” އަހަރެން ހިޔެއްނުކުރަން އަންނާނެކަމަކަށްވެސް….” ނީލާ އިސްޖަހާލައިގެން އިންދާ އަނިލްގެ އަޑުއިވުމުން ހައިރާންވެފައި އިސްއުފުލާލިއެވެ. ނީލާގެ ކެބިންގެ ދޮރުމަތީ ހިނިތުންވެލައިގެން ނީލާއަށް ބަލަންހުރި އަނިލް ފެނުމުން އޭނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

” ކިހިނެއްވީ ހާދަ ހައިރާންވީ؟ އަހަރެންހީކުރީ މަލުގަ އޮތްލިޔުންކޮޅު ކިޔާފަކަމަށް ތިއައީ……”

” އެއީ ސަރ ބޭއްވި މަލެއްތަ؟” ހައިރާންވެ ގަބޫލުނުކުރެވިފައި އިނދެގެން ނީލާ ސުވާލުކޮށްލިއެވެ.

” އާނ! އަނެއްކާ އެހެންމީހަކަށް އެކްސްޕެކްޓްކޮށްގެންތަ ތިއައީ…….އަހަރެންހީކުރީ އެމާދިނުމުގެ ކުރިންވެސް އެނގޭނެކަމަށް……ވަރަށްގިނަ ހަދިޔާވެސް ދިނިންވިއްޔަ…” އަނިލް ހިނިތުންވެލަމުން ނީލާއާއި ދާދިގާތަށް ހުއްޓުނެވެ. ނީލާއިނީ ހައިރާންވެ، ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ.

އަނިލް އައިސް ނީލާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ނީލާގެ މޫނަށް ބަލާލިއެވެ. ނީލާ އިސްދަށަށް ޖަހައިގެން އެއިން ގޮތަށް އިނެވެ.

” އަހަރެން ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން ބޭނުންވެފަ ހުންނަތާ…..އެކަމަކު ރަނގަޅު ވަގުތެއްގެ އިންތިޒާރުގަ މިހުރީ….އަހަރެންނަށް ހީވަނީ ވަގުތު ފާއިތު ނުވަނީސް ބުނުންހެން އެންމެ ބުއްދިވެރިވާނީ….ނީލާ އަހަރެންނާ ކައިވެނިކޮށްފާނަންތަ؟” ޖެހިލުންވެ އިނދެވެސް އަނިލް އޭނާގެ ހިތުގެ އެދުން ނީލާއަށް ހުށަހަޅާލިއެވެ. ނީލާ ދެލޯބޮޑުކޮށްފައި އަނިލްއަށް ބަލާލިގޮތުން އަނިލް އިތުރަށް ޖެހިލުންވިއެވެ.

” އަހަރެންނަށް އެނގޭ ހަމަ ކުއްލިއަކަށް މިކަހަލަ ވާހަކައެއް ދެއްކީމަ ހައިރާން ވާނެކަން…..އެކަމަކު މީކުއްލިއަކަށް ވީކަމެއްނޫން…..އަހަރެންނާއެކު ނީލާ މަސައްކަތްކުރަން ފެށީއްސުރެވެސް އަހަރެންނަށް ވަރަށް ކަމުދޭނީލާ….އުޅެންޖެހިފަހުރި ގޮތުން އަންހެންކުއްޖަކާމެދު ވިސްނާނެ ފުރުސަތު ކުރިންވަނީ ނުލިބިފަ…..މިތަނަށް އައިސް ނީލާއާ ބައްދަލުވުމުން ފުރަތަމަ ފަހަރަށް ދިރިއުޅުމެއް ފަށަން އަހަރެންނަށް ވިސްނާލެވުނީ…އަހަރެންނަށް އެނގިފަވާ ގޮތް ގޯސްނޫންނަމަ ނީލާވެސް މިވަގުތު ތިހުރީ ބައިވެރިއަކަށް ބޭނުންވެފަ……އަހަރެން ބޭނުމެއްނޫން ލޯބީގެ ކުޅިވަރެއްކުޅޭކަށް…..އަހަރެންބޭނުންވަނީ ކައިވެންޏެއްކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅެން……އަހަރެންގެ ދިރިއުޅުމަށް ގެންނަން އެންމެ އެކަށީގެންވާ ކުއްޖެއްގެ ގޮތުގަ ފެނުނު ކުއްޖަކީތީ…..މިވާހަކަ ބުނަންވެގެން ވަރަށް ހިތްވަރުކޮށްފިން…..ކުރިން ދުވަހު ނީލާގެ މޭޒުމަތީ ޒަބްރޯލް ކޮތަޅަކާއެކު ނޯޓެއްވެސް ބޭއްވިން……އެކަމަކު އެހެންމީހަކަށް ފެނިދާނެތީ ބިރުން އަވަހަށް ނެގީ…” އަނިލް އޭނާގެ ހިތުގެ ހާލަތު ނީލާގެ ކުރިމަތީ ހާމަކުރަމުން ދިޔައިރު ނީލާ ލޮލަށް ކަރުނަ ޖަމާވަމުންދިޔައީ މިހުރިހާ ދުވަހު އިޝާންއާމެދު އޭނާއަށް ކުރެވުނު ފޮނި އުއްމީދުތަކަކީ ކިހާ ތާކުންތާކު ނުޖެހޭ ހުސް އެއްޗެއްކަން އެނގުމުންނެވެ. ނަމަވެސް ހިތްވަރުކޮށްފައި ނީލާ އެކަރުނަތައް ދިރުވާލާ އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރިއެވެ.

” ސަރ……އަޅުގަނޑު މިވަގުތު ގެޔަށްދާން ބޭނުން…. އެންމެ ރަނގަޅުތޯ ދިޔަޔަސް؟” އަނިލްއާ ދިމާ ބަލާވެސް ނުލާ ނީލާ އެހެން ބުނުމުން އަނިލް ވަރަށް ދެރަވިއެވެ.

” އޯކޭ…..އެކަމަކު އުއްމީދުކުރަން ފަހުން ޖަވާބެއް ދޭނެކަމަށް” ނީލާ ނުކުންނަން ތަންދެއްކުމަށްޓަކައި އަނިލް ދުރަށްޖެހިލިއެވެ.

” އަޅުގަނޑު ބޭނުން ވިސްނާލަން ވަގުތުކޮޅެއް…” ދާން ހިނގައިގަތްފައިވެސް ނީލާ މަޑުމަޑުން ބުނެލިއެވެ.

