ގޯތިތެރޭން ނުކުތުމާއެކު އަހަރެމެންނަށް ސިހިފައި ހުއްޓެވުނީ ދޮރުމަތީހުރި އިސްކޮޅުން ބޮނޑުމީހަކު ފެނުމުންނެވެ. ސިހުނުވަރުން އަހަރެންނަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
” ޝެލީން!” އެމީހަކު އަހަރެންގެ ނަމުން ގޮވާލުމުން އެއީ ޝިޔާޒުބޭބެކަން އަހަރެންނަށް އެނގުނެވެ. އަހަރެން ލަސްވެގެން ހޯދަނީއެވެ. އަލަމްއަށް ބޭބެ ފެނުމާއެކު ދަނީއޭބުނެ ގޭތެރެއަށް ވަނެވެ. އަހަރެން ޖެހިލުންވެހުރެ ބޭބެގެ ފަހަތުންދާން ހިނގައިގަތީމެވެ.
” އެނގޭތަ ގަޑިން މެންދަމު ބާރަ ޖަހަފިކަން؟…..މިހާ ދަންވަންދެން އަންހެންކުދީން ބޭރުގަ އުޅުމަކީ ވަރަށް ގޯސްކަމެއް…..އަދި އަމުދުން ފިރިހެން ކުއްޖަކާއެކު…..ބަރާބަރު ތިންގަޑިއިރުވީ މިހާރު ބޭރުގައުޅޭތާ…..އަހަރެންނާހާނަން ތިދެކުދިން ކުރީކީއްތޯއެއް…..އެކަމަކު އަހަރެންނަށް އެނގޭ އެއްޗަކީ ފުރާވަރުގެ އަންހެންކުއްޖަކާ ފިރިހެންކުއްޖަކު މިހުރިހާއިރު ފޮތްކިޔާކަށް ނުތިބޭނެކަން……” ބޭބެގެ ވާހަކަތަކުން އޭނާހުރީ ހިތްހަމަނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ.
ނަމަވެސް ބޭބެ އެންމެފަހުން ބުނިޖުމްލައިން ބޭއިޚްތިޔާރުގައި އަހަރެންނަށް ހެވުނެވެ. އަހަރެން އަވަސް އަވަހަށް އިސްޖަހާލާފައި ތިރީތުންފަތުގައި ދަތްއަޅާލީ އެކަން ފޮރުވާށެވެ. އަހަރެން މިހުރިހާއިރު އަލަމްގާތުގައި އިނީ ކިޔަވާށޭ ބުންޏަސް ބޭބެ ގަބޫލުކުރާނެ ހެއްޔެވެ؟ އެއްވެސް މީހަކަށް އެކަން ގަބޫލުކުރާކަށް ފަސޭހަނުވާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ބޭބެ އަހަރެންނާމެދު ގޯސްގޮތަށް ވިސްނާކަށްވެސް އަހަރެން ނޭދެމެވެ. އެކަމަކު އަހަރެންނާ އަލަމްއާ ދެމެދުގައު ކަންހިނގާދިޔަ ގޮތް ކިޔައިދޭކަށްވެސް އަހަރެންނަކަށް ނުކެރޭނެއެވެ. ބޭބެ އަހަރެންނާމެދު އެހާކަންބޮޑުވަނީ އަހަރެންނަށް ދެރައެއް ލިބެން ނޭދޭތީކަން އަހަރެންނަށް އެނގެއެވެ.
މިލަހަނދުވަރުގެ ތެރޭގައި ދެމީހުން ހިމޭންކަމާއެކު ހިނގަމުން ދިޔައީމެވެ. އަހަރެން ހުރީ ބޭބެއަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. ވިސްނުމެއްގެ ތެރޭގައި ހުރެގެން އަހަރެން ހިނގަމުންދަނިކޮށް ކުއްލިއަކަށް ބަނބުކެޔޮ މުލެއްގައި އަޅައިގެންފިއެވެ. ވެއްޓެން ދިއުމާއެކު އަހަރެންނަށް އަޑެއް ލައްވާލެވުމުން ބޭބެ އަހަރެންނާ ދިމާއަށް އެނބުރުނެވެ. އެވަގުތު އަހަރެންނަށް ހިފުނީ ބޭބެ ގަމީހުގެ ގޮށްފަތީގައެވެ. އަހަރެންގެ ހަށިގަނޑު ސަމާލު ނުކުރެވިގެން ވެއްޓުމާއެކު ގަމީހުގައިހުރި ގޮއްތައްވެސް އަޑުކިޔާފައި ދިމަދިމާއަށް ބުރައިގެން ދިޔައެވެ.
” ޝެލީން!….ކިހިނެއްތަ ތިހެދީ؟…ތަނަކަށް ތަދުވިތަ؟” ބޭބެ އަވަސް އަވަހަށް އަހަރެން ނަގަމުން ސުވާލުކޮށްލިއެވެ. އަހަރެން ނޫނެކޭބުނެ ދެފަރާތަށް ބޯހޫރާލީމެވެ. އަދި ބޭބެއާ ދިމާއަށް ބަލާލީ ކަންބޮޑުވެފައި ހުރެގެންނެވެ. ވަޔާއެކު ގަމީސް ދެފަރާތަށް ވިހުރެމުންދިޔައިރު، ބޭބެގެ ހަށިގަނޑުއޮތީ ހާމައަށެވެ. ކުއްލިއަކަށް އަހަރެންނަށް ސިފަވީ ސުޕަމޭންގެ ފޮތިގަނޑު ފަހަތަށް ދޫކޮށްލާފައި އޮންނައިރު ވަޔާ ވިހުރުވޭ މަންޒަރެވެ. އަހަރެންގާތަށް ހިނިއައިނަމަވެސް ބޭބެ ބަލަންހުރިގޮތުން އަހަރެން ބިރުން އަވަހަށް އިސްޖެހީމެވެ.
