެ. “ޒާހިދައްތާ….ލުފްޝާން…..އަހަރެންގެ ލޯކުރިމަތިން މިއަދު ދިޔައީ އެހެން އަންހެން ކުއްޖެއް ގޮވައިގެން….” ޒާހިދާ ފަރީނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ. ފަރީނާގެ ދެކޮނޑުގައި ހިފާލަމުން ބުންޏެވެ. ” ތިއީ ދެން އެހާ ވަރުގެ ކަމެއްތަ… އެކުއްޖާ ދުރަށް ލެވިދާނެ…އެހަށް ތިރުޅިގަނޑު މައިތިރި ކޮށްފައި މިތާ އިށީންދެބަލަ…..” ފަރީނާގެ ރުޅިގަނޑު ދިޔައީ އިހުނަށްވުރެ ގަދަވަމުންނެވެ. “ނޫޅެން އިންނާކަށް….” ފަރީނާ ޒާހިދާގެ އަތް ފޮޅުވާލަމުން ބުންޏެވެ. “އެނގޭތަ ލުފްޝާން އަތުގައި ހިފައިގެން ހުރީ ކާކުކަން….އަހަރެން ގާތަށް ހާދަ ރުޅިއައޭ… އަހަރެން ހިއެއް ނުކުރަން ދުވަހަކުވެސް އަހަރެންގެ އެކުވެރިންގެ ކުރިމަތީގަ މިގޮތަށް ބޭޒާރު ވެދާނެ ކަމަކަށް…” ފަރީނާ ގޭތެރޭގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ. ހަދާނެ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. “އޭނާ ކައިރީގައި ކާކު ހުރެގެންތަ ތިހާ ރުޅިގަދަ ވެގެން ތިއުޅެނީ…” ޒާހިދާ އެއީ ކާކުކަން އެނގެން ބޭނުންވިއެވެ. ” ޒާހިދައްތަގެ ދޮންދަރި…ނުހާ…” ފަރީނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެތައް ދުވަހެއް ފަހުން ޒާހިދާއަށް އެނަން އަޑު އިވުމުން ލޭކެކިގެން ދިޔައެވެ. މުޅި މީހާގެ ގައިގައި އަލިފާން ޖެހިހެން ހީވިއެވެ. މޫނުމަތީގެ ކުލަވަރު ފަރީނާ އެކޭ އެއްފަދައިން ރުޅިވެރިކަމަށް ބަދަލު ވެގެން ދިޔައެވެ. “ކީކޭ…އޭނާ ދުނިޔޭގައި އެބަހުރިތަ؟…” ވަގުތުން މޭޒުމަތީގައި އޮތް ފޯން ނަގާ ފަރިތަ ކަމާއިއެކު ނަމްބަރެއް ޖަހާފައި ގުޅާލިއެވެ. ފޯނުގައި ވާފިރު ޖަހާފައި ސޭވް ކޮށްފައި އިނެވެ. ވާފިރު ހަމަ ފޯން ނެގުމާއި އެކުހެން ޒާހިދާ ވާހަކަ ދައްކަން ފެށިއެވެ. “ހަލޯ…ކީއްވެ އަހަރެން ބުނިގޮތަށް ކަންތައް ނުވީ….އޭނާ ދުނިޔޭގައި އެބަހުރިކަން އަހަންނަށް އެނގިއްޖޭ…ކޮބާ އަހަރެން ދިން ފައިސާ…އެހުރިހާ ފައިސާ އަކީ ނުހާ މަރާލާނެ ކަމުގެ ގެރެންޓީ ކަލޭމެން ދިނީމަ ދިން އެއްޗެއް….ކަލޭމެން ބޭނުންވި ވަރަށް އަހަރެން ފައިސާ ދިނިން…ދެން ކީއްވެ އަހަރެން ބުނި ކަންތައް ކަލޭމެންނަށް ނުކުރެވުނީ…..” ޒާހިދާގެ އަޑުގައިވަނީ އިންތިހާއަށް ރުޅިވެރިކަމެވެ. އެރުޅިވެރިކަމުގައި ނުހާ އާއި ދޭތެރޭ ޒާހިދާގެ ހިތުގައިވާ ނަފްރަތު އިތުރަށް ރޯވަމުންދެއެވެ. ” ފައިސާ ދިނީމޭ….