ނޫރާ އާއި ލައިޝާ އެއަރޕޯޓްގެ ބޭރުގައި މަޑުކޮށްގެން ތިބޭތާ ފަނަރަ މިނިޓް ވެއްޖެއެވެ. އަދިވެސް މާލެދާން އުޅޭ ގުރޫޕެއް ނާދެއެވެ. ލައި މިހާރު ޒީނާއަށް ގުޅައިފިއެވެ. ފޯނެއް ނުނެގިއެވެ. ނޫރާވެސް ހުރީ ކޮންމެސް މީހަކަށް ގުޅައިގެން ނެވެ.
“ހެލޯ! ތިމީހުން ކިހާހިސާބެއްގަ؟” ނޫރާ އަހާލިއެވެ. “އާން އޯކޭ.” ބުނެފަ ފޯނު ކަނޑާލިއެވެ. “ފާތު އާ ނާއިފް އާ މި ކައިރިކުރަނީޔޯ” ލައިކައިރީ ނޫރާބުންޏެވެ.
“އެއޮށް އައީ އާޔަން” މަޑު އަޅި ކުލައަކަށްދާ ކާރެއް ދައްކަމުން ލައި ބުންޏެވެ. އޭރު ކާރު ޕާރކް ކޮއްފައި އާޔަން އޭގެން ފައިބަނީއެވެ. އާޔަން ހުރީ ނޫކުލައިގެ ޓީޝާޓް އަކާއި މުށިފާޑުކުލައެއްގެ ޖީންސް އެއް ލައިގެންނެވެ. އަދި ލޮލުގައި އަވިއައިނެއް އަޅައިގެން ނޫރާމެންނާ ދިމާއަށް ވަރަށް ރީތިކޮށް ހިނިތުން ވެލައިގެން އާދެއެވެ. ނޫރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. އާޔަންގެ އަސަރުގަދަ ހިނިތުންވުމާ ފިރިހެން ވަންތަ ހިނގުމުގައި އަންނަތަން ފެނުމުން ނޫރާއަށް އާޔަން އާދިމާއަށް ބަލަން ހުރެވުނީއެވެ.
“އެކަކުވެސް ނާދޭތަ؟” އާޔަން އައިސް ކައިރިއަށް ހުއްޓިފައި އެހެން ބުނުމުން ނޫރާ އަށް ހޭވެރިކަން ވެއްޖެއެވެ. އަނެއްކާ ނޫރާއަށް ވީގޮތް އާޔަން އަށް ފެނުނުބާއެވެ. އެހެން ހިތަށް އެރުމުން އަމިއްލައަށް ލަދުވެސް ގަނެއްޖެއެވެ.
“އެއްބަޔަކު ތިއޮއް އައީ.” ލައި ލޮލުގެ އިޝާރާތުން ދައްކާލަމުން ބުންޏެވެ. އޭރު އެތަނަށް ވޭން އެއް އައިސް ހުއްޓައިފިއެވެ. އޭގެންފޭބީ މޫސަ، ޒީނާ، އެމީހިންގެ ކޮއްކޮއަކާއި އެދެމީހުންގެ މަންމަ އާއި ބައްޕައެވެ.
އާޔަން އެތަނަށް ގޮސް ފޮށިތައް ބާލަދޭން އެހީ ވާން ފެށިއެވެ. އެވަގުތު ހަމަ ފާތު އާއި ނާއިފް ވެސް އައިސް ކާރުން ފެބިއެވެ.
އެއީ ވަރަށް އަވިގަދަ ގަޑިއެކެވެ. އެންމެންވެސް ތިބީ ދާހިތްލާ ހޫނުވެފައެވެ.
“ކީއްވެ ލަންކާ ފްލައިޓުން ތި ދަނީ؟” އާޔަން މޫސަ ކުރެން އަހާލިއެވެ. “މެލޭޝިއަން ފްލައިޓުން ދާނަމަ މާއަރާމުވާނެ. ފްލައިޓް ރޭގަނޑު އިންނާނީވެސް.”
“ޔާރ! އައި ނޯ! ބައްޕަ ބޭނުންވަނީ ލަންކާއަށް ގޮއްސަދާން އެހެންވެ.” މޫސަ ކޮނޑުގަ އަޅުވާފައޮތް ދަބަސް ނަގާ ޓްރޮލީ މަތީ ބާއްވަމުން ބުންޏެވެ.
“ދެން ނާއިފް މެންނޯ؟ އެމީހުންވެސް ލަންކާއަށް ގޮއްސަ ދަނީ؟” އާޔަން ޓްރޮލީގައި ހިފާލަމުން އަހާލިއެވެ.
“އެއީ ނާއިފް ކަންތައް! ނާއިފް ޒީނާއާއި އެއްކޮން ދާންވެގެން، ހަދައިގެން އުޅޭގޮތެއް. އެކަމާ ފާތު އެހުންނަނީ ނައްޓާފަ.” މޫސަ ޓްރޮލީ ދަމަމުން ބުންޏެވެ.
އޭރު ފާތުއާއި ނޫރާއަދިި ލައި އެމީހުންގެ ތަންކޮޅެއް ފަހަތުން ހިނގަމުން އާދެއެވެ.
“މި ނާއިފް އަކާހެދި އަދި މާލެ ދެވޭނެ ދުވަހެއްވެސް ނޭގެ!” ފާތު، ލައި އާއި ނޫރާއަށް އެވާހަކަ ކިޔައިދެމުން ބުންޏެވެ. “އަދި ޒީނާގެ ބައްޕަ އަށް ނާއިފް ވަރެއް ނެތް!” ފާތު ވަރަށް ސިއްރުން ނޫރާއާއި ލައި ކައިރީ ބުންޏެވެ. “މާލެ ދާން ޓިކެޓް ނަގައިދިނީ ޒީނާ ބައްޕަގެ ހަރަދުގަ. އެހެންވެ އެއްބަސް ވެގެން މިއުޅެނީ.”
