އަހަރެންގެ ވާހަކަ (ސަތިރީސްވަނަ ބައި)

- by - 0- August 12, 2016

ހަފްތާއެއްގެ ފަހުން އަދްހަމްމެންގެ ރަށަށް އާދެވުނެވެ. ހުދު ދޮންވެލިގަނޑާއި ސާފު މޫދެއް ލިބިފައިވާ ރީތި ރަށެކެވެ. ކުޅިތަކާއި ހިތްގައިމު ތުނޑިއެއް ލިބިފައިވާ ޤުދުރަތީ ރީތި މަންޒަރުތައް ފުރިފައިވާ ތަފާތު މާޙައުލެކެވެ. މޫދު ފެނުމުން އެތައް ދުވަސްތަކެއްފަހުން ނޫރުގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.

“ޑެޑީ..” އަހަރެން ހުރީ ބިއްލޫރިކޮޅެއްހާ ސާފު މޫދަށް ބަލަހައްޓައިގެންނެވެ. ނޫރު އައިސް ބައްދާލީ އަހަރެންގެ ދެފައިގައެވެ. ފުރަގަހުން ފެންނައިރަށް ގިނަ މީހުންނަށް ދޮންބެއާއި ވައްތަރުކަމުގައި ބުނެއެވެ. ނޫރުއަށްވެސް އޮޅުނީ އެހެންކަމަށްވެދާނެއެވެ. އޭނަ ބުނި އެއްޗެއް އަޑު އިވުނުކަމަށް ނަހަދާ އޭނަގެ އަތުގައި ހިފާލައިގެން ގޮސް މޫދާއި ދިމާލަށް ހިގައިގަތީމެވެ.

“ނޫން ލުކް..” ދުވެފައި އައި ޝާލީ އޭނަގެ އަތުގައި އޮތް ކުޑަ ކުޑަ ބޮއްޔެއް ދައްކާލިއެވެ.

“ވާއޮ.. ދޮންތި ކޮންތާކުން ހޯދި އެއްޗެއް..” އަހަރެންގެ އަތް ފޮޅުވާލަމުން ނޫރު ޝާލީގެ އަތުގައި އޮތް ބޮލި ނެގިއެވެ. އޭނަގެ މޫނުމަތިން ޝައުޤުވެރިކަން ފެނުނެވެ.

“މިތާ ބީޗް ކައިރިން ފެނުނީ.. ހިނގާ ކަލެކްޓް ކުރަމާ..” ޝާލީ ނޫރުގެ އަތުގައި ހިފާލައިގެން ހިގައިގަތެވެ. ނޫރުވެސް އުފަލުން ޝާލީއާއިއެކުގައި ދިޔައެވެ. އަހަރެން މިސްރާބުޖެހީ ތަންކޮޅެއް އެއްގަމުގައި އިށީނދެލައިގެން ތިބި މަންމަމެން ގާތަށްދާށެވެ.

“ވަރަށް ރީތި މޫދެއްދޯ.. ” މަންމަ ގާތުގައި އިށީންނަމުން ބުނެލީމެވެ. މަންމަ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ދޮންބެގެ ހަނދާންތައް އަދިވެސް މަންމައަށް އުދަނގޫކުރަމުންދަނީ ކަންނޭނގެއެވެ. އަހަރުމެން އެންމެންގެ ހިތުން ދުވަހަކުވެސް އެހަނދާންތައް ފިލާނެކަމެއް ނޭނގެއެވެ. އަބަދުވެސް ހިތުގައި އެލޯބި ވާނެކަން ޔަޤީނެވެ. ދަރިން ބައްޕައަކު ދެކެ ވާ ލޯބި އަހަރުމެން ދޮންބެދެކެވެއެވެ.

“ތުނޑި އަދި މާ ރީތިވާނެ.. އެއްދުވަހަކުން ވާނެ ތުނޑިއަށް ޖައްސާލަން..” އަދްހަމްގެ މަންމަ ބުނެލިއެވެ.

“ތިއްތި މިހާރު ތުނޑިއަށްވެސް ގޮސްސިންދޯ..” ޝިއުޒް އަހަރެންނާއިދިމާލަށް ބަލާލިއެވެ.

” ހޫމް.. އަދޫ އާއެކީ..” އޭރު ޝާލީ ނޫރު އުރާލައިގެން އަހަރުމެން ތިިބި ދިމާލަށް އާދެއެވެ.

” ހާދަ އަވަހަކަށް ތިއައީ؟ މިހާރު ޝެލް ހޮވާ ނިމުނީތަ؟” ކިއާރާ ނޫރުގެ އަތުގައި ހިފާލިއެވެ.

” ނޫން ވަރަށް ބަނޑުހައި..” އެއީ ދޮންބެ ނިޔާވިފަހުން ފާއިތުވެގެން ދިޔަ ދެމަސްދުވަސްތެރޭގައި އޭނަ އަމިއްލައަށް އެހެންބުނި ފުރަތަމަފަހަރެވެ.

” އަވަހަށް އާދޭ ސޭންޑްވިޗެއް ކާލަން.. ދޮންތިވެސް އިށީނދެބަލަ..” ނޫރު ކާންއިނީ މަންމަގެ އުނގުގައެވެ. އިރުކޮޅަކާއި އެމައުސޫމު މޫނަށް ކަޅި ހުއްޓާލެވެއެވެ. އެތައް ދުވަހަކަށްފަހު އެމޫނުމަތިން ހަމަޖެހުމުގެ ކުލަވަރުފެނުނެވެ. އަހަރުމެން ގެއަށް ދާން ހިގައިގަތީ ހަވީރު ފިނިޖެހެން ފެށުމުންނެވެ. އެމާޙައުލުވީ ނޫރު އެންމެ ގަޔާވި މާޙައުލަށެވެ.

