ހަމަ އެއާއެކު އެކޮޅުން ދެއްކި ވާހަކައަކުން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އައި ރުޅީގައި އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކޮޅަށް ތެދުވެ އަތަށް ލެވުނުހާ ބާރަކާއެކީ ފޯނު ބިމަށް ޖަހާލިއެވެ. ފޯނު ތެޅިގެން ދިޔަ އަޑަށް ޝަފަޤް ސިހިގެން ދިޔައިރު މިޝްކާ ހަޅޭއްލަވައިގަންނަމުން ޝަފަޤްގެ ގައިގައި ހިފަހައްޓާލިއެވެ. މިޝްކާގެ ތުރުތުރު އަޅަމުން ހަށިގަނޑުގައި ދެއަތް ވަށާލަމުން ޝަފަޤަށް ވެސް ދެ ލޯ ބޮޑުވެފައި ވިސާމަށް ބަލަން އިނދެވުނީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. އޭނަ ވިސާމަށް ބަލަބަލާ އިންދާ ވިސާމް ކުއްލިއަކަށް ކޮޓަރިތަކާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ޝަފަޤްގެ ލޯމައްޗަށް ގެއްލުނުތާ މާ ގިނައިރެއްނުވެ ކޮޓަރީގެ ދޮރުފަތް ބާރު އަޑަކާއެކީ ލެއްޕިގެން ދިޔަ އަޑު އިވުނެވެ. އެއަޑަށް އަނެއްކާވެސް ޝަފަޤާއި މިޝްކާ ސިހިގެން ދިޔައެވެ.

 

“މްމް….މް…..މަން…..މި. ބް….ބް….ބައް….ޕިއަށް ކިހިނެއްތަވީ؟” މިޝްކާ ޝަފަޤްގެ މޭމަތީގައި ބޯ އަޅައިގެން އޮވެ ކެނޑިކެނޑިގެން ކޮށްލީ ޝަފަޤްގެ ހިތުގައި ވެސް އުފެދުނު ސުވާލެވެ. ވިސާމަށް ކިހިނެއްވީހޭ އޭނަގެ ހިތް އަހާލި ހިނދު އެތާ ޓައިލްސް މަތީގައި ތެޅިފައި އޮތް ފޯނަށް އޭނައަށް ނަޒަރު ހިންގާލެވުނެވެ. އެ ވީ ކަމެއްވީ އެ ފޯނުކޯލުގެ ސަބަބުންނެވެ. ވިސާމަށް ގުޅީ ކާކުތޯ އޭނަގެ ހިތް ސުވާލުކުރި ވަގުތު އަނެއްކާވެސް މިޝްކާ ވާހަކަ ދެއްކިއެވެ.

 

“ބުނެބަލަ މަންމި!” މިޝްކާ މިފަހަރު ރޮވިފައިވާ އަޑަކުން އަހާލިއެވެ. އެއާއެކު ހަމަ ހޭވެރިކަމެއް ލިބިގެން ދިޔަ ޝަފަޤް އޭނަގެ އަމިއްލަ ޙައިރާންކަމާއި ދުރުވޭތޯ ބެލިއެވެ. އެއަށްފަހު މިޝްކާގެ ދެކޮނޑުގައި ހިފައި މިޝްކާ އޭނަގެ ގަޔާއި ދުރުކޮށްލިއެވެ.

 

“ކޮއްކޯ………އެއީ ބައްޕި ކުޑަކޮށް ރުޅިއައީ. އޮފީހުގަ މާ މަސައްކަތް ބުރަވީމަ ކަންނޭނގެ އެގޮތަށްވީ. ބައްޕި ހަނދާންނެތުނީ އަޢޫޒު ކިޔަން މިއަދު. އެހެންވީމަ އެހާ ރުޅިގަދަވީ. ބައްޕި ކޮއްކޮއަށާއި މަންމިއަށް ރުޅީއެއްނޫން އިނގޭ؟” ޝަފަޤް ފެންކަޅިވެފައިހުރި މިޝްކާގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން ހުރެ އޭނަގެ ހިތްހަމަ ޖައްސައިދެވޭތޯ ބެލިއެވެ. މިޝްކާ ޝަފަޤްގެ ވާހަކައަށް ޕްރޯމިސްތޯ އަހާލުމުން ޝަފަޤް ހިނިތުންވުމަކާއެކީ ޕްރޯމިސްއޭ ބުނެލިއެވެ. މިޝްކާ ދެން ބުނީ އޭނަ ބައްޕި ކައިރިއަށް ދާން ބޭނުން ވާހަކައެވެ. އަވަހަށް އަޢޫޒު ކިޔާށޭ ބުނުމަށްޓަކައެވެ. އެހެނަސް ޝަފަޤް މިވަގުތު ދިޔުން ރަނގަޅު ނުވާނެކަމަށް ބުނެ ބޭރުގައި ހުރި އަތްގަނޑު އޭނައަށް ގެނެސްދިނުމަށް އެދުނެވެ. އަދި ދެމީހުން ވެސް މިތަން ސާފުކުރަމާ ހިނގާށޭ ބުނެ ކޮޅަށް ތެދުވެލިއެވެ. މިޝްކާ ވަގުތުން ގޭގެ ބިއްދޮށަށް ދާން ދުއްވައިގަތެވެ.

