
******
މާލެއާދެވުމާއެކު އަނެއްކާވެސް ކިޔެވުމާއިގެން ކުރިޔަށްދާން ޖެހިއްޖެއެވެ. އަލަމްގެ މަތިން ހަނދާންވެ ދެރަވީނަމަވެސް، އަލަމްގެ ނަސޭހަތް ހަނދުމަ ބަހައްޓައިގެން ހިތްވަރާއެކު ކިޔަވަން މަސައްކަތް ކުރީމެވެ. ބޭބެއާއި ދައްތަވެސް އެމީހުންގެ “ބިޒީޝެޑިއުލް” ގައި ދިރިއުޅުން ކުރިޔަށް ގެންދެއެވެ.
ރިޒޯޓަށް ދެވުމާއެކީ އަލަމް އަހަރެންނަށް ގުޅިއެވެ. އަދި ރަނގަޅަށް ކިޔެވުމަށްއެދި ވަރަށް ނަސޭހަތް ދިނެވެ. އަލަމްއަށް ދެން ޗުއްޓީ ލިބޭނީ އެއްއަހަރު ފަހުން ކަމުގައިވެސް ބުންޏެވެ. އަހަރެން ދެރަވިއެވެ. ނަމަވެސް އަލަމްއަށްޓަކައި ކިތަންމެ ދިގުއިންތިޒާރެއްވެސް އަހަރެން ކުރާނަން ކަމުގައި ބުނެ، އަހަރެންގެ ހިތުގައިވާ ލޯބީގެ ވަރުގަދަކަން ސާބިތުކޮށްދިނީމެވެ.
ދުނިޔެ ހިނގަމުންދާވަރަކަށް ދުވަސްތައް ފާއިތުވަމުންދިޔައެވެ. އެއްދުވަހަކު މަންމަ ގުޅާފައިދިން ޚަބަރަކުން އުފަލުން އަހަރެންނަށް ފުންމައިގަނެވުނެވެ. މަންމަބުނީ އަހަރެން ދޮންތައަކަށް ވާން އުޅެނީކަމުގައެވެ. ސާދަ އަހަރުފަހުން މަންމައަށް ދެވަނަ ކުއްޖަކު ލިބެން އުޅެނީއެވެ. އަދި މަންމަ ބުނިގޮތުގައި އަލަމްގެ މަންމަވެސް އިނީބަލިވެއެވެ. އަހަރެންނަށާއި އަލަމްއަށް ކޮއްކޮއެއް ލިބެން އުޅޭތީ އަހަރެންގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. ބޮޑުޗުއްޓީގައި ރަށަށް ދާއިރު އަހަރެން ހުންނާނީ ދޮންތައަކަށްވެފައެވެ. އަހަރެން އުފަލުން ދައްތައާ ބޭބެގާތު އެވާހަކަ ހިއްސާކުރީމެވެ.
” ވަރަށް އުފާވެރި ޚަބަރެއްތީ…..އެންމެފަހުން ޝެލީންއާއެކީ ކުޅޭނެ ބޭބީއަކުވެސް ލިބެނީނު……” ބޭބެ އެވަގުތުވެސް އަހަރެންނާ ދިމާކޮށްލިއެވެ.
އަހަރެން ހުރީ އަހަރު ނިމޭނެ ދުވަހެއްގެ އިންތިޒާރު ކެތްމަދުވެފައެވެ. ސުކޫލުގައި ހޭދަކުރާ ވަގުތު ގިނަވެ، ކިޔެވުމުގައި ގިނަވަގުތު ހޭދަކުރަން ފެށުމުން ދުވަސްތައް ހަލުވިކަމާއެކު ފާއިތުވެގެން ދިޔައެވެ. އަހަރުގެ ފުރަތަމަޓާރމްގެ ޓެސްޓަނަގައި ނިމިއްޖެއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. އަހަރެންނަށް ޗުއްޓީ ލިބުނު ނަމަވެސް އަލަމްއަށް ނުދެވޭތީ އަހަރެންވެސް ރަށަށް އެހާދާހިތެއް ނުވިއެވެ. އެހެންކަމުން ރަށަށްދާ ވާހަކައެއް އަހަރެން ނުވެސް ދައްކަމެވެ.
” ޝެލީން…..މިފަހަރު ރަށަށް ނުގޮސްމަޑުކޮށްލަންވީނު…..ދައްތަ މިއުޅެނީ ބޭބެއާއެކު ލަންކާއަށް ޖައްސާލަން….” އެއްރޭ ކެއުމުގެ ވަގުތުގައި ދައްތަ ބުންޏެވެ.
” އެކަމު އަހަރެން އެކަނި ކިހިނެއް..؟” އަހަރެން އެކަނި ބަހައްޓާފައިދާން އުޅޭތީ އަހަރެން ކަންބޮޑުވިއެވެ.
” އެކަނި ހުންނަން ނުކެރެންޏާ…ޝެލީންގެ މަންމަ ގެންނާނީމިކޮޅަށް…..އޭރުން އޯކޭއެއްނު…. ” ބޭބެ ލަފާދިނެވެ. އަހަރެން އުފަލުން އެއްބަސްވީމެވެ.
ދައްތަމެން ލަންކާއަށް ފުރުމުގެ ކުރިން މަންމަ އަތުވެއްޖެއެވެ. ބައްޕަވެސް އޮފީހުން ޗުއްޓީ ނަގައިގެން މަންމައާއެކު އައެވެ. ބައްޕަމެން އައުމުން ފާރޫޤުބޭބެ ހުރީ ވަރަށް އުފަލުންނެވެ. ފާރޫޤުބޭބެ އުޅެނީ ވަކިބައެއްގައި ނަމަވެސް ބައްޕަމެން އައިފަހުން ވަރަށްގިނައިން އަހަރެމެން އުޅޭބަޔަށް އާދެއެވެ. ބުރަކޮށް އުޅެމުންވެސް ބައްޕައާއެކު ވަގުތު ހޭދަކުރެއެވެ. އެދެމީހުންގެ އެކުވެރިކަންފެނި އަހަރެން ހައިރާންވިއެވެ. އެހާގިނަދުވަހު ދުރުގައި އުޅުމުންވެސް އެކުވެރިކަމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ގިނަދުވަސްތަކަކަށްފަހު ބަލިވެއިނުމާއި ގުޅިގެން މަންމަގެ ސިއްޚަތު އެހާ ރަނގަޅެއް ނޫނެވެ. އަބަދުވެސް މަންމައަށް ކޮންމެވެސް އުނދަގުލެއް ވާތީ އުޅެއެވެ. ނަމަވެސް މަންމަ ހުންނަނީ އަބަދުވެސް ކަމެއް ކޮށްލަ ކޮށްލައެވެ. ގޭގައި ކައްކަން ގެންގުޅުނު އިންޑިއާމީހާވެސް ބަލިވެގެން އޭނާގެ ޤައުމަށް ދިޔަގޮތަކަށް ނާދެއެވެ. އެހެންކަމުން ގޭތެރޭގެއާއި ބަދިގޭގެ ކަންކަމުގައި މަންމައަށް އެހީތެރިވެދޭ އަހަރެން ނިންމީމެވެ. ނަމަވެސް އަހަރެންނަށް އެއްވެސްކަމެއް ރަނގަޅަށް ކުރާކަށް ނޭނގެއެވެ. މަންމަ އަހަރެންނަށް ކަންކަން ދަސްކޮށްދޭން ފެށީ އަހަރެން ބުނެ އާދޭސްކޮށްގެންނެވެ. އަހަރެން ލައްވައި އެއްވެސް ކަމެއް ކުރުވާކަށް އަދިވެސް މަންމަ ބޭނުމެއް ނުވެއެވެ. ނަމަވެސް ޗުއްޓީ ނިމެންވާއިރަށް ގިނަ ކަންތައްތަކެއް އަހަރެން ދަސްކުރީމެވެ. ދޮވެ އިސްތިރިކުރުމާއި ގޭތެރެ ފޮޅާސާފުކުރަން ދަސްކުރީމެވެ. ބައެއް ކަހަލަ ކާއެއްޗެހި ހަދަން ދަސްކުރީމެވެ.
