Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 5

Shine
October 22, 2016
12 Mins Read
71 Views
12 Comments

ފެންމާގަނޑުދަށުގައި އިނދެގެން އިޝާން ވިސްނަމުންދިޔައެވެ. މިހުރިހާ ދުވަހު އޭނާއަށް ނަފުރަތު ކުރި މަންމަ ކުއްލިއަކަށް އެހާލޯތްބެއްވީ ސަބަބަކީ މިއީ ހެއްޔެވެ؟ ކުޑައިރު މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ހުއްޓާ އޭނާ އެއްލާލާފައި ބޮޑުވެފައި ހުއްޓާ އޭނާ ފެނުމުން މަންމަ ފެންބޮވައިގަތީ އޭނާގެ ހަށިގަނޑަށް ހެއްޔެވެ؟ މިއީ ފެނުނު ބިރުވެރި ހުވަފެނަކަށްވީނަމައޭ އިޝާންގެ ހިތަށް އަރަމުންދިޔައެވެ. އެފަދަ މަންމައެއްގެ ލޯބީ އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގައި މަންމައާއިމެދު އޮތް ލޯތްބާއި ޤަދަރު ވަގުތުން ނެތިގެން ގޮސް އެހިތުގައި ފޫހިކަން އުފެދިއްޖެއެވެ. މަންމަޔަކު ދުވަހަކުވެސް ދަރިއަކަށް ދެރަގޮތެއް ނުހަދާނޭކަމުގައި މީހުން ބުނާތީ އިޝާންވެސް އަހައެވެ. ނަމަވެސް އޭނައަށް މިފެނުނީ އޭގެ އިދިކޮޅެވެ. މަންމަ އެކުރީ ދުވަހަކުވެސް މަޔަކު ދަރިޔަކާމެދު ނުކުރާނޭފަދަ މުޑުދާރު އަމަލެކެވެ.

” ދަރުފުޅާ އިޝާން…..ދޮރުހުޅުވަބަލަ! ކިހިނެއްތަވީ..” ފާނާތެރޭގައި ހީކަރުވައިގެންފައި އިން އިޝާންއަށް މާމަގެ އަޑު އިވުނީ އެތައްއިރެއް ފަހުންނެވެ. ތުރުތުރު އަޅާހާލު ތެދުވެ ޝަވަރ ބަންދުކުރުމަށްފަހު ތެތް އެއްޗެހި ބަދަލުކޮށްގެން ފާޚާނާއިން ނުކުތެވެ. އޭރުވެސް މާމަ ހުއްޓާނުލާ އިޝާންއަށް ގޮވަމުން ދިޔައެވެ. އިޝާން އަވަސް އަވަހަށް އަލަމާރިން ނެގި ސޯޓެއްލައިގެން ގޮސް ދޮރުހުޅުވިއެވެ.

” ދަރިފުޅާ!….ކިހިނެއްވެފަތަ ތިހުރީ….މުޅިމޫނާއި ދެލޯވެސް ތިހުރީ ދުޅަވެ ރަތްވެފައެއްނު!….ބުނެބަލަ ކިހިނެއްތަވީ؟” އިޝާންގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީއްނަމުން މާމަ ސުވާލުކުރިއެވެ.

” މާމާ ކަމެއްނުވެޔޭ….ބިރުވެރި ހުވަފެނެއް ފެނުނީ..” އިޝާން އިސްޖަހާލަމުން އޮޅުވާލިއެވެ.

” މާމަޔަށް ހާދަހީނުވެޔޭ ތިބުނީ ތެދެއްހެން…..ދަރިފުޅު އަނެއްކާ ހުންވެސް އައިސްފައެއްނު ތިހުރީ….މާމަ އަންނާނަން ބޭސްހިފައިގެން……ބޭސްކައިގެން ނިދާލާ!” މާމަ އިތުރު ސުވާލެއް ނުކޮށް ބޭސްހިފައިގެން އައިސް އިޝާންއަށް ބޭސްދިނެވެ. އިޝާން އޮށޯތުމުން ރަޖާ އަޅައިދީފައި މާމަ ނުކުމެގެން ދިޔައެވެ.

އެރޭ ފަތިސްވާންދެންވެސް އިޝާން އޮތީ ހޭލައެވެ. ފަތިސްވުމުން ތެދުވެ ނަމާދުކޮށްގެން އަނެއްކާވެސް އޭނާ ޖައްސާލީ ބޮލުގައި ރިއްސާވަރުންނެވެ. އެހެން އޮއްވާ ކުއްލިއަކަށް މާބާރަށް މާމަ ވާހަކަ ދައްކާ އަޑުއިވިގެން އިޝާންއަށް ހޭލެވުނެވެ. އިޝާން މަޑުމަޑުން ތެދުވެ ދޮރުހުޅުވާލިއިރު މާމައާއި ބޮޑުދައިތަ އާތިފާ  ރުޅިއައިސްގެން ތިބެގެން މީހަކަށް އެއްޗެހި ކިޔަނީއެވެ.

” އަހަރެން އޭރުވެސް ބުނިން މަންމަ ކައިރީ އިޝާން ނުފޮނުވާށޭ އެއަންހެނާ ގާތަށް…..އެއީ ދުވަހަކުވެސް އިސްލާހުވާނެ އަންހެނެއްނޫން…..އެސޮރު ބަލިވިޔަސް މަރުވިޔަސް އެއަރީޝާއަށް ކީއް….އޭނަގެ ދަރިއެއް ނޫން ވިއްޔަ…އޭނައަށް ރަނގަޅުވާނީވެސް މަރުވިއްޔާއެއްނު..” އާތިފާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އާތިފާގެ ވާހަކަތަކުން އިޝާން ހައިރާންވިއެވެ. އިޝާން އެއީ އޭނާގެ މަންމަގެ ދަރިއެއްނޫނޭ ބޮޑުދައިތަ އެބުނީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ.

” މަންމަޔަށްވެސް ކިހިނެއްތަ އެނގޭނީ….އެފަކީރު އެހާލުގަ އޮއްވާވެސް ގެއިން ބޭރުކޮށްލަފާނެ ކަމެއް…..އިޝާންގާތު އަހާއަހާވެސް ވީގޮތެއް ނުބުނި…..އެއީ ފިސާރި ނުލަފާ އަންހެނެއް….އަހަރެންގެ ދަރިޔާ އިނދެ ބޮޑުގެޔެއްގެ ވެރިކަން ލިބުނީމަވެސް ހިތެއް ނުފުރުނު……މިގެވެސް އޭނާއާ އޭނާގެ ދަރިޔަށް އެކަނިވާގޮތަށް ރެޖިސްޓްރީ ކުރަންވެސް އުޅެފި….މަށަށް އެކަން އެނގިގެން އެކަންނުވީވެސް….އަހަރެން ނުގެނައި ނަމަ އަހަރެންގެ އިޝާންވެސް މިހާރު ދުނިޔޭގަވެސް ނުހުރީސް…..އެކަމަކު ކީއްކުރާނީ އިމާދުއަކަށް އަދިވެސް އެވަރެއް ނެތް….އަހަރެމެންގެ އިމްޝާ ފަކީރަށް އެހާލު ޖައްސާފަ ބަލާލަ އުޅޭލެއް އަރާމުގަ…” މާމަ ލޮލުން ކަރުނަ ފުހެ ފުހެފައި ވާހަކަ ދެއްކިއެވެ.

” އަހަރެންވެސް ހާދަ ދެރަވިޔޭ އިމްޝާއަށް ބޭބެހެދިގޮތުން…..އިޝާން ހަމަ އޭނާގެ މަންމަޔާ ދުރުކުރުވީ ހަމަބޭބެ….އޭގެފަހުން އަހަރެން މިގެޔަށް ނާންނަން ފެށީވެސް….މަންމަޔަށް އެނގޭތަ އިމްޝާގެ ހާލަކީ ކޮބައިކަން….” އާތިފާ އޭނާގެ މަންމައާ ސުވާލުކޮށްލިއެވެ.

” އާނ! އަދިވެސް ހަމަ އެކަހަލަ ގޮތެއް…..އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ…..މިހާރު ކުރިޔަށްވުރެވެސް ކަންކަން ހަނދާން ނުހުންނަ ކަމަށްވަނީ…..އަހަރެން އިމްޝާމެން ރަށު އަލިބެ ހޮސްޕިޓަލުން ފެނިގެން އަހާލީމަ ބުނީ އެހެން…..އެމީހުންވެސް އިމާދު ދެކެ ވަރަށް ރުޅިއައިސް ތިބެނީ….އެހެންނެއްނު ވާނީ….އެހާ ރަނގަޅު ކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލީމަ…” މާމަމެން ދެއްކި ވާހަކަތައް އަޑުއަހަން ހުރިއިރު އިޝާންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. އެމީހުން އެދައްކަނީ ކޮން އިމްޝާއެއްގެ ވާހަކަ ހެއްޔެވެ؟ މިގޭގައި މިއުޅެނީ އަހަރެންގެ އަސްލު މަންމަ އެއް ނޫން ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އަހަރެންގެ އަސްލު މަންމަ ކޮބާ ހެއްޔެވެ؟

އިޝާން ވިސްނަމުން ދިޔަވަރަކަށް އޭނާގެ ސިކުނޑިއަށް ބާރުބޮޑުވެ ބޮލުން އެނބުރުން އެރިއެވެ. ކުއްލިއަކަށް އަޑުފަށް ގަނޑަކާއެކު އިޝާން ތަށިމުށިތަކު މައްޗައް ވެއްޓިއްޖެއެވެ.

