ރޫޔާ އާއި ނާޒުއާ ދެމީހުން ހިނގަމުން ހިނގަމުން އައިސް ކުއްލިއަކށް ހުއްޓުނެވެ. އެއަށްފަހު ކޮންމެވެސް ކަމަކާ ވިސްނާލިއެވެ. “ކިހިނެއްވީ…..؟ ކޮންކަމަކާ ތިވިސްނަނީ……” ރޫޔާގެ މޫނަށް ބަލާލުމަށްފަހު ވަރަށް ހައިރާންވެ ހުރެ އަހާލިއެވެ. އޭރު އެދެކުދިންނަށް މި ތިބެވެނީ ރޫޔާ މެންގެ ގެއާއި ދާދި ކައިރީގައެވެ. ދެން ޖެހިގެން އޮތް ގޯޅިން ލަނބާލާއިރު ނިކުމެވޭނީ އެގޭ ކުރިމައްޗަށެވެ. “ނާޒު ދެން ދޭ އިނގޭ މިހިސާބުން އަހަރެން އެކަނި ހިނގައިދާނަން….!” ރޫޔާ ވިސްނަން ހުރެފައި ބުނެލިއެވެ. “ކިހިނެއްވީ…….؟ އަހަރެން ރޫޔާގެ ގެއާއި ހަމައަށް ގޮސްގެން ކަމަކުނުދާނެތަ؟” ނާޒު އެކުވެރިޔާގެ މޫނަށް ބަލާލުމަށްފަހު އަހާލިއެވެ. އޭރު ރޫޔާގެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. ރޫޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” މާމަމެނަށް ނާޒު ފެނިއްޖިއްޔާ ދެން އެ ކަންތަކާޖެހުނީ……….ނޭނގެ އަހަރެންނަށް ކޮށްލާނެވަރެއްވެސް….” ރޫޔާ އިތުރަށް ބުނެލިއެވެ. ނާޒު ރޫޔާގެ އެދުމުގެ މަތިން އެހިސާބަށް ރޫޔާ ދޫކޮށްލުމަށްފަހު އެނބުރި އޭނާގެ ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ނާޒު އެނބުރި ދިޔައީކީ ހިތްހަމަ ޖެހިގެނެއް ނޫނެވެ. ރޫޔާ އާއި އެކު އެގެއާއި ހަމަ އަށް ދާން ނާޒު ކިތައްމެހާވެސް ބޭނުމެވެ. ރޫޔާ އެކަނި މަގުމައްޗަށް ދޫކޮށްލާކަށް ނާޒު ބޭނުމެއްނުވެއެވެ. އެހެން ނަމަވެސް ރޫޔާ އޭނާއާއި އެކު ނާޒު ގެއަށް ނުގެންދާނީ ސަބަބުތަކެއް ނެތިއެއް ނޫންކަން ނާޒުއަށް ވިސްނެއެވެ.