“މިހާރު ދެފަރާތު ޕޭރަންޓްސް އަށްވެސް އިންގޭތަ ޒީނާގެ އާއި ނާއިފްގެ ކަންތަށް؟” ލައި ވެސް ވަރަށް ސިއްރުން އަހައިލި އެވެ.
“އޮފްކޯޒް ލައި! ނާއިފްގެ މަންމައާ ޒީނާގެ މަންމަ އަކީ ކްލޯޒް ފްރެންޑްސް. ސޯ މާބޮޑަށްވެސް އެގި ނިމިއްޖެ. ކިޔަވާ ނުނިމެނިސް މެރީވެސް ކުރާނެތޯޗެއް.” ފާތު ބުންޏެވެ.
“އޭ! އަވަސް ހުރިހާކުދިން އަވަސް!” ޒީނާގަ ބައްޕަ ގޮވާލިއެވެ.
ޓާރމިނަލް ތެރެއަށް އެންމެން އަވަހަށް ވަނެވެ. ޓްރޮލީގަ ހުރި ފޮށިތައް ޗެކިންނާހަމައަށް ލައިދީފައި ސަލާމް ކުރުމަށް ފަހު އާޔަންއާއި ނޫރާ އަދި ލައިޝާ ޓާމިނަލް ތެރެއިން ނުކުތެވެ. މެލޭޝިޔާގެ ޓާމިނަލްގެ އެހިސާބަށްވެސް ވަދެވެއެވެ.
“ލައި، ކާރުގަތަ އައީ؟ ” އާޔަން އަހާލިއެވެ.
“ނޯޕް! ލައި ކާރު ޓަޔަރ ބަދަލުކުރަން ވެފަ އޮތީ. މާދަމާ ހެނދުނު ލައި ފުރާތީވެ ކާރު އޮތްގޮތަށް ބޭއްވީ. އައިސްސަ ދެން އެކަމާއުޅެވޭނީ.” ލައި ބުންޏެވެ.
“ހިނގާ ދަމާ ކާން އެންމެކުރިން.” އާޔަން ބުންޏެވެ.
“ލައި ބޭނުމީ އަވަހަށް ގެއަށްދާން! ޕްލީޒް.. ލައި ވަރަށް ގިނަ ކަންތަށް ކުރަންޖެހޭ.” އާޔަންގެ ކާރާ ހަމައަށް އައިސް ނޫރާއަށް ކުރިއަށް އެރުމަށް ލައި ބޮލުން އިޝާރާތް ކޮށްލިއެވެ.
“އޯކޭ.. ލައި!” މާނަވީ ގޮތަކަށް ބަލައިލަމުން އާޔަން ބުންޏެވެ.
އެންމެން ކާރަށް އަރައިފިއެވެ. މަޑުމައިތިރި މިއުޒިކް އެއް އާޔަން ޕްލޭ ކޮއްލިއެވެ.
“އާޔަންގެ ކާރަށް ލައި ތިއެރީ އަލަށްތަ؟” އާޔަން ކާރު ދުއްވާލަމުން އަހާލިއެވެ.
“އާނ! ނޫރާ އަލަކަށް ނޫންތަ؟” ލައި އަހާލިއެވެ. އާޔަން ނޫރާއަށް ބަލައިލިއެވެ. އަދި ބުންޏެވެ.
“އޭނަވެސް އަލަށް!” އާޔަން އެހެން ބުނުމުން ލައި ބުމަ ހިއްލާލަމުން ވަރަށް މަޑުން އެއްޗެކޭ ބުނެލިއެވެ.
“އޭ..! ޗުކުޗުކު ނުލައްވަ އިވޭވަރަށް ތި ކިޔާއެއްޗެއް ކިޔާ އިނގޭ!” އާޔަން ލައިއާ ދިމާއަށް ކާރުގެ ކުރިމަތީ އިންލޯގަނޑު އަނބުރާލަމުން ބުންޏެވެ. “ތިހެން ނޭގޭގޮތަށް އެއްޗިހިކިޔާނެ ކަމެއްނެތް. އައިނޯ ވަޓް ޔޫއާރ އަޕްޓު.” އާޔަން ވަރަށް މަޖާވެފަ ބުންޏެވެ.
“ކީކޭ! ކީކޭ……؟ އަނެއްކާ މޫސަ އެއްޗެކޭބުނީތަ؟” ލައި ހާސްވެފަ ލޯގަނޑުން އާޔަން އަށް ބަލައިލަމުން ބުންޏެވެ.
“ހަހަހަ!” އާޔަން ހިނިގަނޑެއް ޖަހަލިއެވެ. “ނޫރާ! އަޑު އިވިއްޖެތަ؟ އާޔަން އެއްފަހަރުވެސް ބުނިންތަ މޫސަޔޭ؟”
“އޭ އަޅުވާ ކިޔާކަށް ނުވާނެއިނގޭ. އެއީ މާރަގަޅު ކަމއެްނޫން އިނގޭ!” ލައި ބުންޏެވެ. ލައި މިހާރު އިނީ ރަކިވެގެން ހަދާނެގޮތެއް ނޭގިފައެވެ.
“އަޅެ އާޔަން ދިމާކޮށްފިންތަ؟ ތި މިހާރު އަމިއްލައަށް ބޭޒާރު ވަނީ.” އާޔަން ބުންޏެވެ.
