މައި ނޭމް އިޒް ޚާން (އަށްވަނަބައި)
“..ޚާން ** ގަ *** އިނދޭތަ..” އައްކި ހިނިގަނޑަކާއެކު ބުނެލިއެވެ. އެއަޑު އިވުނު ކުލާސް ހުރިހާކުދިންވެސް ހޭންފެށިއެވެ.
“..ތި* އަމާ ** ކިޔާބަލަ.. ނަ***..” އަހަރެން ސިހިގެންދިޔައީ ޝާންޓޭ ގޮނޑިން ކުއްލިއަކަށް ތެދުވުމުންނެވެ. އަދި ހަމަ އެސިކުންތުގައި ކުރިމަތީ ގޮނޑީގައި އިން އަކްޝަމް ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ފުރަގަހަށް ދަމާގަތެވެ. އަކްޝަމް އިދިފުށަށް ގޮނޑިއާއެކު ވެއްޓުނެވެ.
“..ރުނޑިކާޅު މާ އަނގަ އެރުވޭ މީހަކަށްވެގެން މިއުޅެނީ..” ޝާންޓޭ އަކްޝަމް ގަމީހު ގިރުވާނުގައި ހިފާކޮޅަށް ނަގަމުން ފާރާލާ ހިއްޕާލިއެވެ. ހަމަ އެސިކުންތުގައި ކުލާހުގެ އެއްކަނަކަށް ހޫރުވާލިއެވެ. “..ދެން ނިކަން އަނގަ އަރުވަބަލަ ނަގޫ**..”
ޝާންޓޭ އަކުޝަމް އާ ދިމާލަށް ހިނގައިގަތެވެ. އަހަރެން ވަގުތުންގޮސް ޝާންޓޭ ހިފެހެއްޓޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އޭނާ އައިސްފައި ހުރި ރުޅީގައި އަހަރެން ފޮޅުވާލާފައި ހިނގައިގަތީ ކުރިޔަށެވެ. އެހެނަސް ވެއްޓިފައި އޮތް އަކްޝަމް އާ ހަމަޔަށް ދެވުމުގެ ކުރިން ކުލާސް އެހެން ކުދިންތަކެއް އައިސް ޝާންޓޭ ހިފެހެއްޓިއެވެ. މިހުރިހައި ކަމެއް ހިނގައިދިޔައީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.
އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ދެބުމަ ގޮށްޖެހި ދެލޯ ވަށްވެފައެވެ. ދެދަތްޕިލަ ޖައްސާބާރުކޮށްގެން ހުރެ ހިފަހައްޓާފައި ހުރި ކުދިންތައް ފޮޅުވާލެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޝާންޓޭ މިހާވަރަށް ރުޅި އައިސްފައި ހުއްޓާ މިނޫނީ ފެނިފައެއް ނުވެއެވެ. އެހެންވެ އަހަރެން ކޮންމެސް ވަރަކަށް ޖެހިލުންވިއެވެ.
ވެއްޓިފައި އޮތް އަކްޝަމް ތެދުވިއިރު އޭނާގެ މޫނުމަތިން އަހަރެންނަށް ފެނުނީ ބިރުވެރިކަމެވެ. އަހަރެން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުން ޝާންޓޭ ކައިރިއަށް ލެފުނީމެވެ. އެސެމްބުލީ ހެދުމަށް ސަފުސަފުގައި ހިނގަމުން ދިޔަ ކުދިންތައްވެސް ދިޔައީ އަހަރުމެންނަށް ބަލަމުންނެވެ. ކުލާސްކުލާހުގައި ތިބި ކުދިންގެ ވެސް ނަޒަރު ސީދާވެފައިވަނީ އަހަރުމެންނަށެވެ. އަހަރެން ޝާންޓޭ ކުރިމައްޗަށް އަރާ ދެކޮނޑުގައި ހިފަހައްޓާލީމެވެ. ޝާންޓޭވަނީ ދަލުން ފޯވެފައެވެ.