އަދްހަމްމެންގެ ބޮޑުގެއާއި ދިމާލަށް އެންމެން މިސްރާބުޖެހިއެވެ. އެންމެ ޒަމާނީ ގޮތަށް އިމާރާތްކުރެވިފައިވާ ގެއެކެވެ. ގޭގެ ގޯތީތެރޭގައި އެކި ވައްތަރުގެ މާމެލާމެލި ހައްދާފައިވެއެވެ. ހިޔާލިބޭ އެކި ވައްތަރުގެ ބިޔަގަސްތަކުން ގޯތިތެރެވަނީ ހިޔާވެފައެވެ. ހިތަށް ހަމަޖެހުން ގެނެސްދޭފަދަ މާޙައުލެކެވެ.

” ހިނގާބަލަ މަސްދަތުރެއް ރާވަަމާ..” ގެއަށްވަދެފައި އަހަރުމެން ޖައްސާލީ ބޭރުގައި ބެހެއްޓިފައިވާ ޖޯލިފަތީގައެވެ.

” ހަމަ ދާންވީ.. ކޮބާތަ އަދޫގެ ގުރޫޕު.. އެންމެންނާ ވާހަކަ ދައްކައިގެން ހިނގާބަލަ އަވަހަށް ތިކަމާ އުޅެން..” އަހަރެންވެސް އޭނަގެ ވާހަކައަށް ތާއީދުކުރީމެވެ.

” މަވެސް އެމީހުންނާ ވާހަކަ ދައްކައިފިން.. ދޯންޏެއް ހަމަނުޖެހިގެން އަދި ލަސްވަނީ..” އަދްހަމް އޮޅުންފިލުވައިދިނެވެ.

” ތިމީހުންނަށް ކަމެއް ވެދާނެ.. އެހެންވީއިރު ހިނގާ ތޮށިމައްޗަށް ދާން..” ޝިއުޒް ހިޔާލެއްދިނެވެ.

” އަހަރުމެންނަކަށް ނޫންކަމެއް ނޭނގެ ކަމެއް ނުވަނީ.. ކަންކުރަންއުޅޭ މީހާއެއް ނުފެންނާނެ ރޭގަނޑުވެއްޖިއްޔާ ދޯ މާލް..” އަދްހަމްގެ ވާހަކައިން ޝިއުޒް ރަކިވިއެވެ.

ހިތަށް މާޔޫސްކަން ލިބިގެންދިޔައީ ހަޔާތުގައި އެކަނިވެރިކަން އިޙްސާސްކުރެވެމުންދާތީއެވެ. ކޮންމެތާކަށް ދިޔަޔަސް އެއިޙްސާސެއް ވަތްކެއްނުވެއެވެ. ހަފަރާތުންވެސް ހަނދުމަކޮށްދެމުންދަނީ އަހަރެންގެ އެކަނިވެރިކަމެވެ. ދޮންބެގެވަކިވުމުން ވަކިންބޮޑަށް އެކަނިވެރިކަން އިޙްސާސްކުރެވެއެވެ. އަބަދުހެން އަހަރެންނަށް ނަސޭޙަތްދީ ރަނގަޅު މަގު ދައްކައިދޭން ހުރީ ދޮންބެއެވެ. ކުއްލިއަކަށް ދޮންބެގެ ވަކިވުމަކީ ހިތާއި ސިކުނޑިއަށް ޤަބޫލުކުރެވޭނެ ކަންކަމެއްނޫނެވެ.

” މަ އެބައަންނަން އިނގޭ މިތާ ކައިރީގަ މިއޮތް ކުޅިއަށް ގޮސް..” އަދްހަމްމެންގެއާއި ކައިރީގައި ވަރަށް ރީތި ކުޅިއެއް އޮވެއެވެ.

“ތިއްތީ ދާނަން..” ޝާލީއަށް އަޑުއިވިގެން އައެވެ. އަހަރުމެން ދެމީހުން އެތަނަށް ދިޔައިރު އެއްވެސް މީހަކު އެހިސާބުގައި ފެންނާކަށް ނެތެވެ. ރަނޑޫގަސްތަކާއި ކުރެދިގަސްތަކުގެ މެދުގައިވަނީ ވަރަށް ރީތި ކުޅިއެކެވެ. މާކަނައާއި އިރުވާހުދާއި ތަފާތު ވައްތަރުގެ ދޫނިތައް އެހިސާބަށް އައިސްގޮސްވެއެވެ. ކުޅިއާއި ތަންކޮޅެއްދުރުގައި ރުއްތަކާއި ތަފާތު ވައްތަރުގެ ބިޔަގަސްތައް ހެދިފައިވެއެވެ.

” ވާއޮ..” އުދުހިފައިދިޔަ މާކަނައެއް ފެނުމުން ޝާލީ ގޮވާލިއެވެ. އޭނަ އަހަރެންގެ އަތުގައި އޮޅުލައިގަތެވެ.

