މަންމަ ވަޅުލުމުގެ ހުރިހާ ކަމެއް ނިމުމުން އަހަރެން އަވަސްވެގަތީ ބައްޕަ ގޮވައިގެން މާލެދެވޭތޯއެވެ. ” ނަޔާ އަހަރެންނަށް ފެންނަނީ ބައްޕަ ގޮވައިގެން އިންޑިއާ އަށް ދާން.ކޮންމެ ގޮތެއްވިޔަސް މާލެއަށްވުރެ އެތަނުގެ ފަރުވާ މާ ރަނގަޅުވާނެ” ޝާހީން އަހަރެން ކައިރީގައި ބުންޏެވެ.” އާނ! އަހަރެންނަށްވެސް ހީވަނީ އެގޮތްހެން އެންމެ ބުއްދިވެރިވާނީ. ތިކަހަލަ ކަމެއްގައި އަބަދުވެސް ބަލަންވާނީ އޭގެ އެންމެ ރަނގަޅު ފަރުވާއެއް ލިބޭ ހިސާބަކަށް ދެވޭތޯ” ނިހާދު ޝާހީންއާއި ބައިވެރިވިއެވެ. އޭރު އަހަރެމެން ތިބީ މަރުކަޒުގައެވެ. އޭރުވެސް ބައްޕަގެ އަތަށް އޮތީ އައިވީ ގުޅާފައެވެ. އަދި ނިދާ އިންޖެކްޝަނެއް ޖަހާފައެވެ. ވުމާއިއެކު އެތާގައި އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ބައްޕައަކަށް ނުއިވެއެވެ. ” ނިހާދު……. އަހަރެންވެސް ބޭނުމީ ތިގޮތް. އެކަމަކު އަހަރެން އަތުގައި އެހާ ވަރަށް……….” އަހަރެންނަށް ރޮއިގަނެވުނެވެ. އަހަރެމެންގެ ނިކަމެތިކަމުންނެވެ. އިތުރަކަށް އަހަރެންގެ ދުލުން އެއްމެ ބަހެއްވެސް ބޭރުކުރާނެހާ ހިތްވަރެއް ނުލިބުނެވެ.

“ނަޔާ ދެރަނުވޭ ތިކަމުގައި އަހަރެންނަށް ވެވުނު ވަރަކުން އަހަރެން ނަޔާއަށް އެހީތެރިވެދޭނަން” ނިހާދު އަހަރެން ކައިރީގައި ބުންޏެވެ. “ނަޔާ، ތިކަމުގައި އަހަރެން ނަޔާއަށް އެހީވެދޭނަން. އެކަމަކު އެއީ ނަޔާ އަހަރެންގެ އެހީތެރިކަން ބޭނުމިއްޔާ” ޝާހީން އަހަރެންނާއި ދިމާއަށް ބުންޏެވެ. ” މިއަދު އަހަރެންނަށް އެހީތެރިކަމުގެ ….. އަތެއް ފޯރުކޮށްދޭ ކޮންމެ މީހެއްގެވެސް އެހީތެރިކަން އަހަރެން ވަރަށް ބޮޑަށް ބޭނުން. މިއަދު އަހަރެންގެ އެއްވެސް ތިމާގެ މީހަކު، އެހީވާނެ މީހަކު ނެއް ހެޔޮނުވާނެ އަހަރެންނަށް އެހީވެދީ” އަހަރެން ރޮމުންރޮމުން އެދެމީހުންގެ ފައިދަށަށް ތިރިވީމެވެ. އަހަރެންނަށް އެހީތެރިވެ ދިނުމަށް އެދި ސަލާންޖަހާށެވެ. ” ނަޔާ! ނަޔާ، ނުޖެހޭނެ ދުވަހަކުވެސް އަހަރެން ކައިރީގައި ކަމަކު ސަލާމް ޖަހާކަށް” ޝާހީން އަހަރެންގެ ކޮނޑުގައި ދެއަތުން ހިފައި އަހަރެން ނަގަމުން ބުންނެވެ. ” އެއީ ތެދެއް ނަޔާ. ދެންވެސް ހިނގާ އަވަހަށް މިކަމާއިގެން އުޅެން” ނިހާދު ބުންޏެވެ.

އެދުވަހު އަހަރެން ބައްޕަ ގޮވައިގެން މާލެދިޔައީމެވެ. ޝާހީން ވެސް އަހަރެންނާއިއެކު ދިޔައެވެ. ފިރިހެނެއްގެ އެހީތެރިކަން އަހަރެންނަށް ބޭނުންވާތީ ނިހާދުއަށް ދެވެން ނެތުމުގެ ސަބަބުންނެވެ.ޝާހީންގެ އެހީތެރިކަމާއި އެއްބާރުލުން އަހަރެންނަށް ވަރަށް ބޮޑަށް ލިބުނެވެ.  ބައްޕަ އައިޖީއެމްއެޗް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އޭގެ ދެދުވަސްފަހުން އަހަރެން ބައްޕަ ގޮވައިގެން އިންޑިއާއަށް ފުރީމެވެ. އެކޮޅުން އަހަރެންނަށް އެހީތެރިވާނެ މީހަކު ޝާހީން ހަމަޖައްސައިދިނެވެ.އަދި އިންޑިއާގައި ޝާހީންގެ ބޭބެމެން ކުއްޔަށް ހިފައިގެން ތިބޭ ގޭގައި އަހަރެމެންނަށް ތިބެވޭނެގޮތް ހަމަޖައްސައިދިނެވެ. އިންޑިއާއަށް ދެވުމާއިއެކު ބައްޕައަށް ފަރުވާދޭން ފެށިއެވެ. މަޑުމަޑުން ބައްޕައައީ ރަނގަޅުވަމުންނެވެ. އޭރު އަހަރެމެން އިންޑިއާގައި ތިބޭތާ ހަތަރުމަސް ވަނީއެވެ.