“..ޝާންޓޭ ހަމަޖެހިބަ.. މުނީބް ސަރ އެހެރަ އަންނަނީ..” އަހަރެންނަށް މުނީބް ސަރ އަންނަތަން ފެނުމުން ބުނީމެވެ. އެއީ ސުކޫލްގެ ސްޕަވައިޒަރ އެކެވެ. ޝާންޓޭ އަހަރެންނާ ދިމާލަށް ބަލާލަމުން ބޭރު ބަލާލިއެވެ. އެޔާއެކު އޭނާ ކޮންމެސްވަރަކަށް ހަމަޔަކަށް އެޅުމާއެކު ހުރިހާ ކުދިންތައް ހަލުވި ހިނގުމެއްގައި ގޮސް ގޮނޑިތަކުގައި އިށީނެވެ.
“..ޝާނިފް ގެޓް އައުޓް..” މުނީބް ސަރ ކުލާހަށް ވަންގޮތަށް ޝާންޓޭއާ ދިމާލަށް އަމުރުވެރިކަމާއެކު ބުނެލިއެވެ. މުނީބް ސަރގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަސްލު އެކަން އެހެންވާން ޖެހުނު ސަބަބު ހޯދަން މުނީބް ސަރ އެއް ނޫޅުނެވެ. ހީވަނީ ޝާންޓޭ ކަންތައްކުރިގޮތް ދުރުގައި ބަލަން ހުރެފައި އައިހެންނެވެ. ޝާންޓޭ މަޑުމަޑުން ކުލާހުން ނުކުތުމަށް ހިނގައި ގަތެވެ.
“..ވިތް ޔުއަރ ބޭގް..” މުނީބް ސަރ ގެ އަޑުގައިވީ ހަރުކަށިކަމެވެ. ޝާންޓޭ އެއްވެސް އެއްޗެއް ނުބުނެ ދަބަސް ހިފައިގެން ކުލާހުން ނުކުތެވެ.
“..އަކްޝަމް ކަމް ވިތް މީ..” މުނީބް ސަރ ކުލާހުން ނުކުންނަމުން ބުނެލިއެވެ.
އެދުވަހުގެ ފުރަތަމަ ގަޑި ނިމެނިކޮށް އަކްޝަމް ކުލާހަށް އައި ނަމަވެސް ޝާންޓޭ އެނބުރިއެއް ނާދެއެވެ. އަކްޝަމް ފަރާތުން އެނގުނީ ޝާންޓޭ ގެޔަށް ދިޔަކަމެވެ. އެހެންކަމުން އަހަރެންނަށް ދުވަސް ވެގެންދިޔައީ ފޫހި ދުވަހަކަށެވެ. ގަޑިތައް އެހެންދުވަސް ދުވަހަށްވުރެ ދިގުވި ހެންވެސް ހީވިއެވެ. ޝާންޓޭ ކައިރީގައި ނެތްކަމުގެ ފަޅުކަން އިޙްސާސްކުރެވެމުން ދިޔައެވެ. އެކަނި އިންނަންޖެހުމުގެ ސަބަބުން ރީމްގެ ހަނދާންތަކުން ސިކުނޑިވެސް ހިޞޯރުކޮށްލިއެވެ. އަދި މެންދުރުގެ ވަގުތު ކައިރިވުމާ ގާތްވީހެން އެސްފިޔަތަކަށް ބަރުވެ ނިދި އަންނަގޮތް ވަމުން ދިޔައެވެ.
