
އައިމިނާބީ 2
އެރޭ މަހުން ލެފުމަށްފަހު އެންމެންވެސް މިސްރާބުޖެހީ އެމީހެއްގެ ގެއަށްދިއުމެވެ. އަނދިރިކަން ވެރިވެފައިވާ އެރޭގަނޑު އުޖާލާކޮށްދެމުންދިޔައީ ފާޅުވެފައިވާ ސާދަވިލޭރޭގެ ފުރިހަމަ ހަނދެވެ. އެ ހަނދުގެ އަލިކަމެވެ. އެރީތިކަމަކީ ބަލާފޫހިނުވާހާ ރީތިކަމެކެވެ. މިފަދަ ހިތްގައިމު ރޭތަކުގެ އުފާހޯދުމަށް އެދުވަސްވަރު ރޭގަނޑު ރަށުތެރެއަށް ނިކުމެ އުޅެނީ މަދުބަޔެކެވެ. ހަމައެކަނި މިސްކިތަށް ދިއުމަށް ނިކުންނަ ފިރިހެންވެރިންނާ، މިސްކިތްދޮށަށް ފެންބަލާދާ މަދު އަންހެނެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެދުވަސްވަރު އެރަށުގެ މިސްކިތު ބިއްދޮށުގައި އޮންނަ ސަހަރާއިން ފަހަކަށްއައިސް ހަންޑިއެއް ފެންނަކަމަށް މީހުންކިޔާ އުޅޭތީއެވެ. މީހުންގެ ތޯތޯ ވާހަކަތަކުގެ އިތުރުން ކޮނެފައި ހުންނަ މަހާނަތަކުން ސަންދޯއްވެސް ފެންނާތީއެވެ. އެފަދަރީތިރޭރޭގެ އުފާހޯދަން ކިތައްމެ ބޭނުންވިޔަސް ގަނެފައިހުންނަ ބިރެއްގެ ސަބަބުން އެކަންކުރަން ނުކެރެނީއެވެ. ހިސާބަށްވުރެ އެރަށު މީހުން ފިނޑީއެވެ.
ބަކުރާއި ހަސަންތަކުރުއުޅޭގެ ހުންނަނީ އެއްފަޅިއެއްގައި ކަމުން މަހުންއައިސްދެމީހުން ގެއަށްދިއުމަށް ހިނގައިގަންނަނީ އާންމުކޮށް އެކުއެކީގައެވެ. ގެއަށްދާ މަގުމަތީ ހަސަންތަކުރު އަތިރިއަށް ދިއުމަކީ އޭނާގެ އާދައެކެވެ. އެރޭވެސް ކަންތައްވީ އެހެންނެވެ. ބަކުރާއެކު ހަސަންތަކުރު ރަށުގެ އަތިރިމަގާވީ ފަރާތުންވަކިވީއެވެ.
ހަސަންތަކުރުގެ ނައިސްގެން އޭނާގެ އިންތިޒާރުގައި އައިމިނާބީ ގޭ ދޮރުމަތީ ހިނގާލަ ހިނގާލާހުއްޓެވެ. ގެއަށް ދިއުމަށް ޓަކައި ހަލުވި ހިނގުމެއްގައި އައި ބަކުރަށް އައިމިނާބީ ފެނުނީ އެވަގުތުއެވެ.ހަށިގަނޑުގެ ވަނާތައް ފުރިހަމައަށް ހާމަވާފަދަ ރަތްކުލައިގެ ލިބާހެއްގައި ހުންނައިރު އެދޮން ހަށިގަނޑުން ހާމަވާ ހަމުގެ އަލިކަން އެސޫރައަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ބޮލުގެ އިސްތަށުގަނޑު ފުނާއަޅާ އޮމާންކޮށް ބޮލުގެ އެއްފަރަތަށް ހުޅި ޖަހާލާފައި ހުންނައިރު، ހާމައަށް ފެންނަށް އޮތް އެރީތި އިހި ކަނދުރާއަށް ލޯ ނުހުއްޓޭނެ އެންމެ ފިރިހެނެއްވެސް އެރަށަކު ނުހުރެއެވެ. ބަކުރަށްވެސް އައިމިނާބީ ފެނުމުން ހިއްސުތަކަށް ވާންވެލިއެވެ. އަދި އޭނާގެ އެރީތިކަމަށް ހިތާހިތުން ތަޢުރީފްކުރިއެވެ. ފަނުން ހަދާފައިހުންނަ އެގޭގެ ބޭރުގައި އެލުވާލާފައިހުރި ފުޅިބައްތީގެ އަލިން އައިމިނާބީގެ މޫނުމަތީގެ ތާޒާކަން ހާމަކޮށްދެމުންދިޔައެވެ.
