ހަމަ އެކަނި ޓީޝާޓްކޮޅެއްގައި ހުރި ރީމް ފެނުމުން އިޔާނާއަށް އުނދަގޫވިއެވެ. ރީމްއަށްވެސް ސިހުން ލިބިގެން ދިޔައެވެ. ނަމަވެސް ހަމަޖެހިލިއެވެ.
“އިޔާނާ! ކިހިނެތްވީ؟” ރީމް ސުވާލުކޮށްލިއެވެ.
“ބަދިގެ..” މަޑުމަޑުން އިޔާނާ ބުނެލިއެވެ.
ރީމް ހިނިތުންވެލަމުން އިޔާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “އަހަރެންވެސް ފެން ފުޅިއެއް ބަލާ މި ނިކުތީ. ބަދިގެ ހުންނާނީ ތިރީ ބައިގަ. ހަޒް ފެން ބޮވައިގަނެގެން.” ރީމް ގަސްތުގައި ފޮނިކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ކީއްވެ ކަމެއް ޚުދު ރީމްއަށްވެސް ނޭނގޭ ކަހަލައެވެ. މިއީ ޔާނާ ނަމަ ހަމަ ގައިމުވެސް އޭނާ އަނބުރާ އީމަންގެ ހަޔާތަށް ގެންނަން ބޭނުން ނުވާތީއެވެ. ރީމް ދައްކަމުން ދިޔައީ އޭނައާ އީމަންގެ ބަދަހި ގުޅުމުގެ ވާހަކައާއި އެކުގައި ހޭދަކުރާ ލޯބި ވަގުތު ތަކުގެ ވާހަކަ ތަކެވެ. އިޔާނާ ބަދިގެއަށްވަދެ އައިސްކްރީމް އަޅައިގެން ކާން ފެށުމުން ރީމް ހިނިއަންނަ ގޮތް ވިއެވެ.
“މިހާ ފިނި އިރުވެސް އައިސްކްރީމްތަ ކަނީ؟” ރީމް ސުވާލުކޮށްލިއެވެ.
“ހުމމ. ހަމަ ކާ ހިތްވީ.” އިޔާނާ ބުނެލިއެވެ. ރީމްއަށް މިކަންވީ މަޖާ ކަމަކަށެވެ.
“ރީމްއަށްވެސް މިކަހަލަ ކަމެއް ދިމާވި ދުވަހަކުން އިނގޭނީ. އަދި ނޭނގެ ރީމް ކާ ހިތްވާނީ ކޮންއެއްޗެއް ކަމެއްވެސް.” އިޔާނާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
ވަގުތުކޮޅަކަށް ވާހަކަ ދައްކަން ތިބުމަށްފަހު އިޔާނާއާއި ރީމް ބަދިގެއިން ނިކުތެވެ. ރީމް ދެއްކީ އީމަންގެ އޯގާތެރިކަމުގެ ވާހަކައެވެ. ރީމްއަށް އަޅާލާވަރާއި ރީމްދެކެ ލޯބިވާވަރެވެ. އެފަދަ ފިރިއެއް އެއްވެސް މީހަކަށް ނުލިބޭނެ ވާހަކައެވެ. ރީމް ބޮޑާވެފައި ވާހަކަ ދައްކަމުން ދިޔަ ގޮތް އިޔާނާއަކަށް ކަމަކު ނުދިޔައެވެ. ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި ބޮޑާވެގަތުމަކީ ރީތި ސިފައެއް ކަމުގައި ނުވާތީއެވެ.
