” ކަމޯން ޝެލީން…ދެން ނުރޮއެބަލަ!…..އެއީ ޝެލީންގެ ބޭބެއެއްނު…..އޯކޭވާނެއޭ…އަހަރެމެންވެސް މިހެން ހުއްޓައޭ ބޭބެއަށް އެފެނުނީ…..ދެން އެއީ އެވަރުކަމެއް ނޫނެއްނު!” އަރުޝީ އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

” ތެދެއް ޝެލީން…..އަދި ރޯވަރުކަމެއް ނުވެޔޭ…..އަހަރެމެން ސަކަރާތްޖެހީ ކިޔަވާ ނިމިގެންނާ ބުނީމަ ބޭބެ ރުޅިއެއްވެސް ނާންނާނެ އެއްނު” އަޝްފާވެސް އަހަރެންނަށް ވިސްނައިދޭން އުޅުނެވެ.

” ހޫމް…ދެން ނުރޯނަމޭ….ޕްލީޒް….ތިދެމީހުން ދެން ގެޔަށްދޭ….މާދަމާ އަހަރެން މިހެދުންދޭނަން…..ދެން އަހަރެން މިއުޅެނީ ފެންވަރަން” އެކުދީން އަވަހަށް ފޮނުވާލަން ބޭނުންވާތީ އަހަރެން ހިނިތުންވެލަމުން ބުނީމެވެ. އެކުދިންވެސް ދެބަސްވުމެއްނެތި ކޮޓަރިން ނުކުތެވެ. އެމީހުން ދިއުމުން އަހަރެން އެނދުން ތެދުވެގެން ގޮސް އަނެއްކާވެސް ލޯގަނޑުކުރިމައްޗަށް ހުއްޓުނީމެވެ. އަދި ފެޝަންޝޯގައި ހިނގާލާގޮތަށް ހިނގާލީމެވެ.

” އޯހް ނޯ…ހަމަޔަގީން އަހަރެމެން ޖެއްސިހުރިހާ ވައްތަރެއްބަލަން ފަހަތުގަ ބޭބެހުރީކަން…..އެހެންވެ ފާޑަކަށް ހެވިފައެހުރީ…” އަހަރެންނަށް ތުންފިއްތާލެވުނެވެ. އެރޭ ކާގަޑިޖެހުމުންވެސް އަހަރެން ކާންނުނުކުމެ ކޮޓަރީގައި އޮތީ ބޭބެއާ ކުރިމަތިލާން ނުކެރިގެންނެވެ. ބޭބެ ވަރަށް ގޮވާވެސް ހެދިއެވެ. ނަމަވެސް އަހަރެން އަޅާނުލާއޮތީއެވެ. ދެތިން ދުވަސްވާންދެން އަހަރެން އުޅުނީ ބޭބެއާ ފިލައިގެންނެވެ. ނަމަވެސް މަޑުމަޑުން އަނެއްކާވެސް ހުރިހާކަމެއް ހަމައަކަށް އެޅުނެވެ. އަޝްފާއާއި އަރުޝީވެސް ފަހުން ފަހުން އައިސް ތިބެނީ ކޮޓަރީގައެވެ. ދެވަނަ ފަހަރަށް އެފަދަކަމެއް ދިމާވެދާނެތީ ބިރުންނެވެ.

” ދެން އެދުވަހު ފަހުން ބޭބެ އެއްޗެއް ބުނިތަ؟” އަރުޝީ އަހާލިއެވެ.

” ނޫން…..ނަސީބަކުން އެވާހަކަ ނުވެސްދައްކާ….އަހަރެންހުރީ ވަރަށްބިރުން….އެކަމް ބޭބެ ވަރަށް ކޫލް” އަހަރެން ހިނިތުންވެފައި ބުނީމެވެ.

**********

ދުނިޔެ ދައުރުވަމުން ދާވަރަކަށް ދުވަސްތައް ފާއިތުވަމުން ދެއެވެ. ދައްތައާއި ފާރޫޤްބޭބެ އަދިވެސް ވީ އިންޑިއާގައެވެ. ބޭސްކުރާތާ އެއްމަސް ފާއިތުވެގެން ދިޔައިރު ފާރޫޤުބޭބެއަށް ލިބިފައިހުރި ޒަޚަމްތައް މުޅީން ފަސޭހަވެ، ހިނގާބިނގާވެ އުޅެން ފެށިއެވެ. ނަމަވެސް އަދިވެސް ލޮލަށް ފެންނާނެކަމުގެ ކުޑަނަމަވެސް އުއްމީދެއް ނުލިބެއެވެ. އިންޑިއާގައި އެއްމަސްދުވަސް ވުމަށްފަހު، ދައްތަމެން ދެންދިޔައީ ސިންގަޕޫރަށެވެ. ލޮލުގެ މާމޮޅު ޑަކްޓަރެއް ސިންގަޕޫރު ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޚަބަރުލިބިގެންނެވެ. އެޑަކްޓަރަށް ދައްކައި އެތައް ފަހަރަކު ޓެސްޓް ހެދުމަށްފަހު ލޮލުގެ އޮޕަރޭޝަނެއްވެސް ކުރެވުނެވެ. ނަމަވެސް ފާރޫޤުބޭބެގެ ލޮލުގެ ފެނުން އަނބުރާލިބޭގޮތެއް ނުވިއެވެ. ގާތްގަނޑަކަށް ހަމަސްދުވަހު ސިންގަޕޫރުގައި ތިބުމަށްފަހު ދައްތަމެން އެނބުރިމާލެ އައީ މާޔޫސްކަމާއެކީގައެވެ.

ފާރޫޤުބޭބެ މާލެއައި ޚަބަރުލިބުމާއެކު، ޗުއްޓީނަގައިގެން ބައްޕަ މާލެއައީ މާމަ އަލަމްގެ މަންމަމެންނާ ހަވާލުކޮށްފައެވެ. ދުވަސްތަކަކަށްފަހު ބައްޕަ ފެނުމުން އަހަރެން އުފާވިއެވެ. ނަމަވެސް ބައްޕަ ހިކި އަނަރޫފަވެ، ސިއްޚަތު ގެއްލިފައިހުރިވަރު ފެނުމުން ދެރަވެސްވިއެވެ. އެއީ މަންމަ ނެތުމުގެ އަސަރުކަން އަހަރެންނަށް އެނގެއެވެ. ކިތަންމެ ކެތްތެރިމީހަކު ނަމަވެސް ލޯބިވާ މީހަކު ކުއްލިއަކަށް ވަކިވެދިޔުމުން ކެތްކުރަން ދަތިވާނެއެވެ. ބައްޕައަށްވެސް އެވީ އެފަދަގޮތެކެވެ. ފާރޫޤުބޭބެ ފެނުމުން ބައްޕަގެ ލޮލުން ކަރުނައައިތަން އަހަރެން ދުށީމެވެ. އަމިއްލަ ހާލަށްވުރެ ބޮޑަށް ބައްޕަގެ ރަހުމަތްތެރިޔާގެ ހާލާމެދު ބައްޕަ ކަންބޮޑުވިއެވެ.

ހަމަ ކުއްލިއަކަށް ލޯފަންމީހަކަށް ވުމުން ފާރޫޤުބެއަށްވަނީ ނަފްސާނީގޮތުން އަސަރުކޮށްފައެވެ. މިޒާޖަށްވެސް ވަނީ ދުވަހަކު ވެރިނުވާފަދަ ހަމަހިމޭންކަމެއް ވެރިވެފައެވެ. އެހެންކަމުން ފާރޫޤުބޭބެވެސް އަހަރެމެން އުޅޭބަޔަށް ބަދަލުކުރިއެވެ.

ދައްތައާއި ބޭބެ އެކިގޮތްގޮތުން ފާރޫޤުބޭބެގެ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރެއެވެ. ދައްތައަށް ވުރެވެސް ބޭބެގެ ހެޔޮކަމާއި އަޅާލުން ބޮޑުހެންވެސް އަހަރެންނަށް ހީވެއެވެ. ބޭބެ އޮފީހުން އަންނަގޮތަށް އެންމެ ފުރަތަމަވެސް ބަލާނީ ފާރޫޤުބޭބެ ކޮބައިތޯއެވެ. ފާރޫޤުބޭބެ ކައިފިތޯ ބަލާފައި ނޫނީ ބޭބެއަށް ކާއެއްޗެއްވެސް ކެވޭކަމަކަށް ނުވެއެވެ. ބޭބެގެ އަތުން ލަވައިގެން ކާންދެނީވެސް މަދުފަހަރަކު ނޫނެވެ. ބައްޕަވެސް ފާރޫޤުބޭބެގެ އެކަނިވެރިކަން ފިލުވައިދީ ހިތްއުފާކޮށްދޭން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. މިކަންކަމުން އެމީހުންގެ ހިތުގައި ފާރޫޤުބެއަށްޓަކައި އޮތްލޯބި ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދެއެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެމެންތިބީ ސިޓިންރޫމުގެ ސޯފާގައެވެ. ބައްޕައިނީ ފާރޫޤުބޭބެ ގާތުގައެވެ. ދައްތައާއި ބޭބެތިބީ ޓީވީއިން ޚަބަރުބަލާށެވެ.