“ބަލާލަ މިއޮއް ދުވާލުގަނޑީވެސް.. ޕިސް ޕިސް ބޮޑުވަރު..” އަންހެނެއްގެ އަޑުއިވުމުން އަހަރެން ފަހަތްބަލާލީމެވެ. އޭރު ތަންކޮޅެއްދުރުގައި ދެއަންހެނުން ތިއްބެވެ. އެމީހުންއައީ ކާށިހޮވައިގެންކަން އެނގުނީ ކައިރީގައި ބެހެއްޓިފައިހުރި ދެބަރޯއިންނެވެ. އެމީހުންގެ ވާހަކައިން އަހަރެންގާތަށް ހިނިއައެވެ. އަންހެންކުއްޖަކާއި ފިރިހެނެއް ކުއްޖެއް ތަނެއްގައި އެކަހެރިކޮށް ތިއްބާ ފެނިޖިއްޔާ އެވާނީ ނަމަހަ ގުޅުމެއް ހިންގަނީކަމަށް ހެއްޔެވެ؟

” އެސްކިއުޒް މީ.. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ.. ސޯ ޕްލީޒް އަހަރުމެންގެ ގުޅުމަށް އެހާ ދަށުދަރަޖައިގެ އިއްޒާމު ނާޅުވާ.. އެން ވަންމޯރ ތިންކް.. އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު އެކަނި ތިބުމުގެ މާނައަކީ އެމީހުން ގޯސްކަމެއް ކުރަނީކީނޫނޭ..” އަހަރެން އެމީހުންގެ ކުރިމައްޗަށް ހުއްޓުމަށްފަހު ބުނެލީމެވެ. އިރުކޮޅަކުން އެމީހުން ކުދިކިޔަމުން ހިގައްޖެއެވެ. ޝާލީ އޭރު އޭނަގެ ފޯނުން ފޮޓޯނެގުމުގައި އަވަދިނެތި އުޅެމުންދިޔައެވެ.

“ހިނގާ ދާން.. މަޤްރިބަށް ގޮވަނީ..” ބަންގި ގޮވާއަޑު އިވެމުންދާތީ ޝާލީ ގޮވައިގެން އަހަރެންބެލީ އަވަހަށް ގެއަށްދެވޭތޯއެވެ. ގެއަށްދިޔަ މަގުމަތީގައި ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދިނުމުން އޭނަހޭންފެށިއެވެ. ޝާލީ ގެއަަށްލުމަށްފަހު އަހަރެންބެލީ މިސްކިތަށްދެވޭތޯއެވެ.

ހަފްތާއެއް ފާއިތުވިއިރު ނޫރުގެ މިޒާޖަށް ބަދަލުތަކެއް އަންނަމުންދިޔަކަން ފާހަގަކުރެވުނެވެ. ކުރިން އެއްގޮތަކަށްވެސް ވާހަކަ ނުދައްކާހުރިނަމަވެސް މަޑުމަޑުން އެބައިވެސް ރަނގަޅުވަމުންދިޔައެވެ. އޭނަ އަމިއްލައަށް ފެނިގެން އަމިއްލަ ކަންތައްތައް ކުރަންފެށިއެވެ. އެންމެންނާއިއެކީ ސަކަރާތްޖަހާ މަޖާކުރަންފެށިއެވެ. ޚާއްސަކޮށް އަހަރެންނާމެދު ގާތްގުޅުމެއްބާއްވައެވެ.

“ތިއްތީ އާދެބަލަ..” ހެނދުނުގެ ސަޔަށްފަހު ޝިއުޒް އެދުނެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އެމޫނުމަތިން ހާމަވަމުންދިޔައެވެ.

“ކިހިނެއްވީ ހާދަ ހާސްވެފަ..” އަހަރެން އެހީމެވެ.

” ޔޫސުފެބެގެ ފޯނެއް އައީ.. ބުނި ތިއްތިއަށް ނުގުޅިގެންނޭ.. އެމީހުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެޕާރޓުމެންޓު ހުސްކުރަން.. ކުރިންވެސް އެމީހުންބުނި ދުވަސް ފަހަނައަޅައި ހިނގައްޖެ.. ހުރިހާކަމެއް މިހާއަވަހަށް ހިނގީމަ އަހަރެންވެސް ހަނދާނުން ކައްސާލީ..” އަހަރުމެން ދިރިއުޅެމުންދާ އިމާރާތް އާކުރަން ބޭނުންވާތީ އެތަންހުސްކުރަން ވަކި ތާރީޚެއް ކަނޑައަޅައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް ހުރިހާކަމެއް އެއްފަހަރާއި ދިމާވަމުންދިޔުމުން އެއްވެސް މީހެއްގެ ހަނދާނުގައި އެކަންނުވީއެވެ. މައްސަލައަކީ ފައިސާއެއްނޫނެވެ. ވަގުތެވެ. އެހާއަވަހަށް ރަނގަޅުތަނެއް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟

“ކިހިނެއް އެހާ އަވަހަށް ތަނެއް ހޯދާނީވެސް؟ އަނެއްކާ ހާދަގިނަ އެއްޗިއްސެއް ބަދަލުކުރަންވެސް ޖެހޭނޭ..” އެއީވެސް ކުޑަކަމެއްނޫނެވެ. އަހަރުމެންގެ ޅައުމުރު ހޭދަކުރީ އެތަނުގައެވެ. އެއީ އަމިއްލަ ގެއެއްފަދަ ތަނެކެވެ.

” އަހަރެން އެބައުޅެން ތިކަމާ.. އެކަމަކު ކޮންމެވެސް އެކަކު މާލެގޮސްގެން މިކަންކުރެވޭނީވެސް..” ޝިއުޒް އެބުނީ ތެދެކެވެ. އެކަމަކު މިއީ އެކަކު އެކަނިކުރެވޭނެވަރުގެ ކަމެއްވެސް ނޫނެވެ.

” އަހަރެންދާންވީތަ؟” އަހަރެން އަހާލީމެވެ. ކިއާރާ ގޮސްފިނަމަ ނޫރުއަށް އޭގެ އަސަރުކުރާނެއެވެ.

” އުހުނހު.. ނޫންއަށް ކިހިނެއްވާނީ ޝީ އެޓޭޗް ޔޫ ސޯ މަޗް.. އާފްޓަރ އޯލް އޭނައަށް އޭނަގެ ބައްޕަ ފެންނަނީ ތިއްތިގެ ފަރާތުން..” އެއީވެސް ތެދެކެވެ.