ރީމް ސިޑިން އަރައިގެން ދިޔަތަން ބަލަން އިޔާނާއަށް ހުރެވުނީ ސިޓިން ރޫމުގައެވެ. ކޮޓަރިއަށް ދިޔައީ ދާ ހިތަކުން ނޫނެވެ. ހިތާ ދެކޮޅަށެވެ. މިހެން ވާންޖެހޭ ސަބަބެއް ނޭނގުމުން އިޔާނާ އަމިއްލަ ނަފްސާ ސުވާލުކުރެއެވެ. އަމިއްލަ ނަފްސުގެ ބީރަށްޓެހިކަމާއި އަޖާއިބުކުރުވަނިވި ދިރިއުޅުމުގައި ކުރިމަތިލާން މިޖެހެނީ ކޮންފަދަ އުނދަގޫ ތަކަކާ ހެއްޔެވެ؟ ޒާންގެ މުއްސަނދިކަމުގެ ސަބަބުން މިދުނިޔެމަތިން އިޔާނާއަށް ގަނެނުދޭ އެއްވެސް އުފަލެއް ނެތެވެ. ނަމަވެސް އިޔާނާގެ ހިތުގައި ޒާންއަށްޓަކައި އެއްވެސް ކަހަލަ އިހުސާސެއް ނެތްފަދައެވެ. ރީމްދެކެ އެވަރަށް އީމަން ލޯބިވާ ވާހަކަ އިވުމުންނާއި އަދި ރީމް ލައިގެން ހުރި ހެދުމުގެ ސަބަބުން އިޔާނާގެ ހިތުގައި ރިއްސަނީ އެހެންވެ ކަމުގައިވެސް ވެދާނެއެވެ.
ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލިއެވެ. ބޮލުގައި ބާރަށް ހިފަހަށްޓާލެވުނީ ހިތުގައި ޝަކުވާ އުފެދެން ފެށި ގިނަ ކަމުންނެވެ. ޒާން އާ ދެމީހުން ކުރިން އެހާ ލޯބިން އުޅުނުއިރު އެލޯބި ހަނދާން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔެއާ ބީރަށްޓެހިކޮށް އުޅެން ޖެހުމުގެ ސަޒާ ލިބެމުން މިދަނީ ކޮން ކުށެއް ކުރެވިފައި އޮތުމުގެ ސަބަބުން ހެއްޔެވެ؟
ހެނދުނު އެންމެން ސައިބޯން މޭޒުކައިރިއަށް އެއްވިއެވެ. ޖާހަތުގެ މޫނުމަތިން ނުތަނަވަސްކަން އާއިޒުއަށް ފާހަގަ ކުރެވެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ބޭނުން ވެގެން އުޅޭހެން ހީވުމުން ޖާހަތުއާ ސުވާލުކޮށްލިއެވެ.
ޖާހަތު ސައުދިއްޔާއަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ. “މަންމާ އަޅުގަނޑު ނިންމައިފިން ހުމާމާއެކީގައި ބޭރަށް ފުރަން.”
ޖާހަތުގެ ޖުމުލައިން އެންމެންނަށް ހައިރާންކަން ލިބިގެން ދިޔައެވެ. ހުމާމު ކޮށި އެރުމުގެ ސަބަބުން ފެން ތަށި ނަގާ ބޯން ފެށިއެވެ. އާއިޒުއަށް އިނދެވުނީ ގަނޑުވެފައެވެ. ޖާހަތު ހުމާމާ އެކީގައި ދާން އެއްބަސް ވުމުން ހައިރާންކަން ލިބިގެން ދިޔައީ އިންތިހާއަށެވެ. އިސް އުފުލާ ޖާހަތުއަށް ބަލައިލި ހިނދު ޖާހަތު އިނީ އާއިޒުއަށް ބަލަހައްޓައިގެންނެވެ. އާއިޒު ބަލައިލުމުން އިސް ޖަހާލިއެވެ.
