ވީމޭ އިންތިޒާރުގައި 5 ވަނަ ބައި
ގަޑިން އެގާރަޖަހާ ބޮޑުވިތަނާ ނޫރާ ކޮޓަރިން ނިކުތީ ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސްއެއްލައިގެން ނެވެ. އިސްތަށިގަނޑު ވަނީ ނިއުޅާލާފައެވެ. އަދި ކޮނޑުގައި މަޑުނޫކުލައިގެ ދަބަހެއް އަޅުވާފައި އޮތެވެ. ނޫރާ އެއައީ އާޔަން މެންގެއަށް ދާން ދައުވަތު ދީފައި އޮތުމުން ތައްޔާރުވެގެންނެވެ. އޭރު ސައީދާ އިނީ ސޯފާގައި އައިނެއް އަޅައިގެން ފޮތެއްކިޔާށެވެ. ނޫރާ އައުމުން ސައީދާ ނޫރާއަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅުގެ ރީތިކަމާމެދު އަމިއްލައަށް ފަހުރުވެރިވެވުނެވެ. އަދި ހިނިތުންވެލަމުން ބުންޏެވެ.
“ދަރިފުޅު ހާދަ ރީއްޗޭމިއަދު! ތި ގަމީސް ވަރަށްގުޅޭ ދަރިފުޅާ.” ސައީދާ އެހެން ބުނުމުން ނޫރާ ލަދުރަކި ފާޑަކަށް ހީލިއެވެ. އެވަގުތު ފޯނުވެސް ރިންގުވާން ފެށިއެވެ. ނޫރާ ބަލައިލިއިރު ގުޅަނީ އާޔަންއެވެ.
“ހެލޯ!” ނޫރާ ފޯނަށް ޖަވާބު ދިނެވެ.
އާޔަން މިހިރީ ތިރީގަ ކަމަށް އާޔަން ބުންޏެވެ. އަދި ތިރިއަށް ފޭބުމަށް އާޔަން ބުންޏެވެ.
ނޫރާ އާއި ސައީދާ ތިރިއަށް ފައިބައިގެން ނިކުތް އިރު އާޔަންގެ އަޅި ކުލައިގެ ކާރު އޮތީ ސީދާ ކަސަސުބާން ދޮރުމަތީ އެވެ. އަދި އޭގެތެރޭ އާޔަން އިނެވެ. އެދެމައިން ގޮސް ކާރަށް އެރިއެވެ.
އާޔަންވެސް އިނީ ލައިގެން ހުދު ގަމީހެކެވެ. ނޫރާ ކާރަށް އެރުމުން އާޔަންއަށް ބޭއިޙްތިޔާރުގައި ނޫރާ އަށް ބަލަން އިރުކޮޅަކު އިނދެވުނެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ. އިސްތަށިގަނޑު ވަޔާ ވިހުރިލާގޮތްވެސް އެހާ ހިތްގައިމެވެ. ނޫރާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ނޫރާ އެއްފަރާތް ކޮށްލިގޮތްވެސް އާޔަންއަށް ވަރަށް ކަމުދިޔައެވެ. އަދި މީ އިއްތިފާގެއް ހެއްޔެވެ. ލައިގެންވެސް މި ތިބެވުނީ އެއްކަހަލަ އެއްޗެކެވެ.
“ލަސްވިތަ؟” އާޔަން ކާރު އިސްޓާޓު ކޮށްލަމުން އަހައިލިއެވެ. “ރެޑީ ވެގެން ތިބޭތާ ވަރަށް އިރު ވެއްޖެދޯ؟ އާޔަން މަންމަ ބުނެގެން ތާކަށް ދާންޖެހުނީމަ ލަސްވީ.” އާޔަން ކާރު އަނބުރާލަމުން ބުންޏެވެ.
“ނޫނޭ! ހަމަ ޓައިމް އަށް ތި އައީ! ދޯ މަންމާ!” ފަހަތު ސީޓުގައި އިން ސައީދާއަށް ބަލައިލަމުން ނޫރާ ބުންޏެވެ.
ކާރުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ސައީދާވެސް އިނީ އަނގަމަޑުންލައިގެނެވެ. ނޫރާ ސައީދާއަށް އެގޮތަށް އިނުމަށް ވަނީ މާކުރިން އަންގާފައެވެ. މާގިނަ އިރެއްނުވެ ކާރުގޮސް ވަނީ ބޮޑު ގޭޓަކުން އެތެރެއަށެވެ. ދެފަރާތުގައި ގަސް އިންދާފައިވާ މަގަކުން ގޮސް ލަބައިލިއިރު ދެބުރިއަށް ހަދާފައިވާ ރީތި ގަނޑުވަރެއް ފަދަ ގެއެއް ފެންނަން ހުއްޓެވެ. ގޭ ކުރިމަތީ ބޮޑު ސްވިމިން ޕޫލް އެއް އޮތެވެ. އިތުރު ކާރެއްވެސް ދޮރުމަތީ ޕާރކް ކޮށްފައި އޮތެވެ. އެއީ ގަދަ އަޅި ކުލައިގެ ފޯރޑް އެކްސްޕްލޯރަރ އެކެވެ. އާޔަން ގެ ކާރުވެސް އެކާރު ކައިރީ ޕާރކް ކުރުމުން އެންމެން ކާރުން ފޭބިއެވެ. އެވަގުތު އަންހެނަކު ދޮރުން ނިކުމެގެން އެދިމާއަށް އާދެއެވެ. އޭނާހުރީ ކަޅު ޝޯލް އަކާއި އޮރެންޖު ކުރުތާއަކާއި ކަޅުހަރުވާޅެއް ލައިގެންނެވެ. އެއީ ގައިމުވެސް އާޔަންގެ މަންމަކަން ނޫރާއަށް އިގުނެވެ. އޭނާ އައިސް ނޫރާ އަށް ވަރަށްލޯބިން ބަލައިލާފައި ބޮލުގައި ފިރުމާލިއެވެ.
“މީ ދޯ ނޫރާ އަކީ! ނޫރާގެ ވާހަކަ ވަރަށް އަޑުއިވޭ އެކަމު އަދިކިރިޔާ މި ފެނުނީ. ހިތަށް އެރިވަރަށް ވުރެންވެސް މާރީތި.” އާޔަންގެ މަންމަ ޒޫނާއަށް، ނޫރާ ވަރަށް ކަމުދިޔައެވެ. އަދި އެވަގުތު އާޔަން އައިސް ނޫރާ ކައިރީ ހުއްޓުމުން ވަރަށް ހިތްހަމަ ޖެހުނެވެ. ކިހާ ގުޅޭ ހެއްޔެވެ. އަހަރެންގެ ދަރިފުޅު ލޯބިވާ ކުއްޖާ ކިހާރީތި ހެއްޔެވެ. އާޔަންއަށް ނޫރާ ލިބޭނެނަމަ ކިހާރަގަޅުހެއްޔެވެ. ދެކުދިން އެކުގައި ދިބޭއިރު އެހެން މީހުން ހަސަދަވެރިވާނެއެވެ. އެހާވެސް ގުޅޭ ޖޯޑެކެވެ.
“މަންމާ! މިހިރީ ނޫރާގެ މަންމަވެސް!” އާޔަން ސައީދާއާއި ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނުމުން ޒޫނާދިޔައީ ސިހިގެނެވެ. އެވަގުތު ޒޫނާ ސައީދާއަށް ބަލައިލާފަ ހައިރާންވެގެން އެއްޗެއް ވިސްނާކަހަލަ ގޮތަކަށް ހުއްޓެވެ. ސައީދާވެސް ހުރީ މީ ހާދަ ފެނިފަ ހުރި މޫނެކޭ ހިތަށް އަރައަރަ އެވެ.
“ސައީ! ތީ ސައީ ދޯ!” ޒޫނާ އަށް މާކުރީގެ ހަނދާނެއް ވެގެން އުޅޭހެން ތަންކޮޅެއް ބާރަށް ބުނެވުނެވެ. އަދި ސައީދާއާއި ދިމާއަށް ދުއްވައިގަނެވިއްޖެއެވެ.
“ތީ… ތީ…ޒޫ ތަ؟” ސައީދާވެސް ގަބޫލުނުކުރެވިގެން އުޅޭކަހަލަ ގޮތަކަށް އަހާލިއެވެ.
“އާން! ސައީ! ހާދަ ދުވަހަކަށް ފަހުއޭ …” ޒޫނާ ސައީދަގައިގަ އޮޅުލައިގަތެވެ. ދެމީހުން ބައްދާލާފަ ދުރުވި އިރު ދެމީހުންގެ ލޮލުން ވަނީ ކަރުނަ ނިރާލާފައެވެ.
