އުމުރަށްވެސް އެކީގައި ވާނަމޭ…..8
ފަރީނާ ޒާހިދާގެ ކަރުގައި އޮޅުލައިގަންނަމުން ބުންޏެވެ. ” އަސްލުވެސްތަ؟..ކޮން ނަމެއްތަ އެގެއަށް ކިޔަނީ…އާން…ފިނިހިޔާ….” ފަރީނާ މިހެން ބުނުމުން ޒާހިދާގެ ދެލޯބޮޑުވިއެވެ. “ކީކޭ… މުއްސަނދި ފައްތާހްގެ ދަރިއެއްދޯ އެއީ…ޒާހިދައްތައަށް ހީވަނީ އޭނަ އަތުގަ ތިބުނާ ކުއްޖަކު އެކަނި ކަންނޭނގެ ހުންނަނީވެސް…ހޫމމ…ތިއީ ކުރަން ވަރަށް ރަނގަޅު ކަމެއް…ފަރީނާ މަންމަ ގާތު ދައްތަ ތިވާހަކަ ދައްކާނަން….” ޒާހިދާ މިހެން ބުނުމުން ފަރީނާގެ އެ އުފާވެރިކަން ދެގުނައަށް ބޮޑުވި ކަހަލައެވެ. އަނެއްކާވެސް ބާރަށް ކަރުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. “އަސްލުވެސްތަ…އޯ…ޔޫ އަރ ސޯ ސްވީޓް.. އެކަމަކު މަންމައަށް ގުޅާނީ އެއްކޮށް ހުރިހާ ކަމެއް ސެޓްވީމަ…އިނގެ…” ފަރީނާގެ މަންމަ ހުންނަނީ އޭނާގެ ރަށުގައެވެ. ފަރީނާ ޒާހިދާ ކައިރީގައި ހުންނަނީ ކިޔަވަން އައިހެވެ. ނަމަވެސް ޒާހިދާ ފަދަ މީހަކު ކައިރީގައި ހުރެގެން ފަރީނާ ކަހަލަ ކުއްޖަކަށް ކިޔެވޭނެ ބާވައެވެ. ފަރީނާގެ މަންމަ އާއި ޒާހިދާ އަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ރަޒިއްޔާ އޭނާގެ ދަރިފުޅު ފަރީނާ، ޒާހިދާ ގާތުގައި ބެހެއްޓީ އޭނައަށް ނުހަނު އިތުބާރު ކޮށްފައެވެ. ރަޒިއްޔާއަށް ދުރުގައި ހުންނަ ޖެހުނަސް ފަރީނާއަށް ހެޔޮ ނަސޭޙަތްދީގެން ފުރިހަމަ ގޮތުގައި ކިޔަވައިދޭނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ޒާހިދާގެ އެދުމަކީ ވީހާވެސް އަވަހަށް ފަރީނާ މުއްސަނދި މީހަކާ ދެވައިގެން އެމީހެއްގެ މުއްސަނދި ކަމުގެ ބޭނުން ހިފުމެވެ. މިކަމުގައި ޒާހިދާ ހުންނަނީ ފަރީނާގެ ބޮލަށް ހަމަ ރަނގަޅަށްވެސް ސަވާރުވެ ވަސްވާސް ދީފައެވެ. މިއިން އެއްވެސް ކަމެއް ރަޒިއްޔާއަކަށް ނޭނގެއެވެ.
