“ޒާމް! ރިޒޫއާ ދިމާއަށް އެއްޗެހި ނުކިޔައްޗޭ.” ސާރާ ކާރުގައި އިނދެފައި ބުނެލުމުން ހުޒާމް “ހޫމް”އެކޭ ބުނެލިއެވެ. މާދިގު ދަތުރަކާނުލާ ގެއަށް އާދެވިއްޖެއެވެ. އެ ބޮޑު ގޯތިތެރެއިން ކުރިއަށް ގޮސްގޮސް ހުރެފައި ސާރާ ހުއްޓުނެވެ. ހުޒާމްއަށް ސާރާގެ ހާލަތު ދެނެގަނެވިގެން އެއަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. ދެމީހުން އެކުގައި ގޮސް ދޮރުގެ ބެލް އަޅާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލީ އެއީ ރިޒްނާއަށް ވެދާނެތީއެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލީ ޝަރީފާއެވެ.
“އަނހަ ދަރިފުޅާ! އަންގާވެސްނުލާ.” ޝަރީފާ ބުނެލިއެވެ. ސާރާ ހުރީ ހުޒާމްގެ ފަހަތުގައިކަމުން އޭރު އޭނާއަކަށް އަދި ސާރާއެއް ނުފެނެއެވެ.
“ސަޕްރައިޒެއް ދޭންވެގެން.” ހުޒާމް އެހެން ބުނެލަމުން ސާރާގެ އަތުގައި ހިފާ ޝަރީފާއަށް ފެންނަގޮތަށް އެއްފަރާތަށް ނެރުނެވެ.
“ސާރާ! މިހާރު އަހަރެންގެ އަންހެނުން.” ހުޒާމް އެހެން ބުނެލުމުން ޝަރީފާއަށް އަނގަމަތީ އަތް އަޅާލެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. ނަމަވެސް ހުޒާމްއަށް އޭނާގެ ލޯބި ލިބުނީތީ ޝަރީފާ އިންތިހާއަށް އުފާވިއެވެ. އެވަގުތަކީ ރިޒްނާއަށް އައިސް ޝަރީފާގެ ފަހަތަށް ހުއްޓެވުނު ވަގުތެވެ. އެހެންކަމުން އޭނާއަށް ހުޒާމް ބުނި ޖުމްލަ ކިތަންމެ ރަނގަޅަކަށްވެސް އެނގުނެވެ. އޭރު ޝަރީފާއަކަށްވެސް އަދި ހުޒާމްއާއި ސާރާއަކަށްވެސް ރިޒްނާއެއް ނުފެނެއެވެ. އެހެންކަމުން އޭނާ މަޑުމަޑުން ފަހަތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
“ޒާމް ކީއްވެތަ އެހެން އެ ކަންތައްކުރީ؟ އަހަރެންނަށް ޒާމްދެކެ ލޯބިވެވުން އެއީ އަހަރެންނަށް ކުރެވުނު ކުށެއްތަ؟ ނޫންނަމަ ކީއްވެ އަހަރެން އެކަން ހާމަކުރީމަ ކީއްވެ އޭނަ އަހަރެން އެހާ ދުރުކޮށްލަންވީ؟ އަހަރެންނަކީ ޒާމްގެ ބެސްޓް ފްރެންޑޭ އަބަދުވެސް ބުނާނެ. ބެސްޓް ފްރެންޑަކީ ހަމަ މިހާ ދުރު މީހަކީތަ؟” ރިޒްނާގެ ހިތަށް ކުރި އަސަރުތަކެއްގެ ބޮޑުކަމުން އޭނާއަށް ވަގުތުން ރޮވިއްޖެއެވެ. އޭނާގެ ހިތްވަނީ ހުޒާމްއަށްޓަކައި ޝަކުވާއިން ފުރިފައެވެ. މިއީ އޭނާ ކުރި ކުށުގެ ސަޒާބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ޒާމް އެއައީ ސާރާ ގޮވައިގެން. މިހާރު އޭނައަށް އޮންނާނީ އަހަރެންގެ ހުރިހާ ކަމެއް އެނގިފަ. ޔަޤީން މިއަދު ޒާމް އަހަރެންނާ ދިމާއަށް ވަރަށް އެއްޗެހި ކިޔާނެ. ނޫން. ޒާމް އަހަރެންނާ ދިމާއަށް އެއްޗެހި ކިޔާ އަޑު އަހާކަށް އަހަރެންނަކަށް ކެތެއް ނުވާނެ. އަދި އަމުދުން ސާރާއާ ދެމީހުންގެ ލޯބީގެ މަންޒަރުތައް ބަލާކަށް ކެތެއްނުވާނެ.” ކުއްލިއަކަށް ރިޒްނާ އެނދުން ތެދުވިއެވެ. އޭނާ ބާރުބާރަށް މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. އޭރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހުޒާމްއާއި ސާރާވެސް ވާނީ ހުޒާމްގެ ކޮޓަރީގައިކަން ޔަޤީނެވެ. އޭނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.
“އަހަރެން އިތުރަށް މިދުނިޔޭގަ ހުންނާކަށް ބޭނުމެއްނޫން.” ރިޒްނާ އަމިއްލަ ނަފްސަށް އެހެން ބުނެފައި ނެގީ ބަދިގޭގައި އޮތް އެންމެ ތޫނު ވަޅިއެވެ. އޭނާއަށް ކުރަން މިއުޅެވެނީ ކީއްކަން ރޭކާނުލީ އެވަގުތު ހިތަށް ވަދެފައިވާ ނުބައި ޚިޔާލުތަކުންނެވެ. އިބިލީސްވެސް އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވައްދަމުން އޭނާ ފާފަޔާއި ގާތްކުރަމުން ދިޔައެވެ.