އާޔަން އާއި ނޫރާ ދުރުގަ ބަލަން ތިއްބެވެ. މިވަނީ ކީއްކަމެއް އެދެމީހުންނަކަށް ނޭގެއެވެ. އެކަމަކު ދެމަންމަ ވެސް އުފަލުން ރޮނީކަން އެނގެއެވެ. ވާނުވާ ނޭގިތިބެ ދެމީހުންވެސް ތިބީ ހިނިތުންވެފައެވެ. އެދެމަންމައިންގެ އުފާވެރިކަން ފެނިފައެވެ.
“ދަރިފުޅާ އާޔަން! މީ މަންމަގެ ބެސްޓް ފްރެންޑް! މަންމަމެން ކުޑައިރުން ފެށިގެން އުޅުނީ އެއްކޮން.” ޒޫނާ އާޔަން އަށް ގޮވާލަމުން ބުންޏެވެ. “ހާދަ އުފާ ވެއްޖެޔޭ! ހިތަކަށްވެސްނާރަ މިފަދަ ގޮތަކަށް ސައީއާއި ބައްދަލުވާނެ ކަމަކަށް. ސައީ ހާދަ ފަލައޭ މިހާރު.” ޒޫނާ ބުންޏެވެ.
“އަހަރެން ވެސް ވަރަށް އުފާވެއްޖެ! ޒޫވެސް ފަލަވެފަ ހުރީމަ އަހަންނަށް ނުވެސް އިނގުން. ޒޫ ކޮރެއާއަށް ދިޔަ ފަހުން ހަބަރެއްވެސް ވީއެއް ނޫންވިއްޔަ.” ސައީދާ ބުންޏެވެ.
“ހިނގާ އެތެރެއަށްދާން ހަމަޖެހިލައިގެން ވާހަކަ ދައްކާނީ.” ސައީދާގެ އަތުގަ ހިފައިގެން އެތެރެއަށް ވަންނަމުން ޒޫނާ ބުންޏެވެ. އެދެމީހުންގެ ފަސް ފަހަތުން އާޔަން އާއި ނޫރާވެސް އެތެރެއަށް ވަނެވެ.
ފުރަތަމަ ވަދެވުނީ ބޮޑު ހޯލް އެއްވަރުގެ ފެންޑާއަކަށެވެ. އެއްފަރާތުގައި ސިޑި ހުރި އިރު ހޯލްގެ މެދުގައި ހުދު ކުލައިގެ ސޯފާސެޓް ބަހަށްޓާފައި ހުއްޓެވެ. ސޯފާކައިރީ ވަނީ ރަތްކުލައިގެ ކާރޕެޓެއް އަޅާފައެވެ. ބިންމަތީގައި ވަނީ ސަންގުމަރުމަރު ހިލައިގެ ތަޅުމެކެވެ. ވަށައިގެންވާ ބޮޑެތި ކުޑަދޮރުތަކުން ގޭތެރެވަނީ އެއްކޮން އަލިކޮށްލާފައެވެ. މަތީގައި އެލުވާފައިވާ ރަތްކުލައިގެ ޗާންދަލިޔާ ތައް ދިއްލަފައި ނެތްކަމުގައިވިއަސް އޭގެން މުޅިތަނަށް އިތުރުޒީނަތްތެރި ކަމެއް ގެނެސްދީފައި ވެއެވެ.
އެންމެން ގޮސް ސޯފާގައި އިށީނެވެ. ކާމޭޒު ހުރީދިމަ ކުރިމަތީ ފެންނާށެވެ. އޭރުމޭޒުމަތީ ކާން ތައްޔާރު ކޮށް މަތިޖަހާފައި ހުއްޓެވެ.
އެހާ ތަނަވަސް ބޮޑު ގެއެއް ނޫރާ އާއި ސައީދާ އަދި ދުވަހަކުވެސް ނުދެކެއެވެ. ދެމީހުން ވެސް އާޝޯޙް ވެގެން ތަންތަން ހޯދާލިއެވެ. ރަގަޅަށް ބަލައިލިއެވެ. ވަރަށް ރީއްޗެވެ. ފުރިހަމައެވެ. އެކި ދިމާގައި އުޅޭ ދެތިން ނޯކަރުން އެމީހުންގެ މަސައްކަތުގައި އުޅެއެވެ.