އެއްދުވަހެއްގެ ހެނދުނެވެ. އަހަރެން ދިޔައީ ގެއިން ހޮސްޕިޓަލަށްށެވެ. އޭގެ ފަސްދުވަސްފަހުން ބައްޕަ ދޫކޮށްލާނެކަމަށް ޑޮކްޓަރ ވަނީ ބުނެފައެވެ. އޭރު ބައްޕައަށް މަޑުމަޑުން ދަނޑިގަނޑު ބޭނުންކޮށްގެން ހިނގެއެވެ. ހޮސްޕިޓަލަށް އަހަރެންނަށް ވަދެވުނު އިރު ބައްޕަ ވަރަށް ސަކަރާތެވެ. އޭރު ބައްޕަ އޮތީ އައިސީޔޫއަށް ލާފައެވެ. ކުއްލިއަކަށް ބައްޕަ ފިޓް ޖެހި އެއާއިއެކު ހިތް ހުއްޓުނީއެވެ. މިހާރު ބައްޕަގެ ހިތް މަސައްކަތް ކުރަނީ މެޝިންގެ އެހީގައެވެ.އަހަރެން އިނީ ބައްޕަގެ އަތްތިލާގައި ހިފަހައްޓާލައިގެންނެވެ. ދެރަގޮތެއް ނުވުމަށް އެދި ހިތާހިތުން ދުއާކޮށްލަކޮށްލައެވެ. އަހަރެން އިނީ މެޝިން އަށް ބަލާށެވެ. މަޑުމަޑުން ގޮސް އެމެޝިން ހުއްޓުނެވެ. އަބަދުގެ އަބަދަށް ބައްޕަވެސް އަހަރެންނާއި ވަކިވީއެވެ. ޝާހީންގެ ބޭބެމެންގެ އެހީތެރިކަމާއިއެކު އަހަރެން ބައްޕަގެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނު އެންމެ ފުރިހަމައަކަށްކޮށް ނިންމާލީމެވެ. ރޮއެރޮއެ އޮތް ހިތަކާއި އެކީގައެވެ.

އަހަރެން އެނބުރި ރަށަށް އައި ދުވަހެވެ. ގެއަށް އަހަރެން ވަނީމެވެ.މުޅިގޭތެރެއިން ދައްކައިދެނީ ފަޅުކަމެވެ.އަހަރެން އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އެތަންވެސް ވަނީ ހިރަފުހާއި މަކުނުވަލުން ފުރިފައެވެ. މަންމަމެންގެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެވަގުތު އަހަރެންނަށް ސިފަވެގެން ދިޔައީ މަންމައާއި ބައްޕަ ވެއްޓިފައި އޮތް މަންޒަރެވެ. އަހަރެން ކުއްލިއަކަށް އަނެއްފަރާތަށް މޫނު އަނބުރާލީމެވެ. ހިތައް ކެއްނުވެގެންނެވެ. އަހަރެން ހިތްވަރުކޮށްލާފައި މުޅިގޭތެރެއާއި ބަދިގެ ތެރެ ސާފުކޮށްލީމެވެ. އޭރު އިރުއޮށްސެނީއެވެ. ނިހާދުއާއި ނިހާދުގެ މަންމަގެ އެދުމުގެ މަތިން އަހަރެން އެގެއަށް ނިދަންދާގޮތަށް ނިންމީމެވެ. ސަބަބަކީ އަންހެން ކުއްޖަކު އެކަނިން ގެއެއްގައި ނިދުމަކީ އެހާ ބުއްދިވެރި ކަމަކަށް ނުވާތީއެވެ.