އިޝާން ލޯހުޅުވާލާފައި ވަށައިގެން ހޯދާލިއިރު އޭނާ އޮތީ އޭ.ޑީ.ކޭ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައެވެ. އޭނާގެ ގާތުގައި މާމައާއި ބޮޑުދައިތަވެސް ދެރަވެފައި ތިއްބެވެ.

” ދަރިފުޅާ! މިހާރު ކިހިނެއްތަ؟…..އަދިވެސް ބޮލަށް އެނބުރުން އަރާތަ؟” އިޝާންގެ ބޮލުގައި ފިރުމާލާފައި ރޮވިފައިވާ އަޑަކުން މާމަ ވާހަކަ ދެއްކިއެވެ. އިޝާން މާމަގެ އަތުގައި ފިރުމާލާފައި ހިނިތުން ވެލިއެވެ.

ދެދުވަސް ވާންދެން އިޝާން އެނދުމަތިކޮށްފައި އޮތުމަށްފަހު ތިންވަނަ ދުވަހު އޭނާ ދޫކޮށްލިއެވެ. އިޝާން އޭނާގެ ބައެއް ސާމާނުތައް ބަލައި ބައްޕަމެންގެ ބަޔަށް ދިޔައިރު އަރީޝާ އިނީ ޓީވީ ބަލާށެވެ. އިޝާން ޖެހިލުންވީ ނަމަވެސް އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ ދަބަހަށް އޭނާގެ އެއްޗެހި އަޅަންފެށިއެވެ. އިޝާން ދަބަސް ހިފައިގެން ހިނގައިގެން ވަގުތު ކުރިމަތީހުރި އަރީޝާ ފެނިފައި ހުއްޓެވުނެވެ.

” އިޝާން….ޕްލީޒް މަޑުކޮށްބަލަ! އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ!.” އިޝާން އާދިމާއަށް އަންނަމުން އަރީޝާ ދެރަވެލާފައި ވާހަކަ ދެއްކިއެވެ.

” ދުރަށްދޭ!….އަހަރެންދާން ވެއްޖެ….މަންމަ އަހަރެންނާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް އޮންނާނެހެއް ހިޔެއްނުވޭ” އިޝާން އަރީޝާ ދުރަށްޖެހިލަމުން ނުރުހުމާއެކު ބުންޏެވެ.

” އިޝާން….އަހަރެން އިޝާންދެކެ ވަރަށްލޯބިވޭ…..އިޝާން ގަބޫލުކުރޭ!…އެރޭ އެގޮތަށް ކަންތައްވީ އިޚުތިޔާރުންބޭރުގަ….ގަސްތުގައެއްނޫން……އިޝާން ފެނުނީމަ ނޭގެވީގޮތެއް…..އަހަރެން އިޝާން ބޭނުން……އިޝާންވެސް ބޭނުންވެޔެއްނު އަހަރެންގެ ލޯބި…..އަހަރެން ބުނާ ގޮތަށް ހަދާ! އޭރުން އަހަރެން އަބަދުވެސް އިޝާންއަށް ލޯބިދޭނަން…..ކުޑައިރު

ކަންތައްކުރެވުނު ގޮތް ހަނދާން ނެތޭ ވަރަށް ލޯބިދޭނަށް…” އަރީޝާ ކުރިޔަށް ވުރެވެސް ބޮޑަށް އިޝާންގެ ގާތަށް ޖެހިލުމަށްފަހު އިޝާންގެ ގައިގާ އަތްލުމަށް މަސައްކަތްކުރިއެވެ.

” އަހަރެންގެ ގައިގާ އަތްނުލާތި! މުޑުދާރު އަންހެނާ!…..އަހަރެން ހިޔެއްނުކުރަން މަންމައެއްގެ މަޤާމުގަ ހުރެ ތިފަދަ މުޑުދާރު އަމަލެއް ކުރަން ކެރޭނެ ކަމަކަށްވެސް……އަހަރެން މިހުރިހާ ދުވަހު މަންމައެއްގެ ލޯތްބަށްއެދި ސަލާންޖެހިއިރު އެލޯބިނުދީފަ މިހާރު އަހަރެންގެ ފަރާތުން ކޯއްޗެއް ބޭނުންވެގެން ތިއުޅެނީ……މީހުންބުނަނީ ހަމަ ތެދެއް….ދޮން މަންމަވާނީ ހަމަ ދޮންމަންމަޔަށް…..ދުވަހަކުވެސް އެހަޤީގަތް ބަދަލެއް ނުވާނެ….” އިޝާންގެ ވާހަކަ އަޑުއަހާފައި އަރީޝާ ހައިރާންވިއެވެ. އިޝާންއަށް މިހާރު އެއީ އޭނާގެ މަންމަ ނޫންކަން އެނގިއްޖެކަން އަރީޝާއަށް އެނގުމުން އޭނާ އުފާވެސްވިއެވެ.

” އާނ! ތިބުނީ ރަނގަޅަށް…..އަހަރެންމީ އިޝާންގެ މަންމައެއްނޫން…..އަދި އަހަރެން އިޝާންގެ މަންމަޔަށް ވާކަށް މަސައްކަތެއްވެސް ނުކުރަން…..އިޝާންތީ އަހަރެންގެ ދަރިއެއްގެ ގޮތުގަ ދުވަހަކުވެސް އަހަރެންނަކަށް ނުދެކެވޭ…..އަދި އަމުދުން މިހާރު އަހަރެން އެގޮތަށް ދެކޭކަށް ބޭނުމެއްވެސްނޫން……އަހަރެންގެ އުމުރުން އެންމެ ސޯޅަ އަހަރުގަ އަހަރެން އިޝާންގެ ބައްޕަޔާއިނީ…..މިހާރު އެހުރީ އިޝާންގެ ބައްޕަ މުސްކުޅިވެފަ….އަހަރެން އަދިވެސް މިހުރީ ޒުވާންކޮށް….އަހަރެންނަށް ކިހިނެއް އެމުސްކުޅިމީހާއެކީ މިގޮތަށް އުމުރު ދުވަހު އުޅެވޭނީ……އެކަމަކު އިޝާންގެ ބައްޕައަށް އަހަރެންނާ ނުލާ ނޫޅެވޭނެކަން ޔަގީން…..އެހެންވީމަ އެންމެ ރަނގަޅުގޮތަކަށްވާނީ އިޝާން އަހަރެން ބުނާގޮތެއް ހަދައިގެން އުޅުން…..އަހަރެމެން ދެމީހުން ކޮންމެ ގޮތަކަށް އުޅުނަސް އިޝާންގެ ބައްޕައަކަށް ނޭނގޭނެ……އަހަރެން ބުނާގޮތްހެދީމަ ބައްޕަގާތު އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން…….އެހެންނޫނީ އެނގެޔެއްނު ވާނެގޮތް…..ކުޑައިރުވެސް އެކަން ފެނިފައެއްނު އޮތީ…” އަރީޝާ އެއްވެސް ޖެހިލުމެއްނެތި އޭނަގެ އެދުމަށް އިޖާބަ ދިނުމަށް އިޝާންއަށް އެންގީ އިންޒާރާއެކުގައެވެ.

” ޗީޑި!…..ހުރި ގޮތްކުޑަކަން…..އިންސާނުން ގޮތްކުޑަވިޔަސް ތިވަރުވެދާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން…..އަހަރެން ލަދުގަނޭ ތީ އަހަރެންގެ މަންމަކަމަށް ހީކުރެވުނީތީވެސް……ތިރީތިކަމާ ޒުވާންކަމަށް ބައްޕަ ހެއްލުނަކަސް އަހަރެން ނުހެއްލޭނަން……އަހަރެންނަށް ވެގެން ވިއްޔާ ދުވަހަކުވެސް ތިމުޑުދާރު އަންހެނާގެ ސިފަވެސް ނުދެކޭނަން…” ކުރިމަތީގައިހުރި

އަރީޝާ އެއްފަރާތަކަށް ކޮއްޕާލުމަށްފަހު އިޝާން ބާރުބާރަށް ކޮޓަރިން ނުކުތެވެ. މީހަކުދެކެ ދުވަހަކުވެސް ރުޅިނާންނަވަރަށް އިޝާންހުރީ އަރީޝާދެކެ ރުޅިއައިސްފައެވެ.

” ހަނދާންކުރާތި އިޝާން……އަހަރެން ތިކަމުގެ ބަދަލު ހިފާނަން……ކަލޭގެ މަންމަހެން އުމުރަށް ހިތާމަކުރަން ކަލެއަށްވެސް ޖެހޭވަރުކުރާނަން..” އަރީޝާގެ ހުށަހެޅުން އިޝާން ގަބޫލު ނުކުރުމުން އޭނާހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އަރީޝާ ދަތްކުނޑިވިކާލިލެއް ބާރުކަމުން އޭނާގެ އަނގައިގާ ލޭރަހަލިއެވެ. މިވީހާތަނަށް އޭނާބޭނުންވި ކޮންމެ އެއްޗެއް އޭނާވަނީ ހާސިލްކޮށްފައެވެ. ހަމައެންމެ ފަހަރަކު ނަމަވެސް އިޝާންގެ ޒުވާންކަމުން އުފާހާސިލްކުރަން އޭނާބޭނުންވިއެވެ. އިމާދު އޭނަގެ މަޅީގައި ޖެހުނުހައި ފަސޭހައިން އިޝާންވެސް އެމަޅީގައި ޖެހޭނެކަމުގައި އޭނާ ހީކުރިއެވެ. ނަމަވެސް އިޝާންވީ އޭނާ ހީކުރިވަރަށްވުރެ ހުޝިޔާރު ކުއްޖަކަށެވެ. އިޝާންގެ ކިބައިން ކަމެއްހާސިލްކުރުން އެއީ ފަސޭހަކަމަށް ނުވާނެކަންކަންވެސް އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. ނަމަވެސް އަދިވެސް އޭނާ ގޮތެއް ދުލެއް ނުކުރާނެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އިޝާން ހާސިލްކުރަން އޭނާ މަސައްކަތްކުރާނެއެވެ.