“ނޫރާ އަށް ވެސް ހީވެއްޖެ ކަމެއްވާހެން މިހަރު.” ނޫރާ ފަހަތުގަ އިން ލައިއަށް ބަލައިލަމުން ބުންޏެވެ.
“އަޅެ މީދަ ފެންނަ އާޔަނޫ…! މޫސަ އެވާހަކަ އާޔަން ކައިރީ ދައްކާނެކަން ލައިއަށް އިނގެޔޭ! އަސްލު ލައިއެއް ނުވެސް އުޅެން އެވާހަކަ ސިއްރުކުރާކަށް.” ލައި ބުންޏެވެ.
“އެކަމެއްނޭގެ! އަދިވެސް ނޫރާ އަށް މި އިންނަނީ ވަނުވާނޭގިފަ.” ހެވިފަ އިން އާޔަން އަށް ބަލައިލަމުން ނޫރާ ބުންޏެވެ.
“އޯލް ރައިޓް! ނޫރާ އެންޑް އާޔަން ޕްލީޒް ލިސްން. ނައު ވީ އާރ އިން އަ ރިލޭޝަންޝިޕް. ބަޓް ޑޯންޓް ޓެލް އަދާރސް ޔެޓް ޕްލީޒް.” ލައި ބުންޏެވެ.
“ކޮންއިރަކު ތިދެމީހުން ރައްޓެހިވީ؟” ނޫރާ ފަހަތަށް އެނބުރެމުން އެހިއެވެ.
“ނޫރާ ނުވެސް އަންނަނީސް! އާޔަން އަށް ޝައްކުވެގެން އެހީމަ މޫސަ އެ ބުނީ އޭނަ ކައިރީ އެހެންވެ އެ އުޅެނީ! ފާތު އަށް ވެސް ޝައްކުވެގެން އުޅެނީ މިހާރު.” ލައި ބުންޏެވެ.
“އެކަމު ނޫރާ އަކަށް ނޭގެ! ނޫރާގެ ހިތަކަށްވެސް ނާރަ.” ނޫރާ ބުންޏެވެ.
އެވަގުތު ކާރު އައިސް ލައި އުޅޭ ކޮންޑޯއަށް މަޑުކޮށްލައިފިއެވެ.
“އާޔަން! މާދަން ހެނދުނު އާދެވޭނެތަ ލައި އެއަރޕޯރޓަށް ލައިދޭން؟ އެގަޑީގަ ވަރަށް އުނދަގޫ ވާނެ ޓެކްސީވެސް..” ލައިގެ ވާހަކަ މެދުކަނޑާލަމުން އާޔަން ބުންޏެވެ. “އާން ދެން ޖެހޭނެތާ ދޯ އަންނަން. މޫސަ ދިޔައީ ހަވާލުކޮއްފަ ވިއްޔަ.”
“ޝްޝް… ދެން އަބަދު ކިޔާނެކަމެއް ނެތް އިންގޭ.” ލައިގެ މޫނުމައްޗަށް ވަނީ ރަކި ހިނިތުންވުމެއް ވެރިވެފައެވެ. ލައި ކާރުން ފޭބިއެވެ.
“އެނީވޭ ތޭންކްސް އާޔަން! ދެން ފުރުމުގެ ކުރިން ނޫރާއާ ދިމައެއް ނުވާނެނުދޯ! ބާއި ނޫރާ! ހެޕީ ހޮލިޑޭ!” ލައި ނޫރާއާއި ސަލާމް ކޮށްލިއެވެ. އަދި ކާރުދޮރު ލައްޕާލިއެވެ.
އާޔަން ކާރު ދުއްވާލިއެވެ. ނޫރާ އިނީ މިހާރު ހިތް އަވަސް ވެފައެވެ. އާޔަން އާއި ނޫރާ އެކަނި ވުމުން ނެވެ. ނޫރާއަށް އިރުކޮޅަކާ އާޔަންއާއި ދިމާއަށް ބަލައިލެވެއެވެ. އެވަގުތު ވަނީ ހަމަހިމޭންކަން ވެރިފައެވެ. އަނެއްކާ ދައްކަނީ ކޮންވާހަކައެއްބާއެވެ. ނޫރާގެ އަތާ ފަޔާ ފިނިވަމުން ދިޔައެވެ.
“ކާން ދާނީ ކޮންތާކަށް؟” އާޔަން ކުއްލިއަކަށް އަހާލިއެވެ.
“މަންމަ މިއަދު ބުނެފަ އޮތީ ގެއަށް އަންނައްޗޭ ކާން އެހެންވެ ނޫރާ ބޭނުމީ ގެއަށް ދާން.” ނޫރާ މަޑުމަޑުން ބުނެލިއެވެ.
“އެހެންތަ! އެހެންވިއްޔާ މިއަދު ނޫރާ މެންގޭން އާޔަންވެސް ކާނީ. އޯކޭތަ؟ ” އަޔަން ބުންޏެވެ.
ނޫރާ އާޔަން އަށް ބަލައިލިއެވެ. އެއީ އާޔަން ސަމާސާ އަކަށް ބުނި އެއްޗެއް ބާވައެވެ. އާޔަން ގޮވައިގެން ގެއަށް ގޮއްސިއްޔާ މަންމަގެ ސުވާލުތަށް ވަރަށް ގިނަވާނެއެވެ. ނޫރާ ދުވަހަކުވެސް އަދި ރައްޓެހިކުދިން ގެއަކަށް ނުގެންދެއެވެ. އެހެންވެ މަންމަ ވަރަށް ހައިރާން ވާނެއެވެ. އަނެއްކާ ގެއަށް ގެންދަން ފުރަތަމަ މި ޖެހުނީވެސް ފިރިހެން ކުއްޖެކެވެ.