ދެމީހުންގެ ދެމެދުގައި އަޖައިބެއްފަދަ ހަމަ ހިމޭންކަމެއް ވެރިވެފައި ވާފަދައެވެ. ހިތް އެދެމުން މިދަނީ ކޮންކަމަކަށް ހެއްޔެވެ؟ ހިތަށް ހަމަޖެހުމެއް ނުލިބެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟
މެންދުރުގެ ހޫނު ގަދަ ވަގުތުގައި އާޓިފިޝަލް ބީޗްގެ ބެންޗެއްގައި އާއިޒު އިށީނދެލައިގެން އިނީ މޫދުގެ ލޮނުގަނޑަށް ބަލަހައްޓައިގެންނެވެ. އިރުގެ ދޯދިތަކުން ކަނޑުގެ ލޮނުގަނޑު ވިދަމުން ދެއެވެ. މިނިވަންކަމާއެކު ވާޖިބު އަދާކުރަމުންދާ ރާޅުތަކަށް ބަލަން އާއިޒު އިންއިރު ފަހަތުން ޖާހަތު އައިސް އާއިޒު ކައިރީގައި އިށީނދެލިއެވެ.
“މިތަނަށް އަންނާށޭ ބުނީ ކީއްވެ؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ފުރަން އެއް ބަސްވި ކީއްވެ؟” އިތުރު އެއްވެސް ހަރަކާތެއް ނުކޮށް އާއިޒު ސުވާލުކޮށްލިއެވެ.
ޖާހަތުހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އާއިޒުގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް އަޅާފައިވާ އަވި އައިނުގެ ސަބަބުން އެދެލޮލުން ފެންނަމުން ދިޔައީ ކޮންކަހަލަ ޝުއޫރުތަކެއްކަމެއް ޖާހަތުއަށް ދެނެއެއް ނުގަނެވުނެވެ.
ޖާހަތު ޖަވާބެއް ނުދިނުމުގެ ސަބަބުން ތަނަށް ހަމަ ހިމޭންކަން ވެރިވެގެން ދިޔައެވެ. އާއިޒު ޖާހަތުއަށް ބަލައިލަމުން އައިނު ނެގިއެވެ. ޖާހަތު އިނީ އިސް ޖަހާލައިގެންނެވެ. އާއިޒު ސުވާލު ތަކުރާރުކޮށްލިއެވެ.
“ވަރަށް ވިސްނުމަށްފަހު ނިންމި ގޮތެއް މިއީ.” ޖާހަތު މަޑުމަޑުން ދިން ޖަވާބުން އާއިޒަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.
“ތިއީ ކޮން ގޮތަކަށް ވިސްނިގެން ނިންމަން ޖެހުނު ގޮތެއް.؟ ޖާތު ނިކަން އެންމެ ސަބަބެއް ނަމަވެސް ބުނެ ދީބަލަ.” އާއިޒު ބޭނުންވީ ކަންތައް ހިނގާ ދިޔަ ގޮތް އޮޅުން ފިލުވާށެވެ. ޖާހަތު ކުރިމަތީގައި ވާ ފުން ކަނޑަށް ބަލައިލިއެވެ. އެއަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.
“ދިރިއުޅުމުގަ އަހަރެންނަށް އާދެވިފައި މިވަނީ ވަރަށް އުނދަގޫ ހިސާބަކަށް. މިކަންތައް ހައްލުކުރާނެ ގޮތެއްވެސް މިހާރަކު ނުވިސްނޭ. އެހެންމީހުންނަށް އިވޭ އަޑުތަކާ ހަޤީޤަތާ މުޅިން ތަފާތު.” ޖާހަތު ދައްކަމުން ދިޔަ ވާހަކަތައް އާއިޒުގެ ސިކުނޑިއަށް ވިސްނައިގަންނަން އުނދަގޫވުމުގެ ސަބަބުން، އެދައްކަމުން ދަނީ ކޮންވާހަކަ ތަކެއްތޯ ސުވާލުކޮށްލިއެވެ.