“މިވެސް ހާދަމަޑުން ނުހުރެވޭ ކުއްޖެކޭދޯ…..މިއަދު ހެނދުނު އީދުނަމާދަށް ދާން އަލަށްލީ ގަމީހުގަ ކުލައުނގުޅާފަ ހަޑިކޮށްލައިފި!…..މިހާރު މިރޭ ހަމަ އަލަށްލީ ގަމީހެއް ތިހަލާކުކޮށްލީ…..މިކުއްޖާ ހުންނަ ތަންތަނަށް ގަމީހެއްލައިގެން އަންނަންވެސް ބިރުބޮޑެއްނު!……ދެން ހުސްގަޔާދޯ ޝެލީން ގާތަށް އަންނަންވީވެސް…..އެހެންނޫނީ މިރަށުން ދާންވާއިރަށް މަގޭ ހުރިހާ ގަމީސްކޮޅެއް ހަލާކުކޮށްލާނެކަން ޔަގީން…..ހަމަހިތަށް އަރާ އުޅޭގޮތުން އަދަބެއްވެސް ދީފާނަމޭ” ބޭބެ ވާހަކަ ދެއްކިގޮތުން އަހަރެންނަށް ހައިރާންވެފައި ބޭބެއާދިމާ ބަލާލެވުނެވެ. މީހަމަ އަލަމް ކަހަލަ އަނެކަކުތާއޭ ހިތަށް އެރިއެވެ. މިހުރިހާ ފިރިހެނުން މާވަރަކަށް އަދަބުދޭން މިބުނަނީ އަހަރެން ހަމަ އެހާ ގޯސް ހެއްޔެވެ؟ މިމީހުންނަށްވީ ޖަލުގެ ފާރަވެރިކަން ދޭށެވެ. އޭރުން އެތާތިބޭ ކުށްވެރީންނަށް އަދަބުދީދީ ތިބެދާނެ ނޫން ހެއްޔެވެ؟ ބޭބެވެސް މީ ވަރެއްގެ މީހެއްތާއެވެ. ދައްތައަށްވެސް ބޭބެގެ ފަރާތުން ހާދަ އަދަބެއް ލިބިފައި ހުންނާނެއޭ އަހަރެންގެ ހިތަށްއެރިއެވެ.
” ސޮރީ” އަހަރެން މަޑުމަޑުން ބުނީމެވެ.
ބޭބެ އެއްވެސް އެއްޗެއް ނުބުނެ ގަމީހުގެ ދެފަރާތުގައި ހިފަހައްޓައިގެން ހުރެ ދާންހިގައިގަތެވެ. އަހަރެންވެސް ބޭބެގެ ފަހަތުން ހިގައިގަތީމެވެ. އަހަރެމެން ގޭދޮށަށް ދިޔައިރު ގޭދޮރުމަތީގައި ދައްތަ އަހަރެމެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެމެން ފެނުމާއެކު ދައްތަ ދުވެފައި އައެވެ.
” އަޅެ ހާދަލަހަކުންނޭ ތިއައީ….އަހަރެން އެކަނިހުރެހުރެ ބިރުން ހަލާކުވާވަރު ވެއްޖެ މިހާރު…..” ދައްތަ ޝަކުވާކޮށްލިއެވެ.
” ބަސްނާހާ ކުދިން އުޅެންޏާ މިހެންވެސް ވާނެ…..ކޮންމެގޮތެއް ހަދައިގެންވެސް ޝެލީން ހޯދައިގެން ނޫނީ ގެޔަކަށް ނުވަދެވޭނެއްނު…..ބޭބެމެން ހިތްހަމަ ޖައްސާލައިގެން ނިދާފަ އެތިބީ ޝެލީން އަހަރެމެންނާއެކު ދިޔައީމަ….ކިހިނެއްތަ މަށަށް އެނގޭނީ މިއީ މިހާ ނޯޓީ ކުއްޖެއްކަމެއް…..ކުޑަކުއްޖެއް ކަމަށް ހީކޮށް އެކީގެންދިޔައީވެސް…..އެންމެފަހުން ބުނެވެސް ނުލާ ބޯއީ ފުރެންޑާއެކު ފިލީ…” ބޭބެ ނުރުހިފައި ޝަކުވާކުރިގޮތުން އަހަރެންހުރީ ބަސްހުއްޓިފައެވެ. ދުވަހަކުވެސް އެގޮތަށް ބޭބެ ވާހަކަ ދައްކަނިކޮށް އަހަރެން އަޑެއް ނާހަމެވެ. ބޭބެ ހަމަ އަސްލުވެސް އަހަރެންނާމެދު އެވިސްނަނީ ވަރަށް ގޯސްކުއްޖެއްގެ ގޮތުގައިކަން ޔަޤީނެވެ. އެހެން ނޫންނަމަ ބޭބެ އެހާ ނުރުހިފައި ވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟
އެމީހުން އަހަރެން ގެންގުޅެނީ އަމިއްލަ ކޮއްކޮއަކުވެސް ނުގެންގުޅޭހައި ލޯބިންނެވެ. އަހަރެންވެސް އެމީހުންދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ބަޔަކުފަދައިންނެވެ. އެމީހުން އަހަރެންދެކެ ވާލޯބި ބަދަލުވާކަށް ދުވަހަކުވެސް އަހަރެން ނޭދެމެވެ. އެކަމަކު މިރެއިން ފެށިގެން އެމީހުންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓުނީއެވެ. ބޭބެ އެގޮތަށް ވާހަކަ ދެއްކުމުން އަހަރެންގެ ހިތުގައިޖެހި ވަގުތުން ރޮވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. ތުންފަތުގައި ދަތްއަޅައިގެން ހުއްޓައިވެސް އަޑުބޭރު ވެއްޖެއެވެ.