“އެންމެކުރިން އުޅޭ ކަމާ ދޯ! އޭރުން ހަމަޖެހިލައިގެން ވާހަކަ ދެއްކޭނީ.” ޒޫނާގެ ވާހަކަ ދެއްކުމުގައި އެއްވެސް ބީރައްޓެހި ކަމެއްނެތެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ސައީދާ އަކީ ކުޑައިރުންސުރެ އެއްކޮން އުޅުނު މީހަކަށް ވާތީ ވާހަކަ ދައްކަން ޖެހިލުމެއް ނުވާނެނޫންހެއްޔެވެ.
އެންމެން ކާން ދިޔައެވެ. ކާން ހުރީ ދިވެހި ކެއުމެވެ. ބަތާއި، ރޮއްޓާއި، ގަރުދިޔައާއި، ތެއްލި ފަތާއި، ލޮނުމިރުހާއި، ކައޓަލައާއި، ފިހުނު މަހާއި އަދި މަސްކުރޮޅިއެވެ. މީން ޒަމާނަކު ނޫރާ ނުކާވަރަށް މިއަދު ނޫރާ ކައިފިއެވެ. އެއީ ނޫރާއަށް އެންމެ މީރު ކެއުމެވެ. ސައީދާ ކާން އިންއިރު އަނގަ ހުއްޓާނުލައެވެ. އެކިވާހަކަތަށް ނޫރާއަށް ކިޔާދެމުން ދެއެވެ. ނުރާ އިނީ އޭނަ މަންމަގެ އަނގަޔާ ހެދި ލަދުންނެވެ. ބައެއް ފަހަރު ބުމަ ކައިރިކޮށްލަމުން މަންމައާއި ދިމާއަށް ބަލައިލައެވެ. އެންމެންވެސް ކައިއަވަދިވެގެން ސޯފާގައި އިށީނެވެ. ސޯފާގެ ކުރިމަތީހުރި ކަޅުކުލައިގެ ކުޑަމޭޒުމަތީ ފޯށް ތަބަކެއް ހުއްޓެވެ.
“ކޮންތާކުން ދުފާއެއްޗިހި ހޯދަނީ ޒޫ؟” ސައީދާ ފޯށްތަބައް ނަގަމުން އަހާލިއެވެ.
“ތީ އާޔަން އެތެރެކޮށްފަ ހުންނައެއްޗިހި. އޭނަގެ ދިވެހި ރައްޓެހިން ވަރަށް ގިނަވާނެ. އެކުދިން ގެނެސްދޭ ހަދިޔާތީ.” ޒޫނާ ބުންޏެވެ.
“އާޔަން ދުފާތަ؟” ސައީދާ ހައިރާންވެ އިނދެ އަހާލިއެވެ. އެވަގުތު ނޫރާވެސް އިނީ ހައިރާން ވެފައެވެ. މީގެކުރިން އާޔަން ދުފާކަމެއް ނޫރާއަށްވެސް އެނގިފައެއް ނުވެއެވެ.
“އާނ! ދިވެއްސެކޭ އެއީ! ދޯ އާޔަން. ދޭބަލަ ނޫރާ ގޮވައިގެން މިގޭތެރެ ދައްކާލަން.” ޒޫނާ އެހެން ބުނީ ސައީދާ ކައިރިއަށް ޖެހިލަމުންނެވެ. ދެއެކުވެރިން ދައްކާނެ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ދަރިންގެ ކުރިމަތީ ނުދެއްކޭނެ ވަހަކަތައްވެސް އެބަހުއްޓެވެ. އެހެންވެ އަވަހަށް އެކުދިން ފޮނުވާލުމަށް ޒޫނާ ބުންޏެވެ.
އާޔަން ވަގުތުން ތެދުވީ އާޔަން މަކުރިންވެސް ބޭނުންވެފައިވާ ގޮތް ވީމައެވެ. އާޔަން ފަހަތުން އައުމަށް ނޫރާއަށް އިޝާރާތް ކޮށްލަމުން ސިޑިއާއި ދިމާއަށް އާޔަން ދިޔައެވެ.
“އެންމެ މަތިން ދޯ ފައްޓާނީ.” އެހެން ބުނަމުން އެންމެފުރަތަމަ އެރީ އެންމެ މައްޗަށެވެ. އެއީ ދެވަނަ ބުރިއެވެ. އެތާވަނީ ތިން ކޮޓަރިއާއި ބޮޑު ޓެރެސް އެކެވެ. އެއީ އެގޭގެންގުޅޭ މެއިޑުންގެ ކޮޓަރިތައްކަމުގައި އާޔަން ބުންޏެވެ.