” މިދައްކަނީ ހަމަ އަހަރެންގެ ވާހަކަ. އާއިޒު ނިކަން ވިސްނާލަބަލަ. އެންމެން ގަބޫލުކުރާ ގޮތުގައި މިހާރު އަހަރެން މިއުޅެނީ ދެވަނަ ކައިވެންޏެއް ކޮށްގެން. ދިރިއުޅުމުގަ ތަފާތު ތަޖުރިބާތައް ކުރެވި ކުރިއަށް ޖެހިލައިގެން. މާދަމާ އަހަރެން ހުމާމުގެ ކިބައިން ސަލާމަތްވެގެން ވަރި ވެއްޖައީމޭ ބުނިނަމަވެސް، އަހަރެންނާ އިންނާނީ ކާކު. ނަން ކިތަންމެ ހަޑިވެފައިވީ ނަމަވެސް ހަޤީޤަތަކީ އަހަރެން މިއިނީ ހަމަ އެންމެ ކުރިންވެސް އިން ހިސާބުގަކަން.” ޖާހަތު ދައްކަމުން ދިޔަ ވާހަކަތައް އާއިޒުއަށް ކޮންމެސް ވަރަކަށް އެނގުނުހެން ހީވިއެވެ.
“ޖާތު ތި ކަންބޮޑުވަނީ މުސްތަޤްބަލާ ދޭތެރޭގައިތަ؟” އާއިޒު ސުވާލުކޮށްލިއެވެ.
“މުޅިއަކުން ތިހެނެއްވެސް ނޫން. އަހަރެން އާއިޒުގެ ގޭގައި އާއިޒުއާ އިނދެގެން އުޅުމަށްފަހު އާއިޒު ވަރިކުރުމުން އެހެން މީހަކާ އިނދެގެން ހަމަ ތިގޭގަ އުޅެމުން ދިޔުމުގެ ސަބަބުން މަންމަމެންނަށް ރައްދުވަމުންދާ މަލާމާތުގެ ވާހަކަ މިދައްކަނީ. މަންމަ އެއްވެސް އެއްޗެކޭ ނުބުންޏަސް އަހަރެންނަށްވެސް އެނގޭ މަންމަމެން ލަދު ގަންނާނެކަން. މަންމަ އެއްޗެކޭ ނުބުނެ އެހުންނަނީ ހަމައެކަނި އަހަރެންގެ އުފަލަށް ވިސްނާފަ. އެހެންވީމަ އަހަރެން ބޭނުންވަނީ މިތަނުން ދާން. މިހުރިހާ މައްސަލަ ގަނޑާ ދުރަށް.” ޖާހަތު ތަފްސީލުކޮށްދިނެވެ.
އާއިޒުއަށް ޖާހަތުގެ ނިންމުމާ އެއްބަހެއް ނުވެވުނެވެ.
“ޖާތު ހާދަ ނުވިސްނެޔޭ. މައްސަލަ ގަނޑާ ދުރަށްދާންވެގެން ތިދަނީ މައްސަލަ ގަނޑު ގޮވައިގެނެއް ނޫންތަ؟ ޖާތުގެ ދިރިއުޅުމަށް މިހާރު ދިމާވެގެން މިއުޅެނީ ހުމާމުގެ މައްސަލައެއް ނޫންތަ؟ އޭނަ ކަންކުރިގޮތުގެ ސަބަބުން ޖާތުގެ އަގުވެއްޓިގެން ދިޔަ ނުދިނުމަށްޓަކާ އަހަރެންނަށް މަޖުބޫރުވީ ޖާތު ވަރިކުރަން. މިއީ އަހަރެންގެ މުޅި ހަޔާތުގަވެސް އެޅުނު އެންމެ ޅައެތި. ވިސްނާލާނެ ފުރުސަ ތެއްވެސް ނުލިބުނީ. އެހެންނަމަ އަހަރެން ޖާތު ވަރިއެއް ނުކުރާނަން.” އާއިޒު ހިތުގައި އުފެދެމުން ދިޔަ އުދާސްތައް ބޭރުކޮށްލިއެވެ. ޖާހަތު ވަރިކުރެވުނު މޮޔަ ހީވެފައިވާލެއް ބޮޑުކަމުންނެވެ.