” ވިސްނަން ބޭނުންވަރަކަށް ވިސްނާފަ ޖަވާބެއްދީ!…..އަހަރެން އިންތިޒާރުކުރާނަން…..” އުއްމީދުން ފުރިގެންވާ ރާގަކަށް އަނިލް ބުންޏެވެ.

ސުކޫލުގެ ގޭޓުން ނުކުތުމާއެކީ ނީލާގެ ލޮލުގައި ހިފަހައްޓައިގެންހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗައް އޮހިގަތެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގެޔާދިމާއަށް ހިނގައިގަތީ މީހަކަށް އެމަންޒަރު ފެނިދާނެތީއެވެ. ނީލާ ކޮޓަރި ތެރެއަށް ވަދެވުމާއެކު އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ބާލީހުގައި މޫނު ޖައްސައިގެންއޮވެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. މިހުރިހާ ދުވަހު އިޝާންއާ މެދު ދެކެމުން އައި ފޮނި ހުވަފެންތައް އިސާހިތަކު ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. އޭނާގެ މޭޒުމަތިން ފެނުނު މޭވާތަކާއި މާތަކަކީ އިޝާންދިން އެއްޗެއްކަމުގައި ޔަގީން ކޮށްގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ އެހާފޮނި އިބާރާތްތަކުން އޭނާއަށް ތައުރީފުކޮށް ހެދިމީހަކީވެސް އިޝާން އެއް ނޫން ހެއްޔެވެ؟ އެއީ ހަމަ އަނިލް ހެއްޔެވެ؟

” ނޫން…ނޫން” ނީލާ ކުއްލިއަކަށް އެނދުން ތެދުވިއެވެ.

އަދި އޭނާގެ އަލަމާރި ކައިރިއަށް ގޮސް އޭނާގެ އަލްބަލް ނަގައި އޭގައިވާ ހިކި ފިނިފެންމާތައް ނެގިއެވެ. ކުއްލިއަކަށް އެހުރިހާ މަލެއްނަގައި ފުނޑުވާލުމަށްފަހު ޑަސްބިނަށް އަޅާލިއެވެ. ހަމައެއާއެކު މޫނުގައި ދެއަތްއަޅައި ބާރުބާރަށް ރޯންފެށިއެވެ.

” ޝާން އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ؟…އަހަރެންނަށް އެކަނިތަ ލޯބިމިވެވުނީ……ދެންކީއްވެ ޝާން އަހަރެންނާ އެހާގައިގޯޅިކޮށް އުޅުނީ……ކީއްވެ؟ އެގޮތަށް ސަމާސާކުރީ…..ކީއްވެ؟ އަހަރެންގެ ހިތާކުޅުނީ؟…….ކީއްވެ؟…ކީއްވެ؟” އަނެއްކާވެސް ނީލާ ރޯންފެށިއެވެ. ނީލާ އަމިއްލައަށް ޝަކުވާކުރަމުން ރޯން އެތައްއިރަކު އޮތެވެ.

އެންމެފަހުން އޭނާގެ އަމިއްލަ މޮޔަކަމާމެދު ކަރުނަ އޮހޮރުން ހުއްޓާލާފައި އަމިއްލަ ނަފްސަށް ވިސްނާދެވޭތޯ މަސައްކަތްކުރިއެވެ. އިޝާންގެ ސަމާސާތަކާއި ގައިގޯޅިވުންތަކުން ނުބައިމާނައެއް ނެގި މީހަކީ ޚުދު އަހަރެންނެވެ. އިޝާން ދުވަހަކުވެސް އަހަރެންދެކެ ލޯބިވާ ވާހަކައެއް ނުވަތަ ގަޔާވާ ވާހަކައެއްވެސް ބުނެފައެއް ނެތެވެ. ވީއިރު އަހަރެން އެގޮތަށް ވިސްނީ ކީއްވެގެން ހެއްޔެވެ؟ ނައީޝް ބުނިފަދައިން އިޝާންއަކީ އަދި ވަރަށް ހަގު ކުއްޖެއެވެ. ދިރިއުޅުމާމެދު ސީރިއަސްކޮށް ނުވެސް ވިސްނާނެކަން ގައިމެވެ. އިޝާން ލޯބިވާނީ ހުރިހާ ގޮތަކުންވެސް އޭނާއާ ގުޅޭ ކުއްޖަކު ދެކެއެވެ.އިޝާން އަހަރެންނާމެދު އެފަދަ ގޮތަކަށް ވިސްނާނެކަމަށް ހީކުރެވުން އެއީ އަހަރެންނަށް ކުރެވުނު ކުށެކެވެ. އިޝާންގެ މަތިން ހަނދާން ނައްތާލާފައި އަނިލްއާ މެދު ވިސްނުން މާ ބުއްދިވެރިއެވެ. އަނިލް ހުރިހާ ގޮތަކުންވެސް އަހަރެންނާ މާބޮޑަށް ގުޅެއެވެ. އަހަރެންދެކެ ލޯބިވެއެވެ. އަހަރެންނާއެކު ދިރިއުޅެން ބޭނުންވެއެވެ. އާއެކެވެ. އަހަރެންނަށް އެންމެ ރަނގަޅުގޮތަކީ އަނިލްއާ ގުޅުމެވެ. އިޝާންމަތިން ހަނދާން ނައްތާލުމެވެ. ދެރަވީނަމަވެސް މުސްތަގުބަލަށްޓަކައި އެންމެ ރަނގަޅުގޮތަކީ އަނިލްއާ ގުޅުންކަމުގައި ނީލާ ނިންމިއެވެ.

ރޭގައި މާބޮޑަށް ރޮއެ ވިސްނާ ހެދުމުގެ ސަބަބުން ހެނދުނު ހޭލިއިރު ނީލާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސައެވެ. އެހެންކަމުން އޭނާ ނިންމީ މިއަދު ސުކޫލަށް ނުދިއުމަށެވެ. އަނިލްއަށް މެސެޖުކޮށްފައި ނުދެވޭނެ ވާހަކަ ނީލާ ބުނުމުން އަނިލް ކަންބޮޑުވިއެވެ. އަނެއްކާ ރޭގެ ކަންތަކާ ހިތްހަމަ ނުޖެހުނީބާއޭ އަނިލްގެ ހިތަށް އެރިއެވެ. ނީލާ ނާންނަކަން އެނގުމުން އިޝާންވެސް ހުރީ ދެރަވެފައެވެ. ދަތުރު ދިޔަދުވަހުގެ ފަހުން ނީލާއަށް ބަދަލުތަކެއް އައިކަން އިޝާންއަށްވަނީ ފާހަގަ ކުރެވިފައެވެ. ބައެއްފަހަރު ނީލާ ހުންނަނީ އިޝާންދެކެ ރުޅިއައިސްފައޭވެސް އޭނާގެ ހިތަށް އަރައެވެ. މިއަދު އޮފީހުގެ މާހައުލު އިޝާންއަށާއި އަނިލްއަށްވެސް ވީ ހިމޭންކަމާއި ފޫހިކަމުގެ މާހައުލަކަށެވެ. ދެމީހުންކުރެ އެކަކަށްވެސް މަސައްކަތުގައި ގަޔާވެވޭ ގޮތެއްވެސް ނުވެއެވެ.