ގަޑިން ބާރަގަޑި ބައިވަނީއެވެ. ނުނިދިގެން އަހަރެން އޮތީ އެނދުމަތީގައި ދެފަރާތައް ފޮރޮޅިލަ ފޮރޮޅިލައެވެ. މަންމަމެންގެ މަތިން ހަނދާންވާވަރުންނެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.ލޮލުންފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލީމެވެ. އެވަގުތު އަހަރެންގެ ކޯމަތީން ދިލަ ހޫނެއްގެ އިހުސާސް ވިއެވެ. އަހަރެން އަތަށް ބަލައިލީމެވެ.އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އިނގިލީގައި އިން އަނގޮޓިއެވެ. ކުއްލިއަކަށް އަހަރެންނަށް ޝާލްގެ މަތިން ހަނދާންވިއެވެ. މަންމަ ނިޔާވިރެއިން ފެށިގެން އަހަރެން ޝާލް އަކަށް ނުގުޅަމެވެ. ބައްޕަގޮވައިގެން މާލެދިޔަ ދުވަހުގެ ރޭގައި ޝާލް ގުޅިއެވެ. އެވަގުތު އަހަރެން ހުރީ ޑޮކްޓަރާއި ވާހަކަދައްކަން ކަމުން އަހަރެންނަކަށް ފޯނެއް ނުނެގުނެވެ. ފަހުން އުޅެންޖެހުނު ބިޒީ ކަމުން ޝާލްއަށް ގުޅާކަށް އަހަރެން ހަނދާނެއް ނުވިއެވެ.މިހާ ދުވަސްވީއިރު އަހަރެންނަށް އަހަރެން އެންމެ ލޯބިވާ ޝާލްގެ މަތީން ހަނދާން ނުވީ ކީއްވެހެއްޔެވެ؟ އަހަރެންގެ އިނގިލީގައި ޝާލްގެ ހަނދާނަކަށް އަޅުވައިދީފައި އިން އަނގޮޓި ނުފެނުނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އަހަރެންގެ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. މީގެ ކުރިން މުހިންމު ކަމެއް ދިމާވެއްޖެނަމަ އަހަރެން ޝާލްއަށް ގުޅަމެވެ. ނަމަވެސް މިފަހަރު އަހަރެން އިންޑިޔާއަށް ދިޔަފަހުން ކޮންމެ ކަމެއް ޖެހުނަސް ގުޅެނީ ޝާހީންއަށެވެ. ސަބަބަކީ އެކޮޅުން ހުރިހާކަމެއްވެސް ހަމަޖައްސައިދީފައިވަނީ ޝާހީން ކަމަށްވާތީއެވެ.

އަހަރެން އަވަސް އަވަހަށް ފޯނުނެގީމެވެ.ޝާލްއަށް ގުޅާށެވެ. އަހަރެންގެ ހުރިހާ ހިތާމަތައް ޝާލްއާއި ހިއްސާކުރަން އަހަރެން ބޭނުމެވެ. މިއަދު އަހަރެން ޝާލްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުމެވެ. އެލޯތްބާއި އެދެއަތުގެ ހިމާޔަތް އަބަދުގެ އަބަދަށް ބޭނުމެވެ. މިއަދު އަހަރެންގެ ފަރާތުން އެއްވެސް އުޒުރެއް ނެތެވެ. މިއަދު އަހަރެން ޝާލްއާއި ގުޅެން ބޭނުންވާވާހަކަ ހުދު އަހަރެންގެ ދުލުން ބުނާނަމެވެ.އޭރުން ހެޔޮހިތުން ޝާލް އަހަރެން ގަބޫލުކުރާނެއެވެ. އަހަރެންގެ ހިތައް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

އެ ފޮނި ފޮނި އުއްމީދުގައި އަހަރެން ޝާލްއަށް ގުޅާލީމެވެ. ވަރަށް ގިނައިރު ރިންގްވީ ފަހުން ޝާލް ފޯނު ބިޒީކޮށްލިއެވެ. އޭގެ ފަސްމިނެޓް ފަހުން ޝާލް އަހަރެންނަށް ގުޅިއެވެ. ” ހަލޯ ނަޔާ، އަހަރެން ހާދަވަރަކަށް ނަޔާއަށް ގުޅީމޭ، ފޯނު އޮފްކޮށްލާފަ އޮންނަނީ، ކޮންތާކު ތިޔަ އުޅެނީ، އަހަރެންގެ މަތިން ހަނދާންވެސް ނުވަނީތަ؟” ފޯނުނެގިގޮތަށް ނަގާފައި ޝާލް ޝަކުވާކުރިއެވެ. ” ސޮރީ ޝާލް. ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން، ހަމަސްވަންދެން އިންޑިޔާގައި އުޅެފަ މިއައީ، ކުއްލިއަކަށް ދާންޖެހުނީ އެހެންވެ. އަހަރެން ……..” އަހަރެންނަށް އެހާ ހިސާބަށް ބުނެވުނުތަނާ ޝާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ނަޔާ އަހަރެން ހާދަ މުހިންމު ކަމެއްގައޭ ނަޔާއަށް ގުޅަން އުޅުނީ، އެކަމަކު މިހާރު މާ ބޮޑަށް ލަސްވެއްޖެ. އަހަރެންނަށް މާފުކުރާތި. އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު ވަގުތު ނަޔާއަށް ނުގުޅުނީމަ އަހަރެން ވަރަށް ދެރަވި….. ނަޔާ، މަންމަ ބަލަން އުޅޭ ޝަރުމީލާއަށް ކެންސަރު ޖެހިގެން މިހާރުވެސް ވީ އިންޑިޔާގައި. އެހެންވެ މަންމަ ބަލާނެ އިތުރު މީހަކުނެއް. މީހަކު ވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު ކާމިޔާބެއް ނުވި. އެންމެ ފަހުން އިތުރު އެއްވެސް ގޮތެއް ނެތިގެން އަހަރެން……އަހަރެން……. މެރީކޮށްފިން. ނަޔާ އެދުވަހު އަހަރެންނަށް ކޮށްދިން ދުއާ މާތް ﷲ އިޖާބަ ކޮށްދެއްވައިފި…….. މުނާ އަކީ ވަރަށް ރަނގަޅު އަންބެއް. މަންމަގެ ހުރިހާ ކަމެއްވެސް މުނާ ކޮށްދެނީ ހެޔޮހިތުން ކޮށްދޭހިތުން” ޝާލްގެ ވާހަކަ އެހާ ހިސަބަށް ދިއުމުން އަހަރެންނަށް ކެއްނުވެގެން ފޯނުކަނޑާލީމެވެ. އަހަރެންނަށް ހީވީ މީހަކު މޫނުމަތީގައި ބާރުގަދަ އެތިފަހަރެއް ޖެހިހެންނެވެ. ” އަހަރެން މެރީކޮށްފިން….. އަހަރެން މެރީކޮށްފިން……… އަހަރެން މެރީކޮށްފިން…….” ޝާލް އެ ޖުމްލަ އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. ގަބޫލުކުރަން ކިތައްމެ ދަތިވިޔަސް އެއީ ހަގީގަތެވެ. ޝާލް އަކީ މިހާރު މީހެއްގެ ހައްގެކެވެ. ” ކީއްވެގެންތަ އަހަރެންނަށް މިހެން މިވަނީ؟” އަހަރެންނަށް ގިސްލެވެންފެށުނެވެ. އަހަރެންގެ ނިކަމެތި ހާލު ހިތައް އެރުމުންނެވެ. ޝާލް އަހަރެންނަށް ފަހުން ދެފަހަރަކު ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރެއް އަހަރެންގެ ދުލުގައި ނެތީމައެވެ.