ދައްތަ ލަންކާއިން އެނބުރި އައިއިރު އަހަރެންނަށް ކަންތައްތައް ކުރަން ދަސްވެފައިހުރުމުން ވަރަށް އުފާވިއެވެ. ވަރަށް ތައުރީފުވެސް ކުރިއެވެ. އޭގެފަހުން ކިޔަވަމުންވެސް ދައްތައާއެކު ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދޭން ފެށީމެވެ. ނަމަވެސް ކިޔެވުމުގައި ފަރުވާކުޑަ ނުކުރުމަށް ދައްތަ އަބަދުވެސް ނަސޭހަތްތެރިވެއެވެ. އުފަލާއި ހިތްހަމަޖެހުމުގައި އަހަރުގެ ދެވަނަ ޓާރމްވެސް ނިމިގެން ހިނގައްޖެއެވެ. ނަތީޖާލިބުމުން އަހަރެން ރަށަށް ދިއުމަށްޓަކައި ދަތުރު ހަދަންފެށީމެވެ. މަންމަ ވިހާދުވަސް ގާތްވެފައި ހުރުމުން ދައްތަ، މަންމައަށް ވަރަށްގިނަ ހަދިޔާތައް ގަނެދީހެދިއެވެ. ދައްތަގެ އެއިހުސާންތެރިކަމަށް އަބަދުވެސް އަހަރެން ޝުކުރުވެރިވަމެވެ. އަލަމް ގުޅުމުން އަހަރެން ރަށަށްދާ ވާހަކަބުނީމެވެ. އޭނާހުރީ ރަށަށް ނުދެވޭތީ ދެރަވެފައެވެ.
ރަށަށް ދިއުމުން އަހަރެންނަށް އުޅެންޖެހުނީ ވަރަށް ބުރަކޮންނެވެ. ދުވަސްފުރެމުން އައިވަރަކަށް މަންމަގެ ބަލިހާލު ބޮޑުވަމުން ދިޔައެވެ. އިރުއިރުކޮޅާ ޑޮކްޓަރަށްވެސް ދައްކަންޖެހެއެވެ. ދޭތެރެ ދޭތެރެއިން ޔޫނާވެސް އައިސް އަހަރެންނަށް އެހީތެރިވެދީ އުޅެއެވެ.
އެއްދުވަހެއްގެ ފަތިސް ވަގުތެވެ. އަހަރެންނަށް ހޭލެވުނީ މަންމަގެ ރުއިމުގެ އަޑަށެވެ. އަހަރެން ކޮޓަރިން ނުކުތްއިރު މަންމައިނީ ސިޓިންރޫމުގައެވެ. ބައްޕަފެންނާކަން ނެތެވެ. ހީވާގޮތުން ބައްޕައަދި މިސްކިތުން ނާންނަނީއެވެ. އަހަރެން ދުވެފައި މަންމަގެ ގާތަށް ދިޔައީމެވެ.
” މަންމާ!….ކިހިނެއްވީ؟….ބަނޑުގަރިއްސަނީތަ؟…” ކަންބޮޑުވެފައި އަހަރެން އަހާލީމެވެ.
” އާނ! ދަރިފުޅާ…..ދޭބަލަ…. ބައްޕަ… ފެނޭތޯ…” ވަރަށް އުނދަގުލުން މަންމަ ބުންޏެވެ. އަހަރެން ދުވެފައި މަގުމައްޗަށް ނުކިތީމެވެ. ނަމަވެސް ބައްޕަ ފެންނާކަށް ނެތެވެ. އަހަރެން މިސްކިތާދިމާއަށް ދުއްވައިގަތީމެވެ. މިސްކިތް ހުންނަމަގަށް އެޅުމާއެކު، ބައްޕައާއި އަލަމްގެ ބައްޕަ ވާހަކަ ދައްކަން ތިބިމަންޒަރު އަހަރެންނަށް ފެނުނެވެ.
” ބައްޕާ!….މަންމަގެ ބަނޑުގަ ރިއްސަނީ” ދުވެފައި ގޮސް ބައްޕަމެން ގާތަށް ހުއްޓެވުނުއިރު އަހަރެންނަށް ހުރީ މާނޭވާ ލެވިފައެވެ. ބައްޕައާ އަލަމްގެ ބައްޕަވެސް ހަލުވި ފިޔަވަޅުތަކެއްގައި ގެޔާދިމާއަށް ހިނގައިގަތެވެ. އަހަރެމެންނަށް ގޭތެރެއަށް ވަދެވުނުއިރު މަންމައޮތީ ސިޓީންރޫމް ތެރެއަށް ވެއްޓިފައެވެ. ތަރުފާލުމަތީގައި ހުރިލޭތައް ފެނުމުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ކަންބޮޑުވެގެން ގޮސް ބައްޕަވެސް ހުރީ ރޮވޭގޮތްވެފައެވެ.
އަވަސްގޮތެއްގައި މަންމަ ގޮވައިގެން ކުޅުދުއްފުއްޓަށް ދެވުނެވެ. ގޭކައިރީ ބައެއް އަވަށްޓެރިންވެސް އަހަރެމެންނާއެކު ދިޔައެވެ. މަންމަ ވިއްސާކޮޓަރިއަށް ވެއްދީއްސުރެ އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. މަންމައާއި ކޮއްކޮ ސަލާމަތްކުރެއްވުމަށް އެދި ހިތާހިތުން ދުޢާކުރަމުން ދިޔައީމެވެ. އިންތިޒާރު ކުރާތާ ގާތްގަނޑަކަށް އެއްގަޑިއިރުފަހުން ޑޮކްޓަރު ނުކުތެވެ. ބައްޕަ އާއި އަހަރެން ދުވެފައި ޑޮކްޓަރގެ ގާތަށް ދިޔައީމެވެ. ޑޮކްޓަރބުނީ ކުއްޖާބޮޑުކަމުން ދިމާވިއިނދަގޫތަކުގެ ސަބަބުން ވިހެއުމުގެތެރޭގައި ކުއްޖާގެ ހާލުމާބޮޑަށް ދަށަށް ގޮސް ވިހޭއިރު ކުއްޖާއޮތީމަރުވެފައި ކަމުގައެވެ. އަދި މަންމަގެ ހަށިގަނޑުން ލޭބޭރުވިލެއް ގިނަކަމުން މަންމަގެ ހާލުވެސް ވަރަށް ސީރިއަސްކަމުގައި ބުންޏެވެ. ވީއެންމެ އަވަހަކަށް މާލެގެންދިޔުމަށްވެސް ލަފާދިނެވެ. އެޚަބަރު އަހާފައި އަހަރެންނަށް ވަގުތުން ރޮވުނެވެ. ބައްޕައަށްވެސް ވީހަމައެވަރެވެ.