” ކޮބާ ތަކުރުގެ އިންތިޒާރުގައިދޯ، އެސޮރު މިރޭވެސް އެފޭބީ އަތިރިއަށް ” އައިމިނާބީގެ ޖާދޫވީ އަޑު އަހާލުމަށް ބަކުރު ސުވާލުކޮށްލިއެވެ.
” އެއީ ހަސަންތަކުރުގެ އާދައެއްނުން، އަތިރިއަށް ގޮސްލާ މޫދަށް އެރިލާފަނޫނީ އޭނައަކަށް ނާދެވޭނެ ” އައިމިނާބީގެ ޖާދޫވީއަޑުން ޖަވާބުދިނެވެ. ބަކުރުގެ ހިތައް ފިނިކަމެއްލިބުނެވެ.
ގޭގެ ބޭރުގައި ބަހައްޓާފައިހުރި ޖޯލިފަތީގައި އައިމިނާބީ އިށީންދެލައިގެންއިނީ ތަކުރުގެ އިންތިޒާރުގައެވެ. ކައިރި ހިސާބު ގޭގޭގެ މީހުންވެސް ނިދަން އޮށޯވެއްޖެއެވެ. ހިނގަމުންދާ ނާމާން ހާދިސާތަކުގެ ސަބަބުން އެކަކަށްވެސް ރަށުތެރެއަށް ރޭގަނޑު ނުކުމެ އުޅެން ނުކެރޭތީއެވެ.
” އައިމިނާބީ، އައިމިނާބީ” ގޭގެ ބިއްދޮށުން އޮތްވަލުމަގުން ހަސަންތަކުރު ގޮވަމުން އައިއަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.
” ކޮބާ… މިހާރު ކޮންއިރެއް ލޮނުމިރުސް ގަނޑު ތައްޔާރުކޮށްގެން ހުންނަތާ..” ހަސަން ތަކުރު ފެނުމުން އައިމިނާބީ ޖަވާބުދެމުން ބުނެލިއެވެ.
” އަވަސްކޮށްލައްޗޭ….. އަހަރެން އެބަ އަންނަން ފެންވަރާލައިގެން” ހަސަން ތަކުރުގެނައި މަސްތައް ދިއްކޮށްލަމުން ބުނެލިއެވެ. އަދި އައިމިނާބީ ހަސަންތަކުރާއެކު ގިފިއްޔާވީ ފަރާތަށް ހިނގައިގަތެވެ.
އެއީ އެދެމަފިރިންގެ އާދައެވެ. ކޮންމެ ރެއަކު ހަސަންތަކުރު މަހުންގެއަށް އައުމުން އާމިނާބީގެ ރަހަމީރު ލޮނުމިރުސް ގަނޑާއި އެކު އެމަސްފިހެ ތައްޔާރުކޮށްދެއެވެ.
ހަސަންތަކުރު ގިފިއްޔަށް ފެންވަރަން ދިޔަ އިރު ގިފިލީގެ އެއްފަރާތުގައި ހެދިފައިހުރި ބަބުކެޔޮ ގަސްދޮށުގައި އައިމިނާބީ މަސްކަނޑަން އިނެވެ.
”މަޑުކޮށްލާ މިނިމެނީ” ހަސަންތަކުރު ލައިގެންހުރި މުންޑުބުރިއާ ގަންޖުފަރާސް ބާލާތަން އައިމިނާބީއަށް ފެނުމުން އަވަސްއަވަހަށް ބުނެލިއެވެ.