 

ޝަފަޤް މިޝްކާއާއެކީ ސިޓިންގް ރޫމު ސާފުކުރަމުން ދިޔައިރު ވެސް އޭނައަށް ވިސްނެމުން ދިޔައީ ވިސާމާއި މެދުގައެވެ. މިޝްކާގެ އެކި އެކި ވާހަކަތަކަށް ލުއި ރައްދު ދީ ހިނިތުންވަމުން ދިޔައެއްކަމަކު އޭނައަށް އެ ޚިޔާލުތަކާއި ދުރަށް ނުދެވެއެވެ. މުޅި އެ ދުވަސް ވޭތުވީ އެކަހަލަ ގޮތަކަށެވެ. އެ ދުވަހު ހެނދުނުއްސުރެ ވިސާމް އޭނަގެ ކޮޓަރިން ބޭރަކަށް ނުނިކުމެވެ. އެދުވަހު މެންދުރު ނަމާދަށްޓަކައި ޝަފަޤް ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނު ވަގުތު އެ ކޮޓަރީގެ ދޮރުވަނީ ތަޅުލެވިފައެވެ. ޝަފަޤް ޖެހިލުންވުމަކާއެކީ ދޮރުގައި ޓަކި ދިނުމަށްފަހު ނަމާދަށް ބަންގި ގޮވައިފިކަމަށް ބުނެލައިފިއެވެ. އެވަގުތު ކޮޓަރި ތެރެއިން ފާޚާނާގެ ދޮރު ހުޅުވުނު އަޑު އިވިފައި ޝަފަޤަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ދޮރު ތަޅުލައިގެން ވެސް ނުބައި ޚިޔާލުތަކުގައި ހިމޭންކަމާއެކީ އިނުމުގެ ބަދަލުގައި ވިސާމް އެކި ކަންކަމުގައި އެބަ އުޅޭކަން އެނގުންވުމުންނެވެ. އެވަގުތު ވިސާމް ދާނީ ވުޟޫކުރާށޭ ހިތް ބުނި ހިނދު ޝަފަޤް އިތުރަށް އުފާވިއެވެ. އެ އުފަލުގައި އޭނަ މިޝްކާއާއެކީ ނަމާދުކުރަން ދިޔައެވެ. އެތައް އިރެއް ވަންދެން ވިސާމް ކޮޓަރިން ނުނިކުމެ ހުންނާތީ މިޝްކާގެ ފަރާތުން ވެސް އެކި ސުވާލުތައް އަމާޒުވިއެވެ. ޝަފަޤް ބުނިހާ ވެސް އެއްޗަކީ މިޝްކާގެ ބައްޕި އުޅެނީ އޮފީހުގެ މަސައްކަތުގައި ވަރަށް ބުރަކޮށް ކަމަށެވެ. ބައްޕި ކައިފިތޯ ސުވާލުކުރުމުން ޝަފަޤް ޖެހުނީ ބައްޕި ފަހުން ކާނެ ކަމަށްބުނެ ބުނެ ދޮގެއް ހަދާށެވެ. މެންދުރު ކާން ވެސް ވިސާމް ނުނިކުތުމުން ޝަފަޤް މިޝްކާ ނިދާލި ވަގުތުގައި އޭނަ އެތައް ފަހަރަކު ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އެތައް ގޮތަކުން ކާން އައުމަށް ވިސާމް ގާތު އެދުނެވެ. އެހެނަސް އޭގެއިން އެއްވެސް އެދުމަކަށް ވިސާމްގެ އެއްވެސް ރައްދެއް ނުލިބުމުން ޝަފަޤް ޖެހުނީ ދެރަވެފައިވާ ހިތަކާއެކީ ހަތިޔާރު ބަހައްޓާށެވެ. ވިސާމް ނުކެއުމުން ޚުދު އޭނަ ވެސް އެއްވެސް އެއްޗެއް ކާ ހިތެއްނުވިއެވެ. މި ހުރިހާ ދުވަހު ކެއުމުގެ ބައިވެރިއެއް ހުރެފައި ކުއްލިއަކަށް ބައިވެރިއެއް ނެތުމުން އޭނައަށް އާދަޔާ ޚިލާފު އެކަނިވެރިކަމެއް އިޙްޞާޞް ކުރެވުމުންނެވެ. މިކަން މިގޮތަށް ބައިވަރު ދުވަސްވަންދެން ދެމިއޮވެދާނެބާވައޭ ހިތަށްއެރި ވަގުތު އެ ހިތް ގެނބިގެން ދިޔައެވެ. އޭނައަށް ހަމަ ވަގުތުން އޭނައާއި ވިސާމްގެ ގުޅުން ބަދަހިކުރެއްވައި އެދެމީހުންގެ ދެމެދުގައި ލޯބިލެއްވުމަށް އެދި ދުޢާ ދެންނެވުނެވެ.

 

އެރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް ޝަފަޤް މިޝްކާ ނިންދަވާފައި އެ ކޮޓަރިން ނިކުތް ވަގުތު ވިސާމްގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ޝަފަޤަށް އެ ދޮރާއި ދިމާލަށް ބަލަންހުރެވުނީ ހިނިތުންވުމެއްގައެވެ. އެހެނަސް ކޮޓަރިން ނިކުތް ވިސާމްގެ ޙާލަތު ފެނިފައި އޭނަގެ އެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ވިސާމްގެ މޫނުމަތިވަނީ މިލައިގެން ގޮސްފައެވެ. އެ ދެ ލޮލުގެ ދަށުން ކަޅުވެފައިވީއިރު އޭނަގެ ތުންފަތުގެ ކުލަވެސް ހިސާބަކަށް ފަނޑުވެފައިވިހެން ޝަފަޤަށް ހީވިއެވެ. ވިސާމް ޝަފަޤް ނުވެސް ފެންނަކަމަށް ހަދައި އޭނަގެ ކުރިމަތިން ދިޔައިރު ސިނގިރެޓީގެ ވަސް ދުވުމުން ޝަފަޤަށް އޭނަގެ އަނގަމަތީގައި އެއްއަތް އަޅާލެވުނީ ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ. ކައިވެންޏަށް 2 މަސްވީއިރު ވެސް ވިސާމަކީ ސިނގިރެޓި ބޮއިއުޅޭ މީހެއްކަން އޭނަ ނުދެނެ ހުއްޓެވެ. ވިސާމްގެ އަތުން ވެސް އަދި ގޭގެ އެހެން ތަނަކުން ވެސް އޭނައަށް ސިނގިރޭޓި ފޮށްޓެއް ފެނިފައެއްނެތެވެ. ވިސާމް މި ހުރިހާ ދުވަހު އެކަން އޭނައަށް ސިއްރުކުރީކަން އެނގުންވި ހިނދު ޝަފަޤްގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ފަދަ ނުތަނަވަސްކަމެއް އުފެދުނެވެ. އޭނައަށް އަމިއްލަ ނަފްސާއި ކައިރި މިކޮށްލެވުނީ ކޮންކަހަލަ މީހެއްހެއްޔެވެ؟ އޭނަ ބަނދެވިގެން މި އުޅެނީ ކޮންކަހަލަ ހިތެއްގެ ވެރިއަކާއި ހެއްޔެވެ؟ އޭނައަކަށް މިހާރު ވިސާމްގެ ޒާތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. މި ހުރިހާ ދުވަހު އޭނަ ކުރި މަސައްކަތުން ވިސާމްގެ ހިތް ރަނގަޅު ކަންތައްތަކަށް ލެނބެމުން ދިޔަހެން އޭނައަށް ހީވިއެވެ. އެހެނަސް އެހެން ނުވިތާއެވެ. އޭނަގެ ވާހަކަތަކުން ވިސާމްގެ ހިތަށް ކުޑަވެސް އަސަރެއް ކުރިނަމަ މި ވަގުތު މި ފެންނަފަދަ މަންޒަރެއް ނުފެނުނީހެވެ. މިވީހާ ވަގުތު ކޮޅުގެ ތެރޭގައި މުޅި މީހާގެ ސޫރަ ބަދަލުވާ ވަރަށް ސިނގިރޭޓި ބޮވޭނީ ނަމާދުވެސް ނުކޮށްކަން އެނގުންވީ ހިނދު ޝަފަޤްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. ސިޓިންގް ރޫމުގެ ސޯފާއަށް ގޮސް ވެއްޓިގަތް ވިސާމަށް ބަލަން ޝަފަޤަށް ހުރެވުނީ ފެންކަޅިވެފައެވެ. ވިސާމް އެހީއަކަށް އެދި އޭނަ ކައިރިއަށް ނައީ ކީއްވެހޭ ބުނެ އޭނަގެ ހިތް ޝަކުވާ ކުރިއެވެ. ހަމަ ގައިމުވެސް ވިސާމް އެ އެހީ ހޯދި ފަރާތުން އެލިބުނު އެހީއަށްވުރެ މާ ރަނގަޅު އެހީއެއް އޭނަ ހޯދައިދިނީހެވެ. އެ ޚިޔާލު ހިތަށްވެރިވީ ވަގުތު ޝަފަޤްގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ. އެ ހިނދު ގޭގެ ބެލް ޖަހާލި އަޑަށް އޭނައަށް ގޭގެ މައިދޮރާއި ދިމާލަށް ބަލާލެވުނެވެ. އޭގެ މާގިނައިރެއްނުވެ ވިސާމް ދެލޯ ހުޅުވާލަމުން ސޯފާއިން ތެދުވެގެން ގޮސް އެ ދޮރު ކައިރިއަށް ދިޔައެވެ. ކުޑަކޮށް ދޮރު ހުޅުވާލާފައި ވިސާމް ނޫޓެއް ދިއްކޮށްފައި ކޮތަޅެއް ހޯދިގޮތުން އެވަގުތު ގެއަށް އައީ ޑެލިވަރީ ކުރާ މީހެއްކަން ޝަފަޤަށް އެނގުންވިއެވެ. ވިސާމް ދޮރު ލައްޕާލަމުން އަނެއްކާވެސް ޝަފަޤާއި ވީ ފަރާތަށް އެނބުރިލީ އެ ކޮތަޅުގައި ހުރި އެއްޗެއް ނަގަމުންނެވެ. އެއީ އަނެއްކާވެސް ސިނގިރޭޓީގެ ކާރޓަންއެއްކަން އެނގުންވި ވަގުތު ޝަފަޤަށް ވިސާމްގެ ކުރިމައްޗަށް ގޮސް ހުއްޓިލެވުނެވެ.

 