ޒާހިދާ އަހަރެމެން ބޭނުންވާ ވަރަކަށް ނުދޭ….ދިން ފައިސާތަކުގައި ވެސް ގިނައީ ވަގުނޫޓް…އަހަރެން އެދުވަހު އެފައިސާތައް ޗެކްނުކުރީ ޒާހިދާއަށް އިތުބާރުކޮށްފަ….ޒާހިދާ އަހަރެމެން ގާތު އެދުނީ އާދައިގެ ކަމަކުއެއް ނޫނޭ…މީހަކު މަރާލަން….ފާޑުފާޑު ވާހަކަ ނުދައްކައްޗޭ އިނގެ…” ވާފިރުގެ އަޑުގައި ވަނީ ރުޅިވެރި ކަމެވެ. ވާފިރުގެ ވާހަކައިން ޒާހިދާ ލޭ އިތުރަށް ހޫނުވިއެވެ. ކަނާއަތު ކަންފަތަށް ފޯން ބަދަލުކޮށްލަމުން ޝަހާދަތް އިނގިލި ނެގިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި ވާފިރު ހުރި ނަމަ، އޭނާގެ އިނގިލި ވާފިރުގެ ލޮލަށް ބޭނީހެވެ. ޒާހިދާ ހުރީ އެހާވެސް ރުޅިއައިހެވެ. “ބުނަން…ކޮންމެހެން އަހަންނަށް ބަސް ބުނާނެ ކަމެއް ނެތް… ތިހެން މާވަރު ދައްކަންޏާ ކަލޭމެންގެ ގްރޫޕް ގަނޑު އެއްކޮށް ހައްޔަރު ކުރާ ވަރު ކޮށްލަފާނަން…” އެދެމީހުންގެ ކޯޅުންގަނޑު ބޮޑުވާވަރަކަށް ފަރީނާގެ ދަނީ ހާސްވަމުންނެވެ. އެތައް ފަހަރަކު ލޮލުގެ އިޝާރާތުން ޒާހިދާއަށް ފޯން ބޭއްވުމަށްވެސް އެންގިއެވެ. އެއީ ވާފިރުމެންނަކީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއްކަން ފަރީނާއަށް އެނގޭތީއެވެ. ޒާހިދާގެ ވަހަކައިން ވާފިރު ނުލަފާ ޒާތުގެ ހިނިގަނޑެއް ޖަހާލިއެވެ. “ޒާހިދާއަށް އަދި ތިއުޅެނީ އަހަރެމެންގެ ގޮތް ނޭނގިގެން…ހީކުރަނީތަ އަހަރެމެން ވަރަށް ފަސޭހައިން ހައްޔަރުކޮށްލެވިދާނޭ… ނޫނޭ ޒާހިދާ…އެހެންވެއްޖެއްޔާ ކަލޭވެސް އަހަރެމެންނާ އެކީ ހައްޔަރުވާނެ…އެދުވަހު އަހަރެމެން ދެމެދުގައި ދެކެވުނު ވާހަކަ އަހަރެންގެ ފޯނަށް ރިކޯޑް ކުރެވިފަ ހުންނާނެ…އަހަރެމެން މީ ތިހީކުރާ ކަހަލަ ފޭކް ބައެއް ނޫނޭ…ދެންވެސް އަނގަ މަޑުލައިގެން ހުރެވޭތޯ ބަލާ….” ރުޅިވެރި ރާގަކަށް އެހެން ބުނުމަށްފަހު ވާފިރު ފޯން ކަނޑާލިއެވެ. ޒާހިދާ ދަތްކުނޑި ވިކާލަމުން ފޯން ޓައިލްސްތައް މައްޗަށް ހޫރާލިއެވެ. އޭނާ ނުހާ މަރާލުމަށް ކުރި މަސައްކަތް ފެނަށް ވުމުންނެވެ. މިއޮށް ހުރިހާ ދުވަހު އޭނާ އުޅުނީ ނުހާގެ ދުވަސް ދުއްވާލަން ރާވައިގެންނެވެ. އެހެންނަމަވެސް މާތް ރަސްކަލާނގެ ރަޙްމަތްފުޅުން ނުހާ އެއަނިޔާވެރިކަމުން ސަލާމަތްވިއެވެ.