”ހެޔޮވާނެ، އަހަރެން ފެންވަރަނިކޮށް އައިމިނައަށް ނުފެންނަނީތަ؟” ހަސަންތަކުރު ލާނެއް ރާގެއްގައި ބުނެލިއެވެ. އައިމިނާބީ އާއި ހަސަންތަކުރު ކައިވެނިކޮށްގެން އުޅުނެއް ކަމަކު އައިމިނާބީއަކީ ލަދުރަކި ކުއްޖެކެވެ. އޭނާ ހަސަންތަކުރާއި އެކު ލޯބިކުރުމަށްވެސް އިސްކަންދެނީ ކަނު އަނދިރީގައެވެ. އެހެން ކަމުން ހަސަންތަކުރުގެ ހަށިގަނޑު ނިވާކަމެއްނެތި އޭނާއަށް އެރީތި ހަނދުވަރުގައި ހާމަވުމުން އޭނާއިނީ ހިތް ނުތަނަވަސްވެ އިސްއުފުލާ ބަލާލަން ނުކެރިފައެވެ. އެއާއި ޚިލާފަށް ގަޔަށް އަޅަމުންދިޔަ ކޮންމެ ފެންދާންޏަކާއި އެކު ހަސަންތަކުރު ދިޔައީ އައިމިނާބީއަށް ކަޅިއެއްލަމުންއެވެ. އެހަށިގަނޑާއި އެރީތި ސޫރައެއީ އޭނާ ބަލާ ފޫހިނުވާ އެއްޗެކެވެ. ހަސަންތަކުރު ފެންވެރުން ދިގުލައްވަމުންދިޔައީ އައިމިނާބީ މަސްކަނޑައިގެން ތެދުވަންދެން މަޑުކުރުމުގެ ނިޔަތުގައެވެ. އައިމިނާބީ ތެދުވެ ހިނގައިގަތުމުން ކުއްލިއަކަށް އޭނާގެ އަތުގައި ހިފައި ދަމާލުމުން އައިމިނާބީ އައިސް ތަތްވީ ހަސަންތަކުރުގެ މޭގައެވެ. އެވަގުތު ދުވަމުންދިޔަ މަސްވަހަށްވެސް ހަސަންތަކުރު ފަރުވާލެއްނުބަހައްޓައެވެ.
”ހަސަންތަކުރާ މީ ރަނގަޅު ވަގުތެއް ނޫން” އައިމިނާބީ ލަދުން ވިރުނުކަހަލައެވެ. އެވަގުތު އައިމިނާބީގެ ދެ ކޯތާފަތަށް ޖަންބުކުލައަރައިގެންދިޔައެވެ.
”މި ހިތްގައިމު ވަގުތުކޮޅުވެސް މިދެހަށިގަނޑު ގުޅުމަށް އައިމިނާބީ ނޭދެމުތަ؟” ހަސަންތަކުރު ވައިއަޑަކުން އައިމިނާބީގެ ކަންފަތްދަށުގައި ބުނެލިއެވެ. އެވަގުތުކޮޅުވެސް އައިމިނާބީގެ މޫނަށް އަރަމުންދިޔަކުލަވަރުތަކުން އިތުރަށް ހަސަންތަކުރުގެ ހިއްސުތަކަށް ވާންކުރުވިއެވެ.
”މިފަދަ ހާމަކަންބޮޑު ތަނެއްގައި އަހަންނަށް ތަކުރާ މިހެން ގާތްވާކަށް ނުކެރޭކަން އެނގެޔެއްނުން… ” އައިމިނާބީ އޭނާއާއި ދުރުވުމަށް މަސައްކަތްކުރަމުންދިޔައެވެ.
”އަހަންނަކަށް އައިމިނާބީ ފެނުމުން ކެތެއްނުވޭ، ތީކޮންފަދަ ޖާދޫގަރެއްތަ؟” ހަސަންތަކުރު ކެއްމަދުވަމުން ދިޔައެވެ.
”މިޖާދޫ ހަސަންތަކުރަށް ހިތްހަމަޖެހޭވަރަށް ލިބޭނޫންތޯ، ރޭގަނޑުގެ ކަނުއަނދިރިއަށް ކެތްކޮށް އަހަރެން ގައިން ދޫކޮށްލަދީ” އައިމިނާބީ ހަސަންތަކުރުގެ އެބާރުގަދަ އަތްއޭނާގެ އުނަގަނޑުން ނެއްޓުމަށްފަހު މަސްކަނޑަށް ގެންގުޅު ސާމާނުތައް ހިފައިގެން ހިނގައިގަތެވެ. އަދި ވީ އެންމެ އަވަހަކަށް ހަސަންތަކުރަށް ކެއުމަށް މޭޒުމަތި ތައްޔާރުކުރިއެވެ.
” ކޮބާ ކެއުން ތައްޔާރުވީތަ؟” މުންޑު އުނަގަނޑުގައި ބަންނަމުން ފެންވަރައިގެން ރީތިވެ ހިނގާފައި އައި ހަސަންތަކުރު ބުނެލިއެވެ. އޭރު އައިމިނާބީ ހުރީ ކާގޭގައި ކާން ތައްޔާރުކުރާށެވެ.
