Skip to content
އެސްފިޔަ

ނޭނގި ޔާރު ވަކިވީ (2)

އުޑުމަތީ ބޯކުރަމުން ދިޔަ ކަޅު ވިލާތަކުން ވާރޭ ކަނި ޖަހަމުން ދިޔައެވެ. ޖެހެމުންދިޔަ ބާރު ވައިން ޒޫން އަޑު ކިޔަމުން ދިޔައިރު މުޅި މާހައުލު ވަނީ އަނދިރިވެފައެވެ. ޕޭވްމަންޓު މަތީ ކުޑައެއް އަޅައިގެން ހުރި އެ އަންހެންކުއްޖާ އަތުގައި އޮތް ދަބަސް މެޔާލައި ބޮނޑި ކޮށްލައިގެން ހުރީ މަގުމަތިން ކާރެއް ލިބޭ ތޯއެވެ.

އެތަށް އިރަކު މިހެން ހުރި ނަމަވެސް މިގަޑީގައި އެތަނަށް ކާރެއް ހުއްޓާނެ ކަމާއި މެދު ޝައްކެވެ. ވާރޭ ކަނިތަށް ބޯ ކުރަމުން ދިޔަވަރަކަށް މަގުމަތީގައި މީހުން ހޭލަމޭލަ ވާލެއް އިތުރުވެއްޖެއެވެ. އެ ޒުވާން އަންހެން ކުއްޖާ ކުޑަ އަޅައިގެން މަގު ހުރަސް ކުރަން ހިނގައިގަތީ ކާރެއް ނުލިބުމުންނެވެ.

އަވަސް ފިޔަވަޅުތަކެއްގައި ހުޅުމާލެ ފެރީޓާމިނަލްއަށް މިސްރާބު ޖަހާފައި ހުރިއިރު އޭނާއަށް ނަޒަރު ހުއްޓާލައިގެން ފަހަތުން އިތުރު ފިރިހެނަކު އާދެއެވެ. އެމީހާ ލައިގެން ހުރި ކަޅު ކޯޓުން މޫނުގެ އެއްބައި ފޮރުވިފައި ވީއިރު އެ ޒުވާން އަންހެން ކުއްޖާ ފަހަތުން އޭނާ އަޅާހާ މަގަކުން އަޅަމުން އާދެއެވެ.

ހުޅުމާލެ ފެރީ ޓާމިނަލްއާއި ހިސާބަށް ދެވުނުތަނާ ކެރިގަނޑު ބޯކޮށް އޮއްސާލިއެވެ. އަޅައިގެން ހުރި ކުޑަ ވަޔާއިއެކު ހުޅުވިގެން ދިޔަ ވަގުތު އޭނާ ވާރޭގެ ތިކިތަކުން ތެތްމާލިއެވެ. އެކަޅުކަން ގަދަ ބުޅި އިސްތަށިގަނޑު ތެމިގެން ދިޔައިރު އެ ދޮން މޫނުގައި އިސްތަށިތައް ތަތްލެވިއެވެ. އޭނާ އަވަސް އަވަހަށް ކުޑަ ރަނގަޅު ކޮށްލަމުން އިސްތަށި ގަނޑު ފަހަތަށްލައި ހުޅިއެއް ޖަހާލުމަށްފަހު ޓާމިނަލް ތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ދުރުގައި އެއްކަލަ ޒުވާނާ ހުއްޓެވެ.

އެތޫނު ދެލޯ ފެރީ ޓާމިނަލް ތެރޭގައިވީ އެ އަންހެން ކުއްޖާއަށް ހުއްޓިފައި ވީއިރު އޭނާ ލޯ ކުރިމަތިން ގެއްލެންދެން ދުރުގައި އެ ޒުވާނާ ހުއްޓިލައިގެން ހުއްޓެވެ. އެ އަންހެން ކުއްޖާ އެރި ފެރީ މާލޭ ފަޅުން ނައްޓާލުމާއި އެކު ބޮލުގައި އަޅައިގެން ހުރި ކޯޓުގެ ކޯރި ނަގަމަމުން އިއާން ފުންނޭވާއެއް ލިއެވެ.

ވެހެމުން ދިޔަ ބޯވާރޭތެރޭ އިއާން ތެމެމުން ދިޔައިރު އެއްއަތުން އިސްތަށިގަނޑު ފޮޅާލަމުން އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ހިޔަލަށް ވަދެ ޓާމިނަލް ކައިރިއަށް ހުއްޓި ކާރަކަށް އެރިއެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އެނަގައި ބަލާލިއިރު ގުޅަނީ ރައިނާއެވެ. “ހޭ ބޭބް..” އިއާން ވާހަކަދެއްކިއެވެ.