” ނީލާ މޭމް ބަލީތަ؟” އެންމެފަހުން އިޝާންއަށް ކެތްނުކުރެވިގެން ނީނާގާތު އަހާލިއެވެ.

” ހީވަނީ އެހެން” ނީނާވެސް އޭނާއަށް ހީވާގޮތަށް ޖަވާބުދިނެވެ.

ނީލާ ގޭގައި އޮވެގެން އޭނަގެ ދިރިއުޅުމާމެދު އެކި ގޮތްގޮތަށް ވިސްނަމުން ދިޔައެވެ. އޭނާއަށް އިޝާން ދެކެ ލޯބިވެވުނީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަނިލް އޭނާއާ ގަޔާވާއިރު އެކަން އޭނާއަށް ނޭނގުނީ ކީއްވެބާއެވެ. ދުވަހަކުވެސް އަނިލްއާ މެދު ނީލާއަށް އެފަދަ ގޮތަކަށް ވިސްނިފައެއް ނެތެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިހުރީ ހަމައެކަނި އިޝާން އަށެއެވެ. އިޝާން ކުރިމަތީގައި ހުންނައިރު އެހެން އެއްވެސް މީހެއްގެ މަތިން އޭނާ ހަނދާނެއް ނުހުރެއެވެ. އިޝާންގެ އަމަލުތައް ހުންނަގޮތުން އިޝާންވެސް އޭނާއާ ގަޔާވާ ކަމުގައި އޭނާއަށް ހީކުރެވުނެވެ. ނަމަވެސް އެކަން އެވީ ކުށްހީއަކަށްތާއެވެ. އެކަމަކު އަނިލްގެ ލޯތްބަށް އާއެކޭ ބުނާކަށްވެސް އޭނާގެ ހިތެއް ނޭދެއެވެ. ހިތްއެދެނީ ހަމައެކަނި އިޝާންއަށެވެ.

” ނޫން….އަހަރެން ޝާންއާމެދަކު ނުވިސްނާނަން…..އަހަރެން އަނިލްއަށް އާއެކޭ ބުނާނީ…” ދެލޯމަރާލާފައި ނީލާ މަޑުމަޑުން ބުނެލިއެވެ.

ބުރޭކްގަޑިއަށް އިޝާން ދާންވެގެން ގުޅާ ގުޅާ ނައީޝް ފޯނު ނުނެގުމުން އިޝާން ގެޔަށްދިޔައެވެ. ނައީޝްގެ ކޮޓަރި ދޮރުމައްޗަށް އެރުމާއެކު އިޝާން ހައިރާންވެގެން ދެލޯބޮޑުވިއެވެ. މުޅިކޮޓަރި ތެރެ ހީވަނީ ކުނިގޮނޑެއް ހެންނެވެ. ހުރިހާ އެއްޗެއްހުރީ އެފުށް މިފުށުން ޖަހާފައެވެ. އޭރުވެސް ހާސްވެގެން ހުރެ ނައީޝް އެތަން މިތަން ހޯދައެވެ.

” އޭތް ބުރޯ….ނަގޫރޯޅިއެއް އެރީތަ؟….ކިހިނެއްވެގެން ތިއުޅެނީ؟…” އިޝާންގެ އަޑުއިވިފައި ނައީޝް ތެދުވެ ބަލާލިއެވެ. އޭރު އޭނާވަނީ ދާހިއްލާ ފޯވެފައެވެ. އަނގައިންވެސް ނުބުނެ އަނެއްކާވެސް ނައީޝް އެހޯދާ އެއްޗެއް ހޯދަން ފެށިއެވެ.

” ކަމޯން….ތިވެގެން އުޅޭގޮތެއް ބުނެބަލަ!….ކޯއްޗެއްތަ ތިހޯދަނީ މާވަރަކަށް؟” އިޝާން ސީރިއަސް ވެފައި ސުވާލުކޮށްލުމުން ނައީޝް ތެދުވެ ހިންދެމިލިއެވެ.

” އެއްޗެއް ނުހޯދަން….ހިނގާ ސައިބޯން..” މޫނު ފޮހެލުމަށްފަހު ނައީޝް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

” އަނެއްކާ ކޯއްޗެއްތަ ގެއްލުނީ……މައަތުގަ އޮތަސް ބުނަން އެނގޭނީ އޭރުން…..އާނ! މަމިހުރީ ހަނދާންނެތިފައޭ ބުނަން….ތިކޮޓަރިން އިއްޔެގަ އެއްޗެއް ނެގިން…” ހިނިއައިސް ހުރެ އިޝާން އެހެން ބުނުމުން ކުއްލިއަކަށް ނައީޝް ހުއްޓިފަ އިޝާންގެ މޫނަށް ބަލާލިއެވެ.

” ފޭރެއްތަ؟” ސީރިއަސް ކަމާއެކީ އިޝާންގެ މޫނަށް ބަލާލާފައި ނައީޝް އަހާލި ގޮތުން އިޝާން ހައިރާންވިއެވެ. މިހުރިހާއިރު ދާހިތްލާ ފޯވެގެން ނައީޝް އެހޯދީ އެފޭރުބާއޭ ހިތަށް އެރުމުން އިޝާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” އޭތް! ބުނޭ ކޮބާ އެފޭރު!” އިޝާންގެ ގަމީހު ގިރުވާނުގައި ހިފާ ލަތްކެއް ޖަހަމުން ނައީޝް ހަރުކަށި ކަމާއެކު އަހާލިއެވެ.

” ރިލެކްސް މޭން!…ރިލެކްސް….ފޭރަކާހެދި ހާދަވަރެއްތިވީ..” އިޝާންގެ ގިރުވާނުން ނައީޝްގެ އަތް ނައްޓާލަމުން މަޑުމައިތިރިކަމާއެކު އިޝާން ބުންޏެވެ.

” ޖެހޭތަ ކޮންމެހެން މީހުންގެ ހުއްދަނެތި ކޮޓަރިއަށްވަދެ ތަންތާ ހުންނަހާ އެއްޗެއް ނަގަން…..ޝާން ހިފާފަ ހުންނަގެއެއްވީމަ ޝާން ބޭނުންގޮތަކަށް އުޅެންވީތަ؟” ނައީޝް ހީވަނީ ރުޅިއައިސްގެން އެހެންކަމެއް ހެންނެވެ.