އަޅި ކުލައިގެ ޓައިލްސް ޖަހާފައިވާ އެ ޓެރެސްގައި ހުރީ ހަމައެކަނި ކަޅުކުލައިގެ ދެމީހަކަށް އިށީނދެވޭވަރުގެ އުނދޯއްޔެކެވެ. އެއްކައިރީގައި ކުޑަ މޭޒެއްވެސް ބަހަށްޓާފައި ހުއްޓެވެ. ދެން ހުރީ އެއްޗިހި ހިއްކަން އަޅަން ދަމާފަހުރި ދެރޯނެވެ.
“މިތަނުން ވަރަށްރީތިވާނެ ވިއު.” އާޔަން ޓެރެސްގެ ފާރުބުރިމަތީ އަތްއަޅުވަލަމުން ބޭރުބަލައިލިއެވެ. “ރޭގަނޑު އާޔަން ފޮތް ހިފައިގެން އައިސް ކޮފީބޯން އިންނަން މިތާ.”
“ބަލައިލަ ބޭރު. ސަޅިދޯ!” އާޔަން ބޭރަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
ނޫރާ ބޭރު ބަލައިލިއެވެ. އެއީ ތެދެކެވެ. ބެރުން ފެންނަ މަންޒަރު ވަރަށްވެސް ރީއްޗެވެ. އެއީ ވަރަށް އުޑުމަތިސާފު ރީތިދުވަހެކެވެ. މާދުރު ދުރުން ބޮޑެތި އިމާރާތްތަކާއި ފަރުބަދަތައް ފެންނަން ހުއްޓެވެ. މިތަނުން މި ފެންނަ މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ބަލާ ފޫހިނުވާނެއެވެ. ކޮންމެދުވަހަކު އާޔަން މިތަނަށް އައިސް ކޮފީ ބޯވާހަކަ އެބުނީއެވެ. ކިހާ ހިތްގައިމުވާނެ ހެއްޔެވެ. ނޫރާވެސް މިތާ ކޮފީބޯހިތް ވެއްޖެއެވެ.
“އެއްދުވަހަކުން ވާނެ މިތާ ނޫރާވެސް ކޮފީ ބޯން އިނގޭ.” އާޔަން އެހެން ބުނުމުން ނޫރާ ދިޔައީ ސިއްސައިގެންނެވެ. އާޔަންއަށް ނޫރާ ހިތަށްއަރާ އެއްޗިހިވެސް އެގޭހެއްޔެވެ.
“ދެން ހިނގާ ތިރިއަށް ދަމާ އަދި އޮތީނު ކުރިއަށް” އާޔަން ހިގައި ގަންނަމުން ބުންޏެވެ.
“މީ ހުސް ކޮޓަރިއެއް. މެހެމާނުންގެ ކޮޓަރިއެއް.” ސިޑިން ފައިބާފަ އެންމެ ފުރަތަމަ ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލަމުން އާޔަން ބުންޏެވެ. އެއަށްފަހު އެއާ ޖެހުނު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި އެއީ އާޔަން މަންމަގެ ކޮޓަރި ކަމުގައި ބުންޏެވެ.
އެއީ ވަރަށްރީތި ކޮޓަރިއެކެވެ. ނޫރާ ނިދާ ކޮޓަރިއަށް ވުރެން އެތައް ގުނައެއް ބޮޑެވެ. ކޮޓަރީގައިވާ ފަރުނީޗަރުތަކުންވެސް އެއީވަރަށް އަގުބޮޑު ތަކެތިކަން އެނގެއެވެ. ދޮރު ފޮތިތަކާއި ކިންގު ސައިޒުގެ އެނދުމަތީގައި އަޅާފައިވާ ބެޑް ކަވަރުވެސް ވަނީ މުޅި ކޮޓަރިއާއި ގުޅުވާފައެވެ. ނޫރާއަށް އެކޮޓަރި ވަރަށް ރީތިވިއެވެ.
އެގޮތުން އެތަކެއް ކޮޓަރިއެއް ދައްކަމުން އާޔަން ކިޔައިދެމުން ދިޔައެވެ. އެބައިގައި ދެކޮޓަރި ފިޔަވައި ދެން ހުރީ ހުސް ކޮޓަރިއެވެ.