“އާން ދަރިފުޅާ….މިއީ ހަމަ ނުހާގެ މަންމަ ކަންތައް ކުރިގޮތް….މަޔަކު ދަރިއަކަށް މިގޮތަށް ކަންތައް ކޮށްފާނޭ ކާކު ބުނާނީ…އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް…ހާދަ ވޭނެއްގައޭ މިހުރިހާ ދުވަހު އޭނަ އުޅުނީ….ނުހާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ލަކުނުވެސް އެބަހުރި…އިސްތިރި ޖައްސާފަ…. ހެޔޮވާނީ ކިހިނެއް…ބައްޕަ ދަރިފުޅު ގާތު ބުނާނީ ހަމަ އެންމެ ވާހަކައެއް…ދަރިފުޅު ނުހާ އެއްވެސް ޙާލަތެއްގައި ނިކަމެތިކޮށް ނުލާތި…އޭނާއަށް ދެރަގޮތެއް ވާކަށް ބައްޕައެއް ނޭދެން…” ފައްތާހް ލުފްޝާންއަށް ނުހާގެ މާޒީ ކިޔައިދިނެވެ. އެދެމީހުން ތިބީ ޓެރަސްގައެވެ. އިރުކޮޅަކު ހަނު ހުރުމަށްފަހު ލުފްޝާން އޭނާގެ ބައްޕައަށް ބަލައިލިއެވެ. “އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުހާ ދެރަކޮށެއް ނުލާނަން….” ނުހާގެ މާޒީ އިވިފައި ލުފްޝާންގެ ހިތުގައި ނުހާއަށްޓަކައި ޖާގަ ފުޅާކުރެވުނެވެ. އިތުރަށް ލޯބި އުފެދުނެވެ.
“އައްސަލާމްޢަލައިކުމް…” މީހަކު ސަލާމް ގޮވާލި އަޑަށް ބަދިގޭގައި އުޅެފައި މަހޭޝް ނުކުތެވެ. އެވަގުތަކީ ސިޓިންގރޫމަށް ލުފްޝާންއަށް ވެސް އާދެވުނު ވަގުތެވެ. ދޮރުމަތީގައި ހުރި އަންހެން މިހާއަށް ޖަވާބުދާރީ ވީ ލުފްޝާންއެވެ. “ވަޢަލައިކުމުއްސަލާމް…ކާކު ހޯއްދަވަންތޯ…” ގަމީހުގެ އަތުކުރި އޮޅާލަމުން ލުފްޝާން އޭނާ ގާތު އެހިއެވެ. “މީ…އަޅުގަނޑު…ނުހާ…” އޭނާއަށް ބުނެވުނީ މިހާ ހިސާބަށްށެވެ. “މަންމާ…” ނުހާގެ އަޑަށް ލުފްޝާން އާއި މަހޭޝް ފަހަތަށް ބަލައިލީ އެއްފަހަރާއެވެ. ނޫހެއް ހިފައިގެން ފައްތާހް އަށްވެސް އާދެވުނީ ހަމަ އެވަގުތު އެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް ނުހާ ތަކުރާރުކޮށް އޭނާގެ މަންމައަށް ގޮވާލިއެވެ. “މަންމާ…” ނުހާ ހުރީ ޒާހިދާ ފެނުމުން ހަދާނެ ގޮތެއްވެސް ނޭނގިފައެވެ. ލުފްޝާން ހުރީ ވާނުވާ ނޭނގިފައެވެ. އެހެންވެސް ވެދާނެއެވެ. ނުހާއަށް އެހާ އިހާނެތިކޮށް ކަންތައް ކުރި މީހަކަށް އަދިވެސް އެހާ ލޯބިން މަންމާއޭ ކިޔާފައި ގޮވަންވީ ކީއްކުރަން ހެއްޔެވެ. އެހެންނަމަވެސް ކޮންމެ ގޮތަކަށް ޒާހިދާ ކަންތައް ކުރިޔަސް ނުހާއަށް ވާނީ ނުހާގެ މަންމައަކަށް ނޫން ހެއްޔެވެ. “ދަރި..