” އަހަރެން ހިތަށްއަރާ ދެން އުމުރަށްވެސް އުޅެންޖެހޭނީ މިއަނދިރިކަންމަތީބާއޭ” ބައްޕަގެ އަތުގައި ހިފާލަމުން ފާރޫޤުބޭބެ ދެރަވެލާފައި ބުންޏެވެ. އެވަގުތު ބޭބެއާއި ދައްތަވެސް އެދިމާއަށް ބަލާލިއެވެ.

” ތިހެން ހީނުކުރޭ…..އިރާދަކުރެއްވިއްޔާ އަދި ފާރޫޤުގެ ލޮލަށް ފެންނާނެ…..ދުނިޔޭގެ އެކިހިސާބުގަ މޮޅެތި ޑަކްޓަރުންތައް ބައިވަރު…..ކަމަށް ޤާބިލް މީހަކާ އަދި ދިމާނުވަނީ…..” ބައްޕަ ފާރޫޤުބެޔަށް ހިތްވަރުދިނެވެ.

” މިއަނދިރިކަމަށް ވުރެވެސް އަހަރެން ދެރަވަނީ އަހަރެންގެ ކާފަދަރިޔަކު ދުށުމުގެ ނަސީބު ނުލިބުނީމަ……ވަރަށް އިންތިޒާރުކުރެވޭ ކާފަދަރިޔަކު ލިބޭނެ ދުވަހަކަށް……އެދުވަހަކުން މިއަނދިރިކަމާއެކުވެސް އަހަރެންނަށް އުފަލުގަ އުޅެވިދާނެ” ފާރޫޤުބޭބެ އޭނާގެ ހިތުގައިވާ އެދުން ހާމަކުރިއެވެ. އެވާހަކަތައް އަޑުއަހާފައި ދައްތައާއި ބޭބެގެ މޫނުގެ ކުލަފަނޑުވެގެން ދިޔަކަން އަހަރެންނަށް ފާހަގަވިއެވެ.

” އިރާދަކުރެއްވިއްޔާ ތިކަންވެސް އަދިވާނެ……ކެތްތެރިކަމުގެ ފޮނިމޭވާވެސް ލިބޭނެ…” ބައްޕަ އަނެއްކާވެސް ފާރޫޤްބޭބެއަށް ހިތްވަރުދިނެއެވެ. ބައްޕަ އެހެން ބުނުމާއެކުހެން ދައްތަ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބޭބެވެސް ދައްތަގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ދައްތަ އެދިޔައީ ވަރަށް ދެރަވެގެންކަން އަހަރެންނަށް އެނގުނެވެ.

ކިޔެވުމުގެ ބުރަ ދުވަސްތަކަކަށްފަހު ޖީސީއީ އޯލެވެލް ހަދާދުވަސް ގާތްވެއްޖެއެވެ. އެހެންކުދިންނެކޭ އެއްފަދައިން އަހަރެންވެސް ޓެސްޓަށް ތައްޔާރުވަމުން ދިޔައީމެވެ. ބައްޕަވެސް އަހަރެންނަށް ވަރަށް ނަސޭހަތްދިނުމަށްފަހު، އަހަރެންނަށް ކާމިޔާބުލިބުން އެދި ހެޔޮދުއާކުރަމުން އެނބުރި ރަށަށް ދިޔައެވެ. ދައްތައާއި ބޭބެ ބުރަކޮށް އުޅެމުންވެސް ގިނަވަގުތުތަކެއް ފާރޫޤުބޭބެއާއެކު ހޭދަކުރެއެވެ. ފަހަކަށް އައިސް ފާރޫޤު ބޭބެގެ ޝަކުވާއަކީ ކާފަދަރިޔަކު ނެތުމުގެ ޝަކުވާއެވެ. އެވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ދައްތައާއި ބޭބެ ދެރަވެ ހިމޭންވާކަން އަހަރެންނަށް ފާހަގަވިއެވެ. ފަހަރެއްގައި އެމީހުންވެސް ދަރިޔަކު ބޭނުންވި ނަމަވެސް ނުލިބެނީ ކަމުގައިވެސް ވެދާނެއެވެ.

ޖީސީއީ އޯލެވެލެލް ނިމުމާއެކު ރަށަށް ދިއުމަށްޓަކައި އަހަރެން ދަތުރުހަދަން ފެށީމެވެ. އަހަރެންގެ ކިޔެވުންވެސް މިހާހިސާބުން ނިމުނީކަމުގައި އަހަރެން ނިންމީމެވެ. އަހަރެން ބޭނުންވީ ބައްޕަގެ އެކަނިވެރި ހަޔާތަށް އަހަރެންގެ ފަރާތުން ދެވެން އޮތް އަޅާލުމެއްދީގެން ބައްޕައާއެކު ރަށުގައި ދިރިއުޅެންދާށެވެ. ނަމަވެސް ތަޤުދީރުގައި ކަންކަން ރޭވެމުންދަނީ ކޮންގޮތަކަށްކަން އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ.

” ޝެލީން…..ޝެލީން ދެންހަމަ ރަށަށްދަނީތަ؟…އިތުރަށް ކިޔަވާކަށް ބޭނުމެއްނުވޭތަ؟” އެއްދުވަހެއްގެ ހެދުނުގެ ނާސްތާގެ ވަގުތުގައި ދައްތަ އަހާލިއެވެ.

” ކިޔަވާހިތްވޭ…..އެކަމް ބައްޕަ އެކަނި އެކޮޅުގައުޅޭތީ ދެން މާލޭގައުޅެން ބޭނުންނުވަނީ…..އަޅުގަނޑުބޭނުންވަނީ ބައްޕައަށް އެހީވާން….ރަށުން ވަޒީފާއެއް ހޯދައިގެން އެކޮޅުގަ މަޑުކުރާނީ….” އަހަރެން ވިސްނާފައިވާގޮތް ހާމަކުރީމެވެ.

” އެހެންތަ؟…ޝެލީން ހާދަ ރަނގަޅޭ…ހާދަ ވިސްނައޭ ބައްޕައާމެދުގަ…..ދެން އެކަމް ދައްތަބޭނުން ޝެލީން ރަށަށް ދިއުމުގެކުރިން ކޮންމެވެސް ތަނަކަށް ޝެލީން ގޮވައިގެން މަޖާކޮށްލަންދާން……މިހާރު ކިހާދުވަހެއް ތަނަކަށް ނުދާތާ….ކިހިނެއްވާނީ ރިޒޯޓަކަށް ދިއުން……ޝެލީން އަދި ދުވަހަކުވެސް ރިޒޯޓަކަށް ނުދަމެއްނު ދޯ؟” ދައްތަ ބޭނުންވީ އަހަރެންނާއެކު މަޖާވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. އަހަރެންވެސް އެގޮތާ އެއްބަސްވީ ހިތުގެ އަޑިންނެވެ.

އަހަރެމެން ރިޒޯޓަށް ދިޔައީ ފާރޫޤު ބޭބެވެސް ގޮވައިގެންނެވެ. އަހަރެމެން ދިޔައީ ޕެރެޑައިސް އައިލެންޑް ރިޒޯޓަށެވެ. އެއީ އެދުވަސްވަރު ރާއްޖޭގައި ވަރަށް މަޝްހޫރު އަދި އެހާމެ ރީތި ރިޒޯޓެކެވެ. އެއީ އަލަމް މަސައްކަތްކުރާ ރިޒޯޓްކަން އަހަރެންނަށް އެނގުނީ އެރިޒޯޓަށް ދިޔަފަހުންނެވެ. އަލަމް ފެނުމާއެކު އަހަރެންނަށް ވީގޮތް ބުނެދޭންވެސް ނޭނގުނެވެ. އަލަމް ފެނުމުން ކަޅިޖަހާނުލައި އަހަރެންނަށް ބަލަން ހުރެވުނީ އަލަމްއަށް އައިސްފައިހުރި ބަދަލުންނެވެ.ގައިގެ ކުލައަލިވެ ކުރިޔަށްވުރެވެސް އަލަމް ރީތިކަމަށް ދައްކައެވެ. ހެޔޮވަރުވަރަކަށް ފަޅާފައިހުރި ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަންވެސް އިތުރުވެފައިވެއެވެ. އަހަރެން ފެނުމުން ހައިރާންވެފައި އިރުކޮޅަކު ބަލަން ހުރުމަށްފަހު ހީލިގޮތުން އަހަރެންގެ ހިތަށް ގޮތެއްވިއެވެ. އަހަރެމެންގެ ހުރިހާކަމެއްގައި ހަވާލުވެގެން އެންމެ އިސްކޮށް އުޅުނީ އަލަމްއެވެ.