މިހާރު ގަޑިން ދެގަޑި ބައިވަނީއެވެ.ހިތައް ހަމަޖެހުމެއް ހޯދުމަށްޓަކައި އަހަރެން ގޯތިތެރެއަށް ކަރުނުންފުރިގެންވާ ހާލުގައި ނިކުތީމެވެ. ހަމައެއާއިއެކު ޝާލްގެ ޖުމްލަތައް އަހަރެންގެ ސިކުނޑިގައި އެނބުރެމުން ދިއައެވެ.ގޯތިތެރޭގައި އެލުވާފައިވާ އުނދޯލީގައި އަހަރެން އިށީންދެލީ އަހަރެމެންގެ ގޯއްޗަށް ބަލަމުންނެވެ. މަންމަ އާއި ބައްޕަގެ ހަނދާންތައް އާވިއެވެ. ހަމަ ޔަގީނުންވެސް އެދެމީހުން ދުނިޔޭގައި ތިބި ނަމަ އަހަރެންގެ ހިތާމައިގައި ބައިވެރިވެ އަހަރެންނަށް ހިތްވަރުދިނީސްކަން ޔަގީނެވެ. އެންމެފަހުން ހިތައް ކެއްނުކުރެވިގެން އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އަހަރެން ލޯމަރާލީމެވެ.

ކައިރިން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އަހަރެންގެ ދެލޯ ވަރުބަލިކަމާއިއެކު ހުޅުވާލީމެވެ. ” ޝާހީން، އަދިވެސް……. މިކޮޅުގައި” އަހަރެން ލޮލުގައިވާ ކަރުނަތައް ފުހެލަމުން ހައިރާންވެފައި ހުރެ، އަހަރެންގެ ކުރިމަތީގައި ހުރި ޝާހީން އަށް ބުނީމެވެ. ” ނޫން… ނަޔާ، މިއަދު ރަށަށް އަންނަ ވާހަކަ ނިހާދު ބުނެފައޮތީމަ ހިތައް އެރީ ނަޔާގެ ހާލު ބަލާލަން މިރޭގަ މިކޮޅަށް ޖައްސާލާނިއްޔޭ، ކިހިނެއް މިހާރު؟” ޝާހީން އަހަރެންގެ ހާލު އެނގިހުރެ އަހަރެން ކުރެން އަހާލިއެވެ. ” އެނގޭނު އަހަރެންގެ ހާލަކީ ކޮބައިކަން” އަހަރެން ކުރު ޖަވާބެއް ދިނީމެވެ. ” އަހަރެން މިތާ އިށީންނިޔަސް ހެޔޮތަ؟” ޝާހީން އަހަރެންގެ ކައިރިއަށް އިޝާރާތްކޮށްލަމުން އަހަރެންގެ ގާތުގައި އެހިއެވެ. އަހަރެން ބޯޖަހާލީމެވެ.

