Skip to content
އެސްފިޔަ

ޝެލީން ( ފަހުބައި)

ދެއަހަރުފަސް…….

ހަނިމާދޫ ރަންވޭއަށް ބޯޓު ޖެއްސުމާއެކު، ޝިޔާޒް އޭނާގެ އެއްއަހަރަށްދާ ކުޑަދަރިފުޅު ޝެރީން އުރާލައިގެން ބޯޓުން ފޭބުމަށް ހިނގައިގަތެވެ. ޝާމިންވެސް އޭނާގެ މަންމަގެ އަތުގައި ހިފައިގެން ބޯޓުން ބޭލިއެވެ. ރަށުގެ ފަސްގަނޑަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޝެލީންއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހެނދުނުގެ ފިނި ފިނި ރޯޅިތައް މޫނުގައި ބީހިލުމުން ހަށިގަނޑާއި ހިތަށް އަރާމުކަމެއް ގެނުވައިފިއެވެ. ޓާރމިނަލް ތެރެއަށްވަދެ، ފުންނޭވާއެއް ދޫކޮށްލަމުން ޝެލީން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެތަނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޝެލީންއަށް ފާހަގަ ކުރެވުނެވެ.

ޓާރމިނަލްއިން ނުކުމެގެން އައިސް ކުލީކާރެއް ހޯދައިގެން އެއްގަމާދިމާއަށް މިސްރާބުޖެހިއިރު ޝެލީންގެ ހިތްވަނީ އަވަސްވެފައެވެ. އޭނާ ގެޔަށްދާއިރު ގެހުންނާނީ ކޮންފަދަ ގޮތަކަށްކަމެއްވެސް ނޭނގޭތީއެވެ. ރަށަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާނެކަމަށް އޭނާ ހީކުރިއެވެ. ކާރުދަތުރު ކުރަމުން ދިޔަވަރަކަށް ޝެލީންގެ ނަޒަރުވެސް ފަރާތްފަރާތަށް ދަތުރުކުރަމުން ދިޔައެވެ. އޭނާހީކުރިގޮތަށް މާބޮޑު ބަދަލުތަކެއް ރަށަށް އައިސްފައެއް ނުވެއެވެ. ނަމަވެސް އާއިމާރާތްތަކާއި ބައެއް މަގުތައް އިތުރުވެފައިވެއެވެ.

ކާރުގޮސް ޝެލީންގެ ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމުން ހައިރާންވެހުރެ ޝެލީން ކާރުންފޭބިއެވެ. ޝާމިންއާއި ޝިޔާޒްވެސް ފޭބިއެވެ. ޝެލީން ހީކުރިގޮތާއި ޚިލާފަށް ގޯތިތެރެ އޮތީ ރީތިކޮށް ކުނިކަހާ ސާފުކޮށްފައެވެ. ވިނަކޮޅެއްހައި ހިސާބުވެސް ނެތެވެ. އޭރުވެސް ޝެލީންގެ ގޭގެ މަގުމަތި ކުނިކަހަން ތޭރަ،ސާދަ އަހަރުގެ އަންހެން ކުއްޖަކު އޮތެވެ. އެކުއްޖާ ކުނިކެހުން ހުއްޓާލުމަށްފަހު ހައިރާންވެގެން އެމީހުނަށް ބަލަން އެއްކައިރީގައި ހުއްޓެވެ. އެއީ ކޮންކުއްޖެއްބާއޭ ހިތައި ޝެލީން އެކުއްޖާގެ މޫނަށް ބަލާލުމުން ދަންނަ ވައްތަރެއް ޖެހިއެވެ. އިރުކޮޅަކު ވިސްނާލުމުން އެކުއްޖާ ވައްތަރުވީ ކާކަން އޭނާއަށް އެނގުނެވެ.

” ތިއީ ކޮންކުއްޖެއް؟..” އެކުއްޖާގެ ގާތަށް ޖެހިލާފައި ގާތްގޮތަކަށް ޝެލީން އަހާލިއެވެ.

” އާނާ..” އަންހެން ކުއްޖާ ޖެހިލުންވެހުރެ ޖަވާބުދިނެވެ.

” ތީ ޔޫނާގެ ދަރިއެއްތަ؟..” އެކުއްޖާ ޔޫނާއާ ވައްތަރުކަމުން ޝެލީން އަހާލިއެވެ.

” ހޫމް” އެކުއްޖާ ބޯޖަހާލަމުން ޖަވާބުދިނެވެ. އެވަގުތު ޝެލީންއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނީ ޔޫނާގެ ހަނދާން އެހިތުގައި ހިނގާލުމުންނެވެ.

” ކޮބާ މަންމަ؟..” ޝެލީން އާނާގާތު އަހާލިއެވެ.

” ދަރިފުޅާ އާނާ!…އަދިވެސް މަގުމަތި ކުނިކަހާ ނުނިމެނީތަ؟..” ގޯތިތެރެއިން ޔޫނާގެ އަޑުއިވިގެން ޝެލީން ބަލާލިއިރު، ކުނިބަރޯއެއް ހިފައިގެން ޔޫނާ ނުކުންނަނީއެވެ. ޝެލީން ފެނުމާއެކު ހައިރާންވެފައި ޔޫނާ ހުއްޓުނެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށްބަލަން ގަނޑުވެފައި އިރުކޮޅަކު ތިއްބެވެ. އަހަރުތަކެއްގެ ފަހުން ދެރަހުމަތްތެރީން އަނެއްކާވެސް ބައްދަލުވީއެވެ. ނަމަވެސް ދެމީހުންގެ ސިފަޔަށްވެސް އައިސްފައިވާ ބަދަލުން، ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ.

” ޔޫ!” އިރުކޮޅެއްފަހުން ޝެލީން މަޑުމަޑުން ގޮވާލިއެވެ.

” ޝެލީ!!!” ހައިރާންވެގެން ދެލޯބޮޑުކޮށްލަމުން ޔޫނާއަށް ބުނެވުނެވެ. އިސާހިތަކު އޭނާގެ ލޯވެސް ކަރުނުން ފުރިއްޖެއެވެ. ކެތްކޮށްގެން ހުއްޓާވެސް ޔޫނާއަށް ގިސްލާ ރޮވިއްޖެއެވެ. ޝެލީން ދުވެފައި ކަހަލަ ގޮތަކަށް ޔޫނާ ގާތަށް ގޮސް އޮޅުލައިގެންފައި ރޯންފެށުނީ ބޭއިޚުތިޔާރުގައެވެ. ޝާމިންއާއި ޝިޔާޒް ފެންކަޅިވެފައި އެމަންޒަރުބަލަންތިބި އިރު އާނާހުރީ ވާނުވާ ނޭނގިފައެވެ. އިރުކޮޅަކު އެގޮތަށް ރުއިމަށްފަހު، ދެމީހުން ހަމައަކަށް އެޅުނެވެ.