” އެކަމަކު އިޒް އެކަނިގޮސްގެން ވާނެތަ؟” އަހަރެން އަހާލެވުނެވެ.

“ޑޯންޓްވޮރީ ކިއާގެ ފެމެލީވެސް އެބައުޅޭ މާލޭގަ.. އެމީހުންވެސް ހެލްޕްވާނު.. އެހެންނޫނީ އަދޫބެ ގޮވައިގެން ދާންވީ ކަންނޭނގެ..” އަހަރެންވެސް ބޭނުމީ ދާށެވެ. ޝިއުޒްއަށް އެކަނި އެހާބުރަ އުފުލަން ޖައްސާކަށް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް ހުރިހާވެސް މައްސަލައަކީ ނޫރު އެކަނިކޮށްލާފައި ދާންޖެހޭތީއެވެ. ދޮންބެއަށްޓަކައިވެސް އޭނަ ދޫކޮށްލާފައި ދާކަށް ހިތެއް އެއްބަހެއްނުވެއެވެ.

” މަ ބުނާނަން ނިޒާމުއާއި ހުސެންކައިރީވެސް.. އެމީހުންވެސް ހެލްޕްވާނެ.. އެންޑްް މަވެސް އެބަބަލަން ރަނގަޅު ތަނެއް ލިބޭތޯ..” ޝިއުޒްގެ ކޮޑުގައި ޖަހާލަމުން އަހަރެން ފޯނު ހިފައިގެން ހިގައިގަތީމެވެ. ދެތިން ރައްޓެއްސަކަށް ގުޅައިގެން ދެތިން ތަނެއްގެ ނަންބަރު ނޯޓްކޮށްލީމެވެ. ފަހަރަކު ނަންބަރަކާއި ގުޅަމުންދިޔައިރުވެސް ހިތްހަމަޖެހޭފަދަ ތަނަކާއި ދިމަލެއްނުވިއެވެ. އެންމެފަހު ނަންބަރާއި ގުޅާލީ ރަނގަޅުގޮތެއްވުމަށް އެދިގެން ދުޢާކުރަމުންނެވެ. އެނަންބަރަށް ގުޅާލުމުން ނެގީ އަންހެނެކެވެ. ކޮންމެވެސް ތަނަކުން އިވިފައިވާ އަޑެއްހެންހީވިއެވެ. އިމާރާތުގެ ނަން ބުނަމުން ހުސް އެޕާރޓުމެންޓެއް ހުރިތޯ ސުވާލުކޮށްލީމެވެ. ކަންދިމާކުރިގޮތުން ހުސް އެޕާރޓުމެންޓެއް ހުރުމުން އެހެންމީހަކަށްނުދީ އެތަން ބެހެއްޓުމަށް އެދުނީމެވެ. އެމީހާ އެދުނީ ވީހާވެސް އަވަހަކާއި ބައްދަލުކޮށް އެކަން ނިންމުމަށެވެ. ކޮންމެ ގޮތެއްވިޔަސް އެއްދުވަހަށް ނަމަވެސް މާލެދާން އެބަޖެއެވެ.

މަންމެންނާއި ވާހަކަ ދެއްކުމަށްފަހު ޝިއުޒްއާއި ދެމީހުން މާލެދިޔައީ ޖެހިގެން އައިދުވަހުއެވެ. އެންމެ ފުރަތަމަވެސް ދެމީހުންވެސް އަވަސްވެގަތީ ގެއަށްވަދެ އެއްޗެހިތައް ބެކްކުރެވޭތޯއެވެ. ޝިއުޒްގެ ބައެއް އެކުވެރިންނާއި ހުސެންއާއި ނިޒާމުގެ އިތުރުން އެކުގައި މަސައްކަތްކުރި ބައެއް އެކުވެރިން އެހީތެރިކަމާއެކު އެކަންތައްވެސް ފަސޭހަކަމާއެކު ކުރެވުނެވެ.

އަންހެންމީހާއަށް ގުޅުމަށްފަހު އެޕާރޓުމެންޓު ބަލަންދިޔައީ ޝިއުޒްއާއި ދެމީހުންނެވެ. އެއީ މީގެކުރިން އަހަރެންދިޔަ އިމާރާތެކެވެ. އެތެރެއަށްވަދެ ލިފްޓްތެރޭގައި ހުރެގެންވެސް އަހަރެން ވިސްނަމުންދިޔައީ އެއީ ކޮންބޭނުމަކު އަހަރެންދިޔަތަނެއްކަން ހަނދާންކުރެވޭތޯއެވެ. ނަމަވެސް ހަނދާންވާގޮތެއްނުވިއެވެ. ލިފްޓުން ނިކުތުމަށްފަހު ބެލްޖަހާލަމުން ދޮރު ހުޅުވީ މެދުއުމުރުގެ އަންހެނެކެވެ. އެއީ ހަމަޤައިމުވެސް މީގެކުރިން އަހަރެންދުށް މީހެއްނޫނެވެ.

” ޝިމާލް.. ކުރިންދުވަހު ގުޅިން..” ސަލާމަށްފަހު އަހަރެން ބުނެލީމެވެ.

” އެޕާރޓުމެންޓު ހޯދަން ދޯ.. އާދޭ އެތެރެއަށް..” ހިނިތުންވުމާއެކީ އެމީހާ އެތެރެއަށްވަނުމަށް ދަޢުވަތުދިނެވެ.