” ނަޔާ، ދެން ތިޔަ ހިޔާލުތަކާއި ދުރުވެވޭތޯ ބަލާ، ދެންތިޔަކަމާއި ވިސްނާ ހިތާމަކޮށް ކިތައްމެ ވަރަކަށް ރޮއެ ހެދިޔަސް ދެން މަންމަމެނެއް ނަޔާގެ ކައިރިއަކަށް ނާންނާނެ، ދެންކުރެވެން އޮތްހާވެސް ކަމަކީ އެމީހުންގެ މައްޗަށް ހެޔޮދުއާ ކުރުން، ނަޔާތީ ވަރަށް ވިސްނޭ ކުއްޖެއްނު. ތިޔަގޮތައް ރޮއެ ހިތާމަކޮށް މުޅި އުމުރުދުއްވާލުމަކީ އެހާ ރަނގަޅުކަމެއް ނޫން”ޝާހީން އަހަރެންނަށް ވިސްނައިދެވޭތޯ ބެލިއެވެ.އެރޭ ފަތިސް ނަމާދު ބަންގި ގޮވަންދެން އަހަރެން ޝާހީންއާއި ވާހަކަ ދައްކަން އިނީމެވެ. ހިތުގައިވާ އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނުކަމުގެ އިހުސާސް އަހަރެންނަށް ވިއެވެ. އޭގެ ފަހުން ވަރަށް ގިނަ ރޭރޭގައި އަހަރެންނާއި ޝާހީންއާއި ދެމީހުން އުނދޯލީގައި ވާހަކަ ދައްކަން ތިބެމެވެ. އެހެން ތިބޭ ކޮންމެ ރެއަކުވެސް އަހަރެން ޝާހީންއަށް ޝުކުރުވެރިވަމެވެ. އަހަރެންނަށް ވެދިން އެހީތެރިކަމަށްޓަކައެވެ. މިހާރު އަހަރެމެން ދެމީހުންގެ މެދުގައި އުފެދިފައިވަނީ އެކުވެރިކަމުވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދެއެވެ. މިހާރު އަހަރެން އިންޑިއާއިން އައިފަހުން އަށް މަސް ފާއިތުވެއްޖެއެވެ. ބައްޕަގެ ބައްޔަށް ހަރަދުވި ފައިސާ އަހަރެން ޝާހީންއާއި ނިހާދުއަށް އަނބުރާ ދެއްކީމެވެ. ޝާހީން އެފައިސާގައި ނުހިފަން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އަހަރެން ދެކޮޅުހެދުން ޝާހީންއަށް މަޖުބޫރުކުރުވިއެވެ.

ޝާލްއަކަށް އަހަރެން ނުގުޅަމެވެ. ޝާލްގެ ދިރިއުޅުމަށް އަހަރެންގެ ފަރާތުން އަސަރު ކޮށްފާނެތީއެވެ. އަދިވެސް ޝާލްގެ ނަން ނޫން އެހެން ނަމެއް މިހިތުގައި ލިޔެވިފައެއް ނެތެވެ. ނުވެސް ލިޔެވޭނެއެވެ. ޝާލްވެސް އަހަރެންނަކަށް ނުގުޅައެވެ.އަދި ޝާހީންވެސް އަހަރެންނާއި ގުޅެން ބޭނުންވާ ވާހަކައެއް ނުބުނެއެވެ. އެހެންނަމަވެސް ޝާހީންގެ ދެލޮލުންނާއި އަމަލުތަކުން ޝާހީން އަހަރެންނަށް އެދޭ މިންވަރު ކިތައްމެ ރަނގަޅަކަށްވެސް އަހަރެންނަށް ހާމަވެއެވެ.އެކަމާއި އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން ދިހަގަޑި ބައިވަނީއެވެ. ގޭގެ ކަންތައްތައް ނިންމާލުމަށްފަހު އަހަރެން އައީ ނިހާދުމެންގެ ގެއަށް ނިދާށެވެ. އޭރު ނިހާދުއާއި ނިހާދުގެ މަންމަ ތިބީ އުނދޯލީގައެވެ. ވަރަށް އޮލަވާހަކައެއްގައެވެ. އެމީހުން މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ހާމަވަމުންދިއައެވެ. އަހަރެން ފެނުމާއިއެކު ވާހަކަ ދެއްކުން ހުއްޓާލިއެވެ. ” ނަޔާ އާދެބަލަ މިތާ އިށީންނަން” ނިހާދުގެ މަންމަ އެދެމައިންގެ މެދުގައިވާ ހުސްޖާގައަށް އިޝާރާތް ކޮށްލަމުން އަހަރެންނާއި ދިމާއަށް ބުންޏެވެ. އަހަރެން އިށީންނީމެވެ.

” ނަޔާ، ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން މިގޮވީ. ދައްތަމެންނާއި ދޭތެރޭގައި ގޯސްގޮތަކަށް ނުދެކޭތި. ނަޔާގެ މައިންބަފައިން މަރުވެ ނަޔާ ޔަތީމުވީ ދުވަހުން ފެށިގެން ދައްތަ ދެކެނީ ނަޔާތިއީ ހަމަ މިގޭކުއްޖެއްގެ ގޮތުގަ، މިގޮތައް ކަންތައް ކުރަންޖެހޭތީ ދައްތަ ވަރަށް ދެރަވޭ، އެކަމަކު މިއަދު މިނޫންގޮތެއްނެއް” ނިހާދުގެ މަންމަ އޭނާދައްކަން އުޅޭ ވާހަކަ ފެށުމުގެ ކުރިން އަހަރެންގެ ގާތުގައި ވަރަށް ދެރަވެފައި ބުންޏެވެ.  އަނެއްކާ ދައްތަ ދައްކަން އެއުޅެނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ ކޮންގޮތަކަށް ކޮންފަދަ ކަމެއް ކުރަންޖެހުނީހެއްޔެވެ؟ އަހަރެން ކަންބޮޑުވިއެވެ. އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް ހަމަ އެއްމެ ސުވާލެއްވެސް ނުކޮށް އަހަރެން މަޑުމަޑުން އިނީމެވެ.