” ކިހިނެއްތަ؟..” ދެމީހުނަށްމެ އެސުވާލުކޮށްލެވުނީ އެކުއެކީގައެވެ.

” އަހަރެން ރަނގަޅު…ޔޫ ކިހިނެއްތަ؟..” ޝެލީން އަހާލިއެވެ.

” އަހަރެންވެސް ރަނގަޅު….އެއީ ކޮންބައެއް؟..” ޝިޔާޒްމެންނަށް އިޝާރާތްކުރަމުން ޔޫނާ އަހާލިއެވެ.

” ފިރިމީހާއާއި ދަރިފުޅު…” ޝެލީން ޖަވާބުދިނެވެ.

” އެހެންތަ؟…މިހާރު މީހަކާވެސް އިނީތަ؟….އަހަރެން ހިޔެއްނުކުރަން އަލަމްގެ މަތިން ހަނދާން ނައްތާލާފަ ޝެލީ ދުވަހަކުވެސް މީހަކާ އިންނާނެއެކޭ…..އެކަމު އަހަރެން ވަރަށް އުފާވެއްޖެ ޝެލީ މީހަކާއިނީމަ…..ދެން އެހުރީ ކޮންކުއްޖެއް؟….އެވެސް ޝެލީގެ ދަރިއެއްތަ؟…” ޝާމިންއަށް އިޝާރާތްކުރަމުން ޔޫނާ ހައިރާންވެފައި އަހާލިއެވެ.

“ދެން މިތާތިބެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ…ހިނގާބަލަ ކޮންމެވެސްތާކު އިށީނދެ ހަމަޖެހިލަން…” ޝެލީން އަވަސް އަވަހަށް ބުންޏެވެ.

” އާނ…އާދޭ…..ފޮއްޓާ އެއްޗެހިވެސް އެތެރެއަށް ވައްދަންވީނު….ނަސީބަކުން ހަމަދެންމެ ގޭތެރެވެސް މިފޮޅީ….” ޔޫނާ އޭނާގެ ޖީބުންނެގި ތަޅުދަނޑިއަކުން ދޮރުހުޅުވާލަމުން ޝެލީންމެން ވަނުމަށް ތަންދެއްކިއެވެ. ޝާމިން ދަބަސްތައް ހިފައިގެން ވަނުމުން ޝިޔާޒްވެސް ޝެރީން ގޮވައިގެން ވަދެ ސޯފާގައި އިށީނެވެ.

” ޔޫ ކިހިނެއް ގޭތެރެއަށްވަނީ؟…އަހަރެން ދިޔައީ ތަޅުދަނޑިވެސް ހިފައިގެން…” ޝެލީން ހައިރާންވެފައި އަހާލިއެވެ.

” އެއީ ތަޅުހަލާކުކޮށްލައިގެން ގެޔަށް ވަގަކުވަނީމަ..އަޒީމް އެހުރީ ތަޅުބަދަލުކޮށްފަ…..އެހެންވެ ވަދެވުނީ..” ޔޫނާ އޮޅުން ފިލުވައިދިނެވެ.

ޝެލީންއާއި ޝިޔާޒް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޝާމިން އެކިތަންތަން ވަކިވަކީން ބަލަމުން ދިޔައެވެ. ގޭތެރެ އަދިވެސް ހުރީ ޝެލީން އެގެދޫކޮށްލާފައި ދިޔަގޮތަށެވެ. ގޭތެރޭގެ ފަރުނީޗަރުތައްވެސް ހަލާކުނުވެ ރީތިކަންމަތީ ހުރުމުން، އެތަކެތި ސާފުކޮށް ބަލަހައްޓާފައިވާކަން ދޭހަކޮށްދެއެވެ. ގިނަދުވަސްވުމުގެ ސަބަބުން ފާރުތަކުގެ ކުލަ ފަނޑުވެފައި ވީނަމަވެސް މީހުންނޫޅޭތާ ޒަމާންތަކެއްވީ ފަޅުގެޔެއް ހެނެއް ހިއެއް ނުވެއެވެ. ޔޫނާ ޝެލީންއަށްޓަކައި އެވަރުގެ ބުރައެއް އުފުލީތީ ޝެލީން ހައިރާންވިއެވެ. ޝެލީން އޭނާގެ ކޮޓަރިއަށް ވަނުމުން ޔޫނާވެސް ފަހަތުން ވަނެވެ. އޭނާގެ އެނދާއި އަލަމާރިވެސް އަދިވެސް އެހުރީ ކުރިންވެސް ހުރިގޮތަށެވެ. ކޮޓަރީގެ ތަރުތީބަށްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެވަގުތު އޭނާގެ ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔައެވެ.

” މިއޮއްހުރިހާ ދުވަހު ޔޫތިއައީ މިގެ ސާފުކުރަމުންތަ؟…..ކީއްވެ ޔޫ މިހުރިހާދުވަހު މިގެ ބެލެހެއްޓީ؟…” ގޭތެރޭގެ ސާފުކަމާއި ރީތިކަންފެނި ހައިރާންވެގެން ޝެލީންއަށް އަހާލެވުނެވެ.

” ޝެލީ ދިޔަގޮތަށް އަހަރެންމަތިން ހަނދާން ނައްތާލިޔަސް، އަހަރެން އަބަދުވެސް ޝެލީގެ މަތިން ހަނދާންހުރޭ….އަބަދުވެސް އަހަރެންގެ ހިތްބުނޭ ކޮންމެވެސް ދުވަހަކުން ޝެލީ އަންނާނެއޭ….އެހެންވެ އަހަރެން މިގެ ފަޅުވިޔަނުދީ ބެލެހެއްޓީ….މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހިވެސްކީ….އަހަރެން މިއުޅެނީ މިގޭގެ ބޭނުމުގައޭވެސްކީ….ވަރަށް މަލާމާތްކޮށްވެސް ހެދި….އެކަމު އަހަރެން އަޅައެއްނުލަން…..ފަހުން އެކަކުވެސް އެއްޗެއް ނުކިޔާ….އަޒީމްވެސް ކިތަންމެ ފަހަރަކުބުނި ޝެލީއެއް ދެން ނާންނާނެއޭ….އެކަމު އަހަރެން އުއްމީދު ކަނޑައެއްނުލަން…” ޔޫނާ ދެރަވެފައި ކިޔައިދިން ގޮތުން ޝެލީންއަށްވެސް އަސަރުކުރިއެވެ.