“ކޮބާ ޝެލީން…..ކަމުދޭތަ ރިޒޯޓް؟…..މާބޮޑަށްވެސް ކަމުދޭދޯ؟….މިތަނުން ޖޮބެއްހޯދަންވީނު!…..ހެހެހެ” އަލަމް ފެނުމުން އަހަރެންނަށް ވީގޮތުން ދައްތަ އަހަރެންނާ ދިމާކޮށްލިއެވެ. އަހަރެން ރަކިވިއެވެ. ދައްތަ އަހަރެން ގޮވައިގެން އެރަށަށް އައީ ހަމަ ގަސްތުގައެވެ. އަލަމް އުޅޭ ރިޒޯޓް ހޯދައިގެން އަހަރެންނަށް “ސަޕްރައިޒް” އެއް ދޭން ވެގެންނެވެ. އަހަރެން އެރިޒޯޓަށް ފޭބީއްސުރެ އަލަމް އިރުއިރުކޮޅުން އަހަރެން ފެންނަ ހިސާބަށް އާދެއެވެ. އުޅޭލެއް ބުރަކަމުން ވާހަކަދެއްކޭ ހިސާބަށް ނާދެވުނު ނަމަވެސް ދުރުދުރުން ހިނިތުންވުންތައް ހަދިޔާ ކުރެއެވެ. އަހަރެންވެސް ހުންނަނީ އަލަމް ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދެމީހުންވެސް ތިބީ އެކަނި ބައްދަލުކޮށް ވާހަކަ ދައްކާލަން ކެތްމަދުވެފައެވެ. ނަމަވެސް ދެދުވަސް ވިއިރުވެސް އެފަދަ ފުރުސަތެއް ލިބޭގޮތެއް ނުވިއެވެ.

ތިންވަނަ ދުވަހުގެ މެންދުރު ވަގުތު އަލަމް އަހަރެމެންގެ ގާތަށް އައެވެ. އެއީ އަލަމްގެ “އޮފް” ދުވަސްކަމުގައިވެސް ބުންޏެވެ. އެދުވަހުގެ ގިނަވަގުތު އަލަމް ހޭދަކުރީ އަހަރެމެންނާ އެކުގައެވެ. ނަމަވެސް ދެމީހުން އެކަހެރިވެލާނެ ފުރުސަތެއް ނުލިބުނެވެ. ހާލުއަހުވާލު އަހާލައި ކިޔެވުމާބެހޭ ވާހަކަތައް ދައްކާލެވުނު ނަމަވެސް ދެމީހުންގެ ހިތުގައިވާ ލޯބީގެ ޖަޒުބާތުތައް ބޭރުކޮށްލެވޭގޮތެއް ނުވިއެވެ. އެހެންނަމަވެސް ދެމީހުންނަށް ބައްދަލުވެވި ވާހަކަ ދައްކާލެވުނީތީވެސް އަހަރެން ވަރަށް އުފާވިއެވެ.

އެރޭ އަހަރެން ނިދަން އޮށޯތީ އުފަލުން ހުރެއެވެ. ހެދުން ބަދަލުކޮށްގެން އެނދުގައި ޖައްސާލިތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑުއިވުނެވެ. އަހަރެން ކަންނެތްކަމާއެކު ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީހުރީ ރޫމްބޯއީއެވެ.

” މޭމް….ބެޑް ކޮފީ؟…” އަހަރެން ދޮރުހުޅުވާލުމާއެކު ތަބަކެއްގައިހުރި ކޮފީމަގެއް ދިއްކޮލަމުން އޭނާ ބުންޏެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ނިދާވަގުތު އެކުއްޖާ ކޮފީއެއް ގެނެސްދޭނެއެވެ.

” ގުޑްނައިޓް މޭމް” ތަބަށް ހިފައިގެން ދަމުން ރޭގަނޑުގެ ވަދާއީ ސަލާމް އޭނާކޮށްލިއެވެ. އަހަރެން ކޮފީމަގު ހިފައިގެން އައިސް އެނދުގައި އިށީނދެ ބޯންފެށީމެވެ. ނިދާގަޑީގައި ކޮފީ ގެނެސްދޭތީ އަހަރެން ހައިރާންވެސް ވެއެވެ. ނަމަވެސް އެކޮފީގެ މީރުކަމުން ބޯލަ ބޯލާ އިންނަހިތްވެއެވެ. ކޮފީބުއިމުން ނިދިނާންނާނޭ މީހުން ބުނިނަމަވެސް އަހަރެންނަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ. އަހަރެންނަށް ބަރާބަރަށް ނިދޭ ވިއްޔާއެވެ.

އަނެއް ދުވަހުގެ ހެނދުނު އިރުއެރި އިރުވެސް އަހަރެން އޮތީ ކަންނެތްވެފައެވެ. އުނަގަޑުން ތިރީގައި އައްސިކަމެއް ހުރިހެންވެސް އަހަރެންނަށް ހީވިއެވެ. އިރުކޮޅެއްވާންދެން ފަންގިފިލައަށް ބަލަން އޮތުމަށްފަހު އަހަރެން ތެދުވީމެވެ. އެވަގުތު ބަނޑުކޮޅަށް ވާންވެފައިހުރި ކަހަލަ އިހުސާސެއް ވިއެވެ. މާބޮޑަށް ފާޚާނާކުރަން ބޭނުންވެފައި ހުރުމުން ވީގޮތެހޭ ހިތަށްއެރިއެވެ. ނަމަވެސް އަހަރެން ބިރުގަންނަ ގޮތްވީ ކުޑަކަމުދިޔަ ވަގުތު ލޭގެ އަސަރު ފެނިފައި ކުޑަކޮށް ތަދުވެސްވީމައެވެ. ސަބަބަކީ އެއީ އަހަރެންގެ މަންތްލީ ޕީރިއަޑްގެ ދުވަސްވަރުކަމަށް ނުވާތީއެވެ. މިވީ ކިހިނެއްބާއެވެ؟ އަނެއްކާ އެއްމަހުގައި ދެފަހަރަށް އެކަންތައް ޖެހުނީބާއެވެ؟ ނޫނެކެވެ. އެކަމުގެ އަސަރު އެހާކުޑަކޮށް ނުފެންނާނެއެވެ. އެއީ ދުވަހަކުވެސް އަހަރެންނަށް ވީގޮތެއްވެސް ނޫނެވެ.

ނަމަވެސް މިއަދު އަހަރެންގެ ހަށިގަނޑަށް ތަފާތުގޮތްތަކެއް ވެފައިހުރިކަން ޔަޤީނެވެ. ފެންވަރަން ހުއްޓައި ކުއްލިއަކަށް އަހަރެންނަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެނެކެވެ. އަހަރެންނަށް ފެނުނީ އަލަމް އަހަރެންނާއެކު ނަހަމަ ގުޅުމެއް ހިންގާ މަންޒަރެވެ. އަލަމްގެ އަތްދަށުން ސަލާމަތްވާންވެސް އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އޭނާ އެއަށްވުރެ ހުޝިޔާރެވެ.

” އެއީ އަނެއްކާ ހުވަފެއްބާ؟…..ނޫނީ ހަމަ އަސްލުވެސް…..ނޫން ނޫން….އެއީ ހަމަ ހުވަފެނެއް..” އަހަރެންނަށް ބޭއިޚުތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ. ހުވަފެނަކަށްވުރެ ބޮޑަށް އެއީ ހަޤީޤަތެކޭ އަހަރެންނަށް އިހުސާސްވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ހަޤީޤަތެއްނަމަ އަހަރެންނަށް ހޭލެވޭނެއެވެ؟ އެވަރުގެ ކަމެއްވާއިރު ނިދާފައި އޮތުމަކީ ބުއްދިޤަބޫލު ކުރާކަމެއް ނޫނެވެ.

