
“ހުދާ މިކަހަލަ ވާހަކަތަކުގެ ތެރެއަށް އަނގަބާނާނެ ކަމެއްނެތް. ދޭ ކޮޓަރިއަށް!” ޒަމީނާ އައި ރުޅީގައި އަންގާލިއެވެ. ހުދާ ފައިންއޭ ކިޔައި ކާގެއިން ނިކުމެގެން ދިޔައެއްކަމަކު ހުދާ ބުނި ވާހަކައާ ދޭތެރޭ ޝަފަޤަށް ވިސްނުނެވެ. ވިސާމްގެ ޚިޔާލުވެސް ހުންނާނީ އެހެންތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަގެ މަންމަ ބުނިގޮތުން އޭނަ އަބަދުވެސް ހުންނަނީ ދީނަށް ފާޑު ކިޔޭނެ ގޮތެއް ބަލަބަލައެވެ. އެހެންކަމުން އޭނަގެ ނަޒަރިއްޔާތުވެސް އެހެން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހުދާ ދެންމެ ބުނީ ޙަޤީޤަތެއްނޫނެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އޭނައަށް ދަސްވީ ގޮތެއްނޫނެވެ. އޭނަ އެކަން ސާބިތުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން ޝަފަޤަށް ވިސްނެން ފެށިއެވެ. އޭނަ އެރޭ ނިދަން ކޮޓަރިއަށް ގޮސްފައިވެސް އޭނަ ކައިވެންޏާއި ބެހޭ ގޮތުން ނަގާފައި ހުރި ނޯޓުތައް ތަކުރާރުކޮށް ކިޔުނެވެ. އޭނަ މީގެ ކުރިން އެ އެއްޗެހި ކިޔާފައިވީ ހަމައެކަނި ކިޔާ ކިޔުމެއްގެ ގޮތުގައެވެ. އެހެނަސް އެކަންތައް ޢަމަލުން ދެއްކުމަށްޓަކައި ކިޔުމުން ޝަފަޤަށް އެނގުނު ކަމަކީ އޭނަ މިކަމާމެދު އިތުރަށް ހޯދަންޖެހޭ ކަމެވެ. އެހެންކަމުން އޭނަ ހަމަ އެރޭ އޭނަގެ އެކުވެރިޔެއްކަމަށްވާ މައިމޫނާގެ ދޮށީ ދަރިފުޅު މާނާއަށް ގުޅާލިއެވެ. އެއަށްފަހު މާނާ ސްކޫލަށް ދާ ގަޑީގައި އޭނަގެ ލެޕްޓޮޕް ބޭނުންކުރުމުގެ އިޒުނަ ހޯދިއެވެ. އެއަށްފަހު ވެސް ޝަފަޤަށް ނިދޭ ގޮތެއްނުވިއެވެ. ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އޭނަގެ އެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ.
އޭގެ އަނެއްދުވަހު ހުދާއާއި ޒައިން ސްކޫލަށް ދިޔުމަށްފަހު ޒަމީނާ ވެސް ވަޒީފާއަށް ނިކުތުމުން ޝަފަޤް އޭނަ އެޅި ކޭކުތަކާއި އެކީ މައިމޫނާގެ ގެއަށް ދިޔައެވެ. ކޭކުތައް ފިހާރައަށް ލުމަށްފަހު ޝަފަޤް ފިހާރައިގެ ތެރެއިން އެގެއަށްވަނެވެ. ޝަފަޤް ފެނުމާއެކު މައިމޫނާ ހިނިތުންވެލަމުން ލެޕްޓޮޕް ހުރީ ތައްޔާރަށޭ ބުނެލިއެވެ. މިއީ އެއްގޮތަކަށް ވެސް އާ ކަމެއްނޫނެވެ. އޭނަ އިންޓަނެޓުން އެއްޗެއް ހޯދަން ބޭނުންވާ ކޮންމެ ފަހަރަކު އޭނަ މިގެއަށް ޒިޔާރަތް ކުރެއެވެ. އޭނައާއި މާނާގެ އެކުވެރިކަން ފެށިގެން ދިޔައީ މާނާއަށް އޭނަގެ ކޭކުތައް މީރުވުމުންނެވެ. އެއަށްފަހު މާނާ ޔޫޓިއުބުން ކޭކު އެޅިދާނެ އެހެނިހެން މީރު ގޮތްތައް ފެނުމުން އޭނަ އެ ވީޑިޔޯތައް ޝަފަޤާއި ޙިއްޞާކުރިއެވެ. ޝަފަޤްގެ އެކުވެރިކަމުންނާއި ހިތްހެޔޮކަމުން މާނާވަނީ ޝަފަޤް ބޭނުންއިރަކު އޭނަގެ ލެޕްޓޮޕް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މީގެ ކުރިން ޝަފަޤް އަބަދުވެސް މާނާގެ ލެޕްޓޮޕް ބޭނުންކޮށްފައިވަނީ ހަމައެކަނި ކޭކުތަކުގެ ވީޑިޔޯތައް ބެލުމަށެވެ. އެ ނޫން އެއްޗެއް ސާޗްކުރަން އޭނަ އައި މިއީ ފުރަތަމަ ފަހަރެވެ.
ޝަފަޤް ގޮސް މާނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ކޮޓަރިއަކީ މާނާ ފިޔަވައި އެހެން މީހަކު ޙިއްސާކުރާ ކޮޓަރިއަކަށް ނުވުމުން އޭނައަށް ފުރިހަމަ މިނިވަންކަން އެބައޮތެވެ. ޝަފަޤް ލަހެއްފަހެއްނެތި ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު ގޫގްލްއަށްވަދެ އޭނަ ބޭނުން އެއްޗެއް ޓައިޕްކޮށްލަމުން ސާޗްކުރަން ފެށިއެވެ. އޭނަ ދުވަހަކުވެސް ނުކިޔާ ޒާތުގެ ލިޔުންތައް ކިޔަންވުމުން އޭނަ ޖެހިލުންވިއެވެ. އެހެނަސް އެކި އެކި ލިޔުންތައް ކިޔުމުގައި ގަޑިއެއްހާއިރު ހޭދަ ކުރުމަށްފަހު ޝަފަޤް ލެޕްޓޮޕް ލައްޕާލީ ބޮލަށް އެނބުރުން އަރާފައިވާ ޙާލުގައެވެ. އޭނަ ދެންމެ ހޯދި ހޯދުންތަކުން އޭނައަށް އެނގުނީ އޭނަ ކައިންވެންޏަށްޓަކައި ބައެއް ކަންކަމަށް އޭނަގެ ހުރި ނަޒަރިއްޔާތާއި އޭނަގެ އުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭނެކަމެވެ. އޭނަގެ ކައިވެނީގެ ކުރިން ދެން އޮތީ އެންމެ 5 ދުވަސްކަން އެނގުންވީ ހިނދު ޝަފަޤަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ބޯހޫރުވާލެވުނެވެ. އަދި މިއީ ވާނެވަރުގެ ކަމެއްނޫންކަމަށް ނިންމަމުން ދާން އުޅުނެވެ. އެހެނަސް އޭގެ ކުރިން އަދިވެސް އެއްފަހަރު ލެޕްޓޮޕް ހުޅުވާލުމަށްފަހު ހިސްޓްރީ ކްލިއާރ ކޮށްލިއެވެ.
ޝަފަޤް ކޮޓަރިން ނިކުމެ ގޭގެ ފެންޑާ ތެރެއަށް ވެސް ނިކުތީ ވިސްނުމެއްގެ ތެރޭގައި ހިސާބަކަށް ކަންބޮޑުވެފައި ހުރެއެވެ. އެވަގުތު އެތާނގައި އެކަކުވެސް ނެތްކަމީ އެއީ އޭނަގެ ނަސީބެވެ. އޭނަ ލަސް ހިނގުމެއްގައި ގޮސް އެގެއިން ފިހާރައަށް ވަދެވޭ ދޮރު ހުޅުވާލިއެވެ.
“އެކަހަލަ ރެއާރ އެއްޗެހި ލިބޭނީ މިކަހަލަ ފިހާރަތަކުން. ނިޔާޒްއަށް ނޭނގެނީއެއްނު؟” އޭނަ ވަތް ދޮރާއި ސީދާ ކުރިމަތީގައި ހުރި ފިހާރައިގެ މައިދޮރުން ވަތް ވިސާމްގެ އަޑު އިވިފައި ޝަފަޤަށް ދެލޯ ބޮޑުކޮށްލަމުން އިސްއުފުލާލިއެވެ. ވިސާމް އޭނަގެ އެކުވެރިއަކާއެކީ ފިހާރައަށް ވަތްތަން ފެނިފައި ޝަފަޤް ހިނދުކޮޅަކަށް ގަނޑުވިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި ހަމަހޭވެރިކަމެއް ލިބުމާއެކު ޝަފަޤް ފިހާރައަށް ވަދެ ދެ ހަރުގަނޑުގެ ދޭތެރޭގައި މަޑުކޮށްލިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައިރު އޭނައަށް ނޭވާލާން އުނދަގޫވިއެވެ.
“ވޮހް! ރައިޓް ދެއާރ! މިއަށް އެއްކޮށް އޭގެ ސުޕާރީ. މިކަހަލަ ސުޕާރީ ނުލިބިގެން އުޅޭތާ ކިހާ ދުވަހެއް! ގުޑް ޓު ހޭވް ޔޫ ސޭމް.” ނިޔާޒް ވިސާމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އެދެމީހުން އޮފީހުން ނިކުމެގެން އުޅެނީ ބްރޭކް ގަޑިއަށެވެ. ވިސާމް އޮފީހަށް ވަނީއްސުރެ އޭނައާއި އެންމެ ގާތްކޮށް އުޅެނީ ނިޔާޒެވެ.
“ސޯ……ވެޑިންގް އިން 5 ޑޭއިސް. އެކްސައިޓެޑް؟” ސޭޓު ސުޕާރީ ގުނަން ފެށުމުން ނިޔާޒް ވިސާމަށް ބަލާލަމުން އަހާލިއެވެ. އެ ސުވާލުގެ އަޑު ޝަފަޤަށް އިވުމުން އޭނައަށް ވެސް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ. ވިސާމް އޭނަގެ ދެލޯ ހަނިކޮށް ނޭވާއަށް ރޫއަރުވާލިތަން އޭނައަކަށް ނުފެނުނެވެ. އޭނައަށް އިވުނީ ހަމައެކަނި ވިސާމްގެ ޖަވާބެވެ.
“ދެން އެހާ އެހާއެއް ނޫން. ނޮޓް މައި ފަސްޓް ޓައިމް. ސޯ….” ވިސާމް އެހެން ބުނެ ނިޔާޒަށް ހިނިތުންވުމެއް ދައްކާލިއެވެ. ވިސާމްގެ އެ ޖަވާބުން ނޭނގޭ ސަބަބަކާހުރެ ޝަފަޤްގެ ހިތް ދެރަވިއެވެ.
