މާލެ އާދެވުމުންވެސް ހިތަކަށް ލުއިކަމެއް ނުލިބުނެވެ. ރޭގަނޑު ނިދަން އޮންނައިރު ބިރުގަނެއެވެ. ލޯމަރައިގެން އޮތަސް ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. ރަނގަޅަކަށް ނުކެވެއެވެ. ކުރެވޭކަމަކީ އަބަދުވެސް ކޮޓަރީގައި އޮވެގެން އަލަމްގެ މަކަރުވެރިކަމާމެދު ވިސްނަވިސްނާފައި ރުއިމެވެ.
” ޝެލީން…..ދެން ބޭރުތެރެއަށް ނުކުމެ މީހުނާ ވާހަކަދައްކާ އުޅުނީމައެއްނު ހިތްހަމަވެސް ޖެހޭނީ…..އަލަމްއާ ޖެހުނު މައްސަލައެއްގަ އެންމެނާ ގުޅުން ކަނޑާލުން އެއީ ރަނގަޅުގޮތެއްނޫން…..” ދައްތަ އަހަރެންނަށް ވިސްނަދޭން އުޅުނެވެ.
” ދައްތާ! އަހަރެން ބޭނުމީ އަވަހަށް ރަށަށްދާން….” އަހަރެން ބޭނުންވާ ގޮތް ބުނީމެވެ.
” އެކަމު ދައްތައަކަށް ނުފެނޭ ޝެލީން ތިގޮތަށް އުޅެން ބައްޕަގެ ގާތަށް ރަށަށްދާކަށް…..ބައްޕަ ކިހާދެރަވާނެ ޝެލީން ތިހެން އުޅުނީމަ….ސުވާލުވެސް ކުރާނެއްނު….ޝެލީން ހަމަޔަކަށް އެޅުނީމަ ރަށަށްދާނީ…” ދައްތަ ބުނީވެސް ތެދެކެވެ. ބައްޕަގެ ގާތަށް އަހަރެންދާން ޖެހޭނީ އަހަރެންގެ ހާލަތު ހަމައަކަށް އެޅުމުންނެވެ.
ރިޒޯޓުން އައިތާ ހަފްތާއެއްފަހުން އަހަރެންނަށް ތަފާތުގޮތްތަކެއް ވާންފެށިއެވެ. ބޯއަނބުރާ ހޮޑުލެވެން ފެށިއެވެ. ތަފާތު ވައްތަރުގެ އެއްޗެހީގެ ވަސްވަހުން އަބަދުވެސް ހުންނަނީ ބޮލަށް އެނބުރުން އަރާފައެވެ. ބައެއް އެއްޗެހި ކާހިތްވިއިރު އަނެއްބައި އެއްޗެހި ނުބައިވިއެވެ. މިއަލާމާތްތައް ފެންނަން ފެށުމުން އަހަރެން ބިރުގަތެވެ. މިއީ ކޮންކަމެއްގެ އަލާމާތެއްކަން އަހަރެންނަށް ވިސްނެންފެށިއެވެ. މަންމަ، ކޮއްކޮއަށް ބަލިވެއިނުމާއެކު މިފަދަ އަލާމާތްތަކެއް ކުރިމަތިވިއެވެ. އަހަރެންވެސް ބަލިވެއިނީކަން ނޭނގެއެވެ.
އަހަރެން ބަލިވާން ފެށުމުން ދައްތަ އަހަރެން ގޮވައިގެން ޑަކްޓަރަށް ދައްކަށް ދާންއުޅުމުން އަހަރެން އިންކާރުކުރީމެވެ. ނަމަވެސް ދައްތަ ރުޅިއައުމުން ބިރުން އަހަރެންނަށް ދާން މަޖުބޫރުވިއެވެ. ދައްތަ އަހަރެން ގޮވައިގެން ދިޔައީ އަންހެނުންގެ ޚާއްސަ ކުލިނިކަށެވެ. އަހަރެންގެ ކުޑަކަމުދާ އެއްޗެއްސާއި ލޭނެގުމަށްފަހު ޓެސްޓް ހެދުނެވެ. އަނެއް ދުވަހު ދައްތަ ރިޕޯރޓް ހިފައިގެން އައިއިރު އަހަރެން އިނީ ބިރުން އަތްފައި ފިނިވެފައެވެ. ކަންތައް ހިނގާދިޔަގޮތް ދައްތައަށް ކިޔައިނުދީ ހުއްޓައި، އަހަރެން ބަނޑުބޮޑުކަން އެނގުމުން ދައްތަ ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ރުޅިވެސް އަންނާނެކަން ގައިމެވެ. ކަންތައް ވެދާނެގޮތް ހިތަށްއަރާފައި އަހަރެންގެ ހިތްވެސް ބާރަށް ތެޅެމުންދިޔައެވެ. އަހަރެންގެ ވަހުމްތައް ހަޤީޤަތަކަށް ނުވުންއެދި ހިތާހިތުން ދުޢާކުރެވުނެވެ.
ނަމަވެސް ކަންތައްވީ އަހަރެން ހީކުރިގޮތަށެވެ. އަހަރެންބަލިވެ އިނީއެވެ. ރިޕޯރޓް ހިފައިގެން ދައްތައައި މޮޅިވެރިގޮތުންވެސް އަހަރެންނަށް އެކަން ޔަޤީންވިއެވެ. ރިޕޯރޓް ފެނުމާއެކު އަހަރެންނަށް ގިސްލާފައި ރޮވުނެވެ. ދައްތަ ބަހެއްވެސް ނުބުނެ އެތައްއިރަކު އެއިން ގޮތަށް އިނެވެ.
” އަހަރެންނަކަށް ނޭނގެ ބުނާނީ ކީކޭކަމެއްވެސް……އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން ޝެލީން ތިފަދަކަމެއް ކޮށްފާނެއެކޭ…” އެންމެފަހުން ދައްތަ ވާހަކަ ދައްކަން ފެށިއެވެ. އެއަޑުގައި ވަނީ މޮޅިވެރިކަމެވެ. ދައްތަގެ ވާހަކަތަކުން އިތުރަށް އަހަރެންގެ ހިތަށް ތަދުވިއެވެ. އަޑުންއަޑުނަގައި ރޮއެގެންފައި ދައްތަގެ ގައިގާ އޮޅުލައޮގަނެވުނީ ބޭއިޚުތިޔާރުގައެވެ. އަހަރެން ރޯވަރުން ދައްތަވެސް ފެންކަޅިވިއެވެ.