އާޔަން އެންމެ ފަހުންގޮސް އާޔަން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއީ ކަޅާއި ހުދުން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރިއެކެވެ. ކުރިން ފެނުނު ކޮޓަރިތަކަށް ވުރެ ފެންނަފެނުމަށް އެކޮޓަރި ކުޑަ ކަމަށް ދައްކައެވެ. ބޮޑު އެނދެއް ހުރީމަކަންނޭގެއެވެ. ނޫރާ ކޮޓަރިއަށް ވަދެ ވަށައިގެން ބަލައިލިއެވެ. ނޫރާއަށް އެނދުފިޔަވައި އެހެން ފަރުނީޗަރެއް ނުފެނެއެވެ. މުޅި ކޮޓަރީގަވެސް ވަނީ އެނދާއި އެނދުގެ ދެފަރާތުގައި ބަހަށްޓާފައި ހުރި ކުޑަ ދެ ކަބަޑެވެ. ދެން އެނދު ކައިރީ އަޅާފަ އޮތް މެރޫން ކުލައިގެ ކާޕެޓް އެވެ. ނޫރާ ހައިރާން ވެފައި އާޔަން އަށް ބަލައިލިއެވެ. އަދި އެއްޗެއް ބުނަން އުޅެނިކޮން ނޫރާއަތަށް ރިމޯޓެއް އާޔަން އެއްލިއެވެ. ނޫރާ ނުވިސްނަ ހުއްޓާ އެއްލި ރިމޯޓު ނޫރާއަށް ހިފުނީ ކިރިޔާއެވެ. އެއަށް ބަލައިލިއެވެ. އެއީ އެކި ކުލަކުލައިގެ ފިތްތަކެއް ލާފައި އޮތް ރިމޯޓެކެވެ. އޭގައި ފަސް ފިތް އިނެވެ. ސުވާލު އެފެދިފައި ހުރި ގޮތަކަށް ނޫރާ އާޔަން އަށް ބަލައިލިއެވެ. އާޔަން އޭސީ ރިމޯޓް ނަގާ އޭސީ އޮން ކޮށްލިއެވެ. އަދި ނޫރާ އަށް ބަލައިލިއެވެ. ނޫރާ އަތުގަ އޮތް ރިމޯޓަށް ނޫރާ ބަލައިލިއެވެ. ނޫރާ އެތަނުން ފެހިކުލައިގެ ފިތަށް ފިތާލިއެވެ. ފިތާލުމައި އެއްކޮން އެންދުގެ ކަނާތް ފަރާތު ބިތް އެއްކޮން ހުޅުވިއްޖެއެވެ. ކޮޓަރި ބޮޑުވީއެވެ. އެތަނަށް ބަލައިލުމުން ވެސް އެއީ އާޔަންގެ ކިޔަވާތަން ކަން އިގެއެވެ. ކަޅުލުލައިގެ ފޮތް ކަބަޑަކާއި ހުދުމޭޒަކާއި އަދި ކަޅު ގޮނޑިއެއްވެސް ކައިރިފަށެއްގައި ހުއްޓެވެ. މޭޒުމަތީ ލެޕްޓޮޕަކާއި އައިޕެޑް އެއް އޮތެވެ. ނޫރާ އަތުގަ އޮތް ރިމޯޓްގެ ނޫކުލައިގެ ފިތަށް ފިތާލުމާއިއެކު އެނދު ގެ ވައަތް ފަރާތު ބިތް އެއްކޮން ހުޅުވިއްޖެއެވެ. އެބިތުގައި އެއްކޮން ހުރީ ކަޅުކުލައިގެ އަލަމާރި އެކެވެ. އަލަމާރީގެ ދޮރުފަތްތައް ހުރީ ކަޅު ބިއްލޫރިންނެވެ. އެއީ އާޔަންގެ އަންނައުނާއި އެހެނިހެން އެއްޗެހި ލާ އަލަމާރިކަން ނޫރާއަށް އިނގުނެވެ.
ދެން ނޫރާ ރަތްކުލައިގެ ފިތަށް ފިތާލުމާއި އެކު އަލަމާރީގެ އެންމެ ބިއްދޮށުގައި އިން އެންމެ ބޮޑު ދޮރު ހުޅުވުނެވެ. ނޫރާ ހިނިއައެވެ. ނޫރާއަށް މިކަންތަށް މަޖާކަމަކަށް ވެސް ވިއެވެ. އެއީ ފާޙާނާއެވެ. ނޫރާއަށް މިހާތަނަށް ފެނުނު އެންމެ ރީތި ފާޙާނާއެވެ. ނޫރާ ފާޙާނާއަށް ވަނެވެ. އެއީ ބޮޑު ފާޙާނާއެކެވެ. އެތާގައިި ބޮޑު ޖަކޫޒީ އެއް ވެސް އިނެވެ.
