Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އައިމިނާބީ 3

IQ Level 110 Stories
August 7, 2016 6 Mins Read
6 Comments

”އެހެންތަ؟ ހަކީމު ހުއްޓަސް އަހަރުމެނަކަށްވާނެ ފައިދާއެއް އޮތްހެނެއް ހިޔެއް ނުވޭ” ހަސަންތަކުރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އެތައް ބަހުސަކަށްފަހު ކޮންމެ ރެއަކު ސަހަރާދޮށުގައި ޖާނުންވަރުގަދަ ތިން ފިރިހެނުން ބައިތިއްބުމަށް ނިމިގެންދިޔައެވެ. އަދި އެންމެން އެގޮތަށް އެއްބަސްވިއެވެ.

ޔައުގޫބުގެ މަރަށް ދެވަނައަށް ވީދުވަހެވެ. ހަސަންތަކުރު މަހުންއައި އިރު އައިމިނާބީއެއް މަގުމަތިން ފެންނާކަށްނެތެވެ. ހާސްކަންމަތީހުރެ ގޭތެރެއަށް ވަންއިރު އައިމިނާބީއޮތީ އަށިމަތީ ނިދިޖެހިފައެވެ. ދެފަހަރަކު ގޮވާލުމުންވެސް ލޮލެއް ނުހުޅުވެއެވެ. ގައިގައި އަތްޖައްސާލިއިރު ހަސަންތަކުރުގެ އަތްފިހޭހާ އޭނާގެ ހަށިގަނޑުވަނީ ހޫނުވެފައެވެ. ހާސްކަންމަތީހުރެ ހަސަންތަކުރު އައިމިނާބީގެ ހަށިގަނޑު ގުޑުވާލިއެވެ. ފުންނޭވަޔަކާއި އެކު އޭނާ ލޯހުޅުވާލިއެވެ. ދެލޯވެސްވަނީ ރަތްވެ ވަރުގޮސްފައެވެ.

”ބަލަ އައިމިނާ ތިއޮތީ ހުމާއެއްނޫންތަ؟” ހަސަންތަކުރު އަހާލިއެވެ. ތެޅިފޮޅިގަތެވެ. ”ހިނގާ ބޭސްވެރިއެއްގާތަށް ދަމާ” ހަސަންތަކުރު އައިމިނާބީ ގޮވައިގެން ދިއުމަށްޓަކައި އަވަސްވެގަތެވެ.

”މަޑުޖެހިބަލަ، މީއެވަރުކަމެއް ނޫނޭ، އާދައިގެ ހުމެކޭ، އަހަރެން ހުންނާނެ ބޭހެއް ހަދާފައެބޯލީމަ ރަގަޅުވާނެ، ތަކުރު ހަމަޖެހިބަލަ، އަހަރެން ހުންނާނެ ކާންހަދާފަ، ދޭ ފެންވަރާލައިގެން އަންނަން” ހަސަންތަކުރު އައިމިނާބީގެ ބަހަށް އެއްބަސްވެ އޭނާ ބުނިގޮތަށް ކަންތައްކުރިއެވެ. ރަށުގެ ރައްޔިތުންއަށް އެންގުނު އެންގުމާއެއްގޮތަށް ފާރަލުމަށް މީހުން ބޭތިއްބަންފެށުމުން ރަށުގެ ހާލާތު އަނެއްކާވެސް ބަދަލުވެގެން ދިޔައެވެ. ފާރަލާންފެށި ރެއިން ފެށިގެން އެސަހަރާއިން އެކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. މަސްދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ.

” ކޮބާ މިހާރު އެބުނާ ހަންޑީގެ ކުޅިވަރު ހުއްޓުނީ ކަންނޭންގެދޯ ” މަސްބޭނުމުގެ މަސައްކަތުގައި އުޅެ މެންދުރު ކެއުމަށް އޮޑީގައި ހަމަޖެހިލައިގެން އިން ބަކުރު ފޮނި ރާގެއްގައި ބުނެލިއެވެ.

”އާނ..ދޯ، އަހަންނަށް ތިޔަކަމަށްވުރެ އައިމިނާބީއަށް ޖެހިގެންއުޅޭ ހުމަކާއިމެދު ވިސްނުމެއް ހުއްޓައެއްނުލެވޭ، ދެން އޭނާ އަމިއްލައަށް ހަދައިގެން އުޅޭ ބޭހަކުން ހުންމަދުވެފަ ދެދުވަހެއް ރަގަޅަށްހުރޭ” ހަސަންތަކުރު ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

”ތިޔަ ހަމަ ރޯގާގަނޑަކަށްވާނީ، ތިޔަކަމާ އެވަރަށް ނުވިސްނަބަލަ، އެގޮއްޔެ އިރާދަފުޅުކުރެއްވިއްޔާ ރަގަޅުވާނެ، ދެން ހިނގާބަލަ ފާރަލުންވެސް ހުއްޓާލާފަ، ރައްޔިތުންނަށް މިނިވަންކަމާއެކު ބޭނުން އިރެއްގަ ބޭރަށް ނިކުމެ އުޅެވިދާނެކަން އަންގަން” ބަކުރު ވިސްނަން އިނދެލާފާ ބުނެލިއެވެ.