“ޒާމް! އަހަރެންނަށް މަޢާފްކުރޭ!” ރިޒްނާ އެހެން ބުނެފައި ވައަތުގައި ވަޅި ޖައްސާލިއެވެ. އެއަށްފަހު ލޯމަރާ ބާރުކޮށްލިއެވެ. ދެން ފެނިގެންދިޔައީ ބަދިގޭގައި ލޭކޯރެއް ހެދިގެން ދިޔަ މަންޒަރެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެންދިޔަ ވަގުތު ވަރަށް ބާރަށް އޭނާއަށް ހުޒާމް ގޮވާލި އަޑު އިވުނެވެ.
ރިޒްނާ ހޭއެރުމާއެކު ވަށާ ހޯދާލިއެވެ. ކައިރީގައި އިން ހުޒާމް ފެނުމުން އޭނާއަށް ރޮވެން ފެށުނެވެ. ހުޒާމް ރިޒްނާގެ ބޮލުގައި ފިރުމާލިއެވެ.
“ރިޒޫ! ކީއްވެ؟ ކީއްވެ ތިހެން ތި ކަންތައް ކުރީ؟” ހުޒާމް ދެރަވެލާފައި އަހާލިއެވެ.
“އަހަރެން މަރުވާން ދޫކޮށްނުލީ ކީއްވެ؟ އަހަރެން ދިރިހުރެގެން އެތައް ދުވަހަކު އެތައް ސަތޭކަ މަރަކުން މަރުވާތަން ދެކެންތަ ޒާމް ބޭނުންވަނީ؟” ރިޒްނާ ރޮމުން ބުނެލިއެވެ.
“ރިޒޫ! ހެޔޮނުވާނެ. ތިހެން ނުވިސްނާ. މާތް ﷲގެ ރަސްކަންފުޅަށްޓަކައި ނަމަވެސް ތިގޮތަށް ނުވިސްނާ. އަހަރެންނަކީ ބޭބެއެއްކަމަށް ވިސްނާ.” ހުޒާމް ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ ސަބަބުން ރިޒްނާ މަރުވާން އުޅުނީތީއެވެ.
“ޒާމްވެސް ކީއްތަ ވާނީ އެންމެ ފަހަރަކު އަހަރެންނާ ދޭތެރޭ ވިސްނާލިއްޔާ؟ އަހަރެން މިހާ ލޯބިވާއިރުވެސް…” ރިޒްނާ ވާހަކަ މެދުކަނޑާލަމުން ދުރަށް އެނބުރުނެވެ. އޭނާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.
“ރިޒޫ! ނިކަން މިކޮޅަށް އެނބުރިބަލަ. އަހަރެންނާއި ސާރާ، ރިޒޫ ކުރި ހުރިހާ ކަމަކަށް މަޢާފް ކުރުމުންވެސް ރިޒޫ ކީއްވެ ތިހެން ތި ކަންތައްކުރީ؟ މީ ދުނިޔެއޭ. އެއްވެސް މީހަކު ބޭނުންވާ ހުރިހާ ކަމެއް ބޭނުންވާހާ ގޮތަކަށް ނުވާނެ. ދުނިޔޭގަ އުޅޭއިރު ހިތާމަތަކާވެސް ކުރިމަތިލާން ޖެހޭނެ. އެއިން ހިތާމައެއް ކުރިމަތިވާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާން ވެއްޖެއްޔާ ކޮބާ ހައްލެއް؟ ކުށެއް ކުރެވުނީމަ އެމީހެއްގެ ކިބައިން މަޢާފަށް އެދި ﷲގެ ހަޟްރަތުން ތައުބާވީމަ އެކަން އެ ނިމުނީ. އޭގެ ބަދަލުގަ އަމިއްލައަށް މަރުވީމަ ވާނީ ކީއް؟ ދެދުނިޔެވެސް ގެއްލުނީ.” ހުޒާމްގެ ވާހަކަތައް ރިޒްނާވެސް ޤަބޫލުކުރިއެވެ. އޭނާ މިހާ ފިނޑި މީހަކަށްވީ ކޮންއިރަކު ހެއްޔެވެ؟ އެތައް އަނިޔާއަކަށް ކެތްކުރުމަށްފަހު ލޯބީގައި އޭނާ މިހާ ބަލިކަށިވެގެން ނުވާނެއެވެ. އޭނާއަކީ ހިތްވަރުގަދަކަމުގައި ނަމޫނާ އަންހެނަކަށް ވާނެއެވެ.
“ޒާމް! އަހަރެންނަށް މަޢާފްކުރޭ! އަހަރެންގެ ސަބަބުން ސާރާއާ ޒާމް ދުރުވާން ޖެހުނީ.” ރިޒްނާ ރޮމުން މަޢާފަށް އެދުނެވެ.
“އަހަރެންނަށް އެނގޭ ތިހުރިހާ ކަމެއް. އެނގޭތަ؟ ސާރާ އަހަރެން ގާތު ބުނީ ރިޒޫއާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނައްޗޭ. އޭނަ އަހަރެން ގާތު އެވާހަކަ ބުނީ އަހަރެން ލައްވާ އެކަމަށް ވަޢުދު ކުރުވާފަ. އަހަރެން އެހިސާބުން ހެޔޮހިތުން ރިޒޫއަށް މަޢާފްކުރިން. އަދި ސާރާވެސް. އެކަމް ތިހިރީ ރިޒޫ ކަންތައްކުރި ގޮތް.” ހުޒާމް ދެރަވެލާފައި ބުނެލިއެވެ.
“އަހަރެން މީގެފަހުން ކިތަންމެ ބޮޑުކަމެއް ވިޔަސް އަމިއްލައަށް މަރުވާކަށް މަސައްކަތެއް ނުކުރާނަން.” ރިޒްނާ ބުނެލިއެވެ. އޭނާގެ ހިތުގައި ސާރާއާމެދު އޮތް ހަސަދަވެރިކަން ފިލުވާލަން އޭނާ މަސައްކަތް ކުރާނެއެވެ. ސާރާގެ ހެޔޮކަން މިއަދު އޭނާއަށް ވަޒަން ކުރެވިއްޖެއެވެ.