ބައްޕަ ފާރޫޤުބޭބެއާއި ގުޅައިގެން ހަމައެދުވަހު މާލޭދާން ނިންމިއެވެ. އެހެންކަމުން އަނެއްކާވެސް މަންމަ ގޮވައިގެން ރަށަށް އައުމަށް ދަތުރުފެށީމެވެ. ޑޮކުޓަރާއި ނަރުހަކުވެސް އަހަރެމެންނާއެކު އައެވެ.
ރަށަށް ލެފެން ގާތްވެފައި ހުއްޓައި މަންމަގެ ހާލުދަށަށްދިޔައެވެ. ޑޮކްޓަރާއި ނަރުސް ކަންބޮޑުވެގެން ގޮތްހުސްވިއެވެ. މަންމަ ސަލާމަތްކުރަން އެމީހުންނަށް ކުރެވުނު މަސައްކަތެއް ކުރިއެވެ. ނަމަވެސް އެންމެފަހުން މަންމަގެ ފުރާނަދިޔައީ އަހަރެމެންގެ ބަލަބަލާ ތިއްބައެވެ. މަންމަ މަރުވީ ،ހަށިގަނޑުން ލޭބޭރުވިލެއް ގިނަކަމުން ސިކުނޑިއަށް ޝޮކުޖެހިގެންނެވެ. މަންމަ މަރުވީކަން އެނގުމާއެކު މަންމަ ގައިގާ އޮޅުލައިގެންފައި އަހަރެންނަށް އަޑުން އަޑުނަގާރޮއެގަނެވުނެވެ. ބައްޕައަށް ލިބުނު ޝޮކުގައި މުޅިމީހާ ފާޑަކަށް ހުއްޓުން އަރާފައި ގަބުވީއެވެ. އަނގައިން ބަހެއްނުބުނިތާނގައި ހަރަކާތެއްވެސް ނުކޮށް މަންމަގެ ހުދުވެފައިވާ މޫނަށް ބަލަހައްޓައިގެން އެއިންގޮތަށް އިނީއެވެ.
ދޯނި ރަށަށް ލެފުމާއެކު ވަރަށްގިނަ ބަޔަކު އަތިރިމައްޗަށް އެއްވިއެވެ. މަންމަގެ މަރުގެ ޚަބަރުލިބުމުން އެންމެންގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. އަލަމްގެ މަންމަވެސް އެބޮޑުބަނޑާއެކުވެސް އައި އަހަރެންގެ ގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ. ޔޫނާވެސް އަހަރެން މާމަގެ އަތުގައި ހިފައިގެން އައިސް އަހަރެންގެ ގާތަށް އައިއިރުހުރީ ރޮވިފައެވެ. މަންމައާއި ކޮއްކޮގެ މަރުގެ ޚަބަރުމާމައަށް ލިބުމުން އެނިކަމެތި މުސްކުޅި މާމަގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ރޮމުން ރޮމުން ގޮސް ހަލާލުވާވަރުވިއެވެ. ބައްޕަވެސް އެގަބުވީގޮތަށް ހަރަކާތެއްވެސް ނުކޮށް އެތައްއިރެއްވާންދެން ހުރުމަށްފަހު އެންމެފަހުން އަޑުންއަޑުނަގާ ރޯންފެށީ ފާރޫޤުބޭބެ ގުޅުމުންނެވެ. މަންމަގެ މަރުގެ ޚަބަރުލިބުމުން ފާރޫޤުބޭބެއާއި ސަމީރާދައްތައާއި ޝިޔާޒްބޭބެވެސް ހަމައެދުވަހު ރަށަށް އައެވެ. އެމީހުން ފެނުމުން އަހަރެން އަދި މާބޮޑަށް ދެރަވިއެވެ. ދައްތަފެނުމާއެކު ދުވެގޮސް ދައްތަގެ ގައިގާ އޮޅުލައިގަނެވުނެވެ.
” ޝެލީން….ހިތްވަރުކުރޭ!…..ކޮންމެ އިންސާނަކުވެސް މަރުވާނެ….ދައްތަވެސް ހަމަ ޝެލީންވަރުއިރުގަ ދައްތަގެ މަންމަވެސް މަރުވީ…..އެދުވަހު ދައްތަވެސް ވަރަށްދެރަވި….އެކަމު ދައްތަވެސް ހަމަ ހިތްވަރުކުރީ….ކެތްތެރިވާންވާނެ ޝެލީން” ދައްތަ އޯގާތެރިކަމާއެކު އަހަރެންގެ ބޮލުގައި ފިރުމަމުން ހިތްވަރުދިނެވެ. ބޭބެވެސް ހަމައެފަދައިން ނަސޭހަތްދިނެވެ.
އެންމެންގެ ހަމްދަރުދީގެ ބަސްތައްލިބެން ފެށުމުން އަހަރެންގެ ރުއިން އިތުރުވެގެން ދިޔައެވެ. ކެތްތެރިވާށޭ ކިޔައި އެމީހުން ކިތަންމެ ނަސޭހަތެއް ދިނަސް މިއަދު އަހަރެން ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ މަންމަގެ ކުއްލި ވަކިވެދިޔުން އަހަރެންގެ ހިތުގައި ފުންޒަޚަމެއް އުފައްދައިފިއެވެ. ކޮއްކޮއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ކުރެވުނު އުއްމީދުތައްވެސް އެކުޑަކުޑަ ފުރާނައާއެކު ވަކިވެގެން ހިނގައްޖެއެވެ. މަރުވެފައި އޮތްއިރުވެސް ލޯބިކަމުން ކޮއްކޮ އުރާލައި މެޔާލައި ބޮނޑިކޮއްލާ ހިތްވިއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އަހަރެންނަށް އުރާލަންވެސް ނުލިބި އެލޯބިކޮއްކޮ އަބަދުގެ އަބަދަށް ވަކިވެ ދިޔައީއެވެ. އަހަރެންގެ ހިތް ހަލާކުކޮށްލާފައެވެ. އުމުރަށް އެކަނިވެރިކޮށްލާފައެވެ.
މަންމައާއި ކޮއްކޮގެ ޖަނާޒާގައި ރަށުގެ ކުދިބޮޑުއެންމެންވެސް ބައިވެރިވިއެވެ. ހިތްކުދި ކުދިވެފައިވާ ހާލު އަހަރެންވެސް ޖަނާޒާގައި ބައިވެރިވީމެވެ. ޔޫނާ އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ އަތުން ދޫނުކޮށްލައެވެ. ކަށުނަމާދުކުރުމަށްފަހު މަންމައާއި ކޮއްކޮ އަބަދުގެ އަބަދަށް ފަސްގަނޑުގެ ތެރޭގައި ވަޅުލެވިއްޖެއެވެ.
