ހިތް އަދު ރޮނީއޭ ނުދާށޭ – 12 ވަނަ ބައި –
– 11 ފެބްރުއަރީގެ ބަޔާއި ގުޅޭ –
އޭނާ ފަޅު ރަށެއްގެ ގޮނޑުދޮށުގައި ހިނގާފައި ދަނިކޮށް، މީހަކު ސަލާމަތަށް އެދި ގޮވާ އަޑު އިވެއެވެ. އެ އަޑު އަންނަ ދިމާލަށް ބަލާލި ތަނުން ފެންނަނީ އެމީހަކު މޫދުގެ އަޑިއަށް ގެނބެމުންދާތަނެވެ. މަޑުވެސް ކޮށްނުލާ، ނާހިލް ދުވެފައިގޮސް އެމީހާ ސަލާމަތް ކުރުމަށް އަވަސްވެގަނެއެވެ. ފަސް މިނިޓެއް ހާއިރު ފަތާފައި އެހިސާބަށް ދެވުނު އިރު އެމީހަކު އެއްކޮށް އަޑިއަށް ގެނބެއެވެ.
ކުރިއަށް ވުރެވެސް ބާރަށް ފަތައިގެންފައި ނާހިލް ބެލީ، އެމީހަކުގެ ފުރާނަ ސަލާމަތް ކޮށްދެވޭތޯއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. އެއްކޮށް އަޑިއަށް ނުދަނީސް، ނާހިލް ހިފީ އެ މީހާގެ މެދުހަށީގައެވެ. އެއާއިއެކު، އެއްއަތުންް ފަތަމުން އަނެއްއަތުން އެމީހާ ގޮވައިގެން އެއްގަމާއި ހަމައަށް ދެވެއެވެ. އެހާހިސާބުން އެއީ އަންހެނެއްކަން އޭނާއަށް ޔަޤީންވެއެވެ. ނާހިލް، އެކުއްޖާގެ މޫނު މަތީގައި ތަތްވެފައިވަ އިސްތަށިތަައް އެއްފަރާތް ކޮށްލައެވެ. ދެން އިވެނީ އޭނާގެ މަންމަ ޒީވާ އޭނާއަށް ގޮވާލާ އަޑެވެ.
ނާހިލްއަށް ފުންމައިގެން ތެދުވެވުނީ މޫނަށް ފިނިވެގެންނެވެ. ފެންކަހަލަ އެއްޗެއްގެ ފިނިކަން އިޙްޞާޞް ކުރެވިގެންނެވެ. އޭރު ޒަވުޝްއާއި އެކުދިންގެ މަންމަ އެތަނުގައި ތިއްބެވެ. ޒަވުޝްގެ އަތުގައި ކުޑަ ފެން ތަށްޓެއްވެސް ހުއްޓެވެ. އޭރު އެމީހުން ތިބީ ނިދީގައި ނާހިލް އޮވެގެން ކުރި ކަންތަކުން ހޭށެވެ.
“ދެން ޒަވީ! މަންމާ! ކީއްވެތަ ކޮއްކޮ މި ފެން ހާކަނީ އަޅުގަނޑު ގައިގަ؟… އަދި މަންމަވެސް ހަމަ ހެނީނުން ތި އިނދެގެެން…” ނާހިލް ބޮޑާ ހާކާ ކަހަލަ ރާގެއްގައ ޒޫނާ ގެ އުގުގައި ބޯ އަޅާލަމުން ޅަ ވެލިއެވެ.
“ކޯއްޗެއްގަ އަތު ޖެހޭތޯ ތަ ތިއުޅެނީ ތިއުޅުނީ ތިއްތި މާވަރަކަށް؟….. ނިދާފަ އޮތް މީހެއް ވިއްޔަ މީ….ހީވަނީ އެހެން މީހުން ބިރުގަންނުވަން އުޅުނު ގޯސްޓެއްހެން…..ހެހެހެހެހެހެ ” ޒަވުޝް ގެ މިވާހަކައިން ނާހިލްއަށްވެސް ހެވުނެވެ. އޭނާއަށް ކުރެވުނު މޮޔަ ކަންތައް އަމިއްލައްށްވެސް ސިފަކުރެވުމުންނެވެ.
……………………………………………………………………………………..