ރޫޔާމެންގެ ގެއަކީ އެހާ ތަނަވަސް ގެއެއްނޫނެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ބަލަހައްޓަނީ ރޫޔާގެ ބައްޕަ އާދިލް މަހަށް ގޮސްގެން ލިބޭ އެއްޗަކުންނެވެ. ރޫޔާގެ އިތުރުން އެގޭގައި ރޫޔާގެ ދޮންމަންމަ އާއި އޭނާގެ ދެދަރިންގެ އިތުރުން ރޫޔާގެ ބައްޕަ ފަރާތު މާމަ ދިރިއުޅެއެވެ. އާދިލް އެކަނި ކުރާ މަސައްކަތުން ގިނަފަހަރު އޮށްނަނީ އެގޭ އެއްމެންގެ ހަރަދު ބަރަދު ފޫބެއްދޭ ވަރު ނުވެފައެވެ. ރޫޔާގެ ދިރިއުޅުން އެގެއަށް ބަދަލުވުމާއެކު އެގޭ އެންމެންގެ ނަފުރަތާއި ރުޅިވެރިކަން ރޫޔާއަށް އަމާޒުވިއެވެ. ހުރިހާވެސް މައްސަލައަކީ ރޫޔާ އަކީ ބަލިކުއްޖަކަށް ވުމެވެ. އެމީހުން ދެކޭ ގޮތުގައި ރޫޔާ އަކީ އެމީހުނަށް ޖެހުނު ސުންޕާއެކެވެ. އެކަން އެމީހުން ރޫޔާ އާއި ދިމާއަށް ކިޔާއެއްޗެހިން ނާއި ކުރާ އަނިޔާއިން ސާފުވެ އެނގެއެވެ. އެކަމަކު ރޫޔާ ފަކީރު ކުރާނީ ވަކި ކީއްހެއްޔެވެ. އެގެއިން ނިކުމެގެން ދާނީ ވަކި ކޮންތާކަށްހެއްޔެވެ. އެފަކީރަށް އެހީވާނީ ވަކި ކާކުހެއްޔެވެ.

“ރޫޔާ……!ކޮންތާކަށް…….”ރޫޔާ ގެއާދިމާލަށް ދަނިކޮށް މީހަކު ގޮވާލިއަޑު އިވުނެވެ. “ކާކު އިދުރީސްތަ…..؟” ރޫޔާ އަހާލިއެވެ. “އާނ! އިދުރީސްއޭ މީ ރޫޔާ ކޮންތަނަކަށްތިދަނީ….” އިދުރީސް އައިސް ރޫޔާގެ އަތުގައި ހިފިއެވެ. ހަމަ ހިފުމާއެކު ރޫޔާ އަތް ފޮޅާލިއެވެ. އަދި ބާރު ހިނގުމެއްގައި ގެއަށް ދާން ހިނގައިގަތެވެ. އޭރު ރޫޔާގެ ހިތް ބާރަށް ތެޅެއެވެ. މޭގަނޑު ހީވަނީ ފުންމައިގެންފާނެ ހެންނެވެ. އޭރު އެގޯޅިތެރެއިން އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. ރޫޔާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އާދައިގެ މަތިން މިއަދުވެސް އިދުރީހުގެ އުނދަގޫފޯރީއެވެ. ރޫޔާއަށް ތަންކޮޅަކަށް ދެވުނުތަނާ އިދުރީސް އައިސް ރޫޔާ ހިފެހެއްޓިއެވެ. އަދި ގަދަކަމުން ކިސްކުރަން މަސައްކަތް ކުރިއެވެ. އިދުރީސް ހެޔޮނުވާނެ އަހަރެން ދޫކޮއްލާ….!” ރޫޔާ އިދުރީސްގެ ކިބައިން ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. އެއްމެފަހުން ރޫޔާ ރޯންފެށިއެވެ. އެއާއެކު އިދުރީސް ރޫޔާ ދޫކޮށްލިއެވެ. އިދުރީސް ދޫކޮށްލުމާއެކު ރޫޔާ ދުއްވައިގަތެވެ. އެއާއެކު މަގުމަތީގަ ބާއްވާފަ އޮތް ބަރޯއެއްގަ އަޅައިގަނެފައި ވެއްޓިއްޖެއެވެ. ރޫޔާ ވެއްޓި ޖެހުނު ގޮތުން ވަރަށް އަނިޔާވެސް ވިއެވެ. ހަމަ ވެއްޓުމާއެކު ކަހަލަ ގޮތަކަށް ތެދުވެ ގައިން ވެލި ފޮޅާލުމަށްފަހު ގެއާ ދިމާލަސް ހިނގައިގަތެވެ. ދެފަރާތަށް އަތް ހޫރުވަމުންނެވެ. އޭނާއަށް ހީވަނީ ފަހަތުން އިދުރީސް އަންނަހެން ނެވެ.