ޖަނާޒާގައި ބައިވެރިވި އެންމެން، އަހަރެމެންނަށް ނަސޭހަތްތެރިވެ މަންމައާ ކޮއްކޮގެ މައްޗަށް ހެރޔޮދުއާކުރަމުން ވަކިވެގެން ހިނގައްޖެއެވެ. ކުއްލިހާލަތުގެ ޗުއްޓީނަގައިގެން އަލަމްއަށް ރަށަށް އާދެވުނީ ހުރިހާކަމެއް ނިމުނު ފަހުންނެވެ. އަލަމް ފެނުމާއެކު އޭނާގެ ގައިގާ އޮޅުލައިގެންފައި އަހަރެންނަށް ރޯންފެށުނީ ބޭއިޚުތިޔާރުގައެވެ. ވަށައިގެންތިބި މީހުންގެ މަތިންވެސް އަހަރެން ހަނދާނެއްނެތެވެ. އެޔަށްވުރެބޮޑަށް އަހަރެންނަށްވަނީ އަސަރުކޮށްފައެވެ.
ދުވަހުގެ އިރުއޮއްސިގެން އައީ ކަޅުފޮއެ ރޭގަނޑެއްގެ އަނދިރިކަން އަހަރެންގެ ހަޔާތަށްވެސް ވެރިކުރުވަމުންނެވެ. ފަޅުކަމާއި އެކަނިވެރިކަމަށް ތަންދެމުންނެވެ. ގެޔަށްވަނުމުން މަންމަގެ ހަނދާންތައް ހަފަރާތުން އަހަރެންގެ ވަށާލިއެވެ. ކޮންމެދިމާއަކަށް ބަލާލިޔަސް މަންމަގެ ހަނދާންއާވެއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެހަނދާންތައް އަހަރެންގެ ހިތަކުން ނުދާނެއެވެ. ލޯބިން ދަރިފުޅާއޭ ކިޔާ އަހަރެންނަށް ގޮވާލާއަޑު އިވޭހެންވެސް ހީވެއެވެ.
އެންމެ ފަހުން މިއަދު ހެނދުނު މަންމަ ސިޓިންރޫމުގައި އިން މަންޒަރު އަހަރެންގެ ލޮލަށް ސިފަވެގެން އަނެއްކާވެސް އަހަރެންނަށް ރޮވެންފެށިއެވެ. ދައްތައާއި ބޭބެ ދެފަރާތުގައި ތިބެގެން ފިރުމަ ފިރުމާފައި އަހަރެން ހުއްޓުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެމީހުންގެ އެއްވެސް ނަސޭހަތަކުން އަހަރެންނަކަށް ލުޔެއް ނުލިބުނެވެ. އެރޭގެ ހަތަރުދަން އަހަރެން ހޭދަކުރީ މަންމަގެ ހަނދާންކޮށް ރުއިމުގައެވެ. ބައްޕަގެ ހާލަކީވެސް އެއީކަން އަހަރެންނަށް އެނގެއެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ފާރޫޤުބޭބެގެ ނަސޭހަތުން ހިތްވަރުކޮށްފައި ބައްޕަ ތެދުވެގެން އުޅުނުނަމަވެސް އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރުން ތެދުވެ އުޅެވޭހައި ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ. ފާރޫޤުބޭބެ ލަފާދިނީ ބައްޕަ އަހަރެންނާއި މާމަވެސް ގޮވައިގެން މާލެދިޔުމަށެވެ. ނަމަވެސް ބައްޕަ އެގޮތާއި އެއްބަހެއް ނުވިއެވެ. ބައްޕަބޭނުންވީ މާމަގޮވައިގެން ރަށުގައި ހުންނާށެވެ. ބައްޕައެދުނީ ޗުއްޓީނުނިމުނުނަމަވެސް އެމީހުން މާލެދާއިރު އަހަރެން ގެންދިޔުމަށެވެ. ރަށުގައި ހުރެއްޖެނަމަ އަހަރެން މާބޮޑަށްދެރަވާނެތީކަމުގައިވެސް ބުންޏެވެ. ބައްޕައާއި މާމައެކަނި ދޫކޮށްދާން އަހަރެންހުރީ ވަރަށް ދެރަވެފައެވެ. އެކަނިއުޅެންވުމުން ބައްޕަ ހިތާމަކުރާނޭވަރު އަހަރެންނަށް ވިސްނެއެވެ.
” ބައްޕާ!….ބައްޕަ ކިހިނެއް އެކަނި އުޅޭނީ…..ކައްކާ ކާންދޭނެ މީހެއްވެސް ނެތެއްނު…..ބައްޕަ ހިނގާ އަޅުގަނޑުމެންނާއެކު މާލެދާން…..މާމަވެސް ގޮވައިގެން…” އެންމެފަހުން އަހަރެން އެދުނީމެވެ.
” ނޫނޭ ދަރިފުޅާ!….ބައްޕައަށް ކައްކާކައިގެންވެސް އުޅެވިދާނެ…..ހިތާމަވެރިކަމެއް ކުރިމަތިވާއިރަށް އެތަނެއްދޫކޮށް ފިލަންދުވާނީ ފިނޑިން……ބައްޕައަކީ އެހާފިނޑިމީހެއްނޫން……ބައްޕައުޅޭނީ މިތާ….މިގޭގަ….މަންމަގެ ހަނދާންތަކާއެކީ ބައްޕައަށް އުޅެވިދާނެ..” ބައްޕަގެ ޖަވާބުއިވުމުން ބުނާނެ އިތުރު އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ.
ހަފްތާއެއްވާންދެން ބައްޕަގާތު ތިބުމަށްފަހު ފާރޫޤްބޭބެމެން އަހަރެން ގޮވައިގެން މާލެދާން ފުރީމެވެ. އަލަމްއާއި އޭނާގެ މަންމައާއި ބައްޕައާއި އަހަރެންގެ ބައްޕައާއި މާމަ އަދި ޔޫނާގެ އިތުރުން ވަރަށްގިނަމީހުން އަހަރެން ފުރުވަން އައެވެ. އަހަރެންނަށް ހިތްވަރުދީ ނަސޭހަތްދިނެވެ. އަލަމްގެ މަންމަ އަހަރެންނާމެދު ކަންބޮޑުވެ ވަރަށް ހިތާމަކުރިއެވެ. އަލަމްގެ މަންމަ ރޮވިފައިހުރި މަންޒަރު ފެނުމުން އަހަރެން މަންމަގެ މަތިން ހަނދާންވެ ވަރަށް ދެރަވިއެވެ. ހިތްވަރުކޮށްގެން ހުއްޓާވެސް ލޮލުން ކަރުނައައެވެ. މާމަވެސް އަހަރެންދާތީ ދެރަވެގެން ވަރަށް ރުޔެވެ. ލޮލުން އެތައް ކަރުނައެއް އޮއްސަމުން މޮޅިވެފައިވާ ހިތަކާއިގެން އަހަރެން މާލެއައީމެވެ. މަންމަގެ ވަކިވެދިޔުން ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ ހިތާމަވެރި ބާބުގެ ފެށުންކަމުގައެވެ.
ޗުއްޓީގެ ބާކީއޮތް ދުވަސްތައް އަހަރެން ހޭދަކުރީ އިންތިހާ ދަރަޖައިގެ ފޫހިކަމާއި ހިމޭންކަމުގައެވެ. ދައްތައާއި ބޭބެގެ ނަސޭހަތުން ހެލިފެލިވެ އުޅުނަސް އަހަރެންގެ ހިތްވަނީ ހިތާމައިން ފޯވެފައެވެ. މަންމަގެ ހަނދާން ނުވާ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާހިތެއްވެސް އަހަރެން ނުވެއެވެ. އަހަރެންގެ ކަމަކީ ކޮޓަރީގައި އެކަނި އޮވެގެން މަންމަގެ ހަނދާން ކޮށް ކޮށްފައި ރުއިމެވެ. ދެން ދުވަހަކުވެސް މަންމަ ނުފެންނާނެކަން އެނގޭތީ ހަމަ ރޮވެނީއެވެ. ބައްޕައާއި އަލަމް ގުޅައިފި ދުވަހަކު ރުއިން އިތުރުވެއެވެ. އެހިތާމަވެރި ހާދިސާއަށްފަހު ހަމަނިދިވެސް ނުނިދެއެވެ.