އިޝާން އޭނާގެ މާމަގެ ބަޔަށް ބަދަލުވުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުހޯދަން އޭނާ ބޭނުމެވެ.

” މާމާ އަހަރެން ސުވާލެއް ކޮށްލިއްޔާ މާމަ ތެދުތެދަށް ޖަވާބުދޭނަންތަ؟” ސިޓިންރޫމުގައި ޓީވީބަލަން އިން މާމަގާތުގައި އިށީއްނަމަނުން އިޝާން އަހާލިއެވެ. މާމަ ހައިރާންވެފައި އިޝާންގެ މޫނަށް ބަލާލީ އިޝާން ކުރަންއުޅޭ ސުވާލު އެނގިގެންހެން ހީވެއެވެ.

” އާނ! ކޮށްބަލަ! މާމަޔަށް އެނގޭ އެއްޗެއް ބުނެދޭނަން…” މާމަ ޖެހިލުންވެ އިނދެ ބުންޏެވެ.

” މާމާ އަހަރެންގެ އަސްލު މަންމަ ކޮބާތަ؟” އިޝާން ސާދާކަމާއެކީ އަހާލި ސުވާލުން މާމަގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. މާމަ އިސްޖަހާލައިގެން ހިމޭންކަމާއެކީ އިނީ އެސުވާލަށް ޖަވާބުދޭނެ ގޮތަކާމެދު ވިސްނާށެވެ. އިޝާންއަށްވެސް ހަޤީޤަތް އެނގުމުން އިތުރަށް ސިއްރުކުރާކަށް މާމަބޭނުމެއް ނުވިއެވެ. ނަމަވެސް އެވާހަކަ ފަށާނެގޮތެއް ނޭނގިފައި މާމައިނެވެ.

” މާމާ ބުނެދީބަލަ! އަހަރެންނަށް އެނގޭ މިގޭގަ އެއުޅެނީ އަހަރެންގެ މަންމައެއް ނޫންކަން…..އަހަރެންނަށް މާމަމެން ކުރިންދުވަހު ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނު……އަހަރެންނަށް އެނގޭ އަހަރެންގެ އަސްލު މަންމަ ދުނިޔޭގަ އެބަހުރިކަންވެސް……ދެންއިތުރަށް ސިއްރުކުރުމުގެ ބޭނުމެއް ނެތެއްނު!….ޕްލީޒް މާމަ….އަހަރެން އާދޭސްކޮށްފަ މިބުނީ….އަހަރެންނަށް ބުނެދީ އަހަރެންގެ މަންމައަކީ ކާކުކަން…” އިޝާން ކަކޫމައްޗަށް ތިރިވެ މާމަގެ ކަކުލުގައި ދެއަތްބާއްވާލަމުން އާދޭހާއެކު ބުންޏެވެ. އެވަގުތު މާމަގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައި ގަތެވެ.

” ދަރިފުޅަށް ހަގީގަތް ކިޔާނުދީ މިހުރިހާ ދުވަހު ހުރެވުނީތީވެސް މާމަދެރަވޭ……އެކަމަކު ކީއްކުރާނީ…..ދަރިފުޅުގެ ބައްޕަ މާމަލައްވާ ވައުދުކުރުވީ ބައްޕަ ބޭނުންވެގެން ނުބުނަނީސް ދަރިފުޅަށް ހަގީގަތް ކިޔާ ނުދިނުމަށް…..ދެން އިއްތިފާގުން ދަރިފުޅަށް އަޑުއިވުން އެއީ ވައުދާ ޚިލާފުވުން ކަމަކަށް މާމަ ނުދެކެން…..އެހެންނޫނަސް މާމަގާތު ބައްޕަވެސް ވައުދެއްވި….ދުވަހަކުވެސް ދަރިފުޅަށް ދެރަގޮތެއް ނުހަދަން ކަމަށް…..އެކަމަކު އޭގެ އިދިކޮޅެއްނު މިފެންނަނީ….” މާމަ ކަރުނަ ފުލާފައި އިޝާން އަށް ބަލާލިއެވެ.

” ދަރިފުޅުގެ މަންމައަކީ…ކާފަގެ ވަރަށްގާތް ރައްޓެއްސެއްގެ ދަރިއެއް….ހ.ދ ނޮޅިވަރަންފަރު މޫސުންބަހާރު ގޭ އާދަނާއި ހައްވަގެ ހުރި ހަމައެކަނިދަރި…..ނަމަކީ އިމްޝާ…..އެމީހުން އެމަންޖެ މާލެފޮނުވީ ކާފަގެ އެދުމުގެމަތިން މިގޭގަ ބަހައްޓާގެން ކިޔަވާދޭންވެގެން……އެއީ ބަސްމަދު އަޚުލާޤު ރަނގަޅު އެހާމެ ހީވާގިކުއްޖެއް…..ދަރިއެއްފަދައިން އަހަރެމެން އެކުއްޖާދެކެ ލޯބިވީން….އިމާދު ރާއްޖޭން ބޭރުން ކިޔަވައިގެން އައިސް އެމަންޖެ ފެނިގެން ރައްޓެހިވީ…..އޭރުއަދި އެމަންޖެ ކިޔަވާވެސް ނުނިމޭ…..އޭރު އިމާދުއަކީ ފުރާފުރިހަމަވެފައިހުރި ފަންސަވީސް އަހަރުގެ ޒުވާނެއް….އިމްޝާ ކިޔަވާނިމުމުން އަހަރެމެން އެދެކުދިންގެ ކައިވެނިކޮށްދިނީ ދެއާއިލާގެވެސް ރުހުމާއެކު…..ދިހަ އަހަރުގެ ތަފާތުހުރި ނަމަވެސް ދެކުދިންވެސް އުޅުނީ ނުލާހިކު ލޯބިން….ފަސްއަހަރުވާންދެން އެގޮތުގާ ދެކުދިން އުޅުނުފަހުން އެއަރީޝާގެ ކަޅުހިޔަނި އެކުދިންގެ ހަޔާތަށް އެޅުނީ….އަރީޝާ އިމާދުގެ ޕާރސަނަލް ސެކެރެޓްރީއަކަށް ހަމަޖެހިގެން ދިއުންވީ އެއުފާވެރިހަޔާތުގެ ނިމުންކަމުގަ…..އޭރު އެއަރީޝާއަށް އެންމެ ފަނަރަ އަހަރު….ގުރޭޑް 9 ނިންމިގޮތަށް އޯލެވެލްވެސް ނުހަދާ ހުއްޓާ އިމާދު އޭނާއަށް ވަޒީފާދިނީ….މާމަޔަކަށް ނޭނގެ ދަރިފުޅުގެ ބައްޕަޔަށް އެއަންހެނާ ހެދި ޖާދުލެއްވެސް….ދަރިފުޅުގެ މަންމަ ދަރިފުޅަށް ބަލިވެއިންދާ އެއަންހެނާއާ ކައިވެނިކުރީ ކާފަޔާ މާމަގެވެސް ނުގަބޫލުގަ….ދަރިފުޅުގެ ބައްޕަހީވީ މޮޔަވެފަހުރިހެން….އެއަރީޝާ މިގެޔަށް ނުވަންދާނަމޭ ކާފަބުނެގެން ބައްޕަވެސް އޭނާއާއެކީ ގެއިން ނުކުމެގެން ދިޔައީ….އެންމެފަހުން މަންމަ ކާފަގާތު އާދޭސްކޮށްގެން އެދެމީހުން މިގެޔަށްގެނައީ…..އޭގެފަހުން ދަރިފުޅުގެ މަންމަގެ ދިރިއުޅުން ބަރުބާދުވީ…..ބައްޕަގެ އަޅާލުމެއް ލޯތްބެއް ނުލިބޭތާނގަ އެވަރަށް އަނިޔާވެސް ކުރޭ….ދަރިފުޅުވިހަންވެފަ އިންދާވެސް އެދެމީހުން ރާއްޖޭއް ބޭރަށް ހަނީމޫނަށް ދިޔައީ…..އެދިޔަތާކު އެހުރިހާ ދުވަހު އުޅެފަ އައިސް އެއަރީޝާގެ ކަންތައް އިންތިހާޔަށްދިޔަ….އެކިކަހަލަ ޖެއްސުއްކޮށް ގޯނާކޮށް ދަރިފުޅުގެ މަންމަ އަބަދުވެސް ހުންނަނީ ރޮއެ ރޮއެ….ބައްޕަގާތުވެސް ދޮގުވާހަކަތައް ދައްކައިގެން ބައްޕަލައްވާވެސް އަނިޔާކުރުވާ ހަދާ…..އެކަމަކު އޭގެކުރިން ބައްޕައަކީ ދުވަހަކުވެސް މީހަކާ އަނިޔާކުރިމީހެއްނޫން….އެއަރީޝާ ގެޔަށްއައިފަހުން ދަރިފުޅުގެ މަންމަ އިރުއިރުކޮޅާ ހޭނެތިގެން ވެއްޓޭ….އެއްރެއަކު ދަރިފުޅުގެ މަންމަ ހޭނެތިގެން ބެލްކަނިން ވެއްޓުނީ….އެރޭ ބިރުންގޮސް މާމަގެ ހިތްނުހުއްޓުނީ ކިރިޔާ….އިމާރާތުގެ ދެވަނަ ފަންގިފިލާއިން ވެއްޓުނީމަވެސް ނަސީބަކުން މަރުނުވެ ސަލާމަތްވި…..އެކަމަކު އެފަކީރުގެ ބޮލަށް ލިބުނު ގެއްލުމުމެއްގެ ސަބަބުން ހަނދާންކުރުމުގެ ބާރުދަށްވި…..އެހާދިސާއަށްފަހު ދަރިފުޅުގެ މަންމަ މުޅިން ހިމޭންވި…..އެއްވެސްމީހަކާ އެއްވެސް ވާހަކައެއް ނުދައްކާ……އެއްވެސްކަމެއް ރަނގަޅަކަށް ކުރާކަށްވެސް ނޭނގޭ….ކައްކާއެއްޗެއް ކާންވެސް ނުކެރޭ….އިސްކޫރެއް ދޫކޮށްފިއްޔާ ބާރުކުރާކަށް ހަނދާނެއް ނުހުރޭ…..އުނދުން ރޯކޮށްފިއްޔާ ނިވާލާކަށް ހަނދާނެއް ނުހުރޭ…..އެކަމާހުރެ ކިތަންމެ ތެއްޔެއް ހަލާވުވި……ކިތަންމެ އަންނައުނެއް ހަލާކުވި….އެހެންއުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއްވެސްވި……ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއްނުވޭ…..ދަރިފުޅުގެ ކަންތައްތައްވެސް ގިނަފަހަރަށް ކޮށްދެނީ މާމަ…މިކަންކަމާ ދަރިފުޅުގެ ބައްޕަގާތަށް އިންތިހާއަށް ރުޅިއާދޭ…..ޖެއްސުންކުރަނިއްޔޭ ބުނެ ވަރަށް އެއްޗެހިވެސް ކިޔާ…….ދަރިފުޅަށް އަހަރުވީފަހުން އެއްދުވަހަކު ދަރިފުޅު ގޮވައިގެން ކުޑަކުދިންގެ ޕާކަށްގޮސް ހަނދާންނެތިގެން ދަރިފުޅު ބަހައްޓާފަ އައީ…..އެދުވަހު ބައްޕަގާތަށް ރުޅިއައިސްގެން މަންމަވަރިކުރީ……ޕޮލިހުންނަށް އަންގައިގެން ދަރިފުޅުހޯދީވެސް……އެއީ މަންމަޔާމެދު ކަންތައްވީގޮތް……އެއީ އެނުލަފާ އަރީޝާގެ ކަންތައް….އެއީ ނުބައި ސިހުރުވެރިއެއް….ދަރިފުޅުގެ މަންމައަށް އެހާލުޖެހުނުކަން އެނގުމުން މަންމަގެ މައިންބަފައިން އައިސް މަންމަ އެމީހުނާއެކު ރަށަށް ގެންދިޔައީ…….އޭގެފަހުން ދެކާފައިންގެ ރަހުމަތްތެރިކަންވެސް ކެނޑުނީ…..އެމީހުންބޭނުންވީ ދަރިފުޅުވެސް ގޮވައިގެންދާން….އެކަމަކު ބައްޕަގެ ނުފޫޒުން ގެންދިޔަނުދިނީ……ކޯޓަށް މައްސަލަ ހުށަހެޅުމުންވެސް މަންމަޔަކީ މޮޔައެއްކަމަށް ނިންމާ ދަރިފުޅު ލިބުނީ ބައްޕަޔަށް….” މާމަގެ ވާހަކަ ނިންމާލިއިރު އިޝާންއަށް އިނީ ރަނގަޅަށްވެސް ރޮވިފައެވެ. އޭނާގެ މަންމަ އުޅުނު ނިކަމެތިހާލު ހިތަށްއެރުމުން ވަރަށްބޮޑަށް ހިތުގައި ޖެހުނެވެ. އަދި ބައްޕަ މަންމައާމެދު ކަންތައްކުރި އިހާނެތިގޮތުން ބައްޕަދެކެ އިންތިހާއަށް ރުޅިވެސް އައެވެ.