”މިނިމުނީ… ” އައިމިނާބީ ޖަވާބުދިނެވެ.
” އައިމިނާބީ.. މަށާއެކު ކާން އިށީނދެބަލަ..” ހަސަންތަކުރު ތަށްޓަށް ބަތްއަޅަމުން ބުނެލިއެވެ. ” ނޫން.. އަހަރުމެން އަންހެންވެރިންކާނީ ގޭގަތިބޭ ފިރިހެނުން ކެއީމަ.. އެއީ އޭ އަހަރުމެންގެ މައިންބަފައިން ދަސްކޮށްދިން ގޮތަކީ..އެހެން ނޫނަސް އަހަރެންނަށް ތިޔަ ކަނޑުމަހެއް ކަމަކުނުދޭ.. ” ކާމޭޒުކައިރީ އިށީންނަށް ހަދާފައިވާ ދެ ލަކުޑި ގޮނޑީގެ ތެރެއިން ހުސްކޮންހުރި ގޮނޑިގައި އިށީންނަމުން އައިމިނާބީ ބުނެލިއެވެ. “އަހަރެންގެ އަންހެނުންނަށް ލިބިފައިވާ ތަރުބިއްޔަތަށް ހަމަ އައްސަރިބަހާ ސާބަސް ދެވޭ ވަރުވޭ.. އެހެންވެއޭ އަހަރެން އައިމިނާބީދެކެ މިހާ ލޯބިވެވެނީ..” ވަރަށް އުފާވެފަ އިނދެ ހަސަންތަކުރު ބުންޏެވެ. ” ނަމަވެސް ހިތާމައަކީ އަހަރެންގެ އަންހެނުންނަށް ކަމުދާކަހަލަ މަހެއް ނުލިބޭތީ، ބަކައްޓެއް، ކަނޑުމަހެއް ކީއްކުރަން ކުކުޅެއްވެސް ކަމަކު ނުދޭ..” އިތުރަށް ދެރަވެލާފާ ހަސަންތަކުރު ހިތުގައި އުފެދިފައިވާ ޝަކުވާއެއް ބޭރުކޮށްލެވުނެވެ.
”އަހަރެންނަށް މީރު އެއްޗެހި ހަދައިގެން ކައިގެނޭ މިހުންނަނީ.. ތަކުރު އަހަންނާމެދު ނުވިސްނަބަލަ” ކާގޭ މޭޒުމަތީ ހުރި ފެން ބަނޑިޔަލުން ފެންތައްޓެއް އަޅަމުން އައިމިނާބީ ބުނެލިއެވެ.
” ކޮން އިރަކު ފެންބަލާ ދިޔައީ… ރޭގަ ބުނީމެއްނުން ފެނެއް ނެތޭ” ހަސަން ތަކުރު ސުވާލުކުރިއެވެ.
”އާނ… އިރުއޮއްސެން އުޅެނިކޮށް..” އައިމިނާބީ ބުނެލިއެވެ.
”އަހަރެން ބުނީމެއްނުން، މިދުވަސްވަރު އެގަޑީގަ ގެއިން ބޭރަށްނުދާށެ، ރަށުތެރޭގަ އެހިނގާ ކަންތައްތަކުގެ ނުބައި އަސަރު އައިމިނާބީއަކަށް ކުރާކަށް އަހަރެން ނޭދެން… އެހެންނޫނަސް މިހިސާބު އަންހެންވެރިން މިސްކިއްދޮށަށް ދާގަޑީގަ ދޭބަލަ” ހަސަން ތަކުރު ހާސްކަންމަތީ ބުނެލިއެވެ.
”މިރަށު އަންހެންވެރިން އަހަރެންދެކެނީ ބީރެއްޓެއްސެއްގެ ގޮތުގައި.. އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ބޮޑުބިރެއްގެ ގޮތުގައި..އަބަދު ތިބެނީ މޫނުހަދައިގެން، އެހެން ނޫނަސް ތިބުނާ ހަންޑި ވާހަކަތައްއެއީ މީހުން ދައްކާ ތޯތޯ ވާހަކަ، ތިޔަކަހަލަ ކިތައްމެ ވާހަކައެއް އަހަރެން ކުރިން އަޑުއެހިން… މިރަށުގެ ފިރިހެނުން މާ ބިރުގަނޭ ތޯއްޗެ އަހަރަމެން އަންހެންވެރިންނަށްވުރެ” އައިމިނާބީ ބުނެލިއެވެ.