ހެނދުނުގެ ނާސްތާކުރަން އިންއިރުވެސް އަހަރެންނަށް ވިސްނެނީ އެކަމާއެވެ. ދައްތަ ދެފަހަރަކު ސުވާލުކުރުމުން ކަމެއް ނުވާކަމަށް އަހަރެން ބުނީމެވެ. އެދުވަހު އެންމެ ފަހަރަކުވެސް އަހަރެން އަލަމްއެއް ނުދެކެމެވެ. އެހެންކަމުން އަހަރެންގެ ހިތް ކުރިއަށްވުރެވެސް ބޮޑަށް ނުތަނަވަސްވަމުން ދިޔައެވެ. މުޅިއެދުވަސް ހޭދަވީ ފޫހިކަމާއެކުގައެވެ. ދައްތައާ ބޭބެ ޕޫލަށް އެރެން ދިއުމުންވެސް އަހަރެން ދާހިތެއް ނުވިއެވެ.

އެދުވަހުގެ އިރުއޮއްސުމާއެކު އަހަރެން ކޮޓަރިއަށް ވަނީމެވެ. އެރޭގެ ކެއުންވެސް އަހަރެން ކެއީ ކޮޓަރީގައެވެ. ބޭރަށް ނުކުންނަ ހިތްނުވީއެވެ. ރޭގަނޑުގެ އަށެއްޖެހިއިރު އަހަރެން އޮތީ ނިދަން އޮށޯވެއެވެ. ނަމަވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. އެހެން އޮވެ އޮވެ ފޫހިވެގެން ދެތިން ފަހަރަކު ތެދުވެ ބޭރުވެސް ބަލާލީމެވެ. ގަޑިން އެގާރަޖެހުމާއެކު ރޫމްބޯއީ ކޮފީހިފައިގެން އައެވެ. އަހަރެން ކޮފީމަގު ހިފައިގެން އެނދުގައި އިށީނދެ އެތިފޮދެއް ބޯލީމެވެ. ވިސްނުމުގައި އިނދެގެން ކޮފީބޮމުން ދަނިކޮށް އަހަރެންގެ އަތުން ކޮފީމަގު ދޫވެގެން ވެއްޓި މަގު އެއްކޮށް ކުދި ކުދި ވެއްޖެއެވެ. ރޫމްބޯއީއަށް ގުޅަން ހިތަށްއަރާފައިވެސް އަމިއްލައަށް އެތަން ސާފުކޮށްލީމެވެ. އެނދުގައި އޮށޯތުމަށްފަހު މާގިނައިރެއްނުވެ ހަށިގަނޑަށް ލޮޑުކަން އަންނަން ފެށިއެވެ. އަދި މަޑުމަޑުން ދެލޯމެރެން ފެށިއެވެ.

ކުއްލިއަކަށް އަހަރެންނަށް ފެންނަން ފެށީ އަލަމްއެކެވެ. އޭނާ އަހަރެންގެ ހަށިގަނޑުގެ އެތަންމިތާ ބީހެމުންދަނީއެވެ. އަހަރެންގެ ނުރުހުމުގައިވެސް އަހަރެންގެ ފަރާތުން އުފާހޯދަމުން ދަނީއެވެ. އަހަރެންނަށް ހޭލެވުނީ އަލަމްގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަނިކޮންނެވެ. އަހަރެން ދެލޯހުޅުވާލީމެވެ. ނަމަވެސް އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އޭރުވެސް މީހަކު އަހަރެންގެ ގައިގާ ބީހެމުންދާކަމުގެ އިހުސާސް އަހަރެންނަށް ކުރެވެމުންދިޔައެވެ. އަހަރެން އޮތީ މިއީ ހަޤީޤަތެއްކަން ނުވަތަ ހުވަފެނެއްކަންވެސް ޔަޤީން ނުވެފައެވެ.

އޭނާގެ ކޮންމެ ބީހިލުމަކާއެކީ އަހަރެންގެ ހިއްސުތަކަށް ގޮތެއް ވެގެން ދެއެވެ. ދެލޯހުޅުވައިގެން އޮންނަތާ އިރުކޮޅެއް ފަހުން މިއީ ހުވަފެނެއް ނޫންކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެންމިވަނީ އަނިޔާވެރި ޝިކާރަވެރިއެއްގެ ވަކިތަކުގެ ތެރޭގައި ހައްޔަރުވެފައިކަން އެނގުމުން ގަތްބިރުން ނޭވާ މޭގެތެރޭގައި ތާށިވިހެން އަހަރެންނަށް ހީވިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް އަނގައިން އަޑެއްވެސް ލައްވައެއް ނުލެވުނެވެ. އޭނާގެ އަތުތެރެއިން ސަލާމަތްވާން ކިތަންމެ ބޭނުންވި ނަމަވެސް އަތެއްފައެއް ގުޑުވާވެސް ނުލެވުނެވެ.

ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމުގެ އިތުރުން އެހެން ޖަޒުބާތެއްވެސް މަޑުމަޑުން ހޭލަމުން އައެވެ. އެއިހުސާސް މަތަކުރަން ހިތްއެދުނު ނަމަވެސް ޖިސްމުދިޔައީ އެކަމަށް މަރުޙަބާ ކިޔަމުންނެވެ. މަޑުމަޑުން އަހަރެންގެ ހިއްސުތަކަށް އެޖަޒުބާތު އަތްގަދަކޮށްފިއެވެ. އެނުލަފާ މީހާގެ ހުޝިޔާރުކަމުން އަހަރެން މުޅިޖިސްމު ހިޞޯރުކޮށްފިއެވެ. ހިތްރޮއެ ރޮއެ އޮއްވައި އަހަރެންގެ ނަފްސުގެ ޝަރަފާއި އިއްޒަތް ނިގުޅައިގެންފިއެވެ. އަހަރެންނަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. ލޮލުން ފޭބި ކަރުނަތަކެއް ފިޔަވައެވެ. އޭނާގެ ކަރުހިއްކުން ފިލުމުން، އެއަނދިރިކަމުގެ ތެރެޔަށް އަހަރެން ދޫކޮށްލާފައި އޭނާ ނުކުމެގެން ދިޔައިރުވެސް އަހަރެން އެއޮތްގޮތަށް އޮތީއެވެ.

ހަށިގަނޑަށް ކުރެވުނު އާދަޔާޚިލާފު އިހުސާސެއްގެ ސަބަބުން ހިނދުކޮޅަކު އެގޮތަށް އޮންނަން މަޖުބޫރުވިއެވެ. ހަށިގަނޑުގެ ލޮޑުކަން ފިލާ ހަމަވިސްނުން އައުމާއެކީ ވެދިޔަކަންތައް ހަދާންވެ އަޑުން އަޑުނަގައި ރޮއެގަނެވިއްޖެއެވެ. ކާކުކަން ނޭނގޭމީހަކު އައިސް އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަނެގެން ދިޔައިރުވެސް، ހަރަކާތް ހުސްވެފައި އަހަރެންނަށް އޮވެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ކޮންމެ ބީހިލުމަކަށް ބޭއިޚުތިޔާރުގައި ނަމަވެސް އަހަރެންގެ ޖިސްމު މަރުހަބާ ކިއެވެ. އޭނާގެ ފިރުމުންތަކުން ހިނދުކޮޅަކަށް ނަމަވެސް އަހަރެންނަށް އަރާމުލިބުނެވެ. އޭނާގެ ކޮންމެ ބީހިލުމެއްގައި ގާތްކަމެއް ވެއެވެ. އެއީ ކާކު ހެއްޔެވެ؟ އެއީ އަނެއްކާ އަލަމް ހެއްޔެވެ؟ އަލަމް ބީހިލުމަކަށް ނޫނީ އަހަރެންގެ ޖިސްމެއްވެސް ނުރުހޭނެކަން ޔަޤީނެވެ. އޭނާގެ ގައިން ދުވީވެސް އަލަމްގެ ގައިން މިއަދު ދުވި ސެންޓްގެ ވަހެވެ.

” ނޫން…ނޫން….އަލަމް އެހެނެއް ނުހަދާނެ…..އަލަމް އެހާގޯހެއްނުވާނެ..” ރޮމުން ރޮމުން އަހަރެންނަށް ބާލީހުގައި ބައްދާލެވުނެވެ. އެވަގުތު ބާލީހާއެކު ހަރު އެއްޗެއްގައި އަހަރެންގެ އަތްޖެހުނެވެ. އަހަރެން އެއެއްޗެއް ނެގީމެވެ. އަނދިރީގެ ތެރެއިންވެސް އެއީ ގަޑިއެއްކަން އަހަރެންނަށް އެނގުނެވެ. އަހަރެން ބެޑްލައިޓް ޖައްސާލީމެވެ. ނަމަވެސް ނުދިއްލުނެވެ. އެންމެފަހުން އަހަރެން ތެދުވެ ކޮޓަރީގެ މައިލައިޓް ދިއްލާލީމެވެ. އަހަރެން ރަނގަޅަށް އެގަޑިއަށް ބަލާލުމުން އަނެއްކާވެސް އަހަރެންނަށް ރޮވެގެނެވުނެވެ.