*************
އަހަރެން ގެޔަށް ވަދެގެންދިޔައިރު ކިރިޔަ ކިރިޔާ ހިނގޭކަމެވެ. ނިދިގެންގޮސް ދެންމެ ދެންމެ ވެއްޓިދާނެހެންވެސް ހީވާ ފަހަރު އާދެއެވެ. ލޮލުގައި ރިހެމުންދިޔައިރު ހިނދެއް ހިނދަކަށް އެރިހުން ދިޔައީ ގަދަވަމުންނެވެ. ބޮލުގައިވެސް ކޮންމެސް ވަރަކަށް ރިހުން އެކުލެވިފައި ވިއެވެ. އެވަރު ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެންނަށް ރޭގަ ނިދިފައިވާނީ ގިނަވެގެންވެސް ބައި ގަޑިއިރެވެ. ފަތިސް ނަމާދު ބަންގި ގޮވީވެސް ނުނިދިގެން ފުރޮޅި ފުރޮޅި އޮއްވާވިއްޔާއެވެ.
“..ދަރިފުޅާ..” މަންމަ އަހަރެންނަށް ގޮވާލިއެވެ. މަންމަ އިނީ ބަނބުކެޔޮ މަށަން ޖޭމު ގަސްދޮށުގައެވެ. ކޮއްކޮވެސް ކައިރީގައި މަންމައަށް އެހީތެރިވެދިނުމަށް އުޅުނެވެ. މަންމަ އެ ގޮވާލީ ކާން ހަދާފަހުރި ވާހަކަ ބުނަންވެގެންނެވެ. އެއީ ކޮންމެ ދުވަހަކުވެސް އާދައެވެ.
“..މަންމާ ނުކާނަން މިގަޑިއަކު.. ނިދާލަން ބޭނުމީ..” އަހަރެން ބުނީމެވެ.
“..ނަމާދުކޮށްގެން ނިދާތި..” އަހަރެން ޖަވާބެއް ނުދީ ވަނީ ކޮޓަރިއަށެވެ.
ކޮޓަރިއަށް ވަންގޮތަށް ކަންނެތް ގޮތަކަށް ދަބަސް ގޮނޑީ ތެރެއަށް އެއްލާލެވުނެވެ. އަދި ލައިގެން ހުރި ޔުނީފޯމާއި ފަޓްލޫން ބޭލުމަށް ފަހު ގޮނޑިމަތީ ބާއްވަމުން އެނދުމައްޗަށް ޖެހިގަތީ އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ.
މަންމަ ނަމާދުކުރުމަށް ބުނި ހަނދާން އަހަރެން ހުއްޓެވެ. ނަމަވެސް އައިސްފައި ހުރި ނިދީގެ ސަބަބުން ނަމާދު ކުރަންވެސް ބޭނުން ނުވީއެވެ. ހަޤީޤަތުގައި އަހަރެންނަކީ އެހާ ދީންވެރި މީހެއް ނޫނެވެ. ނަމާދުވެސް ކުރެވޭނީ ހިތަށް އެރިއްޔާއެވެ. ސުކޫލްގައި އުޅެންޖެހުމުގެ ސަބަބުން ނުކުރެވޭ ނަމާދުތައްވެސް ކުރެވޭނީ މަދު ފަހަރަކުއެވެ. ފަތިސް ނަމާދު ކުރެވުނު ދުވަހެއް ބުނަންވެސް ނޭގެއެވެ. އެއީ އަހަރެން ބޮޑުވަމުން އައިއިރު މައިންބަފައިންގެ ފުށުން ދަސްވެފައިވާ ގޮތެވެ.
އުމުރުން 07 އަހަރު ފުރުމުން އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވަން ޖެހޭކަން މަންމަމެނަށް އެނގޭކަމެއް ނޭގޭކަމެއް އަހަރެންނަކަށް ނޭގެއެވެ. މަންމަމެން އަހަރެން 05 ވަގުތުނާޅާ ނަމާދުކުރުވުމަށް ހާނުވާފައެއް ނުވެއެވެ. ނަމާދެއް ނުކުރެވި ދިޔަސް އަދަބެއް ދީފައެއްވެސް ނުވެއެވެ. ނަސޭހަތެއްވެސް ދީފައެއް ނުވެއެވެ. ސުކޫލްގައި އުޅެންޖެހުމުން ނުކުރެވިވާ ނަމާދެއް ގެޔަށް އައުމުން ކުރުވާފަ އެއްވެސް ނުވެއެވެ. ފަތިސް ނަމާދު ކުރުވުމަށް ގޮވާނެގި ދުވަހެއް ހަނދާނެއްވެސް ނުވެއެވެ.