ގޭގެ އެންމެނާއިއެކު ކެރަމް ކުޅެ ނިމުނު އިރު ލަޔާއަށް ނިދިއަންނަވަރުން އިނދެވެނީއެއް ނޫނެވެ. އެހެންކަމުން ކޮޓަރިއަށް ވަތްގޮތަށް އަވަސް އަވަހަށް ފްރެޝް ވެލައިގެން ނިދަން ޖައްސާލިތަނުން އޭނާގެ ބުރަކަށިދަށުން ހަރު އެއްޗެއް ޖެހިގެން ބަލާލިއެވެ. އޭރުފޯން އޮތީ އަންލޮކްވެސް ވެފައެވެ. ލަޔާގެ ލޮލުގައި އަޅައިގަތީ ‘ނިއު މެސެޖް’ މިހެން ސްކްރީނަށް އަރާފައިވީތަނެވެ. މެސްޖް ހުޅުވާލިތަނުން އޭނާގެ މޫނު މައަޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.
އޮފީހުގައި ލަޔާ އިން އިރު ފަހަރެއްގަވެސް އެފް ބީ އިން ލޮގް އައުޓެއް ނުވެއެވެ. ޝަހުމް އެނާގެ ރިކްއެސްޓް އެކްސެޕްޓް ކުރި ފަހުން ލަޔާ ހުންނަނީ ޝަހުމްއާއި ވާހަކަ ދައްކާލާ ހިތުންނެވެ. އެއީ ލަޔާކަން ޝަހުމް އަށް ނޭނގޭ ގޮތަށެވެ. އެހެން ނޫނަސް އޭނާ މިހާރު ލަޔާ މަތިން ހަނދާނެއް ނުހުންނާނެއޭވެސް ބައެއް ފަހަރު ލަޔާގެ ހިތަށް އަައެވެ.
” ލަޔާ އަހަރުން މިދަނީ ބްރޭކަށް…އަންނާކަށް ބޭނުމެއް ނޫންހެން ހީވަނީ މިއަދު ތިއުޅޭ ގޮތުން….”
“އަނެއްކާ ކޮން ކަމަކާތަ ތިއުޅެނީ މަ ވަރަކަށް ވިސްނަ ވިސްނާފަ؟…..”
ލަޔާއާއި އެއްކޮށް އޮފީހުގައި މަސައްކަތްކުރަމުންދާ ދީމާ އާއި އެހެން ދެތިންކުދިން މެންދުރުގެ ކެއުމަށް އޮފީސް ކެންޓީނަށް ދަމުން ލަޔާގެ ކެބިންއަށް ވަނީ ލަޔާވެސް ދާން ބޭނުންތޯ ބަލާލުމަށެވެ.
އެކަމަކުވެސް އެކުދިންނަށް ލަޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން، އެ އިނީ ބޯ ގޮވާފައޭ ކިޔާ ހެމުން ހެމުން އެކުދިން ނިކުންނަން ދިޔައެވެ. އެވަގުތަކީ ލަޔާއަށް ޝަހުމް އޮންލައިންގައި ކަމަށް ފެނުން ދަނޑިވަޅެވެ. އެ ހިސާބުން ލަޔާ ޝަހުމްއާއި ވާހަކަ ދައްކަން ފެށިއެވެ.
އެ ދުވަހަށް ފަހުން މި ދެކުދިން ގިނަވަގުތު ވާހަކަ ދެއްކުމުގައި ހޭދަ ކުރެއެވެ. ޝަހުމްވެސް ކޮންމެވެސް ވަރަކަށް އޭނާެގެ ޙަޔާތުގެ އަނދިރި ފަލްޞަފާ ލަޔާއަށް ކިޔައިދެއެވެ. ހަމަ އެހެން ލަޔާވެސް ހެޔޮ އެދޭ ރަޙްމަތްތެރިއެއް ފަދައިން ޝަހުމް ގެ ވާހަކަތަކުގައި ޙިއްޞާވެއެވެ. އަދި ނީޒާގެ ހަނދާނުގައި ޝަހުމްގެ ޙަޔާތް ބަރުބާދު ނުކޮށް އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަރުބިއްޔަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އަބަދުވެސް ބުނަމުން ދެއެވެ. މިކަމުގެ ނަތީޖައަކަށް ވީ ޝަހުމް ވަޒީފާއަކަށް ވަނުމަށް އެނބުރި ރާއްޖެ އަންނަން ނިންމުމެވެ. ހާޝިމްއަށް ޝަހުމް އަމިއްލައަށް ގުޅާފައި މާލެ ދާން ބޭނުން ވާ ވާހަކަ ބުންޏެވެ.