“މިއިނީ ރައްޓެއްސަކާއި އެކު ކޮފީއެއްގައި.. ޔާ. ދާނަން އިރުކޮޅަކުން.” އިއާން މިހެން ބުނެފައި އަވަހަށް ފޯނުބޭއްވިއެވެ. ކާރުގެ ސީޓުގައި ލެނގިލަމުން އޭނާގެ ނަޒަރު ހުއްޓުނީ ބޭރަށްށެވެ. އެ އެސްފިޔަތަށް މަރާލުމުން ސިފަވެގެން ދިޔައީ ދެންމެ އޭނާ ފާރަލީ އަންހެން ކުއްޖާއެވެ. އާނއެކެވެ. އެއީ ހަމަ އެސޫރައެވެ. އެ ބުޅި އިސްތަށިގަނޑާއި އޮމާން މޫނެވެ. އެއްވެސް ބަދަލެއް އައިސްފައި ނުވާ އެ ސޫރަ އަދި އަދަށް ދާންދެން ވެސް އެހިތުގައި ބިންވަޅު ނެގިފައި ވިއެވެ. “ޒާރާ..” ދުލުން ބޭއިޚްތިޔާރުގައި އިއާންއަށް އެނަން ކިޔާލެވުނެވެ.

****

“ދެން ވަރަށް ފޫހިވޭ.. ހަމަ ބޭރަށް ދާން ޕްލޭން ކުރާއިރަށް ވާރޭ ވެހެން ފެށީއެ.” ލައްޕާފައި ހުރި ބެލްކަނި ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި ޖޫލް ބުނެލިއެވެ. އޭރު ސޯފާގައި ނާއިކް އާއި މިރުޝާލް ޕީއެސް ފޯ ކުޅެން ތިބިއިރު ކާގޭގައި ތަސްލީމާމެންނާއި އެކު ސައިބޯ އެއްޗެހި ހެދުމުގައި ރައިނާ އުޅެއެވެ.

“ޖާޒް މި ސޮސެޖް ކޮޅު ކޮށާލަ ދީބަ..” ރައިނާ މިހެން ބުނުމުން ކޭކު ފުށްގަނޑު ގިރަން ހުރި ޖަޒްލާން ސޮސެޖްތައް ނެގިއެވެ. “ދެން މީތި ސްކްރޭމްބަލް އެގްސް އާއި އެއްކޮން ފްރައި ކޮށްލާނީ..” ރައިނާ ކިޔައިދެމުން ދިޔައިރު ޖަޒްލާން ވަރަށް ޝައުޤުވެރި ކަމާއި އެކު އެވާހަކަތައް އަޑު އަހަމުން ދިޔައެވެ.

“ދަރިފުޅާ ޖޫލް ދެން މިތަނަށް އައިސް މި ބޯކިބާތަށް ކަފާލަ ދީބަލަ.. ތިތާ ހުއްޓަކަސް ވާރޭއެއް ނުހުއްޓާނެ. ކޮބާތަ އިއާން؟ މެންދުރު ދިޔަ މީހާ އަދިވެސް އަންނާކަށް ނޫޅޭ.. ބުނިން ހަވީރު ސައިބޯން ވާއިރަށް އަންނައްޗޭ ވެސް.” ތަސްލީމާ އާދައިގެ މަތިން ކުދި ކިޔަމުންދިޔައެވެ. “މޯމް އަދިވެސް އުޅެނީ އިއާން ކުޑަކުއްޖަކަށް ހަދައިގެން.. އެހެންނުން ވާނީ މަންމަ ބުނާ ބަސް އެހާވަރަށް އަހާ ދަރިއަކު ހިއެއް ނުވޭ ދެން އުޅޭނެ ހެންނެއް..” މިރުޝާލް ޖެއްސުމަށް ބުނެލިއެވެ.

“މިރުޝާލް މާ އަންގަދަ ނުކުރޭ. ހަމަ ކޮންމެ ކަމެއްގައި އިއާންއާއި ޖައްސާލައިގެން އެބަ އުޅޭ..” ތަސްލީމާ ކުޑަކޮން ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އެއީ މަޖަލޭ ތަސްލީމައްތާ.. އެހެންނޫނަސް އެންމެންނަށް އިނގޭނެ ތަސްލީމައްތަ ބުނާ ކަމަކާއި އިއާން ދުވަހަކު ވެސް ދެކޮޅެއް ނަހަދާނެކަން..” ގޭމަށް ގެއްލިފައި އިން ނާއިކް ބުނެލިއެވެ.

“ހެހެހެ އެހެންވީއިރު ކޮބާތަ މަންމަގެ ރަންދަރި.” ޖޫލް މަޖާވެލާފައި މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. “ދެންމެ ގުޅިން.. ބުނީ ކޮފީއެއްގަޔޯ އިނީ. މިހާރު އަންނަން އުޅޭނީ.” ރައިނާގެ ޖުމްލަ ނިމުނު ތަނާހެން ގޭގެ ބެލް ޖެހި އަޑު އިވުނެވެ. “އެވަޑައިގެންނެވީ..” ހެމުން ހެމުން ޖޫލް މިހެން ބުނެފައި ގޮސް ދޮރު ހުޅުވާލިއިރު ބޭރުގައި ތެމިގެން ހުރި އިއާން އަވަސް އަވަހަށް އެތެރެއަށް ވަނެވެ. “އަހާ ދަރިފުޅު ތެމިގެންތަ ތިއައީ.. ކޯޓު ބަހައްޓާ ބޭރުގައި.” ސައި ގިރަން ހުރި ޝިމްލާ ބުނެލިއެވެ. އޭރު ރައިނާއަށް ތެމިގެން ހުރި އިއާން ފެނުމުން ޖަޒްލާންއަށް ތަވާ ބަލައިލަން ހަވާލު ކޮށްފައި އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

ބޮލުން ފެން ފޮޅަމުން އިއާން ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އިރު ރައިނާ އަލަމާރި ތެރެއިން އަތްދިގު ޓީޝާޓަކާއި ޓްރެކް ޝޫޓެއް ނަގަނީއެވެ. ގޮނޑީގައި އޮތް ތުވާލި އިއާންއަށް ދިއްކޮށްލަމުން ރައިނާ އެނދުމަތީގައި ނެގި ޓީޝާޓް ބޭއްވިއެވެ.

