– 13 ޑިސެމްބަރު ބަޔާއި ގުޅޭ –

ޝަހުމްގެ ޙާލަކީތޯއެވެ. ނީޒާ އޭނާއާއި ދޭތެރޭ ކަންތައް ކުރިގޮތުން ޝަހުމްވަނީ ދިރިއުޅުން މަތިން އެއްކޮށް ފޫހިވެފައެވެ. މިކަމާއި އޭނާގެ މައިންބަފައިންނަށްވަނީ ފިކުރު ކުރަން ޖެހިފައެވެ. އެންމެފަހުން އެމީހުންނަށް ފެނުނު އެންމެ މޮޅު ގޮތަކީ ދުވަސްކޮޅަކަށް ނަމަވެސް ފަޒާލްއާއި އެކު ޝަހުމް ލަންކާއަށް ފޮނުވުމެވެ.މިކަމާއި ޝަހުމް ދެކޮޅެއް ނުހަދައެވެ. ވަރަށް ފަސޭހައިން އެންމެންގެ އެދުމުގެ މަތިން އެކަމަށް އެއްބަސްވެ، ދަތުރަށް ތައްޔާރުވެލިއެވެ.

ފަޒާލް ވަރަށް ގިނައިން ލަޔާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ގުޅާ ކޮންމެ ފަހަރަކުވެސް އޭނާއަށް ޖެހެނީ ނާއުއްމީދުވެގެން އެކަން ހުއްޓާލާށެވެ. ލަޔާގެ ގެ ހުންނަތަނެއް ނޭނގޭތީ އެ ގެ ހޯދަން ބޭނުންވި ނަމަވެސް އުޅެންޖެހުނުލެއް ބުރަކަމުން އެކަމަށްވެސް ފުރުޞަތެއް ނުލިބުނެވެ.  އެހެންކަމުން އޭނާއަށް ޖެހުނީ މާޔޫސްވެގެން ހުރެ، އެނބުރި ދާށެވެ. އެތަކެއް ސުވާލުތަކަކާއި އެކުވެސް މެއެވެ.

އޮފީހުގައި ބުރަކޮށް އުޅެން ޖެހުމުން ގިނަފަހަރަށް ފާއިޒާއި ލައިޝާއަށްވެސް ލަޔާއަކާއި ދިމަލެއްނުވެއެވެ. އެހެންނަމަވެސް ކޮންމެރެއަކުވެސް ލަޔާ އޭނާގެ ދޮންތައާއި ބައްޕަގެ ކާރީގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް އެ ދެބަފައިން އޭނާއަށް ނަޞޭޙަތްތެރިވިއެވެ. ނަތީޖާއަކަށްވީ ލަޔާ އަމިއްލައަށްވެސް އޭނާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކާއިމެދު ވިސްނުމެވެ. އޭގެ ފަހުން އޮފިސްގަޑި ނިމުނުހާ އަވަހަކަށް ގެއަށް އާދެއެވެ. އަދި  އެ އާއިލާގެ ހުރިހާ މެމްބަރުން އެކުގައި ލޯބި ވަގުތުކޮޅުތައް ޙިއްޞާކޮށް ހަދަންފެށިއެވެ.ލަޔާގެ ބައްޕަމެނަށް އޭނާގެ ހުރިހައި އެއްޗެއް ކިޔައިދެއެވެ. ނަމަވެސް ދެތިންކަމެއް ފިޔަވައެވެ. ޝަހުމްއާއި ދިމާވި ދުވަހުން ފެށިގެން އެ ހިތުގައި ޝަހުމްއަށްޓަކައިވީ ލޯތްބެވެ. އެ ލޯބި ނާކަމިޔާބުވި ގޮތެވެ. އަދިވެސް ޝަހުމްއަށްޓަކައި ކުރެވޭ އިންތިޒާރެވެ.