އެއީ ހަމަ އަލަމްގެ ގަޑިއެވެ. މިއަދު މެންދުރު ވަގުތު އަލަމް އަޅައިގެން ހުރީ އެގަޑިއެވެ. އެގަޑި ރީތިވެގެންވެސް އަހަރެން ބުނީމެވެ. އެހާ ފަސޭހައިން އަހަރެންނަށް އެގަޑި ފާހަގަކުރަން އެގުނީވެސް އެހެންވެގެންނެވެ. ވީދެރައިން އަހަރެންނަށް ހުރިތަނަށް ތިރިވެވުނެވެ. ވަފާތެރިކަންމަތީ އަހަރެން އަލަމްގެ އިންތިޒާރުގައި ހުއްޓައިވެސް އޭނާ އަހަރެންނަށް އެވަރުގެ ބޮޑު ދެރައެއްދިނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހިތުގެ އަޑިން އަލަމްދެކެ ސާފުތޯހިރު ލޯބިވީއިރު، އަލަމް އަހަރެން ދެކެވީ ލޯބީގެ އަސްލަކީ މިއީ ހެއްޔެވެ؟

މުށިތަކުމަތީ އިނދެގެން ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ހިތުގައި އެތައް ޝަކުވާއެއް އުތުރިއަރަމުން ދިޔައެވެ. އަލަމް އަހަރެންނަށް އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟ އޭނާ ލޯބިވީ ހަމައެކަނި އަހަރެންގެ ހަށިގަނޑު ދެކެ ހެއްޔެވެ؟ އޭނާގެ އަސްލަކީ މިއީ ހެއްޔެވެ؟ ރިޒޯޓަށް އައުމުން ތަނުގެ މާހައުލާއި އެއްގޮތަށް އަލަމްވެސް ބަދަލުވީ ހެއްޔެވެ؟ ނޫނީ ކުރިންވެސް އަލަމްއަކީ ވިޔާނުދާ މީހަކީ ހެއްޔެވެ؟ ކުރިން މިފަދަ ފުރުސަތެއް ނުލިބިގެން އޭނާ ބޭނުން ކަންތައް ނުކުރެވިގެން ހުރީކަމުގައިވެސް ވެދާނެއެވެ.

އަހަރެން ރިޒޯޓަށް އައުމުން އޭނާގެ ސިކުނޑިއަށް ޝައިތާނާ ސަވާރުވެގެން ރޭވުމެއް ރޭވީކަން ޔަޤީނެވެ.  ރިޒޯޓަށް އައިފަހުން އަހަރެން އާދަޔާ ޚިޔާފަށް ނިދިގަދަވިއެވެ. ކޮންމެ ރެއަކު ރޫމްބޯއީ ގެނެސްދޭ ކޮފީއާމެދު އަހަރެންނަށް ވިސްނާލަން މަޖުބޫރުވީ ދެނެވެ. އެއީ އެކޮފީގެ ސަބަބުން ވާކަމެއްކަން މިހާރު އަހަރެންނަށް ޔަގީން ވެއްޖެއެވެ. ރޭގައި ކޮފީމަގު ވެއްޓި ތެޅުމުގެ ސަބަބުން އަހަރެންނަށް ބޮވުނީ އެއިން ބައެކެވެ. އެހެންކަމުން ރޭގައި ކުރަންވާވަރަށް އެކޮފީގެ އަސަރު އަހަރެންނަށް ނުކުރީއެވެ. މެންދަމު ވަގުތު އަހަރެންނަށް ހޭލެވުނީ އެހެން ވެގެންނެވެ. އެއީ އޭނާގެ ހަޤީޤަތް އަހަރެންނަށް އެނގެންވެގެން ވީކަމެއް ކަންނޭނގެއެވެ. މިރަށަށް އައީއްސުރެ އޭނާ އެދަނީ އެރޫމްބޯއީއާ ގުޅިގެން އަހަރެންގެ ފަރާތުން ނާޖާއިޒް ފައިދާ ނަގަމުންނެވެ. އާނއެކެވެ. އެއީ ނުލަފާ މަކަރުވެރިއެކެވެ. އެކަމުގެ ހެކި މިއޮތީ ފެންނާށެވެ. ވަގުތުން އަހަރެންގެ ހިތުގައި އަލަމްއާމެދު ނަފްރަތުގެ ހުޅު ރޯވެގެން ހިނގައްޖެއެވެ.

އެތާއިނދެ ރޮއެ ރޮއެ ވަރުބަލިވެގެން އައިސް އަނެއްކާވެސް އެނދުގައި އޮށޯތީމެވެ. ލޮލުން ކަރުނަފުހެމުން އަހަރެން ވިސްނަމުން ދިޔައީމެވެ. އަލަމްއާއި އެކީ އުފާވެރި ހަޔާތެއް ވޭތިކުރުމަށްޓަކައި އަހަރެން ބިނާކުރަމުން ދިޔަ ލޯބީގެ ޚިޔާލީ ގަނޑުވަރު ފުނޑު ފުނޑުވެ ބިމާހަމަ ވެއްޖެއެވެ. އަލަމްއާއެކު ވެވުނު ލޯބީގެ ބައްދަލުވުންތަކުގައި ކުރެވުނު އަހުދުތަކާއި ވަޢުދުތަކަކީ މާނައެއްނެތް ބޭކާރު އެއްޗަކަށް ވެގެން ހިނގައްޖެއެވެ. ދެން އިތުރަށް އަހަރެން އަލަމްގެ ފަރާތުން ކުރަންވީ ކޮން އުއްމީދެއް ހެއްޔެވެ؟  މަންމަ ނެތް ދުނިޔޭގައި އަހަރެންނަށާއި ބައްޕައަށް އެންމެ ބޮޑަށް އަޅާލައި ލޯބިދޭނެ މީހަކީ އަލަމް ކަމުގައި އަހަރެންނަށް ހީކުރެވުނެވެ. ނަމަވެސް އޭނާ މިވީ އަހަރެން ހީކުރިފަދަ މާތްމީހަކަށް ނޫނެވެ. އެއަށްވުރެ ގޮތްކުޑަ ވިޔާނުދާ މީހަކަށެވެ. އަހަރެން ދުވަހަކުވެސް އަލަމްއަކަށް މާފެއް ނުކުރާނަމެވެ. އެއީ މާފުލިބުން ހައްޤުވާވަރަށް ވުރެ ބޮޑު ކުށްވެރިއެކެވެ.

ފަތިސްވެ އިރުއަރާންދެން ހިތާހިތުން ޝަކުވާކުރަމުން އަހަރެންރުއީމެވެ. އަހަރެން ބޯއަޅައިގެން އޮތްބާލީސް ކަރުނައިން ފޯވިއެވެ. ފުރަތަމަލޯބިން ލިބުނު ކެހިވެރިކަމުން ހިތަށްކުރި އަސަރަކީ ބަޔާންކުރަން ދަތި އެއްޗެކެވެ. އެވަގުތު މަންމަގެ މަތިންވެސް ހަނދާންވެ އިތުރަށް ދެރަވިއެވެ. މާގިނައިން ރުއިމުގެ ސަބަބުން ދެލޯރަތްވެ ދުޅަވިއެވެ. ފަތިސްވުމުން ހިތްވަރުކޮށްފައި ތެދުވެ ފެންވަރައިގެން ނަމާދު ކުރީމެވެ. ހިތުގެ ވޭން ލުއިކުރައްވާތޯ ދެއަތް އުފުލައި ދުޢާކުރަން ފެށީމެވެ. އެކަމުގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

ހެނދުނުގެ ސައިގަޑިޖެހުމުންވެސް އަހަރެން ކޮޓަރިން ނުނުކުތުމުން ދައްތަ އަހަރެންނަށް ގޮވަން އައެވެ. އަހަރެން ޖެހިލުންވެ ހުރެގޮސް ދޮރުހުޅުވީމެވެ.

” ޝެލީން….ހާދަ ވަރަކަށޭ ތިނިދަނީ….ސައިވެސް ނުބޮނީތަ މިއަދު؟” ދޮރުހުޅުވާލުމާއެކީ ދައްތަ ސުވާލުކޮށްލިއެވެ. އަހަރެން އެއްޗެއް ނުބުނެ އަވަހަށް އިސްޖަހާލީމެވެ.