”އައިމިނާބީއަށްވެސް އެއިން ކަމަކާ ދިމާވީމަ އެނގޭނީ” ހަސަންތަކުރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
” އަހަންނަށް ތި ހަންޑިއެއް އަތުޖެހިއްޖެއާ ކުޅިސަމާ ދައްކާލާނަން، އަހަރެން މިހަދާ ލޮނުމިރުސް ގަނޑުގެ ދިލަ އެއެއްޗަކަށް ދައްކާލާނަން… މިއޮތީނުން އަހަރެން ގެންގުޅޭ މަސްކަނޑާ ވަޅި، އޭގެ މިޔައިގެ ތޫނުކަން ދައްކާލާނަން” އައިމިނާބީ ޖެހިލުންކުޑަގޮތަކަށް ފަޚުރުވެރިކަމާއެކު ބުންޏެވެ.
”ތިޔައެއް އެނގޭނީ، އެބުނާ ހަންޑިއެއް އަތުޖެހުނު ދުވަހަކުން، ލިބާސް ބޮލު އަޅައިގެންކަންނޭނގެ އައިމިނާބީ އަންނާނީ” ހަސަންތަކުރުގެ ސަމާސާވެލިއެވެ.
ކެއުން ނިމުމަށްފަހު ހަސަންތަކުރު އަށީގައި ހަމަޖެހިލައިގެންއޮއްވާ އައިމިނާބީ އައިސްނިދާގެއަށްވަނެވެ. ހިފައިގެންހުރި ފުޅިބައްތީގެ އަލިން އެދޮންރީތި މޫނު ހަސަންތަކުރުގެ ހިއްސުތައް ހޭލައްވާލިއެވެ. އޭނާގެ ނިދި އުމުރުދުވަހަށް ފިލައިގެންދިޔަފަދައެވެ. އެއީ އެފަދަ ވަގުތުގައި ހަސަންތަކުރުގެ ހާލެވެ. އިނދެގެން ކިތައްމެ ދުވަހެއްވީ ނަމަވެސް އައިމިނާބީ ފެންނަކޮންމެފަހަރަކު ހަށިގަނޑުގެ ލޭ ހޫނުކޮށްލުވައެވެ. ހީވަނީ އަދިވެސް އަލަތުކައިވެނިވެގެން އުޅޭ ދެމިހުންހެންނެވެ. އެހެންނަސް ހަސަންތަކުރަށް ނޭނގެނީ އެރީތިކަމުގެ އަސްލެވެ. އެ ރީތިކަމުގެ ފަރުދާގެ ފަހަތުގައި ހިނގަނީ ކޮންކަމެއްކަމެވެ.
”އަދިވެސް ނިދިޖެހޭކަށް ނޫޅޭތަ؟” އައިމިނާބީ އަހާލިއެވެ.
”މީ މީހުން ނިދާ ގަޑިއެއްނޫނެއްނު….” މަޑު މަޑުން ހަސަންތަކުރު އެނދުން ތެދުވެ އައިމިނާބީގެ ގާތަށް ހުއްޓުނެވެ. އަދި މަޑުމަޑު އައިމިނާބީ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. ދުވަހަކުވެސް ދެން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. އަދި ހާމަވެފައިވާ އައިމިނާބީގެ ކަނދުރާގައި ހަސަންތަކުރު ބޮސްދިނުން ވެގެންދިޔައީ އައިމިނާބީގެ ހަށިގަނޑުގައި ކަރަންޓް ރާޅުބާނީއެއް އުފެދިގެން ދިޔަކަމަކަށެވެ. އިސާހިތަކު ދެ ހަށިގަނޑު އެއް ހަށިގަނޑަކަށް ވެނިމިއްޖެއެވެ. ހަސަންތަކުރު އައިމިނާބީގެ ގާތުން އުފަލާއި ހިތްހަމަޖެހުން ހޯދަމުންދިޔައިރު އެ ކޮޓަރީގައި ރަސްކަންކުރަމުންދިޔައީ ކަޅުއަނދިރިކަމެވެ. އެފަދަ ގަޑިއަކު އައިމިނާބީ ދެކޮޅެއް ނަހަދައެވެ. އޭނާ އަތްބެއްގެ ވާޖިބު ފުރިހަމައަށް އަދާކުރެއެވެ. އަދި ހަސަންތަކުރަށް އެވަގުތަކީ ހިތްފުރި ބަންޑުންވާ ވަގުތެކެވެ. އެފަދަ އަރާމެއް އިތުރު އަންހެނަކަށް ނުދެވޭނެކަން ޚުދު އޭނާވެސް ގަބޫލުކުރެއެވެ.