” އަޅެ ޝިޔާޒް…ދެން ތިވަރު ނުކޮށްލިޔަކަސް ވެދާނެއްނު…..ބަލާބަލަ! އެންމެފަހުން ޝެލީން ރޮއްވާލިއްޔޭތި…..ޝެލީން ދޫނީ އަވަހަށް ހުއްޓާލާ!….ދައްތައަށް އެނގޭ ޝެލީންތީ ގޯސްކުއްޖެއް ނޫންކަން…..ޝެލީން ގޯސްކަމެއް ނުކުރާނެކަންވެސް ޔަގީން…..އެބޯއީ ޝެލީން އަޔަނުދިނީދޯ…..ދައްތައަށް އެނގޭ ބޯއިޒް އުޅޭގޮތް ވަރަށް ރަނގަޅަށް…..ބޭބެވެސް ބޯއީއެއްވީމަ މާރުޅިއަންނަ ކަމަށް ހެދިގެން އެއުޅެނީ….އަޅާނުލާ!….ދެން ހުއްޓާލާ!” ދައްތަ އަހަރެންގެ ކަރުނަތައް ފުހެދެމުން ލޯތްބާއެކު ވިސްނައިދޭން މަސައްކަތް ކުރިއެވެ. ބޭބެ ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރީއެވެ. ދައްތަ އަހަރެންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެ ސަރަންފީއެއްގައި ބޭންދިއެވެ. ދައްތަ ބަދިގެފަރާތަށް ފެންފުޅިއެއް ބަލާދިއުމުން ބޭބެ އަހަރެންގެ ގާތަށް އައެވެ.
” އައި އެމް ރިއަލީ ސޮރީ….ޝެލީން ރޮއްވާލަން ބުނި އެއްޗެއްނޫނޭ އެއީކީ…..އަހަރެން ހަމަ ސަމާސަކޮށްލީ…..ފިނޑިވެސް ކުއްޖެކޭދޯ….ދެން މަންމަމެން ނުހޭލަނީސް އަވަހަށް ހުއްޓާލާ!…..” ބޭބެ ޖީބުން ރުމާ ނަގާފައި އަހަރެންގެ މޫނުފުހެލަދިނެވެ. ބޭބެގެ އެގާތްކަމުން އަހަރެން ލަދުގަތެވެ.
” ގަމީހުގެ ގޮށްތައް ނައްޓައިގެން ކީއްތަތިކުރަނީ؟” ފެންފުޅި ހިފައިގެން ގޭތެރެއަށް ވަތް ދައްތައަށް ބޭބެގެ ގަމީހުގެ ގޮށްތަށް ނެއްޓިފައިހުރިތަން ފެނުމުން ހައިރާންވެފައި އަހާލިއެވެ.
” އަދި ކިރިޔާތަ ތިފެނުނީ؟….މުޅިރަށުގަ ހިނގާފަ މިއައީ މިގޮތަށް…..މިވެސް މިކުއްޖާގެ ކަންތައް…..ފައިދަށް ނުބަލާ އަންނަނިކޮށް މުލެއްގަ އަޅައިގެންފަ ވެއްޓުނީ….ހުރިހާވަރެއްވީ އަހަރެންގެ ގަމީހަށް…” ކަންތައް ވީގޮތް ކިޔައިދިނުމުން ދައްތަ ހޭންފެށިއެވެ. ދައްތަ ހުންނަނީ ހޭނެކަމެއް ނުފެނިފައެވެ. ދައްތަ އަބަދު މަޖާވެފައި ހުންނާތީ އަހަރެން ހައިރާންވެސް ވިއެވެ. އެކީ އުޅުނަސް އެދެމީހުންގެ މިޒާޖު އުޑާބިމާހައި ތަފާތެވެ.
*********
ފަތިސްވަގުތެވެ. އަހަރެން ނަމާދުކޮށްގެން ނުކުތްއިރު ޔޫނާ ސިޓިންރޫމުގައި އިނެވެ.
” ޔޫ…ހާދަ މައިރަކާ ކޮންކަމެއްލައިގަތީ..؟” އަހަރެން ހައިރާންވެފައި އަހާލީމެވެ.
” ދަތުރުދާން ވިއްޔޯ…. އެއުޅޭ އަޒީމް އަހަރެން ނިދަން އޮތަވެސް ނުދިން……ބުނީ އަލަމް ބުންޏޯ ޝެލީ ބަލާދާށޭ….ރޭގަ ޝެލީގާތުބުނަން ހަނދާން ނެތުނީއޭ……އެއަލަމްއަށް މިގެޔަށް އަންނަން ނުކެރުނީމަ އަހަރެން ހައިރާންވީ…” ޔޫނާ ޝަކުވާކޮށްލިއެވެ. ރޭގައި ކަންތައްވީގޮތުން އަލަމްއަށް އަންނަން ނުކެރުނީކަން އަހަރެންނަށް ޔަޤީންވިއެވެ.
” އެކަމުދެން މިއަދު އީދުކުޅިވަރު ނޯންނަނީތަ؟….ކޮންބައެއް ދަތުރުދަނީ؟” އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.
” ހޫމް….މިއަދު މިރަށު ދަފިގުރޫޕް ދަނީ ކުމުންދުއަށް…..ދެން މިރެޔޯ ބޮޑުބެރުޖަހަނީ…އެހެންވީމަ މިއަދު ގިނަމީހުންދާނީ ކުމުންދުއަށް ކަންނޭނގެ…..ދެން މާދަމާ ފުޓްބޯޅަމެޗެއްވެސް އެބައޮތް…..އަލަމްމެން ކުމުންދުއަށް ނުދާންވެގެން ދަތުރުދާން ނިންމީ…..އަންހެން ކުދީންނާ ފިރިހެން ކުދީންގެ ބޮޑުގުރޫޕެއް އެބައޮތް އަލަމްމެން ގޭދޮށަށް އެއްވެފަ…..އިއްޔެ އެމީހުން ދަތުރުރާވާ ތައްޔާރުވެގެން އެތިބީ…..” ޔޫނާ އޮޅުންފިލުވައިދިނެވެ.