ދަރިފުޅާ..” އުނދަގުލުން ކަހަލަ ގޮތަކަށް ޒާހިދާ ނުހާއަށް ގޮވާލިއެވެ. ފުރަތަމަ ފަހަރަށް އެދުލުން ދަރިފުޅާއޭ ކިޔާފައި ގޮވާލުމުން ނުހާ ފެންކަޅިވިއެވެ. ޤަބޫލު ނުކުރެވިފައި ހުރިގޮތަކަށް ހުރެ ހީލެވުނެވެ. ” ކީކޭ..އަދި..އަދި އެއްފަހަރު އެހެން ގޮވާލަބަލަ…” ލަގޮނޑިއަށް ތަދުވާ ޙާލުގައި ނުހާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނުހާ އެހެން ބުނުމުން ޒާހިދާ ދެވަނަ ފަހަރަށް ނުހާއަށް ގޮވާލިއެވެ. “ދަރިފުޅާ…” ޒާހިދާގެ ދެއަތް އުފުލާ އެއަތުގެ ތެރެއަށް އައުމަށް އެދުނެވެ. ނުހާ ދުވެފައި ގޮސް ޒާހިދާގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އަޑުންއަޑު ނަގާ ބާރަށް ރޮއެ ގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. މައެއްގެ ލޯތްބަށް ނުހާ އެދިއެދި ދުޢާ ކޮށްލަކޮށްލާ ހުންނަނީ ކިތަންމެ ދުވަހެކެވެ. ނުހާގެ ހިތާހިތުން މާތްރަސްކަލާނގެއަށް ޝުކުރުކުރަމުން ދިޔައެވެ. އޭނާގެ ދުޢާ އިޖާބަ ކުރެއްވީތީ އެވެ. ފައްތާހް ނުހާގެ މަންމަގެ ހަޤީޤަތް ލުފްޝާންއަށް ކިޔައިދިން ފަހުން ލުފްޝާން ހުންނަނީ ޒާހިދާ ދެކެ ރުޅިއައިހެވެ. ނުހާއަށް ކަންތައް ކުރިގޮތްތައް މަތިން ހިތަށް އަރާފައި އަތް މުއްކަވާލަމުން ނުހާ ޒާހިދާގެ އަތުތެރެއިން ގެނެއުމަށް ހިނގައިގަތެވެ. އެހެންނަމަވެސް ފައްތާހް ހުށިޔާރުކަމާއިއެކު ލުފްޝާންގެ އަތުގައި ހިފެހެއްޓިއެވެ. ލުފްޝާންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ފައްތާހް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ލުފްޝާން އެކަމާ ދެކޮޅު ހަދަން މަސައްކަތް ކުރިނަމަވެސް ދެވަނަ ފަހަަރަށް ފައްތާހް ބޯހޫރާލުމުން މަޑުވިއެވެ. “ދަރިފުޅާ….