“ވަޢުދުވޭ ދުވަހަކުވެސް ތިކަހަލަ ކަމެއް ތަކުރާރު ނުކުރާނެކަމަށް.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްގެ އަތުގައި ހިފާލިއެވެ.
“އަހަރެން ވަޢުދުވަން.” ރިޒްނާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. އެހިނިތުންވުން އެތައް ހާސް ކަރުނައަކާއި ވޭނަކަށްވުރެ އަސަރުގަދައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން ހަލުވިކޮށެވެ. ރިޒްނާވެސް ސާރާއާ ވާހަކަދައްކާ ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ސާރާގެ ފަރާތުން ކުރީގައި ފެނުނުފަދަ ގާތްކަމެއް ރިޒްނާއަކަށް ނުފެނުނެވެ. ނަމަވެސް އޭނާއަށް ކަންތައް ކުރެވިފައިވާ ގޮތުން އެއީ ކަންނުވެ ނުދާނެ ގޮތެއްކަންވެސް އޭނާއަށް ވިސްނެއެވެ. އެހެންކަމުން އޭނާ ހުޒާމްގެ ގާތުގައި އެވާހަކައެއް ނުދައްކައެވެ. އޭނާގެ ސަބަބުން އެދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. ވަގުތާއެކު ސާރާގެ ފަރާތުންވެސް އޭނާއަށް ގާތްކަން ލިބޭނެކަމުގައި އޭނާ ޔަޤީންކުރެއެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. ސާރާ އިނީ ހުޒާމް އޮފީހުން ގެޔަށް ނައިސް ލަސްވެގެންނެވެ. އޭނާ ހުޒާމްއަށް ދޭންވެފައި އޮތް ނިކަން އުފާވެރި ޚަބަރެއް އެބައޮތެވެ. އެ އުފާވެރި ޚަބަރު ދޭހިތުން މިހާރު އޭނާއަށް ކެތްވަނީކީއެއްވެސް ނޫނެވެ. ނަމަވެސް ފޯނުން ގުޅާފައި އެވާހަކަ ބުނާކަށް އޭނާ ހިތެއް ނޭދުނެވެ. އޭނާ ބޭނުންވީ ހުޒާމްގެ ކުރިމަތީގައި ހުރެ އެވާހަކަ ބުނުމުން ހުޒާމްއަށް ވާގޮތް ހަމަލޮލުން ދެކިލާށެވެ.
“ޒާމް! އަހަރެން ހާދަ އިރެއް ވެއްޖެއޭ ޒާމްއަށް އިންތިޒާރު ކުރާތާ.” ހުޒާމް އޮފީހުން އައިސް ގެޔަށް ވަތްތަނާ ސާރާ ބުނެލިއެވެ.
“ކިހިނެއްވީ؟ އަނެއްކާ މާބޮޑަށް ބޭނުންވީތަ؟ ހާދަ ކެތްތެރިކަމެއްވެސް ނެތޭ ދޯ މަގޭ ޖާނުގަނޑުގެ.” ސަމާސާ ރާގެއްގައި ހުޒާމް ބުނެލުމުން ހުޒާމްގެ މޭގައި މަޑުމަޑުން ޖަހާލަމުން ސާރާ “ދެން”އޭ ބުނެލިއެވެ.
“އެ ލަދުގަތީ. ހޫމް. ދެން ބުނެބަލަ. ކިހިނެއްވީ މިއަދު މާދިގު އިންތިޒާރެއް ތިކުރަނީ؟” ހުޒާމް އެހެން ބުނެލުމުން ސާރާ މާނަ ފުން ގޮތަކަށް ހީލިއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” ސާރާ ލަދުން ހުރެ ބުނެލިއެވެ.
“ކޮން ވާހަކައެއްތަ؟” ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ހުޒާމް އަހާލިއެވެ.
“ޒާމް ބައްޕައަކަށް ވަނީ.” ސާރާ އެހެން ބުނެލުމުން ހުޒާމްއަށް ވީގޮތްވެސް ނޭނގުނެވެ. އޭނާއަށް މިހާބޮޑު އުފަލެއް ދުވަހަކުވެސް ލިބުނުކަމެއް ނޭނގެއެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާއަށް މާތް ﷲގެ ހަޟްރަތަށް ޝުކުރުގެ ސަޖިދައެއްވެސް ޖެހުނެވެ. އަދި ސާރާ އުފުލާލަައިގެން ހުރެ މުޅި ކޮޓަރީގައި އެނބުރުނެވެ.
“މަންމަމެން ގާތު ބުނެފިންތަ؟” ހުޒާމް އަހާލިއެވެ.
“ނޫން. އެންމެ ފުރަތަމަ ޒާމް ގާތު ބުނަންވެގެން. ސިއްރުން ގޮސް ޓެސްޓުވެސް ކުރީ.” ސާރާ އެހެން ބުނެލުމާއެކު ހުޒާމް ސާރާގެ ކޮލުގައި ހިފާލިއެވެ. އަދި އެއަށްފަހު ސާރާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އިސާހިތަކު މުޅި ގޭގައި އެވާހަކަ ދެކެވެން ފަށައިފިއެވެ. އެންމެންގެ ފަރާތުންވެސް އެދެމަފިރިންނަށް ލިބެމުންދިޔައީ މަރުޙަބާއާއި ހެޔޮ އެދުންތަކެވެ. ރިޒްނާވެސް އެއުފަލުގައި ބައިވެރިވިއެވެ. އޭނާއަށް ހުޒާމްގެ ލޯބި ނުލިބުނަސް އޭނާ ބޭނުންވަނީ ހުޒާމްއަށް ދުނިޔޭގައި ވާހާ އުފަލެއް ލިބޭށެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، ސާރާގެ ފުރަތަމަ ފިލްމް “ރާނީ” ރިލީޒްކުރަން އެއްމަހަށްވެފައި އޮއްވާ އެއްދުވަހަކު އޭނާއަށް އައީ ޝާހިދުގެ ކޯލެކެވެ. ޝާހިދު އެދުނީ ފިލްމު ޕްރޮމޯޝަން ކަންތަކަށް ސާރާ އިންޑިއާއަށް އައިސްދިނުމަށެވެ. ސާރާ ފަހުން ޖަވާބެއް ދޭނެކަމަށް ބުނެފައި ފޯނު ބޭއްވީ އޭނާ ބަލިވެ އިނުމާއި އެކަމުގައި ހުޒާމްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ޤަބޫލުކުރާތީއެވެ. އަނެއްކޮޅުން އޭނާގެ ބަނޑަށް މިހާރު ފަސްމަސް ވެފައިވުމާއެކު އޭނާ އެކަނި ދާން ބޭނުންވެސް ނުވާތީއެވެ.
