ހަނދުގެ އަލިކަން ތަނަށް ފެތުރިގެން ދިޔުމާއެކު ޖޯލީގައި އޮތް ބޭބެގެ މޫނުވެސް އަހަރެންނަށް ރީތިކޮށް ފެނުނެވެ. ބޭބެ އަހަރެންނާ ދިމާބަލާލުމުން ގަތްލަދުން ހުރިތަނަށް ވިރިދާނެހެން އަހަރެންނަށް ހީވިއެވެ. ވަގުތުން އެތަނުން ދުވެފިލަންވެސް ހިތަށް އެރިއެވެ. ނަމަވެސް އެއަށްވުރެ ކުރިން ބޭބެ ޖޯލިންތެދުވެއްޖެއެވެ.
” ނިދާފަ އޮއްވާ މިކުއްޖާގަނޑު ކުރިކަމުން ކިރިޔައްޔޭ ހާޓްއެޓޭކެއް ނުޖެހުނީ……އަހަރެން ހީކުރީ ހަންޑިކުއްޖަކު އައިސް ކާލަނީކަމަށް…..ނޭނގޭނެއްނު މިދަންވަރު ކުޑަކުދިން ހޭލާއުޅޭނެކަމެއް…..އަނެއްކާ ތީހަމަ އަސްލުވެސް ޝެލީންތަ؟…” ބޭބެ އަހަރެންނާ ގާތްވެލަމުން އަހާލިއެވެ. ލަދުން އިސްއޮބާލިގޮތަށް އަހަރެން ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ.
” އެކަމަކު ކިހާދެރަ….ނުބައިމީހަކަށް ވިއްޔަ ތި ވިޝްކުރެވުނީ…..ހަމަކާކުތޯވެސް ބަލާނުލާ އަންނަގޮތަށް ހިތަށްއެރިކަމެއް ކުރަނިކޮށް ޖިންނިއަކަށް ކަމެއް ކުރެވުނުނަމަ ކީއްކުރާނީ…..އޭރުން ތިމޮޔަކުއްޖާ އެއްކޮށް މޮޔަކަންނޭނގެވާނީ…..” އަހަރެންގެ ނިތްކުރީގައި އިނގިލިން ޖަހާލަމުން ބޭބެ ހީލިއެވެ. އަހަރެން ހުރީ ބޭބެ އަހަވަށް އެތަނުން ދިޔުމަށް ހިތާހިތުން އެދިއެދިއެވެ.
” ބައި ދަ ވޭ…..ތޭންކްސް ފޮ ދަ ލަވްލީ ގިފްޓް…..އެކަމު ދެންވެސް މީހަކު ފެނުނަސް ރަނގަޅަށް ނުބަލާ ކިސްއެއް ނުދެއްޗޭ!…..އިޓްސް އަ ވެރީ ޑޭންޖަރަސް ތިންގް..” ބޭބެ އަނެއްކާވެސް ހީލާފައި ގޮސް ގޭތެރެއަށްވަނެވެ. ބޭބެ ދިއުމާއެކީ ދެލޯމަރާލަމުން ޖޯލީތެރެއަށް އަހަރެން ވެއްޓިގަތީމެވެ. އެއާއެކު އެދިޔަބާރުމިނުގައި އަހަރެން ޖެހުނީ ބިންމަތީގައެވެ. ޖޯލީހުރީ ކަނޑައިގެން ގޮސްފައިކަންވެސް އެނގުނީދެނެވެ. ވަރަށް އުނދަގޫހާލުން ޖޯލިތެރެއިން ތެދުވަނިކޮށް ހަލުވިފިޔަވަޅުތަކެއްގައި އަލަމް އައިސް ގޯތިތެރެއަށް ވަދެއްޖެއެވެ.
” ބޭބީ….ކިހިނެއް ތިހެދީ؟….ވެއްޓުނީތަ؟..” އަލަމް އައިސް އަހަރެންގެ ގާތަށް ހުއްޓެމުން އަހާލިއެވެ. އެވަގުތު އަހަރެންނަށް އަލަމްދެކެވެސް ރުޅިއާދެވުނެވެ. އަލަމް ލަހުން އައީތީއެވެ. އަހަރެން އަނގައިންވެސް ނުބުނެ ގޮސް ޖެހިގެން ހުރިޖޯލީގައި މަޑުމަޑުން އިށީނީމެވެ.
” ބޭބީ…..އައި އެމް ސޮރީ….އަހަރެން އަންނަން އުޅެނިކޮށް ބައްޕަހޭލައިގެން ގިފިއްޔަށް ނުކުތީމަ ނާދެވުނީ…..” އަހަރެން ރުޅިއައީކަން އެނގުމުން އަލަމް ދެރަވެލާފައި ބުންޏެވެ.
” ދެންމެ އަހަރެން އައިއިރު ޝެލީއާ ވާހަކަ ދައްކަން އެހުރީކާކުތަ؟…ބޭބެތަ؟” އަލަމް ސީރިއަސްވެފައި އަހާލިއެވެ. އަލަމްއަށް ބޭބެ ފެނުނުކަން އެނގުމުން އަހަރެން ކަންބޮޑުވިއެވެ. އަނެއްކާ އަހަރެންނަށް ކަންތައް ކުރެވުނުގޮތް އަލަމްއަށް ފެނުނުބާއެވެ. އަލަމް އަށް ގޯސްއެއްޗެއް ހީކުރެވިދާނެތީ އަހަރެން ބިރުގަތެވެ.
” ކީކޭތަ ބޭބެބުނީ؟…..ދަންވަރު ބޭރަށް ނުކުތީމަ ބޭބެ ހިތްހަމަ ނުޖެހުނީދޯ؟….އަނެއްކާ ބޭބެ ބުނާނެތަ މަންމަމެންގާތު؟….” އަހަރެން ޖަވާބެއް ނުދީއިނުމުން އަލަމް އަނެއްކާވެސް ސުވާލުކުރަން ފެށިއެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ރުޅިގަދަވީ އަހަރެންނަށް ބަލާނުލައި ކަންތައް ކުރެވުނު ގޮތުންނެވެ.
” ހެޕީބާތްޑޭ..” ކުއްލިއަކަށް އަހަރެންގެ އަތުގައި އޮތް ހަދިޔާ އަލަމްއަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ.