“ޝެލީން…..ދެން ތިގޮތަށް އަބަދު އުޅޭކަށް ނުވާނެއްނު……ޝެލީން ކިތަންމެ ވަރަކަށް ހިތާމަކުރިޔަސް މަންމަ އަނބުރައެއް ނާންނާނެ…” އަހަރެން ކޮޓަރީގައި ރޯން އޮއްވައި ދައްތައާއި ބޭބެ އައިސް ވަނެވެ.
” ތެދެއް……ދެން ތިގޮތަށް އަބަދު ރޮއެ ހިތާމަކުރީމަ މަންމަގެ ފުރާނައަކަށްވެސް ހަމަޖެހުމެއް ނުލިބޭނެ……މަންމަ ބޭނުމެއްނުވާނެ….ޝެލީން އަބަދު ރޮއެ ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުންދޭކަން…..ބައްޕަވެސް ބަލަން ހުރި ކުއްޖަކީ ތިޔެއްނު….ދެން ތިހެން އުޅުނީމަ ބައްޕަވެސް ހައްތަހާދެރަވާނީ…..މިހާރު ސުކޫލުވެސް ހުޅުވެން އެއުޅެނީ…..ހިތްވަރުކޮށްގެން ކިޔަވަންވެސް ޖެހޭނެއްނު” ބޭބެވެސް އަހަރެންނަށް ވިސްނަދިނެވެ.
ތެދެކެވެ. ކިތަންމެ ދެރަވިނަމަވެސް ތަޤުދީރުގައި ވާންހުރިކަމެއް ވެނިމޭނެއެވެ. އިންސާނުންނަށް ޖެހޭނީ ކެތްތެރިވާށެވެ. ދިރިތިބިމީހުންނަށް ވާޖިބުވަނީ މަރުވެދިޔަމީހުންގެ މައްޗަށް ހެދުއާކޮށް ދިރިއުޅުމައިގެން ކުރިޔަށްދިއުމެވެ. އަހަރެންވެސް ހިތާމަތައް އެއްފަރާތްކޮށްލުމަށްފަހު، ދުނިޔޭގެ ގާނޫނާ އެއްގޮތަށް ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށް ނިންމީމެވެ.
******
ޗުއްޓީއަށްފަހު އަނެއްކާވެސް އާއަހަރެއްގެ ކިޔެވުން ފެށިއްޖެއެވެ. މިއީ އަހަރެން އޯލެވެލް ހަދާ އަހަރެވެ. އެހެންކަމުން ދައްތައާއި ބޭބެގެ އިތުރުން އަލަމްއާއި ބައްޕަވެސް ގުޅައިގެން އަހަރެންނަށް ކިޔެވުމަށް ހިތްވަރުދީ ހަދައެވެ. އަލަމްގެ މަންމަ ދުވަސްފުރައި ލޯބިލޯބި ފިރިހެން ކުއްޖަކު ވިހޭ ވާހަކަ ބައްޕަ ފޯނުކުރި ދުވަހެއްގައި ބުންޏެވެ. ބައްޕަ އެހެންބުނިއިރު ބައްޕަގެ އަޑުގައިހުރި ހިތާމައިގެ އަސަރު އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެންގެ މަންމައާއި ލޯބިލޯބި ކޮއްކޮގެމަތިން ބައްޕަ ހަނދާންވީކަން އަހަރެންނަށް އެނގުނެވެ. އެހަނދާންވެފައި އަހަރެންވެސް ވަރަށް ދެރަވިއެވެ.
ދުވަސްތައް އެގޮތުގައި ދެއެވެ.
އަހަރުގެ މެދަކާހަމައަށް ދިޔަފަހުން ކުއްލިއަކަށް ހިނގި ނުރައްކާތެރި ކާރުއެކްސިޑެންޓެއްގައި ފާރޫޤުބޭބެ ވަރަށްބޮޑަށް ޒަޚަމްވިއެވެ. ދައްތައާއި ބޭބެ ފާރޫޤުބޭބެ ގޮވައިގެން އަވަސްގޮތެއްގައި އިންޑިއާއަށް ދިޔައެވެ. އެހެންކަމުން ކުޑަދުވަސްކޮޅެއް ވާންދެން އެކަނި އުޅެންވެސް އަހަރެންނަށް ޖެހުނެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ބޭބެ އެނބުރި މާލެއައީ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާނެ އިތުރުމީހަކު ނެތުމުންނެވެ. ދެބަފައިން އެކަނިދޫކޮށްފައި އަންނަން ޖެހުމުން ބޭބެހުރީ ވަރަށް ދެރަވެފައެވެ. ބޭބެގެ ފަރާތުން އެނގުނުގޮތުގައި ފާރޫޤުބޭބެގެ ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ލޮލުގެ ފެނުންވެސްވަނީ ގެއްލިފައެވެ. އެކަން އެނގުމުން ސަމީރައްތަ ދެރަވާނެވަރު ހިތަށް އަރާފައި އަހަރެން ވަރަށް ދެރަވިއެވެ. ދައްތަ ބައްޕަޔާއެކު މަޑުކުރީ އިތުރަށް ބޭސްކުރުމަށެވެ. އަހަރެންގެ ބައްޕައަށް ފާރޫޤު ބޭބެގެ ހާލު އެނގުމުން ހަމައެހާދެރަވެގެން ފާރޫޤުބޭބެ ރަނގަޅުވުމަށް އެދިދުޢާކުރިއެވެ.
ދައްތަ ޤައުމުން ބޭރުގައި ހޭދަކުރި ދުވަސްތަކުގައި ގޭގައި އުޅުނީ އަހަރެންނާއި ޝިޔާޒްބޭބެއާ ދެމީހުންނެވެ. ގޭތެރޭގެ ކަންތައްތައް ދަސްވެފައި ހުރިކަން ނަސީބޭ ހިތައްއެރިއެވެ. އެހެންނޫންނަމަ ދައްތަނެތި އަހަރެން އުޅެންޖެހުނީހީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ ނަމަވެސް އަހަރެން ގޭތެރޭގެ ކަންތައްތައް ކުރާކަށް ބޭބެ އެހާ ހިތްހަމައެއް ނުޖެހެއެވެ. އަހަރެންގެ ކިޔެވުމަށް ހުރަސް އެޅިދާނެތީއެވެ. އެހެންކަމުން ކެއުންވެސް ބޭބެ އޯޑަރކުރަނީ އަހަރެންނަށް ކަށްކަން ނުޖައްސަން ވެގެންނެވެ. ބޭބެގެ އަންނައުނު ދޮވެ އިސްތިރިކޮށް ހަދަނީވެސް އަމިއްލައަށެވެ. ބޭބެ އަހަރެންނާމެދު އެހާވަރަށް ވިސްނާތީ އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ އާއިލާގެ އިތުރުންވެސް އަހަރެންނާ އަޅާލާނެ ބަޔަކުތިބިކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.