” ނައީޝް ހަމަޖެހިބަލަ! އަދި ނުވެއެއްނު ތިވަރުވާކަށް…ގަހުގަ އެބަހުރި އެކަހަލަ ކިތަންމެ ފޭރެއް….ހަމަ ބިނދެގެން ކާންވީނު!….ދެން އެވަރުގެ ކަމެއްތަތީ؟” އިޝާން ވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

” ދެން ކީއްވެ ޝާން ވަކި ގަހުން ބިނދެގެން ނުކެއީ…..ހަމަ އަހަރެން ބޭއްވިފޭރުތަ ނަގަންވީ…..ރަނގަޅަށް ބުނޭ އެފޭރު ކޮބާ؟….

” އެދެން މިހާރުވާނީ ކޮންމެވެސް މީހެއްގެ ބަނޑުގައެއްނު!….ދެން ނައްޓޭ ކިތަންމެ ރުޅިއަޔަސް މަށަކަށް އެޔެއް ނުނެރެވޭނެ…..ދެން ބުނެވޭނީ ހަމަ ސޮރީއޭ…..އެކަމު ގަހުގަހުރި ހުރިހާ ފޭރެއް ނައްޓޭ ކެޔަސް މަށަށް އޯކޭ…..” ނައީޝް އެހާ ރުޅިއައުމުން އިޝާން ހުރީ އެފޭރު ނެގުނު މޮޔަ ހިތައް އަރާފައެވެ. ނައީޝް އިޝާންއާ ދިމާއަށް ފާޑަކަށް ލޯއަޅާލާފައި އެނބުރި ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އިޝާން ހައިރާންވެފައި ދޮރާދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

” ނައީޝް! ޕްލީޒް ދޮރުހުޅުވަބަލަ!….ދެން ހިނގާބަލަ ސައިބޯން…..ތިދެން މީހުން އުޅޭގޮތެއް ނޫނެއްނު….އައި އެމް ރިއަލީ ސޮރީ…” ނައީޝްގާތު ނުބުނެ އޭނާގެ އެއްޗެއް ނެގުނީތީ އިޝާން ދެރަވެސް ވެއްޖެއެވެ. އެތައްއިރެއް ވާންދެން ގޮވުމުންވެސް ނައީޝްގެ ޚަބަރެއް ނުވުމުން އިޝާން އެކަނި ސައިބޯން ދިޔައެވެ.

ސައިބޯން އިނދެގެންވެސް އޭނާ ވިސްނަމުން ދިޔައީ ނައީޝް އެހާ ރުޅިއައި ސަބަބެއް ނޭނގިގެންނެވެ. އެވަރުގެ ކަމަކާ އެވަރަށް ރުޅިއަންނަން ޖެހޭ ހެއްޔެވެ؟ ނައީޝްއަކީވެސް އަޖާއިބެއް ކަހަލަ މީހެކޭ އިޝާންގެ ހިތަށް އެރިއެވެ. މިއަދު ކަންތައްތައް ދިމާވިގޮތުން އިޝާންގެ މޫޑު ރަނގަޅަށްވެސް އޮފް ވެއްޖެއެވެ.

މިއަދުގެ ރަސްމީގަޑި ނިމުނީވެސް އިޝާން ގަޑިއަށް ބަލަބަލާ އިންދައެވެ. ގަޑި ނިމުމާއެކު އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް އިޝާން ލެޕްޓޮޕް ކޮނޑުގައި އަޅުވައިގެން ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުތެވެ. ގެޔަށް ވަދެވުމާއެކު އިޝާން އަވަސްވެގަތީ ނައީޝް ކޮބައިތޯ ބަލާލާށެވެ. ނައީޝްގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި އަނބުރާލުމާއެކު ހުޅުވިއްޖެއެވެ. އެތެރެއަށް ބޯދިއްކޮށްލުމުން އިޝާން ހައިރާންވިއެވެ. ކޮޓަރިތެރެ އޮތީ އެއްކޮށް ތަރުތީބުކޮށް ސާފުކޮށްފައެވެ. އިޝާން ކޮޓަރިތެރެއަށް ވަދެ ބަލާލުމުން އޭނަގެ ހައިރާންކަން އިތުރުވީ ނައީޝްގެ އެއްވެސް ސާމާނެއް އެތާގައި ނެތުމުންނެވެ. އިޝާން ކޮޓަރިން ނުކުންނަން ހިނގައިގަތް ވަގުތު ސައިޑްކަބަޑު މަތީ އޮތް ނޯޓެއް ފެނުނެވެ. އިޝާން އަވަސް އަވަހަށް އެނަގާ ކިޔާލިއެވެ.

” އަހަރެން ޝާންގެ ރަހުމަތްތެރިއެއްގެ ގޮތުގަ އުޅެވޭތޯ ވަރަށް މަސައްކަތް ކޮށްފިން…..އެކަމު ދެން އިތުރަކަށް އަހަރެމެން ދެމީހުންނަށް އެކުގައެއް ނޫޅެވޭނެ…..އަހަރެން މިދަނީ މިރަށުންދާން……ތޭންސް ޝާން ކޮށްދިން ހުރިހާ ކަމަކަށްވެސް…..އަދި އަހަރެންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއްވެފަ އޮތިއްޔާ މާފަށްވެސް އެދެން” އެ ނޯޓު ކިޔުމުންވެސް ނައީޝް އެގޮތަށް ކަންތައް ކޮށްފާނެ ކަމުގައި އިޝާންއަކަށް ގަބޫލެއް ނުކުރެވުނެވެ. އެވަރުގެ އާދައިގެ ކަމަކާ ރުޅިއައިސްގެން އެގޮތަށް ހިނގައިދާނެ ކަމަށް އިޝާންއަށް ހީކުރެވިފައެއްވެސް ނުވެއެވެ. ކަރުދާސްކޮޅު ބޮނޑިކޮށްލުމަށްފު އަތުގެކޮޅަށް ހޫރާލެވުނީ ނައީޝް ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހިގެންނެވެ.

ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް އިޝާން ވެއްޓިގަތެވެ. ދެލޯމަރައިގެން އޮވެ ހިތަށްވެރިވެފައިވާ ނުތަނަވަސްކަން ފިލުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކިތަންމެ ދުވަހަކު އެއްތާކު އުޅުނަސް ނައީޝް ކަހަލަ މީހަކާ އެކުވެރިކަން ބަދަހި ނުކުރެވޭނެކަން މިހާރު އިޝާންއަށް އެނގިއްޖެއެވެ. ނީލާވެސް މިހާރު ހުރީ ކޮންމެވެސް ކަމަކާ އޭނައާ މެދު ހިތްހަމަ ނުޖެހިފައެވެ. އަނެއްކާ ނައީޝްވެސް އޭނަ ދެކެ ރުޅިއައިސްގެން ދިޔައީއެވެ. މިގޮތަށް ކަންތައް ދިމާވުމުން ކުއްލިއަކަށް އިޝާންއަށް އެކަނިވެރިކަން އިހުސާސް ކުރެވިއްޖެއެވެ.

ދެލޯމަރައިގެން އިރުކޮޅަކު އޮތުމަށްފަހު އިޝާން ތެދުވިއެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓާލިއެވެ. ގަމީހާއި ޓައީބޭލުމަށްފަހު އަލަމާރީގައި ކޮނޑެއްގައި އަޅުވާލިއެވެ. އަލަމާރި ދޮރުލައްޕަން އުޅެފައިވެސް އިޝާން ހުއްޓުނެވެ. އަލަމާރި ތެރޭގައި ހުރި ކުޑަވަތްގަނޑެއް ދަމާލުމަށްފަހު ކުޑަވަރެއްގެ އަލްބަމެއް ނަގައިގެން އައިސް އެނދުގައި އިށީނެވެ. ފަހަރަކު ގަނޑެއް އެއްލަމުންގޮސް އޭނާގެ ނަޒަރު ހުއްޓުނީ ކުޑަކުއްޖަކު ގޮވައިގެން އިން ޒުވާންރީތި އަންހެނެއްގެ ފޮޓޯއަށެވެ.. ފޮޓޯއަށް ބަލަންއިނދެ އޭގާ ފިރުމާލުމަށްފަހު އަންހެންމީހާގެ މޫނުގައި އިޝާން ބޮސްދިނެވެ. އެވަގުތު އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް އެތަސްވީރުގައި ބޮސްދީފައި އަލްބަމުގެ ތެރެއަށް ފޫދިގެން ދިޔައެވެ.

” މަންމާ! މަންމަ ކޮންތާކުތަ ތިއުޅެނީ؟….އަހަރެން ހާދަ އެކަނި ވެރިވެޔޭ މަންމަ ނެތުމުން….” އިޝާން ފޮޓޯގަނޑު މޭގައި ޖައްސާލަމުން ލޯމަރާލިއެވެ. އެލޮލުގައި ގިނަވެފައިހުރި ކަރުނައިގެ ސައިލު އިސާހިތަކު ކޯތާފަތުން ތިރިޔަށް ދެމިގެންފިއެވެ. ދުވަސްތަކަކަށްފަހު  މަންމަގެ ހަނދާނުގައި އެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. މީހުންގެ ކުރިމަތީ ހީހީފައި އެހެންމީހުންގެ ހިތާމަތައް ފިލުވައިދޭން މަސައްކަތްކުރާ މިޒުވާނާއަކީ ޚުދު ހިތާމަތަކެއް ހިތުގައި ފޮރުވައިގެން އުޅޭ އެކަނިވެރި އިންސާނެވެ.

ބޭރުފުށުން ފެންނައިރު އިޝާންއަކީ ދުނިޔެމަތީގައި ހުރިހާ އުފަލެއް ހާސިލްކޮށްގެން ހުރި ކާމިޔާބު ޒުވާނެކެވެ. މުއްސަނދިކަމާއި ތައުލީމާއި ގަދަރުވެރިކަން އޭނާއަށް ލިބިފައިވެއެވެ. ބަލާލި ކޮންމެ މީހެއްގެ ހިތަށް ފިނިކަން ގެނެސްދޭފަދަ ފުރިހަމަ ބުރުސޫރައެއް ލިބިފައެވެ. ކޮންމެމީހަކުވެސް ގަޔާވާފަދަ އެކުވެރި ސަމާސާ މިޒާޖެއްގެ ވެރިއެކެވެ. މިހާރުވެސް އެތައް އަންހެންކުދީންނެއްގެ ހިތުގައި އެނަން ލިޔެވިފައިވެއެވެ. ނަމަވެސް އެހިތުގައި ހިނގާ ގިލަންގެ އިހުސާސްވާ މީހަކުވެސް ނޫޅެއެވެ. އެހިތް ތާއަބަދު އެދެނީ ކޮންކަމަކަށް ކަން އެނގޭ އިންސާނަކުވެސް ނޫޅެއެވެ. އިޝާން ލޯމަރައިގެން އިންއިރު މާޒީގެ ސަފްހާތައް އޭނާގެ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ. ކުޑައިރުގެ އުފާވެރި ހަނދާންތަކާއި ހިތާމަވެރި ހަނދާންތަކެއެވެ.

އިޝާން ހަނދާން ހުންނަން ފެށީއްސުރެވެސް އޭނާއުޅެނީ ތަނަވަސް އަރާމު ދިރިއުޅުމެކެވެ. މަންމައާއި ބައްޕަގެ ލޯބިލިބޭ އުފާވެރި ދިރިއުޅުމެކެވެ. އިޝާންގެ ބައްޕަ އިމާދަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. މަންމަ އަރީޝާއަކީ ގެވެހި އަންބެކެވެ. އެދެމަފިރިންގެ ފަރާތުން ލިބޭ ލޯތްބާއިއެކު އިޝާންއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. މާމާއާއި ކާފަގެވެސް ފުރިހަމަ ލޯތްބާއި އަޅާލުން ލިބެއެވެ. އޭނާގެ އެއުފާވެރި ޙަޔާތައް ހިޔަނި އެޅުނީ މަންމަ އެހެން ކުއްޖަކަށް ބަލިވެއިންކަން އެނގުމާއި ގުޅިގެންނެވެ. މަންމަގެ ފަރާތުން އިޝާންއަށް ދެން ލިބެންފެށީ ދުވަހަކުވެސް އޭނާ އުއްމީދު ނުކުރާފަދަ ނަފްރަތާއި ރުޅިވެރިކަމެވެ. އޭނާގެ ކޮއްކޮ އިޝިކާ ލިބުނުއިރު އިޝާންގެ އުމުރުން އަށްއަހަރެވެ. އިޝިކާ ލިބުނުފަހުން މަންމަގެ ފަރާތުން އިޝާންއަށް އޯގާތެރި ބަހެއްހާ ހިސާބުވެސް ނުލިބެއެވެ. މަންމަ އަބަދުވެސް ހުންނަނީ އިޝާން ދެކެ ރުޅިއައިސްފައެވެ. ގޭތެރޭގައި ކޮންމެ ކަމެއް ގޯސްވިޔަސް އެކަމެއް އަޅުވަނީ އިޝާންގެ ބޮލުގައެވެ. ދިމާވާ ކިތަންމެ ކުޑަކަމަކާވެސް އިޝާންއަށް އަނިޔާކުރަން ފަށައެވެ.