” ޝެލީން!!….ކިހިނެއްވެފަ ތިހުރީ؟….މުޅިމޫނު ރަތްވެ ދެލޯވެސް ދުޅަވެފައެއްނު ތިހުރީ….ކިހިނެއްތަވީ؟…ދައްތަގާތު ބުނެބަލަ ވެގެން އުޅޭގޮތެއް..” އަހަރެންގެ މޫނު ފެނުމާއެކު ހައިރާންވެ، ކަންބޮޑުވެފައި ދައްތަ ސުވާލުކޮށްލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ދައްތަގެ ސުވާލުތަކަށް ޖަވާބުދޭނެގޮތެއް ނޭނގިގެން އަނެއްކާވެސް އަހަރެންނަށް ރޮވުނީއެވެ.

” ޝެލީން!….ޕްލީޒް..ހުއްޓާލާފަ ތިވެގެން އުޅޭގޮތެއް ނިކަން ބުނެދީބަލަ!…..އޭރުންނެއްނު ދައްތައަށްވެސް އެހީއެއް ވެވޭނީ….” ދައްތަ ދެރަވެލާފައި އެހެންބުނުމުން އަހަރެންނަށް ދައްތަގެ ގައިގާ އޮޅުލައިގަނެވުނެވެ. ނަމަވެސް އަލަމްގެ ވާހަކަ ބުނާހައި ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އެތައްއިރަކު ރުއިމަށްފަހު އަހަރެން ކުޑަކޮށް ހަމަޔަކަށް އެޅުނެވެ.

” ރޭގަ ހުވަފެނެއް ފެނުނީމަ، މިއަދު މަންމަމަތިން މާބޮޑަށް ހަނދާންވީ….” އަލަމް ކަންތައްކުރި ގޮތުގެ ވާހަކަ ބުނަންނުކެރިގެން އަހަރެން ދޮގެއް ހެދީމެވެ. ރޭގައެވީ ކަންތަކަކީ ހުވަފެނަކަށް ވާނެނަމައޭ އެވަގުތުވެސް އަހަރެންގެ ހިތަށް އެރިއެވެ.

ދައްތަ އާދޭސްކުރަން ފެށުމުން އަހަރެން ކުޑަގޮތަކަށް ހެނދުނުގެ ނާސްކުރީމެވެ. ނަމަވެސް ކޮޓަރިން ބޭރަށް ނުކުންނަހިތެއް އަހަރެން ނުވިއެވެ. ނަމަވެސް އަނެއްކާވެސް ދައްތަގެ ސަބަބުން ކޮޓަރިން ނުކުންނަށް މަޖުބޫރުވިއެވެ. އަހަރެން ދައްތައާއެކު ހިނގާފައި ދިޔައިރުވެސް ސިއްރު ސިއްރުން ކޮޅުކޮޅު ހޯދެމުން ދިޔައީ އަލަމް ފެނިދާނެތީއެވެ. އަލަމްގެ މޫނުދެކޭކަށްވެސް މިހާރަކު އަހަރެން ބޭނުމެއްނޫނެވެ.

އަހަރެމެން ގޮނޑުދޮށުގައި ހިނގަމުން ގޮސް އަހަރެންނަށް ބަލާލެވުނު ވަގުތު ކުއްލިއަކަށް ފާލަންމަތީގައި ހުރި އަލަމްއަށް އަހަރެންނަށް ފެނުނެވެ. ފާލަން ކައިރީގައިއޮތް ލޯންޗަކާދިމާއަށް ކުޑަކޮށް ގުދުވެލުމަށްފަހު އޭގައިއިން މީހަކާ ދިމާއަށް އަލަމް އަތްދިއްކޮށްލިއެވެ. އަލަމްގެ އަތުގައި ހިފައިގެން އެއިންފޭބި ދޮން އަންހެން ކުއްޖާ ފެނުމުން އަހަރެންގެ ހިތުގައި ހުޅުރޯވިއެވެ. އޭނާގެ ފަހަތުން އަނެއްކާވެސް އިތުރު އަންހެން ކުއްޖަކުފޭބިއެވެ. ބިކިނީލައިގެންތިބި ދެއަންހެން ކުދީންގެ މެދުގައި ހުރެގެން އަލަމް ހެމުން ވާހަކަ ދައްކަމުން އެއްގަމަށް ހިނގައިގަތް މަންޒަރުބަލަންހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެއްޖެއެވެ. އަހަރެންނަށް އެވަރުގެ ބޮޑުދެރައެއްދީފައި އެނުލަފާ އިންސާނާގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ކޮންކަހަލަ ރަހުމެއްނެތް ހިތެއް ހެއްޔެވެ؟ އަލަމްގެ އަސްލުސިފައަކީ މިއީތާއެވެ. މިއީ ކުރީގެ އަލަމްއެއް ނޫނެވެ. މިވީ މަދުދުވަސްކޮޅުގެ ތެރޭގައި އޭނާއެވަނީ މުޅިން ބަދަލުވެފައެވެ. އޮރިޔާމުންތިބި ބަޔަކާއެކީ ހިނގާފައިދިޔައިރު ލަދެއްވެސް ނުގަތެވެ. ވީދެރައިން އައިކޮޅަށް އެނބުރި ދުއްވައިގަތީމެވެ. ދައްތަ ގޮވަގޮވާ އޮއްވައި އަހަރެން އައިސް ކޮޓަރިއަށްވަދެ ދޮރުތަޅުލީމެވެ.

ދައްތައައިސް ދޮރުގައި ތަޅާތަޅާވެސް އަހަރެން ދޮރެއް ނުހުޅުވީމެވެ. އެދުވަހު އެއްކޮށްވެސް އަހަރެން ކޮޓަރިއަކުން ނުނިކުންނަމެވެ. ދައްތަ އިރުއިރުކޮޅުން އައިސް ދޮރުގައި ޓަކިދެއެވެ. ރޮއެރޮއެ ވަރުބަލިވެގެން އަހަރެންނަށް ނިދުނީއެވެ. ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެއެވެ. ދެލޯހުޅުވާލިއިރު މުޅިކޮޓަރިތެރެއަށްވަނީ ކަނުއަނދިރިކަން ވެރިވެފައެވެ. ބިރުން ގޮސް އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

އަނެއްކާވެސް އަލަމް އައީހެއްޔެވެ؟ އަތެއްފައެއް ގުޑުވާލަންވެސް ނުކެރިފައި އެއޮތްގޮތަށް އިރުކޮޅެއްވާންދެން އަހަރެން އޮތީމެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. އަހަރެން މަޑުމަޑުން ބެޑްލައިޓްގެ ސްވިޗް ޖައްސާލީމެވެ. ކުއްލިއަކަށް ލައިޓްދިއްލުމުން އަހަރެން ސިހުނެވެ. ރޭގައި އެލައިޓް އަނދާފައި ހުރިހަނދާން އަހަރެންވެއެވެ. ނަމަވެސް މިހާރު މިހުރީ ދިއްލިފައެވެ. ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލުމަށްފަހު އަހަރެން މަޑުމަޑުން ތެދުވީމެވެ. ފާޚާނާއަށް ވަނީވެސް ބިރުންހުރެއެވެ. އޭރު ބަނޑުހައިވެގެން ގޮސް ދެފައިވެސް ތުރުތުރުއަޅަމުން ދެއެވެ.

ފާޚާނާއިން ނުކުތްވަގުތު އަހަރެންގެ ނަޒަރުހުއްޓުނީ ސައިޑްކަބަޑްމަތީހުރި ކާއެއްޗެއްސަށެވެ. ބަނޑުހައިވެފައިހުރިވަރުން އެއަށް އެއްޗެއް އަޅާފައި ހުރެދާނެކަމަކަށްވެސް ވިސްނުމެއްނެތި އަހަރެން ކާންފެށީމެވެ. އެފަދަ އެއްޗެއް ހިތަށްއެރީވެސް ކައިނިމުނު ފަހުންނެވެ. އެއީވެސް އަލަމް ގެނައި އެއްޗަކަށް ނޫނީ ނުވާނެއެވެ. އަހަރެންނަށް މިހާލުޖައްސާފައިވެސް ހަމްދަރުދީ ވާކަމަށް ހެދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެކެއުމުން ވެދާނެގޮތަކާމެދު ކަންބޮޑުވެގެން އެތައްއިރަކު އޮށޯންނަން ނުކެރިފައި އިނީމެވެ. ނަމަވެސް އެތައް އިރެއްވީއިރުވެސް ގޮތެއްނުވިއެވެ. އެންމެފަހުން ވަރުބަލިވެގެން އަނެއްކާވެސް އެނދުގައި އޮށޯތީމެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިއޮއްވާ ނިދުނުއިރެއްވެސް ނޭނގެއެވެ.

އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ ދައްތަގޮވާ އަޑަށެވެ. އަހަރެން ދެލޯހުޅުވާލުމަށްފަހު ވަށައިގެން ހޯދާލިއިރު އިރުއަރާ އެތައްދަމެއް ވެއްޖެއެވެ. މަޑުމަޑުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު ދައްތަހުރީ ކަންބޮޑުވެފައެވެ.

“ޝެލީން…..ކިހިނެއްތަ ތިއުޅެނީ؟….ދައްތަ މިހާރު ކަންބޮޑުވެގެން ހަލާކުވާ ވަރުވެއްޖެ…..ޝެލީންގެ ބައްޕަވެސް ގުޅައިފި ދެންމެގަ….ދައްތައަށް ޖެހުނީ ދޮގެއްހަދަން……ދެން ތިވެގެން އުޅޭގޮތެއްވެސް ބުނީމައެއްނު އެނގޭނީ” ކޮޓަރިއަށް ވަނުމާއެކީ ދައްތަ ޝަކުވާކުރިއެވެ. އަހަރެން ވިސްނާލީމެވެ. ދައްތައަށް ހަޤީޤަތް ކިޔައިދޭންވީ ބާއެވެ؟ އެހެން ހަދައިފިނަމަ ދައްތަ ވަގުތުން އަލަމްއާމެދު ފިޔަވަޅުއަޅަން ނިންމާނެއެވެ. އެހެން ވެއްޖެނަމަ އެންމެނަށް އެކަން އެނގި އަހަރެންވެސް ބަދުނާމުވާނެއެވެ. އެންމެ ރަނގަޅުވާނީ ނުބުނުމެވެ.

” ދައްތާ! އަހަރެން ބޭނުމީ މާލެދާން……އެއްގޮތަކަށްވެސް މަޖަލެއްނޫން ރިޒޯޓެއް……ވަރަށްފޫހިވޭ…” އަހަރެން ހަޤީޤަތް ސިއްރުކުރަމުން ބަހަނާއެއް ދެއްކީމެވެ.

” ދައްތައަށް އެނގޭ ޝެލީން ކޮންމެވެސް ކަމަކާ ވަރަށް ދެރަވެފަކަން ތިހުރީ……އަނެއްކާ އަލަމްގެ ކަމެއްތަ؟…..ދެމީހުންގެ މެދުގަ މައްސަލައެއް ޖެހުނީތަ؟” ދައްތަ ސުވާލުކޮށްލިއެވެ. އަލަމްގެ ނަން އިވުމާއެކު އަހަރެންގެ ހިތްތެޅިގަތެވެ. ބުނަން ބޭނުންވިޔަސް އަހަރެން އެވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ ބުނުމުން ވާނެ ފައިދާއެއްވެސް ނެތްތާނގައި ވާނީ އިތުރު ބަދުނާމެކެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ އިއްފަތްތެރިކަން މިވަނީ ގެއްލިފައެވެ. ދެން ކުރެވޭނެ ކަމެއްވެސް ނެތެވެ.

” ނޫން އަހަރެން ރަށަށްދާހިތްވަނީ…..މިރަށް ވަރަށްފޫހި….” ތެދު ނުބުނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

” ދެން ޝެލީން ބުނަން ބޭނުން ނެތިއްޔާ ކުރާނެކަމެއްނެތް…..ދެން ހިނގާމާލެދާން….ދައްތަ ވަރަށް އުފަލުންހުރީ ޝެލީންއަށް ރިޒޯޓް މާހައުލު ކަމުދާނެކަމަށް ހީކޮށް…..ޝެލީން އުފާކޮށްލަން ގެނައީ އެކަމް…..ކަންތައް މިވީ މުޅިން އިދިކޮޅަށްދޯ….ޝެލީން ސައިބޮއެގެން ތައްޔާރުވޭ!…..ދައްތަ އަންނާނަން ފުރުމުގެ ކަންތައް ހަމަޖައްސާފަ” ދައްތަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

ދައްތަ ދިޔަތާ ގިނައިރުތަކެއް ނުވަނީސް މީހަކު ދޮރުގައި ޓަކިދިނެވެ. އަހަރެން ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ އަލަމްއެކެވެ. އަލަމް ފެނިފައި އަހަރެން ވަގުތުން ގަނޑުވިއެވެ. އަލަމްއާ ހަތަރުކަޅި ހަމަވީ ވަގުތު ވެދިޔަކަންތައްވެސް ހިނދުކޮޅަކަށް ހަނދާންނެތުނެވެ. އެދެލޮލުން އަހަރެންނަށް ފެނުނީ މައުސޫކަމެވެ. ތުންފަތުގައިވި ރީތިހިނިތުންވުމުގެ ސަބަބުން އެމައުސޫމުކަން އިތުރުކޮށްދީފައިވެއެވެ. މިފަދަ މައުސޫމު ސިފައެއްގައި މިހުރީ ހަމަ ބޮޑު މަކަރުވެރިއެއްކަން ގަބޫލުކުރާނީވެސް ކާކުހެއްޔެވެ؟

” ހޭއި…ބޭބީ ކިހިނެއްވީ؟….ބަލީތަ؟” އަލަމް ކަންބޮޑުވެފައި ސުވާލުކޮށްލިގޮތުން ހީވީ އޭނާއަށް އެއްވެސްކަމެއް ނޭނގޭހެންނެވެ.

” ނުވަންނާތި!” އަލަމް ކޮޓަރިތެރެއަށް ވަންނަން ދިމާކޮށްލި ވަގުތު އަހަރެން އަމުރުކޮށްލިގޮތުން ހައިރާންވެފައި އަލަމް ހުއްޓުނެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަލަމްގެ ގަޑިހިފައިގެން އައިސް އޭނާއާ ދިމާއަށް ހޫރާލީމެވެ. އަލަމް ނުވިސްނާ ހުއްޓައި އެބަރުގަޑި ގޮސްޖެހުނީ އޭނާގެ މޫނުގައެވެ. ތަދުވެގެން އޭނާގެ އަނގައިން އަޑެއްވެސް ލައްވާލިއެވެ. އަލަމްއަށް އަނިޔާވުމުން އެވަގުތުވެސް އަހަރެން ދެރަވިއެވެ. ހިނދުކޮޅަކަށް އަހަރެންގެ ހިތް މަޑުވެސްވިއެވެ. އަލަމް ގުދުވެފައި ބިންމައްޗަށް ވެއްޓުނު ގަޑިނެގިއެވެ.

” ޝެލީ!  ކިހިނެއްވީ؟….ކިހިނެއް މިގަޑި ޝެލީއަށް ލިބުނީ؟” ހައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލާލަމުން އަލަމް އަހާލިގޮތުން އަހަރެންގެ ރުޅިގަދަވިއެވެ. އަދިވެސް އޭނާ “އެކްޓް” ކުރަނީ ހެއްޔެވެ؟ ކުރެވުނު ކަންތަކާ ކުޑަކޮށްވެސް ދެރައެއް ނުވިއެވެ.

” ނޭނގޭކަމަށް ހަދާނެ ކަމެއްނެތް!….ތިއޮތީ އެކަމުގެ ހެކި…..ހުރިހާކަމެއްކޮށްފަ އަދިވެސް….އަދިވެސް އެކްޓްކުރަންވީތަ؟…..އަހަރެންގެ ކޮންކުށެއް އޮވެގެން އެހެންހެދީ؟….އަހަރެން ވީލޯބީގެ ބަދަލު އަލަމްއަށް ދޭން އެނގުނުގޮތަކީ އެއީތަ؟…އައި ހޭޓް ޔޫ…. އައި ރިއަލީ ހޭޓް ޔޫ…” ހިތުގައި ޖެހުނުވަރުން އަހަރެންގެ އަޑުބެދުނެވެ.

” ޝެލީން ކީކޭތަ ތިކިޔަނީ؟….އަހަރެން ކީއްތަކުރީ؟….ކާކު ކީކޭ ބުނެގެންތަ ޝެލީ ތިހާ ރުޅިއައިސްގެން ތިއުޅެނީ؟….ޕްލީޒް ބުނެބަލަ!” އަލަމް ދެރަވެފައި އަހާލިގޮތުން ހީވީ ހަޤީޤަތުގައިވެސް އޭނާއަށް ވެގެން އުޅޭގޮތެއް ނޭނގޭހެންނެވެ. އަހަރެންނަށް އިތުރަށް ބަހެއްނުބުނެ ރޮވެންފެށިއެވެ.