” ދެން ޔޫ ކިހިނެއް ދަތުރުދަނީ….ޔޫވެސް ދަފިނަގަން ދާން ޖެހޭނެއްނު…..” އަހަރެން ކަންބޮޑުވެފައި އަހާލީމެވެ.
” ނޫނޭ….އަސްލު އަހަރެން އިއްޔެއެރީ ކުއްޖެއްގެ ބަދަލުގައޭ…..މަށެއް ނުދާނަން ކުމުންދުއަކަށް…..ޝެލީ ދަތުރުދާއިރު މަހުންނާނެތަ ޝެލީއާ އެކީ ނުގޮސް….” ޔޫނާ މަޖާވެލާފައި ބުނިގޮތުން އަހަރެން ހިނިއައެވެ.
އަހަރެމެން ދަތުރުދާ ވާހަކަ މަންމަގާތު ބުނުމުން މަންމަ ބޭނުންވީ ބޭބެއާއި ދައްތަވެސް އަހަރެމެންނާއެކު ގެންދިއުމަށެވެ. އަހަރެން ވަރަށް އުފާވިއެވެ. ދައްތަވެސް ހުރީ އެހާމެ އުފަލުންނެވެ. ނަމަވެސް ކުޑަ ނުތަނަވަސް ކަމެއްވެސް ހިތުގައި އުފެދުނެވެ. އަނެއްކާވެސް އެމީހުން ހިތްހަމަ ނުޖެހޭފަދަ މަންޒަރެއް ދަތުރުގައި ފެނިދާނެތީއެވެ. ބޭބެ ރޭގައި ދެއްކި ވާހަކައަކީ ސަމާސާއެކޭ ބުނިނަމަވެސް އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. ދަތުރަށް ބޭނުންވާ ބައެއް ސާމާނުތައް ހިފައިގެން އަލަމްމެން ގޭދޮށަށް ދިޔައިރު ބަރޯއަކަށް ސާމާނުތައް އަޅައިގެން އަތިރި މައްޗަށްދާން ތައްޔާރުވަނީއެވެ. ދައްތައަށް އަލަމް ފެނުމާއެކު ރޭގެ ހާދިސާ ހަނދާންވެގެން ހެވިއްޖެއެވެ. އަލަމްވެސް ރަކިވެފައި ފާޑަކަށް ހިނިއައެވެ.
އަހަރެމެން ދިޔައީ ނާގޮށްޓަށެވެ. އެއީ ވިލުނޫ ފަޅަކާއި ހުދު ދޮންވެލި ތުނޑިއަކުން ވަށާލެވިފައިވާ ރީތި ރަށެކެވެ. ދޯނިފަޅުތެރެއަށް ވަނުމާއެކު ހުރިހާ ފިރިހެންކުދީންތައް މޫދަށް ފުންމަން ފެށިއެވެ. އަލަމްއާއި އަޒީމްވެސް އެއްފަހަރާ ފުންމާލިއެވެ. އަލަމް ވަރަށް އަވަހަށް މައްޗަށް އެރިއެވެ. އަޒީމްއަށް ވުރެ ކުރިން ފެންމައްޗަށް އެރީ އޭނާގެ ސޯޓެވެ. އެމަންޒަރު ފެނިފައި ދޯނީގައިތިބި ހުރިހާ އަންހެން ކުދީންތައް ބާރަށް ހީގަތެވެ. ދައްތަ ހެމުން ހެމުންގޮސް ދޯނިތެރެއަށް ވެއްޓުނެވެ. ބޭބެވެސް ނުހޭން އިންނަމަވެސް ދައްތައާއި އަހަރެން ހޭތަން ފެނުމުން ހެވުނެވެ. އަޒީމް ފެނުން މައްޗަށް ބޯހިއްލާލުމާއެކު އަލަމް އަޒީމްގެ ސޯޓް ދައްކާލުމަށްފަހު ދުރަށް އެއްލާލިއެވެ. އަޒީމްއަށް އެއީ އޭނަގެ ސޯޓްކަން ރޭކާލީވެސް ދެނެވެ. ސޯޓްގެ ދަށުން ޓައިޓެއް ލާފައި ހުރުމުން ސޯޓް ފޭބިއިރުވެސް އަޒީމްއަށް ނޭނގުނީއެވެ. އަޒީމް ގަތްލަދުން އަޑިއަޑިން ގޮސް އަވަހަށް ސޯޓްލިއެވެ. ދޯނިގާތްކޮށް ހުރިހާ ކުދިން އެއްގަމަށް ފޭބިއިރުވެސް އަޒީމްއަށް އެއްގަމަށް އަރަން ނުކެރިފައި ހުއްޓެވެ.
ހުރިހާ އެންމެން އެއްގަމަށް އަރައި ހަމަޖެހުމުން ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ފެށިއެވެ. އަހަރެން ކާންއިނދެފައި ޔޫނާއަށް ބަލާލިއިރު އޭނާއިނީ ތަންކޮޅެއް ދުރުގައި އެކަނި އިން އަޒީމްއަށް ބަލާށެވެ.
“ހާދަ ކަޓާފަ…..ކިހިނެއްވީ؟” ޔޫނާ އިންގޮތުން އަހަރެން އަހާލީމެވެ.
” އަޒީމް ކިހާ ލަދުގަންނާނެ ދެންމެވީގޮތުން…..އަދި އަލަމްވެސް އެހެރީ ހެދިގޮތް” ޔޫނާ ދެރަވެލާފައި ބުންޏެވެ.