ބައްޕައަކީ ގިނަވަގުތު ބޭރުގައި އުޅޭމީހެއްކަމުން ގޭތެރޭގައި ހިނގާ ކަންތައްތަކުގެ ޚަބަރެއް ބައްޕައަކަށް ނޭނގެއެވެ. މަންމަގެ ގޯސްވާހަކަ އިޝާން އެއްވެސް މީހެއްގާތު ނުބުނެ ހުއްޓާވެސް އިޝާންގެ ގޯސްވާހަކަ މަންމަ އެންމެން ގާތުވެސް ދައްކައެވެ. ބައްޕަވެސް ގިނަ ފަހަރަށް ރުޅިއަންނަނީ އިޝާން ދެކެއެވެ. މަންމަގެ ލޯތްބާއި އަޅާލުން ލިބޭތޯ މަންމަ ރުހޭހާ ގޮތަކަށް އުޅެވޭތޯ އިޝާން މަސައްކަތް ކުރެއެވެ. އިޝިކާ ކޮއްކޮއާއެކު މަންމަ ލޯބިން އުޅޭތަން ފެނުމުން އޭނާވެސް ދެރަވެއެވެ. އޭނާއަށް މިހާރު ލިބެނީ ހަމައެކަނި ކާފަޔާއި މާމަގެ ލޯތްބެއެވެ. ކާފައާއި މާމަ ދިރިއުޅެމުން އަންނަނީ އިޝާންއާ އެއްއިމާރާތެއްގައި ނަމަވެސް ދެފުލޯއެއްގައެވެ. އެހެންކަމުން މާމަމެންނަށްވެސް އިޝާންއާމެދު މަންމަ އަމަލުކުރާގޮތެއް ނޭނގެއެވެ.

އެއްދުވަހަކު މާމަވެސް ހުއްޓާ އިޝާން ކުޅެން ގެންގުޅު ބޯޅައަކުންޖެހި މާޓުކުރިއެއް ތެޅުމުން މަންމަ ރުޅިއައިސްގެން ވަރަށް އަނިޔާކުރިއެވެ. އިޝާންގެ މާމަ އެދުވަހު މަންމަ ދެކެ ވަރަށް ރުޅިއައެވެ.

” ކަލޭ ހިތައްއެރިހާ ގޮތެއް މަގޭ މާމަދަރިޔަށް ހަދާނެ ކަމެއް ނެތް…..ކަލެޔަށް ނުބެލެންޏާ ގެނޭ….މަބަލާނަން އެދަރި…..ކޮންމެހެން ކަލޭ އެކުއްޖާގައިގަ ތަޅާއަނިޔާ ކުރާނެ ކަމެއްނެތް….” މާމަ ރުޅިއައިސްފައި ހުރިވަރުން އިޝާންގެ ހުރިހާ އެއްޗެއް ހިފައިގެން އިޝާންވެސް ގޮވައިގެން ވަގުތުން މާމަ އުޅޭބަޔަށް ދިޔައެވެ. ބައްޕަ އޮފީހުން އައިސް އިޝާން ބަލާއައުމުން މާމަ އެކަމާ އިންކާރުކޮށް މަންމަ އިޝާންއާ މެދު ކަންތައް ކުރާގޮތުގެ ވާހަކަ ބުނުމުން ބައްޕަވެސް އިޝާން ގެންދާކަށް ބޭނުމެއް ނުވިއެވެ.

އެދުވަހަށްފަހު އިޝާން އުޅެމުންދިޔައީ މާމައާ އެކުގައެވެ. މަންމަ އިޝާންގެ ހާލުވެސް ބަލާނުލައެވެ. ނަމަވެސް ބައްޕަ ކޮންމެ ދުވަހަކުވެސް އިޝާން ސުކޫލަށް ގެންގޮސް، ގެނެސްވެސް ހަދައެވެ. އިޝާންގެ ހުރިހާކަމެއްވެސް ބައްޕަ ކޮށްދެއެވެ. ބޮޑުވަމުން އައި ވަރަކަށް އިޝާންއަށް ކަންތައްތައް ވިސްނެމުން ދިޔައެވެ. ބައްޕަ އިޝާންދެކެ އެހާ ލޯބިވާއިރު މަންމަ އޭނާދެކެ ރުޅިއަންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. މަންމަގެ ސަބަބުން ކޮއްކޮވެސް އޭނާއާއި ވަނީ ދުރުހެލިވެފައެވެ. ކޮއްކޮއާއި ވާހަކަދެއްކިޔަސް މަންމަ ރުޅިއާދެއެވެ. އެހެންކަމުން އޭނާވެސް ބަލަނީ ކޮއްކޮއާވެސް ވީހާ ދުރުގައި އުޅެވޭތޯއެވެ. ފަހުން ފަހުން އައިސް މަންމަމެން އުޅޭބަޔަށް އިޝާން ގޮސްލަނީވެސް ހާލަކުން ފަހަރަކުއެވެ. މަންމަ ފެނުމުން ވާހަކަ ދައްކާ ހިތްވިޔަސް ވާހަކަ ދައްކާކަށްވެސް އޭނާއަކަށް ނުކެރެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. މާމައާއި ކާފަގެ ލޯތްބާއި ބައްޕަގެ ނަސޭހަތުން އިޝާން ހިތަވަރާއެކު ކިޔަވާ މޮޅުވިއެވެ. އޭނާ އޯލެވެލް ހެދި އަހަރު ދުނިޔޭގެ އެންމެ މޮޅެތިކުދިންގެ ލިސްޓަށް އޭނާގެ ނަންވެސް އެރިއެވެ. ބައްޕަ އެކަމާ ވަރަށް އުފާކުރިއެވެ. ނަމަވެސް މަންމަގެ ފަރާތުން އުފާވާނެފަދަ ބަހެއްވެސް ނުލިބުނެވެ. ބައްޕަ އިޝާން އިތުރަށް ކިޔެވުމަށްޓަކައި މެލޭޝިޔާއަށް ފޮނުވިއެވެ. މެލޭޝިޔާއިން އޭލެވެލް ހެދުމަށްފަހު އޭނާ ކުރިޔަށްދާން ގަސްތުކުރީ ކޮމްޕިއުޓަރ ސައިންސްގެ ރޮގުންނެވެ. އެގޮތުން އޭނާ ޑިޕްލޮމާ ފުރިހަމަ ކުރުމަށްފަހު ޑިގްރީއަށް ކިޔެވުމުގެ ކުރިން މާލެއައެވެ. އާއިލާއާ ބައްދަލުކޮށްލުމުގެ ބޭނުމުގައެވެ.