ބަކުރުގެ އެބަހަށް އެންމެން ތާއީދުކޮށް އަނެއްކާވެސް ޖެހިގެން އައި ދުވަހަށް ރަށު ރައްޔިތުންއަށް އެއްވުމަކަށް ގޮވާލަން ނިންމިއެވެ.

ދޯނި ލެފުމާއި އެކު ހަސަންތަކުރާއި ބަކުރު ގެއަށްދިއުމަށް ދެވެރީންގެ ގެއާދިމާއަށް މިސްރާބުޖެހީ އެކުގައެވެ.

”ކޮބާ ތަކުރާ ކަލޭ މިހާރު އަތިރިއަށް ދިއުމެއްވެސް ނޯވޭތަ؟ ބިރުންދޯ ” ބަކުރު މަލާމާތުގެ ރާގަކަށް އަހާލިއެވެ.

”ނޫނޭ، މިހިނގި ކަންތައްތަކާ ހެދި އައިމިނާބީ ގިނަ އިރު އެކަނި ބަހައްޓަން ބިރުގަންނަނީ.. އަދި އޭނަ ބަލިވެ އުޅޭތީއާއެކު ގޭ ބިއްދޮށަށް ހާއްޖަތަށްދަނީ” ހަސަންތަކުރު ބުނެލިއެވެ. ދެމީހުން ގެއާ ހަމައަށް ދިޔަ އިރު އައިމިނާބީ ރީތިވެ ނަލަހެދިލައިގެން ހަސަންތަކުރުގެ އިންތިޒާރުގައި މަގުމައްޗަށް ނުކުމެ ހުއްޓެވެ. އޭނާގެ ފަރިހިނިތުންވުމާއި އެކުގައެވެ. ބަލިވެ އުޅުމުގެ ސަބަބުން މޫނުމަތި މިލާމޯޅިވެފައި ހުއްޓެއްކަމަކު އެރީތިކަމަކށް ބަދަލެއް ނާދެއެވެ.

ހަސަންތަކުރުގެ ބުނުމަށް ރަށުގެ ހުރިހާ މީހުން ޖެހިގެން އައި ދުވަހު އެއްކުރެވުނެވެ. އަދި ރަށުތެރެއަށް އަވަލައިގެން އުޅުނު ހަންޑީގެ ބިރު ރަށުތެރެއިން ފިލައިގެން ހިނގައްޖެކަން އިޢުލާންކުރިއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން މިނިވަންކަން މަތީ މީސްތަކުންއަށް އުޅެވޭނެކަމަށް އިޢުލާން ކުރިއެވެ.

އިއްވުނު އިއްވުމާއެކު ހުރިހާ މީސްތަކުން ގޭގެއިން ނުކުމެ ރަށުތެރެ ހަލަބޮލި ކޮށްްލުވިއެވެ. ކުޑަކުދިން އެތައް ދުވަހަކަށްފަހު ހިނިތުންވެ ކުޅިވަރު ކުޅެން ފެށިއެވެ. މިސްކިތްދޮށަށް ފެންބަލާ ދާން ނުކެރިފައި ތިބި އަންހެންވެރިން ބަނޑިޔާތަށް ކިހިލިޖަހައިގެން ފެންބަލާދާ މަންޒަރުފެންނަންފެށިއެވެ.

އެގެ ދެރޭފަހެވެ.ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު އުޑުމަތި ފަޅުކަންފިލުވައި ދެމުންދިޔައެވެ. އިޝާނަމާދަށްފަހު، ހަސަންތަކުރު ގެއަށް އައުމުން ކާންދިނުމަށްފަހު، ހަސަންތަކުރު ނިދިޖެހުމުން އައިމިނާބީ މަގުމައްޗަށް ނުކުތީ ބަނޑިޔާ ހިފައިގެން ފެންބަލާ ދިއުމަށެވެ. ބަލިވެ އުޅުނު ނަމަވެސް ގޭތެރޭގެ ހުރިހާ ކަމެއް ހަމައަށް ބެލެހެއްޓުމަށް އައިމިނާބީ އިސްކަންދެއެވެ. އެކަނި ނުދިއުމަށް ހަސަންތަކުރު އެދުމުން އެކަނި ނުދާކަމަށާއި ދަނީ ބަކުރުގެ އަނބި ސަމިއްޔާއާއި އެކު ކަމަށް ބުންޏެވެ. އެރޭ، ބަކުރު އަނބި ސަމިއްޔާވެސް ނިދާފާ އޮތުމުން އައިމިނާބީ ބޮޑުމަގުން މިސްކިތާ ދިމާއަށް ހިނގައިގަތީ އެކަނިމައި އެކަންޏެވެ. މީހެއްގެ ހިލަމެއްވެސް އެވަގުތު ރަށުތެރެއިން ވާކަށް ނެތެވެ. ހަމައެކަނި ރީތިހަނދުވަރާއި ބަބުޅަމުންދިޔަ ތަރިތަކެވެ.