” އެކަމާތަ ތިވިސްނަނީ؟…..އަޒީމްއަކީ ތިހީކުރާހާ މައުސޫމު މީހެއްނޫން….އަލަމްއަށް އެގޮތަށް ދިމާވިނަމަ އަޒީމްވެސް ހަމަ އެގޮތަށް ކަންތައްކޮށްފަ މަލާމާތް ކުރާނެ….އެއީ އެމީހުން އުޅޭގޮތެއްނު…..އިރުކޮޅަކުން ހަމަޔަކަށް އެޅިދާނެ….ދެން އެކަމާ ނުވިސްނަބަލަ!” އަހަރެން ޔޫނާއަށް ވިސްނަދިނީމެވެ. އެކަމަކު އަޒީމް ލަދުގަތުމުން ޔޫނާއެހާ ދެރަވާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަންހެންކުދީންތައް ހީހީފައި އުޅުނުއިރު ޔޫނާ ނުހޭކަންވެސް އަހަރެންނަށް ފާހަގަވީ ދެނެވެ. ޔަގީނެވެ. ޔޫނާގެ ހިތުގައި އަޒީމްއަށް ހާއްސަކަމެއް ދެވިފައިވަނީއެވެ. އެހެން ހިތަށް އެރުމުން އަހަރެންނަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ.
އިރުގެ ރަންދޯދިތަކުން ދުނިޔެމަތި އަލިކުރަމުން ފަތިހުގެ ފިނިކަންކަނޑުވައި ޖައްވު ހޫނުކުރަމުން ދިޔައެވެ. ހުރިހާކުދިންވެސް މަޑުމަޑުން މޫދަށް އެރެމުން ދިޔައެވެ. ދައްތައާއި ބޭބެ މޫދަށް އެރުމުން އަހަރެންނާއި ޔޫނާވެސް މޫދަށް އެރުނީމެވެ. އަލަމް އަހަރެމެންނާ ދިމާއަށް އައިސް އައިސް ހުރެފައި އަޒީމް އެކަނި އިންތަން ފެނިގެން އެދިމާއަށް ދިޔައެވެ. އިރުކޮޅެއްވާންދެން އަޒީމްއަށް ގޯނާކުރިފަހުން އަޒީމް ތެދުވެ އަލަމްގެ ފަހަތުން ދުއްވައިގަތެވެ. ދެމީހުން އެއްކޮށް މޫދަށް ޖެހިގަތެވެ. އެމަންޒަރު ފެނުމުން ޔޫނާ ހިނިތުންވެލިއެވެ.
” މަށަށް މިކުރެވެނީ ރަނގަޅުހީއެއްތަ އަނެއްކާ؟” ޔޫނާއަށް ބަލާލަމުން އަހަރެން އަހާލީމެވެ.
” ކީކޭ؟…ކޮންހީއެކޭތަ ތިކިޔަނީ؟” ޔޫނާ އަހާލިއެވެ.
” މަށަށް ހީވަނީ ޔޫއާ…އަޒީމްގެ ކަމެއް އެބައުޅޭހެން ދޯ؟” އަހަރެން ހީލާފައި ބުނީމެވެ. އެވަގުތު ޔޫނާ ދެލޯބޮޑުކޮށްލިގޮތުން އަހަރެން ގާތަށް ހިނިވެސް އައެވެ.
” ވަރަށް ސިއްރުންދޯ ތިއުޅެނީ….އެކަމް މިރަށަށް އައީއްސުރެ، ނަޒަރު ހަޓްތީނެހީ އުންސޭ ހާނ؟” އަހަރެން ދިމާކޮށްލުމުން ޔޫނާ ރަކިވިއެވެ.
” އެހެންވެދޯ އިއްޔެވެސް އެހާފަސޭހައިން ތެމުނީ….އަޒީމްގެ އަތުން ތެމޭހިތުން…..” އަހަރެން އަނެއްކާވެސް ދިމާކޮށްލީމެވެ.
” ނޫން…..އިއްޔެގަވީގޮތަކީ އަހަރެން ދުވަނިކޮށް މަގުމަތިން ގާކޮޅެއްގަ ކޮއްޓިފަ ވެއްޓުނީ…..އެހެންވެ އެމީހުނަށް އަތުވީ…” ޔޫނާ އިއްޔެގައި ކަންތައްވީގޮތް އޮޅުންފިލުވައިދިނެވެ. ޔޫނާ ވެއްޓުނުވާހަކަ ބުނުމުން ރޭގެ ހާދިސާމަތިން ހަނދާންވެ އަހަރެންނަށް ހެވުނެވެ. އަދި ރޭގައި އަލަމްރަކިވިގޮތް ޔޫނާއަށް ކިޔާދިނީމެވެ. ޔޫނާ ވަރަށް ހީފައި ހުއްޓެވެ. އަހަރެންނަށް އަލަމްގެ ފަރާތުން ލިބުނު އަދަބެއް އަހަރެން ނުބުނަމެވެ. މަލާމަތް ކުރާނެކަން އެނގޭތީއެވެ.
މެންދުރުވުމުން ހުރިހާ އަންހެންވެރިން ކެއްކުމާއިގެން އުޅެގަތެވެ. ޔޫނާއާއި ދައްތަވެސް އެމީހުނާ ބައިވެރިވިއެވެ. ނަމަވެސް އަހަރެންނަށް އެއްވެސް ކަމެއް ކުރަން ނޭނގޭތީ މޫދުގައި އެހުރިގޮތަށް ހުރީއެވެ. ފަތަން ނޭނގޭތީ ބިއްދޮށަށްދާންވެސް ނުކެރިފައި އެހުރިތާނގައި އެއްވާމަކަށް ލަވަކިޔާލަ ކިޔާލާ ހުއްޓައި ކުއްލިއަކަށް އަހަރެންގެ ފައިގާ އެއްޗެއް ޖެހުނުހެން ހީވިއެވެ. ސިހިފައި ތިރިބަލާލިއިރު އަޑީގައި ބޮޑުއެއްޗެއް އޮތެވެ. ގަތްބިރުން ހަޅޭއްލަވައިގެންފައި އެއްގަމާދިމާއަށް ދާން އުޅެނިކޮށް ލޮނުގަނޑުތެރެއިން ކުއްލިއަކަށް ބޯހިއްލާލާފައި ބޭބެ ހޭންފެށިއެވެ. ބިރުންދެލޯބޮޑުވެފައި ހުރިއިރު އަހަރެންނަށް ހުރީ ކިރިޔާ ނުރޮވިއެވެ. ބޭބެ އެފަދަ ސަމާސާއެއް ކޮށްފާނެއޭ އަހަރެންގެ ހިތަށްވެސް ނާރައެވެ.