” އައްދެ!…ތިމީހުން ވިޝްކުރާގޮތްތަ؟…..ކުއްލިޖަހާފަ….”ހެޕީބާތްޑޭ” އޭ ބުނީމަ ބިރުވެސް ގަނެއްޖެ….” އަލަމް އަގަޔަށްގޮތެއް ހަދާލަމުން ބަރުއަޑަކުން، އަހަރެން ބުނިލަފްޒް ތަކުރާރުކޮށްލުމުން ރުޅިއައިސް އިނދެފައިވެސް އަހަރެންނަށް ކުއްލިއަކަށް ހެވުނެވެ.
” ހޫމް މިހާރު ރަނގަޅޭ…..މިހާރު ވަރަށް ލޯބި….” އަހަރެންނާ ޖެހިގެން ހުރިޖޯލީގައި އިށީނދެފައި އަލަމް އަހަރެންގެ ކޮލުގައި ހިފާލިއެވެ. އަދި އޭނަގެ އަތުގައު އޮތް ކުޑަ ޕާރސަލް ކަނޑާލިއެވެ.
” ވާއު….ވަރަށް ލޯބި އިނގޭ!….އަހަރެންގެ ހިތަށްވުރެވެސް މިހިތްމާރީތި..” އަލަމް އޭގައިވާ ބިއްލޫރި ހިތް ނަގާފައި ބަލާލަމުން ބުންޏެވެ. އަހަރެން ބޭނުންވީ އަލަމް އަހަރެންގެ އުފަންދުވަހު ދިންފަދަ ހަދިޔާއެއް އަލަމްއަށް ދޭށެވެ.
” މިއީ ބޭބީގެ ހިތްދޯ…..ހާދަރީއްޗޭ…” އަލަމް އޭގައި ބޮސްދެމުން އަނެއްކާވެސް ތައުރީފް ކުރިއެވެ. އަލަމްއަށް އެހަދިޔާ ކަމުދިޔައީތީ ބޭއިޚްތިޔާރުގައި އަހަރެންނަށް ހިނިތުންވެވުނެވެ.
” ދެން އަހަރެން ހަދިޔާދޭންވީދޯ….” އަލަމް އަހަރެންނާ ގާތްވެލަމުން މަޑުމަޑުން ބުންޏެވެ. އެވަގުތު އަހަރެންގެ ހިތުގެ ވިންދުއަވަސްވެގެން ދިޔައީ އަލަމް އެބުނި އެއްޗެއްގެ މާނަ ވިސްނުމުންނެވެ.
އުފާވެރި ވަގުތުކޮޅެއް އަލަމްއާއެކު ހޭދަކޮށްލުމަށްފަހު އަހަރެން ގެޔަށް ވަތްއިރު ދެއެއްޖަހަނީއެވެ. މާދަމާ ހެނދުނުގެ ފުލައިޓުން ފުރަންޖެހޭކަންވެސް ހަނދާންވީ އެވުގުތުއެވެ. އަވަހަށް ގޮސް ގިފިއްޔަށްވަދެ އަތްފައިދޮވެ،ފާޚާނާކޮށްގެން ގޮސް ނިދަން އޮށޯތީމެވެ.
ފަތިހު އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. ފުންމައިގެން ތެދުވެ ދުވަމުންގޮސް ގިފިއްޔަށް ވަނީމެވެ. މިއަދު ފުރުމުގެ ކުރިން އަދިވެސް އެއްފަހަރު އަލަމްއާ ބައްދަލުކޮށްލަން އަހަރެން ބޭނުންވިއެވެ. ފަތިސްނަމާދަށް ފަހު މާމަގެޔަށް އަހަރެންދިޔައީ އެބޭނުމުގައެވެ. އަހަރެން ހީކުރިގޮތަށް އަލަމްވެސް ފަތިސްނަމާދުކޮށްގެން މާމަގޭދޮށަށް އައެވެ.
“ބޭބީ ތިއިނީ އަހަރެންގެ އިންތިޒާރުގަދޯ….ހާދަ ރަނގަޅޭ” އަލަމް އައިސް އަހަރެންގެ ގާތަށް ހުއްޓެމުން ހިނިތުންވެފައި އަހާލިއެވެ. އަހަރެން އަލަމްއަށް ފުންކޮށް ބަލާލީމެވެ. ކުދިގޮޅިޖެހި ނޫކުލައިގެ އަތްދިގުގަމީހަކާއި ނޫކުލައިގެ ޖީންސްއެއްގައި ފެންނައިރު އަލަމް ވަރަށް ރީއްޗެވެ. ހަމަދެންމެ އަކު ފެންވަރައި ތާޒާވެފައިހުރިކަން އެތެތް އިސްތަށިގަނޑާއި އެއަލި މޫނުން ދޭހަކޮށްދެއެވެ. ހިނިތުންވެފައިހުރި އިރު އެރީތި ތުންފަތަށް ނަޒަރު ހުއްޓާލައިގެން އަހަރެންނަށް އިނދެވުނެވެ. އެލޮލުގައިވި އަސަރުން އަހަރެންގެ ހިތުގެ ހިނގުންވެސް އިސާހިތަކު އަވަސްވެގެން ހިނގައްޖެއެވެ.
” ދާން އުޅޭތީތަ އެހާވަރަށް ތިބަލަނީ….ތިހާވަރަށް ބަލަންޏާ ގޯހެއްހެދިދާނެ އިނގޭ!” އަހަރެންނާ ދާދިގާތުގައި އިށީއްނަމުން އަލަމް ބުނެލިޖުމްލައިން ވަގުތުން އަހަރެންނަށް އިސްޖަހާލެވުނެވެ.
” ދެން ހަމަ އަސްލުވެސް މިއަދު ދަނީތަ؟……ވަރަށް މިސްވާނެ ތި ހަންޑިކުއްޖާމަތިން…….މިހާރުވެސް ކޮންމެ ރެޔަކު ފެންވަރަން ހުންނައިރު ވަށައިގެން ހޯދޭ….ތާކުފިލާހުރެދާނެތީ…….” ދެރަވެފައި އިންއިރުވެސް އަލަމް ވާހަކަދެއްކީ ސަމާސާ ރާގަކަށެވެ. އަލަމް އަހަރެންގެ އަތުގައި ހިފައިގެން ފޭރުގަސް ކައިރިއަށް ގޮސް ވަރަށްބާރަށް އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ނިއްކުރީގައާއި ތުންފަތުގައި ބޮސްދިނެވެ. އެވަގުތު އަހަރެން ހިފަހައްޓައިގެން ހުރިކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތީ އިޚުތިޔާރަކާ ނުލައެވެ. އަލަމް ހިނިތުންވެފައި ހުރިނަމަވެސް އެލޮލުގައިވިދަ ވިދާހުރިކަރުނަތައްވެސް އަހަރެން ދުށީމެވެ. އަލަމް ކިތަންމެ މަސައްކަތެއް ކުރިޔަސް އެހިތުގެ ހާލަތު އަހަރެންނަކަށް ސިއްރެއްނުވިއެވެ.