” ޝެލީން ދެން ހުއްޓާލާ!…ދެން ވީކަމެއް ނުވާކަމަކަށް ނުހެދޭނެއްނު!…” ދައްތަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ.
” ދައްތާ….އަ…އަ…އަހަރެން އެ…އެ..އެއްވެސް ކަ…ކަމެއް ނު..ނުކުރަން….އަލަމް…އަލަމްކުރީ…އަހަ..އަހަރެން ނި..ނިދާފަ އޮއްވާ” ގިސްލެވޭވަރުން އަހަރެންނަށް ވާހަކަދެއްކުނީވެސް ކިރިޔާއެވެ.
” ދައްތައަށް ހީވެއްޖެއޭ…އެއަލަމް އުޅުނު ވައްތަރުން…ކީއްވެތަކުރިން ނުބުނީ..އެހެންނަމަ ރަނގަޅަށް ބޭޒާރުކޮށް ވަޒީފާއިންވެސް ވަކިކޮށްލީމުސް” ކަންތައްވީގޮތް އެނގުމުން ދައްތަ ވަރަށް ގަދަޔަށް ރުޅިއައެވެ.
“ޝެލީން ދެރަނުވޭ!…..އިރާދަކުރެއްވިއްޔާ ދައްތަ ޝެލީން ތިކަމުން ސަލާމަތްކޮށްދޭނަން….” ދައްތަ އަހަރެންނަށް ހިތްވަރުދެމުން ބުންޏެވެ.
” ނޫން…އަހަރެން ބޭނުމެއްނޫން އެބޯޝަން ހަދާކަށް” ކުއްލިއަކަށް އަހަރެންނަށް އެހެންބުނެވުނީ ދައްތަބުނި އެއްޗަކުން ބިރުންނެވެ.
” ދައްތަވެސް ނޫޅެމޭ އެބޯޝަން ހައްދާކަށް…..ދައްތައަށް އެނގޭދަރިންގެ ނިއުމަތަކީ ކިހާވަރެއްގެ އެއްޗެއްކަން…..ދައްތަގެ ބަދުނަސީބުކަމުން އެނިޢުމަތުންވެސް ވަނީ މަޙުރޫމްވެފަ….ކީއްކުރާނީ އެއީވެސް ކޮންމެ ކޮންމެ މީހަކަށް ލިބޭ ނަސީބެއް ނޫން ވިއްޔަ…” ދައްތަ ދެރަވެފައި ވާހަކަދެއްކިގޮތުން ދަރިޔަކަށް ބޭނުންވެފައިހުރި މިންވަރު އަހަރެންނަށް ދޭހަވިއެވެ.
“ޝެލީން!…..ދައްތަބުނާގޮތަކަށް ކަންތައް ކޮށްފާނަންތަ؟….ދައްތަބޭނުމީ ޝެލީން ގޮވައިގެން ރާއްޖޭންބޭރަށްދާން…..ތިދަރިފުޅު ދުނިޔެއަށް އުފަންވީމަ ދައްތަގެ ދަރިއެއްގެ ގޮތުގަ ރެޖިސްޓަރކޮށްގެން މާލެއައިމާ މީހުނަކަށް ހަޤީޤަތެއް ނޭނގޭނެއްނު……..ޝެލީން ބޭނުމިއްޔާ އިތުރަށްކިޔެވިދާނެ…..އެހެންނޫނީ ރަށަށްވެސް ދެވިދާނެ…ޝެލީންބޭނުން ގޮތަކަށް ކަންތައްކުރެވިދާނެ…..ކީކޭބުނަނީ؟” ދައްތަ ދިން ޚިޔާލާމެދު ވިސްނަން އަހަރެންނަށް މަޖުބޫރުވިއެވެ. އެނޫން ގޮތެއް އަހަރެންނަށް މިއަދު އެބައޮތް ހެއްޔެވެ؟ އުމުރުން އެންމެ ސޯޅައަހަރުގައި މިފަދަ ހުތުރު ބަދުނާމެއް ބޮލުގައި އަޅައިގެން ދިރިއުޅޭހައި ހިތްވަރެއް އަހަރެންގެ ނެތެވެ. އަދި އަހަރެންގެ ނިކަމެތި ބައްޕައަށް އެފަދަ ތަކުލީފެއް ޖައްސާނީވެސް ކޮންފަދައަކުން ހެއްޔެވެ؟ ދައްތަ އެބުނިގޮތަށް ކަންތައް ކުރުން އަހަރެންނަށް މާބުއްދިވެރިއެވެ.
” އެކަމް ބައްޕަ…..ބައްޕަގާތު ކީކޭ ބުނާނީ؟” ރުއިން މައިތިރިވެ ކުޑަކޮށް ހަމައަކަށް އެޅުމުން އަހަރެން ސުވާލުކޮށްލީމެވެ.
” ތިކަމާ ހާސްނުވޭ!….ދައްތަ ބައްޕައަށް ވިސްނަދޭނަން…..” ދައްތަ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޖަވާބުދިނެވެ.
*****
އެންމެފަހުން އަހަރެން ލަންކާއަށްދާން އެއްބަސްވީމެވެ. ދައްތަ އަހަރެންގެ ބައްޕައަށް ގުޅާފައި ބުނީ އަހަރެން އިތުރަށް ކިޔަވަން ބޭނުންވާތީ އަހަރެން ގޮވައިގެން ދައްތަ ލަންކާއަށް ދާން ބޭނުންކަމުގައެވެ. އަދި ފާރޫޤުބޭބެވެސް އަބަދު ބަލިވެއުޅޭތީ ލަންކާއަށް ދިރިއުޅުން ބަދަލުކުރަން ގަސްތުކޮށްފައިވާ ކަމުގައެވެ. ބައްޕަ އަހަރެންނާ ސުވާލު ކުރުމުން އަހަރެންވެސް ކިޔަވަން ބޭނުންވާ ކަމުގައި ބުނީ ހިތާދެކޮޅަށެވެ. ބައްޕައާ އެހާދުރަށް އަހަރެންދާން ޖެހުމުން ބައްޕަވެސް ދެރަވާނެވަރު އަހަރެންނަށް އިހުސާސް ކުރެވެއެވެ.