“ޒާމް! އަހަރެން އަނެއްކާވެސް އެބައޮތް ވާހަކައެއް ދައްކާލަންވެފަ.” ސާރާ އެހެން ބުނެލުމުން ހުޒާމް ބަލާލިއެވެ.
“ސާރާ! ތީ އަހަރެންގެ އަންހެނުން. ސާރާ ބޭނުން އެއްޗެއް ބޭނުން ވަގުތަކު އަހަރެން ގާތު ބުނެވޭނެ. ބޭނުން ވާހަކައެއް ދެއްކޭނެ. ހުއްދަ ހޯދާކަށް ނުޖެހޭނެ. އަވަހަށް ބުނޭ.” ހުޒާމް އެހެން ބުނެލުމުން ސާރާ ހިނިތުންވެލިއެވެ.
“ޒާމް! މިއަދު ޝާހިދު ސަރ ގުޅައިފި. ފިލްމު ޕްރޮމޯޝަން ކަންތަކަށް އިންޑިއާއަށް އައިސްދޭން އެދުނީ. އަހަރެން ކިހިނެއް ހަދަންވީ؟” ސާރާ އެހެން އަހާލުމުން ހުޒާމް ގާތަށް ކުޑަކޮށް ހިނިއައެވެ.
“ސާރާ! ތީ ސާރާގެ އަމިއްލަ މިނިވަންކަމާ ގުޅިފަ އޮތްކަމެއް. ސާރާ ބޭނުމިއްޔާ ދިޔަޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ސާރާ ބޭނުންކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ސާރާއަށް އޮންނާނެ. ސާރާ އަހަރެންނަށް ބޭވަފާތެރި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އެބައޮތް.” ހުޒާމް އެހެން ބުނެލުމުން ސާރާ ވަރަށް އުފާވިއެވެ. އޭނާއަށް އެހާ އިތުބާރުކުރާ އަދި އޭނާދެކެ އެހާ ލޯބިވާ ފިރިއަކު ލިބުނީތީއެވެ.
“ޒާމް! އަހަރެން މިގޮތަށް އިންދާ އެކަނި ދާކަށް ބޭނުމެއް ނޫން. ޒާމްއަށް ދެވޭނެތަ؟” ސާރާ އެހެން ބުނެލުމުން ހުޒާމް ބޯޖަހާލިއެވެ.
“މަގޭ ޖާނުގަނޑު ބުނީމަ ނުކުރެވޭނެ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ނޯންނާނެ. ދާނަން ލޯބި ބުނެފިއްޔާ.” ހުޒާމް އެހެން ބުނެލަމުން ސާރާ އޭނާއާ ގާތްކޮށްލިއެވެ.
“ޒާމް! އަދި އަހަރެން ވިސްނައިފިން އެހެން ގޮތެއްވެސް. އަހަރެން ވިހައިގެން އިތުރަށް ފިލްމު ކުޅޭކަށް ގަސްތެއް ނުކުރަން. އަހަރެން ވިސްނަނީ އަހަރެން ސޮއިކުރި ދެވަނަ ފިލްމު ދޫކޮށްލަން. އަހަރެން ބޭނުންވަނީ އަހަރެމެންގެ ދަރިފުޅަށް ފުރިހަމަ ތަރުބިއްޔަތެއްދީގެން ރަނގަޅު ގޮތުގައި ބޮޑުކުރަން.” ސާރާ އެހެން ބުނެލުމުން ހުޒާމް ވަރަށް އުފާވިއެވެ.
“އަހަރެން ހިތަށްއަރާ އެންމެނަށްވެސް ތިކަހަލަ ވިސްނުންތެރި އަނބިން ލިބޭނެނަމައޭ.” ހުޒާމް އެހެން ބުނެލުމުން ސާރާ މަޑުމަޑުން ހުޒާމް ގައިގައި ޖަހާލިއެވެ.
“ގޯނި ފުލަށް ލާނެކަމެއް ނެތް.” ސާރާ އެހެން ބުނެލުމުން ހުޒާމް ހީލިއެވެ.
“ހައްދާކަށް ނޫނޭ. ހަމަ އަސްލުވެސްއޭ.” ހުޒާމް ބުންޏެވެ.
“ހޫމް. ދެން އެންމެ ރަނގަޅޭ. ހިނގާ ކާން.” ހުޒާމްގެ އަތުގައި ހިފަމުން ސާރާ ބުނެލިއެވެ. ދެމަފިރިން ނުކުތްއިރު ރިޒްނާ ސިޓިންގރޫމުގައި ފޯނެއްގައި އިނެވެ. ހުޒާމް ނުކުތްތަން ފެނުމާއެކު ފަހުން ގުޅާނަމޭ ބުނެފައި އަވަސްއަވަހަށް ފޯނު ބޭއްވިއެވެ.
“ރިޒޫ! ހާދަ ވަގުވަގަށް. އަނެއްކާ ކޮންކަމެއް؟ އަނެއްކާ ބިޓެއް ނެގީތަ؟” ހުޒާމް ދިމާކޮށްލިއެވެ.