”ދެމަފިރިންގެ ލޯބީގެ މިވަގުތުކޮޅު ހޭދަކުރާ ކޮންމެ ރެޔަކު އައިމިނާބީ ފުޅިބައްތީގެ ހުޅުކޮޅު ނިއްވާލައެވެ. އެކަމުގެ ސަބަބުން އައިމިނާބީގެ ވަނާތަކުގެ ރީތިކަން ނުފެންނާތީ ހަސަންތަކުރު ޝަކުވާކުރުމުން އައިމިނާބީ އެ ކަމަށް ރައްދުދެއެވެ. މުހިންމުވަނީ ހަށިގަނޑުގެ ގޮވާގޮވުންތަކަށް އިޖާބަދިނުންކަމުގައި ބުނެއެވެ. ސޫރައަކީ ބެލުން އެހާ މުހިންމު އެއްޗެއް ނޫންކަމުގައިވެސް ބުނެއެވެ. އެހެން ނޫނަސް އައިމިނާބީ އަކީ ލަދުރަކި ކުއްޖެއްވެސް މެއެވެ.
”އަހަންނަށް މިކައިރި ވެވެނީ ކިހާވަރެއްގެ ރީތިކަމަކާކަންވެސް ފެނިލުން އެއީ ނަސީބެއް” އުފަލާއި ހިތްހަމަޖެހުމުގެ ވަގުތުތަކަކަށްފަހު ހަމަޖެހިލަމުން ހަސަންތަކުރުބުނެލިއެވެ.
”ލަދުވެތިކަމަކީ އަންހެނުންގެ ގަހަނާއެއް ކަމަށް މީހުންބުނާތީ އަޑުއެހަން” ހަސަންތަކުރު މޭގައި މޫނުފޮރުވާލަމުން އައިމިނާބީ މަޑުމަޑުން ބުނެލިއެވެ.
” ގަހަނާއަކީ ނިދަން އޮށޯންނަމުން ނަގާއެއްޗެއްކަން އެއީ ވެސް ބުނެ އުޅޭ ވާހަކައެއް” ހަސަން ތަކުރުބުނެލިއެވެ.
ލޯބީގެ ވަގުތުތަކަކަށްފަހު ހަސަންތަކުރަށް ނިދުނު އިރެއްވެސް ނޭނގުނެވެ
ފަތިސްވެ ކުކުޅު ހާ ގެ ގޮވުމާއި ކޮވެލި ގޮވާއަޑާއި އެކު ފަތިސް ނަމާދުގެ ބަންގީގެ އަޑު ރަށުތެރެއަށް ފެތުރިގެންދިޔައެވެ. ހަސަންތަކުރަށް ހޭލެވުނީ ކުއްލިއަކަށެވެ. ރޭގަނޑު ލިބުނު އަރާމާއި ހިތްހަމަޖެހުމުގެ ސަބަބުން ނިދިޖެހުނުލެއް ގަދަކަމުން މިއަދު ހޭލެވުނީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ސިއްސައިގެން ދިޔައީ ކައިރީގައި އައިމިނާބީ ނެތްތަން ފެނުމުންއެވެ.
”އައިމިނާބީ… އައިމިނާބީ” ހަސަން ތަކުރު މަޑު ގޮވުމެއްގައި ނިދި މޫނާއި އެކު ކޮޓަރިން ނިކުމެ ބަދިގެއާ ދިމާއަށް ދިޔައެވެ. އޭނާގެ ހިލަމެއް ނެތެވެ. ދެން މިސްރާބު ޖެހީ ގަސްތަކުތެރޭ ހުންނަ ގިފިއްޔަށެވެ.
”އޯތް، މަމިހުރީ ގިފިލީގައޭ” އައިމިނާބީގެ އަޑުއިވިގެން ދިޔައެވެ. ހަސަން ތަކުރު ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އައިމިނާބީ އޭނާއާއި ދުރުގައި ހޭދަވާ ވަގުތުތަކަކީ އޭނާގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްވެރިކަން އިތުރު ކުރުވާ ވަގުތުތަކެވެ. ސަބަބަކީ އައިމިނާބީއަކީ ރަށުގެ ހުރިހާ ފިރިހެނުންވެސް އެމީހެއްގެ ރީތިވާހަކަ ދައްކާ އަންހެނަކަށްވިކަމެވެ.