“ދޭ އަވަހަށް ފެން ހިއްކާލައިގެން ޗޭންޖް ކޮށްލަން.. އަންނަން ވާއިރަށް ހޮޓް ކޮފީއެއްތަ ސައިތައްޓެއް ތަ ބޭނުމީ؟” ރައިނާ ހިނިތުން ވެލަމުން އަހާލިއެވެ. “ސައި..” ތުވާލިން މޫނު ފޮހެލަމުން އިއާން ބުނެލިއެވެ. “އޯކޭ.. އަންނައްޗޭ އަވަހަށް. އިއާންގެ ފޭވްރިޓް ސްކްރޭމްބަލް އެގްސް އެންޑް ސޮސެޖް ހަދަނީ މި..” ރައިނާ މިހެން ބުނެފައި ކޮޓަރިން ނިކުތެވެ.

ބޮލުން ފެން ހިއްކަން ހުރި އިއާންގެ ޚިޔާލުތައް ފުނިޖެހުނެވެ. ރައިނާ ކިހައި ރަނގަޅު ހެއްޔެވެ. އޭނާ އަންނަން ވާއިރަށް ޓީޝާޓާއި އެއްޗެހި ނަގައިދީ އެހާ ލޯބިން ކަންތައް ކޮށްދިނުމަކީ އާ ކަމެއް ނޫނެވެ. ކައިވެންޏަށް ފަސް އަހަރުވާން އުޅޭ އިރުވެސް އިއާންގެ ކަންތައް ބެލެހެއްޓުމުގައި ރައިނާ ފަރުވާ ކުޑައެއް ނުކުރާނެއެވެ. އެހައި ހިތްހެޔޮ އިއާންދެކެ އިންތިހާއަށް ލޯބިވާ އަނބިމީހާއަށް އޮޅުވާލެވުނީތީ އޭނާ ހިތުގައި ރިއްސާލިއެވެ.

****

އެންމެން އެއްސުފުރާ މަތިން ހަވީރުގެ ސައި ނިންމާލި އިރު އިރުއޮއްސި އަނދިރިވާން ކައިރި ވެއްޖެއެވެ. ހަވީރު ވެހެންފެށި ވާރޭ ހުއްޓާލާފައި ވީ ނަމަވެސް ކޮންމެ ވެސް ވަރަކަށް ވާރޭ ކަނި ޖަހަމުން ދިޔައެވެ. “މިވީ ގޮތުން ދެން ބާބަކިއުއަށް ދާނީ މާދަން މޫސުން އޮތް ގޮތެއް ބަލާލާފައި..” ކަރަންފުލެއް ތަބަކުން ނަގަމުން ޖާބިރު ބުނެލިއެވެ.

“އާނ. މިހާ ވިއްސާރަ އިއްޔާ މާދަން ދާން ހަދާނެ ކަމެއް ނެތް.. އެހެން ނޫނަސް އަދި ދުވަސް އެބަ އޮތެއްނުން. ކޮންއިރަކުންނޭ މިހާރު ރަށަށް ގޮސްލަނީ؟” ކައިރީގައި އިން ފައިރޫޒު އަހާލިއެވެ. އޭރު އިއާން ވެސް އެމީހުންނާއި އެކު ސޯފާގައި ތިބިއިރު މިރުޝާލް އެތަނަށް އައިސް ހުއްޓެލިއެވެ.

“އަދި ދެހަފްތާ ވަރު ފަހުން..” ޖާބިރު ޖަވާބުގައި ބުނެލިއެވެ. “އިއާން ކޮބާ ވަޒީފާ ކިހިނެތް؟ މިހެން އުޅެލާފައި މިކޮޅަށް ޖައްސާލާކަށް ނުވިސްނަންތަ؟” ފައިރޫޒު ދުފަން އިނދެފައި އަހާލިއެވެ. “ވަޒީފާ ހަމަ ރަނގަޅު.. މިހާރު ވެސް ދޭތެރެ ދޭތެރެއިން ރިކުއެސްޓް ލިބޭނެ މިކޮޅަށް އައިސް ޕޭޝަންޓުން ބަލައިލަން. އެކަމު ދެން ޝެޑިއުލް ބިޒީ ކަމުން ހަމަ ނާދެވިގެން މިއުޅެނީ.. އަދި އަންނާނަން.” އިއާން ހިނިތުން ވެލަމުން ބުނެލިއެވެ..