“ތޯޓް ސޯ…..ތަންކޮޅެއް ބޯރިންގް ވެސް ކުއްޖެއްދޯ އެއީ. ނޯ އޮފެންސް…..އެކަމަކު ސޭމް ކުރީގަ މެރީ ކުރީ ނުލާހިކު ހެޕެނިންގް ކުއްޖަކާ. އެއިން މިއަށް ކުއްލިއަކަށް ދާންވީމަ ތަންކޮޅެއް އުނދަގޫވާނެހެން ހީނުވޭތަ؟” ނިޔާޒް އެންމެ ފަހު ސުވާލު ކޮށްލީ އޭނަގެ އެއްއަތް މައްޗަށް ގެންގޮސް ތިރިއަށް ގެންނަމުންނެވެ. ނިޔާޒްގެ ވާހަކަ އިވިފައި ވިސާމް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ތުން ފިއްތާލީ ޖަވާބެއްދޭން ބޭނުންނުވާ ފަދައަކުންނެވެ. ޙަޤީޤަތަކީ މިއީ ހުރިހާ ގޮތަކުން ވެސް އޭނައަށް އުނދަގޫ ނިންމުމެއްކަމެވެ. އެހެނަސް އޭނައަށް އެކަން ފާޅުކުރެވޭކަށް ނެތެވެ.
“އޯކޭ އޯކޭ އައިމް ސޮރީ އިނގޭ؟ ސޭމް އެކުއްޖާދެކެ ލޯބިވަންޏާ އެއްވެސް އުނދަގުލެއް ނުވާނެ. ރައްޓެހިވިންދޯ އޭނައާ؟ ކުރި ރޮމޭންޓިކް ކަމެއް އަހަންނަށް ކިޔައިދީބަލަ. އަހަރެން ވެސް މިއުޅެނީ އަހަރެންގެ ވެޑިންގް އެނިވާރސަރީގަ ކުރާނެ ކަމެއް ނުވިސްނިގެން.” ނިޔާޒް އެދުނެވެ. ވިސާމް ޗޮއްކަނޑާލިއެވެ.
“ރައްޓެހިނުވަން. އެއީ ރޮމޭންޓިކް ކުއްޖެއްނޫނޭ. ރޮމޭންޓިކް ވާނީ ލަދުކުޑަ ކުދިންނެއްނު؟ އެއީ ލަދުކުޑަ ކުއްޖެއްނޫން.” ވިސާމް ހިތާހިތުން ނުރުހުންވެހުރެ ނިޔާޒަށް ބުނެލިއެވެ. އޭނަ ނުރުހުންވީ ނިޔާޒަކަށް ނޫނެވެ. ޝަފަޤަށެވެ. ޝަފަޤް އޭނައާއި ގުޅޭ ކަހަލަ ކުއްޖަކަށް ނުވުމުންނެވެ.
“އޯންވް……ދެން ވިސާމް ޖެހޭނީ ކުރީގެ ހިންދީ ޑްރާމާއެއް ކުޅެން. ދުލްހަން އިސްޖެހިފަ ހުއްޓާ ދަތްދޮޅީގަ ހިފައި އިސްއުފުލަން.” ނިޔާޒް އެހެން ބުނެލީ ހެވިފައިހުރެ ސަމާސާ ރާގަކަށެވެ. ވިސާމް އިހުނަށްވުރެ ބޮޑަށް ނުރުހުންވެފައި ނިޔާޒްގެ ކޮނޑުގައި ކޮއްޕަމުން ފިހާރައިން ނިކުންނަން ދިޔައީ ސޭޓު އަތުގައި އޮތް ކުޑަ ކޮތަޅު ހޯދަމުންނެވެ. އެދެމީހުން އެކީގައި ފިހާރައިން ނިކުމެ ދޮރު ލައްޕާލި އަޑުއަހަން ޝަފަޤަށް ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ވިސާމްގެ ނަޒަރިއްޔާތު ހުރީ އޭނަ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އޭނަ މިއަދު އޭނަގެ އުޅުމަށް އެއްވެސް ބަދަލެއް ނުގެނެސް މި ކައިވެންޏަށް ވަދެފިނަމަ ވިސާމަށް އޭނަ ކަމުނުދިޔުން ގާތެވެ. އަދި އަމުދުން ވިސާމަށް ހީކުރެވިފައި އޮތީ މުޅިން ގޯސް ހީކުރުމެކެވެ. އޭނައަށް ހީވަނީ ކައިވެންޏަކުން ފުރިހަމަ އުފަލެއް ލިބޭނީ ވެސް ލަދުކުޑަ ކުއްޖަކާ އިނުމުން ހެންނެވެ. އޭނަގެ އެ ވިސްނުން ބަދަލު ކޮށްލުމުގެ ރޫޙެއް ޝަފަޤްގެ ހިތުގައި އުފެދުނެވެ. ހަމަ އެއާއެކު މިއަދު އޭނަ ހޯދި ހޯދުންތަކާއި އެއްގޮތަށް އާ ހުނަރުތަކެއް ދަސްކުރަން އޭނަ ޢަޒުމް ކަނޑައެޅިއެވެ. އެހެން ނޫނަސް ކުރާ ކޮންމެ ރަނގަޅު ކަމެއްގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރު އޮތުމަކީ ނެތްކަމެއް ނޫންކަމަށް އޭނަ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
ޝަފަޤް ހަމަ އެދުވަހު ކޮސްމެޓިކްސް ފިހާރައަކަށް ގޮސް މޭކް އަޕް ސެޓަކާއި ފަސް ކުލައެއްގެ ލިޕް ގްލޮސްއާއި އެހެނިހެން އެއްޗެހި ވެސް ގަނެލިއެވެ. އޭނަ އެ ހުރިހާ އެއްޗެއްސާއެކީ ގެއަށް ގޮސް ހުދާގެ ރީތިވާ މޭޒު ދޮށުގައި އެ އެއްޗެހި ބެހެއްޓިއެވެ. އެއަށްފަހު ރަނގަޅަށް މޫނު ދޮވުމަށްފަހު ރީތިވާ މޭޒުދޮށުގައި ގޮސް އިށީނދެ އޭނަ ޙަޔާތުގައި ފުރަތަމަ ފަހަރަށް މޭކް އަޕް ކުރިއެވެ. އޭނަ އަމިއްލައަށް މޭކް އަޕް ކުރެވުނު ގޮތް އެހާ ރީތި ނުވުމުން އޭގެ އަނެއްދުވަހު އޭނަ އެ ހުރިހާ ސާމާނެއް ހިފައިގެން މާނާގެ ލެޕްޓޮޕް ދޮށަށް ގޮސް ޔޫޓިއުބް ޓިއުޓޯރިއަލްތައް ބަލައި އައިބު ނުވާނެ ގޮތަކަށް މޭކް އަޕް ކުރަން ދަސްކުރިއެވެ. އެއަށްފަހު ޝަފަޤް ދަސްކުރީ އާ ގޮތަކަށް ހިނގާށެވެ. ހިނގާއިރު ބަލާ މީހަކު ދެވަނަ ފަހަރަށް ބަލަން ބޭނުންވާ ގޮތަށް ހިނގާށެވެ. އެކަމަށްޓަކައި އޭނަ ބޯމަތީގައި ފޮތްތަކެއް ބަހައްޓައިގެން އެ ފޮތްތަކެއް ވެއްޓުނަނުދީ ހިނގިއެވެ. އެ ހުނަރުވެސް ނުހަނު އަވަހަށް ދަސްވެގެން ދިޔުމުން ޝަފަޤް ދެން ދަސްކުރީ އާ ގޮތްގޮތަށް އޭނަގެ އިސްތަށިގަނޑު ސްޓައިލް ކުރާށެވެ. ސްޓައިލް ކުރުމުގެ 3 އާ ގޮތްތަކެއް އޭނައަށް ފަރިތަވުމުން ދެން ޝަފަޤް އަމިއްލަ ނަފްސު ތައްޔާރު ކުރީ ތޫނު ނަޒަރެއް އަމާޒުކޮށް އެކި ގޮތްގޮތަށް ހިނިތުންވާށެވެ. މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެގެން އޭނަ އެކިގޮތްތަކަށް ހުއްޓެމުން ގޮސް އޭނަ ހިތްހަމަޖެހޭ ވަރުވީ ކައިވެނީގެ އެއްދުވަސް ކުރިންނެވެ. އެރޭ ޝަފަޤްގެ ހިތަށް ވެރިވެފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ކައިވެންޏާއިމެދު އެރޭ އޭނަގެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއްނެތެވެ. އޭނައަށް ހުރެވުނީ އޭނައަށް ދަސްކުރެވުނު އާ ހުނަރުތަކުގެ ބޭނުން ހިފަން ކެތްމަދުވެފައެވެ. އޭނަ ވިސާމް ހިވެސް ނުކުރާނެ ފަދަ ގޮތަކަށް ކަންތައް ކުރުމުން ވިސާމަށް ވާނެ ގޮތެއް ބަލަން ބޭނުންވެފައެވެ. އެހެނަސް އޭނައަށް ވިސާމްގެ ކުރިމަތީގައި އެ ހުރިހާ ކަމެއްކުރަން ކެރޭނެބާވައޭ ހިތް ބުނި ހިނދު އޭނައަށް އަމިއްލަ ނަފްސާއިމެދު ޝައްކު ކުރެވުނެވެ. އެއާއެކު މިކަމުގައި އޭނައަށް ކާމިޔާބީ ދެއްވުމަށްއެދި އޭނަ ﷲ އަށް ދުޢާ ދެންނެވިއެވެ. އޭނަ މި ހުރިހާ ކަމެއް ކުރީ މީހެއްގެ ހިތް އެކަލާނގެއަށް ލެންބުމުގެ މަތިވެރި މަޤްޞަދުގައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ދަންނަވަމުންނެވެ. ޝަފަޤް އެރޭ ނިދާލީ އެ ދުޢާއިން ހިތަށް ސާބިތުކަމެއް ހޯދައިގެންނެވެ.