“ވިސާމް!” ނުރުހުންތެރިކަމާއެކީ އެ ނަމުން ގޮވާލުން ނޫންކަމެއް ޝަފަޤަށް ނުކުރެވުނީ އޭނަގެ އަރުތެރެ ބެދެން ފެށުމުންނެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނަގެ ހިތުގައި ވިސާމަށްޓަކައި އިޙްޞާޞްތަކެއްވެއެވެ. މި ހުރިހާ ދުވަހު ވިސާމްގެ ފަރާތުން ފެނުނު ރަނގަޅު ސިފަތަކަކަށްޓަކައެވެ. ވިސާމްގެ ކިބައިން ކުއްލިއަކަށް އެ ސިފަތައް ގެއްލި ނުބައި ސިފަތައް ވެރިވެގެން މިއުޅެނީ އޭނައަށް ކޮންމެވެސް މީހަކު ގޯހެއް ހެދުމުންކަމަށް ޝަފަޤްގެ ހިތް ބުނަމުން ދިޔައެވެ. އޭނަ އެ އަނދިރިގަނޑުގެ ތެރެއިން ވިސާމް ސަލާމަތްކޮށްދޭން ބޭނުންވިއެވެ. އެހެނަސް އެކަމަށްޓަކައި އޭނަ އެޅި ފުރަތަމަ ފިޔަވަޅުވެސް ކާމިޔާބެއް ނުވިއެވެ. ވިސާމް އޭނައާއި އަޅާވެސް ލުމެއްނެތި އޭނަ ފަހަނަޅައި ދާން ހިނގައިގަތެވެ. ޝަފަޤަށް ޙައިރާންކަމާއެކީ ފަސްއެނބުރި ބަލާލެވުނެވެ. ނަމަވެސް ވިސާމް ފަސްއެނބުރި އޭނައަށް ބަލާލުމެއްނެތި ކުރިއަށް ދިޔައީއެވެ. ޝަފަޤްވެސް އޭނަގެ ފަހަތުން ދާން ހިނގައިގަތެވެ. މާ ގިނައިރެއްނުވެ އެ މީހުންގެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރާއި ހަމަވުމުން އޭނަ ހުއްޓުން އެރިއެވެ. އޭނައަށް ދޮރު ރަނގަޅަށް ހުޅުވާލަމުން ކޮޓަރީގެ ތެރެއަށް ނަޒަރެއް ހިންގާލެވުނެވެ. އެ ވަގުތު އެ ކޮޓަރިތެރެ ވަނީ އެ ފުށްމިފުށަށް ޖެހިފައެވެ. ޓައިލްސްމަތީގައި ހުސްވެސް ސިނގިރޭޓި ބުރިތައް ވީއިރު މުޅި ކޮޓަރި ތެރޭގައި ދުވަމުން ދިޔައީ އެ ނުބައި ވަހެވެ. ޝަފަޤް އެތަނަށް ބަލަން ހުރެފައި ކުރިމައްޗަށް ބަލާލިއިރު ވިސާމް ކުރިމަތިން ފެންނަމުން ދިޔަ ދޮރުން ބިއްދޮށުގައި އޮންނަ ކުޑަ ބަގީޗާއަށް ނިކުމެފިއެވެ. ޝަފަޤް ވެސް ކުޑަކޮށް ދުވެފައި ގޮސް އެތަނަށް ނިކުތެވެ. އެވަގުތު ވިސާމް އެތާ ހުރި ވަކަރުން ހުރި ތިރި މޭޒުމަތީގައި ކާރޓަން ބާއްވާފައި ސިނގިރޭޓި ފޮށްޓެއް ކަނޑަނީއެވެ. އެ މަންޒަރު ފެނިފައި ޝަފަޤް އިހުނަށްވުރެ ބާރަށް ހިނގާފައި ގޮސް ވިސާމާއި ހަމަކޮށްފިއެވެ.

 

“ވިސާމް ޕްލީޒް! ތިއީ ރަނގަޅު ކަމެއްނޫނޭ. ވިސާމް ކަމަކާމެދު ދެރަވަންޏާ އަހަރެން މިހިރީއޭ. އަހަންނާ ކޮންމެ ވާހަކައެއްވެސް ވިސާމަށް ޙިއްސާ ކުރެވޭނެ.” ވިސާމް ސިނގިރޭޓެއް ނަގަން އުޅުނު އަތުގައި އެއްއަތް އަޅާލަމުން ޝަފަޤް ދެރަވެފައިހުރެ ބުނެލިއެވެ. ވިސާމް އާދައިގެ މަތިން ޝަފަޤްގެ އެއަތަށް ބަލާފައި ޝަފަޤްގެ މޫނަށް ބަލާލިއެވެ. ނަމަވެސް މިފަހަރު ޝަފަޤް އުއްމީދު ކުރި ގޮތާއި ޚިލާފަށް ވިސާމް އޭނަގެ އަތް ފޮޅުވާލިއެވެ. އެއަށްފަހު އެ ފޮށިން ސިނގިރޭޓެއް ނަގައި އޭނަގެ ތުނބުގައި ޖަހާލިއެވެ. ޝަފަޤްގެ ހިތަށް ވެރިވި ނުރުހުންތެރިކަމާއެކީ އޭނަ ވަގުތު އޭތި ޖަހައިގަންނަމުން މާ ދުރަށް އުކާލިއެވެ. ހަމައެއާކު ވިސާމްގެ މޫނުމައްޗަށް ސިކުންތުކޮޅަކަށް ވެރިވި ޙައިރާންކަމަށްފަހު އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ އެ ރުޅިވެރި މޫނުގައި ހުރެ ޝަފަޤާއި ދިމާލަށް އެނބުރިލީ ގޮތުން ޝަފަޤްގެ ހިތް ބިރުގަތެވެ.

 