ހަސަންތަކުރަށް ނިދިން ހޭލެވުނު އިރު މެންދަމު ބާރަ ޖަހަނީއެވެ. އޭރުވެސް އައިމިނާބީގެ ހިލަމެއް ގޭތެރެއަކުން ވާކަށް ނެތެވެ. ހަސަން ތަކުރު ވެފައިހުރި ހާސްކަމާއި އެކު މަގުމައްޗަށް ނުކުތެވެ.އައިމިނާބީއަށް ގޮވަމުންއެވެ.  ބަކުރު ގޯތީގެ ދޮރުގައި ޓަކިޖަހާލިއެވެ.

” ކަލޯ ހަސަނާ ކޮން ވަޑާމެއް! އަދި ފަތިސްވެސް ނުވެއެއްނުން” ނިދި މޫނާއި އެކު ބޯދިއްކޮށްލި ބަކުރު ބުނެލިއެވެ.

”ކޮބާތަ ސަމިއްޔާ؟ އޭނަ ގެޔަށް އައިސްސިތަ؟” ހަސަން ތަކުރު އަހާލިއެވެ.

”އޭނަ ނިދާފަ އޮންނަތާ ކިހާ އިރެއް، ކިހިނެއްވީތަ” ސުވާލުތަކަކުން ފުރިފައި ހުރެ ބަކުރު އަހާލިއެވެ.

” މިއުޅެނީ އައިމިނާބީ ފެންބަލާ ދިޔަގޮތަކަށް ޚަބަރެއް ނުވެގެން” ހަސަންތަކުރު ހާސްވާންފެށިއެވެ.

” ސަމިއްޔާ މިރޭ ހުމާއޮތީމަ އޭނަ ނުނިކުމޭ ގެއިން ބޭރަކަށް” ބަކުރުގެ އަޑުގައިވެސް ވަނި ހާސަކަމެވެ. ދެމީހުން ސިއްސުވާލީ ދުވެފައި އެމަގަށް އެޅި އައިމިނާބީ ފެނުމުންއެވެ. އަބަދުމެ ބޮލުގައި އޭނާ ޖަހާފައި ހުންނަ ހުޅި މޮހި މޫނުމައްޗަށް އިސްތަށިގަނޑު ވަނީ މުޅިންހޭވިފައެވެ. މުޅިމީހާ ހުރީ ދާހިތްލާ ފޯވެ، ވެލިން ތަތްތެޅިފައެވެ. އައިމިނާބީ ފެނުމުން ތަކުރާއި ބަކުރުވެސް އޭނާ އާއި ދިމާއަށް ދުއްވައިގަތެވެ. އައިމިނާބީ ހުރީ  މާނޭވާ ލެވިލެވިއެވެ.

” އައިމިނާބީ… ކިހިނެއްތަވީ… ކިހިނެއްތަވެފަތިހިރީ… މިހާ ގިނައިރުވީ  ކީއްވެތަ؟” ހަސަންތަކުރަށް ލިބިފައިވާ ހާސްކަމާއެކު އެއްފަހަރާ ފަތިފައްޗަށް ސުވާލުތައް އަމުނާލިއެވެ.

” އާދެބަލަ މިޖޯއްޔަށް މިތާ ހަމަޖެހިބަލަ” ބަކުރު އައިމިނާބީގެ އަތުގައިހިފާ ގެންގޮސް ޖޯލީގައި ބޭންދިއެވެ.

” އަހަރެން ފެންބަލާ ދިޔަ އިރަކު އެކަކުވެސް މަގެއްގެ މަތިން ފެންނާކަށްނެތް… އަހަރެން ދާނިން ފެންނަގަން ހުއްޓަ ސަހަރާއާ ދިމާލުން އެއްޗެއްގެ އަޑުއިވުނީމަ އަހަރެން މަޑުމަޑުން އެދިމާ ބަލާލީ… އެތާ ހުރީ އެހަންޑި… އެއީ ތޯތޯވާހަކައެއްނޫނޭ… ހަސަނާ… އެއީ ހަމައުޅޭ އެއްޗެއް… ބޮޑުބިޔަ ހަންޑިއެއް” ދެލޯބޮޑުވެ މާނޭވާލަމުން ބިރުން އިނދެ އައިމިނާބީ ކިޔާދިނެވެ.