އޭގެ އަނެއްދުވަސްވެގެން ދިޔައީ ޒަމީނާމެންގެ ގޭގެ ތެރޭގައި ހޭލަމޭލައަށް މަސައްކަތު މީހުން އުޅޭ ދުވަހަކަށެވެ. އެ މީހުން މަސައްކަތް ކުރަމުން ދިޔައިރު ޒަމީނާ ވެސް އެމީހުން އެކި ކަންތައް ކުރާ ގޮތާއިމެދު ފާޑު ކިޔަމުން އެ ކަންތައް ކުރަންވީ އެހެން ގޮތްތައް ރުންކުރު ރާގަކަށް ކިޔައިދެމުން ދިޔައީ އެއީ އޭނަގެ ދަށުގައިވާ މީހުންކަން އެންމެންނަށް ސާފުކޮށް އެންގުމަށެވެ. ޒަމީނާއަށް އެދުވަހު ހުރެވުނީ ދުވަހަކުވެސް ފަޚުރުވެރި ނުވާވަރަށް ފަޚުރުވެރިވެފައެވެ. މަސައްކަތު މީހުން ވިސާމްގެ އެންގުމާއި އެއްގޮތަށް އެގޭގެ ބާ ދޮރުތައް ވެސް ބަދަލު ކުރަމުން ދިޔަގޮތުން އޭނަ އުފާވެސްވިއެވެ. އޭނައަށް ވިސްނެމުން ދިޔައީ ކައިވެނީގެ ކުރިން ވިސާމް މިހާ ގިނަ އެހީވާނަމަ ކައިވެންޏަށްފަހު އެމީހުންނަށް ފޯރުކޮށްދޭނެ ފައިސާއާއި މެދުގައެވެ.
އެދުވަހު ޝަފަޤް މަސައްކަތް ކުރުން ޒަމީނާ މަނާކޮށްފައިވީތީ ޝަފަޤް މުޅި ދުވަހު ހުރީ ކޮޓަރި ތެރޭގައި ފޫހިވެފައެވެ. އެހެނަސް ޒަމީނާގެ އެދުމަށް ހުދާ އޭނަގެ ކޮޓަރިއަށް ވަދެ އޭނައަށްޓަކައި އޭނަގެ ހެދުން ފޮށްޓަށް އަޅަން ފެށުމުން ޝަފަޤް އޭނައަށް އެހީވާން ފެށިއެވެ. ހަމަ އެއާއެކު ހުދާ އޭނަ މިރޭ ޝަފަޤް މޭކް އަޕް ކޮށްދޭނެ ކަމަށް ބުންޏެވެ. ނަމަވެސް ޝަފަޤް ހިނިތުންވުމަކާއެކީ އިންކާރު ކުރީ މޭކް އަޕް ކުރާނީ ތިމަންނަ ކަމަށް ބުނަމުންނެވެ.
“ޔާ ރައިޓް! ޝަފަޤްއަށް އެނގޭނެ ވިއްޔާ މޭކް އަޕްކުރަން. ދުވަހަކުވެސް ބޯއިފްރެންޑެއް ނުގެންގުޅެންޏާ ވާނީ އެހެން. ރީތިވާކަށް މަސައްކަތެއް ނުކުރެވޭނެ.” ބިންމަތީގައި ދެފައި ވަށްކޮށްގެން އިން ހުދާ އަލަމާރި ކައިރީގައި ހުރި ޝަފަޤް ދިއްކޮށްލި ހެދުން ކުރިމަތީގައި ހުރި ފޮށްޓައް އަޅަމުން ބުނެލިއެވެ. ހުދާ އެންމެ ބުނި ވާހަކައިން ޝަފަޤަށް ހީލެވުނެވެ. އެހެނަސް ދެވަނައަށް ބުނެލި ވާހަކައިން އޭނަގެ ހުނުން މަޑުވެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ އިރުކޮޅެއް ވަންދެން ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ދޮންތަ މޭކަޕް ކުރަން ދަސްކޮށްފީމޭ. ހުދާ ސްކޫލަށް ދިޔައިމަ ކޮންމެ ދުވަހަކު ތި ކޮޓަރިއަށް ވަދެފަ ކުރީ އެކަން. ހާދަ ޓައިމެއް ނަގާކަމެކޭ! ޕިސް ޕިސް…….ހިތަށްއެރި އެތައް ފަހަރަކު ހުއްޓާލާނަމޭ. އެކަމަކު މުޅި ޢުމުރު އެމީހަކާއެކީ ހޭދަކުރަންޖެހޭ މީހަކަށްޓަކައި ކުރާ ކަމަކަށްވީމަ ކުރިއަށް ދިޔައީ. އެއްވެސް ޔަޤީންކަމެއްނެތް ބޯއިފްރެންޑަކަށްޓަކައި…….އައި ޑޯންޓް ތިންކް އިޓްސް ވޯތް އިޓް ޔޫ ނޯ؟” ޝަފަޤް ހުދާގެ ބަހުރުވައިން ވާހަކަ ދެއްކީ އޭނައަށް އެއްޗެއް ވިސްނޭތޯއެވެ. އޭނަގެ ބަސްތަކުން ހުދާއަށް އަސަރެއް ކުރިކަން ޝަފަޤަށް އެނގުންވީ ހުދާ އިސްއުފުލައި އޭނައަށް ބަލާލި ގޮތުންނެވެ. އެއަށްފަހު ހުދާ ހިސާބަކަށް ނުރުހުންވެފައި ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ. ޝަފަޤަށް ތުން ފިއްތާލަމުން ހިނިތުންވެލެވުނީ އޭނަ ދެންމެ ބުނި ބަސްތައް ބޭކާރު ނުވިހެން ހީވުމުންނެވެ. އޭނައަށް ހިތާހިތުން ހުދާއަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
ދިގު އިންތިޒާރަކަށްފަހު ގަޑީގެ ކަށިތައް ޝަފަޤް ބޭނުންވެގެން ހުރި ދިމާލަށް ހުއްޓުނެވެ. ގަޑިން 8:00 ޖެހި ވަގުތު ކަޅުކުލައިގެ ކަކުލާއި ހަމައަށް އޮތް އަތްދިގު ހެދުމަކާއި ހަމަ އެކުލައިގެ ބެލްސެއްގައި ޝަފަޤް ހުއްޓި ހުރީ ހުދާގެ ރީތިވާ މޭޒުގެ ކުރިމަތީގައެވެ. ބޮޑުދައިތަ މި ދުވަހަށް އޭނަގެ ހެދުން ތަފާތު ކޮށްލުމަށްޓަކައި އޭނަގެ ޚިޔާލެއްވެސް ހޯދުމެއްނެތި އެ ހެދުން ދިގު ކުރީއެވެ. ޝަފަޤަށް ރަނގަޅީ ހެދުން އެއަށްވުރެ ވެސް ދިގުވިނަމައެވެ. ނަމަވެސް އޭނަ ލިބިފަހުރި މިންވަރަށް ޝުކުރުކޮށްލަމުން އޭނަ ލޯގަނޑު ކުރިމަތީގައި ހުރެ ބުރުގާ އެޅިއެވެ. އޭނަ އެރެއަށްޓަކައި ބުރުގާ އަޅާގޮތް ވެސް ބަދަލުކޮށްލިއެވެ. އޭނަ އާދައިގެ ބުރުގާއެއް އެޅީ ޝޯލްއެއް އަޅާ ގޮތަށެވެ. އެ ބުރުގާގައި ފެހި ކުލައިގެ ޕިން ބޭނުންކުރީ އޭނަގެ ހެދުމުގައި ހުރި ފެހި ކުލައިގެ ކުރެހުންގަނޑާއި ގުޅުވުމަށެވެ. ތައްޔާރުވެ ނިމުމުން ޝަފަޤް ފަހު ފަހަރަށް އޭނަގެ ސޫރައަށް ބަލާލިއެވެ. އޭނަ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރި ކުރުވި ވަގުތު އެ މޫނުމަތިން އާދަޔާ ޚިލާފު އުޖާލާކަމެއް ފެންނަމުން ދިޔައިރު އެ ލޮލުގައިވީ ކުރިން ނުފެންނަ ފަދަ ވިދުވަރެކެވެ. މި ވަގުތު އައި ލައިނާއެއް ފިޔަވައި މާ ބޮޑު މޭކަޕެއް އޭނަ ކޮށްފައެއްނެތެވެ. ފުރިހަމަ މޭކަޕެއް ކޮށްގެން އެހާ ގިނަ މީހުންގެ ތެރެއަށް ދާން ނުކެރޭނެތީވެއެވެ. އޭނަ ނިންމައިގެން ހުރީ ވިސާމްގެ ގެއަށް ގޮސް ކޮންމެވެސް ދޭތެރެއަކުން އޭނަ ރީތިވާށެވެ. އެކަމަށްޓަކައި އޭނަ މިހާރު ވެސް އޭނަގެ އަތް ދަބަސް ތެރެއަށް އެކަމަށް ބޭނުންވާ ސާމާނު އަޅާފައި ހުންނާނެއެވެ.
“ޝަފަޤް ދަރިފުޅާ! އެންމެން އައިއްސިއޭ. އަވަހަށް އާދެބަލަ.” ޒަމީނާ ކޮޓަރީގެ ދޮރުމައްޗަށް އަރައި ގޮވާލިއެވެ. އެވަގުތު ބޭރުން މީހުންގެ ވާހަކައިގެ އަޑު އިވޭތީ އެއީ ތެދެއްކަން ޝަފަޤަށް އެނގުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ދާން ހިނގައިގަތީ މިރެއާއި ކެރިގެން ކުރިމަތިލުމަށެވެ.