“ކީއްވެ؟ ކީއްކުރަން؟ އާއިޒު އަހަރެން މިއީ ބުދެއްތަ؟ އަހަރެންނަށްވެސް އިހުސާސްތައް ލިބިގެންވެޔޭ! އަހަރެންގެ ދިރިއުޅުމަށް ހަމަޖެހުމެއް ލިބުމަށް ނޭދެންވީ ކީއްވެގެން؟ އަހަރެން އަޅުކޮށްގެން ގެންގުޅެންތަ އާއިޒު ބޭނުމީ؟ މިއަދު އަހަރެންގެ ނަންމިވަނީ ހަޑިވެފަ. ކިލަނބުވެފަ. ފިރިއެއްގެ ލޯތްބާ އަޅާލުމެއް ނުލިބި ހުރެ ދެ ކައިވެނި ކުރެވިފައިވާކަމުގެ ދަރަޖަ ލިބިފަ.” ޖާހަތު ދެރަވެފައި ހުރެ ވާހަކަ ދައްކަމުން ގޮސް ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނީ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ.
އާއިޒުގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އިސް ޖަހައިލެވުނީ ޖާހަތު ދެއްކި ވާހަކަތައް ގަބޫލުކުރެވުނީތީއެވެ.
“އަހަރެންނަށް މިހާރު ޔަޤީންވެއްޖެ. އަހަރެންގެ ހަޔާތުގައި އެއްވެސް ގޮތަކަށް އުފާވެރިކަމެއް ލިބޭކަށް ނެތް. ލޯތްބެއް ލިބޭކަށެއް ނެތް.” ޖާހަތު ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.
“ނޫން ޖާތު! ތިޔަހެން ނުބުނޭ.” އާއިޒު ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ.
“ކީއްވެ މިހެން ނުބުނަންވީ. ނިކަން ވިސްނާލަބަލަ. އެންމެ ފުރަތަމަ އަހަރެންގެ މައިންބަފައިން. ދެން ތިބީ ޔާނުގެ މަންމަމެން. އެމީހުންވެސް ބީވެގެން ހިނގައްޖެ. ދެން ހުރީ ޔާނު. ޔާނުއަށްވެސް ވީ ގޮތެއް ނޭނގެ. ދެން ލިބުނީ ސައުދިއްޔާ މަންމަ. އެމަންމައަށްވެސް އަހަރެންގެ ސަބަބުން ކުރިމަތިލާން ޖެހިފައިމިވަނީ ހުތުރު ބަސްތަކަކާ. މަޖުބޫރުން މިޖެހެނީ ދުރަށްދާން. މަންމައަށް މިވަރުގެ ބޮޑު ދޮގެއް ހަދައިގެން އުޅޭނެ ހިތްވަރެއް އަހަރެންނަކަށް ލިބިފައެއް ނުވޭ.” ޖާހަތު ކުދި ކުދި ވިފަދައެވެ. ކޮޅަށް ހުންނާނެ ހިތްވަރެއް ނެތުމުން އިށީންނިއެވެ.
އާއިޒު އިނީ ދެން ދައްކަންވީ ކޮންވާހަކައެއް ކަމެއް ނޭނގިފައެވެ. ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު އަނެއްކާވެސް ޖާހަތު ވާހަކަ ދައްކަންފެށިއެވެ. ކޯތާފަތްމަތީގައިވާ ކަރުނަ ތިކިތައް ފޮހެލަމުންނެވެ.