” ބޭބީ ޝެލީންއަށް ރޮވޭވަރުން ނޯންނާނެ ސަމާސާއެއްވެސް ކޮށްލެވޭކަށް…” ބޭބެ އަހަރެންގެ ކޮލުގައި ހިފާލަމުން ބުންޏެވެ. ބޭބެ އަހަރެންނަށް ބޭބީޝެލީންއޭ ބުނުމުން އަހަރެން ހައިރާންވިއެވެ.
“އިއްޔެ ފިރިހެންކުދީންތަކެއް ކުލަޖަހަން ދުވަހުން ބޭބީޝެލީ ނުފެނެޔޭ ގޮވާއަޑުއިވުމުން އަހަރެން ހިތަށް އެރި ކީއްވެބާއޭ ބޭބީޝެލީ އެކިޔަނީ…..އެކަމު މިހާރު އެނގިއްޖެ ކީއްވެގެންކަން އެހެން އެކިޔަނީ…..ހަމަކަމެއްވާއިރަށް ބޭބީއެއްހެން ރޯތީދޯ އެހެން އެކިޔަނީ؟…ހެހެހެ” ބޭބެ އަހަރެންނާ ދިމާކޮށްލުމުން އަހަރެން ތުންއޫކޮށްލީމެވެ. ބޭބެއަށް މަޖާވެގެން ހޭންފެށިއެވެ. ފުރަތަމަ ބޭބެ އެގޮތަށް ސަމާސާކުރުމުން ހައިރާންވިނަމަވެސް މިހާރު އަހަރެން އެކަމަށް ހޭނިއްޖެއެވެ. ތަކުރާރުކޮށް ސަމާސާކޮށް ހަދާތީއެވެ. ކުރިއަށްވުރެވެސް ބޮޑުގާތްކަމެއް އިހުސާސް ކުރެވެންފެށިއެވެ. އަހަރެންގެ އަސްލު ބޭބެއަކު ހުރިނަމަވެސް އެގޮތަށް މަޖާކޮށް އުޅޭނޭ އަހަރެންގެ ހިތަށްއެރިއެވެ.
މެންދުރުގެ ކެއުމަށްފަހު އެކިމީހުން ބައިބަޔަށް ރަށުތެރެ ބަލާލަން ދާންފެށިއެވެ. ރަށަކީ ފަޅުރަށެއްކަމުން ބޮޑެތިމަގުތަކެއް ނުހުރެއެވެ. ވަލަށް ވަދެވޭގޮތަށް ހުންނަނީ ވަރަށް ހަނި މަގުތަކެކެވެ. އަހަރެންނާއި ޔޫނާއާއި ދައްތައާއިބޭބެ ދިޔައީ ގޮނޑުދޮށުގައި ހިނގާލާށެވެ. އަހަރެމެންގެ ފަހަތުން ތަންކޮޅެއް ދުރުގައި ތިބެގެން އަލަމްއާއި އަޒީމްވެސް އައެވެ. ވަކިހިސާބަކަށް ދިޔަތަނާ ހޭޅިފަށުން ދޮންމަދުގަހެއް ފެނިގެން ދައްތަ މަދުކާހިތް ވެއްޖެއެވެ. ބޭބެއަށް މަދުގަހަށް އެރޭކަމަށް ނުވިއެވެ. އަހަރެމެން މަދުގަހަށް ބަލަން ތިއްބައި އަޒީމްއާއި އަލަމް އައެވެ.
” ކޮބާ މަދުބިންނަންވީތަ؟” އަޒީމް ހިނިތުންވެލާފައި އަހާލިއެވެ.
” އާނ! ވަރަށް ކާހިތްވެފަ މިހުރީ” ދައްތަ އުފާވެފައި ބުންޏެވެ.
އަޒީމްއާއި އަލަމް ބަލާކަށް ނުހުރެ މަދުގަހަށް އަރައި މަދުބިންނަން ފެށިއެވެ. އަހަރެމެން ބިންމަތީތިބެގެން ފޯރީގައި މަދުހޮވަމުންދަނިކޮށް އަލަމް ހަޅޭއްލަވައިގަތް އަޑުއިވުމުން ސިހިފައި ބަލާލެވުނެވެ. އޭރު އަލަމްއޮތީ ގޮފިގަނޑެއްގައި އެލިއެލިއެވެ. އަލަމްގެ ވަށައިގެން ކުޅަނދުރުތަކެއް އުދުހެމުންދިޔައެވެ. އަލަމްތެޅިގަތް ގަތީނުން ގޮނފިގަނޑު ބިންދައިގެން ގޮސް އަލަމްއާއެކީ ވެލިގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ނަސީބަކުން އަލަމްގެ އެއްވެސް ތާކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ބިނދައިގެންދިޔަ ގޮފިގަނޑާއެކު ވެއްޓުނު ކުޅަނދުރު ހަތާގައި ތިބި ކުޅަނދުރުތައް ދިމަދިމާއަށް އުދުހިގެންފިއެވެ.
މަދުއެތި އުނގަށް އަޅައިގެން ޔޫނާ ދުވެފައި ގޮސް މޫދަށް އެރުމުން ދައްތައާއި ބޭބެވެސް މޫދަށް އެރުނެވެ. އަލަމް ހޭޅިފަށަށް ވަދެ މަގޫފަތް ކޯޅިއެއް ބިންދާލައިގެން އައިސް ކުޅަނދުރުތަކާއި ހަމަލާދޭން ފެށިއެވެ. އަހަރެންނަށް ހަދާނެގޮތެއް ނޭގި ދެކޮޅަށް ދުވެ ދުވެހުއްޓައި ބިންމަތީއޮށޯތުމަށް އަލަމް ބުންޏެވެ. އޮށޯތުމުން ކުޅަނދުރު ނުހަފާނޭ ބުނުމުން އަހަރެން އޮށޯތީމެވެ. ސަޖިދައިގާ އޮންނަގޮތަށް ފޫކޮޅުމައްޗަށް ޖަހައިގެން އޮއްވައި ކުޅަދުރުތައް އައިސް ފޫކޮޅުގައި ކަށިޖެހުމުން އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ކަށިޖެހިތަނުން ދިލަނަގަންފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އަލަމް ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފައިގެން ގޮސް މޫދަށް ޖެހިގަތެވެ. ނަމަވެސް ދިލަމަޑެއް ނުވިއެވެ. އަހަރެންގެ ލޮލުން ފެންވެސް އަންނަން ފެށިއެވެ.