” މާމާ…އަހަރެން ބޭނުން މަންމަގާތަށްދާން….އަހަރެންގެ މަންމަޔަށް އިންސާފު ހޯދަދޭން އަހަރެންބޭނުން….” އިޝާން ލޮލުން ކަރުނަ ފުހެލަމުން ކޮޅަށް ތެދުވިއެވެ. އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.

” ދަރިފުޅާ! ދަރިފުޅުގެ ބައްޕަ ގަބޫލެއްނުވާނެ ދަރިފުޅު އެރަށަށްދާކަށް……އެއަރީޝާއަށް އެނގިއްޖެއްޔާ އަމުދުންވެސް ދިޔަކަ ނުދޭނެ…” މާމަ ކަންބޮޑުވެފައި ކަންތައް އޮތްގޮތް އޮޅުންފިލުވައިދިނެވެ.

” މާމާ….ބައްޕަވެސް މިހުރިހާ ދުވަހު އަހަރެންނަށް ހަގީގަތް އޮޅުވާލީ……މިފަހަރު އަހަރެންވެސް ބައްޕަޔަށް އޮޅުވާލާނީ…..އަހަރެން ދާނީ ބައްޕަޔަށް ނޭނގި……ބައްޕަ އައިސް ސުވާލުކޮށްފިއްޔާ މާމަވެސް ބުނޭ ނޭނގެޔޭ ދިޔަތަނެއް……ރުޅިއައިސްގެން ގޭން ނުކުމެގެން ދިޔައިއްޔޭ ބުނޭ…” ފަހުން ކަންތައް ވެދާނެގޮތަކާމެދު ވިސްނާލުމެއްވެސް ނެތި އިޝާން ގޮތެއް ނިންމިއެވެ. އަދި އޭނާގެ އެންމެގާތް ރައްޓެހިން ގާތުބުނީ ދުވަސްކޮޅަކު ރާއްޖެތެރޭގެ ދިރިއުޅުން އުޅެލަން އޭނާ ބޭނުންވަނީ ކަމުގައެވެ. އޭނަގެ ރަހުމަތްތެރިންނަކީ ބައްޕަ ދަންނަ ބައެއް ނޫނެވެ. އެހެންކަމުން އެމީހުންގެ ފަރާތުން އޭނާވީތަނެއް އެނގުމުގެ ބިރެއްވެސް ނެތެވެ.

އިޝާން މިރަށަށް އައިތާ ތިންމަސް ވާންއުޅެނީއެވެ. އަދިވެސް އޭނާގެ މަންމަގެ ޚަބަރެއް ނުވެއެވެ. މަންމަގެ އެޑުރެސްކަމަށް މާމަބުނި ގެޔަހުރީ ފަޅަށެވެ. އެގޭގައި އުޅުނުމީހުން ކޮބައިކަމެއް އިޝާންއަކަށް ނޭނގެއެވެ. ދެންއޭނާ މަންމަ ހޯދަން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކުގާތު އަހާއޮޅުން ފިލުވާކަށް އޭނާ ބޭނުމެއް ނޫނެއެވެ. އޭނަގެ ހަގީގަތް އެހެންމީހަކަށް އެނގެން ބޭނުންނުވަނީއެވެ.

ސިހިފައި އިޝާންއަށް ލޯހުޅުވާލެވުނީ އަސުރު ނަމާދުގެ ބަންގީގެ އަޑަށެވެ. މެންދުރު ނަމާދުވެސް ނުކޮށް އޮއްވައި އަސުރު ނަމާދު ވަގުތުވުމުން އިޝާން ވަރަށް ދެރަވިއެވެ. އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ފެންވަރާލައިގެން މިސްކިތަށް ދިޔައެވެ. މިސްކިތުން ފައިބައިގެން ތަންކޮޅަކަށް ދިޔަތަނާ މަގުގެ އެއްކައިރިން އިސްޖަހާލައިގެން ހިނގާފައި ދިޔައަރޫނާ އިޝާންއަށް ފެނުނެއެވެ. މިއަދު ސުކޫލުން އަރޫނާ ނުފެންނަކަން އޭނައަށް ހަނދާންވީވެސް ދެނެވެ. ޒިޔާންވެސް މިއަދު ސުކޫލަކަށް ނުދެއެވެ. އަނެއްކާ ޒިޔާންކަމެއް ހިންގާލީބާއޭ އިޝާންގެ ހިތަށް އަރިއެވެ.

” ހައި….ހާދައެކަނިން…” އިސްޖަހައިގެން ހުރި އަރޫނާ ސިހުނީ އިޝާންގެ އަޑުންނެވެ. އަރޫނާ އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ.

” ކިހިނެއްވީ؟…ހާދަ ހާސްވީ….ޒިޔާން އިންޒާރެއް ދިނީތަ އަނެއްކާވެސް؟…” ކުޑަކޮށްހީލަމުން ސަމާސާ ރާގަކަށް އިޝާން އަހާލިއެވެ. އަރޫނާ ކުއްލިއަކަށް އިޝާންގެ އަތުގައި ހިފައިގެން ކައިރީގައި އޮތް ހަނިގޯޅިއެއްގެ ތެރެއަށް ވަނެވެ. އިޝާން ހައިރާންވެފައި އަރޫނާއަށް ބަލާލިއެވެ.