ފެންވަރާލައި ނަލަވެލައިގެން އައިމިނާބީ ގިފިލިން ނިކުތްއިރު އޭނާގެ މޫނުމަތީގައި ކުރިއަށްވުރެ ތާޒާކަމެއް ހުއްޓެވެ. ހަސަން ތަކުރު ގޮސް އޭނާއާއި ކައިރިވެލިއެވެ.
” މިހާރު އަދި ރެއަށްވުރެ ވެސް ރީތިވެފަ ތާޒާކަމަށް ފާހަގަވޭ” އައިމިނާބީގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅެއް ހިއްލާލަމުން ހަސަން ތަކުރު ބުނެލިއެވެ.
”ތަކުރާ… ތަކުރާ…” އެ ހިތްގައިމު ވަގުތުކޮޅު ގެއްލުވާލީ ގޭން ބޭރުން އިވިގެންދިޔަ ބަކުރުގެ ބަރު އަޑެވެ.
” ކިހިނެއް ވީތަ މާ ބާރަކަށް ތިގޮވަނީ؟” ހަސަން ތަކުރު ހިތްހަމަ ނުޖެހި ހުރެ އެދިމާއަށް ހިނގައިގަތެވެ.
” ހިނގާބަލަ، މިސްކިތު ފުރަގަހު ސަހަރާ ދޮރުމަތީ މީހަކު ކަތިލާފަ އެބައޮތޯ” ހާސްކަންމަތީ ހުރި ބަކުރު ތުރުތުރުލުމެއް ހުރި އަޑަކުން ބުނެލިއެވެ.
”އެޔޯ… ތިޔަ ކޮން އިރަކު ހިނގިކަމެއް، ކާކުބާ؟” ހާސްވެ ހުރި ހަސަން ތަކުރު މުންޑު އަރުވާޖަހާލަމުން ދުއްވައިގަތެވެ. ”އައިމިނާބީ ގެއިން ނުނިކުންނާތި” ފަސް އެނބުރި ބަލާލަމުން ބުނެލިއެވެ.
ހަސަންތަކުރުގެ އިންތިޒާރުގައި ހާސްކަންމަތީ އައިމިނާބީ ގޯތިތެރޭ ދެކޮޅަށް ހިނގަހިނގާ ހުރީ ހިސާބަކަށް ނުތަނަވަސްވެހުރެއެވެ. ރަށުތެރޭގައި ފަހަކަށްއައިސް ފެތުރިފައިވާ ނާމާން ބިރުވެރިކަން ކޮޅުންލައިން ދިޔައީއެވެ. އޭގެ ކުރިން އަބަދުވެސް އިވިގެންދަނީ މަރުވެފައި ހުރި ގަބުރު ކޮންނަ ކަމުގެ ޚަބަރުތަކެވެ. އެކަމަކު ދިރިހުރި އިންސާނެއްގެ މަރުގެ ޚަބަރު އިވުނު އެއީ ފުރަތަމަ ފަހަރެވެ.
” ކޮބާ؟ ކާކުތަމަރުވީ؟” ހަސަންތަކުރު އެނބުރި ގެއަށް އައުމުން ހާސްކަންމަތީހުރެ އައިމިނާބީ އަހާލިއެވެ.
” އެއީ ރަށު އުތުރު ކޮޅުގައި އުޅޭ ޔައުގޫބް ކިޔާ މީހެއް، އަދި ވަރަށް ޒުވާންވެސް ސޮރެއް އެޔަކީ” ހަސަންތަކުރު ޖަވާބުދިނެވެ. ގޭ ބޭރުގައިހުރި ޖޯލީގައި އިށީންނަމުންއެވެ. އޭނާ އާއި އެކު ހުރި ބަކުރުވެސް އޭނާ އާއި ޖެހިގެން ހުރި ޖޯލީގައި ހަމަޖެހިލިއެވެ.
” މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް، އަހަންނަށް އޭރުވެސް ހީވިއޭ 14ވިލޭރޭވީމަ ކޮންމެވެސް ނުރައްކަލެއް ދިމާވާނެކަން.. ތިހަންޑިއެއްގެ ހަގީގަތްވެއްޖެއެއްނުން ބަލަން” ބަކުރުގެ އަނބި ސަމިއްޔާވެސް އެމީހުންފެނުމުން އެހިސާބަށް އައިސް ހުއްޓެމުން ބުންޏެވެ.