އަހަރެމެން ފުރަން އޮތްދުވަހުގެ ކުރީދުވަހު ބައްޕަވެސް މާލެއައެވެ. ބައްޕަ ފެނުމާއެކު ވަގުތުން އަހަރެންނަށް ރޮވުނެވެ. އަހަރެންނަށް ވީގޮތުން ބައްޕައަށްވެސް ރޮވުނެވެ. ބައްޕަގެ ގައިގާ އޮޅުލައިގަނެގެން ހުރެ އެތައްއިރަކު އަހަރެން ރުއީމެވެ. ހިތުގައިވީ ޝަކުވާތައް ބަންޑުންކޮށްލަން ވެސް ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ނަމަވެސް ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށް ޖެހިފައިހުރިހާލު ބުނެދެވޭނީވެސް ކޮންފަދައަކުން ހެއްޔެވެ؟ އެހިތާމަވެރި ޚަބަރު ލިބިއްޖެނަމަ އެބައްޕަގެ ހިތްހުއްޓިގެން މަރުވެސް ވެދާނެއެވެ. އަހަރެންނަށް މިހާރު މިދުނިޔޭގައިހުރި އެންމެ މުހިއްމު މީހަކީ އެއީއެވެ. ވީއިރު އެފަދަގޮތެއްވާން އަހަރެން އެދޭނެ ހެއްޔެވެ؟ ދެބަފައިން ވަކި މަންޒަރަކީ ކޮންމެމީހެއްގެ ހިތަށްވެސް އަސަރުކުރުވާފަދަ ހިތްދަތި މަންޒަރަކަށްވިއެވެ.
ލަންކާއަށް އަހަރެމެން ގޮސް ތިބީ ފާރޫޤުބޭބެ ގަނެފައިހުރި ވަރަށްރީތި ދެބުރިގެޔެއްގައެވެ. އެއީ ވަރަށްހިތްގައިމު ހަމަހިމޭން މާހައުލެއްގައި ހުރި ގެއެކެވެ. ހަފްތާއެއްހައި ދުވަހު ލަންކާގައި މަޑުކުރުމަށްފަހު ޝިޔާޒްބޭ އެނބުރި މާލެއައެވެ. ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުމަށެވެ. އެއްގެއެއްގެ ތެރޭގައި އުޅެންޖެހުމުން އަހަރެން އުޅެންޖެހުނީ ފާރޫޤުބެއަށް ޝައްކުނުވާފަދަ ގޮތަކަށެވެ. އަހަރެންގެ ކޮޓަރީގެ އިތުރުން ތިރީގައި ހުންނަނީ ބަދިގެޔާއި ސިޓިންރޫމެވެ. ދައްތައާއި ފާރޫޤުބޭބެ އުޅެނީ މަތީގައެވެ. ގިނަވަގުތު ފާރޫޤުބޭބެ ހޭދަކުރަނީ އޭނާގެ ކޮޓަރީގައި އަޅުކަމުގައެވެ. އެހެންކަމުން އަހަރެންގެ ނުތަވަސްކަމަށް ލުޔެއްލިބުނެވެ.
ލަންކާއަށް ދިއުމަށްފަހުވެސް އަހަރެންގެ އުޅުމަށް މާބޮޑުބަދަލެއް ނާދެއެވެ. އަލަމްގެ ހަނދާންތައް ހިތަށް އުނދަގޫކުރަނީ ކެތްނުވާވަރަށެވެ. އެންމެފަހުން އަލަމް ފެނުނު ވަގުތު އޭނާދެރަވެފައި ހުރިގޮތް ހިތަށް ސިފަވަނީއެވެ. ދައްތަގެ އަޅާލުމާއި އޯގާތެރިބަސްތަކުން ހިތްވަރު ލިބިގެން ދިރިއުޅުމުގައި މިދިމާވި ހިތްދަތިކަމާވެސް އަހަރެން ކުރިމަތިލީމެވެ. އަލަމްގެ މަތިން ހަނދާން ނައްތާލުމަށް ހިތުގައި އަޒުމް ކަނޑައެޅީމެވެ. މާބަނޑު ވުމުގެ އުނދަގޫދަތި ދުވަސްތަކަށްވެސް ކެތްކުރީމެވެ. ދައްތައަށް ދަރިޔަކުލިބެން އުޅޭކަމުގައި ބުނުމުން ފާރޫޤުބޭބެ އިންތިހާއަށް އުފާވިއެވެ. މިހާރު ފާރޫޤުބޭވެސް ހުރީ ދައްތަގެ ދަރި ދުނިޔެއަށް އުފަންވާނެ ދުވަހަކަށް ކެތްތެރިކަން ކުޑަވެފައެވެ.
*****
އިންތިޒާރުގެ ނުވަމަސްދުވަސް ވޭތުވެގެން ދިޔައީ ނުވަ ޤަރުނުހައި ފޫހިކަމުގައެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި މަހަކު ދެފަހަރު ބައްޕައަށްވެސް ގުޅައިގެން ހާލުބަލަމުންދިޔައީމެވެ. ކެތްތެރިކަމާއެކު ބައްޕަވެސް އަހަރެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެފަހުން އިންތިޒާރުގެ ފަހުދުވަސްވެސް އަހަރެންނާ ކުރިމަތި ލައިފިއެވެ. އަހަރެން ވިހަންވީއިރު ބޭބެވެސް ހުރީ ލަންކާއަށް އައިސްފައެވެ. ނަމަވެސް ވިހަން ހޮސްޕިޓަލަށް ދާންވާންދެންވެސް އަހަރެން ބޭބެއެއް ނުދެކެވެ. އަހަރެންގެ ބަނޑުގައި ރިއްސަން ފެށުމުން އިމެޖެންސީކޮށް ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެންގެ އުމުރުން ހަގުކަމާއި ދަރިފުޅުގެ ބޮޑުކަމުން ނުވިހެވޭނެކަމަށްބުނެ ޑަކުޓަރުން ވަގުތުން ސިޒޭރިއަން ހަދަން ވެއްދީ އޮޕަރޭޝަން ތިޔޭޓަރަށެވެ.
ބަނޑުގައި ވޭންއަޅާލެއް ގަދަކަމުން އަހަރެންނަށް ތަނެއްދޮރެއް ވަކިވާވަރެއްވެސް ނޫނެވެ. އޮޕަރޭޝަން ތިޔޭޓަރަށް ވެއްދިތާ މާގިނައިރެއްނުވެ ސިޒޭރިއަން ހައްދައި އަހަރެންގެ ދަރިފުޅު ނެގިއެވެ.