“އާދެވިއްޖެދޯ…..! މިހާރު ގެއިން ނިކުމެގެން ދިޔަތާ ކޮންއިރެއް ….ކޮންތާކު ތެޅިތެޅިފަތަ ތިއައީ….؟” ރޫޔާ އައިސް ގޭ ދޮރާށި ގިރާކޮށްލުމާއެކު ޖޯލިފަތީގަ އިން މާމަ ހަޅޭއްލަވައިގަތެވެ. ރޫޔާ ފަކީރު ދިޔައީ ސިއްސައިގެންނެވެ. ” މާމާ ރުޅިނާދެބަލަ…..އަޅުގަނޑު އިނީ އެތާ އަތިރިމަތީގަ ޖޯލީގައޭ……” ރޫޔާ ހިތާމަވެރި އަޑަކުން ބުނެލިއެވެ. މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ އެއްމެ އިރުކޮޅަކު ގޭގަ މަޑުވަނީކީނޫން އަބަދުވެސް ބޭރުގަ ޔަގީނޭ ކޮންމެވެސް ފިރިހެނަކު ގޮވައިގެން އުޅިފަކަން އެއައީ ބުނޭ ރަނގަޅަށް…..މާމަ ގެ އަޑު ބާރުވިއެވެ. މާމަގެ ހަޅޭކުގެ އަޑަށް ރޫޔާގެ ދޮންމަންމަ ސަމީރާއާއި އޭނާގެ ދެދަރިން އެތަނަށް އައެވެ. “ކިހިނެއްވީ އަނެއްކާ ؟” ސަމީރާ އަހާލިއެވެ. “ކީއްނުވަނީ….މިހިރަ ފެންނަ ލަދުކުޑަ ގޮތެއްނެތް ރޫޔާ ގަނޑާހުރެ މަގުމައްޗަށް ނިކުމެވޭކަށް ނެތް……ލަދުން ބޯފަޅައިގެން ދާވަރުވޭ….” މާމަ ބުނެލިއެވެ. “މާމާ ހެޔޮނުވާނެ އަޅުގަނޑުގެ ބޮލުގާ ތިފަދަ ބޮޑު ދޮގު އިލްޒާމެއް އަޅުވަން އަޅުގަނޑު ތިބުނާ ގޮތް ގޮތަކަށްނޫޅެން…..” ރޫޔާ ބުނެލިއެވެ. އެވަގުތު ސަމީރާ ކައިރިއަށް ރުޅިއައެވެ. “އަދި އެބަ މޫނުމަތީގަ ޒުވާބުކުރެއެއްނު….ކަލޭ ގޮތްގޮތަށް ނޫޅޭނަމަ…ރަށުތެރޭގަ އެފާޑަށް ވާހަކައެއް ނުދައްކާނެ ތިއުޅެނީ އަހަރެންގެ ވަރު ނޭނގިގެން އިނގޭ……! ސަމީރާ ގެ ބާރު ހުރި އެތިފަހަރެއް ނިކަމެތި ރޫޔާ ފަކީރުގެ ކަންކަށި މައްޗަށް އަރުވާލިއެވެ. އެއާއެކު ވީތަދުން ރޫޔާއަށް ރޮއެ ގަނެވުނެވެ. “އަދި އެބަ ރޮއެއްނު ހުރެބަލަ މިއަދު ކުޅިދައްކާލާނަން…..ސަމީރާއެކޭ ރުޅިއައިސް ރަތްވެފައިވާ ސިންގާއެކޭ އެއްގޮތެވެ. ގޮތެއް ފޮތެއް ނުބަލާ ރޫޔާގައިގަ ތަޅައި ގަތެވެ. ސަމީރާ ރޫޔާ ފަކީރު ގައިގަ ހިފާ ގަތުމާއެކު އެތަން ބަލަން ތިބި ސަމީރާގެ ދެއަންހެން ކުދިން އެކުދިންގެ މަންމައަށް ހިތްވަރު ދިނުމުގެ ގޮތުން އެކަމަށް ތަރުހީބުދިނެވެ. އަދި އެދެކުދިން ގޮސް ރޫޔާގެ ދެއަތުގާ ހިފާ ރަނގަޅަށް ހައްޔަރު ކޮށްލިއެވެ. މިހާރު ރޫޔާއަކަށް އެއްވެސް ގަދައެއް ނުހެދެއެވެ. އެފަކީރު ހުރީ އެތިން މީހުންގެ ހައްޔަރުގައެވެ. ސަމީރާ ކުރާނެ ކަމެއް ކުރަން ވީއެވެ. ރޫޔާ އޭނާގެ ދޮންމަންމަގެ އަތް ދަށުން ސަލާމަތް ވެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާގެ ދެކޮށްކޮ އެހުރީ އޭނާގެ ދެއަތް ހިފަހައްޓާފަ ވިއްޔާއެވެ. އެހެން ކަމުން ރޫޔާ އަކަށް ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