“މަހޭޝް…އާދެބަލަ…” ގެއަށް ވަންނަމުން ފައްތާހް މަހޭޝްއަށް ގޮވިއެވެ. މިއަޑަށް ކޮޓަރީގައި އިން ނުހާވެސް ނުކުތެވެ. މަހޭޝް ބާރު ހިނގުމެއްގައި އައިސް ހުއްޓުނެވެ. “ބޭބެ ކިހިނެއްތޯވީ؟..” ޖަހާފައި ހުރީ ބެގީ ނައްޓާލަމުން ސޯފާގައި ފައްތާހް އިށީނެވެ. “މިދަބަސް ކޮޓަރިއަށް ލައިދީބަލަ…” ފައްތާހް ގެންގުޅޭ ދަބަސް މަހޭޝް އަތަށް ދިއްކޮށްލަމުން ބުންޏެވެ. ” ދަރިފުޅާ ނުހާ…ދޭބަލަ ފެންތައްޓެއް ހިފައިގެން އަންނަން…” ނުހާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ބަދިގެއަށް ވަނެވެ. އެވަގުތު ލުފްޝާން ސިޑިން ތިރިއަށް ފައިބަނީއެވެ. ބަދިގެއިން އައި ނުހާއަށް ލުފްޝާން ފެނިފައި އަނގަމަތީގައި އަތް އަޅާފައި ހޭން ފެށިއެވެ. ނުހާ ހޭން ފެށުމުން ފައްތާހް ލުފްޝާންގެ ގަޔަށް ބަލައިލިއެވެ. “ހެހެހެހެ…ދަރިފުޅާ…އާ ފެޝަނެއްތަ…ކިހިނެއް ޓީޝާޓް ލާފައި ތިހުރީ…” ލުފްޝާން ފެނިފައި ފައްތާހް ގާތަށްވެސް ހިނިއައެވެ. ފައްތާހް އެހެން ބުނުމުން ލުފްޝާންގެ އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ. ޓީޝާޓް ލެވިފައި ހުރީ ނުބައިކޮންނެވެ. ކުރިމަތި ފަރާތްވަނީ ފުރަގަހަށް ލެވިފައެވެ. “ހެހެހެ…އާން މީފެޝާނެކޭ..ބައްޕައަކަށް ނޭނގޭތަ…ހެހެހެ އަވަސް ކުރަން ވެގެން…” އަނގައިން ދެރަ ނުވާންވެގެން ލުފްޝާން ބުނެލިއެވެ. ނުހާ ހެމުން ހެމުން ފެންތަށި ފައްތާހް އަތަށް ދިނެވެ. ފައްތާހް ފެންތަށިގައި ހިފާފައި ސިޓިންގރޫމްގެ ކުޑަމޭޒުގައި ބަހައްޓަމުން ކޮޅަށް ތެދުވިއެވެ. ” ނުހާ…” ވަރަށް ބާރަށް ފައްތާހް ހަޅޭއްލަވައިގަތެވެ. ނުހާ ދިޔައީ ސިއްސައިގެންނެވެ. ހެވިފައި ހުރި ލުފްޝާން ވެސް ހުއްޓުން އެރިއެވެ. މިހާ ބާރަށް އޭނާގެ ބައްޕަ އޭނައާ ދިމާލަކަށް ވެސް ހަޅޭއްލަވައިގަނެފައެއް ނެތެވެ. ފައްތާހް އެހާ ބާރަށް ހަޅޭއްލަވައިގަތުމުން ނުހާ ފެންކަޅިވިއެވެ. ބިރުންނެވެ. “ކި..ކިހިނެއްވީ ބޭބޭ..” ނުހާ ހުރީ ވަރަށް ބިރުންނެވެ. “އަދި އެބަ އަހައެއްނު ކިހިނެއްހޭ ވީ… އަހަރެން ހިއެއް ނުކުރަން ނުހާ ވައްކަން ކޮށްފާނެ ކަމަކަށް..އަދި އެއީވެސް މިގެއިން… ނުހާ އަހަންނަށް ނޭނގި އަހަރެންގެ އެންމެ މުހިއްމުވީ އެތި ވަގަށް ނެގީ…” ފައްތާހް ހުރީ ވަރަށް ރުޅި ގަދަ ވެފައެވެ. “ބައްޕާ..