“އޭތް ނޫރާ…! ކީއްވެ އެއްޗެއް ނުބުނީ؟ ނޫރާ އޯކޭ ނުވިޔަސް މިއަދު އިންޝާﷲ އާޔަން ކާނީ ނޫރާ މެންގޭން.” އާޔަން ބުންޏެވެ.
އޭރު ކާރު އައިސް ކަސަ ސުބާންގެ ކޮންޑޯ އަށް ކައިރި ކުރަނީ އެވެ. ނޫރާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.
“ނޫރާ އަށް އޯކޭ! މަންމަ ނޭގެ ބުނާނެއެއްޗެއް.” އެންމެފަހުން ނޫރާ ބުންޏެވެ.
“އާޔަންއަށް އިނގޭ ނޫރާ މަންމަ ހީކުރާނެ އެއްޗެއް!” ނޫރާއަށް ބަލައިލަމުން އާޔަން ބުންޏެވެ.
“ނޫރާ މަންމަ ހީކުރާނީ ނޫރާގެ ބޯއިފްރެންޑް ގޮވައިގެން މަންމަ އަށް ދައްކަން އައިކަމަށް.” ކޮންޑޯގެ އެއްފަރާތެއްގައި އާޔަންގެ ކާރު ޕާކުކުރަމުން ބުންޏެވެ.
“ދެން … އެހެން ހީ ނުކުރިއަސް ނޫރާ އަދި އެއްވެސް ފްރެންޑެއް ގެއަކަށް ނުގެންދަމޭ! އެހެންވެ މަންމަ ހުންނާނީ ޝޮކެއް ޖެހިފަ!” ނޫރާބުންޏެވެ.
“އެހެންތަ! ނޫރާ ގެއަށް ގެންނަ ފަރސްޓް ފްރެންޑް އަކީ އާޔަން ދޯ؟” އާޔަން ކާރު ދޮރު ހުޅުވަމުން ބުންޏެވެ.
“އާން މުޅި އުމުރުގަވެސް.” ނޫރާ ބުންޏެވެ.
ނޫރާ އާއި އާޔަން ނޫރާމެންގެ އެޕާރޓްމަންޓަށް ގޮސް ބެލް ޖެހުމާއި އެކު ނޫރާގެ މަންމަ ސައީދާ ދޮރުހުޅުވިއެވެ. އަދި ނޫރާ އާއިއެކު ބޭރު ފިރިހެން ކުއްޖަކު ހުރީމަ ހައިރާން ވެގެން ބަލަން ހުރެވުނީއެވެ.
“މަންމާ! މީ އާޔަން! އާޔަން! މީ ނޫރާގެ މަންމަ.” ނޫރާ މަންމަ އަށް އާޔަން ތައާރަފް ކޮށްދިނެވެ. “އާޔަން އާދޭ އެތެރެއަށް.” ނޫރާ އެތެރެއަށް ވަންނަމުން ބުންޏެވެ.
“އަސްސަލާމް އަލައިކުމް ނޫރާގެ މަންމާ. މިއައީ ނޫރާމަންމަ ކައްކާފަ ހުރި އެތިކޮޅު ކާލަން ވެގެން.” އާޔަން އެތެރެއަށް ވަދެ ބުންޏެވެ.
ސައީދާ ހުރީ ހަމަ އަސްލުގައިވެސް ޝޮކެށް ޖެހިފައެވެ. އެންމެފުރަތަމަ ނޫރާ ގެއަށް ރަށްޓިސަކު ގެނައިތީ އެވެ. ދެން އެއީ ބޭރު ކުއްޖަކަށް ވީތީ އެވެ. އަނެއްކާ އަނެއްކޮޅުން އެކުއްޖާ އެވާހަކަ އެދައްކަނީ ހަމަ ރީތި ދިވެހި ބަހުންނެވެ. އަނެއްކާ އެހާ ފަރިތަކޮން ނެވެ. އެއްވެސް ކަހަލަ އަޅައިގަތުމެއްވެސް ނެތި ހަމަ ދިވެއްސެއްހެން ނެވެ. ސައީދާ އެންމެބޮޑަށް ހައިރާންވީ ވެސް އެކަމާއެވެ.
“ވައަލައިކުމް ސަލާމް… ކިހިނެއް ތިހާރީތިކޮށް ދިވެހި ދަސްކުރީ؟” އެތަށް އިރަކު ހުރެފަ ސައީދާއަށް އަހާލެވުނީ އެހެންނެވެ.
“މަންމާ!… އެއީ ދިވެއްސެކޭ!” ނޫރާ ބުންޏެވެ. “އާޔަން އިށީނދޭ!” ސޯފާއަށް އަތުން އިޝާރާތް ކޮށްލަމުން ނޫރާ ބުންޏެވެ.
“ދިވެއްސެކޭ؟ މީ ދިވެއްސެއް؟” ކުރިއަށްވުރެ ބޮޑަށް ހައިރާންވެގެން ސައީދާ ނޫރާ ފަހަތުން ދަމުން އަހާލިއެވެ.
“އާން މަންމާ! އެއީ ހާލފް ކޮރެއާ ހާލފް ދިވެހި ކުއްޖެއް” ސައީދާ އިތުރަށް ސުވާލު ކުރާނެކަން ނޫރާއަށް އެގެއެވެ. އެހެންވެ ނޫރާ އަވަހަށް އެބައަންނަމޭކިޔާ އެތަނުން ސަލާމަތްވެގެން ކޮޓަރިއަށް ދިޔައެވެ.