” ރިޒޯޓަށް ދެވުނުހާ އަވަހަކަށް އަހަރެން ގުޅާނަން……..ދެން ހީލަބަލަ!” އަހަރެންގެ ކަރުނަތައް ފުހެދެމުން އަލަމް މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކިތަންމެ ދެރަވެފައި ހުރިނަމަވެސް އަހަރެން ހިނިތުންވެލީ އަލަމްގެ ހިތްހަމަޖައްސައިދިނުމަށްޓަކައެވެ.
އަލަމް ދިޔުމުން ގޭތެރެއަށްވަދެ މާމަގެ ހާލުބަލައިލީމެވެ. އަހަރެން ދާން އުޅޭކަން އެނގުމުން މާމަ ދެރަވެގެން ރުޔެވެ. އެމަންޒަރު ފެނިފައި އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
” މާމާ…އަހަރެން އަދި އަންނާނަމޭ މާމަގާތަށް……އަހަރެން މިދަނީ މޮޅަށް ކިޔަވާށެއްނު…..މާމަ ބޭނުމެއް ނުވޭތަ އަހަރެން ވަރަށް މޮޅުމީހަކަށް ވެގެން އަންނަތަން ދެކޭކަށް……..ޗުއްޓީވާހާ އަވަހަކަށް އަހަރެން އަންނާނަމޭ……..ބޮޑުޗުއްޓީގަ މާމަގޭގަ އުޅެން އަންނާނަން….އެންމެރަގަނޅެއްނު!..” މާމަގެ ގައިގާ ބައްދާލަމުން އަހަރެން މާމަގެ ހިތްހަމަ ޖައްސައިދިނީމެވެ.
އަހަރެން ގެޔަށްދިޔައިރު ދައްތައާއި ބޭބެ ދަތުރަށް ތައްޔާރުކުރަން އުޅެއެވެ. އެކިމީސްމީހުންގެނައި ހަދިޔާތައް ފޮށިގަނޑަކަށް އަޅަން މަންމަ އުޅެއެވެ.
” ދަރިފުޅު އަދިވެސް ތައްޔާރެއް ނުވަންތަ؟…..ކޮންތާކުންތަ މިގަޑީގަ ތިއައީ؟” އަހަރެން ފެނުމާއެކު ބައްޕަ އަހާލިއެވެ.
” މިއައީ މާމަގާތަށް ގޮސްފަ” ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އަހަރެން ޖަވާބުދިނީމެވެ. އެވަގުތު ފާޑަކަށް ހިނިއައިސް ބޭބެ ބަލަން ހުރިގޮތުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ބޭބެއަށް އަހަރެން ދިޔައީ އަލަމްއާ ބައްދަލުކުރަންކަން އެނގުނީބާއެވެ. ކުއްލިއަކަށް ރޭގަވީ ކަންތައް ހަނދާންވެފައި އަހަރެން ލަދުގަތެވެ. އަހަރެން އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ ތަޅުލީމެވެ.
އަހަރެމެން ފުރަން ހަމަޖެހިފައިވަނީ ހެނދުނު ނުވައެއްގެ ފުލައިޓުންނެވެ. އަހަރެމެން ފުރުވަން ވަރަށްގިނަ ރަށްޓެހިކުދިންވެސް ދިޔައެވެ. ދައްތައާއި ބޭބެވެސް މިރަށުގައި ހޭދަވީ މަދުދުވަސްކޮޅުގެ ތެރޭގައި ވަރަށްގިނަމީހުންނާ ރަށްޓެހިކަން އުފައްދާފައިވާކަން އަހަރެންނަށް އެނގުނެވެ.
” ޝެލީ…..ވަރަށް ހަނދާންވާނެ ޝެލީމަތިން……ވަރަށްދެރަވޭ…ކޮންމެ ފަހަރަކު އެހާއަވަހަށްދާތީ..” ޔޫނާ ދެރަވެލާފައި ޝަކުވާކޮށްލިއެވެ.
” ދެން އަހަރެން ދިޔަޔަސް އަޒީމް އެހުރީނު…..ދެން ދެމީހުން ފޫހިފިލުވީމަ ނިމުނީނު..” އަލަމްގެ ގާތުގައި ހުއްޓިލައިގެން ހުރިއަޒީމް ދައްކާލަމުން އަހަރެން ޔޫނާއާ ދިމާކޮށްލީމެވެ. ޔޫނާ ތުންއޫކޮށްލާފައި އަހަރެންގެ ގައިގާ ވިކާލިއެވެ.
ދައްތައާއި ބޭބެގެ ފަހަތުން އެތެރެއަށް ވަންނަމުން ފަހުފަހަރަށް އަހަރެން އަލަމްއާދިމާ ބަލާލީމެވެ. އަލަމް އެހުރި ފިޔަވަލުމަތީގައި އަހަރެންނަށް ބަލަން ހުއްޓެވެ. ފަހަތްބަލަމުން ވަންނަނިކޮށް މީހަކުގައިގާ ޖެހުމުން ސިހިފައި އަހަރެންބަލާލިއިރު ބޭބެ އަހަރެންނަށް ބަލަން ހުއްޓެވެ.
” މާމަ ވަރަށް ދެރަވެފަދޯ އެހުރީ؟” ކުއްލިއަކަށް ބޭބެބުނި ޖުމްލައިން ހައިރާންވެފައި މަންމަމެން ތިބިދިމާއަށް އަހަރެން ބަލާލީ މާމަހުރިތޯއެވެ.