ނުހާ ވައްކަމެއް ނުކުރޭ…ހެޔޮ ނުވާނެ އޭނާގެ ބޮލުގައި ތިވަރުގެ ބޮޑު އިލްޒާމެއް އަޅުވަން…. ” ލުފްޝާން އަށް ނުހުރެވިގެން ނުހާގެ ދިފާއުގައި ލުފްޝާން ވާހަކަ ދެއްކިއެވެ. ނުހާއަކަށް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ހަމަ ރޮވެނީއެވެ. “ދަރިފުޅާ…ބައްޕަ ހިއެއް ނުކުރަން ނުހާ އެގޮތަށް ކަންތައް ކުރިޔަސް ދަރިފުޅު މީހުންގެ އެއްޗެހި ވަގަށް ނަގާފާނެ ކަމަކަށް…އަދި ބައްޕައަށް ކަމެއް ސިއްރު ކޮށްފާނެކަމަކަށް….” ލުފްޝާން ބޯގޮވި ކަހަލައެވެ. “ބައްޕާ…ކީކޭތަ ތިކިޔަނީ… އަހަރެމެން ދެމީހުން ވައްކަން ކުރިއްޔޭ…އަހަރެން އެކަހަލަ ކަމެއް އިރާދަކުރެއްވިއްޔާ ނުކުރަން..އަދި ނުވެސް ކުރާނަން.. ދެން މިހުރީ ނުހާ… އަހަރެން ނުހާއަށް ފުރިހަމައަށް އިތުބާރު ކުރަން…ނުހާ އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެ.. އަޅެ ބައްޕައަށް އަހަރެމެން ދެމީހުން ވައްކަން ކުރިކަން އެނގެންޏާ ނެގީ ކޮން އެއްޗެއްކަން ވެސް އަހަރެމެން ދެމީހުން ގާތު ނިކަން ބުނެބަލަ… ހަމަ ގައިމުވެސް އަހަރެން ނުކުރާ ކަމަކަށް އެއްބަހެއް ނުވާނަން… އަދި އަހަންނަށް ވެގެން ވަންޏާ ނުހާވެސް އެއްބަސް ވިޔަކަ ނުދޭނަން…” ލުފްޝާން ނުހާގެ އަތުގައި ހިފާ ބާރުކޮށްލަމުން ލުފްޝާންގެ ގާތަށް ގެނެސް ބުނެލިއެވެ. ނުހާ ލުފްޝާންގެ ލޮލަށް ކަރުނުން ފުރިފައިވާ ލޮލުން ބަލައިލިއެވެ. ލުފްޝާންގެ ހަރަކާތްތަކުންނާއި ލޮލުން ނުހާ ދެކެ ވާ ލޯބި ފެނެވެ. މިމަންޒަރު ފެނިފައި ފައްތާހްގެ ލޮލުން ކަރުނަ ހިލުނެވެ. “ދަރިފުޅާ ދެން ހެޔޮ…ބައްޕަ ބޭނުންވި ކަންތައް ވެއްޖެ… ބައްޕަގެ އަބަދުގެވެސް ދުޢާއަކީ ދަރިފުޅުގެ ޙަޔާތަށް ރަނގަޅު ބައިވެރިޔަކު ލިބުން…ބައްޕަގެ ކުރިމަތީގައި ނުހާ އޭނާގެ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެ…ނުހާއަކީ ވަރަށް ރަނގަޅު ކުއްޖެއް ދަރިފުޅާ… ބައްޕަ އުއްމީދު ކުރަނީ ދަރިފުޅު ނުހާއަށް އެއްވެސް ކަހަލަ ދެރައެއް ނުދޭނެ ކަމަށް…” ކުއްލިއަކަށް ފައްތާހްގެ ވާހަކަ އެކަހަލަ ގޮތަކަށް ބަދަލުވުމުން ލުފްޝާން އާއި ނުހާ ހުރީ ވާނުވާ ނޭނގި ފައްތާހް އާ ދިމާލަށް ބަލަހައްޓައިގެންނެވެ. “މިހާރު ބައްޕަ ތިފެށީ ކޮން ވާހަކައެއް…ބައްޕަ އަނެއްކާ…. އަހަރެމެން ދެމީހުންގެ އިމްތިހާނެއް ނެގީތަ؟…” ފައްތާހް ލުފްޝާންގެ ކައިރިއަށް އައިސް ދެއަތުން ލުފްޝާންގެ ކޮނޑުގައި ހިފައި ތަޅުވައި ގަންނަމުން ބުނެލިއެވެ. “އާނ…ބައްޕަ ދަރިފުޅު ޙަޔާތުގެ މިދުވަސް ދެކެން ބޭނުން ވެގެން އުޅެނީ ނުހާ މިގެއަށް އައިންސުރެ… ނުހާ އެންމެ ފުރަތަމަ ބައްޕައަށް ފެނުނު ދުވަހުވެސް ބައްޕަގެ ހިތަށް އެރީ އަހަރެންގެ ދަރިފުޅުގެ ޙަޔާތަށް އެންމެ އެކަށީގެންވާ ބައިވެރިޔަކު މިފެނުނީއޭ…” ލުފްޝާން ވީ އުފަލެއްގެ ބޮޑުކަމުން އޭނާގެ ބައްޕަގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. ނުހާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާގެ ޙަޔާތް ބަދަލުވަމުންދާ ގޮތާ ދޭތެރޭ މާތްﷲއަށް ޝުކުރު ކުރާ ޙާލުގައި ހުރެވުނެވެ. “އެކަމަކު ބޭބެ ކީއްވެ ކުއްލިއަކަށް ….” ނުހާ މިހެން ބުނުމުން ފައްތާހް ހީލިއެވެ. “ދެން ކޮންމެހެން ބޭބެ ކިޔާނެ ކަމެއް ނެތް.. ބައްޕަ ކިޔާ…ނުހާ ހީކުރީ ބައްޕަގެ ބޯ ހުންނަނީ ހަމަ އެކަނި ފުނާ އަޅަން އެކަނި ކަމަށްތަ؟.. ބައްޕަ ރިސޯޓަށް ދިޔައީ މަހޭޝް އާ ހުރިހާ ކަމެއް ހަވާލު ކޮށްފަ…މިބުނީ ތިދެކުދިންގެ ހުރިހާ ކަމެއް ބަލަން ހަވާލުކޮށްފަ….އަނެއްހެން ބުނާނަމަ ފާރައަށް ބަހައްޓާފައި…” ދޫ ނެރެލަމުން ފައްތާހް ބުނެލިއެވެ. ފައްތާހް އެހަރަކާތުން ނުހާ ގާތަށް ހިނިއައެވެ. އޭރު މަހޭޝް ހުރީ ނުހާމެން ކައިރީގައި ހީލަހީލައެވެ. “ސޮރީ ލުފްޝާން…ބޭބެ ބުނީމަ….ރޭގަވެސް ތިދެކުދިން ދެއްކި ވާހަކަތައް އަޑު އެހީ…” ލުފްޝާން މަހޭޝްގެ ބޮލުގައި އަޅާ ކޮއްޕާލިއެވެ. “ހޫމމ މީދޯ ޖާސޫސް ކުރި މީހަކީ….އަދި ކިރިޔާ މިއެނގުނީ…ބައްޕަ އަހަރެމެން ދެމީހުން ވައްކަން ކުރިޔޭ ބުނީމަ ހާދަ ދެރައެއްވިޔޭ ދެންމެ..” ލުފަޝާން ފައްތާހްއަށް ބަލައިލަމުން ބުނެލިއެވެ. ފައްތާހް ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ. ” ހަމަ ހަޤީޤަތަށްވެސް ވައްކަން ކުރީމައޭ އެހެން ބުނީ…މީހުން ގާތު ނާހާ އެއްޗެހި ނެގީމަ ވާނީ ވައްކަމަކަށްދޯ މަހޭޝް…” ޖީބަށް އަތް ޖަހާލަމުން މަހޭޝް އަށް ދޯ ދިނެވެ. “އަނެއްކާ ފަށާފާނެ…ކޯއްޗެއްތަ އަހަރެމެން ނެގީ ބައްޕާ…” ލުފްޝާން ރުޅި އަންނަ ގޮތް ދައްކާލިއެވެ. ” މާ ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް…އެކަކު ކައިރީގަވެސް އަހާލުމެއް ނެތި ދެމީހުންގެ ހިތް ވަގަން ނަގައިގެން އަދި ބުނެއެއްނު ވައްކަމެއް ނުކުރަމޭ…” ފައްތާހްގެ ދިމާކުރުން ތަކުން ނުހާ ލަދުގަތެވެ. އެތާ ހުންނަން ނުކެރިގެން އެބައަންނަމޭ ކިޔާފަ ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ނުހާ ދިޔުމުން ފައްތާހް ހެމުން ލުފްޝާން ގާތު ބުންޏެވެ. ” ދަރިފުޅާ..ބައްޕައަށް މާބޮޑުވަރު ކަންނޭނގެ މިކޮށްލެވުނީދޯ…ނުހާ ފަކީރު ރޮއްވާލެވިއްޖެ ވިއްޔަ…ދަރިފުޅު ބައްޕައަށް ކަމެއް ކޮށްދީބަލަ…އޭނަ ގޮވައިގެން މިިއަދު ހަވީރު ދުއްވާލަން ދޭބަލަ….ފިހާރަތަކަށް ގޮސްލާ ކުޑަކޮށް ބާޒާރުކޮށްލަބަލަ….އޭނާ ހިތްހަމަ ޖައްސައިދެއްޗެ އިނގެ…” ފައްތާހް އެހެން ބުނުމުން ލުފްޝާން ހުރިހާ ދަތްތައް ފެނުނު ކަހަލައެވެ. އުފަލުން ހެވުނެވެ. “ދެން ކޯލްގޭޓް އިޝްތިހާރު ކުރާނެ ކަމެއް ނެތް…” ފައްތާހް އެހެން ބުނުމުން ލުފްޝާން ހެމުން ބޯ ކަހާލިއެވެ.