ސަމީރާމެން ރޫޔާ އަށް އަނިޔާ ކުރުން ހުއްޓާލީ އެގޭދޮށަށް މީހުން އެއްވަންފެށުމުންނެވެ. އޭރު ރޫޔާ ފަކީރުގެ އަނގަ މަތިންނާއި ގައިގެ އެކިތަންތަނުން ލޭއޮހޮރެއެވެ. ރޫޔާ ފަކީރު އަޑުން އަޑު ނަގާފައި ރޮމުން ގެންދެއެވެ. “ސަމީރާ އަވަސް އަވަހަށް އެމަންޖެ ގޮވައިގެން ގޭތެރެއަށްދޭ….! އަހަރެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެއްވެފައިވާ އަވަށްޓެރިން ހަމަޔަކަށް އަޅުވާނަން….” މާމަ ބުނެލިއެވެ. އޭރު އެގޭދޮށަށް ވަރަށް ބައިވަރު މީހުން ޖަމާވެއްޖެއެވެ. އެގޭގެ ދޮރުއަށި ތަޅުލާފަ ހުރުމުގެ ސަބަބުން އެތެރެއަށް ނުވަދެވިފަ ތިބީއެވެ. މާމަގެ ބަހަށް ސަމީރާ ރޫޔާ ފަކީރު ގެންގޮސް ރޫޔާ ފަކީރުގެ ކޮޓަރިތެރެއަށް ވައްޓާލިއެވެ. ރޫޔާ ފަކީރު ތަޅުންގަނޑު މައްޗަށް ޖެހުނު ގޮތުން ހަމަ ހޭވެރިކަން ފިލާ ދިއައެވެ.