“ކަލެއަކަށް މަގޭ މައްޗަށް ބާރެއް ނުފޯރުވޭނެ. އަޑުއިވިއްޖެ؟ ކަލޭގެ ބާރެއް ދުވަހަކުވެސް މަގޭ މައްޗަށް ނެތް އަދި ދުވަހަކުވެސް ނޯންނާނެ. މަ އުޅޭނީ މަ ބޭނުންވާ ގޮތަށް. ކަލޭ ބޭނުންވާ ގޮތަކަށްނޫން!” ވިސާމް ޝަފަޤާއި ކައިރިވެލަމުން ދެދަތްޕިލަ ޖައްސައިގެން ހުރެ އަންގާލިއެވެ. ފުރަތަމަ ފަހަރަށް ވިސާމް ނުރުހުންތެރިކަމާއެކީ އޭނައާއި ވާހަކަ ދެއްކުމުން ޝަފަޤަށް ރޮވެން އުޅުނެވެ. ނަމަވެސް ވިސާމް އަނެއްކާވެސް ސިނގިރޭޓި ކާރޓަން ނެގުމުން އޭނަ ނެތް ހިތްވަރަކާއެކީ އޭގައި ވެސް އަތުން ޖަހައި ފޮޅުވާލިއެވެ. އޭތި ގޮސް އެތާ އޮށޯވެވޭ ގޮތަށް ހުރި ގޮނޑިމަތީގައި ޖެހުނުތަން ބަލަން ހުރެފައި ވިސާމް އަނެއްކާވެސް ކުއްލިއަކަށް ޝަފަޤާއި ދިމާލަށް އެނބުރިލިއެވެ. އެއަށްފަހު ޝަފަޤްގެ ކޯތާފަތްމައްޗަށް އެތިފަހަރެއް ވިއްލާލުމަށްޓަކައި އޭނަގެ އެއްއަތް އުފުލާލިއެވެ. އެ މަންޒަރު ފެނިފައި ޝަފަޤް ގެ ހިތުގައި ނެގި ބިރުވެރިކަމުގެ ރާޅު ބާންޏާއެކީ އޭނައަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެހެނަސް ސިކުންތުކޮޅެއް ހިނގިއިރު ވެސް އެއްވެސް ތަދެއް އިޙްޞާޞެއް ނުކުރެވުމުން އޭނަގެ ލޯ މަތިން ރޫތައް ފިލައިގެން ދިޔައެވެ. އޭނަ ލަސްލަހުން ލޯ ހުޅުވާލި ވަގުތު ވިސާމް އޭނަގެ އަތް ތިރިކޮށްލަނީއެވެ. އެ ހިނދު އެ މޫނުމަތީގައިވި ނުރުހުންތެރިކަމާއި ރުޅިވެރިކަން ނޭނގޭ ސަބަބަކާހުރެ ފިލާފައިވިއެވެ. އޭނަ ދެބުމަ ކައިރިކޮށްގެން ޝަފަޤަށް ބަލަން ހުރެފައި ކުއްލިއަކަށް އޭނައަށް ފަސްދިނެވެ. އެއަށްފަހު ގެއާއި ދިމާލަށް ހިނގައިގަތެވެ. ޝަފަޤަށް އެ މަންޒަރު ބަލަން ހުރެވުނީ ޙައިރާންވެފައެވެ. އޭނަ ޙައިރާންވީ ވިސާމް އެފަދަ ގަދަ ރުޅިއެއްގައި ހުރެވެސް އޭނައަށް އަތް އިސްނުކުރުމުންނެވެ. އަޖާއިބެއްފަދަ މީހެކެވެ. ތަބީޢަތަށް އެއައި ކުއްލި ބަދަލަކާއެކީ އޭނަ އެ ދިޔައީ އޭނަގެ “އެހީތެރިޔާ” ވެސް މިތާ ބޭރަށް ދޫކޮށްލާފައެވެ. ވިސާމް ގެއަށްވަދެ ފަސް ބަލާލުމެއްނެތި ދޮރު ލައްޕާލުމުން ޝަފަޤަށް ފުން ނޭވައެއް ދޫކޮށްލެވުނީ އޭނައަށް މިވަގުތު އިޙްޞާޞްވާންޖެހޭ ގޮތް ނޭނގިފައި ހުރެއެވެ. ކޮންމެ ގޮތެއްވިޔަސް އެންމެ ފަހު ވަގުތުގައި ވިސާމްގެ ފަރާތުން އޭނަ ރުހޭ ފަދަ ޢަމަލުތަކެއް ފެނިފައިވުމުން އޭނަ އުފާވިއެވެ.

 

އެރޭ ޝަފަޤް ގޮސް ކޮޓަރިއަށް ވަތްއިރު ވިސާމް އެނދުގައި އޮށޯވެގެން އޮތީ އޭނައަށް ފުރަގަސްވާ ގޮތަށެވެ. ޝަފަޤް ރަނގަޅަށް ގޮސް ބަލާލިއިރު ވިސާމް އޮތީ ނިދިފައެވެ. އޭނަ ވިސާމްގެ ގައިމަތީގައި ރަނގަޅަށް ރަޖާ އަޅާލުމަށްފަހު ކޮޓަރިތެރެ ސާފުކުރަން ފެށިއެވެ. ވިސާމަށް ކުރިން ލާރި ލިބޭ ވަރަށް މިހާރު ނުލިބޭތީ އެގޭގައި ގެންގުޅުނު ނޯކަރު މިހާރު ނުހުރެއެވެ. އެހެންކަމުން މުޅި ކޮޓަރި ތެރެ ސާފުކޮށް މޮޕް އަޅަން ޖެހުނީ ޝަފަޤް އެކަނިމާ އެކަންޏެވެ. ޝަފަޤް އެ ހުރިހާ ސިނގިރޭޓި ބުރިތައް ބޭރުކޮށް ސިނގިރޭޓި ކާރޓަން ކުނި ގޯންޏަށްލީ ވިސާމް ދެން އެއަށް ބޭނުމެއް ނުވާނެއޭ ހިތާއެވެ. އެހެނަސް އެއީ ދެވިހިފާ ކަމެއްކަން އެނގުންވީ ހިނދު އެއިން ސަލާމަތްވުމަށް ވިސާމަށް އެހީވެދެއްވުމަށްއެދި އޭނައަށް ﷲ އަށް ދުޢާ ދެންނެވުނެވެ. އަދި މިއަދު ވިސާމް ހިތްދަތިކުރުވި ކަމުގެ އަސަރުތައް އޭނަގެ ހިތުން ފިއްލަވައި ދެއްވުމަށް އެދި ޝަފަޤް ދުޢާކުރިއެވެ. އޭނަ އެރޭ ނިދިއިރު ރޭގަނޑުން އަނބުރައި 1 ޖަހައިފިއެވެ.