މަންމައަކީ ފަސްވަގުތު ނާޅާ ނަމާދު ކުރާމީހެކެވެ. ނަމަވެސް މަންމަ ކުރާ 5 ނަމާދު އަހަރެން ލައްވާ ކުރުވާކަށް މަންމަ ބާރެއް ނާޅައެވެ. މަންމަ އާދަކުރުވީ 04 ނަމާދު ކުރުވާށެވެ. ސުކޫލް ދުވަހެއް ނަމަ 03 ނަމާދު ކުރުވާށެވެ. ދެން ހުރީ ބައްޕައެވެ. ބައްޕައަކީ ހުކުރު އެކަނި ވާޖިބްވާ މީހެއް ކަހަލައެވެ. މަންމަ ފަދައިން ބައްޕަވެސް އަހަރެންނަށް ނަމާދަށް ދިޔުމަށް އަމުރުކުރަމުން ބައްޕަ އައީ އަހަރެންނަށް ބޮޑު ފާފައެއްވެސް ކުރަން ދަސްކޮށްދެމުންނެވެ. އަހަރެންނަށް ސުކޫލް ފޮތްފޮތުން 05 ނަމާދު ކުރަންޖެހޭކަން އެނގުނުނަމަވެސް އެކަންކަން މަންމަމެން އާދަ ނުކުރެއްވުމުގެ ސަބަބުން އަހަރެންވީ ނަމާދާ ދުރު މީހަކަށެވެ. އަޤީދާ ބަލިކަށި މީހަކަށެވެ.
އަހަރެން މިވާހަކަތައް މިކިޔާދިނީ މަންމަމެން ބޮލުގައި އިލްޒާމްތަކެއް އެޅުވުމުގެ ބޭނުމަކު ނޫނެވެ. ތިބޭފުޅުންނަށް އިބްރަތެއް ހާސިލްވެ ދަރިންނަށް ރަނގަޅު ނަމޫނާ ދެއްކުމުގެ މުޙިއްމުކަން ބުނެދިނުމަށެވެ. ދީނީލޯބި އެންމެ ކުޑައިރުންސުރެ ހިތުގައި އަށަގެންނެވުމުގެ މުހިންކަން ވިސްނައިދިނުމަށެވެ. އަދި އެހެންމެ އަހަރެންގެ ބޭނުމަކީ އަހަރެން ކަހަލަ ދެވަނަ “ޚާން” އެއް މިދުނިޔެއަށް އުފަންނުވުމެވެ.
މަންމައަށް އޭރު ނުވިސްނުން ނަމަވެސް މިއަދު މަންމައަށްވެސް ވަނީ ވިސްނިފައެވެ. އަހަރެން ކައިރީ ނަމާދުކުރަން ބުނާނެއެވެ. ނަސޭހަތްވެސް ދޭނެއެވެ. އަހަރެންވެސް ނަމާދުތަކަށް ފަރުވާބެހެއްޓޭތޯ ބަލަމެވެ.
**********************
އަހަރެން ކައިރީ މީހަކު ހުރިކަމުގެ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އެމީހާ ފެންނަނީ ފުސްކޮށްނެވެ. އަހަރެންނާ ދިމާލަށް އެމީހާ ގުދުވާހެންވެސް ހީވެއެވެ. ގައިގާ އަތްލާހެންވެސް ހީވެޔެވެ. އެމީހަކު އަހަރެންގެ ނަމުން ގޮވާހެންވެސް ހީވެއެވެ. އަހަރެންނަށް މިފެންނަނީ ހުވަފެނެއް ބާއޭވެސް ހިތަށް އަރަމުން ދިޔައެވެ. އެހެންހިތާ ލޯ ހުޅުވަންވެސް މަސައްކަތްކުރީމެވެ. ނަމަވެސް ލޮލެއް ނުހުޅުވުނެވެ. ހުވަފެނުން ހޭލެވޭކަށްވެސް ނޫޅުނެވެ.