” އަ ކިއުޓް ބޯއީ” ދަރިފުޅު ނެގިގޮތަށް ގެނެސް ނަރުސްކުއްޖާ އަހަރެންގެ ގައިމަތީގައި އެތުއްތު ކުއްޖާ ބޭއްވިއެވެ. އެވަގުތު ތުއްތު އަޑަކުން ރޯންފެށިގޮތުން އަހަރެންގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި އުތުރި އަރައިގަތެވެ. އެދުވަހު ކުރެވުނު ފަދަ ތަފާތު އިހުސާސެއް އުމުރުގައިވެސް އަހަރެންނަކަށް ނުކުރެވެއެވެ. އަހަރެންވެސް މަންމައަކަށްވީއެވެ. ލޯބި ލޯބި ފިރިހެން ކުއްޖެއްގެ މަންމައެކެވެ. ދަރިފުޅުގެ މޫނު ފެނުމާއެކު އަހަރެންގެ ދެލޮލުން ކަރުނައައީ އުފަލުންކަމެއް ނުވަތަ ދެރަވެގެން ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެވަގުތު އަހަރެންގެ ހިތުގައި ތަފާތު އެތައް ޖަޒުބާތުތަކެއް އެއްފަހަރާ ހިނގަމުން ދިޔައެވެ. ނަރުސް ކުއްޖާ ދަރިފުޅު ގޮވައިގެން ދިޔުމުން އަހަރެންނަށް ރޮވުނެވެ.
އެއްގަޑިއިރު ފަހުން އަހަރެން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނެވެ. ދައްތައާއި ބޭބެ ތުއްތު ދަރިފުޅަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނެސްފައި ހުއްޓެވެ.
” އަޅެ ހާދަ ލޯތްބޭ މިދަރިފުޅު…..” ދައްތަ އެދަރިފުޅުގެ މޫނަށް ބަލާލަމުން އުފާވެފައި ބުންޏެވެ. އެވަގުތު ބޭއިޚުތިޔާރުގައި އަހަރެންނަށްވެސް ހިނިތުންވެވުނެވެ. ދައްތަ އެތައްއިރަކު ތަޢުރީފް ކުރިއިރުވެސް ބޭބެ އެއްވެސް އެއްޗެއް ނުބުނެ ތުއްތު ދަރިފުޅަށް ބަލަން އިނީއެވެ. ބޭބެގެ އެހަމަހިމޭންކަމުން އަހަރެންނަށް ދޭހަވީ ބޭބެ އަހަރެންގެ ދަރިފުޅުވެސް ބަލައިނުގަތީ ކަމުގައެވެ. އެވަގުތު އަހަރެން ދެރަވިއެވެ. ކައިވެނީގެ ބޭރުން ލިބުނު ދަރިޔަކަށްވާތީ ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ.
ހަފްތާއެއްފަހުން ދަރިފުޅުގޮވައިގެން ގެޔަށް ބަދަލުވީމެވެ. ދަރިފުޅު ގެޔަށް ގެނައިކަން އެނގުމުން ފާރޫޤުބޭބެ ވަރަށް އުފާވިއެވެ. ލޮލަށް ނުފެންނަހާލުގައިވެސް ދަރިފުޅު އުރައިގެން ބޮސްދީދީފައި އުޅުނުގޮތް ފެނިފައި އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ކޮންމެ ދުވަހަކުވެސް އެއްފަހަރު ދަރިފުޅު ގޮވައިގެން ފާރޫޤުބޭބެ ކޮޓަރިއަށް ދައްތަ ދެއެވެ. ދައްތަ ދަރިފުޅާހެދި އުޅޭވަރުން ހީވަނީ އެއީ އަސްލުވެސް ދައްތަގެ ދަރިއެއްހެންނެވެ. ނަމަވެސް ބޭބެ ހުންނަނީ ފާޑަކަށް ނެގިމަޑުވެފައެވެ. ބޭބެގެ މޫނުމަތިން ފުންހިތާމައެއްގެ އަސަރު ފާޅުވަމުން ދިޔައެވެ. އަހަރެން ފެނުމުން ބޭބެއަށް ތަފާތުކަމެއް އަންނަހެންވެސް ބައެއް ފަހަރު އަހަރެންނަށް ހީވެއެވެ. އަނެއްކާ ބޭބެއަށް ހަޤީޤަތް ނޭނގެނީބާއެވެ. ނޫނީ އަހަރެން އަލަމްއާބެހޭގޮތުން ދައްތަގާތު ދެއްކިވާހަކަ ބޭބެ ގަބޫލު ނުކުރީބާއެވެ. އަހަރެންނާއި އަލަމްއާއި ރުހިގެން ކުރިކަމެއް ކަމުގައިވެސް ބޭބެ ހީކޮށްފާނެއެވެ. ރަށުގައި އުޅުނުއިރު ދަންވަރު ގަޑީގައި އަހަރެންނާއި އަލަމް ބައްދަލުކުރިކަންވެސް ބޭބެއަށް އެނގޭނެއެވެ. ބޭބެ އަހަރެންނާމެދު ހީކުރާގޮތެއް ނޭނގޭތީ އަހަރެން ވަރަށް ލަދުގަނެ ޖެހިލުންވިއެވެ. އެހެންކަމުން ގިނަ ފަހަރަށް ބޭބެއަށް ނުފެނި ވޭތޯ އަހަރެންވެސް ބަލަމެވެ.
އެއް ރެއެއްގެ ދަންވަރު ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ފާޚާނާއަކަށް ދާންޖެހިގެންނެވެ. އަހަރެން ފުރަތަމަވެސް ބަލާލީ ދަރިފުޅު ކޮބައިތޯއެވެ. ލޯބިކޮށް ދަރިފުޅު ނިދާފައި އޮތްގޮތް ފެނުމުން އަހަރެންނަށް ހިނިތުން ވެވުނެވެ. އަހަރެން ފާޚާނާއަށް ވަދެފައި އައިސް އަނެއްކާވެސް އޮށޯތީމެވެ. ކުޑައިރުކޮޅެއްފަހުން މީހަކު ދޮރުގެ ތަޅުގައި ހިފާލިއަޑު އިވުމުން އަހަރެން ސިހުނެވެ. އަހަރެން ކުޑަކޮށް ލޯހުޅުވާލާފައި ބަލާލިއިރު ނިދާބޮކީގެ ފަނޑުއަލީގެ ތެރެއިން ހިނގާފައި އައި ޝިޔާޒްބޭބެ ފެނުމުން ހައިރާންވީ ނަމަވެސް އަހަރެން އަވަސް އަވަހަށް ލޯމަރާލީމެވެ.