“އެހެންތަ! އާޔަން އޭ ކިޔަނީ؟ އާޔަންގެ ބައްޕަތަ ކޮރެއާ މަންމަތަ؟ “ސައީދާ އާޔަން ކައިރީ އިށީންނަމުން ސުވާލުކުރަން ފެށިއެވެ. އާޔަން ކޮންމެ ސުވާލަކަށް ހިތްހެޔޮކަމާއެކު ޖަވާބުދެމުން ގެންދެއެވެ.
ނޫރާމެން ދިރިއުޅޭ އެޕާރޓްމަންޓަކީ ކުޑަ ތަނެކެވެ. ތިން ކޮޓަރިއާއި ބަދިގެ އަކާއި ފެންޑާއެއް ލާފައި ހުންނައިރު ނޫރާމެންގެ ކާމޭޒު ވެސް ހުންނަނީ ފެންޑާތެރޭގައެވެ. އަބަދުވެސް ގޭތެރެ އޮންނަނީ ސާފުކޮށްލާފައެވެ. ނޫރާގެ ކޮޓަރިއާއި ނޫރާ މަންމަގެ ކޮޓަރި ފިޔަވައި ދެން އަދި އިތުރު ކޮޓަރިއެއް ހުރެއެވެ. އެކޮޓަރި އެއީ ބައެއްފަހަރު މާލެއިން ބަޔަކު އައިސްފި ނަމަ ތިބެވޭގޮތަށް ހުންނަ ކޮޓަރިއެކެވެ.
ނޫރާ ތާޒާވެލައި ނަމާދުކޮށް ހަދައިގެން އައި އިރު ސައީދާ އާއި އާޔަން ތިބީ އަދިވެސް ވާހަކައިގައެވެ. ނޫރާ އާއި ޙިލާފަށް ސައީދާއަކީ ނިކަން ވާހަކަ ގިނަމީހެކެވެ. މީހުނާ ވާހަކަ ދެއްކުމަކީ ސައިދާ އެންމެ ކުރާހިތްވާ ކަންތަކެވެ. އެހެން އުޅެނިކޮން ދައްކަން ނުވާވާހަކަވެސް ގިނަފަހަރަށް ސައީދާއަށް އޮންނަނީ ދެއްކިފައެވެ.
ނޫރާ އައުމުން އާޔަން ނޫރާއަށް ބަލައިލިއެވެ. އަދި ހީލިއެވެ. އަދި ސައީދާ ދައްކާލަމުން އަތުން ބަރާބަރޭ ބުންޏެވެ. ނޫރާ ހީލިއެވެ.
ސައީދާ ތެދުވިއެވެ، “މަންމަ މިދަނީ ކާންހަދަން ދޭބަލަ ނޫރާކޮޓަރި ފާހާނާއަށް އާޔަން ވައްދަން. އޭނަވެސް ތާޒާވެލަން ބޭނުންވާނެނު.” ބަދިގެއަށް ވަންނަމުން ސައީދާ ބުންޏެވެ.
ނޫރާ އިށާރާތުން އޭނަ ފަހަތުން އައުމަށް އާޔަން އަށް ބުންޏެވެ. އާޔަން ނޫރާ ފަހަތުން ގޮސް ނޫރާ ކޮޓަރިއަށް ވަނެވެ. އެއީ ކުޑަ ކޮޓަރިއެކެވެ. އެހެނަސް ވަރަށް ތަރުތީބު ސާފު ކޮޓަރިއެކެވެ. އެނދުމަތީ އޮތީ ހުދުކުލައިގެ ބެޑްޝީޓެއް އަޅާފައެވެ. އެނދުގެ ފައިކޮޅުގައި ދިގަށް ފަތްޖަހާލާފައި އޮތް ފިޔާތޮށި ކުލައިގެ ރަޖައެއް އޮތެވެ. އެނދާދިމަލު ފާރުގައި ކުޑަކުދިން ކުރަހާފަ ހުންނަ ކަހަލަ ޑިޒައިން ތަކެއް ފްރޭމް ކޮށް އަޅުވާފައި ހުއްޓެވެ. އެކޮޓަރީގެ އެއްފަރަތުގައި ހުރި މޭޒެއްގައި ނޫރާގެ ފޮތްތަށް ތަރުތީބުން އަތުރާލާފައި ހުއްޓެވެ. އަދި މޭޒުމަތީގައި ލެޕްޓޮޕް އެއް އިނެވެ. ނޫރާގެ އެނދުމަތީ އޮތް ބާލީހާއި އެއް ގޮތަށް ކުރަހާފަ އިން ޑިޒައިނެއް މޭޒާދިމާލު ފާރުގައި ހިއްޕާފައި ހުއްޓެވެ. ލޯގަނޑު ބަހައްޓާފައި ހުރި ކަބަޑުމަތީ ނޫރާގެ ރީތިވާ ސާމާނު ހުއްޓެވެ. އެނދު ކައިރީ އިން ކަބަޑު މަތީގައި ބައިންދަފައި އިން ކުޑަ ފްރޭމް އެއް އާޔަން ނެގިއެވެ. އެއީ އަޔަންމެން އެއްފަހަރު ނަންޑޮސް ކިޔާ ރެސްޓޯރެންޓަކަށް ގޮސް އެންމެން ނަގާފަ އިން ފޮޓޯއެކެވެ.