ޝަފަޤްމެންގެ ގެއަށް ވަތް ގާޒީގެ ފަހަތުން އެގެއަށް ވަތް ވިސާމަށް ގޭގެ ވަށައިގެން ނަޒަރެއް ހިންގާލެވުނެވެ. އެ ކުޑަކުޑަ ތަންކޮޅު ވެސް ރީތި ކޮށްލެވިފައިވަނީ އޭނަ ހީކުރިވަރަށް ވުރެ ރަނގަޅަށެވެ. ސިޓިންގް ރޫމުގައި ހުރި ފަތްޖެހި ގޮނޑިތައް ނަގާލެވިފައިވީއިރު އެތާނގެ މެދުގައި ދިގު މޭޒެއް ބަހައްޓާލެވިފައިވިއެވެ. އެ މޭޒު ހުދުކުލައިގެ ފޮތިގަނޑަކުން ނިވާ ކުރެވިފައިވީއިރު އޭގެ ވަށައިގެން ގޮނޑިތައް ރޭވިފައި ހުއްޓެވެ. މޭޒުގެ މެދުގައި އޮތް ލިލީމަލުގެ މާ ބޮނޑިއަށް އޭނަގެ ނަޒަރު ހުއްޓުނު ވަގުތު ގާޒީ އޭނައަށް އޭތި ނުފެންނާނެހެން ގޮނޑިއެއްގައި އިށީނެވެ. އެއާއެކު އޭނަ ކުރިމައްޗަށް ނަޒަރު ހިންގާލި ތަނާހެން އޭނަ ހުއްޓުންއެރިއެވެ. ކަޅުކުލައިގެ ޝޯލްއަކާއި ދިގު ހެދުމެއްގައި އެ ފެންނަމުން ދިޔަ ކުއްޖަކީ ކާކުކަން ދެނެގަންނަން އޭނައަށް ހިނދުކޮޅެއް ނެގިއެވެ. ޝަފަޤް ބިމަށް ބަލަމުން ކުރިއަށް ހިނގަމުން ގޮސް ސިޓިންގް ރޫމާއި ހަމަވުމުން އެތާހުރި މޭޒަށް ބަލާލި ވަގުތު އެއްލި ކަޅިއަކުން އޭނައަށް ނަޒަރެއް ދެވުނުކަން ވިސާމަށް އެނގުނެވެ. މާ ގިނައިރެއް ޝަފަޤް އޭނައަށް ބަލާލަމުން ކާކުތޯ ނަގައިގަނެވުމުން ހިނިތުންވެލިއެވެ. އަދި އިސްޖަހާލީ ވިސާމް ހިނިތުންވާން ނޭނގިފައި ހުއްޓައެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ މިރޭ އޭނައަށް އެ “ހައުސްކޯޓް މޮޑެލް” އެހާ ރީތިވާންވީ ސަބަބެއް އެނގެން ބޭނުންވެފައެވެ. އެއީ އޭނަ ތަފާތު ހެދުމެއް ލާފައި ހުންނާތީވެ ހެއްޔެވެ؟ ވިސާމަށް ޔަޤީނެއް ނުކުރެވުނެވެ. ހަމަ އެވަގުތު އޭނަ ޝަފަޤަށްޓަކައި ޙަމްދަރުދީވިއެވެ. ޝަފަޤް މިރެއަށްޓަކައި އާ ހެދުމެއް ލާނީ މިރެއަކީ އޭނައަށް ޚާއްސަ ރެއަކަށް ވުމުންނޭ އޭނަގެ ހިތް ބުންޏެވެ. އޭނަ އާދައިގެ ގަމީހަކާއި ޖިންސެއް ލައިގެން އައީ އޭނައަށް އެއްވެސް ޚާއްސަކަމެއް އިޙްޞާޞެއް ނުކުރެވޭތީވެއެވެ. އޭނަ ޝަފަޤް ދެކެ ލޯބިވާނެކަމަށް ޝަފަޤް އުއްމީދު ކުރާނެތާއެވެ. އެހެނަސް އެއީ ވާނެކަމެއްނޫނެވެ. ޝަފަޤާއި އޭނަ ކިތަންމެ ގާތްވިޔަސް އޭނަ ދެން އަމިއްލަ ހިތް “ލޯބީގެ” ދަލުގައި ޖައްސަން ޚިޔާލެއް ނުކުރެއެވެ. ވިސްނުމެއްގެ ތެރޭގައި ވިސާމް ހުއްޓާ ހެކިވެރިންގެ ތެރޭގައި ހުރި އޭނަގެ އެކުވެރިޔަކު ވިސާމަށް ގޮވާލިއެވެ. އެއާއެކު އޭނަ ފިޔަވައި އެހެން އެންމެން މޭޒު ދޮށުގައި އިށީންކަން އެނގުމުން ވިސާމް އަވަސްއަވަހަށް އެދިމާލަށް ދިޔައެވެ.
ވިސާމް އަނބި ޤަބޫލުކުރި ވަގުތަކީ ޝަފަޤްގެ ހިތަށް ވެރިވި އެތައް ނުތަނަވަސްކަމަކާއެކީ އޭނައަށް ހިތާހިތުން އެތައް ދުޢާއެއް ކުރެވުނު ވަގުތަކަށެވެ. އެ ދުޢާތަކުގެ ތެރެއިން އޭނަގެ އެންމެ ބޮޑު އެއްދުޢާއަކަށްވީ އޭނައާއި އޭނަގެ ފިރިމީހާއަކީ އެކަކު އަނެކަކަށް ގިނަގިނައިން ﷲ މަތިން ހަނދުމަކޮށްދޭ ދެމީހުން ކަމުގައި ލެއްވުމެވެ. އަދި އޭގެ ސަބަބުން ދެމީހުންނަކީ އާޚިރަތުގައި ވެސް އެކީގައި އުޅޭ ބައެއްކަމުގައި ލެއްވުމެވެ.
މާ ގިނައިރެއްނުވެ ކައިވެނީގެ ވަލީމާ ފެށިގެން ދިޔަދިޔަހެން މުޅި ގޭގެ ތެރެ ކާއެއްޗެހީގެ ވަހުން އެއްވަސްވެގެން ދިޔައެވެ. ޝަފަޤާއި ވިސާމް އެ ދެމީހުންގެ އެކުވެރިންނާއި ބައްދަލުކުރަމުން ދިޔައީ ހިނިތުންތަކާއިއެކީގައެވެ. ޝަފަޤް ވިސާމް ގާތު މިޝްކާ ކޮބައިތޯ އަހަން އުޅުނު ވަގުތު ޒަމީނާ އެ ސުވާލުކޮށްލިއެވެ. ވިސާމް ބުނި ގޮތުގައި މިޝްކާ ކުޑަކޮށް ބަލިވެ އުޅޭތީ އޭނަ އަންނާނީ ޕާޓީ ނިމުމުން ގެއަށްދާން ވީމައެވެ. މިޝްކާ ބަލިކަން އެނގުމުން ޝަފަޤް ދެރަވެގެން ދިޔަ ހިތަކާއެކީ އޭނަގެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާ ކުރިއެވެ.
މިޝްކާގެ އިތުރުން ޝަފަޤް ދެކެން ބޭނުންވި އެހެން މީހަކުވެސްވިއެވެ. އޭނަގެ “މަންމަ” އެގެއަށް ވަދެގެން އަންނަތަން ދެކެން ޝަފަޤަށް ހުރެވުނީ ކެތްމަދުވެފައެވެ. ނަމަވެސް ޝަފަޤްގެ އެ އެދުން ފުރިހަމައެއްނުވިއެވެ. ރޭގަނޑުން 10 ޖަހަން ގާތްވަމުން ދިޔަ ވަގުތު އެގެއިން މީހުން މަދުވަމުން ދިޔައެވެ. 10 ޖެހި ވަގުތު ޕާޓީ ނިމިގެން ދިޔައީ ޝަފަޤަށް އޭނަގެ އާ މަންމަ ފެނުމެއްނެތިއެވެ. ހަމަ އެވަގުތު އޭނަގެ ހިތުގައި ވިސާމަށްޓަކައި ނުރުހުންތެރިކަމެއް އުފެދުނެވެ. މަންމަ ނައީ ވިސާމް ދަޢުވަތު ނޭރުވުމުންކަން ޝަފަޤަށް ޔަޤީންވިއެވެ. ވިސާމް އެގޮތަށް ކަންތައް ކުރާނީ ހަމަ ޔަޤީނުންވެސް އޭނަގެ ތައުބާ ފުރިހަމަ ނުވާތީއޭ ޝަފަޤްގެ ހިތް ބުނި ހިނދު އޭނަގެ ނުރުހުންތެރިކަން އިތުރުވިއެވެ. އެހެނަސް މަންމަ ބުނި ވާހަކަ ހަނދާންކޮށް އޭނަ އެ ނުރުހުންތެރިކަން ފިލުވޭތޯ މަސައްކަތް ކުރިއެވެ.
“ސޯ…..ހިނގާ ގެއަށްދާން.” ސިޓިންގް ރޫމުގައި ހުރި މޭޒު ދޮށުގައި އިން ޝަފަޤް ސިހިގެން ދިޔައީ ނުހަނު ކައިރިން ވިސާމްގެ އަޑު އިވުމުންނެވެ. ޝަފަޤް އިސްއުފުލައި ބަލާލިއިރު ވިސާމްގެ މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. ޝަފަޤް ވެސް ވިސާމަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯޖަހާލިއެވެ. އެވަގުތު ޒަމީނާ ޝަފަޤް ގެ ފޮށި ދަމަމުން އައިސް ސިޓިންގް ރޫމުގައި މަޑުކޮށްލިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ގޭގެ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއާއެކު އެންމެންގެ ނަޒަރު އެދިމާލަށް ދަތުރު ކުރިއެވެ. ޒަމީނާއަށް ގޮސް އެ ދޮރު ނުހުޅުވެނީސް ދޮރު ހުޅުވިގެން ދިޔައެވެ.
“ބައްޕި! މަންމި!” ދޮރު މަތީގައި ނިދާ ހެދުމުގައި ހުރި މިޝްކާ ވިސާމާއި ޝަފަޤް ފެނުމާއެކު އެދެމީހުންނާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ދޮރުމަތީގައި ވިސާމްގެ ޑްރައިވަރު ކަމަށްވާ ހަސަން ވެސް ހުއްޓެވެ. ވިސާމް ކުރުފައިމައްޗަށް ތިރިވެލީ މިޝްކާ އަންނާނީ އޭނަ ކައިރިއަށޭ ހިތާއެވެ. އެހެނަސް މިޝްކާ ގޮސް ޝަފަޤްގެ ގައިގައި ބައްދާލި ގޮތުން އޭނަ ހިސާބަކަށް މާޔޫސްވިއެވެ. މިއީ މިޝްކާ އޭނަ ނޫން މީހަކު ޚިޔާރު ކުރި ފުރަތަމަ ފަހަރެވެ.
“ބައްޕި މަތިން ވެސް ހަނދާން ނައްތާލީ ދޯ ކޮއްކޮ؟” ވިސާމް އެހެން ބުނެ ލޮލުގައި އަތް ހާކަމުން ނޭފަތް ދަމައި ރޯކަމަށް ހެދުނެވެ. އެއާއެކު އެތާތިބި އެންމެނަށް ހީލެވުނެވެ.
“ދެން ނޫން ބައްޕި! މި ހުރިހާ ދުވަހު ކޮއްކޮ އުޅުނީ ބައްޕިއާއެކީ. މަންމި ނުފެންނަތާ އެތައް ދުވަހެއް ފަހުން މަންމި ގެއަށް ވެސް މިއަންނަނީ. ބައްޕި ސޭޑް ނުވައްޗޭ. ކޮއްކޮ އަބަދުވެސް ބައްޕި ދެކެ ލޯބިވޭ.” މިޝްކާ ޝަފަޤާއި ދުރުވެލަމުން ވިސާމް ކައިރިއަށް ގޮސް ވިސާމްގެ ކޯތާފަތަށް ބޮސްދިނެވެ. ބަދަލުގައި ވިސާމް ވެސް މިޝްކާ އޭނަގެ އަތުތެރެއަށް ގެނެސް މިޝްކާގެ ކޯތާފަތަށް ބޮސްދިނެވެ. ޝަފަޤަށް އެ މަންޒަރު ހިނިތުންވުމަކާއެކީ ބަލަން އިނދެވުނެވެ.
“ކޮއްކޯ ކީއްވެ ނިދާ ހެދުމުގަ އައިއްސަ ތިހިރީ؟” ޝަފަޤަށް އަހާލެވުނެވެ.