” ފަރިޔާލު އާދެބަލަ..” ކުއްލިއަކަށް ހަނދާންވިއެވެ. އެއީ ޒައިކްގެ މަންމަ ފަރިޔާލެވެ. މީ އެމީހުން އުޅެމުންދާ އިމާރާތެވެ. ޝިއުޒްގެ ގައިގާ ކޮށްޓާލަމުން ޒައިކްގެ މަންމައޭ ބުނެލީމެވެ. ޒައިކްގެ މަންމަ މަޑުމައިތިރި ހިނގުމެއްގައި އައިސް ހުއްޓުނެވެ. އަހަރެން ފެނުމާއެކީ އޭނައަށް އެނގިއްޖެއެވެ. އޭނަ އަހަރުމެން ގޮވައިގެން އިމާރާތުގެ ފަސްވަނަ ބަޔަށްދިޔައެވެ. ހިތްގައިމު ތަނަވަސް އެޕާރޓުމެންޓެކެވެ. ހަތަރުކޮޓަރިއާއި ބަދިގެބަޔާއި ސިޓިންގރޫމުހުއްޓެވެ. އަހަރެންގެ ލޮލުގައި އެންމެ އަޅައިގަތީ މަގުތައް ފަސޭހައިން ފެންނާނެހެންހުރި ބެލްކަނިފެނުމުންނެވެ.

“ވަރަށް ހިތްގައިމު..” އަހަންނަށް ބުނެލެވުނެވެ. ޝިއުޒްވެސް ތަނާއިމެދު ހިތްހަމަޖެހުނެވެ.

އެދުވަހު އެގްރީމެންޓުގައި ސޮއިކުރުމަށްފަހު ތަނަށް އެއްޗެހިތައް ބަދަލުކުރެވުނެވެ. ކުރިންބުނެފައިވާ އަގަށްވުރެ ކުޑަކޮށް އިނުމުން އަހަރެން ހައިރާންވިއެވެ. އެމީހުންނަށް އޮޅިގެން ޖެހިފައި އިން އަދަދެއްކަމަށްވެދާނެތީ ޒައިކްގެމަންމައާއި ސުވާލުކޮށްލީމެވެ.

” އެއީ ހަމަ އަހަންނަށް އެނގިގެން ވީކަމެއް.. އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދައިދިން މީހަކަށް އަހަރެން ބޭނުންވަނީ މިއަށްވުރެވެސް އަގުހުރި ހަދިޔާއެއްދޭން.. އަހަންނަށް ވެގެންވާނަމަ ތިޔަދަރިފުޅަށް މިއެޕާރޓުމެންޓު ހިބައިން ދިނީމުސް..” އަހަރެންގެ މޫނުގައި ފިރުމާލަމުން އޭނަ ބުނެލިއެވެ.

” އަހަރެން އަދާކުރީ އަހަރެންގެ ޒިންމާ.. އަހަރެންގެ މަޤާމުގައި ކޮންމެ މީހަކުހުރިނަމަވެސް ކަންތައްކުރާނީ އެހެން.. އޭގެ ބަދަލުގައި އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން..” އަހަރެން ހިތުގައިވާ އެއްޗެއް ސާފުކޮށްދިނީމެވެ.

” ކޮންމެ މީހަކު ނުކުރާނެ.. އެހެންނޫންނަމަ އަހަރެންގެ ދަރިފުޅަށް އިންސާފު ނުލިބި މިހާދުވަހެއްނުވާނެ.. މަންމައެއްގެ ހައިސިއްޔަތުން ދަރިއަކަށް ދޭ އެއްޗެއް ގޮތުގައި ޤަބޫލުކުރޭ..” އެންމެފަހުން އަހަންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެއްވެސް މަންމައެއްގެ ލޮލުން ކަރުނަ އޮހުމަކީ އަހަންނަށް ބަލަން ފަސޭހަ މަންޒަރެއްނޫނެވެ.

 

ދެދުވަސްފަހުން މަންމެންވެސް އަތުވެއްޖެއެވެ. އެންމެންވެސް މުޅިން އައުތަނަކަށް އައުމުންއުފާވިނަމަވެސް ކުރިން ދިރިއުޅުނު އެޕާރޓުމެންޓުގެ މަތިން ހަނދާންކުރިއެވެ. އެއީ އަހަރުމެންގެ ޅައުމުރުގެ ދުވަސްތައް ހޭދަކުރި ގެއެވެ. ދޮންބެއާއިއެކީގައި ވަގުތުތައް ހޭދަކުރި ތަނެވެ. އުފަލާއި ހިތާމައާއި ބިރުވެރިކަމާއި އަނިޔާއާއި ވޭން ތަޙައްމަލުކުރި އެތަކެއް ހަނދާންތަކުންފުރިފައިވާ މަންޒިލެކެވެ. އައު ތަނަކަށް ހޭނެއް އަހަރުމެން އެންމެންނަށްވެސް ވަގުތުނަގާނެއެވެ. ޝިއުޒް ޗުއްޓީއަށްފަހު އޮފީހަށް ދާންފެށިއިރު އަހަރެންވެސް ޑިއުޓީއަށް ނިކުންނަށްފެށީމެވެ. ނަމަވެސް އަހަރެންގެ ފުރަތަމަ ޒިންމާއަކަށްވީ މަންމައާއި ނޫރެވެ. އެމީހުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ފަރުވާތެރިކަމާއެކު ކޮށްދެވޭތޯ ބަލަމުންދިޔައީމެވެ.

 

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައީ ވަރުބަލިކަމާއެކުގައެވެ. ނޫރު މަންމައާއެކު ކިޔަވަން އިނުމުން ފެންވަރާލައިގެން އަހަރެން ގަސްތުކުރީ ކުޑަވަގުތުކޮޅަކަށް އަރާމުކޮށްލުމަށެވެ. އެނދުގައި ޖައްސާނުލެވިގެން އުޅެނިކޮށް މަންމަ އެތެރެއަށްވަނެވެ.