“ވާވް!” ބޭއިޙްތިޔަރުގައި ނޫރާއަށް ބުނެވުނެވެ.
އެފަދަ ތަނެއް މީގެކުރިން ދުވަހަކުވެސް ނޫރާއަށް ފެނިފައެއް ނުވެއެވެ. ހައިރާންވެފައި ނޫރާއަށް އިރުކޮޅަކު ހުރެވުނެވެ.
ނޫރަ އަވަހަށް ދެން އިން ފިތަށް ފިތާލިއެވެ. ފިތާލުމާއިއެކު ކޮޓަރިއަށް ވަންނަދޮރު ހުޅުވުނެވެ. އަދި ބާކީ އެއްފިތް އިނެވެ ނޫރާ އެފިތަށް ވެސް ފިތާލިއެވެ. އެވަގުތު މުޅިކޮޓަރި ތެރެއަށް އަލިވެގެން ދިޔައެވެ. އެއީ ބެލްކަނޏެވެ. ބެލްކަންޏަށް ނިކުންނަދޮރު އެއްކޮން ކެހިގެން ދިޔައިއެވެ. ނޫރާ އެތަނަށް ނުކުމެ ބަލައިލިއެވެ. އެއީ އާޔަންމެންގެ ގެއަށް ވަންނަ ދިމާއެވެ. އެތަނުން އާޔަންމެންގެ ސްވިމިން ޕޫލް ރީތިކޮން ފެންނަން އޮތެވެ.
ނޫރާ ބެލްކަނީގެ ދަގަނޑުގައި ބަނޑު އަޅާލައިގެން ބޭރުބަލަން އޮތެވެ. އާޔަން އައިސް ނޫރާގެ ފަހަތުގައި ހުޓިލައިގެން ހުއްޓެވެ.
“އާޔަން އުޅޭ ގޮތުން ހިޔެއްނުވޭ ތީމިހާ މުއްސަނދި މީހެއްހެނެއް. މިބުނީ ދެން މިހާ މަތީ ފެންވަރުގެ މީހެއްހެން ހިއެއްނުވެޔޭ އެއގޮތަކަށްވެސް” ނޫރާ އެއޮތް ގޮތަށް އޮވެ ބުންޏެވެ.
“އާޔަން އަށް އަދިކިރިޔާޔޭ އިނގުނީ މުއްސަނދި ކަމަކީ އެއްވެސް އެއްޗެއްނޫންކަން. ކުރީގަ ލަންކާގަ އާޔަން އުޅުނީ ވަރަށް ފޮނިކޮން.” އާޔަން ބެލްކަނީގެ ދަގަނޑުގައި އަތްއަޅުވާލަމުން ބުންޏެވެ.
“ބުނީމެއްނު ލަންކާގަ ބީ. ޖީ. އެސް ގަ އުޅުނު އިރު ވަރަށް ލައިކްވާ ކުއްޖެއް ހުރެޔޭ! އެއީ ކޮންކުއްޖެއް؟” ނޫރާ އާޔަން އާއި ދިމާއަށް ބަލަން ހުރެ އެސުވާލު ކޮށްލިއެވެ.
ނޫރާ އެސުވާލު ކުރުމުން އާޔަންއަށް ތެޅިގަނެވުނެވެ. އެސުވާލު ކުރާނެކަމަށް އާޔަން ހިތަށްވެސް ނާރައެވެ. އާޔަން ނޫރާގެ ސީދާ ލޮލަށް ބަލައިލިއެވެ. އެއީ ނޫރާއެވެ. އެކަމަކު އެހެން ބުނާނީ ކިހިނެއް ހެއްޔެވެ. އަދި ބުނެވޭކަށް ނެތެވެ. ނޫރާ އާޔަންއާއި ގަޔާވާކަން މިހާރު ކޮންމެސް ވަރަކަށް އާޔަންއަށް ވަނީ އެނގިފައެވެ.
“އަދި ނެތޭ ބުނެވޭކަށް. އިރާދަކުރެއްވިއްޔާ އެއްދުވަހަކުން ބުނާނަން އިނގޭ!” އާޔަން ނޫރާގެ ލޮލުން ނަޒަރު ވަކިކޮށްލަމުން ބުންޏެވެ.