“އާނ ބައްޕާ…..އަޅުގަނޑު ބޭނުންވަނީ ރަނގަޅު ވަޒީފާއަކަށް ދާން..ބައްޕަ މިކަމުގަ އަޅުގަނޑަށް އެހީ ވެދެއްވާ!…. އޭރުން އަޅުގަނޑަށް އުފަލުގަ މަންމަމެން ކާރީގަ އުޅެވޭނެ….” ޝަހުމް ދެއްކި ވާހަކައިން ހާޝިމްއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. އެ ދަރިއަކަށްޓކައި އޭނާ ކުރަމުން އައި ދުޢާތައް އިޖާބަ ކުރެއްވީތީ ކީރިތި ﷲ ގެ ޙަޟްރަތަށް ޙަމްދުކުރުމުގައި ވަގުތު ހޭދަ ކުރެއެވެ. މިކަމާއި އެ ޢާއިލާގެ އެންމެން އުފާކުރަމުން ދިޔައެވެ. އަދި ޝަހުމްއަށް މަރުޙަބާ ކިއުމަށްޓަކައި އެމީހުން ތައްޔާރުވަމުންދެއެވެ.
ލަޔާލްއަށް މިޚަބަރުން ވި އުފަލެއް ބުނެދޭންވެސް ނޭުނގެއެވެ. ނަމަވެސް އެއީ ކީއްވެ ހެއްޔެވެ؟ ޝަހުމްއަކަށް އޭނާއެއް ނޭނގޭނެއެވެ. އެހެނަސް މިހާރު އޭނާގެ ޙަޔާތަށް ބަހާރު މޫސުމެއްގެ އުޖާލަކަން ވަނީ އައިސްފައެވެ.
“ދޮންތީ ……އއެމް ސޯ ހެޕީ…ސޯ ސޯ ސޯ ހެޕީ……..” ލައިޝާ ހެނދުނު ސައިބޯން ނިކުތް ވަގުތު، ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތް ލަޔާލް އައިސް އޭނަގެ ދޮންތަގެ ކަރުގައި ދެއަތުން ވަށާލިއެވެ.
“މިކުއްޖާއަށް ކިހިނެއް ވެފަތަ މިހުންނަނީ މިހާރަކަށް އައިސް؟….. މާ ވަރަކަށް ހެވިފަ!….” ލަޔާގެ އެ ޢަމަލު ފެނިފައި ފާއިގާ ސަމާސާ ކޮށްލިއެވެ.
” ނޭނގެ ބޮއްތާ!.ހީވަނީ މިއުޅޭ ‘ލަވް މޭނިއަރ’ އޭ ކިޔާ ބައްޔެއް ޖެހުނީހެން….ދޮންތައަށް އިނގޭނެ ހިތުގެ ކަމެއް ވިއްޔާ ވަރަށް އަވަހަށް…..ދޯންޓް ޕްރިޓެންޑް ޓު ހައިޑް އިޓް ލަޔާ!…..ތިއުޅެނީ ކޮންމެވެސް ފިރިހެން ކުއްޖެއް އާނ ބަސް ބުނެގެން ދޯ.” ލައިޝާވެސް ފާއިގާގެ ބަހާއި އެއްބައި ވެލިއެވެ. އޭރު ލަޔާ އެކުދިންގެ ބައްޕަ ސައިބޯން އަންނަ ތަން ފެނިގެން އެ ވާހަކަ ހުއްޓާލުމަށް ލޮލުން އެ މީހުންނަށް އިޝާރާތް ކުރަމުން ދެއެވެ.
އެންމެން އެކުގައި މަޖާ ވާހަކަތައް ދައްކަން ތިބެ، ސައި ބޮއެ ނިންމާލައިގެން ފާއިޒް ދިޔައީ އޮފީސް ބަޔަށެވެ. ފާއިގާވެސް ސިޓިންގ ރޫމަށް ދިޔަ ތަންވަޅު ބަލާފައި ލަޔާ ވަހަކަ ދައްކަން ފެށިއެވެ. ވަރަށްވެސް ސިއްރުންނެވެ.
“ޝަހުމް އައިއްސި…” ވަރަށް ހިނިއައިސް އިނދެ، ލައިޝާގެ ކަންފަތް ދޮށުގައި އެހެން ބުނުމަށްފަހު ލަޔާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. ކަން ވީގޮތް އެނގުމުން ލައިޝާއަށް ހަށި ފުރާ ނޭވާއެއްލެވުނެވެ. އަދި ބޯ ހޫރާލުމަށްފަހު ތަށިތައް ނަގާ ސާފުކޮށް، އޭނާގެ މަންޒިލަށް ދިއުމަށް އަވަސްވެގަތެވެ.
-ނުނިމޭ-
3 Comments
Comments are closed.
ހެސް ކިޔާފަ ސަޅި…..އެކަމަކު ތަންކޮޅެއް ކުރު……..
ދެން ކޮން ދުވަހަކުންތަ ޒެންގެ ވާހަކަ އެއް ފެންނާނީ؟؟
އިންޝާﷲ ވަރަށް އަވަހަށް….ވަގުތު ނުލިބޭތީ އަސްލު ލަސްވަނީ….