އުމުރަށްވެސް އެކީގައި ވާނަމޭ…..10
ނުހާ ފަހަތަށް އެނބުރި ބަލައިލިއިރު ލުފްޝާން ހުރީ ނުހާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލުފްޝާންގެ ލޮލުގެ ތެރެއިން ވިދަމުން ދިޔަ ކަރުނަތަކުން ނުހާއަށް އެތައް މާނައެއް ދޭހަވިއެވެ. އެހިތުގެ ތެޅުމުގެ އަޑު ނުހާއަށް އިވޭ ކަހަލައެވެ. ނުހާ މަޑުމަޑުން ގޮސް ފައްތާހްގެ ކުރިމަތީގައި ހުއްޓުނެވެ. “ބޭބޭ….” ފައްތާހް ހީލަމުން ނުހާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. “ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ….ދަރިފުޅު ބޭނުންތަ މަންމައާއި އެކު ދާން…” ނުހާގެ ކަރުނުން ފުރިގެންވީ ލޮލަށް ބަލަމުން ފައްތާޙް ވާހަކަ ދެއްކިއެވެ. ނުހާ ދާން ބޭނުން ވެފައިވާ ހުރި މިންވަރު ހާމަވެއެވެ. ނުހާ ލުފްޝާން އާއި ދިމާލަށް ބަލައިލުމަށްފަހު ފައްތާހްގެ މޫނަށް ބަލައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ދެފަހަރަކު ބޯ ޖަހާލުމަށް ފަހު އިސްދަށަށް ޖަހާލިއެވެ. ފައްތާހް ދެއަތް ފުރަގަހަށް ލަމުން ހިނގާފައި ގޮސް ޒާހިދާގެ ކުރިމައްޗަށް ހުއްޓުނެވެ. ޒާހިދާ ފައްތާހްގެ މޫނަށް ބަލައިލީ ބިރުން ހުރެއެވެ. “އަހަރެން..ނުހާގެ މަންމަ ގާތުން އެދޭނީ ހަމަ އެންމެ ކަމަކަށް…. އެއީ ތިގެއަށް ނުހާ ބަދަލުވުމަށް ފަހު ނުހާއަށް މަންމަ އެއްގެ ލޯބި ވަރަށް ރަނގަޅަށް ދޭނެ ކަމުގެ ޔަޤީންކަން އަހަންނަށް ދިނުމަށް…” ޒާހިދާގެ ޖަވާބު އައީ ވަރަށް އަވަހަށްށެވެ. ” އާން..އާން…ދެން ދުވަހަކުވެސް ނުހާ ދެރަވިޔަކަ ނުދޭނަން…” ޒާހިދާ އެހެން ބުނަމުން ލުފްޝާންއަށް ކަޅި އެއްލިއެވެ. އަދި ތުންފަތަށް ނުލަފާ ޒާތުގެ ހިންޏެއް ވެރިކޮށްލިއެވެ. ” އަދި އެއްވާހަކަ ބުނަން ބޭނުން…. ” ފައްތާހް މިހެން ބުނުމުން ޒާހިދާ ފައްތާހް އާއި ދިމާލަށް ބަލައިލިއެވެ. “އެއީ އަނެއްކާ ކޮން ވާހަކައެއް…” ފައްތާހް ލުފްޝާން އާއި ނުހާ ކައިރިއަށް ގެންނަމުން ބުންޏެވެ. ” އަހަރެން ބޭނުން މިދެކުދިންގެ ކައިވެނި އަންނަ މަހު ހަތެއްގަ ކުރާ ގޮތަށް ނިންމަން…އަންނަ މަހުގެ ހަތަކީ ލުފްޝާންގެ މަންމަގެ އުފަންދުވަސް…..އެކަމަކު ދެކުދިން ބޭނުމިއްޔާ އިނގެ…” ނުހާ ލުފްޝާން އާއި ދިމާލަށް ބަލައިލިއެވެ. ލުފްޝާންގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ ކުލަވަރު ފެނުނެވެ. ” މައްސަލައެއް ނެތް… ނުހާގެ މައްސަލައެއް އެބައޮތްތަ…” ލުފްޝާންގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ނުހާގެ ގައިން ހީބިހި ނެގި ކަހަލައެވެ. ލަދުން ބުނާނެ އެއްޗެއް ނޭނގި ހުރެ ރަކިގޮތަކަށް ހީލަމުން އިސް ދަށަށް