“މިއީ ކޮއްކޮ ބޭސް ބޮއިގެން ނިދާ ގަޑި. އެކަމަކު މިޝީ ބޭނުންވި މިގަޑީގަ އަންނަން. މިގެއަށް އަންނަ ހިތުން ތެދުވެގެން ހެދުން ވެސް ބަދަލު ނުކޮށް މިއައީ.” މިޝްކާ ހެވިފައިހުރެ ކިޔައިދިނެވެ. ރޯގާގެ ސަބަބުން އޭނައަށް ވާހަކަ ދެކެވެނީ ވެސް އުނދަގުލާއެކީ އެހެން އަޑަކުންނެވެ. އެހެން ބުނެ ނިމުނުތަނާހެން މިޝްކާއަށް ކިނބިހިއެއް އަޅާލެވުނެވެ.
“އަލްޙަމްދުލި ﷲ! ހިނގާ އަވަހަށް ގެއަށް. ކޮއްކޮ ވީހާވެސް ވަރަކަށް އަރާމުކުރީމަ އިނގޭ ރަނގަޅުވާނީ. ހިނގާ އަވަހަށް.” ޝަފަޤް މިޝްކާގެ ޙާލު ފެނިފައި ތެދުވެލިއެވެ.
“ކޮއްކޮ މިރޭ ނިދާނީ މަންމިއާއެކީ. ބައްޕި އަޔަސް މައްސަލައެއްނެތް އިނގޭ؟” މިޝްކާ ޝަފަޤްގެ އަތުގައި ހިފާލަމުން ވިސާމަށް ބަލާލިއެވެ. ވިސާމާއި ޝަފަޤަށް އެކަކު އަނެކަކަށް ބަލާލެވުނީ ކީއްވެކަމެއް އެ ދެމީހުންނަކަށް ވެސް ޔަޤީނެއް ނުކުރެވުނެވެ. އެދެމީހުންނަކީ ލޯބިން ގުޅޭ ދެމީހުންނެއްނޫނެވެ. ވީއިރު އެއީ މައްސަލައަކަށްވެގެން ނުވާނެއެވެ. އެހެނަސް މިޝްކާގެ އެވާހަކައަށް އެ ދެމީހުންކުރެ މީހަކަށް ވެސް ޖަވާބެއް ނުދެވުނެވެ. ވިސާމް ދެން ހިނގާށޭ ބުނެލުމުން މިފަހަރު ތިން މީހުން އެކީގައި ގެއިން ނިކުންނަން ދިޔައެވެ. ޝަފަޤް ޒަމީނާގެ ކައިރީގައި ހުރި އޭނަގެ ހެދުން ފޮށި ކައިރިއަށް ގޮސް އޭގެ މަތީގައި އޮތް ބޮޑު އަތްދަބަސް ކޮނޑުގައި އެޅުވިއެވެ. އެއަށްފަހު އޭނަ ފޮށީގެ އަތްގަނޑުގައި ހިފަން އުޅުނު ވަގުތު އޭނައަށްވުރެ ކުރިން ވިސާމް ގޮސް އޭގައި ހިފިއެވެ. އަނެއްކާވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމަށްފަހު ވަކިވިއެވެ.
ވިސާމްގެ ގެއަށް ދިޔަ ދަތުރު މަތީގައި މިޝްކާގެ ވާހަކަތައް ފިޔަވައި އެހެން އެއްވެސް ވާހަކައެއް ކާރުތެރެއިން ނުއިވެއެވެ. ފަހަތު ސީޓުގައި ވިސާމާއި ޝަފަޤްގެ ދެމެދުގައި މިޝްކާ އިންއިރު އެދެމީހުން ވެސް މިޝްކާގެ ވާހަކަތަކަށް ރައްދު ދިނުން ފިޔަވައި އެހެން އިތުރު ވާހަކަ ނުދައްކައެވެ.
ގެއަށް ވަދެގެން ދިޔަ ގޮތަށް މިޝްކާ ޝަފަޤްގެ އަތަށް ދަމަމުން ގޮސް މިޝްކާގެ ކޮޓަރިއަށް ގެންދިޔައެވެ. ފަހަތުން ވިސާމް ޝަފަޤްގެ ފޮށި ދަމަމުން ގޮސް ވަކި ހިސާބެއްގައި އޭތި ބެހެއްޓުމަށްފަހު އޭނަވެސް ގޮސް މިޝްކާގެ ކޮޓަރީގެ ދޮރު މައްޗަށް އެރިއެވެ. ކުޑަ ގެއެއްގައި ބޭއްވި ޕާޓީގެ ސަބަބުން ވިސާމަށް ހުރެވުނީ ދާހިއްލާފައެވެ. އޭނަ ގަމީހުގެ މަތީ ގޮށްތައް ނައްޓާލަން އުޅުނީ އޭސީގެ ފިނިން އިތުރަށް ފިނިކަން ހޯދުމަށެވެ. އެވަގުތު އެނދުމަތީގައި އޮތް މިޝްކާގެ ކައިރީގައި އިން ޝަފަޤް ފެނިފައި އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ވަގުތު މަތީ ތިން ގޮށް ނައްޓާލީ އޭނަ މިހެން ހުއްޓާ އެ “ލަދުރަކި” ޝަފަޤަށް ފެނުމުން އޭނައަށް ވާގޮތެއް ބަލާލުމަށެވެ. ވިސާމް ނޫންކަމަށް ހަދާފައި ކޮޓަރިއަށް ވަދެގެން ދަނިކޮށް މިޝްކާ ބައްޕިއޭ ކިޔައި ގޮވާލިއެވެ. އެއާއެކު ޝަފަޤް އޭނައާއި ދިމާލަށް ބަލައިފިއެވެ. އެފަދަ މަންޒަރެއް މީގެ ކުރިން ހަމަ ލޮލަށް ފެނިފައި ނެތް ޝަފަޤަށް ވަގުތުން އިސްޖަހާލެވެން އުޅުނެވެ. ނަމަވެސް އޭނަ ހިތްވަރުކޮށްފައި ވިސާމަށް ބަލަންހުރީ މިރޭ ކޮންމެ ގޮތެއްވިޔަސް އޭނަ ޖެހިލުންވެގެން ނުވާނެކަން ހަނދާން ކުރަމުންނެވެ. އެދުވަހު ވިސާމް އޭނަގެ އެކުވެރިޔާއާއި ދެއްކި ވާހަކަތައް ހަނދާންވެފައި އެކަމަށްޓަކައި ޝަފަޤަށް އިތުރު ހިތްވަރެއް ލިބުނެވެ. ވިސާމްގެ ތަނަވަސް މޭމަތި ފެނިގެން ދިޔުމަކީ މާ ބޮޑު ކަމެއްނޫން ކަމަށް ހަދައި ޝަފަޤް ސީދާ ވިސާމްގެ މޫނަށް ބަލަން އިނދެ ހިނިތުންވެލިއެވެ. އޭނަ ކަންތައް ކުރި ގޮތުން ވިސާމްގެ ދެބުމަ ކައިރި ވިއެވެ. ޝަފަޤްގެ ފަރާތުން ފެނިގެން ދިޔައީ އޭނަ އުއްމީދު ކުރި ފަދަ ޢަމަލެއް ނޫންކަމަށްވާތީވެއެވެ.
“މަންމި މަންމި! މަންމި ބުރުގާ ނަގާލަބަލަ. ކޮއްކޮ ބޭނުން މަންމިގެ އިސްތަށިގަނޑު ބަލަން. ކޮއްކޮ ގޮތަށް ނޫޑޫލްސްކޮށްދޯ އޮންނަނީ؟” މިޝްކާގެ އެ ވާހަކައިން ޝަފަޤާއިއެކީ ވިސާމްގެ ވެސް ހިތް ނުތަނަވަސްވިއެވެ. ޝަފަޤްގެ އިސްތަށިގަނޑު މިޝްކާ އެބުނާ ގޮތަށް ނޯވެދާނެތީ ވިސާމް ހާސްވިއިރު ޝަފަޤް ކަންބޮޑުވީ އެއީ ޙަޤީޤަތްކަން އެނގޭތީވެއެވެ. އެހެނަސް އޭނަ ވަގުތުން އެއަށްދޭނެ ޖަވާބަކާމެދު ވިސްނާލަމުން މިޝްކާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ހިނގާ ބަލާލަމާ.” ޝަފަޤް އެހެން ބުނެލަމުން އެނދުގެ އަނެއްފަރާތުން އެނދުގައި އިށީނދެ އިން ވިސާމަށް ބަލާލިއެވެ. ވިސާމްގެ ހުރިހާ ސަމާލުކަމެއް އޭނައަށް ދެވިފައިވިކަން އެނގުމުން ވެސް ޝަފަޤް ދުވެ ފިލަން ބޭނުންވިއެވެ. އެހެނަސް އޭނަ އޭނަގެ މަޤްޞަދު މަތިން ހަނދާންކުރަމުން ކެރިގެން އޭނަގެ ބުރުގާގެ ޕިންތައް ނައްޓަން ފެށިއެވެ. އަނެއްކާވެސް ޝަފަޤްގެ ފަރާތުން އޭނަ އުއްމީދު ނުކުރާ ކަހަލަ ގޮތެއް ފެނުމުން ވިސާމްގެ ޙައިރާންކަން އިތުރުވިއެވެ. ކޮންމެއަކަސް އޭނައަށް އެސްފިޔަ ޖަހާލުމެއްނެތި ޝަފަޤް އޭނަގެ ބުރުގާ ނިއުޅަމުން ދިޔަތަން ބަލަން ހުރެވުނެވެ. ޝަފަޤް އެންމެ ފަހަކަށް އޭނަގެ ކަރުގައި ހުރި ޕިން ނައްޓައި އޭނަގެ ބުރުގާ ބޯމަތިން ވައްޓާލަމުން ގޮށެއްޖެހިފައިވި އޭނަގެ ފަން އިސްތަށިގަނޑު ނިއުޅާލިއެވެ. އެ އިސްތަށިގަނޑު ޝަފަޤް އެއްފަރާތަކަށް ޖައްސާލުމުން އޭނަގެ ކަނދުރައިގެ ބޮޑު ބައެއް ހާމަވެގެން ދިޔުމުން ވިސާމަށް ހިންދިރުވާލެވުނެވެ.
“އަޅޭ…..މަންމި އިސްތަށިގަނޑު އޮތީ ކޮއްކޮ އިސްތަށިގަނޑު ގޮތަށްނޫން. އެއީ ކީއްވެތަ މަންމި؟ މަންމި ބުންޏެއްނު ގާލްސްމެން ވައްތަރުވާނީ މަންމިމެންނާއޭ؟” މިޝްކާ ދެރަވެފައި އޮވެ އަހާލިއެވެ.