ބޭބެ ގިނަވަގުތު އުޅެނީ އޮފީހުގައެވެ. އަހަރެން އުޅެނީ ސުކޫލުގައެވެ. ދެމީހުން ގިނައިން ދިމާވަނީ ސުކޫލަށްދާގަޑީގައި އާއި ރޭގަނޑުގަޑީގައެވެ. މިހާރުވެސް ބޭބެ އަހަރެން ސުކޫލަށް ލައިދޭން ދެއެވެ. ބަލާނުދެވެނީ ބޭބެ އޮފީހުގައި މާބޮޑަށް ބުރަކޮށް އުޅެންޖެހޭތީއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ކާގަޑިތަކަށް ގެޔަށް އައިސް އަހަރެންހުރީ ކައިގެންތޯ ބަލާހަދައެވެ. އަހަރެން އެކަނިވެދާނެތީ ރާގަނޑު އެއްގޮތަކަށްވެސް ބޭރަކަށް ނުދެއެވެ. އޮފީސް ނިމިގެން އަންނައިރުވެސް ތަފާތުވައްތަރުގެ ލުއިކާނާއާއި އައިސްކުރީމް ފަދަ އެއްޗެހި އަހަރެންނަށް ގެނެސްދީހަދައެވެ. ބޭބެގެ ރަގަނޅުކަން ފެނި އަހަރެންގެ ހިތުގައި ބޭބެއަށް ދެވިފައިވާ ޤަދަރާއި ލޯބިއިތުރުވެގެން ދިޔައެވެ.
ހުކުރު ދުވަހެކެވެ. ފަތިހުހޭލައިގެން ނަމާދުކޮށްގެން އަހަރެން އަވަސްވެގަތީ ކާއެއްޗެއް ތައްޔާރުކުރުމަށެވެ. އަހަރެން ބޭނުމީ މިއަދު އަހަރެންގެ އަތުން އެއްޗެއް ކަށްކައިގެން ކާށެވެ. އަހަރެން ކައްކާ އެއްޗެހި ބޭބެއަށްވެސް ކަމުދާނެކަން ގައިމެވެ. އުފަލުންހުރެ އަހަރެން ސައިތައްޔާރުކުރީމެވެ.
“ބޭބޭ…ސައިހަދާފައޭހުރީ…” ބޭބެ ކާއެއްޗަކަށް އޯޑަރދޭން އުޅެންފެށުމުން އަހަރެންބުނީމެވެ.
” އެހެންތަ؟….ޝެލީން އެކަނިތަ ސައިހެދީ؟…” ބޭބެ ކުޑަކޮށް ހައިރާންވެފާ އަހާލިއެވެ.
” ހޫމް…އަޅުގަނޑު އެކަނި ސައިހެދީ…..އަޅުގަނޑަށް އެނގެޔޭ މިހާރު ކާއެއްޗެހި ހަދަން…..ތިހޮޓަލުން ގެންނަ އެއްޗެއްސަށްވުރެ މީރުވާނެ ޝެލީން ހަދާފަހުރި އެއްޗެހިވެސް….” އަހަރެން ފޮނިވެލާފައި ބުނީމެވެ. ބޭބެ ހީލަމުން ކާންފެށިއެވެ.
” އަސްލުވެސް ތިބުނީ ހަމަ ތެދެއް…..ވަރަށްމީރު…” ބޭބެ އަހަރެންނަށް ތައުރީފުކޮށްލުމުން އަހަރެން އުފާވިއެވެ. އެދުވަހަށްފަހު އަހަރެންނަށް ވަގުތުވީވަރަކުން ގޭތެރޭގެ ހުރިހާކަމެއްވެސް ކުރަމެވެ. ބޭބެވެސް ބައެއްފަހަރު އަހަރެންނާއެކު ކަންކަމުގައި ބައިވެރިވެއެވެ. ނަމަވެސް ދައްތަ ގޭތެރޭ ކަންތައް ކުރާއިރު ދުވަހަކުވެސް ބޭބެ ބައިވެރިވާތީ އަހަރެން ނުދެކެމެވެ.
ދުވަސްތައް ވޭތުކަމުން ދިޔަވަރަކަށް މަންމަވަކިވެ ދިޔުމުގެ ހިތާމަ ލުއިވަމުން ދިޔައެވެ. ބައްޕަވެސް ކެތްތެރިކަމާއެކު ދިރިއުޅުމާއިގެން ކުރިޔަށް ދިޔައެވެ. ބޭބެގެ އަޅާލުމާއި ނަސޭހަތުން އަހަރެންވެސް ހިތްވަރުދެރަނުކޮށް ކިޔަވަމުން ދިޔައީމެވެ. މާގިނަވަގުތު ސުކޫލުގައި ކުލާސްކުދިންނާއެކު ހޭދަކުރަން ފެށުމުން ބޭބެ ބޭނުންވީ އެކުދިންނާއެކު ގެޔަށް “އައިސް ގުރޫޕް ސްޓަޑީ” ހެދުމަށެވެ. ގޭގައިވެސް އިތުރު ބަޔަކު ނޫޅޭއިރު ކިޔަވަން ގޭގެ މާހައުލުވެސް ހަމަ ރަނގަޅުވާނެކަމުގައި ބޭބެ ބުންޏެވެ. އަހަރެން ކުލާސްކުދިންނާ މަޝްވަރާކުރުމުން އެކުދިންވެސް އެގޮތާއި އެއްބަސްވިއެވެ. އަހަރެން ގުރޫޕް ސްޓަޑީ ހަދަނީ އަހަރެންގެ ކުލާސްދަރަހުމަތްތެރިން ކަމަށްވާ އަރުޝީއާއި އަޝްފާއާ އެކުގައެވެ. ދެކުދިންނަކީވެސް މާލެއަށް ނިސްބަތްވާ، ޒަމާނީ ގޮތްތަކަށް ލޯބިކުރާ ދެކުދީންނެވެ. ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައިވެސް އަހަރެންނާއި އެކުދީން ވަރަށް ތަފާތެވެ. ފުރަތަމަ ގެޔަށް އައިދުވަހުވެސް އެކުދިން އަހަރެން ހެދުންއަޅާގޮތަށް ފާޑުކިއެވެ.
” އަޅެ ޝެލީން….ތިރާއްޖެތެރޭ ކަޓްގޮތްގަނޑު ދޫކޮށްފަ އަހަރެމެން މިލާ ކަހަލަ ޓޮޕާ ޖީންސް ނޫނީ ސްކާޓްލާބަލަ……ތިދެން މިހާރު ވަރަށް އޮޑް ސްޓައިލްއެއް” އަހަރެންލާފައިހުރި އަތްދިގު ހަރުވާޅުހެދުން ފެނިގެން އަރުޝީ ބުންޏެވެ.
” އަހަރެންވެސް ލަމޭ ޖީންސް…..އެކަމް ތިކަހަލަ ކުރުޓޮޕާ މިނީ ސްކާޓްލާކަށް މަށަކަށް ނުކެރޭނެ…” އަހަރެން ވަގުތުން އިންކާރުކުރީމެވެ.