“ނަޔާ މާދަމާ މިގޭ ނާހިދާގެ ދެމަފިރިން ނާއި އެމީހުންގެ ދެކުދިން އެނބައާދޭ މިރަށަށް، އޭނާގެ ފިރިމީހާ އުމަރު އުޅުނު އޮފީހުން ކޮންމެވެސް މައްސަލައެއް ޖެހިގެން ކަނޑާލިއްޔޯ، އެމީހުން މިކޮޅަށް އެއްކޮށް ބަދަލުވަނީ، ނަޔާ މިހާރު ތި ނިދާ ކޮޓަރިއަކީ ނާހިދާގެ ކޮޓަރި، އެމީހުން އައުމުން ތިކޮޓަރި އެމީހުންނަށް ދޭންޖެހޭނެ” ދައްތަ ބުންޏެވެ. “އެންމެ ރަނގަޅު، އަހަރެންގެ އެއްވެސް މައްސަލައެއް ނެއް.” އަހަރެން މަޑުމަޑުން ބުނީމެވެ. ” ދައްތައަށް އެނގޭ ނަޔާ އޭރުވެސް ބުނާނީ ތިހެންކަން، އެކަމަކު މިގޭގަ މިހިރީ އެންމެ ދެ ކޮޓަރި، އެމީހުން އައުމުން ދައްތަވެސް ބަދަލުވާނީ ނިހާދު މިހާރު އެނިދާ ކޮޓަރިއަށް.” ދައްތަ ބުންޏެވެ. ” އަހަރެންވެސް ބަދަލުވެދާނަމޭ، އަހަރެންނަކަށް އުނދަގުލެއް ނުވާނެ” އަހަރެން ބުނީމެވެ.” ނަޔާ، އެމީހުންނާއި އެކު އުމަރުގެ ކޮއްކޮ އާމިރު ވެސް އާދޭ، އޭނައަކީ ޑްރަގަށް ގޮސް ހުސްވެފައި ހުރި މީހެއް…. އެކޮޓަރީގައި ކުޑަދޮރެއްވެސް ނެތެއްނު، އެހެންވީމަ ދައްތައަކަށް ނުކެރޭނެ އެތާގައި ނަޔާ ނިންދަވާކަށް، އެކަހަލަ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” ދައްތަ ފުއްނޭވާއެއް ލިއެވެ.އެއަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” އެހެންވީމަ ދައްތައާއި ނިހާދު ވާހަކަ ދައްކާފަ މި ނިންމީ ނަޔާ ނަޔާމެންގެ ގޭގައި ނިދާގޮތައް، ދައްތަ ނޫނީ ނިހާދު ނަޔާއާއި އެކު ނިދަންދާގޮތައް، މިގޮތައް މި ނިންމީ ނަޔާއަށް ދެރަގޮތެއްވާން ދައްތަމެން ބޭނުން ނުވާތީ، އެ އާމިރަކީ މިދޭތެރެއިންވެސް މާލޭގައި އެކަހަލަ ވިޔާނުދާ އަމަލެއް ހިންގާފަ ހުރި މީހެއް، ހަގީގަތައް ބުނާނަމަ އެކަހަލަ މީހެއް އަހަރެމެންގެ ގެއަށް ވައްދާކަށް އަހަރެން ބޭނުމެއްވެސް ނޫން…. އެކަމަކު ދަރިޔަކު ކުރާކަމަކަށް ދެކޮޅު ހެދުމަކީ އެހާ ރަނގަޅު ކަމެއް ނޫންވިއްޔަ…. އޭރުން ނާހިދާގެ ދިރިއުޅުން ހަލާކުވެ އެ ކުޑަކުޑަ ދެކުދިން ނިކަމެތިވެދާނެ” ދައްތަ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަހަރެން ބޯޖަހާލީމެވެ. ” ނަޔާ، އެކަމަކު ދައްތަ ވާހަކައެއް ބުނަންތަ؟” ދައްތަ އަހަރެން ކައިރީގައި އެހިއެވެ. އަހަރެން ބޯޖަހާލީމެވެ. “ނަޔާ މިއީ ނަޔާ މިގެއަށް އަންނާތީ އުނދަގޫވެގެން ދައްތަ ބުނާއެއްޗެއް ނޫން އިނގޭ. ދައްތަ ދުނިޔޭގައި ހުރިހާ ދުވަހަކު ނަޔާއަށް މިގެއަށް ވަދެވޭނެ،” ދައްތަ ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. ” ނަޔާ، ދައްތައަށް ހީވަނީ ނަޔާ ދެން ދިރިއުޅުމެއް ފަށަންވީހެން” ދައްތަ އެހެން ބުނުމާއިއެކު އަހަރެންނަށް ދައްތަގެ މޫނަށް ބަލައިލެވުނެވެ.