” ކޮންދިމާއެއް ތިބަލަނީ؟….އެހެރަ މާމަ ވާހަކަ އަހަރެން މިބުނީ…..ބުނީމެއްނު މާމަގެ ހާލުބަލާށޭ ދިޔައީ….އެއީދޯ އެމާމައަކީ…” އަލަމްއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބޭބެ ބުންޏެވެ. ބޭބެގެ ސަމާސާއިން އަހަރެން ރަނގަޅަށް ރަކިވިއެވެ. މިހާރަކަށް އައިސް ބޭބެ ހުންނަނީ އަހަރެންނާ ދިމާކުރާނެ ގޮތެއް ނުފެނިގެންހެން ހީވެއެވެ.
ފުލައިޓް ހަނިމާދޫއިން ނައްޓާލުމާއެކީ އަހަރެންގެ ލޮލުގައި ހިފަހައްޓައިގެންހުރި ކަރުނަތައް އޮހެންފެށިއެވެ. އެކަން ސިއްރުކުރެވޭތޯ އަހަރެން އަވަސް އަވަހަށް ބޭރުބަލަން ފެށީމެވެ. އެހާމަޖާކޮށް އުޅެފައި ކުއްލިއަކަށް ދާންޖެހުމުން މާބޮޑަށް ހިތުގައި ޖެހުނެވެ. އަލަމްވެސް ދެން އަވަހަށް ނުފެންނާނެކަން އެނގޭތީ އަދިބޮޑަށް ދެރަވާގޮތްވިއެވެ. ބޭބެވެސް އަހަރެންނާ ސަމާސާއެއް ނުކޮށްއިނީ އަހަރެން ދެރަވެފައިހުރިވަރު އެނގިގެން ކަންނޭނގެއެވެ. ފުލައިޓް ހުޅުލޭ ވައިގެ ބަނދަރަށް ޖައްސާން ދެންވެސް އަހަރެން އިނީ ހިމޭންކަމާއެކުގައެވެ.
************
ބަންގިގޮވަން ފެށުމާއެކު ސިހިފައި ޝާމިން ފޯނަށް ބަލާލިއެވެ. ގަޑިން ފަތިހު ފަސްގަޑި ފަނަރަވީއެވެ. ޝެލީންގެ ޑައިރީކިޔަން އިންދާ ވަގުތުދިޔަގޮތްވެސް ޝާމިންއަކަށް ނޭނގުނެވެ. ޑައިރީގެ ބާކީބައި ކިތަންމެ ކިޔާހިތްވެފައިހުރި ނަމަވެސް ޝާމިން ކިޔުން ހުއްޓާލުމަށްފަހު ގަނޑުތައް ލިޔާމޭޒުގެ ވަތްގަނޑުތެރެއަށްލިއެވެ. އަދި އަވަހަށް ފާޚާނާއަށްވަދެ ފެންވަރާލައިގެން މިސްކިތަށް ދިޔައެވެ. ނަމާދުކޮށްގެ ގެޔަށް އައިސް ވަތްވަގުތު ގޯތިތެރޭގައި ހުސްކޮށް އޮތް ތަންކޮޅު ކުނިކަހަން އޮތް ޝެލީންފެނިފައި ޝާމިންއަށް ހުއްޓެވުނެވެ. މިހާމައިރާ ޝެލީން ކުނިކަހާތީ ޝާމިން ހައިރާންވެސް ވިއެވެ. ޝާމިން ފެނުމުން ޝެލީން ކުނިކެހުން ހުއްޓާލާފައި ތެދުވެ އެއްކައިރިއަކަށް ޖެހިލިއެވެ. އިސްޖަހައިގެންހުރި ޝެލީންގެ މޫނަށް ޝާމިން ރަނގަޅަށް ބަލާލިއެވެ. މިއީހަމަ އެޑައިރީގައި ބުނެފައިވާ ސަކަމިޒާޖުގެ ލާނެއް އަންހެން ކުއްޖާބާއޭ ޝާމިންގެ ހިތަށްއެރިއެވެ. ހަލުވިކަމާއެކު ގަސްގަހަށާއި ފާރުފާރަށް އަރާއުޅުނު، އަލަމް އެބުނާ “ހަންޑި ކުއްޖާ” ހެއްޔެވެ؟ ޝާމިންއަކަށް ގަބޫލެއްނުކުރެވުނެވެ. ކުޑައިރު ޝެލީން އުޅުނު މަޖާގޮތް ސިފަވުމުން ޝާމިންއަށް ބޭއިޚުތިޔާރުގައި ހެވުނެވެ. އެވަގުތު ޝެލީން އިސްއުފުލައި ބަލާލިއެވެ. ޝާމިން ހެވިފައިހުރި މަންޒަރު ފެނުމުން ޝެލީން ހައރާންވިއެވެ. ޝާމިން ހިނިގަނޑު މަތަކުރަމުން އަވަހަށް ގޭތެރެއަށް ވަނެވެ.
ޝާމިން ދިޔަދިމާބަލަން ހައިރާންވެފައި ހުއްޓައި ޝެލީން ސިހުނީ ދޮރާށި ހުޅުވާލާފައި ޝިޔާޒު ވަނުމުންނެވެ. ވަގުތުން ޝެލީންގެ މެޔަށް ފިނިވެގެން ދިޔައެވެ. ޝެލީން ފެނިފައި ހިނދުކޮޅަކަށް ޝިޔާޒު މަޑުކޮށްލިއެވެ. ޝެލީން އެއްޗެއް ބުނަން އަނގަހުޅުވާލިނަމަވެސް، ބަހެއް ބުނުމުގެރެކުރިން ޝިޔާޒް އަވަހަށް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ޝިޔާޒް ބަހެއް ނުބުނިތާނގައި ޝެލީންއާ ދިމާބަލާވެސް ނުލިއެވެ.