“..ޚާން..” އަހަރެން ސިހިގެންގޮސް ހޭލެވުނީ މީހަކު އަހަރެން ގައިގާ ކޮއްޓާލުމުންނެވެ. ކުރިމަތީ ހުރީ ޝާންޓޭއެވެ. އޭނާ ހުރީ ފާޑަކަށް ހެވިފައެވެ.
“..ބަލަ މިއޮއްކަމެއް..” ޝާންޓޭ ލޮލުން އިޝާރާތް ކުރީ އަހަރެން ލައިގެން އޮތް ބޮކްސާއާ ދިމާލަށެވެ. އޭރުވެސް އަހަރެންގެ ލޮލުން ނިދީގެ އަސަރު ފިލާނުދެއެވެ. އަހަރެން ދެލޯކުނާކޮށްގެން އޮވެ ބަލާލީމެވެ. އެޔާއެކު ދެލޯ ތަންމިނަށް ހުޅުވި ކައިރީގަ އޮތް ބާލީސް ބޮކްސާ މަތިން އަޅާލެވުނެވެ. ޝާންޓޭ ޖަހާލީ ހިނިގަނޑެކެވެ.
“..ހާދަ ފައްކާހުވެފެނެއް ތިޔަ ބަލާލީ.. ދޮރުވެސް ތަޅުނުލާ ހުރީވެސް.. ނަސީބެއްނުން ކޮއްކޮ ނޫނީ މަންމަ މިތަނަށް ނުވަތްކަން..” އަހަރެން އިނީ އަނގަ ސަކަރާތްވާގޮތްވެ ކަޑަވާގޮތްވެފައެވެ. ބުނާނެއެއްޗެއްވެސް ސިކުނޑިއަކަށް ނަޔެވެ. އަހަރެން އެހެން އިނދެފައި ކޮންމެސް ވާހަކައެއް ދައްކަންވެގެން ގަޑިން ކިހާވަރެއްތޯ އަހަލައިފީމެވެ.
“..ހަތަރެއް ޖަހަނީ..” ޝާންޓޭ އެނދުގައި އިށީނެވެ. “..މަމި އައީ މިއަދުގެ ނޯޓްތައް ނަގަންށާއެކީ ފޮތްކޮޅުވެސް ހިފައިގެން.. އެއްވެސް ސަބްޖެކްޓް އަކުން ދިންތަ ނޯޓް..”
“..އާނ.. ކެމް އިން އެކަނިދިނީ.. ދަބަހުގަ އޮންނާނެ ފޮތް..” އަހަރެން އިތުރު އެއްޗެއް ނުބުނެ ތުވާލި ގަނޑު އޮޅާލައިގެން ފާހާނައަށް ވަނީމެވެ.
*************
“..ޝާންޓޭ ކީއްވެތަ ކުލާހަށް ނައީ މިއަދު..” އަހަރެން ފާހާނައިން ނުކުންނަނިކޮށް މިއަދު ކުލާހުގައި ހިނގައިދިޔަ ހާދިޘާ ހަނދާނަށް އައުމާއެކު އަހާލެވުނެވެ.
“..މަ ރުޅިގަދަވެފަހުރި ވަރުން ދާހިތް ނުވީ ކުލާހަށް.. އެހެންވެ ގެޔަށްގޮސް ނިދާލީ..” ޝާންޓޭ އިނީ ނޯޓްތައް ނަގަން މޭޒު ކައިރީގައެވެ.
“..އެމީހުން މަޖަލަކަށް އެހެންކީ.. މަކައިރީ ސޮރީ އޭވެސް ބުނި..” އަހަރެން އަލަމާރި ކައިރިއަށް ލެފިލާ ޖީންސްއަކާ ޓީޝާޓެއް ނަގަމުން ބުނީމެވެ.