އޭނާ މާލެއައިރު ކާފަގެ ބަލިހާލު ބޮޑުވެ އޮތީ އައިސީ ޔޫގައެވެ. އިޝާން އައިތާ ތިންދުވަސް ފަހުން ކާފަ ނިޔާވިއެވެ. އިޝާންއަށް މާލެއައިފަހުން ފުރަތަމަ ފަހަރަށް މަންމަ ފެނުނީ ކާފަގެ ޖަނާޒާގެ ތެރެއިންނެވެ. އިޝާން ފެނުމުން އެތައްއިރެއްވާންދެން ބަލަން ހުރުމަށްފަހު މަންމަ ދުވެފައި އައިސް އޭނާ ގައިގާ އޮޅުލައި ގަތެވެ. އިޝާންހުރީ ހައިރާންވެގެން ބުނާނެ އެއްޗެސް ނޭނގިފައެވެ. އެތައް އަހަރަކަށްފަހު އަނެއްކާވެސް އިޝާންގެ މަންމަގެ ލޯބި ލިބެންފެށީ ކުއްލިއަކަށެވެ.

އެދުވަހަށްފަހު އިޝާންއަށް މީރުހާ އެއްޗެހި ކައްކަ ކައްކާފަ މަންމަ އިޝާންއަށް ކާންދީ ހަދައެވެ. އިޝާން ނުބުނަނީސް ހުރިހާ ކަމެއްވެސް ކޮށްދީ ހަދަންފެށިއެވެ. އެންމެފަހުން މަންމަމެން އުޅޭ ބަޔަށް ބަދަލުވާންވެސް އެދުނެވެ. ނަމަވެސް ކާފަވެސް ދުނިޔޭގައި ނެތުމާއެކު މުސްކުޅި މާމަ އެކަނިކޮށްފައި ދާކަށް އިޝާން ބޭނުމެއް ނުވިއެވެ. ދުވަސްކޮޅެއް ފަހުން މާލޭގައި ފެތުރުނު ވައިރަލް ފީވާއެއްޖެހި އިޝާން ވަރަށްބޮޑަށް ބަލިވިއެވެ. އެހެންކަމުން މާމަގެވެސް އެދުމާއެކު އިޝާން މަންމަގާތަށް ބަދަލުވިއެވެ. މަންމަގެ ފަރާތުން އިންތިހާއަށް އަޅާލުމާއި ލޯބި ލިބެމުންދިޔައެވެ. ރޭގަނޑުވެސް ހޭލާހުރެ ގަޑިންގަޑިޔަށް ބޭސްދީ ހެދިއެވެ.

އިޝާންގެ ހުންމައިތިރިވިފަހުން އެއްރެއަކު އިޝާންއަށް ހޭލެވުނީ މަންމަ އޭނަގެ މޫނުގައި ފިރުމަނިކޮންނެވެ. އިޝާން ލޯހުޅުވާލިއިރު އޭނާގެ މަގަތުގައި މަންމަ އޮށޯވެލައިގެން އޮތެވެ. އިޝާން މަންމައަށް ބަލާލާފައި ހިނިތުންވެލިއެވެ.

” މަންމާ! މިހާރު އަހަރެން ރަނގަޅޭ……ދެން މަންމަދޭ ނިދާލަން..” މަންމަގެ އަތުގައި ހިފާލަމުން އިޝާން ލޯތްބާއެކު ބުންޏެވެ.

” މަންމަ މިރޭ މިތާ ނިދަންތަ؟” އިޝާންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ލަމުން މަންމަ އަހާލިއެވެ. އިޝާން ހިނިތުންވެލާފައި އާއެކޭބުނީ އޭނަގެ މަންމަ ފަރާތުން އުނިވީ ލޯބިލިބެމުންދާތި އިންތިހާއަށް އުފާވެހުރެއެވެ.

ބައްޕަ ވިޔަފާރި ދަތުރެއްގައި ނިއުޒިލޭންޑަށް ދިޔަފަހުން ކޮންމެ ރެއަކުވެސް އިޝާންއަށް ހޭލެވެނީ މަންމަ އޭނާގެ އެނދުގައި އޮއްވައެވެ. އެއްރޭ އިޝާންއަށް ހޭލެވުނުއިރު މަންމަ އޭނާގެ ގައިގާ ބައްދާލައިގެން އޮތެވެ.. މަންމަ އެހާގައިގޯޅިކޮށް އޮތުމުން އިޝާން ލަދުގަންނަ ގޮތްވިއެވެ. އޭނާ ތެދުވެގެން ގޮސް ސޯފާގައި އޮވެނިދީއެވެ. އެގޮތުގައި ހަފްތާއެއްހައި ދުވަސް ފާއިތުވީފަހުން އެއްރެއަކު އޭނާއަށް ހޭލެވުނީ އޭނާގެ ގައިގާ މީހަކު ބީހޭތީއެވެ. އެމީހަކު އޭނަގެ އެތަންމިތާ ބޮސްދެމުން ދިޔައެވެ. އިޝާންއަށް ލޯހުޅުވާލެވުނުއިރު ނިދާބޮކީގެ އަލިފަޑުކަމުން ތަނެއްވަކިކުރަންވެސް އެނގޭވަރެއް ނޫނެވެ. އިރުކޮޅަކު ބަލަން އޮތުމުން ތަންތަން ފެންނަން ފެށިއެވެ. އިޝާން ރަނގަޅަށް ބަލާލިއިރު އޭނަގެ ގައިގާ ބައްދައިގެން އޮތީ މަންމައެވެ. އެންމެފަހުން އޭނަގެ ހަށިގަނޑުގައި އަތްލާން ނުވާތަނެއްގައި މަންމަ އަތްލުމުން އިޝާންއަށް ފުންމައިގެން ތެދުވެވުނެވެ. މަންމަވެސް ސިހިފައި ތެދުވިއިރު މަންމަގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. މަންމަ ހުރިގޮތްފެނި އިޝާން ގަތްބިރުން މުޅިމީހާ ރޫރޫ އަޅައިގެންފިއެވެ. އަނެއްކާ މަންމަ މޮޔަވީކީ ނޫންބާއޭ އިޝާންގެ ހިތަށްއެރިއެވެ. އިޝާން އަވަސް އަވަހަސް ބިންމައްޗަށް ވެއްޓިފައި އޮތް އޭނާގެ ސޯޓް ލައިގެން ދޮރާދިމާއަށް ދުއްވައިގަތެވެ.