“ކިއާގެ ބައްޕަ އައިސް އެބައިން.. ހިނގާބަލަ ބޭރަށް..” ކިއާރާގެ އާއިލާއިން ވަނީ އަހަރުމެންނަށް އެކި ގޮތްގޮތުން އެހީތެރިވެދީފައެވެ. އަހަރުމެންނަށް އެންމެ ބޭނުންވި ވަގުތު އެކީގައި ތިބީ އެމީހުންނެވެ. މަންމައާއިއެކު އަހަރެން ބޭރަށް ނިކުތީމެވެ. އޭރު ސޯފާގައި ކިއާރާގެ ބައްޕައާއި ޝިއުޒްވެސް އިނެވެ. ކިއާރާ ނޫރު އުނގަށްލައިގެން އޭނަގެ ބައްޕަގެ ގާތުގައި އިނެވެ.

” ޝިމާލްވެސް އެބަ އުޅެންދޯ..” ހިނިތުންވުމާއެކު އޭނަ ސަލާމުކޮށްލިއެވެ. ތަފާތު ވާހަކަތައް ދެކެވެމުންދިޔައެވެ. އެމީހުންގެ އާއިލީ ވިޔަފާރިއާއި ސިޔާސީ އެކި ވާހަކަތައް ދެކެވެމުންދިޔައެވެ. ބެލް ޖެހުމުން ކިއާރާ ގޮސް ދޮރު ހުޅުވާލިއެވެ. އައީ ކާކުކަން ނޭނގުނީ އަހަރުމެން ތިބިގޮތުންނެވެ. ކިއާރާގެ ފަހަތުން އައީ ޝާޔަލްގެ ބައްޕައެވެ.

” ޝިމާލްއާއި މުޙިއްމު ވާހަކައެއް ދައްކާލަން ވެގެން..” އޭނަ ލަދުވެތިކަމާއެކު ބުނެލިއެވެ. އަހަރެން ތެދުވެގެން ހިގައިގަތީ ބެލްކަންޏާއި ދިމާލަށެވެ.

“ކޮން ވާހަކައެއް؟” އޭނަ ދައްކަން އުޅޭ ވާހަކައަކަށް އަހަރެންގެ ޝައުޤުވެރިކަމެއްނެތެވެ.

“އަހަންނަށް އިނގޭ ޝިމާލްއާއި ދޭތެރޭ އަހަރުމެންނަށް ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށް ނޫންކަން.. އެންމެންގެ ފަރާތުން އަހަރެން މާފަށް އެދެން..” އެމޫނުމަތިން ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. ޝާޔަލްގެ ކާފަ ކޮންމެ އެއްޗެއް ކިޔަސް ޝާޔަލްގެ ބައްޕަ އަހަރެންނާއި ދިމާލަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. އޭނައާއި ދޭތެރެއަކު އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއްނެތެވެ.

“އަހަރެން މިއައީ ޝިމާލްގެ ކިބައިން ވަރަށް ބޮޑު ކަމަކު އެދެން.. އަހަރެންނަށް އަހަރެންގެ ދަރިފުޅު ހޯދައިދީ.. އެކަން ކުރެވޭނީ ޝިމާލްއަށް.. ޝާންވެސް ނިމިގެން އެދިޔައީ އަހަރެން ބޭނުމެއްނޫން ޔާލްވެސް އަހަރުމެންނާ ވަކިވެގެންދާކަށް..” އޭނަ އަހަރެންގެ ފައިބުޑަށް ވެއްޓިގަތެވެ.

” މިހުރިހާ ދުވަހު ނޭނގުނުތަ އެއީ ތިމީހުންގެ ދަރިއެއްކަމެއް؟ އެފަކީރު މައިންބަފައިންގެ ލޯތްބަށް އެދި ތެޅި ފޮޅުނުއިރު ކީއްވެތަ ނުވިސްނުނީ؟ ކީއްވެތަ އެއްފަހަރުވެސް އޭނަގެ ވާހަކަ އަޑުނޭހީ.. އެނގޭތަ އޭނަގެ ހިތަށް ލިބިފައިވާ އަނިޔާތައް؟ އިޙްސާސްކުރެވޭތަ؟ މައިންބަފައިން ދިރިތިބެ ޔަތީމެއްހެން އޭނަ ދިރިއުޅުނީ.. އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟ މިހާރު އަހަރެންގެ ދަރިފުޅޭ ކިޔާއިރު އެންމެ ފަހަރަކުވެސް ދަރިފުޅާ އޭ ކިޔާފަ ލޯބިން ގޮވާލިންތަ؟ އޭނަގެ ކޮންކުށެއްތަ އޮތީ؟ ބުނެބަލަ..” އޭނަގެ ކޮޑުގައި ހިފާނަގަމުން އެހީމެވެ. ޝާޔަލްގެ ޝަކުވާތައް މިހާރުވެސް އިވެމުންދާ ކަހަލައެވެ.