ކޮންމެ ދުވަހެއް ދުނިޔޭގެ ކަން ހިނގާ އުޞޫލުން ނިމިގެންދެއެވެ. ލަޔާމެން ކަހަލަ ކުދިން ކުދިކުދިވެފައިވާ ހިތަކާއިއެކު ދިރިއުޅެމުން ދާއިރު، އެއްބަޔަކު ހިތްތައް ގުޅުވުމުގެ އުއްމީދުގައި މަސައްކަތް ކުރަމުންދެއެވެ. އަނެއްބަޔަކު އެމީހުންގެ މާޒީގެ ހަނދާންކޮށް އެ ހިތާމަތަކާއި އެކުގައި އެޅެމުންދެއެވެ. ޝަހުމްއަކީވެސް އެފަދަ މީހަކަށް ވަނީވެފައެވެ. އެގޮތުގައި އަހަރަކަށްވުރެ ގިނަވެގެން ހިނގައްޖެއެވެ. އެހެނަސް ފަހަކަށް އައިސް ޝަހުމްގެ ދިރިއުޅުމަށް ކޮންމެވެސް ކަހަލަ އެދެވޭ ބަދަލުތަކެއްވަނީ އަންނަން ފަށާފައެވެ. ފަޒާލްއަށްވެސް މިކަން ފާހަގަވީ ޝަހުމް އަމިއްލައަށް އިސްވެ ކަންކަމުގައި ޝާމިލްވެ އުޅުމާއި ގޭތެރޭގައި އުޅޭއިރު، ފަޒާލްގެ ދޮންބެގެ ތިންއަހަރަށްދާ ކުޑަކުޑަ އަނާންއާއި ކޮށްލާ ސަމާސާތަކުންނެވެ. އަދި ހަމަ ޝަހުމް އަމިއްލައަށް އިސްވެ ގޭގެ އެންމެނާއިއެކު ޕިކްނިކެއް ދިއުމަށްދަނީ ރާވަމުންނެވެ. މިހައި ފޯރީގައި ޝަހުމް އުޅޭތަން ފެނުމުން އެންމެންވެސް އެކަމާއި ގަޔާވެގެން ޕިކްނިކްގެ ކަންތައް ރޭވުމުގައި މަޝްޢޫލްވެގެން އުޅެންފެށިއެވެ. ފަޒާލްގެ މަންމަ ވީ އުފަލަކުން އަވަހަށް ސިޔާދާއަށް ގުޅައިގެން މިޚަބަރު ދީފިއެވެ. ސިޔާދާ މިވާހަކަ އޭނާގެ ފިރިމީހާއަށާއި ކުދިންނަށް ދިނީ ނުހަނު އުފަލާއި އެކީގައެވެ.

……………………………………………………………………………………..

ބައްޕަގެ އޮފީހުގައި މަސައްކަތުގައި އިނދެ، ލަޔާލް ބޭނުން ނުކޮށް އެތަކެއް ދުވަހެއްވެފައިވާ އޭނާގެ ކުރީގެ އެފްބީ އައިޑީ ހުޅުވާލިތަނުން، ފަޒާލްއާއި ވާހަކަ ދައްކާލާހިތްވިއެވެ. ލަޔާލްއަށް ސިހުން ލިބުނީ ފަޒާލްއޭނާއަށް އެތަކެއް މެސެޖަކުން ކިޔައިދީފައިވާ ވާހަކަތަކުންނެވެ. ޝަހުމް އޭނާއާއިއެކު ލަންކާގައި އުޅެމުންދާކަމާއި ނީޒާގެ ބޭވަފާތެރިކަމެވެ. އަދި ލަޔާލްގެ ކުއްލި ވަކިވުމުގެ ސަބަބު އޮޅުންފިލުވަން ކޮށްފައިވާ އެތަކެއް ޝަކުވާއެކެވެ. ފަޒާލް ފުރައިގެން ދިޔައިރު ކުރަންބޭނުންވެފައިވި ޖަވާބެއް ނުލިބިފައިވާ ސުވާލުތަކެވެ. ލަޔާލް އަވަސްވެގަތީ ފަޒާލް އޮންލައިންގައި އިންތޯ ބަލާލުމަށެވެ. އެތަކެއް އިރެއް ވަންދެން ފަޒާލްގެ އިންތިޒާރުގައި އިންއިރުވެސް އެނާގެ އިޝާރާތެއް ނުވުމުން ލަޔާލް ނިންމީ ފަޒާލް ޢާއްމުކޮށް އޭނާއަށް މެސެޖް ކޮށްފައި ހުރި ވަގުތު ތަކުގައި އޮންލައިން ވުމަށެވެ. އެ މެސެޖުތަކާއިއެކު ލަޔާއަށް ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ކޮންމެވެސް ދުވަހަކުން ޝަހުން އޭނާގެ މިލްކަކަށް ވާން ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށްވާން އުޅޭހެންވެސް ހީވާ ކަހަލައެވެ.

 އަވަސް އަވަހަށް ލަޔާ އެފްބިީއަށް ވަންނާނެ ގަޑިބުނެ މެސެޖެއް ކޮށްލުމަށްފަހު ގޮނޑިން ތެދުވީ ވަރަށް ހިތްހަމަ ޖެހިގެންހުރެއެވެ. އޮފީސްބައިން ނިކުމެ، ގޭގެ  ޓެރަސްއަށް ގޮސް ދެއަތްމައްޗަށް ނަގައިގެން ހުރެ، ހަޅޭއްލަވައިގަނެވުނެވެ.އޭނާ އެންމެ އުފާވީ،ޝަހުމްގެ ދިރިއުޅުމުގައި އުނިވެފައިވާ ލޯބި ދެވޭނެ ފަރާތަކީ ލަޔާލް ކަމަށް ބުނެ ފަޒާލް އޭނާގާތުން އެދިފައިވުމުންނެވެ. މިއަދު މިލިބުނީ އޭނާ ދުވަހަކުވެސް ވާނޭކަމަށް ހިތަށްވެސް އަރުވާފައިވާފަދަ ޚަބަރެއްނޫނެވެ.