” ނަޔާ، ވިސްނާލަބަލަ، މާދަމަވެސް ދައްތަ ލޯމަރާލަފާނެ، ނިހާދު އެހެރީ މިއަދުވެސް މީހަކާއިންނަން ތައްޔާރުވެފަ، އެދުވަހަކުން ތިޔަ ގެއަށް ނިދާކަށް އަހަރެމެންނަކަށްވެސް ނުދެވޭނެ، މީހަކާއި އިނުމުން އެމީހެއްގެ ފަރާތުން ނަޔާއަށް އެއްބާރުލުމާއި އެހީއެރިކަން ލިބޭނެ، ނަޔާގެ ގޭގައި ނަޔާއަށް އުފަލުގައި ގެހެވި ދިރިއުޅުމެއް އުޅެވޭނެ، އެމީހެއްގެ ދިރިއުޅުމާއިދޭތެރޭ އެމީހަކު ނުވިސްނިވަރަކަށް ދެން ވިސްނަން ހުންނަނީ އެހެން ކާކު؟” ދައްތަ އަހަރެންނަށް ވިސްނައިދިނެވެ. ދައްތަ ދެއްކި ވާހަކައާއި ދޭތެރޭގައި އެރޭ ނިދަންއޮވެ އަހަރެން ވަރަށް ވިސްނީމެވެ. އެކަމަކުވެސް ޝާލް ނޫން މީހަކާއިއެކު އަހަރެންނަށް ދިރިއެއް ނޫޅެވޭނެއެވެ. އަހަރެންގެ ހިތް އެކަމާއި އެއްބަހެއް ނުވިއެވެ. އަހަރެންނަށް ރޮވުނެވެ. އަހަރެންގެ ނިކަމެތިކަން ހިތައް އެރުމުންނެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. ނާހިދާމެން ރަށަށް އައިފަހުން ދެހަފްތާ ވަނީއެވެ. އަހަރެންނާއި އާމިރު އާއި ވަރަށް ގިނައިން ދިމާވެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު އޭނާ އަހަރެންނާއި ދިމާއަށް ތަފާތު ބެލުމަކުން ބަލައެވެ. ބައެއް ފަހަރު އެއްލޯ މަރާވެސް ލައެވެ. އަހަރެން އަޅައެއް ނުލަމެވެ. އެންމެ ފަހުން އާމިރު އަހަރެންނަށް ލޯބި ހުށައެލިއެވެ. އަހަރެން އިންކާރުކުރީމެވެ. އެކަހަލަ ވިޔާނުދާ މިހަކާއި ވައިވެސް އެޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެއްދުވަހެއްގެ އިރު އޮށްސުނު ގަޑިއެވެ. އަހަރެން ނަމާދުކޮށްލައިގެން މޭޒުކައިރީގައި އިށީންނީމެވެ. އަހަރެން ގެނެސްފައި ހުރި ފޮތްތައް މާރކްކުރުމަށްޓަކައެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށްށެވެ. އަހަރެން ސިއްސައިގެން ގޮސްފައި އެދިމާއަށް ބަލައިލީމެވެ. ދޮރުލެއްޕުމަށްފަހު ދޮރުފަތުގައި ލެގިލައިގެން ނުލަފާ ހިންޏެއް އައިސްފައި އާމިރު ހުރިއެވެ. އާމިރު ފެނުމާއި އެކު އަހަރެންނަށް ބިރުން ފުންމައިގެން ތެދުވެވުނެވެ. އެއާއިއެކު އޭނާ އަހަރެންނާއި ކައިރިއަށް އަންނަން ފެށިއެވެ. އަހަރެން ނަށް ފަހަތަށް ޖެހެވެމުން ޖެހެވެމުންގޮސް ފާރުގައި ޖެހުނެވެ. އެއާއިއެކު އޭނާ އައިސް އަހަރެންނާއި އަރާ ހަމަކުރިއެވެ.