“ފާތުމާ ރޫޔާ ހާދަވަރަކަށް އެރޮނީ އަނެއްކާ ކިހިނެއްވީތަ….؟” މަގުމަތީގަ ހުރި އަނހެނަކު ދޮރުގަ ޓަކި ޖަހާލަމުން ގޮވާލިއެވެ. އޭރު މަގުމަތީގަ ޖަމާވެފަ ތިބި ހުރިހާ އެއްމެންގެ ހިތުގައިވެސް ވަނީ އެސުވާލެވެ. އެއަޑަށް ފާތުމަ ދޮރާށި ހުޅުވާލިއެވެ. އަދި އެއްވެފަ ތިބި މީހުނާ ކުރިމަތިލީ ރުޅިވެރި ކަމާއެކުއެވެ. “ތީދެން ކިހާ ބޮޑުކަމެއް ހަމަ މީހަކު ރޯލާ އަޑު އިވޭއިރަށް އެއްމެންގަނޑު އައިސް ޖަމާވަން ޖެހޭތަ؟ އެއީ ކަލޭމެނާ ބެހޭކަމެއްތަ…..؟” ފާތުމަ ރުޅިވެރިކަމާއެކު އެއްވެފަ ތިބި މީހުނާ ދިމާލަށް ބުނެލިއެވެ. “އާނ! އަހަރެމެނާ ބެހޭކަމެއް އިންސާނަކަށް އަނިޔާއެއްލިބޭ ކަމަށް ވަންޏާ އެކަމެއް ހުއްޓުވުމަކީ ހުރިހާ އިންސާނުންގެ މައްޗަށް ވާޖިބެއް…..”އެއްވެފައި ތިބ މީހުން ގަނޑުގެ ތެރެއިން މީހަކު ބުނެލިއެވެ. “ތީބުނަނީ ރޫޔާއަށް އަހަރެމެން އަނިޔާކުރަނީއޭތަ އޭނަ އެރޮނީ އަހަރެމެން އަނިޔާ ކުރާތީއޭތަ….؟” ފާތުމަ ރުޅިއައިސް ދެލޯބޮޑު ކޮށްލާފަ އަހާލިއެވެ. ” އާނ! އަހަރެންނަށްޝައްކު އެއީ އަހަރެންގެ މިދެ ކަންފަތުން އަޑުއެހިން ރޫޔާ ރޮމުން ތިހެން ނުހަދާށޭ ގޮވާއަޑު…..!” އެމީހާ ބުނެލިއެވެ. ތީހަމަ ހީވާލެއް އަހަރެމެން އެމަންޖެއަކަށް އަނިޔާއެއް ނުކުރަން އަދި ނުވެސް ކުރާނަން …..” ފާތުމަ މިހެން ބުނެފަ ދޮރު ލެއްޕިއެވެ. “އެދޮރު ލެއްޕީނު….!މިހާވަރުން ދޫކޮއްލައިގެން ކަމަކު ނުދާނެ…. އަހަރެންނަށް ހަމަ ޔަގީން އެމީހުން އެނިކަމެތި ކުއްޖާއަށް އަނިޔާ ކުރަނީކަން…..” އެމީހާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ހަސަނާ މަށަށް ހީވަނީ ތީ ކުއްހީއެއްހެން އެމީހުން ކީއްކުރަން އެމަންޖެއަށް އަނިޔާކުރަންވީކީ….” އެހެން މީހަކު ބުނެލިއެވެ. އާދަނު މެނަކަށްނޭނގޭނެ ….އަހަރެންގެ ގެ އެހުރީ މިގެއާއި އެއިންކޮށް އަހަރެންނަށް މިގޭ މީހުން އެމަންޖެ އަށް އަނިޔާކޮށް ރޮއްވާ އަޑު ކޮންމެ ދުވަހަކު ހެން އިވޭ އެހެންވެ އަހަރެން އެހެން މިބުނަނީ ކަލޭމެނަކަށް ނޭނގޭނެ އެފަކީރު އެގޭގަ އެއުޅެނީ ހާދަ ހާލެއްގައޭ……ހަސަނު އަނެއްކާވެސް ބުނެލިއެވެ. “އާނ! އަހަރެންވެސް ތިކަމާ އެއްބަސް އެއްދުވަހަކު ދެދުވަހަކުނޫން އެފަކީރަށް އަނިޔާ ކުރާތީ އަހަރެންގެ ދެލޮލުންވެސް ދުށިކީ…..”އެހެން އަންހެނަކު ހަސަނާއެއްބައިވެލިއެވެ. “އަހަރެންނަށް ފެންނަނީ މިކަން ކަމާ ބެހޭ ފަރާތަށް އަންގަން ނިކަމެތި އިންސާނަކަށް އަނިޔާ ލިބޭކަން އެނގި ހުރެ އެކަން ނާންގާ ހުރުމަކީ ހަމަ އެކަމުގާ ބައިވެރިވުން….” ހަސަނު ބުނެލިއެވެ.
ނުނިމޭ

5

1 Comment

  1. nanni

    October 3, 2015 at 1:42 pm

    dhen nuliyan huvaakury tho?

Comments are closed.