އަހަރެން އެއޮތްގޮތަށް އޮއްވައި ޝިޔާޒުބޭބެ އައިސް ހުއްޓުނީ ދަރިފުޅުގެ ގާތަށެވެ. ދަރިފުޅާ ދިމާއަށް ގުދުވެގެން އިރުކޮޅަކު އޮތުމަށްފަހު އަހަރެންނާ ދިމާއަށް އެނބުރުނެވެ. އަހަރެން އޮތީ ނޭވާހިފަހައްޓާ ލައިގެންނެވެ. ޝިޔާޒުބޭބެ އަހަރެންނާދިމާއަށް ގުދުވެފައި އަހަރެންގެ ބޮލުގައި ފިރުމާލާފައި ނިތްކުރީގައި ބޮސްދިން ގޮތުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ރިޒޯޓްގައި އެހާދިސާ ހިނގި ރޭގެމަތިންނެވެ. ދެވަނަ ފަހަރަށް އެފަދަ ގޮތަކަށް ފިރުމާލިނަމަ އަހަރެންނަށް ފުންމައިގެން ތެދުވެވުނީހެވެ. ނަސީބަކުން އިތުރު އެއްވެސް ކަމެއްނުކޮށް ޝިޔާޒުބޭބެ ނުކުތެކެވެ. އޭރު އަހަރެންގެ ހިތް ބާރަށްތެޅެމުން ދިޔައެވެ.
” ކިހިނެއްވީ؟….ދަރިފުޅު ދެކިނުލާ ލޮލަށް ނިދިނައީތަ؟ ނޫނީ ދަރިފުޅުގެ މަންމަ ދެކިލާހިތުންތަ ތިއައީ؟..” ބޭރުން އިވުނީ ދައްތަގެ އަޑެވެ. ދައްތަބުނި އެއްޗަކުން ހައިރާންވެފައި އަހަރެންނަށް އެވާހަކައަށް ސަމާލުކަން ދެވުނެވެ.
“ސަމީ އަދިވެސް ނުނިދަންތަ؟….” ހައިރާންވެފައި ޝިޔާޒުބޭބެ ބުނިއަޑުއިވުނެވެ.
” އައްދޭ!..ހާދަބިރެއް ތިގަތީ!……ހިތުން މަށާސިއްރުންތަ ތިކޮޓަރިއަށް ތިވަނީ؟…..މަށަށް ނޭނގޭކަމެއްނަމަ ރަނގަޅު ސިއްރުން އުޅެން…….ދުވާލުގަޑީގަ މާނޫންކަމަށްހެދިފަ އަހަރެން ނިދީމަ ސިއްރުންވަދެ ދަރިފުޅުގެ ހާލުބަލަންދޯ ތިހުރީ؟…” ދައްތަގެ އަޑުގައިވަނީ ނުރުހުމާއި މަލާމާތެވެ.
” ސަމީ ޕްލީޒް!..ތަންކޮޅެއްމަޑުން ވާހަކަދައްކަބަލަ!…” ސިޔާޒްބޭބެ އެހެންބުނީ ކުރިޔަށްވުރެވެސް މަޑުންނެވެ.
” ކިހިނެއްވީ؟….ޝެލީން ހޭލަފާނެތީބިރުންތަ؟…..ދެންއިތުރަށް ޝެލީންއަށް އެނގިދާނެތީ ކޮންބިރެއް ގަންނަންވީ……ޝިޔާޒު އެކަންކުރިއިރު ބިރެއްނުގަނެ އެއްނު…….ދެން އެހެންނޫނަސް މިހާރު އަހަރެންގެ މަޤުސަދު ހާސިލްވެއްޖެ……ޝެލީންއަށް އެނގުނަސް އަހަރެންގެ ފަރުވާލެއްނެތް….އެއަށްވުރެބޮޑަށް އަހަރެން މިހުރީ އުފާވެފަ…..އަހަރެން ރުވާފަދޫކޮށްލީ ތީރުހެރުނީ ހަމަސީދާ އޭގެ އަމާޒުފަތްގަނޑަށް…..ހީކުރިވަރަށްވުރެވެސް ކާމިޔާބު އެޕްލޭން…..ހެހެހެ…އެކަމް ދެން…އަހަރެން ބޭނުމެއްނޫން ޝިޔާޒް ޝެލީންއާ އެއްވެސް ގުޅުމެއްބާއްވާކަށް…..އެނގިއްޖެތަ؟….އެހެންނޫނީ ނަތީޖާ މާރަނގަޅެއް ނުވާނެ..” ދައްތަގެ ދިނީ އިންޒާރެކެވެ. އަހަރެންނަށް ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ދައްތަގެ ކޮންމެ ޖުމްލައަކުން ހިތުގައި ސުވާލުތައް ގިނަވަމުން ދިޔައެވެ.
” ސަމީ…..އަހަރެން އައީ ހަމައެކަނި ދަރިފުޅު ދެކިލަން…..ސަމީ ތިހީކުރާ ކަހަލަ ކަމެއް ކުރާކަށްނޫން…..ސަމީބޭނުން ކަންތައް ބޭނުންވި ގޮތަށް ވެއްޖެއެއްނު……އެހެންވީމަ ބޭކާރުގޮތުގާ އަނގަނުތަޅާ ހުރުން މާބުއްދިވެރި….އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް ޝެލީންއަށް އެއީ އަހަރެންގެ ދަރިއެއްކަން އެނގޭކަށް…..އަހަރެން ސަމީއަށްޓަކާ މިހުރިހާ ދުވަހު ވީޤުރުބާނަށްޓަކާވެސް ސަމީއަށް ކުޑަދުވަސްކޮޅަކު މަޑުން ނުހުރެވޭނެތަ؟…..” ޝިޔާޒްބޭބެގެ އެޖުމްލައިން އަހަރެންނަށް ހީވީ ސިކުނޑީގައި ވަރުގަދަ ބޮމެއް ގޮވިހެންނެވެ.
