ކުށަކާނުލާ.. (5 ވަނަ ބައި)
ތައްޔާރުވެލައިގެން އަހަރެން ދިޔައީ ސައިބޯށެވެ. “ދަރިފުޅު ނިދަން ހަދައިގެން އަޔާންއާވެސް ބައްދަލު ނުވިއެއްނު.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް..” މަންމަގެ އެ ޖުމަލްއިން އަހަރެން ކޮށިއެރިއެވެ. “ކީކޭ؟ އަޔާ ކޮންތާކަށް ދިޔައީ؟” އަހަރެންނަށް ލިބުނު ހައިރާންކަންމަތީ އަހާލެވުނެވެ.”ދަރިފުޅު ކައިރި ނުބުނޭތަ؟ މަންމަ ހީކުރީ ބުނާނެ ކަމަށް. މަންމައަށްވެސް އިނގުނީ މިއަދު އައިސް ބުނީމަ. އަޔާން ބުނީ ގޮވާނެ ކަމެއް ނެތޭ. އެހެންވެ ގޮވަންދާން އުޅެފަ ނުގޮވީ. އެމެރިކާއަށް ބަދަލްވަނީ އޯ. ދެން އެކޮޅުންނޭ ބުނީ ކިޔަވަނީ.” އަހަރެންނަށް އިވުނު އަޑުތަކެއް ގަބޫލެއް ނުކުރެވުނެވެ. އެބައަންނަމޭ ބުނެ އަހަރެން ދުވެފައި ދިޔައީ ކޮޓަރިއަށެވެ. ފޯނު ނަގާ އަޔާންއަށް ގުޅީ މަންމަ އެދެއްކި ވާހަކަތައް ގަބޫލް ނުކުރަންވެގެންނެވެ. “ތިޔަ ގުޅުއްވި ފޯނު މިވަގުތު ވަނީ ނި…” އަހަރެންގެ އަތުން ފޯނު ދޫވިއެވެ. “ނޫން.. އަޔާ އެހެނެއް ނުހަދާނެ. އަޔާ އެހެނެއް ނުހަދާނެ.” އަހަންނަށް ރޮވެން ފެށުނެވެ. ހަދާނެ ގޮތް ހުސްވިއެވެ. ފޯނު ނިވާލާފައި އޮތްކަން އެނގި ހުރެ އެތައް ފަހަރަކު ގުޅީމެވެ. އަޔާން އެހެން ހަދާފާނެ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ރެއާ ދުވާލު ކުރި ވައުދާ އަހުދުތަކަކީ އެއްވެސް ހަގީގަތެއް ނެތް ބިލާހެއް ކަމަށް ފަޅި ސިކުންތަކުން ގަބޫލް ކުރާނީ ކިހިނެތްހެއްޔެވެ.
އަޔާން ފުރައިގެން ދިޔުމާއެކު އަހަރެންގެ މުޅި ދިރިއުޅުން ބަދަލްވިއެވެ. އެކަނިވާ ކޮންމެ ވަގުތަކު ގިސްލާ ރޮވެން ފެށެއެވެ. ކެއިން ބުއިމުން ދުރުވެވުނެވެ. މަންމައަށްވެސް ކަމެއް ގޯސްވިކަން ފާހަގަ ކުރެވުނީ ދެނެވެ. “ދަރިފުޅާ.. ކިހިނެތް ވެގެންތަ ތިއުޅެނީ.؟؟ މަންމަ މިހާރު ވިސްނާ ވިސްނާ ސުމަކަށް ގޮއްސި.. ދަރިފުޅު ތިހެން ކަމެއް ނުކޮށް އަބަދު ތިއޮންނަނީ ކީއްވެތަ؟ ނިކަން ބުނެބަލަ..” މަންމައަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. މަންމަވެސް ސުވާލުކޮށްކޮށް ވަރުބަލިވީ ކަންނޭގެއެވެ. އެންމެ ފަހުން ކޮޓަރިން ނިކުމެއްޖެއެވެ.