“..ސަމާސާ ކުރުންވެސް ހައްދެއްގެ ތެރޭ އޮންނަންވާނީ..” ޝާންޓޭ އަހަރެންނާ ދިމާލަށް ބަލާލިއެވެ. “..އެ ރުނޑިން ހިތަށް އެރިހާ އެއްޗެއް ގޮވަންދެން މަށެއް ނީންނާނަން މަޑަކުން.. މިހާރު ހުންނާނީ އެ ދެ* އަށްވެސް އެއްޗެއް ވިސްނިފަ..”
“..އަލަކަށް ނޫންދޯ އެކަހަލަ ސަމާސާއެއް އެކުރީކީ.. ކުރިން އެކަހަލަ ސަމާސާ ކުރުމުން ކައެވެސް ބައިވެރިވާނީ އެމީހުންނާ..” އަހަރެން ޖިންސް މަހާލަމުން ތުވާލިގަނޑު ހަރު މައްޗަށް އެއްލާލީމެވެ. އަދި ޓީޝާޓް ބޮލަށް މަހާލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓުނީމެވެ.
“..ކުރީގަ ކިޔާފަހުރީ މިއަދު ކީ އެއްޗެއްސެއްނޫންދޯ… އަސްލު މަ ރުޅި ކޮންޓްރޯލް އިން ނެއްޓީ ޚާންގެ *** އިނދޭތޯ ސުވާލްކޮށްފަ އެންމެން ހޭންފެށީމަ..” އަހަރެންނަށް ފަސްއެނބުރި ޝާންޓޭއާ ދިމާލަށް ބަލާލެވުނެވެ. ޝާންޓޭ ހިތުގައި އަހަރެންނާމެދު ވަރުގަދަ ލޯތްބެއްވާކަން ފުރަތަމަ ފަހަރަށް އިޙްސާސްކުރެވުނެވެ. އޭނާ އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓާގެންނެވެ.
“..މަ ބޭނުމެއްނުވެ ޚާންއަށް އެކަކުގެވެސް މަލާމާތެއް ރައްދުކުރާ އަޑުއަހާކަށް..” ޝާންޓޭ އިތުރަށް އޮޅުން ފިލުވައި ދިނެވެ. “..މަށަށް އިޙްސާސްކުރެވޭ ރީމްގެ ކަންތަކުގަ ޚާން ކަޑަވެފަ ހުންނާނެވަރު.. އެކަހަލަ ހާލަތެއްގަ ހުއްޓަ އެމީހުން އެގޮތަށް ދިމާކުރަންފެށީމަ މަ ނެއްޓީ..” އަހަރެންގެ މޫޑް ވަގުތުން އޮފް ވިއެވެ. އުފާވެރިކަން މޮޅިވެރިކަމަށް ބަދަލްވެގެންދާން ސިކުންތެއްވެސް ނުނެގިއެވެ. ރީމް މަތިން ހަނދާންކޮށްދިނީތީއެވެ. ޝާންޓޭއާ ވާހަކަ ނުދައްކާ މަޑުމަޑުން ހުރެވުންނަމައޭ ހިތަށް އެރިއެވެ. އެހެންނަމަ އެއޮއް ސަޅި މޫޑް ހަރާބް ނުވީސްކަންނޭގެއެވެ.
“..މިހާރު ކިހިނެއްވެފަ ތިހުރީ..” ޝާންޓޭ އަހައިލިއެވެ. އަހަރެން ގޮސް އެނދުގައި އިށީނީމެވެ.
“..ކަމެއްނުވެ..” އަހަރެން ކަޑަވިކަން ޝާންޓޭއަށް އަންގާކަށް ބޭނުމެއްނުވިއެވެ. “..ކުޅެންވެސް ނުދާ ދުވަހެއްތަ..”