“މީ އެއްކަލަ ދުވަހު ދޯ!” އާޔަން ފޮޓޯ ބަލައިލަމުން ބުންޏެވެ. އާޔަން އެ ފްރޭމް އެކަބަޑު މަތީ ބައިންދާލިއެވެ.
“ނޫރާ! ޔުއަރރޫމް އިޒް ރިއަލީ ޑިފަރެންޓް.” އާޔަން ބުންޏެވެ.
“އެއީ ކިހިނެއް؟” އާޔަން އަށް ބަލައިލަމުން ނޫރާ ބުންޏެވެ.
“އެއީ މިތާކު ނެތް މާގިނަ ރީތިވާ ސާމާނެއް. އާނމުކޮން އަންހެންކުދިންގެ ކޮޓަރީގަ ހުންނާނެ ލިޕްސްޓިކް ގަހަނާ ދެންގޮސް ވަރަށް ސާމާނު. މިތާ އެކަމު ވަރަށް ނެތް.” އާޔަން ބުނެލިއެވެ.
“ނޫރާ އަތުގަ ވެސް ހުންނާނެ! ކަބަޑަށްލާ ފޮރުވަފަ ހުންނާނީ ނޫރާއަށް އުނދަގޫވޭ ކޮޓަރިއަށް ގިނަވަންޏާ.” ނޫރާ ބުންޏެވެ. “ވަރަށް ގިނައިން އަންހެން ކުދިންގެ ކޮޓަރި ކޮޓައިއަށް ވަންނަންތަ؟” ސަމާސާ ރާާގަކަށް ނޫރާ އަހާލިއެވެ.
ނޫރާ އެހެން އެހުމުން އާޔަންއަށް ނޫރާއާއި ދިމާއަށް ބަލައިލެވުނެވެ. ނޫރާ އެހެން އެބުނީ ކޮންމާނައަކުބާއެވެ. “ނޫނޭ! މިހާރަކުނޫން. ކުރީޒަމާނުގަ ވަރަށް ގިނައިން ވަންނަން. މިގޮތަށް ތަރުތީބުކޮން އޮންނަ ކޮޓަރިއެއް އޢރުގަ ނުދެކެން.”
ނޫރާއަކީ ވަރަށް ސާދާސީދާކޮން އުޅޭ ކުއްޖެއްކަން އާޔަންއަށް އިނގުނެވެ. އަދި އެހާ ގޮތްބޮޑު ނޫންކަންވެސް އިނގުނެވެ. އެއީ ވަރަށް މަދު އަންހެންކުދިން އުޅޭގޮތެއްކަން އާޔަންއަށް އެގެއެވެ. އަދި އެގޮތް އާޔަންއަށް ވަރަށް ކަމުދެއެވެ.
“މިއޮތީ ތުވާލި! ނަމާދުކުރަން ބޭނުންނަމަ އެއޮތީ މުސައްލަ އިންގޭ. ނޫރާ މިދަނީ ނޫރާ މަންމައަށް ހެލްޕް ކޮށްދޭން.” އޮޅާލައިފައި އޮތް ފެހިކުލައިގެ ތުވާތްޔެއް އާޔަން އަތަށް އެއްލަމުން ނޫރާ ބުންޏެވެ. އަދި ކޮޓަރިން ނުކުމެގެން ހިގައްޖެއެވެ. އަޔަން ނޫރާގެ ކޮޓަރި ފާޙާނާއަށް ވަނަން ދިޔައިރު ފާޙާނާކައިރީ ނޫރާގެ ބައްޕަ އާއި މަންމަ އާއި ނޫރާގެ ފޮޓޯތަކެއް ހިއްޕާފައި ހުއްޓެވެ. އެފޮޓޯގައި ނޫރާ ވަރަށް ރީއްޗެވެ. އާޔަންގެ ހިތުގެ ތެރޭ އަބަދުވެސް ރަސްކަން ކުރަމުންދާ ކުއްޖާއަކީ މީއެވެ. ހާދަ ރީއްޗެވެ. ނޫރާގެ މަންމަ ދެންމެ އާޔަން ކައިރީ ދެއްކި ވާހަކައިން އާޔަން ހުރީ ވަރަށް ހެވިފައެވެ. ވަރަށް އުފަލުންނެވެ. ނޫރަގެ ފޮޓޮއަށް ބަލަން ހުރެލާފައި އެތާއޮތް ނޯޓް ފޮތެއްގައި އާޔަންގެ ލޯ އަޅައިގަތީ އޭގެ ބޭރުގަނޑުގައި ލިޔެފައޮތް އިބާރާތުން ނެވެ. “ވަޓް މައި ހާރޓް ސޭސް” އާޔަން ފާހާނާއަށް ވަނުމުގެ ކުރިން އެފޮތައް ނަޒަރު ހިންގާލިއެވެ.
ނޫރާ އައި އިރު ސައީދާ ހުރީ ކާން ތައްޔާރު ކޮށްފައެވެ. ސައީދާ އެވަގުތު އުޅެނީ ޖޫސް ގިރާށެވެ.
“މަންމަ އާޔަން ކައިރީ ކީކޭކީ؟” ނޫރާ އައިސް އޭނަ މަންމަ ކައިރީ އަހައިލިއެވެ. ސައީދާ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެކަން ނޫރާއަށް އެގެއެވެ.
“މަންމަ ނުކިޔަން އެއްޗެއް. ” ސައީދާ އަވަހަށް ބުންޏެވެ.
“ހަމަ ނުކިޔަން އެއްވެސް އެއްޗެއް ނޫރާއޭ ކިޔައިގެން؟” ނޫރާ އޭނަމަންމަގެ އަތުގަ ހިފާ ނޫރާއާއި ދިމާއަށް އަނބުރާލަމުން ބުންޏެވެ.