” މިހާ ދުވަހު ހީކޮށްގެން މިތިބެނީ މީހަކު ފަންޑިތައެއް ހަދަން ގަބުރު ކޮންނަނީއޭ، އެކަމަކު މިހާރު މިކަމެއް ހިނގާ ގޮތެއް ބަލަންޖެހޭ އެބަ… މިހާރު މިހެން ފިނޑިވެގެން ތިބެވޭކަށް ނެތެއްނުން” ބަކުރު އަޑަށް ބާރުލާފައި ބުނެލިއެވެ.
” އަހަރެންވެސް ބުނެފީމޭ ހަސަންތަކުރު ކައިރީ މިކަމަށް ނިމުމެއް ގެނެވޭނީ ނިކަން ކެރިގެނޭ” އައިމިނާބީވެސް ބަކުރާއި ބައިރިވެލިއެވެ.
” އެކަމަކު އެންމެންވެސް ކިޔަނީ އެއީ ހަންޑިއެކޯ… އެފަދަ އެއްޗަކާ އަހަރުން ތަޅާފޮޅާނީ ކިހިނެއް؟” ސަމިއްޔާ ޚިޔާލަކަށް އަހާލިއެވެ.
”ތިވެދާނެއެއްނުން، ރަށުގެ މީހެއްގެ އަމަލަކަށްވެސް؟” އައިމިނާބީ ބުނެލިއެވެ.
”އެވަރު ކަމެއް ކުރާކަށް އިންސާނަކަށް ނުކެރޭނެ، ހިނގާ މިއަދު މަހަށް ނުގޮސް ރަށުރައްޔިތުން އާއި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަން” ހަސަންތަކުރު ބުނެލިއެވެ.
”އާނ… މަހަށް ދިއުމަށްވުރެ މިކަންމީ މާ މުހިންމުކަމަކަށްވެއްޖެ” ބަކުރު ގަދަވެލާފައި ބުންޏެވެ.
ހަތަރު މީހުންގެ މަޝްވަރާއަކަށްފަހު ރަށުމީހުނާއި ބައްދަލުކުރުމަށް ގޮވާލަން ނިންމިއެވެ. އަދި އެދުވަހުގެ މެންދުރުފަހު ރަށުރައްޔިތުންނަށް ނައިބުގޭދަށަށް އެއްވުމަށް ސަންގުފުމެވުނެވެ. ވަގުތުން ރަށުގެ ރައްޔިތުން އެތަނަށް ޖަމާވާންފެށިއެވެ.
” ކޮބާ ހުރިހާ އެންމެނެ ހަމަވެއްޖެތަ؟” އެއްވުމަށް ގޮވާލި ބަކުރު ގޮވާލިއެވެ.
” އަދި ހަކީމެއް ނާދެ” އެއްވެފައިވާ މީހުންތަކުގެ ތެރެއިން އެކަކު ބުނެލިއެވެ. ހަކީމަކީ މީހުނާއި އެކަހެރި ދިރިއުޅެއް އުޅެމުންދާ މީހެކެވެ. އޭނާއަކީ ރަށުގެ ވަލު ފަރާތުގައި އަތިރީގައި ކުޑަ ޖިފުޓިގަނޑެއް އަޅައިގެން ދިރިއުޅެމުންދާ މީހެކެވެ. މީހަކާ އެއްވެސް ގުޅުމެއް ބާއްވާމީހެއް ނޫނެވެ. މީހުން ބުނާގޮތުގައި އެއީ ބޯ ހަމަޖެހޭ މީހެއް ނޫނެވެ.
”އެހެންތަ؟ ހަކީމު ހުއްޓަސް އަހަރުމެނަކަށްވާނެ ފައިދާއެއް އޮތްހެނެއް ހިޔެއް ނުވޭ” ހަސަންތަކުރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
އެތައް ބަހުސަކަށްފަހު ކޮންމެ ރެއަކު ސަހަރާދޮށުގައި ޖާނުންވަރުގަދަ ތިން ފިރިހެނުން ބައިތިއްބުމަށް ނިމިގެންދިޔައެވެ. އަދި އެންމެން އެގޮތަށް އެއްބަސްވިއެވެ.
- -ނުނިމޭ-
3 Comments!
Comments are closed.
Varah thafaathu story eh.. nice
Varah thafaathu story eh.. nice
Interesting