 

ނަތީޖާއެއްގެ ގޮތުން ޝަފަޤަށް އޭގެ އަނެއްދުވަހު ހޭލެވުނީ 7:31 ވި ވަގުތެވެ. އޭނައަށް ލުއްކެއްޖަހައި ތެދުވެވުނީ ފަތިސް ނަމާދު ނުކުރެވޭކަން ހަނދާންވުމުންނެވެ. އޭނަ އެނދުގެ ކަނާތް ފަރާތަށް ބަލާލީ ވިސާމްގެ މަތިން ހަނދާންވުމުންނެވެ. އެހެނަސް އެވަގުތު އެތާ ވިސާމެއް ނެތެވެ. އެ ފަރާތުގައި ހުންނަ ސައިޑް ޓޭބްލް މަތީގައި ހުރި ވިސާމްގެ ލެޕްޓޮޕް ދަބަސް ނެތުމުން އޭނަ އޮފީހަށް ދިޔައީކަން ޝަފަޤަށް އެނގުންވިއެވެ. ވިސާމް އޭނައަށް ނުވެސް ގޮވައި އޮފީހަށް ދިޔައީކަން އެނގުންވުމުން ޝަފަޤް މާޔޫސްވިއެވެ. ހަމަ އެއާއެކު ރޭގަ ވީ ކަންތައް ހަނދާންވެފައި އޭނަގެ ހިތަށް އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވިއެވެ. އެހެނަސް އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަމުން އޭނަ އަވަސްވެގަތީ ނަމާދު ކުރާށެވެ. އޭނަ ޙަޔާތުގައިވާ ހުރިހާ މައްސަލައެއްގެ ޙައްލު ގެންނަވާނެ ފަރާތާއި ވާހަކަ ދެއްކުމަށެވެ. އެކަމަށްޓަކައި އޭނަ ވުޟޫކުރަން ދިޔަ މަގުމަތީގައި ރީތިވާ މޭޒުމަތިން ފެނުނު އެއްޗަކުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ސެންޓުފުޅީގެ ދަށުގައި ހައްޔަރު ކުރެވިފައި އޮތް ވީދާފައި އޮތް ގަނޑުކޮޅު ނެގުމަށްޓަކައި ޝަފަޤް އެ ސެންޓު ފުޅި ހިއްލާލިއެވެ. އެއަށްފަހު އޭގައި އޮތް އެއްޗެއް ފެނިފައި ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއެކީ އެގަނޑުކޮޅު ނެގިއެވެ. އޭގައި ބޮޑު އަކުރުން ލިޔެވިފައި އޮތީ “ސޮރީ” އެވެ. އަދި އޭގެ ދަށުގައި ކުޑައަކުރުން ވިސާމްގެ ނަން ލިޔެވިފައިވިއެވެ. އެއަށްބަލަން ހުރެ ޝަފަޤް ރޭ އެންމެ ފަހަކަށް ވިސާމްގެ މޫނުމަތިން ފެނުނު އަސަރު ހަނދާނަށް ގެނައެވެ. އެ މޫނުމަތިން ހަމަ އަސްލުވެސް އޭނަ އުޅުނީ މަޢާފަށް އެދެންތާއޭ ޝަފަޤްގެ ހިތް ބުންޏެވެ. ހަމަ އެއާއެކު އޭނައަށް ހިތާހިތުން ޙަމްދުކޮށްލެވުނެވެ. އަދި އޭނަގެ ޒަވާޖީ ޙަޔާތް މިގޮތުގައި ދެމެހެއްޓެވުމަށްއެދި ދުޢާ ދެންނެވުނެވެ.

 

އެދުވަހު ޝަފަޤް މިޝްކާ ސްކޫލަށް ލާފައި ގެއަށް އައި ވަގުތު ގޭގެ ލައްޕާލެވިފައިވާ ދޮރުމަތީގައި ހުރި މީހަކު ފެނިފައި އޭނަގެ ދެލޯ ބޮޑުވެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

 

“ރަޝީދައްތާ!” ޝަފަޤަށް ދިގުކޮށް ގޮވާލަމުން ރަޝީދާ ކައިރިއަށް ދެވުނެވެ. ރަޝީދާއަށް ޝަފަޤާއި ވީ ފަރާތަށް އެނބުރިލެވުނުތަނާހެން ޝަފަޤް އޭނަގެ ގައިގައި ބައްދާލިއެވެ.

 

“އަނހަ މިހިރީއޭ ދޯ؟ ގޭގެ ދޮރު ތަޅުލާފަ ހުންނާތީ ޑްރައިވަރަށް އަނެއްކާ ގުޅަން އުޅުނު ވަގުތު ތިއައީ.” ރަޝީދާ ޝަފަޤާއި ދުރުވެލަމުން ބުނެލިއެވެ.

 

“ރުޅި ރަޝީދައްތައަށް. ކިހާ ދުވަހެއް ނުވެސް ގުޅާތާ؟” ޝަފަޤް ޝަކުވާކޮށްލިއެވެ.

 

“ރަޝީދައްތަ ކިޔާތީ ރުޅިއަންނަނީ. މަންމަ ކިޔާބަލަ.” ރަޝީދާ ފުރިހަމަ ހިނިތުންވުމަކާއެކީ ހަނދާންކޮށްދިނެވެ. އެވަގުތު ޝަފަޤްގެ ހިތް ލޯބިން ފުރިގެން އައުމުން އޭނައަށް ހީލެވުނެވެ. އެއަށްފަހު އޭނަ އެތެރެއަށް ހިނގާށޭ ބުނެލިއެވެ.