“އެކޮޅުގައި ވެސް އިއާންއަށް ނިކަން ޑިމާންޑް ބޮޑުވާނެ..” އިއާން ކައިރީގައި މަޑުކޮށްލި ތަސްލީމާ ބުނެލިއެވެ. “ހެހެހެ.. އެހެންނުންވާނީ ލަންޑަންއަށް ފޮނުވައިގެން އެހައި މޮޅަށް ކިޔަވާފަ ވިއްޔަ އެހުރީ..” އިއާންގެ ކޮނޑުގައި ޖަހާލަމުން ޖާބިރު ބުނެލިއެވެ. “ވީއާ ޕްރައުޑް އޮފް ޔޫ..” އިއާންގެ ބޮލުގައި ފިރުމާލަމުން ތަސްލީމާ ބުނެލިއެވެ.

އެވަގުތު ގޭގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ދިމްނާ ފެނި ތަސްލީމާ އަވަހަށް ސައި ހެދުމަން ބުނެލިއެވެ. “ސޮރީ ލަސްވީ.. އެހެންނުން ވާނީ ވާރޭ ވެހޭ ވިއްޔަ އެބަ.” ދިމްނާ އެތެރެއަށް ވަދެ މިހެން ބުނެލިއިރު ފަހަތުން ނަސީމްގެ އަތުގައި ހިފައިގެން ނޫހް އާދެއެވެ. “ދޮންބޭ..” އިއާން ފެނުމާއި އެކު ނޫހް އޭނާގެ ބައްޕަ އަތުން ދޫކޮށްލައިފައި ގޮސް އިއާންގެ އުނގަށް އެރިއެވެ.

“ހޭއި.. ތެމިގެންތަ ތިއައީ؟” ނޫހްގެ ބޮލުން ފެންފޮޅާލަމުން އިއާން އަހާލިއެވެ. “އެއީ ކާރުން ފޭބި ގަޑީގައި ތެމުނިއްޔޭ ދޯ ނުއްނު.. އިއާން.. ކޮބާ ކިހިނެތް؟ އޮފީހުގައި ބިޒީކަމުން އިއްޔެ އެއާޕޯޓަށް ނުދެވުނީ.” އިއާންއާއި ސަލާމް ކޮށްލަމުން ނަސީމް ބުނެލިއެވެ. “ރަނގަޅު ހަމަ.. ސައިބޯން އުޅެން ވީނުން.” އިއާން ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ.

ދިމްނާމެން ސައި ބޮމުން ދިޔައިރު ނޫހް ބޭނުންވީ ތައްޓަށް އެއްޗެހި އަޅައިގެން ގޮސް އިއާންގެ އުނގުގައި އިންނާށެވެ. “ނުއްނު ހާދަ ވަރެއް ހުރެޔޭ ދޯ އިއާންއަށް..” ފައިރޫޒު ކާމޭޒު ކައިރީގައި އިށީނދެލަމުން ބުނެލިއެވެ. “ހޫމް.. ރޭގައި ވެސް ގެއަށް ގޮއްސަ ކިޔަނީ މާދަން ރޭ ދޮންބެ ކައިރިއަށް ސްލީޕް އޯވާއަށް އަންނާނީ ދޯ ޔޯ..” ދިމްނާ ހެމުން ބުނެލިއެވެ.

“ނުއްނު ބަހައްޓަން ވީނުން..” ނޫހްގެ ބޮލުގައި ފިރުމާލަމުން އިއާން ބުނެލިއެވެ. “އުނދަގުލެއް ނުވާނެ؟ ރޭގަނޑު ދަންވަރަށް ނިކަން ހޭލާނެ ބަނޑުހައި ވެގެން ހެހެހެ..” ނަސީމް ބުނެލިއެވެ. “އެ އޯކޭވާނެ. ދޯ ރައި.” ސޯފާގައި އިން ރައިނާއަށް ނިތްއެއްލަމުން އިއާން ބުނެލިއެވެ. ރައިނާ ޖަވާބުގައި ބޯ ޖަހާލަމުން ހީލިއެވެ.

“ހޭ ބަޑީ.. މިރޭ ދޮންބެ ކައިރި ނިދާނީ.” އިއާން މިހެން ބުނުމުން ނޫހް ދެލޯ ބޮޑުކޮށްލިއެވެ. “އަސްލުތަ؟ މަންމި މިރޭ ނުއްނު މިގޭގައި ނިދާނީ؟” ނޫހް ޔަޤީން ކޮށްލަން ދިމްނާ ކައިރި އަހާލިއެވެ. ދިމްނާ އާނއެކޭ ބުނުމުން ނޫހް އުފަލުން އެތަނުގައި ފުމެން ފެށިއެވެ. “ދޮންބެ.. ދޮންބެ ވާނެ ނުއްނުއާއި އެކީ ކާޓޫން ބަލަން. ދޮންބެ ބިގް ހީރޯ ސިކްސް ބެލިންތަ؟” ނޫހް މަޖާވެފައި އަހާލިއެވެ.