” ބަކުރާ ހިނގާބަލަ، ހިނގާބަލަ މީހުންނެރެގެން އެދިމާއަށްދާން” ހަސަންތަކުރު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ.

” މިހާރަކު އެއްޗެއް ނުހުންނާނެ؟ ހާސްކަންމަތީހުރެ ބަކުރު ބުނެލިއެވެ.

” ނޫން… އެއީ ކަލޭމެން ބޭނުން އިރަކު އަތުޖެހޭނެ އެއްޗެއް… އެއީ މިރަށުގާ އިންސާނެއްގެ ސިފައިގައި އުޅޭ އެއްޗެއް” އައިމިނާބީ ރޮއެގަނެފައި ބުންޏެވެ.

”އިންސާނެއްގެ ސިފައިގައޭ” ޚައިރާންވެތިބެ ބަކުރާއި ހަސަންތަކުރު އަހާލިއެވެ. ”ކާކު؟”

”ހަކީމް… އެއީ ރަށު އުތުރުގަ އުޅޭ ހަކީމް..އަހަރެންގެ މިދެލޮލުން ދުށީން އޭނާގެ ސިފަ ބަދަލުވަނިކޮށް.. އަހަރެން ފެންބަނޑިޔާ ވަޅުދޮށުގައި ބަހައްޓާ އެޔަށް ފެންއަޅަން ދާނި ހިއްލާލިތަނާ ސަހަރާއާއި ދިމާލުން މީހެއްގެ ހިލަމެއްވިހެން ހީވި… ހާސްވިނަމަވެސް އަހަރެން އެއީ ކާކުތޯ ބަލާލަން މަޑުމަޑުން ސަހަރާ ފާރުކައިރިއަށް ޖެހިލިން، ކުއްލިއަކަށް މުޅިސަހަރާތެރެއަށް ކަޅު ދުންގަނޑެއް ފެތުރިގެންދިޔަ، ދެން ފެނުނީ ހަކީމް… އޭނާގެ ދެއަތް ދިގުވެ މުޅިގައިން ކެހެރިތަކެއް ފެޅި، މުޅިމޫނުމަތި ބަދަލުކޮށްލި، އަދި މަހާނަ ކޮންނަންފެށި، އަހަންނަށް ބިރުން އިތުރަށް ބަލާކަށް ނުކެރުނު، އަހަރެން އެތަނުން ސަލާމަތްވެގެން މިހިސާބަށް މި އާދެވުނީ ހަމަ ކިރިޔާ..” އައިމިނާބީ ޔަގީންކަމާއި އެކު ބުންޏެވެ.

”ބުނާތީ އަޑުއެހިން އެ ހަކީމުގެ ކާފައަކީ ފަންޑިތަހަދާމީހެކޭ، އޭނަ މަރުވީވެސް ރޫހާނީބާރަކުން ކަމަށް ކިޔާއުޅޭ” ހާސްކަން ލިބިފައިވާ ސަމިއްޔާ ބުނެލިއެވެ. ”އެއާއިލާ އެންމެ ކުރިންސުރެ ވަކިވެގަނެގެން އުޅެނީވެސް އެސަބަބާހުރެކަމަށްވޭ”

އިތުރު ވާހަކައެއް ދެއްކުމެއްނެތި ހަސަންތަކުރާއި ބަކުރު ހިނގައިގަތީ ރަށުގެ ފަހުލުވާނުން އެއްކުރާށެވެ. އެންމެން އެއްތަންވެ ދަޑިތަކުގައި ހުޅުޖަހާ ކާސިމްއުޅޭ ޖިފުޓިއާ ދިމާއަށް މިސްރާބުޖަހަން ތައްޔާރުވީ ހަސަންތަކުރުގެ ގޭދޮށުންއެވެ.

” ހަސަންތަކުރާ ބަލައިގެން އުޅޭތި، ތިފުރާނައަށް ގެއްލުމެއް ނުވުމަށް އަހަރެން ދުޢާކުރާނަން” ބަލިއަޑަކުން އައިމިނާބީ ބުލެނިއެވެ. އަނގުރު ރުޅިއާއި އެކު ހަނގުރާމައަށް ތައްޔާރުވަމުންދިޔަ ހަސަންތަކުރު ގާތު އައިމިނާބީ ބުނެލިއެވެ.