” އިޝާން…..އަހަރެން ވަރަށް ބިރުގަނޭ…..އެދަތުރުގެ ފަހުން އެޒިޔާން ހީވަނީ މޮޔަވެފަހުރިހެން….އަހަރެން އެކަނިވާނެ ވަގުތަކަށް ބަލަބަލާ ހުންނަނީ…..ތަނަކަށް ދިޔަޔަސް ފަހަތުން ފާރަލަމުން އަންނަނީ…..އެންމެފަހުން ރޭގަ އަހަރެންގެ ކޮޓަރިއަށްވެސް ވަދެއްޖެ…..އަހަރެން ނިދަން ވަނުމުގެކުރިން އޭނަހުރީ ކޮޓަރިޔަށްވަދެ ފިލާ….އަހަރެންނަކަށް އެކަމެއް ނޭނގޭ…ނިދެމުން ނިދެމުންދަނިކޮށް މީހަކު އަތްލިހެން ހީވެގެން ބަލާލިއިރު އެނުލަފާމީހާގަނޑު އޮތީ އެނދުގަ……އޭނަބޭނުން ހުރިހާ ކަމެއް ނުކުރެވުނަސް އަހަރެންގެ ރޮއެ ރޮއެ އޮއްވާ އޭނަ ކިތަންމެ ކަމެއްކުރި….އަހަރެން ތެޅިތެޅި ވަރުބަލިވީފަހުން މޭޒުމަތީގަ އޮތްބަރެއްގަ އަތުޖެހުނީ…އެއިން ބޮލިގަ ބޮނޑިއެއް އެޅީމަ އޭނަ މައިތިރިވި….ބޯފަޅައިގެން ގޮސް ލޭތައް އަންނަން ފެށީމަ ގަތްބިރުން އަހަރެން ކުޑަދޮރުން ފުންމާލައިގެން ގެއިން ނުކުތީ…..ރޭހަތަރުދަމު އަހަރެން އިނީ ފަޅު ގެޔެއްގެ ތެރޭގަ…..މިއަދު ހެނދުނު ވަރަށް ބިރުންހުރެ ގެޔަށްދިޔައީމަ އެނގުނީ އެކަލޭގެ ވީ ކުޅުދުއްފުއްޓަށް ގޮއްސަކަން….އެމީހުންގާތު ބުނީ ފާޚާނަ ތެރެއަށް ވެއްޓިފަ ބޯފަޅައިގެން ދިޔައިއްޔޭ…..މަންމަމެނަށް ނޭނގޭ އަހަރެން ގޭގަނެތްކަންވެސް….އަހަރެންނަކަށް ނޭނގެ ދެން އޭނަ ކަންތައްކުރާނީ ކިހިނެއްކަމެއްވެސް…” ބިރާއި ހިތާމައިންގޮސް އަރޫނާގެ އަޑު ތުރުތުރު އަޅަމުން ދެއެވެ.

” ރިލެކްސް….ހަމަޖެހޭ!…..މާދަމާ އޭނަ ސުކޫލަށް ނުކުމެއްޖެނަމަ، އޭނަގެ ކަންތައް ނިންމާލާނަން….އަރޫ މާދަމާ ސުކޫލަށް ގޮސް މަބުނާގޮތަށް ކަންތައްކުރޭ!….ދެން މިރޭ އަރޫ ކޮންމެވެސް ގޮތަކުން އޭނަގެ ކިބައިން ސަލާމަތްވެގެން ހުންނާތި!….މާދަމާމީ އެންމެ ފަހުދުވަސް…” އިޝާން އަރޫނާއަށް ޔަގީންކަން ދިނެވެ. އަދި މާދަމާ ކަންތައް ކުރަންވީގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަރޫނާ ކޮނޑުގައި ހިފާލަމުން އިޝާން އަރޫނާއަށް ހިތްވަރުދިނެވެ.

ނީލާ ފިހާރައަކަށް ދަމުން މަގުކުރުކޮށްލުމަށްޓަކައި ގޯޅިއަޅާލިވަގުތު ފެނުނު މަންޒަރުން ބޭއިޚްތިޔާރުގައި ހުއްޓެވުނެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އިޝާންއާ އަރޫނާ އެހާގާތުގައި ތިއްބާ ފެނުމުން އިސާހިތަކު އެރީތި ދެލޮލުން ކަރުނަހިލިއްޖެއެވެ. އައިކޮޅަށް އަނބުރާލާފައި ބާރުފިޅަވަޅުތަކެއްގައި އޭނާ ހިނގައިގަތީ ރުޅިއައިސްގެންނެވެ.

” ދަރިފުޅާ! އަދި ފިހާރަ ނުހުޅުވަނީތަ؟…..މަންމަ އޭރުވެސް ބުނީމޭ އަދި ނުހުޅުވާނޭ..” ހުސްއަތާ ގޭތެރެއަށް ވަދެގެންއައި ނީލާ ފެނިފައި އޭނާގެ މަންމަ އަހާލިއެވެ. ނީލާ އަގައިންވެސް ނުބުނެ އެދިޔަގޮތަށް އޭނާގެ ކޮޓަރިއަށް ވަނެވެ.

” އިޝާން މީހަކާ ވާހަކަ ދެއްކިއްޔާ އަހަރެންނަށް ކޮންކަމެއްތަ؟ ކީއްވެތަ އަހަރެން ރުޅިއަންނަންވީ؟…..އެހެންމީހަކާއެކު އިޝާން ފެނުނީމަ ކީއްވެތަ އަހަރެންގެ އެތެރެހަށީގަ ހުޅުރޯވަނީ؟….ކީއްވެތަ ކެތްކުރަން އުނދަގޫވަނީ؟…” ނީލާ އޭނާގެ އަމިއްލަ ނަފްސާ ޝަކުވާކުރިއެވެ. ދުވަހެއް ދުވަހަކަށް އިޝާންގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަމުން ދަނީއެވެ. ހަނދާން ނައްތާލަން ކުރާ ހުރިހާ މަސައްކަތެއްވަނީ ބޭކާރެވެ.

ރެސްޓޯރަންޓް ކައިގެން އިޝާން ގެޔަށްދިޔައިރު ނުވައެއްވެސް ޖަހައިފިއެވެ. ކުއްލިއަކަށް ނައީޝް ދިއުމުން ގޭތެރެއަށްވަނީ އާދަޔާ ޚިލާފު ފަޅުކަމެއް ވެރިވެފައެވެ. އަވަށާއި ދުރުގައިހުރި ގެއެއްގައި މިގޮތަށް އެކަނިއޮންނަން ޖެހުމުން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. ނަމަވެސް ބޭކާރު ޚިޔާލުތަކުން ދުރުވެ ހެޔޮ އެއްޗެހި ކިޔައިގެން އިޝާން ނިދަން އޮށޯތެވެ.

*********************

އަނެއް ދުވަހެ ހެދުނުނެވެ. އިޝާން ވަރަށް ހަމަޖެހިލައިގެން ސުކޫލު ގޭޓުންވަދެ ވަދެ ހުއްޓާ ފަހަތުން އައިސް މީހަކު ޖެހިގަތެވެ. އިޝާން ފަހަތްބަލާލިއިރު ޒިޔާން ހުރީ ރުޅިވެރި ނަޒަރަކުން އޭނާއަށް ބަލާށެވެ.

” ގުޑްމޯރނިންގް ބަޑީ…..ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ….ކިހިނެއްވެފަ ތިހުރީ ބޮލަށް…..ނުކިއްސަރު ގޮތަކަށް އުޅެނިކޮށް މީހަކު ހަމަލާއެއްދިނީތަ؟” އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާފައި އިޝާން ހިނިތުން ވެހުރެ ކޮށްލި ސުވާލުން ޒިޔާންގެ ރުޅިއިތުރަށް ގަދަވިއެވެ.

” ބުނަން އިޝާން ރަނގަޅުވާހަކައެއް……ނުކިއްސަރު ގޮތަކަށް އުޅެވެނީ މަށަކަށްނޫން….އިޝާންއަށް….އެހެންމީހެއްގެ ހަމަލާއެއް އިޝާންގެ ގަޔަށް ނާރަނީސް މައިތިރިވޭ!” ރުޅިވެރިކަމާއެކު އިންޒާރުދިނުމަށްފަހު މަޑުވެސް ކޮށްނުލާ ޒިޔާން އޮފީހަށް ވަދެގެން ދިޔައެވެ. އިޝާން ހިނގައިގަތް ވަގުތު ތަންކޮޅެއް ދުރުގައިހުރި އަރޫނާފެނި ލާނެއްގޮތަކަށް ހިނިތުންވެލަމުން އެއްލޯމަރާލިއެވެ. އަރުނާވެސް ހިނިތުންވެލިއެވެ. އެދެމީހުންގެ ހަރަކާތަށް ފަރުވާތެރިކަމާއެކު ބަލަންހުރި ނީލާ އިޝާންއަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. އިޝާން ބަލާލުމުން އަވަސްއަވަހަށް ނީލާ އޭނާގެ ކެބިންގެ ތެރެއަށް ވަނެވެ. ނީލާގެ އެހަރަކާތުން އިޝާންއަށް ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނީލާ އިޝާންދެކެ ރުޅިއައިސްގެން އެއުޅެނީ އަރޫނާގެ ސަބަބުންބާއޭ ފުރަތަމަ ފަހަރަށް އޭނާގެ ހިތަށްއެރިއެވެ.

” ސޯ ދެޓްމީންސް….ޝީރިއަލީ ލައިކްސްމީ…” އިޝާން ވިސްނާލިއެވެ. އިޝާންއަށް ލިބުނު އުފާވެރިކަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިނިތުންވެ އިނދެ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.