” ތޭންކްސް ޔޫ….އައި ރިއަލީ މިސްޑް ޔޫ ޓޫ” ޝެލީންވެސް ދެރަވެލާފައި ބުންޏެވެ.

” ދުނިޔޭގަ ހުރިމީހެއްކަންވެސް އަންގާނުލާ، ކޮންތާކު އުޅުނީ މިހުރިހާ ދުވަހު…..؟” ޔޫނާ ކުރަން އެންމެ ބޭނުންވި ސުވާލުކޮށްލިއެވެ.

” ދެން އެތަންމިތާ….ލަންކާއިން މާލެއިން. އެކަހަލަ މިކަހަލަ ގޮތަކަށް…”އޭނާގެ މާޒީގެ ހާލަތު ބަޔާން ކުރެވެން ނެތުމުން ޝެލީން ހަމައެކަނި އެވަރުން ފުއްދާލިއެވެ.

” ހަމަ އެންމެ ފަހަރަކުވެސް ރަށަށް އަންނާކަށް ހިތަކަށް ނޭރިތަ؟…އަހަރެންނާ ގުޅާލާ ހާލުބަލާލާކަށް ހިތަކަށް ނޭރިތަ؟….ޝެލީއާ ގުޅޭނެ ނަމްބަރެއްނޭނގޭތާނގައި އުޅޭތަނެއްވެސް އެނގެނީކީނޫން…..އެހެންނޫންނަމަ އަހަރެން ގުޅީމުސް….އެކަމު ޝެލީ އުޅުނީ ފިލައިގެން ވިއްޔަ..” ޔޫނާ ޝަކުވާކޮށްލިއެވެ.

” ދެން އަހަރެން އައީމަވެސް ޝަކުވާތަ ކުރަނީ…އަނެއްކަ ދާންވީދޯ…” ޝެލީން ސަމާސާ ކޮށްލިއެވެ.

” ނޫނޭ…ދާނެކަމެއްނެތް…..ދެން މިކޮޅަށް އެއްކޮށް ބަދަލުވެބަލަ!….މާލެމީހަކާތަ އިނދެގެން ތިއުޅެނީ…..އޭނަގާތު ބުނެބަލަ ޝެލީ މިކޮޅުގަ ބަހައްޓާށޭ…” ޔޫނާ ބޭނުންވެފަހުރީ ޝެލީން އެއްކޮށް ރަށަށް ބަދަލު ކުރުމަށެވެ.

” ޔޫއަށް ހަމަ ނޭނގުނުތަ އަހަރެންގެ ފިރިމީހާ އަކީ ކާކުކަމެއް؟….ރަނގަޅަށް ބަލާބަލަ…އެއީ ހަމަ ޔޫވެސް ދަންނަ މީހެކޭ…” ޝެލީން ހިނިތުން ވެލާފައި އެހެން ބުނުމުން ޔޫނާ ބޭރަށް ބޯދިއްކޮށްލަމުން ރަނގަޅަށް ޝިޔާޒްއަށް ބަލާލިއެވެ.

” އޭނަ ޝެލީގެ ޝިޔާޒްބޭބެއާ ހާދަ ވައްތަރޭ….އެގޭމީހެއްތަ؟…” ޔޫނާ ސިއްރުސިއްރުން އަހާލިއެވެ. އެވަގުތު ޝެލީންއަށް ބާރަކަށް ހެވިއްޖެއެވެ. އެވަގުތު ސިޓިންރޫމުގައި ޝެރީންއާއެކު މަޖާކުރަންތިބި ޝާމިންއާއި ޝިޔާޒްވެސް އެދިމާ ބަލާލިއެވެ. އެދެމީހުން ޝެލީންމެންނަށް ވަގުތުކޮޅެއްދީގެން ދުރުގައި ތިބީ އެމީހުންނަށް އުނދަގޫ ނުކުރަން ވެގެންނެވެ. އާނާވެސް ސިޓިންރޫމުގެ އެއްކަނެއްގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފަހަރަކު މީހެއްގެ މޫނަށް ބަލަންއިނެވެ.

” ކިހިނެއްވީ؟…ކީއްވެ ތިހެނީ؟..” ޔޫނާ ހައިރާންވެފައި އަހާލިއެވެ.

” ނޭނގުނީމައެއްނު…އެއީ ހަމަ އެޝިޔާޒްއޭ…އިތުރުމީހެއްނޫން..” ޝެލީން ހީލަމުން ބުނި ޖުމްލައިން ޔޫނާގެ ހައިރާންކަން އިތުރުވިއެވެ.

” އޭނ؟!!..އެއީހަމަ އޭނަތަ؟…،ޝެލީގެ ޝިޔާޒްބޭބެތަ؟..” ޔަޤީން ނުވެފައި ޔޫނާ އަހާލިއެވެ.

” ސާބަހޭ….މިހާރު އެއީ އަހަރެންގެ ބޭބެއެއްނޫން….ފިރިމީހާ..” ކުޑަކޮށް ރަކިވެފައި ޝެލީން ބުންޏެވެ.

” ދެން ސަމީރާޔޯ؟!!” ސަމީރާގެ މަތިން ހަނދާންވެގެން ޔޫނާ އަހާލިއެވެ.