ޖަހާލިއެވެ. ލުފްޝާންއަށް ނުހާގެ އެހީލުން ވަރަށް ކަމުދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒާހިދާއަށް ހުރެވުނެވެ. “މިކަމާ ދޭތެރޭ ޒާހިދާ ކީކޭ ބުނާނީ….” ފައްތާހްގެ އަޑާއިއެކު އޭނާ ދިޔައީ ސިހިގެންނެވެ. “ކީކޭ…ނުހާގެ އެއްވެސް ކަމަކަށް ދެކޮޅު ހަދާކަށް ނެތިން….” ލުފްޝާން އޭނާގެ ބައްޕައަށް ބަލާލަމުން ބުންޏެވެ. “ބައްޕާ… ނުހާ ދިޔުމުގެ ކުރިން އަޅުގަނޑު ބޭނުން އޭނައާއި އެކަނި ވާހަކަ ދައްކާލަން…އޯކޭތަ…” ފައްތާހް އާނއެކޭ ބުނުމުގެ ގޮތުން ހީލިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ލުފްޝާން ނުހާގެ އަތުގައި ހިފައިގެން ސިޑި އާއި ދިމާލަށް ހިނގައިގަތެވެ.
“ނުހާ…” ލުފްޝާން ނުހާގެ ދެއަތުގައި ހިފާލައިގެން ހުރެ ފުން ނޭވާއެއްލަމުން މައްޗަށް ބަލައިލިއެވެ. އަދި މަޑުމަޑުން ނުހާގެ އެލޯބި މޫނަށް ބަލައިލިއެވެ. ލުފްޝާން ނުހާ އާއި ދައްކަން ވެފައި ހުރި ވާހަކަ ގިނަކަމުން ފަށާނެ ކޮޅެއް ނޭނގި ހުރެވުނީއެވެ. ނުހާއަށް ލުފްޝާން ލޮލުން އެތައް އެއްޗެއް ދޭހަވިއެވެ. “ލުފްޝާން….އަހަރެން….” ލުފްޝާން ނުހާގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި އޭނާގެ ދެއަތުން ނުހާގެ މޫނުގައި ހިފާލިއެވެ. ” އިޓްސް އޯކޭ…އައި ނޯ…އެއީ ނުހާގެ މަންމަ..ނުހާގެ މަންމަ އާއި ދެކޮޅު ނުހަދާނެކަން އެނގޭ…އެކަމަކު..އެކަމަކުވެސް…އަހަރެން ކިހިނެތް ނުހާ ދިޔައިމަ އުޅޭނީ…..ނުހާއަށް މިގެއިން ދެވޭނީ އަވަހަށް އަންނާނެ ކަމަށް ޕްރޮމިސް ކުރީމަ….އެވެސް އަހަރެންގެ އައިންބަކަށް ވެގެން…” ލުފްޝާން އޭނާގެ އަތް ނެގިއެވެ. ނުހާގެ ލޯކަރުނުން ފުރިފައިވީ ނަމަވެސް އޭނާ ހުރީ އުފަލުންނެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. ލޯބިވާ މަންމައާއި އުމުރަށް އެކީގައިވުމަށްޓަކައި، ނުހާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިޔަކުވެސް ލިބުނީތީއެވެ. ކަރުނުން ފުރިގެންވީ ލޮލުން ލުފްޝާއަށް ބަލައިލަމުން ހީލިއެވެ. މަޑުމަޑުން ނުހާ ލުފްޝާންގެ އަތުގައި ހިފިއެވެ. ނުހާ ލުފްޝާންގެ އަތުގައި ހިފުމާއި އެކުހެން ލުފްޝާން ނުހާގެ އަތުގައި ބާރަށް ހިފާލާ ކައިރިއަށް ގެނެސް މޭގާ ލައްކޮށްލިއެވެ. އަދި ލުފްޝާންގެ ދެއަތުން ނުހާ ފޮރުވާލިއެވެ. އޭނާއަށް ވެގެންވަންޏާ ދުވަހަކުވެސް ނުހާ އެހެން މީހެއްގެ މީހަކަށް ވިޔަކަ ނުދޭނަމޭ ބުނާ ފަދައިންނެވެ. ނުހާގެ ދެއަތުން ލުފްޝާންގެ ފުރަގަހުން އޭނާގެ ގަމީހުގައި ބާރަށް ހިފަހައްޓާލައި ލޯމަރާލިއެވެ. ދެމީހުންގެ ހިތްވެސް ގޮވަމުން ދިޔައީ މުޅިއުމުރަށް ވެސް އެގޮތުގައި ވުމަށްށެވެ.