ނީލާ ގޮނޑީގައި އިށީދެ ހަމަޖެހިލުމަށްފަހު ކޮމްޕިއުޓަރ އޮންކޮށްލިއެވެ. އޭރުވެސް އޭނާގެ ލޮލަށް ސިފަވަމުންދަނީ ދެންމެގައި ފެނުނު މަންޒަރެވެ. އިޝާން އަރޫނާއަށްކޮށްލި އެލާނެއް ހަރަކާތުގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވީ ފަދައެވެ. އެތެރެ އެތެރޭން އެ ޖަޒްބާތުތައް ކޮންޓްރޯލް ކުރުމަށް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ހިތުންނަގާ ދިލައިގެ އަސަރު ލޮލުން ފާޅުވީ ކަރުނައިގެ ސިފައިގައެވެ. ހެނދުނުގެ ފިނީގައި، އޭސީގެ ދަށުގައި އިންނައިރުވެސް އޭނާއަށް ހޫނުގެ އިސުސާސް ކުރެވެނީއެވެ. ނީލާ ދެލޯމަރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ލޮލުގެ ކުޑަކޮޅުން ފޫދިގެން އައި ކަރުނަތިކި އަތުގެ ނުފުށުން ފުހެލުމަށްފަހު އޭނާގެ މަސައްކަތާއިގެން ކުރިޔަށްދިޔައެވެ. މައުސްގައި އައްޖައްސާލުމަށްފަހު ދެފަހަރަކު ތަޅުވާލުމުންވެސް މޮނީޓަރ ހުޅުވޭގޮތެއް ނުވިއެވެ.

” މިހާ ހިނދަކަށް މިޔަށްމިވީ ކީއްތަ؟” އަނެއްކާވެސް ނީލާ މައުސްތަޅުވާލިއެވެ. ދެންވެސް ސްކުރީން ދިއްލޭ ގޮތެއްނުވިއެވެ. ކަރަންޓުހުރިތޯ ބަލާލިއިރު ކަރަންޓު ހުއްޓެވެ. މިވީގޮތުން އިޝާންގެ ގާތަށް ނުގޮހެއް ނީލާއަށް ފަރުޖެހޭ ގޮތެއް ނުވިއެވެ. ދެފިކުރެއްގައި އިނދެފައި ނީލާ މަޑުމަޑުން ތެދުވެގެން ގޮސް އިޝާންގެ ކެބިންގެ ދޮރުމައްޗަށް ހުއްޓުނެވެ. މީހަކުހުރިހެން ހީވެގެން އިޝާން އިސްއުފުލާ ބަލާލިވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އިޝާންގެ އެތޫނު ނަޒަރުފެނިފައި ހިނދުކޮޅަކަށް އޭނާ އައި މަޤުސަދު ނީލާ ހަނދާން ނެތުނެވެ. ހުއްޓުން އަރާފައިހުރި ނީލާފެނި އިޝާންއަށްވެސް އިރުކޮޅަކު އެމައުސޫމު މޫނަށް ބަލަން އިނދެވުނެވެ. އަދި ލޯބިން ގޮސް އެދޮންދޮން ކޮލުގައި ބޮސްދޭންވެސް ހިތަށްއެރިއެވެ. ނަމަވެސް އަވަސް އަވަހަށް އޭނާގެ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.

” މޭމް….ކަމަކުތޯ؟” އިހުތިރާމާއެކު މުއައްޒަފެއްގެ ހައިސިއްޔަތުން އިޝާން ސުވާލުކޮށްލުމުން ނީލާ ސިހިފައި އެސްފިޔަތައް ތަޅުވާލިއެވެ.

” މި…..ކޮމްޕްގަ މައްސަލައެއް ޖެހިގެން…..ނުވެސް ހުޅުވުނު..” ނީލާ ހަމަޖެހިލަމުން ވަރަށް އާދައިގެ ގޮތަކަށް ވީގޮތް ބުނެދިނެވެ.

” ހޫމް…ހިނގާ ބަލާލަމާ ދޯ..” އިޝާން ނީލާގެ ފަހަތުން ގޮސް ދެމީހުން އެކުގައި ނީލާގެ ކެބިންއަށް ވަނެވެ. އިޝާން ކޮމްޕިއުޓަރަށް ވެފައިހުރިގޮތެއް ބަލަން މަސައްކަތްކުރަމުން ދިޔައިރު ނީލާ ކަޅިޖަހާނުލައި ބަލަން ހުއްޓެވެ. އިޝާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

” ޓްރޮބަލްޝޫޓް ކުރަންޖެހޭނީ….އެގޮތުން ރަގަޅު ނުވެއްޖެއްޔާ މަދަރބޯޑް ރިޕްލޭސްކުރަންވެސް ޖެހިދާނެ….ޕަވަރސަޕްލައި ބަރާބަރު….ޓްރޮބަލްޝޫޓްކޮށްލީމަ އެނގޭނީ އިތުރު މައްސަލައެއް އުޅެންޏާ…..ކުޑަވަގުތުކޮޅެއް ނަގާނެ…..އެހެންވީމަ އެހެން ކޮމްޕިއުޓަރެއް ޔޫސްކުރަން ޖެހޭނީ މިވަގުތު….ޔޫ ކޭން ޔޫޒް މައިން….އިފް ޔޫ ވޯންޓް..” އިޝާން ނީލާއަށް ބަލާލިއެވެ.

” ނޯ ތޭންކްސް….ނީނާގެ ކެބިންއަށް ގޮސްލަފާނަން…” އިޝާންގެ ހުށަހެޅުމާއި ނީލާ ވަގުތުން ދެކޮޅުހެދިއެވެ.

” އޯކޭ…އެޒް ޔޫ ވިޝް” އިޝާން ތެދުވެ ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. ނަމަވެސް ނީލާ އެހާ އަވަހަށް އިންކާރުކުރީތީ ހިތްހަމަވެސް ނުޖެހުނެވެ.

އިޝާން ކޮމްޕިއުޓަރ ޓްރޮބަލްޝޫޓްކުރަން ޖެއްސުމަށްފަހު އެނބުރިލީ ވަގުތާއި ނީލާވެސް ފައިލްއެއް ނަގަން މޭޒުކައިރިއަށް ގުދުވީވަގުތު ވީ އެއްވަގުތަކަށެވެ. ދެމީހުންޖެހި ބެލެންސް އޮފްވެގެން ނީލާ ވެއްޓެއްދިޔައެވެ. އިޝާން ސިހިފައި ނީލާގެ އުނަގަނޑުގައި އަތްއަޅުވާލެވުނެވެ. ބިރުން ގޮސް ނީލާއަށް ދެލޯބޮޑުކޮށްފައި ބަލަން އޮވެވުނީއެވެ.

” މޭމްގާތު އަޅުގަނޑު އަބަދުވެސް ބުނަމެއްނު ސަމާލުވެގެން އުޅުއްވާށޭ…..އެކަމު އަޅުގަނޑުގާތުގަ ހުރިއްޔާ މޭމް އަބަދުވެސް ކެއާރލެސްވާނެ….އަޅުގަނޑު މޭމް ވެއްޓުނަނުދޭނެކަން އެނގޭތީތަ އެހެން ހަދަނީ….” އިޝާން ހިނިތުންވެލާފައި އަހާލިގޮތުން ނީލާ ރަކިވިއެވެ. ނީލާ އަވަސް އަވަހަށް ތެދުވެ ހަމަޖެހިލީ ނަމަވެސް އޭނާގެ ނޭވާ ހަމަޔަކަށް ނޭޅެއެވެ. އިޝާން އެހާގާތުގައި ހުރުމުން ހިތްވެސް ތެޅެނީ މާބާރަކަށެވެ. އިޝާންގެ އެސަމާސާއިން އަނެއްކާވެސް އޭނާގެ ހިތާކުޅެލައިފިއެވެ.

” ކޮންމެފަދަ ހާލަތެއް އަޔަސް ހަމަޔަގީން މޭމް ވެއްޓުނަކަ ނުދޭނަން…” ކުރިޔަށްވުރެ ބޮޑަށް ނީލާއާ ގާތްވެލަމުން އިޝާން ބުނެލީ ޔަގީންކަމާއެކީގައެވެ.

” ސްޓޮޕް އިޓް އިޝާން!…..ސްޓޮޕް އިޓް!…..އަހަރެން އަނގައިން ނުބުނެ މަޑުންހުރީމަ އިޝާންއަށް ހީވަނީ އިޝާން ބޭނުންހާ ގޮތަކަށް އުޅެންވީއޭތަ؟….ބޭނުންހާ އެއްޗެއް ކިޔަންވީއޭތަ؟….މީ އިޝާންގެ ގެއެއް ނޫނީ މަގުމައްޗެއްނޫނޭ…މީ އޮފީސް…..މިތާއުޅެންޖެހޭނީ ވަކިގޮތަކަށް….ސޯ ބިހޭވް ޔުއަރ ސެލްފް!” ރުޅިއައި ނަމަވެސް ނީލާ ވާހަކަދެއްކީ އެހެންމީހުންނަށް ނީވޭ ވަރަށް މަޑުންނެވެ. އިޝާން ނީލާގެ މޫނަށް ބަލަންހުރީ ހައިރާންވެފައެވެ. މީގެކުރިން ނީލާ ދުވަހަކުވެސް އެފަދަގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ކުރިން އިޝާންކުރާ ކޮންމެ ސަމާސާއަކަށް ނީލާ ގަޔާވެއެވެ. ވީއިރު މިއަދު ނީލާ އެހާރުޅިއެއް އަންނަންވީ ކީއްވެގެން ހެއްޔެވެ؟

” ސޮރީ މޭމް….އައި ވޯޒް ޖަސްޓް ކިޑިން…” ނީލާ ރުޅިއައުމުން އިޝާން އެއީ ސަމާސާއެއް ކަމުގައި ހެދިޔަސް އޭނާބުނީ އޭނާގެ ހިތުގައި އޮތް އެއްޗެކެވެ.