ރަނގަޅަށް އަލިނުވަނީސް އޭނާ ކުނިކަހަން ނުކުތީ ޝިޔާޒުދެކި ލުމަށެވެ. ކޮންމެވެސް ގޮތަކުން ޝިޔާޒްއާ ވާހަކަ ދައްކާލުމަށެވެ. ނަމަވެސް ޝިޔާޒް ފެނުމުން އެންމެ ލަފްޒެއް ބުނާހައި ހިތްވަރުވެސް އޭނާއަކަށް ނުލިބުނެވެ. ކޮފީއެއް ބޭނުންތޯ އަހާލެވުނު ނަމަވެސް ކީއްހެއްޔެވެ؟ ނަމަވެސް އެފަދަ ފުރުސަތެއްވެސް ޝިޔާޒް ނުދިނެވެ. މިހުރިހާ ދުވަހު ޝިޔާޒްގެ ހިތުގައި ޖެއްސުނީތީ މިހާރު އޭނާ ދެރަވެއެވެ. ކޮންމެ އިންސާނަކަށްވެސް ކެތްވާނީ ވަކިވަރަކަށެވެ. މާޒީބަދަލު ވާނެނަމައޭ އޭނާގެ ހިތަށްވެސް އަރައެވެ. ހަމަ ޝިޔާޒްވެސް އޭނާގެ މާޒީ ބަދަލުވުމަށް އެދޭނެތާއެވެ. އެމާޒީގެ ހިތިކަން ފިލުވަން ޝިޔާޒް ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އޭނާގެ ގާތުން މާފަށްއެދި ރުއިވަރުގެ އަދަދު ޚުދު ޝެލީންއަށްވެސް ނޭނގެއެވެ. އެހާމަޖާކޮށް ސަކަރާތްޖަހާ އުޅުނު ޝިޔާޒް އުމުރަށް ހަމަހިމޭންވީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. ދިރިއުޅުމުގައި ކުށްނުކުރަނީ ކާކުހެއްޔެވެ؟ ނަމަވެސް ކުށްކުރާ އެންމެންނަކީ އުމުރަށްވެސް ކުށްވެރީން ކަމުގައި ނިންމައިފިނަމަ ދުނިޔޭގައި މައުސޫމު އެކަކުވެސް ނޫޅޭކަން ޔަގީނެވެ.
ޝެލީން ކަރުނަ ފުހެލަމުން އެތެރެއަށް ވަނެވެ. އެމަންޒަރުބަލަން ސިޓިންރޫމުގެ ކުޑަދޮރު ކައިރީގައި ޝާމިން ހުއްޓިލައިގެން ހުރިއިރު ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ބައްޕައާއި ޝެލީންގެ މެދުގައި ސިއްރު ގުޅުމެއް ވާކަމުގައި އޭނާގެ ހިތްބުނެއެވެ. ނޫންނަމަ އެދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު ދެމީހުންގެ މޫނަށް އެއްކުލަތަކެއް އަރަންވީ ކީއްވެގެން ހެއްޔެވެ؟ އެޑައިރީއިން އެސިއްރުވެސް އޭނާއަށް ވަރަށް އަވަހަށް އެނގިދާނެއެވެ.
އެނދުގައި އުޑުތިލަމަތިން އޮށޯވެގެން ދެލޯމަރައިގެން އޮތްއިރު ޝިޔާޒުގެ ހިތުގައި ހިނގަމުންދަނީ ޝެލީންގެ ޚިޔާލެވެ. ދެންމެގައި ޝެލީން ފެނުނުއިރު އެމޫނުގައިހުރި ހިތާމައިގެ އަސަރު ޝިޔާޒްއަށް ފާހަގަ ކުރެވުނެވެ. ޝެލީން އޭނާގެ ގާތުގައި އެއްޗެއް ބުނަން އުޅުނުހެންވެސް އޭނާއަށް ހީވިއެވެ. ނޫނެކެވެ. އޭނާއަށް ކުރެވޭ ކުށްހީއެކެވެ. ދުވަހަކުވެސް ޝެލީން އޭނާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވާނެއެވެ. އެޔަށްވުރެ ނާދިރުކަމެއް ދުނިޔޭގައިވެސް ނުވާނެއެވެ. އިންސާނެއްގެ ހިތަށް އަސަރުކޮށްގެންވެސް ވާހަކަ ދައްކާނަމަ ދައްކާވަރަށް އޭނާއަށް މަސައްކަތްވެސް ކުރެވިއްޖެއެވެ. ދެންއިތުރަށް ޝެލީންގެ ރުހުން ހޯދަން ކުރާނެކަމެއް އޭނާއަކަށް ނޭނގެއެވެ. ޝެލީންގެ ފަރާތުން އުއްމީދުގެ އަލިކަމެއް ނުފެނުމުން މިހާރު އެހިތްވަނީ މާޔޫސްވެފައެވެ. އަމިއްލައަށް މަރުނުވި ނަމަވެސް ދިރިއުޅުމުގެ ހުރިހާ އުއްމީދެއްވަނީ މަރުވެފައެވެ.
ޝާމިން ކުލާސްތެރޭގައި އިންނަމަވެސް މިއަދު އޭނާވެ ވިސްނުންވަނީ މާދުރުގައެވެ. ޝެލީންގެ ޚިޔާލުތަކުން ސިކުނޑިވަނީ ފުރިފައެވެ. ޝެލީންގެ ހަޔާތުގައި ދެން ކަންހިނގާދިޔަގޮތް ބަލާލަން އޭނާވަނީ ކެތްމަދުވެފައެވެ. ޚާއްސަކޮށް ބައްޕައާއި ޝެލީންއާމެދުގައި ކަންތައްވީގޮތް ބަލަން އޭނާބޭނުމެވެ. ފޫކިކަމާއެކު ގަޑިތައް ގުނަމުން ދަނިކޮށް ޝެޝަން ނިމިގެން ގެޔަށްދާގަޑި ޖެހިއްޖެއެވެ. ޝާމިން ގެޔަށް ވަތްއިރުހުރީ ހިތްއަވަސްވެފައެވެ. ކޮޓަރިއަށްވަދެ ފެންވަރާލައިގެން މެންދުރު ނަމާދަށް ދިޔައެވެ. މިސްކިތުން އެނބުރިގެޔަށް އައިއިރު ޝެލީންހުރީ ދޮރީށިދޮށުގައި އޭނާގެ އިންތިޒާރުގައެވެ. ޝާމިންފެނުމާއެކު ޝެލީން ރޯންފެށިއެވެ.
” ބައްޕަ އެކްސިޑެންޓް ވެގެން ހޮސްޕިޓަލްގަ…..” ޝެލީން ރޮމުން ރޮމުން ބުނި ޖުމްލައިން ޝާމިން ހާސްވިއެވެ.
” ކޮންއިރަކު؟…..ކޮންހޮސްޕިޓަލެއްގަ؟….” ޝާމިން އަވަސް އަވަހަށް އަހާލިއެވެ.