” މަޑުކުރޭ!…މަޑުކުރޭ އިޝާން….” އިޝާންގެ މަންމަވެސް އޭނާއަށް ގޮވަމުން ދުއްވައިގަތެވެ. ގެންފައިހުރިބިރުން އިޝާން ލިފްޓުންވެސް ފައިބަން ނުހަދާ ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. މާމަގެ އެޕާޓްމަންޓް ހުންނަނީ ގުރައުންޑް ފުލޯގައި ކަމުން އެތައް ސިޑިއެއް އޭނާ ގިރާކުރަން ޖެހުނެވެ. ނަމަވެސް ހަލުވިކަމާއެކު ހުރިހާ ސިޑިއެއް ގިރާކޮށް އިސާހިތަކު އޭނާހުރީ މާމަގެ އެޕާޓްމަންޓް ދޮރުމަތީގައެވެ. ދެފައިކޮޅު ތުރުތުރު އަޅާވަރުން އޭނާއަށް ކޮޅަށްވެސް ހުރެވުނީ ކިރިޔަ ކިރިޔާއެވެ. ދެއަތުން ބާރަށް ދޮރުގައި ތަޅައިގަތުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާމަ ދޮރުހުޅުވިއެވެ. ހަމަ ދޮރުހުޅުވުމާއިއެކު ވައިސޫރިއެއްހެން އިޝާން އެދިޔަގޮތަށްގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އެދަންވަރު ކުއްލިއަކަށް އިޝާން އައުމުން މާމަހުރީ ވަރަށް ކަންބޮޑުވެފައެވެ. އިޝާން ދިޔަގޮތަށް ގޮސް ފާޚާނާއަށް ވަދެ ޝަވަރ ދޫކޮށްލިއެވެ. މުޅިމޫނަށާއި ބޮލަށް ހުއްޓުމެއްނެތި ފައިބަމުން ދިޔަ ފެންތިކިތަކުގެ ތެރޭން އޭނަގެ މަންމަ ސިފަވުމާއެކު ހާސްވެގެން އޭނާއަށް ތެޅިގަނެވުނެވެ. ބޮލުގައި ދެއަތް އަޅައިގެން ހުރިދިމާއަށް ތިރިވެ އިޝާން އަޑުން އަޑުނަގާ ރޯންފެށިއެވެ.

ފެންމާގަނޑުދަށުގައި އިނދެގެން އިޝާން ވިސްނަމުންދިޔައެވެ. މިހުރިހާ ދުވަހު އޭނާއަށް ނަފުރަތު ކުރި މަންމަ ކުއްލިއަކަށް އެހާލޯތްބެއްވީ ސަބަބަކީ މިއީ ހެއްޔެވެ؟ ކުޑައިރު މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ހުއްޓާ އޭނާ އެއްލާލާފައި ބޮޑުވެފައި ހުއްޓާ އޭނާ ފެނުމުން މަންމަ ފެންބޮވައިގަތީ އޭނާގެ ހަށިގަނޑަށް ހެއްޔެވެ؟ މިއީ ފެނުނު ބިރުވެރި ހުވަފެނަކަށްވީނަމައޭ އިޝާންގެ ހިތަށް އަރަމުންދިޔައެވެ. އެފަދަ މަންމައެއްގެ ލޯބީ އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގައި މަންމައާއިމެދު އޮތް ލޯތްބާއި ޤަދަރު ވަގުތުން ނެތިގެން ގޮސް އެހިތުގައި ފޫހިކަން އުފެދިއްޖެއެވެ. މަންމަޔަކު ދުވަހަކުވެސް ދަރިއަކަށް ދެރަގޮތެއް ނުހަދާނޭކަމުގައި މީހުން ބުނާތީ އިޝާންވެސް އަހައެވެ. ނަމަވެސް އޭނައަށް މިފެނުނީ އޭގެ އިދިކޮޅެވެ. މަންމަ އެކުރީ ދުވަހަކުވެސް މަޔަކު ދަރިޔަކާމެދު ނުކުރާނޭފަދަ މުޑުދާރު އަމަލެކެވެ.

17

15 Comments

  1. Shine

    October 20, 2016 at 4:52 pm

    mirey vaguthen nuvedhaanethee thankolheh avahah upkohdhinee……

  2. aik

    October 20, 2016 at 4:53 pm

    Reethi..

  3. Shine

    October 20, 2016 at 4:56 pm

    this is my FB page….those like to read my stories can visit here and read more..
    https://web.facebook.com/Shiny-Dhivehi-Stories-473831902729094/

  4. cindrella

    October 20, 2016 at 5:25 pm

    Wow vvvvvv nice waiting for next part plx………avahah up kohdehchey??? shine ur superb

  5. Anonymous

    October 20, 2016 at 5:29 pm

    shine liyuneemehnun kurin LEE MIN HO kiyaa story eh…. eythi alun up kohdhevidhaane tha??? plx plx…. and shelyn kiyaa stiry ves….. i love those two…. plx up kohdheeba

    • Shine

      October 20, 2016 at 5:34 pm

      hurihaa story ehves upkohdheynan insha allah…..adhives shine ge fans ulheythee aslu varah ufaavey….thanks

  6. Aish

    October 20, 2016 at 6:21 pm

    Wow..?

  7. Aish

    October 20, 2016 at 6:22 pm

    Wow…vvv nice..?

  8. Saandy

    October 20, 2016 at 7:44 pm

    ވަރަށް ވަރަށް ރީތި… ހާދަ މުޑުދާރު އަންހެނެކޭ ދޯ… 5ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ

  9. E-naa

    October 20, 2016 at 8:09 pm

    Wow nice part.. keep it up shine

  10. no one care

    October 20, 2016 at 9:15 pm

    v reethi sifa kurun thah… haadha goas meeha gandekey .. cheedi dhn

  11. imagination

    October 20, 2016 at 9:18 pm

    haadha reehcheyyy :))

  12. Aish

    October 20, 2016 at 10:34 pm

    Aslu ei ishaan ge step mom kanneyge. Ishaan ge aslu mom hodhan kanneyge e rashah gosgen eulheny

  13. zoe

    October 22, 2016 at 8:31 pm

    shine where did the lee min ho story go???? i heard from a friend that its awesome.. but i couldn’t find it here

  14. Moonlight

    October 22, 2016 at 9:07 pm

    When are you up loading… I love this story Plz Plz Plz upkohba before 10. Ingey

Comments are closed.