ނުހާ އާއި ލުފްޝާން ސިޑިންވެސް ފޭބީ އަތުގުޅާލައިގެން ހުރެއެވެ. އޭރު ފައްތާހް އާއި ޒާހިދާ ސިޓިންގރޫމްގައި އިނެވެ. މަހޭޝް ނުހާގެ ފޮށި ތައްޔާރުކޮށްލައިގެން އަންނަނީއެވެ. “ދަރިފުޅާ… ދެން އިރާދަކުރެއްވިއްޔާ ދަރިފުޅު މިގެއަށް އަންނާނީ ދާއިމީކޮށް…އިނގެ….ދެން އެއްވެސް ކަމަކަށް ދަތިވަންޏާ ބޭބެ ކައިރި ނުބުނެ ނުހުންނާތި…ލުފްޝާންވެސް އެހެން ދޭތެރެ ދޭތެރެއިން ފޮނުވާނަން ތިގެއަށް…ހެހެހެ…” ފައްތާޙް ބެލީ ނުހާގެ މާޔޫސްކަމަށް ކޮންމެވެސް ކަހަލަ ޙައްލެއް ގެނައުމަށްށެވެ. ފައްތާހް ނުހާގެ ކޮނޑުގައި ހިފައިގެން ގެއިން ނުކުންނަމުން ނުހާގާތު އެހެން ބުނުމުން ނުހާ ރަކިގޮތަކަށް ހީލިއެވެ. ޒާހިދާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ވަމުން ދާތީއެވެ. މަހޭޝް ގޮސް ކާރަށް ނުހާގެ ފޮށިލިއެވެ. ފައްތާޙް ނުހާ ކާރަށް އެރުމަށްޓަކައި ކާރުގެ ދޮރު ހުޅުވައިދިނެވެ. ނުހާ ކާރަށް އަރަމުން ފަހަތަށް އެނބުރި ބަލައިލިއެވެ. ލުފްޝާން ހުރީ ގޭގެބޮޑު މަތީގައެވެ. ހިތްވަރުކުރި ނަމަވެސް ލުފްޝާން ހުރީ ފެންކަޅިވެފައެވެ. އަތުން އަގުބޮޑު ޖަވާހިރެއް ބީވެގެން ދާފަދައިންނެވެ. އޭނާއަށް ހީވަނީ ނުހާ ގެއްލެން އުޅޭ ހެންނެވެ. “ނުހާ….ނުދޭ…އަހަރެންގެ ހިތް ރަނގަޅަށް ބަލައްޗޭ….” ލުފްޝާންގެ ހިތުގެ ގޮވުން ނުހާއަށް އަޑު އިވުނު ކަހަލައެވެ. “އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ހަމަ އެކަނި ލުފްޝާންގެ މީހަކަށް ވެގެން އަންނާނަން…ލުފްޝާން…އަހަރެންގެ ހިތް ރަނގަޅަށް ބަލައްޗޭ….” ފައްތާހް އަށް މިމަންޒަރު ކައިރިން ފެނުމުން ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ” އިރާދަކުރެއްވިއްޔާ ދެކުދިންގެ ދުޢާ ވަރަށް އަވަހަށް އެކަލާނގެ އިޖާބަ ކުރައްވާނެ…” އޭނާގެ ހިތާހިތުން ދުޢާ ކޮށްލެވުނެވެ. ޒާހިދާ ކާރަށް އަރާ އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް އުފާވެރިކަމެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. “ބަލާނެ ވަރަކަށް ބަލާ…މިހާރު ބެލި ވަރެއް އޮތީ…” އޭނާގެ ހިތުގައި ވަނީ ކޮން ކަހަލަ ކަމެއް ދެންތިބި މީހުންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. ނުހާއަށް ލުފްޝާން އަށް ބަލަން ހުންނާކަށް ކެތެއް ނުކުރެވުނެވެ. އަވަސް އަވަހަށް ކާރަށް އެރިއެވެ. “ނުހާ…ނުދޭ…” ލުފްޝާންގެ ލޮލުގައި ކަސްތޮޅު އެޅުވިފައި ހުރި ކަރުނަތައް ސަލާމަތްވިކަހަލައެވެ. ކަރުނަތައް ލުފްޝާންގެ ކޯތާފަތް މަތީގައި ބީހެމުން ދިޔައެވެ.
“ބައްޕާ…ކީއްވެ އަހަރެން ހިފެހެއްޓުވީ….ޒާހިދާ އާއި އެއްކޮށް ނުހާ ދާކަށް އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ….ދެންވެސް ހަމަ އެގޮތަށް ނުހާ އާއި ދޭތެރޭ ކަންތައް ކޮށްފިއްޔާ….” ގެއަށް ވަދެގެން އައި ފައްތާހް އާއި ލުފްޝާން ސުވާލުކުރީ ހިތްހަމަ ނުޖެހިފައިވާ ރާގަކަށްށެވެ. “ދަރިފުޅާ އެހަށް ހަމަ ޖެހިބަލަ…ދަރިފުޅަކަށް ނުފެނޭތަ ނުހާ، ނުހާ އުފާވެފައި ހުރި ވަރެއް….އޭނާގެ މަންމަގެ ލޯތްބަށް ފެންބޮވައިގަނެފައި ވަނިކޮށް….” ފައްތާހްގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާހެން ލުފްޝާން އޭނާގެ ބައްޕަގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އެވަގުތު ފައްތާހްއަށް އޭނާގެ ދަރިފުޅު ނުހާ ދެކެވާ ލޯބި އަންދާޒާ ކޮށްލެވުނެވެ.
“ފަރީ….އާދެބަލަ..ކޮންތާކުތަ ތިއުޅެނީ…މިހުރީ ނުހާ އައިސް….” ގެއަށް ވަދެވުމާއިއެކުހެން ޒާހިދާ ފަރީނާއަށް ގޮވިއެވެ. ނުހާ ހުރީ ވަރަށް އުފާވެފައެވެ. އޭނާ ދުވަހަކު ހިތަށްވެސް ނާރާފަދަ ގޮތަކަށް ކަންތައް ވަމުން ދާތީއެވެ. ފަރީނާ ކޮޓަރިން ނުކުންނަމުން ނުހާއަށް ގޮވާލުމަށް ފަހު ނުހާގެ ގައިގައި ބައްދާލިއެވެ. ފަރީނާގެ މިހަރަކާތުން ނުހާ ފެންކަޅިވިއެވެ. މިއޮށް ހުރިހާ ދުވަހު އެއްގެއެއްގައި އުޅުން އިރުވެސް މިހާ ގާތްގޮތަކަށް ނުހާ އާއި ދޭތެރޭ ފަރީނާ ދެކެފައެއް ނުވެއެވެ. ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ.
-ނުނިމޭ-
2 Comments
Comments are closed.
މިހާރު އެބަ ރީތިވޭ ވާހަކަ.
ކުރިން ވާހަކަ ހުތުރީދޯ… ބުނެލި ނަމަ…….ވަރަށް ބޮޑަށް ތޭންކްސް އެޑަމް….