” އެކަމް ދެން….ތިލާފަހުންނަ ބޮޑެތި ހެދުމުގެ ސަބަބުން ޝެލީންގެ ރީތިކަމެއްވެސް ނުފެނޭ…..ޝެލީން ވަރަށް ސަޅިވާނެ ސްކާޓްލާފަ މިގޮތަށް ޓޮޕްކޮޅުލީމަ” އަޝްފާ އޭނަގެ ހެދުމަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އަހަރެން އަޝްފާގެ ހެދުމަށް ރަނގަޅަށް ބަލާލީމެވެ. އޭނާ މަތިންލާފައިހުރި ޓޮޕްކޮޅުގެ ކުރުކަމުން ބަނޑުފޮރުވެނީވެސް ކިރިޔާއެވެ. ބާރުކަމުން ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފާޅުވެއެވެ. ތިރިންލާފައިހުރި ކުރު ސްކާޓް ކަކުލުން މައްޗަށް އަރައެވެ. ފައިގެ ބޮޑުބައިއޮތީ ހާމައަށެވެ.
” މަށަކަށް ނުކެރޭނެ ތިކަހަލަ އެއްޗެއްލައިގެން މީހެއްގެ ކުރިމައްޗަށް ނުކުންނާކަން….” އަހަރެން އަނެއްކާވެސް ބުނީމެވެ.
” އޯކޭ ބޭރަށްދާން ނުލިޔަސް އަހަރެމެން ބަލާލަން ލައިފާނަންތަ؟…..މާދަމާ އަންނައިރުން އަހަރެން ގެނެސްދޭނަން ހެދުމެއް….” އަޝްފާ އަނެއްކާވެސް ބުންޏެވެ. އަޝްފާއާއި އަރުޝީ އެތައްވާހަކައެއް ދައްކައިގެން އަހަރެންވެސް އެމީހުންލާފަދަ ހެދުމެއްލާން އެއްބަސްކުރުވިއެވެ.
ޖެހިގެން އައިދުވަހު ކިޔަވަން އައިއިރު ދެމީހުންގެ އަތުގައި ދެކޮތަޅު އޮތެއެވެ. ދެމީހުންވެސް އައީ އަހަރެންނަށް ހެދުމާއި ފައިވާންވެސް ހިފައިގެންނެވެ. ކިޔަވާ ނިމުމުން އެމީހުން އަހަރެންގާތު އާދޭސްކުރަންފެށީ އެމީހުން ގެނައިހެދުން ލުމަށެވެ. އަހަރެން ހެދުން ހިފައިގެން ކޮޓަރިއަށްވަދެ ފުރަތަމަލީ އަރުޝީގެ ޖީންސްއަކާ ޓޮޕެކެވެ. ލޯގަނޑުކުރިމަތީހުރެފައި އަހަރެންގެ ސޫރައަށް ބަލާލުމުން ޚުދު އަހަރެންވެސް ލަދުގަތެވެ. ހެދުންލައިގެން ނުކުންނަން ނުކެރިފައި ހުއްޓާ އަރުޝީ ދޮރުގައި ތަޅައިގަތުމުން އަހަރެންދިޔައީ ސިއްސައިގެންނެވެ. ލަދުންހުރެ އަހަރެން ބޭރަށް ނުކުތީމެވެ.
” ވާއު!…ޝެލީން…ޔޫ ލްކް ސޯ ބިއުޓިފުލް..” ދެކުދީން އެއްފަހަރާ އަހަރެންނަށް ތައުރީފްކޮށްލިއެވެ. އެމީހުން އަހަރެންނަށް ފަހަރަކުހެދުމެއްލާން އެންގިއެވެ. އަދި ސިޓިންރޫމްގައި ހުރި ޓީވީހުޅުވާފައި ފެޝަންޝޯއެއް އަންނަ ޗެނަލްއަކަށް ލުމަށްފަހު ތިންމީހުން ޓީވީއިން ފެންނަގޮތަށް ސިޓިންރޫމުތެރޭގައި ހިނގާ ސަކަރާތްޖަހަން ފެށީމެވެ. ފަހަރަކު ހެދުމެއްލައި އެއާގުޅޭގޮތުން ފައިވާންވެސް ބަދަލުކުރަމުން ދިޔައީމެވެ. އެކަންތައް އަހަރެންނަށްވެސް ވީ ވަރަށް މަޖާކަމަކަށެވެ.
އޭގެފަހުން ކޮންމެ ދުވަހަކުވެސް އަހަރެމެން ކިޔަވާނިމިގެން ފެޝަންޝޯ ކުޅެމެވެ. ކޮންމެ ދުވަހެއްގެވެސް ދެޔަކުން ފެށިގެން ހަތަރަކާ ހަމައަށް އެއީ އަހަރެމެންގެ ގަޑިއެވެ. ބޭބެ ގެޔަށް އަންނާނީ ހަތަރެއްގެ ފަހުންނެވެ. އެހެންކަމުން އަހަރެމެންނަށް ޖަހާނެ ސަކަރާތެއް ޖަހަން ގެއޮންނަނީ ހިތަކަށް ލިބިފައެވެ.
އެއްދުވަހަކު އަހަރެމެން ފޯރީގައި ފެޝަންޝޯ ކުޅެންތިއްބައި ފޯނުރިންގްވިއެވެ. އަހަރެން ހަމައެހިނގުމުގައި ގޮސް ފޯނުނެގީމެވެ. ގުޅީ އަލަމްއެވެ. އަލަމްގެ އަޑުޖެހުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަހަރެން ވަރަށް ގަޔާވެފައި އަލަމްއާ ވާހަކަދައްކަން ހުރީމެވެ. އޭރުވެސް އަރުޝީއާއި އަޝްފާ ހީހީފައި ދެކޮޅަށް ހިނގައެވެ. އެމީހުނަށް އަހަރެން ދައްކާ ވާހަކަ އަޑުއިވިދާނެތީ އަހަރެން ވާހަކަ ދެއްކީވެސް ވަރަށް މަޑުންނެވެ. އެމީހުން މާބޮޑަށް އެކަމާ އަޅައެއްވެސް ނުލައެވެ.
އަޝްފާމެންނަށް ފުރަގަސްދީގެން ފޯނުގައި ހުންނަތާ އިރުކޮޅެއް ފަހުން ސަކަރާތް ޖެހުމުގެ އަޑުމަޑުވިހެން އަހަރެންނަށް ހީވިއެވެ. އަހަރެން ފަހަތަށް އެނބުރިފައި ބަލާލި ވަގުތު ސޯފާގައި ހަމަޖެހިލައިގެން އިން ބޭބެ ފެނިފައި ފޯނުގެ އަތްގަނޑުވެސް އަތުން ދޫވެގެން ވެއްޓިއްޖެއެވެ.
ބޭބެ އަހަރެންނާ ދިމާބަލަން އިންގޮތުން ޚުދު އަހަރެންނަށްވެސް އަހަރެންގެ ހަށިގަނޑަށް ނަޒަރެއް ހިންގާލެވުނެވެ. އަހަރެންލާފައިހުރި ގަޔަށްބާރު ޓޮޕާއި މިނީ ސްކާޓްގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައެއްއޮތީ ހާމައަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެއަތާއި ދެފައިއޮތީ ހާމައަށެވެ. ގަޔަށް ހިފާލާފައިހުރި ޓޮޕްގެ ސަބަބުން ހަށިގަނޑުގެ ވަނާތައްހުރީ ދިމާއަށް ފެންނާށެވެ. ހުރެވުގުގޮތް އެނގުމުން އަހަރެން ލަދުން މަދރުނުވީ ކިރިޔާއެވެ. އަނެއްދެމީހުން ކޮބައިބާއޭ ހިތައި ހޯދާލިއިރު ފެންނަންވެސް ނެތެވެ. ކޮޓަރިއާ ދިމާއަށް ދާން ވިސްނާލިއިރު ދެވެންއޮތީ ބޭބެގެ ކުރިމަތިންލާފައެވެ.