“..މަށަށް ސިއްރެއް ނުކުރެވޭނެ އިނގޭ.. މަށަށް އިނގިއްޖެ ޚާންގެ މޫޑް އޮފް ވެއްޖެކަން..” ޝާންޓޭ ފޮތްލައްޕާލަމުން ގޮނޑިން ތެދުވިއެވެ. “..މަ ޚާންއަށް ރީމް މަތިން ހަނދާންނައްތާލުމަށް ހެލްޕްވެދޭނަން.. ޚާން ތި ވަޅުގަނޑުން އެރޭންދެން މަ ކުޅެން ދިޔުންވެސް ހުއްޓާލާފިން.. އައި ނޯ ޔޫ ކޭން ޑޫ ދިސް..”
އެދުވަހުގެ ފަހުން އަހަރުމެން އެކީގަ އުޅޭވަގުތު ގިނަވާންފެށިއެވެ. ނަމާދަށް ދަނީ އެކީގައެވެ. ކައިބޮއި ހަދަނީ އެއް ސުފުރާ މައްޗަކުންނެވެ. އެއްދުވަހު އަހަރެންގެ ގެއިން ކެއިއްޔާ އަނެއްދުވަހު ކަނީ ޝާންޓޭމެން ގެއިންނެވެ. ފިލާވަޅު ހެދުމާއި، ފިލާވަޅު ދަސްކުރަނީވެސް އެކުއެކީގައެވެ. އަހަރަކީ އޯލެވެލް އިމްތިހާން އޮތް އަހަރެވެ. އެހެންކަމުން ކިޔެވުމުގައި އެކަކު އަނެކަކަށް އެހީތެރިވެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްމަތާއެކު ދިޔައީ މަސައްކަތްކުރަމުންނެވެ.
އެދުވަސްކޮޅު ޝާންޓޭ އުޅެމުންއައީ އަހަރެންގެ ހިޔަނިފަދައިންނޭ ބުންޏަސް ރަނގަޅުވާނެއެވެ. ޝާންޓޭގެ އަހަރެން އެކަނިވެލާނެ ވަގުތެއް ނުދެއެވެ. ގޭގެ ހަތަރުފާރު އެތޭރޭގައި އޮތަކަވެސް ނުދެއެވެ. ނިދަންނޫނީ އަހަރުމެން ދެމީހުން މުޅިންވެސް އުޅުނީ އެކުއެކީގައެވެ.
ޝާންޓޭގެ ސަބަބުން ރީމްގެ ހަނދާންތަކާ ދުރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އަހަރެންގެ ހިތުގައި ރީމްއަށްޓަކައިވާ ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ވަޅުޖެހެމުންނެވެ. ހިތުގައި ދިޔައީ ރުޅިވެރިކަމާއި ނަފްރަތުގެ ހުޅު ރޯވަމުންނެވެ. ސަބަބަކަށްވީ ރަށުތެރޭ ރީމް އޭ ކިޔާގެން ދެކެވެމުން ދިޔަ ވާހަކަތަކެވެ.
އަހަރެން އެއްދުވަހު ސުކޫލުން ނިމިގެން ގެޔަށް ވަންއިރު މަންމަ އާއި މަންމަގެ ރައްޓެއްސެއްކަމުގައިވާ އާބިދާއްތަ އޮލަވާހަކައެއްގައި ތިއްބެވެ.
“..އެ މާރަންދޫ ރީމާ އެ ނާއިލް ގެޔަށް ބަދަލްވިފަހުން އުޅުނީ ވަރަށް ގޯސްކޮށް.. ދަންވަރު ގަޑީގަ އެގެޔަށް މީހުންވެސް ވައްދާކަމަށް ވަނީ..” އާބިދާއްތަ އެހެންބުނެލި އަޑު އިވުމާއެކު އަހަރެންގެ ދެފައި ބިމުގައި ތަތްލިކަހަލައެވެ. ވަގުތުން ހުއްޓި އެވާހަކަތަކަށް ސަމާލުކަން ދެވުނެވެ.