” ދެންމެގަ މީހަކު ގުޅާފަބުނީ ކާރުގަ އަންނަނިކޮށ އެކްސިޑެންޓްވެގެން އޭޑީކޭއަށް ގެންދިޔަ ވާހަކަ” ޝެލީން ވަރަށްބޮޑަށް ދެރަވެފައެވެ. ޝާމިން ދުވެފައި ގޭތެރެއަށް ވަދެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދިވީ އެންމެ އަވަހަކަށް ހެދުން ބަދަލުކޮށްގެން ހޮސްޕިޓަލަށްދާން ނުކުތެވެ. ޝެލީންވެސް މޫނުދޮވެލައި ތައްޔާރުވެގެން ޝާމިންއާއެކު ހޮސްޕިޓަލަށް ދިޔައެވެ. އިމެޖެންސީ ރޫމުން ޝާމިންމެންނާ މީހަކު ބައްދަލުކޮށްފައި ކަންތައްވީގޮތް އޮޅުންފިލުވައިދިނެވެ.
” އަޅުނޑަކީ އިމްރާން….ޝިޔާޒްއާ އެއްއޮފީހެއްގަ މަސައްކަތްކުރަނީ…..އަޅުގަނޑުވެސް ނުކުތީ ޝިޔާޒްގެ ފަހަތުން…..ޝިޔާޒް ކާރަށްއަރައިގެން ތަންކޮޅަކަށް ދިޔަފަހުން ކާރު މިސްރާބު ބަދަލުވާންފެށީ…..އަހަރެންނަށް އެނގުނު ޝިޔާޒްއަށް ކަމެއްވީކަން…..އެކަމު އަހަރެން ކާރާހަމައަށްދާން ވާއިރަށް ކާރުގޮސް ފާރުގަޖެހިފަ މަތަވީ…އަހަރެން ގޮސްބެލިއިރު ޝިޔާޒް އޮތީ ހޭނެތިފަ..” އިމްރާން ދެރަވެލާފައި ވީގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ޝިޔާޒްބެލި ޑޮކްޓަރާއި ޝާމިން ބައްދަލުކޮށް ބައްޕަގެ ހާލުއޮޅުން ފިލުވިއެވެ.
” ހީވަނީ ކެއުމުގާ ވަރަށް ބޮޑަށް ފަރުވާކުޑަކުރެވިފަ ވާހެން…އަދިމާބޮޑަށް ބުރަކޮށް އުޅުނީމަވެސް އެހެން ވެދާނެ…..ހަށިގަނޑުން ފެންމަދުވެ ވަރަށް ބަލިކަށިވެފަހުރީ…..އެހެންވީމަ ރަނގަޅުކާނާ ކައިފަ ރަނގަޅަށް އަރާމްކުރަނިކޮށް ރަނގަޅުވާނެ…” ޑޮކްޓަރ އޮޅުންފިލުވައިދިނެވެ.
ބައިގަޑިއިރެއްހާއިރު ފަހުން ޝިޔާޒް ހޭއަރިއެވެ. މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގި ހައިރާންވެފައި ވަށައިގެން ހޯދާލިއިރު އެނދުގެ ދެފަރާތުގައި ތިބި ޝެލީންއާއި ޝާމިން ފެނިފައި އޭނާގެ ހައިރާންކަން އިތުރުވިއެވެ.
” ބައްޕާ! މިހާރު ކިހިނެއްތަ؟…” ޝިޔާޒްގެ އަތުގައި ހިފާލަމުން ޝާމިން އަހާލިއެވެ.
” ރަނގަޅު….ކިހިނެއް ދަރިފުޅަށް އެނގުނީ؟” ސިޔާޒް ހިނިތުންވެލަމުން އަހާލިއެވެ.
” އަހަރެން ސުކޫލުން އައިއިރު ޝެލީންހުރީ ރޯން…..ޝެލީންބުނީ ބައްޕަ އެކްސިޑެންޓްވީ ވާހަކަ” ޝާމިން އޮޅުންފިލުވައިދިނެވެ. އެވަގުތު ޝިޔާޒްއަށް ބޭއިޚުތިޔާރުގައި ޝެލީންގެ މޫނަށް ބަލާލެވުނެވެ. ޝެލީންގެ ފެންކަޅިވެފައިވާ ދެލޮލާއި ކުލަފަނޑުވެފައިވާ މޫނުން އޭނާދެރަވެފައިވާ މިންވަރު ޝިޔާޒްއަށް ދެނެގަނެވުނެވެ. ނަމަވެސް ޝިޔާޒްއަށްޓަކައި ޝެލީންގެ ލޮލުން ކަރުނަ އޮހިދާނެކަމަށް އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. ޝިޔާޒްބަލަން ފެށުމުން ޝެލީން އަވަސް އަވަހަށް އިސްޖަހާލިއެވެ. އެދެމީހުންގެ މޫނަށް ބަލަންއިން ޝާމިންއަށް ދެމީހުންގެ ހިތުގެ ހާލަތު ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ.
” ހޫމް….ޝިޔާޒް….ނުކައިނުބޮއެ އަބަދު ބުރަކޮށް މަސައްކަތް ކުރަނީދޯ؟” ޝިޔާޒްގާތަށް ހުއްޓެމުން ހިނިތުންވެލާފައި ޑަކްޓަރ ސުވާލުކޮށްލިއެވެ. ޝިޔާޒް ކުޑަކޮށް ހައިރާންވެފައި ޑޮކްޓަރާދިމާ ބަލާލީ އެހާގާތްކޮށް ވާހަކަ ދެއްކުމުންނެވެ.
” އަހާނ….ނިޝާމް…..މިހާރު ކޮންއިރަކު ޑަކްޓަރަކަށްވީ؟….އިރުކޮޅަކު ބަލަން އިނދެފައި ހިނިތުންވެލަމުން ޝިޔާޒް އަހާލިއެވެ. އެދެމީހުންނަކީ ސުކޫލުދައުރުގައި އެކުއުޅު ދެރަހުމަތްތެރީންނެވެ. އަނެއްކާވެސް މިބައްދަލުވީ ޒަމާންތަކެއް ފަހުންނެވެ.