” މީގެ ދެއަހަރުކުރިން ސަމީރާ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްވި…އެފަހަރު ކިރިޔާ ފުރާނަ ސަލާމަތްވީ….އެކަމު ނުކުޅެދޭމީހަކަށްވީމަ އޭނާ އެދުނީ ޝިޔާޒްއާ އަހަރެން ކައިވެނިކުރުމަށް…..އަހަރެން ޝެރީން ވިހޭ ދުވަހު، ސްޓްރޯކެއްޖެހިފަ ސަމީރާ ކުއްލިއަކަށް ނިޔާވީ….ޑޮކްޓަރ ބުނުއްވީ ކުރިންވީ އެކްސިޑެންޓްގެ ސަބަބުން ސަމީރާގެ ސިކުނޑިއަށް ލޭފޮނުވައިދޭ ނާރަކަށް ލިބިފައިވާ ގެއްލުމަކުން، ސިކުނޑިއަށް ލޭފޮނުވައިދޭންވީ ވަރަށް ނުފޮނުވުމުން ވީގޮތެއްކަމަށޯ ލަފާކުރެވެނީ…..އެކްސިޑެންޓަށް ފަހު ނާރުތަކުގެ މަސައްކަތް ނުކުރާކަން އަހަރެމެންނަށްވެސް އެނގޭ…އިންޑިއާއިން ބެއްލެވި ޑޮކްޓަރ ބުނުއްވީ ގިނަދުވަހުން ރަނގަޅުވާނެކަމަށް…..އެކަމު ހަމަ ކުއްލިއަކަށް އެހެންވީ….އެދުވަހު އަހަރެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަރަށް އުފަލުން އުޅުނު އަހަރެންނަށް ދަރިޔަކުލިބޭތީ…..އެކަމު އެދަރިފުޅު ދެކިލުމުގެ ނަސީބުވެސް ސަމީރާއަކަށް ނުލިބުނު…” ޝެލީންގެ ހިތަށްކުރި އަސަރުން ލޮލުން ކަރުނަ އައެވެ. އޭނާގެ ދަރިފުޅު އުފަންވިކަމުގެ އުފާ ފާހަގަ ނުކުރެވި އުޅެނިކޮށް ސަމީރާގެ މަރުގެ ޚަބަރު އޭނާއަށް ލިބުނެވެ. އެއީ އުފަލާއި ހިތާމަ އެއްފަހަރާ އޭނާއާ ބައްދަލުކުރި ދުވަހެކެވެ.

” އަހަރެން ވަރަށް ދެރަވެއްޖެ ސަމީރާއަށް ތިދިމާވިގޮތުން…..އެހެންވީމާ އެހުރީ ސަމީރާގެ ދަރިފުޅުދޯ ބޮޑުކޮށް” ޔޫނާ އަހާލިއެވެ. ޝެލީންވެސް އާއެކޭ ބުނެ ބޯޖަހާލީ ހަޤީޤަތް ކިޔައިދީގެން ޔޫނާގެ ހިތުގައި ޝިޔާޒްއާމެދު ރުޅިވެރިކަން އުފައްދަން ބޭނުންނުވާތީއެވެ.

” ޔޫނާ!…ޔޫނާ!…އަދިވެސް ގެ ސާފުކޮށް ނުނިމެނީތަ؟….” ޔޫނާއަށް ގޮވަމުން މީހަކު ދޮރުމައްޗަށް އެރުމުން އެންމެން އެއްފަހަރާ އެދިމާބަލާލިއެވެ.

” އަޒީމް!….ތިއައީ ލަސްވެގެންދޯ މިހާރު…..އަޒީމް ބަލާބަލަ!…..ޝެލީ އައިސްގެންނޭ މިއުޅެނީ….އެހެންވެ އަހަރެން ހަނދާންނެތިފަ މިހުރީ މިގަނޑީގަ އަޒީމް ސައިބޯން އަންނާނެކަންވެސް…..އަޅެ މަވެސް ގަމާރެއްނު!….ޝެލީމެންނަށް ސައިދޭންވެސް ނޫޅެ އަނގަތަޅަން މިއިނދެވުނީ…..އަވަހަށް ހިނގާ ގެޔަށް ގޮސް ސައިބޯން…..” ޝެލީންގެ އަތުގައި ހިފައިގެން ދޮރާއިދިމާއަށް ހިނގައިގަންނަމުން ޔޫނާ ވާހަކަތައް ފައްޗަކަށް އަމުނާލިއެވެ.

އަޒީމްވެސް ޝެލީންގެ ހާލުއަހުވާލު އޮޅުންފިލުވާ ހެދިއެވެ. ޝިޔާޒްއާއި ޝެލީންގެ ކައިވެނިކުރެވުނުކަން އެނގުމުން އަޒީމް ވަރަށް ހައިރާންވިއެވެ. ޝިޔާޒްއާ ޝެލީންއާމެދު އެފަދަ ގުޅުމެއް ދުވަހަކުވެސް އުފެދިދާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނުވެއެވެ. ނަމަވެސް އެކަމާބެހޭގޮތުން އިތުރު ސުވާލެއް ނުކުރީ ސަމީރާގެ އެދުމަށް ކުރިކަމެއްކަމަށް ޔޫނާ ބުނުމުންނެވެ.

ޝެލީން އައި ޚަބަރު އަލަމްގެ މަންމައަށް ލިބުމުން ތެޅެމުން ފޮޅެމުން ޔޫނާމެންގެ ގެޔަށް އައެވެ. ޝެލީން ފެނުމުން އޮޅުލައިގެންފައި ރޯންފެށިގޮތުން ޝެލީންއަށް އޭނާގެ މަންމަ މަތިން ހަނދާންވިއެވެ. ޝެލީންގެ ޚަބަރެއްނުވެ މިހުރިހާ ދުވަހު އުޅުމުން އެކަމާ އަލަމްގެ މަންމަ ވަރަށް ޝަކުވާކުރިއެވެ. ވަރަށް ގިނަ ސުވާލުތައްވެސް ކުރިމަތި ކުރުވިއެވެ. އެސުވާލުތަކަށް ޖަވާބުދޭނެގޮތެއް ނޭނގިގެން ޝެލީން ހަދާނެ ގޮތްބޮޑުވެފައި ހުއްޓާ ޔޫނާ އެކިއެކި ވާހަކަ ދައްކައިގެން މައުލޫޢު ބަދަލުކޮށްފިއެވެ.

ދުވަހަކީ ބޮޑުއީދު ދުވަހެވެ. ޝިޔާޒްއާއި ޝާމިންވެސް ފެންވަރައިގެން އީދުނަމާދަށް ދިއުމުން ޝެރީން ގޮވައިގެން ޝެލީން ނުކުތީ ގޯތިތެރޭގައި ހުރި ޖޯލިފައްޗަށެވެ. ޝެލީންމެން އައުމުން އަޒީމްވަނީ ޖޯލިފައްޗެއް ގަތައިދީފައެވެ. ޔޫނާވެސް އިރުއިރުކޮޅުން ޝެލީންގެ ގާތަށް އައިސް ކަމެއް ބޭނުންތޯ އަހާހަދައެވެ. އެދެމީހުންގެ އިތުރުން ޝެލީންގެ އަވަށްޓެރިންވެސް އޭނާއަށް އެހާހެވެ. ޝެލީންއާއި ޝިޔާޒްގެ ކައިވެނީގެ ސަބަބުން މީހުން އޭނާއާމެދު ދެކޭގޮތް ބަދަލުވެދާނެތީ ކުރިން އޭނާބިރުގަތެވެ. ނަމަވެސް ސަމީރާއަށް ދިމާވިގޮތާއި ޝެލީންއާއި ޝިޔާޒް ކައިވެނިކުރަން ޖެހުނުގޮތް ރަށުގެ އެންމެންނަށްހެން މިހާރުވަނީ އެނގިފައެވެ. އެހެންކަމުން އެއްވެސް މީހެއްގެ ފަރާތުން އެދެމީހުނާމެދު ގޯސްބަހެއް ނީވެއެވެ. އޭގެ ބަދަލުގައި ކޮންމެމީހަކުވެސް ޝެލީންއާއި އަދި ޝިޔާޒްއާ ވާހަކަ ދައްކަނީވެސް ހިތްހެޔޮކަމާއެކީއެވެ.

” ޕޮއް!” ފަހަތުން އައިސް ޔޫނާ އަޑެއް ލައްވާލުމުން ޝެލީން ސިހުނެވެ.

” މަގޭ ދަރިފުޅުވެސް ބިރުގަންނުވާލީނުތި..” ޔޫނާއާ ދިމާ ބަލާލާފައި ތުންއޫކޮށްލަމުން ޝެލީން ބުންޏެވެ.

“އެމަންޖެ  ނުގަނޭ ބިރެއް…..އެމަންޖެއަށް މަފެނިގެން އެހެނީވެސް..ދޯ ދޫނީ…” ޝެރީން އުރާލަމުން ޔޫނާ ބުންޏެވެ.

” މިއޮއްފަދަ އީދު ދުވަހުވެސް ގޭގަ ކަމެއް ނެތިގެންތަ ތިއައީ؟….އަދިވެސް ވަރަށް ހުސްހަށިބައިކޮށްދޯ ތިއުޅެނީ؟…” ޝެލީން އަހާލިއެވެ.

” ހޫމް….އަންހެންދަރިޔަކު ބޮޑުވީމަ ދެން ހުރިހާކަމެއް ކުރާކަށް ނުޖެހޭނެއްނު…..އެހެންނޫނަސް މަމިއައީ ޝިޔާޒްމެން ނަމާދުން އައީމަ އެމީހުނާއެކު އީދުބޮޑިކާން ދާށޭ ބުނަންވެގެން….” ޔޫނާ އައިބޭނުން ބުނެލިއެވެ.

” ދެން ނައެއްކަމަކު ގުޅާލިނަމަ…..މިހާރު ނަމްބަރުވެސް އޮންނާނެ ވިއްޔަ..” ޝެލީން ބުނެލިއެވެ.

” ހޫމް….މައައީމާ ކަމުނުދިޔައީތަ؟….ޝެލީއަށް އުނދަގޫކުރާކަށް ނޫނޭ މިއައީކީ….މިފުއްގަނޑު އުރާލަން މިއައީ….” ޔޫނާ ތުންއޫކޮށްލާފަ ބުނިގޮތުން ޝެލީންއަށް ހެވުނެވެ.

” ތިޔެއްނޫނޭ….މިހާރު މިރަށުގަ އީދުކުޅިވަރު ނުކުޅެނީތަ؟….އެއްވެސް އަޑެއްބަޑެއްނީވޭ…” ޝެލީން އަހާލިއެވެ.

” މިގަޑީގަ ނުކުޅޭނެއްނު…..އެކަމު އޮވޭ މިހާރުވެސް…..އެކަމް އަހަރެމެން ކުޑައިރުހާ ފޯރިގަދައެއްނޫން…..އެކަމާވެގެން އުޅޭނެބަޔަކު ނެތީމަވާގޮތް…..އޭރު އަލަމްމެން ކިހާފޯރިއެއްނެގިދޯ….އޭރު ހާދަ މަޖަލޭ….މައަދިވެސް ހަނދާން އެބަހުރި އެއްކަލަ ދުވަސްމަތިން…..” ޔޫނާ ހެމުން ހެމުން އެދުވަހުގެ ވާހަކަ ދެއްކި ނަމަވެސް އަލަމްގެ ހަނދާންވުމުން ޝެލީންގެ ހިތަށް އަސަރުކުރިއެވެ.

” ސުވާލެއް ކޮށްލަންތަ؟….ޝެލީ އެއްވެސް ވަރަކަށް ޝިޔާޒްދެކެ ލޯބިވޭތަ؟….މިހެން މިއެހީ އޭރު ޝިޔާޒް މިރަށުގަ އުޅުނުއިރުވެސް ޝެލީދެކެ ލޯބިވާހެން އަހަރެންނަށް ހީވާތީ…..އަނެއްކާ ތިދެމީހުން ކުރިންވެސް ގުޅުމެއް އޮތީތަ؟…” ޝައްކުގެ ނަޒަރަކުން ބަލާލަމުން ޔޫނާ އަހާލިއެވެ.

” ދެން ޔޫވެސް ދައްކާ ވާހަކަ…..ވެދާނެ ކުރިންވެސް ޝިޔާޒް ލޯބިވާކަމަށް….އެކަމު އަހަރެން ލޯބިވީ މާފަހުން….” ޖަވާބުދޭނެ އިތުރުގޮތެއް ނޭނގުމުން ޝެލީން ބުނެލިއެވެ.

” އޯހް! އެހެންވީމަ ހަމަ ދެމީހުންވެސް ލޯބިވޭތާދޯ…..ބޭބެ ކިޔަސް އޭރުވެސް ހާދަރީއްޗޭ ޝިޔާޒް…..މެރީކޮށްގެން ނޫޅޭނަމަ އޭރު މަވެސް ޓްރައި ކުރީމުސް…” މަޖާވެފައި ޔޫނާ ބުނެލިގޮތުން ޝެލީންގެ ގާތަށް ހިނިއައެވެ.

އެދެމީހުން ހީހީފައި އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު އެއީ ޒަމާންތަކެއްވާންދެން އެއްގޮތަކަށްވެސް ބައްދަލުނުވެތިބި ބައެކޭ ހިއެއް ނުވެއެވެ. އެހާވެސް އެދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ވަރުގަދައެވެ. ހަޤީޤީ އެކުވެރިކަމަކީ އެއީއެވެ.