“އަހަރެންގެ ދިރިއުޅުމާ ދެން އެކަކަށްވެސް ނުކުޅެވޭނެ. ދެން ކަންތައް ކުރަންވީގޮތް ނިންމާނީ އަހަރެން. އަހަރެންގެ ދިރިއުޅުމަށް ގޮތް ކިޔުމުގެ ހައްޤެއް ދެން އާއިޒަކަށްވެސް ނޯންނާނެ. އެހެންވީމަ އަހަރެން ހުއްޓުވަން މަސައްކަތް ނުކުރާތި.” ޖާހަތު ތެދުވެގެން ހިގައިގަތެވެ. އާއިޒުގެ މެޔަށް ހޫނުވެގެން ދިޔަފަދައެވެ. އޭނާ ޖާހަތު ހުއްޓުވަން ބޭނުމެވެ. އެކަމަކުވެސް ޖާހަތު އެބުނީ ތެދުވާހަކައެކެވެ. ޖާހަތުގެ ދިރިއުޅުމަށް ބާރުފޯރުވޭ ވަރަށް ވުރެ މިއަދު ޖާހަތު އެހުރީ ދުރުގައެވެ. އެކަން ކުރެވުނީވެސް އަމިއްލަ ނަފްސުގެ ހުރި ނާޤާބިލްކަމުންކަން ޔަޤީނެވެ. އަވަސް ފިޔަވަޅުތަކެއްގައި ޖާހަތުގޮސް ގެއްލެންދެން އާއިޒުއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ހިތް ސުވާލުކުރަމުން ދިޔައެވެ. ‘މިވަރަށް މިހިތުގައި ރިއްސަމުން މިދަނީ ކީއްވެ ހެއްޔެވެ؟ ޖާހަތުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ބަލަން ކެތް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ މިއީ ހަމްދަރުދީ ހެއްޔެވެ؟ ނުވަތަ …………….ނުވަތަ ލޯބިހެއްޔެވެ؟’
އިޔާނާ ބޭރުގައިވާ ގަސްތައްކައިރީގައި ވަގުތު ކޮޅަކު އިނުމަށްފަހު ގެއަށްވަދެގެން އައެވެ. މިއަދު އީމަންވެސް ގޭގަ އެބައުޅެއެވެ. ސިޓިން ރޫމުގައި ތިބި ސޯފާ ތަކުން ބޮޑު ސޯފާއެއްގައި އިށީނދެލައިގެން ލެޕްޓޮޕް އުނގުމަތީ ބަހައްޓާލައިގެން އެއަށް ގެއްލިފައި އިނެވެ. އިޔާނާ ގޮސް އިށީނީ ތަންކޮޅެއް ދުރުގައި ހުރިސޯފާގައެވެ. ކުރިމަތީގައި ހުރި ބިޔަ ސްކްރީނެއްވަރުގެ ޓީވީ އަށް ބަލަހައްޓައިގެން އިނދެވުނީ ބީރަށްޓެހިކަމާއެކީއެވެ. ކުއްލިއަކަށް ޓީވީ އިން މަންޒަރުތައް ފެންނަން ފެށުމުން ބޭއިޚްތިޔާރުގައި އީމަންއާ ދިމާއަށް ބަލައިލެވުނެވެ. ޓީވީ އޮންކުރީ އީމަންއެވެ. ބީރަށްޓެހިކަމާއެކީގައި އިޔާނާ އިންތަން ފެނުމުން އީމަން ޓީވީ އޮންކުރީއެވެ.
އިޔާނާ އާއި އީމަންގެ ނަޒަރު ދިމާވި ވަގުތެވެ. އެކަކު އަނެކަކަށް ބުނެދޭން ނޭނގޭފަދަ އިހްސާސްތަކެއް ކުރުވައިފިކަން ކަށަވަރެވެ. އީމަން ބަލަހައްޓައިގެން ހުރީ އިޔާނާއަށް ކަމުގައި ވިނަމަވެސް އެ ބެލުމުން ފެންނަމުންދަނީ ތަފާތު އަސަރު ތަކެކެވެ. ކޮންމެވެސް ކަމެއް ދެނެގަންނަން އުޅޭ ކަހަލައެވެ. އިޔާނާއަށް އުނދަގޫވާގޮތްވިއެވެ. އެހެންކަމުން ޓީވީއަށް ބަލައިލިއެވެ.
“ވަރަށް ފޫހި ދޯ؟” އީމަން ވާހަކަ ދައްކަންފެށިއެވެ.
އިޔާނާގެ ނަޒަރު އަނެއްކާވެސް އީމަންއަށް ހުއްޓުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ.