” އޭތި އެކުޅުނީ އަހަރެންގެ ފުރާނައާ،،މިފަހަރު ގެއްލުންވާނީ އަހަންނަކަށްނޫން.. ނިމިދާންޖެހޭނީ އެހަންޑި” އަލިފާން ރުޅިވެރިކަމާއި އެކު ބޭރަށް ހިނގައިގައިން ހަސަންތަކުރު ނުކުތީ އައިމިނާބީ މަސްކަނޑަން ގެންގުޅޭ ތޫނުވަޅިއަތަށް ހެޔޮވަރުކޮށްލައިގެނެވެ.

”ހަސަން ތަކުރާ، އަދި އެއްވާހަކަ… އަހަރެންގެ މަންމަމެން ބުނޭ ރޫހާނީއެއްޗެހީގެ ބާރު އެންމެ އަވަހަށް ކެނޑޭނީ އޭއްޗެހިންގެ ދޫބުރިކޮށްލީމައޯ… އިންސާނުންގެ ސިފައިގައި ތިބޭ އެފަދަ އެއްޗެހިންގެ އަނގައިން ނިކުންނަ ބަސްއަޑުއެހުމަކީ ހަލާކެއްކަމަށް ބުނެއުޅޭ” އައިމިނާބީ ހަސަންތަކުރުގެ ފަހަތުން ނިކުންނަމުން ބުނެލިއެވެ. އައިމިނާބީ ކޮށިއެރިއެވެ. އަދި އަނގައިން ހޯސްލާފައި ލޭފައިބަންފެށިއެވެ. ހަސަންތަކުރު ފަސްޖެހުނެވެ. ”އައިމިނާބީ ތިޔޯ، ކިހިނެއްވީ” ހާސްވެ ހަސަންތަކުރު އައިމިނާބީގައިގައި އޮޅުލައިގަތެވެ. ”މަޑުނުކުރޭ، އަވަހަށްދޭ، އަހަރެން ހަމައަކަށްއެޅިދާނެ، އަހަރެން ތަކުރަށް އިންތިޒާރުކުރާނަން، މި ބިރުވެރިކަމުން މިރަށު ރައްޔިތުން ސަލާމަތްކުރޭ” އައިމިނާބީ ރޮއެ ގަންނަމުން ބުނެލިއެވެ. އޭރު ބަކުރާއި ސަމިއްޔާ އަދިވެސް އެގޭދޮރުމަތީ ތިބިމީހުނަށް އެމަންޒަރުފެނި އައިމިނާބީގެ ގާތަށް އެއްވިއެވެ.

”އާނ… ތަކުރާ އަވަހަށްދޭ… އަހަރުމެން އައިމިނާބީއަކަށް ކަމެއްވިޔަކަ ނުދޭނަން” ސަމިއްޔާއާއި އެކު އެއްވެތިބި އަންހެންވެރިން އެއް އަޑަކުން ބުނެލިއެވެ. އަދި އެއަށްފަހު، އައިމިނާބީ އަށްޓެއްގެ މަތީ ބޭއްވިއެވެ.

ކަނު އަނދިރީގައި ރަށުގެ ގިނަ ފިރިހެނުންތަކެއް އަތައް ދަނޑިބުރިއެއްގައި އަލިފާންޖަހައިން ތިބެ ހަކީމު ދިރިއުޅޭ ޖިފުޓިއާ ދިމާއަށް ދިޔައެވެ. ބޮޑެތި ބިޔަ ނިކަގަސްތަކާއި ދިއްގާގަސްތަކުން ފޮރުވިފައިވާ އެޖިފުޓިގަނޑު ވަށައިގެންވަނީ ދުންއަރާގޮތަށް އަލިފާންރޯކޮށްފައިހުރި ނާށިތަކެއް ބަހައްޓާފައެވެ.

“ހަކީމް” ރުޅިގަދަވެފައިހުރި ހަސަންތަކުރު ހަޅޭއްލަވައިގަތެވެ.

ޖިފުޓި ދޮރުކަހާލާފައި ހަކީމް ބޭރަށް ބޯދިއްކޮށްލިއެވެ. އޭނާގެ އަތުގައި އޭރުވެސް ކަށްބޮލެއް އޮތެވެ. އޭގެ ތެރެއިންވެސް ދުންއަރަމުންދިޔައެވެ.

”އެހެރީ އޭތި، މިހާރުވެސް ކަށްބޮލެއް އަތަށް ލައިގެންއެހެރީ”  ހަކީމުއަތުގައި ކަށްބޮލެއް އޮތުމުން އިތުރު ވިސްނުމަކަށްވެސް މީސްތަކުން ނުގޮސް ހުރިހާ އެންމެން އޭނައާއި ދިމާއަށް ދުއްވައިގަތެވެ. އަދި އޭނާއަށް އަނގައިން ބަހެއް ބޭރުކުރުމުގެ ފުރުޞަތުވެސްނުދީ އޭނާގެ އަނގަމަތީގައި ފޮތިގަނޑެއް ބަނެވެ. އެތާކައިރީހުރި ދިއްކާގަހެއްގައި އޭނާ ބަނެވެ. އޭނާ ބޯހޫރަމުން އާދޭސްކުރަންފެށިކަހަލައެވެ.