ހަވީރުގެ ވަގުތެވެ. ޝެރީން ފެންވަރުވާލައިގެން ޔޫނާއާއި ޝެލީން އީދުގެ ކުޅިވަރުތައް ބަލާލަން ނުކުތެވެ. ޝިޔާޒްވެސް އެމީހުންގެ ފަހަތުން ދާން ނުކުތް ވަގުތު އަޒީމް ގޮވާލުމުން އޭނާއާ އެކުގައި ދިޔައެވެ. ދެމީހުން ހިނގަމުން ގޮސް ޝެލީން އޭނާގެ މާމަގެއާ ހަމައަށް ދެވުމުން މަޑުކޮށްލިއެވެ.

” ކިހިނެއްވީ؟…” ޔޫނާ އަހާލިއެވެ.

” މާމަގެ ބަލާލަން ބޭނުން” އެގެއާދިމާއަށް ހިނގައިގަންނަމުން ޝެލީން ބުންޏެވެ.

“ތިތާކަށް ނުވަދެވޭނެ މިހާރު…..ތިއޮތީ ތިތަން އޮތްގޮތް…ހީވަނީ ޖަންގަންޔެއް ހެން….ތަންކޮޅެއްކުރިން އަލަމްގެ މަންމަ ތިތަންވެސް ސާފުކޮށްގެން ބެލެހެއްޓި…އެކަމު މީހުންގެ އަނގަޔާހުރެ ހުއްޓާލީ…..ދެން މިހާރު މަގުމަތި އެކަނި ކުނިކަހަނީ…” ޔޫނާ އޮޅުން ފިލުވައިދިނެވެ. ޝެލީން ގޯތިތެރެއަށް ނަޒަރު ހިންގާލުމުން މާމަގެ ހަނދާންވެފައި ފެންކަޅިވާގޮތްވިއެވެ. ގޭގެ ފުރާޅުގައިވާ ޓިނުތައް ދަބަރަށްވެގެންވަނީ ފޫވެއްޓިފައެވެ. ގޭގެ ބައެއްފާރުތައް ވެއްޓި،ގެވަނީ މުޅީންހެން ވީނާރާވެފައެވެ. ގޯތިތެރޭގައި ފަޅާފައިވާ ގަސްތަކުގެތެރެއިން ޝެލީންގެ ލޮލުގައި އަޅައިގަތީ އެއްކަލަ ފޭރުގަހެވެ. އެގަސްވަނީ މަރުވެގެން ހިކިފައެވެ. އަދިވެސް ގަހުގެ މައިގަނޑުގައި ކޮންމެވެސް ވަރެއްގެ ދިރުމެއް ނެތްކަމެއް ނޭނގެއެވެ. ޝެލީން ކަރުނަ ފުހެލާފައި ހިނިތުންވެލަމުން އެތަނުން ދާން ހިނގައިގަތެވެ.

ޝެލީންގެ ހަޔާތުގައިވާ ބައެއް ސިއްރުތައް ޔޫނާއަށް ފޮރުވައިގެން ހުރެވެސް އެދެމީހުން އުޅެމުން ދިޔައީ ވަރަށް އުފަލުންނެވެ. ދެން ދުވަހަކުވެސް ދެމީހުން ވަކިނުވާންކަމަށް ހިތާހިތުން ވަޢުދުވާ ހާލުގައެވެ.

ޢީދުގެ އުފާވެރި ދުވަސްތައް ޝާމިންވެސް ހޭދަކުރަމުން ދިޔައީ އޭނާއަށް ލިބުނު އާ ރަހުމަތްތެރީންނާއެކު ނުހަނު އުފަލުގައެވެ. އަލަމްގެ ކޮއްކޮ އަސްލަމްއާ ޝާމިންއަކީ މިހާރު ވަރަށް ގާތްދެރަހުމަތް ތެރީންއެވެ. އަސްލަމު ފެނުމުން ޝެލީންއަށް އަލަމްގެ ހަނދާންތައް އާވެއެވެ. އަލަމްއާ ސިފަ މާބޮޑަށް ވައްތަރު ނޫންނަމަވެސް މިޒާޖު ވަރަށް އެއްގޮތެވެ. އާނާއަށް ޖެއްސުންކޮށް ސަކަރާތް ޖަހަ ޖަހާފައި އަސްލަމުން އުޅޭގޮތް ފެނުމުން ޝެލީންއަށް އަލަމްގެ ސަކަކަން ހަނދާންވެ ބޭއިޚުތިޔާރުގައި ހެވެއެވެ.

އަލަމް އޭނާދެކެ ވީލޯބި ދުވަހަކުވެސް އޭނާ ހަނދާނެއް ނުނެތޭނެއެވެ. އަލަމްގެ ގެޔަށް ދާކޮންމެ ފަހަރަކު އެހަނދާންތައް އާވެއެވެ. އަލަމްވީ ޤުރުބާނީ އޭނާގެ މަންމަމެންނާ ހިއްސާކުރަންވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ނަމަވެސް އެމީހުންގެ ހިތަށް ކުރާނެ އަސަރު އެނގޭތީ އެސިއްރު އުމުރަށްވެސް ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ނިންމިއެވެ. މިއަދު އަލަމްގެ މަތިން އޭނާ ހަނދާންކުރަނީ އުފަލުން ހުރެއެވެ. ކުރިން އޭނާހީކުރިފަދަ ގޯސްމީހަކަށް ހަޤީޤަތުގައިވެސް އަލަމްވީނަމަ މިއަދު އޭނާ އެހަނދާންކުރީހީ ހިތާމައާ މާޔޫސްކަމާއެކުގައިކަން ޔަޤީނެވެ.

” ހާދަ ވަރަކަށް ވިސްނަނީ ކޮންކަމަކާ؟…” ޖޯލީގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތް ޝެލީން ސިހުނީ ޝިޔާޒްގެ އަޑުންނެވެ.

” ނުވިސްނަން..” ޝެލީން ހިނިތުންވެލަމުން ބުނެލިއެވެ.

” ނުބުންޏަސް އެނގޭ އަހަރެންގެ މަތިންކަން ތިހަނދާންކުރަނީ…..އެއްކަލަރޭ މިގަސްދަށުގަ ހުރި ޖޯލިފައްޗެއްގަ އޮއްވާ ދޯ އަހަރެންނަށް ކިސްއެއްދިނީ….އެހަނދާންތަ ތިކުރަނީ….އެނގޭތަ އެރޭ އަސްލުވެސް މަބިރުގަތޭ….ހީކުރީހަމަ ޝެލީންގެ ސިފައިގަހުރި ހަންޑިކުއްޖެއްކަމަށް…..ނޭނގޭނެއްނު އައިގޮތަށް އައިސް ކިސްއެއްދިނީމަ” ޝިޔާޒް ހީލަމުން ޝެލީންގެ ކޯތާފަތަށް ދޮނެއްދިނެވެ. ޝެލީންވެސް ޝިޔާޒްގެ ކޮލަށްދޮނެއްދެމުން ރަކިގޮތަކަށް ހީލިއެވެ.