“..ނާ ހަމަތެދެއް.. މި ޝާކިރާމެންގޭގަ އުޅުން އިރު އެމަންޖެ ނުލާހިކު ރަނގަޅަށް އުޅުނީވެސް.. މީހަކު ހީވެސް ނުކުރާނެ އެކަހަލަ ގޮތަކަށް އުޅެފާނޭވެސް..” މަންމަ ބުނި އަޑުއިވުނެވެ.
“..މީ ހަމަ ތެދު.. މިމަންޒަރު ލޮލަށް ފެނުނު މީހުން އެހެރަ ބުނަނީ ދެކުނީމޭ..” އާބިއްދާއްތަ ބުނި އަޑުއިވުނެވެ.
“..ނާއިލް ދެމަފިރިންގެ ދެމެދުގަވެސް މައްސަލަތަކެއް ޖެހުންވާހަކަތަކެއްވެސް އަޑުއިވޭ..”
“..ހޫމް އެއީވެސް އެ ރީމާ ފިރިހެނުން ވައްދާތީ ވީ ކަމެއްކަމަށްވަނީ..” އަހަރެން އިތުރަށް މަޑުކުރާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ވަނީމެވެ.
އެހެންދުވަހެއްގައި ކުލާހުގައިވެސް ރީމްގެ އުޅުން ވިޔާނުދާ ވާހަކަ ދެކެވުނެވެ. އަދި ރީމް ބަނޑުދޮންނަން އިންޑިޔާއަށް ދިޔަ ވާހަކަތެކެއްވެސް ރަށުތެރޭ ދެކެވުނެވެ. އަހަރެންނަށް އެހުރިހާ ވާހަކަތަކެއް ޤަބޫލްކުރެވެއެވެ. އެހެނީ ރީމް އަހަރެންނާއެކު ގުޅުން ހިންގަންވެސް މަސައްކަތްކޮށްފައިވާތީއެވެ.
އަހަރެން ރީމް އުޅޭތަނެއް ހޯދާކަށް މަސައްކަތެއްވެސް ނުކުރަމެވެ. އުޅޭތަނެއް ނުވެސް އެނގެއެވެ. ޒާނާއާ ގުޅުންކެނޑިފައިވާތީ އޭނާ ފަރާތުންވެސް ރީމްގެ އެއްވެސް ހަބަރެއް އަހަރެން ކަންފަތާ ހަމައަކަށް ނާދެއެވެ. އަހަރެންނަށް ދޭތެރެއަކުން ރީމްގެ ހަނދާންތައް އުނދަގޫކުރިނަމަވެސް އުޅެމުން ދިޔައީ ނޯމަލް ދިރިއުޅުމެކެވެ.
އޮކްޓޯބަރމަހުގެ ކުރީކޮޅެވެ. އޯލެވެލް އެގްޒާމް ފެށެންވަނީ މަދު ދުވަސްކޮޅަކަށްވެފައެވެ. އެއްދުވަހަކު ސުކޫލުން ނިމިގެން ދިޔައިރު މަންމަ އިނީ ރޯށެވެ. ކޮއްކޮވެސް ކައިރީގައި އިނދެގެން ރޮނީއެވެ. ބޮޑުބޭބެ ކޮންމެސް ވާހަކަތަކެއް ދައްކަން ހުއްޓެވެ. މިމީހުން މިރޮނީ ކީއްވެގެން ބާއެވެ؟
“..މަންމާ ކިހިނެއްވީ..” އަހަރެންނަށް އަވަހަށް އަހާލެވުނެވެ. މަންމަ ޖަވާބެއް ނުދިނެވެ.
“..ކޮއްކޯ.. ބޮޑުބޭ ކިހިނެއްތޯ ވީ..” އަހަރެން ކަންބޮޑުވާގޮތްވިއެވެ. އޭރު ސިކުނޑީގެ އެއްކަނަކުން ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރުތައް ދެމުން ދިޔައެވެ. (ނުނިމޭ)