”ކަލޭ ހީކުރީތަ ތިގޮތުގައި މުޅި މިރަށް ކައިހުސްކުރެވޭނެކަމަށް” އެތަނުން އެކަކު ރުޅިގަދަ އަޑަކުން ބުނެލިއެވެ.

”އޭތީގެ ދޫބުރިކޮށްލާ، އެގޮތުގައި ހުރެވެސް ކޮންމެވެސްގޮތަކުން އޭތީގެ ބައިވެރިންއަށް ގޮވާފާނެ” އިތުރު މީހަކު އަޑުގެ ނެތްތަނަށް ރޮއެގަންނަމުން ބުންޏެވެ.

ހަސަންތަކުރު އަތުގައި އޮތް ވަޅިހިއްލާލާ ހަކީމުގެ އަނގަމަތީގައި ބަނދެފައިހުރި ފޮތިގަނޑު ތިރިކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ. އޭނާ އެއްޗެކޭ ބުނުމަށް އަވަސްއަވަހަށް އަނގަހުޅުވާލުމުން ދެމީހަކު އޭނާގެ ބޮލުގައި ހިފެހެއްޓިއެވެ. އަދި ހަސަންތަކުރު އޭނާގެ ދުލުގައި ހިފާ އަތުގައި އޮތް ތޫދުވަޅިން ކާސިމުގެ ދޫބުރިކޮށްލިއެވެ. އެއީ އައިމިނާބީ ބުނިގޮތެވެ. ރޫހާނީ އެއްޗެހިންގެ ބާރު ދުއްވާލެވޭނީ އެންމެ ފުރަތަމަ ދޫބުރިކޮށްލައިގެންނެވެ. ރަށުތެރޭގައި ހިނގާފައިވާ ހުރިހާ ބިރުވެރި އަދި ހިތްދަތި ހާދިސާތަކެއް ހިތަށްގެނެސް ހުރިހާ މީހުންވެގެން ހަކީމް ކޮށާ ތިރިކުރިއެވެ. އަނިޔާވެރި ނިމުމަކުން އޭނާގެ ނަން ފޮހެލިއެވެ. ހަކީމްގެ ޖިފުޓިއާއި އޭނާގެ މަސްގަނޑު އަންދާލަން ހުޅުޖެހުމަށްފަހު އެންމެން ހިނގައިގަތެވެ.

އެންމެން އެކިދިމާލަށްގޮސްހުސްވުމުން ރޯވެފައިވާ އަލިފާންގަނޑުން ފެތުރެމުންދިޔަ ކަޅު ދުމުގެ ތެރެއަށް އިތުރު އަނދިރިކަމެއް އަރައިގެންދިޔައެވެ. މުޅި ހިސާބުގަނޑު ބެދުނެވެ. ވައިގަދަވިއެވެ. އޭރު ހަކީމުގެ ހަށިގަނޑުގެ މަސްތަކުގައި އަލިފާންހިފާ އަނދަމުން ދަނީއެވެ. ފެތުރެމުން ދިޔަ ދުމުގެ ތެރެއިން ހަކީމުގެ ހަށިގަނޑު ކުރިމައްޗަށް ހުއްޓުނީ އައިމިނާބީއެވެ. އޭނާ ހުރީ އާންމުކޮށްއޭނާ ލާ ރަތްކުލައިގެ ލިބާސްގަނޑުގައެވެ. އިސްތަށިގަނޑު ހޭވިފައިހުރުމުން އެއްބައި އިސްތަށިތައް މޫނުމައްޗަށް ފައިބާފައި ހުޓެވެ. ކުއްލިއަކަށްނުބައިވައްތަރަކަށް ހިނިގަނޑެއް ޖަހާލިއެވެ. އެއަޑު މުޅިހިސާބު ގަނޑުގައި ގުގުމާލާފައިވެއެވެ.