 އުޅެވޭ ގޮތެއްނޭނގި މިނިވަން ދޫންޏެއް ފަދައިން ޓެރަސްގެ ވަށައިގެން އިންދާފައިވާ މާގަސްތަކުގައި އަތް ބީއްސަމުން ލަވައެއްގެ ރާގު އަޅުވަމުން ދުވަމުންދިޔައެވެ. މި މަންޒަރު ބަލަން ޓެރަސްއަށް ވަންނަ ދޮރު މަތީގައި ދެއަތް އުރާލައިގެން ލައިޝާހުރީ  ޙައިރާންވެފައެވެ. އަބަދުމެ ރޮވިފައި ކަހަލަ ގޮތަކަށް ހުންނަ މި އަންހެން ކުއްޖާއަށް މިއައި ބަދަލުގެ ސަބަބެއް ހޯދަން ބޭނުންވެފައެވެ. ލައިޝާ ވަރަށް ނޫންކަމަށް ހަދާފައި ކަރުކެހިލިއެވެ. އޭނާގެ މިޢަމަލަކުން  ހުވަފެނީ ދުނިޔެއެއްގައި އުޅެމުންދިޔަ ލަޔާއަކަށް ހިލަމެއްނުވިއެވެ. ދެވަނަ ފަހަރަށް ލައިޝާ ބާރަށް ކެއްސާލިއެވެ. އެއާއިއެކު ލަޔާ ސިހފައި އެދިމާލަށް ބަލައިލިއެވެ. ވަގުތުން އެކުއްޖާގެ މޫނަށް ލަދުވެތިކަންވެރިވިއެވެ.

“އެހެމް….އެހެމް…ކިހިނެއް ވެގެންތަ މިއުޅެނީ ދޮންތީގެ ކޮއްކޮއަށް މިއަދު؟ ކޮއްކޮގެ ޠަބީޢަތް ރަނގަޅު ނޫނީތަ އަނެއްކާ؟..” ދެއަތުން މޫނު ފޮރުވައިގެން ހުރި ލަޔާގެ އަތް މޫނާއި ދުރު ކުރަމުން ލައިޝާ، ލަޔާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ދޮންތީ…….ދެން…….” ލަޔާ އަނެއްކާވެސް ފުރަގަސްދިނީ ގަތްފައި ހުރި ލަދެއްގެ ސަބަބުންނެވެ.

“ނޫނޭ….ކަމެއްވެއްޖެ ދޯ…. އެހެންނޫނީ، ކޮއްކޮއަކީ ތިގޮތަށް އެކްޓިވް ކޮށް އުޅޭ ކުއްޖެއްތަ؟…ބުނެބަލަ ތި ވީ ކަމެއް ދޮންތި ކާރީ!…ކޮއްކޮގެ ކޮންމެ އުފަލެއްގަވެސް އަދި ކޮންމެ ހިތާމައެއްގަވެސް މިހާތަނަށްވެސް ދޮންތިހުރީ ކޮއްކޮއާއިއެކު….ކޮބާތަ ތިހިނިތުންވުމުގެ ސިއްރަކީ؟…އަނެއްކާ ޝަހުމް” ލައިޝާ ގޮތެއް ދުލެއްނުކުރިއެވެ.

“ޔެސް ދޮންތީ…..ހީޒް ގޮނަ ބީ މައިން ސޫން…….އިރާދަކުރެއްވިއްޔާ” ޝަހުމްގެނަން އިވުމާއިއެކު ލަޔާއަށް އެހެންކަހަލަ އިޙްޞާޞެއް ކުރެވިގެން ދިޔައެވެ. ނޭނގިހުރެ  ލައިޝާގާތުގައި އޭނާގެ ހިތުގައިވި ސިއްރު ބޭރުކޮށްލެވުނެވެ. އަދި ލައިޝާގެ ކޮނޑުގައި ބޯއަޅާލިއެވެ.

“އެހެންވީމަ ދޮންތިއަށް ހަމަ ހީވީ ރަނގަޅަށް. އޭރުވެސް  ދޮންތި ބުނަމުންއައި އެއްޗެހި ހަނދާންކޮށްބަލަ!…އިފް ޔޫ ލަވް ސަމްވަން، ވެއިޓް އެން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް…..ބިލީވް މީ، މައި ލިޓްލް އެންޖަލް… ވަން ޑޭ، ޔޫލް ބީ ދި މޯސްޓް ހެޕިއެސްޓް ސިސްޓަރ އެވަރ…” ލައިޝާ ދިޔައީ އަދިވެސް ހިތްވަރު ކުރުމަށް ލަޔާއަށް ނަޞޭޙަތްތެރި ވަމުންނެވެ.ކަމެއް ޙާޞިލުނުވިއޭ ބުނެ ފަހަތަށް ނުދުވެ، ކުރިއަށް ބެލުމަށެވެ. ދިރިއުޅުން އުޖާލާކޮށް  ދުނިޔޭގައި އުޅެންވީގޮތަށް އުޅުމަށެވެ.

-ނުނިމޭ-

64

1 Comment

  1. luk

    October 16, 2017 at 4:59 pm

    Varah reethi

Comments are closed.