****

ދަންވަރުގެ ހަމަހިމޭން ވަގުތު ރައިނާ އޮތީ އެ ތަނަވަސް އެނދުގައި ބާލީހެއްގައި ބައްދާލައިގެންނެވެ. ދިއްލާފައި ހުރި ފަނޑު ނިދާ ބޮކީގެ އަލިން ކައިރީގައި އޮތް ނޫހް އޮތީ އިއާންގެ މޭގައި އަތް ބާއްވާލައިގެންނެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައި ވީއިރު އިއާން އޮތީ ޓީޝާޓެއް ވެސް ނުލާ ކަމުން އެ ހަށިގަނޑު މަތިން އޮތީ ހާމައަށްށެވެ.

ވެރިވެފައިވީ ހަމަހިމޭންކަން ނަގާލީ ނޫހްގެ ކުކުރުންތަކުންނެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅިފައި އޭނާ ތެދުވެ އިށީނެވެ. އޭރު އިއާން އޮތީ ފުން ނިންޖަކުން ގެނބިފައެވެ. “ދޮންބޭ.. ދޮންބެ.” އިއާންގެ ކޮނޑުގައި ކޮއްޓާލަމުން ނޫހް ވައި އަޑުން ވާހަކަދެއްކިއެވެ. “ހޫމް..” އިއާން ނިދީގައި ނޫހްގެ އަތް ދުރަށްލަމުން އަނެއްފަރާތަށް އެނބުރުނެވެ.

“ދޮންބޭ.. ނުއްނު ބަނޑުހައި ވަނީ..” އަނެއްކާވެސް ތަންކޮޅެއް ބާރަށް އިއާންގެ ކޮނޑުގައި ހިފައި ތަޅުވާލުމުން އޭނާ ސިހިފައި ތެދުވިއެވެ. “އާނ.. ހޫމް ކީކޭ؟” ދެލޯ ފޮހެލަމުން އިއާން އިށީނދެ ގަޑި ބަލާލި އިރު މެންދަމުން އަނބުރާ ދޭއް ޖަހަނީއެވެ. އޭރު ނިދިފައި އޮތް ރައިނާ ވެސް ނޫހްގެ އަޑަށް ހޭލައި އެނދު ކައިރީގައި އިން ލައިޓު ޖައްސާލިއެވެ.

“ނުއްނު ބަނޑުހައި ވަނީ..” ނޫހް އެނދުން ފައިބަމުން ބުނެލިއެވެ. އިއާން ވަގުތުން ރަޖާގަނޑު ދުރަށް ޖައްސާލާފައި ތެދުވުމުން ރައިނާ ވެސް އޭނާގެ ފަހަތުން ދިޔައެވެ. “މިލްކް ތައްޓެއް ހަދަންތަ؟” ނޫހްގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަމުން އިއާން ވާހަކަ ދެއްކިއެވެ. “ރައިނާ ދޭބަ އޮށޯންނަން… އަހަރެން ހަދާލަފާނަމޭ.” އިއާން މިހެން ބުނުމުން ރައިނާ ދޮރުކަނީގައި ލެނގިލަމުން އެތަނުގައި މަޑުކޮށްލިއެވެ.

ސިޓިން ރޫމުގައި ދިއްލާފައި ހުރި ފަނޑު އަލި ގަދަ ކޮށްލަމުން ނޫހް އުރާލައިގެން ކައުންޓަރު މަތީގައި އޭނާ ބެއިންދުމަށްފަހު އިއާން ކަބަޑު ހުޅުވާ ކިރު ދަޅާއި އެއްޗެހި ނެގިއެވެ. “ބަނާނާ ވެސް އެބަހުރި.. ބިސްކޯދު ބޭނުން؟” އިނާން ވާހަކަ ދައްކަމުން ކިރުތަށި ގިރަމުން ދިޔައެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި ރައިނާގެ ތުންފަތަށް ފަނޑު ހިނިތުން ވުމެއް ވެރިވެގެން ދިޔައީ އިއާން އަމިއްލަ ދަރިފުޅާއި އެކު އުޅޭނެ ގޮތް ހިތަށް އެރުމުންނެވެ. ހިނދުކޮޅަކަށް އެއީ އެދެމީހުންގެ ދަރިއެއް ކަމަށް ހިތުލައިގެން ރައިނާ ހެވިފައި ދެމީހުން އުޅޭގޮތް ބަލަމުން ދިޔައެވެ.

ނޫހް ކައި ނިމުމުން އިއާން އޭނާ އުރާލައިގެން ކޮޓަރިއަށް އައިސް ވަނެވެ. އަށް އަހަރު ވީކަމު ނޫހް ހުންނަލެއް ކުޑަކަމުން އުރާލައިގެން ގެންނަން ފަސޭހައެވެ. އިއާންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ނޫހް ނިދި ތާއްޔާ ޖެހެމުން ދިޔައިރު އިއާން މަޑު ރާގެއް ކިޔާލަމުން ކޮޓަރީގައި ދެކޮޅަށް ހިނގާލިއެވެ.