” ޕްލީޒް ބޭބީ” އަލަމް އަނެއްކާވެސް ވަންނަން ދިމާކޮށްލިއެވެ.

” ގޯ…ގޯ…. ގެޓް ލޮސްޓް…..އަހަރެން ދުވަހަކުވެސް މާފެއްނުކުރާނަން…..ދުވަހަކުވެސް ނުކުރާނަން..” އަލަމްގެ މޭގައި އަޅައި ކޮށްޕާލުމަށްފަހު އަހަރެން ދޮރުލައްޕާ ތަޅުލީމެވެ. ދޮރުފައިގައި ލެނގިގެން ހުރެ ގިސްލަ ގިސްލާފައި އަހަރެން ރޮމުން ދިޔައިރު އަލަމް ބޭރުގައި ހުރެގެން އަހަރެންނަށް ގޮވަމުން ދިޔައެވެ.

” ޝެލީ ޕްލީޒް..ވީގޮތެއް ބުނެދީބަލަ!….އާދޭސްކޮށްފަ މިބުނީ…..އަހަރެންނަކަށް ނޭނގެ ޝެލީ ތިދައްކާ ވާހަކައެއް…..އަދި ޝެލީއަށް މިގަޑި ލިބުނުގޮތެއްވެސް…..ޕްލީޒް ޝެލީ…ދޮރުހުޅުވަބަލަ!” އަލަމް ބޭރުގައި ހުރެގެން ދޮރުގައި ތަޅަމުން ދިޔައެވެ.

” ކިހިނެއްވީތަ އަލަމް؟….ކީއްވެތަ މިހާހުރެގެން ތިއަޑުގަދަ ކުރަނީ؟…” ބޭރުން ދައްތަގެ އަޑުއިވުމުން އަހަރެން ކަންބޮޑުވިއެވެ.

” ޝެލީ ހުރީ ވަރަށް ރުޅިއައިސްފަ….ގޮވާ ގޮވާވެސް ދޮރެއް ނުހުޅުވި…ނޭނގެ ވީގޮތެއްވެސް…..ދައްތާ ޕްލީޒް….ޝެލީގާތު ބުނެބަލަ ދިޔުމުގެކުރިން އަހަރެންނާ ބައްދަލުކޮށްލާށޭ!…..އަހަރެން ބޭނުން ޝެލީއާ ވާހަކަ ދައްކާލަން…” އަލަމް އާދޭސްކުރާ ރާގަކަށް ބުންޏެވެ. އަލަމް ދިޔުމުން ދައްތަ ގޮވާލިއެވެ

” ކޮބާ….މިހާރު ތައްޔާރުވީތަ؟….” ކޮޓަރިތެރެއަށް ވަނުމާއެކު ދައްތަ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ.

” އަލަމްބުނި ޝެލީންއާ ބައްދަލުކޮށްލަން ބޭނުމޭ…..އަލަމްއަށް ގޮވަންތަ؟” އަހަރެންނަށް ބަލާލަމުން ދައްތަ އަހާލިއެވެ.

” ނޫން…މިހާރު ވަގުތެއް ނެތެއްނު!…” އަހަރެން އަވަސް އަވަހަށް ބުނީމެވެ. ދައްތަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އަހަރެމެން ފާލަން ކައިރިއަށް ދިޔައިރު ބޭބެ ހުރީ ފާރޫޤުބެއާއެކީ ފާލަންމަތީގައި އަހަރެމެންގެ އިންތިޒާރުގައެވެ. އަހަރެމެން ލޯންޗަށް އަރައިގެން ދުއްވާލިފަހުން ދުވެފައި އައިސް އަލަމް ފާލަން މައްޗަށް އެރިމަންޒަރު އަހަރެން ދުށީމެވެ. އަހަރެން ފަހު ފަހަރަށް އަލަމްއަށް ބަލާލީމެވެ. އަލަމް ދެރަވެފައި ބަލަންހުރިގޮތުން ހިތަށް ތަދުވެސްވިއެވެ. ކުރެވުނުކަންތައް ފަޅާއެރީތީ ދެރަވީ ކަންނޭނގެއެވެ.

25

29 Comments

 1. ifaasha

  November 30, 2016 at 2:45 pm

  mivaahaka vv reethi mirey up koh dheythi please

 2. Maree

  November 30, 2016 at 3:12 pm

  vvv reethi

 3. mixoo

  November 30, 2016 at 3:21 pm

  nice

 4. new

  November 30, 2016 at 3:39 pm

  V.V.Reethi v.inthixaaru kurevihe.

 5. new

  November 30, 2016 at 3:40 pm

  V.V.Reethi v.inthixaaru kurevihje.

 6. Aby

  November 30, 2016 at 3:47 pm

  Beybe kiyaa myhaa kunneyge egotha kantha kury.

 7. Elsaa

  November 30, 2016 at 3:48 pm

  Ae alam kuri kamehh noon dhw aslu??

 8. Cutie

  November 30, 2016 at 3:51 pm

  Wow it’s amazing. Pls up kohdhehchey avahah.????

 9. Anonymous

  November 30, 2016 at 4:12 pm

  Vvvv reethi shine s best ?

 10. Ana

  November 30, 2016 at 4:24 pm

  Aslu beybe ah kury dhuvahu shally ge vanaa ahthah haama ah fenunyma feelings thah out of his control thats y he is chaged like Alam and do every thing … So he got oll the feeling which he likes from shally aaah vvv salhi nd tnx shine

 11. yax

  November 30, 2016 at 4:31 pm

  eh alam eh nun dhoa! ey shiyaz dhoa!
  Any way the story is beautiful?

 12. Amy

  November 30, 2016 at 4:32 pm

  Wow kiyaabaathuhay

 13. Shau

  November 30, 2016 at 4:33 pm

  V kiyaahigvehje v reethi mibaivess gana superb ?????????

 14. faidhaS

  November 30, 2016 at 4:56 pm

  Alhe haadha gohey, E ee Shiyaax, haadha gohey,

  • crazy

   November 30, 2016 at 9:03 pm

   varah reethi plz up kohladheeba avahah .haadha inthizaar kureveyey.alhe alam ah kamuge hageegah ehgeynetha ?

 15. naan

  November 30, 2016 at 6:20 pm

  Eiy dhahtha ge reyvun gandeh hen heevany

 16. Pop

  November 30, 2016 at 6:51 pm

  Vv salhi

 17. Pop

  November 30, 2016 at 6:52 pm

  Gaumee dhuvahuge thaguniya shine ah aris kuran… Hehe

 18. Pop

  November 30, 2016 at 6:53 pm

  Gaumee dhuvahuge thahuniya shine ah aris kuran… Hehe

 19. Ain

  November 30, 2016 at 6:57 pm

  dhen preg vaani dhw shelyn

 20. Herrr

  November 30, 2016 at 7:13 pm

  Eiy alam eh noon. Eiy hama e shiyaaz. Her ah heevany shaamin eiy shelyn ge son hen

 21. Anonymous

  November 30, 2016 at 8:41 pm

  yageeney a e beybe ge kamehkan.. waiting for another part

 22. Leybomeehaa

  November 30, 2016 at 8:43 pm

  Ey alameh noon eh bebegadu hadhaa nulafaabulhaagadheh huvaa nolhaalanvey rolaakaalan????

 23. Zyth

  November 30, 2016 at 9:16 pm

  haadha loabi veyey dhw shelyn dheke e beybe enme fahun baby shelyn mi v beybe ge karu hikkun filuvaalan boali fen fodhakah dhw

 24. Write

  December 1, 2016 at 12:25 am

  Aee shiyaaz dhw Ehen v ma shaamin aee sheleen aa shiyaaz ge kujjethaa dhw anyway stry v hit v furihama n waitin nxt prt plx up fast

 25. imagination

  December 1, 2016 at 1:58 am

  waaaooohhhh..speechles <3.
  please shamin mi kiyaafa alam hoadhaigen alam n shely gulhuvaaba ples ples ples.. e shiyaaxu v maraalaafa rolaa kaalan. hithah arani dhahtha ah ves aslu haggeegai neyngeni baaey

 26. Xeeee

  December 1, 2016 at 7:56 am

  Keehvetha xeeee ge comment publish nukurany

 27. Sha

  December 1, 2016 at 9:00 am

  Nice. Please upload the next part soon..

 28. Fathun

  December 12, 2018 at 9:48 am

  Alam ekeve.. Mee kon bahuruvaehtha?

Comments are closed.