ޖެހިގެން އައި ދުވަހެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ އަޔާންއަށް ގުޅޭތޯއެވެ. “ނީ… ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ.. ކިހިނެތްވެގެންތަ ތިއުޅެނީ؟” ރިޝާގެ އަޑުގައި ވަނީ ހާސްކަމެވެ. ރިޝާ ފެނުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. “ކިހިނެތްތަ ވީ؟ ނިކަން ވީ ގޮތެއް ބުނެބަލަ. ނީގެ މަންމަ ގުޅީމަ އަހަރެން މިއައީވެސް. ތިހެން ނުކައި ނުބޮއެ އުޅެންޔާ މަންމަވެސް ކިހާ ކަންބޮޑުވާނެ.. ދެންވެސް ބުނެބަލަ..” ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން ރިޝާ މަސައްކަތް ކުރިނަމަވެސް އަހަންނަކަށް ބަހެއް ބުނެލާނެ ހިތްވަރެއް ނުލިބުނެވެ. “ނީ ނުކިޔައިދެންޔާ އަހަރެން އަޔާއަށް ގުޅަނީ އިނގެ” އެންމެ ފަހުން ރިޝާ ބުނެލިއެވެ. “އަޔާ އަހަންނަށް ލަނޑު ދިނީ… ބޭވަފާތެރިވީ..” ރޮމުން ރޮމުން އަހަރެން ރިޝާއަށް ހުރިހާ ވަހަކައެއް ކިޔައިދިނީމެވެ. “އަހަރެން ކިހިނެތްތަ ހަދާނީ.. އަހަރެން ހިއެއް ނުކުރަން އަޔާ އެހެން ހަދާނެ ކަމަކަށް.. އަހަރެން ދެކެ ކުޑަކޮންވެސް އޭނަ ލޯބި ނުވަނީތަ؟” ރިޝާ އިނީ ބަސް ހުސްވެފައެވެ. އަޔާން އެހެން ހަދާފާނެ ކަމަކަށް ރިޝާއަށްވެސް ގަބޫލެއް ނުކުރެވުނެވެ. “އޭނަ ބޭވަފާތެރިވީމަ ނީ ޖެހޭތަ ރެއާ ދުވާލު އެ ނުލަފާ މީހާއަށް ކަރުނަ އަޅަން.. އަހަރެން ހިތަކަށްވެސް ނާރާ އަޔާން އެހާ ދަށު ދަރަޖައަށް ވެއްޓިދާނެ ކަމަކަށް. ކުޑައިރުގެ ރަހުމަތްތެރިޔާކަންވެސް ހަނދާން ނެތޭކަށް މި މީހުނަށް ހިނދުކޮޅެއްވެސް ނުނަގައޭ ދޯ.. ހުރި ވިޔާނުދާކަން ބަލާބަލަ.. ނީ ދެން ނުރޮއެ… އެކަހަލަ މީހުނަށްޓަކައި އެންމެ ކަރުނައެއްވެސް އަޅާކަށް ނުވާނެ. ރާއްޖޭން ބޭރަށް ދެވުނީމަ އޭނަ އެހެރީ މާ ބޮޑަށް ފެން ބޮވިފަ.. ހިނގާ ދެންވެސް ކާން.. ނީގެ ސިފަވެސް ތިހިރަ ގެއްލެނީ” ކުޑަކުއްޖެއް މަސަލަސް ކުރާހެން ރިޝާ އަހަރެން ހުއްޓުވަމުން ދިޔައެވެ. “އެކަމަކު އަޔާ… އަހަރެން ހާދަ ލޯބިވެޔޭ އޭނަ ދެކެ. ހާދަ ހުވަފެންތަކެއް ދެކުނީމޭ… ކިހިނެތް އެހާ ފަސޭހައިން ހަނދާން ނައްތާލާނީ.. މީކީ ކުޅޭ ކުޅިވަރެއް ނޫނޭ..” އަހަރެން އަނެއްކާވެސް އަޔާންގެ ވާހަކަ ދެއްކުމުން ރިޝާ ރުޅިއައެވެ. “އަޔާ.. އަޔާ.. އަޔާ… އަހަރެމެން މީ ނެތް ބަޔަކީތަ؟ ބަލަ ތިބުނާ އަޔާނޭ ނީ ދޫކޮއްލާފަ އެދިޔައީ.. ނީދެކެ އޭނަ ލޮއެބެއް ނުވެޔޭ… މިކޮޅުގަ ހުރި ދުވަސްކޮޅު އެކަނިވެރިކަން ފިލުވާލަން އޭނަ ނީ ބޭނުންކޮއްލީ.. ނީ ފަސޭހައިން ލިބޭނެތީ.. ދެން ތި އަޔާންގެ ވަހަކަ ދައަކައިގެން ނުވާނެ. ދެން އާދެ ތިރިއަށް.” ރިޝާގެ އަޑުގައި ހުރީ ހަރުކަށި ކަމެވެ. އަހަރެންނަށްވެސް ރިޝާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނައާ އެކު ތިރިއަށް ގޮސް ކުޑަކުއްޖެއްހެން މޮޑެފައި ހުރި ބަތްތަށި ކާން ފެށީމެވެ.
ރިޝާ އައުމުން އަހަރެންގެ ހިތަށް ލުއިވާން ފެށިއެވެ. ހިތުގެ އުދާސްތައް ބޭރު ކޮއްލާނެ މީހަކު ލިބުނީމައެވެ. މަޑު މަޑުން މީހުންތެރޭ އުޅެން ފެށުނެވެ. ނަމަވެސް އަޔާންގެ ހަނދާންތަކަކާ ދުރަކަށް ނުދެވުނެވެ. އެކަނިވާ ވަގުތުތަކުގައި އަދިވެސް ގިސްލާ ރޮވެއެވެ. ބޭނުން ނުވި ނަމަވެސް އެހަނދާންތައް އަހަރެންނަށް އުނދަގޫ ކުރަމުންދެއެވެ. އެންމެ ފަހުން ސިނގިރޭޓް ބޯންވެސް ފެށުނީއެވެ. އަޑި އިވިފައިވާގޮތުން ސިނގިރޭޓް ބުއިމުން ހިތްހަމަޖެހުން ލިބެއެވެ. އެކަމަކު އެލިބޭ ސިކުންތެއްގެ ހިތްހަމަޖެހުމަކުންވާ ފައިދާއެއް ނެތްކަން އެނގުނު އިރު އަހަރެންވަނީ އެއަށް ދެވިހިފާފައެވެ.
“އައިނީ؟؟ ކިއްތިކުރަނީ؟ ދަރިފުޅު ކައިރީ ކިތައް ފަހަރުތަ ބުނަން ޖެހޭނީ ތިތަނަށް ނަރާށޭ ވެއްޓިދާނޭ..” މާޒީގެ ދުނިޔެއިން އަހަރެން ބޭރަށް ނުކުތީ މަންމަ ގޮވާލި އަޑަށެވެ. ސިހިފައިގޮސް އަތުގައި އޮތް ސިނގިރޭޓް ބުރި ކުޑަދޮރުން ބޭރަށް ވައްޓާލީމެވެ. “ރިޝާ އެބަހުރި ހޯދަން އައިސް” މިދަނީއޭ ބުނެ އަހަރެން މަންމަ ފޮނުވާލީމެވެ. އަދި ވަސްކަނޑުވާލުމަށްޓަކައި އަތަރުކޮޅެއް އަތާއި ހެދުމުގައި އުގުޅާލީމެވެ.