އެނދުގައި ނޫހް ބާއްވާލައި ރަޖާގަނޑު އަޅައިދިނުމަށްފަހު އިއާން މަޑުމަޑުން އޭނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެނަޒަރު ނޫހްގެ މައުސޫމް މޫނަށް ހުއްޓިފައި ވީއިރު އެލޮލުގައި ވީ ކޮންކަހަލަ ޖަޒްބާތެއްކަން ނަގައިގަންނަން ރައިނާއަށް އުނދަގޫވިއެވެ. އިރުކޮޅަކު މިހެން އިނުމަށްފަހު އިއާން ތެދުވެ ލައްޕާފައި ހުރި ބެލްކަނީގެ ދޮރު ހުޅުވާލަމުން އެތަނުގައި މަޑުކޮށްލިއެވެ.

ޖެހެމުން ދިޔައި ވައިރޯޅިތަކުން ދޮރުގެ ފަރުދާ ވިހުރިލާއިރު އިއާންގެ ގައިން ހީބިހި ނަގުވާލައެވެ. ދަންވަރުގެ މި ވަގުތުގައި މާލޭގެ މަގުތަށް ވަނީ މުޅިން ހަމަހިމޭން ވެފައެވެ. ދޭތެރެއަކުން ދުއްވާއެއްޗެއްގެ އަޑެއް އިވެލިކަމަކު އެނޫނީ މަގުތަށް ވަނީ ފަޅުކޮށްށެވެ. ފަހަތުން ރައިނާ އައިސް އިއާންގެ މެދުހަށީގައި ބައްދާލަމުން އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“ވަރަށް ހަމަހިމޭން ދޯ މިގަޑި..” ރައިނާ ބުނެލިއެވެ. އިއާން ޖަވާބުގައި ހޫމް އަކުން ނިންމާލިއެވެ. އެ ޖަވާބުން އޭނާ އެހުރީ ފުން ޚިޔާލަކަށް ގެއްލިފައިކަން ރައިނާއަށް ފާހަގަވިއެވެ. “އިއާން.. އަހަރެން ވަރަށް ވިސްނައިފިން ކަމަކާ. މިވާހަކަ ދައްކަން އުޅޭތާ ވެސް ކިތަންމެ ދުވަހެއް.. އެކަމަކު.. އެނީވޭސް އައި ކާންޓް ވެއިޓް އެނީ މޯ. ހިނގާ ބޭބީއެއް ހޯދަން.” ރައިނާގެ އަގައިން އެ ޖުމްލަތައް ބޭރުވި ތަނާހެއް އިއާން ވަގުތުން އޭނާއާއި ދިމާއަށް އެނބުރުނެވެ.

“މިހާރު ދެން ފަސް އަހަރު ވާން މިއުޅެނީ ކައިވެންޏަށް.. އަހަރެން ބޭނުން ކުއްޖެއް ހޯދެން. އިއާން ވެސް ކިހާ ލޯބިން ނޫހްއާއި އެކީ ތިއުޅެނީ..” ރައިނާ ވާހަކަދައްކަމުން ދިޔައިރު އޭނާ އެއް އިނގިލިން އިއާންގެ ކަރުގައި އަޅާފައި އޮތް ކުރު ރިހިފަށާއި ކުޅެމުން ދިޔައެވެ. “މަންމަ ވެސް މިހާރު އެވާހަކަ ދައްކައިފި.. ކިހާ ލޯބިވާނެ.. ކުޑަ ކުޑަ އިއާންއެއް..” ރައިނާ ހެވިފައި ހުރެ މިވާހަކަތައް ދެއްކި އިރު އޭނާގެ ނަޒަރު ހުރީ އިއާންގެ މެޔަށް ހުއްޓިފައެވެ.

އެވަގުތު އިއާންގެ މޫމަތީގެ އަސަރު ފެނުން ނަމަ ރައިނާގެ އެވާހަކަތައް ހުއްޓޭނެކަން ކަށަވަރެވެ. “އިއާން ކީއްވެ އެއްޗެކޭ ނުބުނެ ތި ހުންނަނީ..” ރައިނާ މިހެން ބުނެފައި އިސްނަގައި އިއާންއާއި ހަތަރު ކަޅި ހަމަ ކުރި އިރު އެމޫނުމަތީގެ ކުލަވަރު ފެނި ރައިނާ ހައިރާންވިއެވެ. ދެބުމަ ގޮށްޖެހިފައި ވީއިރު އެލޮލުން ފާޅުވަނީ ހިތްހަމަ ނުޖެހުމެވެ.

“ނޫން..” އިއާން ދިނީ ކުރުޖަވާބެކެވެ. “ނޫނެކޭ؟ ތިބުނީ.. އިއާން.. އަހަންނަށް ގޯސް ވާހަކައެއްތަ މިބުނެވުނީ..” ރައިނާ ދެލޮލުން މާޔޫސްކަން ފާޅުވާން ހުއްޓެވެ. ނަމަވެސް އިއާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ކީއްވެ ނޫނެކޭ ތިބުނީ.. އިއާން ދަރިއަކު ބޭނުން ނުވަނީތަ؟ ސޭ ސަމްތިން.” ރައިނާގެ އަޑުގައި ޝަކުވާ އެކުލެވިގެން ވިއެވެ.