“ކޮއްކޯ! އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން. ބައެއްފަހަރު ބައެއް ކުދިން އެކުދިންގެ މަންމިއާ ވެސް ބައްޕިއާ ވެސް ވައްތަރެއް ނުވާނެ. އެކުދިންގެ ހުރެދާނެ މަންމިގެ ވެސް ބައްޕިގެ ވެސް ނެތް ސިފައެއް. އެއީ އެކުއްޖަކަށް ޚާއްސަ ސިފައެއް. މިޝީ ސްޕެޝަލްވީމަ މަންމިއާއި ބައްޕިއާ ވެސް ތަފާތުކޮށް ތިހިރީ.” ޝަފަޤް ފުރިހަމަ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ. އޭނަގެ މޮޅު ޖަވާބު އިވިފައި ވިސާމަށް ހިތާހިތުން ޝަފަޤަށް ތަޢުރީފު ކުރެވުނު ވަގުތު އޭނައަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ.
“އަސްލުވެސްތަ މަންމި؟” މިޝްކާ އުފާވެފައި އަހާލިއެވެ. ޝަފަޤް ދެލޯ މަރާލަމުން ބޯޖަހާލިއެވެ. އެއާއެކު މިޝްކާއަށް އަނެއްކާވެސް ކިނބިހިއެއް އެޅުނެވެ.
“އަލްޙަމްދުލި ﷲ! މިޝްކާ އަލްޙަމްދުލި ﷲ ކިޔާބަލަ. ދެން އަވަހަށް ޝަހާދަތް ކިޔައިގެން ނިދަން ހިނގާ ދޯ؟” ޝަފަޤް އަހާލިއެވެ.
“ޝަހާދަތް؟ މަންމިއަށް ޝަހާދަތް އެނގޭ ދޯ؟ އާންޓީ ބުނި ނިދަންވާނީ ޝަހާދަތް ކިޔައިގެންނޭ. އެކަމަކު ބައްޕި ކޮއްކޮއަށް ކިޔައިނުދޭތީ ކޮއްކޮ މިހާރު ހަނދާން ނެތިއްޖެ. މަންމި ކިޔައިދޭނަން ދޯ؟” މިޝްކާ ދޯދިނެވެ. ޝަފަޤަށް ވަގުތުން ބަލާލެވުނީ ވިސާމަށެވެ. އެވަގުތު ވިސާމް ވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ.
“ބައްޕިވެސް މިހުރިހާ ދުވަހު ހަނދާން ނެތިފަ ހުރީ. ހަފްތާއެއްހާ ދުވަސްކުރިން އަލުން ދަސްކުރީ. އެކަމަކު ދަސްކުރި ފަހުން ބައްޕި ބިޒީކަމުން މިޝްކާ ނިންދަވާކަށް ނާންނަމެއްނު ދޯ؟ އެހެންވީމަ ކިޔައިނުދެވި އޮތީ.” ވިސާމް ހާސްވެފައިވާ ހިތަކާއެކީ އެއްފަހަރު ޝަފަޤަށް އަނެއްފަހަރު މިޝްކާއަށް ބަލަމުން ދޮގެއް ހަދާލިއެވެ. އެއީ ދޮގެއްކަން ޝަފަޤަށް އެނގުންވިއެއްކަމަކު އޭނަ ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. ވިސާމްގެ ވާހަކައަށް މިޝްކާ އާނއެކޭ ބުނެލުމުން އެއަށް ބާރު އެޅުނެވެ. ޝަފަޤް ދެން އެންމެ ރަނގަޅޭ ބުނެ ތިމަންނަ ފަހަތުން ކިޔާށޭ މިޝްކާ ގާތު ބުނެލިއެވެ. އޭނަ ޝަހާދަތް ކިޔަން ފެށިތާ މާ ގިނައިރެއްނުވެ ވިސާމް އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ވިސާމް ދިޔަތަން ޝަފަޤަށް ބަލަން ހުރެވުނެއްކަމަކު މިޝްކާގެ ސަބަބުން އޭނައާއި މެދު ވިސްނުމަށްވެސް ޝަފަޤަށް ހުރަސްއެޅުނެވެ.
މިޝްކާ ނިދުނީކަން ޔަޤީންވުމުން ޝަފަޤް މިޝްކާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު އޭނަވެސް ރަޖާ އަޅާލަމުން ރަނގަޅަށް އޮށޯންނަން އުޅުނެވެ. ނަމަވެސް ވިސާމްގެ ނަން ހިތަށް ވަނުމުން އޭނަ މިރޭ ރާވައިގެން ހުރި ކަންތައްތަކުގެ މަތިން ވެސް ހަނދާންވިއެވެ. އެހެން ރެއަކަށް ފަސްކޮށްލާނީތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. އެ ސުވާލަށް ވަގުތުން ނޫނެކޭ ބުނީވެސް ހަމަ އެ ހިތެވެ. އޭނަ ވިސާމަށްޓަކައި މިސާލެއް ދައްކަން އުޅޭނަމަ އޭނަ ފަށަންވީ ހަމަ ފުރަތަމަ ރެއިންނެވެ. އެ ޚިޔާލު ހިތަށްވަނުމުން ޝަފަޤް އެނދުން ފޭބިއެވެ. އަދި ސައިޑް ޓޭބްލް މަތީގައި ހުރި އޭނަގެ އަތްދަބަސް ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. ބޮޑު ފާޚާނާއެއްގެ ތެރޭގައި ހެދުން ބަދަލު ކުރުންވީ ޝަފަޤަށް ނުހަނު ފަސޭހަ ކަމަކަށެވެ. އޭނަ މިފަހަރު ލީ ހުދުކުލައިގެ އަތްދިގު ތުނި ކުރުތާއަކާއި ހަރުވާޅެކެވެ. ކުރުތާ ލައިގެން ގޮސް މިފަހަރު މޫނުބަލާ ލޯގަނޑުން ބަލާލި ވަގުތު އޭނަގެ ބައްޓަން އެނގޭ ގޮތުން ޝަފަޤަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ މޭކަޕް ސެޓް ނަގައި ކުޑަކޮށް މޭކަޕް ކޮށްލަމުން ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖެއްސިއެވެ. އަދި އޭނަގެ އިސްތަށިގަނޑު އަތުން މައްޗަށް ކަހައި އިސްތަށިގަނޑުގެ ބައެއް ދެކޮނޑު މަތިން ވެސް ވައްޓާލިއެވެ. އެވަގުތު އޭނަގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި އޮތް ގޮތުން އޭނަ އެއްފަރާތަކަށް ފުމެލިއެވެ. އޭނައަށް އެކަން ފުރިހަމަ ކަމާއެކީ ކުރެވުނު ގޮތުން އޭނައަށް އެކަނި ހުރެވެސް ހީލެވުނެވެ. އެވަގުތު އަނެއްކާވެސް ވިސާމްގެ މަތިން ހަނދާންވުމުން އޭނައަށް ވިސާމާއި މެދު ވިސްނެން ފެށިއެވެ. ދެންމެ އޭނަ ޝަހާދަތް ކިޔަން ފެށުމުން ވިސާމް ނިކުތީ ކީއްވެބާއެވެ؟ އޭނަ ޝަހާދަތުގެ ދެކަލިމައަށް ވެސް ނަފްރަތު ކުރަނީ ހެއްޔެވެ؟ ދީނަށް އެހާ ބޮޑަށް ނަފްރަތުކުރަން އޭނައަށް ޖެއްސީ ފަހެ ކޮން ޙާލަތްތަކެއް ހެއްޔެވެ؟ އެކަން އެންމެ ރަނގަޅަށް އެނގޭނީ ވިސާމަށެވެ. އެ ހިތުގައި ފޮރުވިފައިވި ސިއްރުތަކާއި ހަމައަށް ދާން އޭނަ އެބަޖެހެއެވެ. މަންމަ ބުނިހެން އެ ހިތުގައިވި ބައްޔަކަށް ޝިފާއެއްވެސް އޭނައަށް ދެވޭނީ އޭރުންނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ ޝަފަޤް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަތްދަބަސް ތެރެއިން އެންމެ ފަހު އެއްޗަކަށް ސެންޓު ފުޅިއެއް ނަގައި ސެންޓު ޖަހާލިއެވެ.
**
ޝަފަޤަށް ހީކުރެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. ވިސާމް ކޮޓަރިން ނިކުމެގެން ދިޔައީ އޭނަ ކިޔަން ފެށި އެއްޗަށްވީ ފޫއްސަށްވުރެ ބޮޑަށް ޝަފަޤް އޭނައާއެކީ އައުމަށް އޭނައަށް އެދެވުނު ވަރުންނެވެ. އޭނަ ނިކުމެގެން ދިޔައީ މިޝްކާގެ ހާޒިރީގައި ވެސް އޭނައަށް ޝަފަޤް ގާތު އޭނަ ކައިރިއަށް އައުމަށް ބުނެވިދާނެތީވެއެވެ. ޝަފަޤް އޭނައަށް ޖައްސައިގެން އުޅެނީ ކޮންކަހަލަ ސިހުރެއްތޯ ރީތިވާ މޭޒު ދޮށުގައި ހުއްޓިހުރި ވިސާމްގެ ހިތަށްއެރިއެވެ. މިއީ ހަމަ ގައިމުވެސް އާދައިގެ ކަމެއްނޫނެވެ. ޝަފަޤްގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އައިސްގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނައާއި ހަތަރުކަޅި ހަމަކޮށް ހިނިތުންވާން ޝަފަޤަށް ކެރެނީ ކީއްވެ ހެއްޔެވެ؟ އޭނަ އުއްމީދު ކޮށްގެން ހުރީ ނިޔާޒް ބުނި ގޮތަށް ޝަފަޤްގެ ލަދުވެތިކަމުގެ ސަބަބުން އޭނަގެ އިސްއުފުލާލަން ވެސް ޖެހޭނީ އޭނަ ކަމަށެވެ. އެ ޚިޔާލާއިމެދު ޚުދު އޭނަ ވެސް ހުރީ ފޫހިވެފައެވެ. އަންހެން ކުދިން އެހާ “މައުސޫމް” ވުމުން އޭނައަށް ކަމަކުނުދެއެވެ. ބައެއް މީހުންނަށް އެކަހަލަ ކުދިން ކަމުދާ ގޮތުން ވެސް އޭނަ އަޖާއިބުވެއެވެ. ޝަފަޤް ފަހެ އެފަދަ ކުއްޖެއްގެ ގޮތުގައި މިރޭ ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ހަމަ ގައިމުވެސް މި ހުރިހާ ދުވަހު އޭނަ ހުރީ އެފަދަ ކުއްޖެއްގެ ގޮތުގައެވެ.
“އައްސަލާމްޢަލައިކުމް!” ޝަފަޤް ސަލާން ގޮވާލި އަޑަށް ވިސާމަށް ބަލާލެވުނެވެ. އެވަގުތު ޝަފަޤް ހިނިތުންވުމެއްގައި ހުރެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ދޮރު ތަޅުވެސް ލިއެވެ. އެ ކުޑަ ޙަރަކާތް ވެސް ވެގެން ދިޔައީ ވިސާމް އަންތަރީސްވި ސަބަބަކަށެވެ. އެހެނަސް އޭނަ އެކަން ނުދެއްކުމަށްޓަކައި ވާހަކަ ދެއްކިއެވެ.