“ނޫން. އެކަހަލަ ކަމެއް ނޫން. ހަމަ ފްރެންޑެއް. ޒިމްނާ ގުޅީ.” ރިޒްނާ އަވަސްއަވަހަށް ބުނެލިއެވެ.
“އެކަމް ހާދަ ހީނުވެޔޭ. އަޅެ ދައްކަބަލަ ފޯނު ބަލާލަން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ އަވަސްއަވަހަށް ނޫނެކޭ ބުނެލިއެވެ.
“ކޮބާ؟ ބަސްޓްވީނު. ކާންދޭން ޖެހޭނެ.” ސާރާ ކުއްލިއަކަށް ބުނެލިއެވެ. ސާރާ އެހާ ގާތްކޮށް ވާހަކަދެއްކުމުން ރިޒްނާއަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ މިދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެކެވެ.
“މައްސަލައެއް ނޯންނާނެ.” އޮޅުވާނުލެވޭނެކަން އެނގޭތީ ރިޒްނާ އެއްބަސްވިއެވެ.
“ރިޒޫ ކައިފިންތަ؟ އާދޭ އަހަރެމެންނާ ބައިވެރިވެލަން.” ސާރާ ބުނެލިއެވެ.
“ނޫނޭ. އަހަރެން ޝަރިއްތައާއެކު ކައިފިން. ސާރާމެން ކާލާ.” ރިޒްނާ އެހެން ބުނެލުމަށްފަހު ޓީވީ ހުޅުވާލިއެވެ.
ޖެހިގެން އައި ހަފްތާގައި ސާރާއާއި ހުޒާމް އިންޑިއާއަށް ފުރިއެވެ. ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތަކުގައި އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ނަމަވެސް ހުޒާމްގެ އެހީތެރިކަމާއި އަޅާލުން އެންމެ ފުރިހަމައަށް ސާރާއަށް ލިބެމުންދިޔައެވެ. އެކި ތަންތަނަށް ދަތުރު ކުރުމުގައި އުޅެން ޖެހުމުގެ ސާރާއަށް ވަރުބަލިކަން އިހުސާސްކުރެވެމުން ދިޔައީ އިންތިހާއަށެވެ. އޭނާ ބަލިވެ އިނުމުގެ ސަބަބުން، ދަތުރުމަތީގައި އޭނާއަށް ދަތިނުވެ އަރާމު ކުރެވޭނެހެން ޝާހިދުމެން ވަނީ ކާރުވެސް ހަމަޖައްސައިދީފައެވެ. ހުޒާމް އެންމެ ހިތްހަމަޖެހުނީ އެކަމާއެވެ. މިހުރިހާ ކަމެއްގައިވެސް ސަލީމުގެ އެހީތެރިކަން ފާހަގަކުރެވޭހާ ބޮޑެވެ.
މަސްދުވަހުގެ ޕްރޮމޯޝަން ހަރަކާތްތަކަށްފަހު ސާރާގެ ފުރަތަމަ ފިލްމު “ރާނީ” ރިލީޒްކޮށްފިއެވެ. އެދުވަސް އޭނާއަށް ވަރަށް ޚާއްސައެވެ. އޭނާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ އޭނާގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖެހިގެން ދިއުމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ރިލީޒް ކުރުމާއެކު އެންމެންގެ ދޫތަކުން ފިލްމަށް އޮހެންފެށީ ތަޢުރީފެވެ. ޚާއްސަކޮށް ސާރާއަކީ އާ ކުއްޖަކަށްވެފައި ރާނީގެ ރޯލު އަދާކޮށްފައިވާލެއް މޮޅުކަމުން އޭނާއަށް ތަޢުރީފުކޮށްނުލާ އެކަކުވެސް އެފިލްމެއް ނުބަލައެވެ.
ދުވަހަކަށްވުރެ ދުވަހެއް ފިލްމުގެ ވިޔަފާރި ދިޔައީ ކުރިއަރަމުންނެވެ. ތިން ހަފްތާ ފާއިތުވީއިރުވެސް ފިލްމުގެ ވިޔަފާރިއަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. ޖެހިގެން އައި ދެހަފްތާގައި ރިލީޒްކުރި ފިލްމުތަކަށް ބެލުންތެރިންގެ ހިތުން ޖާގަ އަތުލެވިފައި ނުވާތީއެވެ. ތިން ހަފްތާ ވީއިރު އެފިލްމު ވެފައިވަނީ އަލަށް ތަޢާރަފުވި ތަރިއަކު ލީޑް ރޯލު ކުޅެފައިވާ ފިލްމުތަކުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. ސާރާއަށް އެކަމުން ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އޭނާގެ ފުރަތަމަ އަދި ފަހުގެ ފިލްމުން ރިކޯޑެއް ޤާއިމްކުރީތީއެވެ.
ރާނީ ފިލްމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޕާޓީ ވަނީ އެތައް ގޮތަކުން ޚާއްސަވިއެވެ. ސާރާއާއި ހުޒާމްގެ ކައިވެނީގެ ވާހަކަ ފުރަތަމަ ފަހަރަށް މީޑިއާގައި ހާމަކުރިއެވެ. އެހާ ދުވަސް ވަންދެން ކައިވެނި ސިއްރުކުރީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސާރާ ބުނީ ޒާތީ ދިރިއުޅުމުގެ ވާހަކައަކީ އިސްތިހާރުކުރަން ޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. އޭނާ ކައިވެނި ސިއްރު ނުކުރާ ކަމަށާއި އެކަން އެނގެންޖެހޭ މީހުންނަށް އެނގޭނެކަމަށެވެ.