” އަހަންނަށް މާފުކުރޭ.. އޭރު ނުވިސްނުނީ.. ޝާން ލިބުމަށްފަހު އަހަރުމެން އުންމީދުކުރަމުން އައީ ފިރިހެން ކުއްޖަކަށް.. އޭގެފަހުން ޒިޔާދާ ބަނޑުބޮޑުވި.. އަހަރުމެން ބޭރަށް ގޮސް ސްކޭންވެސް ކުރިން.. އޭރު އެނގުނީ އެއްމާބަނޑު ދެކުދިންކަން.. އަންހެންކުއްޖަކާއި ފިރެހެންކުއްޖެއް.. ޑޮކްޓަރ ބަލާފަ ބުނީ ދެކުދިންގެ ޙާލުވެސް ސީރިޔަސްކަމަށް.. އަހަރުމެން ބޭނުންވީ ކޮންމެގޮތެއް ހަދައިގެންވެސް ފިރިހެންދަރިފުޅު ސަލާމަތްކުރަން އެކަމަކު ކަންތައް ދިމާވިގޮތުން ސަލާމަތްކުރެވުނީ އަންހެންދަރިފުޅު.. ޒިޔާދާއާއި އޭނަގެ އާއިލާއިން ޤަބޫލުކުރަމުން އައީ ފިރެހެންދަރިފުޅު ސަލާމަތްނުވީ ޝާޔަލްގެ ސަބަބުންކަމަށް.. އޭގެ ފަހުން ޒިޔާދާ ބަލިވެއުޅެން ޖެހުނީމަ ޑޮކްޓަރ ލަފާދިނީ ދެން ބަލިވެއިދެއްޖެނަމަ އޭނަގެ ފުރާނައަށް ގެއްލުންވެދާނެކަމަށް.. އެހުރިހާކަމެއްގެ ޒިންމާ އެމީހުން އަޅުވަމުންއައީ ޝާޔަލްގެ ބޮލުގަ.. އެހެންވެ ތުއްތުއިރު އެންމެންނާ ވަކިން ލަންކާއަށް ފޮނުވާލީވެސް.. އެހުރިހާކަމެއްކުރީ ޒިޔާދާގެ ބައްޕަ.. އަހަރެން އެތައް ފަހަރަކު މަސައްކަތްކުރިން ޔާލް ގެނެވޭތޯ އެކަމަކު އެހުރިހާ ފަހަރެއްގައިވެސް އެކަމަށް ހުރަސް އެޅީ އޭނަ.. އެންމެފަހުން ޒިޔާދާއާއި ޝާން އާއި ބޭނުންވަންޏާ ޔާލްގެ މަތިން ހަނދާން ނައްތާލާށޭވެސް ބުނި.. ޝާންގެ ވަކިވެދިޔުމަށްފަހުވެސް އަހަރެން މަސައްކަތްކުރިން ޔާލް އަހަރުމެންގާތަށް ގެނެވޭތޯ.. އެކަމަކު ޒިޔާދާވެސް ބޭނުމެއްނުވި އޭނަ ގެންނާކަށް..” ޝާޔަންގެ ކާފައަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އަމިއްލަ އިއްޒަތަށްޓަކައި އިންސާނިއްޔަތުކަންވެސް އޭނަ ހަނދާންނައްތާލީ ހެއްޔެވެ؟ އަންހެންކުއްޖަކާއި ފިރިހެންކުއްޖެއްގެ އޮތީ ކޮންތަފާތެއް ހެއްޔެވެ؟ ދަރިންވާނީ ހަމަ ދަރިންނަކަށްނޫން ހެއްޔެވެ؟ ހަމަޤައިމުވެސް ޝާޔަލްއެއީ އެމީހުންގެ ދަރިއެއް ނޫންކަމަކަށް ނުވާނެއެވެ. އިސްމާޢިލް ޤާޒީ ކިތަންމެ މަސައްކަތެއްކުރިނަމަވެސް އެއީ އޭނަގެ އާއިލާގެ ކުއްޖަކަށްނޫނީ ނުވާނެއެވެ.

“މާފަށް އެދެންވީ އަހަރެން ގާތަކުންނެއްނޫން.. ޝާޔަލްގެ ގާތުން..” އަހަރެންނާއި ދިމާލަށް އެއްޗެއްނުބުނިކަމުގައި ވިޔަސް ޝާޔަލްގެ ބައްޕަގެ އަގު އަހަރެންގެ ކުރިމަތީގައި ވެއްޓިއްޖެއެވެ. އޭނައަށް ކުރަމުންއައި ޤަދަރު ކުޑަވެގެން ހިނގައްޖެއެވެ.

” ޒައިކްގެ ކަންތައް އެނގުމަށްފަހު އަހަރެން އޭނަގެ ކިބައިން މާފަށް އެދުނިން.. އޭނަ އެދުނީ ޝިމާލްގެ ކައިވެއްޏަށް އެދި އައުމަށް.. އަހަރުމެންގެ ރުހުމާއެކު ޝިމާލް އާއި އޭނަގެ ކައިވެނި ކުރަން.. އަހަރެން އެއްވެސް އިރެއްގައި ޝިމާލްއާއި ޔާލްގެ ކައިވެންޏަކާ ދެކޮޅެއް ނޫން..” އޭނަގެ އަހަރެންގެ އަތުގައި ހިފާލިއެވެ.

“އެންމެ ރަނގަޅު.. އަހަރެން ކައިވެނިކުރަން ތައްޔާރު އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން ޝާޔަލްއާއި ވާހަކައެއް ދައްކާލަން.. އޭނަގެ ނިންމާ ގޮތަކުން އެނގޭނީ ކައިވެނި ކުރެވޭނެކަން ނޫނީ ނޫންކަންވެސް..” ޝާޔަލްއާއި ދައްކަންޖެހޭ މުޙިއްމު ވާހަކައެއް އެބައޮތެވެ.

“މިރޭ ޔާލް ފޮނުވާނަން..” އޭނަ ދެލޯފޮހެލުމަށްފަހު ހިނިތުންވެލިއެވެ. އަހަރެން ހިގައިގަތީ އެތެރެއަށް ވަނުމަށެވެ. އޭރު ޓެރަސްގެ ދޮރުކައިރީގައި ޝާލީ ހުއްޓެވެ. ޝާޔަލްގެ ބައްޕަ މަންމަ ގާތުގައި ކޮންމެވެސް ވާހަކައެއް ދައްކަންފެށިއެވެ.