” މީގެފަހުން ތިކަހަލަ ސަމާސާ ނުކުރުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް….އައި ޑޯންޓް ލައިކް އިޓް…..ޔޫ މޭ ލީވް ނައު….” ނީލާ އިޝާންއާ ދިމާ ބަލާވެސް ނުލާ ބުނެލިއެވެ. އިޝާން އިސްޖަހާލައިގެންހުރެ ކެބިންއިން ނުކުމެގެން ދިޔައެވެ. ނީލާ ގޮނޑިއަށް ތިރިވެ ދެލޯ މަރާލިއެވެ. އިޝާންއާ ދިމާއަށް އެހެން ބުނާކަށް އޭނާބޭނުމެއް ނޫނެވެ. އެކަމަކު އެސަމާސާތަކުން އޭނާގެ ހިތަށް ލިބޭ ވޭން އިތުރުވުން ނޫންކަމެއް ނުވެއެވެ. މިހާރު އޭނާއަށް އިޝާންގެ ސަބަބުން ކެތްކުރަން އުނދަގޫ ވެއްޖެއެވެ. އިޝާންއަށް އެކަން ނުވިސްނެނީ ކީއްވެހެއްޔެވެ؟ އިޝާން އެގޮތަށް ކަންތައްކުރަނީ ކީއްވެގެން ހެއްޔެވެ؟ ވީއެންމެ އަވަހަކަށް އަނިލްއަށް ޖަވާބެއްދޭން ނީލާ ނިންމިއެވެ.

އިޝާން ގޮނޑީގައި އިށީނުމަށްފަހު އިސްޖަހާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ފޯނަށް މެސެޖެއް އައެވެ. ނީލާގެ މެސެޖެއްކަމަށް ބަލާލިއިރު އެއީ އަރޫނާގެ މެސެޖެކެވެ. މިއަދުގެ ޕުލޭން ހަނދާންކޮށްދިނުމަށް ފޮނުވާފައި އޮތް މެސެޖެކެވެ. އިޝާންއާ އަރޫނާއާ އިންތިޒާރުކޮށްގެ ތިބި ވަގުތު އައިސް ޖެހިއްޖެއެވެ. ނީލާއާއި އަނިލްވީ އެސްއެމްޓީ މީޓިންގައެވެ. އިމްނާއާއި ނީނާ އަދި ޒިޔާން ދިޔައީ ބުރޭކަށެވެ. އޮފީހުގައި އިޝާންއާއި އަރޫނާ އެކަނިވީއެވެ.

ފުރުސަތުގެ ބޭނުންހިފައި އިޝާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒިޔާންގެ ކެބިންއަށް ވަނެވެ. އަވަސް ހަރަކާތް ތަކަކާއެކު ޒިޔާންގެ ލެޕްޓޮޕް އޮންކޮށްލިއެވެ. އަރޫނާވެސް ދެކޮޅު ހޯދާބަލާލުމަށްފަހު އެކެބިންއަށް ވަނެވެ.

” ޕާސްވޯޑް ޖަހާފަހުރީ…..އަރޫ ބޭނުމިއްޔާ ކްރެކް ކޮށްލެވިދާނެ….” އަރޫނާގެ ލަފަޔަކަށް އިޝާން އަހާލިއެވެ.

” ކްރެކް ކޮށްލާ!” އަރޫނާ އަވަސް އަވަހަށް ބުނެލިއެވެ.

” ވަގުތުކޮޅެއް ނަގާނެ….ޒިޔާން އާދޭތޯބަލާތި!” އިޝާން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އަރޫނާ މީހަކު އާދޭތޯ ބޭރުބަލަމުން ދިޔައެވެ.

ގާތްގަނޑަކަށް ބައިގަޑިއިރެއްހައި ތެރޭގައި ޕާސްވޯޑް ކުރެކްކޮށްލުމަށްފަހު އަވަސް ހަރަކާތްތަކާއެކު އަރޫނާގެ ފޮޓޯއާއި ވީޑިއޯކުލިޕް އިޝާން ހޯދާލިއެވެ. އެފެނުމާއެކު ގަތްލަދުންނާއި އައިރުޅިން އަރޫނާއަށް ރޮވޭގޮތްވިއެވެ. އިޝާން އަވަސް އަވަހަށް ފޯލްޑަރ މިނިމައިޒްކޮށްލިއެވެ. އޭނާވެސް ހުރީ އަރޫނާގެ އެފަދަ ފޮޓޮއެއް ފެނުމުން ލަދުގަންނަގޮތް ވެފައެވެ.

” އަރޫ ބޭނުމިއްޔާ ޑިލީޓްކޮށްލާ! އެކަމު އަރޫބޭނުމިއްޔާ ޒިޔާންއާ ދެކޮޅަށް މައްސަލަ ޖެއްސިދާނެ…..އަދި މިއެއްޗެހި އޭނާއާ ޚިލާފަށް ހެއްކަކަށް ބޭނުންކުރެވޭނެ!” އަރޫނާ އެފޯލްޑަރ ޑިލީޓްކުރަން އުޅެފައިވެސް އިޝާން ބުނި އެއްޗަކަށް ވިސްނާލިއެވެ.

” އެކަމު މިބަހައްޓާފިއްޔާ އަނެއްކާވެސް އޭނާއަށް އެލިބުނީ ފުރުސަތެއްނު” އަރޫނާ ކަންބޮޑުބެފައި ބުނެލިއެވެ.

” ތި ލެޕްޓޮޕް ދެން އޭނާއަށް ނުހުޅުވޭގޮތް އަހަރެން ހަދާފާނަން…..އަރޫއަށް ކެރޭނެތަ އަހަރެން ބުނާގޮތަށް ކަންތައްކުރަން….މެނޭޖްމެންޓްގެ ސަމާލުކަމަށް ތިމައްސަލަ ގެންނާނެ ގޮތެއް އަހަރެންނަށް އެނގޭ…..އަރޫޖެހޭނީ ކުޑަހިތްވަރެއް ކޮށްލަން…” ޒިޔާން ލެޕްޓޮޕްގެ ޕާސްވޯޑް އިޝާން ބަދަލުކުރުމަށްފަހު ދެން ކަންތައްކުރަންވީގޮތް އަރޫނާއަށް ކިޔައިދިނެވެ. އަރޫނާވެސް އިޝާންގެ ޚިޔާލަށް ތާއީދުކޮށް އެގޮތާއި އެއްބަސްވިއެވެ. ނަސީބަކުން އެމީހުން ކުރަންބޭނުން ކަންތައް ކޮށްނިމެންދެންވެސް އިތުރުމީހަކު އޮފީހަކަށް ނައެވެ.

ޒިޔާން ބުރޭކުން އެނބުރި އައިސް އޭނާގެ ކެބިންއަށް ވަތްއިރު މޭޒުމަތީއޮތް ނޯޓެއް ފެނުނެވެ. ޒިޔާން އެނަގާ ކިޔާލުމުން ހައިރާންކަން ލިބުނީ އެއީ އަރޫނާގެ ނޯޓަކަށްވީތީއެވެ.

” ޝެޝަން ނިމިގެން ޕްރިންޓްރޫމުން ބައްދަލުކޮށްލެވިދާނެތަ؟-އަރޫ-” ޒިޔާން ހައިރާންވީ ނަމަވެސް އުފާވިއެވެ. އޭނައިނީ ޝެޝަން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އަރޫނާ އެންމެފަހުން އޭނައާ ބައްދަލުކުރަން ބޭނުންވީތާއެވެ. އެންމެފަހުން އޭނަފަދައިން އަރޫނާވެސް އޭނައަށް ބޭނުންވީތާއެވެ. ކުރިންރޭ އަރޫނާގެ ފަރާތުން ލިބުނު ހަމަލާއިން އައިސްފައި ރުޅިވެސް ވަގުތުން ފިލައިފިއެވެ. ޒިޔާންއެކޭ އެއްފަދައިން އަރޫނާއާ އިޝާންވެސް އިންތިޒާރުކުރަމުން ދިޔައީ ޝެޝަން ނިމޭނެ އިރަކަށެވެ. ނަމަވެސް ޒިޔާންއާ ބައްދަލުކުރުމުން ކަންތައްވާނެގޮތް ނޭނގިފައި ބިރުން އަރޫނާގެ ހިތްތެޅެނީއެވެ.

ޝެޝަން ނިމުމާއެކު މަޑުމަޑުން މީހުންތައް ދާންފެށިއެވެ.

” އަރޫ ގެޔަށްނުދާ ދުވަހަކީތަ؟….މިހާރު ގަޑިޖެހިއްޖެއެއްނު!” ނީނާ ތެދުވެފައިވެސް އަރޫނާ ނުތެދުވުމުން އަހާލިއެވެ.

” އާނ! އަދި އެބައޮތް ނިންމަންޖެހޭ ކުޑަކަމެއް….ނީއަށް ލަސްވަންޏާދޭ!…ގެނޭ އަހަރެންއަތަށް ތަޅުދަނޑި….އަހަރެން ދަމުން ތަޅުލަފާނަން…” އަރޫނާ އަތްދިއްކޮށްލަމުން ބުންޏެވެ.