ހުޒާމްމެން އެނބުރި މާލެ އައީ އިތުރަށް އެއްމަސް ވަންދެން އިންޑިއާގައި މަޑުކޮށްލާފައެވެ. ހުޅުލެއިން ސާރާ މާލެ އައުމަށް ޚާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. އެއީ އޭނާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން އެނގުމުން އޭނާ ވަރަށް އުފާވިއެވެ. ލޯންޗު ޖެޓީއާ ކައިރިވަމުން ދިޔައިރު ފެނުނު މަންޒަރުން އޭނާއަށް ލިބުނު ހައިރާންކަން ދެގުނަވިއެވެ. ޖެޓީ ކައިރިއަށް އެއްވެފައިވާ މީހުންތައް ފެނުމުން އޭނާއަށް ބަޔާންކުރަންދަތި އުފަލެއް ލިބުނެވެ.
ފާލަން މައްޗަށް ފޭބުމާއެކު މާތަކުގެ ގުލްދަސްތާއެއް އޭނާއަށް ލިބުނެވެ. އިސާހިތަކު މާފަތިތަކުން އޭނާގެ ކަރު ފުރިއްޖެއެވެ. ފާލަން މަތީ އަޅާފައިވާ ރަތްކުލައިގެ މަޑު ދޫލައިގެ މަތިން ހުޒާމްގެ އަތުގައި ހިފާލައިގެން ފަރި ހިނގުމެއްގައި އައިއިރު އޭނާއަށް އެތައް ތަޢުރީފެއްގެ އަޑު އިވުނެވެ. ދިވެހިރާއްޖޭގެ އައިޝްވާރްޔާ ރާއީއޭ ކިޔާ ގޮވާ އަޑުވެސް އިވުނެވެ. އެއަޑު އިވުމުން އޭނާއަށް ލަދުވެތިކަން އިހުސާސްވިއެވެ. އޭނާއާއި ދުނިޔޭގެ ރީތީގެ ރާނީއަކާއި އަޅާކިޔުމުން އޭނާ ލަދުގަތީއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތި އެއްވެފައިވާ މީހުންގެ ތެރެއިން ރަތް ދޫލަ އަޅާ ސާރާއަށް ޚާއްސަކުރެވިފައިވާ މަގުން، އެއްވެފައިވާ މީހުންނަށް ފަރި ހިނިތުންވުމެއް ހަދިޔާކުރަމުން އައިސް ސާރާއަށް ހުއްޓެވުނީ އޭނާއާއި ހުޒާމްގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ.
“މަރުޙަބާ!” ސަލާމަށް އަތް ދިއްކޮށްލަމުން އެޒުވާނާ ބުނެލިއެވެ. އެއީ ދަންނަ އަޑެއްހެން ސާރާއަށް ހީވިއެވެ. އެމީހާގެ މޫނުމައްޗާއި ދިމާއަށް މާބޮނޑިއެއް ހުރަސްކޮށްލާފައިވުމުން އެމީހާގެ މޫނެއް ނުފެނުނެވެ. އޭނާއަށް ބަލާލެވުނީ ހުޒާމްއަށެވެ. ސެކިއުރިޓީ މިހާ ވަރުގަދަކޮށް އޮތްއިރުވެސް އެފަދަ ގޮތަކަށް މީހަކަށް އެތަނަށް ވަދެވުނީ ކީއްވެބާއޭ ހުޒާމްގެ ހިތަށް އެރިއެވެ. ސާރާ ހައިރާންކަމާއެކު އެޒުވާނާއަށް ބަލަން ހުއްޓާ އެޒުވާނާ މާބޮނޑި އެއްފަރާތް ކޮށްލާފައި ހިނިތުންވެލިއެވެ. އެޒުވާނާގެ މޫނު ފެނުމާއެކު ސާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސާރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ އެއީ ކާކުކަން އެނގުމުންނެވެ. މީހަކު ފަޟީހަތް ކޮށްލާކަށްވެސް އެޒުވާނާ ފަހަކަށް ނުޖެހޭނެއެވެ. އޭނާއަށް ވަނީ ވަރަށް ރަނގަޅަށް އެކަން ތަޖުރިބާ ކުރެވިފައެވެ.
އެޒުވާނާއަކީ އެއް އިރެއްގައި ސާރާގެ ހަމަޖެހުމެވެ. އޭނާ އެޒުވާނާ ދެކެ އިންތިހާއަށް ލޯބިވިއެވެ. އެޒުވާނާވެސް އޭނާދެކެ ލޯބިވާކަމަށް ދަޢުވާކުރިއެވެ. ސާރާ ލިބިއްޖެނަމަ ކުރާނެ ކަންތައްތަކުގެ ލިސްޓު ގުނާ އަދަދު ނުކުރެވޭނެއެވެ. ސާރާ އޭނާއާ ރައޓެހިވުމަށް އާދޭސްކުރިއެވެ. އެޒުވާނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެރަށަށް އަރުވާލާފައި ހުރި މީހެކެވެ. ސާރާ އެޒުވާނާއާ ނުގުޅުނީވެސް އެއީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްކަން އެނގޭތީއެވެ.
ސާރާ އެޒުވާނާއާ ނުގުޅުން ވެގެންދިޔައީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ. ރަށުތެރެއިން އޭނާއަށް އެހާ އުނދަގޫކުރިއެވެ. އޭނާއަކީ އެޒުވާނާގެ ލޯބިވެރިޔާކަމަށް ބުނެ އަޑު އެރުވިއެވެ. އަދި އެދެމީހުންގެ މެދުގައި ނުހިނގާ ގުޅުމެއް ނެތްކަމަށްވެސް އަޑު އެރުވިއެވެ. އެކަމުގެ ސަބަބުން އޭނާއަށް އިންތިހާ ލޯބި ދީގެން ބޮޑުކުރި މީހުންގެ ފަރާތުން އެތައް އަނިޔާއެއް ލިބުނެވެ. އެއީ އޭނާ މީހަކާ ރައްޓެހިވެގެންނެއް ނޫނެވެ. އެހާ ވިޔާނުދާ މީހަކާ ގުޅުނީމައެވެ. ނަމަވެސް އެއީ އެމީހުންނަށް ކުރެވިފައި އޮތް ކުށްހީއެކެވެ. އޭނާއަށް އެޒުވާނާދެކެ ލޯބިވެވުނަސް އޭނާ އެޒުވާނާއަކާ ރައްޓެއްސެއް ނުވެއެވެ. ނުވިތާކަށް އޭނާ އެޒުވާނާދެކެ ލޯބިވާކަން އެއްވެސް މީހަކަށް ނާންގައެވެ. ނަމަވެސް އެޒުވާނާ އޭނާދެކެ ލޯބިވާކަމަށް ދަޢުވާކޮށްފައި ކެހިވެސް ދިނީއެވެ. އޭނާގެ ޢިއްޒަތާއި އަބުރު ވެއްޔާ މޮޑެވެސްލީއެވެ. އޭނާއާމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ.