“ޑޭމް އިޓް އައި ސެއިޑް ނޯ.” އިއާންއަށް ތަންކޮޅެއް ބާރަށް މިހެން ބުނެވުމުން ނޫހް ފުރޮޅެލިތަން އޭނާއަށް ފެނުނެވެ. އިއާން އިތުރު އެއްޗެކޭ ނުބުނެ ރައިނާގެ އަތް ދުރުކޮށްލަމުން ބެލަކަންޏަށް ނިކުމެ ރެއިލިންގައި އަތް އަޅުވާލަމުން އެ ހިމޭން މާހައުލަށް ނަޒަރު ހުއްޓާލިއެވެ. އޭރު ރައިނާ ވެސް އޭނާ ފަހަތުން ނިކުމެ ޖަވާބެއްގެ އިންތިޒާރުގައި އެތަނުގައި މަޑުކޮށްލިއެވެ.

“ލުކް ރައިނާ.. އަހަރެން އަދި ބޭނުމެއް ނޫން ކުއްޖެއް ހޯދާކަށް.. އަދި މާ އަވަހީ.” އިއާން ބޭރަށް ނަޒަރު ހުއްޓާލައިގެން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. “އަވަހޭ؟ މި ދިޔަ އަހަރު ވެސް އަހަރެން މިވާހަކަ ދެއްކިން.. އޭރު ބުނީ ދެން އަންނަ އަހަރު ވިސްނާނިއްޔޭ.. އަދި އަވަހޭ. އެންޑް ނައު.. ދެންމެ ތިބުނީ ނޫނެކޭ އަނެއްކާ މިހާރު ތިބުނާނީ އަދިވެސް މާ އަވަހޭ.. އިއާން ވިސްނާލިންތަ އަހަންނަށް ވާނެގޮތް.. އައި ވޯންޓް އަ ބޭބީ. ރައްޓެހިން އެމީހުންގެ ބޭބީޒް ގޮވައިގެން އުޅޭއިރު އަހަރެން ވެސް ދެރަވޭ. އިއާންގެ ނުރުހުމުގައި އަހަރެން ދުވަހަކު ވެސް ކަމެއް ނުކުރަން.. ޕިލް ނެގުން ހުއްޓާ ނުލީ ވެސް އިއާން ބުނީމަ.. އެކަމު.. އަހަރެން ވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެ.” ރައިނާ ވާހަކަ ދައްކަމުން ދިޔައިރު އެ ލޮލުން ކަރުނަ ހިލުނެވެ. ރައިނާގެ އެ ތުރުތުރު އަޅަމުން ދިޔަ އަޑުއަހާކަށް އިއާންއަށް ކެތެއް ނުވިއެވެ. “ހޭއި.. ޝޫޝް.. އައި އެމް ސޮރީ.” އިއާން މިހެން ބުނެފައި ރައިނާ ގެނެސް އެމޭގައި ފޮރުވާލިއެވެ. ރައިނާ ގިސްލަމުން ދިޔައިރު އިއާން މަޑުމަޑުން އެބޮލުގައި ފިރުމަމުން ދިޔައެވެ.

“ސޮރީ.. އެގޮތަށް ހަޅޭލަވައި ގަންނާކަށް އަހަރެން ބޭނުމެއް ނޫން. އައި ޑިޑިންޓް މީން އިޓް.. އިނގޭ ރައި ބޭބީއެއް ބޭނުންވާ ވަރު. ނޭނގެނީކީ ނޫން.. އެކަމު އަހަރެން އަދި ދަރިއެއް ހޯދާކަށް ރެޑީއެއް ނޫން..” އިއާން މިހެން ބުނުމުން ރައިނާ ނޭފަތް ދަމާލަމުން އިސްނެގިއެވެ.

“ރެޑީއެއް ނޫނޭ؟ އެކީއްވެ.. ތިއީ ގައިނީއެއްނުން.. ކޮންމެ ދުވަހަކު އެތަށް ބޭބީޒްއެއް އަލްޓަރާ ސައުންޑް އިން ފެންނައިރު ވެސް އިއާން އަމިއްލަ ދަރިއެއް ބޭނުންމެއް ނުވޭ؟ އެ ސްކްރީން އިން އަމިއްލަ ދަރިފުޅު ދެކިލާ ހިތެއް ނުވޭ؟ އެ ހާޓް ބީޓް އަޑު އަހާލާ ހިތެއް ހަމަ ނުވޭ؟” ރައިނާ އޭނާއާއި ހަތަރު ކަޅި ހަމަކުރަމުން އެ ދެއްކި ވާހަކައިން އިއާންގެ ގައިން ހީބިހި ނަގުވާލިއެވެ. އެއިން ކޮންމެ ޖުމްލައަކުން އެހިތަށް އެތަށް އަސަރެއް ކުރުވިއެވެ.

“ނޫނޭ.. ވަރަށް ބޭނުން.. އެކަމު އަދި ނުވޭ.” އިއާން މިހެން ބުނެފައި ރައިނާގެ އެމަޑު ތުންފަތުގައި ބޮސްދެމުން ތެމިފައިވީ އެލޯ ފޮހެލަ ދިނެވެ. އިއާންގެ ކޮނޑުގައި ބޯ އަޅާލައިގެން ރައިނާ ހުރިއިރު އޭނާގެ އެވަރުގަދަ އަތުތެރޭ ރައިނާ ހިމާޔަތް ކުރެވިފައިވީ ފަދައެވެ. ކައިރި ހުރިހާ އިމާރާތް ތަކަކުން އަނދިރިކަން ފާޅުވާން ހުރިއިރު އެދެމީހުން ނޫނީ ބެލްކަނީގައި އެދަންވަރު އެކަކު އަނެއްކެއްގެ އަތުތެރޭގައި ތިބި ބަޔަކު ނުވެއެވެ.