” އޯކޭ!….ފަހުން ތަޅުދަނޑިމަށާ ހަވާލުކޮށްލަދޭތި!….އެހެންނޫނީ އަރޫއަށް ޖެހޭނީ ހެނދުނު ހެނދުނާ އޮފީސް ހުޅުވަން އަންނަން….” ނީނާ ހިނިތުންވެލާފައި އަރޫނާއާ ތަޅުދަނޑި ހަވާލުކުރިއެވެ. އިޝާން ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވާލައިގެން ތެދުވެވިއެވެ. އަދި މަޑުމަޑުން ގޮސް ފާޚާނާއަށް ވަދެ ދޮރުލެއްޕިއެވެ. އިޝާން އަރޫނާއަށް މެސެޖްކޮށްލުމާއެކު އަރޫނާ މަޑުމަޑުން ތެދުވެގެން ގޮސް އޮފީހުގެ ދޮރުލައްޕާލުމަށްފަހު ޕްރިންޓްރޫމަށް ވަނެވެ. އަރޫނާ ޕްރިންޓްރޫމަށް ވަތްތަންފެނުމާއެކު ޒިޔާން ތެދުވިއެވެ. ވަށައިގެން އޮފީސްތެރެ ހޯދާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ޒިޔާން އިޝާންގެ ކެބިން ކައިރިއަށް ގޮސް ބަލާލިއިރު އިޝާންއެއް ނެތެވެ. އިޝާންގެ ލެޕްޓޮޕް ނެތުމުން އޭނަވެސް ދިޔައީކަން ޒިޔާންއަށް ޔަގީންވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ހިނިތުންވެހުރެ ޕްރިންޓްރޫމާއި ދިމާއަށް ޒިޔާން ހިނގައިގަތެވެ.

ޒިޔާން ޕްރިންޓްރޫމަށް ވަތްކަން ޔަގީންވުމުން އިޝާން މަޑުމަޑުން ފާޚާނާއިން ނުކުމެ ސިއްރު ސިއްރުން ގޮސް ޕްރިންޓްރޫމު ކައިރީ ޒިޔާންމެންނަށް ނުފެންނާނެހެން ހުއްޓުނެވެ. އަދި އޭނަގެ ކެމެރާ ނަގާއޮން ކޮށްލިއެވެ. ޒިޔާން އެދިޔަގޮތަށް ގޮސް ފުރަގަސްދީގެން ހުރި އަރޫނާގެ އުނަގަނޑުގައި އަޅުވާލިއެވެ. އަރޫނާ ސިހިފައި ފަހަތަށްޖެހިލިއެވެ. ޕްރިންޓްރޫމުގެ ދޮރުން އިންޗިއެއްހާތަން ހުޅުވާލައިގެންހުރެ އިޝާން އެމަންޒަރު އޭނާގެ ކެމެރާގައި ރައްކާކުރަން ފެށިއެވެ.

” އައްދެ! އަންނާށޭބުނެފަ އައީމަ ހާދަބިރެއްތިގަތީ” އަރޫނާއާ އަދިވެސް ބޮޑަށް ގާތަށް ޖެހިލުމަށްފަހު ޒިޔާން އަރޫނާގެ އަތުގައި ހިފިއެވެ.

” އަހަރެން މިތަނަށް އަންނާށޭ ބުނީ…ޒިޔާންއަށް ވިސްނާދޭން……ބުނަން އަހަރެންގެ ދޮންތައަށްޓަކާ އަހަރެން ވަރަށް ކެތްކޮށްފިން…..އެކަމަކު ދެން އިތުރަށް އަހަރެންނަކަށް ކެތެއްނުކުރެވޭނެ…..ޒިޔާންގާތު އެންމެ ފަހު ފަހަރަށް މިބުނަނީ އަހަރެންނަށް އުނދަގޫކުރުން ހުއްޓާލާ!…..އެހެންނޫނީ ޒިޔާންގެ ކަންތައް އެންމެނަށް ފަޅާއަރުވާލާނަން…..ދޮންތަގާތުވެސް ބުނާނަން…” ބިރުގެން ނަމަވެސް އަރޫނާ ޒިޔާންއަށް ވަރުގަދަ އިންޒާރެއް ދިނެވެ. ޒިޔާން ހީކުރިގޮތާ ޚިލާފަށް އަރޫނާގެ ވާހަކަތައް ހުރުމުން ކުއްލިއަކަށް އޭނާގެ ރުޅިގަދަވިއެވެ.

” އެހެންތަ ހީކުރީ! ކަލޭމަށަށް އިންޒާރުދީ މަބިރުގަންނުވަން ކަމަށްތަ މިތަނަށް ތިގެނައީ…..ކަލޭގެ މޮޔަކަމާހުރެވެސް މަހައިރާން ވެއްޖައިން……ޝިކާރަވެރިޔާގެ މަޅީގަ އަމިއްލައަށް ބެދިފަހުރެ ޝިކާރަވެރިޔާއަށް އިންޒާރުދޭކަށް ބިރެއް ނުގަނޭތަ؟….ހަނދާންނެތުނީތަ އަހަރެންދިން އިންޒާރުމަތިން….އޭނ؟….އަދި މަށަށް ތިމަލުގެ ފޮނިކޮޅުބޮއެއް ނުލެވޭ….ކަލޭހީކުރީތަ މަށަށް އެކަން ނުކުރެވެނީސް ކަލޭ ސަލާމަތްވާނެކަމަށް…..މިއަދު، ހަމަ މިހާރު މައެކަން ކުރާނަން…” ޒިޔާން ކުއްލިއަކަށް އަރޫނާއާ ދިމާއަށް ޖެހިގަތެވެ. ބިރުން ވިރިވިރިހުރި އަރޫނާ ޒިޔާންގެ އަތްދަށުވުމުން ބާރަށް ރޯންފެށިއެވެ. އިޝާންގެ ލޭކެކިގެން ދިޔަ ނަމަވެސް ހިތްވަރުކޮށްފައި އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އަރޫނާ ގަދަހަދަހަދާ ހުއްޓާ ޒިޔާން އޭނާގެ އެތަން މިތާ ބީހެންފެށިއެވެ. ޒިޔާން އޭނާގެ އަތް އަރޫނާގެ ހެދުން ތެރެއަށް ކޮށްޕާލުމުން އިޝާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. ދޮރުގައި ފައިންޖެހިޖެހީނުން ތަންމިނަށް ދޮރުހުޅުވާލިއެވެ. ޒިޔާންއަށް ލިބުނު ސިހުމާއެކު ދެލޯބޮޑުކޮށްފައި ދޮރާދިމާ ބަލާލެވުނެވެ. ދޮރުމަތީ ރުޅިއައިސް ރަތްވެފައިހުރި އިޝާންފެނި ޒިޔާންއަށް ހަދާނެ ގޮތް ހުސްވިއެވެ. އަރޫނާ ޒިޔާންގެ އަތްދަށުން ދެމިގަނެގެން އައިސް އިޝާންގެ ގައިގާ އޮޅުލައިގަތެވެ. އިޝާން އައި ރުޅިން މުޅިމީހާ ތުރުތުރު އަޅައެވެ. ޒިޔާންއަށް ލިބުނު ސިހުމުން ކަންބޮޑުވެގެން އިރުކޮޅެއް ވާންދެން ހުރިފިޔަވަޅުމަތިން ގުޑާލަންވެސް ނޭނގިފައި ހުރެވުނެވެ. ހަމަކުއްލިއަކަށް އިޝާން އައިތަނެއް ނޭނގިގެން އޭނާހުރީ ހައިރާންވެ އިންތިހާއަށް ބިރުވެސް ގަނެފައެވެ.

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އައިޝާ 2

Next

މިހިތުގެ ފަސާނާ 10

Next
October 22, 2016

މިހިތުގެ ފަސާނާ 10

Previews
October 22, 2016

އައިޝާ 2

12 Comments

  1. Shine says:
    October 22, 2016 at 10:28 pm

    kudakoh lasvejje dho…..i am really sorry about that….enjoy reading….goodnight

    1. Shau says:
      October 23, 2016 at 4:41 pm

      Konme dhuvahakuves upload kura vaahakaeh tha

  2. Saandy says:
    October 22, 2016 at 11:01 pm

    ވަރަށް ވަރަށް ރީތި… އަޅެ އިޝާންްއަށް އޭނަގެ މަންމައާ އަވަހަށް ދިމާވާނެބާ؟ ދެން ވާނެ ގޮތެއް ބަލާލަން ކެތްމަދުވެއްޖެ… ކުރިއަށް އޮތް ބައި އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  3. Thaathi says:
    October 22, 2016 at 11:07 pm

    V v rythi mi part vx

  4. Thaathi says:
    October 22, 2016 at 11:10 pm

    Kyve that comment nukureveny

  5. Aaf says:
    October 22, 2016 at 11:13 pm

    Wow ??

  6. Khajja says:
    October 23, 2016 at 7:47 am

    Wow v rythi masha allah kuriyah oiy bayah v wait kurevey alhe avahah up koh dhybala next part pls

  7. xenn says:
    October 23, 2016 at 8:29 am

    Rythi

  8. Iysha says:
    October 23, 2016 at 11:32 am

    Vvv salhi…..kiyaaa hithun indhaa mi part vx nimunee

  9. imagination says:
    October 23, 2016 at 1:49 pm

    woooaahh <3

  10. Anonymous says:
    October 23, 2016 at 4:52 pm

    Wow ???

  11. Nazeera says:
    January 2, 2018 at 12:34 am

    Full drama. I like it ???

Comments are closed.

All Right Reserved!