“ހާދަ ރަސްމީއޭ. އޮފީހަށް އައި ފުރަތަމަ ދުވަސްތަ މީ؟” ވިސާމް ޝަފަޤާއި ދިމާލަށް ރަނގަޅަށް އެނބުރިލަމުން ރާގަކަށް އަހާލިއެވެ. އެވަގުތު އޭނަގެ ގަމީހުގެ ހުރިހާ ގޮށްވަނީ ނެއްޓިފައެވެ.
“އައްދެ! ވަކި އޮފީހަކަށް ވަންނައިރުތަ ސަލާން ގޮވަނީ؟ ސަލާން ގޮވަނީ ތިމަންނަގެ ހިތުގައި ސަލާން ރައްދުވާ މީހާއަށްޓަކައި އެއްވެސް ނޭދެވޭ އިޙްޞާޞެއް ނެތްކަން އެންގުމަށްޓަކައި. އެހެންވީމަ އެންމެ ގާތް މީހުންނަކަށްނު އެންމެ ގިނައިން ސަލާން ގޮވަންވީ؟” ޝަފަޤް އޭނަ ގެނައި އަތްދަބަސް އެތާހުރި ބޮޑު އަލަމާރި ކައިރީގައި ހުރި އޭނަގެ ފޮށި މަތީގައި ބެހެއްޓިއެވެ.
“ކިހިނެއް ހެދުން ބަދަލުވެފަ ތިހިރީ؟ މިތާ ފޮށި ހުރީ.” ކަމެއް ފާހަގަވުމުން ހިސާބަކަށް ޙައިރާންވެފައި ވިސާމަށް އަހާލެވުނެވެ.
“ސާބަސް! އަންހެން ކުދިން އަތްދަބަސް ގެންގުޅެނީ ކަމަކުއޭ.” ޝަފަޤް އޭނަގެ ވާހަކައަށް ވީހާވެސް ވަރަކަށް ސަމާސާ ރާގެއް އެޅުވޭތޯ ބެލިއެވެ. ހިތްދަތިކަން ތަޙައްމަލު ކޮށްފައިވާ މީހުންނަށް އެންމެ ބޭނުންވާ އެއްޗަކީ ސަމާސާކަން އޭނައަށް އެނގިފައިވާތީވެއެވެ.
“ކިހިނެއް އެނގޭނީ އެމީހުން މުޅި ދުނިޔެ އެ ދަބަހުގެ ތެރެއަށް ގަންބައިގެން އުޅޭކަން؟” ވިސާމް އެ ވާހަކަ ވެސް ބުނެލީ ސީރިއަސް ނަޒަރެއްގައި ހުރެއެވެ. އެހެނަސް އޭނަގެ އެ ވާހަކައަށް ޝަފަޤަށް ހެވެން ފެށިއެވެ. މިއީ އޭނައަށް ވިސާމްގެ ކުރިމަތީގައި ހެވޭ ފުރަތަމަ ފަހަރުކަން ޝަފަޤް ނުދެނެ ހުއްޓެވެ. އެހެނަސް އެ މަންޒަރު ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ ވިސާމަށް ހުރެވުނީ އާޝޯޚުވެފައެވެ. އޭނައަށް ކުރީގައި ވެސް ހީވެފައި އޮތްހެން ޝަފަޤް ހެވިފައި ހުންނައިރު އަދި މާ ރީއްޗެވެ. މި ރީތިކަން މި ހުރިހާ ދުވަހު ފޮރުވިފައިވީއެވެ. ޝަފަޤް މިވަގުތު އެ ހެނީ އޭނަ ބުނި ވާހަކައެއްގެ ސަބަބުންކަން އެނގުނު ހިނދު ވިސާމަށް ހިނިތުންވެލެވުނެވެ.
“އެހެން ނޭނގިދާނެ ދޯ ހަމަ؟ ހެހެ….” ޝަފަޤް ދެންވެސް ހެވިފައިހުރެ އެހެން ބުނަމުން އޭނަގެ އާ ހިނގުމުގައި ވިސާމްގެ ކައިރިއަށް އަންނަން ފެށިއެވެ. ޝަފަޤް ކައިރި ވީވީހެން ވިސާމްގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި ޝަފަޤް އޭނަގެ އަތުތެރެއަށް ގެންނަން ބޭނުންވިއެވެ. އެހެނަސް އެއިން އޭނައާއި ޝަފަޤްގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ ޝަފަޤް އޭނަގެ ކައިރިއަށް ގެނެވޭނެ ގޮތަކާއިމެދު ވިސްނިއެވެ. އެ ގޮތުން އަނެއްކާވެސް ޝަފަޤް “ޖަޒުބާތުގައި ޖައްސަން” ވިސާމް ނިންމިއެވެ. އެހެންކަމުން އޭނަ ޖިންސްގެ ޖީބަށް އަތްޖަހާލަމުން މޫނުމައްޗަށް ހިތާމަވެރިކަން ވެރިކުރުވިއެވެ.
“ތެންކިއު ޝަފަޤް. ޝަފަޤް އަހަންނަށްޓަކައި މިރޭ ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް. އެނގޭ އެހެން ހުރިހާ އަންހެން ކުދިންހެން ޝަފަޤް ވެސް ބޭނުންވާނީ ކުރިން ކައިވެންޏެއް ކޮށްފަ ނެތް ޝަފަޤްއާ އެއްއުމުރެއްގެ މީހެއްކަން. އެކަމަކު އަހަންނަކީ އެކަހަލަ މީހެއްނޫން.” ވިސާމް އެހެން ބުނެލި ވަގުތު ޝަފަޤް ހުރީ އޭނަގެ ހުނުން ކޮންޓްރޯލް ކުރުމަށްޓަކައި ތުންފިއްތައިގެންނެވެ. އޭނަގެ ވާހަކަ ނިމުމާއެކު ޝަފަޤްގެ ބަޑި ފަޅައިގެން ދިޔައެވެ.
“ހެހެހެ…..ކާކުތަ ބުނީ އަންހެން ކުދިންނަށް ކަމުދާނީ އެކަހަލަ ފިރިހެނުންނޭ؟” ޝަފަޤް ހެވިފައިހުރެ އަހާލިއެވެ. އޭނަގެ އެ ޙަރަކާތުން ވެސް ވިސާމްގެ ޙައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. މިއީ ޖަޒުބާތުގައި ވެސް ނުޖެއްސޭ ކުއްޖެއްހެއްޔެވެ؟
ވިސާމް ބުނާނެ އެއްޗެއް ނޭނގި ހުންނަން ފެށުމުން ޝަފަޤް އޭނަގެ ހުނުން ހުއްޓާލިއެވެ. އަދި އޭނަގެ ތޫނު ނަޒަރު ވިސާމަށް އަމާޒުކޮށްލިއެވެ.
“ވިސާމް ބިރެއްނުގަނޭތަ؟” ދައްކާނެ ވާހަކައަކާމެދު ވިސްނާލަމުން ޝަފަޤް އެތައް މާނައެއް އެކުލެވޭ ފަދައަކުން އަހާލިއެވެ.
“ކޮންކަމަކަށް؟” ޝަފަޤްގެ މޫނުން ނަޒަރު ވަކިކުރަން ނޭނގިފައި ހިސާބަކަށް ޙައިރާންވެހުރެ ވިސާމް އަހާލިއެވެ.
“އަހަންނަށް.” ޝަފަޤް ލާނެތް ހިނިތުންވުމަކާއެކީ އަހާލިއެވެ. ވިސާމް ލުއިގޮތަކަށް ހީލިއެވެ.
“ތިއީ އިންސާނެއްގެ ސިފައިގައި ހުރި ޖިންނިއެއްތަ އަހަރެން ބިރުގަންނަން؟” ވިސާމް އަހާލިއެވެ. އެއާއެކު ޝަފަޤް އަނެއްކާވެސް ހީލިއެވެ. އެވަގުތު ޝަފަޤްގެ ގައިން ދުވަމުން ދިޔަ މީރު ވަހުން ވިސާމްގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. އެހެނަސް އޭނަ އެކަން ފޮރުވޭތޯ ބެލިއެވެ.
“ނޫން އެހެންނެއްނޫން…….ވިސާމްގެ ކުރީގެ ކައިވެނީގެ ކަންތައްވެފަ އޮތްގޮތުން ދެން ބިރެއްނުގަނޭހޭ އަހަރެން ކޮށްފާނެ ކަމަކާމެދު؟” ޝަފަޤް ހިނިތުންވުމަކާއެކީ އަހާލިއެވެ. އެހެނަސް އެ ސުވާލު ނިމުމާއެކު ވިސާމްގެ މޫނުމަތި މިލައިގެން ދިޔަ ގޮތުން އޭނައަށް ބުނެވުނު އެއްޗަކާމެދު ޝަފަޤަށް ހިތާމަ ކުރެވުނެވެ. ބުނާނެ އެއްޗެއް ނެތަސް އޭނައަށް މި ދެކެވުނީ ހާދަ ބޮޑު ވާހަކައެކެވެ. ކުއްލިއަކަށް މަރުވެގެން ދިޔަ ލޯބިވާ އަނބިމީހާގެ ވާހަކަ ދެއްކުމުން ވިސާމްގެ ހިތުގައިވި ޒަޚަމްތަކަށް އަސަރުކުރާނެކަން ޔަޤީނެވެ. އޭނަ ދެބުމަ ކައިރިކޮށް ދުރު ބަލަން ފެށި ގޮތުން ޝަފަޤަށް އެކަން އެނގުންވިއެވެ.
ޝަފަޤަށް މިފަހަރު ހީވީ ރަނގަޅަށެވެ. އޭނަ ބުނެލި ވާހަކައިން ވިސާމްގެ މޭގައި ވަގުތުން ރިހުމެއް އުފެދުނެވެ. ޝަފަޤް އެހެން ބުނީ ވެސް ކީއްވެހޭ ބުނެ އޭނަގެ ހިތް ޝަކުވާ ކުރިއެވެ. އެހެނަސް ހަމަ އެވަގުތު އޭނައަށް ޝަފަޤްގެ ވާހަކައާ އެއްބަސްވެވުނެވެ. ޙަޤީޤަތަކީ އޭނަ ބިރުގަންނަކަމެވެ. އޭނަގެ ހިތާއި އެއްވެސް މީހަކު ކައިރިވިޔަ ނުދީ މިހުރިހާ އަހަރު އޭނަ ވޭތުކުރީ އެހެންވެއެވެ. އެ ހިތަށް އަނެއްކާވެސް އެފަދަ ޒަޚަމެއް ލިބިއްޖެނަމަ ދެން އެއިން ސަލާމަތް ނުވެވޭނެހެން ހީވާތީވެއެވެ. ވިސާމް ދުރުބަލަން ހުއްޓާ އޭނަގެ ލޮލަށް މާޒީގެ ހަނދާންތައް ސިފަވާން ފެށި ވަގުތު ޝަފަޤް އޭނައާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.