“މި ތިބީ އަހަރެންގެ ކައިވެނީގެ ފޮޓޯތައް. ޒާންއަށް މިފޮޓޯތައް އަދި ނުދެއްކޭ. އެހެންވެ ވަރަށް ޝަކުވާ ކުރޭ. ޒާންގެ ބަދަލުގައި އިޔާނާ ބަލައިލާންވީއެއްނު؟ އަނެއްކޮޅުން ފޫހިވެސް ފިލާނެ.” އީމަން ބޭނުންވީ އިޔާނާއަށް ފޮޓޯތައް ދައްކާށެވެ. ހިތުގައިވާ ޝައްކު ކޮންމެ ގޮތަކަށް ނަމަވެސް ފިލުވަން ބޭނުން ވާތީއެވެ.
އިޔާނާ ތެދުވެގެން އައިސް އީމަން އިށީނދެގެން އިން ސޯފާއާއި ޖެހިގެން ހުރި ސޯފާގައި އިށީނދެލިއެވެ. އިޔާނާގެ ކޮންމެ ހަރަކާތަކަށް އީމަން ވަރަށް ސަމާލުކަމާއެކީގައި ބަލަމުން ދިޔައެވެ. ސިއްރުސިއްރުންނެވެ.
އިޔާނާއާ ދިމާއަށް އީމަން ލެޕްޓޮޕް އަނބުރާލިއެވެ. ފެންނަމުން ދިޔައީ އީމަންއާ ޔާނާގެ ފޮޓޯ ތަކެވެ. ކައިވެނީގެ ރޭގައި ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ދެމީހުން ލޯބިން ހޭދަކޮށްފައިވާ ވަގުތުތަކުގެ ފޮޓޯތަކެވެ. އުފަލާ މަޖަލުގައި ހޭދަ ކުރި ދުވަސްތަކުގެ ފޮޓޯތަކެވެ.
ފޮޓޯތަކަށް ބަލަމުން ދިޔަ އިޔާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ހިޔާލުތަކެއް ކަމެއް ދެނެގަންނާކަށް އީމަންއަކަށް ނޭނގުނެވެ. އެމޫނު މަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. ނުތަނަވަސްކަން ފެންނަން ފެށުމާއެކު މުޅި މީހާ ދަލުން ފޯވާން ފެށިއެވެ.
އިޔާނާ ގޮނޑިން ތެދުވިއެވެ. އަދި އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކުރިމަތީގައި ހުރި ބޮޑު ސިޑި ހުރަސްކުރި އިރު ރީމް ސިޑިން ފައިބައިމުން އައިސް އިޔާނާއާ އަރާ ހަމަކުރަނީއެވެ.
އިސްޖަހައިގެން ދިޔަ އިޔާނާގެ ތަބީޢަތް ރަނގަޅު ނޫންކަން ރީމް އަށް ފާހަގަވުމާއެކު ގޮވާލިއެވެ. އީމަންއަށްވެސް ކަމެއް ގޯސްވެއްޖެކަން ހީވުމާއެކީ ކޮޅަށް ތެދުވެވުނެވެ. އިޔާނާ މަޑުކޮށްލުމަށްފަހު އެނބުރި ރީމްއަށް ބަލައިލިއެވެ. ނޭވާ ހާސްވެފައި މުޅި ގައިން އޮށްދާ ހިއްލާފައިވާ އިޔާނާވަނީ ވަރުބަލިވެފައެވެ.
“ކިހިނެތްވީ؟” ރީމް އަވަސް އަވަހަށް ސިޑިން ފައިބެންގޮސް އިޔާނާގެ ދެކޮނޑުގައި ހިފިއެވެ.
“ކޮޓަރިއަށް.” ވަރުބަލިވެފައިވާ އަޑަކުން އިޔާނާ ބުނެލިއެވެ.