“ވަރަށް އަވަހަށް ސެޓް ކުރަން މިއުޅެނީ…ވަރަށް ހީވޭ އެކަން ވާނެހެން…އަހަރެންގެ ޒާހިދައްތަ ހުރިއްޔާ ހުރިހާ ކަމެއްވެސް ވާނެ…އެހާ އަވަހަށް އޭނާގެ މައުލޫމާތުތައް ހޯދާލައިފި..އަހަންނާއި ލުފްޝާންގެ ކައިވެންޏަށް ތިދެމީހުންނަށް ދަޢުވަތު ދޭނަން އިނގެ” ފަރީނާ އޭނާގެ ދެކްލާސްމޭޓުން ކަމަށްވާ އުމާނާ އަދި ރީނާ ގާތުގައި ފޮނި ކަނޑަމުން ދިޔައެވެ. މަގުމަތިންދާ އެހެން މީހުންނަށްވެސް އަޑު އިވޭވަރަށް ކިޔަމުން ދިޔައެވެ. އަތުގައި އަޅުވާފައި އޮތް ހޭންޑް ބޭގް ރަނގަޅުކޮށްލަމުން އުމާނާ ބުންޏެވެ. ” ފަރީނާ ހާދަ ލަކީއޭ… އަހަންނަށްވެސް އެކަހަލަ މުއްސަންޖެއް ލިބޭނެނަމަ ދޯ…” ފަރީނާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ފަހަތަށް ބަލައިލިއިރު ފަރީނާ ހުރީ ހުއްޓިގެންނެވެ. އަނގަވަނީ ތަންމިނަށް ހުޅުވިފައެވެ. ފަރީނާއަށް ބަލައިލާފައި އުމާނާ އާއި ރީނާ ފަރީނާ ބަލަމުން ދިޔަ ދިމާލަށް ބަލައިލިއެވެ. އޭރު ފިހާރަ އަކުން ލުފްޝާން ނުހާގެ އަތުގައި ހިފައިގެން އައިސް ސައިކަލަށް އަރަނީއެވެ. “އަނެއްކާ އެއީތަ ތިކިޔާ ލުފްޝާން އަކީ… އޭނާ އެދަނީ އަންހެން ކުއްޖަކު ގޮވައިގެންނު…އެއީ އޭނަގެ ގާރލްފްރެންޑް ކަންނޭނގެދޯ އުމާ…ކިޔުޓް ކަޕްލްއެއް.. ސަޅި..ދެން ތިއަނގަ ލައްޕަބަލަ…ދިރޭ އެއްޗެއް ވަދެދާނެ…ފަރީ ދެން އެހެން ކަމަކާ އުޅޭ.. އެއީ މީހެއްގެ ހައްޤެއް…” ރީނާގެ ޝަހާދަތް އިނގިލިން ފަރީނާގެ އަނގަ ލައްޕާލަމުން ބުނެލިއެވެ. ފަރީނާ ވަނީ ރުޅި ގަދަ ވެފައެވެ. އަދި ދަތްކުނޑި ވިކާލާފައި ބާރުބާރަށް ހިނގައިގަތެވެ.
-ނުނިމޭ-