 

ރަޝީދާއަށް ސައި ހަދައިގެން ޝަފަޤް ސިޓިންގް ރޫމަށް ގެނައީ ވެސް ރަޝީދާއާއި އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ރަޝީދާ ވިސާމާއި ބެހޭ ގޮތުން ސުވާލު ކުރީ ދެމީހުން އެކީގައި ސޯފާގައި އިށީނދެ ހަމަޖެހިލުމުންނެވެ. ޝަފަޤް ވަގުތުން އިއްޔެގަ ހިނގިހާ ކަންތައް ރަޝީދާއަށް ކިޔައިދެވުނެވެ. އޭނައާއި އޭނަގެ ފިރިމީހާއާއި ދެމެދު ހިނގި ކަމެއް އެހެން މީހަކާ ޙިއްސާ ކުރެވުމުން ޝަފަޤް ހިތާމަވެސް ކުރިއެވެ. އެހެނަސް އެވާހަކަތައް ކިޔައިދިނުމުން އެކަމާއި ގުޅިގެން ރަޝީދާގެ ފަރާތުން އެހީއެއް ލިބޭނެކަމަށް ޝަފަޤް އުއްމީދުކުރިއެވެ. ރަޝީދާއަށް ވިސާމާއި ބެހޭ ސިއްރުތައް އެނގިފައިވުމުން ވިސާމަށް އިއްޔެ ހެނދުނު ގުޅާނީ ކާކުކަން އެނގޭނެކަމަށް ޝަފަޤް ހީކުރިއެވެ. އެހެނަސް…….

 

“މަންމައަކަށް ޔަޤީނެއްނޫން ކާކުކަން ގުޅާނީ. ވިސާމްގެ ދުޝްމިނުން ވަރަށް ބައިވަރު. އެކަމަކު ވިސާމްގެ މުޅި ދުވަސް އެގޮތަށް ދާނީ ވަރަށް އެހެންކަހަލަ ވާހަކައެއް އޭނައަށް އިވުނީތީ.” ރަޝީދާ ސީރިއަސްކަމާއެކީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއަށް ބުނާނެ އިތުރު އެއްޗެއް ޝަފަޤަށް ނޭނގުނީތީ އެ ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ރަޝީދާއެވެ.

 

“ޝަފަޤް…….މަންމަ ބޭނުމެއްނޫން ޝަފަޤްގެ ހިތް ދެރަ ކުރާކަށް. އެކަމަކު ވިސާމް އެގޮތަށް ސޮރީއޭ ބުނީ އިއްޔެގަ ހިނގި ހުރިހާ ކަމަކަށޭ މަންމަ ނުބުނާނަން. އޭނަ ސޮރީއޭ ބުނާނީ އޭނައަށް ޝަފަޤަށް އަނިޔާއެއް ދެވެން އުޅުނީތީ. ހަމައެކަނި އެއަށް ބަރޯސާވެގެން ޝަފަޤް އުއްމީދު ނުކުރާތި ދެން އޭނަ ޝަފަޤް ބޭނުންވާ ގޮތަށް އިޞްލާޙުވާނެކަމަށް. ވިސާމަކީ އެއަށްވުރެ ގޮތްދޫނުކުރާ ޒާތެއްގެ ކުއްޖެއް.” ރަޝީދާ ޝަފަޤަށް ބަލާލަމުން ބުނެލިއެވެ.

 

“އެކަމަކު…….އެއީ ކީއްވެ ހަމައެކަނި އެކަމަށް އޭނަ މަޢާފަށް އެދެންވީ؟” ޝަފަޤް ޙައިރާންކަމާއެކީ އަހާލިއެވެ. ރަޝީދާ ފުން ނޭވައެއް ދޫކޮށްލަމުން ދުރަށް ނަޒަރު ހިންގާލިއެވެ.

 

“އޭނަ ދުވަހެއްގެ ކޮޅުން ވެސް އޭނަގެ ދޮންބައްޕަ ގޮތަށްވާން ބޭނުމެއްނުވާތީ.” ރަޝީދާ އިންގޮތަށް އިނދެ ބުނެލިއެވެ.

 

“ދޮންބައްޕަ؟!” ޝަފަޤަށް ވައި އަޑަކުން އެހެން އަހާލެވުނީ މިއީ އަދި އޭނައަށް އާ ޚަބަރަކަށްވާތީވެއެވެ. އެހެނަސް ރަޝީދާ ހިމޭނުން އިނދެ ބޯޖަހާލިއެވެ.

 

“ދޮންބައްޕަ……ޝަފަޤަށް ފަހަރެއްގަ ފާހަގަ ނުވެ އޮވެދާނެ ޝަފަޤަށް މި އަތޮޅުގެ ޢާއިލާތައް އެހާ ރަނގަޅަށް ނޭނގޭތީ. ވިސާމްގެ ފުރިހަމަ ނަމަކީ ވިސާމް ޝާހިދު. އެކަމަކު ވިސާމްގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވަނީ ސަނީ ސައިޑް ރިސޯޓުތަކުގެ ވެރިޔާ ޚާލިދުގެ ބޭބެ، މަންސޫރު.” ރަޝީދާ ކިޔައިދިނެވެ. ޝަފަޤް ދެބުމަ ކައިރިކޮށްގެން ހުރެ ދެފަރާތަށް ދެފަރާތަށް ކަޅި ހިންގަމުން ރަޝީދާ އެ ބުނި ނަންތައް އޭނަގެ ހަނދާނަށް ގެނެވޭތޯ ބެލިއެވެ. އެހެނަސް މިއީ މީގެ ކުރިން އޭނައަށް އިވިފައިވާ ނަންތަކެއްނޫނެވެ.