އާޔަން އެކުއްޖެއް ނޫރާއަށް އަންގަން ބޭނުން ނުވަނީ ކީއްވެބާއެވެ. ނޫރާއަށް އެއީ ނޫރާއޭވެސް ބައެއްފަހަރު ހިތަށް އަރަނީ ކީއްވެބާއެވެ. އެހެނެއް ނުވާނެކަންވެސް ނޫރާއަށް އެގޭއިރުވެސް ނޫރާގެ ހިތަށް އެހެން އަރަނީއެވެ.
“ކޮބާ އެކުއްޖާ މިހާރު؟ އާޔަންއާ ދިމާވޭތަ؟” ނޫރާ އެހިއެވެ.
“ނޫރާ. ދެން އެކުއްޖެއް އެނގުން އެހާ މުހިންމުތަ؟ ދެން އެކުއްޖާ ލިބެނެ ކަމެއްވެސް ނޭގޭ. އެކުއްޖާ އަބަދުވެސް އާޔަންގެ ހިތުގައި އުޅޭ. އާޔަންއަށް އެނޫން ކުއްޖެއްދެކެ ލޯބިވެވޭނެ ހެނެއް ހިޔެއްނުވޭ. އައި ލަވް ހަރ ވެރީ މަޗް. އޭނައަށް އެނގޭނަމަ އޭނަ އާޔަންއަށް ވެއިޓް ކުރާނެތަ؟” އާޔަންއަށް އެސުވާލު ނޫރާއާއި ކޮށްލެވުނީ ބޭ އިޙްތިޔާރުގައެވެ. ނޫރާއާއި ދިމާއަށް އާޔަންއަށް ބަލަން ހުރެވުނެވެ. “ދެން ތީ ކޮން ވާހަކައެއްތަ؟ އެކުއްޖާވެސް އުޅޭނެނު! ނޫރާ! ނޫރާކައިރީ ސީކްރެޓް އެއް ބުނަންތަ!” އާޔަން އަވަހަށް މައުލޫ ބަދަލުކޮށްލިއެވެ.
“ކޮންވާހަކައެއް؟” ނޫރާ ބެލްކަނީގެ ޗެނެޗޭނުގައި އުޅަބޮށި އަޅުވާލަމުން ފަހަތަށް އެނބުރުނެވެ.
“މީ… އަސްލު މީ ފެމިލީ މެޓަރ އެއް. އެކަމަކު އިޓްސް އީޓިން މީ. އެހެންވެ އޯކޭދޯ ޝެއަރ ކޮށްލިއަސް.” އާޔަން ހުރީ ޖެހިލުންވެފައެވެ. އާޔަންގެ އާއިލާއާއި ބެހޭ ވާހަކަ އެގޮތަށް މީހުންކައިރީ މީގެ ކުރިން އާޔަން ދައްކާފައެއް ނުވެއެވެ.
“އާޔަން، ޔޫ ކެން ޓްރަސްޓްމީ. މީ މަންމައެއް ނޫން. މަންމަގެ އިދިކޮޅު. އައި ކެން ކީޕް ސީކްރެޓްސް،” ނޫރާ އާޔަންގެ ލޮލަށް ބަލައިލަމުން ހީލިއެވެ.
“އޯކޭ! މިއަދު އައި ފައުންޑް އައުޓް ސަމްތިން…ހައުކެން އައިޓެލް… ” އާޔަންގެ ވާހަކަ މެދު ކަނޑާލީ ނޫރާއެވެ.
“ހަމަ ސީދާ ޕޮއިންޓް ބުނޭ. މާދުރުން ފަށާނެކަމެއް ނެތް!” ނޫރާ ހަމަޖެހިލަމުން ބުންޏެވެ.
“އާޔަންގެ ޑެޑް އާއި މަންމަ އާއި ޑިވޯރސްއެއް ނޫންކަން މިއަދު އާޔަންއަށް ކަށަވަރުވެއްޖެ!” އާޔަން ނޫރާއަށް ބަލައިލިއެވެ.
ނޫރާ އަޖައިބުވެގެން އަޔަންއަށް ބަލައިލިއެވެ. “އެކަމު އާޔަން ބުނީމެއްނު އެދުވަހު….” ނޫރާހުރީ ސުވާލު އުފެދިފައެވެ.