“ވިސާމް……އަހަންނަކަށް ނޭނގޭ ވިސާމް ކުރީގަ ތަޙައްމަލުކޮށްފައި ހުރީ ކޮންކަހަލަ ވޭންތަކެއްކަމެއް. ހަމަ ގައިމުވެސް އަހަންނަށް އަންދާޒާއެއްވެސް ނުކުރެވޭނެ އެ ވޭންތަކުގެ ކެކުޅުން. އެކަމަކު ވިސާމް ދަންނާތި އަހަރެން ވިސާމް އެފަދަ ޙާލެއްގަ ނުޖައްސާނެކަން. އަހަރެން ވިސާމާއި އިނީ ސަމާސާއަކަށް ނޫން. ވިސާމްގެ ރީތިކަމަށްޓަކައި ނޫނީ ފައިސާއަށްޓަކައި ނޫން. ހަމައެކަނި މިޝްކާއަށްޓަކައިވެސް ނޫން. މި ހުރިހާ ސަބަބުތަކަކީ ކޮންމެވެސް އެއްދުވަހަކުން ނިމިގެންދާނެ ސަބަބުތައް. އެކަމަކު އަހަރެން ވިސާމާއި އިނީ ދުވަހަކުވެސް ނިމިގެން ނުދާނޭ ފަރާތަކަށްޓަކައި. ﷲ އަށްޓަކައި. ﷲ ރުހިވޮޑިގެންވާ ސިފަތައް ވިސާމްގެ ކިބައިން ފެނުނީމަ އަހަންނަށް ވިސާމް ކަމުދިޔައީ. އެފަދަ ސިފަތައް ގިނަވަމުން ދާ ވަރަކަށް މި ލޯބި އިތުރުވުން ނޫންކަމެއް ނުވާނެ. ވިސާމް…….ވިސާމްގެ މާޒީގަވެފަ ހުރި އެއްވެސް ކަމަކާމެދު އަހަރެން ސުވާލެއް ނުކުރާނަން. އެކަމަކު ބުނެލަން ބޭނުންވަނީ ވިސާމަށް ޙައްޤުވެގެންވެއޭ އެ ހިތްދަތި ހަނދާންތަކާ ދުރަށްދާން. ވިސާމަށް ޙައްޤު އެ ބިރުވެރިކަމުން ސަލާމަތްވާން. އެކަމަށްޓަކައި ވިސާމް ޖެހޭނީ ޖެހިލުމެއްނެތި ވިސާމްގެ ހިތް ހުޅުވާލަން. މުޅި ޢުމުރަށް ހިތް ބަންދު ކޮށްގެން ހުރިއްޔާ ޚުދު ވިސާމްގެ އަމިއްލަ ނަފްސަށް ވެސް ތި ވިސްނައިދެނީ ވިސާމް ދުވަހަކުވެސް އުފާނުވާނެކަމަށް. އެހެންވީމަ އުފާވެރިކަމާއި ދިމާލަށް ފިޔަވަޅެއް އަޅާ ވިސާމް. ލޯތްބާއި ދިމާލަށް ފިޔަވަޅެއް އަޅާ. އެކަންތައްވަނީ ވިސާމްއާއި މާ ދުރުގައެއްނޫން. ވަރަށް ކައިރީގަ. އެކަމަކު ވެސް ފިޔަވަޅެއް އަޅަން އެހީ ބޭނުންވަންޏާ އަހަރެން އަބަދުވެސް މިހިރީ ވިސާމްގެ ކައިރީގައި.” ޝަފަޤް އޭނަގެ ފަހު ޖުމްލަ ބުނެލީ އޭނަގެ އެއްއަތް ވިސާމްގެ މޭމަތީގައި ޖައްސާލަމުންނެވެ. ވިސާމް ޝަފަޤަށް ބަލަން ހުރެފައި ޝަފަޤްގެ އެ އަތަށް ބަލާލިއެވެ. އޭނަ އެހެން ހުއްޓާ ޝަފަޤް ލަސްލަހުން އޭނަގެ މޭމަތީގައި ބޯއަޅާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. މިފަހަރު ޝަފަޤްގެ ޙަރަކާތުން ވިސާމް އެއްވެސް ޙައިރާނެއްނުވީ އޭނަގެ ހިތަށްކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ. އޭނަ ދެލޯ މަރާލަމުން ޝަފަޤްގެ ބޮލުގައި ދަތްދޮޅި ޖައްސައި އެ ތުނި ހަށިގަނޑުގައި އޭނަގެ ބާރުގަދަ އަތް ވަށާލިއެވެ.
ނުނިމޭ
46 Comments!
Comments are closed.
ooh varah reethi
Jana vaahaka up kurithaa 1 min in kanneynge mi comment libuny. mihaa dhigu baeh 1 min thereyga kiyaalevijje Boo? :O Anyways…….Alhamdhulillah! (All praise and thanks belong to Allah) 🙂
VVVVVVVVVVVVVVVVVVV reethi…..
inthizaaruga in da upvi..
me second ya
pls avas kola chay..
when next part…
superb jana…
Alhamdhulillah! 🙂 dhen oiy bai friday ga In Sha Allah 🙂
Me third varah reethi
Alhamdhulillah! 🙂
Whn next part. V furihama..
Alhamdhulillah! 🙂 next part friday ga In Sha Allah 🙂
dhen hama aeh dhuvas fahun tha up kuraaniy janaaa!!?
any way your story is very beautiful!!!
may god bless you jana??
Alhamdhulillah! 🙂 hehe….yax alhe jana ah rulhi nuvahchey. varah vagutheh nuvefa huregen mi liyany. komme dhuvahaku genesdheyn ulhenya jana ah ves jana ge best nudheveyne. adhi eh dhuvahuge space eh midheny e episode akun libey msg thah thafseel kuran 🙂 hope you will understand. May Allah bless you more! Ameen! 😀 <3 <3
V v salhi Masha Allah ❤❤❤❤
Alhamdhulillah! 🙂
Mashallah. Varah salhi.
Jana alhey pls maadhan up koh deeeeeeebaaaaa ❤️❤️❤️
Alhamdhulillah! 🙂 Sorry ingey Hooooo. next part friday ga In Sha Allah 🙂
vaahaka varah reethi .abadhuves beynunvanee ibratheh haasilvaafadha reethi vaahakaeh kiyaalan.
Alhamdhulillah! 🙂 jana abadhuves liyaa hiyvany ibratheh haasil vaafadha vaahaka thah. 😀
Alhey.. janaaaaaaaaaaaaaaa…..
Maasha Allah haadha reehchey mi vaahaka.. you’ve got talent.. alhe maadhan ves up kohbba puleeeeez ?..
Alhamdhulillah! 🙂 really sorry adhu, miadhu genesdheveykah neh. next part Friday ga In Sha Allah 🙂
Kuru vias ok.. ekm please maadhan up kohdheeba.. varah varah kiyaa hithunney mihuree
kurukoh genesdheykah jana beynumeh nuve ey Adhu. genesdhey iru genesdheven vaany vaa varah. 🙂
Kuru vias ok.. ekm please maadhan up kohdheeba.. varah varah kiyaa hithunney mihuree.. mi basnaahaa hithah alhaalaa please
Adhu dhen miadhu ehen kameh kolla vaahaka aa medhu visnumuge badhaluga. kommeves productive kameh. 🙂
Alhey next part please. Shafag kahala kujjaka vaan beynunmy. Hehe
Next part friday ga In Sha Allah. 🙂 rangalhu kameh dho Fathun? 😀
wow Jana.. emme wait kuri hisaabu miothy.. just wow.. shafag ebuny ves dhogu vaahaka eh noon.. visaam ge kuda hiyy vareh hama beynun vaany.. Jana when next part.. varah wait kurevey eba mihaaru ves
hmm….Wisaam ah beynunvany hama kuda hiyvvareh 🙂 next part friday ga In Sha Allah. Alhamdhulillah! 🙂
Vishaam goas meehakah hadhaa nulahchey dhen ingey..
mi part in vee ehchakun dho Me thihen buny? dhen balamaa eyna kihaa nubaikan In Sha Allah 🙂
VVVVVVVVVVVVVV reethi……
next part avaskolachay ….pls pls pls pls
Alhamdhulillah! Next part friday ga In Sha Allah 🙂
owww…masha allah varah reethi… :
Alhamdhulillah! 🙂
janaaa gandaaaaa, maadhan next part beynun, maadhan up nukurevenyaa hukuru dhuvahuge fathis namaadhah heylaairu vaane up koffa baindhan, me hama amureh ingey janaa gandaa.. hama varah varah salhi mibai ves,,
Alhamdhulillah! 🙂 innaa lillahi haadha bodu amurekey Kudakamana 😛 jana ah nufuhdeyne vaudheh kuraakah nethin ingey? ekamaku avas kureveytho balaanan In Sha Allah 🙂
masha allah varah varah varah reethi
jazak allah khair jana 🙂
Alhamdhulillah! 🙂 Barakallah Laki 🙂
Hey assalaam alaikum, janaaa kobaatha u, adhives jana ge habareh nuvey! Insha allah! Jana ge haalu ragalhu vaane Kamah mi balanee!!
Wa’alaikumussalam. mihiry ey kudakamana. sorry reply lasvi kamahttakai. reyga kameh dhimaavegen reply nuvy. ekamaku jana ge haalu rangalhu ingey In Sha Allah. Alhamdhulillah! 🙂
Yageen shafag ulheyny visam ah gabooll kuran dhathi vaaha romkoh kan..so he likes much than he thought..it’s a perfect story…
mihaaruves Wisaam heekuraa varah vure Shafaq rom eh noontha? 😉 hehe….Alhamdhulillah! 🙂
FB Post:
“Relationships have two sides. Giving and taking. When our focus is not Allah, when our focus is not for the sake of Allah, we become very empty inside. Like a person who does not have money. And when a person does not have money he becomes a beggar. A beggar cannot possibly think of giving because he is bankrupt himself. A beggar can only be focused on taking.
We cannot enter relationships in a state of bankruptcy. We cannot enter relationships as beggars of love from other people. That’s dangerous because two people are begging each other for something they both don’t have. The only way that we can fill the emptiness in our hearts is by asking the King, Allah. When we fix our relationship with Allah, he will fill our hearts. He will make us rich and will allow us to be willing to give. And we cannot allow that fuel to run out as the relationship continues. We must constantly keep turning back to the King if we are to succeed in a relationship.”
Notes from a lecture by Yasmin Mogahed
Jana v molhu.vv reethi mi part ves
Alhamdhulillah! 🙂
“Religious people are unromantic” says who?! And its a shame when people don’t live up to this sunnah.
“Prophet (SAW) used to go walking with Aisha (RA) at night while talking with each other.” -Bukhaari
Koba stry….
Jana.. Avahah upkohba