” އޭރުވެސް އަހަރެން ބުނީމެއްނުން، އަހަރެން ފެނުނުވާހަކަ މީހަކު ކައިރީ ނުބުނަން ވަޢުދުވާށޭ.. މަބުނި ބަސް ނާހާ، އަނގަގަދަ ކުރާނަމޭ ބުނީމަ ލިބުނު އަދަބު ރީއްޗެއް ނޫންތަ؟ އޭރު އަހަންނަށް ކަލޭގެ ނިމުން އަހަރެންގެ އަތުން ނުދެވުނީ މަސްދުވަސް އެއްޗެއްކާނުލާ ހުރީތީ އަހަރެންގެ ބާރު ދެރަވެފައިވާތީ.. ކަލޭ ހީކުރީދޯ ކަލޭގެ ފަންޑިތައިގެ ބާރުން އަހަރެން ނައްތާލެވޭނެއޭ.. އަހަންނަށް ކަލެޔާ ކައިރިނުވެވޭނެ ވަރުކޮށްގެން ހުންނާނެތީ އަހަރެން ހަސަންތަކުރުމެން މިފޮނުވީ.. އަހަރެން ކަލޭކައިރީ ކިހާ އާދޭހެއްކުރިން މީހުންނަށް މިކަން ސިއްރުކޮށްދޭން… ބަލަ މިހާ ދުވަސްވީއިރުވެސް އަހަރެން ދިރިހުރި އިންސާނަކަށް މިރަށަކުން ގެއްލުމެއްދީފައެއް ނޯންނާނެ.. ޔަޢުގޫބު މަރާލަން ޖެހުނީވެސް އޭނާއަށް އަހަރެންފެނި އަހަރެންގެ ވާހަކަ ބުނާނަމޭ ބުނީމަ… އޭނަގައިން އެންމެ މަސްކޮޅެއްވެސް މަދުވެފައޮއްވަ ދުށިންތަ؟.. އަހަރެންގެ އާއިލާމީހުންނަކީ އިންސާނުންމަރާ ބައެއްނޫން، އަހަރުމެން ދިރިތިބެނީ ގަބުރުކޮނެ އޭގެ މަހާ ކަށިކައިގެން، ކޮންމެ ސާދަވިލޭރެއަކު އެއްގަބުރުގެ މަހާކަށިލިބިއްޖެނަމަ އަހަރުމެންނަށް މަސްދުވަސް އެއިންފުއްދޭ، އެކަމުން ކަލޭމެނަށް ކޮން ގެއްލުމެއް އޮތީ،  އަހަރެންގެ މައިން ބަފައިން އަހަރެން ގެންގުޅެ ބޮޑުކުރީ އެގޮތުގަ އަހަރެންގެ މިރީތިކަމުގެ ސިއްރަކީ ވެސް އެއީ، އަހަރެންގެ މައިންބަފައިން އަހަރެން ގެންގުޅުނީ ވިގަނިއަރާ ނިމިގޮސްފައިވާ ރަށެއްގައި އެރަށުން މަރުވެފައިވާ މީސްތަކުންގެ މަހާ ކަށިކާންދީގެން، މަސްހުސްވާން ކައިރިވުމުން އެމީހުން އެކެއުން ހުއްޓާލާ އަހަރެންގެ ދިރިއުޅުން ދިގުކުރުމަށް އަހަންނަށް އެކަނި ކާންދީހެދީ، އެމީހުންގެ ސިފަ ގެއްލުނީ އެސަބަބާއިހެދި، އަހަރެންއަށް ގޮތްހުސްވާން ކައިރިވެފަ ހުއްޓަ ހަސަންތަކުރު އަހަރުންގެ ރަށަށް ލެއްގީ، އެއަށްފަހު އަހަންނަށް މިރަށަށް ފޯރީ، އަހަރެން އާދޭސްކުރީމެއްނުން އެހުރިހާ އެއްޗެއްކިޔާދިނީމަވެސް ކަލެއަކަށް ނުވިސްނުނު، އަހަރެންއަކީ އެހެން ރޫހާނީ އެއްޗެހިފަދަ ބައެއްނޫން ” ގަދަ ހިނިގަނޑަކާއި އެކު އިސާހިތަކު އައިމިނާބީ އެތަނުން ގެއްލުނެވެ.

ހަކީމުގެ ދުވަސްދުއްވާލުމަށްފަހު، ހަސަންތަކުރާއި ބަކުރު އަވަސް ދުވުމެއްގައި ހަސަންތަކުރުގެ ގެއަށްއައީ އައިމިނާބީގެ ހާލުބަލާށެވެ. ގެއަށް ވަންއިރަކު އައިމިނާބީ ފެންނާކަށްނެތެވެ.

”ސަމިއްޔާ ކޮބާ މަގޭ އައިމިނާބީ؟” ހާސްކަންމަތީ ގޭތެރޭ ތިބި އަންހެންވެރިންގެ ގާތު ހަސަންތަކުރު އަހާލިއެވެ.

” އައިމިނާބީ ދިޔައީ ގިފިއްޔަކަށް ދާންޖެހިގެން” ސަމިއްޔާ ބުނެލިއެވެ.