“މިއޮއް ފަދަ ވިއްސާރައިގަ ކިއްކުރަނީ” ރިޝާ ފެނުމާއެކު އަހަރެން ސުވާލު ކޮއްލީމެވެ. “މިހެން ދަމުން މާ ބޯކުރަން ހެދީމަ ވަނީ މިގެއަށް.. މާދަން ރޭ އެބައޮތް ޕާޓީއެއް.. މަށާއެކު ދާންވާނެ އިނގޭ..” އަހަރެން ދާން އެއްބަސްވީ ދަހިތަކުން ނޫނެވެ. ރިޝާގެ ދައުވަތަކަށް ނޫނެކޭ ބުނަން ނުކެރިގެނެވެ. “ނީ ކިޔަވަންދާން ފުރަނީ ކޮން އިރަކުންތަ؟ މަވެސް ވަރަށް އަވަހަށް ފުރަން ކިޔައިގެން މިހުންނަނީ” “މި މަހު ފަހުކޮޅު. އަހަރެން ހިއެއް ނުކުރަން ސްކޮލަރޝިޕް ލިބޭ ވަރުގެ ނަތީޖާއެއް ލިބޭނެ ކަމަކަށްވެސް އޭލެވެލްއިން. ރިޝް ނެތްނަމަ ނުވީސްކަން ޔަގީން. ތޭންކްސް ރިޝް.” އަހަރެން ރިޝާއަށް ޝުކުރުއަދާކުރީމެވެ. ރިޝާގެ އެހީ ނުލިބުނުނަމަ މިއަދު އަހަރެން ދުނިޔޭގައިވެސް ނުހުރިސް ކަންނޭގެއެވެ. “އެއްކަލަ ނީ.. އެދެން އެވަރު ކަމެއްތަ.. ވާރޭ ތުނިކޮއްލައިފި ކަންނޭގެ.. މަދަނީ ދެން… މާދަން ރޭ އަންނާނަން… ތައްޔާރުވެގެން ހުންނާތި.”
ޖެހިގެން އައިރޭ އަހަރެން ތައްޔާރުވަމުން ދިޔައީ ރިޝާއާއެކު ޕާޓީއަށް ދާށެވެ. “ޕިސްޕިސް.. އަދިވެސް ތައްޔާރެއް ނުވެވޭތަ؟ ޕާޓީ ނިމޭއިރުވެސް ނީއަކަށް ނުދެވޭނެ ދޯ” އަހަރެން ތަތްކަމުން ރިޝާ ކުދި ކިޔަން ފެށިއެވެ. “މިނިމުނީއޭ.. ހިނގާ ދާން” ސެންޓު ޖެހުމަށް ފަހު އަހަރެންވެސް ރިޝާއާއެކު ޕާޓީއަށް ދާން ނިކުތީމެވެ.
އަހަރެމެން ދިޔައީ ރިޝާގެ ރައްޓެއްސެއްގެ ކައިވެނި ޕާޓީއަކަށެވެ.ކުރީގެ އެކުވެރި ކުދިން ފެނުމާއެކު އަހަރެންވެސް އަނގަތަޅާލަން ތިބީމެވެ. “ނީ.. މަށަށްވެސް ކޯކެއް” ކޯކު ތައްޓެއް ބަލައި ދިޔުމަށް ހިނގައިގަންވަގުތު ރިހުލާ ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ފަހަތަށް ބަލައިލައި ކުރިއަށް ފިޔަވަޅު އެޅިވަގުތު މީހެއްގެ ގައިގައި ޖެހި އަރި އަޅާލިއެވެ. “ސޮރީ..” ދެމީހުނަށް އެއަފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. އެޒުވާނާ އަހަންނާ ދިމާއަށް ކުޑަ ވަގުތު ކޮޅަކަށް ކަޅިޖަހާ ނުލާ ބަލަން ހުއްޓެވެ. އެވަގުތު ފަހަތުން ރިހުލާމެން ހޭން ފެށުމުން އެޒުވާނާއަށް ހިނިތުންވެލުމަށްފަހު ކޯކު ހުރި މޭޒާ ދިމާއަށް މިސްރާބު ޖެހީމެވެ.
One Comment
Comments are closed.
r