” ބޭބީ ކޮންތާކުތަ ކުޅަނދުރު ކަށިޖެހީ؟…” އަލަމް ކަންބޮޑުވެފައި އަހާލިއެވެ. ނަމަވެސް އަހަރެންނަކަށް ބުނާކަށް ނުކެރުނެވެ.
“ޝެލީންގެ ގައިގަވެސް ކަށިޖެހީތަ؟…” ދައްތަވެސް އަހަރެންގެ ގާތަށް ޖެހިލަމުން އަހާލިއެވެ. އަހަރެން ނޫނެކޭބުނެ ބޯހަލުވާލީމެވެ. އިރުކޮޅަކުން އަޒީމްވެސް ތެޅެމުން ފޮޅެމުން ގަހުން ފުންމާލައިގެން އައިސް މޫދަށް ޖެހިގަތެވެ.
“މިތިބީ ދޮންމަދު ކެވިފައެއްނު…މުޅިންމަރައިފި…މަގޭ ބުރަކަށީގަވެސް ގޮލަޔަކު ކަށިޖަހަފި..” އަޒީމް ބުރަކަށީގައި އަތްކާތަމުން ބުންޏެވެ. ކުޅަނދުރުތައް މައިތިރިވުމުން އެންމެން އެއްގަމަށް އަރިއެވެ. އިސާހިތަކު އަހަރެންގެ ފޫކޮޅު މަސްގަނޑު ދުޅަވެ ތަދުވާންވެސް ފެށިއެވެ. އަހަރެން ކެތްކޮށްލައިގެން ހުރީ އެވަގުތު އެނޫންގޮތެއް ނެތުމުންނެވެ.
އެންމެން ހިނގަމުންދިޔައިރު އަހަރެން ހުރީ އެންމެ ފަހަތުގައެވެ. އިރުކޮޅަކުން އަލަމްވެސް އަހަރެންގެ ގާތަށް އެއެވެ. އަހަރެން ގަދަކަމުން މޫނުމައްޗަށް ހިނިތުންވުން ވެރިކޮށްގެން ހުރީމެވެ. އެކިއެކި ވާހަކައިގައި ތިބެގެން ޖޯޑުތައް ކުރިޔަށްދަމުން ގޮސް ޔޫނާއާ އަޒީމް ގެއްލިއްޖެއެވެ. ދައްތައާއި ބޭބެ ފަހަތްބަލާވެސް ނުލައި ހުރެ ކުރިޔަށް ދިޔައެވެ.
” މަޑުކޮށްބަލަ ބޭބީ….ހިނގާތާކު އިށީންނަން….ތިހުރީ ވަރުބަލިވެފައެއްނު…” އަހަރެން ހުރިގޮތުން އަލަމް ހީކުރީ އަހަރެން ހިނގާހިނގާ ވަރުބަލިވީކަމަށެވެ. އަލަމް ގަހެއްގެ ހިޔަލުގައި ވެލިގަނޑުމަތީގައި އިށީނުމުން އަހަރެންވެސް އަލަމްގެ ގާތުގައި އިށީނީމެވެ.
” ބޭބީ…އަހަރެން ވަރަށް ސީރިއަސް ވާހަކައެއް ބުނަންތަ؟…..އަހަރެން ގަސްތެއް ނުކުރަން އިތުރަށް ކިޔަވަން މާލެދާކަށް…..އަހަރެން ބޭނުމީ ރިޒޯޓަކަށްދާން….ވަޒީފާގަ ހުރެގެން ކިޔެވުނިއްޔާ އިތުރަށް ކިޔަވާނީ…..ބައްޕައަށް ލިބޭމަދު ލާރިކޮޅު ޚަރަދުކޮށްގެން ކިޔަވާކަށް ބޭނުމެއްނޫން…..އަހަރެން ބޭނުމީ މަންމައާ ބައްޕަ މުސްކުޅިވެ ގައިބާރިދެރަވާން ވާއިރަށް ހައްޖަށް ގެންދަން…..އަހަރެންނޫން ދަރިޔަކުވެސް އެމީހުންގެ ހުރީކީނޫން….ދެން ބޭބީ މޮޅަށް ކިޔަވައިގެން ރަށަށް އައީމަ މެރީކުރީމަ ވީނުދޯ…..ކޮންމެހެން އެންމެން އެއްވަރުމޮޅަށް ކިޔަވާކަށް ނުޖެހެއެއްނުދޯ…” އަލަމް އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ. އަލަމްގެ ވާހަކައިން އަހަރެން ދެރަވިއެވެ. ނަމަވެސް އަލަމްގެ ހަރުދަނާ ނިންމުމަށް އަހަރެން މަރުޙަބާ ކީމެވެ. އަލަމް އެދުނުފަދައިން މޮޅަށް ކިޔެވުމަށް އަހަރެން ހިތާހިތުން އަޒުމްވެސް ކަނޑައެޅީމެވެ.