” ހުރެވިދާނެ…..އެކަމު ޝިޔާޒްވެސް ޖެހޭނެ އަހަރެން މިބުނާގޮތަށް ކަންތައްކުރަން……ޝެލީންއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ!….ޝެލީން ބޭބެ ކިޔާފަ އުޅުނަސް ކުރިންވެސް ޝިޔާޒުއާމެދު އަހަރެންނަށް ޝައްކު…..އެކަމު މިހާރުދެން ޝައްކުކުރާނެ ޖާގައެއް ނެތެއްނު!….ޝެލީންއަށް ހިތްކިޔާފަހުރިވަރުންނެއްނު އެހާފަސޭހައިން އެކަންކުރީ…..މިބުނީދޮގެއްތަ؟.”
” ސަމީ!….ބޭކާރު ވާހަކަ ހުއްޓާލާފަ ނިދަން ހިނގާބަލަ!…..އަހަރެން މީހަކަށް ހިތްކިޔަސް ނުކިޔަސް….ސަމީއަކަށް އެކަމުން އެއްވެސް ކަމެއް އުންޏެއްނުވާނެ…..އެވަރުން ސަމީއަކަށް ނުފުދޭތަ؟….ސަމީ އެންމެ ބޭނުންވި ކަންތައް އަހަރެން ކޮށްދީފީމެއްނު……ކޮންމެ ގޮތެއްހަދާފަވެސް ސަމީބޭނުންވީ ދަރިއެއްނު…..އެކަން އެއޮތީވެފަ…..ދެން އިތުރަށް މިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން…” މިފަހަރު ޝިޔާޒްބޭބެ އަޑުގައިވެސް ވަނީ ނުރުހުމެވެ.
“އެއީ ހަމަ އަހަރެންނަށްޓަކާ ކޮށްދިން ކަމެއްތަ؟…ހުނ! އެހެންވެދޯ ސިއްރު ސިއްރުން…..”
” ސަމީރާ! ޕްލީޒް ހުއްޓާލަބަލަ!…އަހަރެން ބޭނުމީ މިކަން ހަމައެކަނި އަހަރެމެން ދެމީހުންގެ މެދުގަ ބާއްވަން….އެކަންކޮށްދީ!” ދައްތަގެ ވާހަކަ މެދުކަނޑާލަމުން އާދޭސްކުރާ ރާގަކަށް ޝިޔާޒްބޭބެ ބުންޏެވެ.
” އޯކޭ…އެކަމް މީގެފަހުން ޝެލީންއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ…އެހެންނޫނީ އަހަރެން މަޑަކުން ނުހުންނާނަން” އިންޒާރެއް ދޭފަދަ ގޮތަކަށް ދައްތަބުނިއަޑު އިވުނެވެ.
އެދެމީހުން ދައްކާނެ ވާހަކައެއް ދައްކާފައި އެނބުރި އެމީހުންގެ ކޮޓަރިއަށްދިޔައިރު އަހަރެންގެ ހިތުގައިއާއި ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ.
މިހުރިހާ ދުވަހު ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ހުރިހާކަމެއް މަޑުމަޑުން ކަޝްފުވަމުން ރޭކާލަމުން ދިޔައެވެ. ޝިޔާޒްބޭބެ އަހަރެންނާމެދު ބެހެއްޓި ޚާއްސަ ގާތްކަމާއި އޯގާތެރިކަމެވެ. އަހަރެން ބަލިވެއިނުމުން ދައްތަގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމެވެ. މިހުރިހާކަމެއްގެ އަސްލަކީ މިއީތާއެވެ. އިންސާނުންގެ މަކަރުވެރިކަމުގެ ބޮޑުކަމާއެވެ. އެހެޔޮކަމާއި އަޅާލުމުގެ ފަހަތުގައި ފޮރުވިފައިވާ މިފަދަ ނުބައި މަޤުސަދެއް ވާކަން އަހަރެންނަށް އެނގޭނީވެސް ކޮންފަދަ އަކުން ހެއްޔެވެ؟ އެހުރިހާ ވާހަކައެއް އަޑުއިވި ހަޤީޤަތް ހާމަވުމުންވެސް އެއީ ތެދެއްކަން ގަބޫލުކުރާ ހިތެއް ނޭދުނެވެ. އަހަރެން އެދެމީހުންނަށް ޤަދަރާއި އިހުތިރާމުކުރީ އަމިއްލަ ބޭބެއާއި ދައްތައަށް ކުރާފަދައިންނެވެ. މައިންބަފައިންނަށް ކުރިފަދައިން އިތުބާރުވެސް ކުރީމެވެ.
ނަމަވެސް…..އަހަރެންނަށް އޭގެ ބަދަލު މިލިބުނީ ދުވަހަކުވެސް ހުވަފެނުގައިވެސް ލިބޭނެކަމަށް ހީކުރިގޮތަކަށް ނޫނެވެ. އެލޯތްބާއި އަޅާލުމާއި މިހުރިހާ ދުވަހު ވެދިން އެހީގެ އަގަކީ މިއީ ހެއްޔެވެ؟ އެކަންކަމުގެ ބަދަލުގައި މިހާބޮޑު އަގެއް އަދާކުރަން ޖެހޭނެކަން ކުރިން އެނގުނުނަމަ މިފަދަ މަކަރުވެރި ބައެއްގެ ގާތަށް އަހަރެން ދުވަހަކުވެސް ނައީމުހެވެ.
އެމީހުންގެ ފަރާތުން އަހަރެންނަށް ލިބުނު ހުރިހާ އެއްޗެއްގެ ބަދަލުގައި އެމީހުން އަހަރެންގެ ބޭނުން ހިފީ އެމީހުންނަށް މަހުރޫމުވެފައިވާ ނިއުމަތެއް ހާސިލްކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ. އެމީހުންގެ ކުރިމަތީ އަހަރެންގެ ނަފްސުގެ އެއްވެސް އަގެއް ނެތެވެ. އަހަރެން ހީކުރީ އެއީ ދުނިޔޭގައި ނެތްވަރުގެ ހެޔޮލަފާ ރަނގަޅުބައެއް ކަމުގައެވެ. ނަމަވެސް އެއީ އެމީހުންގެ އަމިއްލަ ފައިދާއަށް އަހަރެންގެ ނިކަމެތިކަމުގެ ނާޖާއިޒް ފައިދާނެގި ހީލަތްތެރި މަކަރުވެރި ބައެކެވެ.