” މީ އަންހެނުންނާ ދަރިފުޅުދޯ؟…..މިހާރު ދަރިފުޅުވެސް ބޮޑުވީދޯ….؟” ޝެލީންއާއި ޝާމިންއަށް އިޝާރާތްކުރަމުން ޑަކްޓަރ ބުނެލި ޖުމްލައިން ޝެލީންގެ މޫނުގެ ކުލައިތުރަށް ފަނޑުވިއެވެ.
” އަންހެނުން ޝިޔާޒްއަށް ކާންވެސް ނުދެނީތަ؟…..މިހާރީތި އަންބަކު ހުންނައިރުވެސް އަބަދުއޮފީހުގަ މަސައްކަތުގަދޯ އުޅެނީ…….ދެން އަމިއްލަ ސިއްޚަތަށް ނުބެލިޔަސް އަންހެނުންގެ ހާލަތަށްވެސް ބަލަންވާނެއެއްނު.،….އެފަކީރު ރޮއެރޮއެ އެހުރީ ހަލާކުވާން ކައިރިވެފަ..” ނިޝާމް ހީލަމުން ޝިޔާޒްއާ ސަމާސާކޮށްލިއެވެ. ނިޝާމްގެ ޥާހަކައަށް ދޭނެޖަވާބެއް ނޭނގިފައި ޝިޔާޒްއަށް ބަލާލެވުނީ ޝެލީންގެ މޫނަށެވެ. ނިޝާމް ގެ ވާހަކަތަކުން ޝެލީން ލަދުގަނެ ދެރަވެސްވިއެވެ. ނިޝާމްބުނި ފަދައިން ހަޤީޤަތުގައިވެސް ސިޔާޒްގެ އަންބަކަށް އޭނާވީނަމައޭ ހިތަށްއެރިއެވެ. ނަމަވެސް އެނަސީބުވެސް އޭނާއަށް ލިބިފައެއް ނެތެވެ. ޝިޔާޒްގެ ހިތުގައިވެސް ހިނގަމުން ދިޔައީ ހަމައެފަދަ ޝުއޫރުތަކެކެވެ.
ގަޑިޔަކުއިރު އެނދުމަތިކޮށްފައި ބޭއްވުމަށްފަހު ނިޝާމް ވަރަށް ނަސޭހަތްދީފައި ޝިޔާޒް ގެޔަށްފޮނުވާލިއެވެ. ޝިޔާޒް ގެޔަށް ފޮނުވާލުމުން ޝެލީން ޝިޔާޒްއަށް މީރުހާ އެއްޗެއް ކައްކާފައި ކާންދޭން ނިންމިއެވެ. ޝިޔާޒް ކޮޓަރީގައި އޮއްވައި ކާއެއްޗެހި ހިފައިގެން ޝެލީން އެކޮޓަރިއަށް ދިޔައެވެ. ޝެލީން ފެނުމުން ޝިޔާޒް ހައިރާންވެފައި ބަލަން އިނެވެ. ޝިޔާޒްގެ ބެލުމުން ހިތުގެ ތެޅުން އަވަސްވީ ނަމަވެސް އެކަން ދެނެހުރިކަމަށް ނުހަދާ ޝެލީން ޝިޔާޒްއަށް ކާންދިނުމަށް އަވަސްވެގަތެވެ.
” އަހަރެން ކާހިތެއްނެތް…..ކެއުމުގެ މާބޮޑު ބޭނުމެއްވެސް ނެތް…..ދިރިހުންނަން ބޭނުންވާމީހުންދޯ ކާނީވެސް…..އަހަރެން ދިރިހުރުމުގެ ބޭނުމެއް އެބައޮތްތަ؟……ހިތައްއަރާ އެކްސިޑެންޓްވަފައިވެސް މަރުނުވީ ކީއްވެބާއޭ؟…” ސިޔާޒް ކުއްލިއަކަށް ބުނެލި ޖުމްލައިން ޝެލީންއަށް ތެޅިގަނެވުނެވެ.
” ނޫން…ނޫން…ޝިޔާޒް….ތިހެން ނުބުނޭ” ޝެލީންއަށް ބޭއިޚުތިޔާރުގައި ޝިޔާޒް ތުންފަތުގައި އަތްޖައްސާލެވުނެވެ. ޝިޔާޒް ހައިރާންވެފައި ޝެލީންގެ މޫނަށް ބަލާލިއިރު އެރީތިދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. ޝިޔާޒް މަޑުމަޑުން ޝެލީންގެ އަތް އޭނަގެ އަނގަމަތިން ނެގިއެވެ.
” ކީއްވެ ނުބުނަންވީ؟….އަހަރެން މަރުވިއްޔާ ޝެލީންއަށް މާރަނގަޅެއްނު…..އޭރުން އަބަދު އަހަރެންދެކެ ރުޅިއަންނާކަށް ނުޖެހޭނެއްނު…” ޝިޔާޒްގެ އަޑުގައިވީ ހިތާމައިގެ އަސަރުން ޝެލީންގެ ހިތަށް އިތުރަށް ތަދުވިއެވެ.
” ނޫން…ޝިޔާޒް” ޝެލީންއަށް އަނެއްކާވެސް ބުނެވުނެވެ.