ރީމް އިޔާނާ ގޮވައިގެން ކޮޓަރިއަށް ވަދެގެން ދިޔަ ތަން ބަލަން އީމަން ސިޓިން ރޫމުގައި ހުރިއިރު މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
ކުޑައިރުކޮޅެއް ފަހެވެ. އީމަން ހުރީ ކޮޓަރީގައެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ފުން ހިޔާލެއްގައެވެ. ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔުމާއެކީ އެތެރެއަށް ވަދެގެން އައީ ރީމްއެވެ. ބާރު ވައިރޯޅިއެއް ފަދައިން އައިސް އީމަންގެ ކޮނޑުގައި ހިފައި ރީމްއާ ދިމާއަށް އީމަން އަނބުރާލިއެވެ. މާބޮޑު ސަމާލުކަމެއް ނެތި ހުރި އީމަން ވަރަށް ފަސޭހަ ކަމާއެކީ އެނބުރެލިއެވެ.
“ކީއްކުރަން އޭނައަށް ޔާނާއާ މާންގެ ފޮޓޯތައް ދެއްކީ؟ ‘އެނީތިން ކުޑް ބީ ހެޕެންޑް!” ރުޅި އައިސްފައި ހުރި ރީމް ސުވާލުކޮށްލިއެވެ. އިޔާނާއާ ވާހަކަ ދައްކާލުމުން ތަބީޢަތް ގޯސްވެގެން ދިޔައީ އެ ފޮޓޯތައް ބެލުމުންކަމުގައި ބުންޏެވެ. އަދި އެފޮޓޯގައި އެވަނީ ކޮންބައެއްތޯ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ.
ރީމް މިހުރިހާ ވާހަކަ ތަކެއް އީމަންއަށް ކިޔައެއް ނުދިނެވެ. ސަބަބަކީ އީމަންގެ ހިތުގައި އުފެދިފައިވާ ޝައްކު އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށްޓަކައެވެ.
“ރޭގަ އަހަރެންގެ ކޮފީތަށްޓަށް ކޯއްޗެއް އަޅާފަ ހުރީ؟” ޖާވަބެއް ނުދީ އިރުކޮޅަކު ހުރުމަށްފަހު އީމަން ދައްކަންފެށި ވާހަކައިން ރީމްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދައެވެ. ނިތްކުރިން ދާތިކިތަށް ފެންނަން ފެށިއެވެ. ދޭނެ ޖަވާބެއް ނޭނގި އަނގަ ހުޅުވައިގެން ހުރެވުނީ އީމަންއަށް ބަލަހައްޓައިގެންނެވެ.
އީމަން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ރީމްއަށް ހިނދިރުވާލެވުނެވެ.
“ކިހިނެތްވީ؟ އަހަރެން ނާޅާން އެއްވެސް އެއްޗެއް.” ޖެހިލުންވެ ހުރެ ރީމްއަށް ބުނެލެވުނެވެ.
“އެހެންތަ؟ އެހެންވެއްޖެއްޔާ ހިނގާބަލަ؟” އީމަން ރީމްގެ އަތުގައި ހިފުމަށްފަހު ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ.
“އެހެންވެއްޖެ ނަމަ މިއީ ކޮންއެއްޗެއް؟” ކުރީ ރޭގައި ރީމްގެ ގަޔަށް ކޮފީ ބަންޑުންވި އިރު ލައިގެން ހުރި ހެދުމަށް އިޝާރާތްކޮށްލަމުން އީމަން ސުވާލުކޮށްލިއެވެ. ކޮފީ ވެއްޓިފައިވާ ތަން ހިކިފައި ހުރިއިރު ހުދު ކުނޑި ތަކެއްކަހަލަ އެއްޗެއް ހުރިއެވެ.
ރީމްއަށް ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އީމަންއަށް ރީމްގެ މޫނުމަތިން ހުރިހާކަމެއް އެނގިސާފު ވެގެން ދިޔައެވެ.

18

3 Comments

 1. maayerr

  October 7, 2013 at 2:15 pm

  varrah salhi waitin for next part

 2. isha

  October 8, 2013 at 10:45 pm

  Nice story

 3. niha

  October 9, 2013 at 1:04 pm

  varah reethi mibai, aneh bai avahah upload kolladhechey 🙂

Comments are closed.