-ނުނިމޭ-

Comments (24)

  1. Nargis

    Finally guys it’s published. Thank you admin. And apologies for the delay readers. Anyways here it is so hope you enjoyed it and let me know what you think on the comment box. See you on Tuesday In sha allah.
    Much love ❤️

  2. Nargis

    Oh and i have a facebook page. just search Nargis ge vaahaka. you can send your question or comments as well. Good night.

  3. faathun

    wow! varah varah reethi ibaarai kuruntha. salhi igey mi vaahaka.

  4. Shifoo

    Masha allah. v reethi mi bai ves. bunaa dhuvaha up koh dheyn vaane igey. ok konme dhuvahku up nuviyas. this is worth waiting for.

  5. faathi

    interesting. waiting igey

  6. aysha

    can i just say how wonderful the descriptions are. varah reethi sifakurun tha. eneme fahu scene varah touching. and ian is so hot!

  7. eshal

    mi vaahaka up nuvegen mi ulhuni. sifakurun hama habeys. up kurachey gavaaidhun igey nargis.

  8. udhma

    new vaahaka eh anekaaves mi site ga fashaa dhiniti varah bodah shukuriyaa. adhi mi vaa goi varah interesting. curious about this zara. raina ah dhera gothe nahadhachey. she is really sweeeet.

  9. hamdhu

    varah nice ?

  10. sonaalee

    Mivaahaka nimendhen up kurahchey ..v v reethi ..

  11. Kudaa

    oh iaaaan. magey loabivaa.. kuraanan magey hiy fidhaa..
    hehe. i think i have a crush on him.
    anyways vaahaka hama obi. feshun varah salhi kon midhani. mihaaru Iaan ge past egilaa hiy vani.

  12. mansha

    Finally kiyaalan faseyha ibaarai kurumaa sifakurun reethi vaahaka eh fashaifi. neyge dhen mi ulhey Ryn ge vaahaka akaa hedhi ves bo haas vey. Nargissss waiting for next episode darling.

  13. Fathun

    Alhey. Anekka iaan kujje hunnany tha..else eyna rainaa aai vakiva hiyaal gengulheythy tha kujje beynun nuvegen ulheny. Zaara dheke dho iyaan loabi vany. Vahaka hama obi. Nimendhen up kurachey

  14. Nish

    Farah reethi

  15. pinker

    Masha Allah…varah reethi…ibaaraiy kurunves hama v reethi…ummeedhu kuran vaahaka ekkoh nimendhen continue kuraane kamah…

  16. Xeesha

    Just wow…v v v reethi… Plss avahah next part up kohdhyba..

  17. Nargis

    Thank you all. ?? I’m so glad you guys like it.

  18. Aphy

    V dhuvas kohffa mi site in anehkkaaves reethi vaahakeh mi kiyaalee..up kurun lasvaathy v foohivey mi site in vaahaka kiyan..nagris ge mi vaahaka gavaidhun up vaane kamah heekoh mivaahaka kiyan mi feshee…aslu v nice mi story dhaagoiy..

  19. Alyaa

    Wow
    Story vrh reethi
    Meega innany ehkoh kithah part tha

  20. bella

    this is laara rite.. thibunaa fb page ga inee laara ge page inna hen.. and ibaarai kurunthakun ves eba ingey mee laraa ge vaahaka e kan.. identity olhuvaalain ulhumuge beynumaky kobaibaa..

    1. Nargis
      bella

      Hi bella. i’m not laara. i am nargis. ibaari kurun laraa ge vaahaka thakaai ehgoi vun ei alhugadhu kuraane kame noon. but i will take that as a compliment since she is one the my inspirations to get into writing. anyways i appricaite your comment and hope you will enjoy my story. thanks.

  21. asthaaa

    Evves reecheh noonnhus haasaru dhamaneee. Ehaa las up kuraaleh. Dhemeehaku ehcheh bunaa irah dhen mi vaahaka gelleyne. Kerigen vaahaka laan kerey madhu meeheh ulhenee. Ryn men vaahaka upkuraahrn kobba. Balahchry vaahaka rkkoh nimmaa nulaa huttaalaane. Noonee gap dhurukuraane. Lap halaakuvreyey. Balivegenney. Liyaa iru liyaany liyan kerigen. Fisaari kerigen. Hope this writer can be a good one.

    1. Fathafolhi
      asthaaa

      Nooney keyytherikan kuda fahulavaanun vess ulhey ekam thee hama laamaseelu misaaleh….dhen minarugis ehgge vess hurivaru ingidhaanethaa?

    2. Nargis
      asthaaa

      hello. mi vaahaka up vaai konme Saturday and Tuesday eh ga. hope you’ll enjoy it.

Comments are closed.