ހަސަންތަކުރު ހަލުވިކަމާއި އެކު ގިފިލި ފަރާތަށްދިއައެވެ. ދެފަހަރެއްމަތިން އައިމިނާބީއަށް ގޮވާލިތަނާ އޭނާ ގިފިލިންނުކުތެވެ. ގައިގައި ވަރުޖެހި މޫނުމަތީގައިވާ ބަލިމަޑުކަން ފިލައިގެންގޮސްފައިވާ ކަހަލައެވެ.  އާއެކެވެ. އޭނައަށް އޭނާގެ ކާނާ ލިބުނީއެވެ.އޭނާ ނިކުތީ ހާކިމުގެ ކަށްބޮލުން އޭނާގެ ބަނޑުފުރައިގެންނެވެ.

ހަކީމު ނެތިދިއުމުން ރަށުގެ ރައްޔިތުންނަށް އަނެއްކާވެސް ހަމަޖެހުން ލިބި ކުރީގެ ދިރިއުޅުމަށް އެނބުރިދިޔައެވެ. އޭގެ ތިން ވަނައަށްވީރެއެވެ. ހަސަންތަކުރު މަހުން އައިސް ފެންވަރާ ކައިހަދައިގެން ކޮޓަރިއަށްވަދެ ހަމަޖެހިލިއެވެ. އެނދުގައި ދެފައިދަމާލައިގެން އޮތީ އައިމިނާބީގެ އިންތިޒާރުގައެވެ. ދުވަސްތަކަކަށްފަހު އެއަރާމުގެ އިންތިޒާރުގައެވެ. ގިނަ އިރުތަކެއްނުވެ އައިމިނާބީ އައިސްވަދެ ފުޅިބައްތި ނިވާލިއެވެ. ހަސަންތަކުރު ގާތު އޮށޯވެ އޭނާގެ ގައިގައި ފިރުމާލިއެވެ. ހަސަންތަކުރުގެ ޖިސްމަށް ލިބިގެން ދިޔަ ފުން އަރާމެއްގެ ސަބަބުން އޭނާއަށް ލޯމެރުނެވެ. ކަނު އަނދިރީގައި އޭނާއަށް އެކައްޗެއްވެސް ސާފެއްނުވެއެވެ. އެހެން ޚިޔާލުތަކަކަށް މީހާގެއްލިގެން ދިޔައެވެ. މުޅި ކޮޓަރިތެރެ ކަޅު އަނދިރި ދުމުން ފުރިގެންދިޔައެވެ. އައިމިނާބީ އޭނާގެ ހަގީގީ ސިފައަށް ބަދަލުވިއެވެ. އަދި ހަސަންތަކުރަށް ދެމުންދިޔަ ނިމުމެއްނެތް އަރާމާއި އެކު އޭނާގެ ހަށިގަނޑު ތާޒާކުރުވަމުންދިޔައެވެ.

އެހާދިސާއަށްފަހު ރަށުގެ މީހުން ހަމައަކަށް އެޅުނު ނަމަވެސް އެސަހަރާހުންނަ ހިސާބަށްދާން މީހުން ޖެހިލުންވެއެވެ. އެހެން ކަމުން ރަށުގެ މީހުން އުޅޭ ހިސާބުގައި މިސްކިތަކާއި އާސަހަރާއެއް އެޅިގެންދިޔައެވެ. އަދި އައިމިނާބީގެ ނަސީބު ރަނގަޅުކަމުން އޭނާއަށް ގިނަ ދުވަސްތަކަކަށް މިނިވަންކަންމަތީ އޭނާގެ ކެއުމަށް ބޭނުންވާވަރަށް ގަބުރު ކުރީގެ ސަހަރާއިން ލިބެމުންދިޔައެވެ.

 

ނިމުނީ

Share Article

Follow Me Written By

IQ

Level 110 Stories

Other Articles

Previous

އައިމިނާބީ 2

Next

ވަބާ

Next
August 7, 2016

ވަބާ

Previews
August 7, 2016

އައިމިނާބީ 2

6 Comments!

  1. munko says:
    August 7, 2016 at 10:07 am

    salhi..

  2. Swan says:
    August 7, 2016 at 10:42 am

    Reethi ekam hassan thakuru save kuran jeheynu ?

  3. sabeeha says:
    August 7, 2016 at 1:10 pm

    nice

  4. Someone says:
    August 7, 2016 at 2:18 pm

    Ninmun thankolheh kuru

  5. marko polo says:
    August 9, 2016 at 5:35 pm

    kalo meege dhethin gola hoadhanikon saharaa thojjehumuge massala halluvee. dhirey insaanakah gellun nudhengna dhen o.k ennun. hidhumaiy ehaa rangalhu. salhi bite enekka. maves beynun meege golaeh.

  6. Anonymous says:
    August 9, 2016 at 11:59 pm

    Varah reethi,

Comments are closed.


All Right Reserved!