ހެދޭނެ އިތުރުގޮތެއް ނެތުމުން ކޮޓަރިއާދިމާއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. އަރާފައިހުރި ހުސްފައިވާނުގެ ސަބަބުންނާއި ގެންފައިހުރި ލަދެއްގެ ބޮޑުކަމުން ފައިއޮޅޭ ގޮތްވެއްޖެއެވެ. ބޭބެގެ ކުރިމަތިންލާފައި ދާންއެޅި ފުރަތަމަ ފިޔަވަޅާއެކު ދެފައިއޮޅިގެން އަހަރެން ވެއްޓެންދިޔައެވެ. ބޭބެ ކުއްލިއަކަށް ފުންމައިގެން ތެދުވެ އަހަރެން ނުހިފެހެއްޓިނަމަ އަހަރެން އޮތީހީ އަނގަވަތަށް ވެއްޓިފައިކަން ޔަގީނެވެ. ގަތްބިރުން ދެލޯމަރައިގެން އިރުކޮޅަކު އޮތުމަށްފަހު އަހަރެން ލޯހުޅުވާލީމެވެ. އަހަރެންނަށް އޮވެވުނީ ބޭބެގެ ގަމީހުގައި ބާރަށް ހިފަހައްޓައިގެންނެވެ. ބޭބެ އަހަރެންނާ އެހާގާތުގައި އަހަރެންނަށް ބަލަން ހުރުމުން އަހަރެންގެ ހިތުގެތެޅުން ކުއްލިއަކަށް އަވަސްވިއެވެ. އަހަރެން އަވަސް އަވަހަށް ބޭބެގެ އަތުގެތެރެއިން ދެމިގަނެގެން ގޮސް ކޮޓަރިއަށް ވަންނަން ދިމާކޮށްލީމެވެ. ނަމަވެސް ދޮރުތަޅުލާފައި ހުރުމުން އެދިޔަބާރުމިނުގައި ގޮސް ދޮރުފަތުގައިޖެހިފައި އަހަރެން މަތަވިއެވެ.
” އަޝްފާ…އަރުޝީ ދޮރުހުޅުވަބަލަ!” އަހަރެން ދޮރުގައި ތަޅައިގަންނަމުން ގޮވަންފެށީމެވެ. އެވަގުތު ކަންބޮޑުވެ، ހާސްވެގެން ގޮސް އަހަރެންގެ އަޑުވެސް ތުރުތުރުލައެވެ. ސިއްރު ސިއްރުން އަހަރެންނަށް ބޭބެއާދިމާ ބަލާލެވުނީ ބޭބެ އަދިވެސް އަހަރެންނާ ދިމާބަލަން ހުރިހެން ހީވެގެންނެވެ. އަހަރެން ބަލާލުމާއެކު ބޭބެ ފާޑަކަށް ހެވިފައި ހުރެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
” ކީއްވެތަ ބޭބެއައީމަވެސް ބުނެވެސް ނުލާ ކޮޓަރިއަށް އައީ؟…ހާދަގޯހޭ” ދޮރުހުޅުވުމާއެކު އަހަރެން ރުޅިއައިސްފައި އަޝްފާއާއި އަރުޝީއާ ދިމާއަށް އަޑުލައިގަތީމެވެ.
” ސޮރީ ޝެލީން…..އަހަރެމެންވެސް ސަކަރާތް ޖަހަޖަހާތިބެފަ ބަލާލިވަގުތު ދޮރުމަތީ އަހަރެމެންނަށް ބަލަން ހުއްޓާ ފެނުނީ…..އަހަރެމެން ގަތްބިރުން އަވަހަށް ދުވެފައި އައިސް ކޮޓަރިއަށްވަނީ….” އަރުޝީ ދެރަވެލާފައި ބުންޏެވެ.
” އަހަރެން ޝެލީންއަށް މަޑުމަޑުން ދެތިން ފަހަރަކު ގޮވާވެސްލީން…..އެކަމް ޝެލީންހުރީ ފޯނަށް ގޮސް ހުސްވެފަވިއްޔަ…އެހެންވެ ނޭނގުނީ” އަޝްފާ ބުންޏެވެ. އަހަރެން ދިޔަގޮތަށް ގޮސް ލޯގަނޑުކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ނަޒަރެއް ހިންގާލީމެވެ.
” އަޅެނޫން….އަހަރެން މިހެން ހުއްޓާ ބޭބެއަށް އެފެނުނީ……މިއޮއް ފަލަފައިވެސް….އާހް!” އަހަރެން ބޭއިޚުތިޔާރުގައި މޫނުގައި ދެއަތްއަޅާލެވުނެވެ. އަދި ދުވެފައި ގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތީމެވެ. ބޭބެ ބަލަންހުރި މަންޒަރު ހިތަށް ސިފަވުމާއެކީ އަނެއްކާވެސް ލަދުގަތެވެ. އިސާހިތަކު ލޮލުން ކަރުނަވެސް އަތުވެއްޖެއެވެ. އަހަރެން އެފަދަގޮތަކަށް ހުއްޓައި ޚުދު އަހަރެންގެ ބައްޕައަށްވެސް ފެނިފައެއް ނުވާނެއެވެ. އަލަމްއަށްވެސް އަހަރެންގެ ހަށިގަނޑުން ބައެއްވެސް ފެނިފައެއް ނުވާނެއެވެ. އެހެންކަމުން ބޭބެއަށް އެގޮތަށް ފެނުމުން އަހަރެން ވަރަށްލަދުގަނެ ދެރަވެސް ވިއެވެ. އަލަމް ނޫން އިތުރު ފިރިހެނަކަށް ދުވަހަކުވެސް އަހަރެންގެ ހަށިގަނޑުން ބައެއްވެސް ފެންނާކަށް އަހަރެން ނޭދެމެވެ.
17 Comments!
Comments are closed.
Nice. V interesting
Me first.v reethi
alhee…. varah kiyaahithun huhta eh nimuny…
varah chaalu mi baivex
waiting for the nxt part
shine keeve mihaaru maalahun up kuranee ? reygaves varah inthixaar kurevunu .plz avahah up koh mi diary ninmaalaba .maa bidah dhigulaigen dhanyaa foohi .
alhey haadha reehchey kiyaahithun indhaa enimuny avahah dairy ninmaala ba
Mi vaahakaige aslu main part aky dairy. So diary dhigu vaane ofcourse.
yes its a loong diary……better be patient…adhi salhi baithah hury 🙂
vvvv reethi
VVV reethi
vvv salhi
V reethi inthixaaru kurran
Shine please request eh eba oeh. Kurin dhuvaalaku 2 faharu up kuraa gothah up kureven ove dhaanetha? If yes please can you do?
Vvv reethi ?
Koba tha story
Waiting for the next part…
Miadhu hadha lasvany…
Avahah upkohba…