އަހަރެމެން ވާހަކައިގައި ތިއްބައި ބަޔަކު އަންނައަޑު އިވުމުން އަލަމް އަހަރެންގެ އަތުގައި ހިފައިގެން ތެދުވެ ހޭޅިތެރެއަށް ވަނެވެ. އެއީ ބޮޑެތިގަސް މަދު ދިމާލެއްކަމުން ފިލަން ވަންނަން ޖެހުނީ ތަންކޮޅެއް ބިއްދޮށަށެވެ. އަހަރެމެންނަށް ވަދެވުނީ އިޕިލިޕިލި ގަސްތަކެއްގެ ބަގީޗާއަކަށެވެ. ގަސްދޮށުގައި ހުއިފަޅާފައިހުރުމުގެ ސަބަބުން އިތުރު ހިތްގައިމުކަމެއް މާހައުލަށް ވެރިވެފައިވެއެވެ. އަހަރެމެން އިޕިލިޕިލި ގަސްތައް ދޮށުގައި ހުއިތަކުމަތީގައި އޮށޯތީމެވެ. އަހަރެން އޮތީއަލަމް އަތްމަތީގައެވެ. ދެމީހުން ދުނިޔަވީއެކި އެކި ވާހަކައިގައި އެތައް އިރަކުތިބީމެވެ. ޖެހެމުންދާ ފިނިފިނި ރޯޅިތަކުން ނިދިއައިސްގެން މަޑުމަޑުން ދެމީހުންގެ ލޯމެރެން ފެށިއެވެ.
ކުއްލިއަކަށް އަހަރެންނަށް ލޯހުޅުވާލެވުނެވެ. ހައިރާންވެފައި ވަށައިގެން ހޯދާލެވުނުއިރު މުޅިމާހައުލަށްވަނީ އަނދިރިކަން ވެރިވެފައެވެ. ގަތްބިރުން އަވަސް އަވަހަށް އަހަރެން އަލަމްއަށް ގޮވީމެވެ. އަލަމްވެސް ތެދުވެ ވަށައިގެން ހޯދާލުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ގޮނޑުދޮށަށް ފޭބިއެވެ. އޮއްސެމުންދިޔަ އިރުގެ ސަބަބުން މުޅި އުދަރެސްވަނީ ރަތްވެފައެވެ. އެއްވެސް މީހެއްގެ ހިލަން ނުވުމުން އަލަމް އަހަރެންގެ އަތުގައި ހިފައިގެން ދޯނިއޮތް ދިމާއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އަހަރެމެން އެދިމާއަށް ދިޔައިރު ދޯންޏެއް ނެތެވެ. ގޮނޑުދޮށުގައި އެއްވެސް މީހަކުވެސް ފެންނާކަށް ނެތެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން ނުލައި އެންމެން ދިޔައީ ހެއްޔެވެ؟ އަހަރެމެން ހޯދަންވެސް އެމީހުން ނޫޅެނީ ހެއްޔެވެ؟ ދެން މިފަޅު ރަށުގައި އަހަރެމެން އެކަނިތިބެން ވީހެއްޔެވެ؟ ކަންބޮޑުވެ ހާސްވެގެން ގޮސް އަހަރެންނަށް ރޮވެންފަށައިފިއެވެ.
” ބޭބީ ނުރޮއެބަލަ! އެމީހުން ދިޔަޔަސް އަހަރެމެން ނެތްކަން އެނގުމުން އަންނާނެ….ޕްލީޒް ހަމަޖެހިބަލަ!…” އަލަމް އަހަރެން ހިތްހަމަ ޖައްސައިދިން ނަމަވެސް އޭނާވެސް ހުރީ ކަންބޮޑުވެފައިކަން އަހަރެންނަށް އެނގެއެވެ. ދުވަސްވަރަކީ މޮބައިލް ފޯންވެސް އާއްމުކޮށް ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. ފޯނުން ގުޅާފައި އެމީހުން ކޮބައޮތޯވެސް ބެލޭނީ އެހެންނަމަތާއެވެ. ދެން ކޮންމެގޮތެއްވިޔަސް އެމީހުން އަހަރެމެން ބަލާ އަންނާނެ އިރަކަށް ޖެހޭނީ އިންތިޒާރުކުރާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.





V reethi
adhi mirey 1 part genesdhyba shine plxxxxxxcxx v reethi mi part ves
Shine thi kon rashaku kuhjjeh? Vaahaka varah furihama
V reethi. I luv ur stories. Shine Hd. Kujjeh thr
yes… i am from H.Dh
are you lhorivaravfaru shine
vvvvvvvv REETHI
varah reethi….
?
H.dh k fushi?
Kon rasheh hdh ge
varah reethi….
Varah hadi
vv rythi vaahaka alhe Alam aa Shelyn falhu rashakah dhoo kohlaafa emyhun hama dhiyaeethr noony Shelyn ahfenna huvafeneh thr e ee v kiyaahih vejje next part vx avahah up kohdhy ba pls
vvv reethi
Wow… amazing.. alhea shine tomorrow up kohdheeba..
Wow… amazing.. alhea shine tomorrow avahah up kohdheeba..
Aslu vaahaka therayah gehlifa hunnairu vaahaka nimenee thankolheh dhigukoh genesdeeba v vvvvvv reethi mirey adhi up kohlaadheythi mivaahaka n moya hiyy magey 2 vaahaka vvvvvsalhi Shine ge vaahakathah kiyaa hithun kiyaa hiyy vey
V reethi
V thafaathu vv majaa vaahkaeh….adhi ehaame reethi…?☺
Kon irakun aaa part annaanee???? Kithah dhuvahun kithah dhuvahun up kuraa vaahaka eh tha mee????? Mi vaahaka dhn hama hesskiyaaaha salhi ingay
Lakka rythi ingey
A beybe gandu ulheny shelin aa hedhi ey baeh faharu heevey….
asluvex dhw xenn….
hama varah heevey ehn…
heevi dhn dhn emnje rape kohlafaaney vs mashah
LiaaSher ge ASARu vaahaka kiyaaba hurihaa kudhin… eiy v v reethi vaahaka eh…
alheyyyyy!! kon irkauntha aa beyeh ahnaanee?
alheyy.. kihineh mi v?
vaahaka v nice