 

“ވިސާމްގެ އަސްލު ބައްޕައަކީ ޝާހިދު. ޝާހިދު ނިޔާވީ ހިތުގެ ބައްޔެއްގައި އުޅެމުން ދަނިކޮށް. އޭރު ވިސާމަށް އެންމެ 8 އަހަރު.” ހިތާމަވެރިކަން ވެރިވެފައިވި މޫނަކާއެކީ ރަޝީދާ ކިޔައިދޭން ފެށިއެވެ.

 

**20 އަހަރު ކުރިން**

 

ބޯ ވާރޭތެރޭގައި މިސްކިތެއްގެ ކައިރީ ހުރި ސަހާރާއެއްގައި ބަޔަކު މީހުން ޙަރަކާތްތެރިވަމުން ދިޔައެވެ. ވަގުތަކީ ހަވީރުގެ ވަގުތު ކަމަށްވިޔަސް ވިލާތަކުން އުޑުމަތި ފުރި ބާރުވެފައިވުމުގެ ސަބަބުން މުޅި ދުނިޔެ މައްޗަށް ވެރިވެފައިވީ އަނދިރިކަމެކެވެ. ސަހާރާގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރޭގައި ހުއްޓި ހުރި ވިސާމްގެ ޙަޔާތަށް އެ ދުވަހު ވެރިވެގެން ދިޔައީ އެ އަނދިރިކަމަށްވުރެ ވެސް ފުން އަނދިރިކަމެކެވެ. އޭނަގެ ލޯބިވާ ބައްޕަ ކަށްވަޅަށް ތިރިކޮށް އެކި މީހުން ވަކިވަކިން އެ ވަޅުގެ ތެރެއަށް ފަސްކޮޅެއް އަޅަމުން ދިޔަތަން ވިސާމަށް ފެންނަމުން ދިޔައީ ލޮލަށް ޖަމާވެފައިވި އެތައް ހާސް ކަރުނައެއްގެ ތެރެއިންނެވެ. އެވަގުތު އޭނަގެ އަތުގައި އެ ބައްޕަ އޭނައަށް ދިން އެންމެ ފަހު ހަދިޔާވިއެވެ. އެ ހަދިޔާއަކީ ބައްޕަ ދޭ އެންމެ އަގުހުރި ހަދިޔާ ކަމަށްވެސް ބައްޕަ ބުނެފައިވެއެވެ. އެއީ ހުދުކުލައިގެ ހިލަކުނޑިން ފުރިފައިވި ދަންފުޅިއެކެވެ.

ނުނިމޭ

34

18 Comments

 1. Bana

  December 19, 2016 at 7:03 pm

  Me first

  • Jana

   December 19, 2016 at 9:58 pm

   🙂

 2. Boo

  December 19, 2016 at 7:52 pm

  Shafaq ge bodu dhaitha mathinn varah handhaan vey..

  • Jana

   December 19, 2016 at 9:59 pm

   hehe……bodu dhaitha ge vaahaka ves adhi annaane ingey? adhi bodu dhaitha ge vaahaka aun muhimmu nuveema nethy 🙂

  • Boo

   December 20, 2016 at 7:30 pm

   Thank you Jana

 3. Adhu ?

  December 19, 2016 at 8:18 pm

  So eiee dhw storyge pic akah einna hour glass ge maana akee.. but i wonder mi vaahaka ah asru kee keevebaavaey.. story therein ingeyne dhw.. anyways mi part ves varah reethi.. ekm haadha kurey.. maadhan ves up kurahchey

  • Jana

   December 19, 2016 at 10:00 pm

   hmm ey e hour glass. Asru kiyany keevvekan engeyne story therein In Sha Allah. next part Wednesday ga In Sha Allah 🙂 Alhamdhulillah! 🙂

 4. alma..

  December 19, 2016 at 8:47 pm

  masha allah varah reethi mi part vs
  just waiting 4 next part… 🙂

  • Jana

   December 19, 2016 at 10:01 pm

   Alhamdhulillah! Next part budha dhuvahu In Sha Allah 🙂

 5. Booooo

  December 19, 2016 at 9:22 pm

  Wow.

  • Jana

   December 19, 2016 at 10:01 pm

   Alhamdhulillah! 🙂

 6. Kudakamana

  December 19, 2016 at 9:36 pm

  Maasha allah,, mi part up veytho varah inthizaaru koffin, al hamdh lillah! Mihaaru miothy ki ifa!! Nice!!!!

  • Jana

   December 19, 2016 at 10:04 pm

   Alhamdhulillah! 🙂 kudakamana mihaaru esfiya viber group ah jana join koffin ingey. participants ge therein Jana Mohamed hoadhaafa msg eh kolleema jana reply kuraanan In Sha Allah. 🙂 fb ga noolhey Jana aai ekuverivaan beynunvaa ehen ukhthunnavves mi furusathah varah bodah maruhabaa 🙂

 7. Stranger

  December 19, 2016 at 10:38 pm

  Mivaahaka genes dheny kn dhuvas thakehgatha jana?

  • Andhu

   December 20, 2016 at 9:05 am

   Vaahaka genesdheyny komme dhe dhuvahun eh dhuvahu… mostly afternoon…

  • Jana

   December 20, 2016 at 1:47 pm

   Andhu bunefa e othy rangalha. 🙂 Jazakallah Khairan.

 8. Reader

  December 21, 2016 at 7:47 pm

  Jana kon irakun vaahaka up kurany??

 9. Faxoo

  December 22, 2016 at 3:20 pm

  Jana mibaievs vrh reethi ingey

Comments are closed.