” ދެން ކޮންގޮތެއް ޝެލީން ބޭނުންވަނީ…..އަހަރެން މުޅިއުމުރަށް މިގޮތުގާ ހިތާމައިން ތެޅިފޮޅެންދޯ…..ހިތާމައިން ގޮސް އަހަރެންގެ ހިތްހަލާކުވެގެން މަރުވީމަތަ ޝެލީން އުފާވާނީ؟” ހިތަށްކުރި އަސަރުންޝިޔާޒްގެ އަޑުކުރެހިގެން ދިޔައެވެ. އެއަޑުގައިވަނީ ހިތާމައާއި ޝަކުވާއެވެ. ޝިޔާޒްގެ އެބަސްތަކަށް ކެތްނުވެގެން ޝެލީން ތެދުވެގެން ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. ޝެލީން ނުކުމެގެން ދިޔަލެއް ބާރުކަމުން ކޮޓަރިދޮރުކައިރީ ބޭރުގައި ހުއްޓިލައިގެންހުރި ޝާމިންވެސް އޭނާއަކަށް ނުފެނުނެވެ. ބައްޕަގެ ހިތާމަވެރި ވާހަކަތައް އަޑުއިވުމުން ޝާމިންގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ޝެލީންއާ މެދު ކަންތައް ވެފައިވަނީ ކިހިނެއްކަން ނޭނގުނު ނަމަވެސް ބައްޕައަށް ޝެލީން މާފުކުރާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ޝެލީން ދިޔުމުން ޝާމިން ސިއްރު ސިއްރުން ބައްޕަގެ ކޮޓަރިއަށް ނަޒަރެއް ހިންގާލިއެވެ. ޝިޔާޒް ކާއެއްޗެއްސަށް ބަލަން ކުޑައިރުކޮޅަކު އިނުމަށްފަހު ސަމްސާ ނަގައި ކާންފެށިއެވެ. ނުކައިހުރުމުން ވާނެ ފައިދާއެއް ނެތީތީއެވެ. ގޮތްދޫކޮށްފައި ބައްޕަ ކާންފެށުމުން ޝާމިން އުފާވިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޝެލީން ކާންތައްޔާރު ކުރަން ހުއްޓައި ޝިޔާޒް އައިސް ކާކޮޓަރިއަށް ވަނެވެ. ބަހެއްވެސް ނުބުނެ، ޝިޔާޒް އައިސް ކާމޭޒުދޮށުގައި އިށީނެވެ. ޝެލީން އުފަލުން ޝިޔާޒްއަށް ކާއެއްޗެހި ފޯރުކޮށްދޭން ފެށިއެވެ. އަނގައިން ނުބުނެ އިނދެގެންވެސް ކައިފިއްޔާ އޭނާ އުފާވާނެއެވެ. ޝިޔާޒް ކާންފެށިތާ ގިނައިރެއް ނުވެ ޝާމިންވެސް ކާން އަތުވެއްޖެއެވެ.
“ޝެލީންވެސް އާދެބަލަ ކާން….އެހެންނޫނީ ބައްޕައަށްވީހެން ހޮސްޕިޓަލްގަ އެޑްމިޓްކުރަން ޖެހިދާނެ…..ބައްޕަނުކާތީ ޝެލީންވެސް އެހުންނަނީ ނުކައިވިއްޔަ…” ލިބުނު ފުރުސަތުގައި ޝާމިން ޝެލީންގެ ސިއްރުބޭޒާރުކޮށްލިއެވެ. ޝެލީން ހައިރާންވެފައި ޝާމިންގެ މޫނަށް ބަލާލިއިރު، ޝިޔާޒްއަށް ބަލާލެވުނީ ޝެލީންގެ މޫނަށެވެ.
” ތެދެއް!…..އަހަރެމެންނަށް ކާންދީފަ ޝެލީން ނުކައިހުންނަންވީ ކީއްކުރަން……ޝެލީންއަށް ކަމެއް ވެއްޖެއްޔާ ކުށްވެރިވާނީ ހަމަ އަހަރެން…..އާދޭ!….ކާން އިށީދޭ!” ޝިޔާޒް ވާހަކަދެއްކި އަމުރުވެރިގޮތުން ޝެލީންގެ ހައިރާންކަން އިތުރުވިއެވެ. މިވީ ހުރިހާ ދުވަހުވެސް ޝިޔާޒް އެފަދަގޮތަކަށް ޝެލީންއާ ވާހަކަ ދައްކާފައެއް ނުވެއެވެ. ޖެހިލުންވެހުރެ ޝެލީން ކާންއިށީނެވެ. ހިމޭންކަމުގައި ތިބެގެން ތިންމީހުންވެސް ކައިނިންމާލިއެވެ.
މެންދަމު ވަގުތެވެ. ގޭތެރެ ހަމަހިމޭންވުމުން ޝާމިން އޭނާގެ މަސައްކަތް ފެށިއެވެ. މެންދުރުފަހު ނިދުމުގެ ސަބަބުން މިރޭވެސް އަވަހަށް ނިދާކަށް އޭނާބޭނުމެއް ނުވެއެވެ. ޝެލީންގެ ޑައިރީ އެއްކޮށް ނިންމާފައި ނޫނީ މިރޭ އޭނާ ނުނިދާނެއެވެ. ޝާމިން މޭޒުވަތްގަނޑުން ގަނޑުތައް ނަގައިގެން އައިސް އެނދުގައި އިށީނދެ، ކުރީރޭ ނިންމާލި ހިސާބުން ކިޔަންފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





asluvex varah kiyaahiyvey eba sheleen ge diary….
varah salhi hama…
so many hidden secrets are there dhw….
Yey me frst dhw. Vvv nyce mi part ves. Bt maa kury
Im the first yeaayyy vv salhi vahaka waiting for next part
Aneh bai avahah up kob deebala.
V v v nice…
Interesting story
Shine kon rasheh kan bunebaa. Inu beynun mihaa molhu liyun theri eh ufan vefa vany kon rashakah thw balaalan.
Heevany Haa dhaalu atoll rashehge kujjeh hen.
H.dh viyyaa nolhivaranfaru kujjeh hen bodah heevany.
One of the best story in this site
vvv kiyaahithun ……
When dhn up kuraani?????
vvvv reethi
Yess…then othy enme reethi bai..
Shelyn ge diary is the perfect. Avahah up kohdhee
Love it shine keep it up???
vaahaka kiyaa hithun indha a nimuny.. next up kohdheebala soon
Alhey haadha reehchey next part in beybe n Shelyn ge gulhun falhaa araane dhw
Alha haadha rythi story akey…. ?❤❤
Avaha 12 up koh dhybala plx plz….
Alha mirey up koh dhybala…
If u can….
reethi vaahaka eh….. totally in love with it…..up kurahchey ingey…???
I think shaamin is shelyn’s son v intresting waiting 4 the next part
Alheyy haadha dheraeyy..
Kyhvegen emyhun enmen ge behavior ahh ehaa Bodu badhalehh e aiee…
Heevesnuvey eiee kuryge shelyn aa shiyaax hen and sameeraa vex haadha change vehje eyy eyna kurin shelyn ahh varah rangalhu dhw but why have they changed so much..
Varah hithah thadhu vey maaxee ga ehaa ekuverikoh majaa koh ulhunu baehh ge dhiri ulhumuga mihaa bodu badhaleh aissa othyma…????
Kyhve tha dhimaa vaa haadhisaa ehhge sabababun ehaa bodah badhalu vanyy..???
Vvvvvv salhi and vvvv dheraveyy..???????