އޭނާގެ ދެއަތްތިލަ އަހަރެންގެ ހަށިގަނޑުގެ ދެފަރާތުން ފާރުގައި ޖެއްސިއެވެ. އަދި އަހަރެންނާއި ހައްތާ ބޮޑަށް ކައިރިވެލިއެވެ. ” ނަޔާ، މިވަގުތައް މަ އިންތިޒާރު ކުރާތާ ކޮންދުވަހެއް. ނަޔާ ކީއްވެތަ ތިހާ ރީތީ، މަ ބޭނުން ނަޔާއާއި ރައްޓެހިވާން. މަށާ ރައްޓެހިވާންވީނު” މިހެން ބުނަމުން އާމިރު އޭނާގެ ޝަހާދަތް އިނގިލި އަހަރެންގެ ނިތްކުރީގައި ޖައްސާލުމަށްފަހު މަޑުމަޑުން ތިރިއަށް ގެންދަންފެށިއެވެ. އަހަރެން އޭނާގެ އަތް ފޮލުވާލީމެވެ. “ނަޔާ، ނަޔާގެ ގައިން ހާދަ މިރުވަސް ދުވައޭ……. ހުވާ” މިހެން ބުނަމުން މަޑުމަޑުން އޭނާ އަހަރެންގެ މޫނާއި ކައިރިވާންފެށިއެވެ. އަހަރެން ދެއަތުން އޭނާގެ ބަނޑުގައި އަތް އަޅައި ކޮށްޕާލީމެވެ. ” އާމިރު މޮޔަވެގެންތަ ތިޔައުޅެނީ، އަހަރެން އާމިރުދެކެ ލޯތްބެއް ނުވޭ، ލޯބިނުވާ މީހަކާއި އެކު އުޅޭނި ކިހިނެއް، އަހަރެންނެއް ބޭނުމެއްނޫން އާމިރުއާއި ރައްޓެހިވާކަށް” އަހަރެން އާމިރުއާއި ދިމާއަށް ބުނީމެވެ.އޭރު އަހަރެންނަށް ރޮވިއްޖެއެވެ. “ބުނަންތަ ވާހަކައެއް، މަށަކީ އެއްއިރެއްގައިވެސް މީހުންގެ ބިޓުން ފަހާ ދުވާ މީހެއްނޫން، ނަޔާގެ ބިޓެއްވެސް ނުހުރެއެއްނު، ދެން ކީއްވެ؟ ތިމަލުގެ ފޮނިކޮޅު ބޯލަން މަ ވަރަށް ބޭނުން…. ކޮންމެ ގޮތެއްވިޔަސް މަށަށް ނަޔާ ވަރަށް ރީތި، މަށެއް މިކަމެއް ނުހުއްޓާނަން، މާނައަކީ މަ ބޭނުންވާ ކަމެއް މަކުރާނަމޭ…….. މަށަކީ ވަރަށް ނުލަފާ މީހެއް……އިނގޭ ސްވިޓީ” އާމިރު އަހަރެންގެ ނޭފަތުގައި މަޑުމަޑުން ހިފާލަމުން ބުންޏެވެ. އެއަށްފަހު އާމިރު ނިކުމެގެން ދިޔައީއެވެ. އަހަރެން ﷲ އަށް ޝުކުރުކުރީމެވެ. މަގުން ކައްސާލާފައިވާ މީހެއްގެ ވަކިތަކުން އަހަރެން ސަލާމަތްކޮށްދެއްވި ކަމަށްޓަކައެވެ. އަހަރެން ވަރަށް ގިނައިރު ވަންދެން އަހަރެންގެ ދިރިއުޅުމާއި ދޭތެރޭގައި ވިސްނާފައި ރުއީމެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ.

އޭރުގަޑިން ނުވަގަޑި ބައިވަނީއެވެ. އަހަރެން ގެއިން ނިކުމެގެން ހިނގާފައިގޮސް ނިހާދުމެންގެ ގެއަށް ވަނީމެވެ. އޭރު އެގޭ އުނދޯލިގައި ޝާހީން އިނެވެ. ކޮފީއެއް ބޯށެވެ. އަހަރެން ގޮސް އޭނާގެ ކައިރީގައި އުނދޯލީގައި އިށީންނީމެވެ. ” ޝާހީން އަހަރެން މިއައީ ޝާހީން ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަން……ޝާހީން، އަހަރެން މިއުޅެނީ މެރީކުރަން، ވީ އެންމެ އަވަހަކަށް” އެވަގުތު ޝާހީން އަތުގައި ހުރި ކޮފީތަށި އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. ޝާހީން އަހަރެންނަށް ބަލައިލިއެވެ. އަހަރެންވެސް ޝާހީންއަށް ބަލައިލީމެވެ. ހަމަ އެއާއިއެކު އޭނާ އިސްޖަހާލިއެވެ. ” މެރީ….. މެރީ ކުރާށޭ ކާކާ؟ ކީއްވެ ތި ވާހަކަ ކުރިން ނުބުނީ؟ ނަޔާ އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟ ” ޝާހީން އެތައް ސުވާލެއް މަތިމައްޗަށް އަމުނާލިއެވެ. ” ކޮންމެ މީހަކަށްވެސް އެމީހަކުދެކެ ލޯބިވާ މީހަކު ލިބުމުން ގިނަދުވަސްތަކެއް ކުރުމުގެ ބޭނުމެއް ނެތެއްނު،” އަހަރެން ޝާހީން އަށް ބުނީމެވެ. ޝާހީން ބޯ ޖަހާލިއެވެ. ” ނަޔާ،……. ނަޔާ މެރީކުރަނީ ކާކާތަ؟ އެ ނަސީބުވެރިއަކީ ކާކު؟” ފެންކެޅިވެފައި އިނދެ ޝާހީން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން ޝާހީންއަށް ބަލައިލީމެވެ.

ނުނިމޭ

3

7 Comments

  1. Mexxo

    August 31, 2016 at 3:32 pm

    nice

  2. Sinaa

    August 31, 2016 at 3:43 pm

    Wow!amazing ???????? ????????waiting nextpart

  3. Maa

    August 31, 2016 at 3:47 pm

    nice…. waiting for next part

  4. Sabeeha

    August 31, 2016 at 5:12 pm

    vv reethi..??

  5. Love

    August 31, 2016 at 6:42 pm

    E naseebu veriyaa shaaheen ah hadhaa thi. Pls pls pls. ❤❤❤❤❤❤❤

  6. fahee

    August 31, 2016 at 11:31 pm

    Nice

  7. lai

    September 1, 2016 at 11:40 pm

    Aneh bai kobr manjey…. up kurevey vareh nuvey dhw adhi vx….

Comments are closed.