“މަންޑޭ!” ސާރާއަށް މަޑުމަޑުން ބުނެވުނެވެ.
“މަރުޙަބާ!” މަމްދޫހު އަނެއްކާވެސް ބުނެލިއެވެ. މީހުން ހިތަށް އަރާފާނެ އެއްޗަކަށް ވިސްނާލާފައި ސާރާއަށް ސަލާމްނުކޮށް ހުންނާކަށް ނުކެރުނެވެ. އޭނާއަކީ ވަރަށް ބޮޑާ މީހެކޭ މީހުން ހީކޮށްފާނެއެވެ. މިހާ އަވަހަށް ފެންވަރު އޮޅުނީއޭ ބުނެފާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް “ޝުކުރިއްޔާ”އޭ ބުނެ ސަލާމްކޮށްލިއެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުޒާމް ހުރީ ވާނުވާ ނޭނގިފައެވެ.
“އަހަރެން ހީކުރީ ނޭނގޭނެކަމަށް. އެކަމަކު އެނގިއްޖެ ދޯ؟” މަމްދޫހު އެހެން ބުނެލުމުން ސާރާ ގާތަށް ވަރަށް ރުޅިއައެވެ. ނޭނގި ހުންނާނެ ހެއްޔެވެ؟ އެ ނާމާން ރޭ ސާރާގެ އަތުގައި ޖެހުނު ކަތުރު ކޮއްޕާލިތަން އެހެރީ ބުމަ ކައިރިން ފެންނާށެވެ. އަނެއްކޮޅުން ކޮލުގައި އެހެރަ ލަފު ހެއްކަކަށް ފުދެއެއް ނޫން ހެއްޔެވެ؟
“އަހަރެން ބޭނުން ސާރާއާ ބައްދަލުކޮށްލަން. ވަރަށް މުހިންމު ކަމަކު.” މަމްދޫހު ކުޑަކޮށް ޖެހިލުންވެފައި އެހެން ބުނެލުމުން ސާރާ ކުޑަކޮށް ވިސްނާލިއެވެ. ވަގުތު ބޭކާރުނުކޮށް އޭނާ ދާންވީ ކޮންތަނަކަށްތޯ އަހާލިއެވެ. އެއީ ކޮންމެހެން އޭނާ ދާންވެގެނެއް ނޫނެވެ. އޭނާ ބޭނުންވީ އަވަހަށް މަމްދޫހު އެތަނުން ފޮނުވާލާށެވެ. އޭނާ އެއްގޮތަކަށްވެސް މަމްދޫހުއާ ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. ވާހަކަދައްކަން ކީއްކުރަން ހެއްޔެވެ؟ މަމްދޫހުގެ ސޫރަ ދެކޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހުރިހާ އުފާތަކެއް ނިގުޅައިގަތް މީހާއެވެ. އޭނާގެ މުޅި ދިރިއުޅުން ފޭރިގަތް މީހާއެވެ. އޭނާގެ ހިތުގައި މަމްދޫހުއަށްޓަކައި ވަނީ ނަފުރަތެވެ. ހަމައެކަނި ނަފުރަތެވެ.
“މިރޭ ނުވައެއް ޖަހާއިރު ރަސްފަންނަށް އާދޭ. އަހަރެން އިންތިޒާރު ކުރާނަން. އަހަރެންނަށް ރަނގަޅީ ސާރާ އެކަނި ނައިއްޔާ. ދެން ދަނީ.” މަމްދޫހު އެހެން ބުނެލާފައި ދިއުމުން ސާރާ ހުޒާމްއަށް ބަލާލިއެވެ. އޭނާ ހުރީ ވިސްނުމެއްގައެވެ. އޭނާ ހުރިގޮތުން ސާރާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ އެއީ ރައްޓެއްސެކޭ ބުނެ ހުޒާމްއާއެކު ގެއަށް ދާން ހިނގައިގަތެވެ.
ގެއަށް ދެވުމާއެކު ގެއިން ސާރާއަށް މަރުޙަބާ ކީ ރިޒްނާއާއި ޝަރީފާއެވެ. ރިޒްނާވެސް ސާރާ އެފިލްމުގައި ވަރަށް މޮޅުކަމަށް ބުނެ ތަޢުރީފްކުރިއެވެ. ސާރާ ވަރުބަލިވެފައި ހުރުމުން ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލިއެވެ. ހުޒާމްވެސް އައިސް އޭނާގެ ގާތުގައި އޮށޯވެލިއެވެ.
“ބޮލުގަ ރިއްސަނީތަ؟” ސާރާ އޭނާގެ ބޮލުގައި އެއްއަތުން މޮޑޭތީ ހުޒާމް އަހާލިއެވެ. ސާރާ ބޯޖަހާލިއެވެ. ހުޒާމް ސާރާގެ ބޯ މޮޑެލަ މޮޑެލާ އޮއްވާ ސާރާއަށް ނިދިއްޖެއެވެ. ދެން އޭނާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖަހަނިކޮށް ހުޒާމް ގޮވީމައެވެ.
“ލޯބީ! ނުދަންތަ؟” ހުޒާމް އަހާލުމުން ސާރާ ކޮންތާކަށްހޭ އަހާލިއެވެ.