“މަންމަ… ދެން ކީކޭތަ ކިޔާނީ މަންމަ ބުނިހާވެސް އެއްޗަކީ ނޫރާ އަދި އެންމެ ކުއްޖަކާވެސް ރައްޓިއްސެއް ނުވެޔޭ. ނޫރާއަށްނިކަން ރީތި ކުއްޖެއް އުޅުނޭލަންކާގަ އެކަމު އެކުއްޖާ މާވިޔާނުދާ ކުއްޖަކަށްވީތީ ނޫރާވަރަށް ފޫހިވީޔޭ. ” ސައީދާ ބުންޏެވެ.
“މަންމާ! ދެން … ކީކޭ އޭނަ ބުނީ؟” ނޫރާ ބޭނުން ވީ އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިނގޭށެވެ.
“އޭނަ ބުނީ އެހެންހޯ. ދެން މަންމަ ބުނިން ނޫރާ އަށް ވަރަށް ރީތި ކުއްޖެކޭ އެއީ! އޭނައަށްވެސް ކިޔަނީ ހަމަ އާޔަންއެކޭ. ނޫރާ ވަރަށް ލައިކް ވިޔޭ އޭނަޔާ.” ސައީދާ އެހެން ބުނުމުން ނޫރާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި މަންމަ އަށް ބަލަން ހުރެގެން ނޫރާގެ އަތް މުއްކަވާލިއެވެ. އަދި ދަތްތައް ޖައްސާ ބާރުކޮށްގެން ހުރެ ބުންޏެވެ.
“ސާބަސް މަންމައަށް! އެހެންވެ ނޫރާ ފޫހިވަނީ! މަންމަގެ އަނގަގަދަ ކަމުން.” ނޫރާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. “އެއީ ލަންކާގަ އުޅުން އިރުގެ އާޔަންއޭ. އޭރުގެ އާޔަންގެ އުޅުމާ މިހާރުގެ އާޔަންގެ އުޅުމާާ ހާސްބައި ތަފާތު.” އެކަމު ކީއްކުރަންތަ ދެން މަންމަ ވެސް އެކަހަލައެއްޗިހި ކިޔަނީ ތަނެއްދޮރެއް ބަލައިނުލާ؟” ނޫރާހުރީ ވަރަށް ރުޅިއައިސްފައެވެ.
ސައީދާ ހުރީ އަނގަ ހުޅުވިފައެވެ. އަދި އެ ދެއްކުނު ވާހަކަ އާއި މެދު މޮޔަ ހިތަށް އަރާފައެވެ.
“މަންމަ އަށް ދެއްކުނީޔޭ ދެންކީއްތަ ކުރާނީ..” ސައީދާ އެންމެފަހުން ދެރަވެލާފައި ބުންޏެވެ.
އެވަގުތު އާޔަން އައިސްފިއެވެ. އެހެންވެ އަވަހަށް ނޫރާވެސް ސައީދާ ހެދި ޖޫސް ޖަގު ހިފައިގެން ބަދިގެއިން ނިކުމެއްޖެއެވެ. އަދި އާޔަންކައިރީ އެތަނުން ގޮނޑިއެއްގައި އިށީނުމަށް ބުނެ މޭޒުމަތީ ހުރި ތަށިތަކަށް ޖޫސް އަޅަން ފެށިއެވެ. އެވަގުތު ސައީދާވެސް ބަދިގެއިން ނިކުމެ އައިސް މޭޒުކައިރީ އިށީނެވެ. ނޫރާ ސައީދާއަށް ބަލައިލާފަ އަނގަ މަޑުން ލައިގެން އިނުމަށް އިޝާރާތް ކުރިއެވެ.
“މީ ހަމަ ނޫރާ މަންމަ ކައްކާފަ؟” އާޔަން ތަށްޓަށް ބަތް އަޅަމުން އަހާލިއެވެ.
“އާނ ތީ މަންމަ ހަދާފަ. މީރުތޯ ބަލައިލަބަލަ. ނޫރާއަށް ވަރަށް މީރުވާނެ. ” ސައީދާ ބުންޏެވެ.
“އާނ މަންމައިން ހަދާއެއްޗިހި އަސްލު ވަރަށް މީރުވާނެ. އާޔަން މަންމަ ވެސް ކައްކާނެ ވަރަށް މީރުކޮން އެކަމު އެއީ އާޔަން ގޭން ކަންޏާ ކައްކާނީ. ” އާޔަން ބުންޏެވެ.
“މިގޭގަވެސް ތިހެން. ނޫރާ ކަންޏާ ކައްކަނީ. ނޫރާވެސް ކައްކާނެ ބައެއްފަހަރު.” ސައީދާ ބުންޏެވެ. އެވަގުތު ނޫރާ ސައީދާ އަށް ބަލައިލިއެވެ. އަދި އިތުރަށް އެއްޗެއް ނުބުނުމަށް ބޮލުން އިޝާރާތް ކޮށްލިއެވެ.
“އެހެންތަ! ތިހެން ވިއްޔާ ތިޖެހުނީ އަދި އެއްފަހަރު މިގެއަށް ކާން އަންނަންތާ ދޯ!” އާޔަން ބުންޏެވެ.
“އާނ ނޫރާ ކައްކާ އެއްޗިހިން ރަހަބަލަން އަންނަން ވާނެ އަދި އެއްދުވަހުން. ” ސައީދާ ބުންޏެވެ.