“މިރޭވެސް އެހާ ހަނދުވަރުރީތި….ހިނގާ ހިނގާލަންދާން…” ޝެލީންގެ އަތުގައި ހިފާލަމުން ޝިޔާޒް އެދުނެވެ.

” ދެން ބޭބީޔޯ؟..” ޝެލީން ކަންބޮޑުވެފައި އަހާލިއެވެ.

” އޯހް! ބޭބީ ބާއްވާފަ ނުދެވޭނެދޯ….އެހެންނޫނަސް މިރަށުގަ ނުހުރޭ ހިނގަންދާނެ ރީތި ތަންތަނެއްވެސް…މިތަން މާބޮޑަށްވެސް ރޮމޭންޓިކް….” ޝިޔާޒް ބަހަނާއެއް ދައްކާލަމުން ޚިޔާލުބަދަލުކޮށްލިއެވެ. ދެމީހުން އަތުގުޅުވާލައިގެން ތިބެ އެކިއެކި ވާހަކަތައް ދައްކަމުން މާޒީގެ ބައެއް ހަނދާންތައް އާކުރިއެވެ. މިހާރު އެދެމީހުންގެ މެދުގައި ކުރިންހުރިފަދަ އެއްވެސް ހުރަހެއް ނެތެވެ. އެއްވެސް ބިރުވެރިކަމެއްނެތެވެ.

އުފާވެރި ހަނދާންތަކެއް ޙަޔާތުގެ ޑައިރީގައި ފޮރުވަމުން ބޮޑުއީދުވެސް ނިމިގެން ހިނގައްޖެއެވެ. ޝެލީންމެން ފުރުވަން އެއާރޕޯޓަށް ޝެލީންގެ އަވަށްޓެރިންނާއި ޝާމިންގެ ރައްޓެހިންގެ އިތުރުން އަލަމްގެ މަންމަވެސް ދިޔައެވެ.

” އަހަރަކު އެއްފަހަރު ނަމަވެސް ރަށަށް އަންނަންވާނެ” ޝެލީންއާ ސަލާމްކޮށްލަމުން ޔޫނާ އެދުނެވެ. ހިނިތުންވެގެން ހުރިނަމަވެސް ޔޫނާގެ ލޯވަނީ ފެންކަޅިވެފައެވެ.

” އިރާދަކުރެއްވިއްޔާ އަންނާނަން…”ރަހުމަތްތެރިޔާއާ އެހާއަވަހަށް ވަކިވާން ޖެހޭތީ ޝެލީންވެސް ދެރަވިއެވެ. އަސްލަމުއާއި އާނާވެސް ހުރީ ޝާމިންދާތީ ދެރަވެފައެވެ. ޝާމިން އަސްލަމްއާ ސަލާމްކޮށްލުމަށްފަހު އާނާއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އާނާ ޖެހިލުންވެ ހުރެ ޝާމިންގެ އަތުގައި ހިފާލިއެވެ. ޝާމިން އާނާގެ މަޑުމަޑުއަތަށް ފިތާލުމުން އާނާ ސިހިފައި ދެލޯބޮޑުކޮށްލިއެވެ.

” އަދި އަންނާނަން ސަކަރާތްޖަހާލަން….ރެޑީވެގެން ހުންނާތި..” އާނާއާ ގާތަށް ޖެހިލަމުން އެހެންމީހުނަށް ނީވޭވަރަށް ޝާމިން ބުނެލިއެވެ. އެވަގުތު އާނާގެ ހިތުގެވިންދު އަވަސްވެގެން ދިޔައެވެ. އަވަސް އަވަހަށް ޝާމިންގެ އަތުން އަތްދަމައިގެންފައި ވަށައިގެން ތިބިމީހުނަށް ނަޒަރު ހިންގާލިއެވެ. ޝާމިންއާއި އާނާގެ ހަރަކާތަކަށް ބަލަންހުރި ޝެލީންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ ދަރިފުޅުވެސް މިހާރު ބޮޑުވީތާއޭ ހިތަށްއެރިއެވެ.

މަތިންދާބޯޓުގައި އިންއިރު ޝެލީންގެ މޫނުގައި އުފާވެރިކަން ވިދާބަބުޅައެވެ. މިހާރު އޭނާގެ ޙަޔާތުގައި އެއްވެސް ހިތާމައެއް ނެތެވެ. ދުނިޔޭގައި އިންސާނަކަށް ލިބޭނެ ހުރިހާ އުފަލެއް އޭނާއަށް މިލްވެފައިވާހެން އޭނާއަށް ހީވެއެވެ. އޭނައަށް އިޝްޤީ ލޯތްބަކީ ކޮބައިކަން ދަސްވެ އެނގިއްޖެއެވެ. ފުރިހަމަ އާއިލާއެއް ލިބިއްޖެއެވެ. އެންމެ ގާތްއެކުވެރިޔާވެސް އަލުން ލިބުނީއެވެ. ދެން އިތުރަށް މިދުނިޔެއިން އޭނާބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟ މިއަށްވުރެ ފުރިހަމަ ޙަޔާތެއް ދުނިޔެއިން ނުލިބޭނެކަން ޔަޤީނެވެ.

ނިމުނީ

Comments (54)

  1. Shine

    kudhin ney mivaahakaves nimunee….heekuran kamudhiyakamah….keep reading and supporting as always….LOVE YOU ALL

  2. Fin

    Yay.. Me first.. Vvvv nice… Thz is a great story..

  3. ?mixoo

    Am the i first one..
    varah reethi vaahaka eh mee

    1. Xx
      ?mixoo

      Nope, fin was the first

  4. fau

    Love u 2 vvvvvvvvvvvvv salhi. Habeyx

  5. Afaa

    Varah reethi. Thank you ☺ shine. Keep shining ?