“މިރޭ ކޮންމެވެސް މީހަކާ ބައްދަލުކުރަން ދާންޖެހެއެއްނު.” ހުޒާމް އެހެން ބުނެލުމުން ސާރާ ވިސްނާލިއެވެ. ދާންވީބާއެވެ. އަނެއްކާ މަމްދޫހު އޭނާ ގާތުގައި ދާން އެބުނީ ކީއްކުރަންބާއެވެ. އޭނާއަށް ދެވުނު އަނިޔާ ކުޑައީބާއެވެ. އޭނާއަށް އުފާވެރި ދިރިއުޅުމެއް ލިބިފައި އޮއްވާ އަނެއްކާވެސް އެދިރިއުޅުމަށް ޒަހަރު ލާން ހެއްޔެވެ؟ ކުރީ ފަހަރު އޭނާގެ ނަސީބު ރަނގަޅުކަމުން ދުނިޔެއަށް ގިނަނުވީއެވެ. ހަމަ އެވަގުތު އޭނާގެ ވިސްނުން އެހެން ދިމާއަކަށް އެނބުރިއްޖެއެވެ. ނޫނެކެވެ. މިހާރު އެއީ ކުރީގެ މަމްދޫހުއެއް ނޫނެވެ. ކުރީގައި ދިގުކޮށް، ރޯނު ފޯލިތަކެއްހެން އޮޅާލާފައިވާ އިސްތަށިގަނޑުވެސް މިހާރު އެވަނީ ކޮށާލާފައެވެ. އޭރު ދިގުކޮށްފައިވާ ތުނބުޅިއާއި މަތިމަސްވެސް ވަނީ ހެޔޮވަރު ވަރަކަށް ތުނިކޮށްލައި ސްޓައިލް ކޮށްލާފައެވެ. މިހާރު ފެންނަ ފެނުމަށް ހަރުދަނާ ވައްތަރުވެސް ޖަހައެވެ.
“ލޯބީ! ކޯއްޗެއް ތި ވިސްނަނީ؟” ހުޒާމް ސާރާ ގައިގައި ކޮއްޓާލުމުން އޭނާ ދިޔައީ ސިހިގެންނެވެ.
“މި ވިސްނަނީ ދާންވީބާއޭ.” ސާރާ އެހެން ބުނެލިއެވެ.
“ލޯބި އެއްބަސްވީމެއްނު ދާން. އެހެންވީމަ ދާންވާނީ. އަހަރެންވެސް ދާނަން. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ.” ހުޒާމް އެހެން ބުނެލުމުން ސާރާ ހިނިތުންވެލިއެވެ. ހުޒާމްވެސް ދާނެ ވާހަކަ ބުނުމުން އޭނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
އެންމެ ރަނގަޅު. ޒާމް ދަންޏާ އަހަރެންވެސް ދާނަން.” އެހެން ބުނެފައި ސާރާ ވަނީ ފެންވަރާލާށެވެ. ފެންވަރައިގެން ނުކުމެ ކުޑަ ގޮތަކަށް ރީތިވެލިއެވެ. ދެން ހުޒާމްއާއެކު ބަދިގެއަށް ވަދެ ކައިގެން އޭނާ ހުޒާމްއާއެކު ރަސްފަންނަށް ދިއުމަށް މިސްރާބުޖެހިއެވެ. މަމްދޫހު ދައްކަން އެއުޅޭ ވާހަކައެއް ނޭނގޭތީ އޭނާ ކަންބޮޑުވިއެވެ. އަނެއްކާވެސް މަމްދޫހުގެ އޭނާގެ ދިރިއުޅުމާ ކުޅެން އުޅޭހެން އޭނާއަށް ހީވިއެވެ. ނަމަވެސް މިފަހަރު މަމްދޫހުއަކަށް އެކަން ކާމިޔާބެއް ނުވާނެއެވެ. މިރޭ އޭނާ މަމްދޫހުއަށް ވަރުގަދަ ރައްދެއް ދޭނެއެވެ.
ރަސްފަންނަށް ދެވުނުއިރު ނުވައެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. އޭރު މަމްދޫހު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ސާރާއާއި ހުޒާމް ފެނުމާއެކު މަމްދޫހު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ސާރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ވާންއުޅޭ ގޮތެއް ނޭނގޭތީއެވެ. މަމްދޫހު އައިސް ހުއްޓުނީ ސާރާގެ ކުރިމަތީގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Awww me first dhw…. Vvvvv reethi. Waiting for the next part
ޝުކުރިއްޔާ އާޝާ! މާދަމާ 16ވަނަ ބައި އަޕްވާނެ
vv reethi
ޝުކުރިއްޔާ މަރީ
Speachless ???
Waiting for the next part ❤
ޝުކުރިއްޔާ މިންމި! މާދަމާ 16ވަނަ ބައި އަޕްވާނެ
vvvvvvvvvvvvv salhi…. when nxt part
ޝުކުރިއްޔާ ސަންނު! މާދަމާ އަޕްވާނެ 16ވަނަ ބައި
Nic… next knirakun…
ޝުކުރިއްޔާ އަންކޮ! މާދަމާ 16ވަނަ ބައި އަޕްވާނެ
Varah reethi….
ޝުކުރިއްޔާ އިސްކާ
Dhn monday kuraane kamehvx neyge….heevani saaraa yah surprise eh dheynyhen.yageen eyna islaahubefa huriyya hurihaa vaahakeh kiyaadhee maafah edheyne…ehn nun nama nubaeh
ޝޫ! 16ވަނަ ބައިގަ އެނގޭނެ މަންޑޭ ހަދާނެ ގޮތްވެސް
V v v reethi
ޝުކުރިއްޔާ ރިމް
WOW!! it’s amazing… u r great Saandy… waiting for 16th part…
ޝުކުރިއްޔާ ކިޔާ މީހާ! މިހާރު އަޕްކޮށްފަ އިންނާނީ
<3
ThanQ Xeyboo 🙂