“އާނ އެކަމު އޭގެކުރިން ނޫރާ މަންމައާއި ނޫރާ ޖެހޭނެ އާޔަންމެންގެއަށް ކާން ދާން. އާޔަން މަންމަ ކައްކާއެއްޗިހި ރަހަބަލަން.” އާޔަން ބުންޏެވެ.
“އާނ ދެވިދާނެ!” ސައީދާ އަވަހައް ބުންޏެވެ. ”
“މާދަމާ އެހެންވިއްޔާ ހިނގާ! މާދަމާ މެންދުރު އަންނާނަން ބަލާ އިނގޭ.” އާޔަން ހަމަޖައްސާލިއެވެ. މާދަމާ ދެވޭނެހެއްޔެވެ. ނޫރާ ސައީދާއަށް ބަލައިލިއެވެ. އަނެއްދުވަހު ސައީދާގެ ކޮއްކޮ ނައީމާ އަންނަންވާއިރަށް ތަންތަން ސާފުކުރުމާކަންތައްވެސް ކުރަން ޖެހޭނެތީ ނޫރާ މަންމައަށް އެކަންތައް ހަދާން ކޮށްދިނުމުގެ ގޮތުންނެވެ.
“އަލްޙަމްދު ﷲ! ވަރަށް މީރު ހުރިހާ އެއްޗެއްވެސް. ނަސީބެއް މިގެއަށް އާދެވުނުކަން.” އާޔަން ކައިނިމިގެން ތެދުވަމުން ބުންޏެވެ.
ނޫރާވެސް ތެދުވިއެވެ. އަދި އާޔަން އަތް ދޮވުމުން އާޔަން އަށް ޓިޝޫ އެއް ދިއްކޮށްލިއެވެ.
“މާދަމާ ވާނެ އިންގޭ އާޔަން މެންގެއަށް ދާން.” އާޔަން އަނެއްކާވެސް ބުންޏެވެ.
“އާނ މާދަމާ ރެޑީވެގެން ހުންނާނީ އާޔަން އަންނަންވާއިރަށް.” ސައީދާ ބުންޏެވެ. އަދި ނޫރާ ވެސް ހީލިއެވެ.
އާޔަން ކައިނިމިގެން މަޑުވެސް ކޮށްނުލާ އަވަހަށް ގެއަށް ދިއުމަށް ނިކުތެވެ. އާޔަން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ވަރަށް އުފާ ވެފައެވެ. އަގައިން ރާގެއް އަޅުވާލާފަ އައިސް ކާރަށް އަރާ ގެއަށް ދިއުމަށް ދުއްވާލިއެވެ.
ކޮންމެދުވަހަކު ފަތިސްނަމާދުކޮށްގެން ނޫރާ ނިދަނީއެވެ. ނަމަވެސް މިއަދު ނަމާދުކޮށް ނިމިގެން ނޫރާ ފެށީ ގޭތެރެ ސާފުކުރާށެވެ. ކޮޓަރިތައް ސާފުކޮށް އެނދުތައް ތަންމަތިއަޅާ ބަދިގެއާތަންތާ ފެންފޮތިލާހަދަމުން ނޫރާ ގެންދެއެވެ. އިރުކޮޅަކުން ނޫރާގެ ފޯނު ރިންގުވާން ފެށިއެވެ. އޭރު ގަޑިން އަށެއްޖަހަން އުޅެނީއެވެ. ނޫރާ ފޯނުނެގިއެވެ. އެއީ ލައިޝާ އެވެ. އެގުޅަނީ އޭނަ ފުރަން ދަމުންނެވެ.
“ހެލޯ! ލައި! އެއަރޕޯރޓްގަ ދޯ!” ނޫރާ ފޯނު ކަންފަތުގައި ޖެހުމާއެކު އަހާލިއެވެ.
“އާނ! މިއުޅެނީ އެއަރޕޯޓްގަ! ސައި ބޮނީ އާޔަން އާއެކީ! ލައި ބުންޏެވެ.
“އެހެންތަ! ލައި ދިޔައިމަ ނޫރާ ވަރަށް ފޫހިވާނެ. ދެން އެންމެން ތިދަނީ ވިއްޔަ.” ނޫރާ ބުންޏެވެ.
“އާޔަން ބުނީ ނޫރާ ފޫހިވިޔަކަ ނުދޭނަމޯ. އާޔަން އަބަދު ނޫރާއަށް ގުޅާނަމޯ.” ލައި ބުންޏެވެ.
“އެހެންތަ! ރަގަޅުތާދޯ. މިއަދު އާޔަން މެންގެއަށް ނޫރާމެން ކާން ދިއުމަށް ދައުވަތު ދީފަ އޮތީ” ނޫރާ ބުންޏެވެ.
“ވަޓް! ދެޓްސް ނޮޓް ފެއަރ. އާޔަން ވަރަށް ފަނި އިނގޭ.” ލައި ބުންޏެވެ.
ލައި އެހެން ބުނުމުން އާޔަން ކޮންމެސް އެއްޗެކޭ ބުނިއަޑު ނޫރާއަށް އިވުނެވެ.
“ކީކޯ އާޔަން އެކިޔަނީ؟” ނޫރާ އަހާލިއެވެ.
“ލައިމެން ހޮލިޑޭ ނިމިގެން އައިމަ އިންވައިޓް ކުރާނަމޯ!” ހިނިގަޑެއް ޖަހާލަމުން ލައިބުންޏެވެ. “ހޫން ދެން ކަނޑާލީޔޭ އިނގޭ! ޓޭކް ކެއަރ އެންޑް ސީޔޫ ސޫން!” ލައި ފޮނު ކަނޑާލުމުގެ ކުރިން ބުންޏެވެ.

27