މަންމައަށް މަޢާފްކުރޭ…މަންމައަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން…..” ޒާހިދާ ނުހާގެ ބޮލުގައި ފިރުމަމުން ރޮމުން ދިޔައެވެ. ލުފްޝާން ހުރީ ފާޑަކަށް ޒާހިދާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފައްތާހް ނެތްނަމަ އެދިޔަ ބާރުމިނުގައި ގޮސް ޒާހިދާ ބިމާ ހަމަ ކުރީހެވެ. ނުހާ އޭރުވެސް ދިޔައީ ބާރުބާރަށް ރޮމުންނެވެ. “ނޫން މަންމާ…މަންމައަކަށް ދަރިއެއްގެ ފަރާތުން މަޢާފަށް އެދޭކަށް ނުޖެހޭނެ… އަހަރެންގެ ހިތް މަންމައަށްޓަކައި ހަމަ ސާފު…” ނުހާ ހުރީ ޒާހިދާގެ ގައިގައި ބާރަށް އޮޅުލައިގަނެގެންނެވެ. ޒާހިދާ ނުހާ އޭނާ އާއި ދުރަށް ޖައްސާލަމުން ބުންޏެވެ. “އެންމެ ރަނގަޅު…ދަރިފުޅު މަންމައަށް މަޢާފް ކުރިކަމަށް ބަލާނީ ހަމަ އެންމެ ގޮތެއްގެ މަތިން…” ނުހާ ޒާހިދާގެ ލޮލަށް ބަލާލިއެވެ. ކޮންމެގޮތެއްވެސް ވަރިހަމައޭ ބުނާ ފަދައިންނެވެ. “ދަރިފުޅު ހިނގާ މަންމައާއި އެކު ގެއަށް…މަންމަ މިއައީ ދަރިފުޅު ބަލައި….މަންމައަށް މަޢާފް ކުރިކަމަށް ބަލާނީ ގެއަށްދާން އެއްބަސް ވީމަ…” ޒާހިދާގެ ޖުމްލައިން ލުފްޝާންއަށް ނުހާއަށް ބަލައިލެވުނެވެ. އަދި އޭނާގެ ބައްޕައާއި ދިމާއަށް ބަލައިލީ ކަރުނުން ފުރިފައިވާ ލޮލަކުންނެވެ. ފައްތާހްގެ އިޝާރާތްތަކަށް ލުފްޝާން ކިޔަމަންވެ ބޯލެނބިއެވެ. ނުހާ ފަހަތަށް އެނބުރި ބަލައިލީ ލުފްޝާން އަށްށެވެ. އޭރު ލުފްޝާން ހުރީ ނުހާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލުފްޝާންގެ ލޮލުގެ ތެރޭން ވިދަމުން ދިޔަ ކަރުނަތައް ނުހާއަށް ސާފުކޮށް ފެނުނެވެ. އެލޮލުން އެތައް މާނައެއް ނުހާއަށް ދޭހަވިއެވެ.
-ނުނިމޭ-
8 Comments
Comments are closed.
ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވާހަކައަށް ކޮމެންޓް ބޭނުން…މިކަމަށް ކިޔުންތެރިން އެއްބާރުލުން ދެއްވާނެކަމަށް ޒެން ވަރަށް ބޮޑަށް އުއްމީދު ކުރަން… ހަމަ އެކަނި މިވާހަކައަކަށް ނޫން..މިސައިޓްގެ ހުރިހާ ވާހަކައަކަށްވެސް ކޮމެންޓް ކޮށްދެއްވުމަށް ޒެން ވަރަށް ބޮޑަށް އެދެން………….
ވަރަށް ސަޅި
ވަރަށް ބޮޑަށް ތޭންކްސް ޔަޝް…
ހަބޭސް
ވަރަށްް ބޮޑަށް ތޭންކްސް އައިޝް……
މިހާ ރީތި ވާހަކަ އެއް ލައިފް ގަ ވެސް ނުކިޔަން…..
އެހެންތަ….ވަރަށް ބޮޑަށް ތޭންކްސް އިނގެ… ރޯސް ވަރަށް ދިވެހި ވާހަކަ ނުކިޔަންދޯ…މޫސާ ސާއިދުގެ ވާހަކަތައް ވެސް ހުންނާނެ އެއްނު….މާރީތިވާނެ….
nice