މިހުރިހާ ދުވަހު އަހަރެންނަށް މިހުރެވުނީ ކިހާބޮޑު އޮޅުމެއްގެ ތެރޭގައި ހެއްޔެވެ؟ އަހަރެންގެ އިތްފަތްތެރިކަން ފޭރިގަތީ އަލަމްކަމުގައި ހީކޮށް އަހަރެން އިންތިހާއަށް އަލަމްއަށް ނަފްރަތު މިކުރެވުނީ ނުހައްޤުންނެވެ. އޭނާގެ އެއްވެސް ކުށެއްނެތެވެ. ކުށްކުރީ އެހެންމީހެކެވެ. އޭގެ އަދަބުދެވުނީ މައުސޫމު ހިތަކަށެވެ. އެދުވަހު އަލަމް ކުރިއާދޭސް އަހަރެންނަށް އަޑުއެހުނު ނަމަ ރަނގަޅުތާއެވެ. ނަމަވެސް އޭރު އަހަރެންހުރީ އޮޅުމެއްގެ ތެރޭގައެވެ. ނުބައިރޭވުންތެރިންގެ ދަލުގައި ހައްޔަރުވެފައެވެ. އަހަރެންނާއި އަލަމްގެ މެދުގައި އޮތް ސާފުތޯހިރު ލޯބީގައި އެހެން ކުލައެއްޖެއްސީ ސަމީރާއާއި ސިޔާޒުގެ ނުބައި ރޭވުމަކުންނެވެ. އެދަތުރަކީވެސް އެމީހުން ރާވައިގެން ހަމަ އެބޭނުމުގައި ކުރި ދަތުރެކެވެ.
އަހަރެންގެ ފަރާތުން އެމީހުން ބޭނުންވާ ފައިދާ ނަގާފައި އަލަމްގެ ބޮލުގައި ތުހުމަތު އެޅުވީއެވެ. ލޯބިވާ ދެހިތެއް ވަކިކުރީއެވެ. އިންސާނުންނަކީ ކިހާ މަކަރުވެރިބައެއްކަން އަހަރެންނަށް މިހާރު އެނގިއްޖެއެވެ. ކިތަންމެ ގާތުގައި ކިތަންމެ ދުވަހެއްވާންދެން އުޅުނުނަމަވެސް އިންސާނެއްގެ ހިތެއް ދުވަހަކުވެސް ނޭނގޭނެކަން މިއަދު އަހަރެންނަށް ޔަޤީން ވެއްޖެއެވެ. އެއްވެސް އިންސާނަކަށް އެވަރަށް އިތުބާރު ކުރާކަށް ނުވާނެއެވެ. މިދުނިޔެއަކީ މަކަރުވެރިންގެ މިލްކެކެވެ.
އެރޭގެ ބާކީއޮތްބައިގާ އަހަރެންނަށް ކުރެވުނުހައިވެސް ކަމަކީ އަހަރެންގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަމާމެދު ވިސްނައި ރުއިމެވެ. އަހަރެން މިވަނީ ހަމަ ރަނގަޅަށްވެސް ނުބައިބައެއްގެ ޝިކާރައަކަށްވެ ނިމިފައެވެ. އަހަރެންނަށް ހެޔޮއެދޭ އަހަރެންދެކެ ލޯބިވާ މީހުން އެތިބީ އަހަރެންނާ އެތައްމޭލު ދުރުގައެވެ. ކިތަންމެ ޝަކުވާއެއް ކުރިޔަސް އަޑުނީވޭ ހިސާބުގައެވެ. އަހަރެންގެހާލު އެނގޭނަމަ އެމީހުން ކިހާދެރަ ވާނެހެއްޔެވެ؟ އަލަމް އާއި ބައްޕަގެ މަތިން ހަނދާންވެ އަހަރެން މާބޮޑަށް ހިތުގައި ޖެހުނެވެ. އަލަމްއާމެދު ކަންތައްކުރެވުނު ގޮތް ހިތަށް އަރައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެދުވަކު އަލަމް ދެރަވެފައި ހުރިމަންޒަރު ލޯމަތީ ސިފަވަމުން ދިޔައެވެ.
ޝިޔާޒްއާއި ސަމީރާދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. ދުވަހަކުވެސް އެހެން މީހަކާމެދު ނަފްރަތު ނުއުފެދޭވަރަށް ޝިޔާޒުއާމެދު އަހަރެންގެ ހިތުގައި ނަފްރަތު އުފެދުނެވެ. އަހަރެން އޭނާއަށް ކިހާ ޤަދަރެއް ކުރިން ހެއްޔެވެ؟ ހުރިހާކަމެއް ކޮށްދީހެދީ އަމިއްލަ ކޮއްކޮއަކުވެސް ކޮށްދޭހައި ރަނގަޅަށެވެ. ބޭބެއަކަށްވުރެވެސް މަތީ ދަރަޖައެއް އަހަރެން އޭނާއަށް ދިނީމެވެ. ނަމަވެސް އޭގެ ބަދަލުގައި އަހަރެންނަށް އޭނާދިނީ ދުނިޔާގައި ފިރިހެނެއްގެ ފަރާތުން އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާއެވެ. އެންމެބޮޑު ކެއްސެވެ. އެވެސް އޭނައާއި އޭނަގެ އަނބިމީހާގެ އަމިއްލަ އުފަލަށްޓަކައެވެ.