  6. Regards

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeeeeeeeeeeeeeeeeeeeeeeeeeethi

  7. Ryn

    Shine!! Roe roe huhtaa mi vaahaka vx mi numuny dhw.. nimunu iru hyvany dhn vrh avas hn lol but its so damn awesome.. I really really love it.. Hama balanshey iny up veythw.. And that shiyaax oh god i love him… vrh lwbi eyna sifakhfa huhna goii..,, this is superb. Waiting for a new story so badly.. This is one of the best story and you’re one of my fav.. tc and Good luck 😉

  8. liu

    VVVVV reethi..
    SORRY TO SAY>>>> shine ge gina vahaka thakuga girl kuga ehan mi haku banun kofa aslu hero a libani… ehan vima sakarai…
    dhan stry ega ehan nuhun nana kama umidu kurani…..

    1. sheleen
      liu

      thi ee thedhen noon. moyahiy mageyga ekani egothahvanee. dheevaanagaves furathamaves beynunkuranee shifan. efinimendhanga ishan ekani neela beynun kuranee. lee minho ga lee ah libenee. dhen mi storyga furathamaves fahunves hama shiyaz beynun kuranee

    2. Xx
      liu

      I agree with you shel

  9. Shy

    Alheyyy alam mathin miss vey shy ves nd alam ah v goi hithah ereema dhera vey.
    Loabivey shine..

  10. Ain

    Vvvvv Reethi mivahaka….. Shine kon irakun new story up kuraani

  11. Anonymous

    Vvvv reeethi ????

  12. Alam

    I wish Alam kahala loabivaane myhaku libey namaey.. BTW story vrrythi.. Vr touching

    1. Shelyn
      Alam

      Alam.. I still love you and I missed you on my wedding..

    2. Shelyn
      Alam

      Nd kyvetha girl akah vegen thi vahaka dhakkane??

    3. Shelyn
      Alam

      Good nyt Alam

  13. Naadhee

    V v v reethi

  14. Thaany

    Masha allah v furihama
    New story ge inthixaaruga dhn mihuree

  15. Maasha

    V reethi…??

  16. Azu

    Ma sha allah….vv furihama …love u 2 shine….

  17. Amaa

    Kada

    1. Xx
      Amaa

      Kn kameh??

  18. Luba

    V furihama.. Dhn v dhera ves vejje mi story nimunyma.. Konme dhuvahaku up vaa story eh miee..

  19. Xoo

    V reethi

  20. Malaa

    V reethi ma sha allaah.

  21. azuha

    Vara nice

  22. Maari

    V v Nice.. I love this ending.. You are a great writer shine masha allah .. Keep shining

  23. Anonymous

    Mi Vaahakaige nimunves vvvvvvvvvvv reethi

  24. Maush

    V reethi

  25. yax

    vaahaka nimunu iru yax alam mathin varah handhaan vi?????
    May you rest in peace alam?
    shine dhen vaahaka eh nuliyaanan tha?????
    I love you so much shine????

  26. Herrr

    Varah reethi nimunu iru.. shelyn ge 2vana silsilaa eh nehlan veenu sheryn kiyaafa., hehe her alam mathin varah hadhaan vi mi bai kiyaafa… waiting for a new story of shine

  27. pinker

    Varah reethi asaru gadha story eh…inthizaaring for yo next story….kn irakun tha kuvveri loabi up kuran fashany??…..

  28. Shine

    THANK YOU all lovely people….mihaaruves shine miulheny kuhveriloabi liyumuge masakkathuga….liye liyefa check kuranee rangalhutho he he he….v check kohfa upkureveynee dho…adhi maagina episodes liyevey vareh nuvey….kiyuntheringe commets aa nulai vaahaka kuriyakah nudheyey…ee vaagothakee…insha allah…furathama bai v avahah kiyaalan libeyne…keep waiting

  29. Pop

    Varah salhi mi story

  30. Zee

    Varah Varah Varah Varah Varah reethi story eh my… Ekm zee v comment nukuran Kurin ekm dhen kuranan

  31. Xx

    Varah salhi story eh mi..

  32. shiu

    Dhen konirakun vaahaka eh genes dheyni… mi dhevaahaka ves vvvvvvv reethi…ithuru vaahaka

  33. Anonymous

    Shine nehnun thee ehenveemaves reethi vaanekan ya geen dhevanavisnumakahdhaakannujeheyne

  34. crazy

    shine ge mivaahaka varah reethi ,varah firihama nimunves ,ekamaku eh vaahakan bunelan beynun ,shine ge vaahakathakuga ehves varakah kaiveneege furathamareyga kuranjehey namaadh vaahaka nuhimanaa .ehee konmehenves kuran vaane kameh ? kaiveneege furathama rey maai allah ge mahvhah 2 rakvah namaadheh kurun .uhmeedh kuran dhn ragalhuvaane kamah

    1. Fahana thashi
      crazy

      Yah.. Bt e writer ge choice kannege

  35. GORGEOUS

    Vvvv salhi story eh mi.. Nimunyma Vv dhera vejje

  36. Fahana thashi

    Vrh salhi mi story.. Shine ge next story akah vrh inthizaaru kurevey

  37. ainth zee shares

    Vvvvvvvv lobe love story e.. do mee

  38. Adha

    Miveehaathanah vaahakaeh kiyaafa nuron. Ekam mi vaahaka kiyaafa varah rovijje. VvvvVvvv Vvvv asarugadha mi vaahaka. Love you stories shine. Unmeedhu kuran anekkaaves Miyah vuren ves reethi vaahaka eh kiyaalan libeyne kamah

  39. shaa

    Shine dhen haadha dhuvahekey..kuhveri loabi kiyaa hithn mihar hurevenykyves noon..avas..avas..pls

  40. Shabyyy

    V v reethi

  41. naai

    V reethi

  42. ?

    wow super intrestin story?????

  43. Brainless

    Alaaaaaaaaaaaammmmmmmm…???????????????
    I miss yuh a lot alammm…????
    Alam ge handhaan abadhuves vaane..
    Alhe yuh mathin haadha miss ve eyy Alam. Bunedheyn ves neynge miss vaa varehh ves..????????
    And shaamin haadha naughty eyy dhw..?…
    And yes , vaahaka vvvvvvvvvvvvvv reethi.. And one more thing… Alam dhoonyaa I miss yuh more than anything in this world…?????
    And boys learn something from Alam..

  44. Yanaa

    ???????wow….

  45. Rai❤

    ???????

  46. Rash

    Hama hyvy kurimathi ga sifavaahen kiyan inn iruga… hama rangalhah vx rovijje… v vvvv rythi story.. thankx for the lovely story

Comments are closed.