“މީހުން ދައްކާ ވާހަކަ އަޑުއަހަނީތަ؟ ބޭޑް މެނާރސް..” އޭނަގެ ކަންފަތުގައި ހިފާލަމުން އަހަރެން ބުނެލީމެވެ.

“ފައިނަލީ ތިއްތި ގެޓިން މެރިޑް ޔޭ..” އޭނަ އަހަރެންގައިގާ ބައްދާލިއެވެ.

” ނޮޓް ޔެޓް އިނގޭ.. އޯލް ޑިޕެންޑް އޮން ޝާޔަލް..” ޝާޔަންއަށްވެފައިވާ ވަޢުދަށްޓަކައިވެސް އަހަރެންނަށް ޝާޔަލްއާއި ކައިވެނިކުރަން އެބަޖެހެއެވެ. ނަމަވެސް އޭގެ ކުރީގައި މުޙިއްމުކަމެއްވެސް އެބައޮތެވެ.

 

ރޭގަނޑުގެ ވަގުތެވެ. އަހަރެންހުރީ ކޮޓަރިތެރޭގައި ތައްޔާރުވާށެވެ. ޝާޔަލްއާއި ދައްކަންވީ ވާހަކަތައް ހިތުގައި ރާވާލަމުންދިޔައީމެވެ.

” ތިއްތީ ޝައްނު އަތުވެއްޖެ..” ކޮޓަރީގެ ދޮރުފަތް ހުޅުވާލަމުން ޝާލީ ބުނެލިއެވެ. ބޯޖަހާލަމުން އަހަރެންވެސް ނިކުންނަން ހިނގައިގަތީމެވެ. ބޭރަށް ނިކުތްއިރު ޝާޔަލް ތައްޔާރުވެގެން އައިސް ހުއްޓެވެ. ކުރިއާއިޚިލާފަށް އޭނަ ލައިގެންހުރީ މަޑުފެހިކުލައިގެ އަތްދިގު ހެދުމަކާއި ހުދުކުލައިގެ ޖިންސެކެވެ. ހުދާއިފެހިކުލައިގެ ޝޯލްއަކުން އޭނަގެ ބޮލާއި މޭމަތި ނިވާކޮށްފައިވާއިރު އޭނަގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރުތައް ފެންނަމުންދިޔައެވެ. ޝާޔަލް ގޮވައިގެން އަހަރެން ދިޔައީ އާރޓިފިޝަލް ބީޗަށެވެ.

” ޝާޔަލް މިތަނަށް މިގެނައީ ވަރަށް މުޙިއްމު ވާހަކައެއް ދައްކަން ވެގެން.. އަހަރެން ދައްކާ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ޝާޔަލް ބޭނުން ކޮންމެ ޖަވާބެއްދިނަސް އަހަންނަށް އެންމެ ރަނގަޅު.. އަހަންނަށް އިނގޭ ޝާޔަލް އަހަރެންނާއި ކައިވެނިކުރަން ބޭނުންވާކަން.. އެކަމަކާ އަހަރެންވެސް ދެކޮޅެއްނޫން.. އަހަރެންވެސް ބޭނުންވަނީ ކައިވެއްޏެއްކޮށް އުފާވެރި ދިރިއުޅުމެއް ހޯދަން.. ޝާޔަލްވެސް އިނގޭނެ މިހާރު އަހަރެން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އިތުރުވެއްޖެކަން.. މީގެކުރިން އާއިލާގެ ހުރިހާ ކަމެއް ދޮންބެ ބަލަހައްޓަމުންދިޔަސް މިހާރު އަހަރެންކަން އެ ޒިންމާތައް އަދާކުރަންޖެހޭނީ.. ބުނަން މިއުޅެނީ މިހާރު ނޫރުއަކީވެސް އަހަރެންގެ ޒިންމާއެކޭ.. ކައިވެއްޏަށްފަހުވެސް ނޫރުވާނީ އަހަރެންގެ ޒިންމާއަށް.. އެކަމެއް ބަދަލެއް ނުވާނެ.. މިހާރު އެނގިފަކަންނޭނގެ އޮންނާނީ ނޫރުއަކީ ޒައިކްގެ ދަރިއެއްކަން.. އެހެންވީމަ ޝާޔަލްއަށް ފަސޭހައެއްނުވާނެ ކޮންމެ ދުވަހަކު ނޫރު ޝާޔަލްގެ ކުރިމަތިން އޭނަ ފެންނާކަށް.. ކޮންމެ ގޮތަށްވިޔަސް ނޫރުއަކީ ޝާޔަންގެ ޤާތިލުގެ ލޭ ހިނގާ ކުއްޖެއް.. އޭނަ ފެންނަ ކޮންމެ ފަހަރަކު ޝާޔަންގެ މަތިން ހަނދާންވާނެ.. އެކަންއެހެންވިޔަސް އަހަންނަކަށްނެތް ނޫރު އަހަރެންނާއި ވަކިކުރެވޭކަށް.. ދޮންބެއަށްޓަކައިވެސް.. ޝާޔަންއަށްޓަކައިވެސް..” ވާހަކަ ދައްކަމުންދިޔައިރު އަހަރެންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓާލެވެއެވެ. އޭރު އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެމުން އޭނަގެ ކޯތާފަތްތެތްމަމުންދިޔައެވެ. އޭނަގެ މޫނުމަތިން އޭނަގެ ޖަވާބު ލިބުނުފަދައެވެ. އަހަރެން މާޔޫސްކަމާއެކު ކަރުއެލުވާލެވުނެވެ.

(ނުނިމޭ)

0

You may also like...

28 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.