ނޫނެކެވެ. އެއީ ހިތްނިޔަތް ގޯސް ވިޔާނުދާ ފިރިހެނެކެވެ. ނޫންނަމަ އޭނައަށް ބޭބެ ކިޔަ ކިޔާ ހުއްޓައި އެހިތުގައި އަހަރެންނާމެދު އެހެން ޝުއޫރެއް ނުއުފެދޭނެއެވެ. ސަމީރާއަކީވެސް އެފަދަ ނުބައި އަންހެނެކެވެ. ތިމާއަށް ދަރިން ނުލިބޭތީ އެކަމަށް ހައްލެއް ހޯދީ އަހަރެންގެ އިތްފަތް ނަގާލައިގެންނެވެ. އަދި އެވެސް ޚުދު އޭނާގެ ފިރިމީހާގެ އަތުންނެވެ. ކޮންކަހަލަ ނުބައި އަންހެނެއް ހެއްޔެވެ؟ އަހަރެންގެ ބަނޑުން އޭނާގެ ފިރިމީހާގެ ދަރިޔަކު އުފަންވިޔަސް ދުވަހަކުވެސް އޭނާގެ ދަރިޔަކަށް ވާނެ ހެއްޔެވެ؟
އޭނާގެ ހަޤީޤަތް ނޭނގޭއިރު އަހަރެން އޭނާއާމެދު ހަމްދަރުދީވީމެވެ. އަމިއްލަ ދަރިފުޅު އޭނާއަށް ދިނުމަށްޓަކައި ނިންމީ ހިތުގެ އަޑިންނެވެ. ނަމަވެސް ދެން އޭނާއަށް އަހަރެންގެ ދަރިފުޅުދޭކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލާފައި އަހަރެންގެ ދަރިފުޅާއެކު އެމީހުން އުފަލުގައި އުޅުނަދޭންވީ ހެއްޔެވެ. ނޫނެކެވެ. ދުވަހަކުވެސް އެކަމެއްނުވާނެއެވެ. އަހަރެން ދުވަހަކުވެސް އެދެމީހުންނަކަށް މާފެއް ނުކުރާނަމެވެ. އެއީ މާފުލިބުން ހައްޤުވާވަރަށްވުރެ ނުބައި ބައެކެވެ.
******
އާދުވަހަކަށް އިރުއެރީ އަހަރެންގެ ޙަޔާތުގައިވެސް އާކުލައެއް ޖައްސަމުންނެވެ. މިހާރު ސަމީރާއާއި ޝިޔާޒްއަކީ އަހަރެންގެ އެހެޔޮލަފާ ދައްތައާއި ބޭބެއެއް ނޫނެވެ. އެއީ މިހާރު އަހަރެންގެ ދުޝްމިނުންނެވެ. އަހަރެންގެ ހިތުގައި ނަފްރަތުގެ އަލިފާން އަނދަމުންދާއިރުވެސް އެމީހުންގެ ކުރިމަތީގައި ކުރިންވެސް އުޅުނުގޮތަށް އެއްވެސް އެއްޗެއް ނޭނގޭކަމަށް ހެދިގެން އަހަރެން އުޅެންފެށީމެވެ. ނަމަވެސް ޝިޔާޒް ފެންނަނިކޮށް އެރޭގެމަތިން ހަނދާންވެ އަހަރެންގެ ރުޅިގަދަވެ ރޮވޭގޮތްވެއެވެ. އެމަކަރުވެރި އިންސާނާގެ ބީހުންތައް ހިތަށްސިފަވުމުން ލޭކެކިގެން ދެއެވެ.
ދުވަސްކޮޅަކު ލަންކާގައި އުޅުމަށްފަހު އަނެއްކާވެސް ޝިޔާޒް އެނބުރި މާލެއައެވެ. އަހަރެން ސަމީރާއާއެކު ނުތަނަވަސްކަމާއެކު އުޅެމުންދިޔައީމެވެ. ފާރޫޤުބޭބެ ދަރިފުޅުދެކެ ލޯބިވާވަރު ފެނިފައި އަހަރެންގެ ހިތަށް ފުންއަސަރެއް ކުރިއެވެ. އަހަރެންގެ ބައްޕައަށްވެސް ބައްޕަގެ ކާފަދަރިއަކު ހުންނަކަން އެނގުމުން ކިހާއުފާވާނެ ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ބަދުނަސީބުކަމުން އެހައްޤުންވެސް ބައްޕަ މިޖެހުނީ މަޙުރޫމު ކުރާށެވެ. ކިތަންމެ ބޭނުންވިޔަސް އެސިއްރު ހާމަކުރެވޭކަށްވެސް ނެތެވެ. އެނިކަމެތި ބައްޕަ ހީކޮށްގެން އެހުންނަނީ އަހަރެން ހިތަހަމަޖެހުމާއި އުފަލުގައި ލަންކާގައި ތަޢުލީމު ހާސިލް ކުރަނީކަމުގައެވެ. ސަމީރާއާ ޝިޔާޒުއެވަނީ އެމީހުން ބޭނުންވާ ގޮތަށް ބައްޕަވެސް ހައްލާލާފައެވެ. އަހަރެންނަށް އޮތީ އެހުރިހާކަމަކަށް ކެތްކޮށްގެން ހުރުމެވެ. ނަމަވެސް މުޅިއުމުރަށް އަހަރެން ނުހުންނާނަމެވެ. އަހަރެން ކެތްކޮށްގެން މިހުންނަނީ ރާއްޖެ ދެވޭންދެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





V.v.v Reethi.
Alhe hama asluvx rovihjje :'(
Ohh v v nice when next part
wow v reethi Shelyn ge dharifulhu Shaamin aky dhen Alam ah kihineh vaani ehaaloabin ulhun 2kudhin hama vakikuranythr Alam ah hageegaiy engen jeheyne aslu ehen nooni v kada vaane vaahaka vsalhi
Vvvv salhi ?
wow…. varah reethi vaahaka…
V reethi
Haha dhahtha ge reyvumeh hen kurin ves heeviyey
shelyn…. noooooooo???????
shine plz avahah up kohbala??
V rythi..
woooowh!!!!?
Alhea… huri nubaikan sameera yaa shiyaaxaa.. heevany shiyaaz shelyn aa hedhi ulheahen… alam ah hageegaiy angachey
????haadha dhera gothekey evee..shine vaahaka vvvvvvvv reeethi
Alam fahun maruvany dw? 🙁 ekam varah dheravey alam maruvma. I wish they both get together. ?❤?
Kuri ah vaane goiy nubune bala.. kommehen kiyaafa othy ma ekan angaakah nujehey. Mi vaahaka nukiyaa meehun ves ulheyy
Haadha reehcheyyy
Nulafaa beybe akaa nulafaa dhathaeh insaanun ge sifaiga thibey shaithaanun …
Habeys vàahaka
vvv reethi dheravesvey,…mi ee hiyaalee vaahaka ehtha shine?
Wowww. Avahah up kobbaa ???
Up kohladheeba shine… please.
Mulhin eh koh vaahaka foohivehge v kiyaahithun kiyamun dhiyairu mulhin foohivege. ekamaku vaahaka nimendhen kiyaanan.
varah reethi….Maasha Allah……shine I love to read your stories..❤